Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހޯދޭތޯ މަންޒިލެއް… 6

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
October 23, 2018 7 Mins Read
8 Comments

ތޫގާ އޭނަގެ މޫނުމަތީ އަތްއަޅާލަމުން ގިސްލާން ފެށިއެވެ. އަވަސްއަވަހަށް އެނދުން ތެދުވެގެން އައި ރުކާން ރީތިވާ މޭޒު ކައިރިއަށް ހުއްޓިލަމުން ކުޑަކަކޫ މައްޗަށް ތިރިވެލިއެވެ. އޭނަ ހުރީ ދުލުން ބުނެވުނު ބަސްތަކުން ތޫގާގެ ނާޒުކު ހިތަށް ތަދު ކޮށްލެވުމުން ދެރަވެފައެވެ. އެތޫނުފިލި ދެލޮލުން އެކަން ކިތަންމެހާ ވެސް ރަގަޅަށް ބަޔާންކޮށްދެއެވެ.

ތޫގާ އޭނަގެ އަތްތިލަ މޫނާއި ދުރުކޮށްލަމުން ކަރުނުން ފުރިފައިވާ ދެލޮލުން ރުކާންއަށް ބަލާލިއެވެ.

”ބޭބް… އައެމް ސޮރީ، ފަހަރެއްގައި ވެސް ބޭބް ހިތުގައިޖައްސަން ބުނި އެއްޗެއް ނޫން އެއީ…” ތޫގާގެ އަތުގައި ހިފާލަމުން ރުކާން ބުނެލިއެވެ. ”އަހަންނަށް އެހެން ބުނެވުނީ ވިސްނާލުމެއް ނެތި، އަހަންނަށް ވެސް އެނގޭ ތޫގާ މާއީއާ މެދު ކަންބޮޑުވާނެ މިންވަރު، ފަހަރެއްގައި ވެސް ތޫގާ މާއީދެކެ ވާލޯތްބަށް އަހަރެން ޝައްކެއް ކުރީކީ ނޫން، ނުވެސް ކުރާނަން، ތޫގާ މާއީ ގޮވައިގެން ބޭރަށް ދާން ނިންމުން އެއީ ވަރަށް ރަގަޅު ޚިޔާލެއް، މިވަގުތު އެކަނިވެރިކަމަށް ވުރެން އާޢިލާ މީހުންގެ އަޅާލުމާއި ލޯބި މާއީއަށް ބޭނުންވާނީ…”

ރުކާން ނިކަން ލޯތްބާއެކު ތޫގާގެ ކޯތާފަތް ފޮހެލަދިނެވެ. އަދި އޭނައަށް މަޢާފްކޮށްދިނުމަށް އެދުނެވެ. ރުކާން އޭނަ ދެކެ ވާލޯބި ފެނި ތޫގާއަށް ހިނިތުންވެލެވުނެވެ. އޭނަ ހަދާލި ފަށުވި ދޮގުތަކުގެ ހިލަން ރުކާންއަށް ނުވީވެސް އެލޯބީގެ ބާރުންކަން ތޫގާއަށް އެނގެއެވެ.

”ދެން އެކަހަލަ އެއްޗެއް ނުބުނައްޗޭ…” ތޫގާ އެތެރެއަށް ނޭފަތް ދަމާލަމުން ހިނިތުންވުމަކާއެކު ރުކާންއަށް މަޢާފްކޮށްފީމޭ ބުނެލިއެވެ. އެޖުމްލައިން ރުކާންގެ މޫނުގައިވި ކަންބޮޑުވުންތައް ފިލައި ހިނިތުންވެލެވުނެވެ.

”މިހާރު މޭކަޕް ރަގަޅުކުރަން މިޖެހުނީ ރުކާންއާ ހެދި…” ލޯގަނޑުން ފެންނަމުން ދިޔަ ޝާއްބަކަން އެކުލެވިފައިވާ އޭނަގެ ފުރިހަމަ ސޫރައަށް ބަލާލަމުން ތޫގާ ބުނެލިއެވެ. ކަރުނައިގެ ސަބަބުން އޭނަގެ މަސްކާރާ ވަނީ ކުޑަކޮށް ފޭދިފައެވެ.

”މޭކަޕާ ނުލާ ވެސް ތޫގާގެ ފުރިހަމަކަމަށް އެއްވެސް މީހަކަށް ވާދަކުރެވޭނެ ހެނެއް ހިޔެއް ނުވޭ، ސޯ ވައި ޑޫ ޔޫ ޔޫޒް މޭކަޕް؟…” ރުކާން ތޫގާގެ ރީތިކަމަށް ތައުރީފުކޮށްލުމުން ބޮޑާކަމުގެ ހިނިތުންވުމެއް ތޫގާގެ ތުންފަތާ ކުޅެލިއެވެ.

”އެއްކަލަ ރުކާން ފެށީޔޭ ދޯ…” ރުކާންއަށް އޭނަގެ ޝުއޫރުތައް ވަންހަނާ ކުރަމުން ތޫގާ ލޯހަދާލިއެވެ. އެއާއެކު ރުކާންގެ ލުއި ހީލުމުގެ އަޑު ކޮޓަރިތެރެއަށް ފެތުރިގެން ދިޔަ އެވެ.

”ތިކަން ނިންމާލާފަ ދައްޗޭ މާއީ ބަލާ، އަހަރެން އެބަ އަންނަން ފްރެޝްވެލައިގެން…” ރުކާން މިސްރާބު ޖެހީ ފާޚަނާއާ ދިމާއަށެވެ. ރުކާންގެ ޖުމްލައާއެކު ތޫގާގެ މޫނުގެ ކުލަވަރު މުޅިންހެން ބަދަލުވެގެން ދިޔަ އެވެ. ލޮލަށް ގޮތެއް ހަދާލަމުން ތުންފަތުގައި ކުލަޖައްސަން ގެންގުޅުނު ލިޕްސްޓިކް ރީތިވާ މޭޒު މައްޗަށް ހޫރާލިއެވެ. އެއަށްފަހު އޭނަ ހިތްހަމަނުޖެހުމުގެ އަސަރުތަކާއެކު ތުންފަތް އަރިއަކަށް ދަމާލި އެވެ.

*****

ސާދަވިލޭރޭގެ ފުރިހަމަ ހަނދުން ރޭގަނޑަށް ދިރުން ގެނެސްދީފައި އޮތެވެ. ގުނާ އަދަދުނުކުރެވޭހާ ތަރިތައް ހަނދުގެ ދަރުބާރުގައި ޝާމިލުވަމުން ދިޔަ އިރު އެމަންޒަރު ބަލާލަން ނިކަން ހިތްގައިމެވެ. މިރޭ ހަނދަށް ގޯނާ ކުރާ ވިލާތަކުގެ އަސަރެއް ވެސް އުޑުމައްޗަކުން ނުފެނެއެވެ. ބެލްކަންޏަށް ނިކުތް މާއީ ގޮސް އެތާ ހުރި ހުރި ސަރަންފީ ގޮނޑީގައި އިށީނެވެ. އަދި ހާމަކަމާއެކު ފެންނަން އޮތް ޤުދުރަތުގެ ފުރިހަމަކަމަށް ނަޒަރު ހިންގާލިއެވެ. އޭރު ބެލްކަނީގައި ހުރި މާމެލާމީލެ ހިތްގައިމު ވަސް އިރުއިރުކޮޅާ ވައިރޯޅިތަކުގެ މަދަދާއެކު ފަޒާގެ ތެރެއަށް ފެތުރެމުން ދިޔަ އެވެ.

މަޑުމަޑުން ބަނޑުގައި ފިރުމަމުން ދިޔަ މާއީގެ އުދާސްތަކަށް އެއިން އެއްވެސް ކަމަކުން ލުޔެއް ހޯދައި ދިނުމުގައި ކާމިޔާބެއް ނުލިބުނެވެ. އޭނައަށް އަސަރާއެކު ލޯމަރާލެވުނީ ހިތަށް ކުރިވި ފުންއަސަރުތަކާއެކީގަ އެވެ. ބަލާލާ ކޮންމެ ދިމާއަކުން ނުވަތަ އިހުސާސްވާ ކޮންމެ ކަމަކުން އޭނަގެ ހިތަށް ތަދުކުރުވަނީ ޒިވާންގެ ހަނދާންތަކުންނެވެ. ލޯމަރާލިޔަސް އެސްފިޔަތަކުގެ ތެރޭން އެސޫރަ ނޫނީ ސިފަ ނުވެއެވެ. ލޯހުޅުވާލުމުން ވަށައިގެންވާ މާހައުލުން އޭނައަށް ޒިވާންއާއެކު ހޭދާކުރެވުނު އުފާވެރި ދުވަސްތައް ހަނދުމަވެ އިތުރު ޒަހަމްތަކަށް ލިބެއެވެ. އެއާއެކު އަނެއްކާ ވެސް ލޯފުރިގެން އަންނަނީ އުދާސްތަކުންނެވެ.

ކަރުނައިގެ ދުނިޔެއަށް ގެނބެމުން ދިޔަ މާއީއަށް ސިހުންގެނުވީ މީހަކު އޭނައަށް ގޮވާލިހެން ހީވެގެންނެވެ. އަވަސްއަވަހަށް އަޑުއައި ދިމާއަށް އޭނައަށް ބަލާލެވުނެވެ.

”ކުޑާ…” އެއީ ތޫގާގެ އަޑެވެ. މާއީގެ ހިތަށް އަނެއްކާ ވެސް މާޔޫސްކަން ވެރިވެގެން އައީ އޭނަ އުއްމީދުކުރި ފަރާތަށް ނުވީމައެވެ.

”ކޮންތާކުތަ ތިހުރީ؟…” އަނެއްކާ ވެސް ތޫގާ ގޮވާލި އަޑު އިވުނެވެ. އޭރު މާއީ ފާޚަނާގައި ވީއޭ ހިތާ ތޫގާ މިސްރާބު ޖެހީ ފާޚަނާއާ ދިމާއަށެވެ. ނަމަވެސް މާއީ އޭނައަށް ގޮވާލި އަޑު އިވުނީ ބެލްކަނިންނެވެ. އެއާއެކު އޭނަ ފިޔަވަޅުތަކުގެ މިސްރާބު ބަދަލުކޮށްލިއެވެ.

ބެލްކަނިއަށް ދީފައި އޮތް ރީތި ހަނދުވަރުގެ ތެރޭން ވެސް ތޫގާގެ ލޮލުގައި މާއީގެ ރީތިކަން އަޅައިގަތެވެ. އޮމާން މޫނެވެ. ވަރުގަދަ ރާޅުބާނީ އިސްތަށިގަނޑެވެ. ހިތިފަތު ބުމައެވެ. ދިގު އެސްފިޔަތަކުން ހިޔާ ދީފައި ވި މުށިކުލައިގެ ދެލޮލެވެ. ޤުދުރަތީ ފިޔާތޮށިކުލައިން ފުރިހަމަކަން ގެނެސް ދީފައިވި ތުންފަތެވެ. އެހިމަތޮޅި ހަށިގަނޑުގެ ފުރިހަމަ ވަނާތަކެވެ. މިއިން ކޮންމެ ކަމެއް ފާހަގަ ކުރެވެމުން ދިޔަ ހިނދު ތޫގާގެ ހިތުގެ ހަމަޖެހުން ވެސް ގެއްލެމުން ދިޔަ އެވެ. ހަސަދަވެރިކަން ހިތުގެތެރެއަށް ފޭދެން ފެށި އެވެ.

”ދެއާރ ޔޫ އާރ މިސް ލޯންލީ، އަހަރެން ކުޑާ ނުފެނިގެން ހޯދާތާ ކޮން އިރެއް…” ތޫގާ ވާހަކަދެއްކި އެވެ. ”މިތާ އަނދިރީގައި އެކަނިމާއެކަނި އިނދެގެން ކޮންކަމަކާތަ ތިހާ ފުންކޮށް ތި ވިސްނަނީ؟، ހީވަނީ ވަރަށް ބޮޑު ކަމެއް ހެން…”

ތޫގާއަށް އެސުވާލު ޖަވާބު އެނގިހުރެ ވެސް ވާހަކަދެއްކި ރާގައި ކުރި ސުވާލުން އޭނަ ވަކި މަޤުސަދެއް ހާސިލުކުރަން އުޅޭ ކަހަލައެވެ. މާއީއަށް އެއްޗެއް ސާބިތުކޮށްދޭން އުޅޭ ފަދަ އެވެ.

”ނަތިންގް…” މާއީއަށް ހީވީ އެއީ ތޫގާ އޭނައާއި މެދު ކަންބޮޑުވެގެން ކުރި ސުވާލެއް ހެންނެވެ. އެހެންވެ އޭނަ އެސުވާލަށް ޖަވާބު ދިނީ ތޫގާގެ ކަންބޮޑުވުމަށް ނިމުން ގެނެސްދެވޭނެ ގޮތަކަށެވެ. ހަޤީޤަތުގައި އޭނަ އިތުރު ފަރާތެއްގެ މަދަދަށް ބޭނުންވެފައި ވަނިކޮށް ތޫގާ އައުމުން ހަމަޖެހުން އެހިތަށް ލިބުނުހެން މާއީއަށް އިހުސާސްކުރެވުނެވެ.

މާއީއަށް ބަލަން ބެލްކަނީގެ ދޮރަށް ލެނގިލައިގެން ހުރި ތޫގާ ޒާތަކަށް ތުންދަމާލިއެވެ. އަދި ލޮލަށް ވެސް ގޮތެއް ހަދާލިއެވެ.

”ނަތިންގް އެއް ނޫން… ޒިވާންއާ މެދު ދޯ ތި ވިސްނަނީ؟… ދެން އޭނަ މަތިން ހަނދާންނައްތާލުން ރަގަޅުވާނީ… އާފްޓަރއޯލް ހީޒް ޑެޑް…” އެއްވެސް އިހުސާސެއް ނުވާ ފަދަ ރާގަކަށް ތޫގާ ބުނެލިއެވެ. ”ޑެތް އިޒް އެ ނެޗުރަލް ތިންގް… ޔޫ ޖަސްޓް ހޭވް ޓު ވޫމް އޮން ވިތް ޔޯރ ލައިފް…… މީހަކު މަރުވުމަކުން ދެން ތިބި މީހުންގެ ދިރިއުޅުން ހުއްޓުމަކަށް އައިސްގެން ނުވާނެ ދޯ؟…”

ތޫގާގެ ޖުމްލައިން މާއީ އަށް ލިބުނު ސިހުމާއި އެއްވަރަށް އެހިތަށް އަސަރު ވެސް ކުރިއެވެ. ކޮއްކޮގެ ފަރާތުން އެފަދަ ޖުމްލައެއް އަޑު އަހަން ޖެހިދާނެ ކަމަކަށް އޭނަ އުއްމިދެއް ވެސް ނުކުރެއެވެ. އޭނަ ހީކުރީ ތޫގާ އެއައީ އޭނައަށް ހިތްވަރުދޭން ކަމަށެވެ. ނަމަވެސް ކޮއްކޮގެ ވާހަކަތަކުން އޭނަގެ އުދާސްތަކާއި މެދު ކުޑަކޮށް ވިޔަސް ފިކުރުކުރާހެނެއް ހިޔެއް ނުވެއެވެ. ހަމައެއާއެކު ޒިވާންގެ މަރު ބޮޑުކަމެއްގެ ގޮތުގައި ދެކި އެކަމާ ދެރަވާހެނެއް ވެސް ހިޔެއް ނުވެއެވެ.

ތޫގާގެ އަމަލުތަކުން ބަސްހުއްޓިފައި މާއީ ވިއެވެ. އެތައް އަހަރުތަކެއް ފަހުން ކޮއްކޮއާއި ބަައްދަލުވުމުން އޭނަ ޔަޤީން ކުރީ ތޫގާގެ އުޅުން ހުންނާނީ އިސްލާހުވެފައި ކަމަށެވެ. މިއަދު އޭނައަށް ތޫގާގެ ފަރާތުން ލިބުނު އޯގާތެރިކަމުން އޭނަ ހުރީ އެކަން ޤަބޫލު ވެސް ކޮށްގެންނެވެ. މަންމަގެ ވާހަކަތަކުން މާޒީ ހަނދާން ނައްތާލާފައި އޭނަ ތޫގާއާ މެދު ގާތްކޮށް ދެކެން އުއްމީދުތަކެއް ވެސް ކުރިއެވެ. ތޫގާއަށް މަޢާފްކުރަން ވެސް ގަސްދުކުރިއެވެ. ނަމަވެސް މިހާރު އޭނަގެ ލޯކުރިމަތިން އެފެންނަނީ މީގެ އަހަރުތަކެއް ކުރިން އޭނައަށް ފެނުނު ތޫގާގެ އަސްލު ސޫރަ އެވެ. އެއްވެސް ތަފާތެއް ނެތެވެ. އެދުވަހު ވެސް އޭނައަށް ދިން ފުން ހިތާމަތަކާއި ތަކުލީފާ މެދު ތޫގާ ދެރަވިކަމުގެ އެއްވެސް ލިސާނެއް އެދެލޮލުން އޭނައަކަށް ނުފެނުނެވެ. އެއާ ޚިލާފަށް ނެފިގެން ދިޔައީ މަލާމާތާއި، ކާމިޔާބު އިތުރުން އޭނައަށް ދޭހަކުރަން ވެސް ނުކުޅެދުނު ޝުޢޫރުތަކެކެވެ. ހަމަ އެދުވަސް ފަދައިން މިހާރު ވެސް އޭނައަށް އެފެންނަނީ ހަމަ އެޝުޢޫރުތަކެކެވެ. ކުޑަ ވެސް ބަދަލެއް ނާދެއެވެ. އޭނަގެ ހިތަށް ލިބިފައިވާ ޒަހަމްތަކާއި، އުފުލަމުން އެދާ ވޭނާއި ކެކުޅުންތަކަށް އެއްވެސް ޤަދަރެއް ނެތެވެ.

”ތޫގާ…” މާއީއަށް ގޮވާލެވުނެވެ. ތޫގާ އިސްލާހުވެ، ނާޒުކު ފަތްތަރަކަށް ގޮސްފައިވި އެގުޅުން އިސްލާހު ކުރެވިދާނެ ކަމަށް އޭނަ އުއްމީދުކުރިއެވެ. އެހެނަސް ތޫގާގެ އަމަލުތަކުން ހެކިދެނީ އެއީ ވުން މުސްތަހީލުކަމެއް ނޫންކަމެވެ.

”ފުރަތަމަ ވެސް ޒިވާން ކެންސަރު ހުރިކަން އެނގުނު ހިސާބުން ދޫކޮށްލިނަމަ މިފަދަ ހިތްދަތި ދުވަހެއް ދެކެން ނުޖެހުނީސް ދޯ، އުއްމީދެއް ނެތް އިރު ވެސް ކުޑާ ބޭނުންވީ ޒިވާންއާއެކު އުޅެން… އެކަމުގެ ސަބަބުން ކުޑާގެ ދަރިފުޅަށް ވެސް ތިދެވެން އުޅެނީ ކޮންފަދަ ބޮޑު އަނިޔާއެއްކަން އެނގޭތަ؟… އެދަރިފުޅު އުފަން ނުވަނީސް ބައްޕަ މަރުވެ ޔަތީމަކަށް ވީ، ދެން ބައްޕައެއްގެ ލޯބީގެ ނަސީބެއް ވެސް ނުލިބޭނެ، އައި ހޯޕް ޔޫ ވިލް ތިންކް އެބައުޓް ޔޯރ އެކްޝަންސް…”

ތޫގާގެ ވާހަކަތަކުން ހީވަނީ މާއީއަށް ދިމާވެފައިވާ ހާލަތާމެދު މާއީ ކުށްވެރިކުރަން އުޅޭހެންނެވެ. އޭނަގެ ހިތުގައި ދައްތައާ މެދު އެއްވެސް ކަހަލަ ރަހުމެއް ނުވަތަ ހަމްދަރުދީއެއް ވާހެނެއް ހިޔެއް ނުވެއެވެ. އޭނަ މާއީއަށް ބަލަހައްޓައިގެން ވެސް ހުރީ ފޫހި ގޮތަކަށެވެ.

”ވައި ޑިޑް ޔޫ ޑޫ ދެޓް ޓު ފޯރ ސެލްފް؟… ވާރ ޔޫ ދެޓް ޑެސްޕެރޭޓް ފޯރ ލަވް އާފްޓާރ ވަޓް ހެޕެންޑް އިން ދި ޕާސްޓް؟…” މަލާމާތުގެ ރާގަކަށް ތޫގާ އެހި އެވެ. އޭނަ ތީރަކަށް ފަހު ތީރެއް ޒަހަމްވެފައިވި މާއީގެ ހިތަށް އަމާޒުކުރަމުން ދިޔަ އެވެ. އެތީރުތަކުގައި ލެވިފައިވި ވިހައިގެ ފަށަލަތައް ހަލުވިކަމާއެކު މާއީގެ ހިތަށް ފެތުރި ހަމަލާދެމުން ދިޔަ އެވެ.

”ކުޑާ ތިކުރި ކަމެއްގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ދައްކާނީ ވެސް ލިބެން ތިއުޅޭ ދަރިފުޅަށް…” ތޫގާ އިތުރުކޮށްލިއެވެ.

ތޫގާގެ ވާހަކަތަކުން މާއީއަށް ކުއްލިއަޔަކަށް ސަރަންފީ ގޮނޑިން ތެދުވެވުނެވެ. އޭރު އޭނަ ތޫގާ ދެކެ ހިތްހަމަ ނުޖެހިފައިވާ މިންވަރު ހާމަކޮށްދެއެވެ. ކަރުނައިން ބަބުޅަމުން ދިޔަ ލޮލުގެ ތެރޭން ރުޅިވެރިކަން ވިދަ އެވެ. ތޫގާ އެފަދަ ވާހަކައެއް ދެއްކީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ އޭނަގެ ދިރުއުޅުމަށް ފާޑު ކިޔަން ތޫގާއަކީ ކާކު ހެއްޔެވެ؟ އޭނަ ޒިވާންދެކެ ވާލޯތްބާ މެދު ސުވާލު އުފެއްދުމުގެ ހުއްދަ ދިނީ ކާކު ހެއްޔެވެ؟

”ދަރިއަކު ހޯދަން އުޅޭއިރު ދެމީހުނަށް ވެސް އެކީގައި ތިބެވެން ޖެހޭނެކަމުގެ ޔަޤީންކަން އޮންނަން ޖެހޭނެ، އެހެން ނޫނީ އެދަރިފުޅަށް އެދެވީ ކޮން ފަދަ ބޮޑު އަނިޔާއެއް؟… ބަލިމީހަކާއެކު ދަރިއަކު ހޯދަން ވެސް ނުޖެހެނީ އެހެންވެ!…” ތޫގާ ދުލެއް ނުކުރިއެވެ. އޭނަ ކަމަކަށް ފައިވިއްދާލާފައިވާ ކަހަލައެވެ.

ތޫގާގެ ވާހަކަތަކުން މާއީގެ ހިތަށް އަސަރުކޮށްފައިވިކަމުގައި ވިޔަސް ޒިވާންއާއި އޭނަގެ ދަރިފުޅާއި ގުޅުވައިގެން ދެއްކި ވާހަކަތަކުން މާއީ ގާތަށް ރުޅިއަންނަ ގޮތް ވިއެވެ. ހިތްވަރުދިނުމުގެ ބަހެއް ބޭރުކޮށްނުލެވޭ ނަމަ ތޫގާ ހިމޭނުން ހުރުން މާ ރަގަޅު ވާނެ އެވެ.

”ތޫގާއަށް މިފަދަ ދުވަހެއް ކުރިމަތިވެއްޖެއްޔާ ތިބުނިހެންތަ ކަންތައް ކުރާނީ؟… އޭރަށް އަމިއްލަ އެދުން އިސްކޮށް މަރުގެ ތަންމައްޗަށް ރުކާން ދޫކޮށްފަ ދާނީތަ؟، އެއީތަ ރުކާން ދެކެ ތޫގާ ވާ ލޮބި ހާމަކޮށްދޭން ބޭނުންވާ ގޮތަކީ؟، އެހެންވެއްޖެއްޔާ ތިވާކަހަލަ ލޯތްބެއް ނުވިއްޔާ އެންމެ ރަގަޅު ވާނީ، އެއީ ރުކާން އާއި ތޫގާގެ އަމިއްލަ ނަފުސައްވެސް ވެވޭ ބޮޑު އޮޅުވާލުމަކަށް ވާތީ… އަހަރުތަކެއް ފަހުން ތޫގާއާއި ބައްދަލުވުމުން އަހަރެން ހީކުރީ ތޫގާ ހުންނާނީ ބަދަލުވެފައި ކަމަށް، މިއަދު ފެނުނު ގާތްކަމުން އެކަން ޤަބޫލުކުރަން ވެސް ބޭނުންވި… އެކަމަކު އެއީ އަހަންނަށް ކުރެވުނު ކުށްހީއެއް، ކުރިން ވެސް އަހަރެންގެ ވޭނާއި ހިތާމަތަކުން ތޫގާއަށް އުފާލިބޭ ފަދައިން އަހަރެން އެންމެ ނިކަމެތިވި ދުވަހު ތިއުޅެޅީ އުފާވެރިކަން ހޯދަން… ތޫގާ އަހަންނާ މެދު ތިހެން ކަންތައް ތިކުރަނީ ކީއްވެ؟…… މިއަދު ތޫގާ އަމިއްލައަށް ސާބިތުކޮށްދީފި ތިމާމީހާ ދުވަހަކު އިސްލާހު ނުވާނެކަން… އަހަންނަށް ދެން ރަގަޅީ ތޫގާ ޒިވާންއޭ ކިޔައިގެން ވާހަކަ ނުދެއްކިއްޔާ، ވަކިން ހާއްސަގޮތެއްގައި އަހަރުމެންގެ ދަރިފުޅޭ ކިޔައިގެން އެއްޗެއް ނުކިއްޔާ…”

މާއީ ރުޅިއައިސް ވާހަކަދައްކަން ބޭނުންނުވިކަމުގައި ވިޔަސް އޭނަގެ އަޑު ކުރެހިގެން ދިޔަ އެވެ. އެއާއެކު ލޮލުގެ ތެރޭގައި ގިނަވަމުން އައި ކަރުނަތައް ވެސް އޭގެ މަގާމުދޫކޮށް ފައިބަން ފަށައިފިއެވެ.

މާއީގެ ޖުމްލައިން ތޫގާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އޭނަ ލޯހަދާލަމުން ހަށަން ބަނދެލިއެވެ. ދަތްދަތަކަށް ބާރުލައިގެން ހުރިކަން ހާމަކޮށްދެނީ ވާންކަންއަރާފައިވި ކަތުރުކަށިގަނޑުންނެވެ. އޭނަ މާއީ ދެކެ އަންނަ ސިނގު ރުޅިގަނޑު ދެންމެދެންމެ ފަޅައިގެން ގޮސްދާނެހެން ވެސް ހީވިއެވެ. މާއީއާ ހަތަރުކަޅިހަމަކޮށްލިއިރު އެދެލޮލުން އަލިފާން ކަނި ބުރައެވެ. އޭނަ މާއީއާ މެދު އެފަދައިން ކަންތައް ކުރާ ސަބަބު މާއީއަށް ހަމަ ނޭގެނީ ހެއްޔެވެ؟ ނޫނީ އެނގިހުރެ ނުދަންނަ ކަމަށް ހަދަން އުޅެނީ ހެއްޔެވެ؟ އެއީ މާއީގެ އަބަދުގެ ވެސް އާދެއެވެ. ތިމާ މީހާގެ ނުބައިކަން ނޭގޭ ހާލު އެހެން މީހުންނާ ދިމާއަށް ބަސް ބުނަން އެބަ އުޅެ އެވެ. އޭނަ މާއީ ދެކެ ނަފުރަތު ކުރަނީ ވެސް އެސަބަބާ ހުރެއެވެ.

ތޫގާ ހަށިފުރާ ފުންނޭވާއެއް ދޫކޮށްލިއެވެ. ޒުވާބުކުރަން ހަދައިފިއްޔާ އެކަން ނުހަނު ހޫނުވާނެކަން ތޫގާއަށް އެނގެއެވެ. އެއަޑުތައް ތިންވަނަ ކަންފަތަކާ ހަމައަށް ދާކަށް ތޫގާ ބޭނުމެއް ނޫނެވެ. އޭރުން އޭނަގެ މުޅި ޝަހުސިއްޔަތު އެންމެންގެ ކުރިމަތީގައި ބަދުނާމުވެގެން ދާނެއެވެ. އެފަދައިން ވުމުގެ ފުރުސަތު ދެވޭކަށް ނެތެވެ! ހުރިހާކަމަކަށް ވުރެން ބޮޑަށް މުހިންމީ އޭނަގެ ”އިމޭންޖް” އެވެ! މާއީއަށް އޭނަގެ އަސްލު ސިފަ ފެނިފައިވިކަމުގައި ވިޔަސް އިތުރު މީހަކަށް އެސިފަ ފެންނަން އޭނަ ދުވަހަކު ވެސް ފުރުސަތެއް ނުދޭނެ އެވެ!

ކުއްލިޔަކަށް އިވިގެން ދިޔައީ ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔަ އަޑެވެ. ފަސްއެނބުރި ބަލާލިއިރު ރުކާން އެވެ. ޒުވާބުކުރަން ނުފެށުނުކަން އެއީ ނަސީބެކޭ ތޫގާގެ ހިތަށް އެރިއެވެ.

”ކުޑާ، ދެން އެކަނި ހުރުމަށްވުރެ ފެމިލީއާއެކު ހުރުން ރަގަޅުވާނީ، ބޭރުތެރެއަށް ނިކުމެލުމުން ވެސް ހިތާމަތަކާ ދުރުވާން ފަސޭހަވާނެޔޭ، ކުޑާ ތިހެން ރޮޔެ ހިތާމަކުރާތަން ބަލަން އަހަންނަކަށް ނުހުރެވޭނެ…”

ވާހަކަދެއްކުމުގެ ރާގު ބަދަލުކޮށްލަމުން ތޫގާ ބުނެލިއެވެ. އޭނަ އަމަލުކުރަން ފެށި ގޮތުން ހީވީ ދެންމެ ދެއްކި އެއްވެސް ވާހަކައެއް ހަނދާނެއް ވެސް ނެތް ހެންނެވެ. އޭނަގެ ވިހަ ދުލުން މާއީގެ ހިތަށް ދިން ފުން ޒަހަމްްތަކުގެ ހިލަމެއް ވެސް އޭނައަށް ނުވާ ހެންނެވެ. އަޑަށް ހިތާމަވެރިކަން ގެނެސް ލޮލަށް ކަރުނަ ޖަމާކުރި ހިނދު ކުޅަދާނަ އެކްޓަރެއް ފަދައެވެ. މީގެ އިރުކޮޅެއް ކުރިން ފެނުނު ތޫގާއާއި މިހާރު ފެންނަމުން އެދާ ތޫގާއާއި އުޑާއި ބިމުގެ ފަރަގު ހުއްޓެވެ.

ތޫގާއަށް އައި ކުއްލި ބަދަލާއެކު މާއީއަށް ލިބުނީ ހައިރާންކަމެވެ. އޭނައަށް އެކަމުގެ ފަހަތުގައިވި ސަބަބު ނަގައިގަނެވުނީ ކޮޓަރިއަށް ވަން ރުކާން ފެނިފައެވެ. އެހެނިހެން މީހުންގެ ކުރިމަތީގައި ތިމާގެ އަސްލު ފޮރުވަން ތޫގާ ހާދަ ކުޅަދާނައޭ މާއީގެ ހިތަށް އެރިއެވެ. އެއްޒަމާނެއްގައި އޭނަ ވެސް އެ ”މައުސޫމް” ކަމުގެ ދަޅަތަކަށް ހެއްލުނެވެ. ތޫގާއަށް ފުރިހަމައަށް އިތުބާރު ކުރެވުނެވެ. އެކަމުގެ ނަތީޖާ އޭނަގެ ކަރުބުޑުގައި ލީ ވަރަށް ވެސް ހިތިކޮށްނެވެ.

ރުކާންގެ ކުރިމަތީގައި ތޫގާގެ އަގުވައްޓާލަން ބޭނުންނުވާތީ މާއީ ޚިޔާރުކުރީ ހިމޭންކަމެވެ. އެކަން ފާހަގަކުރެވުނު ތޫގާގެ ތުންފަތުގައި މަކަރުވެރި ހިނިތުންވުމެއް ދުވެލިއެވެ.

”ކުޑާ ދެން ހިނގާބަލަ އަހަރުމެންނާއެކު ބޭރަށް…” ދެއްކުންތެރިކަމުގެ އިންތިހާ އެވެ. ތޫގާ ހިތާހިތުން މާއީ އޭނަގެ ހުށަހެޅުމާ ދެކޮޅުހެދުމަށް އެދެވެމުން ދިޔަ އިރު ބޭރުފުށުން ދެއްކީ މުޅިން ތަފާތު ކުލަވަރުތަކެކެވެ.

”ވަރަށް ބޮޑަށް ވަރުބަލިވެގެން މިއުޅެނީ… ޔޫ ޓޫ ކޭން ގޯ…” މާއީ ބުނެލިއެވެ. އޭރު އޭނަ ހުރީ ތޫގާ ދެކެ ނުހަނު ފޫހި ވެފައެވެ. ވީހާވެސް އަވަހަކަށް ތޫގާ އެކޮޓަރިން ނިކުމެގެން ދާން ބޭނުންވެފައެވެ.

މާއީގެ ޖުމްލައިން ތޫގާގެ ހިތަށް ހަމަޖެހުން ލިބުނެވެ. ދެންވެސް ރުކާންގެ ލޮލުގައި އަނދުންއަޅުވަން ތަފާތު އެކި ގޮތްގޮތުން މާއީ އެއްބަސް ކުރުވަން އުޅުނެވެ. ދެން ވެސް މާއީ އިންކާރުކުރުމުން އަޑަށް މޮޅިވެރިކަން ގެންނަމުން އެންމެ ރަގަޅުކަމުގައި ބުނެލިއެވެ. ތޫގާ ދަމުން ދިޔައީ ހިތާމަނުކުރުމަށް އެތައް ފަހަރަކު މާއީ ގާތު އެދިފައެވެ. އަދި އޭނަ އަބަދުވެސް މާއީއެކު ވާނަންކަމަށާއި ހިތާމަތައް އޭނައާއި ހިއްސާކުރަން ބުނެލި ހިނދު އެދެލޮލުގައި ވަނީ ކަރުނަތަކެވެ.

ރުކާންގެ ފަހަތުން ކޮޓަރިން ނިކުންނަން ހިނގައިގަތް ތޫގާ އޭނަގެ ލޮލުން ފައިބަން އުޅުނު ކަރުނަ ފޮހެލަމުން ވިހަަކަމާއެކު ހިނިތުންވެލިއެވެ.

*****

ކޮޓަރި ހަމަހިމޭންވުމާއެކު މާއީއަށް ވިސްނެން ފެށުނީ ތޫގާ ދެއްކި ވާހަކަތަކާ މެދުގަ އެވެ. އެހިނދު އޭނައަށް ބަނޑުގައި އަތް ޖައްސާލެވުނެވެ. އޭނަގެ ލޮލަށް ކަރުނަ ޖަމާވެގެން އައީ ހިތަށް ކޮށްފައިވި ފުން އަސަރުތަކުންނެވެ. ޒިވާން ވަކިވެ ދިއުމުން ހިތުގައި ލެވިފައިވި ތާޒާ ޒަހަމްތަކުގައި ތޫގާ އެދިޔައީ ލޮނުމިރުސް ލާފަ އެވެ. ވިސްނަން ބޭނުންނުވި ކަމުގައި ވިޔަސް މާއީގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެވާހަކަތަކެވެ. އޭނަގެ ދަރިފުޅަށް ބައްޕަގެ އޯގާތެރިކަމާއި ލޯބި ބޭނުންވާނެ މިންވަރު އިހުސާސްކުރެވި މާއީއަށް ގިސްލެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

ތަޤުދީރު ?

Next

ލޯބި ވެވުމުން

Next
October 24, 2018

ލޯބި ވެވުމުން

Previews
October 23, 2018

ތަޤުދީރު ?

8 Comments!

  1. Livee says:
    October 24, 2018 at 6:30 am

    Yayy me first dhw
    Vvv reethi hama speechless

  2. Lotus says:
    October 24, 2018 at 6:41 am

    Story v nice.. I hope another person will soon come to her life to heal her broken hrt..
    Waiting for nxt part

  3. Nimmy says:
    October 24, 2018 at 11:00 am

    I already hate this tooga, nimmy ge ves kurin huri ekahala friend eh. innocent, kind and sweet, but in the true form she was worse than a snake. Thooga ves hama ekahala… anyways story vvv nice, hope next part avahah genes deine kamah

  4. pimpi says:
    October 24, 2018 at 2:30 pm

    Varah rythi story.. Waiting for next part..

  5. mar-hath says:
    October 24, 2018 at 2:48 pm

    ❤️❤️story v reethi

  6. Khaleesi says:
    October 24, 2018 at 3:52 pm

    Rukaan will be maai ge man

    1. No one says:
      October 24, 2018 at 5:04 pm

      Khaleesi u re right..

  7. Maya says:
    October 24, 2018 at 5:33 pm

    Rukaan kannenge dhen maaee dheke lwbi vaani.. Or someone else will cime into her life to heal her broken heart ?❤️?????????❤️?❤️?❤️?❤️?❤️?❤️?i hate this thooga…

Comments are closed.

Next Episodeހޯދޭތޯ މަންޒިލެއް… 7←


All Right Reserved!