Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ ތެޅުން 8

Jinni Level 410 Stories100 Login100 Comments500 Login
August 3, 2018 7 Mins Read
14 Comments

“ޔަޝަލް!…” ޔަޝަލް ބަލައިލީ ހައިޝަމް ތަންކޮޅޭއް ބާރަށް ގޮވައިލުމުންނެވެ. ހައިޝަމް ތެދުވާތަން ފެނުމުން ޔަޝަލް އަވަސް އަވަހަށް އޭނާ ގައިގައި ހިފަހައްޓަން އުޅުނެވެ. ނަމަވެސް ހައިޝަމް ފަސޭހަކަމާއެކު ތެދުވިއެވެ. ޔަޝަލްވެސް ތެދުވެއްޖެއެވެ. “ޔަޝަލް އައިމް ފައިން.” ހައިޝަމް ބަނޑުމަތީ އަޅާފައި އޮތް އަތް ނަގައި އަނެއް އަތުން ޓީޝާޓު ހިއްލައިލިއެވެ. ޔަޝަލްއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ.

*************************

“ކިހިނެތް… ކޮބާ…” ޔަޝަލްއަށް ޖުމުލަ ފުރިހަމަ ކުރެވޭގޮތެއް ނުވިއެވެ. ދެ ފިޔަވަޅު އެޅުނީ ފަހަތަށެވެ. އޭގެ މިނެޓެއް ކުރިން ލިބުނު ޒަހަމުގެ އަސަރުވެސް ހައިޝަމްގެ ބަނޑަކު ނެތެވެ. ވާނުވާ އޮޅުން ނުފިލައި ހުރި ޔަޝަލް ސިހުނީ ހައިޝަމް އޭނާގެ ނިއްކުރީގައި ބޮސްދިނުމުންނެވެ. އެއާއެކު ޔަޝަލްގެ ދެލޯ ބޮޑުވިއެވެ. ސިކުނޑީގައި ލަތްކެއްޖެހިހެން ވީ އިހުސާސާއެކު އެނބުރެން ފެށީ ނެތިފައިވީ ހަނދާންތަކެކެވެ.

އެއީ މީގެ ފަނަރަ އަހަރު ކުރިއެވެ. ޔަޝަލްގެ އުމުރުން ހަ އަހަރެވެ. ތަސައްރަފު ފުދިފައިވީ މީހުންހާ ސިކުނޑި ހަރު ނޫނަސް ތިމާއާއި ދޭތެރޭ ވަމުންދިޔަ ނާއިންސާފު އޭނާއަށް ވިސްނެއެވެ. ހިތުން ރުހުމުން އޭނާއަށް އަޅާލައި، ލޯބިދޭ މީހަކަށް ހުންނަނީ ޖެނީ އެކަންޏެވެ. ސްކޫލުގައި ޖެހުނު މައްސަލައެއްގައި ޕްރިންސިޕަލް ވަޒީފާއިން ވަކި ކުރުވި ހިސާބުން ލުތުފީއާއި ޔަސްރާގެ ޒީލަގަދަކަން ހުރިހާ ބެލެނިވެރިންނަށް އެނގިގެންދިޔައެވެ. އޭގެ ފަހުން އެމީހުން އެމީހުންގެ ދަރިންނަށް ޔަޝަލްއާއިއެކު އުޅުން މަނާކުރިއެވެ. ޔަސްރާމެންދެކެ ބިރުންނެވެ. އެހެންކަމުން ޔަޝަލް ހުންނަނީ ސްކޫލުގައިވެސް ބާކީވެފައެވެ.

އެއީ ޔަޝަލްއަށް ފެނުނު ހުވަފެނެއްކަހަލަ ދުވަސްކޮޅެކެވެ. ޖެނީގެ ފަރާތުން ލިބުނު ފަށް ކަނޑައިގެން ދިޔުމުން، އަތަށް ލައިގެން އޭނާ އިނީ ހަވޭލީގައި އޮންނަ ބަގީޗާގައެވެ. ކުއްލިއަކަށް އައި ނައި ދިމާއެއް ނޭންގި ކުރިމަތީ އައިސް ހުއްޓުނީ ޔަޝަލްއާއި ދާދި އެއް އުމުރެއްގެ ފިރިހެން ކުއްޖެކެވެ. ދުން ޖަހާފައި ދިޔަ ރޮކެޓެއްހެން ޔަޝަލްއަށް ފަހަތަށް ފުންމައިގަނެވުނެވެ. ސިހުނުލެއް ބޮޑުކަމުންނެވެ.

“ތީ ކާކު؟ ކިހިނެއް މިތަނަށް ވަނީ؟” ޔަޝަލް ހުރީ ފިރިހެން ކުއްޖާ ދޭ ޖަވާބަކުން ގާޑުންނަށް ގޮވަން ތައްޔާރަށެވެ.

“އަހަންނަކީ ހައިޝަމް. ފާރު ބުރިމަތިން އަރައިގެން މި އައީ، މިތަނުގަ ހުރި ސްޓްރޯބެރީތަކުގެ ވަސް މީރުކަމުން.” ކުޑަކުޑަ ހައިޝަމް ހުރީ ވަރަށް ހަމަޖެހިލާފައެވެ. ޔަޝަލްއަށް ބޯ އަރިކޮށްލެވުނެވެ. ނުބައި ނިޔަތަކު އައިނަމަ އެހާ ފަސޭހައިން ތެދަށް ޖަވާބު ދޭނެބާއޭ ހިތަށް އެރިއެވެ.

“ކިހިނެއް ގާޑުންނަށް ފިލައިގެން އައީ؟” ޔަޝަލްގެ ޝައްކު އަދިވެސް ދުރެއް ނުވެއެވެ. ނުދަންނަ މީހުނަށް އިތުބާރު ނުކުރުމަށް އޭނާ ވަނީ ދަސްކޮށްފައެވެ.

“ގާޑުންނަކަށް ނުފެންނާނެ އަހަންނެއް.” ހައިޝަމް ފެން އަރުވާ ވަޑާން މަތީ އިށީންނަމުން ބުންޏެވެ. ގާޑުންނަށް ފިލައިގެން އާދެވޭހާ ކުޅަދާނަ މީހެއްދޯއޭ ޔަޝަލްގެ ހިތަށް އެރިއެވެ.

“ނިންޖާއެއްތަ؟” ޔަޝަލް ވަރަށް މައުސޫމު ގޮތަކަށް އަހައިލިއެވެ. ހައިޝަމްއަށް މަޖާވިއެވެ. ދެ ބުމަ އަރުވައިލަމުން އާނއެކޭ ބުނެ ޖަވާބުދިނެވެ. ޔަޝަލް ވަރަށް ޝައުގުވެރިވިއެވެ. އޭނާ އައިސް އިށީނީ ފެން އަރުވާ ވަޑާން މަތީ، ހައިޝަމްއާއި ހަތަރު ފޫޓު ދުރުގައެވެ. “ވަރަށް ބާރަށް ފުންމޭތަ؟” ޔަޝަލްގެ ސުވާލަށް ހައިޝަމް ބޯ ޖަހައިލިއެވެ. ސިފަ ބަދަލު ކުރެވޭތަ؟ ކްލޯންސް ހެދޭތަ؟ ކުއްލިއަކަށް ގެއްލެން އިނގޭތަ؟…ޕުފް ކިޔާފަ…” ޔަޝަލްގެ ކޮންމެ ސުވާލަކަށް އާނއެކޭ ބުނުމުގެ ގޮތުން ހައިޝަމް ބޯ ޖަހައިލައެވެ.

“ނުއެއް ދެއްކޭނެ އިނގޭ.” ޔަޝަލް އަނގަ ހުޅުވައިލީ ކީކޭ ބުނަންކަން އިނގޭތީ ހައިޝަމް ކުރީބައިގައި ބުންޏެވެ.

ދެން ހައިޝަމްއަށް ފެނުނީ ޔަޝަލްގެ އަތުގައި ކެނޑިފައި އޮތް ފަށެވެ. ހަލާކުވީހޭ އަހައިލުމުން ޔަޝަލް އެއަށް ބަލާލައިފައި ވަރަށް ދެރަވެފައި އާނއެކޭ ބުންޏެވެ.

“އަހަރެން ހަދައިދީފާނަން.” ހައިޝަމްގެ ބަހަށް ޔަޝަލްގެ މޫނު އުޖާލާވިއެވެ. އަސްލުވެސްހޭ ކިޔައި ފަށް ދިއްކޮށްލިއެވެ. “މާދަމާ ހަދައިގެން އަންނާނަން.” ފަށުގައި ހިފުމަށްފަހު ހައިޝަމް ބުންޏެވެ. ޔަޝަލް ކުއްލިއަކަށް އެއްޗެއް ހަނދާންވިހެން އަވަސްއަވަހަށް ގޮސް ގަހުން ސްޓްރޯބެރީ ބިންނަންފެށިއެވެ. ދެއަތަށް ލެވުނުހާ ބައިވަރެއް ބިނދެވުމުން ހައިޝަމްއަށް އަމޭ ކިޔައި ދިއްކޮށްލިއެވެ. ހައިޝަމް ހީލާފައި ސްޓްރޯބެރީތަކުގައި ހިފިއެވެ. އަދި ދެން ދަނީއޭ ބުނެ ބޯ ގަސް ތަކުތެރެއަށް ވަނެވެ.

ޔަޝަލް ކުއްލިއަކަށް ދުވެފައިގޮސް ގަސްގަނޑު ތެރެއަށް ވަނީ، އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހުއެވެ. ނަމަވެސް ހައިޝަމް ފެންނާކަށް ނެތެވެ. “ނިންޖާ…” ވަރަށް އުފާވެފައި ޔަޝަލް ކިޔައިލިއެވެ.

އަނެއް ދުވަހު ހައިޝަމް ބަގީޗާއަށް އައިއިރު ފަށް އޮތީ ލިބުން އިރު އޮތް ގޮތަށެވެ. ކެނޑުނު ތަނުގެ އަސަރުވެސް ނެތެވެ. ޔަޝަލް ވަރަށް އުފާވިއެވެ. އޭގެ ފަހުން ހައިޝަމް ކޮންމެ ދުވަހަކު ޔަޝަލްއާއި ބައްދަލުކުރަން އާދެއެވެ. ޔަޝަލްއަށް ލިބިގެންދިޔައީ ހަގީގީ އެކުވެރިއެކެވެ. އެހެނަސް މި އެކުވެރިކަމުގެ ނިމުން އައީ ކުއްލި ގޮތަކަށެވެ.

“ހައިޝަމް…” ހައިޝަމް ދުރަށް ޖެހިލުމުން ޔަޝަލް އޭނާ ގައިގައި ބައްދައިލިއެވެ. އިސްކޮޅުން ކިތަންމެ ދިގުވެފައި، ހުއްޓަސް އެއީ އޭނާގެ އެކުވެރިޔާކަން ޔަޝަލްއަށް ޔަގީން ކުރެވުނެވެ. ހައިޝަމްވެސް ޔަޝަލްގެ ގައިގައި ހިފަހައްޓައިލިއެވެ. “ކީއްވެ ދިޔައީ؟”

“އަހަންނަށް މާފުކުރޭ. މަޖުބޫރުވީ… އަހަންނަށް ނުބުނެވުނީ ޔަޝަލް ކައިރީ ދާންޖެހޭ ވާހަކަވެސް، ޔަޝަލް ދެރަ ވެދާނެތީ. އަހަންނާއި ބެހޭގޮތުން ހުރި ޔަޝަލްގެ ހުރިހާ ހަނދާނެއް ނައްތައިލީ ބާރު ބޭނުންކޮށްގެން.” ހައިޝަމް ޔަޝަލް ގައިން ދޫނުކޮށްލައި، ހުރި ގޮތަށް ހުރެ ބުންޏެވެ.

“ބާރު؟…” ޔަޝަލް ދުރަށްޖެހިލާފައި އަހައިލީ ދެ ބުމަ ގާތްކޮށްލަމުންނެވެ.

“ޔަޝަލް… އަހަންނަކީ އިންސާނެއް ނޫން. އަހަންނަކީ ޖިންނިއެއް.” ހައިޝަމް ތެދު ބަޔާންކޮށްދިނެވެ. “އަހަރެންގެ ބައްޕައަކީ ލަންޑަނަށް އުފަން ޖިންނިއެއް. މަންމައަކީ މާލެއަށް އުފަން ޖިންނިއެއް. ދެ އާއިލާ ދޭތެރޭ ޖެހުނު މައްސަލައެއްގަ ފެށުނީ ހަނގުރާމައެއް. މި ހަނގުރާމައިގަ ބައްޕަ ނިޔާވި. އަދި އަހަރެންގެ ބާރުތައް ގެއްލުނީ. އެކަމު މިހާރު އަހަރެންގެ ބާރުތަކުގެ މިންވަރެއް އަލުން އަނބުރާ އައިސްފި.” ޔަޝަލް ހުރީ ހައިޝަމްގެ ވާހަކަ ކަނުލާ އަޑުއަހަންށެވެ.

“ހުވަފެނުގަ ފެންނަ ހިޔަންޏަކީ ހައިޝަމްދޯ. ރާއްޖެ އަންނަން ހިޔާލު ދިނީވެސް ހައިޝަމް ދޯ.” ޔަޝަލް އަހައިލިއެވެ. އާނއެކޭ ބުނެ ހައިޝަމް ޖަވާބު ދިނެވެ.

ޖަމީލާގެ ޖަނާޒާގެ ކަންތައް ކުރިއަށްދިޔައެވެ. އެއޮއްހާ ދުވަހު އަޅައިނުލި މަންމަ، މަރުވި ހަބަރު ލިބުމުން ޔަސްރާއަށްވެސް އަޑުން އަޑު ނަގައި ރޯން އިނގުނެވެ. އެކަމާ ޔަޝަލްގެ ގާތަށް އައީ ހައްތަހާ ރުޅިއެވެ.

އޭގެ އަނެއް ދުވަހެވެ. އެނދުމަތީ އިށީންދެގެން އިން ޔަޝަލް އިނީ ގަބުއަރާފައެވެ. ދާދި ދެންމެއަކު އޭނާއަށް ފެނުނު ހިތި މަންޒަރު ސިކުނޑީގައި ތާޒާކޮށް ހުއްޓެވެ. ލޮލުން ވެއްޓުނު ކަރުނަތިކި އޭނާގެ ހިތުގެ ހާލަތު ބަޔާންކޮށްދިނެވެ. ކޮންމެހެން ހަދާފަވެސް ޖީލާންއާއި ވާހަކަދައްކާނަން ކަމަށް ދިޔަ ޔަޝަލްއަށް ފެނުނީ ހަޖަމުކުރަން ދަތި މަންޒަރެކެވެ. އެއީ އޭގެ ދިހަ ވަރަކަށް މިނެޓު ޖީލާންގެ އެޕާރޓްމެންޓް އިންނަ ބިލްޑިންގއިން ނުކުތް އެމިލީ، ފަހަތުން ނުކުތް ޖީލާންގެ ކޮލުގައި ހިފައި ގާތްކޮށްލިއެވެ. އަދި ޖީލާންގެ ތުންފަތަށް ނުހަނު ލޯބިން ބޮސްދިނެވެ. އެސްފިޔަޖަހައިލުމެއް ނެތި މި މަންޒަރު ބަަލަން ހުރި ޔަޝަލް ހުރީ ދުއްވައިގަންނަންވީތޯ، ރޯންވީތޯ، ނުވަތަ މޭތެރޭ ކެކިގަތް ރުޅިގަނޑު އެ އަންހެނާގެ މޫނަށް އަޅައިލަންވީތޯ ނޭންގިފައެވެ.

ހުދު ޔުނިފޯމުގައި ހުރި އަންހެން މީހާއާއި އެކީ މެންޓަލް އެސައިލަމްގެ ތިންވަނަ ވާރޑުން ކްރިސް ވަދެގެންދިޔައެވެ. މީޓިންގ ރޫމް ޖަހާފައި އިން ކޮޓަރިއެއްގެ ކުރިމަތީ ހުއްޓުމަށްފަހު އެތެރެއަށް ވަނުމަށް އަންހެންމީހާ، ކްރިސްއަށް އިޝާރާތްކުރިއެވެ. އެއީ ބަންދު ކުރެވިފައިވީ ކުޑަ ކޮޓަރިއެކެވެ. ދިއްލާފައި ހުރި އަލިގަދަ ބޮކީގެ އިތުރުން، ހުދުކުލައިގެ ހަތަރު ފާރު އެތަނުގެ އަލިކަން އިތުކޮށްދިނެވެ. ކުރިމަތީ ހުރީ ދެ ގޮނޑިއާއި މޭޒެކެވެ. އެއް ގޮނޑީގައި އިނީ ޔާޝާއެވެ. ކްރިސްގޮސް ޔާޝާއާއި ކުރިމައްޗަށް ވާގޮތަށް ދެން ހުރި ގޮޑީގައި އިށީނެވެ. ހާލު ކިހިނެތްހޭ އަހައި، ވާހަކަ ފެށީ ކްރިސްއެވެ. އެ ލުއި އަޑުގައި އެކުލެވިގެންވީ ހިތްހެޔޮކަމެވެ.

“އަހަންނަށް މަލާމަތްކުރަންތަ ތި އައީ؟” އިރުކޮޅަކު އަނގައިން ނުބުނެ އިނުމަށްފަހު ޔާޝާ އަހައިލިއެވެ. “އަހަރެން މޮޔައެއް ނޫން. ކުރެވުނުހާވެސް ކުށަކީ ހިތުގެ އަޑިން މީހެއްދެކެ ލޯބިވެވުން.” ޔާޝާ އިސްޖަހައިލިއެވެ.

“އެއީ ކުށެއް ނޫން.” ތަންކޮޅޭއް ބާރަށް ކްރިސްއަށް ބުނެވުނީ ބޭއިހްތިޔާރުގައެވެ. ވަގުތުން އިސްޖަހައިލެވުނެވެ.

“ތި ބުނީ އަހަރެން ކްރިސްދެކެ ލޯބިވުމަކީ ކުށެއް ނޫނޭތަ؟” ޔާޝާ އެއްސެވެ.

“ވަކި މީހެއް ނޫން. ލޯބިވުމަކީ ކުށެކޭ ނުބުނާށޭ މިބުނަނީ.” ބުނެވުނު ބަސް އަނބުރައި ނުގެނެވޭނެތީ ކްރިސް މަސައްކަތްކުރީ އިސްލާހުކުރެވޭތޯއެވެ.

“ވަރަށް ބޮޑަށް ޝުކުރިއްޔާ ދެކިލަން އައީތީ.” ޔާޝާ ގޮނޑިން ތެދުވިއެވެ. ކްރިސް އަަނގަ ހުޅުވައިލީ ޔާޝާއަށް ގޮވައިލުމަށެވެ. ނަމަވެސް ނުގޮވައި އަނގަ ލައްޕައިލިއެވެ. ފަހަތު ދޮރުން އައި ހުދު ޔުނިފޯމުލީ ދެ މީހުންނާއެކު ޔާޝާ ނުކުމެގެންދިޔައެވެ.

ޑްރިންކް އަޕް ބާރ ބަންދުކުރުމަށްފަހު ކެނީ ނުކުތީ އޭނާގެ ދުވަސްވީ އެކުވެރިޔާ ޑޭވިޑްއާއިއެކުއެވެ. ސައިކަލު އިސްޓާޓުކޮށްލުމަށްފަހު ހަރު ހިއްލައިލުމުން ޑޭވިޑް ފަހަތަށް އެރިއެވެ. ހެލްމެޓު އަޅައިލުމަށްފަހު ކެން ދުއްވައިލީ ވިލިއަމްސް ގެއާއި ދިމާއަށެވެ. ހަވޭއްޔާއި ހަމައަށް ފޯރުމުން ޑޭވިޑް ކެން ގާތުން އެދުނީ އެތެރެއަށް ވަދެލައި، ކަރުހިއްކުން ފިލުވައިލުމަށެވެ.

ފެންޑާގައި ހުރި ސޯފާގައި ޖައްސައިލުމަށްފަހު ދޮރުމަތީ ހުރި ޖާރިޔާއަށް ޑޭވިޑް އެންގީ ކެންއަށާއި އޭނާއަށް ފިނި ބުއިމެއް ގެނައުމަށެވެ. ބޯ ތިރިކޮށްލުމަށްފަހު ޖާރިޔާ ނުކުތްތާ މާގިނައިރެއް ނުވެ ވިކްޓޮރިއާ އައިސްވަނެވެ. ކެންއާއި ވިކްޓޮރިއާގެ ހަތަރުކަޅި ހަމަވީ ސިކުންތުކޮޅަކަށެވެ. ދެ މީހުން ދެމީހުން ކިބައިން ނަޒަރު ކައްސައިލީ ދެ ބީރައްޓެހިން ފަދައިންނެވެ. ވިކްޓޮރިއާ ކައިރީ އައިސް އިށީނުމަށް ޑޭވިޑް ބުނެލިއެވެ. އިރުކޮޅަކު ކެންއާއި ވާހަކަ ދައްކަން އިނދެފައި ޑޭވިޑް ފެންޑާއިން ބޭރަށް ޖެހިލިއެވެ. ފެންޑާ ތެރެއަށް ވެރިވީ އަނިޔާވެރި ހަމަހިމޭންކަމެކެވެ.

“ކިހިނެއްތަ؟” ކުރިމަތީ ހުރި މާ ވަށިގަނޑަށް ބަލަހައްޓައިގެން އިނދެ ސުވާލުކުރި ކެން ހީވީ އޭގައި ހުރި މާތަކާއި ސުވާލުކުރިހެންނެވެ.

“ރަނގަޅު… ކެން ކިހިނެއްތަ؟” އަނެއްކޮޅުން ފާރާއި ދިމާއަށް ބަލަހައްޓައިގެން އިން ވިކްޓޮރިއާ ފެންނަ ފެނުމަށް ވާހަކަދެއްކީ އެ ފާރާއެވެ. ހަމަ ބަރާބަރޭ ބުނެ ކެން ޖަވާބު ދިނުމުން ވިކްޓޮރިއާގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ދުވެލިއެވެ. ނަމަވެސް އިސާހިތަކު ފޮރުވާލައިފިއެވެ. “އަދިވެސް ބާރ ހުޅުވައިގެންތަ އުޅެނީ؟ ތަންކޮޅެއް ބޮޑު ވިޔަފާރިއެއް ފަށަންވެސް ދައްޗެއް ނުވާނެއެންނު.” ވިކްޓޮރިއާ ވާހަކަދެއްކީ ރަސްމީ ރާގަކަށެވެ.

“ކީއްކުރަން؟ މިހާރު ލިބޭ ވަރުން ފުދޭ. މި މަސައްކަތުން އަހަރެން ހިތްހަމަޖެހޭ… ވިކްޓޮރިއާޔޯ؟ ހުރިހާ ކަމެއް ރަނގަޅުތަ؟”

“އާނ. ވިޔަފާރިގަނޑު ދަނީ ހަމަ ދުވަހެއް ދުވަހަކަށް ކުރިއަރަމުން. ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅު.”

ބޭރުގައި އެ ދެމީހުނަށް ނުފެންނަގޮތަށް ޑޭވިޑް ހުއްޓެވެ. ދެ މީހުންގެ އާންމު މުއާމަލާތްތަކުގެ ތެރެއިން މާނައެއް ހޯދާ އެއީ ފުރަތަމަ ފަހަރެއް ނޫނެވެ.

މެންދުރުގެ އަވިގަދަ ވަގުތެވެ. މަޖީދީ މަގުން ޑައިންމޯއަށް ވަންނަންދިޔަ ޖީލާންއަށް ތަންކޮޅެއް ފަހަތުން އައި ޔަޝަލް ދިޔައީ ފާރަލަމުންނެވެ.

“އަހަންނަކީ ސްޓޯކަރއެއް ނޫން. އަހަރެން ޖީލާން ފަހަތުން މި ދަނީ ރަނގަޅު ސަބަބެއް އޮވެގެން. އެއީ އޭނައަށް ހުރިހާކަމެއް ހަނދާންކޮށްދިނުން. ހްމްމް… ހްމްމް…” ޔަޝަލް ވައި އަޑުން ކިޔަމުންދިޔައެވެ. ކައިރިން ލާފައި ދިޔަ މުސްކުޅި މީހަކު ފާޑަކަށް ޔަޝަލްއަށް ބަލައިލީ އަމިއްލައަށް ވާހަކަދައްތީއެވެ. ޔަޝަލް އެ މީހާއަށް ބަލާލާފައި ދަތްޕިލަ ދިލުވައިލުމުން އެ މީހާ ބިރުވެސްގަތެވެ. އަވަސް އަވަހަށް ކުރިއަށް ހިނގުން ބާރުކޮށްލިއެވެ. ޔަޝަލް ވިސްނަމުން ދިޔައީ ޖީލާން ޑައިންމޯއަށް ވަނުމުގެ ކުރިން ގައިގައި ޖެހިގަތުމަށެވެ. ސޮރީއޭ ކިޔައި ވާހަކަ ފެށުމަށެވެ. ޖީބުން އެއްޗެއް ވެއްޓޭނެކަމަށް އުންމީދުކުރާކަށް އޭނާ ނުހުންނާނެއެވެ. ހިތުގައި އޮތީ އެންމެ ފުރަތަމަ ކަންތައް ހިނގިގޮތަށް މި ފަހަރުވެސް ކަން ހިނގާނެ ކަމަށެވެ. ރޭވުމާއި އެއްގޮތަށް ޔަޝަލް ފޯނު ނަގައި ކުޅޭކަމަށް ހަދަންފެށިއެވެ. ޖީލާން ޑައިނަމޯއަށް ވަންނަން އެނބުރެލި ދަނޑިވަޅު ބަލާފައި ހުރި ސީދަލަށް ސްޕީޑުގައި ދިޔައެވެ. ނަމަވެސް ގައިގައި ޖެހުމުގެ ކުރިން ހުއްޓުނީ ޖީލާން ދެ ކޮނޑުގައި ހިފެެއްޓުމުންނެވެ. ފޯނަށް ބަލަން ހުރި ޔަޝަލް އިސްއުފުލައި ބަލައިލިއެވެ.

“އިނގެއޭ ގެއިން ނުކުތީންސުރެ ފަހަތުން އަންނަަކަން.” ޖީލާންގެ މި ޖުމުލައިން ޔަޝަލްގެ މޫނަށް ލޭ އަރައި ރަތްވެއްޖެއެވެ. މިވީ އޭނާ ވާނެކަމަށް ވިސްނާފައިވެސް ނުވާ ގޮތެވެ. “ކާކުތަ ތީ؟”

“ކަ..ކަ…ކަ…ކާކު ފަހަތުން؟ އަހަރެން މި…މި އައީ މިތަނަށޭ… ޑަ…ޑައިނަމޯއަށް.” މުޅި ހަޔާތުގައިވެސް ޔަޝަލް މިވަރަށް ލަދުގަތް ދުވަހެއް އަދި ނާދޭ ކަންނޭންގެއެވެ. ވާހަކަ ދެއްކުނީވެސް ވާހަކަދައްކަން ދަސްނުވާ ތުއްތުކުއްޖެއް ފަދައަކުނެނެވެ. ޖީލާން ފާޑަކަށް ބަލަން ހުރެހުރެފައި ޔަޝަލްގެ ކޮނޑުން އަތް ދޫކޮށްލިއެވެ. އަދި ދޮރު ހުޅުވާފައި އެތެރެއަށް ވަނެވެ.

“ނުވަންނަނީތަ؟” ޔަޝަލް އާގަމާވެފައި ހުރުމުން ޖީލާން އަހައިލިއެވެ.

“އު..އުނހޫ. ވަންނާނަން.” ޔަޝަލް އަވަސްއަވަހަށް އެތެރެއަށް ވަނެވެ. ސިޑިން އެރި އިރުވެސް އޭނާއަށް ހުރެވުނީ ލަދުން އިސްއުފުލަން ނުކެރިފައެވެ. ޖީލާން މޭޒެއް ކައިރީ އިށީނުމުން ޔަޝަލް ތަންކޮޅެއް ދުރުގައި އިށީނީ ޖީލާން ފެންނަގޮތަށެވެ. އޭނާ އިނިީ ސިއްރު ސިއްރުން ޖީލާން ކުރާހާ ކަމަކަށް ފާރަލާންށެވެ. އިށީން ގޮތަށް ފުރަތަމަވެސް ޖީލާން ނެގީ ފޯނެވެ. މީހަކަށް ގުޅައިލުމަށްފަހު އަވަހަށް އައުމަށް ބުންޏެވެ. ކޮންމެވެސް މީހެއްގެ އިންތިޒާރުގައި އިންކަން ޔަޝަލްއަށް އިނގިގެންދިޔައެވެ. ޖީލާންއަކީ އެކަނި މިކަހަލަ ތަންތަނަށް އަންނަ މީހެއް ނޫންކަން ޔަޝަލްއަށް އިނގެއެވެ. އެއަށްވުރެ އޭނަ ކަންނެތްވާނެއޭ ހިތަށް އެރިއެވެ.

“އެކްސްކިއުޒް!” ސިހިފައި ޔަޝަލްއަށް ބަަލައިލެވުނީ، ގޮވަގޮވައި އަޑު ނީވުމުން ތަންކޮޅެއް ބާރަށް ގޮވައިލަންޖެހުނު ވެއިޓަރަށެވެ. އެތާ ތިބި އެންމެން އެ ދިމާއަށް ބަލައިލިއިރު ޖީލާންއަށްވެސް ބަލައިލެވުނެވެ. އެއް އަރިއަށް ހީލުމަށްފަހު އޯޑަރަކީ ކޮބައިތޯ ވެއިޓަރު އަހައިލިއެވެ. ޔަޝަލްއަށް ކުރެވުނުހާވެސް ކަމަކީ ‘އަމް…އަމް..’ ކިޔަ ކިޔާ އިނުމެވެ. ޖީލާންއަށް ހެވުނެވެ. ޔަޝަލް މި އުޅޭގޮތް ޖީލާންއަށް ވަރަށް މަޖާވެއްޖެއެވެ. ޔަޝަލް އެންމެފަހުން ކްލަބް ސޭންޑުވިޗެކޭ، ޑްރިންކަށް ފެނޭ ކިޔައި އަވަހަށް ވެއިޓަރު ފޮނުވައިލިއެވެ. އޭނާ މިތަނަށް އައީ ކާކަށް ނޫންވިއްޔާއެވެ. އަލުން މަސައްކަތް ކުރިއަށް ގެންދިއުމަށް ޖީލާންއަށް ބަލައިލިއިރު އޭނާވެސް ބަލަންް އިންތަން ފެނިފައި ޔަޝަލް ސިހުނެވެ. އަވަސްއަވަހަށް ނަޒަރުކައްސައިލެވުނީ ބޭއިހްތިޔާރުގައެވެ.

އެތައް އިރެއް ފަހުން ސަނީހު ގުޅާފައި ބުނީ ކުއްލިއަކަށް މަންމަ ބަލިވެގެން ހޮސްޕިޓަލަށް ދާން ޖެހިއްޖެ ވާހަކައެވެ. އަދި އޭނާ ދަނީ ހުސޭނުގެ ސައިކަލު ފަހަތުގައި ކަމުން ހުސޭނަށްވެސް ދެވެން ނެތްކަމަށެވެ. އޯޑަރު ކެންސަލްކުރަން ބުނުމުން ޖީލާން އާނއެކޭ ދެން އަވަހަށް ހޮސްޕިޓަލަށް ދާށޭ ކިޔާފައި ފޯނު ބޭއްވިއެވެ. އޭރު ވެއިޓަރު އައިސް މޭޒުމަތީ ދެ ބީފް ސަބްމެރިންއާއި އެއް ޗިކަން ސަބްމެރިން އަތުރަނީއެވެ.

“ދެން ތީއްޗިހި ޕެކް ކުރޭ.” ޖީލާން ބުންޏެވެ. ވެއިޓަރު ޖީލާންއަށް ބަލައިލިއެވެ. އެންމެ ފުރަތަމައިނުންވެސް ތިހެން ބުނިނަމައޭ ބުނާކަހަލަ ގޮތަކަށެވެ.

“އޭތް! މިވެސް ޕެކް ކުރޭ.” ބަދިގެއާއި ދިމާއަށް ދިޔަ ވެއިޓަރަށް، މޭޒުމަތީ އަތްވެސް ނުލައި ހުރި ކްލަބް ސޭންޑްވިޗަށް އިޝާރާތްކޮށްފައި ޔަޝަލް ވައި އަޑުން ބުނެލިއެވެ. ވެއިޓަރުގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. މިއީ ކިހިނެއް ވެގެން އުޅޭ އަންހެނެއްހޭ ހިތަށް އެރިއެވެ. ނަމަވެސް ރުޅިގަނޑު ކޮންޓްރޯލްކުރަންޖެހުނީ ވަޒީފާ މާ މުހިންމު ވީމައެވެ.

ޖީލާންގެ އޯޑަރު ޕެކްކޮށްގެން ގެނައުމުން އޭނާ ދާން ހިނގައިގަތެވެ. ޔަޝަލްއަށް ބަލައިލެވުނީ އެއް ފަހަރު ޖީލާންއަށް އަނެއްފަހަރު ވެއިޓަރަށެވެ. އަވަސްކުރާށޭ ކިޔައި އަނގަ ހަލުވައިލިތަން ވެއިޓަރު ނިންމީ ނުފެންނަކަމަށް ހަދަންށެވެ.

ޕެކްކޮށްފައި އޮތް ކްލަބް ސޭންޑުވިޗް އަތުގައި ޖެހުމާއިއެކު ޔަޝަލް ދުއްވައިގަތީއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ސިޑިން ފައިބައިގެން ބޭރަށް ނުކުތްއިރު ދޮރު ކައިރީ ހުއްޓިލައިގެން ސިނގެރޭޓު ބޯން ހުރި ޖީލާން ފެނިފައި ޔަޝަލްގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ޖީލާން ޔަޝަލްއަށް ބަލައިލިއެވެ. ހީވީ އިންތިޒާރުގައި ހުރިހެންނެވެ.

“އަހަރެންގެ ބިޓެއް ހުރޭ އިނގޭ. ސޮރީ.” ސިނގެރޭޓު ބިންމައްޗަށް ވައްޓައިލުމަށްފަހު ފައިން އަރައި ހުޅުކޮޅު ނިވައިލަމުން ޖީލާން ބުނެލިއެވެ. އޭނާގެ މޫނުން ހީވީ ހިތުގެ އަޑިން ޔަޝަލްއަށް ހަމްދަރުދީވާ ހެންނެވެ. ޖީބަށް އަތް ޖަހައިލުމަށްފަހު ފަހު އެނބުރި ދާން ހިނގައިގަތެވެ. ޔަޝަލް ހުރީ އަނގަ ހުޅުވިގޮތަށް ލައްޕަން ނޭންގިފައެވެ.

“އަދި މީހަކު އެއްޗެކޭ ބުނީކީވެސް ނޫނޭ.” ޔަޝަލް ކިޔައިލިއެވެ. އޭނާއަށް ހެވުނީއެވެ. ޖީލާންގެ ބޮޑާ ގޮތްގަނޑު އަދިވެސް ބަދަލުނުވެއޭ ހިތަށް އަރާފައެވެ. އޭނާ މަތިން ހަނދާން ނެތަސް ޖީލާންގެ މިޒާޖަށް ބަދަލެއް ނާންނާތީ ޔަޝަލް އުފާކުރިއެވެ. ނަމަވެސް ޖީލާންގެ ޖުމުލައިން އޭނާގެ ހިތުގައި ކޫރުމެއް ނޭޅޭނީކީ ނޫނެވެ.

ސޯފާގައި ހަބަރު ބަލަން އިން ޖަންނަތް އިނީ ފޫހިވެފައެވެ. ދޮރުގައި ޓަކިދިން އަޑަށް ކަންނެތްގޮތަކަށް ދެފައި ދަމަމުންގޮސް ދޮރު ހުޅުވިއެވެ. ކުރިމަތީ ހުރީ ޖީލާންއެވެ. ޖަންނަތްގެ މޫނުމައްޗަށް ވަގުތުން ވެރިވީ ހިނިތުންވުމެކެވެ. އެންމެ ލޯބިވާ ދަރިފުޅު ހަފްތާއެއް ފަހުން ފެނުމުންނެވެ. އަވަހަށް އެތެެރެއަށް ވެއްދިއެވެ.

“ކިހިނެއްތަ ދަރިފުޅާ؟” މަންމަގެ ސުވާލަށް ރަނގަޅޭ ބުނެ ޖީލާން ހީލިއެވެ. އަދި އޭނާގެ މަންމަގެ ކޮނޑުގައި ބޯ އަޅައިލިއެވެ. “ސޮރީ އިނގޭ އެކްސިޑެންޓްވީއިރު ނާދެވުނީމަ.” ޖަންނަތް ޖީލާންގެ ބޮލުގައި ފިރުމަމުން ބުންޏެވެ.

ޖީލާންގެ ހުރިހާވެސް އާއިލާއަކީ ޖަންނަތެވެ. ލޭގެ ގުޅުން ނެެތެއް ކަމަކު ޖަންނަތް ޖިލާން ބަލައި ބޮޑުކުރީ އަމިއްލަ ދަރިއަށްވެސް މީހަކު ނުދޭހާ ލޯބި ދީގެނެންނެވެ. ޖީލާންގެ ބޮލުގައި ލޯބިން ފިރުމާތަން ބަލަން ފަހަތުގައި ހުރި ހައިޝަމް، ލޮލަށް ބޮނޑިވި ކަރުނަތައް ހިނދައިލެވޭތޯ ދެ ތުންފަތް ފިއްތައިލިއެވެ.

އެތައް އިރަކު މަންމަގެ އުނގުމަތީ އޮތުމަށްފަހު ޖީލާން ކޮޓަރިއަށް ވަންނަން ދިޔައީ ހައިޝަމް ކުރިމަތިންލާފައެވެ. ނަމަވެސް ޖީލާންއަށް ހައިޝަމްއެއް ނުފެނެއެވެ. ހައިޝަމް ޖަންނަތް ކުރިމަތީ ހުއްޓުނެވެ.

“ކޮބާ ހަބަރަކީ؟” ޖަންނަތް ވާހަކަދެއްކީ ހައިޝަމްއާއި ކަޅި ހަމަކުރުމެއް ނެތިއެވެ.

“ޔަޝަލްއަށް ހަގީގަތް އިނގިއްޖެ.” ހައިޝަމްގެ ބަހަށް ޖަންނަތްގެ ދެލޯ ބޮޑުވިއެވެ.

“ކޮން ހަގީގަތެއް؟” ޖަންނަތް ކެތްމަދުވެފައި އެއްސެވެ.

“އަހަންނަކީ ޖިންނިއެއްކަން.” ހައިޝަމް ހަމަ އެހެން ބުނުމާއެކު ކޯމައްޗަށް އެރީ ހޫނު އެތިފަހަރެކެވެ. ހައިޝަމްގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. ކުރިމަތީ ހުރި ޖަންނަތަގެ ދެލޯ ކުޑައެއްނުވިއެވެ. ރުޅިއައިސްގެންގޮސް ހީވަނީ ދެންމެ ދެންމެ މީހާ ގޮވާފާނެހެންނެވެ. ނަމަވެސް އިތުރު އެއްޗެކޭ ނުބުނެ އަލުން އިށީނެވެ. އޭނާ މަސައްކަތް ކުރަމުންދިޔައީ ރުޅި ކޮންޓްރޯލު ކުރެވޭތޯއެވެ.

“ދުވަސް ދުއްވާލާ.” ޖަންނަތް ބުނިހާވެސް އެއްޗަކީ އެއީއެވެ. އެއަށްފަހު ދާށޭ ބުނުމަށް އަތުން އިޝާރާތްކޮށްލިއެވެ. ހައިޝަމް ވަގުތުން ލޯމައްޗަށް ކަޝްފުވެއްޖެއެވެ. ސޯފާއަށް ވެޑުވިފައި އިން ޖަންނަތް ކާ މޭޒުމަތީ ހުރި ކޯކުފުޅިއަށް ބަލައިލިއެވެ. އެ ހިސާބަށް ދާން މަސައްކަތަށް އޭނާ އަތުން ފޮނުވައިލީ ކަޅު ދުންކޮޅެކެވެ. އެ ދުންކޮޅުގޮސް ވައިގެ ތެރެއަށް ފުޅި އުފުލައިލިއެވެ. އަދި ޖަންނަތްއާއި ހަމައަށް ގެނެސްދިނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jinni

Level 410 Stories100 Login100 Comments500 Login

Other Articles

Previous

އިންތިޒާރު 3

Next

އުންމުލް މުއުމިނީން ޖުވައިރިއްޔާ ރަޟިޔަ ﷲ ޢަންހާ

Next
August 3, 2018

އުންމުލް މުއުމިނީން ޖުވައިރިއްޔާ ރަޟިޔަ ﷲ ޢަންހާ

Previews
August 2, 2018

އިންތިޒާރު 3

14 Comments!

  1. Baby girl ❤ says:
    August 3, 2018 at 6:27 pm

    WOwowow…vrh vrh reethi ..when next part

    1. Jinni says:
      August 3, 2018 at 7:02 pm

      thnk u. nxt prt tuesday ga

  2. Rifu says:
    August 3, 2018 at 6:55 pm

    ❤Wowowow❤
    ?Interesting?

    1. Jinni says:
      August 3, 2018 at 7:03 pm

      thnk u

  3. hamtii says:
    August 3, 2018 at 7:48 pm

    mi vaahaka ge namakee”hithuge thelhun”…ehenve readers hihthalhu vaafa thinimma lanee hurihaa parts eh vx….ehehe….v v habeyx mi part vx….keep it up….waiting ga next part ah….tuesday ga dhw

    1. Jinni says:
      August 4, 2018 at 10:35 am

      dhen alhe hithakee thelhen jehey echekey hamtii ehennooni maruvaane ennu…. thnx ingey for reading and always waiting 4 the nxt prt patiently. dhen oi bai ga ves thi hih thelheyne kamah ummeedhu kuran.

    2. hamtii says:
      August 4, 2018 at 10:55 am

      hehe…

    3. Jinni says:
      August 4, 2018 at 1:48 pm

      hehe… majaakollee ingey?

  4. Taurus says:
    August 3, 2018 at 8:18 pm

    Wowww!!!!!!!when next part?

    1. Jinni says:
      August 4, 2018 at 10:37 am

      nxt prt tuesday ga. thnx for reading taurus

  5. eekko says:
    August 3, 2018 at 10:21 pm

    ths ia the bst stry evrrrr…vvvvv ythi

    1. Jinni says:
      August 4, 2018 at 10:38 am

      wow alsu tha? thnk u ingey eekko

  6. Naadhee says:
    August 4, 2018 at 4:07 pm

    Wow v reethi

    1. Jinni says:
      August 4, 2018 at 9:12 pm

      thnk u

Comments are closed.

Next Episodeހިތުގެ ތެޅުން 9←


All Right Reserved!