ސާޅީސް (ފަހުބައި)
އަވަސް ފަރުވާދޭ ޔުނިޓްގެ ތެރެއަށް ވަދެވުމާއެކު ފުލުހުންގެ އިސްވެރިއެއް ޒުލްފާގެ ކޮނޑުގައި އަތްބާއްވައިލިއެވެ. ކައިރީގައި އަންހެން ދެ ފުލުހުން ތިއްބެވެ. އެމީހުންގެ މޫނުމަތީގެ ހަރަކާތްތަކުން ކޮންމެވެސް ބޮޑުކަމެއް ވީކަން ހާމަވަމުންދިޔައެވެ. ނަރުހުންނާއި ޑޮކްޓަރުން ހޭލަމޭލަވުންތަކުން މުޅި އެމަޖަންސީ ރޫމު އޮތީ ހަލަބޮލިވެފައެވެ. އެންމެންގެ ނަޒަރު ހުއްޓިފައިވަނީ ޒުލްފާއަށެވެ. ނުދަންމީހުންނާއި ކުރިން އެތަނުގައި އެނދުމަތުކޮށްފައިވާ އެތައްބައެއްގެ ކަޅި ހުއްޓިފައިވަނީ ސީދާ ޒުލްފާއަށެވެ. އެހެންވެ އޭނާ ހާސްކަން އިންތިހާއަށް ބޮޑުވަމުން ދިޔައެވެ. ޒުލްފާ ގެންގޮސް ބޭންދީ ތަންކޮޅެއް ދުރުގައި ފަރުވާދޭން ތައްޔާރުކޮށްފައިވާ އެނދެއްގެ މަތީގައި ޒުލްފާ ބައިދަމުން ވަށައިގެން ފޮތިގަނޑު ކަހައިލިއެވެ. އެތެރޭގައި ތިބީ ދެ އަންހެން ފުލުހުންނާއި ފިރިހެން ފުލުހެކެވެ. އަންހެން ދެ ފުލުހުން ޒުލްގެ ދެފަރާތު ކޮނޑުގައި އަތްޖައްސާލައިގެން ތިއްބެވެ.
“އައްސަލާމް އަލައިކުމް! ޒުލް! މިއީ ޕޮލިސް ސަރޖަންޓް! ނާޖިހުމެން ޑިޕާޓްމަންޓްގެ އިސްވެރިޔާ! ޒުލް ވަރަށް ހައިރާންވެފަދޯ!” ޕޮލިސް ޔުނީފޯމުގައި އިން މީހާ ވާހަކަކުރިއަށް ގެންދިޔައެވެ. “ނާޖިހަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް މިއަދުވެއްޖެ!” އެމީހާ އިސްޖަހައިލިއެވެ. ޒުލްފާ ހަމަޖެހިލިއެވެ. މާޔޫސްކަން މޫނުމަތިން ފިލައިދިޔައީއެވެ.
“ރޭ… ރޭ..ގަ… ރޭ ފަތިހު ފުލުހުން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަނެއްގައި ނާޖިހަށް ކުރިމަތިވި އެކްސިޑެންޓެއްގައި އޭނާއަށް އަނިޔާތަކެއް ލިބުމުން މި ތަނަށް ގެނެސް ފަރުވާ ދެމުން މިދަނީ” ޒުލްފާގެ މޫނަށް ސީދާ ނަޒަރު އަމާޒުކޮށްލަމުން ޕޮލިސް ސާޖަންޓް މުޙައްމަދު ނަޝްވާނު ވާހަކަކުރިއަށް ގެންދިޔައެވެ. “އެނގޭ ދެރަވާނެކަން! ދެރަވެ މާޔޫސްވާނެކަން! ހިތްދަތިވާނެކަން ވެސް ވަޒަންކުރެވޭ! އެކަމަކު މިވާހަކަ ހިއްސާކުރަން ޖެހޭތީ މި ހިއްސާކުރީ! ނާޖިހުގެ ހާލަތު ވަރަށް ސީރިއަސް!”
ޒުލްފާ މަޑުމަޑުން ތުންފަތުގައި ދަތްއަޅައިލިއެވެ. މޫނުމަތިން އެއްވެސް ނުތަނަވަސްކަމެއް ފެންނާކަށް ނެތެވެ. ހީވަނީ އޭނާއަށް ބޮޑު ހަމަޖެހުމެއް ލިބެމުންދާހެންނެވެ. ބަހެއް ނުބުނިނަމަވެސް މޫނުމަތީގެ ނިޝާންތަކުން ބަލާމީހުންނަށް ވަޒަންކުރެވޭވަރުވެއެވެ.
“ތިޔަދައްކާ ލާމަސީލު މިސާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ހިތްވަރުގަދަކޮށް ބަލިމީހާއާ ކުރިމަތިލާތި! އަހަރެންގެ ހަޔާތުގައި މި ލިބުނު ހުރިހާ ތަޖުރިބާތަކާއި ކިޔެވި ހުރިހާ ކިޔެވުމަކުން އެނގުނު ވާހަކަތަކާ ޚިލާފުކަންތަކެއް ޒުލް ތިޔަ ތަމުސީލުކޮށްދެނީ! އެހެންވީމަ އެބައެނގޭ ތިޔައީ ލަމަސީލު ހަރުދަނާ މީހެއްކަން! ހިތާމައިގެ ވަގުތުގައި ހިތްވަރުކުރާ ކެރޭ ޒުވާނެއްކަން! ފިސާރި އަންހެނެއްކަން!” ނަޝްވާނު ހަމަޖެހިލިއެވެ. “ނާޖިހުގެ އަތަށްވަނީ ވަރަށް ބޮޑަށް އަނިޔާވެފައި! ކަނާއަތު ލޯކައިރިވެސް ވަނީ ޒަޚަމުވެފަ! ކަނާއަތުން ބޮޑުބައެއް ވަނީ ފިހިފަ! އެހެންވީމާ އޭނާއަށް އިތުރުފަރުވާ ދިނުމަށް ލަންކާއަށް ފުރަން މިހާރު މިދަނީ ތައްޔާރުވަމުން! ޒުލް ދާން ބޭނުންނަމަ ޒުލްއަށް ދެވޭނެ އިންތިޒާމު ހަމަޖައްސަދޭނަން! އެކަމަކު ނާޖިހު…. ނާޖިހު ބޭނުންވަނީ ޒުލް ނުލައި ފަރުވާއަށް ފުރަން!”
“ނާޖިހު އެބުނީ ތެދެއް! އަޅުގަނޑަށް މަތިން ދަތުރުކުރުން މިއީ އެހާ ރައްކާތެރި ދުވަސްވަރެއްނޫން! އެހެންވީމަ… އެކަމު… އެކަމަކު ވަރަށް ދާން ބޭނުންވޭ! އަޅުގަނޑަށް ނާޖީހުގެ މޫނު ދެކޭކަށް އޭނާ ގާތަށް ދާކަށް ނުކެރޭނެ! އޭރުން އަޅުގަނޑު ބަލިކަށިވެދާނެ! ނާޖީހު ފެންނަ ހިސާބުން އަޅުގަނޑުގެ ހިތްވަރު އެލި މާޔޫސްވެދާނެ! އަޅުގަނޑުގެ ހިތުގެ މައްޗަށް އަޅުގަނޑަށް ބާރު ނުފޯރުވިދާނެ!” ޒުލްފާ އިސްޖަހައިލިއެވެ. ޙަޤީޤަތުގައިވެސް އޭނާ ނާޖިހު ފެންނަ ހިސާބަށް ދާކަށް ބޭނުމެއް ނޫނެވެ. އޭނާ އަބަދުވެސް ބޭނުންވަނީ ނާޖިހާ ދުރުގައި އުޅޭށެވެ. އޭނާ ނާޖިހާއެކު އުޅެނީ އުޅޭ ހިތަކުންނޫނެވެ. އެއީ، ތަގުދީރުކުރެހި ރޮނގެއްގައި މައިންބަފައިން ޖެއްސި ކުލައެކެވެ.
“އެންމެ ރަނގަޅު! އަޅުގަނޑު އެހެން ހުރިހާ ކަމެއް ހަމަޖައްސާނަން! ޙަޤީޤަތުގައި ނާޖިހުވެސް ބޭނުމެއް ނޫން! ޒުލްފެންނަ ހިސާބަށް އޭނާ ގެންދާކަށް! އޭނާގެ ހާލަތު ސީރިއަސް ނަމަވެސް އިރާދަކުރައްވައިގެން ވާހަކަދެއްކުމަށް އެއްވެސް ބަދަލެއްނާދޭ! މިކޮޅުން ފުރުމުގެ ހުރިހާ އިންތިޒާމެއް މިދަނީ ހަމަޖައްސަމުން! އެހެންވީމަ އެންމެ ރަނގަޅު ދިޔަޔަސް! ފުލުހުންގެ އެހީއަކަށް ބޭނުންނަމަ އަޅުގަނޑާ ގުޅާ! މިއޮތީ ކާޑު! ތި ކުދިން ޒުލް ގެއަށް ގެންގޮސްދޭނެ!” ނަޝްވާނު ކޮޅަށް ތެދުވަމުން ކައިރީ ތިބި އަންހެން ދެ ފުލުހުންނަށް އިޝާރާތްކޮށްލިއެވެ.
ޒުލްފާ ގެއަށް ގޮސް ވަދެ ފުން ނޭވާއެއް ދޫކޮށްލިއެވެ. މަޑުމަޑުން ދޮރުލައްޕާލަމުން ސޯފާގައި ހަމަޖެހިލިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ފާރުގައި ތަތްކޮށްފައިވާ ޒުލްފާގެ ބޮޑު ޕޯސްޓަރެވެ. ކުރިން ނެތް ޕޯސްޓަރެއްވީމައެވެ. ޕޯސްޓަރުގެ ކަނުގައި “އަބަދުމެ ލޯބިވާ ކަލާ” އިނގިރޭސިބަހުން ފަވާލެވިފައި އޮތެވެ. ކައިރީ ހުރި ކުޑަމޭޒުމަތީގައި ޒުލްފާއަށް އެންމެ މީރު ވައްތަރުގެ ޗޮކުލެޓާއި ރަތްފިނިފެންމަލަކާއެކު އޮތެވެ. އެއާއެކު ކުޑަނޯޓެއް އޮތެވެ. ޒުލްފާ މަޑުމަޑުން ނޯޓް ކިޔައިލިއެވެ. “މިއަދަކީ ކަލާގެ ޙައްޤުގައި އެންމެ ބޮޑު ޤުރުބާނެއްވީ ދުވަސް!” އެހައި ހިސާބަށް ކިޔައިލެވުމާއެކު ޒުލްފާއަށް މެސެޖެއް ލިބުމުން ފޯނުން އެކަން އަނގައިދިނެވެ. އެހެނަސް ފަހުން މެސެޖު ނެގުމަށްބާއްވައި ނޯޓު ކިޔައިލުމަށް އަވަސްވިއެވެ. “ތިޔަ ލޯބީގެ ޙައްޤުގައި އަނާ ފަނާވެ މިދަނީ! އެދުނަސް ނޭދުނަސް ކަލާގެ ބަހަކުން އަނާގެ މި އަނާގެ ހިތަށް ތަސައްލީއެއްދީ! މިއަދުން ފެށިގެން އަނާއަށް އެސްއެމްއެސް ކުރެވޭނެ! އެކަމު އަދި ކަލާއާ ފޯނުން ގުޅައިގެން ވާހަކަދައްކާނެހާ ހިތްވަރެއް ނެތް! ކަލާވެސް އަނާއަށް މެސެޖުން މުއާމަލާތްކުރުން އެދެން! އަވަހަށް ފޯނުބަލައިލާ! އެއީ އަހަރެންގެ ނަންބަރު! އަބަދުވެސް ލޯބިވާ، އެދެމޭ ކަލާ” ޒުލްފާގެ ހައިރާންކަން އިންތިހާއަށް އިތުރުވިއެވެ. އަވަސްއަވަހަށް ފޯނު ނަގައި ބަލައިލިއެވެ. ނުދަންނަ ނަންބަރެކެވެ. މެސެޖު ބަލައިލިއެވެ. “އެދެމޭ ކަލާ”
“އަހަރެން ވަރަށް ބިރުގަނޭ! ނުދަންނަ މީހުންގެ ޝިކާރައަކަށް އަހަރެން ވާކަށް ބޭނުމެއްނޫން! އަހަރެން މީ ތިޔަ ހީކުރާ ކަހަލަ މީހެއް ނޫން! މިއީ މީހެއްގެ ހަލާލު އަނތްބެއް! ދެން ޒާތްޒާތަށް މައްލަވަކޮށް ޖެއްސުން ނުކުރޭ!” ޒުލްފާގެ ހިތުގައި ހުރިހާ ދުވަހަކު ރޯވެ އަނދަމުންދިޔަ ހުޅުގަނޑުފަޅައިގެން ގޮސް މެސެޖެއްގެ ސިފާގައި ބޭރުކޮށްލިއެވެ.
“ރަނގަޅު! ވަރަށް ރަނގަޅު! އެކަމު ހިތުގައި އަނދަމުންދަނީ އަލިފާން! އުޅެނީ އެކަނިވެރި އުޅުމެއް! މީހުންގެ ކުރިމަތީގައި ކުރެވުނު މުއާހަދާއެއް! އެއްވެސް އަގެއްނެތް ގުޅުމެއް! ތިޔައީ ލޭބަލްއެއް! ހަޤީޤަތަކީ ބޭއިންސާފު!” މެސެޖުގެ ޖަވާބު އައިލެއް އަވަސްކަމުން ޒުލްފާ ސިހުނެވެ. އެއަށްވުރެ ބޮޑަށް ހައިރާންވީ ފުންމާނަތަކެއް ފަހަތަށް އަމުނައިލަމުން ފެނުނު ޢިބާރާތްތަކުންނެވެ. ޝައްކުގެ ނަޒަރަކުން ނާޖިހަށް އިނގިލި ދިމާކޮށްލެވުނެވެ. ހިނދުކޮޅެއް ނުވަނީސް ޝައްކުއޮބިގެން ދިޔައީ ނާޖިހުގެ ހާލަތު ހިތަށް ވަޒަންކުރެވުމުންނެވެ. ސޯފާ މައްޗަށް ފޯނު އެއްލައިލެވުނީ ޒުލްފާއަށް ފޯނުދެކެ އާދެވުނު ރުޅީގައެވެ. ބޭނުން ނުވާ މެސެޖެއް ލިބުމުން ހަޖަމުނުވީއެވެ. ދެވަނަ މެސެޖެއް ލިބުނު އަޑުން މައިގެ ތެރެއިން ގުގުމައިލިއެވެ.
“ކީއްވެ އެއްޗެކޭ ނުބުނީ! މާނައަކީ ޙަޤީޤަތޭދޯ! މަޢާފުކުރޭ! އަހަރެން އެހާ ލޯބިވާ މީހަކު ރުޅިއަރުވާލެވުން އެއީ އަހަރެންގެވެސް ގޯސްކަން! ހިތްތެޅުވުން އެއީ އަހަރެން ދަންނަ ކަމެއްނޫން! އެކަމު އެކަން ދަސްކޮށްދިނީ ކަލާ! ޖެއްސުން ކުރުން އެއީ އަހަރެން ބޭނުންކަމެއް ނޫން! އެކަމު އެކަން ފަރިތަކުރުވީވެސް ހަމަ ކަލާ! މިހާދުރުގައި ހުއްޓަސް އަހަރެން ކަލާއަށް އިންތިޒާރުކުރާކަން…”
“އަހަރެން ތީނައަށް އެއްވެސް ކަމެއް ނުކުރަން! ފުރަތަމަ ކަމަކީ ވާހަކަދެކެވެނީ ކާކާކަން އެނގުން! އަހަރެންގެ މައުލޫމާތު ތިހާ ސާފުކޮށް އެނގޭ މީހާކު ނަމަ ޖެހިލުންނުވެ ނަން ނުބުނެ! ކާޑުފޮނުވާ.. މާ ފޮނުވާ.. ހަދިޔާބަދިޔާ ފޮނުވާ… މި ދެން ކޮންކަމެއް! އަހަރެންގެ ދިރިއުޅުމަކީ އަހަރެންގެ އަމިއްލަކަމެއް! މިއީ މީހަކު ވަންނަން ޖެހޭވަރުކަމެއް ނޫން! އިތުރަށް ވާހަކަދައްކަން ނޫނީ ގުޅުން ބާއްވަން ބޭނުންނަމަ ކާކުކަން ބުނެދީ!”
“އައްދޭ މޫނުމަތިން ގެއްލޭއިރަށް ހާދައަވަހަކަށް ހަނދާން ނެތެއޭދޯ! ދެން ހަމަ ދިމާވީމަވެސް… ވާހަކަވެސް ނުދައްކާނަންދޯ! އަހަންނަށް އެނގޭ ޒުލް އަހަރެންނާމެދު ވިސްނާކަން! އެކަން ހާމަކުރަން ނުކެރެނީ ކީއްވެކަންވެސް އެނގޭ! އަހަރެން ޤަބޫލުކުރަން އަހަރެން މީ ފިނޑިއެއްކަން! ޖެހިލުންވާ މީހެއްކަން! އެކަމުވެސް ވަރަށް ކެރިގެން މި ބުނަނީ! ޒުލްދެކެ އަހަރެން މިހާރު ވަރަށް ލޯބިވޭ… ވަރަށް ލޯބިވޭ… ޒުލްވެސް އަހަރެން ދެކެ ޙަޤީޤީ ލޯބިވޭ!”
“ފިނޑިކަމަކީ ލޯބީގެ ސިފައެއްނޫން! ފިނޑިންގެ ކަށީގައި ލޯބިވުމުގެ ހިތްވަރެއް ނުހުންނާނެ” ޒުލްފާ މެސެޖު ލިޔެލުމަށްފަހު ފޮނުވާލިއެވެ.
“ފިނޑިކަމަކީ ލޯބީގައި ކޮޅުފައިން ޖެހުން! ފިނޑިކަމަކީ ލޯތްބާ ދުރަށްދިއުން! ޒުލްގެ ޙައްޤުގައި އަހަރެން ދީވާނާވާ އިރު ހިތުގެ ތެޅުމަށް ފުރަގަސްދިނުންމަށްވުރެ ފިނޑިކަމެއް ނޯންނާނެ!” ޒުލްފާގެ މެސެޖަށް އަވަސް މެސެޖެއް ލިބުނެވެ.
މަޑުމަޑުން ރާގު ބަދަލުވަމުން ފޯނުގައި ލޯ ހިއްޕާނުލަން ކުރި ހުރިހާ ކަމެއް ފަނުފުލުންދިޔައެވެ. ދެފަރާތުން އެއްވާނެއްގައި މެސެޖުތައް ބަދަލުކުރެވެމުންދިޔައީ ހީވެސް ނުކުރާހާ އަވަސްކަމާއެކުގައެވެ. އެންމެފަހުން މުބާރާތް ނިމިގެން ދިޔައީ ޞުލްޙައިގެ ދަންމަރު ރޯކުރުމަށްފަހުގައެވެ. ކާކުކަން ނޭގުނަސް ޒުލްފާގެ ހިތާއި ސިކުނޑިން އެ ގޮތް ނޭގޭ މީހާ ތަދައްޚުލްވެގެންނެވެ.
ހަފުތާއެއް ފަހެވެ. ނާޖިހުގެ ފަރުވާ ނިންމާ މާލެއައީ އެ ހަފުތާގެ ހުކުރު ދުވަހުއެވެ. ދުވަހަކީ ބަންދު ދުވަހަކަށްވީތީ ޒުލްފާ ވެސް ގޭގައި އުޅުނެވެ.
“ޒުލް! ކީއްވެ އެއަރޕޯޓަށް ނުދިޔައީ! މަންމަމެން ހީކުރީ ޒުލް ދާނެކަމަށް! އަދިވެސް އެވަރަށް ހަމަ ހޮޑުލެވެނީތަ؟” ފޮރުޅުލީ ގޮނޑިއެއްގައި ނާޖިހު އެތެރެއަށް ކޮށްޕަމުން ނާޖިހުގެ މަންމަ ޒުލްފާއަށް އިޝާރާތްކޮށްލިއެވެ. “ބައްޕަޔާ ދޮންތަބޭ ވެއްޖެ ތިރީގައި… އިރާދަކުރައްވައިގެން ނާޖި އަށް ދެ ދުވަހެއްތެރޭ އެއްކޮށް ރަނގަޅުވާނެ! މިހާރު ފައި ވެސް ރަނގަޅު އެކަމު އަދި ހިނގާބިނގާވެ އުޅުން ރަނގަޅެއް ނުވާނޭ ޑޮކްޓަރ ބުނީ”
“ނާޖި ހާދަ ހިކިއްޖޭދޯ! ހީވަނީ އެހެން…” ބަދަލުގައި ޒުލްފާ ހިނިތުންވެލަމުން މޫނުމަތިން މާޔޫސްކަމުގެ އަސަރު ގަދަކަމުން ފާއްދާލުމަށް މަސައްކަތްކުރިއެވެ.
“އެހެންތާވާނީ… އެފަކީރަށް ރަނގަޅަށް ނުކެވޭ! ލަންކާގަ މިވީ ހަފުތާއެއްހާ ދުވަހު އަބަދު ކަމަކީ ރުއިން! ގިސްލަގިސްލާފައި ރުއިން! މަންމަ އެވަރަށް ސުވާލުކުރީމާ ވެސް… މަންމަ ހީކުރީ ޒުލް ތިހާލުގައި އިންދާ މިގޮތަށް ކަންތައް ދިމާވީމަ އެކަމާކަމަށް!”
ޒުލްފާ ހިނިތުންވުމެއް ވެރިކުރުވަމުން މޫނުމަތިން މާޔޫސްކަން ފާއްދާލިއެވެ. ސޯފާއިން ތެދުވަމުން ކުރިއަށް ޖެހިލިއެވެ.
“މަންމަ ހުންނާނެ ލައްކަ ސާމާނު ގަނެފަ! ކުޑަމީހާއަށް ބޭނުން ކުރާނެ ސާމާނު ވެސް… ދަރިފުޅުވެސް ވަރަށް ހިކިކަމަށް ދައްކާ… މީ ދަރިފުޅު ހިތްވަރު ގަދަކުރަންވީ ވަގުތަކީ… ފުރަތަމަ ތިންމަހު ވަރަށް ރަނގަޅަށް ބަލައިގެން އުޅެންވާނެ… ކެއުމާއި ބުއިމަށް އިތުރަށް ސަމާލުވާންވާނެ! އެހެންނޫނީ ދަރިފުޅުގެ ހެދިބޮޑުވުމަށް އަސަރުކުރާނެ!”
ނާޖިހު އިސްޖަހައިލައިގެން އިންގޮތަށް އިނީއެވެ. ބަހެއް ބުނުމުގެ ބަދަލުގައި ޒުލްފާއަށް ހަތަރުކަޅި ހަމަކޮށްލަން ވެސް ނުކެރިފައެވެ. ޒުލްފާ ބަލައިލީ ނާޖިހުގެ މޫނަށެވެ. ނުރުހުމުގެ ނަޒަރަކުންނެވެ. އެހައި ބޮޑަށް އެމީހުންނަށް އޮޅުވާލާ އާއިލާގެ އެންމެންނަށް އޮޅުވާލުމުންނެވެ. ކަންނުވަނީސް ނަންކުރުވުމުންނެވެ. ނުބީހެނީސް އެންގަން ކުރުވީމައެވެ.
އެދުވަހުގެ ރެއެވެ. ޒުލްފާ އިނީ ބޭރު ސޯފާގައި ޑުރާމާ ބަލާށެވެ. ނާޖިހުގެ ކޮޓަރީގެ ދޮރު ހުޅުވުމުން އެ ދިމާއަށް ބަލައިލެވުނެވެ. އަސާގަނޑެއްގެ އެހީގައި ނާޖިހު ބޭރަށް ނުކުތުމަށް މަސައްކަތްކުރިއެވެ. ނުފަރިތަ ކަމާއެކު އަސާގަނޑު ބޭނުންކުރަމުން މަޑުމަޑުން ކުރިއަށް ދެވޭތޯއުޅުނެވެ. މިސްރާބުހުރީ އައިސް އަލަމާރިއާ ދިމާއަށެވެ. އަލަމާރިއާ ހަމައަށް ދެވުނީ ލައްކަ މަސައްކަތުންނެވެ. އޭރު މީހާވަނީ ވަރުބަލިވެގެން ގުނބުހިލިފައެވެ. ދާހިއްލާ ފޯވެފައެވެ. އައިސްއަލަމާރި ކައިރިއަށް ދެވުމާއެކު، އަލަމާރީގައި އެއްއަތުން ހިފައިލިއެވެ. މަޑުމަޑުން އަސާގަނޑު އަލަމާރީގެ އެއް ފަރާތުގައި ލައްކޮށްލުމަށްފަހު އަލަމާރީގެ ދޮރު ހުޅުވާލިއެވެ. ފެންފުޅި ނަގައި މަތިނެގޭތޯ އުޅުނެވެ. ދެއަތުން މަތިން ނަގަން އުޅުމުގެ ތެރޭގައި ނާޖިހުގެ ބެލެންސް ނުހިފެއްޓިގެން އަރިއަޅައިލިއެވެ. އެއާއެކު ފެންފުޅިއާއެކު ތަޅުންމައްޗަށް ގުޅަވިއެވެ.
ޒުލްފާ ގާތަށް އައީ ނުސިޔާނު ހިންޏެކެވެ. ވާނުވާބަލަން ހެވިފައި އިނީ ފިލްމެއްގެ މަންޒަރުބަލަން އިން ބީދައިންނެވެ. ހަމްދަރުދީގެ ކަންފުޅެއްވެސް ނެތްފަދައެވެ. ރަހުމެއް ކުލުނެއް ނެތްތާނގައި އިންސާނިއްޔަތުކަން ވެސް އޭނާގެ ކިބައިން ފެންނަން ނެތްފަދައެވެ.
ނާޖިހު މަޑުމަޑުން ފިރުކެމުން ފިރުކެމުން ތެދުވެ އަސާގަނޑު ނަގަމުން ޒުލްފާއަށް ބަލައިލިއެވެ. އަސަރުން ފުރިގެންވާ ފަދައަކުންނެވެ. ޒުލްފާގެ މޫނުމަތިން ފެނުނު މަންޒަރުން އޭނާ އިތުރަށް މާޔޫސްވިއެވެ. ހުރިހާ ދުވަހު ދެކެމުން އައި ގޮތް މުޅިން ބަދަލުވިއެވެ. ނާޖިހަށް ވިސްނިފައިވަނީ ނުކިއްސަރު ވިސްނުމެއް ކަމަށް އޭނާގެ ހިތްބުނެދިނީ ފެނުނު މަންޒަރުންނެވެ. އޭނާ ކުރިން ޤަބޫލުކޮށްގެން ހުރީ ދަތިހާލުގެ ވަގުތުގައި ޒުލްފާ އެހީވާނެ ކަމަށެވެ. ބަލިވުމުން އޯގާތެރި އަތަކުން ފިރުމާނެކަމަށެވެ. އެހީއަށް ބޭނުންވުމުން ހަމްދަރުދީގެ ލޮލުން ޒުލްފާ ބަލާނެކަމަށެވެ. ކިޔަމަންތެރި ކަމުގެ އަތަކުން ހޭހަން ކޮށްދޭނަކަމަށެވެ. ނަމަވެސް، މިއަދު އޭނާއަށް ޙަޤީޤަތް ހާމަވީއެވެ. ކުރިހާ އުއްމީދެއް ވިއްސިވިހާލިވީއެވެ. ދެކެމުން އައި ހުވަފެންތައް ބިލާހަށް ބަދަލުވީއެވެ.
ނާޖިހު ފެންކަޅިވިއެވެ. މަޑުމަޑުން ހިންދިރުވައިލެވުނެވެ. އަރުތެރެ ބެދޭހެން ހީވަމުން ދިޔައެވެ. އޭނާގެ ވަށައިގެންވާ މަންޒަރު ހުއްޓެމުން މަންޒަރު އިރައިރައިގެންދާކަމުގެ އިހުސާސްކުރެވެމުން ދިޔައެވެ. މޫނުމައްޗަށް އަނދިރިވާން ފެށުމުން ޖެހިގެން ހުރި މޭޒުކައިރީ ހުރި ގޮނޑީގައި އިށީނދެވޭތޯ ބަލަމުންދިޔައެވެ. އޭރު ޒުލްފާ އޭނާގެ ކޮޓަރިއަށް ވަދެ ދޮރުލައްޕަނީއެވެ.
ނާޖިހު ވަށައިގެންވީ މަންޒަރުތައް އެނބުރެމުން ދިޔައެވެ. މައިގެ ތެރޭގައި ހުރި ހުރިހާ އެއްޗެއް އުދުހެމުންދާކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ. އައިސްއަލާމާރި އާއި މޭޒާއި ގޮނޑިތަކާއި ސޯފާ ވެސް އޭނާއާ ދިމާއަށް އެނބުރެމުން އެނބުރެމުން އަންނަ މަންޒަރު ފެންނަމުން ދިޔައެވެ. ކުއްލިކުއްލިއަށް އިތުރު އަޑުފައްގަނޑެއް އިވެމުންދާހެންވެސް ހީވަމުން ދިޔައެވެ. ނާޖިހަށް މަންޒަރުފެންނަމުން ދިޔައީ ދެމަންޒަރު އެއްވުމުން ފެންނަމުންދާ އުސޫލުންނެވެ. މަޑުމަޑުން މަންޒަރު ފުސްވަމުން ފުސްވަމުންގޮސް އަނދިރިކަންވެރިވިއެވެ. އޭރު މީހާ އޮތީ މުށިގަނޑުމައްޗަށް ތިރިވެ ކުރުގެޅިފައެވެ.
ނާޖިހު މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އެއްވެސް ތަނެއް ސާފުވާގޮތެއް ނުވިއެވެ. އަނެއްކާވެސް ލޯ މަރައިލެވުނެވެ. ކުރެވުނު ހީ ޔަޤީންކޮށްލަން ބޭނުން ނުވީ އެކަން ޙަޤީޤަތަކަށް ވެދާނެތީއެވެ. މަޑުމަޑުން ދެ ލޮލަށް ބާރުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. ނާޖިހަށް ކުރެވެމުން ދިޔައީ އާދަޔާ ޚިލާފު އިހުސާސެކެވެ. އެހެންޏާ އޭނާއަށް ނުވާ އުދަނގޫ ގޮތްތަކެއް ހަށިގަނޑަށް ވެރިވަމުންދާ ކަމުގެ އިހުސާސްކުރެވެމުން ދިޔައެވެ. ހިއްސުތަކަށް ވާންވެ ހަށީގެ ހިނގުން އިތުރުވަމުންދާކަމުގެ އިހުސާސެވެ.
އެއާއެކު އިތުރު ބީހުންތަކެއް އޭނާގެ މޭމަތިން އިހުސާސް ކުރެވެމުންދިޔައެވެ. އެ ފިރުމުންތައް މަޑުމަޑުން ތިރިއަށް ޖެހެމުން ދިޔައެވެ. މީހާގެ ހިއްސުތައް ހޭލައްވަމުން ޖަޒުބާތުގެ ރާޅުތައް ހަށީގެ ދެ ފަރާތުގައި ބީއްސަމުން ދިޔައެވެ. ޖަޒުބާތީ ރާޅުތަކުގެ ދިޔަރެހުން ނެއްޓި އުދަރެހާ ހަމައަށް އެ ރާޅުގެ އަސަރު ފޯރުމުން މަޑުމަޑުން ލޯ ހުޅުވައިލެވެނެވެ.
ނާޖިހަށް ފެނުނީ ހުދު އަލިކަމެކެވެ. މަޑުމަޑުން އެ ހުދު ކަމުގެ ތެރެއިން މަންޒަރު ސިފަވަމުން ދިޔައެވެ. ރީތި ހުދުކުލައި މަހުމަލް ފޮތީގެ ފަށުވި ފޭރާމެއްގައި ހުރި ސާއްބަކަން އިންތިހީ ޒުވާނެކެވެ. މަޑު ނޫކުލައިގެ ތެރެއަށް ހުދުކަން ގަދަކޮށްލުމުން ފާޅުވަމުން ދިޔަ، އާދަޔާ ޚިލާފު ރީތިކަމެއް ފޭރާމުން ފާޅުވަމުން ދިޔައެވެ. ނާޖިހަށް ބަލައިލެވުނީ އެ ޒުވާނާގެ މޫނަށެވެ. ހުދު ޖަންބު ކުލައަށްވުރެ ކޯތާފަތުގެ ވިދުން ގަދަވަނީ ނޫކުލައިންނެވެ. އަޖައިބެއްފަދަ ރީތި ކަޅިރަވައެކެވެ. ކަޅިރަވައިގެ ތޫނުކަން އެތަން ޤަރުނެއް ފަހަނައަޅައި ދާވަރުވެއެވެ. ދެ ލޮލުގެ ފުންކަމާއި ނަޒަރުގެ ތޫނުކަމުން ނާޖިހުގެ ބަސް ހުއްޓުނުކަހަލައެވެ. އެ ރަތް މަޑުމަޑު މުށިކުލައިގެ ހިމަ ދެތުންފަތް މަޑުމަޑުން ހަރަކާތްކޮށްލި ކަހަލައެވެ. ހިމަދިގު ކަނދުރާއިގެ މަތިން ފާޅުވަމުން ދިޔައީ މަޑު ނޫކުލައިގެ ވިދުވަރެކެވެ. މޫނުމަތިން ބަބުޅަމުން ދިޔަ އުޖާލާކަމުން ނާޖިހުގެ ހުރިހާ ކަމެއް ހަނދާން ނެތުނުފަދައެވެ. ފަންފަން އިސްތަށިގަނޑު ކޮނޑުމައްޗަށް ވަނީ މިނިވަންކޮށްލެވިފައެވެ.
އެ ޒުވާނާ މަޑުމަޑުން ނާޖިހުގެ ފިރިހެންވަންތަ ބައިމަތި ފުޅާ މޭމަތީގައި އޭނާގެ ހިމަ ހޯލިކޮޅެއް ފަދަ ޝަހާދަތް އިނގިލި ޖައްސައިލިއެވެ. މަޑުމަޑު ހަރަކާތަކާއެކު އިނގިލި ނާޖިހުގެ ދަތްދޮޅީގައި ޖައްސައިލިއެވެ. އޭރު އެ ގޮތް ނޭގޭ ޒުވާނާ އިނީ ނާޖިހުގެ އުނގުތެރެއަށް ވާކަހަލަ ގޮތަކަށް އިށީދެއެވެ. މަޑުމަޑުން ނާޖިހުގެ ފުޅާ ތިރީ ތުންފަތުގައި ޒުވާނާގެ ޝަހާދަތް އިނގިލި ޖައްސައިލަމުން ތުންފަތް ތިރިކޮށްލިއެވެ. ނާޖިހުގެ ތަރުތީބު ގެއްލިފައިވާ ތިރީ ދަތްޕިލަ ހާމަވާވަރަށެވެ. ޒުވާނާ މަޑުމަޑުން ނާޖިހާ ގާތްވެލިއެވެ. އޭނާގެ ނޭވައިގެ ހޫނުކަން ނާޖިހުގެ މޫނަށް އެޅޭހާ ގާތަށެވެ. ނާޖިހުގެ މޫނުވެސް މަޑުމަޑުން ޒުވާނާއާ ދިމާއަށް ލެނބެމުން ދިޔައެވެ. އިހުތިޔާރުން ބޭރުގައި އިނދެ ޒުވާނާގެ ހުރިހާ ހަރަކާތަކަށް އިޖާބަދެމުން ދިޔައެވެ. އޭނާއަށް އިހުސާސް ކުރެވެމުން ދިޔައީ އާދަޔާ ޚިލާފު އުހައުވެރިކަމެކެވެ. ޖައްވުގެ ތެރޭގައި އުދުހެވޭ ކަމުގެ އިހުސާސެވެ. ތަރިތަކުގެ ތެރޭގައި ފީނަމުން ދުނިޔޭގެ ހުރިހާކަމެއް ހަނދާންނެތެމުން ދިޔަކަހަލައެވެ.
ހަރަކާތްތައް ހުއްޓުނުއިރު މީހާވަނީ ރަނގަޅަށްވެސް ގުނބު ހިލިފައެވެ. މީހާގެ ޖޯރުއެކުގައިވަނީ ނެތިފައެވެ. މީހާގެ ޖިސްމުގައި ހިރިލާނެހާ ހިތްވަރުވެސް ނެތުނުކަހަލައެވެ. ކަންވީގޮތް ހަނދާނަށް އައީ އެހާ ހިސާބުންނެވެ. ކުރެވުނު ކަންތަކުގެ މަތިން ހަނދާންވީވެސް އެހައި ހިސާބުންނެވެ. ނާޖިހުގެ އަމިއްލަ ހާލަތު ވަޒަން ކުރެވުމުން އަތުން ނިވައިކޮށްލެވުނެވެ. ބަލައިލެވުނީ ޒުވާނާގެ ފުން ދެލޮލަށެވެ.
“ތިއީ މަދުވާކަމަކީ! މިކަން މަދުވާނަމަ ސަންގުމަރުމަރު ހިލައިން ބިނާކުރި ނަމަވެސް ހަފުސްވުމަށް ފަޅި ސިކުންތެއް ވެސް ނުނަގާނެ! މިކަން ވަރުގަދަ ވެއްޖެނަމަ ދުނިޔެ އެކުގައި ނުކުތަސް ބަލިކުރަން އުނދަގޫވާނެ!” އެޒުވާނާ ހިތުންވެލިއެވެ. “ހުރިހާ ކަމެއްގެ ހައްލަކީ މިއީ!”
“ތިޔައީ އެހައި ފަސޭހަކަމެއް ނޫން! ކިހިނެއް އަހަރެން… އޭނާ…” ނާޖިހު ހުއްޓައިލިއެވެ.
“މިގޮތަށް… މިވެސް ފަސޭހަކަމެއްނޫންދޯ! އެކަމު މިކަންވެސް މި ވީނު! ފަރުދާގެ ވާފަށުގައި ހިފާނެ ގޮތް އެނގޭނީ ހާލަތު މެދުވެރިވުމުން! އުޅުނީމަ ވާނެ! ކުރީމަ ފުރުޞަތު ފަހިވާނެ! ޠަބީއަތުގައި ހުރިކަމަކުން ނޫނީ ޠަބީއަތެއް ބަދަލެއް ނުކުރެވޭނެ! ލަސްވެއްޖެ ސާޅީސް ދުވަސް ކުރިން ކުރަން ޖެހޭ ކަމެއް ސަތޭކަ ސާޅީސް ދުވަހަށް ދިގުދެއްމުން އެ އަދި ބުއްދިވެރި ގޮތެއްނޫން!” އެ ޒުވާނާ ކޮޅަށް ތެދުވެލިއެވެ. މުޅި މީހާ ނިވާވެފައިވަނީ ހުދުކުލައިގެ މަޑުނޫ އަލިކަމަކުންނެވެ. ފާޅުވަނީ މޫނު އެކަންޏެވެ. “ދަނީ! މި ނަސޭހަތް ދިރާސާކޮށް އަލުން ފަށާ! އަލިފާން ނިއްވަން އަލިފާން އަޅައިގެން ކާމިޔާބު ވެދާނެތޯ އަމިއްލަ ހިތާ ސުވާލުކުރޭ! ފެށުނު ގޮތެއް ނުބަލައި މިހާރުގެ ހާލަތަށް ބަލާ! ނިމުނު ދުވަހެއް އަނބުރާ ގެނެވިދާނެތޯ ސުވާލު ނުކޮށް، އެދުވަހުގެ ޢިބްރަތާމެދު ވިސްނާ! ތިމާ ބޭނުން ނޫނަސް ޤުދުރަތުގެ ނިޔާގައި އިނގިލި ޖައްސާ ފަސްބަޔަށް ނުލެވޭނެ! ތިޔައީ ޤުދުރަތުގެ ނިންމުމެއް! އަނިޔާގައި ތިޔަ އުޅެނީ އަމިއްލަ ފިނޑިކަމުން! ފިރިހެންވަންތަ ކަން އިސްކޮށް އަމިއްލަ ބާރުވެރިކަމުން ލޯބި އުފައްދާ! ލޯބި ހޯދާ!” ހުދުކުލަ ގަދަވަމުން ގަދަވަމުން ގޮސް އެ ޒުވާނާގެ މޫނު ކަޝްފުވިއެވެ.
“ނޫން! އަދި މަޑުކުރޭ! ވަރަށް ގިނަވާހަކަ ދައްކަން ޖެހޭ!” ނާޖިހަށް އަތްދިމާކޮށްލެވުނެވެ. ބާރުބާރަށް ގޮވާލެވުނެވެ. “ދާން އަދި މާ އަވަސް! މާ އަވަސް! ދަންޏާ އަހަރެން ގޮވައިގެންދޭ!”
“ނުދަމޭ! އަދި ދާކަށް ނޫޅެން!” ޒުލްފާ މަޑުމަޑުން ނާޖިހު އަތުގައި ހިފައިލަމުން ވައިއަޑުން ބުނެލިއެވެ.
ނާޖިހަށް ދެލޯ ހުޅުވާލެވުނެވެ. އޭނާއަށް އޮވެވުނީ ކާ މޭޒު ކައިރީ މުށިގަނޑުމަތީކަން އެނގުމުން މަޑުމަޑުން ތެދުވެވޭތޯ އުޅުނެވެ. އޭރު ޒުލްފާ ވެސް ނާޖިހުގެ ގައިމަތިން ތެދުވެ ތުންފަތުގައި އަތުގެ ނުފުށް ޖައްސާލަމުން ފޮހެލިއެވެ.
“ކޮން ވާހަކައެއް ލޯ މަރައިގެން އޮވެ ތި ދައްކަނީ! ކޮން… ކޮން…” ޒުލްފާ އޯގާތެރިކަމާއެކު ނާޖިހުގެ ގައިގައި އޮޅުލައިގަނެ ނާޖިހު ނަގައި އޭނާގެ ކޮޓަރިއަށް މިސްރާބުޖެހިއެވެ. ނާޖިހުގެ ބަސް ހުއްޓުނު ކަހަލައެވެ. އޭނާއަށް ފެންނަމުން ދިޔަ މަންޒަރުތަކުންނެވެ.
“ބުނެބަލަ ކީކޭ ތި ކިޔަނީ އެތާ އޮށޯވެ އޮވެ!” ނާޖިހު އެނދުގައި ބޭންދުމަށްފަހު އޭނާގެ މަގަތުގައި އިށީނދެ ސުވާލުކޮށްލިއެވެ.
“އަހަރެން… އަހަރެން…” ނާޖިހު އިސްޖަހައިލިއެވެ.
“އަހަރެން ކޮޓަރިން ނުކުތް އިރު ނާޖި އޮތީ މުށިގަނޑުމަތީ…”
“ދެން… އަހަރެން…”
“ދެލޯ މަރައިގެން އޮވެ… ކީ ނުކީއެއް ނޭގެ! އަހަރެންގެ އަތުގައި ހިފައި ދެން… އެކަން…” ޒުލްފާ ނާޖިހާ ގާތްވެލިއެވެ.
“ޒުލް ޑުރާމާ ބަލަން އިންދާ އަހަރެން އަރިއަޅައިލީ! ދެން ވީ ނުވީއެއް ނޭގެ! ފާޑެއްގެ ހުވަފެނެއް ފެނުނީ! ޒުލް ކަހަލަ ކުއްޖަކު އައިސް ނަސޭހަތް… ވަރަށް ގިނަ ވާހަކަ ދެއްކި” ނާޖިހު އިސްޖަހައިލިއެވެ. “ޒުލް އަހަންނަށް މަޢާފުކުރޭ! އަހަރެން ޒުލްއަށް ލައްކަ ތުރާތަކާ ކުރިމަތި ކުރުވިއްޖެ! އަހަރެންގެ ސަބަބުން ޒުލް… ޒުލް އަހަރެން…”
“ކިހިނެއްވީ!”
“ޒުލް! އަހަންނަކަށް ނޭގެ މިކަން ކިޔައިދޭކަށް! ޒުލްއަށް އެނގޭނެ އަހަންނަކީ އެހެން މީހުންހެން މާރީތިކޮށް ތަޢުރީފުކުރަން ދަންނަ މީހެއް ނޫންކަން!…”
“އެކަމު ނާޖި ތީ!” ޒުލްފާ ހިނިތުންވެލިއެވެ.
“އާން! އަހަރެން… އަހަރެން!”
“އަން! މި ހުރީ ހުރިހާ ފޯމެއް! އަހަރެން ނާޖީގެ ކިބައިން މިނިވަންވާން އިއްޔެ ނެގި ފޯމު! އަހަރެން ނާޖި މިކޮޅަށް އައީމަ ކޯޓަށް ގޮސް މިކަން ނިންމަން… އަހަރެން ފުރަން ޖެހޭ ބައިތައް މިހުރީ ފުރައިފަ! ނާޖީ ފުރަން ހުރި ބައިތައް ނާޖީ ފުރައިފަ ގެނޭ! މިއަދު ކޯޓަށް…” ޒުލްފާ ދަބަހުން ސިޓީ އުރައެއް ނަގައިފަ ނާޖިހަށް ދިއްކޮށްލިއެވެ.
ނާޖިހު މަޑުމަޑުން އެ ސިޓީ އުރައިގައި ހިފާ އުރައިގެ އެތެރެއަށް ބަލައިލިއެވެ. މާޔޫސްކަމާއެކުގައެވެ. މީހާގެ މޫނުމަތިން ފެންނަމުން ދިޔަ ނުތަވަސްކަން އިންތިހާއަށް އިތުރުވިއެވެ. ދެ ލޮލުން ކަރުނައިގެ އަސަރުތައް ފާޅުވަން ތައްޔާރުވިއެވެ. މަޑުމަޑުން ހިންދިރުވާލެވުނެވެ. އޭނާގެ އަރުތެރެ ބެދުނުކަހަލައެވެ.
“އަހަންނަށް މިއަދު ޔަޤީންވީ ކަމަކީ މިއީ އަހަރެން އުޅެންވީ ގޮތެއް ނޫންކަން!” ޒުލްފާ އެނދުން ތެދުވެ ނާޖިހަށް ފުރަގަސްދިނެވެ. “މިއީ އަހަރެންނަށް ހައްޤު ދިރިއުޅުމެއް ނޫން! އަހަރެންގެ މަޤާމަކީ މި އެއްނޫން! އަހަންނަކީ މިއަށްވުރެ މާ އުފަލުގައި މާ އަރާމުގައި އުޅެން ޖެހޭނެ މީހެއް! އަހަރެން އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރަން މި ވަރުން… މިއަދު އަހަރެން މި ނިންމާ ނިންމުމުގެ ސަބަބުން ނުލިބި މިވާ އުފާތައް އަހަންނަށް ލިބޭނެ! އަހަރެން އާދޭހާއެކު ނާޖިހުގެ ކިބައިން މި އެދެނީ އަހަރެންގެ މި އެދުން ފުއްދައި ދިނުމަށް!”
“ޒު…ލް… ! އާދޭސ….” ނާޖިހުގެ ބަސް ހުއްޓުނު ކަހަލައެވެ. މަޑުމަޑުން ޒުލްފާ އެނބުރިލިއެވެ. ޒުލްފާގެ އެ ބޮޑު ދެލޯ ވަނީ ކަރުނުން ތެމިފައެވެ. ކޯތާފަތްމަތިން ބަބުޅަމުން ދިޔައީ ކަރުނައިގެ އަސަރުތަކުން އުފެދިފައިވާ އޮފުދާރުކަމެވެ.
“ދެން އަހަންނަކަށް އިތުރުގޮތެއް ނެތް! އަހަރެން ދެކެ ވަރަށް ލޯބިވާ މީހަކު މި ދުނިޔޭގައި އެބަހުރި! އޭނާގެ ހުރިހާ އުފާތަކެއް ހުރިހާ މަސައްކަތެއް، ހުރިހާ ދިރުމެއް ވަނީ އަހަރެންގެ ޙައްޤުގައި ޤުރުބާންކޮށްފަ!” ޒުލްފާ މަޑުމަޑުން ނާޖިހު އިން އެނދުގައި އިށީދެލަމުން ނާޖިހާ ހަތަރު ކަޅި ހަމަކޮށްލިއެވެ.
“ނާޖިހަށް އަހަރެން…. ދޭނެ…” ޒުލްފާއަށް ޖެހިލުންވެވުނެވެ. ނާޖިހުގެ ލޮލުން ކަރުނަތައް ފޭދިގަތީ ހަމަ އެވަގުތެވެ. ޒުލްފާގެ ހިތްވަރު އެލުނުކަހަލައެވެ. މީހާ ހުއްޓުން އެރިއެވެ. ހިތްވަރުކޮށްފައި އޭނާ ފަހަތަށް ޖެހިލިއެވެ.
“އަން މިއޮތީ! އަހަރެން ވަރަށް ރަނގަޅަށް ކިޔައިފިން!” ޒުލްފާގެ އަތްދަބަހުން ފޮތެއްނަގައި ދިއްކޮށްލިއެވެ.
“ކާކު… ކާކު… ކޮން… ކޮންތާ…” ނާޖިހަށް ތެޅި ގަނެވުނެވެ.
“ކޮޓަރިން… ވަރަށް މޮޅު… ވަރަށް މަސައްކަތްކޮށްފި… އިންސާނެއްގެ ލޯބި ހޯދުމަށްޓަކައި ނާޖިހު ތިޔަވީ ޤުރުބާނަކީ ލާމަސީލު މިސާލެއް! ތިޔައީ ހިތްވަރުގަދަ… މިއަދު އަހަރެން މިދެއްކީ މިވާހަކަ! މިއީ ދެމީހުން އެކުގައި މަސައްކަތް ކުރަންވީ ވަގުތު! ވާހަކަދައްކައިގެން މައްސަލަ ހައްލުކުރަންވީ ވަގުތު! އަހަރެން ހުރިހާ ދުވަހު މަޑުކުރީ ނާޖިހު އިސް ނަގައިގެން ބުނާނެކަމަށް! އެކަމު މިއަދު އެނގިއްޖެ މިއަދު މިކަމުގައި އަހަރެންގެވެސް ޒިންމާއެއް އެބައޮތްކަން! އަހަރެންނަށް މަޢާފުކުރޭ! އަހަރެން ނާޖިހު ދެކެ ވަރަށް ވަރަށް ބޮޑަށް ލޯބިވޭ!”
ނާޖިހު ހިނިތުންވެލިއެވެ.
“އެކަމު ނާޖި ހާދަ ގޯހޭ! ކީއްކުރަން ބައްޕަ ލައްވާ އަހަރެންނަށް މެސެޖުކުރުވީ! އަހަރެން ހީކުރީ ނިޝާމުކަމަށް! ކީއްކުރަން؟”
“އެއީ ބައްޕަ އަމިއްލައަށް ކުރިކަމެއް! ތި ވެސް ބައްޕަ ދިން އެއްޗެއް… ނިޝާމް ތި އޮފީހުން ފޮނުވާލީވެސް ބައްޕަގެ ރޭވުމަށް ސަލީމާ! ބައްޕަ އަހަންނަށް ދިނީ ސާޅީސް ދުވަސް! ތި ފޮތުގައި ވާގޮތަށް ކަންކުރަން! އެންމެ ސާޅީސް ދުވަސް… އެކަމު ކަންދިމާވި ގޮތުން އަހަރެން އެކްސިޑެންޓްވެ އަނިޔާވީމަ ފޮތުގަ ހުރި ގޮތަށް ކަންނުވާނެތީ ބައްޕަ އަމިއްލައަށް އެކަމާ ހަވާލުވީ… އަހަރެންގެ ހުރިހާވެސް މީހަކީ ބައްޕަ…”
“ދެން ތިވަރަށް އަހަރެން ދެކެ ލޯބިވި އިރު ކީއްވެ ނުބުނީ!”
“ނުކެރުނީ! އަހަރެންގެ މިޒާޖު ނޫންވީމަ! ޖެހިލުންވީ! ފުރުޞަތު ނުލިބުނީ! ފުރަތަމަ ރޭ ބުނަން ހުރީ! އެކަމު އެރޭވެސް ޒުލް ބޭނުންވީ އެހެން ގޮތެއް! ދެމީހުން ދެތަނުގައި… ދެން… ޒުލް އުޅުނީ އަހަރެން ރުޅި އަރުވަން އަބަދުވެސް…”
“ސޮރީ ވަރަށް ބޮޑަށް ސޮރީ ދެން އެހެން ނުވާނެ… ސާޅީސް ނުވަނީސް މިކަން އާކޮށް ފުރަތަމަރޭ މިރެއިން ގުނަމާ ހިނގާ!” ޒުލްފާ މަޑުމަޑުން ނާޖިހުގެ މޭގެ ތެރެއަށް ބޮނޑިވެލިއެވެ. ނާޖިހުގެ ވަރުގަދަ މުލައްދަނޑީގެ އެހީގައި ޒުލްފާއަށް ހިމާޔަތްދިނެވެ. މުޅި ޢުމުރަށް އެ ޙިމާޔަތްދޭނެ ކަމަށް ވަޢުދުވަމުންނެވެ. ކައިވެނީގެ ފުރަތަމަ ދެ ސާޅީސް ފަހަނައަޅައި އެހަނދާންތައް ކަފުންކޮށް ޒަވާޖުގެ ފުރަތަމަ ސާޅީހަށް އާ ޢަޒުމެއް ކަނޑައަޅައިގެންނެވެ.
(ނިމުނީ)
8 Comments
Comments are closed.
މުޅި ވާހަކައަށް ކިޔުންތެރިންގެ ޚިޔާލު ވަރަށް ބޭނުންވޭ! ކިޔުންތެރިންގެ ކޮމެންޓްތަކަށް ބެލުމަށް ފަހު އިތުރު ވާހަކަތަކެއް އަޕް ކުރުމަށް ވިސްނަމުން އެބަދަން!
hadi mi story..not a nice story for me..
.. kamaku nudhey
lol funny story 😛
varah hadi.. furathama heekurii nimeyiru thankolheh saafukoh v goiy engeyne kamah.. ekam varah vaanuvaa,..
good effort.. ehaa bodah veenu vee eh neygunu nimunu iraku.. for exampl wat was written in the book. mayb next tym you can do way better.. hope the next story would b more creative and way better than this.. Good luck
ލިޔުންތެރިޔާގެ ސިފަކޮށްދިނުންތައް ހަމަ ބެސްޓް. ޔޫ ކޭން ޑޫ އިޓް. އިތުރު ވާހަކަތައް ޝާއިއު ކުރާނެކަމަށް އުންމީދުކުރަން. މިވާހަކަ ހިތްގައިމު!
achi
Hamas huvaa mihai hadi vaahakaeh ma dhuvahakuves nukiyan..
just disgusting..
mulhin vaanuvaa..ga