Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ ތެޅުން 7

Jinni Level 410 Stories100 Login100 Comments500 Login
July 31, 2018 9 Mins Read
21 Comments

“އައިމް ސޯ ސޮރީ އެރޭ ނުދެވުނީމަ. ވަރަށް ބޮޑު ކަންތައްގަނޑެއް ހިނގައިގެން… އެކަމު މިހާރު ހުރިހާ ކަމެއް ހަމައަކަށް އެޅިއްޖެ. އޭތް، އެއެއް ނޫނޭ… ކީއްވެތަ ފޯނު ނުނެގީ؟ ހާދަ ވަރަކަށް ގުޅީމޭ. ފޯނު އޮތީ ނިވާ…ލާފަ…” ޔަޝަލްގެ ފަތިވަރު މެދުކަނޑައިލީ ޖީލާން އޭނާއަށް ބަލަން ހުރި ގޮތް ފެނިފައެވެ.

“އައިމް ސޮރީ… ތީ ކާކު؟…”

**************************

ކަންފަތް ފަޅައިގެންދާހާ ބާރަށް ޖެހި ގުގުރިއާއި، ފަހަތުން އައި ވިދުމާއެކު ބޯކޮށް ވާރޭ ވެހިގަތެވެ. ތެމި ފޯވިއިރުވެސް ޔަޝަލް ހުރީ ހުއްޓުންއަރާފައެވެ. “އޭނ؟…”

“ޕިސް…” ކުއްލިއަކަށް ވެހެންފެށި ވާރޭއިން ހިތްހަމަނުޖެހުން ފާޅުކުރި ޖީލާން، އެއް އަތް ބޯމަތީ ހުރަސްކޮށްލިއެވެ. އަދި އަނެއްކާވެސް ކުރިމަތީ ހުރި ޔަޝަލްއަށް ބަލައިލިއެވެ. “އަވަހަށް ދޭ ހިޔާވާ ތާކަށް ވަންނަން.” އެހެން ބުނެލުމަށްފަހު ޖީލާންގޮސް ބިލްޑިންގ ތެރެއަށް ދެމިގަތެވެ. ގަބުވެފައި ހުރި ޔަޝަލް ހުރި ތަނަށް ދޫކޮށްފައެވެ.

ޝަވަރުން އޮހޭ ފިނި ފެންތިކިތައް މޫނުގައި ބޮސްދީފައި ދާއިރު ޔަޝަލް ހުރީ ލޯ މަރައިލައިގެންނެވެ. ސިފަވަމުންދިޔައި އޭނާއަށް ބީރައްޓެހި ނަޒަރަކުން ބަލައިލި ޖީލާންގެ މޫނެވެ. ދެ ލޯ ހުޅުވައިލުމަށްފަހު ދަތްކުނޑިވިކައިގަތްފައި ފާރުގެ މުށިތަކުގައި ގޮންމުށުން ޖެއްސެވެ. ރޫރޫ އަޅާއިލި ދެ ތުންފަތް ފިއްތައިލި ނަމަވެސް ލޮލަކުން ކަރުނައެއް ނާދެއެވެ. ޖީލާންގެ އެ އާދަޔާހިލާފު ބަދަލުގެ ފަހަތުގައި ކޮންމެވެސް ސަބަބެއް ވާނެކަމަށް އޭނާއަށް ގަބޫލުކުރެވުނެވެ. އަދި އެ ހަގީގަތާއި ހަމައަށް ވާސިލުވުމަށް ޔަޝަލް އަޒުމުކަނޑައެޅިއެެވެ.

“ޖީލާން… ޖީލާން…” ފުންމައިގެން ކޮޅަށް ތެދުވެވުނުއިރު ޖީލާން އިނީ ދާހިތްލާ ފޯވެފައެވެ. ހުވަފެނުގައި އޭނާއަށް ގޮވަމުން އެ ގެންދިޔަ އަންހެންކުއްޖާގެ އަޑަކީ އޭނާއަށް އިވިފަރިތަ އަޑެއްހެން އިހުސާސުކުރެވުނެވެ. ނަމަވެސް ހުވަފެނުގައި ވީގޮތް ހަނދާންކުރަން އުޅެއުޅެ ހަނދާނަކަށް ނައެވެ. އެހެންކަމުން ބިންމަތީ ހުރި ފެންފުޅި ނަގައި އަނގައަށް އޮއްސައިލުމަށްފަހު އަނެއްކާވެސް އެނދުގައި އޮށޯވެ ލޯ މަރައިލިއެވެ.

ކުރިމަތީ އިށީން ސަނީހުގެ މަޖާ މިޒާޖުން ޔަޝަލް ހައިރާނެއް ނުވިއެވެ. ޖީލާންގެ އެންމެ ގާތް އެކުވެރިޔާގެ ދަރަޖަ ލިބިފައިވާ މި ޒުވާނާއާއި ކުރިން ބައްދަލުވެފައި ނުވިޔަސް ސޯޝަލް މީޑިއާއިން އޭނާގެ މިޒާޖު ވަނީ ޔަޝަލްއަށް ދަސްވެފައެވެ. ސަނީހު ހާލުއަހުވާލު އަހައިލިއެވެ. ރަނގަޅޭ ބުނެ ޔަޝަލް ޖަވާބު ދިނީ ޖޯޝެއްނެތް އަޑަކުންނެވެ. އެއަށްފަހު އޭނާ ކުރަން އައި ސުވާލު ސަނީހުގާތު ކުރިއެވެ. ސަނީހު ބޭނުންވީ ވީހާވެސް ވާހަކަގަނޑު ކުރުކޮށްލަންށެވެ.

“ޖީލާން އެހެރީ ހަނދާންނެތިފަ… ޔަޝަލްއާ ބައްދަލުކުރަން ދިޔަ ރޭ އަނބުރާ ގެއަށް އައި ގަޑީގަ ކާރެއްގަ ޖެހި އެކްސިޑެންޓުވީ. ބޮލަށް ލިބުނީ ވަރަށް ބޮޑު ޒަހަމެއް.” ސަނިހު އޮޅުންފިލުވައިދިނެވެ. “ވަކި އިރަކުން ފެށިގެން އޭނަގެ ހަނދާންތަކެއް ނެތް. އެކަމަކު އޭނައަށް އިނގޭ އޭނަގެ ހަނދާންތައް ފިލައި ދިޔަކަން. ދެން އިނގޭނެ ދޯ ތާރީހު ތަފާތުވީމަވެސް. އެކަމަކު ޑޮކްޓަރު ބުނީ ގަދަކަމުން އޭނާ ލައްވާ އެއްޗެއް ހަނދާންކުރުވަން ނޫޅެއްޗޯ. އޭރަށް މާ ބޮޑުވަރުވާނެއޯ.”

ސަނީހުގެ ހީކުރި ގޮތާއި ހިލާފަށް އެ ވާހަކަ އަޑު އިވުމުން ޔަޝަލް އިނީ ވަރަށް ހަމަޖައްސައިލައިފައެވެ. ހިތުގައި ނުތަނަވަސްކަމެއް ނެތީކީ ނޫނެވެ. އެހެނަސް އަލުން ބަލުން ހުރިހާކަމެއް އިޔާދަކުރަން ޖެހުނަސް ޔަޝަލްގެ ހިތުގައިވާ ލޮއެއްބަކަށް ބަދަލެއް ނާންނައެވެ.

އެނދުމަތީ ދެ ފައި ވަށްކޮށްގެން އިން ޔާޝާ އިނީ ބޯ ހާވައިލައިގެންނެވެ. ލޯ ވަށައި ކަޅުވެފައި ހުރުމުން ޖަހަނީ ހުތުރު ސިފައެކެވެ. ހީވަނީ ހަފްތާއެއް ވަންދެން ނުނިދާ ހޭލާ އިން މީހެއްހެންނެވެ. އޭނާ އިނީ ކުރިމަތީ އޮތް ކްރިސްގެ ފޮޓޮއަށް ބަލަހައްޓައިގެންނެވެ.

“ބޭބެ…ބޭބެ…” ޔާޝާ މަޑުމަޑުން ކިޔަމުންދިޔައެވެ. އެއާއެކު ކުއްލިއަކަށް އަޑުގެ ނެތްތަނަށް ހޭންފެށިއެވެ. “ކްރިސްއަކީ ޔަޝަލްގެ ކޮއްކޮ…ކްރިސްއަކީ ޔަޝަލްގެ ކޮއްކޮ…ޔަޝަލްއަކީ އަޅު އަންހެނާޔާ ކްރިސްގެ ބައްޕައަށް ލިބުނު ދަރި. އެހެންވީމާ ޔަޝަލްއަށް ކްރިސްއަކާ ނީންދެވޭނެ. އެކަމަކު އަހަންނާ ކްރިސްއާ އިނދެވޭނެ.” ޔާޝާ ވައި އަޑުން ވަރަށް ހަލުވިކޮށް ކިޔައިލިއެވެ. “ހިހިހި…ހައްހައްހައްހާ…”

ގޮނޑިމައްޗަށް ފައި އަރުވައިގެން އެމިލީ އިނީ އޭނާގެ ކޮޓަރިގައެވެ. ފޯނު ވައިބްރޭޓުވީ އަޑަށް ފޫހިގޮތަަކަށް ނަގައި ބަލައިލިއެވެ. މޫނުގެ ކުލަވަރު ބަދަލުވާން ނެގީ ހިނދުކޮޅެކެވެ. ހައިރާންކަމުން ފުރިފައިވީ ލޮލުން ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އެތަށް އިރަކު އިނެވެ. އެއަށްފަހު ފޯނު ގެނެސް މޭގައި ޖައްސައިލިއެވެ. ސިކުޑީގައި މޮޅު ރޭވުމެއް ރާވައިލަން ނެގީ ހިނދުކޮޅެކެވެ. “ޔަޝަލް ލުތުފީ… އައި ވިލް ޑިސްޓްރޯއި ޔޫ.” ތުންފަތަށް ވެރިވި މަކަރުވެރި ހިނިތުންވުމާއެކު އެމިލީ ކިޔައިލިއެވެ.

އައިސީޔޫ ކުރިމަތިގައި ކެތްތެރިކަމެއް ނެތް އިންތިޒާރެއްގައި ޔަޝަލް ހުރީ ދެކޮޅަށް ހިނގައިލަ ހިނގައިލައެވެ. ޑޮކްޓަރު ނުކުތްތަން ފެނިފައި އަވަސްއަވަހަށް އެ ދިމާއަށް ދިޔައެވެ.

“މާމަ ކިހިނެތް؟” ޔަޝަލް ކެތްމަދުވެފައި އެއްސެވެ. “މިހާރު ކުރިއަށްވުރެ ރަނގަޅު. ގެއަށް ފޮނުވާލެވޭނެ އިރެއް އަދި ޔަގީނެއް ނޫން.” ޑޮކްޓަރު ބުންޏެވެ.

ހުއްދަ ލިބުމުން ޔަޝަލް އެތެރެއަށް ވަނެވެ. “މާމަ ކުއްލިއަކަށް ކެއްސަ ކެއްސާފަ ނޭވާ ނުލެވިގެން އުޅެންހެދީމަ އަހަރެން ހާދަ ބިރެއް ގަތޭ. މާމަ ދެން މީގެ ފަހުން އެވަރަށް މަސައްކަތްކޮށް ނޫޅޭތި. ޑޮކްޓަރުވެސް ބުނުއްވީ އަރާމުކުރަން. ޔަޝަލް ޖަމީލާ ގާތު އިށީންނަމުން ބުންޏެވެ.

“ދަރިފުޅު އެހާ ހާސް ނުވޭ. މުސްކުޅިވީމަ މިކަހަލަ ގޮތްގޮތްވެސް ވާނެ.” އޮކްސިޖަން މާސްކު ދަށުން ޖަމީލާ ވާހަކަ ދެއްކީ ބަލި އަޑަކުންނެވެ. ޖަމީލާގެ ބަހަށް ޔަޝަލްގެ ކަންބޮޑުވުން ތަންފުކެއްވެސް ދުރެއްނުވިއެވެ. އެހާ މުސްކުޅި ހާލަތުގައި އެކަނި އުޅެން ދޫކުރާ ލުތުފީއާއި ޔަސްރާ ދެކެ އިންތިހާއަށް ނަފްރަތުކުރެވުނެވެ.

ބެލް ރިންގުވީ އަޑަށް ޖީލާން ދޮރު ހުޅުވައިލިއެވެ. ދޮރުމަތީ ހުރީ އެމިލީއެވެ. ޖީލާން ފެނުމާއެކު ފުންމައިގެން އަރައި ގައިގައި ބައްދައިގަތެވެ. “އައި މިސްޑް ޔޫ ސޯ މަޗް ބޭބީ!”

އެތައް އިރަކު ބައްދައިގެން ހުރުމަށްފަހު އެމިލީ ދުރަށް ޖެހިލިއެވެ. “ސޮރީ. ތީ ކާކު ކަމެއް ނޭންގުނު.” ޖީލާން ވާހަކަދެއްކީ އިނގެރޭސިންނެވެ. އެމިލީގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. އެއާއެކު އޭނާގެ ލޮލަށް ކަރުނަތައް ނީރާލިއެވެ.

“އެންމެ މަހެއް ވީ އަދި ނުފެންނަތާ. މިހާރު އެމިލީ މަތިން ހަދާންނެތުނީ؟” އަސަރުން ފުރިފައިވީ އަޑަކުން އެމިލީ ޝަކުވާކޮށްލިއެވެ.

“ވަދޭ އެތެރެއަށް.” ޖިލާން ދޮރުމަތިން އެއްކައިރި ވެލަމުން އެމިލީއަށް އެތެރެއަށް ވަނުމަށް ތަން ދެއްކިއެވެ. ސޯފާގައި އިށީނުމަށް ބުނެފައި ޖީލާންވެސް އިށީނެވެ. އަދި އެކްސިޑެންޓުގެ ވާހަކަ ކިޔައިދިނީ އެމިލީއަކީ ދަންނަ މީހަކަށް ވެދާނެތީއެވެ.

“އޯ މައި ގޯޑް! އައިމް ސޯ ސޮރީ ބޭބީ.” އެމިލީ ގާތަށް ޖެހިލާފައި އަތުން ޖީލާންގެ މޫނުގައި ހިފަހައްޓައިލިއެވެ. “އަހަންނަކީ އެމިލީ. ޖީލާންގެ ގާރލްފްރެންޑް.”

ހިސާބަކަށް އަނގަހުޅުވުނު ގޮތަށް ޖީލާން ލައްޕަން ހަނދާންނެތިއްޖެއެވެ. އޭނާއަށް އިންދެވުނު ތަންވެސް ނޭންގުނެވެ. ހަދާނެ ގޮތެއް ނުވިސްނުނެވެ. ބުނާނެ ބަހެއް ދުލަކަށް ނައެވެ.

“އަމް… ކޮފީ ބޯނަންތަ؟” އެންމެ ހަމަޖެހޭ އެއްޗަކަށް ޖީލާންއަށް ބުނެވުނީ މިހެންނެވެ. އެތަނުން ތެދުވެ ސިކުނޑި ހަމަޖައްސައިލަން ބޭނުންވީވެސް ކަންނޭންގެއެވެ. އެމިލި އެންމެ ރަނގަޅުކަމަށް ބުނުމުން ޖީލާން ތެދުވެ ބަދިގެ ފަރާތަށް އެނބުރުނެވެ.

އެނދުމަތީ ބޯ އަޅައލައިގެން އޮތް ޔަޝަލްއަށް ހޭލެވުނުއިރު ޖަމީލާ މަރަށްތެޅޭ ރޯމަހެއްހެން ތެޅެނީއެވެ. ޔަޝަލް ފުންމައިގެން ތެދުވެ އަޑަށް ލެވުނުހާ ބާރަކަށް ނާރސްއޭ ކިޔައި ގޮވަންފެށިއެވެ. އިސާހިތަކު ދެތިން ނަރުހުން އައިސް ވަދެއްޖެއެވެ. އެތަނުން އެއް ނަރުހަކު ޔަޝަލް އައިސީޔޫއިން ބޭރަށް ނެރުނެވެ. ދެފައިކޮޅުން ވާގިދޫވެގެން ޔަޝަލްއަށް ގޮނޑި މައްޗަށް ތިރިވެވުނެވެ.

އަލުން އައިސީޔޫ ތެރެއަށް ޔަޝަލްއަށް ވަދެވުނީ ބައިގަޑިއިރު ފަހުންނެވެ. އޮކްސިޖަން މާސްކުތެރެއަށް ބާރު ބާރަށް ނޭވާލަމުން ދިޔަ ޖަމީލާގެ ލޯ ވަނީ މެރިފައެވެ. ޔަޝަލް އޭނާގެ މާމަގެ ބޮލުގައި ފިރުމައިލިއެވެ.

“މަންމަތަ؟… ޔަޝަލްއަށް ސިހިފައި ބަލައިލެވުނީ އެނދުގެ ފައިލާކޮޅުގައި ދެބައި އުމުރުގެ އަންހެނަކު އައިސް ހުއްޓުމުންނެވެ. ޔަޝަލް ބޭރު ކުއްޖަކާ ވައްތަރުކަމުން އޭނާ ވާހަކަ ދެއްކީވެސް އިނގެރޭސިންނެވެ.

“ނޫން. މާމަ.” ޔަޝަލް ދިވެހިން ވާހަކަދެއްކުމުން ހައިރާންވި ނަމަވެސް އެމީހާ ހީލިއެވެ. އެކްސިޑެންޓޭއްވީތޯ އެމީހާ އެއްސެވެ. ނޫނެކޭ ބުނެ ޔަޝަލް ބޯ ހަލުވައިލިއެވެ.

“މިހާރު އެކްސިޑެންޓުތައް އެހާ ގިނަވިއްޔަ. އެހެންވެ މި އަހައިލީ. މިދިޔަ ހަފްތާގަވެސް ހަމަ މި އެނދުގަ އޮތީ ޒުވާން ފިރިހެން ކުއްޖެއް އެކްސިޑެންޓު ވެގެން ގެނެސް. ބޮލަށް ވަރަށް ބޮޑު ހާނީއްކައެއް ވެފަ އޮތީ. އަނެންކާ ހޭލި އިރު އޮތީ ސިކުނޑިއަށްވެސް ގޮތްވެފަ. ހަނދާންނެތުނީއޯ…” އަންހެން މީހާގެ ވާހަކައަށް ޔަޝަލް ޝައުގުވެރިވިއެވެ.

“އާނ. އެހެންނުވާނީ ބިމަށް ނުކަތާ ވަަރަށް ދުއްވާ އެއްޗެހި އުޅެންޏާ.” ޔަޝަލް އެ މީހާގެ ވާހަކައާއި އެއްކޮޅަށް ވާހަކަ ގުޅުވައިލިއެވެ.

“ތި ކަމާ އެއްބަސްވާ ޒުވާނުން މިހާރު ވަަރަށް މަދުވާނެ. މި ބުނި ސޮރަށް ފަރުވާ ކުރި ޑޮކްޓަރުވެސް ދެއްކީ ތި ވާހަކަ. އޭނަވެސް އުޅޭނި ހަމަ ތި އުމުރުގަ. ވަރަށް ހެޔޮ ޑޮކްޓަރެއް. ހުރިހާ ޑޮކްޓަރުން އެހެން ވާނެނަމައޭ ހިތަށް އެރި.” ޔަޝަލް ދެން އަހައިލީ އެއީ ކޮން ނަމެއް ކިޔާ ޑޮކްޓަރެއްތޯއެވެ.

“ޑޮކްޓަރު ހުޝާމް… އުނހު، ހަޝީމް ކަންނެ. ހަނދާނެއް ނެތް.” އަންހެންމީހާ ދެ ބުމަ ގާތްކޮށްލަމުން ހަނދާނަށް އާދޭތޯ މަސައްކަތްކޮށްލިއެވެ. ނަމަވެސް ޖެހިގެން އޮތް އެނދުން މުސްކުޅި ފިރިހެނަކު ގޮވައިލި އަޑަށް އެ ދިމާއަށް ދިޔައެވެ.

ޔަޝަލްގެ ހިތުގައި އޮތީ ހަމަ އެންމެ އެއްޗެކެވެ. އެމީހާ ބުނި އެކްސިޑެންޓްވީ ޒުވާނާއަކީ ޖީލާން ކަމަށެވެ. އެއާއެކު ޖީލާންއާއި ބައްދަލުކުރަން އޮތް އެދުން ވީ އިތުރެވެ.

ވަރަށް ފަރި ވެލައިގެން ޔާޝާ ނުކުތީ ވިލިއަމްސްއަށް މަރުހަބާ ކިޔުމަށެވެ. ކައިވެނި ކެންސަލް ކުރަންޖެހުމުން އެކަމުގެ މާފެއްގެ ގޮތުން ލުތުފީމެން ވިލިއަމްސްއަށް ދޭ ކެއުމަކަށެވެ. ބަރާބަރު އަށެއްޖެހިއިރު ވިލިއަމްގެ ކާރު އޮތީ ލުތުފީގެ ހަވޭލި ކުރިމަތީގައެވެ. ކާރު ދޮރު ހުޅުވާފައި ފޭބި ކްރިސްއަށް ބަލަން ޔާޝާ ހުރީ ދީވާނާވެފައެވެ. ކެއުމުގެ މެދުތެރޭގައި ދެ އާއިލާގެ ދެމެދުގައި އެތަކެއް ވާހަކައެއް ދެކެވުނެވެ. ކާން އިންއިރު، އިރުއިރުކޮޅާ ޔާޝާ ބަލާކަން ކްރިސްއަށް ފާހަގަވިއެވެ. ކައި ނިމިގެން ލުތުފީއާއި ޑޭވިޑް ފެށީ ރާޒުވާ ކުޅެންށެވެ. ޔަސްރާ، ވިކްޓޮރިއާ ގޮވައިގެން އޮފީސް ފަރާތަށް ދިޔައީ އެމީހުންގެ ވިޔަފާރީގެ ވާހަކަތަކެއްގެ މަޝްވަރާކޮށްލުމަށެވެ. އެކަކުވެސް ހުރީ ކައިވެނީގެ ކަންތަކުން ދެ އާއިލާގެ ދެމެދުގައި އޮތް ގުޅުން ހީނަރުވިޔަދޭ ގޮތަކަށް ނޫނެވެ.

ރާޒުވާ މެޗު ބަލަން އިން ކްރިސްއަށް ޔާޝާ ގޮވައިލިއެވެ. އިޝާރާތްކުރީ ފަހަތުން އަައުމަށެވެ. ކްރިސް އެއްވެސް ސުވާލެއް ނުކޮށް ފަހަތުން ދިޔައީ ޔާޝާ އެއްޗެއް ބުނަން ބޭނުންވެގެން އުޅޭހެން ހީވާތީއެވެ. ދެ މީހުނަނަށް ގޮސް ނުކުމެވުނީ ހަވޭލި ތެރޭ އޮތް ބަގީޗާއަކަށެވެ. އެ ތަނުގެ މެދުގައި ވަނީ ބޮޑު ފެން އަރުވާ ވަޑާމެކެވެ. ކްރިސްގޮސް ޔާޝާގާތު ހުއްޓުނެވެ.

“ކިހިނެއްވީ؟” ކްރިސް އަހައިލިއެވެ. ޔާޝާ ކްރިސްއާއި ދިމާއަށް އެނބުރި އޭނާގެ ކޮނޑަށް ދެއަތް ވައްޓައިލިއެވެ. ކްރިސްގެ ލޮލަށް މަސްތީ ނަޒަރަކުން ބަލައިލުމަށްފަހު އޭނާގެ މޫނު ކްރިސްގެ މޫނާއި ގާތްކުރަންފެށިއެވެ. ކްރިސް އަވަސް އަވަހަށް ދުރަށް ޖެހިލިއެވެ. އިތުރު ކަމެއް ބޭނުން ނުވަންޏާ ދަނީ.” ކްރިސް ކުޑަކޮށް ހިތްހަމަ ނުޖެހިފައި ބުންޏެވެ. ޔާޝާ އަނެއްކާވެސް ކްރިސްއާއި ގާތަށް ޖެހިލިއެވެ. ދެ ކޮނޑަށް އަތް ވައްޓައިލިއެވެ. މިފަަހަރު ކުރިއަށްވުރެ ގާތަށެވެ. ދެމީހުންގެ ހަށިގަނޑު ޖެހި ފިތިއްޖެއެވެ. އަމިއްލައަށް ދުރަށް ޖެހުމުގެ ބަދަލުގައި ކްރިސް މިފަހަރު ދުރަށް ޖައްސައިލީ ޔާޝާއެވެ. އަދި އެނބުރި އައި ދިމާއަށް ހިނގައިގަތެވެ.

“ކްރިސް އަހަންނާ އިންނާނަންތަ؟” ޔާޝާ ގޮވައިލި އަޑަށް ހުރި ފިޔަވަޅުމަތީ ހުއްޓެން ކްރިސްއަށް މަޖުބޫރުވިއެވެ. މަޑުމަޑުން ފަހަތަށް އެނބުރި ބަލައިލިއެވެ.

“ޔަޝަލްއާ ނީންދެވުނަސް އަހަންނާ އިނދެވޭނެއެންނު. އަހަރެން މީ ޔަސްރާއާ ލުތުފީގެ އަސްލު ދަރިއެއް.” ޔާޝާ އާދޭސްކުރާފަދަ ރާގަކަށް ބުންޏެވެ. “އަަހަރެން ކްރިސްދެކެ ވަރަށް ލޯބިވޭ.”

“ވިސްނާާނަން…” ޖަވާބަކަށް އެދި އެދި ހުރި ޔާޝާއަށް ކްރިސް ބުނިހާވެސް އެއްޗަކީ އެއީއެވެ. އެހެން ބުނެލުމަށްފަހު މަޑުކޮށްލުމެއްނެތި ކްރިސް އެތެރެއަށް ވަނެވެ. ޔާޝާ ދަތްކުނޑިވިކައިގަތްފައި ލައިގެން ހުރި ހެދުުމުގައި ހިފައިގަތީ ހެދުން ވީދައިލަން އުޅޭ ފަދައަކުންނެވެ. ފިރިހެނަކު އޭނާގެ ލޮއެއްބަށް ވަގުތުން އާނ ބަސް ނުބުނިކަން ވީ އޭނާއަށް ހުތުރެއްކަމުގައި ދެކުނެވެ.

ދެ އަތުން ބަރު ކޮތަޅުތަކެއް ހިފައިގެން އެމިލީ ފަހަތުން ފަހަރަކު ފިހާރައަކަށް ވަންނަމުންދިޔަ ޖީލާން ހުރީ ވަރުބަލިވެގެންގޮސް ހަލާކުވާވަރު ވެފައެވެ. އޭނާގެ މުޅި ހަޔާތުގައިވެސް އެހާ ވަރަށް ހިނގޭ މިއީ ފުރަތަމަ ފަހަރު ކަންނޭންގެއެވެ. އެކްސިޑެންޓްވީއިރު އަހަރެން އުޅުނީ މި ހާލުގަބާއޭ އޭނާގެ ހިތަށް އެރިއެވެ.

“ޖީލާން، މި ހެދުންތަ ނޫނީ މި ހެދުންތަ ރީތީ؟” އެމިލީ ކޮނޑެއްގައި އަލުވާފައި އިން ދެ ހެދުން ނަގައި ފަހަރަކު އެއްޗެއް ގައިގައި ޖައްސައިލަމުން އަހައިލިއެވެ.

“އެއްވެސް ހެދުމެއް ރީއްޗެއް ނޫން. ދެން ހިނގާބަލަ ދާން.” ޖީލާން ބޮޑާހާކައިލިއެވެ.

“ދޯ! އެމިލީވެސް ހިތަށްއެރިއޭ މި ދެ ހެދުން އެމިލީއަކަށް ނުގުޅެއޭ. އޭންދަ ހެދުން މާ ރީތި.” ޖީލާންގެ ފަހު ޖުމުލަ އިވޭކަމަށްވެސް ނަހަަދައި އެމިލީ ފިހާރައިގެ އަނެއް ފަޅިއަށް ހިނގައިގަތެވެ.

“ފައިނަލީ ސަލާމަތްވެއްޖެ.” އެމިލީ މަންޒިލަށް ލައިދިނުމަށްފަހު ގެއާއި ހަމައަށް އާދެވުމުން ޖީލާން ކިޔައިލިއެވެ.

“ކޮންކަމަކުން ސަލާމަތްވީ؟” ޕޭވްމެންޓު މަތިން ހިނގާފައި އައި ސަނީހުއަށް ޖީލާން ބުނި އެތި އިވުމުން އަހައިލިއެވެ.

“ވަރުގަދަ ޝޮޕިންއަކަށް ދެވުނީ، ގާރލްފްރެންޑާއެކީ…” ޖިލާން ފުން ނޭވާއެއް ދޫކޮށްލިއެވެ. ހީވީ އެ މަތިން ހަނދާންވިޔަސް ވަރުބަލިވާހެންނެވެ.

“ގާރލްފްރެންޑޭ؟ ކޮން އިރަކު؟…” ސަނީހު ހީކުރީ ޖީލާން ޔަޝަލްގެ ވާހަކަ ދެއްކީކަމަށެވެ.

“އިއްޔެ. އެކަމަކު ހަނދާނެއް ނުވޭ.” ޖީލާން ދެއްކީ އެމިލީ އައި ވާހަކައެވެ. ފާޑަކަށް އެހެންދޯއޭ ބުނެލުމަށްފަހު ދެން ދަނީއޭ ބުނެ ސަނީހު ހިނގައިގަތެވެ.

“ސަލާން ވައްޓާލައްޗޭ ޔަޝަލްއަށް.” ދަމުން ދަމުން އެނބުރި ސަނީހު ގޮވައިިލިއެވެ.

“ޔަޝަލް؟… އެއީ ކާކު؟” ޖީލާންގެ ހިތަށް އެރިއެވެ. ނަަމަވެސް އަހަން ބަލައިލިއިރު ސަނީހު ޖެހިގެން އިން ގޯޅި އަޅައިފިއެވެ.

ޖަމީލާ ހޮސްޕިޓަލުން ދޫކޮށްލީތީ ޔަޝަލް ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ފެންވަރައިލައިގެން ބޯ ހިއްކަމުން ހިއްކަމުން އައި ޔަޝަލް އެނދުގައި ނިދާލާފައި އޮތް ޖަމީލާއަށް ބަލައިލިއެވެ. އެއަށްފަހު މަޑުމަޑުން ކަބަޑު ވަތްގަނޑު ދަމައިލީ ބޮލުގައި އައްސާ ވޫލުކޮޅެއް ނެގުމަށެވެ. ނަަމަވެސް އޭނާގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް އެތެރޭގައި އޮތް ކާޑެކެވެ. އޭގައި އަޅުވާފައިވާ ވާގަނޑުގައި ހިފައި ނެގިއެވެ. އެއީ އޭނާ މަގުމަތިން ހޮވި ކްލިނިކް ފާހެވެ. ނަމަވެސް އޭނާ ހައިރާންވާންޖެހުނީ ދެވަނަ ފަހަރަށް އޭގައި އިން ފޮޓޮއާއި ނަން ފެނުމުންނެވެ. އޭގައިވާ ޑރ. ހައިޝަމްއަކީ އޭނާއަށް ކުރިން ނުފެންނަ މީހެއް ނޫނެވެ. އެއީ އާޓިފިޝަލް ބީޗުން ދިމާވި މީހާއެވެ. ޔަޝަލްގެ ނަން ނުބުނަނީސް އިނގުނުގޮތްވެސް އަދި އޮޅުންނުފިލައެވެ. އެއާއެކު ޔަޝަލްގެ ހަނދާނަށް އައީ ހޮސްޕިޓަލުން ދިމާވި އަންހެންމީހާގެ ވާހަކައެވެ. އެމީހާ ހަނދާންކުރަން އުޅުން ނަން ހައިޝަމްއަށްވުން އެކަށީގެންވެއެވެ. މި ހައިޝަމްއަކީ މުހިންމު މީހެއްކަން ވިސްނުނު ވިސްނުން ޔަޝަލްގެ ސިކުނޑިއަކުން ނުފިލިއެވެ.

މާޔާ ކްލިނިކަށް ވަދެ ކައުންޓަރު ކުރިމަތީ ޔަޝަލް ހުއްޓުނެވެ. ކޮންޕިއުޓަރަށް ލޯ ދީގެން އިން ޝިފްޒާ އިސްއުފުލައި ބަލައިލިއެވެ. “ޔެސް… މޭ އައި ހެލްޕް ޔޫ؟”

“ޑޮކްޓަރ ހައިޝަމް އެބައުޅުއްވާތޯ؟” ޔަޝަލް އަހައިލިއެވެ. އާގަމާވެފައި އިރުކޮޅަކު ޝިފްޒާ އިނީތީ އިނގެރޭސިއެއްކަމަށް ހެދިގެން އިނގެރޭސިން ވާހަކަދެއްކުނުނަމައޭ ޔަޝަލްގެ ހިތަށް އެރިއެވެ. ދިވެހިން ވާހަކަދައްކާ ކޮންމެ ފަހަރަކު މީހުންގެ މޫނުމަތިން ފެނިގެންދާ ހައިރާންކަންދެކެވެސް ޔަޝަލް ހުރީ މިހާރު ފެނިފެނި ފޫހިވެފަކަހަލައެވެ. ނަމަވެސް ދެން އޭނާ ހިތަށް އެރީ ހައިޝަމްއާއި ދިމާވިއިރު އެކަހަލަކަމެއް ނުފެނުނުކަމެވެ.

“މި ވަގުތު ނޫޅުއްވާ…” ޝިފްޒާ ޖަވާބުދިނެވެ. އެހާ ފަސޭހައިން މައުލޫމާތު ނުލިބޭނެކަން އިނގޭތީ ޔަޝަލް ސިކުނޑީގައި މޮޅު ރޭވުމެއް ރާވައިލިއެވެ.

“އަހަންނަކީ ހައިޝަމްގެ ބިޓު.” ކައުންޓަރުމަތީ އަތް އަޅައިލަމުން ޔަޝަލް މަޑުމަޑުން ބުނެލިއެވެ. މި ހަބަރުވީ ޝިފްޒާ އަނެއްކާވެސް ހައިރާންކުރުވަނިވި ހަބަރަކަށެވެ. “މިހާރު އޭނަ މާ ފިލައިގެން އުޅޭތީ އަހަންނަށް ހީވަނީ ޗީޓުކުރަނީހެން.” ޔަޝަލް އަދި ކުރިއަށްވުރެ ވޮލިއުމް މަޑުކޮށްލިއެވެ. ޝިފްޒާ ޝައުގުވެރިވިއެވެ. ކަންދިމާކުރި ގޮތުން އެގަޑި ވީ ޝިފްޓް ބަދަލުވާ ގަޑިއަށެވެ. އެހެން މީހަކު އައިސް ވަނުމުން ކާޑު ޖަހާފައި ޝިފްޒާ ނުކުތެވެ.

ޝިފްޒާ ޔަޝަލް ގޮވައިގެންގޮސް ވަނީ ކެފޭއަކަށެވެ. މޭޒެއްދޮށުގައި ހަމަޖެހިލުމަށްފަހު ދެ ކޮފީއަށް އޯޑަރުދިނެވެ. އަދި ވަރަށް ގަޔާވެފައި ވާހަކަ ފެށިއެވެ.

“އަހަރެން ކްލިނިކުގަ މަސައްކަތް ކުރަން ފެށީ މިދިޔަ އަހަރު. އޭގެ ކުރީގެ ގޮތެއް ނޭންގެ، އެކަމު ޑރ. ހައިޝަމް އަކީ ވަރަށް ގޮތް ނޭންގޭ ޑޮކްޓަރެއް. ޑިއުޓީ އޮންނާނީ އަބަދުވެސް ރޭގަނޑު. ދުވަހަކުވެސް ދުވާލަކު ނުދެކެން. ދެން އޮފީސް ޕާޓީތަކާ އެއްޗެހިވެސް އާންމުކޮށް ރޭގަނޑު އޮންނާތީކަންނެ. އަނެއްހެން ހީވަނީ ހިތްހެޔޮ މީހެއްހެން. ޑޮކްޓަރއާއި ބެހޭގޮތުން އެންމެ މޮޅަށް އިނގޭ ހުންނާނީ އެންމެ މީހެއް.”

“އެއީ ކާކު؟” ޔަޝަލްއަށް ޝިފްޒާގެ ވާހަކަ މެދުކަނޑައިލަމުން އަހައިލެވުނެވެ.

“އެއީ ކްލިނިކް ބޮޑު މީހާ، ޖަންނަތް.” ޝިފްޒާ ބުންޏެވެ. “ކުރިން ދުވަހަކުވެސް ބޮސްގެ ދަރިފުޅު ޖީލާން، އެކްސިޑެންޓެއްވެގެން ޑޮކްޓަރ ދިޔަ ވަގުތުން ހޮސްޕިޓަލަށް. ޑޮކްޓަރ ހޮސްޕިޓަލުގަ މަސައްކަތްކުރާނީ ވަރަށް މަދުން.” ޝިފްޒާ ނުސީދާކޮށް ބުނަން ބޭނުންވި އެތި ޔަޝަލްއަށް ވިސްނުނެވެ. އޭނާ ބުނަން ބޭނުންވީ އެ ޖަންނަތާއި ހައިޝަމްގެ ގުޅުމެއް އޮންނަކަމަށެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް ޔަޝަލްއަށް ވިސްނުނީ ޝިފްޒާ ޖަންނަތްގެ ދަރި ޖީލާންއޭ ބުނުމުންނެވެ. ހައިޝަމްއާއި ޖީލާން މަންމައާއި ގުޅުމެއް އޮންނަކަން އިނގުމުން، މި ހައިޝަމެއް ހޯދުމަށް އޮތް ޔަޝަލްގެ އެދުން ވީ އިތުރެވެ.

“މިތާ ކީއްތިކުރަނީ؟” ކްރިސް އޭނާގެ އޮފީސް ކެބިންއަށް ވަތްއިރު ސޯފާގައި އިން ޔާޝާ ފެނިފައި އެއްސެވެ. ނަމަވެސް އޭނާގެ މޫނުމަތީގައި މާ ބޮޑު ހައިރާންކަމެއް ނެތެވެ. ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކުއެވެ.

“ވިސްނައިފިންތަ؟…” ކްރިސް އައިސް ކުރިމަތީ އިށީންދެ މިނެރަލް ވޯޓާރ ފުޅިއެއް ތުމުގައި ޖެހުމުން ބަލަހައްޓައިގެން އިނދެ އިނދެފައި ޔާޝާ އެއްސެވެ. ކްރިސް ފެންފޮދު ދިރުވާލައިފައި އަދި ނުވިސްނަންކަމަށް ބުނެ ޔާޝާއަށް ފެން ފުޅި ދިއްކޮށްލިއެވެ. ޔާޝާ ބޯ ހަލުވައިލީ ފެން ހެވޭ ބުނުމުގެ ގޮތުންނެވެ. ކްރިސް ބާކީ ހުރި ފެންފޮދު ދަމައިލުމަށްފަހު ފަހަތަށް އެނބުރި ސޯފާ ބިއްދޮށުގައި އިން ޑަސްބިނަށް ފުޅި ވައްޓައިލިއެވެ. އަލުން ކުރިމައްޗަށް އެނބުރުނުއިރު ޔާޝާ އައިސް މިއޮށް ކްރިސް ގައިގައި ޖައްސާފައި އިށީންނަނީއެވެ.

“ކެތެއްނުކުރެވޭނެ…” ކްރިސްގެ ކަންފަތްބުޑުގައި ވައިއަޑުން ޔާޝާ ބުނެލިއެވެ. އެއާއެކު ދެއަތުން ކްރިސްގެ ގަމީހުގައި ހިފަހައްޓާއިލިއެވެ. ޔާޝާގެ ނިޔަތް ހަރާބުވެފައިވާ ވަރު މާ ރަނގަޅަށްވެސް ކްރިސްއަށް ދޭހަވެއްޖެއެވެ. ޔާޝާގެ ނޭވާ ކަރުގައި ބީހޭ އިހުސާސު ކުރެވުމާއެކު ކްރިސްއަށް ސިފަވީ އޭނާ ދެވަނަފަހަރަށް އެކަހަަލަ ނަޒަރަކުން ނުދެކެން ހުވާކޮށްފައިވާ ފަރާތެވެ. ޔާޝާގެ ކޮނޑުގައި އަޅައި ދުރަށް ކޮށްޕައިލެވުނީ އިހްތިޔާރަކާއި ނުލައެވެ.

“ނުކުމޭ ބޭރަށް.” ކްރިސް މަސައްކަތްކުރީ ވީހާވެސް ހަމަޖެހިގެން ހުރެވޭތޯއެވެ.

“ޑޯންޓް ޓޭލް މީ… އަދިވެސް އެ އަންހެނާ ދެކެ ލޯބިވަނީ؟! އައްޗީޑި! އެއީ ކްރިސްގެ ދައްތައެއްނޫންތަ؟ ލަދެއް ނުގަނޭތަ؟”

“ހަމަ މިހާރު ނުކުންނާށޭ!” ކްރިސްގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓިއެވެ. ކްރިސް އެހާ ބާރަށް ހަޅޭއްލަވައިގަތުމުން ޔާޝާ ދިޔައީ ސިއްސައިގެންނެވެ. ލޮލުން އޮހިގަތް ކަރުނަތަކާއެކީ، ބާރުބާރަށް ނުކުމެގެންދިޔައެވެ. އޮފީސް ގޭޓުން ބޭރަށް ނުކުމެވުނުއިރު އޭނާގެ ހިތުގައި އަނދަމުން ދިޔައީ ހަސަދައިގެ އަލިފާނެވެ. ކުރިމަތީވާ މަންޒިލު އަމާންވާނެކަމުގެ ކުޑަވެސް އުންމީދެއް ނެތެވެ.

ގަޑިން ހަތްގަޑި ބައިވިއިރު ޔަޝަލް އިނީ މާޔާ ކްލިނިކުގައެވެ. ބައި ގަޑިއިރުގެ އިންތިޒާރު ނިމުމަކަށް އައީ ހައިޝަމް އައިސް ވަނުމުންނެވެ. ޔަޝަލް ފެނުމުން ހައިޝަމް ހުރި ތަަނަށް ގާވިއެވެ.

“ހައިޝަމް… އަހަރެން ބޭނުން ވާހަކަ ދައްކަން.” ޔަޝަލް ހުރިގޮތުން އިތުރު ބަހަނާއެއް ދެއްކުމުގެ ބޭނުމެއް ނެތްކަން ހައިޝަމްއަށް ވިސްނުނެވެ. ނަމަވެސް އެކަކަށް އެކައްޗެކޭވެސް ނުބުނެވިގެން އުޅެނިކޮށް ޔަޝަލްގެ ފޯނު ރިންގުވިއްޖެއެވެ. ޗޮކެއް ކަނޑާލައިފައި ފޯނަށް ޖަވާބުދިން ޔަޝަލްގެ ދެލޮލުގެ ގޮބޮޅިގަނޑު ހީވީ ނުކުމެދާނެހެންނެވެ.

މީހުންގަނޑު ފަޅާފައި އައިސީޔޫ ކުރިމައްޗަށް ދިޔަ ޔަޝަލްއަށް ހުއްޓެވުނީ ޑޮކްޓަރު ކުރިމައްޗަށެވެ.

“ނިޔާވެއްޖެ. އައިމް ސޮރީ.” ޑޮކްޓަރުގެ ބަހަށް ޔަޝަލްއަށް ހީވީ ފައިދަށުން ބިންގަނޑު ދަމައިގަތްހެންނެވެ. ކައިރީ ހުރި ޖަމީލާގެ އެކުވެރި ސައީދާއަށް އަނގަމަތީ އަތް އަޅައިލެވުނެވެ. ޖަމީލާ މަަރަށް ތެޅެނިކޮށް ފެނި ހޮސްޕިޓަލަށް ގެނައީ އޭނައެވެ.

އާސަހަރާ ތެރޭގައި ވީ ހަމަހިމޭންކަމެވެ. ޖަމީލާގެ ގަބުރު ކައިރީ އިށީންދެގެން އިނީ ޔަޝަލްއެވެ. ލޮލުން ކަރުނަ ނުހިކެއެވެ. ސިއްރު ސިއްރުން މީހަކު ފަހަތުން އައިކަން ރޭކާނުލައެވެ. ގައިގައި މީހަކު ޖެހުނުހެން ހީވެ ފަހަތަށް އެނބުރުނުއިރު މޫނު ޖެހުނީ މީހެއްގެ ބުރަކަށީގައެވެ. އެމީހަކު ހުއްޓުންއަރާފައި ހުރުމުން ޔަޝަލް ކޮޅަށް ތެދުވިއެވެ. އެތާހުރީ އެ ފިރިހެންމީހާ އެކަންޏެއް ނޫނެވެ. ކުރިމަތީ ހުރީ ޔާޝާއެވެ. އަތުގައި އޮތް ހަންޖަރުން ލޭ ތިކި ތަޅަނީއެވެ. އިދިފުށަށް ވެއްޓެންދިޔަ ޒުވާނާއަށް ޔަޝަލްއަށް ބަލައިލެވުނެވެ. އެއީ ހައިޝަމްއެވެ. ބަނޑުމަތި ވަނީ ލެއިން ތަތްތެޅިފައެވެ.

ހޭބުއްދި ފިލާފައި ހުރި މީހެއް ފަދައިން ޔާޝާ އަނެއްކާވެސް ޔަޝަލްއާއި ދިމާއަށް ވަޅި ހިފައިގެން އައެވެ. މަރާލާނަމޭ ބުނެ ހުތުރު ބަސްތައް ރައްދުކުރަމުންނެވެ. ކުރެވުނު ކުށުގެ ކުޑަވެސް ފަހުމެއް ނުވާކަހަަލައެވެ. ރުޅިއައިސް ރަތްވެފައި ހުރި ޔަޝަލްގެ އަތުގައި އެންމެ ފުރަތަމަ ޖެހުނީ ކައިރީ ހުރި ޕްލާސްޓިކު ގޮނޑިއެވެ. ނަގައި ހުރި ބާރެއްލާފައި ޔާޝާ އާއި ދިމާއަށް އެއްލިއެވެ. ގޮނޑިން ޖެހި ބިންމައްޗަށް ވެއްޓުނު ޔާޝާގެ ބޯ މުށިގަނޑު މަތީ ޖެހުނީ ވަރަށް ބާރަށެވެ. ހަމަ ވަގުތުން ހޭ ނެތުނެވެ.

“ހައިޝަމް…” ޖަމީލާ އޮތް އަށީގެ އަރިމަތީ ލެނގިލައިގެން އިން ހައިޝަމް ގާތަށް ޔަޝަލް ތިރިވިއެވެ. ތަދު ވާނެކަން ޓީޝާޓަށް ފޭދިފައި ހުރި ލެއިންވެސް އިނގެއެވެ. ހައިޝަމްގެ އެ ހާލަތު ފެނިފައި ޔަޝަލްގެ ހިތުގައި ރިއްސައިލިއެވެ. އެންބިއުލައިންސަށް ގުޅަން އަވަސްވެގަތް ޔަޝަލް ހުއްޓުވީ ހައިޝަމްއެވެ. “ކީއްވެ؟… ތިއޮއް ބައިވަރު ލޭތަށް ބަލާ! މަރުވާ ހިތުންތަ ތި އުޅެނީ؟” ޔަޝަލް ތަންކޮޅެއްް ބާރަށް ބުންޏެވެ. އޭނާ ހުރީ ވަރަށް ހާސްވެފައެވެ. ކުރިމަތީ މީހަކު މަރުވަނިކޮށް ފިލްމަކުން ނޫނީ ފެނިފައި ނުވޭ ވިއްޔާއެވެ.

“ޔަޝަލް…” ހައިޝަމްގެ ބަހެއް އެހުމެއް ނެތި ޔަޝަލް ފޯނު ނެގިއެވެ.

“ޑޯންޓް ވޮރީ. ޔޫ ވިލް ބީ ފައިން.” ޔަޝަލް ކިޔައިލިއެވެ.

“ޔަޝަލް!…” ޔަޝަލް ބަލައިލީ ހައިޝަމް ތަންކޮޅޭއް ބާރަށް ގޮވައިލުމުންނެވެ. ހައިޝަމް ތެދުވާތަން ފެނުމުން ޔަޝަލް އަވަސް އަވަހަށް އޭނާ ގައިގައި ހިފަހައްޓަން އުޅުނެވެ. ނަމަވެސް ހައިޝަމް ފަސޭހަކަމާއެކު ތެދުވިއެވެ. ޔަޝަލްވެސް ތެދުވެއްޖެއެވެ. “ޔަޝަލް، އައިމް ފައިން.” ހައިޝަމް ބަނޑުމަތީ އަޅާފައި އޮތް އަތް ނަގައި އަނެއް އަތުން ޓީޝާޓު ހިއްލައިލިއެވެ. ޔަޝަލްއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ.

(ނުނިމޭ)

 

 

 

 

 

Share Article

Follow Me Written By

Jinni

Level 410 Stories100 Login100 Comments500 Login

Other Articles

Previous

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 4

Next

ލޯބި އަހަރެން ވާނަމޭ 2

Next
July 31, 2018

ލޯބި އަހަރެން ވާނަމޭ 2

Previews
July 31, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 4

21 Comments!

  1. jeyd says:
    July 31, 2018 at 6:17 pm

    ey ma last dhw..anyways mi prt vrh obi as usuall vrh salhi next prt ah heskiyaafa inthizaaruga

    1. Jinni says:
      July 31, 2018 at 8:49 pm

      last ehnoonennu first ennu. thnx ingey inthizaaru kurachey

  2. eekko says:
    July 31, 2018 at 6:19 pm

    Vvvvv rythi

    1. Jinni says:
      July 31, 2018 at 8:49 pm

      thnk u eekko

  3. Twinkle? says:
    July 31, 2018 at 7:13 pm

    OMG… kihinehbaa e v… alhey vvvv curious veyba… mi part vs hama vvvv salhi masha allah

    1. Jinni says:
      July 31, 2018 at 8:51 pm

      thnk u twinkle hingaa dhw nxt prt ga vaa goi balan

  4. Baby girl ❤ says:
    July 31, 2018 at 7:35 pm

    vrh vrh reethi?? …when next part

    1. Jinni says:
      July 31, 2018 at 8:51 pm

      thnx baby girl. next dhen prt as usual friday ga

    2. Jinni says:
      July 31, 2018 at 8:52 pm

      next prt dhen*

  5. Jinni says:
    July 31, 2018 at 8:59 pm

    mi part ga eba in mistake eh. jameela oi ashi ‘mathee’ ennoon asheegai haisham lengigen innanee. fenuneema mi correct kollee. atteh mathee kihineh lengeynee ? sry bout dat

  6. Yaan says:
    July 31, 2018 at 10:30 pm

    Wowww!!!!!!maasha Allah❤….vrh reethi……..when next part?

    1. Jinni says:
      August 1, 2018 at 1:05 pm

      thnk u yaan. nxt prt mianna friday ga

  7. shaaa says:
    July 31, 2018 at 11:40 pm

    Kiyaahithun indha eh nimuny…

    1. Jinni says:
      August 1, 2018 at 1:11 pm

      hehe… nxt prt iraadhakurevviyya miavvureves kiyaa hivva prt egge gothuga genesdhevetho balaanan?

  8. kookie says:
    August 1, 2018 at 10:21 am

    Masha Allah. mi part vx varh reethi. o my. khneii tha e v.? I’m really curious. avahah next part up kohlahchey.. when next part.??

    1. kookie says:
      August 1, 2018 at 10:24 am

      Friday ga dhw. adhi haadha vaguthekey dhw e othy. hahthaavx mihen mivany hama vaahaka kiyaa hithun. will be waiting. 😀

    2. Jinni says:
      August 1, 2018 at 1:14 pm

      thnk u kookie. sorry 4 having to make u wait. mi week ga adhi v busy test otheema ekamakuves friday ah iraadha kurevviyya nimmadheynan ingey

  9. Hamtii says:
    August 1, 2018 at 12:53 pm

    v v obi mi part as usual….next part ah kuran jehey inthixaaru haadha dhigeyy….pis…pis…magey kehtherikan vx nethy ey…haha

    1. Jinni says:
      August 1, 2018 at 1:16 pm

      thnk u hamtii. kekkollachey ingey

  10. Maii? says:
    August 1, 2018 at 4:20 pm

    Wowww…. vrh salhi … waiting 4r the next part.❤❤❤

    1. Jinni says:
      August 1, 2018 at 5:56 pm

      thnkx maii

Comments are closed.


All Right Reserved!