Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

އެއް ރެއިން – ފުރަތަމަ ސީސަން

Ibrahim Waheed Level 1
July 21, 2018 19 Mins Read
17 Comments

ނޯޓް: މިއީ މީގެ ކުރިން ވާހަކަ.ކޮމް ގައި ޝާއިޢުކޮށްފައިވާ ވާހަކައެކެވެ.

“ދަރިފުޅާ! ދެން ތެދުވޭ. ފަހެއް ޖަހަންވެއްޖެ. މާ ލަސްވަންޏާ ދަރިފު ނުލާ އެމީހުން ފުރާފާނެ އިނގޭ!”

އަހަންނަށް ހޭލެވުނީ މަންމަ ދޮރުގައި ޓަކިދެމުން ދިޔަ އަޑަށެވެ.

“ތެދުވެއްޖައީމޭ މަންމާ.”

ނިދީގެ އަސަރު އެކުލެވިފައިވާ އަޑަކުން އަހަރެން އެހެން ބުނެލީ މަންމަގެ އެ ޓަކިދިނުންތަކައް ހުއްޓުމެއްގެނައުމަށެވެ. މަންމަގެ އަޑު ނުއިވުމުން މަންމަ ދިޔައީ ކަމަށް ބަލައި އަނެއްކާވެސް އަހަރެން އޮށޯތީ ބެޑުގައެވެ.

ކުއްލިއަކަށް އަހަންނަށް ހޭލެވުނީ އަހަރެންގެ މޫނަށް މީހަކު ފެންއެއްޗެއް އަޅާލުމުންނެވެ. ސިއްސައިގެން ގޮސް އަހަރެން ބެޑުގައި އިށީނީމެވެ. ކުރިމަތީ ބޮޑު ފެންބާލިދީއެއް ހިފައިގެން އެ ހުރީ އަހަރެންގެ ލާނެތް ދޮންތައެވެ. ދޮރާ ދިމާ އަހަރެން ބަލައިލީ ދޮރު ތަޅުލިކަން ހަނދާންވީތީ ސުވާލުގެ ނަޒަރަކުންނެވެ.

ދޮރު ހުޅީ ހުޅުވާފައެވެ. ދޮރުގައި ޖަހާފައި އިން ތަޅުދަނޑިން، ދޮރު ހުޅުވި ގޮތް ކިތަންމެ ރަނގަޅަކަށްވެސް ބުނެދެއެވެ.

“ސާބަހޭ! އަދިވެސް ނިދާލާ.. އެއޮށް ފަސް ގަޑި ބައިވެ ބޮޑުވަނީއޭ. އެންމެންހެން އެބަތިބި ތައްޔާރުވެގެން. ރަޔާން އެކަނި.. ދެން އަވަސް ކޮށްބަލަ ދޯ!މި ފިރިހެން ވެރިން ހާދަހާވާ ކަންނެތޭ!” ދޮންތަގެ ޝަކުވާތައް ގިނައެވެ.

“ފެން އެއްޗެއް ނޭޅިޔަސް ވެދާ..” އަހަންނަށް ބުނެވުނީ މިހިސާބަށެވެ. ” ނުވިތާ! އެހެންނަމަ ހުންނާނީ މިހާރު ރެޑީވެފަ އެއްނު” ދޮންތަގެ އަޑު މާބާރެވެ.

ދޮންތައާއި ފަށައިފި ޒުވާބަކީ މޮޅުވެވޭނެވަރުގެ ޒުވާބެއް ނޫނެވެ. އެބަ ދަމޭ ބުނުމުންވެސް ދޮންތަ ހިރިލާ ގޮތެއްނުވިއެވެ. އަހަރެން ގޮސް ފާޚާނާއަށް ވަންނަންދެން ހުއްޓެވެ.

ތައްޔާރުވެލައިގެން އަހަރެން ކޮޓަރިން ނުކުތްއިރު ބޮޑު ޓީމެއް ބޭރުގައި އޮތެވެ. ދޮންބެ އާއި ދޮންބެ ދައްތައެވެ. ދޮންތައާއި ތިއްތައްތައެވެ. ދޮންބެގެން 6 އަހަރުގެ ޒޭނާވެސް ހުރީ ވަރަށް ދާހިތުންނެވެ. އަދި އެހެން ބަޔަކުވެސް އައިސް ތިއްބެވެ. އެއީ ދޮންބެ ދައްތަގެ އާއިލާގެ ބައެއް މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އެގޭގެ އެންމެ ދޮށީ ހުޒާމްބެއާއި މާއިއްތައާއި މާއިއްތަގެ ދެކުދިން؛ ކިއާން އަދި ކައިލް އާއި ރިޒްނާއްތަގެ ދެމަފިރިންނެވެ. އަހަރުމެނާއެކު ބައިވެރިވާ އެންމެ ހަގު މީހާއަކީ ތިއްތައްތަގެ ލައީއެވެ. އެއީ އަދި އެއް އަހަރުގެ ފުއްގަނޑެކެވެ.

އެންމެންހެން ތައްޔާރުވެގެން މި ތިބީ މާދުރުނޫން ހިސާބެއްގައި އޮތް ފަޅު ރަށަށް ދަތުރު ދިޔުމަށެވެ. މިއީ އަހަރެންގެ މިކަހަލަ ފުރަތަމަ ދަތުރެވެ. މާލޭގައި އުޅެ ބޮޑުވުމުން މިފަދަ ދަތުރުތައް ކުރެވިފައި ހުރިލެއް މަދެވެ.

ކޮޓަރިން ނުކުތުމުން އެންމެންހެން އަހަންނަށް ބަލަމުން ދިޔައީ “ސާބަހޭ” ބުނާފަދައިންނެވެ. އެންމެ ފަހުންވެސް މިފަދަ މަންޒަރެއް އަހަންނަށް ފެނުނީ ކުލާހުގަ މުދައްރިސް ކުރި ސުވާލަށް ނުބައި ޖަވާބެއް ދިނުމުން ކުލާހުގެ ކުދިންގެ ފަރާތުންނެވެ..

ޖެޓީ ކައިރިޔަށް ދިޔައިރު ބޯޓުގެ ވެރި ފަރާތުން ހުރީ އަހަރުމެން ނައިސްގެން ލަސްވެފައެވެ. އެންމެން އަރާ ހަމަވުމުން ލަސްތަކެއް ކުރާކަށް ކައްޕި ނަހަދައެވެ. މާލޭ ފަޅުން ބޯޓު ނުކުމެގެން އާދައިގެ ދުވެއްޔެއްގައި ދަތުރު ކުރަމުން ދިޔައެވެ. އެންމެންގެ ކަމަކީ ފޮޓޯ ނަގަ ނަގާފައި “އިންސްޓަގްރާމް” އަދި “ފޭސްބުކަށް” “އަޕްލޯޑް” ކުރުމެވެ. އަހަރެން ބަލަން އިނީ ފެންނަމުންދިޔަ ހިތްގައިމު މަންޒަރަށެވެ.

އެއިރު އިރު އުދަރެހައް ދައްކާލާފައިވެއެވެ. އަދި އޭގެން އެޅެމުން ދިޔަ ދޯދިތައް ކަނޑުގެ ލޮނުގަނޑުން ރީތިކޮށް ދައްކުވައިދެއެވެ. ޖެހެމުންދިޔައީ ތެތްފިނި ހިތްގައިމު ރޯޅިއެކެވެ. ބޯޓު ދުވަމުން ދިޔަހެން އެޅެމުންދިޔަ މޯހިރުތައް މި މަންޒަރު އިތުރަށް ފުރިހަމަކުރުވައެވެ.

މަންމަ ހުރިނަމަ މި މަންޒަރުތައް ފެނިފައި ވަރަށް އުފާވީހޭ އަހަރެންގެ ހިތައް އެރިއެވެ. ނަމަވެސް ދަތުރުތައް “ބޭކާރު” ގޮތުގައި ކުރުމަކީ މަންމަ އެއް އިރެއްގައިވެސް ކޮށް އުޅުނު ކަމެއް ނޫނެވެ. މިފަހަރުވެސް ދެތިން ބަހަނާއެއް ދައްކާފައި ގޭގައި މަޑުކުރީ އެހެންވެއެވެ.

އެންމެންހެން ތިބީ ފޯރިޔާއެކު ލަވަ ކިޔާށެވެ. ކުދިންތައް ތިބީ “ޓެބްލެޓުން” ގޭމްކުޅުމުގައި އަވަދި ނެތިއެވެ. އަހަރެން އިށީނދެ އިނީ ކައްޕި ކައިރީ، ފެސްބުކު “ހާވާލުމަށެވެ”.

“ކޮއްކޮމެން ކީއްކުރަން ރަށްފަޅު ފުއްޓައް ދާން ތިނިންމީ؟”

އަހަރެން ސިއްސައިގެން ދިޔައީ ކައްޕީގެ ބަރުއަޑު ކަންފަތުގައި ޖެހުމުންނެވެ. ފޯނުވެސް ނުވެއްޓުނީ ކިރިޔާއެވެ.

“ކިހިނެއްވީ؟ ސަޅިރަށެކޯ އެއީ އެންމެން ބުނަނީ.. އެހެންވެ ކަންނޭނގެ. ދޮންތަމެން އަސްލު..”

ބީރައްޓެހިކަމުގެ ރާގެއްގައި އަހަރެން ފެށި ޖުމުލަ މެދު ކަނޑައިލީ އަނެއްކާވެސް އެމީހާއެވެ.

“އެއްޗެއް ބުނީމަ ބުނާ މީހާ ގޯސްވާ ޒަމާން މިއީ! ޚާއްސަކޮށް މިޒަމާނު ކުދިން ގާތު މި ވާހަކަ ވާނީ އަހަރުގެ ބޮޑު ޖޯކަށް. އެކަމަކުވެސް ނުބުނެ ހިތް ނުވާތީ ހައްތަހާވެސް..

ބޭބެ ބުނާތީ އަޑު އަހަން، އެއީ ރޭނގަޑު ވަނިކޮށް ނާމާންވާ ރަށެކޭ. ރަށްފަޅުފުށި އެ ރަށަށް ކިޔުނީވެސް އެހެންވެ ކަމަށްވަނީ. މީގެ ކުރިން އެއީ ފަޅުރަށެއް ނޫން. އެކަމަކު އެރަށުގަ ސިހުރު ހާހޫރަ ގިނަވެގެން ގޮސް މުޅިރަށް ފަޅުވީ. ބުނެލަން ވާނެތާ ދޯ..؟ ދެން މިތިބަ މީހުންނަށް ވިސްނޭނެހެން ބޭބެއަށް ހިއެއް ނުވޭ.. އެހެންވެ ކޮއްކޮ ގާތު މިބުނީ”

ހަޤީޤަތުގައި އަހަންނަށްވެސް އެކަންވީ ބޮޑު ޖޯކަކަށެވެ. އެތެރެއިން ފަޅައިގެން ދާން ކައިރިވެފައި އިން ހިނިގަނޑު ކިރިޔާ ހިންދާލައިގެން އިނދެވުނު ކަމެވެ. ސިހުރޭ؟ ހާހޫރައޭ؟ އަހަރެން އިނީ އެހިތާއެވެ.
މިފަދަ ވާހަކަތައް އެންމެ ފަހުންވެސް އަޑުއެހީ ދިވެހި ގަޑީގައެވެ. މިޒަމާނުގަ މިފަދަ ވާހަކައެއް ޔޯލައަކަށްވެސް ދެއްކިވާހަކަ މި އެހީ އަލަށެވެ. މި ބޭބެ އެވާހަކަ ދެއްކުމުން، މި ޒަމާނުގައިވެސް މިފަދަ “ބޯ ގޯހުން” އުޅެޔޭ އަހަރެންގެ ހިތައް އެރިއެވެ. އަހަންނަކީ މީހަކަށް، ޚާއްސަކޮށް ނުދަންނަ މީހަކަށް ދުވަހަކުވެސް މަލާމަތްކުރާ މިޒާޖެއްގެ މީހެއް ނޫނެވެ. ތެދެކެވެ. މިޒަމާނުގަ މިކަހަލަ ފުލޯކު ވާހަކަތައް ޤަބޫލެއް ނުކުރާނެއެވެ. މީހެއްގެ ގޮތެއް ނޭނގެއެވެ. ހަމަގައިމުވެސް އަހަރެންގެ އާަައިލާއަކީ “ހަމައިގަ” ތިބިި ބައެކެވެ.

އަހަރެން ހިތައް އެރިއެވެ. މި ބޭބެ އެހެން މީހެއް ގާތު މިވާހަކަ ނުދެއްކިކަން ނަޞީބެކެވެ. އެހެންނަމަ ހަމަ ރަނގަޅަށްވެސް ބަވާލާނެއެވެ.

އެ ބޭބެ އެހުރިހާ ފަތިވަރެއް އަމުނާލުމުން އަހަންނަށް ހަމައެކަނި ބުނެވުނު ބަހަކީ “އެހެންތަ؟” އެވެ. އަނގަ ހުޅުވައިގެން އާގަމަވެފައި އިނދެވުނުކަން ހަނދާންވީ ކުޑަ ހިނދުކޮޅެއް ފަހުންނެވެ.

އްވަމުންދިޔާތާ އެއް ގަޑިއިރަށް ވުރެ ގިނައިރުވެއްޖެއެވެ. އަދިވެސް ދެވޭކަށް ނޫޅެހޭ ހުޒާމްބެ އަހާލުމުން ކައްޕި އަތުން އިޝާރާތްކޮށްލާ ދައްކައިލީ މާ ދުރުނޫން ހިސާބެއްގައި އޮތް ދިގު ރަށަކަށެވެ. ރަށްފަޅުފުއްޓަކީ އެއީކަން އެންމެނަށްވެސް އެނގުނީދެނެވެ.

އެއީ ވަރަށް ރީތި ހިސާބެކެވެ. މުޅި އެހިސާބުގައި ކަނޑެއްނެތެވެ. އޮތީ އެއްކޮށް ފަޅެވެ. އެ ފަޅުރަށް ވަށައިގެންވާ ހުރިހާ ރަށެއްވެސް ހިއްސާކުރަނީ އެއްފަޅެކެވެ. ގިނައީ މީހުން ނޫޅޭ ފަޅުރަށް ރަށެވެ. ނަމަވެސް ރަށްފަޅުފުށްޓާއި ކައިރީގައި މީހުން އުޅޭ ދެރަށެއް އޮތެވެ.

ދުވަހަކީ މޫދު ވަރަށްވެސް ސާފު އަވި ބާރު ދުވަހެއްކަމުން ވަރަށް ރީތިކޮށް މޫދުތެރެ ވަކިވެއެވެ. ހިނދު ހިނދުކޮޅުން މަޑިތަކާއި މަސްތައް ދަތުރުކޮށްފައި ދާތަން ފެނެއެވެ. ވަރަށް ހިތްގައިމެވެ.
އެ ރަށާ ބޯޓު ކައިރިކުރި އިރު ގަޑިން ހެނދުނު 8 އެއް ޖަހައި ބޮޑުވެއްޖެއެވެ. އެއީ ވަރަށްވެސް ރީތި ރަށެކެވެ. މީހުން މިހާރު ނޫޅޭ ރަށެއްކަމުން އެރަށުގެ ގޮނޑުދޮށް ވަރަށް ސާފެވެ. އަދި މޫދުވެސް ވަރަށް ރީއްޗެވެ. ތަންކޮށްކޮޅުން އޮތީ ތޮށި ލާފައެވެ. މިފަދަ ހިތްގައިމު މަންޒަރުތަކަކީ އަހަރެންފަދަ މާލޭގައި އުޅެ ބޮޑުވި ކުއްޖަކަށް، ފެނުނު ހުވަފެނެއް ހަޤީޤަތަކަށް ވުން ކަހަލަ ކަމެކެވެ. މިއީ ކުރިން އަހަރެން އެކި އެކި ފަންނުވެރިންގެ ކުރެހުންތަކާއި ތަސްވީރުތަކުން ފެންނަ މަންޒަރުތަކެވެ.

“ކައްޕީ! މައްސަލައެއްނެތް ދިޔަޔަސް. ހަވީރުން އަންނަން ވީމަ އަހަރުމެން ގުޅާނަން. ރެޑީގަ ހުންނާތި” ދޮންބެ ކައްޕިއަށް ބުނެލިއެވެ.

މައްސަލައެއް ނެތޭ ބުނުމަށްފަހު ކައްޕި ބޯޓު ދުއްވާލަމުން އަހަންނަށް އެ ބަލައިލި ބަލައިލުމަކީ އަހަންނަށް ދިން އިންޒާރެއް ބާވައެވެ. ނުވަތަ ދެއްކި ވާހަކަތައް ހަނދާންކޮށްދިނުމަށް ދިން ނަޒަރެއް ބާވައެވެ.

ބޯޓުން ނެގި ސާމާނުތައް ތައްޔާރުކުރުމުގައި އެންމެންހެން މަޝްޢޫލުވިއެވެ. އެންމެ ފުރަތަމަވެސް ޖެހީ އެންމެނަށް އިށީނދެ ތިބެވޭނެ ގޮތަށް ބޮޑު ޓެންޓެކެވެ. އަދި ބިންމަތީގައި ސަތަރި ދަމާ ގެނައި ކާތަކެތި ބެހެއްޓީމެވެ. ހުރިހާ ކަމެއްހެންކޮށް ނިމުމުން އަންހެނުންގެ ތެރެއިން ބައެއް މީހުން ދިޔައީ ކެއްކުމަށް ފަށައިގަންނާށެވެ. ރަށުގައި ހެދިފައިވާ ގަސްތަކުގެ ހިޔަލުގައި ތިބެ ކެއްކުމަށް އުނދުން ކޮނެ، ތައްޔާރުވަމުން އެމީހުން ދިޔައެވެ. ކުދިންތައް މޫދާ ދިމާލުގައި ދުވެ ހަދައެވެ. ލައީ އޮތީ ޓެންޓު ތެރޭގައި ނިންދަވާފައި ބާއްވާފައެވެ. ކެއްކުމަށް ފެށުމުން ދޮންބެމެން ދިޔައީ މަސްބޭނުމަށެވެ. އެއީ އެމީހުންގެ ދިރުމެވެ.

” މިރަށުގައި މީހުން އުޅުނޭ ބުނި އެ ބޯޓު ދުއްވަން އިން މީހަ އަހަރެން ގާތު. އެކަމް ގެއެއްވެސް ނެތެއްނު ފެންނާކަށް؟!” ކުއްލިއަކަށް އެކަން ހަނދާންވުމުން އަހަރެން އެވާހަކަ ޚިއްސާކުރީ ދޮންބެދައްތަ މެންނާއެވެ.

“ދޮންބެދައްތަ މަންމަ ބުނީ ރަށުތެރޭގައޯ އެބައި ހުންނަނީ. އެހާ ގިނަ ގެ ތަކެއް ނުހުރެޔޯ. މިދިމާލުން ހިނގާފަ ދިޔައީމަ ފެންނަން ހުންނާނޯ ކޮށާފަ އިންނަ މަގެއް. އެ މަގުން ހިނގާފަ ދިޔައީމަ ދެވޭނޯ. އެކަމް އެއީ ވަރަށް ދުރު. އެންޑް އިނގޭތަ؟ މި ރަށުގައި ޒިޔާރާތެއްވެސް ހުރެޔޭ.. ވަރަށް ހިސްޓޯރިކް އެއްޗިސްވެސް ހުންނާނެ ކަންނޭގެ. ލެޓްސް ގޯ ރަޔާ؟” ދޮންބެ ދައްތަ މިހެން ބުނުމުން އަހަރެންވެސް އެ އެއްޗެހި ބަލަން ދާހިތް ވިއެވެ.

މިކަމަށް ރިޒްނާއްތަވެސް އެއްބަސް ވުމުން އަހަރުމެން ދިޔުމަށް ހިނގައިގަތީމެވެ.

“އޭތް ކޮންތާކައް؟” ދޮންތައަށް އަހަރުމެން ދާތަން ފެނުމުން ގޮވާލިއެވެ. އެ އަޑަށް ދުރުގައި ތިބި ދޮންބެމެންވެސް ބަލައިލިއެވެ.

“ރަށް ބަލާލަން.. ވަރަށް އަވަހަށް އަންނާނަން.” ޖަވާބުދާރީވީ އަހަންނެވެ. މަލާމާތުގެ ރާގަކަށް އެންމެންހެން “ނުގެއްލެއްޗޭ” ބުނެލިއެވެ.

ރަށުގެ ބައެއް ހިސާބުތައް އޮތީ އެއްކޮށް ގިރާފައެވެ. އަދި އެތަންތަނުގައި ތޮށިލާފައި އޮތުމުން ހިނގުން ވެގެން ދިޔައީ ބިރުބޮޑު ކަމަކަށެވެ. ދެފަހަރަކު ރިޒްނާއްތަ ކައްސާލިއެވެ. ހިނގަމުންދާތާ މިހާރު އެއްގަޑިއިރު ވެދާނެއެވެ. ރަށް އެހާވެސް ދިގެވެ. ފޯނެއް އެއްޗެއް ނުގެންނާތީ ގަޑިން ވީ އިރެއް ނޭގެއެވެ.ޖެހިފައި އޮތް ރަށުން މެންދުރު ނަމާދަށް ބަންގިވެސް ގޮވި އަޑު އިވުނީ މިހެން ހިނގަ ހިނގާ ތިއްބައެވެ. އަހަރުމެން ނުހުއްޓެމެވެ. އެންމެފަހުން އެ މަގާއި ހަމައަށް އާދެވިއްޖެވެ.

ރަށް ބަލަހައްޓާނެ ވަކި ފަރާތެއް ނުހުރުމުން މަގުތައް ކޮށާ ނުހަދާކަން އެނގެން ހުއްޓެވެ. މަގުގެ ވަކި ހިސާބަކުން ގަސްތައް ހެދި މަގު ބެދެން ކައިރިވެފައިވެސް ހުރެއެވެ. ދަނޑިގަނޑެއްގެ އެހީގައި ގަސްތައް ފޭކުރަމުން ހިނގަމުން ދިޔައީމެވެ. މާގިނަ އިރުތަކެއް ނުވެ އެ ބުނާ ހިސާބަށް އާދެވިއްޖެއެވެ.

އަސްލުވެސް އެއީ ވަރަށް ތާރީޚީ ތަނެއްކަން ބަލައިލުމުންވެސް އެނގެއެވެ. ބައެއް ގެތަކަށް ވެޔޮ އަރާފައި ވާއިރު އަނެއްބައި ގެތައް ހުރީ ވެއްޓި ހަލާކުވާން ކައިރިވެފައެވެ. އެކިވަރުގެ ގެއްލުންތައް ވަނީ އެތަނަށް ލިބި އަދި ދީފަވެސް މެއެވެ.

ހިތާމައަކީ ފޯނުވެސް ބާއްވާފައި އެންމެން އައިކަމެވެ. ތިން މީހުން ވަކިވީ މި ހިސާބުންނެވެ. އަހަރެންވެސް އެތަން ބަލަން ތަންކޮޅެއް ކައިރިޔަށް ޖެހިލީމެވެ. ދޮންބެދައްތަ ތަންތަން ބަލަމުން ގޮސް ދެވެން އޮތް އެހެން މަގަކަށް އެޅިއެވެ. ރިޒްނާއްތަވެސް ދިޔައީއެވެ. ވީރާނާވާން ކައިރިވެފައިވާ އެ މަންޒަރުތައް ބަލައިލަން ކިތަންމެ ހިތްގައިމު ނަމަވެސް ނޭނގޭފަދަ ބިރުވެރި އިހުސާސެއް ހިތަށް ވެރިކުރުވަމުން ދިޔައެވެ. އަހަންނަކަށް ރަނގަޅު އިހުސާސެއް ނުކުރެވެއެވެ.

ހިނގަމުން ހިނގަމުން ދިޔައީ އެކި ގެތަށް ބަލަމުންނެވެ. އަހަންނާއެކު އައި ދެ އިންސާނުންގެ ހިލަމެއްވެސް ނުވެއެވެ. މި ޒަމާނުގެ ގޮތަށް ހަދާފައިވާ ދެތިން ގެޔެއް ފެނުނެވެ. ގޭތަކުގައި ހަރުކޮށްފައިހުރި ނަންބޯޑުތައްވެސް ހުއްޓެވެ.

މާ ދުރަކަށް ހިނގާކަށް ނުޖެހުނެވެ. އަހަރެން އެންމެ ބަލާހިތުން އުޅުނު ޒިޔާރަތް ފެންނިއްޖެއެވެ. ވަރަށް އާސާރިގޮތަކަށް ބިނާކޮށްފައި ހުރި އެ ޒިޔާރާތް ހުރީ ހަމަދެންމެ އަޅާ ނިންމާފަހުރި ތަނެކޭ އެއްފަދައިންނެވެ. މާގިނަ މަޢުލޫމާތެއް އަހަންނަށް މި ތަންތަނާ ބެހޭގޮތުން ނޭނގުނަސް އެ ޒިޔާރަތައް ފުދޭވަރަކަށް ދުވަސް ވެދާނެކަމަށް އަހަރެންގެ ހިތް ބުނެއެވެ.

ދޮންބެދައްތަމެނަށް ގޮވާލަންވެސް ހިތަށް އެރިއެވެ. އެކަމަކު ދޮގު ނުހަދައި ބުނަންޏާ އަހަންނަށް ނުކެރުނީއެވެ. ކުއްލިއަކަށް އަހަރެން ސިއްސައިގެން ގޮސް ފަހަތް ބަލައިލީ ފަހަތުން މީހަކު އުޅޭހެން ހީވެގެންނެވެ. ޖެހުނު ކުއްލި ވައިރޯޅިން ހިތަށް ވަދެފައިހުރި ބިރުވެރިކަން އިތުރުކުރުވިއެވެ.

އަހަރެން ފަހަތަށް ޖެހެން ފެށީމެވެ. ގޮސް ފަހަތުގައި ހުރި ފެންވަޅުގައި ޖެހި އެ ވަޅުގެ މަތީ އޮތް ދާނި ވަޅައްވެއްޓުނެވެ. ދާތި ވެއްޓެމުން ވަޅުތެރޭގެ އަރިމަތީގައި ޖެހުނު އަޑު ގުގުމާލިއެވެ. ވަޅު ވަރަށް ފުނެވެ. އަހަރެން ދުއްވައިގަތީމެވެ. އަސްލުވެސް ބިރުގަތީމައެވެ. ދޮންބެދައްތައަށާއި ރިޒްނާއްތައަށް ވަރަށް ބާރަށް ގޮވަމުންނެވެ.

ދެވޭ ނުދެވޭ ދިމާއެއް ޚުދު އަހަންނަކަށްވެސް ނޭނގެއެވެ. އާދެވުނުހެން ހީވާ ދިމާލަށް ދުއްވައިގަތީއެވެ. އަހަންނަށް ދުވެވުނީ ވަކި ހިސާބަކަށެވެ. ހުއްޓުމައްފަހު އަހަރެން އުނަގަނޑުގައި ދެއަތްވިއްދާލައި ވަރުބަލި ފިލުވާލީމެވެ. އެއިރު މާނޭވާ ލެވެނީއެވެ. އެއީ ރަށުގެ ކޮން ހިސާބެއް ކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. މާބޮޑަށް ރަށު ތެރެއަށް ވަދެވުނީއެވެ.

އަނެއްކާވެސް ދޮންބެމެނަށް ވަރަށް ބާރަށް ގޮވާލީމެވެ. އަހަރެން ވަށައި ބަލަން ފެށީމެވެ. ކުއްލިއަކަށް އެއްލި ކަޅިއަކުން އަހަންނަށް ދޮންބެދައްތައާއި ރިޒްނާއްތަ ވަރަށް ދުރުން ފެނުނެވެ. އެމީހުން ތިބީ އަހަންނަށް ފުރަގަސްދީގެން ގަސްތަކުގެ ތެރޭގައެވެ.

މިވަރަށް ގޮވާއިރު އިވޭކަމަށްވެސް ނުހެދީމާ އަހަރެންގާތަށް ރުޅިވެސް އައެވެ. އަހަރެން އަނެއްކާވެސް ގޮވާލީމެވެ. އެމީހުން ފަސް އެނބުރި ބަލައިވެސް ނުލައެވެ. ހިނގައިގަތީ ހުރިގޮތަށް ސީދަލަށް ގަސްގަނޑު ތެރެއަށެވެ.

އަހަރެންވެސް ފަހަތުން ދިޔައީމެވެ. ޔަޤީނެވެ. މި މީހުން އެއުޅެނީ އަހަރެން ބިރުގަންނަވާށެވެ. ގަސްތަކުގެ ތެރެއަށް ވަދެ އަހަރެންވެސް ހިނގަމުން ދިޔައީމެވެ. އެމީހުންނާ އަހަންނާ ދެމެދު ފުދޭވަރެއްގެ ދުރުމިނެއް ހުއްޓެވެ. ގަސްތަކުގެ ތެރެއިން ވަދެގެން ގޮސް އަހަންނަށް ދެވުނީ ގަސްތައް މަދު ހިސާބަކަށެވެ. ރަށެއް އަޅެ މިހާ ބޮޑުވެދާނެ ބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. އެ ހިސާބުގަނޑުގައި އޮތީ ތިރީގައި ވިނަ ހެދިފައެވެ. ވަށައިގެން ބޮޑެތިގަސްތައް ހެދިފައި އޮތީ ވަށައި ފާރެއް ހެންނެވެ. އެ ބިމުގެ މެދުގައި ހުރީ އެންމެ ނިކަ ގަހެކެވެ.

ބަލާ ބެލުމަށް އެއީ ވަރަށް ދުވަސްވެފައި ހުރި ގަހެއްކަން އެނގެއެވެ. ގަސްވެސް އެހައިމެ ބޮޑެވެ. އެ ދެމީހުންގެ ހިނގުމަކަށް ހުއްޓުމެއް ނާދެއެވެ. ދިޔަގޮތަށް ގޮސް ނިކަގަހުގެ ފަހަތަށް ވަދެ ނިވާވިއެވެ. އަހަރެންވެސް ދުވެފައި އެދިމާލަށް ދިޔައީމެވެ. ނަމަވެސް ނިކަގަހުގެ ފަހަތް ނުބެލި އުޅެނިކޮށް، ނިކަ ގަހާ އަރާ ހަމަވިތަނާ ރިޒްނާއްތަ ފަހަތުން އަހަންނަށް ގޮވާލިއަޑު އަހަންނަށް އިވުނެވެ. އަހަރެން ފަހަތް ބަލައިލީމެވެ. ފަހަތުގައި އެތިބީ ދެންމެ އަހަރެން އެބައެއްގެ ފަހަތުން ހިނގައިފަ އައި ރިޒްނާއްތައާއި ދޮންބެދައްތައެވެ.

އެހެންވާނީ ކިހިނެއްހެއްޔެވެ؟ އެއް ބަޔަކު އެއްވަގުތަކު ދެތަނެއްގައި ތިބޭ ހެއްޔެވެ؟ އެމީހުންގެ މޫނުމަތިންވެސް ސުވާލުތައް ފެންނަމުންދިޔައެވެ. އަހަރެންނަށް ހުރެވުނީ އަނގައިންވެސް ނުބުނެވިފައެވެ.

“ރަޔާ! އަހަރުމެން މިއޮއް ވަރަށް ގޮވާއިރުވެސް ހަމަ ނީވެނީ؟”

ދޮންބެދައްތަ ހުރީ ހިތްހަމަނުޖެހިފައެވެ.

އަހަރެން ބިރުގަންނަން ފަށައިފިއެވެ. މީހަކު ގޮވިއަޑެއް އަހަންނެއް ނާހަމެވެ. އަދި ފަހަތުން މީހަކު އަންނާތީވެސް ނުދެކެމެވެ. މީހަކަށް ގޮވިއްޔާ ގޮވުނީ އަހަންނަށެވެ. އަދި އަހަންނަށް ކުރިން އެ ފެނުނީ ކޮންބައެއް ބާވައޭ ހިތަށް އަރަމުންދިޔައެވެ.

އެތަކެއް ސުވާކުތަކެއް ސިކުނޑީގައި ފުނިޖެހެމުން ދިޔައެވެ. މި ހިނދުކޮޅު ކަންތައް ވެގެން ދިޔަގޮތް އެމީހުންނަށް ކިޔައިދޭނީބާވައޭ ހިތަށްއެރިއެވެ.

އެކަމުން ވާނީ ދެގޮތެއްކަން އަހަންނަށް އެނގެއެވެ. އެއްގޮތަކީ އެމީހުން އެކަންތައް ގަބޫލު ނުކޮށް އަހަންނަށް ޖޯކުޖެހުމެވެ. ފިނޑިއެއްގެ ލަޤަބު އެރުވުމެވެ. އަނެއްގޮތަކީ މިކަމުގެ ސަބަބުން މުޅި ދަތުރުގެ މަޖާކަން ގެއްލި އެންމެން ބިރުގަތުމެވެ. ދެގޮތުން ކުރެ އެއްގޮތެއްވެސް އަހަންނެއް ބޭނުމެއްނުވިއެވެ.

ގަދަކަމުން އަހަރެން ހިނތުންވެލާ ހޭން ފެށީމެވެ.

“ބިރުގެންފި ދޯ؟”

އަހަރެންގެ އަޑު ނުކުތީ ކިރިޔާއެވެ. ދޮންބެދައްތަ ޗޮކެއް ކަނޑާލިއެވެ.

“ކުރާ ކަންތައް ދޯ؟ މިއީ ފަޅު ރަށެކޭ ރަޔާ.. ކުރާ ސަމާސާ ވިހަވެސް ވެދާނެ. މިތިބެނީ ކޮންތާކު ކަމެއްވެސް ނޭނގެ. ދެންވެސް ހިނގާ”

ދޮންބެ ދައްތަގެ ނުރުހުން އަހަންނަށް އަމާޒުވިއެވެ.

ރިޒްނާއްތަވެސް ހުރީ ހާސްވެފައެވެ. އަހަރެން ހެދީ ގޯހެއްކަމަށް އޭނާވެސް އެއްބަސްވަމުން ހިނގައިގަތެވެ.

ތިން މީހުން އެކީގައި ހިނގާތާ މިހާރު ފުދޭ ވަރަކަށް ގިނަ އިރުތަކެއް ވެއްޖެއެވެ. އެކަމަކު އައު ތާކަށް ދެވޭހެނެއް ހިޔެއް ނުވެއެވެ. ހިނގަ ހިނގާފައިވެސް އާދެވެނީ ހަމަ އެ ނިކަގަސް ކައިރިއަށެވެ. އަހަރެން ހުރީ ހިނގައިދިޔަ ކަންތައް އަދިވެސް ހިތުން ފިލުވައިނުލެވިފައެވެ. ވެރިވެފައިވާ ބިރުވެރިކަމުގެ ތެރެއަށް އިތުރު ބޮޅެއް އިތުރުވެގެން ދިޔައީ މަގު އޮޅެން ފެށުމުންނެވެ. ދޮންބެދައްތައާއި ރިޒްނާއްތަވެސް އެއިރު ތިބީ ހާސްވެފައެވެ. ފެންނަން އޮތްނަމަ އޮތްހާ މަގަކުން އަހަރުމެން ހިނގީމެވެ. ހަމަ އާދެވެނީ އެއްތާކަށެވެ. ކުޑަމިނުން ކުރިން ފެނުނު ގެތަކާއި ޒިޔާރަތްވެސް މިހާރު ނުފެނެއެވެ.

އަހަރުމެން ހަދާނެގޮތް ހުސްވެއްޖެއެވެ. ނަމަވެސް ހިތްވަރު އެލުވައެއް ނުލަމެވެ. އެންމެފަހުން އެކި މީސްމީހުންނަށް ގޮވަން ފެށީމެވެ. ގާތްގަނޑަކަށް ބައިގަޑި އިރު މިހެން ހިނގުމަށްފަހު ހުއްޓާލީ އަލިމަގެއް ފެންނަން ނެތުމުންނެވެ.

ރިޒްނާއްތައަށް ރޮވެން ފެށުނެވެ. ދޮންބެދައްތަ ހިތްވަރު ދިނެއްކަމަކު އޭނާގެ ހިތްވަރުވެސް އެލެމުން ދާތަން އަހަރެން ދުށީމެވެ. އިރުކޮޅަކުން ދެން އިވެން ފެށީ ޢަޞްރު ނަމާދަށް ބަންގި ގޮވި އަޑެވެ. އަހަރެންގެ މެންދުރު ނަމާދު ވަގުތު ފާއިތުވިކަން ވެސް ހަނދާންވީ ދެނެވެ. ވެދާނެއެވެ. މިއީ ރައްކާތެރިނުވެވޭތީ ވާ ގޮތްގޮތެވެ. އަޅުކަމާ ދުރުވާތީ ދިމާވާ ކަންކަމެވެ.

“މިހެން ތިބެގެން ނުވާނެ ކަންނޭގެ.. ހިނގާ ދަމާ!”

އަހަރެން ހިތްވަރު އެލުވައެއް ނުލަމެވެ. އަނެއްކާވެސް ހިނގައިގަތީމެވެ. ބަންގީގެ އަޑު އެއިރުވެސް އިވެމުންދެއެވެ. ހިނގަމުން ހިނގަމުން ދަނިކޮށް ނަޞީބަކުން އެއްކަލަ ގެތައް ހުރި ދިމާލަށް ދެވިއްޖެއެވެ. އަލްޙަމްދު ﷲ އެވެ.

ގެތައް ހުރިދިމާލުން މިފަހަރު ފަސޭހަކަމާއެކު ހިނގަން އެނގުނެވެ. އަދި މާ ލަސްތަކެއްނުވެ ކޮށާފައިވާ މަގުވެސް ފެނުނެވެ. އަތިރިމަތި ފެނުމާއެކުހެން އަހަރުމެންނަށް އުފަލުން އެކު އެކީ ދުއްވައިގަނެވުނީ އެދިމާލަށެވެ. އަތިރިމައްޗަށް ނުކުމެގެން ވަގުތުން އަހަރުމެން މިސްރާބު ޖެހީ އެހެން މީހުންވެސް ތިބި ދިމާލަށެވެ.

“ހުވާކޮށްފަ މިބުނީ! އެންމެ ހިނދުކޮޅަކުވެސް ދެން މަޑެއް ނުކުރާނަން މިތާކު! ދަތުރު ނިމުނީ!”

ދޮންބެދައްތަ ހުރީ ވަރަށް ބޮޑަށް ބިރުގެންފައެވެ. ރޮވިފައިވާ އަޑަކުން ރިޒްނާއްތަވެސް އާއެކޭ ބުންޏެވެ.

އަހަރެން ހިތަށް އަރައެވެ. އަސްލުވެސް ހަމަ މިކަން މި ނިމުނީ ބާވައެވެ. ނުވަތަ އަދިވެސް އިތުރު ކަންތައްގަނޑެއް ވާން އެބަ އޮތްބާވައެވެ.

އަހަރުމެންނަށް އެހެން މީހުން ތިބި ހިސާބަށް ނުދެވެނީސް އެމީހުން އަހަރުމެންނާ އަރާ ހަމަކޮށްފިއެވެ. އެއް ބައެއްގެ މޫނުމަތިން މާޔޫސްކަމާއި ފިކުރު ބޮޑުވެފައިވާ މަންޒަރު ފެންނަން ހުއްޓެވެ. އަނެއްބަޔަކު ތިބީ ވަރަށް ބޮޑަށް އަހަރުމެން ދެކެ ރުޅި އައިސްފައެވެ.

“ކަލޭމެން އަޅެފަހެ ތީ ކުޑަކުދިންތަ؟ ދިޔަ ތަނަކަށް ގޮސް އަންނަންވެސް ވާނެކަން ނޭނގެ ދޯ؟! އަހަރުމެން ގޮވާތާ މިހާރު ކިހާ އިރެއް. ސަމާސާކުރަންވެސް ވަކި ހައްދެއް އޮންނަން ވާނެ ކަންނޭނގެ ދޯ! ހޯދާ ހޯދާ ވަރުބަލިވެއްޖެ މިހާރު!”

ހުޒާމްބެގެ އަޑުގައި ހުރީ އާދަޔާ ޚިލާފު ހަރުކަށިކަމެކެވެ. ދުވަހަކުވެސް އޭނާ އެހާ ރުޅިއައިސް ހުއްޓާ އަހަރުމެން ނުދެކެމެވެ.

ބަޑިފަޅައިގެން ދިޔައީ ދޮންބެދައްތައެވެ. އެހާ ރުޅިއައިސް އެއްޗެހި ކިޔުމުން އޭނާ ހިތުގައި ޖެހުނީއެވެ. ދޮންބެ ދައްތަ ހުއްޓުވޭތޯ ދޮންބެ މަސައްކަތްކުރިއެވެ.

“އަހަރުމެން ވަރަށް ގޮވިން. އެއްވެސް މީހެއްގެ ޚަބަރެް ނުވެގެން. ދާކަށް ނޭނގުނު. މަގު އޮޅުނީ.. ހިނގަ ހިނގައިފަވެސް ހަމަ އާދެވެނީ..”

“ދޮގު ނުހަދާ. މިއީ ދިގެއް ކަމަކު ބޮޑު ރަށެއް ނޫން. ފަސް މިނެޓުން އަނެއްކޮޅުގެ އަތިރިމައްޗަށް ރަށު ތެރެއިން ލައިފައި އެރޭނެ!”

އަހަރެންގެ ޖުމުލަ މެދު ކަނޑާލީ ރިޒްނާއްތަގެ ފިރިމީހާ އުޒައިރުބެއެވެ.

އުޒައިރުބެގެ މި ވާހަކަ އިން އަހަންނަށާއި ދޮންބެ ދައްތައަށާއި ރިޒްނާއްތަވެސް ގަނޑުކޮށްލިކަހަލައެވެ. އަތްފައި ފިނިވާން ފެށީދެނެވެ. މި ރަށު ތެރޭގައި ދެންމެ އުޅެ އުޅެފައި އައި އިރު ހީވަނީ ބޮޑު ރަށެއްގައި ހިނގުނުހެންނެވެ. ޤަބޫލުކުރަންވެސް އަހަންނަށް ދަތިވިއެވެ.

“އެހެން އަސްލުވީ މި ރަޔާންއާ ހެދި!”

ރިޒްނާއްތަގެ އިނގިލި އަމާޒުވީ އަހަންނަށެވެ.

“އާނ! އަހަރުމެންވެސް ތަންތަން ބަލާލައިފައި އައިން ދޯ؟! އެކަމް އައި އިރަކު މީނަ އެއް ނެތް! ދެން ވެއްޖެ މީނަ ހޯދަން ތެޅިގަންނަން. ހޯދަ ހޯދާފަ އެންމެ ފަހުން ފެނުނީ ތަންކޮޅެއް ދުރުން. ހުރީ އަހަރުމެނަށް ފުރަގަސް ދީގެން މައްޔިތެއްހެން! ގޮވީމަވެސް އިވޭ ކަމަށްވެސް ނުހެދި. ދެން ރަޔާން ފަހަތުން ރަށުތެރެއަށް ވަދެގެން އައީ. އެންމެފަހުން އެވާހަކަ ބުނީމަ ބުނީ ކީކޭ؟! ތިމަންނަ ކޮށްލި ސަމާސާއެކޭ. މަގު އޮޅުނީވެސް އެހިސާބުން އަސްލު”

ދޮންބެދައްތަ އެ ވާހަކަ ކިޔައިދީ ނިމުމުން އަހަންނަށް ފަހަރަކު މީހެއްގެ މޫނަށް ވަކި ވަކިން ބަލައިލެވުނެވެ.

އެންމެންގެ ބެލުމުގައިވެސް ވަނީ ރުޅިވެރިކަމެވެ. އަހަރެން ޖެހިލުންވެ ހުރެ ކަންތައްތައް ވީގޮތް އަލިފުން ޔާއަށް އެމީހުންނަށް ކިޔައިދިނީމެވެ. އެންމެންގެ މޫނުގެ ކުލަވަރުވެސް ބަދަލުވެގެން ދިޔައީ ދެނެވެ. އަހަރެންގެ ވާހަކަތައް ގަބޫލު ނުކުރަންވެސް ބައެއް މީހުން އުޅުނެވެ. ނަމަވެސް މިއީ ތެދުކަން އެމީހުންނަށް އަހަރެން ޔަޤީންކޮށްދިނީމެވެ.

“ހިނގާ ދާން! މަ ވަރަށް ބިރު އެބަ ގަނޭ ދޮންބޭ! މިތާކު ދެން ހިނދުކޮޅަކުވެސް ނުހުންނާނަން. ލައީވެސް ހުރީ ހުންފަދަވެފަ.”

ތިއްތައްތައަށް ރޮވުނެވެ.

“އެއީ ތެދެއް. އަހަންނަކަށް ހިޔެއް ނުވޭ މިތަން އެހާ ސޭފް ހެނެއް މިހާރު! ލެޓްސް ގޯ ބެކް ގާއިސް!؟”

މާއިއްތަ ތިއްތައްތަގެ ގައިގައި ފިރުމަމުން ބުނެލިއެވެ.

“އިހަށް ދާންވީ ތިބި ތަނަކަށްނު. އެއްޗިސްތައްވެސް ޕެކް ކުރަންވެސް ޖެހޭނެއްނު. ކައްޕިއަށް ގުޅާނި އެކޮޅަށް ގޮސް”

ހުޒާމްބެގެ މި ޚިޔާލާއެކު އެންމެންހެން އެއްކޮށްހެން ހިނގައިގަތީ އެދިމާލަށެވެ. އެއްޗެހިތައް ހުރި ދިމާލަށް ދެވުނުއިރު އަސުރުން ތިރިވެދާނެއެވެ. އަހަރެންގެ ފޯނު ފެނުމާއެކު ނަގާ ގަޑި ބަލައިލީމެވެ. ހަވީރު 4 ގަޑި 35 ހިނގަނީއެވެ.

” އަހަރެން މި ގުޅަނީ ކައްޕިއަށް. ޒަވީ އާއި ޒިލާ އެއްޗެހިތައް ޕެކް ކުރަންފަށާ. ބޯޓު އައީމަ ވަގުތުން ނައްޓާލެވޭނި އޭރުން. ޓެންޓު އިހަށް ބަހައްޓާ! ކުދިންވެސް ތިބޭނެ ތަނެއް ހުންނާނި އޭރަށް. ބޯޓު އަންނައިރު ހުންނާނީ އިޝާވެސް ވެފަހެން ހީވަނި. އުޒޭ ސަތަރިގަނޑު އޮޅާލަ.”

ހުޒާމްބެ އެންމެނަށް އިރުޝާދު ދެމުން ދިޔައެވެ.

“ތިމީހުން ނުވެސް ކަމެއްނު؟ މިހުރީ ތެލީގަ ތިމީހުންނަށް ހުރި އެއްޗިސް”

ދޮންތަ އިޝާރާތް ކުރީ އަހަރުމެންނަށެވެ. އަހަރުމެން ކާން ފެއްޓީމެވެ. އަސްލުވެސް އަހަރުމެން ތިބީ ވަރަށް ބޮޑަށް ހައިވެފައެވެ. ގިނަ އިރު ހިނގުމުގެ ސަބަބުން އެހައިމެ ވަރުބަލިވެ ކަރުވެސް ހިތްކައިގެންފައެވެ. ކެއުމަށް ގެނައި “ސްނެކްސް” ތައްވެސް ކުދިވެރިން ކައި ހުސްކޮށްލީއެވެ.

ހަވާލުވި ހުރިހައި ކަމެއް ނިމުނު އިރު 5 ގަޑި ބައިވަން ވެދާނެއެވެ. އަނދިރިކަމުގެ ސާލެއް ފަތުރާލުމަށް ދުނިޔެ ދިޔައީ ތައްޔާރުވަމުންނެވެ.

ހުޒާމްބެ އަހަރުމެންނާ ދިމާއަށް އައެވެ. މޫނުމަތިން ފެންނަމުން ދަނީ ނުތަނަވަސް ވެފައި ހުރި މަންޒަރެވެ.

“ވަރަށް ސަކަރާތޭ! މަގޭ ފޯނަކަށް ސިމެއް ނުދައްކަ. ދީބަލަ އެހެން މީހެއްގެ ފޯނު!”

ފުރަތަމަ ދިނީ ތިއްތައްތަގެ ފޯނެވެ. ދެން ދޮއްތައެވެ. ދެން އަހަންނެވެ. މިހެން ގޮސް އެންމެންގެ ފޯނުންވެސް ގުޅޭ ތޯ މަސައްކަތްކުރެވިއްޖެއެވެ. ކައްޕިއަށް ކީއްކުރަން ހެއްޔެވެ. އެހެން ފަރާތަކަށް ވެސް ގުޅޭ ގޮތެއް ނުވެއެވެ. ގުޅަން އުޅޭތަނުން ފޯނަށް ސިމް ނެތްކަމަށް ދައްކަނީއެވެ.

ހުރިހާ އެންމެންގެ ހިތަށްވެސް ބިރުވެރިކަން ވެރިކުރުވައިފިއެވެ. ވަމުންދާ ކަންތައްތައް އެހެން ކުދިންނަށް ނޭނގުނެއްކަމަކު 6 އަހަރުގެ ޒޭނާއަށް އެނގެއެވެ. ހިނދު ހިނދުކޮޅުން އޭނާ ރޮއެ ހަދަނީ ގެއަށް ދިއުމަށެވެ.

އެއިރު އިރުވެސް އޮއްސެހިއްޖެއެވެ. ދުނިޔެ މަތި އަނދިރި ކުރުވައިފިއެވެ. ޓެންޓު ތެރޭގައި ހުރިހާ ކުދިންހެން ތިބީ ނިދާފައެވެ. އެހެން ހުރިހާ އެންމެން ތިބީ ބޭރުގައެވެ. ޖެހެމުންދިޔަ ބިރުވެރި ތެތްފިނި ރޯޅިން ހީގަންނަމުންދާ ހާލުގައެވެ.

“އައި ހޭވް އޭން އައިޑިޔާ! ހިނގާ ފަޔާއެއް ސްޓާރޓް ކުރަމާ؟ ޖެހިފަ މިއޮތް ރަށުން ކޮންމެސް މީހަކަށް ފެންނާނެއްނު. އެންޑް ދޭ ވިލް ކަމް ޓު ސޭވް އަސް؟”

މާއިއްތަގެ ހިޔާލް އެންމެންހެން ބަލައިގަތެވެ.

ލައިޓަރު ހޯދުމަށް ދޮންތަ އޭނަގެ ދަބަސް ތެރެ ހާވަން ފެށިއެވެ.

“ތިއްތާ! ކޮންތާކު ލައިޓަރުވީ؟ ކައްކަން ނެގީމެއްނު؟”

ތިއްތައްތަ ވެސް ތަންތަން ބަލަން ފެށިއެވެ. ބޭއްވުނު ތަނެއް ހަނދާން ނެތިގެންނެވެ. ވަރަށް ގިނައިރު ހޯދިއެވެ. ހޯދުމުގައި އެންމެ ފަހުން އަހަރުމެންވެސް ބައިވެރި ވީމެވެ. ހަނދުވަރުގެ އަލިކަމެއް ނެތުމުން ފޯނު ބައްތީގެ އަލިކަމުގައި ކުރި ހުރިހާ މަސައްކަތެއް ނިންމައިލީ ލައިޓަރު ނުފެނިގެންނެވެ. އެއިރު އެހެން މީހުން އަލިފާންގަނޑު ރޯކުރުމަށް ފަންތަކެއް އެއްކޮށްފިއެވެ.

ލައިޓަރުވެސް ނުފެނުމުން ހަދާނެ ގޮތެއް ބޮޑުވެއްޖެއެވެ. ހީކަރުވަންވެސް ފަށައިފިއެވެ. ހޫނުކަމެއް ލިބޭނެ އެއްވެސް ގޮތެއް ނެތެވެ. މާބޮޑަށް ލަސްވާހެން ހީވާތީ އެންމެންހެން ވަނީ ޓެންޓް ތެރެއަށެވެ.

އެއިރުވެސް ކުދިންތައް ތިބީ ގަދަ ނިދީގައެވެ. ޓެންޓް ތެރެއަށްވަދެ ޒިބުތައް އަޅުވައި ދޮރުލެއްޕީމެވެ. އެވަގުތު ކައިރީ އޮތް ރަށުން މަޣްރިބަށް ބަންގި ގޮވަމުން ދެއެވެ.

“ދެން؟”

ރިޒްނާއްތަ ހާސްވެފައި ހުރެމެ އަހާލިއެވެ. ދޭނެ ޖަވާބެއް ނެތުމުން އެންމެންވެސް ތިބީ ހަނެވެ. އަހަރުމެން ތިބީ ފޯނުގެ ޓޯޗް އޮން ކޮށްގެންނެވެ. މިހެން ތިއްބައި ހަމަ ކުއްލިއަކަށް ފޯނުތަކުގެ އަލި މަޑުވާން ފަށައިފިއެވެ. އަދި އެއް ސިކުންތުވެސް ނުވަނީސް ހުރިހާ ފޯނަކުން ބައްތީގެ އަލިކަން މަޑުވެ ގޮސް އެއްކޮށް ކެނޑުނީއެވެ.

އެއްވެސް މީހެއްގެ ފޯނެއް “އޮން”އެއް ނުވެއެވެ. ހިތާމައަކީ “ޕަވާ ބޭންކެއް”ހާ ހިސާބުވެސް ގެންނަން ހަނދާން ނުވިކަމެވެ. އެއިރު އަހަރުމެންނަށް ލިބެމުންދިޔަ ހަމައެކަނި އަލިކަމަކީ ވަށައިގެންވާ ރަށްރަކުން ލިބެމުންދާ ވަރަށްވެސް ފަނޑު އަލިކަމެކެވެ.

ހަމަ އެވަގުތެވެ. މަޑުމަޑުން ފާޑެއްގެ ވަހެއް ދުވަން ފަށައިފިއެވެ. ފުރަތަމަ ވަރަށް މަޑުންނެވެ. ދެން ވަރަށްވެސް ގަދައަށެވެ. އެއީ މީގެ ކުރިން އަހަރެންގެ ނޭފަތުގައި ދުވަހަކުވެސް ޖެހިފައި ނުވާފަދަ ނުބައި ވަހެކެވެ. ނޯށްދަމާލަން ނުކެރޭހާ އެވަސް ގަދަވުމުން އެންމެންހެން ތިބީ ނޭފަތުގައި އަތް އަޅައިގެންނެވެ. ދޮންބެ ދައްތަ އަށް ދެފަހަރަކު ހޮޑުވެސް ލެވުނެވެ.

“ވަޓް އޮން އާރތް އިސް…”

ދޮންތަ ފެށި ޖުމުލަ ހުއްޓުވީ އުޒައިރުބެ ގެ “ހުޝްޝް” އިންނެވެ.

“ފަރުހަކިވަސް…”

އުޒައިރުބެ ވައި އަޑުން ބުނެލިއެވެ.

“ސޯ؟..”

އަހަރެންވެސް ޖަވާބުދިނީ ވައިއަޑުންނެވެ.

“ގޯހެއް އެބައުޅޭ.. އެއްވެސް މީހަކު ވާހަކަ ނުދައްކައްޗޭ. އަޑެއްވެސް ނުލައްވައްޗެ. މި ރަށް ނާމާންވެއްޖެ.”

ވައި އަޑުން އުޒައިރުބެ އެބުނި ޖުމުލައަކީ އެންމެނަށް ލިބުނު މަރުގެ އިންޒާރެއްފަދައެވެ.

ގާތްގަނޑަކަށް ފަސް މިނެޓް ވެދާނެއެވެ. އަދިވެސް އެ ނުބައި ވަސްގަނޑު ނުކެނޑެއެވެ. އަހަރުމެންގެ ތެރޭގައި އޮތް ހަމަހިމޭންކަން ފޫދުއްވައިލީ ނިދަފައި ތިބި ކުޑަކުދިންނެވެ.

ކިއާން އާއި ކައިލް އާއި ޒޭނާ އަދި ކުޑަ ކުޑަ ލައީވެސް އަޑުގަ ނެތްތަނަށް ރޮނީއެވެ. އެންމެންހެން ދިޔައީ ސިއްސައިގެންނެވެ. މަސަލަސް ކުރުމަށް ކުރި ހުރިހާ މަސައްކަތެއް ވީ ބޭކާރެވެ. ޒޭނާވެސް ވާހަކައެއް ނުދައްކައެވެ. އެކުދިންތައް ރޮމުން ގެންދިޔައިރު ހީވާ ކަހަލައެވެ. އަހަރުމެނަށް ނުފެންނަ އެއްޗެއް އެކުދިންނަށް އެބަ ފެނެއެވެ. އަހަރުމެނަށް ނޭނގޭ ކަމެއް އެކުދިންނަށް އެނގެއެވެ. ޓެންޓްތެރެ ވަރަށްވެސް އަނދިރިއެވެ. ލޮލެއް ކަނދުރާއެއްވެސް ވަކު ނުވާހާލު އަހަރުމެން ތެޅި ފޮޅެމުން ދިޔައީ ކުދިންތައް މަސަލަސް ކުރާށެވެ. ދުވަމުންދިޔަ ވަސްވެސް ކެނޑުމަކަށް ނާންނާތީ އަހަރުމެން ކުދިންގެ ރުއިމުގެ އަޑުން އަހަރުމެން އެންމެން ބޮޑު ނުރައްކަލަކަށް ހުށައެޅިދާނެތީއެވެ.

ދެން ހިނގައިދިޔަ ކަންތައް ހިނގައިދިޔައީ އަޖައިބެއްފަދަ ގޮތަކަށް ކުޑަ ހިނދުކޮޅެއްތެރޭގައެވެ. ހުރިހާކުދިންގެ ރުއިމުގެ އަޑު ކެނޑުނީ މަޑުވަމުން މަޑުވަމުން ގޮހެއް ނޫނެވެ. އެއްފަހަރާއެވެ. ދުވި ނުބައި ފަރުހަކިވަސް ވެސް ކެނޑުނީ އެއްފަހަރާއެވެ. ތަނެއްދޮރެއް ވަކިނުވާ ހާލު އަހަރުމެން ތިބީ ހަދާނެ ގޮތް ބޮޑުވެފައެވެ. ރުއިން ހަމަ ހުއްޓާލުމާއެކު ހުރިހާ ކުދިންހެން ނިދީ ކަންނޭނގެނެއެވެ. އެއްވެސް ކުއްޖެއް ހިރިލިހެންވެސް ހީނުވެއެވެ. ދޮންތަ އަތްލާފައި އެކުދިން ތިބިތޯވެސް ޔަޤީންކުރިއެވެ.

“ދެން އޮތީ އެންމެ ގޮތެއް!”

ހަމަހިމޭންކަން ނިންމައިލީ ދޮންބެއެވެ.

“އަހަރުމެން ފަތާފަ ކައިރީ މިއޮތް ރަށަށް ދާނި.”

“ވަޓް! ކުޑަކުދިންވެސް އެބަތިއްބޭ؟!”

ދޮންބެގެ ޖުމުލައަށް ރައްދެއް ދިނީ މާއިއްތައެވެ.

“އިހަށް އަޑުއަހާބަލަ.. ދާނީ އަހަންނާއި ހުޒާމްއާ. ގޮސް އެރަށުގެ މީހަކަށް ވީގޮތް ކިޔާދޭނީ. އަދި ދޯންޏެއްގަ ތިމީހުން ބަލައި އަންނާނި. މި ތަނަށް ވުރެ މިރޭ އެ ރަށްވެސް މާ ސޭފް ވާނެ. ފަތައިފަ އެރަށަށް ދެވޭނެ. މި ދިމާލުގަ ކަނޑެއް ނޯވެއެއްނު. އެހާ ފުނެއް ނުވާނެ. އިރާދަ ކުރެއްވިޔާ ދެވޭނެ”

ދޮންބެއަށް ވިސްނުނުގޮތް ހިއްސާ ކުރިއެވެ.

“ނޫން ނޫން.. އަހަންނެއް ގަބޫލެއް ނޫން!” ދޮންބެ ދައްތަ ރޯންފެށިއެވެ. މަންޒަރު ނުފެނުނެއްކަމަކު އޭނާގެ ރުއިމާއި އާދޭހުގެ އަޑު އިވުނު ކޮންމެ މީހަކުވެސް ދެރަވާނެއެވެ. ވާނީވެސް އެހެންނެވެ. ކޮންމެ އަންހެނެއްގެ ވެސް އެންމެ ބޮޑު ރައްކާތެރިކަމަކީ އޭނާގެ ފިރިމީހާއެވެ. މިފަދަ ދަނޑިވަޅެއްގައި އެ ހިމާޔަތާއި ރައްކާތެރިކަން ނެތިދާން އުޅޭހެން ހީވުމުން ކޮންމެ އަންހެނަކުވެސް ދެރަވާނެއެވެ.

ކެތްތެރިވުމަށް ދޮންބެ ވަރަށް ނަސޭހަތްތެރިވިއެވެ. އަދި އެންމެންވެސް ޓެންޓުން ބޭރަށް ނުދިޔުމަށް އެނގިއެވެ. އެންމެނަށް އަޅާލުމަށް ހުޒާމްބެ ހަވާލުކުރީ އަހަންނާއި އުޒައިރުބެއަށެވެ. އެ ދެމީހުން ދިއުމަށްފަހު ދެން ތިބޭނެ ދެ ފިރިހެނުންނަކީ އަހަރުމެންނެވެ.

ޓެންޓުގެ ޒިބު ކަހައިލާ ދޮންބެ އާއި ހުޒާމްބެ ނުކުތީ އައިސް އަންގާނެކަމަށް ބުނެފައެވެ. އެމީހުން ނުކުތުމާއެކުހެން އަހަރުމެން ޓެންޓުގެ ޒިބު އެޅުވީމެވެ. ދޮންބެ ދައްތަ އެއިރުވެސް ރޯ އަޑު އިވެއެވެ. މާއިއްތަ އާއި ތިއްތައްތަ އޭނާ ހުއްޓުވޭތޯ އުޅެއެވެ.

ދެމީހުން ދިޔަފަހުން މިހާރު ވަރަށް ގިނައިރު ވެދާނެއެވެ. ވަށައިގެން ކައިރީ އޮތް ރަށްތަކުގެ ނެރުބައްތީގެ އަލިކަން ޓެންޓް ތެރެއިން ފޭދިގެން އައިސް ފެންނަން ހުއްޓެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއް ތެރޭގައި، ހަމަ ވަރަށް ކުޑަ ހިނދުކޮޅެއް ތެރޭގައި އެ ހުރިހާ އަލިކަމެއް ނިވިއްޖެއެވެ. އަހަރުމެނަށް އެކަން ރޭކާލީ މާ ފަހުންނެވެ. އެއީ އެ އަލިކަން ފަނޑުކަމުން ކަމުގައި ވެދާނެއެވެ.

އަހަރެން ޓެންޓުގެ ޒިބު ކަހައިލާ ބޯދިއްކޮށްލާ ބޭރު ބަލައިލީމެވެ. މާތް ކަލާކޯއެވެ. އެއްވެސް ރަށެއްގެ ހިލަމެއްވެސް ފެންނާކަށް ނެތެވެ. މުޅިތަނަށް ވެރިވެފައި އޮތީ އަނދިރި ކަމުގެ ރަސްކަމެވެ.

“ނުވަކިވެ އެއްވެސް ތަނެއް.. ކިހިނެއް ހަދާނީ؟”

އަހަރެން ހާސްވިއެވެ.

“އިހަށް މަޑުކޮށްލާ. ކޮންމެ ގޮތެއްވިޔަސް މި ތަނުން ދާކަށް މަށަކަށް ނުފެނެ. ދެން މާ ލަސްތަކެއްނުވެ އެމީހުންވެސް އަތުވެދާނެ.”

އުޒައިރުބެ ހިތްވަރުދީ ލަފާދިނެވެ. ނުކައި ތިބުމާއެކު އަހަރުމެން ތިބީ ހައިވެސް ވެފައެވެ.

“އަޖައިބެއް.. އިޝާ ވަގުތުވެސް އަދިވެސް ނުވަނީތަ؟ ބަންގި ގޮވާ އަޑުވެސް ނުއިވޭ މިހައި އިރު ވީއިރުވެސް”

ތިއްތައްތަ މިހެން ބުނުމުން އެންމެނަށްވެސް އެކަމާ ވިސްނެން ފެށިނެވެ. އެކަމަކު ވަމުން މިދާ އެއްވެސް ކަމަކީ އެއްވެސް ޖަވާބެއް ހޯދައިގަތުމަށް އަހަރުމެންގެ ސިކުނޑިތައް ނުކުޅެދިފަވާ ކަންކަމެވެ. މިއިީ ކުރިން އަހަރުމެން ފިލްމު ތަކުން ދުށް ފަދަ މަންޒަރުތަކެވެ. އެ މަންޒަރުތަށް ބަލައިފައި އަހަރުމެން ހުނުނިންމެވެ. ޖޯކު ޖެހީމެވެ.

ހަމަ އެވަގުތެވެ. ކުއްޖަކު ރޯންފެށިއެވެ. މިފަހަރު ލައީއެވެ. ވަރަށްވެސް ބާރަށެވެ. އެ މައުސޫމު ހީވަނީ ބޮޑު ބިރެއް ފެނިގެން އުޅޭހެންނެވެ. ރުއިމުގެ އަޑުބާރުކަމުން އަހަންނަށްވެސް ފުރަތަމަ ކަންފަތުގައި އެޅުނީ އަތެވެ. ތިއްތައްތަ އެކި ތަންތަނުގައި އަތްކާތަމުން ލައީ އޮތްތަން ހޯދިއެވެ. އަދި އޭނާ އުރައި މަސަލަސް ކުރުވޭތޯ އުޅުނެވެ. ނަމަވެސް މަސަލަސް ވާ ވަރަށްވުރެ އެކުއްޖާގެ ރުއިން މާ ބާރެވެ.
އެންމެންވެސް ފުރަތަމަ ހިމޭނުން ތިބީ ތިއްތައްތަ އަތުގައި އާންމުކޮށް ލައީ މަސަލަސް ވާތީ މިފަހަރުވެސް އެހެން ވާނޭ ހިތައިގެންނެވެ. ނަމަވެސް އެކުއަޖާ ރުއިން ހުއްޓާ ނުލުމުން އަހަރުމެން ކައިރިއަށް ގޮސް މަސައްކަތްކުރީ އެ ކުއްޖާފުޅު ހުއްޓުވާށެވެ.

އަނެއްކާވެސް އައީ ކުއްލި ހިމޭންކަމެކެވެ. ލައީ ހުއްޓާލީ ހަމަކުރިންވެސް ހުއްޓާލިފަދައިން، ކުއްލިއަކަށެވެ. ތިއްތައްތަ ލައީގެ ތަންމަތި ހޯދުމަށްފަހު ބާއްވައިފިއެވެ.

އިރުކޮޅެއްފަހެވެ. ކުއްލިއަކަށް ޓެންޓު ތެރެއަށް ފޭދިގެން އައީ ބޭރުން އެޅުވި ޓޯޗް ބައްތިއެއްގެ އަލިކަމެވެ. ދެން އެއަށްފަހުން އިވިގެން ދިޔައީ ބޯޓެއްގެ އިންޖީނުގެ އަޑެވެ. ބޯޓެއް ކައިރި އެބަކުރެއެވެ. ތި ހީކުރި ފަދައިން އެންމެންގެ ހިތްތައް އުފަލުން ފޮޅުނުފަދައެވެ. މިހާރު ޓެންޓުތެރެވެސް އަލިވެއްޖެއެވެ. އަހަރެން ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ބަލައިލީމެވެ. އެންމެންގެ މޫނުމަތިންވެސް އުންމީދުގެ ހުޅުކޮޅު ދިއްލިފައިވާތީ އަހަރެން ދުށީމެވެ.

ހަމަ އެ ހިނދު ދޮންބެގެ އަޑު އިވުނެވެ.

“ކޮބާ އަވަހަށް އާދޭ! މިހުރީ އައިހޭ..”

ދުއްވައިގަތީމެވެ. އެންމެން އެކީގައެވެ. ކާއެއްޗެއް ނުލިބި ތިބި ބަޔަކަށް ކާއެއްޗެއް ފެނިގެން ދިޔަފަދައިންނެވެ. ހަކުރުފެނިގެން ހިނިތަކެއް ދިޔަފަދައިންނެވެ. ކުދިންގެ މަތީން ހަނދުމަހުރި އެކަކުވެސް ހުރިހެނެއް ހިޔެއް ނުވެއެވެ. ޓެންޓުން ބޭރަށް ނުކުތުމާއެކީ ހުރި ފިޔަވަޅު މައްޗަށް އެންމެނަށްހެން ހުއްޓެވުނެވެ.

އާއެކެވެ. އަހަރުމެނަށް ދެވުނީ އަވާމެންދުރެއްފަދަ މަންޒަރެއްގެ ފަހަތުންނެވެ. ޓެންޓުން ނުކުތް އިރު ބޭރުގެ ޙާލަތު އޮތީ ހަމަ ކުރިންވެސް އޮތްފަދައިންނެވެ. ހަމަ އެ ބިރުވެރިކަމެކެވެ. އެ ހަމަހިމޭންކަމެވެ. އެއީ އަހަރުމެންނަށް ދައްކާލި މަކަރުވެރި ދަޅައެކެވެ. ހަނދު އަރާފައިވުމުން މިހާރު ތަނަށް އޮތީ ފުދޭވަރެއްގެ އަލިކަމެއް ވެރިވަފެއެވެ. ތަންދޮރުވަކިވާހާ ވެއެވެ.

ލަސްތަކެއްކުރާކަށް އަހަރުމެން ނުހަދަމެވެ. ކަންތައްތައް ވާނުވާ އެނގުމުން ހަމަ ވަގުތުން އެނބުރުނީ ޓެންޓަށް ވަނުމަށެވެ. ނަމަވެސް ދެން ފެނުނު މަންޒަރު އެއަށްވުރެ މާ ހައިރާންކުރުވައިފިއެވެ. ޓެންޓެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ އަހަރުމެނަށް ތިބެވުނީ ކުރިން ތިބި ތާކުވެސް ނޫނެވެ. ކުރިމަތީގައި ފެންނަން ހުރީ ހަމަ މިއަދު އެތަނެއްގައި އެތައް ގަޑިއިރެއް ހޭދަކޮށްފައިވާ ނިކަގަސްހުރި ހިސާބެވެ. އަހަރެން އެނބުރެލީމެވެ. ކުރިން މޫދުފެންނަން އޮތް ދިމާލުގައި މިހާރު ފެންނަން ހުރީ ހެދިފައިވާ އެކިވަރު ވަރުގެ ގަސްތަކެވެ.

ކުދިންތައް މަތީން އެންމެންވެސް ހަނދާންވީ އެއްފަހާރާއެވެ. އަހަރެން އެނބުރި އެންމެނަށް ބަލައިލި އިރު އެމީހުންވެސް ތިބީ ސުވާލުގެ ނަޒަރަކުން އެކަކު އަނެކަކަށް ބަލާށެވެ.

“މަގޭ ދަރި.. ކޮބާ މަގޭ ދަރި؟ ލައީ..!!!”

ތިއްތައްތަ އަޑުން އަޑު ނަގައި ރޯންފެށިއެވެ. ދެން ފެށީ ދޮންބެދައްތައެވެ. ޒޭނާއަށް ގޮވަމުންނެވެ. ދެން ކިއާންއާއި ކައިލްގެ މަންމަ؛ މާއިއްތައެވެ. ދޮންތަވެސް ރޮއެގަތެވެ. ހިތްވަރުކޮށްގެން، މާ ކެރޭކަން ދައްކައިގެން ހުއްޓެއްކަމަކު އަހަންނަށްވެސް ރޮވުނެވެ. އެމީހުން ދެރަވާނެވަރު އިހުސާސް ވުމުންނެވެ.

އުޒައިރުބެ އެމީހުންގާތު ހުއްޓާލައި ހިތްވަރުކުރުމަށް ނަޞޭހަތްތެރިވިއެވެ. ނަމަވެސް އިރުކޮޅަކުން އުޒައިރުބެވެސް އަތުގެ ދެ އިނގިލި ލޮލުގައި ވިއްދާލިއެވެ. މިއީ ކިތަންމެ ހިތްވރުކުރިނަމަވެސް ހިތްވަރު އެލޭނެ ވަގުތެކެވެ. ދޭނީ ވަކި ކޮން އުއްމީދެއް ހެއްޔެވެ؟ ބުނާނީ ވަކި ކީކޭހެއްޔެވެ؟

ގެއްލިގެން އެދިޔައީ އެތައް ބައެއްގެ ލޮލުގެ ފިނިކަމެވެ. އެތައް ބައެއްގެ ކުރިމަގުގެ އުއްމީދެވެ. ދޮންބެއާއި ހުޒާމްބެއަށް ވީނުވީއެއްވެސް ނޭނގެއެވެ. ދުނިޔޭގައި ނެތްކަމެއް ނުވަތަ ހުރިކަމެއްވެސް ނޭނގެއެވެ. މިހުރިހާ ސުވާލެއް ބޮލުތެރެއަށް ޖަމާވުމުން ލޮލުން ކަރުނަތައް އޮހިގަތުން ނޫން ކަމެއް ނުވެއެވެ.

އަޑުން އަޑު ނަގައި ރޯން މިތިބެވުނީ ފަޅުރަށެއްގެ ވަލުތެރޭގައެވެ. މިކަން އުޒައިރުބެއަށް އިހުސާސް ވީކަންނޭނގެއެވެ. އިނގިލީގެ އިޝާރާތުން އޭނާ އަހަރުމެނަށް ނުރުއިމަށް އެންގިއެވެ. ހުއްޓާލިއެއް ކަމަކު އަންހެންވެރިންނަށް ގިސްލެވެނީއެވެ.

ވަރަށް ހިތްވަރުކޮށްފައި އެންމެން ތެދުވެ ހިނގައިގަތެވެ. މިސްރާބެއް ވަކި ނެތެވެ. ޖެހުނުމަގަކުން އަޅަމުން ދަނީއެވެ. އިރުކޮޅަކަށް ހިނގަމުން ދިޔަތަނާ އެންމެނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ހުއްޓެވުނީ ޖެހުނު ކުއްލި، ނުބައި ވައި ރޯޅީގެ ސަބަބުންނެވެ. ގަހެއް އަދި ފަތެއްވެސް ހެލިނުލި ހިނދު އެ ވައިރޯޅި ދިނީ ނުބައި މެސެޖެކެވެ. ކުރުވީ އިތުރަށް ބިރުވެރި އިޙުސާސެކެވެ.

ފަސްއެނބުރި މަޑުމަޑުން އެންމެން އެކީހެން ބަލައިލިއެވެ. ސީދާ ރީތިކޮށް ވަކި ނުވިޔަސް، ލިބިފައިވާ ހަނދުވަރުގެ ފަނޑުއަލިން ކުރިމަތީ އެހުރި އެއްޗެއްގެ ސިފަ އެނގޭހައިވިއެވެ.

އެންމެންހެން ވަންނަމުން ދިޔައީ އަހަންނާއި އުޒައިރުބެގެ ފަހަތަށެވެ. އެއީ ކަޅު ކުލައިގެ ކުޑަ ކުއްޖެކެވެ. ނުވަތަ އެއްޗެކެވެ. އެ ކުއްޖާ ހުރީ އަހަރުމެންނަށް ފުރަގަސްދީގެންނެވެ.

ބަލަހައްޓައިގެން އަހަރުމެންނަށް ގަބުވެފައި ތިބެވުނީ ދުއްވައިގަންނަންވެސް ނުކުޅެދިފައެވެ. ދުއްވައިގެންފިނަމަ މި ވަގުތު ފުރާނަވެސް ހިނގައިދާނެއެވެ. ބަލަބަލާ ހުއްޓާ ކުޑަކޮށްހުރި އެކުއްޖާ ބޮޑުވާން ފަށައިފިއެވެ. އަދި އެ އެތީގެ ގައިން ދިގު ނަގުލެއް ނުކުންނަމުން ދިޔައެވެ. ދެން އެ އެތީގެ ބުރަކަށްޓާއި ދިމާއިން ނުކުތް ބޮޑު ދެފިޔަ ހުޅުވިގެން އެދިޔައީ ކުޑައެއް ހުޅުވައިލި ބީދައިންނެވެ. އޭތީގެ ބޮލުން ދެ ދަޅު ފަޅާފައި ހުއްޓެވެ. ގައިގެ އެކިތަންތަނުން ފާޑެއްގެ ލޮންޖެއް ފައިބެ ފައިބެ ހުއްޓެވެ.

މުޅިގައި އެއްކޮށް ލޮނދިވެފައި ހުރި އެ އެތި އަދިވެސް ދަނީ ހުރިވަރަށްވުރެ ބޮޑުވަމުންނެވެ. އެންމެފަހުން ދިގު ރުކަކާއި އެއްވަރުވެއްޖެއެވެ. އަދިވެސް އަހަރުމެން ތިބީއެވެ. ފެލިގަންނަން ޚުދު އަހަރެންވެސް ބޭނުންވިއެވެ. ނަމަވެސް އަޑެއްނުނިކުތެވެ. މަޑުމަޑުން އެ އެތި އަހަރުމެންނާ ދިމާއަށް ބަލައިލިއެވެ. އޭއީ އިފުރީތައެއް ކަމެއް، ރަންނަމާރިކަމެއް، ސަންތިއެއްކަމެއް އަހަންނަކަށް ނޭނގެއެވެ. ނަމަވެސް މުޅި ޙަޔާތުގައިވެސް އެފަދަ ހުތުރު މޫނެއް އަދި ނުދެކެމެވެ.

އޭތީގެ ދެލޮލުން ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ. ދެލޮލުގެ ރަތްކަން އެހާމެ ގަދައެވެ. ބަލާބެލުމަށް އެ އެތީގެ ދެލޯ އެންމެ ވައްތަރީ ބުޅަލެއްގެ ދެލޮލާއެވެ. އޭތީގެ އަނގަ ފުޅާވެފައި ބޮޑެވެ. އަނގަފުރެންދެން ފަޅާފައިވަނީ ބޮޑެތި ދަތްތަކެކެވެ.

މާ ގިނައިރުތަކެއް ވަންދެނެއް އެ އެތި އަހަރުމެންނާ ދިމާލަށް ބަލާކަށް ނުހުރެއެވެ. ވަރަށް ބާރަށް ހަޅޭލަވައިގަތެވެ. އަހަރުމެނަށް ހޭވެރިކަން ވީ އެ ބިރުވެރި ބަރު އަޑު އަހަރުމެންގެ ކަންފަތުގައި ޖެހުމުންނެވެ. ވަގުތުން ދުއްވައިގަތީއެވެ.

މިފަހަރު އެކި މީހުން އެކިދިމާލަށެވެ. އެކުގައި ދިޔައީ ހަމައެކަނި ދޮންތައާއި މާއިއްތައެވެ. އެކުގައި ދިޔުމުގެ ވިސްނުމެއް ނުވަތަ އަނެކަކު ކޮބައިތޯ ބަލައިލާނެހާ ވިސްނުމެއްވެސް އެވަގުތު އެކަކުގެވެސް ހުރިހެނެއް ހިޔެއްނުވެއެވެ.

އަހަރެންވެސް ދުވަމުންދިޔައީ އަހަރެންގެ ސަލާމަތް ހޯދުމަށެވެ. ފަހަތް އެނބުރި ބަލައިލާނެހާ ހިތްވަރެއް ގަޔަކުނެތެވެ. ހީވަނީ އެ ޖިންނި އައިސް ފަހަތުގައި ވިއްދާފަހުރިހެންނެވެ. ކަންފަތުގައި ގުގުމާލަ ގުގުމާލާ ހުރީ އެ އެތީގެ ބިރުވެރި އަޑެވެ. މޫނުމައްޗަށް ސިފަވަމުން ދިޔައީ އެ ބިރުވެރި ސޫރައެވެ.

އަހަންނަށް ދެވޭ ނުދެވޭ ދިމާލެއްވެސް ނޭނގެއެވެ. ހަނދުވަރުގެ އަލިކަން ނެތްނަމަ އަހަރެން ބިރުނގޮސް މިހާރު ހުންނާނީ މޮޔަވެފައި ތޯއްޗެކެވެ. އަހަންނެއް ނުހުއްޓެމެވެ. އެއްޗެއްނުކައި ހުރުމުން ގައިގައި އެވަރަށް ދުވާނެހާ ހިތްވަރެއްވެސް ނެތެވެ.

އަހަރެންގެ އަމާޒަކީ ޓެންޓާ ދިމާލަށް ދިޔުމެވެ. ސަލާމަތްވެވޭނެ ކޮންމެވެސް މަގެއް ފެނިދާނެކަންނޭނގެއެވެ. އެކި ގަސްތައް އެއްފަރާތްކުރަމުން އަދި ބޮދެތި ގަސްތަކުގެ ބިޔަ ގޮފިތަކުން ރެކެމުން ދިޔައީ އެއްވެސް ވަރަކަށް އުއްމީދު އޮވެގެންނެއް ނޫނެވެ.

އިރުކޮޅަކު ދުވުމަށްފަހު އަހަންނަށް އަތިރިމައްޗަށް ނުކުމެވުނެވެ. އަދި އަލްޙަމްދު ﷲ އެވެ. ނުކުމެވުނީވެސް ޓެންޓުތައް ހުރި ދިމާއަށެވެ. ފުރަތަމަވެސް އަހަރެން ވަދީ ޓެންޓުގެ ތެރެއަށެވެ. ގެއްލިފައިވާ އަހަރެންގެ އާއިލާގެ ފުއްކޮޅުތައް ފެނިދާނެކަމުގެ ވަރަށް ބޮޑު އުއްމީދަކާއެކުއެވެ. ނަމަވެސް އެއްވެސް ކުއްޖެއްގެ ހިލަމެއްވެސް ޓެންޓު ތެރޭގައިނެތެވެ.

ދެރަވިކަމަކު އަހަންނަށް ހުރެވޭކަށް ނެތެވެ. ވަގުތެއް ނެތެވެ. މަރު ފަހަތުން މަރުޙަބާ ކިޔަމުން އެބަ ދުވެއެވެ. އަހަރެން އަތްފުނާ އަޅައިލީ އަހަރުމެން އެއްޗެހި އަޅައިގެން ގެންގުޅުނު ދަބަސް ފެނޭތޯއެވެ. ވެރިވެފައިވާ ފަނޑު އަލީގެތެރެއިން ނަސީބަކުން ވަރަށް ފަސޭހައިން ދަބަސް އަތުގައި ޖެހުނެވެ.

ދަބަސް ހިފައިގެން އަހަރެން ޓެންޓު ތެރެއިން އަވަސް އަވަހަށް ނުކުތީމެވެ. އަހަރެންގެ ލޮލުގައި އެވަގުތު އަޅައިގަތީ ތަންކޮޅެއް ދުރުން ގަސްތަކުގެ ތެރެއިން، ތެޅެމުން ފޮޅެމުން އަތިރިމައްޗަށް ނުކުތް މާއިއްތައާއި ދޮންތައެވެ. އެމީހުންނަށްވެސް އަހަރެންފެނުނެވެ. ނަމަވެސް އިތުރަށް ދުވެވޭނެހާ ހިތްވަރެއް އެމީހުންގެ ގަޔަކު ހުރިހެނެއް ހިޔެއްނުވެއެވެ. ހުރިތަނަށް ކުޑަކަކޫ މައްޗަށް ދެމީހުން ތިރިވިއެވެ. އަހަރެން އެމީހުންނާ ދިމާއަށް ދުއްވައިގަތީމެވެ. ވީ އެންމެ ބާރަކަށެވެ.

މާއިއްތަގެ ނިތްކުރި ފަޅައިގެން ގޮސްފައި ހުރިތަން އަހަންނަށް ފެނުނީ އައިސް އެމީހުންނާ އަރާހަމަވުމުންނެވެ.

“ކިހިނެއް.. ކިހިނެއްވީ؟ ކޮ..ކޮބާ އެހެން މީހުން؟” އަހަރެންނަށް މައިނޭވާލެވެމުން ދިޔައީ ވެފައިވާ ވަރުބަލިކަމެއްގެ ބޮޑުކަމުންނެވެ.

“ގަހެއްގައި…ޖެހި..” ދޮންތަ ދިޔައީ ނިތްކުރިން އަންނަމުންދިޔަ ލޭތަށް މަނާކުރުމަށް މަސައްކަތްކުރަމުންނެވެ. އަހަރެން ދޮންތަމެންގެ ކައިރީގައި އިށީނީމެވެ. ހިތަށްވެރިވެފައިވާ ބިރުވެރިކަން ތަންފުކެއްވެސް ކުޑައެއް ނުވެއެވެ. ހީވެއެވެ. ދެންމެވެސް އަތުވެދާނެއެވެ. ކައިރީވެސް ހުރެދާނެއެވެ.

މިހުރިހާ ކަންތަކެއް ހިނގައިދިޔައިރުވެސް އަހަރުމެން ސަލާމަތުން ދުނިޔޭގައި މޮޔަނުވެ ހުރިކަމަށްޓަކައި އަހަރެން ﷲ އަށް ފަށްފަށުން ޝުކުރުކުރަމެވެ.

“ދޮންތާ… ހިނގާ ރަށުން ފޭބޭތޯ ބަލަމާ؟”

އަހަރެން ވަރަށް ހިތްވަރުކޮށްފައި ބުނީމެވެ. ދޮންތަ ބަލައިލީ އަހަރެންގެ މޫނަށެވެ. އެ ދެލޯ ވަނީ ފެންކަޅިވެފައެވެ. ދޮންތަ ދެން ބަލައިލީ އެނބުރި ރަށުތެރެއާ ދިމާލަށެވެ. ދޮންތަ ބުނަން އެއުޅެނީ ކޮން ވާހަކައެއްކަން އަހަންނަށް އެނގުނެވެ.

“އެކަ..އެކަމް.. ކިހިނެއް އެނގެ..އެނގެނީ އެހެންމީހުން… އެމީހުން އަންނަންދެން.. މަޑުކުރަން.. އަ..އަހަރެންވެސް ބޭނުމޭ ދޮ..ދޮންތާ! އެކަމް އެހާ.. ވަގުތެއް ނެތޭ” އަހަރެންވެސް ބާކީ ތިބި މީހުންނަށް ވީނުވީއެއް ނޭނގި ފުރަން ދެރަވެއެވެ. އެއީ އަހަރެންގެ ވެސް އާއިލާއެވެ. އަހަރެންނަށް އެންމެ ޖެއްސުންކޮށް ހަދާ ދޮންބެއެވެ. އެންމެ މަޖާ ތިއްތައްތައެވެ. ހިތަށް އަރައެވެ. މިއަދު ދަތުރު ނައިނަމަ އަހަރުމެން މިވަގުތު ތިބޭނީ ގޭގައި މަންމައާއެކު މަޖާކުރާށެވެ. އުފާވެރިކަން މަތީއެވެ. ބިރުވެރިކަމެއް ނެތިއެވެ. މަންމަ މަތިން މިވަގުތު ވަރަށް ބޮޑަށް ހަނދާންވިއެވެ. ރޮވޭގޮތްވެސް ވިއެވެ. މަންމަގެ ގާތު ހުރެވުނު ނަމައޭ އަހަރެންގެ ހިތަށް އެރިއެވެ.

އެވަގުތު ދޮންތަގެ އަތުގައި މާއިއްތަ ހިފައިލިއެވެ. އަދި ބޯޖަހައިލާ އަހަންނަށް ތާއީދުކުރާކަން މާއިއްތަ ހާމަކުރިއެވެ.

އަހަރެން ދަބަސް ހުޅުވައި އޭގައި ހުރިނަމަ ހުރިހާއެއްޗެއް ނެގީމެވެ.

ހުރިހާއިރު ގެއްލިގެން ހޯދި ލައިޓަރުވެސް އަހަރެންގެ އަތުގައި ޖެހިއްޖެއެވެ. ދޮންތަވެސްއަހަރެންނާ ދިމާއަށްބަލައިލީ ހައިރާންވެ ހުރެއެވެ. އެ ލައިޓަރު ހޯދުމަށް ހަމަ މިދަބަސްތެރެ އަހަރުމެން ބެލީމެވެ. އެކަމަކު އެއިރު މީގެ ހިލަމެއްވެސް ފެންނާކަށް ނެތެވެ.

އެވަގުތު ދެން އަހަރެންގެ އަތުގައި ޖެހުނީ ކިއާންއާއި ކައިލްގެ “ޖެކެޓް އިންފްލޭޓެބަލްސް” ތަކެވެ. އޭގެ ދޭތި ދަބަހުގައި އޮތެވެ. ދެން އަތުޖެހުނީ ދެ “އިންފްލޭޓެބަލް އާރމް ބޭންޑް”އެވެ. އެއީ ޒޭނާ ފަތަން ދަސްކުރަން ގެންގުޅޭ އެއްޗެވެ.

ކިއާން އާއި ކައިލްގެ އެއްޗެހި ފެނުމުން މާއިއްތައަށް ރޮވެންފެށުނެވެ. ނަމަވެސް ލަސްކުރާކަށް ސިކުންތެއްވެސް ނެތެވެ. އަހަރުމެން އަވަހަށް އެ އެއްޗެހި ފުއްޕަންފެށީމެވެ. ބިރުން ވިރި ވިރި ތިބެއެވެ. ކޮންމެފަދަ ކަމެއް ކޮންމެ ވަގުތެއްގައިވެސް ކުރިމަތިވެދާނެކަމަށް ބަލައިގެންނެވެ. ފުއްޕަން އިނދެގެންވެސް އަހަންނަށް ބެލެމުންދިޔައީ ވަށައިގެންވާ ތަންތަނަށެވެ. މާއިއްތަގެ ނިތްކުރިން ފައިބަމުން ދިޔަ ލޭތައް ވެސް އެއިރު މަނާވެއްޖެއެވެ.

ކުއްލިއަކަށް ރަށު ތެރެއިން އަރައިގެން ޖެހިގެން ދިޔައީ ނުބައި ޒާތެއްގެ ވައިރޯޅިއެކެވެ. އެ ބިރުވެރި އެތީގެ ސިފަ ފުރަތަމަ ފެނުނު ހިނދުވެސް ޖެހުނީ މިފަދަ ނުބައި ވައި ރޯޅިތަކެކެވެ. އެއީ މެސެޖެއްފަދަ އިންޒާރެކެވެ. “މި އަންނަނީ” ބުނެލިފަދައެވެ.

އެއިރު ހުރިހާ “އިންފްލޭޓެބަލްސް” ތަކަކަށްހެން ވައިޖަހައި ނިމިއްޖެއެވެ. ބިރުންތިބެ އަހަރުމެން ދުއްވައިގަތީމެވެ. މޫދާ ދިމާއަށެވެ. އެކަކު އަނެކަކުގެ އަތުގައި ހިފައިގެންނެވެ.

“ރަށެއް ފެންނަން ނެތަސް ހެޔޮ… ބޮޑުވަރަކަށްވެސް މަރުވާނީ.. ހިނގާ ދަމާ..”

މާއިއްތަގެ އަޑުގައި އައު ޖޯޝަކާއި ހިތްވަރެއްހުރިކަން އަހަންނަށް ފާހަގަވިއެވެ. “އިންފްލޭޓެބަލްސް” އަހަރުމެންގެ ގަޔަށް ލީމެވެ. ދޮންތަ ނެގީ “އާރމް ބޭންޑް”އެވެ. އިރާދަކުރެއްވީތީ އަހަރުމެން ތިން މީހުންނަކީވެސް ބަރާބަރަށް ފަތަން ދަންނަ ތިން މީހުންނެވެ.

ބަލާކަށް ނުހުރެ ބިސްމި ކިޔައި އަހަރުމެން މޫދަށް އެރި ބޭރާށް ފަތައިގަތީމެވެ. އެކަކު އަނެއްކަކުގެ އަތުޖެހޭހައި ކައިރީތިބެއެވެ. ބާރު ހަޅޭކެއްގެ އަޑު އަހަރުމެންނަށް އިވުނީ ދެނެވެ. ރަށުން ބޭރުވިޔަ ނުދިނުމަށްޓަކައި ކުރެވެނު ކޮންމެކަމެއްވެސް ކުރާނެކަން އަހަންނަށް މާކުރިންވެސް ވިސްނުނެވެ.

ފަތަމުން ފަތަމުން ދިޔަވަރަކަށް ރާޅުތައް ބިޔަވެ ބޮޑެތިވަމުން އަންނަކަން އަހަންނަށް އިހުސާސް ކުރެވުނެވެ. ނަމަވެސް އަލްޙަމްދުﷲ އެވެ. “އިންފްލޭޓބަލް” އަޅާފައި އޮތުމުން ނުގެނބި އަހަރުމެން މަތީގައި އޮތެވެ.

ފަތަމުން ދިޔައީ އެއްވެސް މަންޒިލެއް ފެންނަން އޮވެގެންނެއް ނޫނެވެ. ކުރިމަތީގައި އޮތީ އަނދިރިކަމެވެ. ތަނެއްދޮރެއް ވަތްކެއްނުވެއެވެ. އަޖައިބަކީ ދީފައިވާ ހަނދުވަރުގެ އަލިކަންވެސް އެހިސާބަށް ނުފޯރާކަމެވެ.

“ރަޔާ! ދޮންބޭ…! މަންމާ…! މީހެކޭ!”

އެއީ އަހަރެން ތިއްތަގެ އަޑެވެ. ވަރަށް ބާރަށް ހަޅޭލަވާގަތް އަޑެވެ. ފަތަމުން ދިޔަ އެންމެން ބަލައިލީ އެއްފަހަރާއެވެ. ދެން އެ ފެނިގެން ދިޔައީ ބިރުވެރިކަމުން ފުރިގެންވާ އަދި އެހައިމެ ހިތަށް ތަދުވި މަންޒަރެކެވެ.

އަހަރެމެން ފުރަތަމަ ބަލަމުން ދިޔައީ ރަށުތެރެއަށާއި އަތިރިމައްޗަށެވެ. ދެންފެނުނީ ވަރަށް މަތިން މީހެކެވެ. ފެލެމުން އެމީހާ ތެޅެމުން ދިޔައިރު ކާކުކަމެއް ވަތްކެއް ނުވެއެވެ. ނަމަވެސް އަޑުން އެއީ އަހަރުމެންގެ ހިތުގެ ދިރުންފަދަ ލޯބިވާ ތިއްތަކަން އެނގެއެވެ. އެފަކީރު ތެޅެމުން ދިޔައިރު އިތުރު އެހެން މީހަކު އެތަނަކު ފެންނާކަށް ނެތެވެ. ނަމަވެސް އިތުރު، ނުފެންނަ ބާރަކާއެކު ތިއްތައްތަގެ އިސްތަށިގަނޑުގައި ހިފައިފައި ވާކަން އެނގެއެވެ.

ތިއްތައްތަ ރޮނީއެވެ. ތެޅި ފޮޅެނީއެވެ. އިސްތަށިގަނޑަށް ވާނެ ތަދު އިހުސާސްވެސް އަހަރުމެނަށް ނުވާނެއެވެ. އެފަކީރު މަތީގައި އެލިފައި އެ އޮތީ އެއްވެސް އިތުރު އެހީއެއް ނެތިއެވެ. ދެން އެފެނުނީ އަހަރެންގެ ޙަޔާތުގައިވެސް… މުޅި ޙަޔާތުގައިވެސް ފެނުނު އެންމެ އަސަރު ކުރުވި މަންޒަރެވެ. ހީވާ ގޮތުން މަރާ ހަމައަށްވެސް އެއީ ލޮލަށް ސިފަވާނެ ތަނެކެވެ.

ތެޅި ތެޅި އޮތް ތިއްތަގެ ދެއަތުގެ ހަރަކާތް ހުއްޓިއްޖެއެވެ. ދެފައިކޮޅު ބާރު ބާރަށް ތަޅުވަމުން ދިޔައިރު މީހަކު މެދު ހަށީގައި ހިފަހައްޓާފައި ވާފަދައެވެ. އެއަށްފަހު… އެއަށްފަހު ފެނުނީ ބޮލާއި ހަށިގަނޑު ވަކިވި މަންޒަރެވެ. އަދި ބިންމައްޗަށް ވެއްޓުނު މަންޒަރެވެ. ދީފައިވާ ހަނދުގެ އަލީގައި މި ހިތްދަތި، ރަޙުމުކުޑަ މަންޒަރު ވަރަށް ރީތިކޮށް އަހަރުމެންގެ ލޮލަށް ފެނުނެވެ.

އަހަރެންގެ މޭ ބޮޑުވާ ގޮތްވިއެވެ. ނެތި އެކޮށްލީ އަހަރުމެންގެ ތިއްތައްގެ ދިރުން އެކަންޏެއް ނޫނެވެ. އަހަރުމެންގެ ހިތުގެ ތެޅުމެވެ. އަހަރެންގެ އެއް އަތެވެ.

ދޮންތަ ވަގުތުން ހަޅޭލަވާގަތެވެ. ވަރަށް ވަރަށް ބާރަށެވެ. “ޒިލާ!”އޭ ގޮވަމުންނެވެ. މާއިއްތައަށް ކެތެއް ނުކުރެވުނެވެ. ހޮޑު ލެވުނީއެވެ. ފޮރުވާކަށް ނެތީމެވެ. އަހަންނަށްވެސް ހޮޑު ލެވުނެވެ.

ފެނުނު ހިތްދަތި މަންޒަރަކީ ކިތަންމެ ކަތުނަތަކެއް އޮހޮރަން ބޭނުންވި މަންޒަރެއް ނަމަވެސް ރޯން ތިބެވޭކަށް ނެތެވެ. ހީވާ ކަހަލައެވެ. އަހަރުމެންވެސް އެފަދަ ހިތި ގޮތަކަށް މަރާލަން އޭތި ބޭނުންވެއެވެ. ބުނާ ކަހަލައެވެ. ދާކަށް ލާހިކެއްނޫނެވެ. ދެންމެ އެފުނުނު މަންޒަރަކީވެސް މިކަމަށް އެޅި ފަހި ފިޔަވަޅެކެވެ.

އަހަރެން އެއް އަތުން މާއިއްތަ އާއި ދޮންތަގެ ގައިގައި ވަކި ވަކިން ހިފައި ތަޅުވާލީމެވެ.

“ދޮންތާ… ހިނގާދާން.. މާއިއްތާ.. ދެރަވިޔަސް ދެ..ދެން ކު..ކުރެވޭނެ ކަމެއް ނެތް.. ހި.. ހިތްވަރު ކުރޭ.. މިހާތަނަށްވެސް ހިތްވަރު ކުރީނު ދޯ.. އަދިވެސް ވާނެ.. އިންޝާ ﷲ”

މިއީ ހަޔާތުގައިވެސް އަހަރެންގެ އަނގައިން “އިންޝާ ﷲ” ބޭރުވި ފުރަތަމަ ފަހަރެވެ. އެކަމަކު މިފަދަ ހެޔޮ ބަސްތައް ބޭރު މިކުރެވެން ފެށީ މަރު އައިސް ބައްދަލުކުރުމުންނޭ އަހަންނަށް ބުނަން މިޖެހެނީ ލަދުވެތިވެ ހުރެއެވެ.

އަހަރެންގެ ވާހަކަ ތަކުން ދެމީހުންނަށް ކުޑަ ނަމަވެސް ހިތްވަރެއް ލިބުނެވެ. އެކުގައި އަހަރުމެން އަނެއްކާވެސް ފަތައިގެން ވަގުތެވެ. ކުއްލިއަކަށް އަހަރެމެންގެ ކުރިމަތިން ފެންމަތިވީ ގަބުރުތަކެކެވެ. ދޮންތައާއި މާއިއްތަ ވަރަށް ބާރަށް ހަޅޭލަވާގަތެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. މީހުން އެބުނާ “މޭގަނޑު އަނގަޔަށް އައުމަކީ” ކޮބައިކަން ދެންމެ ކިތަންމެ ރަނގަޅަކަށްވެސް އެނގިއްޖެއެވެ.

ފެންމަތިވީ ހަމައެކަނި “ގަބުރު” ތަކެއް ނޫނެވެ. އެއީ އަހަރުމެންގެ ލޯބިވާ ދޮންބެއާއި ކިއާންއާއި ކައިލް ގަބުރެވެ. ވަރަށް ހިތަށް ތަދުވިއެވެ. އަހަންނަށް ބަލައިލެވުނީ މާއިއްތަގެ މޫނަށެވެ. އެ މަންމަގެ މައުސޫމު ދެ ދަރިންގެ މަރުވެފައިވާ މަސްގަނޑަށް ބަލަން އެހުރެވުނީ ހާދަ ކެތްގަދަވީމައޭ އަހަރެންގެ ހިތަށްއެރިއެވެ. އެއް އަތުން ކޯޓުވަމުން އަނެއް އަތުން އަނގަމަތީގައި އަތްއަޅައިގެން ދޮންތައާއި މާއިއްތަ ތިއްބެވެ. އެމީހުންނަށް ގިސްލަ ގިސްލާފައި ރޮވެނީއެވެ. އަހަންނަކަށްވެސް އެމަންޒަރު ބަލާކަށް ކެތެއް ނުކުރެވުނެވެ. ދެކުދިންގެ އިތުރަށް ދެން އެ އޮތީ އަހަރެންގެ އާއިލާގައި އަހަރެން އެންމެ ޤަދަރު ކުރާ އެކަކެވެ. އަހަންނަށް އަބަދުމެ ޖެއްސުން ކުރާ އެކަމަކު އަހަރެންދެކެ ހަމަ އެހައިމެ ލޯބިވާ، އަހަރެންގެ ހުރި ހަމަ އެކަނި އެއްބަނޑު އެއްބަފާ ބޭބެއެވެ. އަހަންނަށް އިހުސާސް ކުރެވިގެން ދިޔައީ ބުނެދޭންވެސް ނޭނގޭފަދަ ހިތްދަތި ކަމެކެވެ.ރަށުގައި ބާކީ ތިބި މީހުންވެސް ސަލާމަތްނުވާކަމަށް މި ގަބުރުތައް ހެކިދެއެވެ.

ވަރަށް ހިތްވަރު ކޮށްފައި އަދި އެހައިމެ ފަކުރުންހުރެ އެ ގަބުރުތައް އަހަރެން އެއްފަރާތްކޮށްލީމެވެ. ކަނޑުގައި އުފެދެމުން އައި ބިޔަ ރާޅުތައް އިހުނަށްވުރެ ބޮޑުވީ ދެނެވެ. އަހަރެން ދޮންތަގެއަތުގައި ހިފީމެވެ. އަދި ދޮންތަ މާއިއްތަގެ އަތުގައި ހިފިއެވެ. ބިޔަ ރާޅުތަކުގެ ތެރެއިން ފަތާފައި ދެވުނުހާ ބާރަކަށް ދިޔައީމެވެ.

ކަންތައްތައް ދެން ވެގެންދިޔައީ އެސްފިޔަ ޖަހާލާހާ އަވަށެވެ. ކުއްލިއަކަށް އަހަރެން ބަލައިލީ އަހަރެންގެ އަތަށް ތިރިއަށް ލަތްކެއް ޖެހުމުންނެވެ. އެއްފަރާތް ބަލައިލި އިރު މާއިއްތައެއް ނެތެވެ. ދޮންތަ އަޑިއަށް ދަނީއެވެ. އަހަރެން ވަރަށް ބާރަށް ދޮންތަގެ އަތުގައި ހިފައި ނެގީމެވެ. ދޮންތަ ތެދުވެ ހޯދަން ފެށީ މާއިއްތައެވެ. ދޮންތަގެ އަތުން މާއިއްތަ ދޫވީއެވެ. ފެނުން މައްޗަށް ދެން އެރީ މާއިއްތަ ލައިގެން އޮތް “އިންފްލޭޓެބަލް ޖެކެޓް”އެވެ.

މިފަހަރު ކިތަންމެ ހިތަށް ތަދުވިޔަސް ކިތަންމެ ރޯން ބޭނުންވިޔަސް މިފަހަރު އަހަރެންގެ ލޮލުން ކަރުނައެއް ނައެވެ. ކަރުނަ ހުސްވީ ތޯއްޗެކެވެ. ނުވަތަ މި ހިތްދަތިކަމާއި ހިތާމައަށް ހިތް ހޭނުނީ ކަންނޭނގެއެވެ. ދޮންތަ ދިޔައީ ރޮމުންނެވެ. އަހަރެން އެއް އަތުން ދޮންތަ ގެ ގައިގައި ހިފައިލީމެވެ. އެ ހައްޓަކު މިހާރު ހިތްވަރެއް ނެތެވެ. ނަމަވެސް، ހުރި ކުޑަ ހިތްވަރާއެކުވެސް ފަތަންފެށިއެވެ.
ވަކި ހިސާބަކަށް ދެވުނުތަނާ ހިނގައިދިޔައީ އަޖައިބެއްފަދަ ކަންތައްތަކެކެވެ. މިހާރު ހުރިހާ ރަށެއްވެސް އެންމެ ރީތިކޮށް އެބަ ފެނެއެވެ. ކަނޑުގެ ލޮނުގަނޑު އޮތީ އެންމެ ފުރަތަމަވެސް އޮތްގޮތަށް ހަމަހިމޭން ކަމާއެކުއެވެ. ހަނދުވަރުގެ އައްޔާއި ވިދާ ބަބުޅަމުންދާ ތަރިތަކުން މޫދަށް އަލިކޮށްދެއެވެ. ދެންމެ ހިނގައިދިޔަ އެއްވެސް ކަމެއްގެ އެއްވެސް އަސަރެއް މިހާރަކު ފެންނާކަށް ނެތެވެ. ހީވާކަހަލައެވެ. އެއީ ބިލާހެކެވެ. ހުވަފެނެކެވެ.

އަހަރުމެން އެކަކު އަނެކަކުގެ މޫނަށް ބަލައިލީ ހައިރާންވެ ހުރެ އަދި އެހައިމެ އުފަލުން ހުރެއެވެ. އަހަރެން ފަސް އެނބުރި ބަލައިލީމެވެ. ފަހަތުގައި ވަނީ ކަނު އަނދިރިކަމެވެ. ހަމަހިމޭންކަމެވެ. ހީވާކަހަލައެވެ. މިއީ މުޅިން ތަފާތު ދެދުނިޔެއެކެވެ.

ހަޤީޤަތަކީ އެއީއެއް ނޫނެވެ. އެ އަނދިރިކަމާއި ހަމަހިމޭން ކަމަކީވެސް ލޮލަށް ފެނުނު އަވާމެންދުރެކެވެ. ދައްކާލި ދަޅައެކެވެ. ވަށައިގެންވާ މާހައުލު ހަމަ އެ އޮތްގޮތަށް މިއޮތީއެވެ. ނަމަވެސް އަހަރުމެނަށް ދައްކަމުން ދިޔައީ އެހެން މަންޒަރުތަކެކެވެ. ހަޤީޤަތާއި އަވާމެންދުރުގެ ދެމެދުގައިވަނީ ފަރުދާއެކެވެ. އެ ފަރުދާ މި ހުރަސް ކުރެވުނީއެވެ.

ފަތާފައި އަހަރުމެން ދިޔައީ ކައިރީ އޮތް މީހުން އުޅޭ ރަށަށެވެ. އަދި އޭގެ ދެދުވަސް ފަހުން އެނބުރި މާލެ ދިޔައީމެވެ. ހުސް އަތާއެވެ. ދިޔައީ އެތައް ބަޔަކާއި އެކުއެވެ. އެނބުރި މިއައީ އެންމެ ދެ މީހުންނެވެ. ކައްޕި މަޢުލޫމާތު ދިން ގޮތުގައި ހަވީރު އަންނަން އަންގާފައި އޮތުމުން، ނުގުޅައިގެން ކައްޕި އަހަރުމެން ހޯދުމަށް ނުކުތެވެ. ނަމަވެސް ހޯދާ ހޯދައި އެ ރަށްވެސް ނުފެނުނު ކަމަށް ކައްޕި ބުންޏެވެ. މާލެއަށް އެނބުރި ދިޔައިރު މަންމަ އޮތީ ހަސްފަތާލުގައި އެޑްމިޓްކޮށްފައެވެ.

އަހަރުމެންނަށް ވީނުވީއެއް ނޭނގިގެން އެފަކީރު ވިސްނާ ވިސްނާ ބަލިވީއެވެ. އެކަމަކު ދޭން ޖެހިފައި އޮތީ އަދި މާ ހިތާމަވެރި ވާހަކައެކެވެ. އެތައް ބައެއްގެ މަރެވެ. އެތައް ސުވާލެކެވެ. އެ ސުވާލުތަކަށް ދޭނީ ކޮން ޖަވާބެއްހެއްޔެވެ؟ ގެއްލުނު އެންމެން ހޯދުމަށް ކިތަންމެ މަސައްކަތެއް ކުރިޔަސް ދިރިހުއްޓައި އެމީހުން ނުފެންނާނެކަން އަހަންނަށް ޔަޤީނެވެ. އެ ގަބުރުތައް ފުލުހުންނަށް ފެނިއްޖެނަމަ ދޭނެ ޖަވާބެއް ޚުދު އަހަރުމެން ދެ މީހުންނަށްވެސް ނޭނގެއެވެ. ހުރިހާ އިލްޒާމެއް އެޅޭނީ ސަލާމަތުން އެނބުރި އައި މީހުންގެ ބޮލުގައެވެ.

ކައްޕި ބުނީ ތެދެކެވެ. މިއީ ޖިންނި ފުރޭތަ އުޅޭ ޒަމާނެއް ނޫނެވެ. އެކަމަކު ކަމެއް ދިމާވާ ފަހަރަކު ދުވަހަކު އެމީހުންގެ ނަން ހަނދުމަ ނުނެތޭވަރު އެވެރިން ކޮށްލާނެއެވެ.

ހަމަ އެންމެ ދަތުރެކެވެ. ހަމަ އެންމެ ރެއެކެވެ. މުޅި ޙަޔާތް އެފުށް މިފުށަށް ޖަހާލައިފިއެވެ. ނަފްސާނީ ބަލީގެ ޝިކާރައަކަށް އަހަރުމެން ވެއްޖެއެވެ. އަނދިރިކަންދެކެ ބިރުގަނެއެވެ. ނުއެއް ނިދެއެވެ. ލޯމަރާލާ އިރަށް ފެންނަނީ އެ ބިރުވެރި ސޫރައެވެ. އަބަދުމެ ކަންފަތުގައި ގުގުމަނީ ދާންޏެއް ވަޅުތެރޭ ޖެހޭ އަޑެވެ. އާދެވުނުތާ ދުވަސްކޮޅެއްފަހުން ދޮންތަ މޮޔަވީއެވެ. މިއަދު އެފަކީރުގެ ދުވަސްތައް ގުނަމުން އެދަނީ ގުރައިދޫ މޮޔައިންގެ ޖަލުގައެވެ.

ކިޔައިދީފިނަމަ އިވޭނީ އަޑެވެ. މާބޮޑު އެއްޗެއް ހިތަށް ވެރިނުވެދާނެއެވެ. އެކަމަކު އެ ފަދަ ކަމެއް ދިމާވެއްޖެނަމަ މިއަދު އަހަރުމެން މިއުޅޭ އުޅުން އިހުސާސްވެސް ކުރެވޭނެކަން ޔަޤީނެވެ.

-(2 ވަނަ ސީސަންއަށް އިންތިޒާރުކޮށްލައްވާ)

 

 

Share Article

Follow Me Written By

Ibrahim Waheed

Level 1

Other Articles

Previous

ފަޅައިގެން ދިޔަ ފުރޮޅު

Next

“ޕިއްޒާ ބޯއީ”

Next
July 21, 2018

“ޕިއްޒާ ބޯއީ”

Previews
July 21, 2018

ފަޅައިގެން ދިޔަ ފުރޮޅު

17 Comments!

  1. Stry Kiyaa Man says:
    July 21, 2018 at 10:20 am

    Masha allah vvv salhi. nyge hama bunaane ehehchrh vex .stry kiyamun dhiya iru heevy dhenme dhenme kaifaa ne hen.feelings thah bune dheykah nygey hama.v biruveri genass dhiyyfa huri goih vex v perfect.miyy aslu haadhi shaa eh thr.

    Log in to Reply
    1. Ibrahim Waheed says:
      July 21, 2018 at 11:55 am

      Thank you for the lovely comment. ?
      Miee hiyaalee vaahaka eh

  2. Shaai says:
    July 21, 2018 at 11:15 am

    Me hageegathehtha???? Vvvvv rythi story.. image ‘ve ‘ve hunnany super writer.

    Log in to Reply
    1. Ibrahim Waheed says:
      July 21, 2018 at 11:54 am

      Thank you varah bodah ?
      Mooney miee hiyaalee vaahaka eh

  3. jupiter says:
    July 21, 2018 at 12:51 pm

    stry hama obi.keep going

    Log in to Reply
    1. Ibrahim Waheed says:
      July 21, 2018 at 10:54 pm

      Thank you ?

  4. Mishaa says:
    July 21, 2018 at 11:51 pm

    Heevani rolaa kaifaane hen… ?birun avadhi … thi bimmaa Ibrahim waheed tha…? Eyna ah nuvi yas eyna ge hunaru libifa ebahuri ingey …. vvvvvvv reethi Ibaarai kurun ves… kiyaa hithun kiyaalevey … vaahaka varah reethi ❤❤❤

    Log in to Reply
    1. Ibrahim Waheed says:
      July 22, 2018 at 12:51 am

      Thank you ?
      Haha nooney binmaa eh noon mee

  5. Ali says:
    July 21, 2018 at 11:56 pm

    Vvv shalhi obinooove .?????

    Log in to Reply
    1. Ibrahim Waheed says:
      July 22, 2018 at 12:52 am

      Thank you ?

  6. Baby girl ❤ says:
    July 22, 2018 at 12:01 am

    omg ..hama dhenmeh dhenmeh aiesa kaalaane hen heevan???????…btw story hama habeys..???

    Log in to Reply
    1. Ibrahim Waheed says:
      July 22, 2018 at 12:53 am

      Thank you so much
      ?

  7. Saadhu says:
    July 22, 2018 at 1:15 pm

    Reyga nuvas nidhun birun.mi nuni ehaa biru veri vahakaye nukiyan.v ves furihama.

    Log in to Reply
    1. Ibrahim Waheed says:
      July 22, 2018 at 1:28 pm

      Ohh really Sorry ??
      Thank you so much ??

  8. JINNI says:
    July 26, 2018 at 6:13 pm

    Faheh jahan vejjey buniiru hevany gadi aais dharifulhah govihen ????

    Log in to Reply
  9. Inkko says:
    July 28, 2018 at 4:06 pm

    Hama sifa v vaahaka kee iru…..hee v hama aslah vx ethaa hurevunu hen…….??

    Log in to Reply
  10. AANOD says:
    August 25, 2018 at 12:02 am

    Nooney Hama furihama

    Log in to Reply

Leave a Reply Cancel reply

You must be logged in to post a comment.


All Right Reserved!