
ހިތް ނުރޮއްވާ… (21)
“ކީކޭ؟” މާހީ އެބުނި އެއްޗަކުން ރިހާގެ ދެލޯ ބޮޑުވެގެން ދިޔައީ މާހީ ބުނީ ތެދެއްކަން ޤަބޫލު ނުކުރެވިގެންނެވެ. ދެވަނަ ސިކުންތުގައި އެ މޫނުމައްޗަށް ނުތަނަވަސްކަން ވެރިވެގެންދިޔައެވެ. ރިހާ ވިސްނާލަމުން ވާހަކަ ދެއްކިއިރު ކުޑަވަރެއްގެ ހާސްކަމެއް އެމޫނުމަތިން ފާޅުވަމުންދިޔައެވެ. “ނޫން! އެހެނެއްނުވާނެ!…” ރިހާ ބުނަމުންދިޔަ ޖުމްލަ މެދުކަނޑާލީ މާހީއެވެ. “ކީއްވެ އެހެންނުވާންވީ؟ ލުކް އެޓް ޔޫ؟ ޔޫ އާރ ސޯ ބިއުޓިފުލް އެންޑް ޕާފެކްޓް، ހުރިހާ ގޮތަކުންވެސް… އެންޑް ޒީޝާން. ޒީޝާންވެސް އެހާ ރީތި، އެހާމެ ސްމާޓް. ދެމީހުން އެކަކު އަނެކަކަށް ހަމަ ޕާފެކްޓް. ހީ ލަވްސް ޔޫ ސިސް!” މާހީގެ ވާހަކަތައް އަޑުއަހަން ހުރި ރިހާ މާހީ އަށް ލޯ އަޅާލަމުން މާހީ ފަސްދީ ކުރިއަށް ހިނގައިގަތެވެ. އަދި ދެލޯ މަރާލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. ހަމައެއާއިއެކު ހުޅުވިގެން ދިޔަ ރިހާގެ އެބޮޑު ދެލޮލާއިއެކު މުޅި ކޯޓަރިތެރޭގައި ކުޑަ ހިނދުކޮޅަކަށް ނަމަވެސް ގުގުމާލީ ރިހާގެ އަޑެވެ. “އިނަފް!” މާހީއަށް ހީވީ ކުރީގެ ރިހާ އެނބުރި އައީ ހެނެވެ. “މާހީ ގާތު ކާކު ދައްކައިން އުޅޭ ވާހަކައެއްތަ؟ އެހެންނޫނަސް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ހަމަ އެކުވެރިކޮށް ވާހަކަ ދައްކާ އުޅުނޭ ކިޔާފަ އޭގެ މާނައަކީ އެއީ ލޮތްބެކޭ ނޫން. އެންޑް މީ! ނޯވަން ޝުޑް ލަވް މީ. އެކަކުވެސް ނުވާނެ.” ރިހާގެ އަޑު މަޑުނަމަވެސް އެއަޑުގައިވަނީ ހަރުކަށިކަމެވެ. “ކީއްވެ ނުވާންވީ؟” މާހީ ގޮސް ރިހާގެ ކުރިމައްޗަށް އަރާ ރިހާގެ ލޮލާއި ލޯ ސީދާ ކޮށްލަމުން އަހާލިއެވެ. “ބިކޮޒް އައިމް ރިހާ ނަސީރު.” ރިހާވެސް މާހީގެ ލޮލަށް ބަލަން ހުރެ ބުނެލިއެވެ. “ރީތި، މުއްސަނދި، ކާމިޔާބު ވިޔަފާރިވެރިޔާ. ހޫ، އެވްރީވަން ލަވްސް ޓު ހޭޓް. އަމިއްލަ ޢާއިލާ ވެސް.” އެއަޑު އިވިފައި މާހީ ދެރަވެ އިސްޖަހާލިއެވެ. ރިހާ އެބުނީވެސް ދޮގެއް ނޫނެވެ. ޢާއިލާގެ ގިނަމީހުންނަކީ ރިހާއަށް ނަފްރަތު ކުރާ ބައެކެވެ. އެ ނަފްރަތު ރިހާއަށް ހައްޤުވީ ކީއްވެކަން ޚުދް އެ މީހުނަށްވެސް ނޭނގޭ ހާލުގައެވެ. “ބިސައިޑްސް، މުސްތަޤްބަލެއްނެތް، އަވަހަށް ނިމުން އަންނާނެ ގުޅުމެއް ފަށާކަށް އަހަރެން ބޭނުމެއްނޫން.” އަނެއްކާވެސް މާހީއަށް ފުރަގަސްދެމުން މޮޅިވެރިކަމާއެކު ރިހާ ބުނެލިއެވެ. ރިހާ އެބުނި އެއްޗެއް މާހީއަކަށް ނުވިސްނުނެވެ. “ތިބުނީ؟” މާހީ އޮޅުންފިލުވަން ބޭނުންވުމުން ސުވާލުކޮށްލިއެވެ. ރިހާ މާހީގެ ސުވާލަށް ޖަވާބުދޭކަށް ބޭނުމެއްނުވިއެވެ. “ވަރަށް ލަސްވެއްޖެ. ގޯ ޓު ޔުއާ ރޫމް އެން ސްލީޕް.” ރިހާ މާހީއާއި ދިމާލަށް ބުނެލިއެވެ. “އެކަމު ހަނދާން ކުރާތި! ފޮ މީ ޒީޝާން އަކީ ހަމައެކަނި އެކުވެރިއެއް… އައި ހޭވް ނޯ ޓައިމް ފޯ ލަވް.” ރިހާ ހިތްހަމަނުޖެހި ހުރުމުން މާހީ އެވަގުތު އެތަނުން ނުކުމެގެން ދިޔައީއެވެ.
ހޮނިހިރު ދުވަހުގެ އިރު އަރައިން އައިއިރު ރިހާމެން ތިބީ ކަނޑުމަތީގައެވެ. ދާދި ކައިރިން ރިހާމެންގެ މަންޒިލް ފެންނަން އޮތެވެ. ރިހާމެން ތިބި ބޮޑު ލޯންޗު އެރަށާއި ގާތް ކޮށްލުމާއެކު ހުރިހާ އެންމެންވެސް ލޯންޗުން ފައިބަން އަވަސްވެގަތެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ރިހާ އާއި ޒީޝާން ފިޔަވައެވެ. އެންމެން ލޯންޗުން ފައިބާ ނިމުމުން ރިހާވެސް ފޭބިއެވެ. އެރަށުގެ ފަސްގަނޑުގައި ފައި ޖެހުމާއި އެކު ރިހާއަށް ކުރެވުނީ އާދަޔާ ޙިލާފު އިޙްސާސެކެވެ. ހިތުގެ ތެޅުން ކުޑަކޮށް ނަމަވެސް އަވަސްވީ ކީއްވެ ކަމެއް ރިހާއަކަށް ނުވިސްނުނެވެ. ހީވާ ކަހަލައެވެ. މި ރަށާއި ރިހާއާއި ކޮންމެވެސް ގުޅުމެއްވެއެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން ރިހާ ކުރިއަށް ހިނގައި ގަންނަން ބެލިއިރު ރިހާ އާއި އެކު އައި އޭނާގެ ޢާއިލާ އަދި ޒީޝާންގެ ޢާއިލާގެ މީހުން ގޮސް ލޯމައްޗަށް ގެއްލެނީއެވެ. “ރިހާ” ޒީޝާންގެ އަޑަށް ރިހާ ކުޑަކޮށް ސިހުނެވެ. ނަމަވެސް ރިހާ ޒީޝާންގެ ސުވާލަށް ޖަވާބުދޭކަށް ނުހަދައެވެ. ބަދަލުގައި ރިހާ ހިނގައިގަތީ ރިހާގެ މަސައްކަތް ފެށުމަށް ދާން ބޭނުންވާ މަންޒިލަށް ދިއުމަށެވެ.
ޒީޝާން ހުރީ ފަސްދީ ދިޔަ ރިހާއަށް ބަލާށެވެ. ދެރަވެ މާޔޫސް ވެފައެވެ. އެކުގައި ހީ ސަކަރާތްޖަހާ އުޅެފަ ކުއްލިއަކަށް ރިހާ ބަދަލުވީމައެވެ. އިއްޔެއިންސުރެ އެދެމެދުގައި ބޯމިން ނޭނގޭ ފާރެއް ލެވިފައިވާ ކަހަލައެވެ. ޒީޝާން ވާހަކަ ދައްކަން އުޅުނަސް ރިހާ އެކަމަށް ދެނީ ބީރު ކަންފަތެކެވެ. ޒީޝާން އާއި ވީހާވެސް ދުރުން އުޅެވޭތޯ ރިހާ މަސައްކަތް ކުރަމުން ދިޔުމުން ޒީޝާން ހީކުރީ ކުރީ ރޭގެ ހާދިސާގެ ސަބަބުން ރިހާ އަދިވެސް ހަމައަކަށް ނޭޅެނީ ކަމުގައެވެ. ނަމަވެސް އެއީވެސް ކުށްހީއެއްކަން އެނގުނީ މާހީއައިސް މަޢާފަށް އެދި ވީގޮތް ކިޔައިދިނުމުންނެވެ. މާހީ ކަންތައް ކުރިގޮތުން ޒީޝާން ހިތްހަމަނުޖެހުނު ނަމަވެސް ޒީޝާން އެކަމާއި އެއްވެސް އެއްޗެއް ނުބުނެއެވެ. މާހީގެ ފަރާތުން ޒީޝާން ދެކެ ރިހާ ލޯބިނުވާކަން އެނގުމުން ޒީޝާންގެ ހުރިހާ އުއްމީދުތަކެއް ފެނަށްވިކަހަލައެވެ. ނަމަވެސް ހިތްވަރު އެލުވާލާފަ ހުރުމުގެ ބަދަލުގައި ޒީޝާން ނިންމީ އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން ރިހާގެ ހިތް ކާމިޔާބު ކުރުމަށެވެ. އެހިތް ޒީޝާނަށް ކާމިޔާބު ނުވިނަމަވެސް އެންމެ ކުޑަމިނުން ލޯބީގެ އޮށް އެހިތުގައި އިންދުމަށެވެ.
އެ ރަށުގެ މަގުތަކުން ހިނގަމުން ދިޔައިރު ރިހާއަށް ފާހަގަވި އެއްކަމަކީ މަގުމަތިން ފެންނަ މީހުން ރިހާއަށް ބަލަމުން ދިޔަ ގޮތެވެ. އެއްބައިމީހުން ރިހާ ފެނުމުން ރިހާއާއި ދިމާލަށް ހިނިތުންވެލަނީ ޒަމާނުއްސުރެ ދެކެފަރިތަ މީހަކަށް ހިނުތުންވެލާ ގޮތަށެވެ. ހަމައެހެންމެ ބައެއްމީހުންގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ. މިކަންކަމަށް މާބޮޑު ފަރުވާލެއް ނުބަހައްޓަ ރިހާ ހިނގަމުން ދިޔައެވެ. ބަނދަރު ކައިރިން ރިހާ އާއި ބައްދަލު ކުރުމަށް މީހަކު ހަމަޖެހިފައިވީ ނަމަވެސް ރިހާމެނަށް ތަންކޮޅެއް އަވަހަށް އެރަށަށް ލެފުމުން ރިހާ ގަސްދު ކުރީ އެމީހާއަށް ގުޅައިން ގެންނަން ނުހަދަ އަމިއްލައަށް ދީފައިވާ އެޑްރެހަށް ދިއުމަށެވެ. މަސައްކަތަށް ފެށޭނީ އެއިރުންނެވެ. އެމީހާ، އާތިފް އާއި ބައްދަލުވުމުންނެވެ. ރިހާއަށް އެހާފަސޭހައިން އެ ގެ ނުފެންނާނެހެން ހީވުމުން ރިހާ ނިންމީ ދެން ފުރަތަމަ ބައްދަލުވާ މީހެއްކައިރިން އަހާލުމަށެވެ. ހިނގަމުން ގޮސް ލަބާލެވުނު ގޯޅިން ޒުވާންފުރައިގެ އަންހެން ކުއްޖަކާއި ދެ ފިރިހެން ކުދިން ވާހަކަ ދައްކަން ހިޔާ ގަނޣެއްގައި މަޑުކޮށްލައިން ތިއްބަ ރިހާ އަށް ފެނުމުން އެކުދިންނާއި ދިމާއަށް ހިނގައިގަތެވެ.
ވާހަކައިގަ ތިބި ތިން ޒުވާނުންނާއި އަރާހަމަވުމުން ރިހާ އެ މީހުނާއި މުޙާތަބްކޮށް ބުންޏެވެ. “ހައި! ކެން ޔޫ ޕްލީޒް ހެލްޕް މީ؟ މިއުޅެނީ…” ރިހާ ބުނަމުން ދިޔަ ޖުމްލަ މެދުކަނޑާލީ އެތާ ހުރި އަންހެން ކުއްޖާއެވެ. “އައްދެ! މަންޖެ ކޮންއިރަކު އިނގިރޭސި ދަސްކުރީ؟” މަލާމާތްކުރާ ފަދަ ގޮތަކަށް އެ އަންހެން ކުއްޖާ އެހެން ބުނަމުން ހިނިގަނޑެއް ޖަހާލިއެވެ. އެހުނުމުގައި ކައިރީގައި ތިބި ދެ ފިރިހެން ކުދިންވެސް ބައިވެރިވިއެވެ. “ސްކިއުޒް މީ!” ރިހާ ކުޑަކޮށް ހައިރާންވެފަ، އަދި އެ އަންހެން ކުއްޖަ ރިހާއާއި މުޙާތަބް ކުރިގޮތުން ކުޑަކޮށް ހިތްހަމަނުޖެހިފަ ބުންޏެވެ. “ރިއާ، ތި އެކްޓް ޖައްސާނެ ކަމެއްނެތް އަހަރެމެން ކުރިމަތީ! ތިމާއަށް ރީތި ސޫރައެއް ލިބިފަ ހުއްޓެއްކަމަކު ހަނދާން ކުރާތި ތިއީ އަހަރެމެންނާއި އެއްފެންވަރުގެ މީހެއްނޫން!” އަނެއްކާވެސް އެ އަންހެންކުއްޖާއެވެ. ވާހަކަ ދެއްކީ ތަންކޮޅެއް ހަރުކަށިކޮށް އިންޒާރެއް ދޭފަދަ ގޮތަށެވެ. ރިހާ ހުރީ އެ ކުއްޖާ ރިހާއާއި އެގޮތަށް ވާހަކަދައްކަންވީ ސަބަބެއް ނޭނގުމުން ސުވާލު އުފެދިފައެވެ. ވާނީވެސް އެހެންތާއެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް ރިހާއާއި ބައްދަލުވީ ކުއްޖެއްނޫނެވެ. ބުނާނެ އެއްޗެއް ނޭނގި އާގަމަވެފަ ހުރި ރިހާގެ ހައިރާންކަން އިތުރުކުރުވީ އެތަނުން އެއް ފިރިހެންކުއްޖަކު ބުނި އެއްޗަކުންނެވެ. “ލީނާ، ތިހެން ބުނަން ހެޔޮ ނުވާނުން. ބަލާލަ މިއަދު ލައިފަ ހުރި ހެދުމުގެ ރީތިކަން. އަދި އިސްތަށިގަނޑޯ! ބަލާލަ ފަންކޮށްލާފަ ހުރިވަރު. ކިހާ ނަލަ މިއަދު.” ރިހާ ލައިގެން ހުރި އެއްޗެއްސަށާއި އެފަންފަން އިސްތަށިގަނޑަށް އިޝާރާތް ކުރަމުން އެ ފިރިހެންކުއްޖަވެސް ރިހާއަށް ކުރީ މަލާމާތެވެ. “ޔަޤީން ކޮންމެވެސް މަހުޖަނެއް އަތު އަޅުވާލައިން އެ އުޅެނީ.”
ނުދަންނަ ބީރައްޓެހި ބަޔަކު އެއްވެސް އަދަބެއް ސަދަބެއް ނެތި ރިހާއަށް ބޭނުންހާ އެއްޗެއް ކިޔަމުން ދިޔައިރު ރިހާ ދިޔައީ ރުޅިއައިސް ރަތްވަމުންނެވެ. ބީރައްޓެހި ރަށެއްކަމަކު ކީއްހެއްޔެވެ؟ މިމީހުން ހެދިހާ ގޮތެއް ހެދިގެނެއް ރިހާއެއް ނުހުންނާނެއެވެ. އުމުރުން ކިތަންމެ ހަގަސް ރިހާ އަކީވެސް އިއްޒަތާއި ޤަދަރުލިބިގެންވާ ކުއްޖެކެވެ. އެންމެފަހުން ރިހާ އެމީހުނާއި ދިމާއަށް މަޑުމައިތިރިކަމާއި އެކު އެހެނަސް ހަރުކަށިކޮށް ބުންޏެވެ. “ބުނަންތަ ރަނގަޅު ވާހަކައެއް! ރަށަށް އަރާހާ ބީރައްޓެއްސަކާއި ނޫނީ ތާކުން ފެންނަހާ މީހަކާއި ތިގޮތަށް ޖައްސާލާ އެމީހުނާއި ދިމާކުރުން ވެދާނެ އެއީ މިރަށު މީހުންގެ ގޮތްކަމަށް. އެކަމު ކޮންމެ ކޮންމެ މީހަކު ތި ޖަހާ މަޅީގަ ނުބެދޭނެ. އެން ޔު ނޯ ވަޓް، ވެއްޔާމެޑޮވި ކިލަނބުވެގެން ދާނީ އަމިއްލަ ނަން، މުޅި ރަށުގެ ނަން.” އެހެން ބުނެ ރިހާ ހައިރާންވެފަ ތިބި އެ ތިން ޒުވާނުންނާއި ދުރަށް ހިނގައިގަންނަމުން އާތިފްގެ ނަންބަރަށް ގުޅާލިއެވެ. އާތިފް ފޯނު ނެގުމުން ރިހާ ހުރީ އެރަށުގަ ކަމާއި އާތިފް ދިން އެޑްރެސް ނުފެނިގެން އުޅޭކަމަށް ބުނެލިއެވެ. ރިހާ އެރަށަށް އައިސް އެހާ އިރުވީއިރުވެސް އާތިފްއަށް ނުގުޅުމުން އާތިފް ކުޑަކޮށް ޝަކުވާ ކޮށްލިއެވެ. އަދި ރިހާ ބަލާ ދަނީ ކަމުގަ ބުނެލިއެވެ.
މެންދުރުގެ ހޫނުގަދަ ވަގުތެވެ. ރިހާއާއި އެކު ދަތުރުއައި ގްރޫޕް ތިބީ އެރަށުގެ މީހުން އުޅޭ ހިސާބާއި ދުރު ހިސާބެއްގައި ޓެންޓް ޖަހައިން މަޖާނަގާށެވެ. އަންހެންވެރިން ފޯރީގައި މެންދުރަށް ކައްކަން ތައްޔާރު ވަމުން ދިޔައިރު ގިނަ ފިރިހެންވެރިން ތިބީ މޫދުގައެވެ. އޭގެ ތެރެއިން ޒުވާން ކުދިން ތިބީ ބޯޅަ ކުޅޭށެވެ. ގޮނޑުދޮށާއި ތަންކޮޅެއް ކައިރީ ނަސީރު އިނީ ކުޑަކުޑަ އުލްޔާ ގޮވައިންނެވެ. އުލްޔާވެސް ކާފަ އާއި އެކު ސަކަރާތްޖަހަން އިންއިރު އިނީ އުފަލުން ފޮޅިފައެވެ. ޒުބޭރުވެސް ދާދި ކައިރީގައި އެމަންޒަރު ބަލަން އިންއިރު ދޭތެރެއަކުން އުލްޔާއާއި ވައްތަރު ޖައްސާލައެވެ. އެ އުފާވެރި މާހައުލަށް ހަމަހިމޭންކަން ގެނުވީ މާޔާގެ ހަޅޭކުގެ އަޑެވެ. އެންމެން މާޔާއާއި ދިމާއަށް ނަޒަރު ހުއްޓާލި އިރު މާޔާ އިނީ ދޮން ވެލިގަނޑުގައި އިށީނދެ ފައިތިލައިގައި ވަރަށް ބާރަށް ހިފަހައްޓައިންނެވެ. މާޔާގެ އިނދިލިތަކުގެ ދެމެދުން ފައިބަމުން ދިޔަ ލޭގެ ކޯރު ފެނުނީ އަދި ކުޑައިރުކޮޅެއް ފަހުންނެވެ. އެއާއި އެކު އެންމެން އަވަސްވެގަތީ އެދިމާލަށެވެ. ވެލިގަނޑުގައި ވަޅުޖެހިފަ އޮތް ފުޅި މުށިގަނޑަކަށް އެރި މާހީގެ ފައި ކަފައިންދިޔައީއެވެ. އެންމެން ވެގެން މާޔާ އެރަށު ޞިއްޙީ މަރުކަޒަށް ގެންދަން އުޅުމުން މާޔާ އެކަމާއި އިންކާރު ކުރިއެވެ. އަދި ބޭނުންވަނީ ރަށަށް ދާން ކަމުގަ ބުންޏެވެ. މިރަށުން ބޭސް އަޅައިން ރަށަށް ދާނީ ކަމުގަ ބުނުމުން މާޔާ ދެންވެސް އެކަމާއި ޤަބޫލުނުވުމުން ނަސީރު މެނަށް ޖެހުނީ މާޔާގެ ބަސް ޤަބޫލުކޮށް ދަތުރު ކުރުކޮށްލާ އަވަހަށް ރަށަށް ދިއުމަށް ފުރާށެވެ. އެހެންކަމުން އެމީހުން އަންނަމުން ގެނައި ފަސްޓް އެއިޑް ފޮށިން ކުޑަ ގޮތަކަށް މާޔާގެ ފައިގައި ބޭސް އަޅައިގެން ހުރިހާ އެއްޗެއް ލޯންޗަށް އަރުވައިން އަވަހަށް ރަށަށް ދާން ދަތުރު ފެށިއެވެ. ނަމަވެސް އެންމެންގެ ހާސް ކަންމަތީ މީހުން ހަމަތޯ ބަލާލަން އެއިން މީހެއްގެ ހޭވެރިކަމެއް ނުވިއެވެ. އެހެންކަމުން ފުރައިން ރަށަށް އާދެވުނު އިރުވެސް ރިހާ ނެތްކަން އެއިން މީހަކަށް ނޭނގެއެވެ.
ތިރި ވަށާފާރެއް ލައިފައިވާ ބޮޑު ގެއެއްގެ ތެރޭގައި ރިހާ ހުރެގެން އެކިފަރާތް ފަރާތް ބަލަމުން ދިޔައިރު އާތިފް ކައިރީގައި ހުރެގެން އެގެއާއި ބެހޭގޮތުން ވާހަކަ ދައްކަމުން، ރިހާ އެރަށުގައި ފަށަން ގަސްތުކޮށްގެން އުޅޭ ވިޔަފާރިއަށް އެތަން އެންމެން އެކަށީގެންވާ ސަބަބުތައް ކިޔައިދެމުން ދިޔައެވެ. ގެއަކީ ރަށުގެ މެދުގެ ތެރޭގައި ހުރި އާތިފްގެ ގެއެވެ. ނަމަވެސް އާތިފް އާއި އޭނާގެ ޢާއިލާ އުޅެނީ މާލޭގައި ކަމަށްވުމުން އެގެ ހުންނަނީ ފަޅަށެވެ. ކުޅުދުއްފުއްޓާއި ކައިރި ރަށަކުން ރިހާ ބިމެއް ހޯދާކަން އެނގުމުން އެގެ ބަލާލަން އައުމަށް އާތިފް ރިހާއަށް ދައުވަތުދިނީއެވެ. އެދަޢުވަތު ޤަބޫލުކޮށް ރިހާ އެރަށަށް އަންނަ ވާހަކަ ބުނުމުން އާތިފްވެސް ރަށަށް އައީ ރޭގައެވެ. ރިހާއަށް އެބިން ކަމުދިޔައެވެ. އެހެންކަމުން ދެންކަން ކުރަންވީ ގޮތުގެ ވާހަކަ ދައްކަމުން ދެމީހުން އެގެއިން ނުކުތުމަށް ހިނގައިގަތެވެ. އޭރު ހަވީރު ވެއްޖެއެވެ. ގަޑި ބަލާލަމުން ރިހާ ނަސީރަށް ގުޅީ ރިހާ ކުރަން އައި މަސައްކަތް ނިމުނު ވާހަކަ ބުނާށެވެ. އަދި ނަސީރުމެން ބޭނުންނަމަ މިހާރު ފުރަންށެވެ. ނަމަވެސް ނަސީރަށް ގުޅުމުން އެނގުނީ އެމީހުން ތިބީ ރަށުގަކަމެވެ. ރިހާ ނުލައި އާދެވުނުކަން ނަސީރުމެނަށް އެނގުނީ އަދިކިރިޔާއެވެ. ނަސީރު ވަގުތުން ރިހާ ބަލާ ލޯންޗު ފޮނުވަނީ ކަމަށް ބުންޏެވެ. ރިހާ ފޯނު ބާއްވާފައި ކަންވީގޮތް އާތިފަށް ކިޔައިދިނުމުން އާތިފް ފެށީ ހޭށެވެ. އެވަގުތު މަގުގެ ދެފަރާތް ބަލާލިތަނާ ރިހާއަށް ލީނާ ފެނުނެވެ. ކުއްލިއަކަށް ހަނދާންވީ އޭރު ލީނާއާއި އޭނާގެ އެކުވެރިން ކުރި މަލާމާތެވެ. އެކަމު އެއީ ކީއްވެ ހެއްޔެވެ؟ ރިހާ ވިސްނާލިއެވެ. ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން ރިހާގެ ދެލޯބޮޑުވިއެވެ. އެއީ ތެދަކަށް ވެއްޖެޔާ ރިހާ މިއޮއްހާ ދުވަހު ކުރަމުންއައި މަސައްކަތުގެ ނިމުން އައީއެވެ. ކުރިން އޭނާއަށް ނުވިސްނުނީ ކީއްވެހެއްޔެވެ؟
ހިތުގައި ދުވެލި އުފާވެރި ރާޅުން ރިހާ ހިނގައިގަތީ ލީނާއާއި ދިމާލަށެވެ. ރިހާގެ ހީވުން އެއީ ހަޤީޤަތަށް ވޭތޯ ދުޢާ ކުރަމުންނެވެ. ރިހާ ލީނާއާއި އަރާ ހަމަކުރުމުން ލީނާ ބަލާލީ ނުރުހިފައެވެ. އަދި ބުންޏެވެ. “މިހާރު ކިހިނެއްވީ؟ އަނެއްކަ ކޯޗެކޭ ކިޔަން ތި އައީ؟” ރިހާ އެއީ މާބޮޑުކަމަކަށް ނުހަދަ ވަރަށް އުންމީދާއިއެކު ހިނތުންވަމުން ލީނާކުރެން އެހިއެވެ. “އަހަރެން އެނގޭތަ؟” ރިހާގެ އެސުވާލުން ލީނާ ފެށީ ހޭށޭވެ. ވަގުތަކީ ހަވީރު ވަގުތު ކަމުން މަގުމަތީގައި ފުދޭވަރަކަށް މީހުންވެސް ގިނައެވެ. މަގަށް ބަލާލަމުން ލީނާ ހެމުން ބުނެލިއެވެ. “އެނގެހޭ! މޮޔަވީތަ؟ ތީ…” އެހިސާބަށް ބުނެވުނު ތަނާ ލީނާގެ ހުނުން ހުއްޓި މީހާގަނޑުވި ކަހަލައެވެ. ލީނާގެ ނަޒަރު ހުއްޓިފައި ހުރީ ރިހާގެ ފަހަތުން އަންނަ އަންހެންކުއްޖާއަށެވެ. ރިހާއަށް އެކަން ދޭހަވުމުން ރިހާވެސް ފަސް އެނބުރި ބަލާލިއެވެ. ރިހާއަށް ވެސް ވީ ލީނާއަށް ވީ ވަރެވެ. ނަމަވެސް އުފަލުންގޮހެވެ. “ރިއާ!” ހައިރާން ކަމާއެކު އެ އަންހެންކުއްޖާއާއި ދިމާލަށް ބަލަން ހުރި ލީނާއަށް ބުނެވުނެވެ.
===(ނުނިމޭ)===
6 Comments!
Comments are closed.
very nice varah salhi knirakun anehbai up kohdheny
varah reethi.ummeedhu kuran varah avahah anehbai up kohdheynekamah
haadha lahey up kohdheyleh thankolheh avaha anehbai genes dheebala pls varah salhi mibaives thnks
Varah salhi.hithuge vindhu varah baarah aba thalhaa.
Amazing , waiting so impatiently 4 da next part
pretty little liars ga ulhey aria ge pic eh dhw jahaafa meeny… nt bad ingey…. anyways the story is nice :p 😛