އެވްލީން… 8
” ފިޒޫ އަހަންނަށް ޔަޤީންކަން ދިނީމެއްނު އެވްލީން މެންޓަލް އެސައިލަމް އިން ބޭރު ނުކުރެވޭނެކަމަށް…. ” ޖުނެއިނާ ބަގީޗާއަށް ނިކުންނަމުން ފިޒާޔާއަށް ގުޅާލިއެވެ. ” ޖޫން… އަހަރެންނަށް ނޭނގި މިފްޒާލް އައީ ހުރިހާކަމެއް ނިންމައިގެން… އަދި ނުވިތާކަށް ވަކީލަކުވެސް ހަޔާރ ކޮށްފަ ހުރީ… ” ފިޒާޔާ ބުންޏެވެ. ” ދެން ކިހިނެއް ހުރިހާ ކަމެއް ޕްލޭނާ އެއްގޮތަށް ދާނީ ؟ މިހާރު އެވްލީންއަށް ހާދަ ބޮޑު ބަދަލެއް އައިސްފިޔޭ…. ” ޖުނެއިނާގެ އަޑުގައިވަނީ ހާސްކަމެވެ. ” ހާސްނުވެބަލަ…. އެ ޒަވީން ހިތުން އޭނައަކީ ވަރަށް މޮޅު މީހެއް.. ތިމާއަށް ރީތި ސިފަތަށް ލިބިފަ ހުރީމަ ތިމާ ވަރު މީހެއް ނެތިގެން އޭނަ އެއުޅެނީ. އެކަމަކު….. ” ފިޒާޔާގެ ޖުމްލަ ފުރިހަމަ ނުވަނީސް ޖުނެއިނާއަށް ފޯނު ކަނޑާލަން މަޖްބޫރުވީ ފަހަތުން ފިޔަވަޅު ތަކެއްގެ އަޑު އިވުމުންނެވެ.
* * *
” ލިމްނާ… ” ޖުނެއިނާ ދެލޯ ހަނިކޮށްލަމުން ލިމްނާއާއި ދިމާއަށް ބަލައިލިއެވެ. ލިމްނާ ބިރުންގޮސް ރޫރޫ އަޅައިގެން ދިޔައީ ޖުނެއިނާ އޭނައާއި ދިމާއަށް ބަލަހައްޓައިގެން ހުރި ގޮތަކުންނެވެ.
” މޭމް… ރޭގަނޑުގެ ކެއުމަށް ތައްޔާރު ކުރަންވީ ކޯޗެއްތޯ؟ ” ލިމްނާގެ އަޑުގައި ތުރުތުރު ލުމެއް އެކުލެވިގެންވިއެވެ. ” އަބަދުވެސް ހަދާ އެއްޗެހި ހެދީމަ ނިމުނީއެއްނު. ” ޖުނެއިނާ ރުންކުރު ގޮތަކަށް ބުނެލުމަށްފަހު ހިނގައިގަތީ އޭނަގެ ކޮޓަރިއާއި ދިމާއަށެވެ. ޖުނެއިނާ ދިއުމާއެކު ލިމްނާ އަނގަޔަށް ވައްތަރެއް ޖައްސާލުމަށްފަހު ދާން ހިނގައިގަތް ވަގުތު ބަގީޗާއަށް ނިކުތް ޒަވީންއާއި އެވްލީން ފެނުމާއެކު ލިމްނާ އޭނަގެ ފިޔަވަޅުތައް ބާރުކޮށްލިއެވެ.
އެވްލީން ޒަވީންއާއެކު ހިނގަމުން ދިޔައިރު އެވްލީން އެކި ދިމަދިމާއަށް ނަޒަރު ހިންގާލައެވެ. ބަގީޗާގައި ވާ އެކިކަހަލަ ގަސްތަކުން އެވްލީންގެ ހިތަށް ފިނިކަމެއް ގެނެސްދިނެވެ. އެތަށް އަހަރެއްވަންދެން ކޮޓަރިއެއްގައި ޤައިދުވެފައި ވަނިކޮށް ޒަވީން އޭނަ ސަލާމަތްކޮށް ދިނުމުން އެވްލީންގެ ހިތުގައި ޒަވީންއަށް ހާއްސަ މަގާމެއްވަނީ ދެވިފައެވެ. ޒަވީން އާއި ބައްދަލު ނުވިނަމަ އޭނައަށް މިހާ ރީތި ތަނަކަށް ނާދެވުނީހެވެ. ފިނިފެންމާ ގަސް ދޮށުގައި އެނބުރެމުން ދިޔަ ކޮކާތައް ފެނުމާއެކު އެވްލީން އެދިމާއަށް ބަލަހައްޓައިގެން ހުރި އިރު އެމޫނުނަށް ވަނީ އުފާވެރި ހިނުތުންވުމެއް ވެރިވެފައެވެ. ޒަވީން ބެންޗެއްގައި އިށީނުމާއެކު އެވްލީން ހިނގައިގަތީ ފިނިފެންމާ ގަހާއި ދިމާއަށެވެ. ޒަވީން އެވްލީންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރިއިރު އެވްލީންގެ ރީތިކަމާއިމެދު ހިތާހިތުން ތައުރީފް ކުރެވުނެވެ.
ފިނިފެންމާ ގަހުން ރަތް ފިނިފެން މަލެއް ބިންނަން އުޅުނު ވަގުތު އެވްލީންގެ ކަށިއިނގިއްޔަށް ކައްޓެއް ހެރުމާއެކު އެވްލީންއަށް ހަޅޭއްލަވައި ގަނެވުނެވެ. އެވްލީންގެ ހަރަކާތްތަކަށް ގެއްލިފައި ހުރި ޒަވީންއަށް އެވްލީންގެ ހަޅޭކުގެ އަޑު އިވުމާއެކު ބާރު ފިޔަވަޅުތަކެއްގައި ގޮސް އެވްލީންއާ އަރާހަމަކުރިއެވެ. އެވްލީން އިނގިލީގައި ހިފަހައްޓައިގެން ހުރި އިރު އެ ދެލޯ ވަނީ ފެންކަޅިވެފައެވެ.
” އެވްލީން އެއީ އެއްވެސް ކަމެއްނޫނޭ… ” ޒަވީން އެވްލީންގެ އަތުގައި ހިފަހައްޓާލިއެވެ. ” ތަދު ވަނީ… ” އެވްލީން ރޮވިފައި އިންއަޑަކުން ބުންޏެވެ. ” ތިތާނގައި މަލަން ކޮޅެއް އަޅާލީމަ ރަނގަޅު ވެދާނެ…. ” ޒަވީން އިނގިލިން ފައިބަމުން ދިޔަ ލޭތައް ފޮހެލަ ދިނެވެ.
ޒަވީން ކަނޑައިގެން ގޮސްފައިވާ ތަނަށް މަޑުމަޑުން ފުމެމުން ދިޔައިރު އެވްލީންއަށް ލޯމަރާލެވުނެވެ. ޒަވީން އެހާ ކައިރީގައި ވުމުން އެވްލީންގެ ހިތުގެ ތެޅުން ވަނީ އަވަސް ވެފައެވެ. ޒަވީން ލޭ މަނާވުމާއެކު އެވްލީންގެ އަތުން ދޫކޮށް ލުމާއެކު ލޯ މަރާލައިގެން ހުރި އެވްލީންއަށް ލޯހުޅުވާލެވުނެވެ. އެވަގުތު ޒަވީންއާއި އެވްލީންގެ ހަތަރު ކަޅި ބައްދަލު ވެގެންދިޔައެވެ. އެވްލީން އެސްފިޔަ ޖަހާނުލައި ޒަވީންގެ ފުން ކަނޑެއް ދަފަ ދެލޮލަށް ބަލަހައްޓައިގެން ހުރިއިރު އެ ލޮލުގައި ވާ ވިދުވަރުން އެވްލީންގެ ހިތް އޮބިނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. ދަގައްޕާނަށް ދަނގަނޑު ދަމާ ފަދައިން ޒަވީން މަޑުމަޑުން އެވްލީން ކައިރިއަށް ޖެހެމުން ދިޔައެވެ.
ވަޔާއެކު ނަށަމުން ދިޔަ އެވްލީންގެ ދިގު އިސްތަށިގަނޑުގެ ބައެއް އެވްލީންގެ މޫނަށް އެޅިފައި ވުމާއެކު ޒަވީން މަޑުމަޑުން އެއިސްތަށިތައް އެއްކައިރި ކޮށްލިއެވެ. ޒަވީންގެ އިނގިލިތައް އެވްލީންގެ މޫނުގައި ބީހިގެން ދިއުމުގެ ސަބަބުން އެވްލީންގެ ލޯލިތައް ކޮޅަށް ޖެހިގެންދިޔައެވެ. ޒަވީންގެ ހޫނު ނޭވާތައް އެވްލީންގެ ކަނދުރާއަށް އެޅަމުން ދިއުމުގެ ސަބަބުން އެވްލީންއަށް ދެލޯމަރާލެވުނެވެ.
ޒަވީންއަށް އެވްލީންއާއި ދުރަށް ޖެހިލަން މަޖުބޫރުވީ ފެންޑާއަށް ނިކުތް ޖުނެއިނާ ފެނުމާއެކުއެވެ. ޒަވީންއާއި އެވްލީން ތިބީ ކުޑަކޮށް ނިވާވެފައިވާ ތަނެއްގައި ކަމުން ޖުނެއިނާ އަކަށް އެމީހުން ނުފެނުނެވެ.
* * *
ރޭގަނޑުގެ ރާނީ ކަމުގައިވާ ހަނދު ވަށާ ތަރިތައް އަލިމަސްކަށި ތަކެއްހެން ވިދަމުން ދިޔައިރު، ދީފައިވާ ހަނދުވަރުގެ ސަބަބުން ތަރިތަކުގެ އަލިވަނީ ފަނޑު ކޮށްލާފައެވެ. މަޑުމަޑުން ދައުރު ކުރަމުން ދިޔަ ވިލާތަކުން ހަނދުވަށާލި ކަމުގައި ވީނަމަވެސް ހަނދު އެވިލާތަކުގެ މައްޗަށް ކޮންމެ ފަހަރަކު ކުރި ހޯދައެވެ. އެވްލީން ކުޑަދޮރު ހުޅުވާލުމަށްފަހު ބެލްކަންޏަށް ނިކުތެވެ. ރެއިލިންގްގައި ލެނގިލަމުން އެވްލީން މައްޗަށް ބަލައިލިއެވެ. ގުނާ އަދަދު ނުކުރެވޭހާ ގިނަ ތަރިތަކުން ވަށާލާފައިވަ އުޑަށް އެވްލީންއަށް ހުއްޓުން އަރާފައި އެތަށް އިރެއް ވަންދެން ބަލަހައްޓައިގެން ހުރެވުނެވެ. ބަންދު ވެފައިވާ ކޮޓަރިއެއްގެ ތެރޭގައި އޮތުމުގެ ސަބަބުން އޭނަވަނީ މި ޤުދުރަތީ ރީތި މަންޒަރު ތަކުން މަހްރޫމް ވެފައެވެ. އެވްލީން ބޭނުންވީ އޭނަގެ ހިތް ފުރޭވަރަށް އެ ޤުދުރަތީ މަންޒަރު ތަކުން އުފާ ހޯދާށެވެ. ނަމަވެސް ކުއްލިޔަކަށް އޭނަގެ ހަނދާނަށް އައި ކަމެއްގެ ސަބަބުން އެވްލީންއަށް ބޮލުގައި ބާރަށް ހިފަހައްޓާލެވުނެވެ. އެވްލީންއަށް ފަހަތައް ފިޔަވަޅުތަކެއް އަޅާލެވުނީ ހަނދާނަށްއައި ކަމެއްގެ ސަބަބުންނެވެ. އޭނަ ޓެރެސްމަތިން ވެއްޓުނު މަންޒަރު ސިފަވެގެން ދިއުމާއެކު އެވްލީން ބިރުންގޮސް ރޫރޫ އަޅައިގެން ދިޔައެވެ. މުޅި މީހާ ފިނިވެގެންގޮސް ތުރުތުރު ލުމެއް ހަށިގަނޑުގައި އުފެދިގެންދިޔައެވެ. އެވްލީންގެ ފައިން ވާގި ދޫވެގެން ގޮސް ވެއްޓެން އުޅޭހެންވެސް އެވްލީންއަށް ހީވިއެވެ. އެވްލީންއަށް ހަޅޭއްލަވައިގަނެވުނީ މީހަކު އޭނަގެ ބުރަކަށީގައި އަތުން ޖަހާ ކޮއްޕާލި މަންޒަރު ސިފަވެގެން ދިއުމާއެކުއެވެ.
” ނޫން… ” އެވްލީންއަށް ރޮއިގަނެވުނެވެ. އެވަގުތު އޭނަގެ ކަންފަތުގައި ގުގުމައިގަތީ ބިރުވެރި ހުނުމުގެ އަޑެކެވެ. ” އަހަރެން ދޫކޮށްލާ… ” އެވްލީންއަށް ހީވަމުން ދިޔައީ މީހަކު އެތާނގައި ހުރިހެންނެވެ. އެމީހަކު އޭނަ ވައްޓާލަން އުޅޭހެން އޭނައަށް ހީވަމުން ދިޔައެވެ.
” އެވްލީން… ” އެވްލީން ސިއްސައިގެން ދިޔައީ ޒަވީންގެ އަޑަށެވެ. ” ޒަވީން އެތާ މީހަކު… އަހަރެން ވައްޓާލީ…. އަހަރެން… ” ރޮވެމުންދިޔަ އެވްލީންއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. ” އެތާކު ނެތެއްނު އެއްވެސް މީހަކު… ” ޒަވީން އެވްލީންގެ މޫނުގައި ހިފަހައްޓާލިއެވެ. ” ނޫން.. އެތާ ދެންމެ ހުރި… އެ މީހާ އަހަރެން ކޮއްޕާލީ… ” އެވްލީންއަށް ގިސް ލެވެމުންދިޔައެވެ.
” އެވްލީން ހަމަޖެހިބަލަ…. ” ޒަވީން އަޑަށް ބާރުލާފައި ބުނުމާއެކު އަވްލީން ރުއިން ހުއްޓާލިއެވެ. ” އެވްލީން… ވެދާނެ އެއީ އެވްލީންއަށް ހީވީ ހީވުމަކަށް…. ” ޒަވީން ވިސްނައިދޭ ފަދަ ރާގެއްގައި ބުންޏެވެ. އެވްލީން އޭނަގެ ކޯތާފަތުގައިވާ ކަރުނަ ތިކިތައް ފޮހެލަމުން މުޅިތަނަށް ނަޒަރު ހިންގާލިއެވެ. މިހާރު މީގެ ކުޑައިރުކޮޅެއް ކުރިން އޭނައަށް އިވުނު ހުނުމުގެ އަޑެއް ނީވެއެވެ. ޒަވީން އެވްލީން ގޮވައިގެން ގޮސް އެނދުގައި ބޭންދިއެވެ.
*****
ލިމްނާ ޒަވީންއާއި އެވްލީން ކާން ހޯދަން އައުމާއެކު އެވްލީންގެ ފަހަތުން ޒަވީން ހިނގައިގަތީ ކާކޮޓަރިއާއި ދިމާއަށެވެ. ކުޅުދިޔާވާހާ މީރު ކާނާއިން ސުފުރާމަތި ފުރާލާފައި ވާއިރު މުޅި ކާކޮޓަރީގައި ހިފާފައިވަނީ ކާއެއްޗެހީގެ މީރުވަހެވެ. އެވްލީން ޖުނެއިނާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނުމާއެކު ޖުނެއިނާގެ މޫނުގެ ކުލަވަރު ބަދަލު ވެގެންދިޔައެވެ.
” އެވްލީން ތީ… ” ޖުނެއިނާ… ” މިފްޒާލް ޖުނެއިނާގެ ޖުމްލަ މެދުކަނޑާލިއެވެ. ޖުނެއިނާގެ ލޮލުން ނަފްރަތުގެ އަލިފާން ކަނި ބުރަމުން ދިޔައިރު އެކަނިތަކުން އެވްލީން ފިއްސާލަން ޖުނެއިނާ ބޭނުންވިއެވެ. ކާއެއްޗިއްސަށް އިންސާފުކުރަމުން ދިޔައިރު މުޅި ކާކޮޓަރިއަށް ވެރިވެފައިވަނީ މަރުފަދަ ހިމޭންކަމެކެވެ.
އެވްލީންއަށް އުލާއި ސަމުސާ ފެނުމުން ހުރީ ފާޑަކަށް ގަނޑުވެފައެވެ. އުލާއި ސަމުސާ ބޭނުންކުރަން ނޭނގޭތީ އެވްލީން ކާން ފެށީ އަތުންނެވެ. އެވްލީން އަތުން ކާން ފެށުމުން ޖުނެއިނާގެ ގާތަށް ހިނިއައެވެ. ” ދަރިފުޅާ އުލާއި ސަމުސާ ތިއްބާ އަތުން ތިކަނީ ކީއްވެ ؟ ” މިފްޒާލްއަށް ހައިރާންކަމާއެކު އަހާލެވުނެވެ. ” ލިމްނާ… އެވްލީންއަށް ސިންކް ދައްކާލާފައި އާދޭ… ” ކާމޭޒު ކައިރީގައި ހުއްޓިލައިގެން ހުރި ލިމްނާއާއި ދިމާއަށް ޖުނެއިނާ ބަލާލިއެވެ. އެވްލީން އަތްދޮންނަން ވެގެން ގޮނޑިން ތެދުވާން އުޅުނު ވަގުތު އެވްލީންގެ އަތުން ޖޫސްތަށީގައި ޖެހިފައި ޖޫސްތަށި ކާމޭޒު މައްޗަށް ބަންޑުންވިއެވެ.
އެވްލީންއަށް ބިރުން ގޮސް ފަހަތައް ފިޔަވަޅެއް އަޅާލެވުނީ ޖުނެއިނާގެ އަގުބޮޑު ޑިޒައިނާ ހެދުމަށް ޖޫސް އެޅުމުންނެވެ. ” ސައިކޯ ބިޗް… ” އެލަފްޒުތައްވީ ޖުނެއިނާގެ ހިތުގައެވެ. އެވްލީންގެ ލޮލުން ކަރުނަ ފާއްދާލީ ގަތްބިރެއްގެ ސަބަބުންނެވެ. ” އެވްލީން އެއީ އެއްވެސް ކަމެއްނޫނޭ…. ” އެތެރެއިން އަނދަމުން ދިޔަކަމުގައި ވީނަމަވެސް ޖުނެއިނާ މިފްޒާލްގެ ލޮލުގައި އަނދުން އަޅުވާލުމުގެ ބޭނުމުގައި އޯގާތެރި ކަމާއެކު ބުންޏެވެ.
* * *
ދުވަސްތައް އޭގެ ހަލުވިކަމާއެކު ފާއިތުވަމުން ދިޔައެވެ. ފާއިތު ވެގެންދާ ކޮންމެ ދުވަހަކާއެކު އެވްލީންއަށް ބޮޑެތި ބަދަލުތައް އަންނަމުން ދިޔައެވެ. ކުރިން ކިތަންމެ ކުޑަ ކަންކަމުގައި ރުޅި އިސްކުރާ އެވްލީން މިހާރު ރުޅި އިސްކުރުން އެއްކޮށް ދޫކޮށްލައިފިއެވެ. އެވްލީންއަށް އަންނަމުންދާ ބަދަލު ތަކުން ގެއަށް އުފާވެރިކަން ގެނެސްދީފައިވާ އިރު ޖުނެއިނާގެ ހިތަށް ވަނީ ހާސްކަމާއި ނުތަނަވަސްކަން ވެރިކުރުވާފައެވެ. އެވްލީން ފެނުނަސް ނުޖެއިނާ ފޮރުވައިގެން އުޅޭ ނަފްރަތުގެ ހުޅުގަނޑު ފަޅައިގެން ނުދަނީ ހަމަކިރިޔާއެވެ.
އެވްލީން ކުރީގެ ކަންތައްތައް ހަނދާން ނެތިފައިވުން ވެގެން ދިޔައީ ޖުނެއިނާއަށް އުފާވެރިކަން ގެނެސްދިން ކަމަކަށެވެ. އެވްލީން ރަނގަޅު ވިކަމުގައި ވީނަމަވެސް އޭނަގެ ހަޤީޤަތް ބޭޒާރު ނުވާނެތީ އެވެ. ނަމަވެސް އެވްލީން ރަގަޅުވާން އޭނަ ބޭނުމެއް ނޫނެވެ. އެހެންކަންތައް ވެއްޖެނަމަ ފިޒާޔާގެ ހަޤީޤަތް ބޭޒާރުވާނެއެވެ. އޭރުން ފިޒާޔާ ޖުނެއިނާއަށް ދުލެއް ނުދޭނެއެވެ. ފިޒާޔާ މިފްޒާލްގެ ކުރިމަތީގައި އޭނަގެ ހަޤީޤަތް ކޮންމެ ގޮތެއް ހަދާފައިވެސް ބޭޒާރު ކުރާނެއެވެ.
ޒަވީން ހުއްޓުވަން ޖުނެއިނާ ކިތަންމެ މަސައްކަތެއް ކުރިކަމުގައި ވީނަމަވެސް ޖުނެއިނާގެ ހުރިހާ މަސައްތަކެއް ދަނީ ފެނަށެވެ. އޭނަ އެވްލީންއަށް ދޭންޖެހޭ ބޭސްތައް ބަދަލު ކުރުން އުޅެފައި ވެސް އެޚިޔާލު ދޫކޮށްލަން ޖެހުނީ ޒަވީންއަށް ޝައްކެއް ވެދާނެތީ އެވެ. އެވްލީންއަށް ބޭސް ދިނުމުގެ ކުރިން ޒަވީން ބޭސް ރަނގަޅަށް ޗެކްކުރާތީއެވެ. ޒަވީންއަށް ހުރަސްއަޅަން ޖުނެއިނާ ހުއްޓުމެއްނެތި ކުރަމުން ދިޔަ މަސައްކަތަށް ކުރިމަގެއް ނުލިބުނެވެ.
” ކުރިއަށް އޮތް ހަފްތާގައި ލީންގެ އުފަން ދުވަސް އެބައޮތް…. އަހަރެން ބޭނުން ލީންގެ އުފަން ދުވަސް ފާހަނގަކުރަން ހަފްލާއެއް ބާއްވަން….. ” ސިޓިންގް ރޫމް ސޯފާގައި އިށީންދެލައިގެން އިން މިފްޒާލް ވާހަކަ ދައްކަމުން ދިޔައީ އޭނަގެ ކައިރީގައި އިށީންދެގެން އިން ޖުނެއިނާއާއެވެ. ” މިފްޒާލް… ލީން އަދި އެއްކޮށް ރަނގަޅެއް ނުވޭ… މީހުން ލީންއަށް މަލާމާތް ކުރާތަން ދެކެން އަހަންނަށް ކެތެއް ނުކުރެވޭނެ… ” ޖުނެއިނާ މާޔޫސްކަމާއެކު ބުނެލިއެވެ. ” ޖުނެއިނާ މިހާރު ލީން އެހުރީ ވަރަށް ބޮޑުތަން ރަނގަޅުވެފައި… ” މިފްޒާލް ބުންޏެވެ. ޖުނެއިނާއާއި މިފްޒާލް ވާހަކަ ދައްކަމުން ދަނިކޮށް ސިޑިން ފައިބައިގެން އައި ޒަވީން ފެނުމާއެކު މިފްޒާލް ޒަވީންއަށް ގޮވާލިއެވެ.
މިފްޒާލް އެވްލީންގެ އުފަން ދުވަހުގައި ހަފްލާއެއް ބާއްވަން އުޅޭ ވާހަކަ ބުނުމުން ޒަވީން އެކަމަށް ތާއީދުކުރިއެވެ. ސަބަބަކީ އެހަފްލާ ތެރޭން އޭނަގެ އެންމެ ފަހުގެ ޕްލޭން ފުރިހަމަ ކޮށްލެވޭނެތީއެވެ. ޒަވީން އޭނަ އެހަފްލާ ތެރޭގައި ކުރަން ނިންމާފައިވާ ކަންތައް ކިޔައިދިނުމުން ޖުނެއިނާގެ މޫނު ސާދަ ވިލޭރޭގެ ހަނދުހެން އުޖާލާ ވެގެން ދިޔައެވެ. އެންމެ ފަހުން އޭނަ އިންތިޒާރު ކުރަމުން އައި ދުވަސް ޖެހުނީއެވެ. މިފަހަރު އޭނަ ޒަވީންއަށް ކާމިޔާބު ވިޔަކަ ނުދޭނެއެވެ. މިފަހަރު ކާމިޔާބު ވާނީ އޭނައެވެ. ޒަވީން ޖެހޭނީ ނާކާމިޔާބީއާއި ކުރިމަތި ލާށެވެ.
* * *
އިރުގެ ރަން ދޯދިތައް ކުޑަދޮރުގެ ފަރުދާގެ ތެރޭން ފުރޭނިގެން އައިސް އެވްލީންގެ މޫނަށް އެޅެން ފެށުމާއެކު އެވްލީން ކަންނެތް ގޮތަކަށް ލޯ ހުޅުވާލިއެވެ. އެވްލީން އެނދުން ތެދުވެލަމުން މުޅި ކޮޓަރިއަށް ނަޒަރު ހިންގާލުމާއެކު އޭނަގެ މޫނަށް ހައިރާންކަން ވެރިވެގެން ދިޔައެވެ. ނޫ ، އޮރެނޖް ، ރީނދޫ އަދި ރަތް ފިނިފެންމަލުން މުޅި ކޮޓަރިވަނީ ޒީނަތްތެރި ކުރެވިފައެވެ. ފިނިފެންމަލުގެ މީރުވަސްވަނީ މުޅި ކޮޓަރީގެ ތެރޭގައި ހަރުލާފައެވެ. އެވްލީންއަށް ހީވީ އޭނަގެ ކޮޓަރިއަށް ބަހާރު މޫސުން އައިސްގެން އުޅޭހެންނެވެ. އެވްލީން ހިނިތުންވެލަމުން ވާސްގައި ޖަހާފައި ހުރި ނޫ ކުލައިގެ ފިނިފެންމަލެއް ނަގައި އޭގެ ވަސް ބަލައިލިއެވެ. އެވަގުތު އެވްލީންގެ ލޮލުގައި އަޅައިގަތީ ވާސް ކައިރީގައި ބާއްވާފައި އޮތް ކާޑެކެވެ.
އެވްލީން ފިނިފެންމާ މާވަށިގަނޑުގެ ތެރެއަށް ކޮށްޕާލަމުން ކާޑުނަގައި ހުޅުވާލިއެވެ. ” ހެޕީ ބާތް ޑޭ… ” އެވްލީން ކާޑުގައި ލިޔެފައިވާ ލަފްޒުތައް ކިޔާލިއެވެ. އެއާކު އެވްލީންގެ ހިތުގައި ސުވާލުތައް އުފެދުނެވެ. މީ ކާކު ކުރިކަމެއް ބާވައެވެ ؟ އޭނައަށް ނޭނގި އެމީހަކަށް އޭނަގެ އުފަން ދުވަސް އެނގުނީ ކިހިނެއް ހެއްޔެވެ ؟ އެވްލީން ކާޑު ބާއްވަން އުޅުނު ވަގުތު އޭނަގެ ލޮލުގައި އަޅައިގަތީ ކޮޓަރީގައި ހުރި ހުދުކުލައިގެ ސޯފާމަތީގައި އޮތް ޕާރުސަލެކެވެ. އެވްލީން ވިސްނާލުމަށްފަހު ސޯފާއާއި ދިމާއަށް ހިނގައިގަތެވެ. އެވްލީންގެ ތުންފަތުގައިވާ ހިނިތުންވުން ފެންނަ ކޮންމެ މީހަކުވެސް އާޝޯހު ކޮށްލާނެއެވެ. ވޭތުވެގެންދިޔަ 4 އަހަރު ވަންދެން އޭނައަށް ލިބުނު އަނިޔާތަކާއި ވޭންމަތިން އޭނަ ހަނދާން ނެތިއްޖެއެވެ. އޭނަ ” ވުޑްލޭންޑް ” އަށް އައިފަހުން އޭނައަށް ލިބެމުން އަންނަ ލޯބީގެ ސަބަބުން އެވްލީންއަށް އެކަންތަކާ މެދު ވިސްނަން ވަގުތެއް ނުލިބެއެވެ.
ޒަވީން އޭނައަށް ވަކިން ބޮޑު ސަމާލުކަމެއް ދޭކަން އެވްލީންއަށް ވަނީ ފާހަނގަ ކުރެވިފައެވެ. ޒަވީން އޭނަ ކުރާ ނުކުރާކަމެއް ވަރަށް ކައިރިން ބަލާކަން އެވްލީންއަށް އިނގެއެވެ. މިފަހަކަށް އައިސް ޒަވީންގެ ސޫރަ ނުފެނުނަސް އެވްލީންގެ ހިތަށް ހަމަ ޖެހުމެއް ނުލިބެއެވެ. ޒަވީންގެ އެ މަސްތު ކުރުވަނިވި ސޫރަ ފެނުމުން އެވްލީންގެ މެޔަށް ފިނިވެ ހިތުގެ ތެޅުން އަވަސް ވެގެންދެއެވެ. ކުރިން ޒަވީންއާއި ހަތަރުކަޅި ހަމަ ކުރެވުނަސް މިހާރު އެވްލީންއަށް ޒަވީންއާއި ހަތަރުކަޅި ހަމަކުރުން ވެފައި ވަނީ ބޮޑުކަމަކަށެވެ. ޒަވީންގެ ލޮލުގައިވާ ތޫނު ވިދުވަރުން އޭނައަށް ޒަވީންގެ ލޮލަށް ބަލަން އުނދަގޫ ވަނީއެވެ. ޒަވީންގެ އެ ފިރިހެންވަންތަ އަޑު އެ ކަންފަތުގައި ގުގުމާލަނީވެސް ރީތި މިޔުޒިކެއް ފަދައިންނެވެ.
އެވްލީން ސޯފާގައި އިށީންނަމުން ޕާރުސަލް ނަގައި ކަނޑާލިއެވެ. އޭގެ ތެރޭގައި އޮތީ ރަތްކުލައިގެ މެކްސީއެކެވެ. ލޭސްފޮތިން ރީތި ގޮތަކަށް ޑިޒައިންކޮށް، ހުދުކުލައިގެ އެސްތަކުން ޖަރީ ކުރެވިފައިވާއިރު އޭގެ ވިދުމުން ލޯ ތަރަތަރަ ޖަހައިގެން ދާހާވެއެވެ.. އެވްލީން މެކްސީ ނަގައިގެން ހިނގައިގަތީ ފާޚަނާއާއި ދިމާއަށެވެ.
ކުޑަ އިރުކޮޅެއްފަހުން އެވްލީން މެކްސީ ލައިގެން ބޭރަށް ނިކުތް އިރު އެވްލީން ހީވަނީ ހެދުން އިޝްތިހާރުތަކުގައި ބޭނުންކުރާ މޮޑެލްއެއްހެންނެވެ. އެވްލީންގެ އިންތަށިގަނޑު އޮތީ ފަހަތަށް ދޫކޮށްލާފައެވެ. އެވްލީން ފަރި ހިނގުމެއްގައި ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓިލިއެވެ. ލޯގަނޑުން އެވްލީންގެ ސޫރަ ފެނުމުން އޭނަ ހުރީ އަންތަރީސް ވެފައެވެ. މެންޓަލް އެސައިލަމްގައި އޮތް އިރު އޭނަ އަބަދު ލާންޖެހުނީ ގަޔަށް ގޯޯނިއެއްހެން އޮތްނަ ދިގު ހެދުމެކެވެ. އެގޯނި ހެދުން ލައިގެން ހުންނައިރު އޭނަ ބޮޑަށް ސިފަވަނީ ބިރުވެރި ފިލްމެއްގައި އުޅޭ ޖިންނިއެއް ހެންނެވެ. ނަމަވެސް މިހާރު ލޯގަނޑުން ފެނަނަމުން އެދަނީ ހާދަ ރީތި ސޫރައެކެވެ.
ހިޔާލުތަކަށް ގެއްލިފައި އިން އެވްލީން ސިއްސައިގެން ދިޔައީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. އެވްލީން ދޮރާއި ދިމާއަށް ބަލައިލުމާއެކު އަތްފައި ފިނިވެގެން ދިޔައެވެ. އެވްލީން ފަހަތަށް ފިޔަވަޅެއް އަޅާލުމާއެކު ޑްރެސިންގް ޓޭބަލް މަތީހުރި ސެންޓް ފުޅި ނުވެއްޓުނީ ހަމަ ކިރިޔާއެެވެ. ” ޒަވީން… ” އެވްލީން ސެންޓު ފުޅީގައި ބާރަށް ހިފަހައްޓާލިއެވެ. ޒަވީން ހުރީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައެވެ. އެވްލީިންގެ ދޮން ހަށިގަނޑާއި އެރަތް މެކްސީއާއި ވަރަށް ގުޅެއެވެ. ޒަވީން ބަލަހައްޓައިގެން ހުރި ގޮތަކުން އެވްލީން ރަކިވާގޮތްވިއެވެ.
” ބިއުޓިފުލް.. ” ޒަވީން ލުއި ފިޔަވަޅު ތަކެއްގައި ގޮސް އެވްލީން ކައިރިއަށް ހުއްޓިލިއެވެ. އެވްލީން ހިތްވަރު ކޮށްލުމަށްފަހު ޒަވީންއާއި ދިމާއަށް ބަލައިލިއެވެ. އޭރު އޭނަގެ ހިތް މޭ ފަޅާލާފައި ނިކުމެދާނެހެން އެވްލީންއަށް ހީވަމުން ދިޔައެވެ.
ޒަވީން މިއަދު ލައިގެން ހުރީ ހުދުކުލައިގެ ގަމީހަކާއި އަޅި ކުލައަކަށްދާ ޖިންސެކެވެ. ގަމީހުގެ އަތުކުރި އޮޅާލާފައި ވާއިރު ގަމީހުގެ މަތިން ތިން ގޮތް ނާޅުވައި ހުރުމުން ޒަވީންގެ ތަނަވަސް މޭމަތީގެ ބޮޑުބައެއް ވަނީ ހާމަވެފައެވެ. ޒަވީންގެ ތުނބުޅި ކުޑަކޮށް ދިގުވެފައި ހުރުމުން ޒަވީންގެ ފިރިހެން ވަންތަކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ޒަވީން ކޮޓަރިއަށް ވަނުމާއެކު ފިނިފެންމަލުގެ މީރު ވަސް ފަނޑު ކޮށްލީ ޒަވީން ބޭނުންކޮށްގެން ހުރި ސެންޓެވެ. އެވްލީން އަވަސް އަވަހަށް އިސްދަށަށް ޖަހާލިއެވެ. އެވްލީންއަށް ޒަވީންއާއި ދިމާއަށް ބަލަހައްޓައިގެން ހުންނަން އުނދަގޫވިއެވެ. ” ސޯ ސަޕްރައިޒް ކަމުދިޔަތަ ؟ ” ޒަވީން ހިނިތުންވެލަމެން އަހާލިއެވެ.
ޒަވީންގެ ޖުމްލަ އަޑު އިވުމާއެކު އެވްލީންއަށް ވާހަކަ ދައްކަން ކިތަންމެ އުނދަގޫ ވީކަމުގައި ވީނަމަވެސް އެވްލީން ކޮން ސަޕްރައިޒެއްތޯ އަހާލިއެވެ. ” އޯލް ދިސް… ތި ހެދުން އަދި މި ޑެކަރޭޝަންސް… ” ޒަވީން ބުނެލިއެވެ. އޭނަގެ އުފަންދުވަހު ޒަވީން ދިން ސަޕްރައިޒް އެވްލީންއަށް ވަރަށް ކަމުދިޔައެވެ. އޭނަގެ ކޮޓަރި ފިނިފެންމަލުން ޒީނަތްތެރި ކުރުމަށްފަހު އޭނައަށް ރީތި ހަދެމެއް ޒަވީންވަނީ ހަދިޔާކޮށްފައެވެ. ” ވަރަށް ކަމުދޭ… ” އެވްލީން ގޮސް އެނދުގައި އިށީނެވެ. ” އަހަރެން ބޭނުން މިރޭ އޮތް ހަފްލާއަށް އެވްލީން ތިހެދުން ލާން… ” ޒަވީންގެ ފަރާތުން މިރޭ އެވްލީންގެ އުފަން ދުވަހުގެ އުފަލުގައި ބާއްވާ ހަފްލާއެއް އޮތްކަން އެނގުމުން އެވްލީން އޭނަގެ ކުދި ދަތްތައް ފެންނަވަރަށް ހިނިތުންވެލިއެވެ.
އެވްލީންގެ ކޮޓަރިއަށް ވަން ޖުނެއިނާއަށް ޒަވީންއާއި ވާހަކަ ދައްކަމުން ދިޔަ އެވްލީން ފެނުމާއެކު ހުއްޓުން އެރިއެވެ. އެވްލީންގެ ރީތިކަން ފެނި އެހިތުގައި ހަސަދަވެރިކަމުގެ ހުޅު ރޯވެގެން ދިޔައެވެ. ” ހެޕީ ބާރތްޑޭ އެވްލީން… ” ޖުނެއިނާ ޒަވީންއާއި އެވްލީން ދައްކަމުން ދިޔަ ވާހަކަތައް މެދު ކަނޑާލިއެވެ. ޖުނެއިނާ ފެނުނަސް އެވްލީން މިހާރު ބިރުގަނެއެވެ. ” ވުޑްލޭންޑް ” އިން އެވްލީންއަށް އުފަލާއި ހިތްހަމަ ޖެހުން ލިބޭ އިރު އެހުރިހާ ކަމަކުން އޭނަ މަހްރޫމް ކުރަން އުޅޭ މީހަކީ ޖުނެއިނާއެވެ. އެވްލީން ޖުނެއިނާގެ ނުލަފާކަން ޒަވީންއަށް އަންގަން ބޭނުންވިއެވެ. ނަމަވެސް އެކަން ކުރެވޭކަށް ނެތެވެ. ޖުނެއިނާ ވަނީ އެވްލީންއަށް ބިރު ދައްކާފައެވެ. ޖުނެއިނާގެ ހަޤީޤަތް ކިޔައިދީފިނަމަ ޒަވީން މަރާލާނެ ކަމުގެ އިންޒާރު ކަންފަތުފައި ގުގުމާލުމާއެކު އެވްލީން އެކަމަށް ފަސް ޖެހެވެއެވެ. ޒަވީންއަށް ކުޑަވެސް އަނިޔާއެއް ލިބޭތަން ދެކެން އޭނައަކަށް ކެތެއް ނުކުރެވޭނެއެވެ. ޖުނެއިނާ އައުމުން ޒަވީން ހިނގައިގަތީ ކޮޓަރިން ބޭރަށް ނިކުތުމަށެވެ. އެވްލީން ޒަވީން ހުއްޓުވަން އުޅުމުން ޖުނެއިނާ ލޯއަޅާއިލި ގޮތުން އެވްލީންއަށް ޒަވީން ހުއްޓުވާކަށް ނުކެރުނެވެ.
” ކަލޭ ވަރަށް ބޭނުން ދޯ ރީތި ހެދުން ލާން ؟ ” ޖުނެއިނާ ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ. ޖުނެއިނާގެ ޖުމްލައިން އެވްލީން ބިރު ގަންނަގޮތްވިއެވެ. ޒަވީން އޭނައަށް ދިން ހެދުމަށް ގެއްލުމެއް ވާކަށް އޭނަ ބޭނުމެއް ނުވެއެވެ. ” އަތް ނުލާތި އެހެން ނޫނީ މިއިން ޖަހާނީ… ” ޖުނެއިނާ ޑްރެސިންގް ޓޭބަލްގެ ވަތްގަނޑުން ކަތުރެއް ނަގައި އެވްލީންއާއި ދިމާއަށް އަންނަން ފެށުމުން އެވްލީން ވާސްއެއް ނަގައި އަތަށް ހެޔޮވަރުކޮށްލި އެވެ.
” ނޫން!!!. އަހަރެން ބިރު ގަނެއްޖެ!!!… ” ޖުނެއިނާ ނުލަފާ އަޑަކުން ހީލިއެވެ. ” މި ހެދުމުގަ އަތް ލިޔަސް ނިމުނީ ! ” އެވްލީން ދެލޯ ހަނިކޮށްލިއެވެ. ” ކަލެއަށް ކޮންކަމެއްވާނީ ؟ ތި ވާސްއިން އަހަަރެންގެ ގައިގައި ޖަހާނީތަ ؟ އޭރުން ވާނެގޮތެއް އެނގޭތަ؟. ކަލޭގެ ލޯބިވާ ޑޮކްޓަރ ކަލޭ އަނބުރާ އެތަނަށް ފޮނުވާލާނެ.. އޭރުން ވާނެގޮތް އެނގޭ ދޯ ؟ ” ޖުނެއިނާ ހަޅޭއްލަވައިގަތެވެ. ޖުނެއިނާގެ ޖުމްލަ އަޑު އިވުމާއެކު އެވްލީންގެ އަތުން ވާސް ދޫވިއެވެ.
” ސްވީޓް ލީީން… މިރޭ އެމީހުން އުޅެނީ ޕާރޓީއެއް ބާއްވާށޭ ކިޔާފައި ލީން މެންޓަލް އެސައިލަމްއަށް ފޮނުވަން، މީބޮޑު އޮޅުވާލުމެއް!…. ” ޖުނެއިނާ އެވްލީންގެ މެކްސީ ކަފަން އުޅުމުން އެވްލީންއަށް ރޮއިގަނެވުނެވެ. ” އޭނަ ދޭ ހެދުމެއްވެސް ހާދަ ހާއްސަތިވީ… އަނެއްކާ އޭނަ ދެކެ ލޯބިވީތަަ؟، ސައިކޯ ބިޗްް!… ” އެވްލީން ބިރުގަންނަވާލުމަށް ފަހު ޖުނެއިނާ ކަތުރު ޓައިލްސް މައްޗަށް އެއްލާލަމުން ވާހަކަދެއްކީ ޖެއްސުމުގެ ރާގަކަށެވެ. އެވްލީންއަށް ދެކަކޫ މައްޗަށް ތިރިވެވުނީ ޖުނެއިނާ ދައްކަމުންދިޔަ ވާހަކަ ތަކުންނެވެ.
” ކަލޭގެ ބައްޕަ ކަލޭ ދެކެ ލޯތްބެއްނުވޭ… އެކަން އެނގެއެއްނު!… މިފްޒާލް ލޯބިވަނީ ހަމަ އެކަނި ރިހާނީ ދެކެ!!!… އަޑު އިވިއްޖެތަ!… ހަމަ އެކަނި ރިހާނީ ދެކެ!!!… ކަލޭތީ ބޭކާރު މީހެއް!… ” ޖުނެއިނާ ބޭނުންވީ އެވްލީން ރުޅި އަރުވާލާށެވެ. ނަމަވެސް އެވްލީން ދިޔައީ ޖުނެއިނާގެ ޖުމްލަތަކަށް ބީރު ކަންފަތެއް ދެމުންނެވެ، ދެ ކަންފަތުފައި އަތްއަޅައިގެން ހުރި އިރު ޖުނެއިނާގެ ވާހަކަ ހުއްޓުވަން ނޫނެކޭ ބުނެ ހަޅޭއްލަވަމުން ދިޔައެވެ. ޒަވީންވަނީ އެވްލީންއަށް ރުޅި ކޮންޓްރޯލް ކުރަން ދަސްކޮށްދީފައެވެ. އެވްލީން ޒަވީން ބުނިގޮތަށް ކަންތައް ކުރަމުން ދިޔައެވެ. އޭނަ ޖުނެއިނާ ދައްކަމުންދާ އެއްވެސް ވާހަކައަކަށް ސަމާލުކަމެއް ނުދިނެވެ. އެންމެ ފަހުން ކެތްކުވެގެން އެވްލީން ދުއްވައިގަތީ ފާޚަނާއާއި ދިމާއަށެވެ. އެވްލީން ފާޚަނާއަށް ވަދެ ބަަން ލާފައި ދޮރު ލައްޕާލިއެވެ.
” އޭނަ އެދެއްކީ ދޮގު ވާހަކަ… ” އެވްލީން ބޮލުގައި ހިފަހައްޓާލަމުން ބުންޏެވެ.
ފިޒާޔާ ބުނިގޮތަށް ކަންތައް ކުރުމުން އޭގެ އެއްވެސް އަސަރެއް އެވްލީންއަށް ނުކުރިއެވެ. ޖުނެއިނާގެ ރުޅިގަނޑު ހައްތާހާވީ ގަދައެވެ. ފިޒާޔާ ބުނިގޮތުންނަމަ އެވްލީންއަކީ ބޭކާރު މީހެއްކަން އަންގައިދީ އެވްލީން ރުޅި އެރުވުމުން އޭނަ ގޯސްވާނެއެވެ. ނަމަވެސް އެ ޕްލޭން މަސައްކަތެއް ނުކުރިއެވެ. އެވްލީން ރަނގަޅު ކުރުން ހުއްޓުވަން އޮތީ ހަމަ އެންމެ ގޮތެކެވެ. ހަސަދަވެރިކަމާއި ރުޅިވެރިކަމުގެ އަލިފާނުން އަނދަމުން ދިޔަ ޖުނެއިނާގެ ނަފުސަށް ހައްލެއް ކަމުގައި ފެނުނީ އެވްލީން މަރާލުމެވެ. އޭރުން އެވްލީންގެ މަރާއެކު ހުރިހާ ހަޤީޤަތެއްވެސް އަބަދަށްޓަކައި ސިއްރު ކުރެވޭނެއެވެ. މިފްޒާލްގެ މުއްސަދިކަން މިލްކުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަށް ވެސް ދާއިމީ ހައްލެއް ލިބޭނެއެވެ.
ޖުނެއިނާ ފިޒާޔާއަށް ގުޅައިލަމުން އޭނަ ބޭނުންވަނީ އެވްލީންގެ ދުވަސްދުއްވާލަން ކަމަށާއި އެކަމުގައި ފިޒާޔާގެ އެހީ ބޭނުންވާ ކަމަށް ބުނުމުން ފިޒާޔާ ފުރަތަމަ އެކަމާއި ދެކޮޅު ހެދިއެވެ. ނަމަވެސް ޖުނެއިނާ ފަސް ލައްކަ ރުފިޔާ ދޭން ބުނުމުން ފިޒާޔާ އެކަމާ އެއްބަސްވިއެވެ. ދެ މީހުންގެ މަޝްވަރާގެ މަތިން މިރޭ ހަފްލާތެރޭން ހުރިހާ ކަމެއް ނިންމަން ރާވާލި އެވެ..
އެވްލީން ފެންވަރާލައިގެން ފާޚަނާއިން ނިކުތީ ޖުނެއިނާ ދާނެހާ އިރު ކޮށްފައެވެ. އެވްލީން ކޮޓަރީގެ ދޮރު ތަޅުލުމަށްފަހު ގޮސް އަލަމާރި ހުޅުވާލިއެވެ. އެވްލީންގެ އިސްތަށި ގަނޑުން ފެންތިކިތައް ފައިބަމުން ދިޔައިރު އެ ދޮން ހަށިގަނޑުގައި ފެންތިކިތަށް ވިދަމުން ދިޔައެވެ. ހީވަނީ މަލެއްގައި ޝަބްނަމް ތިކިތައް ހަރުލާފައިވާހެންނެވެ. އެވްލީން ނޫކުލައިގެ ކުރުތާއަކާއި އައިސް ބްލޫ ޖިންސެއް ލައިގެން ބޮލުގައި ފުނާއަޅަމުން ދިޔައިރު އަދިވެސް އެކަންފަތުގައި ފިޒާޔާގެ ލަފްޒުތައް ގުގުމަމުން ދިޔައެވެ. ކިތަންމެ ވަރަކަށް އެކަންކަމާމެދު ވިސްނަން ބޭނުންނުވި ކަމުގައި ވީނަމަވެސް އޭނައަށް ހަމަ ވިސްނެނީއެވެ. ޒަވީން އޭނައަށް އެހާބޮޑަށް އޮޅުވާލަފާނެ ހެއްޔެވެ ؟ އޭނަގެ ބައްޕަ އެދައްކަނީ އަވާމެންދުރެއް ހެއްޔެވެ ؟
* * *
މިރޭ އޮތް ހަފްލާއަށް ތައްޔާރު ވުމުގައި ގޭގެ ނޯކަރުންނާއި މަޝްހޫރު ޑިޒައިނަރުން އަވަދިނެތި އުޅެއެވެ. މިފަހަކަށް އައިސް ޖުނެއިނާ ނޯކަރުންގެ ފަސްފަހަތުން ވިއްދާލާފައި ނޫޅުމުގެ ސަބަބުން ހުރިހާ ނޯކަރުންނަށްވަނީ މިނިވަންކަމެއް ލިބިފައެެވެ. ރަތްކުލައިގެ ފޮތިތަކުން މުޅި ގޭތެރެ ޑެކަރޭޓް ކުރެވިފައިވާ އިރު ޑިޒައިނަރުންގެ ބުރަ މަސަައްކަތް ކޮންމެ ދިމާލަކުންވެސް ފެންނަމުން ދިޔައެވެ. ނިވިދިއްލޭ ބޮކިތަކުން ސިޓިންގް ރޫމުގައިވާ ތަނބުތައް ފުރާލާފައިވާއިރު ހުދު މާރބްލްސް މައްޗަށް ފަތުރާލާފައިވަނީ ރަތްކުލައިގެ ކާރޕެޓެކެވެ. ބަގީޗާގައިވާ ގަސްތަކުގައި ތަފާތު އެކި ކުލަކުލައިގެ ބޮކިތައް ހަރުކުރެވިފައި ވާއިރު ނިވިދިއްލޭ ބޮކީގެ ދޫލައެއް ގަސްތަކުގައި ވަނީ ފަތުރާލާފައެވެ. ރޭގަނޑު ވާން ވާއިރަށް ހުރިހާ މަސްކަތެއް ނިންމާލެވުނު އިރު ” ވުޑްލޭންޑް ” އަށް ވަނީ އާ ދިރުމެއް ގެނެސްދީފައެވެ.
ހަފްލާ ފެށޭގަޑި ކައިރިވަމުން ދިއުމާއެކު ލިމްނާއާއި އަދިވެސް ދެތިން ކުއްޖެއްގެ އެހީއާއެކު އެވްލީން ތައްޔާރު ވެލައިގެން ތިރިއަށް ފޭބިއިރު މިފްޒާލްއާއި ޖުނެއިނާ އެވްލީންގެ އިންތިޒާރުގައި ތިއްބެވެ. އެވްލީން ލައިގެން ހުރީ ޒަވީން މިއަދު ހަދިޔާއަކަށް ދިން ރަތްކުލައިގެ މެކްސީއެވެ. ހެދުމާއި ގުޅޭގޮތަށް ލުއި މޭކަޕެއް ކޮށްފައިވާއިރު އެވްލީންގެ ތުންފަތުގައިވަނީ މަޑުރަތް ކުލައެކެވެ. އަނދުނާއި މަސްކާރާގެ ސަބަބުން އެވްލީންގެ މުށި ކުލައިގެ ލޮލުގެ ވިދުން ވަނީ އިތުރުކޮށް ދީފައެވެ. އެވްލީންގެ ދިގު އިސްތަށި ގަނޑު އޮތީ ބުޅި ކޮށްލާފައެވެ. އެވްލީން މިފްޒާލް ކައިރިއަށް ހުއްޓިލުމުން މިފްޒާލް ދިއްކޮށްލީ ގަހަނާ އަޅާކަހަލަ ފޮށްޓެކެވެ. އެވްލީން ފޮށި ހުޅުވާލުމަށްފަހު އޭގެ ތެރޭގައި އޮތް ޖަވާހިރު ފަށުގައި ފިރުމާލިއެވެ. އެވްލީން ކަރުގެ ފަޅުކަން ފިލުވާލަ ދިނުމުގެ ބޭނުމުގައި ލިމްނާ އެފަށް އެވްލީންގެ ކަރުގައި އަޅުވާލަދިނެވެ.
މެހެމާނުން އަންނަން ފެށުމާއެކު ގޭތެރެ ހަލަބޮލިވެގެން ދިޔައެވެ. އެވްލީންގެ ނަޒަރު އެކި ދިމަދިމާއަށް އަމާޒު ވަމުން ދިޔައިރު، އެ ދެލޯ ހޯދަމުން ދިޔައީ ޒަވީންއެވެ. ހަފްލާއަށް އައިސްފައި ތިބި އެންމެންގެ ނަޒަރު އަމާޒު ވެފައިވަނީ އެވްލީންއަށެވެ. ކޮންމެ މީހެއްގެ ދުލުން އެވްލީންގެ ރީތިކަމަށް ތައުރީފުގެ ބަސްތައް އޮހެމުން ދިޔައިރު ހަސަދަ ވެރިންވެސް މަދެއްނޫނެވެ.
”އޭނަ ހާދަ ރީއްޗޭ…” ޖުނެއިނާއާއެކު ހުރި އޭނަގެ އެކުވެރި ލިވީ ބުނެލިއެވެ. އޭރު ލިވީގެ އިތުރުން ޖުނެއިނާ ވަށާލައިގެން އިތުރު ތިން އަންހެނަކު ތިއްބެވެ. އެއިން ކޮންމެ މީހެއްގެ ހެދުން އެޅުމުގެ ވައްޓަފާޅިން ފެށިގެން އަތުގައި އޮތް އަތްދަބަހާއި ބޭނުންކޮށްފައިވާ ގަހަނާތަކުންވެސް ދައްކައިދެނީ ބޮޑަކަމާއި ކިބުރުވެރިކަމެވެ. ލިވީގެ ޖުމްލައިން ޖުނެއިނާ ހިތްހަމަނުޖެހުނެވެ. އެކަން އެތާ ހުރި ޖުނެއިނާގެ އެކުވެރިޔަކަށް ފާހަގަވުމުން ޖުނެއިނާގެ ހިތްހަމަޖައްސައިދޭން އުޅުނެވެ. ޖުނެއިނާއަކީ އެމީހުންގެ ”އެލައިޓް ސާރކަލް”ގެ އެންމެ އުހުގައި ހުރި މީހާވިއްޔާއެވެ. ޖުނެއިނާ އެމީހުނާ ރުޅިވެއްޖެއްޔާ ކަމަކު ނުދާނެ އެވެ.
”އައްޗީޑި!… އޭނައަށް ވުރެ އަހަރެން ގޭގަ މަސައްކަތްކުރަން ގެނެސްފަ ހުރި ބަންގާޅުމީހާ ވެސް ރީތިވާނެ!، ޑިޒައިނާރ ހެދުމެއް ލާފަ މޭކަޕްކޮށްލެވުނީމަ ކޮންމެކޮންމެ މީހަކު ރީއްޗެއް ނުވާނެ، އޭރުން މިދުނިޔޭގަ ތިބޭނީ ހުސް ރީތި މީހުންނެއްނު… މީހާ ސަޅިވާން ހުންނަން ޖެހޭނެ ކްލާސް ވެސް، އޭނަގެ ނެތް އެކައްޗެއް ވެސް……” ލުހުފާ ތުންއަނބުރާލާފައި ބުނެލިއެވެ. އެވަގުތު އޭނަގެ ވާހަކައަށް އެންމެން ތާއީދުކޮށްލި އެވެ.
”މަށަކަށް ނޭގޭ މޮޔައަކު ރަގަޅު މީހުންގެ ތެރެއަށް ގެެނެސްގެން މިއުޅެނީ ކީއްކުރަންކަމެއް، އޭނަގެ އެބަލިމަޑުކަން އެހެން މީހެއްގެ ގަޔަށް އަރިފިއްޔާޔޯ؟…”
” ޖޫން… އޭނަ ރަނގަޅު ވީތަ ؟ ” ލިވީއަށް އަހާލިއެވެ.
” އޭނަ އަދި ރަނގަޅެއްނުވޭ…. ” ” ކީކޭ ރަނގަޅެއް ނުވެޔޭ… ބަލާފަ ހިޔެއްނުވޭ…. އެކަމަކު ޖޫން ބިރެއް ނުގަނޭތަ މޮޔައަކު އެހެން ދޫކޮށްލާފަ ބަހައްޓާކަށް ؟ ” ލިވީ ޖުނެއިނާގެ ޖުމްލަ މެދުކަނޑާލިއެވެ.
” އޭނަ ވަރަށް ނެގިމަޑުވެފައި ހުންނަނީ… އެހެންވީމަ ބިރެއްނުގަނޭ… ” ޖުނެއިނާ ފޮނި ކަނޑާލިއެވެ.
*****
ޒަވީން އަންނާނެ އިރެއްގެ އިންތިޒާރުގައި ކެތްތެރިކަމާއެކު ވަގުތު ގުނަމުން ދިޔަ އެވްލީން މާޔޫސްވާން ފަށައިފި އެވެ. އެވްލީން އެހާ ގިނަ މެހެމާނުންގެ ތެރޭގައި ހުރުމުން ހާސްވެ ނޭވާލާން އުނދަގުވާ ގޮތްވިއެވެ. ނަމަވެސް އޭނަ އެހުރިހާ ކަމެއް ތަހައްމަލް ކުރަމުން ދިޔައީ ޒަވީންއަށް ޓަކައެވެ. ޒަވީންގެ ސޫރަ ނުފެންނަނީސް ދެން އެހިތަށް ހަމަޖެހުމެއް ނުލިބޭނެ އެވެ.
” ލިމްނާ… ދޭބަލަ ޒަވީން ވީތަނެއް ބަލާލާފަ އަންނަން..” އެންމެ ފަހުން ނުހުރެވިގެން އެވްލީން އޭނަ ކައިރީގައި ހުއްޓިލައިގެން ހުރި ލިމްނާ ކައިރީގައި ބުންޏެވެ.
” އެކަމަކު… ” ”ލިމްނާ … އަހަރެން ރަނގަޅޭ.. ދޭބަލަ… ” އެވްލީން މަޑުން ވާހަކަ ދެއްކި ކަމުގައި ވީނަމަވެސް އަޑުގައި ހަރުކަށިކަމެއް ހުއްޓެވެ. ލިމްނާ އަވަސްވެގަތީ ގެސްޓް ރޫމާއި ދިމާއަށް ދިއުމަށެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.




V salhi igey bunaaneehchehves neygey hama Super…..???????
Wow it’s beautiful…. masha Allah… Vaahaka thi gendhaa goi varah furihama… next part avah up kurahchey….
Wow nice story..?❤❤
Dhen avahah zaveen Dhahkaalabala leen ah zaveen ah gotheh nahadhaa vaahaka gendhaa goiy varah reethi
I already read this story.ekam mee varah reethi story eh. I love this story.evleen is so sweet.
story is awsm.. avahah upkoh dheeba pls pls pls pls pls pls
??????
Koba tha vaahaka waiting…