އެދުވަހު ފެނުނު މަންޒަރުން އައިހަމް ހީކޮށްގެން ހުރީ ޒައިންއާއި ރިމްޝާގެ މެދުގައި ގުޅުމެއް އޮންނަކަމަށެވެ. ނަމަވެސް މިރޭ ޒައިންގެ އަމަލުތައް ހުރި ގޮތުން އެއީ ކުރެވުނު ކުށްހީއެއްކަން އައިހަމްއަށް ޔަޤީންވެއްޖެއެވެ. އެދެމީހުންގެ މެދުގައި އެއްވެސް ގުޅުމެއްވާނަމަ ޒައިން އެގޮތަށް މާދުރުގައި ރިމްޝާއަށް ބަލަން ނީންނާނެކަމަށް އައިހަމްއަށް ޤަބޫލުކުރެވުނެވެ. ސިކުނޑިތެރޭގައި އެނބުރެމުންދިޔަ ޙިޔާލުތަކުން އައިހަމްއަށް ބޭއިޙްތިޔާރުގައި ހިނިތުންވެލެވުނެވެ.
*******
ދެފަރާތަށް ފުރޮޅި ފުރޮޅިއޮތް ރިމްޝާގެ ލޮލުގައި ނިދީގެ އަސަރެއްވެސް ނެތެވެ. މެންދަމު އެކެއްޖަހަންދިޔައިރުވެސް ރިމްޝާގެ ހާލަކީ އެއީއެވެ. މިރޭ އޭނާގެ ފައިގައި ރިއްސަމުންދިޔައީ ކެތްވާވަރަކަށްނޫނެވެ. އެނދުގެ އަނެއްފަޅީގައި އޮތް މީޝާއަށް ބަލާލިއިރު އޭނާ އޮތީ އަރާމުނިންޖަކުން ގަދައަށް ނިދާލާފައެވެ. އޭނާއަށް ގޮވާ ހޭލެއްވުމުގެ ބަދަލުގައި ރިމްޝާ ބެލީ ކެތްކުރެވޭތޯއެވެ. އެހެން އޮތުމުގެ ތެރޭގައި ރިމްޝާގެ ސިކުނޑިއަށް އެކިދިމަދިމާއިން ހިޔާލުތައް ގިނަވާންފެށިއެވެ. ބޭރުފުށުން ކިތަންމެ ހަމަޖެހިފައިހުންނަކަމަށް ދެއްކިނަމަވެސް ރިމްޝާ އޭނަގެ މަންމަ މަތިން ހަނދުމަނުކުރާ އެންމެ ހިނދުކޮޅެއްވެސް ނުދެއެވެ. މަންމައާއި ކޮއްކޮމެންގެ ޙާލު ބަލާލުމަށް އޭނާ ކެތްމަދުވެފައިވާވަރު ދެނެވޮޑިގެންވާނީ ހެއްދެވި ރަސްކަލާންގެއެވެ. ދޮންބައްޕަގެ ދަރިން ކަމުގައިވިޔަސް އެކޮއްކޮމެންދެކެވެސް އޭނާ ނުހަނު ލޯބިވެއެވެ. ކަންތައްވެގެންދިޔަގޮތް ހަނދާންވާ ކޮންމެފަހަރަކު އޭނާގެ ހިތް ކުދިކުދިވެދެއެވެ. ނަމަވެސް ހިތުގައި އަތްއަޅާލާ، ފެންނަކޮންމެ މީހަކަށްވެސް ހިނިތުންވުމެއް ހަދިޔާކޮށްލަނީ އޭނަގެ ސަބަބުން އެހެންމީހުން ހިތާމަކުރުމަށް ނޭދޭތީއެވެ. މަންމައާ ދޭތެރޭ ވިސްނާ ހިތާމަނުކުރުމަށް ކުރަމުންދާ މަސައްކަތް ކޮންމެފަހަރަކުވެސް ވެގެންދަނީ ފޫނެތް ފަޔަށް ފެންފުރުންފަދަ ކަމަކަށެވެ. ހިޔާލުތައް އެކިދިމަދިމާއިން ދަތުރުކުރަމުންގޮސް ރިމްޝާގެ ހަނދާނަށް އައީ ހޮސްޕިޓަލުން ދިމާވި ޒުވާނާއެވެ. ނަރުސްކުދިންބުނިގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދީވެސް އެޒުވާނާއެވެ. އަދި އެކްސިޑެންޓްގައި ރިމްޝާގެ ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުން ކުރަންޖެހުނު އޮޕަރޭޝަންގެ ހުރިހާ ހަރަދެއް ހަމަޖެއްސީވެސް ހަމަ އެނުދަންނަ ޒުވާނާކަމުގައެވެ. ނަމަވެސް އެފަދަ މާތްޒުވާނަކަށް ޝުކުރުކުރުމުގެ ބަދަލުގައި ރިމްޝާއަށް ކުރެވުނުހާވެސްކަމަކީ އެޒުވާނާގެ ހިތުގައިޖެއްސުމެވެ. މާބޮޑު ވިސްނުމެއްނެތި ރިމްޝާގެ އަނގައިން ބޭރުވި ބަސްތަކުން އެޒުވާނާގެ ހިތަށްކުރި އަސަރު އޭނާގެ ކަރުނުން ބަރާވެފައިވި ދެލޮލުން ހާމަވިއެވެ. ހީވާގޮތުން އެބުނާ ލިމްޝާއަކީ އެޒުވާނާގެ ލޯބިވެރިޔާއެވެ. ނަމަވެސް ރީތިކޮށް މަޑުމައިތިރިކަމާއެކު އޭނައަކީ ލިމްޝާނޫންކަން ބުނެދިނުމުގެ ބަދަލުގައި ރިމްޝާއަށް ރުޅިއިސްކުރެވުނީ ބޮލަށް އިބިލީސް ސަވާރުވެފައިވުމުގެ ސަބަބުންނެވެ. ހިތާހިތުން އޭނާއަށް ދުޢާކޮށްލެވުނީ ދެވަނަ ފަހަރަށް އެމާތް ޒުވާނާއާ ބައްދަލުވެދެއްވުމަށްއެދިއެވެ. އެޒުވާނާއަށް ޝުކުރުއަދާކޮށް މައާފަށް ނޭދެވޭހާ ހިނދަކު ރިމްޝާގެ އެެއޯގާތެރިހިތަށް ހަމަޖެހުމެއް ނުލިބޭނެކަން އެނގޭތީއެވެ. އެގޮތުގައި ވަގުތުތައް ހޭދަވެގެން ދަނިކޮށް ރިމްޝާގެ ލޮލަށް ނިދި ސަވާރުވެއްޖެއެވެ.
ތަނަވަސް ކޮޓަރިތެރޭގައި ހުރި ބޮޑު އެނދުގައި އޮށޯވެލައިގެން އޮތް އައިހަމް އޮތީ ނިކަން ހަމަޖެހިލާފައެވެ. އޭނާ މާލެ އައިސް އެހުންނަނީ ކުއްޔަށް ކޮޓަރިއެއް ހިފައިގެންނެވެ. ވީއިރު އައިހަމްގެ އާއިލާގެ މީހަކުވެސް ނޫޅެނީބާއެވެ؟ ނިތްމަތީގައި އަތް ބާއްވާލައިގެން އޮތްއިރު އައިހަމްގެ ހިޔާލުގައިވަނީ ރިމްޝާއެވެ. ހިތްއުފަލުން ނަށަމުންދިޔައިރު ނިދިވަނީ އައިހަމްގެ ދެލޮލާއި އެތައް ހާސް މޭލެއް ދުރުގައެވެ. އަވަދިނެތި އައިހަމްގެ ސިކުނޑި މަސައްކަތްކުރަމުންދިޔައީ ހިތަށް އަންނަމުންދިޔަ ބަދަލުތައް ނަގައިގަނެވޭތޯއެވެ. ނަމަވެސް ހިތަކީ ކިހާ ބަސްނާހާ އެއްޗެއްކަން އެސިކުނޑިއަށްވެސް ނުވިސްނުނީތާއެވެ. އައިހަމްއަށް މިހާރު ލިމްޝާގެ މަތިން ފޫހިވެވެން ފަށައިފިއެވެ. ސިކުނޑިން އިންޒާރުދެމުންދިޔަ ނަމަވެސް ހިތުގައި ލިމްޝާއަށްޓަކައި ހުސްކުރެވިފައިވާ މަޤާމް ދެވެމުން އެދަނީ ރިމްޝާއަށެވެ. ވާނީވެސް އެހެންތާއެވެ. އެއްވެސް މަޤާމަކީ މާގިނަދުވަހު ހުސްކޮން ހުންނާނެ މަޤާމެއްނޫނެވެ. އެކަމަށް އެކަށީގެންވާ ކޮންމެވެސްމީހަކު އެމަޤާމަށް އައްޔަންކުރޭނެއެވެ. ރިމްޝާގެ މަންމަ އޭނަ ގެއިން ނެރެ އެއްލާލުމުން ބިނދިފައިވާ ފަޔާއެކު އެފަކީރު އުޅެމުންދާނެ ޙާލަކާ ދޭތެރޭ އައިހަމްއަށް ފިކުރު ހިންގާލެވުނެވެ. ނަމަވެސް މިރޭ ރިމްޝާގެ މޫނުމަތިން ފެނުނު އުފާވެރިކަމުގެ ސަބަބުން އެހިތަށް އިންތިހާ ދަރަޖައިގެ ތަޞައްލީއެއް ލިބިއްޖެއެވެ. އެހިނިތުންވުމުގެ ފަހަތުގައިވާ ހިތްދަތިކަމެއް އައިހަމްއަށްވެސް ނަގައެއްނުގަނެވުނެވެ. އިސާހިތަކު ހުވަފެނީ ޢާލަމަށް ގެނބިގެންދިޔަ އައިހަމްގެ މޫނުމަތީގައިވަނީ ލުއި ހިނިތުންވުމެކެވެ.
ބާރު އަޑުފައްގަނޑެއް އިވުމާއިއެކު ނިދިފައިއޮތް ރިމްޝާއަށް ސިހިފައި ދެލޯ ހުޅުވާލެވުނެވެ. މަޑުމަޑުން ބަދިގެއާއި ދިމާލަށްދިޔައިރު ނިތްމައްޗަށް ރޫތައް ބޮނޑިކޮށްގެން ތެޅިފައިހުރި ޖޯޑުތައް ނަގަންއިން މީޝާފެނި ރިމްޝާގެ ހިނިގަނޑު ފަޅައިގެންދިޔައީ ނުހީހުންނަން ކެތްނުވުމުންނެވެ. ” އަޅޭ ދެން ކިހާ ބޮޑުކަމެއްމީ؟ އަވަސްކުރަން އުޅޭ ކޮންމެފަހަރަކުވެސް ލިބޭނީ މިކަހަލަ ލަނޑެއް. ހާދަ ފޫއްސެއްވެޔޭ. ދެން ވަރިހަމަ ގަޑިޖެހުނަސް. ދެން ނޫޅޭނަން ދުވަހަކުވެސް އަވަސްކުރާކަށް. މިޖޯޑުތަކަކަށްވެސް ނޭންގުނެއްނު މިގަޑީގަ ނޫނީ ތެޅޭކަށްވެސް.” އެކަނިމާއެކަނި އިނދެ ކުދިކިޔަމުންދިޔައިރު މީޝާ ހީވަނީ ބޯހަމަނުޖެހޭ މީހެއްހެންނެވެ. މީޝާއަކީ އަބަދުވެސް އެކަހަލަ ކަންކަމާ ސިނގުރުޅި އަންނަ ކުއްޖަކެވެ. ބަނޑުގައި އަތް އަޅައިގެން ހުރެ ހެމުންދިޔަ ރިމްޝާ ދެފަރާތަށް ބޯހޫރާލީ މިކުއްޖާ ދުވަހަކުވެސް ބަދަލެއްނުވާނޭ ހިތަށް އަރާފައެވެ. “މިޝޫ މިހިރަ ފާރާތަ ތިވާހަކަ ދައްކަނީ؟ ރިމްއަށް ހީވަނީ މިޝޫ މިހާރު ގެންގޮސް ގުރައިދޫ މޮޔަ ކޮއްޓައްހެން ލާންވީ. އެކަނި އިނދެގެން ވިއްޔަ ތިވާހަަކަދައްކަނީ. އަދި އެވެސް އަމިއްލައަށް ކުރިކަމަކާހުރެ ރުޅިއައިއްސަ.” ހެމުން ހެމުން ރިމްޝާ ބުނެލި އިރު ހީހީގޮސް ލޮލުންވެސްވަނީ ފެން އައިއްސައެވެ. މުށިތައް ޑަސްބިނަށް އަޅާލަމުން ފަހަތަށް އެނބުރެލި މީޝާ އުނަގަނޑުގައި އަތް ވިއްދާލުމަށްފަހު ރިމްޝާއާ ދިމާއަށް ތުންއަނބުރާލިއެވެ. “ރިމްވެސް ހުންނާތި ހޭން. މޮޔަ ނުވެއްޖިއްޔާ ދެރައެއްނު. ސްކޫލްއަށްދާން ގަޑިޖެހޭތީވެގެން އަވަހަށް ޕާން ފޮއްޗެއް ޓޯސްޓުކުރަން އުޅެނިކޮށް އަތުން ޖެހިފަ މިހިރަ ޖޯޑުތައް އެވެރުނީ. ނަސީބެއް ދެން ހުރިހާ ޖޯޑެއް ނުތެޅުންކަން. އެހެންނޫންނަމަ އަނެއްކާ ޖެހުނީހީ މިހުރިހާ ސާމާނެއް ގަންނާކަަންނު ދާން. މިހާރު އެހެރަ ހަތްގަޑި ބައިވީ. އަށެއްޖަހާއިރަށްޖެހެ ދާން.” މީޝާ އެހެންބުނެ ގޮސް އަނެއްކާވެސް ޕާން ފޮތިތައް ޓޯސްޓުކުރަންފެށި އިރުވެސް ރިމްޝާއަށް ހުނުން ހުއްޓާލެވޭވަރެއްނުވިއެވެ. “އަނހަ. އަނެއްކާ ކޮން އީދެއް ލައިގަތީތަ ތިހާވަރަކަށް ތިހެނީ؟.” ހެނދުނު ހެނދުނާ ޖޮގިންއަށް ގޮސްލާފައި ގެއަށް ވަދެގެން އައި މިޝާލްއަށް ހެމުންހެމުންގޮސް ގޮނޑީގައި އިށީންދެލި ރިމްޝާ ފެނިފާ އަހާލިއެވެ. “އަޅެ އީދެއްނަޔަކަސް ހެވޭނެއްނޫންތަ މިހިރަ މިޝޫ ކުރާކަންތަކުން.” މިހެންބުނެ ރިމްޝާ ވީގޮތް ކިޔާދިނުމުން މިޝާލްވެސްފެށީ ހޭށެވެ. ” ހެހެހެ… ސްކޫލްގެ ކައުންސެލާއަށް ތިޖެހެނީ ފުރަތަމަ އެހެންމީހަކު ކައުންސެލިން ދޭކަށްނު. އެކަމަކު ހާސްވާނެކަމެއްނެތް ދޮންބެވެސް ތިކަންކޮށްލަދީފާނަން. މަންމަ ކައިރީ ބުނާނަން އިންޑިޔާއިން އަންނައިރު ސިނގުރުޅި ރަނގަޅުވާ ބޭހެއް ގެނެސްދޭށޭ މިޝޫއަށް. އޭރަށް ކޮންމެހެން ކައުންސެލިން ނުދިނަކަސް ވެދާނެއެއްނު.” ޕާން ފޮއްޗެއްގައި ޖޭމު ހާކަމުންދިޔައިރު ހީހީފައި މިޝާލްބެލީ މީޝާއާ ދިމާކުރެވޭތޯއެވެ. އޭރު މީޝާ އުޅުނީ މިޝާލްއަށް ކޮފީ ތައްޓެއް ހަދާދޭށެވެ. ” ހޫމް.. ދެން ދޮންބެގަނޑު މާފޮނިވާނެކަމެއްނެތް. ކޮންމެހެން މިޝޫއަށް ބޭސްކާންދޭނެކަމެއްނެތް. މަލީހާއަކަށްނު ތިފާޑުފާޑުގެ ބޭސްކާންދޭވީ. އޭނަ ރުޅިއައިއްސިއްޔާ ދޮންބެގެ ގަޔަށް ބޮލަށް އަރާކަށްވެސް ފަހެއްނުޖެހޭނެ.” މީޝާވެސް ވަކިދޫކުރާކަށް ނޫޅުނެވެ. ޕާންފޮތި އަނގަޔަށްލަމުން މިޝާލް މީޝާއާ ދިމާލަށް ލޯއަޅާލުމާއެކު ހިނިގަނޑެއްޖަހާލާފައި ދުވަމުންގޮސް މީޝާ ކޮޓަރިއަށްވަނީ ގަޑިޖެހުމުގެ ކުރިން ރެޑީވެވޭތޯއެވެ. މިޝާލްއާ ރިމްޝާއާ ދެމީހުން ކުޑަކޮށް ވާހަކަ ދައްކާލަން ތިބުމަށްފަހު މީޝާ ނުކުތުމުން ރިމްޝާވެސް ކޮޓަރިއަށްވަނީ ފެންވަރާލާ ތާޒާވެލުމުގެ ނިޔަތުގައެވެ.
މީޝާ ދިއުމުން ރިމްޝާއަށް ފަޅުކަން އިޙްސާސްކުރެވެންފެށިއެވެ. މިޝާލްވެސް ސައިބޮއިގެން ފެންވަރާ ހަދާލައިގެން ދިޔަ މީހާ މެންދުރުން އެނބުރުނު އިރުވެސް ދައްކާވެސްނުލައެވެ. އެބޮޑު ގޭގައި އެކަނި އިންނަންޖެހުމުން ޖެހިލުންވިއެއްކަމަކު ރިމްޝާގެ އަމިއްލަ ގޭގައި އުޅުނުއިރަށްވުރެ ހާސްގުނަ ބޮލަށްފަސޭހައެވެ. ގޭތެރެ ކުޑަކޮށް ސާފުކޮށްލާފައި ގޮސް ސޯފާގައި ހަމަޖެހިލީ ވަރުބަލިކަން ފިލުވާލުމަށެވެ. ފަހަކަސްއައިސް ކިރިޔާ މަސައްކަތެއްކޮށްލިޔަސް ނޭވާލާންވެސް ދަތިވާހާ ވަރަށް އޭނާ ވަރުބަލިވާކަން ރިމްޝާއަށް ފާހަގަކުރެވުނެވެ. ނަމަވެސް މާބޮޑުކަމަކަށް ނުހަދާ ކައިރީގައި އޮތް ރިމޯޓު ނެގުމަށްފަހު ޓީވީ ހުޅުވާލީ ފޫހިފިކުވާލުމަށްޓަކާ ކުރާނެ އިތުރުކަމެއް ނުވިސްނުމުންނެވެ.
ޖެހިގެންއައިދުވަހު ރިމްޝާ ނިންމީ އޮފީހަށްނުކުތުމަށެވެ. އަދި ކުޑަދުވަސްކޮޅަކު ގޭގައި އަރާމުކޮށްލުމަށް މީޝާ ބުނުމުންވެސް ގޭގައި އެއްވެސް ކަމެއްނުކޮށް އިންނަން މާބޮޑަށް ފޫހިވަނީކަމަށް ރިމްޝާ ބުންޏެއްކަމަކު އޭނަގެ މަޤުސަދަކަށްވީ އޭނާވެސް އާމްދަނީއެއް ހޯދައިގެން މީޝާއަށް އެހީތެރިކަމެއް އޭނަގެ ފަރާތުންވެސް ފޯރުކޮށްދިނުމެވެ. އެހެންނޫނަސް އަބަދަކުއެއް ރިމްޝާއަށް މީޝާގެ އެހީތެރިކަމުގައި މުޅި ހަޔާތް ވޭތުނުކުރެވޭނެކަން ރިމްޝާ ޤަބޫލުކުރެއެވެ.
ނިކަން ޖެހިލުންވެހުރެ ރިމްޝާގޮސް އޮފީހަށް ވަނުމާއެކު އެންމެންގެ ސުވާލު ބޮނޑިތައް އޮއްސަންފެށިއެވެ. ދެތިންކުއްޖަކު ރިމްޝާ އޮފީހަށްނުދިއުމުން ރިމްޝާގެ ގެއަށް ދިޔަ ވާހަކަވެސް ބުންޏެވެ. ހަސީނާ އެކުދިންގާތު ބުނީ ރިމްޝާ އަމިއްލައަށް އެގެއިން ނުކުމެގެން ދިޔައީކަމުގައެވެ. އެކަމާމެދު ކިތަންމެ ސުވާލެއްކުރިމަތިވިޔަސް އޭނަގެ މަންމަ އެގެއިންނެރެ އެއްލާލި ވާހަކަ ރިމްޝާ އެކުދިންގާތު ބުނާނީވެސް ފަހެ ކޮން ދުލަކުންހެއްޔެވެ؟ މަންމަދެކެ ކިތަންމެ ހިތްހަމަ ނުޖެހުނަސް އެމީހުންގެ ތެރޭގައި ހަސީނާ ބޭޒާރުވާކަށް ހަމަހިލާ އޭނާ ނޭދޭނެއެވެ. ރިމްޝާގެ ބިނދިފައިވާ ފައިފެނި ހުރިހާ އެންމެންވެސް ނުހަނު ހަމްދަރުދީ ފާޅުކުރިއެވެ. ނަމަވެސް ސުވާލަކީ ރިމްޝާ ޙާލުގައި ޖެހިގެން އެހީއަށް އެދިއްޖެނަމަ އެދުވަހަކުން އެކަމަށް އިޖާބަދީ އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ އެންމެ މީހަކުވެެސް ވާނެބާއެވެ؟
ލަސްފިޔަވަޅުތަކެއް އަޅަމުން އޮފީހުން ނުކުތް ރިމްޝާ ހުރީ އެނބުރުން އަރާގޮތްވެފައެވެ. ލަހިވެގެންގޮސް މޫނުމަތީގައި ދާތިކިތައް ބަބުޅަމުންދިޔައެވެ. ޓެކްސީއަކަށް އަތް ނަގައިގެންހުއްޓާ ކުއްލިއަކަށް މޫނުމައްޗަށް އަނދިރިވާންފެށިއެވެ. އަރިއަޅާލައިގެންގޮސް ވެއްޓެމުންދަނިކޮށް ބިމާހަމަވުމުގެ ކުރިން ބާރުގަދަ އަތަކުން ރިމްޝާގެ ގައިގާާ ހިފަހައްޓާލިކަން އޭނާއަށް އިޙްސާސްކުރެވުނެވެ. މެރެމުންދިޔަ ދެލޮލުން ރިމްޝާ އެޒުވާނާއަށް ބަލާލިއެވެ.
…ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.



Wow vrh salhi mi part ves.. waiting for next part ?❤?
Me dhw mifaharu first ??
Yes dear.. u re first.. congrats??.. vr happy vehje mi part kamudhiyaiima❤️????
Vvv rythi mi part vs… waiting for the next part…
Thanks twinkle..
Vrh reethi…….when next part???
Thanks mate.. next part vx liyevunuhaa avahakah up kohlaanan????♥️♥️
wow… after all nice vvvvvvvvvvvvvv i just love this story
Thanks unique dear.. so happy unique ah mi story rythivyma
Vv. Nice???❤❤❤❤love thiss
Thanks hail dear
Vvvv reethi dhen oiy part kiyaalaa hithun lolah nidhives naisgen miulheny
Thanks dhaitha
reethi ..mihaaru intresting vey ebe
Thanks maya
V v v v ruthi mi part vx . When is next part. Waiting. Dhn vaanii kihinei baa dhw. Vr interesting .. thankolheh avahah up kohdhehchey. Can’t wait to read
Thanks dear.. vr happy vehje.. next part vx vhaa avahakah up kohleveytho balaanan
Vvv reeeethi nge mi prt vx no one dear ?? keep it up my buddy ???
Thanks u so much roxy dear.. vr happy vehje roxy ah mi part kamudhiyaiima?❣️?❤️♥️
whn is the next part dear cant wait….