އެތެރެއަށް އެ މީހަކު ވަނުމާއެކު ޔަމަކް ހުރީ ނޭވާ ހިފަހައްޓައިލައިގެންނެވެ. އެ މީހެއްގެ ފިޔަވަޅު އަޑު ހުރީ ފާޚާނާ އާއި ދިމާލަށްކަމުން ޔަމަކް ކުޑަކޮށް ހިތަހަމަޖެހުނެވެ. އޭރުވެސް އިންޝާގެ ތިން މިސްޑް ކޯލް އިނެވެ. މެސެޖް ކޮށްލަން ހިތަށް އަރާފައިވެސް ހިމޭނުން ހުރީ ޔަމަކް އެތަނުގައި ހުރި ކަން އެހެން މީހަކަށް ނާންގަންވެގެންނެވެ. ފަސް ވަރަކަށް މިނެޓް ފަހުން އެމީހަކު ނުކުތެވެ. ފާޚާނާގެ ދޮރު ލެއްޕުމަށްފަހު އެމީހާގެ ފިޔަވަޅު ހުރީ ޔަމަކް ފިލަން ވަދެ ހުރި ކަބަޑާއި ދިމާލަށެވެ. ޔަމަކްގެ މޭގަނޑު އަތަށް ނައީ ކިރިޔާއެވެ. އޭނާ މިތަނުން ފެނިއްޖިއްޔާ ސްކޫލުން ކަނޑާލާކަށްވެސް ޕްރިންސިޕަލް ފަސްނުޖެހޭނެއެވެ.

ފިޔަވަޅު ގާތް ވަމުން ދިޔަ ވަރަކަށް ޔަމަކް އިތުރަށް ހާސްވަމުން ދިޔައެވެ. އެމީހަކު ދޮރު ހުޅުވާލަން އުޅުނު ވަގުތު އެ ރޫމް ގެ ދޮރު ހުޅުވިގެން ދިޔައެވެ.”ސަރ އޯލް އަރ ވެއިޓިންގ ފޯ ޔޫ” ކޮންމެވެސް މީހަކު އެހެން ބުނެލި އަޑު ޔަމަކް އަށް އިވިގެން ދިޔައެވެ. ރޫމް ތެރޭގައި އެވަގުތު ހުރީ ޕްރިންސިޕަލްކަން އެގި ޔަމަކް ހުރީ ހަތަރު އުދަރެސް ފެނު ޖެހިފައެވެ. އިރުކޮޅެއްގެ ހިމޭން ކަމަށްފަހު ޕްރިންސިޕަލް އެމީހަކާއެކު ބޭރަށް ނުކުތެެވެ. ޔަމަކް އަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ. ވަގުތުން ކަބަޑުން ނުކުމެ މަޑުމަޑުން ގޮސް ބޭރު ބަލައިލިއެވެ. އޭރު އިންޝާ ދުރުގައި ހާސްވެފައި ހުރި ތަން އޭނާ އަށް ފެނުނެވެ. އެ ރޫމް އިން ނުކުމެ ކަމެއް ނުވާ ކަމަށް ހެދެމުން އެ ދެމީހުން މިސްރާބް ޖެހީ ކްލާހާއި ދިމާލަށެވެ.

ކްލާސް ގަޑީގައި ދެ މީހުންކުރެ އެކަކުވެސް ވާހަކަ ނުދެއްކައެވެ. އިންޝާ ހުރީ ހިތްހަމަނުޖެހިފައި ކަން އެގުމުން ޔަމަކްއަށް ވާހަކަ ދައްކަން ނުކެރުނީއެވެ. “ހޭއި! އައި އެމް ސޮރީ އިޝީ” ކްލާސް ނިމުމާއެކު ބޭރަށް ނުކުމެ ޔަމަކް އެންމެ ފުރަތަމަވެސް މައާފަށް އެދުނެވެ. ޔަމަކް ދެރަވެލާފައި އެހެން ބުނުމުން އިންޝާވެސް އިތުރަށް ރުޅިއައިސް ނުހުންނަން ވެގެން އޯކޭ އޭ ބުނެލިއެވެ. “ދެން ބުނެބަލަ އެގުނުތަ އެއީ ކާކު ކަން؟ ޕްރިންސިޕަލް އަށް ފެނުނުތަ؟” އިންޝާ އެއްފަހަރާ ހުރިޙާ ސުވާލުތަކެއް ކޮށްލިއެވެ.”އިބްރާހީމް ޒާވަން” ހުވަފެނީ ގޮތަކަށް ޔަމަކް ބުނެލިއެވެ. އެކުވެރިޔާއަށް ވެފައި ހުރި ގޮތުން އިންޝާވެސް އެ އުފަލުގައި ބައިވެރިވިއެވެ. “ސާބަސް އެވަރު އެކަނިތަ ބެލީ؟ކޮން ޤައުމެއް؟އޮސްޓްރޭލިއާތަ އަނެއްކާ؟” އިންޝާ އަވަސް އަވަހަށް އަހާލިއެވެ. ޔަމަކް އަވަހަށް ފޯން ނަގާ އޭނާ ނެގި ފޮޓޯ ހުޅުވާލިއެވެ. “އިބްރާހިމް ޒާވަން. އޭޖް 18. ނޭޝަނާލިޓީ މޯލްޑިވްސް. މޯލްޑިވްސް އޯ ގޯޑް އިޝީ ރާއްޖެ. ޒާވް އަކީ ރާއްޖެ ކުއްޖެއް. އެހާ ރީތި ކުދިން ރާއްޖޭގަ އުޅޭތަ؟ ޒާވަން.ޒާވަން” ޔަމަކް އަށް ކިޔޭ ނުކިޔޭއެއްވެސް ނޭގެއެވެ. އިންޝާ ހުރީ ޔަމަކް އަށްޓަކާ އުފާވެފައެވެ. “އަހަރެންގެ ވާހަކަތަ ތި ދައްކަނީ؟” ފަހަތުން އިވުނު އަޑާއެކު ޔަމަކްގެ އަނގަ ވަގުތުން ބަންދުވިއެވެ. މަޑުމަޑުން ފަހަތަށް އެނބުރުނީ އޭނާ ދެންމެ ދެއްކި ވާހަކަތައް ޒާވަން އަށް އަޑު ނީވޭތޯ ހެއްދެވި ފަރާތަށް ދުޢާ ކުރަމުންނެވެ. ކުރިމަތީގައި ހުރި އެޒުވާނާ ފެނުމުން ޔަމަކް ހުރިހާ ކަމެއް ހަނދާން ނެތުނު ފަދައެވެ. ޒާވަންގެ އެ ރީތި ލޮލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އިންޝާ އިރުކޮޅަކުން ޔަމަކްގެ ގައިގައި ކުޑަކޮށް ވިކައިގަތެވެ. ޔަމަކް އުޅޭ ގޮތުން އޭނަވެސް ލަދުގަތީ ކަންނޭގެއެވެ. ޔަމަކްއަށް ކުރެވުނު ކަންތަކާއި ހިތަށް އެރުމުން ލަދުގަތެވެ. “އަމްްމް..ސޮރީ” އިސްޖަހާލަމުން ޔަމަކް ބުނެލިއެވެ. “ކިހިނެތް އަހަރެންގެ ނަން ހޯދީ؟” ޒާވަން ވަރަށް ސީރިއަސްވެލާފައި އަހާލި ގޮތުން ޔަމަކް ހާސްވިއެވެ. އަނެއްކާ އޭނައަށް އެގިގެން ބާއޭ އެ އުޅެނީ ހިތަށް އަރާފައި އިތުރަށް ޔަމަކް ހާސްވިއެވެ. ޔަމަކް އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން ޒާވަން ހުރީ އެތެރެއިން ހީލަ ހީލައެވެ. އަންހެން ކުދިންވެސް ހާދަ މޮޔައޭ ޒާވަން ހިތަށް އެރިއެވެ. އޭނަވެސް މި ސްކޫލަށް އާވުމާއެކު ފުރަތަމަ ދުވަހުވެސް ދިވެހި ކުދިންކޮޅަކާއި ދުމާވުމުން ހުރީ ހިތްހަމަޖެހިފައެވެ.

“އޯކޭ ނުބުންޏަސް. މިހާރު ދެން އަހަރެންގެ ނަން އިގެއެންނު. ތި ކުއްޖާ އަށް ކިޔަނީ ކޮން ނަމެއް؟ އަހަރެންގެ ނަން ހޯދި ގޮތަށްތަ ހޯދަންވީ؟” ޒާވަން މަޖާވެލާފައި އެހެން އަހާލީ ޔަމަކްމެން ކަންތައްކުރި އެއްގޮތަކަށްވެސް އެގިގެނެއްނޫނެވެ. އޭނާ އެހެން ބުނެލުމާއެކު ޔަމަކްގެ ހިތް ތެޅުނީ ވަރަށް ބާރަށެވެ. ހީވީ މީހަކު ވައްކަމެއް ކުރަން އުޅެނިކޮށް ފަޅާއެރިހެންނެވެ. “ޔަމްްމް..ޔަމަކް” އަޅައިގަންނަމުން ކަހަލަ ގޮތަކަށް ޔަމަކް އޭނާގެ ނަން ބުންޏެވެ. އަދި އިންޝާއަށް އިޝާރާތްކުރަމުން އިންޝާއޭ ބުނެލިއެވެ. “އޯކޭ ފްރެންޑްސް؟” ޒާވަން ސަލާމަށް އަތްދިގުކޮށްލުމުން ޔަމަކް އެ އަތުގައި ހިފާލީ އިޚްތިޔާރުން ބޭރުގައެވެ. އެ އަތުގައި ހުރި ވަރުގަދަކަންވެސް ޔަމަކްއަށް އިހުސާސްވި ކަހަލައެވެ. ފަހުން ދިމާވާނެ ކަމަށް ބުނެ ޒާވަން ދިޔައީ ޔަމަކް ހިތް މޮޔަ ކޮށްލާފަދަ ހިނިޔުންވުމެއް ހަދިޔާ ކޮށްލާފައެވެ.

**************

މާޒީގެ ޚިޔާލުތަކުން ޔަމަކް އަށް ހޭވެރިކަންވީ ދޮރުގައި ޓަކި ޖަހަން ފެށި އަޑަށެވެ. ތެދުވެ މޫނު މީހާ ކުޑަކޮށް ހަމަޖެހިލަމުން ޔަމަކް ދޮރުޙުޅުވާލީ މާ ވަރަކަށް ޓަކި ދެނީ ކާކުތޯ ބެލުމަށެވެ. ކުރިމަތީ ހުރި މީހާ ފެނި ޔަމަކްގެ ހުރިހާ ހިތާމަތަކެއް އެއްފަހަރާ ހަނދާން ނެތުނު ފަދައެވެ. ފުޅާ ހިނިތުންވުމަކާއެކު އެ މީހާ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ.

“ދޮންބޭ” ކުޑަކޮށް ދުރުވެލަމުން ޔަމަކް ބުނެލިއެވެ. ޔަމާން އަކީ ޔަމަކް ގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. ކައިވެނި ކުރި ގޮތަށް ޔަމާން ބޭނުންވީ އޮސްޓްރޭލިއާގައި ދިރިއުޅޭށެވެ. ދެ އަހަރު ފަހުން އެނބުރި ރާއްޖެ އައީ ޔަމާންގެ އަންހެނުން އަނުމް އޭނާގެ މަންމަމެން ކައިރިއަށް އަންނަން ބޭނުންވާ ވަރުންނެވެ.

“ދޮންބެގެ ޕްރިންސެސް ކޮންކަމަކާ ރޮއެފަ ތި ހިރީ؟” ޔަމަކްގެ ލޮލަށް ބަލާލުމުން އެކަނިވެސް ކަމެއް ހިނގައިފިކަން ޔަމާން އަށް ވިސްނިއްޖެއެވެ. “ދޮންބޭ ބައްޕަ ބޭނުންވަނީ ޔަމަކް ޒުހާން އާއި މެރީ ކުރަން. ޒުހާން ޓްރެއިނިން ނިންމާފަ އަންނަ ގޮތަށް.” ޔަމަކް އޭނާގެ ހިތުގައިވި ޝަކުވާތައް ދޮންބެ ކައިރީގައި ބުނީ އެ ހިތަށް ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ލިބޭތޯއެވެ. ޔަމާންއަށް މާ ކުރިންވެސް އެކަން އޮތީ އެގިފައެވެ. ބައްޕައަކީ ކިހާ ފެންވަރެއްގެ ކާކުކަންވެސް ޔަމާންއަށް އިގެއެވެ. އޭނާއަށް ކޮށްދެވޭން މާ ބޮޑު ކަމެއް ނެތް ކަން އެގިހުރެވެސް ދޮންބެ ބަލާނަމޭ ބުނެލީ ލޯބިވާ ކޮއްކޮގެ ލޮލުން ކަރުނަ އޮހޮރޭތަން ބަލަން ކެތްނުވީމައެވެ. ބައްޕަ އާއި ދިމާލަށް އެއްޗެކެ ނުބުނަން ހުންނަނީ ޔަމާން އޭނާގެ ބައްޕައަށް ކުރާ އިޙްތިރާމެއްގެ ބޮޑުކަމުންނެވެ. އެހެންނޫންނަމަ އަމިއަލަ ދިރިއުޅުން ހަލާކުވެގެން ދިޔައިރު ކަމެއް ނުކޮށް ހިމޭނުން ނުހުރީސްކަން ގައިމެވެ.

ޔަމާން އެކީ ތިރިއަށް ފޭބިއިރު ޔަމަކް ހުރީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. އަނުމް ފެނުމުން ދޮންބެދައްތާއޭ ކިޔާ ކުޑަކޮާށް ބައްދާލިއެވެ. އެންމެން އެއްކޮށް ހަވީރު ސައިބޮއެގެން ކޮޓަރިތަކަށް ވަނީ އަރާމްކޮށްލުމަށެވެ. ޔަމާން ކޮޓަރިއަށް ވަދެ ފޮށިން އޭނާގެ އެއްޗެހި ނަގައިގެން އަލަމާރީގައި އަޅުވަން ފެށިއެވެ. “ޔަމާން! ގެނޭ އަހަރެން އަތަށް. ދޭ ފެންވަރައިގެން އަންނަން” ޔަމާންގެ ޖަވާބު އަންނާނެ ގޮތް އެގި ހުރެވެސް އަނުމް ބުނެލިއެވެ. “އަހަރެން އަމިއްލަ އަށް ކޮށްލާނަން. އެހެން ނޫނަސް އަނުމް ކޮންމެހެން އަހަރެންގެ އަންހެނުންގެ ރޯލް މާ ގަދައަށް ޖައްސާނެކަމެއްނެތް މިކޮޅަށް އައިއްސަ. މަންތެއް ވަރު ފަހުން ފުރާނަން. އަނުމް މިކޮޅުގަ ހުންނަން ބޭނުންވަންޏާ ހުރޭ އަހަރެންގެ އެއްވެސް މައްސަލައެއް ނެތް” އަނުމް އަށް ބަލާވެސް ނުލާ ޔަމާން ވާހަކަދެއްކިއެވެ. “އަހަރެން މި ކުޅެނީ އަންބެއްގެ ރޯލެއް ނޫނޭ ޔަމާން. އަހަންނަކީ ޙަޤީގަތުގަވެސް ޔަމާންގެ އަންހެނުންނޭ. ކޮން ދުވަހަކުންތަ އެ ހަޤީޤަތް ޤަބޫލްކުރާނީ؟” އަނުމްއަށް ގިސްލެވެން ފެށުނީ ހިތުގައި ޖެހުނުލެއް ބޮޑުކަމުންނެވެ. ކޮޓަރީގައި ނުހުންނަންވެގެން ތުވާލި ހިފައިގެން ޔަމާން ވަނީ ފާޚާނާއަށެވެ. މިއީ އެދެމީހުން ދިރިއުޅުމުގެ އާދައެވެ. ޔަމާންއަށް މަޖުބޫރު ކޮށްގެން ޔާސީން މި ކައިވެނި ކުުރުވީއްސުރެ ހުރިހަ ރުޅިއެއް ބާލަނީ އަނުމް އަށެވެ. ބައެއް ފަހަރު އެ ގޮތަށް ކަންތައް ނުކުރުމަށްވެސް އޭނާގެ ޒަމީރު ވިސްނައިދެއެވެ. އެހިތުގައި ރަނިކަން ކުރަނީ އެހެން މީހެކެވެ. އެހެން އަންހެންކުއްޖަކަށް ބަލާކަށްވެސް ޔަމާން ބޭނުންނުވެއެވެ. ނަމަވެސް އޭނާގެ ތަޤްދީރު މިކުޅެނީ ކޮންކަހަލަ ކުޅިވަރެއް ހެއްޔެވެ. އަނުމްއަށް މާ ބޮޑަށް ރޮވެން ފެށުމުން އެނދަށް އަރާ ނިދާލީ ހޭލާއިރަށް ހަމަޖެހޭނެއޭ ހިތާއެވެ.

“އޭ ބްރޯ ދެން އަބަދު ތި ފޮޓޯއަށް ބަލަންތަަ އޮންނަނީ؟ ޓްރެއިނިންގެ ފެށުމުގެ ކުރިން ލިބޭނެ އެންމެ ފަހު ޗުއްޓީ ދުވަސް ހިނގާބަ ބޭރަށް ނުކުމެލަން. ކަލޭ އަބަދު މިތަން ތަނަށް އަޔަސް އަހަރެން އަލަށޭ މިއައީ.” ޒުހާންގެ އެކުވެރި ރިވަމް ބުނެލިއެވެ. އޭނާ އޮސްޓްރޭލިއާއަށް މުޅިން އަލަށެވެ.”އައި މިސް ހަރ. ޓްރެއިނިންގ ނިންމާފަ ދާ ގޮތަށް މެރީކުރަން ކަމަށް އެހެންނޫނީ އަތުން ގެއްލޭނީ.ޝީ ޑަޒަންޓް ލަވް މީ” މާޔޫސްވެފައި ހުރެ ޒުހާން އޭނާގެ އެކުވެރިޔާއަށް ކޮންމެވެސް ވަރަކަށް އޭނާގެ ދިރިއުޅުން ކިޔާދިނެވެ. “އިންޝާﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ އަދި. ކަމެއް ބޭނުންވިޔަސް ބުނާތި.އަހަރެން މިހުރީނު” ރިވަމް ޒުހާންއަށް ހިތްވަރުކުރުމަށް ބުނެ ކުޑަކޮށް ތައްޔަރުވެލީ ބޭރަށް ނުކުތުމަށެވެ.

“ޢޭ ވަރަށް މީރު އިގޭ މީތި. މާ ފަހުންނޭ ހުރިހާ އެއްޗެއް މަށަށް ތި ދެއްކީ ދެން ނޭގެ ހަމަޖެހިލައިގެން ކެވޭނެ ކަމެއްވެސް” އޮސްޓްރޭލިއަގެ މަޝްހޫރު މީޓް ޕައި އެއް ކައި ނިންމަމުން ރިވަމް ބުނެލިއެވެ. އެއަށް ވާ ލާރި ޕޭ ކޮށްލަމުުން ޒުހާން ނުކުތީ އަދި ފަހުން ހުރިހާ އެއްޗެއްވެސް ކާން ދޭނަމޭ ބުނަމުންނެވެ. ނުކުންނަމުން ދިޔަ ޒުހާން މަޑުކޮށްލީ އެތެރެއަށް ވަތް ޒުވާނާ ފެނިފައެވެ. އެ ޒުވާނާވެސް ޒުހާން ފެނި ހިނިތުންވެލަމުން އައީ އެ ދިމާލަށެވެ. “ހެއި މޭން. ނުވެސް ބުނަމެއްނު އައި ވާހަކަ” އެ ޒުވާނާ ޒުހާންގެ ކޮނޑުގައި ކުޑަކޮށް ޖަހާލަމުން ބުނެލިއެވެ. “ވަރަށް ބިޒީކޮށް އުޅުނީ. ބުނީމެއްނު ޓްރެއިނިން އަންނަ ވާހަކަ އެކަމުގައޭ މިއުޅެނީ މާދަމާ ފަށާނެ. މަ ހީކުރީ ޒާވަން އުޅޭނީ މިހާރު މާލޭގެ ކަމަށް އެހެންވެ އަސްލު ނުގުޅާ މިހުރީ” ޒުހާން އޭނާގެ ދުވަސްވީ އެކުވެރިޔާ ޒާވަންގެ ސުވާލުތަކަށް ޖަވާބު ދިނެވެ. “ނިންމަން ޖެހޭ ކަންތައްތަކެއް ހުރެގެން ލަސްވީ. މާދަމާ ފުރަނީ. ދިމާވާން އޮތީމަ ކަންނޭގެ މިތަނަށް މިއާދެވުނީ މީޓް ޕައި ކާ ހިތުން” ހިނިތުންވެލަމުން ޒާވަން ބުންޏެވެ. ތިން މީހުން އެކުގައި އެތެރެއަށް ވަދެ ވަގުތު ކޮޅެއް ހޭދަކޮށްލުމަށްފަހު ނުކުތީ އަވަސް މުސްތަޤްބަލެއްގައި ދިމާވާނެ ކަމަށް ބުނަމުންނެވެ.

32

5 Comments

 1. lotus

  April 17, 2018 at 10:38 pm

  Wow.. nice.. mihaaru story v intrstin vey eba.. waitin fr nxt prt

  • chocolate

   April 17, 2018 at 10:43 pm

   Thank you lotus.

 2. Xxxx

  April 18, 2018 at 1:52 pm

  So they r friends.. V. Nice
  ❤️let’s c what happens

 3. Kiyara

  April 18, 2018 at 3:43 pm

  Story vv nice ingey ekam. Same word dhe folhuvathuga huhnnathy kudakoh undhagoo kiyan.

 4. Saa

  April 20, 2018 at 3:33 pm

  reethi varrah

Comments are closed.