ހިތުގެ ތެޅުން 3
“އޯ ޝިޓް! ޔަޝަލް ސައިކަލުގަ ގެއަށް ލައިދެވުނުނަމަ… އޭރުން އުޅޭ ގެވެސް އިނގުނީސްނު! މަމީ މޮޔައެއްތަ؟” ގެއަށްގޮސް ވަނުމާއެކު ޖީލާންހިތަށް އެރިއެވެ. ކުރެވުނު މޮޔަކަމާއިހެދި އަމިއްލަ އިސްތަށިގަނޑުގައި ހިފައިވެސްގަނެވުނެވެ. “ސަޅި ނަމެކޯ! އޭތި ކަޑައެންނު! އާއާއާރ!!!! އެއަށްވުރެ މޮޅު އެއްޗެއް ބުނަން ނޭންގުނީތަ މަށަށް؟” ޖީލާން އިތުރަށް އޭނާގެ ބޯ ހާވައިގަތެވެ. ގޭތެރޭ ދެކޮޅަށް ހިނގަމުންނެވެ.
ޖީލާންއަކީ ދުވަހަކުވެސް މިވަރަށް ކަމަކާއި ވިސްނި މީހެއް ނޫނެވެ. މިޒަމާނުގެ ގޮތުން ބުނާނާމަ ވަރަށް ޗިލް މީހެކެވެ. ނަމަވެސް މިވަރަށް އޭނާއަށް މީހަކާއި ދޭތެރޭ މި ވިސްނެނީ އަލަށެވެ. އެކަމާ ޚުދު އޭނާވެސް ހައިރާންވިއެވެ.
*************************
ހަމައަށް ނޭވާވެސް ލާނެ ވަގުތެއްނެތި ޖެހިޖެހިގެން ހާޒިރުވި އޮފީސް ބައްދަލުވުންތަކުން އަވަދިވެގެން ނުކުތް ޑޭވިޑް، ލަންޑަނުގެ ހަލަބޮލި މަގުތަކުގައި ދިޔައީ ފައިމަގުގައެވެ. ފަޅުގޮތަކަށް އޮތް ހަނި ގޯޅިން އޭނާގޮސް ވަނީ ‘ޑްރިންކް އަޕް ޖަހާފައިއިން ބާރގެ ރީތި ލަކުޑި ދޮރުންނެވެ. “ވެލްކަމް” ދޮރުހުޅުވައިލުމާއެކު ދޮރުގައި ހަރުކޮއްފައި އިން ކުޑަ ރަނގަބީލު ހެލިލި އަޑު އިވުމުން، ކައުންޓަރު ފަހަތުގައި ހުރި ބާރޓެންޑާ ކެން ބުންޏެވެ. ޑޭވިޑް ގޮސް އިށީނީ ކައުންޓަރ ކުރިމަތީ ހުރި ވައް ގޮނޑިއެއްގައެވެ. ޑޭވިޑް ވަކި އޯޑަރެއް ދިނުމަކާއި ނުލައި އިނުމުން ކެން، އައިސްކިއުބެއް ލާފައި އިން ބިއްލޫރި ތަށްޓަކަށް ރާފޮދެއް އަޅާފައި ޑޭވިޑްއަށް ދިއްކޮށްލިއެވެ.
ރާތަށި ނަގައިފައި ތުމުގައި ޖައްސައިލިއިރު ޑޭވިޑްގެ ސިކުނޑި ވަނީ ހިޔާލުތަކުން ބުރަވެފައެވެ. އޮފީހުގެ މަސައްކަތްތައްް ދެއަތަށް ނުކަތާހާ ބުރައެވެ. ނުވީތާކަށް ފިރިހެންދަރި އިންނަން އުޅުނު ކުއްޖާވެސް ފިލައިފިއެވެ. މިފަކީރުގެ ބޮލުގައި ނުރިހޭވަރު ހެއްޔެވެ؟ “ނުތަނަވަސްކަން ފިލުވައިލަން ހަމަ ރާތައްޓެއް ދޯ.” ކެން، ޑޭވިޑް ހުސްކުރި ތަށި އަލުން ފުރައިލަމުން ބުންޏެވެ.
“ކަލޭހެން ރީތި ހުދާއި ކަޅުގެ ސޫޓު ލައިގެން، ދެތިން ރާތަށިން މީހުންގެ ނުތަނަވަސްކަން ދުރުކޮށްދީފަ، ތަށި ދޮވެލަން ހުރެވޭނެނަމަ އަހަންނަށްވެސް ހާދަ ފަސޭހަވާނޭ.” ޑޭވިޑް ރާފުޅި އެކީގައި ނަގައި ތުމުގައިޖެހީ ދެތަށިން ނުފުދިގެންނެވެ.
“ވަކި ފަސޭހައެއް ނުވާނެ ކަލޭކަހަލަ ހެސްކިޔާފަ ފުޅި ފުޅި ދަމާ މީހުން މަސްތުވީމަ ބޭބީސިޓް ކުރަންޖެހުނީމަކާ.” ކެން ހިނިގަނޑެއް ޖަހައިލިއެވެ. ޑޭވިޑްވެސް ކެންއާއި އެއްބަސްވިއެވެ.
އިރުކޮޅަކު ކެންއާއި އަނގަތަޅައިލުމަށްފަހު ޑޭވިޑް ދާން ތެދުވިއެވެ. ކައުންޓަރު މަތީ ފަސް ޕައުންޑް ނޯޓެއް ބޭއްވުމަށްފަހު ތެދުވެ ދޮރާއި ދިމާއަށް ހިނގައިގަތެވެ. ނަމަވެސް އޭނާގެ ފިޔަވަޅު ގަނޑުވީ ކަންފަތުގައި ޖެހުނު އަޑުންނެވެ. އެއީ އޭނާ މާ ރަނގަޅަށްވެސް ދަންނަ އަޑެކެވެ. ފަސް އެނބުރި ބަލައިލީ ޝައްކު ޔަގީން ކުރުމަށެވެ. މުއައްޒަފުންގެ ބައިން ނުކުތީ އޭނާ ދެކެފަރިތަ މޫނެކެވެ. އެއްއިރެއްގައި އޭނާގެ ލޮލުގެ ނޫރު، އަދި ހިތުގެ ފިިނިކަން ކަމުގައިވީ ފަރާތެވެ.
ޑޭވިޑް ކުއްލިއަކަށް ފެނުމުން ޖެނީގެ ދެލޯ ބޮޑުވިއެވެ. ދެން ދުވަހަކުވެސް ބައްދަލުވާނެކަމަށް އޭނާ ހުވަފެނުންވެސް ދެކެފައި ނުވާ ފަރާތެވެ. ކެން ކައިރީ ބުނަން އައި ވާހަކަ ކަރުގައި ތާށިވެ ދުލުން ކުޅު ހިކިއްޖެއެވެ.
“މިއީ ޖެނީ. މިތަނުގެ އާ މުއައްޒަފު.” ދެމީހުންގެ މޫނަށް ބަލަން ހުރި ކެން ފާޑަކަށް ބުނެލިއެވެ. “ޖެނީ ދަންނަންތަ؟ މީ ޑޭވި…” ކެންގެ ޖުމުލަ ފުރިހަމަ ނުވަނީސް ޖެނީ ދުންޖަހާފައި އެތެރެއަށް ވަނެވެ. ޑޭވިޑްވެސް ފާޑަކަށް ގަބުއަރާފައި ހުރެ ބާރއިން ނުކުތެވެ.
ޔަޝަލް ފޯނަށް ބަލަހައްޓައިގެން އިނދެ ހޭތީ ޖަމީލާއަށް މިހާރު ދެތިން ފަހަރު ބަލައިލެވިއްޖެއެވެ. “ޔަގީނޭ ފިރިހެނަކާ ވާހަކަ ދައްކަނީކަން.” ޖަމީލާ ދަތްޕިލަ ދިލުވައިލަމުން އަމިއްލަ ނަފްސަށް ކިޔައިލިއެވެ. އަދި ބޯ ހޫރަމުން ހޫރަމުންގޮސް ބަދިގެއަށް ވަނެވެ. ޖަމީލާއަށް ހީވީ ހަމަ ރަނގަޅަށެވެ. ޔަޝަލް އިނީ ފިރިހެނަކާ ފޭސްބުކުން ޗެޓްކުރާށެވެ. އެއީ ޖީލާން ނޫން އިތުރު މީހެއް ނޫނެވެ. ޖީލާންއާއި ޔަޝަލް ބައްދަލުވިތާ މިވީ ތިން ހަފްތާއެވެ. އެ ދެމީހުންގެ ގުޅުން ވަނީ ބަދަހިވެފައެވެ. ކޮންމެ ރެއަކު ޔަޝަލްއަށް އިންތިޒާރު ކުރެވެނީ ޖީލާންގެ މެސެޖަކަށް ނުވަތަ މެސެޖެއްގެ ޖަވާބަށެވެ. ދެ މީހުން ގާތް އެކުވެރިންނަށް ވެފައިވާއިރު މިގުޅުން ދެވަނަ މަރުހަލާއަކަށް ގެންދަން ޔަޝަލް ފަސްނުޖެހޭނެއެވެ. ނަމަވެސް އޭނާގެ ހިތުގައިވާ ބިރަކީ ޖީލާން އޭނާއާ ދޭތެރޭ އެފަދަ ގޮތަކަށް ނުވިސްނަފާނެ ކަމެވެ.
“މާދަންރޭ މަގޭ ގޭގަ އޮންނާނެ ރައްޓެއްސެއްގެ އުފަންދުވަހުގެ ޕާޓީ. އާދެވޭނެތަ؟” ޖީލާންގެ މި މެސެޖު ފެނިފައި ޔަޝަލް ދާހިއްލައިލިއެވެ. އޭނާގެ ހިތް ތެޅިގަތީ އޮބިނޯންނަ ވަރަށެވެ. ބުނަން އޮތީ އެންމެ ޖަވާބެއް ނަމަވެސް ލިޔާނެ ގޮތެއް ހިތަކަށް ނައެވެ. ވިސްނުމުގެ ބާރު ގެއްލިގެންދިޔަ ކަހަލައެވެ.
“މާދަންރޭ ނެތް އަނެއްހެން މާ ބޮޑު ކަމެއް. ޖީލާން ދައުއްވަތު ދީފިއްޔާ ދާނަން.” ޔަޝަލް މަސައްކަތްކުރީ އޭނާ ދާހިތްވެފައި ހުރިވަރު ފޮރުވާފައި، ކޫލްކަން ދެއްކޭތޯއެވެ. ކޮންމެއަކަސް ޔަޝަލް ޖީލާންގެ ގެއަށް ދާގޮތަށް ނިމިއްޖެއެވެ.
މި ރެއަށްޓަކައި ހާއްސަކޮށް ގަތް ހެދުން ވައްޓައިލައިގެން ޔަޝަލް ހުރީ ލޯގަނޑު ކުރިމަތީ ފަރިވާންށެވެ. އެނާ އެހެން މީހަކަށްޓަކައި، އަމިއްލަ އެދުމުގެ މަތިން އެހާ ރީތިވާ މީ ފުރަތަމަ ފަހަރު ކަންނޭންގެއެވެ. މުޅި ގަޔަށް ސެންޓު ބުރުވައިލުމަށްފަހު ގެއިން ނުކުތުމުގެ ކުރިން ޔަޝަލް މޭގައި އަތް އަޅައިލިއެވެ. “ހަމަޖެހޭ ހިތާ، ހަމަޖެހޭ. ބްރީތް އިން، ބްރީތް އައުޓް.” ޔަޝަލް މަސައްކަތް ކުރަމުންދިޔައީ އޭނާގެ ހިތް ހަމައަކަށް އެޅުވޭތޯއެވެ. ނަމަވެސް ދޮރު ހުޅުވައިލިއިރު ހުދުކުލައިގެ އަތްދިގު ޓީޝާޓާއި، މަޑު ނޫކުލައިގެ ޖިންސުގައި ހުރި ޖީލާން، ފާރުގައި ލެނގިލައިގެން ހުރިތަން ފެނިފައި ހިތް ހައްދުން ނައްޓައިފިއެވެ. ޔަޝަލް ފެނުމާއެކު ޖީލާން ކުޑަކޮށް ހިނިތުންވެލިއެވެ.
މަގު މެދުން ދުއްވަމުން ދިޔަ ސައިކަލުގައި ތިބި ޖީލާންއާއި ޔަޝަލްގެ މެދުގައި ބަހެއް ބަދަލުކުރެވުމެއް ނެތެވެ. ފޯނުން މެސެޖު ކުރާއިރު ދައްކާނެ ވާހަކަ ހުސްނުވިއަސް، ދިމާވުމުން ދެ މީހުންވެސް ތިބެނީ އެންމެ ފުރަތަމަ ވާހަކަ ފަށާނެ ގޮތެއް ނޭންގިފައެވެ.
“ޖީލާން! ކޮންމެސް ވާހަކައެއް ފަށާބަލަ! އާނ… ފުރަތަމަ ބުނާނީ ހެދުން ހާދަ ރީއްޗޭ. ދެން ޔަޝަލް ބުނާނެ ޝުކުރިއްޔާއޭ. ދެން؟ ދެން ކީކޭ ބުނާނީ؟” ޖީލާން މަސައްކަތްކުރީ ބޮލުތެރޭ، އެދެމެދުގައި ދެއްކޭނެ ވާހަކަތައް ސިފަކުރުމަށެވެ. ނަމަވެސް އެ ސިނާރިއޯވެސް މެދުކެނޑިއްޖެއެވެ.
“ކިހިނެއްތަ؟” ވިސްނަ ވިސްނާފައި ޖީލާން ނިންމީ އެންމެ އާދައިގެ ސްޓައިލަށް ދިއުމަށެވެ. ޔަޝަލް ރަނގަޅޭ ބުނެ ޖަވާބު ދިނެވެ. އެކަކު އަނެކަކުގެ ހާލު އެހައި އެކަކު އަނެކެކަށް ތައުރީފު ކުރުމުން ފެށުނު އާދައިގެ ވާހަކަތަކުން ވާހަކަގަނޑު ފެށިއްޖެއެވެ. މެސެޖުކުރާ އިރެކޭ އެއްފަދައިން ވާހަކަ އޮލަވެއްޖެއެވެ. މިކަމާ ދެމީހުން ހިތުގެ އަޑިން އުފާކުރިއެވެ.
ވޭން ތެރޭގައި ލަވައިގެ އަޑު ވަނީ ގުގުމާލައިފައެވެ. ދުއްވަން އިން ޝަކީބު ދިޔައީ ލަވައާއި އެއްވަރަށް އަނގަ ހަލުވަމުންނެވެ. ކުއްލިިއަކަށް ރޭޑިއޯއިން ލަވައިގެ ބަދަލުގައި ފާޑެއްގެ އަޑުތަކެއް ގޮވަން ފަށައިފިއެވެ. ކުރިމަތިން ޓްރެފިކް ލައިޓު ރީންދޫވުމުން ރޭޑިއޯ ބަހައްޓާފައި ޝަކީބު ބްރޭކަށް ފިއްތައިލިއެވެ. ނަމަވެސް ވޭން ހުއްޓޭގޮތެއް ނުވިއެވެ. އެތައްފަހަރަކު ފިތިއްޖެއެވެ. ވާތްފަޅީ އިން ގިއަރު އަމިއްލައަށް ކުރިއަށް ޖެހޭތަން ފެނި ޝަކީބުގެ ދެލޯ ބޮޑުވިއެވެ. ޓްރެފިކް ލައިޓުން ރަތް ބޮކި ދިއްލުމުން އޭނާއަށް ދުލަށް އައިހައި ހެޔޮ އެއްޗެއް ކިޔަން ފެށުނެވެ.
ހުރިހާކަމެއް ހިނގީ ހިނދުކޮޅެއްގެ ތެރޭގައެވެ. ސައިކަލު ޕާކުކޮށްފައި ޖީލާން ދިޔައީ މަގު ހުރަސްކުރަންށެވެ. ނަމަވެސް ފަހަތުން މީހަކު އޭނާގެ ނަމުން ގޮވައިލި އަޑަށް ޖީލާން ފަހަތަށް ބަލައިލިއެވެ. ބާރު ސްޕީޑުގައި ސީދާ ޖީލާންގެ ގަޔާއި ދިމާއަށް އައި ވޭން ފެނުނީ ތަންކޮޅެއް ކުރިން މަގު ހުރަސްކޮށްގެން ކާނުގަނޑު މަތީ ހުރި ޔަޝަލްއަށެވެ. “ޖީލާން!” ފައިގައި ހުރި ބާރެއްލާފައި ދުވެފައިގޮސް ޔަޝަލް ޖީލާންގެ ގައިގައި އަޅައި ކޮއްޕައިލިއެވެ. މަގުގެ އަނެއް ފަޅިއަށް ޖީލާން ވެއްޓުނެވެ. ބްރޭކް ޖެއްސުމަކާއިނުލައި ވޭން ކުއްލިއަކަށް ހުއްޓިއްޖެއެވެ. ނަމަވެސް މާ ލަހެވެ. ޔަޝަލް އޮތީ އޭގެން ޖެހިފައި ދުރަށް ވިއްސައިގެން ގޮސްފައެވެ.
ހޭވެރިކަމެއް ވީއިރު ޔަޝަލްއަށް އޮވެވުނީ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައެވެ. ބޮލުގައި ލުއި ރިހުމެއް ހުރުމުން އަތް ޖައްސައިލިއިރު ބެންޑޭޖުގަނޑެއް ބަނދެވިފައިވިއެވެ. ދޮރު ހުޅުވުނު އަޑަށް ބަލައިލިއިރު ވަދެގެން އައީ ޖީލާންއެވެ. ޖީލާން އައިސް އެނދު ކައިރީ ހުއްޓުމުން ޔަޝަލް ތެދުވަން އުޅުނެވެ.
“ޖީލާން އޯކޭތަ؟” ޔަޝަލް އުޅުނީ ޖީލާންގެ ހާލު އަހައި، އެއްވެސް އަނިޔާއެއްވިތޯ ބަލަންށެވެ. ނަމަވެސް ކުއްލިއަކަށް ތެދުވަން އުޅުމުން އޭނާއަށް ހީވީ މުޅި ކޮޓަރި އެކީ ހެލިގަތްހެންނެވެ. އަރިއަޅާލައިގެން ވެއްޓެންދިޔަ ޔަޝަލް މަޑުޖެހުނީ ޖީލާންގެ ގައިގައި ޖެހިފައެވެ. ޖީލާން ޔަޝަލް ގައިގައި ހިފަހައްޓައިލިއެވެ.
“އޮށޯވެގެން އޮވޭ.” ޖީލާން، ޔަޝަލް އެނދުގައި ބާއްވަމުން ބުންޏެވެ. “ޝުކުރިއްޔާ.” ޔަޝަލްއަށް ބަލައިވެސް ނުލައި ޖީލާން ބުންޏެވެ. ޝުކުރުވެރިކަމަށްވުރެ އޭނާގެ ސަބަބުން ޔަޝަލްއަށް އަނިޔާވީތީ ވީ ދެރަ މާ ބޮޑީއެވެ.
“އޮފްކޯސް، އަހަރެން ޖީލާން ސަލާމަތްކުރާނެ އެންނު! ތީ ޝުކުރު އަދާކުރާވަރު ކަމެއްތަ؟” ޔަޝަލް ބުންޏެވެ.
“އެ ކީއްވެ؟” ޖީލާން ޔަޝަލްގެ ލޮލަށް ބަލައިލާފައި އެއްސެވެ.
“އެއީ އަހަރެން ޖީލާންދެކެ ލޯބިވާތީ.” ޔަޝަލް އޭނާގެ ސިކުނޑީގައި، އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނި ނަމަވެސް ދުލުކުރިއަކަށް އެ ޖުމުލަ ނުފޯރިއެވެ. “މަ ހިއެއްނުކުރަން ރާއްޖޭގަ ބޮޑުވާ މީހުން، އެކުވެރިއަކު ކައްވަޅަށް ވެއްޓެނިކޮށް ސަލާމަތްކޮށްދެނީވެސް އަގުކިޔައިގެން ކަމަކަށް.” ލޮލުގެ ކަނަކުން ބަލައިލަމުން ޔަޝަލް ލާނެއް ރާގަކަށް ބުނެލިއެވެ.
“މަ ހިއެއްނުކުރަން ލަންޑަންގަ ބޮޑުވާ މީހުންނަކީ އެއްވެސް ވަރަކަށް އަމިއްލަ ފުރާނައަށް އަޅާނުލާ ބައެއް ކަމަކަށް.” ޖީލާން ޔަޝަލްއަށް ރައްދުދިނީ އެއްބުމަ އަރުވައިލަމުންނެވެ. ދެ މީހުން ދެ މީހުނަށް ބަލަހައްޓައިގެން އިރުކޮޅަކު ތިބުމަށްފަހު ދެމީހުންގެވެސް ހިނިގަނޑު ފަޅައިގެންދިޔައެވެ.
“….އެއީ ރޫހާނީ މަހުލޫގެއްގެ ކަމެއްކަން އަހަންނަށް ޔަގީން!” ހޮސްޕިޓަލުން ނުކުންނަން ދިޔަ މަގުމަތީ އައިސީޔޫއިން ނެރުނު ޝަކީބު ގޮވަމުންދިޔަ އަޑު ޔަޝަލްއަށް އިވުނެވެ. ޔަޝަލް އެތާ ބަލަންހުރި މީހެއްގާތުން ވާނުވާ އޮޅުންފިލުވިއެވެ. އެއީ އެކްސިޑެންޓުވީ ވޭންގައި އިން މީހާއޭ ޔަޝަލްގާތު އެމީހާ ބުންޏެވެ.
“ގިއަރުވެސް އަލިއްލައަށޯ ކުރިއަށްޖެހުނީ އޭނަ ކިޔަނީ. މަށަށް ހީވަނީ ބޮލަށް ލިބުނު އަނިޔާ މާ ބޮޑީހެން.” އެމީހާ ބުންޏެވެ. ޔަޝަލް އެކަމާއި ވިސްނައިލިއެވެ. އެއޮއް ބޮޑު އެކްސިޑެންޓު ހިނގިއިރު އޭނާއަށް އެކަނި އެއްވެސް އަނިޔާއެއް ނުވުމަކީ ހަމަ ހަގީގަތުގައިވެސް ނަސީބު އެކަނިބާއެވެ؟ ޖީލާން މަގު ހުރަސްކުރި ގަޑީ ފަހަތު ޕޭވްމެންޓު މަތީ ހުރި ކަޅު ހިޔަނި އޭނާއަށް ފެނުނެވެ. ނުވަތަ އެއީ އޭނާއަށް ހީވި ހީވުމެއްބާއެވެ.
ޑިސެންބަރ މަހުގެ ސައުއްވީސްވަނަ ދުވަހު ލަންޑަންގެ މަގުތަށްދިޔައީ ޒީނަތްތެރި ކުރެވެމުންނެވެ. އެރެއަކީ ކްރިސްމަސް އީވްކަމަށް ވާތީއެވެ. ކުކުޅުބިސް ކުލައިގެ ފިނިއިރު ލާ ކޯޓުގައި، ދެ ޖީބަށް އަތްޖަހައިގެން ދިޔަ ކްރިސްގެ އަނގައިން ނޭވާލާ ވަރަކަށް ފިނި ދުން އަރަމުންދިޔައެވެ. އޮފީހުން ގެއަށްދާ މަގު ކުރުކޮށްލުމުގެގޮތުން އަޅައިލީ ހަނި ގޯޅިއަކަށެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ކުއްލިއަކަށް ބާރއިން ނުކުތް ޖެނީގައިގައި އޭނާ ބަންލާފައި ޖެހުނެވެ.
“ސޮ…” މާފަށްއެދެން އަނގަހުޅުވައިލި ޖެނީއަށް ބަސް ފުރިހަމައެއް ނުކުރެވުނެވެ. ދެލޯ ބޮޑުކޮށްލީ ބޮޑު ބިރެއް ފެނުނުހެންނެވެ. ޑޭވިޑް ވިލިއަމްސާއި މާބޮޑު ތަފާތެއްނެތް ޒުވާނާއަކީ ކާކުކަން ޖެނީއަށް ވަގުތުން ދެނެގަނެވިއްޖެއެވެ.
“ސޮރީ…” ކްރިސް ޖެނީއަށް މާބޮޑަށް ބަލައިވެސް ނުލައި ދިޔަގޮތަށް ދިޔައީއެވެ. މަގުން ފައިބައިގެން ދިޔަ ކްރިސްގެ ތަނަވަސް ބުރަކަށިން އޭނާއަށް ސިފަވީ އޭނާ ދޫކޮށްފައި ދާ ޑޭވިޑްއެވެ. ދިޔަ ނުދީ ހިފެހެއްޓުމަށް އަތް ދިއްކޮށްލެވުނު ނަމަވެސް، އެ އަތެއް ނުފޯރިއެވެ.
ދޮރުގައި ޓަކިތެޅުމުން އެތެރެއިން ޖަވާބެއް ނައި ނަމަވެސް، ކްރިސް އޭނާގެ ބައްޕަގެ އޮފީސް ކޮޓަރިއަށް ވަނެވެ. ކޮޓަރީގެ ފާރުތައް ފުރާ ފޮތް އަލަމާރިތައް ހުރިއިރު ކުރިމަތީ ހުރީ ޑެސްކަަކާއި ބޮޑު ގޮނޑިއެކެވެ. ޑެވިޑްގެ ފައިލެއް ހޯދަން ވަތް ކްރިސް، ފޮތް އަލަމާރިތަކުގައި އަތް ހާކަމުން ކުރިއަށް ދިޔައެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ނުބައި ފަޅިއަށް ލެވިފައި އިން ފައިލަކުން ނުކުމެފައި އިން ކަރުދާސްކޮޅެކެވެ. އެ ގަނޑު ކްރިސް މަޑުމަޑުން ދަމައިގަތީ އަތް މުނިކަވައިގެން ކަންނޭންގެއެވެ. އެއީ ފޮޓޯގަނޑެކެވެ. ނުސާފު ނަމަވެސް އޭގައި އިނީ ކްރީމް ކުލައިގެ އިސްތަށިގަނޑުގެވެރި އަންހެންކުއްޖެކެވެ. ލައިގެން ހުރި ޔުނިފޯމުގެ ސަބަބުން ހީވަނީ ސޯޅަ ސަތާރަ އަހަރުގެ ކިޔަވާކުއްޖެއް ހެންނެވެ. “ވެދާނެ ބައްޕަ ސްކޫލުގަ އުޅުން އިރުގެ އެކުވެރިއަކަށް.” ކްރިސް އެހެން ހިތާ ފޮޓޯގަނޑު އަނެއްކާވެސް ފައިލުތެރެއަށް ކޮއްޕައިލިއެވެ.
ހޯދަން އައި ފައިލު ނުފެނުމުން ކޮޓަރިން ނުކުންނަން ދިޔަ ކްރިސްއަށް ކުއްލިއަކަށް ހުއްޓިލެވުނީ ހިތަށްއެރި އެއްޗަކުންނެވެ. އަލަމާރި ކައިރިއަށްގޮސް އަނެއްކާވެސް އެއްކަލަ ފޮޓޯ ނަގައިފިއެވެ. ސަމާލުކަމާއެކު އަންހެންކުއްޖާގެ މޫނަށް ބަލައިލިއިރު ޔަޝަލްއާއި ވައްތަރުގޮތެއް ހުއްޓެވެ. ކްރިސްގެ ލޮލަކަށް އޮޅުވައެއް ނުލެވުނެވެ. އޭނާ ނިންމީ އެ ފޮޓޯ އަތުގައި ބާއްވަންށެވެ.
ފެންވަރައިގެން، ތުވާލި އަނދެގެން ނުކުތް ޖީލާން ތެތް އިސްތަށިގަނޑާއެކު އެނދުމައްޗަށް ޖެހިގަތެވެ. އޭސީ ޖައްސައިފައި ހުރުމުން ނިވާލާފައި ހުރި ފަންކާއަށް އޭނާ ބަލައިލިއެވެ. ނަމަވެސް އޭނާގެ ބޮލުގައިވީ އެ ފަންކާއެއް ނޫނެވެ. ކަނާތު އަތް މޭމަތީ ބާއްވައިލިއިރު މޫނުމަތީ ވަކި އިހުސާސެއް ނެތަސް، ހިތުގެ ތެޅުން އަވަހެވެ. ޔަޝަލްގެ ހިޔާލު އޭނާއަށް މިވަރަށް މި އުނދަގޫކުރާ ސަބަބާއިމެދު ވިސްނައިލެވުނެވެ. ޔަޝަލްއާއެކު ހޭދަކުރި ހުރިހާ ވަގުތެއް އޭނާގެ ސިކުނޑީގައި ބިންވަޅު ނެގިއްޖެއެވެ. އެ ހިނިތުންވުން އޭނާގެ ހިތް ފަތަހަކޮށްފިއެވެ. ކުޑަދޮރުގައި ތަޅައިގަތް ބޮޑުތިކި ވާރޭގެ އަޑުން ހަމަހިމޭންކަން ފުނޑުފުނޑުކޮށްލިއެވެ. ބިއްލޫރިގަނޑުގައި ޖެހިފައި ފެންތިކިތައް ޑިޒައިންތަކަށް ފައިބަންފަށައިފިއެވެ.
ބެލްކަނީގެ ފާރުބުރިމަތީއިން ޔަޝަލް އިނީ ވާރޭއަށް ގެއްލިފައެވެ. ހިއްސުތަކުގައިވީ ރޭގަނޑުގެ ފިނިކަން އަރާމެވެ. ޔަޝަލްގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ. އޭނާ ކުރަމުންދިޔަ އިހުސާސުތަކުން ޖީލާންއަށް ބައި އެޅޭނެ ނަމައޭ ހިތަށް އެރިއެވެ. މިހާ ފުރިހަމަ އިހުސާސެއް އޭނާ މުޅި ހަޔާތުގައިވެސް ކޮށްފަކައި ނުވެއެވެ. އޭނާ ތަޖުރިބާކުރަމުންދިޔައީ ލޯބީގެ ފޮނިކަމެވެ.
ގަޑިން ބާރަ ޖެހުމާއެކު އެކި ދިމަދިމާލުން އިވެމުންދިޔައީ ރަނގަބީލުގެ އަޑާއި ކްރިސްމަސް ލަވައިގެ އަޑެވެ. މީސްމީހުން އެކަކުއަނެކަކަށް އަރިސްކުރަމުންދިޔައީ ރޭގެ ތަހުނިޔާއާއި މުބާރަކުބާދީއެވެ. ގެތަކުގައި އެއްބަޔަކު އާއިލާއާއެކު ވަގުތު ހޭދަކުރަމުން ދިޔައިރު އަނެއްބަޔަކު މަގުމަތީ ލޯބިވެރިންނާއި އެކުގައެވެ. އުފާވެރިކަމުން ފުރިފައިވީ އެރޭގައި ކްރިސްގެ ސިކުނޑިވީ އެކަނިވެރިކަމުގެ މައިދާނެއްގައެވެ. އަތުގުޅުވައިގެން އުޅޭ ޖޯޑުތައް ފެނުމުން އޭނާގެ ހިތުގެ ރިހުންވީ އިތުރެވެ. އޭނާގެ ހިތުގެ މަލިކާއާއި ބައްދަލުވުމަށް އެދެވޭ އެދުން ދިޔައީ ބޮޑުވަމުންނެވެ.
އިންޓަނެޓުގައި ބޮޑުގުޅަ ވާހަކައަަކަށް އޮތީ ކްރިސްމަސްގެ ވާހަކައެވެ. ލަންޑަންގެ އެކުވެރިން ޗެޓްރޫމްތަކުގައި ވާހަކަ ފަށަނީ ހެޕީ ކްރިސްމަސްއިންނެވެ. ޔަޝަލް ފޯނުގައި އިން ތާރީހަށް ބަލައިލިއެވެ. ފަންސަވީސް ޑިސެންބަރަކީ އެހެން މާނައެއްގައި އޭނާއަށް ހާއްސަ ދުވަހެކެވެ. ނަމަވެސް އެ ހާއްސަކަން އޭނާއަށް އިހުސާސު ވެފަކާއެއްނެތެވެ. ޔަޝަލްއަށް ވަގުތު ގުނެމުން ދިޔައީ އެހެން ކަމަކާހުރެއެވެ. ޖީލާންވަނީ އެރޭ ހުޅުމާލޭގައި އޮތް ޝޯއަކަށް ދިއުމަށް އޭނާއަށް ދައުއްވަތު ދީފައެވެ. ޔަޝަލް ހުރީ ކެތްމަދުވެފައެވެ.
އެރެއެވެ. ހުޅުމާލެ އެރިގޮތަށް ޖީލާންއާއި ޔަޝަލް ހަރު ހިނގުމުގައި ދިޔައީ ޝޯ ފަށަންވާއިރަށް މަންޒިލަށް ފޯރާތޯއެވެ. “ޔަޝަލްއާހެދި ލަސްވީއޭ. ތިވަރަށް ފަރިނުވިއަސް ރަނގަޅުވާނެއެންނު.” ޖީލާން ޝަކުވާކޮށްލިއެވެ. ޔަޝަލް އޭނާގެ ކުށް ގަބޫލުކުރިއެވެ. ޝޯ ބަަލަން އައިސް ތިބި މީހުން ގިނަކަމުން ނޭވާލާން އުނދަގޫ ނަމަވެސް ޔަޝަލްއާއި ޖީލާން ސަކަރާތްޖެހީ އެތާ އެދެމީހުން ފިޔަވާ އިތުރު މީހެއް ނެތްފަދައިންނެވެ. އެތަނަށް މިހުން އައިސް ތިބީ ކަމުދާ ލަވައެއް ނުވަަތަ ލަވަކިޔުންތެރިއެއް ބަލާހުތުންނެވެ. ނަމަވެސް ޔަޝަލްއާއި ޖީލާންގެ އެންމެ ބޮޑު އެއް މަގުސަދަކަށްވީ ސްޓެޖަށް އަރާހާ މީހަކަށް ހަޖޫޖެހުމެވެ.
ޝޯ ނިމުނުއިރު ގަޑިން މެންދަމުން އަނބުރާ އެކެއް ޖަހައިފިއެވެ. “މިހާރު މާމަ އުޅޭނެ ގެއަށް ނައިސްގެން ކަންބޮޑުވެގެން.” ޔަޝަލް ބުންޏެވެ. ނަމަވެސް ޖީލާން ހުރީ އަވަސް ވަގުތެއްގައި ގެއަށް ދާހިތަކު ނޫނެވެ.
“ދެގަޑި ބައިވަންދެން ފެރީ އޮންނާނެއޭ. ހިނގާބަލަ އެހަށް ހިނގާލަން ދާން.” ޖީލާން ބުންޏެވެ. މީނަ މިއުޅެނީ ދެގަޑި ބައިވަންދެއް މަ ހިންގުވަންހޭ ޔަޝަލްގެ ހިތަށް އެރިއެވެ. ނަމަވެސް އެވެސް އޭނާއަށް ގޯސް ހިޔާލަކަށް ނުވިއެވެ. އޭނާ ބޭނުންވަނީ ޖީލާންއާއިއެކު ވިހާވެސް ގިނަ ވަގުތު ހޭދަކުރަންށެވެ.
ކުއްލިއަކަށް ޖީލާން ހުއްޓުން އެރިއެވެ. ފާޑަކަށް އަނގަ ހުޅުވައިގެން ގަބުވެފައި ހުރުމުން ޔަޝަލް ބޯ އަރިކޮށްލިއެވެ. “މިހާރު ކިހާއިރެއް ގަޑިން؟” ޖީލާން މަޑުމަޑުން އަހައިލިއެވެ.
“އެއްގަޑި ފަނަރަ.” ޔަޝަލް ފޯނު ބަލައިލައިފައި ބުންޏެވެ. އަނެއްކާ ނުކުރެވި އޮތް މުހިންމުކަމެއް ޖީލާން ހަނދާންވީބާއޭ ޔަޝަލްގެ ހިތަށްއެރިއެވެ. ވީވެސް ހަމަ އެހެންނެވެ.
“މަ މިރޭ ޔަޝަލް މިތަނަށް މިގެނައި މީ ޔަޝަލްގެ އުފަންދުވަސް ވީމައޭ. އެކަމަކު ވިޝްކުރަން ހަނދާނެއް ނެތް. މިހާރު މިއޮށް ދުވަސް ނިމުނީ.” ޖީލާން ވަރަށް މާޔޫސްވެފައި ބުންޏެވެ. ޔަޝަލްގެ ހިނިގަނޑުދިޔައީ ފަޅައިގެންނެވެ. ޖީލާން ހާދަ ލޮއެއްބޭ އޭނަގެ ހިތަށް އެރިއެވެ.
“އުފަންދުވަސް ވީމަ ގެނައި، އެކަމު މަޖާވީވަރުން އެކަން ހަނދާންނެތުނީ ދޯ.” ޔަޝަލް އަދިވެސް ބިނދިބިނދިފައި ހެނީއެވެ. ޖީލާން އެކަމާ ކުޑަކޮށް ލަދުގަތެވެ. ނަމަވެސް ޔަޝަލް ހޭތަން ފެނުމުން އޭނާއަށް ލިބުނީ އުފާވެރިކަމެވެ. އެތަށް އިރަކު އެ މޫނަށް ގެއްލިފައި ހުރެވުނެވެ.
“ހެޕީ ބާރތްޑޭ.” ޖީލާންގެ އަޑަށް ޔަޝަލް ހުނުން ހުއްޓައިލިއެވެ. އޭނާ ބަލައިލީ ސީދާ ޖީލާންގެ ލޮލަށެވެ.
“ތެންކްސް.” ޔަޝަލް ބުންޏެވެ. އެވަގުތު ދެމީހުން ދެމީހުނަށް ބަލަން ތިބިގޮތުން މީ ހޮލީވުޑް ފިލްމެއްނަމަ ދެން ފެނިގެންދާނީ ދެމީހުން ގައިގައި އޮޅުލަން ފަށާތަނެވެ.
“އެކަމަކު ދޯ. އެއް ދުވަސް ލަހުން ތި ވިޝް ކުރެވުނީ. އެހެންވީމަ ސައި ދޭންވާން ފަހުން.” ޔަޝަލް ލާނެއް ރާގަކަށް ބުންޏެވެ.
“މައްސަލައެއްނެތް.” ޖީލާން އެއްބަސްވިއެވެ.
ކޮޓަރިއަށްވަދެގެން އައި ލުތުފީގެ މޫޑު ރަނގަޅު ނޫންކަން ޔަސްރާއަށް ފާހަގަކުރެވުނެވެ. “ހަލޯ އެރިކް. ދޭ ޔަޝަލް ގޮވައިގެން އަންނަން. ހެޔޮ ކޮންމެ ގޮތަކުން ވިޔަސް. ކަލެއަށް ލިބޭނީ ފަސް ދުވަސް. އާ އަހަރު ފެށޭ ދުވަހު ޔަޝަލް ހުންނަންޖެހޭނީ އަހަރެން ކުރިމަތީގަ.” ލުތުފީ ބަރުއަޑުން އަމުރުކޮށްލުމަށްފަހު އަތްގަނޑުލީ ފޯނު ބާރަކަށް ޖެހިއެވެ.
“ރަނގަޅަށް ތި ހައްދަވަނީ. މިހާރު އެއް މަސް ދުވަސްވަނީ. ދޫކުރެވިއްޖެއެންނު. އެވެސް ކްރިސްގެ އެދުމުގެ މަތިން. ދެން އިތުރަށް އަހަރުމެންގެ އަގު ވެއްޓުނަދީގެން ނުވާނެ.” ޔަސްރާ ލުތުފީއަށް ތާއިދުކުރިއެވެ.
ފަހަތުން އައި މީހަކު، އަނގަޔާއި ނޭފަތުގައި އެކީ ފޮތިގަނޑެއް އެޅުމުން ޔަޝަލްގެ މޭގަނޑު އަނގައަށް ނައީ ކިރިޔާއެވެ. ނަމަވެސް ވިސްނައިލާނެ ވަގުތުކޮޅެއްވެސް ނުލިބުނެވެ. މޫނުމައްޗަށް އަނދިރިވެ، ޔަޝަލްގެ އަތްފައި އެލުމުން، ފަހަތުގައި މާސްކު އަޅައިގެން ހުރި މީހާ އޭނާ އަތްދަނޑި މަތީ އުފުލާލައިގެން ގޮސް ކާރަކަށް އަރުވައި ދުއްވައިލިއެވެ. ރޭގަނޑުގެ އަދިރިން ނިވާކަން ހޯދި އެކާރުގައި އިިން ޑްރައިވަރު، ސައިކަލެއްގައި މީހަކު ފަހަތުއަޅުވައިލިކަން ނުދެނަހުއްޓެވެ.
ލޯ ހުޅުވައިލެވުނުއިރު ޔަޝަލް އޮތީ ބާ ކޮޓަރިގަނޑެއްގެ މެދުގައެވެ. އަތާއި ފައި ބަނދެ، އަނގަވެސްވަނީ ފޮތިގަނޑަކުން ބަނދެވިފައެވެ. ކޮޓަރީގައި ވަދެ ނުކުމެވޭގޮތަށް ހުރި ހަމައެކަނި ދޮރަށް ޔަޝަލް ބަލައިލީ އުންމީދުކުޑަ ގޮތަކަށެވެ. ބަނޑުލައި ލޫދެމުން އެހިސާބަށް ފޯރުނުކަމުގައިވިޔަސް ދޮރު ހުޅުވޭނެކަމުގެ އުންމީދެއްނެތެވެ. މީހަކު ކިޑްނެޕްކޮށްފައި ތަޅުނުލައި ހުރި ކޮޓަރިއެއްގައި ބަންދުކުރި ތަނެއް އޭނާ ފިލްމަކުންވެސް ނުދެކެއެވެ.
މާސްކުއެޅި މީހާ ޔަޝަލް އެތެރޭގައި ބަންދުކޮށްފައި އިމާރާތުން ނުކުތެވެ. ދުރުގައި ބަލަން ހުރި ހައިޝަމް އެމީހާ ކާރަށް އަރައި ނައްޓައިލުމާއެކު ބިލްޑިން ތެރެއަށް ދެމިގަތެވެ. ޔަޝަލް އޮތް ކޮޓަރި އޭނާ ވަކިކުރީ ކިހިނެއްކަމެއް ނޭންގެއެވެ. ގޮސް ހުއްޓުނީ ދޮރު ކުރިމަތީއެވެ. ތަޅުގައި ހިފައިލީ ބޭކާރުގޮތުގައެވެ. ދެން އޭނާ ފެށީ އާދަޔާއި ހިލާފުކަމެކެވެ. ތަޅާއި ދިމާއަށް އަތް ކައިރިކޮށްލުމަށްފަހު އަތަށް ބާރެއްލިއެވެ. އެއާއެކު އަތުން ނުކުތީ ކަޅު ދުންކޮޅެކެވެ. ހައިޝަމްގެ މޫނުން ފާޅުވި ރުޅިވެރިކަމުން ސާފުވީ އޭނާ ބޭނުންވާ ވަރަށް އެ ކަޅު ދުން ނުގެނެވުނުކަމެވެ. އަތަށް ބާރުލީލީނުން ނާރުތަށް ފުއްޕައިފިއެވެ. ނަމަވެސް އޭނާގެ މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެންމެ ފަހުން އުންމީދުކަނޑާލައިފައި އަނެއްކޮޅަށް އެނބުރުނެވެ.
(ނުނިމޭ)
6 Comments
Comments are closed.
Mihaa reethi vaahaja eh biruveri vaahaka akah nahdhahchey..
biruveri vaahaka akah vure bodah rangalhuvaanee fantasy type ge vaahaka ekey buniyya.
Dnt knw writer ah dhw engeyny. Kalhu hiyanyeh ves ulhey vihyaa eba…
yeah ehenve heevee dhw biruveri vaahakaeh hen. dont worry ehaa bodakah horror baeh noonaane. and thanx 4 the comment
Great job..this part is osam and jeelan ge personality vrh salhi I mean vrh hotu… eyna sifa kurevey hama..❤❤❤❤❤ go go go log
thanx manhajeyd