ފިތުރޯން ގަހުގައި ހިފަހައްޓާލައިގެން ހުރި ޝައުފް ސިހިގެން ދިޔައީ ފަހަތުގައި މީހަކު ހުރިހެން ހީވެގެންނެވެ. ފަސްއެނބުރި ބަލާލި އިރު ސޯފީ ފެނުމުން އަނެއްކާވެސް އަނެއްފަރާތަށް އެނބުރުނެވެ. ސޯފީ ޝައުފްގެ ކޮނޑުގައި އަތް ބާއްވާލިއެވެ. ޝައުފް ކުއްލިއަކަށް ސޯފީގެ އަތް ފޮޅުވާލައި ދުރަށް ޖެހިލިއެވެ.

”ދަރިފުޅާ ހިނގާ ގޭތެރެއަށް ދާން…….” ސޯފީ އޯގާތެރިކަމާއި އެކު ބުނެލިއެވެ. ޝައުފް ގޭތެރެއަށް ހިނގައިގަތެވެ. ހަލުވި ހިނގުމެއްގައި އޭނަގެ މިސްރާބު ހުރީ ކޮޓަރިއާ ދިމާލަށެވެ.

” މަޑުކޮއްބަލަ…..ދަރިފުޅާ ކިހިނެއްވީ……..ކަމަކާއި ހިތްހަމަ ނުޖެހުނީތަ؟” ސޯފީ ކުޑަ ލައްޕާލައި ގޭތެރެއަށް ވަންނަމުން ގޮވާލިއެވެ. ޝައުފް ނެގި ފިޔަވަޅު މައްޗަށް ހުއްޓުނެވެ. ތެމިފޯވެގެން ހުރުމުން މުޅި މީހާ ތުރުތުރު ލަމުން ދިޔައެވެ. ރުޅިވެރިކަމާއި އެކު ދެބުމަ ގޮށްޖަހާލަމުން އަތް މުއްކަވާލިއެވެ.
” ކިހިނެއްވީ؟” ސޯފީ ޝައުފްގެ ކުރިމައްޗަށް ހުއްޓެމުން އަހާލިއެވެ.

” ނުވޭ އެއްކަމެއްވެސް……..” ރުންކުރުގޮތަކަށް އެހެން ބުނުމަށްފަހު ޝައުފް ކުރިއަށް ނަގަން އުޅުން ފިޔަވަޅު ވެސް ހުއްޓާލަންޖެހުނީ ސޯފީ ޝައުފްގެ އަތުގައި ހިފަހައްޓާލުމުންނެވެ.
” ހިއެއް ނުވޭ…….” ސޯފީ ބުނެލިއެވެ.

” ހަގީގަތް އެގިއްޖެ……..އާކިފްއަށް ހުރިހައި ކަމެއްވެސް އެނގޭ……ލަޔާލްއަށްވެސް ހުރިހައި ކަމެއް އެގިއްޖެ……” ޝައުފް ދެލޯ މަރާލަމުން ބުނެލިއެވެ.
” ކިހިނެއް؟” ސޯފީ އަހާލިއެވެ. ޝައުފް އެ ސުވާލަށް ޖަވާބު ދޭން ބޭނުމެއް ނޫނެވެ.

” ތިއެއް މުހިއްމެއް ނޫން……..އަހަރެން މިރޭ ބައްޕަ ކައިރީ ހުރިހައި އެއްޗެއް ކިޔައިދޭނަން………މަންމައާއި ޑރ.އަންވަރުގެ ހުރިހައި ކަމެއް………..” ޝައުފް އެ ބުނި ޖުމްލައިން ސޯފީ ބިރުގަތެވެ.

” މަންމަގެ ހުރިހައި ކަމެއް އަހަންނަށް ވަރަށް ގިނަ ދުވަހު ފޮރުވިއްޖެ………މަންމަމެންނާ އެއްވަރަށް އަހަންނަށްވެސް މި ކަމުގަ ބައިވެރިވެވޭ……” ޝައުފް ބުނެލިއެވެ. ސޯފީ ހަނދާނެ ގޮތް ހުސްވިއެވެ.

” ކީކޭތަ ތި ކިޔަނީ………ޝައުފް ހަމަ ހޭގަތަ ތި ހުންނަނީ؟” ސޯފީ ހަޅޭއްލަވައިގަތެވެ.

” އާން…….އަދި ކިރިޔާ ހަމަހޭވެރިވީ……. މި އޮއް ހުރައިހައި ދުވަހު ކުރި ނުބައި ކަންތައްތަކުގެ އިހްސާސް ކުރެވުނީ…….މަންމާ………އާކިފްއަކީ އަހަރެންގެ ބޭބެއެއް ފަދަ ކުއްޖެއް…….އެމީހުން އަހަރެމެންނަށް ވީ އިހްސާންތެރިކަން ހަނދާން ނައްތާލާފަ އަހަރެމެން މިދެނީ ކޯއްޗެއް؟” ޝައުފް ބާރަށް ވާހަކަ ދައްކަމުން ގޮސް މަޑުވަމުން ދިޔައެވެ.
” ޝައުފް ” ސޯފީއަށް ފަހަތަށް ޖެހިލެވުނެވެ.

” ކުރިން އަހަރެން އަނދިރިކަމުގައި ވަނިކޮން ލަޔާލް މިރޭ އަހަރެންގެ ދެލޯ ހުޅުވާލަދީފި…….” ޝައުފް ބުނި ޖުމްލަ ސޯފީގެ ކަންފަތުގައި ޖެހުމާއި އެކު އަތްދަމާފައި ޝައުފްގެ ކަންފަތްމަތީ އަޅުވާލިއެވެ.

” ތިއީ ދޯ ވެގެން އުޅޭ ގޮތަކީ………އެ ނޯކަރު ކުއްޖާ ކަލޭގެ ބޮލަށް ވަނީދޯ…… އެއީ މާ ރީތި އުޅުމެއް އުޅޭ މީހެއް ހެއްޔޭ……..އާކިފްއަށް މާ ހެޔޮ އެދިގެން އުޅެނީ ކީއްވެހެއްޔޭ އަހާބަލަ……….އޭނަގެ ހިތް އާކިފްއަށް ހަމްދަރުދީން ފުރުނީ ކީއްވެހެއްޔޭ އަހާބަލަ…….” ސޯފީ ޝައުފްއަށް ހަޅޭއްލަވައިގަތެވެ. ޝައުފް ސޯފީ ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން މަޑުކުރުމެއްނެތި ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ.

ޝައުފް ދޮރު ލައްޕާލުމަށްފަހު ދޮރުގައި ލެނގިލުމަށްފަހު ދެލޯ މަރާލިއެވެ. އަމިއްލަ ނަފްސަށް ސޯފީ ކުރަމުން ދިޔަ ސުވާލްތައް ކުރަމުން ދިޔައެވެ. ކޮންމެ ސުވާލަކީވެސް ޖަވާބު ނުލިބި ސިކުނޑިއަށް ހާސްކުރަމުން ދިޔަ ސުވާލުތަކެކެވެ. ޝައުފް ދެލޯ ހުޅުވައިލީ ފާހާނާ ދޮރު ހުޅުވާލުމަށްފަހު ލަޔާލް ނުކުތް އަޑަށެވެ.

ރަތްކުލައިގެ ކުރުތާއަކާ ކަޅު ޖިންސެއްލައިގެން ހުރެ އިސްތަށިގަނޑު ތުވާލިން ހިއްކަމުން އައިސް ޑްރެސިން ޓޭބަލް ކައިރީ ހުއްޓުނެވެ. ޝައުފް ތެމިގެން ހުރެ ތުރު ތުރު އަޅަމުން ދިޔައިރުވެސް ލަޔާލް ޝައުފްއަކަށް އެއްވެސް ސަމާލްކަމެއް ނުދެއެވެ. ޝައުފް ލަޔާލްއާ ދިމާލަށް ހިނގައިގަތެވެ. ލަޔާލްގެ ފަހަތުގައި ހުއްޓި ލޯގަނޑުން ލަޔާލްގެ ސޫރައަށް ބަލާލިއެވެ.
” އަހަރެން ވާހަކައެއް އަހާލަންތަ؟” ޝައުފް ލަޔާލްގެ ސޫރައަށް ބަލަން ހުރެ އަހާލިއެވެ. ލަޔާލް އެއްވެސް ޖަވާބެއް ނުދީ އިނީއެވެ.

” ލަޔާ އަހަރެން ދެކެ ލޯބިވޭތަ؟” ޝައުފް ތުރު ތުރު އަޅާ އަޑަކުން އަހާލި އިރު އޭނަގެ ދެލޯ ފެންކަޅި ވެއްޖެއެވެ. ލަޔާލްއަށް ހީވީ އޭނަގެ މޭފަޅާފައި ހިތް ނުކުންނަ ހެންނެވެ. އެ ސުވާލްގެ ޖަވާބު ލަޔާލް ދޭނެ ހިތްވަރެއް ނެތެވެ. ޝައުފް ވާނެ ދެރަ ލަޔާލްއަށް އިހްސާސްވެއެވެ.

” އަހަރެން ކުރި ސުވާލުގެ ޖަވާބެއް ނުލިބޭ………..ތި ހަމަ ހިމޭންކަމުން އަހަރެން ޖަވާބު ކިހިނެއް ނަގަންވި………އާއެކޭތަ ނޫނެކޭތަ؟” ޝައުފް ހިތްވަރު ކޮއްފައި ވާހަކަ ދައްކަމުން ދިޔައެވެ. އެއްވެސް ހަރަކާތެއް ނެތި ހުއްޓުން އަރާފައި ލަޔާލްއަށް އިނދެވުނީ ލޯގަނޑުން ފެންނަމުން ދިޔަ އޭނަގެ ސޫރައަށް ބަލާށެވެ. އެސްފިޔަވެސް ޖަހާލުމެއްނެތި ނޭވާ ހިފަހައްޓާލައިގެން އިނެވެ.

” ކީއްވެތަ ޖަވާބު ނުދެވެނީ…….އަހަންނަށް އިނގޭ ލަޔާލް ލޯބިވަނީ އަހަރެން ދެކެ ނޫންކަން..އަހަންނާ ކައިވެނި ކުރުމުގެ ކުރިން އެހެން މީހެއް ދެކެ ލޯބިވާކަމަށް ބުނެ ކުއްލިއަކަށް ޖަވާބު ބަދަލްވެގެން ދިއުން………މިހުރިހައި ކަމެއް މަށަށް ވިސްނެއޭ…….” ޝައުފްގެ ހަޅޭކުގެ އަޑުން ލަޔާލް ސިއްސައިގެން ދިޔައެވެ. މިއިން ދުވަހަކުވެސް ޝައުފްގެ ފަރާތުން އެހާ ރުޅިވެރިކަމެއް ފެނިފައެއް ނުވެއެވެ.

” އަހަރެން…….” ލަޔާލް ހުއްޓާލީ ޝައުފް އަތުން ވާހަކަ ނުދެއްކުމަށް ބުނުމުންނެވެ.

” ލަޔާލް މަށަށް ދޭނެ އެއްވެސް ޖަވާބެއް ނެތް……….އަހަންނަށް އިނގޭ ލަޔާލް ލޯބިވަނީ ކާކު ދެކެކަން..އެކަމަކު މައްސަލައަކީ އަހަރެން ދެކެ ލޯބިނުވާއިރު ދޮގު ތަކެއް ހަދައިގެން އަހަންނާ އިނީމަ……….ފައިސާގެ ދަހިވެތި ކަމުގަ އަހަރެންގެ މުއްސަދިކަން ފެނިފަ ދޯ……….” ޝައުފް އެ ޖުމްލަ ނުނިމެނީސް ލަޔާލް އަތުން ހުއްޓާލުމަސް ބުނެލިއެވެ.
” ހުއްޓާލާ ޝައުފް……….ޝައުފްއަށް ހީވަނީތަ ޝައުފް ފަދައިން އެންމެންވެސް ފައިސާގެ ދަހިވެތި ވާނެކަމަށް……..ފައިސާގެ ދަޅަ ޝިފާނާއަށް ދައްކައިގެން އަހަރެން ގަނެލީނުން……..” ލަޔާލްގެ އަޑުވެސް ގަދަވެގެން ދިޔައެވެ.
” ދޮގު……..ހުސް ދޮގު………އަހަރެން އިންނާށޭ ކިޔާފަ އެންމެ ފައިސާ ފޮއްޗެއްވެސް ދިއްނުކޮއްލަން…….ލަޔާލް ކައިރީ އިނުމުގެ ކުރިން ވަރަށް ރީތިކޮން އެހިން އެއްވެސް މަޖުބޫރަކުން ހެއްޔޭ……..ދެން ކީއްވެ އެދުވަހު ނުބުނީ…….” ޝައުފް އަތުން ޖަހައި ޑްރެސިން ޓޭބަލްގައި ތަރުތީބުން އަތުރާފައި ހުރި ހުރިހައި ސާމާނެއް ބުރުއްސައިލިއެވެ. މުޅި ތަނަށް އެކި ފުޅިތައް ބުރައިގެން ދިޔައެވެ.

” އަހަރެން ނުހަދަން ދޮގެއް………ޝައުފްއަށް ނޭނގުނަސް ޝައުފްގެ މަންމަ ސޯފީ ދިޔައީ ޝިފާނާ ކައިރިއަށް……..އަހަރެން ހީކުރީ ޝައުފް ބުނެގެން ކުރިކަމެއްކަމަށް………..އެހެންވެ އެދުވަހު ނުބުނީ…….” ލަޔާލް ބުނެލިއެވެ.
ދެމީހުންގެ މެދަށް ވެރިވީ ހިމޭންކަމުގެ ވަގުތު ކޮޅެކެވެ. ދެމީހުން ކުރެ އެކަކުވެސް އިތުރު އެއްވެސް އެއްޗެއް ނުބުނެއެވެ.
”’ އަހަރެންގެ ހަޔާތަށް ވަގުތީ ދުވަސްކޮޅަކަށް ނަމަވެސް ލަޔާގެ ސަބަބުން އައި ބަހާރު މޫސުމަށް ޝުކުރު ކުރަން……..ތި ހިތްހެޔޮކަމާއި އުފަލާ މަޖަލުގައި އެ ހުރިހައި ދުވަސްތަކެއް ފާއިތު ވެއްޖެ……އަހަރެން ދުވަހަކުވެސް ލަޔާއާ ވަކިވާން ޖެހިދާނެ ކަމަކަށް ތައްޔާރެއް ނުވަން………އަދި ހިތަކަށްވެސް ނާރާ މި ގުޅުން ނިމުމަކަށް ގެންނަން ޖެހިދާނެކަމަކަށް………” ޝައުފް އަޑުން ހިމޭންކަން ކަނޑުވާލިއެވެ. ޝައުފްގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އެސްފިޔަތަކުގެ ތެރެއިން ކޯތާފަތްމައްޗަށް އޮހެން ފަށައިފިއެވެ.

” އަހަރެން ލަޔާއަށްޓަކައި ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް ހުރިކަން ލަޔާއަށްވުރެ ރަނގަޅަށް އެނގޭނެ އެހެން މީހަކު ނުހުންނާނެ……..އެކަމަކު ދެރަ ތަންކޮޅަކީ ލަޔާލްއަށް އަހަރެން ވީ ލޯބި ޤަބޫލް ނުކުރެވޭތީ……….އެކަމަކު އަހަރެން އަބަދުވެސް ލޯބިވެއޭ ބުނެލަން ބޭނުން…….ލޯބި ލިބުމުގެ ނަސީބު އެންމެންނަކަށް ނުލިބޭނެ އެކަމަކު ލަޔާއަށް ލަޔާގެ ލޯބި އަހަރެން ހޯދައިދޭނަން……. ” ޝައުފް އަޑު ކެނޑިގެން ދިޔައެވެ. ކުޑަ ހިނދުކޮޅަކަށް އިވިގެން ދިޔައީ ޝައުފްގެ މަޑު ގިސްލުމުގެ އަޑެވެ. ޝައުފް ލަޔާލްއަށް ފުރަގަސް ދެމުން ދުރަށް ޖެހިލިއެވެ. ލަޔާލް ހުރީ ބަސްހުއްޓިފައި ޝައުފްގެ ވާހަކަތައް އަޑުއަހާށެވެ.

” އަހަރެންގެ ހިތަކު އެއްވެސް ކިލަނބުކަމެއް ނެތް……އަހަރެން ވައުދުވަން މިގޮތުގަ އަހަރެން އަބަދުވެސް ހުންނާނަން……އަހަންނަށްޓަކައި ތި ހިތުގަ އެއްވެސް މަޤާމެއް ނެތް ދޯ………ލަޔާލް ދެކެ އަހަރެން އިންތިހާއަށް ލޯބިވިން………ލަޔާލް ހާސިލް ކުރުމަށް ކުރެވެން ހުރި ހުރިހައި ކަމެއް ކުރިން……..އަހަރެންގެ އުޅުން މުޅިން ބަދަލު ކޮއްލިން…..އެކަމަކު ކީއްކުރާނި ހިތް އެދޭ ހުރިހާ ކަމެއް ކުރުމުގެ ޤާބިލްކަމެއް އެކަކަށްވެސް ލިބިފައެއް ނެތް……” ޝައުފް ލަޔާލްއާ ދިމާލަށް އެނބުރިލައި ލަޔާލްއާ ކައިރިއަށް ޖެހިލިއެވެ.

ލަޔާލްގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލައިދެމުން ޝައުފް ގަދަކަމުން ހީލިއެވެ.
” ހެޔޮ ހާލުގައި އަބަދުވެސް ހިނިތުންވެފަ ހުންނާތި………އާކިފްއަށް ލަޔާލް ކަހަލަ ހިތްވަރު ގަދަ ބައިވެރިއެއް ބޭނުންވޭ…….ލަޔާލްގެ ލޯބި އަހަންނަށްވުރެ އޭނައަށް ބޭނުންވޭ……..އަހަރެން އާކިފްއަށް އެހީވާނަން………އޭނައަށް ފަރުވާދޭން ބޭރަށް ދާނަން ގޮވައިގެން…….ވައުދުވަން އާކިފް ރަނގަޅު ކޮއްގެން ލަޔާލްއަށް ގެނެސްދޭނަން………..މިއީ އަހަރެން މިވީ ހަގީގީ ލޯބިކަން ސާބިތު ކޮއްދޭން ރަނގަޅު ފުރުސަތެއް………” ޝައުފް އަކީ ކިހާ މާތް މީހެއްކަން ލަޔާލްއަށް އެނގިގެން ދިޔައެވެ. ޝައުފްގެ ހަށިގަނޑުގައި އޮޅުލައިގަނުމަށްފަހު ލަޔާލް ރޯންފެށީ ވީ އުފަލުންނެވެ. ލަޔާލް ލޯތްބަށްޓަކައި ވީހާ ޤުރުބާނީގެ ފޮނި މޭވާގެ ރަހަ އޭނަގެ އަރުތެރޭ ލައިފި ކަހަލައެވެ.

އާދުވަހަކަށް އިރު އެރީ ލަޔާލް އިންތިޒާރުގައި ހޭލައި އިންދައެވެ. ރޭގަ މަދުން ނިދިކަމުގައި ވިއަސް އެ މޫނުމަތީގައި އެއްވެސް ވަރުބަލި ކަމެއް ނެތެވެ. އޭނަގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ހައެއް ޖެހުމާއި އެކު ފާހާނާއަށް ވަންނަމުން ނިދާފައި އޮތް ޝައުފްގެ މޫނަށް ޝުކުރުވެރިވާފަދަ ނަޒަރަކުން ބަލާލިއެވެ.

ފިނިފިނި ފެންތިކިތައް ލަޔާލްގެ ހަށިގަނޑުގައި ބީހެމުން ދިޔަ އިރު ފެނާ ކުޅެލައި މަޖާކުރަމުން ދިޔައީ އޭނަގެ ހަޔާތަށް އުފާވެރިކަމުގެ މޫސުމެއް ފެށުނީތީއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޔަގީނުންވެސް ލަޔާލް އާކިފްގެ ހައްގަކަށް ވާނެއެވެ. އުފާވެރި ހިޔާލްތަކުގައި ހުރެ ފެންވަރާ ނިންމާލި އިރު އޭނަގެ މޫނުމަތިން ތާޒާކަން ފެންނަމުން ދިޔައެވެ.

ސައިމޭޒު ދޮށުގައި ސޯފީ އިނީ ފިކުރު ބޮޑުވެފައެވެ. ޝައުފް ސައިބޯން އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ޝައުފްގެ ހިޔާލްތައް ބަދަލުވެދާނެކަމުގެ ބިރު ސޯފީއަށް އެބައޮތެވެ. ޝައުފްގެ އެންމެ ޖުމްލައަކުންވެސް ސޯފީގެ ހަގީގަތް މާހިރުގެ ކުރިމައްޗަށް އަތުވެދާނެއެވެ. ސޯފީއަށް ޝައުފްގެ ކޮޓަރީގެ ދޮރާ ދިމާލަށް ބަލާލެވެނީ ކިތައް ފަހަރު ކަމެއް ނޭނގެއެވެ.

ލަޔާލްގެ ފަހަތުން ޝައުފް ނުކުމެގެން އަންނަތަން ފެނުމުން ސޯފީއަށް ބޭއިޚްތިޔާރުގައި ތެދުވެވުނެވެ.
” ކިހިނެއްވީ…؟” މާހިރުގެ އަޑަށް ސޯފީއަށް ބަލާލެވުނެވެ.
” ކަމެއް ނުވޭ……” ސޯފީ ގޮނޑީގައި އިށީންނަމުން ބުނެލިއެވެ. ޝައުފްގެ މޫނުމަތިން ހަމަޖެހުމުގެ ކުލަވަރު ދައްކަމުން ގޮނޑީގައި ހަމަޖެހިލައި ވަކިވަކިން އެންމެންގެ މޫނަށް ބަލާލއެވެ.
” ބައްޕާ އަޅުގަނޑު ވާހަކައެއް ނަންގަނެލަން ބޭނުން…….” ޝައުފްގެ މިއަޑުން ސޯފީ އަތުން ސަމްސާ ދޫވެގެން ވެއްޓުނެވެ. ޝައުފް ބުނަން އުޅެނީ ކީކޭކަމާއި މެދު ވިސްނާލިއެވެ.

މާހިރުގެ ހުއްދައާއި އެކު ޝައުފް ވާހަކަ ފެށިއެވެ.
” މިފަހަރު ބައްޕަ ހަމަޖެއްސި ލަންކާ ދަތުރުގައި ލަޔާލްގެ ބަދަލުގައި އާކިފް ގޮވައިގެން ދާން މިވިސްނަނީ……ލަންކާގެ ބޭސްފަރުވާ މިހާރު ވަރަށް ރަނގަޅު…….ފަހަރެއްގަ އަލިމަގެއްވެސް ފެނިދާނެ……….ބައްޕަގެ ހުއްދަ ލިބިއްޖެއްޔާ ……” ޝައުފް މެދުކަނޑާލަމުން ސޯފީގެ މޫނަށް ބަލާލިއެވެ.

” އާކިފްއަށް ކުރިންވެސް ފަރުވާ ދެވުން….ރަނގަޅު ވާނެކަމުގެ އުއްމީދު ޑޮކްޓަރުން ކަނޑާލީމަ އަހަރެމެން ހުއްޓާލީވެސް ދެން އަނެއްކާ ކޮން ބޭކާރު ޚަރަދެއް ……..” ސޯފީ ބުނެލިއެވެ. ޝައުފްއަށް ވިސްނި އޭނަގެ ވިސްނުން ބަދަލްވެއްޖެކަން އެނގި ހުރެވެސް ސޯފީ ބޭނުންވަނީ އެކަން ހުއްޓުވާށެވެ.

” ނޫން…..އަހަރެން އުއްމީދު ކަނޑައެއް ނުލަން…….ޑޮކްޓަރުން އުއްމީދު ކަނޑާލާ ކިތައްމެ ކަމެއް ރަނގަޅުވެސް ވޭ…….” ޝައުފް ސޯފީއަށް ޖަވާބު ދިނެވެ. ސޯފީ މަޑުން އިންނަން މަޖުބޫރުވީ ދެވަނަ އެއްޗެއް ބުނުމާއި އެކު އޭނަގެ އަގު ވެއްޓިދާނެތީއެވެ.
” އެންމެ ރަނގަޅު……..ޝައުފް އެކޮޅަށް ގޮސް ހަމަޖެހޭހާ ދުވަސް ވީމަ އަހަރެންވެސް ދާނަން………” މާހިރު ބުނެލިއެވެ. މާހިރުގެ ޖަވާބުން ޝައުފްގެ މޫނު އަލިވެގެން ދިޔައެވެ.

” މިފަހަރު ދަތުރުގައި އިތުރު މީހެއްގެ އެހީއެއް ބޭނުމެއް ނޫން……….ޑރ.އަންވަރު ކައިރީގަވެސް ބުނުންވާތި މި ދަތުރުގައި ބައިވެރިވާނެކަމެއް ނެތޭ……..” ޝައުފް ރުންކުރު ގޮތަކަށް ބުނެލިއެވެ. ސޯފީއަށް މާހިރުގެ މޫނަށް ބަލާލި އިރު މާހިރު އިނީ ސޯފީގެ މޫނަށް ބަލާށެވެ. ޝައުފް އެހެން ބުނީ ކީއްވެކަން ސޯފީ ނޫން އިތުރު މީހަކަށް ނޭނގެއެވެ.
” ކިހިނެއްވީ ޝައުފް………ޑރ.އަންވަރު …..” ޝާން ހައިރާންވެ އަހާލިއެވެ.

” ބޭކާރު މީހުން ދަތުރުގައި ބައިވެރި ކުރުމުން ދާނީ ބޭކާރު ޚަރަދު………މަންމަ ބޭކާރު ޚަރަދު ކުރަން ހިތްހަމައެއް ނުޖެހޭނެ ދޯ……” ޝައުފް އެހެން ބުނުމުން ސޯފީއަށް ޖެހުނީ ހިތާ ދެކޮޅަށް ނަމަވެސް އާނއެކޭ ބުނާށެވެ.

މާހިރު އާއި ޝާން އެކަކު އަނެކަކުގެ މޫނަށް ބަލާލީ ހައިރާންވެގެންނެވެ.
” ޝައުފް ކިހިނެއްވީ…..ކުއްލިއަކަށް އާކިފްއަށް ފަރުވާދޭން ތި ނިންމީ……..” މާހިރު އަހާލިއެވެ.

” ބޭބެއަށް އަހަރެމެންގެ އޯގާތެރިކަން ބޭނުންވާނެކަން އަހަންނަށް ވިސްނިއްޖެ…….”’ ޝައުފް ބުނެލިއެވެ.

ސޯފީ ބޭނުންވީ އެތަނުން ދާށެވެ. ވީހާވެސް އަވަހަކަށް ޝައުފްގެ ކަންތައްތައް ޑރ.އަންވަރުއަށް އަންގާށެވެ. ކޮންމެވެސް ރޭވުމެއް ރާވައިގެން އެ ދަތުރު ކެންސަލްކޮއްލާށެވެ. ސޯފީ ގޮނޑިން ތެދުވުމުން ޝައުފް ސޯފީގެ އަތުގައި ހިފާލިއެވެ.
” މަންމަ ކޮންތާކަށް؟” ޝައުފް ކުރި ސުވާލަށް ސޯފީ ދޭނެ ޖަވާބެއް ނެތެވެ.
”’ މިހާ ތަނަށްވެސް އަހަންނަށް އެނގިފައިވާ ގޮތުން އާކިފް ރަނގަޅުނުވީ އެކަށީގެންވާ ފަރުވާ ނުދެވިގެން……..މި ފަހަރު އަހަރެން އެނބުރި އަންނާކަށް ބޭނުމެއް ނޫން އާކިފް ރަނގަޅު ނުވަނީހެއް……..”’ ޝައުފް ބުނެލިއެވެ.

” ދެން އެހެންވީމަ މިބުނަނީ ޑރ.އަންވަރު ގެންދާށޭ……އޭނައަށް އެނގޭނި އާކިފްގެ ހުރިހައި ކަމެއް……..ދައްކަންވީ ކޮން ޑޮކްޓަރުންނަށް ކަމާ ހަދަންޖެހޭނެ ޓެސްޓްތައް ޑރ.އަންވަރުއަށް ނޫން އެހެން މީހަކު ނުހުންނާނެ ރަނގަޅަށް އެނގޭނެ………….” ޝާން އެހެން ބުނެލުމުން ޝައުފް ފޮރުވައިގެން ހުރި ރުޅިގަނޑު ބޭރުވެގެން ދިޔައެވެ. ހިފަހައްޓާލައިގެން އިން ބިއްލޫރި ތަށި ދުރަށް ހޫރާލިއެވެ.

ފުނޑުފުނޑު ވެގެން ބިއްލޫރި ކޮޅުތައް ބުރައިގެން ދިޔައެވެ.

” އިރުކޮޅު ކޮޅާ ކޮން އަންވަރު ވާހަކައެއްތަ ތި ނަގަނީ……….އޭނަ އެއީ ވަރަށް ރަނގަޅު މީހެއްކަމަށްތަ ހީކުރަނި………މިހާތަނަށް އާކިފް ރަނގަޅު ނުވެ އެހެރީވެސް އޭނަގެ ސަބަބުން…….އެއީ މާ މޮޅު މީހެއްނަމަ އޭނަގެ ފަރުވާއިން ކީއްވެތަ ރަނގަޅު ނުވީ….” ޝައުފް ބުނެލިއެވެ. މާހިރު އަނގައަށް ލާން ގެންދިޔަ ސަމުސާ ހުއްޓާލައި ޝައުފްގެ މޫނަށް ބަލާލިއެވެ.
” އޭނަގެ ހަގީގަތް ނޭނގޭތީ އޭނަ މޮޅު ކޮއްފަ ވާހަކަ ދެއްކެނި….” ޝައުފް ވަށްކަޅިން ސޯފީގެ މޫނަށް ބަލާލިއެވެ.

ޝައުފް ޑރ.އަންވަރު އާއި ސޯފީގެ ހަގީގަތް އެންމެންގެ ކުރިމަތީ ހާމަ ކުރަމުން ދިޔައިރު މާހިރު އިނީ ސޯފީގެ މޫނަށް ބަލަހައްޓައިގެންނެވެ. ކުއްލިއަކަށް އެނގުނު ހަގީގަތް ގަބޫލްކުރަން ފަސޭހައެއް ނޫނެވެ. އެކަމަކު ހެއްކާއި އެކު ޝައުފް ކިޔައިދެމުން ދިޔަ ކޮންމެ ވާހަކައަކީ ތެދެއްކަން ގަބޫލްކުރަން މާހިރުގެ ހިތް މަޖުބޫރުކުރަމުން ދިޔައެވެ.

” ސޯފީ……ޝައުފް އެ ދައްކަނީ ތެދު ވާހަކައެއްތަ؟” މާހިރު ތުރުތުރު ލާ އަޑަކުން އަހާލިއެވެ. ސޯފީ ހިމޭނުން އިނީ ބުނާނެ އެއްޗެއް ނުވިސްނޭތީއެވެ. އިތުރަށް ހެދޭނެ ދޮގެއްވެސް ނެތީމައެވެ.

” އަހަރެން މި އަހަނީ ތެދެއްހޭ؟” މާހިރު ހަޅޭއްލަވައިގަތެވެ. ސޯފީ ގިސްލުމުގެ އަޑު އިވިގެން ދިޔައެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުދެވުނެވެ. ސޯފީ ބިރުގަނެފައެވެ.

މާހިރު ޑރ.އަންވަރު އަށް ގުޅާފައި ވަރަށް އަވަހަށް އެގެއަށް އައިސް ދިނުމަށް އެދުނެވެ. ޑރ.އަންވަރު ކުޑަ އިރުކޮޅެއް ތެރޭގައި އެގެއަށް އައެވެ. ” ކަމެއް ގޯސްވީތަ؟” ޑރ.އަންވަރު ގޭތެރެއަށް ވަންނަމުން އަހާލިއެވެ.
” ނޫން މިއޮއް ހުރިހައި ދުވަހު ގޯސްކޮން ދިޔަ ހުރިހައި ކަމެއް ރަނގަޅުވީ……..” މާހިރު ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ. ޑރ.އަންވަރުއަށް އެއްވެސް ކަމެއް ނަގައެއް ނުގަނެވުނެވެ. ޑރ.އަންވަރު އެތަނަށް އައީތީ ސޯފީ އިނީ ކަންބޮޑުވެފައެވެ. ވާނީ ކިހިނެއްކަމެއް ނޭނގޭތީއެވެ.

” މާނައަކީ؟” ޑރ.އަންވަރު ސޯފާގައި އިށީންނަމުން އެއްފައި މައްޗަށް އަނެއްފައި ނަގައި ދެއަތް ދަމާލަމުން ހަމަޖެހިލިއެވެ.

” މާނައެއް ނެތް…….މަކަރުވެރި ފަރުދާއެއްގެ ފަހަތުގައި ކުރި ހުރިހައި ކަމެއް ފަޅާއަރައިފި…….” ޝައުފް ބުނެލިއެވެ. ޑރ.އަންވަރު ބަލާލީ ސޯފީގެ މޫނަށެވެ. ސޯފީގެ މޫނުމަތިން ފެންނަމުންދިޔަ ބިރުވެރިކަމުގެ ކުލަވަރުން ޑރ. އަންވަރު ހުރިހައި ކަމެއް ނަގައިގެންފިއެވެ. ފުންމައިގެންފައި ސޯފާއިން ތެދުވެއްޖެއެވެ.

ޑރ.އަންވަރުގެ ކުރިމައްޗަށް ޝައުފް އަރައި މަގު ބަންދު ކޮއްލިއެވެ.
” ޕޮލިހުން އައީމަ އެމީހުންނާއި އެކު ދާން މަޑުކޮއްލާ………އުމުރުގެ ބާކީބައި ޖަލުގެ އަނދިރިކަމުގައި ހޭދަކޮއްލުމަކީ ވަރަށް މަޖާކަމެއް…….” ޝައުފް ދަތްކުނޑި ވިކާލަމުން ޑރ.އަންވަރުއަށް ބުނެލިއެވެ.

” ޝައުފް ……..” ޑރ.އަންވަރުއަށް ވައި އަޑަކުން ބުނެލިއެވެ. ހަގީގަތް އެންމެންގެ ކުރިމައްޗަށް އައީ ޝައުފްހެ ފަރާތުންކަން ޑރ.އަންވަރުއަށް އެނގުނެވެ. ޝައުފް ނޫނީ ހަގީގަތް އެނގޭނެ އެކަކުވެސް ނުހުންނާނެއެވެ.

” އައްސަލާމް އަލައިކުމް……” ދޮރު މަތީ ހުރެ ފުލުހުންގެ ދެމީހަކު ސަލާމް ގޮވާލިއެވެ.

” އަހަރެން އެއްވެސް ކަމެއް ނުކުރަން………އަހަރެން އެއްވެސް މީހެއް ނުމަރަން…….” ޑރ.އަންވަރު ކަންބޮޑުވެފައި މާހިރުއާ ދިމާލަށް ހިނގައިގަތެވެ. ” އަހަރެން އެފަދަ އެއްވެސް ކަމެއް ނުކުރަން………” ޑރ.އަންވަރުގެ ޖުމްލަ ނުނިމެނީސް މާހިރު ޑރ.އަންވަރުގެ ކަރުގައި ދެއަތުން ހިފާލިއެވެ.

” ކަލޭގެ މުޑުދާރު ދެއަތުން އަހަރެންގެ ބޭބެ މަރާލިހެން ހިތަށް އަރާ އަހަރެން ކަލޭވެސް މަރާލަފާނަމޭ……..” މާހިރުގެ ދެއަތުން ޑރ.އަންވަރުގެ ކަރަށް ފިއްތާލިއެވެ. ފުލުހުންގެ ދެމީހުން އައިސް މާހިރު ދުރުކުރުމަށްފަހު ޑރ.އަންވަރު ހައްޔަރުކުރިއެވެ.

ސޯފީގެ އަތުގައި ފުލުހުންގެ އަންހެނަކު އައިސް ހިފާލިއެވެ. ސޯފީ ގެއިން ނުކުންނަމުން ފަހު ފަހަރު ގެއާ ދިމާލަށް ބަލާލިއެވެ. ފެންކަޅިވެފައިވާ އެ ދެލޮލުން ގެއާ އެހެން އެންމެން ފެންނަނީ ފުސްކޮށެވެ.

” އަހަރެން ކުޑަ ވާހަކައެއް ދައްކާލަން އެމީހުންގެ ކައިރިއަށް ދިޔަޔަސް އެންމެ ރަނގަޅުތަ؟” ޖިޕަށް އަރަމުން ސޯފީ އަހާލިއެވެ. ފުލުހުންގެ ހުއްދައާއި އެކު ސޯފީ މާހިރުމެންނާ ދިމާލަށް ހިނގައިގަންނަމުން ދެލޯ ފޮހެލިއެވެ.

ސޯފީ އަންނަތަން ފެނި މާހިރު އަނެއް ފަރާތަށް އެނބުރިލިއެވެ. ޝައުފްވެސް އިސްޖަހާލީ ސޯފީއަށް ނުބަލަންވެގެންނެވެ.
” އަހަންނަށް މަޢާފްކުރޭ…….އަހަންނަށް އެނގޭ މިހެން ބުނާ އިރުވެސް ދުވަހަކުވެސް މައާފެއް ނުލިބޭނެކަންވެސް………އެކަމަކު އަހަރެން ހުރިހައި ކަމެއް ކުރީ ވިސްނާނުލައި…….މިފަދަ ދުވަހަކަށް އެއްވެސް ވަރަކަށް ތައްޔާރުނުވެ…….މާހިރު…….” ސޯފީ މާހިރުއަށް ގޮވާލަމުން ބުނެލިއެވެ.

” ހުއްޓާލާ ސޯފީ……އަހަރެން ދުވަހަކުވެސް ސޯފީއަކަށްވެސް ޑރ.އަންވަރުއަކަށްވެސް މަޢާފެއް ނުކުރާނަން….” މާހިރު ރުޅިވެރިކަމާއި އެކު ބުނެލިއެވެ. ” އަހަރެން ސޯފީގެ ސޫރަވެސް ދެކެން ބޭނުމެއް ނޫން……އަޑުއިވިއްޖެތަ…….އަހަރެން މިބުނީ މިގެއިން ނުކުމެގެން ދާށޭ..” މާހިރު ހަޅޭއްލަވައިގަތެވެ.

ސޯފީއަށް ޖެހުނީ އިސްޖަހާލައިގެން ގެއިން ނުކުންނާށެވެ. މުއްސަދި އަރާމް ދިރިއުޅުމެއް ހޯދަން ކުރިހައި މަސައްކަތެއް ބޭކާރުވެ އުމުރުގެ ބާކީބައި ޖަލުގައި ހޭދަކުރާށެވެ. އޭރު ސިކުނޑި ވިސްނައިދެމުން ދިޔަ އަނދިރިމަގުން ހިނގަން ހަދައިގެން ވީ މޮޅެއް ނެތެވެ.

ޕޮލިހުންގެ ޖިބަށް އެރިއިރު މަގުމަތީގައި އެއްވެގެން މީހުން ތިއްބެވެ. ވާނުވާ ނޭނގި ތިބެ އެމީހަކަށް ކިޔުނު އެއްޗެއް ކިޔަމުން ގެންދިޔައެވެ.މާހިރު ގޭތެރެއަށް ވަދެ ފާރުތަކަށް ބަލާލިއެވެ. ފާރުތަކުގައި ހަރުކޮއްފަ ހުރި އާއިލާގެ ފޮޓޯތައް ނައްޓައި ސޯފީއިންނަ ބައި ވީދާ ކުދި ކުދި ކޮއްލައެވެ. މާހިރުގެ ހަރަކާތްތަކުން ޝާން ހުރީ ބިރުގަނެފައެވެ. ރުޅިގަދަވެފަ ހުރުމުން އަމިއްލަ ނަފްސަށް ގެއްލުމެއް ދީފާނެތީއެވެ ނަމަވެސް މާހިރު އެފަދަ އެއްވެސް ހަރަކާތެއް ނުގެނެއެވެ. ސޯފީގެ ހެދުންތަކާ ގަހަނާތަކާ ހުރިހައި ހަނދާންތަކެއް ހަލާކުކޮށް ކުނި އެއްޗަށް އަޅާލިއެވެ.

މާހިރު ފެންނަ ހިސާބުގައި ޝައުފް އާއި ޝާން ތިބެއެވެ. އުފާވެރިކަމާއި އެކު ފެށުނު މި ދުވަހު ގޭތެރެއިން މިހާރު ފެންނަން ހުރި ހިތާމައިގެ ކުލަވަރެވެ. އެކަކު އަނެއްކަކަށް ހިތްވަރު ދޭންޖެހޭ މި ދަނޑިވަޅުގައި ހިތްވަރު ދިނުމުގެ ބަހެއް ބޭރުކޮއްލާނެ ހިތްވަރެއް ނެތެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފިޔަވާ މުއާމަލާތު ކުރާނެ އެއްވެސް ގޮތެއް ނެތެވެ. މާހިރު އާކިފް ކޮޓަރިއަށް ހިނގައިގަތުމުން ޝައުފްއާއި ޝާންވެސް އެދިމާލަށް ހިނގައިގަތެވެ.

” އާކިފް…..މަގޭ ދަރިފުޅާ……” ދޮރު ހުޅުވާލުމާއި އެކު އާކިފްއާ ދިމާލަށް ދުއްވައިގަންނަމުން މާހިރު ބުނެލިއެވެ. އާކިފްގެ ހަށިގަނޑުގައި އޮޅުލަމުން ބޮސްދެމުން ދިޔައިރު މާހިރުގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ.
” ލަޔާ ފޮށިތައް ތައްޔާރު ކޮއްދީ……އަހަރެމެން ފުރަން މިހާރުން ފެށިގެން އެއާ ޕޯރޓަށް ދާން ބޭނުންވޭ……ފަރުވާދޭން އެންމެ ވަގުތު ކޮޅެއްވެސް ބޭކާރެއް ނުކޮއްލާނަން……..” މާހިރު ލަޔާލްއަށް ބުނެލިއެވެ. ލަޔާލް ދެލޯ ފޮހެލަމުން ފޮއްޓަށް އެއްޗެހި އަޅަން ފެށިއެވެ.

އާކިފްގެ ފޮށި ލަޔާލް ތައްޔާރުކުރި އިރު ޝައުފްގެ ފޮށި ތައްޔާރުކުރީ އޭނަ އަމިއްލަ އަށެވެ. އެދުވަހުގެ މެންދުރުގެ ވަގުތެއްގައި ފުރަން ހަމަޖެހިފައި ވުމުން މާހިރުއާއި ޝާން އަދި ލަޔާލް ފުރުވަން ހުޅުލެއަށް ދިޔައެވެ.
” ލަޔާލް އިންތިޒާރު ކުރާތި ……..އަދި އާކިފް އަވަހަށް ރަނގަޅުވޭތޯ ދުޢާވެސް ކުރާތި….” އެންމެންނާ ސަލާމް ކުރުމަށްފަހު ލަޔާލްއަށް ސަލާމް ކުރުމަށް އަތް ދިއްކޮއްލަމުން ޝައުފް ބުނެލިއެވެ. ލަޔާލް ބޯޖަހާލިއެވެ. އެމީހުން ފުރުވުމަށްފަހު އޮފީހަށް ދިއުމުގެ ބަދަލްގައި ޝާންއާއި މާހިރުވެސް އައީ ގެއަށެވެ. ގޭތެރެއަށް ވަދެ ހަމަނުޖެހެވެނީސް ބެލް ޖަހާލި އަޑު އިވުނެވެ. ޝާން ގޮސް ދޮރު ހުޅުވާލުމަށްފަހު އެއްފަހަރު ގޭތެރެއަށް އަނެއް ފަހަރު ދޮރުމަތީ ހުރި މީހާއަށް ބަލާލިއެވެ. ލަޔާލްވެސް ދޮރުމައްޗަށް އެރިގޮތަށް ހުއްޓުން އަރާފައި ހުރެވުނީއެވެ.

(ނުނިމޭ)

33

6 Comments

 1. aish

  April 8, 2014 at 10:02 pm

  wow… nice.. thanx zaahy avahah up kohla dinyty…waiting for the next part…. 🙂

 2. liuu

  April 8, 2014 at 10:05 pm

  eyyyyy….vvvvvvv habeyss….waiting 4 da nxt prt……kaakutha dhorumathyga

 3. sanaaa

  April 8, 2014 at 10:19 pm

  Awash an eh bait vs up kohla dhee ingey… mire thi story ninmaala dhy. .. nyc… keep it up t. ..

 4. laya

  April 9, 2014 at 6:50 am

  Nice story. Kurin kiyaafa inas hama reethi v ma kiyaalevey. Thanx Xaaahy

 5. GuDuMeena

  April 9, 2014 at 10:20 am

  WOOOOWWWW. . Eiy Kaakubaa. . waitng!!!. . oh

 6. muna

  April 9, 2014 at 12:23 pm

  varah reethi mibaives hama heekuri gothah mibai ves midhiye. thanks zaahy. ekam lalyaal aai Shauf vaki nukurahchey. eyrah mivaahaka varah hadi vaane .

Comments are closed.