އެވްލީން… 3
ހަވީރުގެ ވަގުތެވެ. ނިދިފައި އޮތް އެވްލީންއަށް ހޭލެވުނީ ކޮޓަރީގެ ދޮރުހުޅުވިގެން ދިޔަ އަޑަށެވެ. އެވްލީން އަވަސް އަވަހަށް ދޮރާއި ދިމާއަށް ބަލައިލިއެވެ. އެވަގުތު ކޮޓަރިއަށް ވަން ޒަވީން ފެނުމާއެކު އެވްލީންއަށް ބުނެދޭން ނޭނގޭ ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. ” މިއަދު ހެނދުނު އަހަރެން ބުނީމެއްނު އެވްލީން ގޮވައިގެން ބޭރަށް ދާވާހަކަ….. ” ޒަވީން އެވްލީން އަތުގައި އަޅުވާލާފައިވާ ޗޭން ނައްޓާލިއެވެ. އެވްލީން ޒަވީންގެ ފަހަތުން ހިނގައިގަތީ ކޮޓަރިން ބޭރަށް ނިކުތުމަށެވެ. އެވްލީން ކޮޓަރިން ބޭރަށް ފިޔަވަޅެއް އެޅުމާއެކު އޭނައަށް ހީވީ އެތަށް ހާސް އަހަރު ވަންދެން ބަންދު ކުރެވިފައި އިން ކޮށްޓަކުން މިނިވަން ވީހެންނެވެ. އެވްލީން ޝުކުރުން ފުރިގެންވާ ނަޒަރަކުން ޒަވީންއަށް ބަލައިލިއެވެ. ޒަވީން ކަހަލަ މީހެއްގެ ހިމާޔަތަށް އޭނަ އެދޭތާ މިހާރު އެތަށް އަހަރު ވެއްޖެއެވެ. ބިޔަ ގަސްތަކުން މުޅިހިސާބުގަނޑު ފެހި ކޮށްލާފައި ވާއިރު ކޮވެލީގެ އަޑު މެދު ކެނޑުމެއްނެތި އިވެމުން ދިޔައެވެ. ” ފުރަތަމަ ދާނީ މޫދު ބަލަން ދޯ ؟ ” ޒަވީން އެހިއެވެ. އެވްލީން އާނއެކޭ ބުނުމުގެ ގޮތުން އަވަސް އަވަހަށް ބޯޖަހާލުމާއެކު ޒަވީން އެވްލީން ގޮވައިގެން ދިޔައީ މޫދާވީ ދިމާލަށެވެ.
އެވްލީންއާއި ޒަވީންއާއި ދިމާއަށް ގިނަ އަދަދެއްގެ ޑޮކްޓަރުން ބަލަހައްޓައިގެން ތިބީ ޤަބޫލުކުރަން ދަތި ނަޒަރަކުންނެވެ. ވާނީވެސް އެހެންތާއެވެ. މީގެ ކުރިން ދެކެފައި ނުވާ މަންޒަރެއް ލޮލުން ފެނުމުން އެކަން ޤަބޫލުކުރަން ދަތިވީއެވެ. އެވްލީންއަކީ އޭނަގެ ކޮޓަރިއަށް މީހަކު ވަންނަން ހުއްދަދޭ މީހެއްވެސް ނޫނެވެ. ކުއްލިޔަކަށް އެވްލީންއަށް އެހާ ބޮޑު ބަދެލެއް އަންނަމުން ދާތީވެ ހުރިހާ ޑޮކްޓަރުންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ނަމަވެސް ފިޒާޔާގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރި ކަމެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އޭނަ ޒަވީންގެ މަސައްކަތަށް ހުރަސް އަޅާނެ ކަމަށް ހިތާހިތުން ވަޢުދުވިއެވެ.
ދޮންވެލި ގަނޑުމަތީގައި އިށީންދެލައިގެން އިރުގެ ވަދާއުގެ މަންޒަރަށް ބަލަހައްޓައިގެން އިން އެވްލީންގެ މޫނުމަތިން ފެންނަމުން ދިޔައީ މީގެ ކުރިން ދެކެފައި ނުވާފަދަ އުފާވެރިކަމެކެވެ. ދޭތެރެއަކުން އެވްލީން ދޮންވެލި ގަނޑާ ކުޅެލައެވެ.
ދުރުގައި ހުރި ގަހަކަށް ލެނގިލައިގެން ހުރި ޒަވީންގެ ނަޒަރު ހުއްޓާލެވިފައިވަނީ އެވްލީންއާއި ދިމާއަށެވެ. އެވްލީން ޒަވީންއަށް ހަދާފައިވާ ސިހުރެއްގެ ސަބަބުން ޒަވީންއަށް އެވްލީން ނޫން އެހެންދިމާއަށް ބަލައެއް ނުލެވެއެވެ. ހިޔާލެއް ފިކުރެއްނެތި ކުޑަކުއްޖެއް ފަދައިން އެވްލީން ދޮންވެލި ގަނޑާއި ކުޅެމުން ދިޔައިރު ދޭތެރެއަކުން ހިނިތުންވެލައެވެ. އެވްލީންގެ މޫނަށްވެރިވާ ހިނިތުންވުމަކީ މިހާރު ޒަވީންގެ ހިތުގެ ހިތްހަމަޖެހުމަށް ވަނީ ވެފައެވެ. އިރުގެ ދަޅަތައް އެވްލީންގެ މުށި ކުލައިގެ ލޮލަށް އެޅިފައި ވުމާއެކު އެލޮލުގެ ވިދުން އިތުރު ކޮށްދީފައިވާހެން ހީވެއެވެ.
” ޒަވީން…. ” އެވްލީން ޒަވީން އަށް ގޮވާލިއެވެ. އެވްލީންގެ އަޑަށް ޒަވީންއަށް ހީވީ ހުވަފެނަކުން ހޭލައްވާލިހެންނެވެ. ޒަވީން އިސްތަށިގަނޑުގައި އަތް ހިންގާލުމަށްފަހު އަވަސްވެގަތީ އެވްލީން ކައިރިއަށް ދިއުމަށެވެ. ” ރީތި ދޯ ؟ ” އެވްލީން އިޝާރާތްކޮށްލީ ދޮންވެލިން ހަދާފައިވާ ހިތަކާއި ދިމާއަށެވެ. ” ވަރަށް ރީތި…. ” ޒަވީން ބުންޏެވެ.
ޒަވީން އެވްލީންއާއި ދާދިކައިރީގައި އިށީނެވެ. ޒަވީން އެހާ ކައިރީގައި އިށީނުމާއެކު އެވްލީންގެ ހިތުގެ ތެޅުން އަވަސް ވެގެންދިޔައެވެ. ޒަވީންގެ މޫނަށް އެވްލީން ބަލައިލިއެވެ. އެވަގުތު ޒަވީން އެވްލީންއަށް ބަލަހައްޓައިގެން ހުރުމުގެ ސަބަބުން އެވްލީން ރަކިވިއެވެ. އެވްލީންގެ މޫނު ރަތްވެގެން ދިޔައީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ” ހިނގާ ރަށުތެރެ ބަލާލަންދާން…. ” ޒަވީން ދޮންވެލި ގަނޑުމަތިން ތެދުވެލިއެވެ.
* * *
އިރުއޮއްސި އަނދިރިކަން ވެރިވާން ފެށުމާއެކު ޒަވީން އެވްލީން ގޮވައިގެން ދިޔައީ އެވްލީންއަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއަށެވެ. އެވްލީން ކިތަންމެ ވަރަކަށް އެތަނަށް ދާން ބޭނުންނުވި ކަމުގައި ވީނަމަވެސް ޒަވީން ބުނުމުން ބޮޑާހާކާކަށް ނުކެރުނެވެ. ބަސްއަހާ ކުޑަކުއްޖެއް ފަދައިން ޒަވީންގެ ފަހަތުން އެވްލީން ކޮޓަރިއަށް ވަނެވެ. އެވްލީން ގޮސް އެނދުގައި އިށީނުމާއެކު ޒަވީން މާދަމާ އަންނާނެ ކަމަށްބުނެ ހިނގައިގަތީ ކޮޓަރިން ނިކުތުމަށެވެ.
” ޑޮކްޓާރ ޒަވީން…. ” ޒަވީން އޭނަގެ ކެބިންއަށް ވަންތަނާ ފަސްއެބުރި ބަލާލެވުނީ ފިޒާޔާގެ އަޑަށެވެ. ” މިރޭ އެބައޮތް ސްޓާފް މީޓިންގްއެއް 9 ޖަހާއިރު…. ” ފިޒާޔާ ޒަވީންއާ އަރާހަމަކުރަމުން ބުންޏެވެ. ” އައިވިލް ބީ ދެއާރ އެޓް 9 ” ޒަވީން ބުންޏެވެ. ޒަވީންގެ ޖުމްލަ އަޑު އިވުމާއެކު ފިޒާޔާގެ މޫނަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ” އޯކޭ…. ” ފިޒާޔާގެ ފޯނު ރިންގްވާން ފެށުމާއެކު އޭނަ އަވަސް ވެގަތީ އެތަނުން ދިއުމަށެވެ.
* * *
” ހެލޯ… ” ޒަވީންގެ ކެބިންއާއި ތަންކޮޅެއް ދުރަށް ދެވުމާއެކު ފިޒާޔާ ފޯނުނަގައި ވާހަކަދައްކަން ފެއްޓިއެވެ. ” ހުރިހާ ކަމެއް ރެޑީ ވެއްޖެތަ ؟ ” އެކޮޅުން ވާހަކަ ދައްކަމުން ދިޔައީ ފިރިހެނެކެވެ. ” ހުރިހާ ކަމެއް ރެޑީވެއްޖެ…. މިރޭ ޒަވީން 9 ޖަހާއިރު ދާނެ މީޓިންގްއަށް…. އޭނަ ދިޔައީމަ ކަލޭމެން ގޮސް އެވްލީން ގޮވައިގެން ދާނީ ލެބަށް… އެތަނަށް އޭނަ ގެންދިޔައީމަ އެތާނގަ ތިބޭ ނަރުހުން ހުރިހާ ކަމެއް ކުރާނެ…. ” ފިޒާޔާ އެމީހާގެ ސުވާލަށް ޖަވާބު ދިނެވެ. ” ކޮން އިރަކު ފައިސާ ދޭނީ ؟ ” އެމީހާ އެހިއެވެ. ” މިރޭ ހުރިހާ ކަމެއް ރަނގަޅަށް ދިޔައިމަ ނޫނި އެއްމެ ލާރި އެއްވެސް ނުލިބޭނެ… ކުރީ ފަހަރުވެސް ކަލޭމެން ހުރިހާކަމެއް ހަރާބުކޮށްލީ… އެދުވަހު ނަސީބަކުން އަހަރެން ސަލާމަތްވީ….. ” ފިޒާޔާގެ އަޑުގައިވަނީ ރުޅިވެރިކަމެވެ. ” އޭނަ މައިތިރި ނުކުރެވެންޔާ ވާނީ އެހެނެއްނު….. ” ” ބޭކާރު ވާހަކަ ނުދައްކާ… މިރޭ އެންމެ ފުރަތަމަ ކަމަކަށްވެސް އޭނަ ގަޔަށް ޑްރަގް އިންޖެކްޝަން ޖަހާތި…. ” ފިޒާޔާ އެމީހާގެ ޖުމްލަ މެދުކަނޑައިލިއެވެ.
ފިޒާޔާ ފޯނު ކަނޑާލުމަށްފަހު ފޯނު ޖީބަށްލިއެވެ. ” އަހަރެން ބަލާނަން ޒަވީންއަށް މިރެއަށް ފަހު އެވްލީން ރަނގަޅު ކުރެވޭތޯ…. ” ފިޒާޔާގެ މޫނަށް ވިހަ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
ވަގުތު ހަލުވިކަމާއެކު ހިނގަމުން ގޮސް 9 ޖަހަން 5 މިނެޓަށް ވެއްޖެއެވެ. ޒަވީން ތައްޔާރު ވެލައިގެން ހަލުއި ފިޔަވަޅު ތަކެއްގައި ދިޔައީ މީޓިންގް ރޫމަށެވެ. މީޓިންގް ރޫމުގެ ދޮރު ހުޅުވާލުމަށްފަހު ޒަވީން އެތެރެއަށް ވަން އިރު ހުރިހާ ޑޮކްޓަރުން އެތަނަށް ޖަމާވެފައި ތިއްބެވެ. ޒަވީން ފެނުމާއެކު ކޮންމެ މީހަކުވެސް ހިނިތުންވެލައެވެ. ” ޒަވީންއަށް އެނގޭތަ މިއަދުގެ އެންމެ ހޫނު ޚަބަރަކީ ކޮބާކަން ؟ ” ކާއިލް ޒަވީން ކައިރިއަށް ޖެހިލިއެވެ. ” ކޮން ޚަބަރެއްގެ ވާހަކަ ތިދައްކަނީ ؟ ” ޒަވީން އެހިއެވެ. ” ޒަވީން އެވްލީންއަށް ފަރުވާދޭން ފެށުމުން އެވްލީން ރަނގަޅު ވަމުން އަންނަ ޚަބަރު…. އެނބުރޭ ބުމަރެއްހެން މުޅި މިތާ ތެރޭ ދެކެވެނީ އެވާހަކަ ” ކާއިލް ބުންޏެވެ.
” މިއަދު ހުރިހާ ސްޓާފުން ކުއްލި ގޮތަކަށް މިތަނަށް މިގެނައީ އިސްލާހު ކުރެވުނު ޤަވާއިދުތަކެއް ބުނެދޭން…. ” މީޓިންގް ރޫމަށް ވަދެގެންއައި ފިޒާޔާ ރޫމުގެ މެދެއްހާ ހިސާބުގައި ހުއްޓިލަމުން ބުންޏެވެ.
* * *
ޒަވީންގެ ހިޔާލުތަކުގައި އޮތް އެވްލީން ސިއްސައިގެން ދިޔައީ ކޮޓަރީގެ ދޮރުގައި ބޭރުން އަޅުވާފައިވާ ތަޅު ހަލާކުކޮށްލި އަޑަށެވެ. ސިހިފައި އެވްލީންއަށް ދޮރާއި ދިމާއަށް ބަލާލެވުނެވެ. އެވަގުތު ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަން 3 ފިރިހެނުން ފެނުމާއެކު އެވްލީންގެ ހިތް ރުޅިވެރިކަމުން ވަށާލިއެވެ. ” މާއިލް މިއޮތީ އިންޖެކްޝަން….. އޭނަ އަތަށް މީތި ޖަހާ އަހަރެން މިތާ މަޑު ކުރާނަން މީހަކު އަންނަތޯ ބަލަން…. ” ޖީބުން އިންޖެކްޝަނެއް ނަގައި ފޮތިގަނޑަކުން މޫނު ނިވާކޮށްގެން ހުރި މީހަކު އަތަށް ދެމުން އެކަކު ބުންޏެވެ. މާއިލް އެއިންޖެކްޝަން އަތުލުމަށްފަހު ހަލުވި ފިޔަވަޅު ތަކެއްގައި ހިނގައިގަތީ އެވްލީންއާއި ދިމާއަށެވެ.
” ދޫކުރޭ… ” އެވްލީން މާއިލް ކޮށްޕާލިއެވެ. އެފަދަ ކަމަކަށް ހުށިޔާރު ވެގެން ނެތް މާއިލް ގޮސް ޖެހުނީ އެތާހުތި މޭޒެއްގައެވެ. މޭޒުގައި ޖެހުނުލެއް ބާރު ކަމުން މާއިލްގެ އަތުން އިންޖެކްޝަން ވިއްސައިގެން ދިޔައެވެ، ” ޒައިދް… ” ފެހި ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހާއަށް މާއިލް އިޝާރާތް ކޮށްލިއެވެ. ބުރަކަށީގައި އަޅަމުން ދިޔަ ވޭނުގެ ސަބަބުން މާއިލްގެ ލޮލުން ކަރުނަ ހިލުނެވެ.
ޒައިދް އިންޖެކްޝަން ނަގަމުން އެވްލީން އާއި ދިމާއަށް ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ. ޒައިދް ދިޔަ ބާރު މިނުގައި ގޮސް އެވްލީންގެ ގައިގައި ވަރަށް ބާރަށް ހިފަހައްޓާލިއެވެ. ޒައިދް ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން އެވްލީން ހުރީ ގުޑިލަންވެސް ނުކެރިފައެވެ. ކިތަންމެ ރުޅިއައި ކަމުގައި ވީނަމަވެސް އެވްލީންގެ ހިތް ބިރުވެރިކަމުން ވަށާލައިފިއެވެ. ” ކަލޭ ހީކުރީ ދޯ ކަލެއަށް ވުރެ މާބާރު ގަދަ މީހަކު ނެތްކަމަށް… ” ޒައިދް އެވްލީންގެ ކޯތާފަތް މައްޗަށް އެތިފަހަރެއް ވީއްލައިލިއެވެ. ޒައިދް ޖެހިލެއް ބާރުކަމުން އެވްލީންގެ މޫނަށް އެނބުރުން އަރައިގެން ދިޔައެވެ. އެވްލީންގެ ލޮލަށް ޖަމާވި ކަރުނަތަކުން އެކޯތާފަތް ތެއްމާލީ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. ޒައިދް އެވްލީންގެ ގަޔަށް އިންޖެކްޝަން ޖެހުމާއެކު އެވްލީން ޚަބަރު ހުސްވެގެން ބިންމައްޗަށް ވެއްޓުނެވެ. ޒައިދް އެވްލީން އަތްދަނޑި މައްޗަށް އުފުއްލާލުމަށް ފަހު ހިނގައިގަތީ ލެބާއި ދިމާއަށެވެ.
” މިއަދުން ފެށިގެން ކޮންމެ ޕޭޝެންޓަކަށް ފަރުވާ ދިނުމުގައި ވަކި ކަންތައްތައް ހަމަޖެހިގެންދާނެ… އޭގެ ތެރޭގައި ފޭޝެންޓުންގެ ސޭފްޓީއަށް ޓަކައި ކޮންމެ ޑޮކްޓަރަކު ނަގާ ޑިޒިޝަންތައް ބޯޑާ ހިއްސާކުރަން ޖެހޭނެ…. އަދި ހަމައެއާއެކު ބޯޑާ ހިއްސާނުކުރައްވައި އެއްވެސް ކަމެއް ކޮށްފިނަމަ އެ ޑޮކްޓަރަކު ޕާރމެނަޓްލީ ބޭން ކުރެވޭނެ…. ފޭޝެންޓުން ބޭރަށް ގެންދިއުމުގައި ވަކި ލިމިޓެއް މިއަދުން ފެށިގެން އޮންނާނެ، އެ ލިމިޓަކީ ހަފްތާއަކު 1 ދުވަސް… ” ފިޒާޔާ ދައްކަމުން ދިޔަ ވާހަކަ ތަކުގެ ސަބަބުން ޒަވީންގެ ޠަބީއަށް ގޯސްވަމުން ދިޔައެވެ. ފިޒާޔާ ގަސްތުގައި އޭނަ ކުރާ މަސައްކަތަށް ހުރަސްއަޅަން ކުރާ ކަމެއްކަމުގައި ޒަވީންއަށް ހީވަމުން ދިޔައެވެ. ” އުންމީދުކުރަން މި ރޫލްސްތަކާމެދު ހުރިހާ ޑޮކްޓަރުން ވެސް ހިތްހަމަ ޖެހޭނެކަމަށް…. ” ފިޒާޔާ އޭނަގެ ވާހަކަ ނިންމާލިއެވެ. ފިޒާޔާގެ ވާހަކަ ނިމުމާއެކު ޒަވީން އަވަސްވެގަތީ މީޓިންގް ރޫމުން ނިކުތުމަށެވެ.
” ޒަވީން މަޑުކޮށްބަލަ….. ޒަވީންއާއި ބައްދަލުކުރަން ބަޔަކު އެބަތިބި އައިސް….. ” މީޓިންގް ރޫމުން ނިކުންނަން ދިޔަ ޒަވީންގެ ފިޔަވަޅުތައް ހުއްޓުނީ ފިޒާޔާގެ އަޑަށެވެ.
* * *
ޒައިދް އެވްލީން ލެބްގައި ހުރި އެނދުމަތީގައި ބޭއްވުމާއެކު ނަރުހަކު އައިސް އެވްލީންގެ އަތާއި ފައި ބަނދެލުމަށްފަހު އެވްލީންގެ އަނގައިން އަޑު ބޭރު ނުވާގޮތް ހެދި އެވެ. ” ހައިގަ ދޯ ހުރީ…. ؟ ” އެވްލީންގެ ބޮލުގައި ބޭންޑެއް ކަހަލަ އެއްޗެއް އަޅުވާލަމުން ނަރުސް ކުއްޖާ އަހާލިއެވެ. މެޝިންތަކާ ކުޅެން އިންކުއްޖާ ބޮލުގެ އިޝާރާތުން އާނއެކޭ ބުނުމާއެކު ނަރުސް ކުއްޖާ މެޝިން އޮންކޮށްލިއެވެ. މެޝިން އޮންކޮށްލުމާއެކު އެވްލީންގެ ހަށިގަނޑަށް ލޮޅުން އަރައިގެން ދިޔައެވެ. ދެތިން ޝޮކް ދީ ނިމުނު އިރު އެވްލީންގެ ހާރޓް ބީޓް ދައްވާން ފެށުމާއެކު ނަރުސް ކުއްޖާ ހާސްވާން ފެށިއެވެ.
” މައިހާ.. ކޯލް ފިޒާޔާ މޭމް… ” ނަރުސް ކުއްޖާގެ އަޑުގައި ވަނީ ހާސްކަމެވެ. ނަރުސް ކުއްޖާގެ އަޑަށް މެޝިނާއި ކުޅެން އިން ކުއްޖާ އޭނަގެ ފޯނުނަގައި ފިޒާޔާއަށް ގުޅާލިއެވެ. ” ވިލްޝާ ފިޒާޔާ މޭމް ފޯނެއް ނުނަގާ… ” ދެފަހަރު ފިޒާޔާގެ ފޯނަށް ގުޅުމުންވެސް ފިޒާޔާ ފޯނެއް ނުނެގިއެވެ. ” މައިހާ ދޭބަލަ ފިޒާޔާ މޭމް ހޯދަން…. އިޓްސް އޭން އެމަރޖެންސީ…. ބުނޭ އެވްލީން ހާރޓް އެޓޭކެއް ޖެހިއްޖެއޭ…. ” ވިލްޝާ އަވަސްވެގަތީ އެވްލީން އެމަރޖެންސީ ރޫމަށް ގެންދިއުމަށެވެ. ވިލްޝާގެ ޖުމްލަ އަޑުއިވުމާއެކު މައިހާ އަވަސް ވެގަތީ ފިޒާޔާ ހޯދަން ދިއުމަށެވެ.
މީޓިންގް ރޫމަށް ވަން މައިހާ ވަނީ ދާހިތްލާ ފޯވެފައެވެ. މައިހާ މުޅިތަނަށް ނަޒަރު ހިންގާލިއެވެ. އެވަގުތު ތަންކޮޅެއް ދުރުގައި ބަޔަކާ ވާހަކަ ދައްކަން ހުރި ފިޒާޔާ ފެނުމާއެކު މައިހާ ބާރު ފިޔަވަޅުތަކެއްގައި ހިނގައިގަތީ ފިޒާޔާ ކައިރިއަށް ދިއުމަށެވެ. ” މޭމް…. ” މައިހާގެ އަޑަށް ފިޒާޔާ މައިހާއާއި ދިމާއަށް ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ. ” އެކްސް ކިއުޒްމީ… ” ފިޒާޔާ މައިހާއާއި އެކީ ހިނގައިގަތީ މީޓިންގް ރޫމުން ބޭރަށް ނިކުތުމަށެވެ.
” ކިހިނެއްވީ… ” މީޓިންގް ރޫމުން ނުކުމެވުމާއެކު ފިޒާޔާ ހަޅޭއްލަވައިގަތެވެ. ” އެވްލީން… އެވްލީން… ” މައިހާއަށް ވާހަކަދައްކަން އުނދަގޫ ވިއެވެ. ” އޭނައަށް ކިހިނެތްވީ ؟ ” ފިޒާޔާ އެހިއެވެ. މައިހާއަކަށް ފިޒާޔާގެ ސުވާލަށް ޖަވާބެއް ނުދެވުނެވެ. ބިރުގެންފައި ހުރި ވަރުން ވާހަކަދައްކަން އުނދަގޫވަނީއެވެ. ” އެވްލީންއަށް ކިހިނެތްހޭވީ…. ؟ ” މައިހާގެ ފަރާތުން ޖަވާބެއް ނުލިބުމުން ފިޒާޔާ އަޑަށް ބާރުލާފައި ސުވާލު ކޮށްލިއެވެ. ފިޒާޔާގެ އަޑަށް މައިހާ ދިޔައީ ސިއްސައިގެންނެވެ. ” އެވްލީންއަށް ހާރޓް އެޓޭކެއް ޖެހިއްޖެ.. ” މައިހާ ބުންޏެވެ. ” ވަޓް !! ” ފިޒާޔާއަށް ބުނެލެވުނެެވެ. މީޓިންގް ރޫމުން ނިކުތް ޒަވީންއަށް ފިޒާޔާއާއި މައިހާ ދައްކަން ތިބި ވާހަކަ ރީތިކޮށް އަޑުއިވުނެވެ.
” ކޮބާ އެވްލީން މިހާރު ؟ ” ޒަވީން ފިޒާޔާ މެންނާއި އަރާ ހަމަކުރަމުން މައިހާއާއި ސުވާލުކޮށްލިއެވެ. ” އެމަރޖެންސީ ރޫމުގައި…. ” ފިޒާޔާގެ މޫނަށް ބަލައިލުމަށްފަހު މައިހާ ބުންޏެވެ. ފިޒާޔާ ހުރީ ރުޅިއައިސް ރަތްވެފައެވެ. މައިހާގެ ފަހަތުން ޒަވީން ހިނގައިގަތީ އެމަރޖެންސީ ރޫމައި ދިމާއަށެވެ. ” އިޑިއަޓްސް…. އެއްވެސްކަމެއް ރަނގަޅަށް ނުކުރެވޭނެ…. ” ފިޒާޔާ ދަތްކުނޑި ވިކައިލިއެވެ. އެވްލީން ދެކެ ކިތަންމެ ރުޅިއައި ކަމުގައި ވީނަމަވެސް ފިޒާޔާވެސް އެމަރޖެންސީ ރޫމައި ދިމާއަށް ހިނގައިގަތެވެ.
* * *
އެމަރޖެންސީ ރޫމަށް ވަން ޒަވީންއަށް އެވްލީން ބާއްވާފައި އޮތް އެނދާއި ދިމާއަށް ދުއްވައިގަނެވުނެވެ. އެވްލީންގެ ހާލު ފެނުމާއެކު ޒަވީންގެ ހިތަށް ފުންއަސަރު ތަކެއް ކުރިއެވެ. ” މީ ކިހިނެއް ހިނގިކަމެއް ؟ ” ޒަވީން ސުވާލުކޮށްލީ ވިލްޝާއާއެވެ. ޒަވީންގެ އަޑުގައި ރުޅިވެރިކަން އެކުލެވިގެންވިއެވެ. ” ސާރ… މިކަން ހިނގީ ކިހިނެތްކަމެއް ނޭނގޭ…. އެވްލީންގެ ހަޅޭކުގެ އަޑަށް އަހަރެން އަދި މައިހާ އެކޮޓަރިއަށް ދިޔައިރު އެވްލީން އޮތީ ފެއިންޓްވެފައި…. ” ” މައިހާ ކާއިލް ގޮވައިގެން އާދޭ…. ” ފިޒާޔާ ވިލްޝާގެ ޖުމްލަ މެދު ކަނޑާލުމަށްފަހު ވިލްޝާއާއި ދިމާއަށް ލޯއަޅާލިއެވެ.
ކުޑަ އިރުކޮޅެއް ފަހުން މައިހާ އާއެކު އެމަރޖެންސީ ރޫމަށް ވަން ކާއިލް ފެނުމާއެކު ފިޒާޔާ ލޮލުގެ އިޝާރާތުން ވިލްޝާ ކައިރީގައި އޭނައާއެކު ބޭރަށް އައުމަށް އަމުރުކުރިއެވެ. ފިޒާޔާގެ ފަހަތުން ހިނގަމުން ދިޔަ ވިލްޝާ ބިރުން ގޮސް ރޫރޫ އަޅަމުން ދިޔައެވެ.
އެމަރޖެންސީ ރޫމް ކައިރީގައި ހުރި ކޮޓަރިއަކަށް ފިޒާޔާގެ ފަހަތުން ވިލްޝާ ވަނުމާއެކު ފިޒާޔާ އަތުގައި ހުރި ހުރިހާ ބާރަކާއެކު ދޮރު ލައްޕާލިއެވެ. ” ކަލޭގެ ފަރުވާ ކުޑަކަމުން މިހުރިހާ ކަމެއް ހިނގީ… !! ” ފިޒާޔާގެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. ” މޭމް ބުނި ގޮތަށް އަހަރެން ހުރިހާ ކަމެއް ކުރީ… ” ހިތްވަރުކޮށްލާފައި ވިލްޝާ ފިޒާޔާއާއި ކުރިމަތިލިއެވެ. މީގެ ކުރިން ފިޒާޔާގެ ކުރިމަތީގައި އެގޮތަށް ވިލްޝާ ވާހަކަދައްކާފައެއް ނެތެވެ. ” އަހަރެން ކޮންއިރަކު ބުނީ އެވްލީންއަށް އެހާ ގިނަ ޝޮކްދޭށޭ ؟ ގަމާރަކަށް ވެސް އެނގޭނެ އެހާ ގިނަ ޝޮކް ދިނީމަ މީހާގެ ފުރާނަވެސް ހިނގައިދާނެކަން…. ” ފިޒާޔާ ބުންޏެވެ.
” ކަލޭ ތިހުރީ ވަޒީފާއިން ވަކިކޮށްފަ…. ” ފިޒާޔާ ބުންޏެވެ. ” މޭމް… އަހަރެން މިވަޒީފާއިން ވަކިނުކުރޭ…. ” ވިލްޝާ އާދޭސް ކުރަން ފެށިއެވެ. ” އަހަރެން ބޭނުމެއް ނޫން ކަލޭ ދައްކާ ބޭކާރު ވާހަކަ އަޑުއަހާކަށް…. ” ފިޒާޔާ ވިލްޝާގެ އާދޭސް ތަކަށް ދިނީ ބީރު ކަންފަތެކެވެ. ފިޒާޔާގެ ޖުމްލައިން ވިލްޝާ ރުޅިއައެވެ. ” ފިޒާޔާ… ” ކޮޓަރިން ބޭރަށް ނިކުންނަން ދިޔަ ފިޒާޔާ ހުއްޓުނީ ވިލްޝާގެ އަޑަށެވެ. ފިޒާޔާއަށް ވިލްޝާއާއި ދިމާއަށް ޚައިރާންކަމާއެކު ބަލައިލެވުނެވެ. ވިލްޝާ ދުވަހަކުވެސް ފިޒާޔާއާއި ދިމާއަށް އޭނަގެ ނަމުން ގޮވާފައެއް ނުވެއެވެ.
” ކިހިނެއްވާނީ އަހަރެން ފިޒާޔާގެ ހަޤީޤަތް ޒަވީންއަށް ކިޔާދީފިއްޔާ ؟ އެވްލީން މޮޔަވީކާކުގެ ސަބަބުންކަން ބުނެދީފިއްޔާ ؟ ” ވިލްޝާ ފިޒާޔާ ކައިރިއަށް ޖެހިލިއެވެ. ވިލްޝާގެ ޖުމްލައިން ފިޒާޔާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ” ކަލޭ އަހަންނަށް ބިރު ދައްކަންތަ ތިއުޅެނީ ؟ ” ފިޒާޔާ ބުންޏެވެ. ” 10000 ރުފިޔާ ނުދީފިއްޔާ ފިޒާޔާގެ ހަޤީޤީ ސޫރަ ހުރިހާ އެންމެން ކުރިމައްޗަށް ގެނައުމަކީ އަހަންނަށް އުނދަގޫ ކަމެއް ނޫން…. ” ވިލްޝާ ބުންޏެވެ. ” ބުނަންތަ ވާހަކައެއް ! އަހަރެން ކަލޭގެ އިންޒާރުތަކަށް ބިރެއް ނުގަނޭ…. ” ފިޒާޔާގެ ހިތް ބިރުންވެރިކަމުން ވަށާލި ކަމުގައި ވީނަމަވެސް އޭނަ އެކަން ހާމަކުރާކަށް ބޭނުމެއް ނުވިއެވެ. ” މިރޭ 1 ޖަހާއިރު އަހަރެން ބުނި އަދަދަށް ފައިސާ ނުލިބިއްޖެއްޔާ އަހަރެން ޒަވީންއަށް ހުރިހާ ވާހަކައެއް ކިޔައިދޭނަން… ” ވިލްޝާ ކޮޓަރިން ނިކުމެގެން ދަމުން ބުންޏެވެ. ފިޒާޔާ ދަތްކުނޑި ވިކައިގެން ހުރިއިރު އެލޮލުން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ.
ވިލްޝާ ނިކުމެގެން ދިއުމާއެކު ފިޒާޔާ އޭނަގެ ފޯނުނަގައި ޒައިދްއަށް ގުޅާލިއެވެެ. ” ޒައިދް… އަހަރެން ކަލެއަށް 15000 ރުފިޔާ ދޭނަން…. ވިލްޝާގެ ދުވަސް ދުއްވާލާ…. ” ޒައިދް ފޯނު ނެގުމާއެކު ފިޒާޔާ ބުންޏެވެ.
ކާއިލްއާއި ޒަވީންގެ މިންނެތް މަސައްކަތުން އެވްލީން ނުރައްކަލުން ސަލާމަތް ކުރެވުނެވެ. ” ޒަވީން .. އެވްލީން ވަރަށް އަވަހަށް ރަނގަޅު ވެދާނެ… ” އެވްލީންގެ އަތުގައި ހިފަހައްޓައިގެން ހުރި ޒަވީން އާއި މުހާތަބްކޮށް ކާއިލް ބުންޏެވެ. ކާއިލް ޒަވީންއާއި ވާހަކަ ދައްކާލުމަށްފަހު ހިނގައިގަތީ ބޭރަށް ނިކުތުމަށެވެ. ” އެވްލީން… ” ޒަވީންއަށް އެވްލީން އެފަދަ ހާލެއްގައި އޮތްތަން ދެކޭކަށް ކެތެއް ނުކުރެވުނެވެ. ޒަވީންގެ ލޮލުން ކަރުނަ ފާއްދާލީ އެއްވެސް އިހްތިޔާރަކާ ނުލައެވެ، މީގެ ކުޑަ ދުވަސް ކޮޅެއްކުރިން އެވްލީންއާއި ބައްދަލުވީ ކަމުގައި ވީނަމަވެސް އެހިތުން އެވްލީން އަށްވަނީ ޖާގައެއް ދެވިފައެވެ. އެޖާގައަކީ ކޮބާކަން ޒަވީންއަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އެވްލީންގެ އުފަލަކީ އެހިތުގެ ހިތްހަމަ ޖެހުންކަމެވެ.
* * *
އެވްލީން ހޭއަރާނެ އިރެއްގެ އިންތިޒާރުގައި ހުރި ޒަވީންއަށް އެސްފިޔަތައް ދުރުކޮށްލުމަށް ފަހު ލޯހުޅުވާލި އެވްލީން ފެނުމާއެކު އެހިތަށް އުފާވެރިކަން ގެނެސްދިނެވެ. ނަމަވެސް އެއުފާވެރިކަން ދެމިއޮތީ މަދު ވަގުތުކޮޅަކަށެވެ. އެވްލީން ސިހިފައި ޒަވީންއާއި ދުރަށްޖެހިލިއެވެ. ” ތީ..ތީ ކާކު… ؟ ” އެވްލީންގެ ދެލޮލުގައި ވިދަމުން ދިޔައީ ބިރުވެރިކަމެވެ. ” އެވްލީންއަށް ނޭނގެނީތަ ؟ މީ ޒަވީން… ” އެވްލީންގެ ވާހަކަތަކުން ޒަވީންގެ ހިތަށް އަސަރުކުރިއެވެ. އެވްލީން އޭނަ މަތިން ހަނދާން ނެތުނީ ބާވައެވެ. ” ދުރަށްދޭ… މިބުނީނު ދުރަށްދާށޭ!… ” ޒަވީން އެވްލީންގެ އަތުގައި ހިފާލުމާއެކު އެވްލީން ޒަވީންގެ އަތް ފޮޅުވާލިއެވެ.
އެވްލީންގެ ކޮންމެ ހަރަކާތަކުން އެވްލީންއަށް ކޮންމެވެސް ކަމެއް ވެއްޖެކަން ޒަވީން ދަނެގަތެވެ. ހާރޓް އެޓޭކެއް ޖެހުމުން އެހާ ބޮޑުބަދަލެއް ނާންނާނެއެވެ. އެވްލީން އެހުރީ ކުރިއަށްވުރެ ސަކަރާތްވެފައެވެ. އަނެއްކާ އެވްލީންއަށް ޝޮކެއް ދިނީބާވައެވެ ؟ ޒަވީންގެ ހިތުގައި ސުވާލުތައް ފުނިޖެހިގެން ދިޔައެވެ.
” އެވްލީން…. ” ޒަވީން އެވްލީންއަށް ތަންކޮޅެއް ބާރަށް ގޮވާލިއެވެ. ޒަވީންގެ އަޑަށް އެވްލީންގެ ހުރިހާ ހަރަކާތަކަށް ހުއްޓުމެއް އައެވެ. ކަރުނުން ފުރިފައިވާ ލޮލަކުން އެވްލީން ޒަވީންއާއި ދިމާއަށް ބަލައިލިއެވެ. ” އެވްލީން… އަހަރެން ނޫޅެން އެވްލީންއަށް އަނިޔާއެއް ކުރާކަށް…. ” ޒަވީން ބުންޏެވެ. ” އަހަރެން ވަރަށް ބިރު އެބަގަނޭ… ” އެވްލީން ދެފައި ކައިރި ކޮށްލުމަށްފަހު ރޮވިފައިއިން އަޑަކުން ބުންޏެވެ. ” އެވްލީން ބިރުނުގަނޭ…. އަހަރެން މިހުރީއެއްނު އެވްލީން ކައިރީގައި… ” ޒަވީން ބުންޏެވެ. ” އަހަރެން ސަލާމަތް ކޮށްދޭންތަ ތިއައީ ؟ އަހަރެން މިތަނުން ގެންދޭ…. ” އެވްލީން ޒަވީންގެ ގައިގައި ބައްދާލިއެވެ. ” އަހަރެން މިތަނުން ގެންދޭ…. ” އެވްލީންގެ ގިސްލުމުގެ އަޑުން ފަޒާގެ ހިމޭންކަން ފުނޑު ފުނޑު ކޮށްލިއެވެ.
އެމަރޖެންސީ ރޫމަށް ވަން ފިޒާޔާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނީ ބައްދާލައިގެން ތިބި އެވްލީންއާއި ޒަވީން ފެނުމުންނެވެ. މިއަދަކީ އޭނައަށް މުޅިން ބަދުނަސީބު ދުވަހެކެވެ. މިރޭ އޭނަ ޕްލޭން ކުރި ހުރިހާކަމެއް ދިޔައީ ނުބައިކޮށެވެ. ފިޒާޔާގެ ސިކުނޑިއަށް އައި ހިޔާލެއްގެ ސަބަބުން ފިޒާޔާ އޭނަގެ ފޯނުނަގައި އެވްލީންއާއި ޒަވީންގެ ފޮޓޯއެއް ނަގާލިއެވެ.
* * *
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ފޯނަށް މެސެޖެއްއައި އަޑަށް ވިލްޝާ އަވަސް އަވަހަށް ފޯނުނަގައި މެސެޖް ކިޔާލިއެވެ. ” ފެރީ ޓާރމިނަލް ކައިރިއަށް އާދޭ ފައިސާ ބަލާ… ” މެސެޖްގައި ލިޔެފައި އޮތެވެ. ވިލްޝާ އަވަސްވެގަތީ ކޮޓަރިން ނިކުތުމަށެވެ. ނަރުހުން ތިބުމަށް ޚާއްސަކުރެވިފައިވާ ބަޔާއި ފެރީ ޓާރމިނަލްއާއި ފުދޭވަރަކަށް ކައިރިވުމުން ފެރީ ޓާރމިނަލްއާއި ހިސާބަށް 5 މިނެޓްތެރޭގައި ދެވުނެވެ. ވިލްޝާ މުޅިތަނަށް ނަޒަރު ހިންގާލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ވިލްޝާގެ ހިތް ބިރުވެރިކަމުން ވަށާލީ ފުރަގަހުން މީހަކު އައިސް އޭނަގެ އަނގައިގެ މަަތީގައި އަތް އެޅުމުންނެވެ. ވިލްޝާ ހަޅޭއްލަވަން މަސައްކަތް ކުރިއެވެ. ނަމަވެސް އަރުތެރެއިން އަޑެއް ބޭރެއް ނުވިއެވެ. ޒައިދް ވިލްޝާގެ ކަރުގައި ވަޅި އަޅާލުމަށްފަހު ވިލްޝާ ކޮއްޕާލިއެވެ. މަރަށް ތެޅެމުން ދިޔަ ވިލްޝާގެ ފުރާނަ މި ފަނާވަނިވި ދުނިޔެއާ ވަކިވެގެން ދިޔަ ވަގުތު ވިލްޝާގެ އަނގައިން މަޑު އާހެއްގެ އަޑު ބޭރުވެގެން ދިޔައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.




Me first dhw varah reethi thank u a lot mutha
Me second yay. V reethi mi bai ves
Vvvsalhi dhen vaanee kihineh baa?
Mivaahaka kiyaavaguthu heevanee lolah fennahen
Vaanegotheh neygi mey thelhey beyrah nukunna carah
Rovijje vvreethi righter ah v
Bowkon thanks????
Hurihaa molheh fizaayaa ah libifa evlyn ah hurihaa dhereh libeythi v v v foohi ?
Bt mi story v salhi ☺️alhe fizaayaa kulhey kulhi gandu bust kohlaaba avah??evlyn ulhey haalu lolah fenna henn hyvany kiyamun dhaa iru ????Evelyn n zaveen dhuru nukurahche ?❤️❤️
Koba mitha miadhuge part up vany kon irakun
Alhe dhuuunie. Eveleen ehaaluga ulheythan dheken mi hithakah ketheh nuvaane. Please fizaya aa eveleen ge mamma aa kokko aa gulhigen dhw mikameh mi kurany. Vedhaane dhw eveleen aky e anhen myhaa kujjeh noon kamah ves. Eveleen vedhaane ennu ekokko ge half kokko sister akah ves. Dhen mudhalaa hedhi ekujjaa fakeerah jassaa haalu kamah ves. Varah fuuuuhi vey. Aslu ekahala dhashu dharajaige myhun mi mujuthamau ga ves ulhey kamah vany ????
Hey Koba miadhuge part
Mihaaru neyge miadhu mi site ah vadhevunu adhadheh ves
Vaahaka upnuvegen
Seyddo vefa mi iny ves
Gaimu knme dhuhuku 2 part up kuraaanamw buni knmx meeheh.. haha joke??