އެތެރެއަށް އެ މީހަކު ވަނުމާއެކު ޔަމަކް ހުރީ ނޭވާ ހިފަހައްޓައިލައިގެންނެވެ. އެ މީހެއްގެ ފިޔަވަޅު އަޑު ހުރީ ފާޚާނާ އާއި ދިމާލަށްކަމުން ޔަމަކް ކުޑަކޮށް ހިތަހަމަޖެހުނެވެ. އޭރުވެސް އިންޝާގެ ތިން މިސްޑް ކޯލް އިނެވެ. މެސެޖް ކޮށްލަން ހިތަށް އަރާފައިވެސް ހިމޭނުން ހުރީ ޔަމަކް އެތަނުގައި ހުރި ކަން އެހެން މީހަކަށް ނާންގަންވެގެންނެވެ. ފަސް ވަރަކަށް މިނެޓް ފަހުން އެމީހަކު ނުކުތެވެ. ފާޚާނާގެ ދޮރު ލެއްޕުމަށްފަހު އެމީހާގެ ފިޔަވަޅު ހުރީ ޔަމަކް ފިލަން ވަދެ ހުރި ކަބަޑާއި […]
އެ މަންޒަރު ދުރުގައި ބަލަން ތިބި ޒާރާ އާއި މާހިރާގެ ވަނީ ހިތްހަމަޖެހިގެންވާ ހިނިތުންވުމެކެވެ. އެ ދެކުދިން ގުޅުން ވެގެން ދާނީ އެ ދެ އާއިލާގެ ވިޔަފާރިއަށް ނުހަނު ކުރިއެރުން ލިބޭނެ ކަމަކަށެވެ. އެ ދެ ޖޯޑު އެންގޭޖް ކުރެވުނީވެސް ވިޔަފާރި ބައްދަލުވުމެއްގެ ތެރެއިން ޔާސީންގެ ޚިޔާލަށެވެ. ޒުހާންގެ އަތު ތެރޭގައި އޮތް ޔަމަކްގެ އަތް ކުއްލިއަކަށް ދަމައިގަތީ ކުރެވުނު ކަންތަކާ އަމިއްލަ ނަފްސުދެކެ ރުޅި އަންނަ ހާލުގައެވެ. ބުނަން އުޅުނު ޖުމްލަ އަރުތެރޭގައި ތާށިވީ ދުރުގައި އެ މަންޒަރު ބަލަން ތިބި މަންމަމެން ފެނުމުންނެވެ. ވަގުތުން ހަމަޖެހެން މަސައްކަތް ކުރަމުން ޔަމަކް މިސްރާބް ޖެހީ ގެއާ ދިމާލަށެވެ. “ޑޫ ވެއިޓް ފޯ މީ” ޒުހާން މަޑުމަޑުން ބުނެލި ޖުމްލަ ޔަމަކްގެ ކަންފަތަށް ވަރަށް ރީއްޗަށް އަޑު އިވުނެވެ. އެހެނަަސް އެއްޗެކޭ ނުބުނެ ދިޔައީ ޔަމަކް ރުޅި އަޔަސް ވާން އުޅޭ ކަންތައް ބަދަލުނުވާނެ ކަން އިގޭތީއެވެ. ޒުހާން ފުރާ ގަޑި ކައިރިވުމުން ޔާސީން މެން ގެއަށް ދިޔައީ އަދި ބައްދަލުވާނެ ކަމަށް ބުނެފައެވެ. “ޔަމަކް” ގެއަށް އައިސް ކޮޓަރިއަށް ވަންނަން ދިޔަ ޔަމަކް ހުއްޓުނީ ބައްޕަގެ ރުޅިއައިސްފައިވާ އަޑަށެވެ. މަޑުމަޑުން ޔަމަކް ފަހަތަށް އެނބުރުނީ ބައްޕަ ކިޔަން އުޅޭ އެއްޗަކަށް އޭނާއަށް އިނގޭ ހާލުގައެވެ. “ޔަމަކް އަށް ނުވިސްނިގެން ތިއުޅެނީ ކީއްވެ ތަ؟ އަހަރެން ހުރިހާ ކަމެއް މިކުރަނީ ޔަމަކް މެންނާއި ދޭތެރޭ ވިސްނާލާފައޭ. އިގޭތަ މި ކައިވެނި ކުރެވުނީމަ ކިހާ ފައިދާ އެއް ކުރާނެ ކަން. ޔަމަކް މެންނަށް މިއަށްވުރެ މާ ތަނަވަސްކޮށޭ އުޅޭނީ.” ރުޅިއައިސް ރަތްވެފައި ހުރެ ޔާސީން ވާހަކަ ދައްކަމުން ދިޔައިރު ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން ޔަމަކް ހުރިހާ އެއްޗެއް އަޑުއަހަން ހުއްޓެވެ. “ޔަމާން ވެސް އެ ހުރީ އަހަރެން ބުނި ގޮތަށް އަނުމް އާއި ކައިވެނި ކޮށްގެން. އޭނައަށް ލިބުނު ދެރައެއް އެބަ އޮތް ތަ؟ ތި ބޭނުންވެގެން އުޅޭ ފިރިހެނާ މަތިން އެއްކޮށް ހަނދާން ނައްތާލާ. އަހަރެން ދުނިޔޭގަ ހުރިހާ ދުވަހަކު ތިކަމެއް ނުވާނެ.” އެންމެ ފަހުން ކެތް ނުވެގެން މާހިރާ ޔާސީން ހުއްޓުވަން މަސައްކަތް ކުރަން އުޅުނެވެ.” ދެން ހުއްޓާލާ ޔާސީން. ޔަމަކް އަކީ ބަސްއަހާ ކުއްޖެއް.އޭނަ ބުނާނެ އަހަރުމެން ބުނާ ގޮތަށް” އޭރުވެސް ޔަމަކް އަށް ދިޔައީ ރޮވެމުންނެވެ. ބައްޕަ އޭނަގެ އުފަލާމެދު ނުވިސަނަނީ ކީއްވެތޯ އަހާ ޝަކުވާ ކުރަން ބޭނުންވިއެވެ. ދަރިންނަށް ވުރެ ބައްޕައަށް މުހިއްމީ ފައިސާތޯ އަހަން ބޭނުމެވެ. އެހެނަސް އެއީ ބޭކަރު ކަމެއްކަން ޚުދު ޔަމަކް އަށްވެސް އިގެއެވެ. “އެކަމެއް ނޭގެ އެގެއަށް ގޮއްސަ އެންމެ ބަހެއް ވެސް އަގައިން ބުނީކީ ނޫން. ނޭގެ ނަސީރުމެން ހިތަށް އަރާނެ އެއްޗެއްވެސް. ވަރުގަދަ އަންހެން ދަރިއެއް މަށަށް މި ލިބުނީ”. ބުނަން ބޭނުންވާ އެއްޗެހި ބުނެލުމަށްފަހު ޔާސީން ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ގުޑާލަންވެސް ނޭގިފައި ޔަމަކްއަށް އަށް ހުރެވުނީއެެވެ. “ދަރިފުޅާ” ދަރިފުޅު ހުރި ހާލު ފެނުމުން މާހިރާ އަށް ނުހުރެވިގެން ގޮވާލިއެވެ. ނުވެސް ބަލާ ޔަމަކް ދުއްވައިގަތީ އޭނާގެ ކޮޓަރިއަށެވެ. ދިޔަ ގޮތަށް ގޮސް ކޮޓަރި ތަޅުލުމަށްފަހު ޔަމަކް އަށް ރޮވެން ފެށުނީ އޭނާގެ ނަސީބާ މެދު ޝަކުވާ ކުރާ ހާލުގައެވެ. “ޒާވް..” ޔަމަކް އަށް ބުނެވުނީ އެހާ ވަރަށެވެ. ބާރު ބާރަށް ރޮވެން ފެށުނީ އެ އިންސާނާ އޭނާ އަށް މި ދުނިޔެމަތީގައި ފެންނާނެ ބާއޭ ހިތަށް އަރަމުންނެވެ. މީގެ ދެ އަހަރު ކުރީގެ އެ ހަނދާންތައް ޔަމަކް އަށް މާ ބޮޑަށް އާވާންފެށިއެވެ. ********************************************************************************** “ކަމް އޯން ޔަމަކް އަވަހަށް އާދޭ. ވީ އަރ ގޮނަ ބީ ލޭޓް އަދި އެވެސް ފުރަތަމަ ދުވަހުގަ” ގަޑިޖެހެން ދިހަ މިނެޓަށް ވެފައި ވުމާއެކު ޔަމަކް އާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ އިންޝާ ދިޔައީ ބާރު ބާރަށް ހިނގާފައެވެ. ޔަމަކް އެންމެ ކުޑައިރުއްސުރެ އުޅުނީ އޮސްޓްރޭލިއާގައެވެ. މާހިރާ އާއި އިނދެގެން ޔާސީން ދިރިއުޅުން ޚިޔާރު ކުރީ އޮސްޓްރޭލިއަގައެވެ. ވުޑްވިލް ހައިސްކޫލް އަކީ މުޅި އޮސްޓްރޭލިއާގައިވެސް ހުރި އެންމެ މަޝްހޫރު އަދި އެންމެ މޮޅު ސްކޫލެވެ. ޔަމަކް ކިޔަވާ ބޮޑުވީ މި ތަނުގައި ކަމުން ފުރަތަމަ ދުވަހޭ ކިޔާފައި ޔަމަކް އެއްވެސް އުފަލެއް ނުވެއެވެ. ލަހުން ސްކޫލަށް އައި ސަބަބަކީވެސް އެއީއެވެ. އިންޝާ ކިޔާ ވަރުން އެންމެ ފަހުން އޭނާއާއި އެއްހަމަކުރަން ދުވެފަ ދިޔަ ޔަމަކް ވެއްޓެން ދިޔައީ ކުރިމަތިން އައި މީހެއްގެ ގައިގައި ޖެހިފައެވެ. އަޑު ނެތް ކޮޅަށް ޔަމަކް އަށް ހަަޅޭލެވުނީ ދުވެފަ ދިޔަ މިނުގައި ބިންމައްޗަށް ވެއްޓިޖިއްޔާ ތަދުވާނެކަން އިގޭތީއެވެ. އެވަގުތު ކޮންމެވެސް މީހެއްގެ ދެ އަތް އެ އުނަގަނޑުގައި ވަށާލި އިހުސާސް ޔަމަކް އަށް ވިއެވެ. މަޑުމަޑުން އެ ދެލޯ ހުޅުވާލީ އެއީ ކާކު ކަން ބަލާލުމުގެ ބޭނުމުގައެވެ. ލޯ ހުޅުވާލި ގޮތަށް އެސްފިޔަ ޖަހާލަން ހަނދާން ނެތިފައި ޔަމަކް އަށް ހުރެވުނީ ކުރިމަތިން ފެންނަމުން ދިޔައީ އިންސާނެއްބާއޭ ހިތާ ހިތާ ސުވާލުކުރަމުންނެވެ. އޭނާ ސަލަމާތްކުރަން އެ ވަގުތު އައި ޕްރިންސްއަކަށް ވެދާނެ އޭ ޔަމަކް ހިތް ހާސްފަހަރު ބުންޏެވެ. އެ ދެލޮލަށް ބަލަަން ޔަމަކް އަށް ހުރެވުނީ ކިހާ އިރަކު ކަމެއް އޭނާ އަކަށް ވެސް ނޭގެއެވެ. އެ ވިލުނޫކުލައިގެ ލޮލާއި ފަން ފަން އިސްތަށިކޮޅު ޔަމަކް ދުވަހަކު ހަނދާން ނުނެތޭނެ ވަރު އެ ދުވަހު ވާނެއެވެ. “ވެލް އައި ހޭވް ކްލާސް އިން ފައިވް މިންސް. އިފް ޔޫ އިންޓެންޑް ޓް ބީ ލައިކް ދިސް ވީ ކޭން އެރޭންޖް ސަމް އަދަރ ޓައިމް” ކުޑަކޮށް ހިނިތުންވެލަމުން އެ ކުއްޖާ ޔަމަކް އަށް ބުނެލިއެވެ. ޔަމަކްގެ އަމިއްލަ ދުނިޔެއިން ބޭރަށް ނުކުމެވުނީ އެ ރީތި އަޑު ކަންފަތުގައި ޖެހުމުންނެވެ. މީހާއި އެއްވަރަށް އަޑުވެސް ރީތިތާއޭ ޔަމަކް ހިތަށް އެރިއެވެ. “ސޮރީ” އިންޝާ އޭނާގެ އަތުގައި ހިފާ ދަމަން ފެށުމުން ފަހަތަށް އެނބުރި ހިނިތުންވެލަމުން ސޮރީއޭ ބުނެލިއެވެ. ނަސީބަކުން އެ ތަނުގައި އެހާ ބައިވަރު ކުދިންނެއް ފެންނާކަށް ނެެތެވެ. ގަޑި ޖެހޭތީ އެންމެންވެސް ކްލާހަށް ދިޔައީ ކަންނޭގެއެވެ. ކްލާހުގައިވެސް ޔަމަކް އިނީ އެ ނުދަންނަ ޒުވާނާއާއި މެދު ވިސްނާށެވެ. މި ސްކޫލް ޔުނިފޯމްގަ ފެންނާނީ މި ސްކޫލް ކުއްޖެއް ހިތާ ޔަމަކް ހަމަޖެހިލިއެވެ. އެއް ސްކޫލަކަށް ވުމުން ކޮންމެ ދުވަހަކު ފެންނާނެ ކަން ހިތަށް އެރުމުން ޔަމަކްގެ ހިނިތުން ފުން ވިއެވެ. ބްރޭކް ގަޑީގައި ޔަމަކްއާއި އިންޝާ ތިބީ ކެންޓީނުގައި ކޮންމެވެސް އެއްޗެއް ކާން ވެގެންނެވެ. އެއިރުވެސް ޔަމަކް ދިޔައީ ފަރާތް ފަރާތް ހޯދަމުންނެވެ. އެ ނުދަންނަ ޒުވާނާ ފެނޭތޯއެވެ. “ޔަމަކް” އެންމެ ފަހުން ނުހުރެވިގެން އިންޝާ ޔަމަކައަށް ގޮވާލިއެވެ. “ކިހިނެތްތަ ޔަމަކް ތިއުޅެނީ. ދުވަހަކުވެސް ފިރިހެން ކުއްޖަކަށް ބަލާލާ މީހެއް ނޫން ތިއީ”. އިންޝާ އޭނާގެ ވާހަކަ ދައްކަމުން ދިޔައެވެ. ” އޯ އިޝީ އޭނަ ހާދަ ރީއްޗޭ ހީވަނީ ހަމަ އަހަންނަށް ފޮނުއްވާފަ ހުރި މީހެއް ހެން. އިގޭތަ އޭނަގެ އެއް ލޯ އިންނަނީ ވިލުނޫކުލައިގެ އެންޑް ދި އަދަރ ވަން އިސް ބްލެކް. އަހަރެން އަބަދުވެސް ބުނަމެއްނު އަހަރެންގެ ބޯއިފްރެންޑްގެ ވަރަށް ޔުނިކް ސިފައެއް ހުންނާނޭ.” ޔަމަކް ފުން ވިސްނުމަކަށް ގެއްލިފައި އިދެ ވާހަކަ ދައްކަމުން ދިޔައެވެ. “ބޯއިފްރެންޑް؟؟ އެހާ ހިސާބަށް ދިޔައީ؟” އިންޝާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. މިއީ އެހެންޏާ ޔަމަކް އުޅޭ ގޮތެއް ވެސް ނޫނެވެ. “އިގޭތަ އަދި ރޭގަ އެހާ ވަރަށް ދިލްވާލެ ދުލްހަނިޔާ މި ބެލުނީ ކީއްވެކަން މި އެގުނީ. ހަމަ ކާޖަލް އެން ޝާހުރް ސިފަވީ” ޔަމަކް ދައްކަމުން ދިޔަ މޮޔަ ވާހަކަތައް އަޑުއަހަން އިންޝާ އިނީ ހީލަހީލައެވެ. ކުއްލިއަކަށް ޔަމަކް ހިތަށް އެރި އެއްޗަކުން އިންޝާ އަށް ބަލާލީ އެހީއަށް އެދޭ ފަދައަކުންނެވެ. “އިޝީ ނޭގެއެއްނު އެއީ ކޮން ޤައުމެއްގެ ކާކު ކަމެއް ވެސް. ވިލް ޔޫ ހެލްޕް މީ ފައިންޑިންގ ހިސް ނޭޝަނާލިޓީ” ޔަމަކް އިންޝާއަށް ބަލާލީ އުއްމީދީ ފުރިގެންވީ ބެލުމެކެވެ. ” ވަޓް އެގްޒެކްޓްލީ އިސް ގޮއިންގ އޮން ޔުއަރ މައިންޑް؟” ޔަމަކް ބަލާލި ގޮތުން ބުނަން އެއުޅެނީ ރަނގަޅު ކަމެއް ނޫން ކަން އިންޝާއަށް ހީވާން ފެށިއެވެ. ” ނޯ.ނޯ.ނޯ މިއަދު މިއީ ފުރަތަމަ ދުވަސް އެންޑް އައި ޑޯންޓް ވޯންޓް ޓު ގެޓް އެކްސްޕެލްޑް ސޯ ސޫން” އިންޝާ ވަގުތުން އިންކާރު ކުރިއެވެ. ” ދެން ފުރަތަމަ އަޑުއަހާބަލަ މިކިޔާ އެއްޗެއް.” ޔަމަކް ހިތްހަމަނުޖެހުމުން އެންމެ ފަހުން ކުރިއަށް ގެންދާށޭ އިންޝާ ބުންޏެވެ. ޖެހިގެން އައި ދުވަހު އެ ދެމީހުން ސްކޫލަށް އައީ ޔަމަކްގެ ހިތް ފުރަތަމަ ނަޒަރުން ގެންދިއައީ ކޮން މީހެއް ބެލުމުގެ ވަރުގަދަ އަޒުމުގައެވެ. އެ ދުވަހު ކްލާސް ގަޑީގައި ޔަމަކް އިނީ ގަޑި ހިނގާލެއް ލަސްކަމުންނެވެ. ބްރޭކް ގަޑި ޖެހުމާއެކު އެ ދެމީހުންް މިސްރާބް ޖެހީ ޕްރިންސިޕަލް ރޫމް އާއި ދިމާލަށެވެ. އެ ގަޑި އަކީ އެ ރޫމް ސާފު ކުރަން މަސައްކަތު މީހުން އަންނަ ގަޑިކަން ޔަމަކް އަސް މާ ކުރިންވެސް އިގެއެވެ. އެ ރޫމް އާއި ހަމަވިއިރު އެތެރޭގައި ސާފުކުރާ މީހުން އުޅޭތަން ފެނުމުން ޔަމަކް ހިނިތުންވެލީ ހިތްހަމަޖެހިފައި ހުރެއެވެ. “އިޝީ ގުޅާތި މީހަކު އަންނަންޏާ. އެންޑް ޑޯންޓް އެކްޓް ވިއަރޑް އިގޭ” އެހެން ބުނެލުމަށް ފަހު ޔަމަކް ވަނީ އެތެރެއަށެވެ. ޔަމަކް އެތެރެއަށް ވަނުމުން އެތާ ތިބި މީހުން ކީއްކުރަންތޯ ސުވާލުކުރިއެވެ. ޔަމަކް އައީ ކުރިންވެސް އެ ސުވާލަށް ޖަވަބު ދޭން ތައްޔާރުވެގެންނެވެ. ޕްރިންސިޕަލް އެދިލައްވައިގެން ކަމަށް ބުނެ ޔަމަކް ވާހަކަ ހަދާލިއެވެ. އެމީހުން ނުކުތުމަ އެކު ވަގުތުން އެ ޒުވާނާގެ މަޢުލޫމާތު ހޯދަން ފަށައިގަތެވެ. ނަސީބަކުން ކޮމްޕިއުޓަރު ހުރީ ލޮގްއައުޓް ނުވެކަމުން ޔަމަކް އަށް ވަަރަށް ފަސޭހައިން އެކްސެސް ވެވިނެވެ. ނަސީބުވެސް މިއަދު ޔަމަކް އާއި އެއްކޮޅަށް ހުރި އޭ ހިތަށް ވަރަށް އުފަލުން އެކި އެއްޗެހި ބަލަން ފެށިއެވެ. 05 މިނެޓްގެ ހޯދުމަށްފަހު ޔަމަކްއަށް އެ ޒުވާނާގެ ފޮޓޯ ފެނިއްޖެއެވެ. ވަގުތުން އެ ކުއްޖާގެ މައުލޫމާތު ކިޔަން ފެށިތަނާ ފޯން ވައިބްރޭޓް ވާން ފެށިއެވެ. ފޯން ނަގާ ބެލިއިރު އަރާފައި އިން އިޝްވާގެ ނަމާއެކު ޔަމަކް ހާސްވާ ގޮތް ވިއެވެ. ވަގުތު ބޭކާރު ނުކޮށް ވަގުތުން ކޮމްޕިއުޓަރުގެ ފޮޓޯ ނަގާލިއެވެ. ދިއުމުގެ ކުރިން އެއްފަހަރު އެ ސޫރައަށް ބަލާލުމަށްފަހު ނުކުންނަން ދިޔަ ތަނާ ދޮރު ކުރިމައްޗަށް އެޅުނު ހިޔަނި ފެނި އެންމެ ފުރަތަމަ ހުރި ކަބަޑަށް ވަދެ ޔަމަކް ފިލިއެވެ. އިޝްވާގެ ކޯލް މިސްވުމާއެކު ދެންމެ ނެގި ފޮޓޯ ޔަމަކް އަށް ބަލާލެވުނެވެ. “އިބްރާހިމް ޒާވަން” ޔަމަކް އަށް މަޑުމަޑުން ކިޔާލެވުނެވެ. ދޮރު ހުޅުވިގެން ދިޔަ އަޑާއެކު ފޯން ސްކްރީން ލޮކް ކޮށްލަމުން ޔަމަކް ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. އޭރުވެސް ނުފިލާ ހިނިތުންވުމެއް އެ މޫނުގައި ވިއެވެ.
ރިންގް ވަމުން ދިޔަ ފޯން އެއް އަތަށް ލައިގެން އެނބުރެމުން ދިޔަ ފަންކާއަށް ނަޒަރު ހުއްޓިފައި އޮތް ޔަމަކް ފުން ވިސްނުމަކަށް ގެއްލިފައި އޮތް ފަދައެވެ. އެހާ ވަރަށް ފޯން ރިންގް ވަމުން ދާ އިރު ޖަވާބު ދޭނެ ޚިޔާލެއް އެ ސިކުނޑީގައި ނެތް ފަދައެވެ. “ދަރިފުޅާ ޔަމަކް” ދޮރުގައި ޓަކި ދޭ އަޑަށް އަތުގައި އޮތް ފޯން ސައިލަންޓަށް ލުމަށްފަހު މަޑުމަޑުން ހިނގާލާފައި ގޮސް ޔަމަކް ދޮރު ހުޅުވާލިއެވެ. “ނިދަނީތަ ދަރިފުޅު؟” މާހިރާ އެނާގެ ނަވާރަ އަހަރަށްދާ ދަރިފުޅުގެ ބޮލުގައި ފިރުމާލަމުން ވަރަށް ލޯބިން އަހާލިއެވެ. “ކުޑަކޮށް އަރާމް ކޮށްލަން އޮތީ” ޔަމަކް އެނާގެ މަންމަގެ ސުވާލަށް ޖަވާބު ދިނެވެ. “އެހެންތަ! ޒުހާން މަންމަައަށް ގުޅި ދެންމެ ދަރިފުޅު ފޯން ނުނަގަަޔޯ. ހަވީރު ފުރާ ވާހަކަ ބުނި. އެހާ އިރަށް ތައްޔަރުވެގެން ހުންނަން ބައްޕަ ބުނުއްވި އެގެއަށް ދާން” މާހިރާ ދެއްކި ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް ނެތި ޔަމަކް ވަނީ އެތެރެއަށެވެ. ޔަމަކް ބޭނުންވާ ގޮތަށް ކަންތައް ނުކޮށްދެވޭނެކަން އެގޭ ކޮންމެ ފަހަރަކު އެ ހިތުގައި ރިއްސާލައެވެ. ދަރިފުޅުގެ އުފާތައް އެގިހުރެމެ އެ އުފާތަށް ހޯދާ ދިނުމުގައި މާހިރާ ވަނީ ނުކުޅެދިފައެވެ. އިތުރަށް އެއްޗެކޭ ނުބުނެ ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު އޭނާ ދިޔައެވެ. ޔަމަކް އަކީ ރާއްޖޭގެ މުއްސަނދި ވިޔަފާރިވެރިޔާ ޔާސީންގެ އަންހެންދަރިފުޅެވެ. ޔާސީންގެ އެތައް ފިހާރަތަކާއި ރިސޯޓުތައް ރާއްޖޭގެ އިތުރުން ބޭރުގައިވެސް އެހާ ގިނައެވެ. ގިނަ ވަގުތު ޔާސިން ހޭދަކުރަނީ ވިޔަފާރި ކަންކަމުގައި ރާއްޖެއިން ބޭރުގައެވެ. މާހިރާ އާއި ބައްދަލުވީވެސް ހަމަ މިފަދަ ދަތުރެއްގައި ބޭރުގައި އުޅެނިކޮށެވެ. މާހިރާ އަކީ ޕާކިސްތާންގެ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ރީތި އަންހެނެކެވެ. ދެފަރާތުގެ އާއިލާގެ އެދުމުގެ މަތިން ކުރެވުނު މި ކައިވެންޏަށް ޔަމަކްގެ އިތުރުން ދޮށީ ފިރިހެން ދަރިއެއް ވަނީ ލިބިފައެވެ. ޔަމަކް ފެންވަރައިން ނުކުތް އިރުވެސް ފޯން ރިންގްވުމަކަށް ބަދަލެއް ނައެވެ. އެންމެ ފަހުން ހިތްހަމަނުޖެހިފައި ހުރެ ފޯން ބެލިއިރު އަރާފައި އިން ޒުހާންގެ ނަމުން ޔަމަކް އިތުރަށް ފޫހިވެގެން ދިޔައެވެ. “އަހަރެން ހުރީ ފާޚާނާގައޭ.” ހިތްހަމަނުޖެހިފައި ހުރެ ޔަމަކްއަށް ބުނެވުނީވެސް ތަންކޮޅެއް ބާރަށެވެ. “ޔަމަކް ދެރައެއް ނުވޭތަ އަހަރެން ދާތީ؟” ޔަމަކްގެ ވާހަކައަށް އަޅާނުލާ ޒުހާން ވާހަކަ ދައްކަން ފެށިއެވެ. “އިގޭ މިހެން އަހާއިރުވެސް ޔަމަކް ދެރައެއް ނުވާނެކަންވެސް އެކަމަކު ހަ މަސް ޔަމަކް ހަ މަސް. އަހަރެން ކިހިނެތް ޔަމަކް އާއި ނުލާ އުޅޭނީ. ވާހަކަވެސް ދެއްކޭނީ އެހާ މަދުން.އަމުދުން ހަމަސް ވަންދެން އަހަންނަށް ޔަމަކް ނުުވެސް ފެންނާނެ.” ޒުހާންގެ އަޑުންވެސް އޭނާ ދެރަވެފައި ހުރިވަރު ހާމަވެއެވެ. “މުޅި އުމުރަކަށް ނޫނެއްނު ތިދަނީ. ޒުހާން އުފާކުރަންވީ ވަގުތެއް ނޫންތަ މިއީ. އަހަރެން ޒުހާންގެ މިލްކަކަށް ހަދަން މަދު ދުވަސްކޮޅަކަށް ވަނީ އެއް ނޫންތަ؟” ހިތްހަމަނުޖެހިފައި ހުރެ ޔަމަކް ބުނެލިއެވެ. ޔަަމަކް އެ ކުރީ މަލާމާތެއްކަން އިގޭ އިރުވެސް ޒުހާން މަޑުން ހުރީ ޔަމަކް ދެކެވާ ލޮތްބެއްގެ ބޮޑުކަމުންނެވެ. ޔަމަކް އޭނާ ދެކެ ގަޔާނުވާކަން އެގި ހުރެވެސް ޒުހާން އެ ގުޅުން ދަމަހައްޓަން ބޭނުުން ވަނީ ކޮންމެވެސް ދުވަހަކުން ޔަމަކް ގެ ހިތުގައި އޭނާއަށް ލޯބި އުފެދޭނެކަމުގެ އުއްމީދުގައެވެ. “ފުރުމުގެ ކުރިން ޔަމަކް ފެންނާނެ ކަމަށް އުއްމީދުކުރަން”. ޔަމަކްގެ ޖަވާބަކަށް ބަލާލުމެއްނެތި ޒުހާން ފޯން ކުރުކޮށްލީ އޭނާ އިތުރަށް ހިތަދަތިވާނެ އެއްޗެއް ބުނުމުގެ ފުރުސަތު ނުދޭންވެގެންނެވެ. ލޯގަނޑު ކުރިމަތީގައި ޔަމަކް އޭނާގެ ސޫރައަށް ބަލަންހުރީ ގޮތް ހުސްވެފައިވާ މީހަކު ފަދައިންނެވެ. އެއް ދުވަސްވަރެއްގައި ޔަމަކްއަށް އެފަދަ ސޫރައެއް ދެއްވީތީ އޭނާ ނުހަނު އުފާކުރުއެވެ. ނަމަވެސް މިހާރު އޭނާ އަމިއްލަ ނަފްސު ދެކެ ރުޅި އާދެެއެވެ. އިސްކޮޅުން ދިގު ހަމުގެ ކުލަ އަލި ޔަމަކްގެ އެންމެ ރީތި ސިފައަކީ އޭނަގެ ކަޅުކަންގަދަ ދިގު އިސްތަށިގަނޑެވެ. ފޫކޮޅާ ހަމައަށް އަރާ އެ އިސްތަށިގަނޑަކީ ޔަމަކް އޭރުވެސް އަދި މިހާރުވެސް އެންމެ ލޯބިން ގެންގުޅޭ އެކައްޗެވެ. ހަނދާންކުރަން ބޭނުންނުވާ ދުވަސްތައް ޚިޔާލަށް އަންނަން ފެށުމުން ވޫލް ކޮޅަކުން އިސްތަށިގަނޑު އައްސާލަމުން ތިރިއަށް ފޭބީ މަންމަމެން އޭނާގެ އިންތިޒާރުގައި ތިބޭނެކަން އިގޭތީއެވެ. ގަޑިން 02 ޖެހިއިރު އެރިޒޯނާ ކުރިމައްޗަށް ކާރު މަޑުކޮށްލުމާ އެކު މާހިރާ އާއި ޔާސީންގެ ފަހަތުން ޔަމަކް އެ ގެއަށް ވަންނަން ހިނގައިގަތެވެ. ހަވޭލީއެއް ފަދަ އެ ގޭގެ ކުރިމަތީގައި ވަރަށް ރީތި ބަގީޗާއެއް ހައްދާފައި އޮތެވެ. އެކި ވައްތަރު ވައްތަރުގެ މާތަކުން އެތަން އޮތީ ފުރިފައެވެ. ގަސް ހެއްދުމަކީ ޒުހާންގެ މަންްމަ ޒާރާ ވަރަށް ލޯބިން ކުރާ ކަމެކެވެ. ޔަމަކްވެސް ހުރީ އެހާ ގިނަ މާތަކެއް އެއްފަހަރާ ފޮޅިލާފާއި ހުރިތަން ފެނުމުން ހިތްހަމަޖެހިފައެވެ. ގޭގެ ބެލް ޖަހާލުމާއެކު ދޮރުހުޅުވަލަދިނީ ޒާރާ އެވެ. ފުޅާ ހިނިތުންވުމަކާއެކު ސަލާމް ގޮވާލުމަށްފަހު ޒާރާ އެމީހުން ގޮވައިގެން ދިޔައީ މެންދުރުގެ ކެއުމަށް އިންސާފުކުރުމަށެވެ. “އައްސަލާމްޢަލައިކުމް” ޔާސީން ފެނުމުން ނަސީރު ތެދުވެ ސަލާމް ގޮވާލުމަށްފަހު ކުޑަކޮށް ބައްދާލިއެވެ. އެއަށްފަހު މާހިރާއާއި ޔަމަކްއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. “ޒުހާން ދަރިފުޅާ ކޮންއިރަކު ފުރަނީ؟ ތައްޔާރު ވެއްޖެތަ؟” ޔާސީން ވަރަށް ލޯބިން ޒުހާން އާއި ވާހަކަ ދައްކަން ފެށިއެވެ. “ލައްބަ ބޭބޭ. ހަވީރު 04:30 ގަ ފުރަނީ” ޒުހާން ގަދަކަމުން ހިނިތުންވެލަމުން ޖަވާބު ދިނެވެ. އެ ގެއަށް ވަނީއްސުރެ ޔަމަކް އެންމެ ފަހަރަކުވެސް ޒުހާން އަކަށް ބަލައެއް ނުލިއެވެ. އަންހެން ކުދިން އެންމެ ހިތްކިޔާ ހުރިހާ ސިފައެއް ޒުހާން އަށް ލިބިފައިވާ އިރުވެސް ޔަމަކްގެ ހިތް އެ ރީތިކަމާއެކުވެސް އޭނާ ބަަލައިގަންނާކަށް ބޭނުމެއް ނުވެއެވެ. ޒުހާން އަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތް ކުރާ ހީވާގި ފުލުހެކެވެ. މި ދާއިރާއަކީ ޒުހާން އެންމެ ކުޑައިރުއްސުރެ ކުރާ ހިތްވި މަސައްކަތަށްވުމާއެކު އޭލެވެލް ނިމުނު ގޮތަށް އޭނާ ގުޅުނީ އެ ސަރވިސް އާއި އެވެ. އެންމެ ފުރަތަމަ ދުވަހު ވެސް ނާސިރުގެ ހުވަފެނަކި ޒުހާން އޭނާގެ ވިޔަފާރިއާއި ޙަވާލުވުމެވެ. ނަމަވެސް ހުރި ހަމައެކަނި ދަރިފުޅުގެ އުފާތަކަށް ހުރަސްއަޅާކަށް ނާސިރު ބޭނުމެއްނުވިއެވެ. ކެއުމަށް އިންސާފު ކުރެވެމުން ދިޔަ އިރު ދެކެވެމުން ދިޔައީ ޔަމަކް އާއި ޒުހާންގެ ކައިވެނީގެ ވާހަކަ އެވެ. “އިރާދަކުރެއްވިއްޔާ ދެން މަ ގިން ދުވަހެއް ނުވެ ޔަމަކް ވާނެ މިގޭ މެމްބަރަކަށް. ދަރިފުޅު ވާނެ ދެން ގިނަ ގިނައިން މިގެއަށް އަންނަން” ޒާރާ ވަރަށް ލޯތްބާއެކު ޔަމަކްގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ޔަމަކް ހަމައެކަނި ހިނިތުންވުމަކުން ފުއްދާލިއެވެ. ކައި ނިމުމުން ބޯ ހަމަޖައްސާލަން ޔަމަކް ނުކުމެލީ ބަގީޗާ އަށެވެ. އެތައް ހާސް ޚިޔާލްތަކުން އެ ސިކުނޑި ދިޔައީ ފުނި ޖެހެމުންނެވެ. ކިތަންމެ ރޯލަން ބޭނުންވިޔަސް އެ ކަރުނަތަށް ފުހެދޭން އަންނާނެ މީހެއް ނެތްކަން ޔަމަކް އަށް އިގެއެވެ. “ޔަމަކް” ޔަމަކްގެ ފަހަތުގައި މަޑުކޮށްލައިގެން ހުރެ ޒުހާން މަޑުމަޑުން ގޮވާލިއެވެ. އެއްވެސް އެއްޗެކޭ ނުބުނެ އެ ހުރިގޮތަށް ޔަމަކް ހުރީއެވެ. “ވަރަށް ހަނދާން ވާނެ ޔަމަކް މަތިން. އެންމެ ފަހަރަކުނަމަވެސް ހީލަބަލަ.” ޔަމަކް އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން ޒުހާން ޔަމަކްގެ އަތުގައި ހިފާ އޭނާއާ ވީ ފަރާތަށް އަނބުރާލުމަށް ފަހު ޔަމަކްގެ އަތުގައި ވަރަށް ލޯބި އަނގޮޓިއެއް އަޅުވާލަދިނެވެ. ތުނި ތުނި ވާރޭ ތިކި ޖަހަން ފެށީ ކޮންއިރަކު ކަމެއް ދެމީހުންނަކަށްވެސް ނޭގެއެވެ. ޒުހާން ހިފަހައްޓައިގެން ހުރި ޔަމަކްގެ ދޮން އަތްތިލާގައި ޖެހުނު ވާރޭ ތިކި ފެނުމުން ބޭ އިޚްތިޔާރުގައި ޔަމަކް އަށް ހިނިތުންވިތަން ފެނި ޒުހާންގެ ހިތް އުފަލުން ނަށައިގަތެވެ. ނަމަވެސް އެ ހިނިތުންވުމަކީ ޒުހާންއަށް ދިން ހިނިތުންވުމެއް ނޫންކަން އެގުނު ނަމަ އެ ހިތް ކުދި ކުދި ވީސް ކަން ގައިމެވެ.
“ދަރިފުޅު މި ގޮނޑީގައި ތިއްތިކޮށް އިށީދެބަ. މިހާރު އެ އޮތް ގަޑި ޖެހެނީ. ލަސްވެއްޖިއްޔާ ބައްޕަ ރުޅިދުރުވާނެ” ޝަފީގާ އޭނާގެ ފަސް އަހަރަށް ދާ އަންހެން ދަރިފުޅު ބޮލުގަ ފުނާ އަޅުވަން އުޅޭތާ ބައިގަޑިއިރު ވަނީއެވެ. ޝަފީގާ އަކީ މާލޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ހާދީގެ ހުރި ހަމައެކަނި ދަރިފުޅެވެ. މީގެ އަހަރުތަކެއް ކުރިން ހިނގި އެކްސިޑެންޓެއްގައި ހާދީ ވަނީ ހިނގާ ބިގާވެ އުޅުމަށް ނުކުޅެދިފައެވެ. ހާދީގެ ވިޔަފާރި ހުރި ވަރަށް ވުރެ ކޮޅަށް ނެގީ ޝަފީގާގެ ފިރިމީހާ ޒާހިރުއެވެ. ބައްޕަގެ އެކްސިޑެންޓަށް ފަހު ބޭސްފަރުވާ ކުރުމަށް މެލޭޝިއާ އަށް ދިޔަ ގޮތަށް ޝަފީގާ ޚިޔާރުކުރީ އެތަނުގައި ދިރިއުޅޭށެވެ. ވިޔަފާރި ކަންކަމުގައި ޒާހިރު ގިނަފަހަރު އުޅެންޖެހެނީ މާލޭގައެވެ. “އިޒްކޮ އަދިވެސް ނުނިމޭތަ؟ މިހާރު ޕާރކް ބަންދު ކުރާ ގަޑި ޖެހެނީ” ލޯގަނޑު ކުރިމަތީ ހުއްޓިލައިގެން ހުރި އިޒްވާ އަށް ޒާހިރު ބުނެލިއެވެ. އިޒްވާ އަކީ އޭނާގެ އުމުރުގެ އެހެން ކުދިންނަށްވުރެ އިސްކޮޅުން ދިގުކޮށް ހުންނަ ކުއްޖެކެވެ. ވިލުނޫކުލައިގެ ލޮލެއް ލިބިފައިވާ އިޒްވާގެ އިސްތަށިގަނޑު ދިގުވެފައި އެހާ ރީއްޗެވެ. ހީވަނީ ކުޑަ ކުޑަ ބުދެއް ހެންނެވެ. އެހާ ކުޑައިރުވެސް އަމިއްލަ ރީތިކަމަށް ސަމާލުވެ ފެޝަނަށް ލޯބިކުރާ ކުއްޖެކެވެ. “ޑޭޑް އިޒްކޮ މި ނިމުނީއޭ މަންމީ ލަސްކަމުންނޭ.” އިޒްވާގެ ޅަ އަޑުން ޝަފީގާއަށް ބަލާލަމުން ހެވިފައި ބުނެލިއެވެ. އެ ކުޑަ ކުޑަ އާއިލާ މިސްރާބު ޖެހީ ގެ ކައިރީގައި ހުންނަ ކުޑަކުދިންގެ ޕާރކަށެވެ. “ދަރިފުޅު ދޭ ކުޅެލަން. މަންމަމެނ މިތާ މަޑުކުރާނަން. ބަލައިގެން އުޅެއްޗޭ ދަރިފުޅު” ޝަފީގާ އޭނާގެ ދަރިފުޅަށް ކުޑަ އަނިޔާ އެއް ވިޔަސް ލިބެން ނޭދޭކަން އޭނާގެ ވާހަކައިން އިގެއެވެ. “މިފަހަރު ކިތަށް ދުވަހަށް ތި ދަނީ.ޒާހިރަށް މިހާރު މިކޮޅުގަ މަޑުކުރެވޭ ކަމަކަށް ނުވޭ ގައިމު އެކޮޅުގަވެސް ވިޔަފާރި ބަލަހައްޓަން މީހުން ތިބޭ” އިޒްވާ ދިޔުމުން ޝަފީގާ ޒާހިރު ކައިރީގައި ޝަކުވާ ކޮށްލިއެވެ. “ކަމެއް ދިމާވެގެން މިދަނީ މިފަހަރު.ޝާކިރު މިއަދު ގުޅާފަ ބުނީމަ މައްސަލަ އެއް އުޅޭ ވާހަކަ.ނުވާނެ އެހާ ގިނަދުވަހެއް.” ކުޑަކޮށް ހިތްހަމަނުޖެހިފައި ހުރެ ޒާހިރު ބުނެލިއެވެ.” އަބަދުވެސް ކޮންމެވެސް ކަމެއް ދިމާވެފަ” ރުންކުރު ރާގަކަށް ޝަފީގާ ބުނެލިއެވެ. “ޝަފީގާ ބޭނުންވެގެންނު މިކޮޅުގަ މިއުޅެނީ. އަހަންނަށްވެސް ފަސޭހައެއް ނޫނޭ މި ބުރުތައް ޖަހާކަށް. ކިތައް ދުވަހު ބުނާނީތި ޝަކުވާތައް ނުކުރާށޭ.އަހަރެން ދައްކާ ވާހަކަ އެއްފަހަރު ނަމަވެސް އަޑު އަހާބަލަ” ދުރަށް ބަލަހައްޓައިގެން ހުރެ ޒާހިރު ކިޔަން ބޭނުންވި ހުރިހާ އެއްޗެއް ކިޔާލިއެވެ. ޝަފީގާ ހިތަށް އަސަރު ކުރި ވަރުން އެއްވެސް އެއްޗެކޭ ނުބުނެއެވެ. ޝަފީގާ އާއި ޒާހިރު ކައިވެނި ކުރީ ވަރަށް ލޯބިން ގިނަ ދުވަހު އެކީ އުޅެފައެވެ. ނަމަވެސް ޒާހިރު އޭނައާ ދުރުވާހެން ހީވާތާ މިހާރު ކިތަންމެ އަހަރެކެވެ. އިޒްވާ ލިބުނުފަހުން ޒާހިރު އަކީ ކުރީގެ ޒާހިރެއް ނޫނެވެ. ދަރިން ދެކެ ކިތަންމެ ލޯބިވިޔަސް ޝަފީގާ ދެކެ ކުރިން ވި ލޯބި އޭނާ ނުވާކަން ޚުދު އެހިތަށްވެސް އެގެއެވެ.. ނަމަވެސް ޒާހިރު ދެކެވާ ލޯތްބެއް ބޮޑުކަމުން ކެތްކޮށްލައިގެން ހުންނަނީއެވެ. ކުޅެން ހުރި އިޒްވާ އޭނަގެ މަންމަމެން ކައިރިއަށް ދާން އެނބުރުނު ވަގުތު ދުވަމުން އައި ކުއްޖެއްގެ ގައިގައި ޖެހިފައި ވެއްޓުނެވެ. ޖެހުނު ގޮތަކުން އިޒްވާގެ ކަކޫ މަށައިގެން ގޮސް ލޭ އަންނަމުން ދިޔައެވެ.”އައި އެމް ސޮރީ”އިށީދެގެން އިން އިޒްވާަަ އަށް ތެދުވަން އަތް ދިއްކޮށްލަމުން އެ ކުއްޖާ މާފަށް އެދުނެވެ. ފެންކަޅިވެފައި ހުރި އިޒްވާ ނުރޯން މަސައްކަތް ކުރަމުން ދިޔައިރު އެ ކުއްޖާ ހުރީ އިޒްވާގެ ވިލުނޫކުލައިގެ ލޮލަށް ގެއްލިފައެވެ.” އަހާ. ދަރިފުޅު އާން ކީއްތިކުރީ!! ކޮބާ ކޮއްކޮ މަންމަމެން؟” ފަހަތުން އައި އަންހެން މީހާ އިޒްވާ ކަރުނަ ފުހެދެމުން އަހާލިއެވެ. އެއާއެކު ޝަފީގާ މެން އިށީދެގެން ތިބި މައްޗަށް އޭނާ އިޝާރާތް ކޮށްލިއެވެ. އެ އަންހެން މީހާ އިޒްވާ އުރާލައިގެންއެ ދިމާލަށް ދިޔައެވެ. “ބާބީ” އެ ކުއްޖާގެ ދުލަށް އައިހާވެސް ނަމަކީ އެއީއެވެ. ”އިޒްކޮ ކިހިނެތް ވީ” ދުރުން އަންހެންމީހަކު އިޒްވާ އުރާލައިގެން އަންނަ ތަން ފެނުމުން ޒާހިރު އަވަހަށް ދިޔައެވެ. “ކުޅެން އުޅެނިކޮށް ވެއްޓުނީ ދޯ. ޒާހިރު.ޒާހިރު ދޯ؟”ކުރިމަތީ ހުރި އަންހެން މީހާ އަކީ ކާކު ކަން އެގުމުން ޒާހިރު އާއެކޭ ބުނުގެ ގޮތުން ބޯ ޖަހާލުމަށްފަހު އިޒްވާ އުރާލިއެވެ. “ލަޔާނާ” އެމީހުން ކައިރިއަށް އައިސް ހުއްޓުނު ޝަފީގާ އެ އަންހެން މީހާ ފެނުމުން ބުނެލިއެވެ. ލަޔާނާ އަކީ ޝަފީގާމެން ސްކޫލް ދައުރުއްސުރެ އެންމެ ގާތް އެކުވެރިޔާއެވެ. ”ދަރިފުޅަށް މާ ބޮޑު ކަމެއް ނުވޭ މަގޭ ދަރި ގައިގް ޖެހިފަ ވެއްޓުނީ” އެހާ ދުވަސްކޮށްލާފައި އެމީހުން ފެނުމުން ލަޔާނާވެސް ހުރީ އިންތިހާއަށް އުފާވެފައެވެ. “މިއީ މަގޭ ދަރިފުޅު އާޔިން. ފިރިމީހާ މިވަގުތު ޑިއުޓީގަ ވީ” ކައިރީގައި ހުރި ފިރިހެން ކުއްޖާ ދައްކާލަމުން ލަޔާނާ ބުނެލިއެވެ. “މީހަކާ އިން ފަހުން ލަޔާ ފިލީއެއް ނު. ފިރިމީހާ ވެސް ނުދައްކާ” ދެރަވާކަމަށް ހެދެމުން ޝަފީގާ ބުނެލިއެވެ. “ދެން އެ ވާހަކަ ބާއްވަމާ ދޯ. ވާނެ އަހަރުމެން ގެއަށް ވަދެލަން އެއްދުވަހަކު. މިކޮޅުގަތާ މި އުޅެނީ ނޭގިވެސް. މާ ވިއްކާ ފިހާރަ އިގެއެންނު ބޭކަރީ ކުރިމަތީ އެތަނާ ޖެހިގެން އިންނަ ގެ. އިޒާންވެސް ގޮވައިގެން އަންނާނީ.” “އަހަރުމެން މިއުޅެނީ އަންނަ ހަފްތާގައި މާލެ ބަދަލުވާން. ޗުއްޓީވެސް މި ނިމުނީއެއްނު. އެހެންވީމަ މާދަމާ ދާނަން ތި ގެއަށް. އިޒާން ކުޅެން ދިޔައީ މިހާރު އަންނަން އުޅޭނެ. ހިނގާ ދަމާ ދޯ ޝަފީ” ޝަފީގާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލީ ހިތުގައި ވި ޝަކުވާ ތައް އެއްފަރާތްކޮށްލަމުންނެވެ. މާދަމާ ގެ ދަޢުވަތަށް އެއްބަސްވަމުން ޒާހިރުމެން ވަކިވެލީ އިޒާން ގެއަށް އަންނަންވާއިރަށް ގެއަށް ދެވޭތޯއެވެ. ” ޒާހިރު އަހަރެން ކައިރީ އަހާލުމެއްވެސް ނެތީތަ؟” ހިތްހަމަނުޖެހިފައި ހުރެ ޝަފީގާ ބުނެލިއެވެ. ނަމަވެސް ޒާހިރު އެއަށް ރައްދެއް ބޭނުންނުވާ ކަހަލައެވެ. އިޒްވާ އާއި ސަކަރާތް ޖަހަމުން ދިޔައީއެވެ. “ދަރިފުޅު އައީތަ؟” ސޯފާގައި ގޭމް ކުޅެން އިންް އިޒާން ފެނި ޒާހިރު އަހާލިއެވެ. ޒާހިރުގެ ސުވާލަށް ހޫމް އަކުން އިޒާން ފުއްދާލީއެވެ. “ބައްޕަމެން މިއުޅެނީ މާލެ ބަދަލުވާން އަންނަ ހަފްތާގައި. ދަރިފުޅު ބޭނުންވާ ހުރިހާ އެއްޗެއް މިހާރުން ފެށިގެން ޕެކް ކުރޭ އިގޭ” ޒާހިރުގެ ވާހަކަ ނުނިމެނީސް އިޒާން އޭނާއަށް ބަލާލީ ހިތްހަމަނުޖެހިފައި ހުރެއެވެ. ނަމަވެސް އޭނާއަކީ މައިންބަފައިން ކުރިމަތީ ބަސްބުނާ ކުއްޖަކަށް ނުވާތީ ލައްބަ އޭ ބުނެލުމަށްފަހު ގޭމް ކުޅުމާއިގެން ކުރިއަށް ދިޔައެވެ. އިޒާން ގެ މި ދުރުކަން ފެނި ޒާހިރުގެ ހިތުގައި ރިއްސާލިއެވެ. މިކަމުގައި އޭނާގެ ކުށެއް ވާ ކަން ޚުދު އޭނާވެސް ގަބޫލްކުރެއެވެ. އެކަމަކު އެއީ އޭނާ އެއްވެސް މީހަކު ކައިރީ ދައްކާނެ ވާހަކައެއް ނޫނެވެ. އުފާވެރި ދިރިއުޅުމަކަށް އޭނާވެސް ހާދަ ފޮނި ހުވަފެންތަކެއް ދެކުނެވެ. ނަމަވެސް ޒާހިރަކީ ވައުދެއް ކޮށްފިނަމަ ކޮންމެ ހާލެއްގައިވެސް އެކަމެއް ފުރިހަމަ ކުރާ މީހެކެވެ. “އައްސަލާމްއަލައިކުމް” ސަލާމް ގޮވާލުމަށްފަހު ޝަފީގާމެންގެ ކުޑަ ކުޑަ އާއިލާ ލަޔާނާ މެންގޭ ދޮރުމަތީ މަޑުކޮށްގެން ތިބީ ސަލާމް ބަލައިގަންނާނެ އިރެއްގެ އިންތިޒާރުގައެވެ. “ވައަލައިކުމްސަލާމް” ތެޅެމުން ފޮޅެމުން އައި ލަޔާނާ އަވަހަށް އެމީހުން ވަންނަން ތަން ދެއްކިއެވެ. “ވަދޭ ވަދޭ. މިހިރީ އަހަރެންގެ ފިރިމީހާ ޔާސިރު ދެން އާން އިގެއެއްނު ދޯ.” ހިނިތުންވެ ހުރެ ލަޔާނާ އޭނަގެ ކުޑަ ކުޑަ އާއިލާ ތައާރަފު ކޮށްދިނެވެ. ޔާސިރުވެސް ޒާހިރު އާއި ސަލާމް ކޮށްލުމަށްފަހު ޝަފީގާއަށް ހިނިތުންވެލިއެވެ. “ހިނގާ ދޯ ސައިބޯން ދަމާ” އިޒާން އަތުގައި ހިފައިން ހުރެ ލަޔާނާ ބުނެލިއެވެ. “މަންމީ ބާބީގެ ލޯ ކީއްވެ އެ ކުަލައިގަ ހުންނަނީ؟” އާޔިންގެ ތުއްތު އަޑުން އޭނާގެ މަންމަ އާއި ސުވާލުކޮށްލިއެވެ. އެއާއެކު އެންމެންގެ ހުނުމުގެ އަޑު އިވިގެން ދިޔައެވެ. “އެއީ އިޒްކޮ ބަސް އަހާތީ. އާންވެސް ޖެހޭނެ ބަސް އަހާ ކުއްޖަކަށް ވާން އޭރުން އާންގެ ލޯ ވެސް ހުންނާނީ އާންގެ ފޭވްރެޓް ކުލައިގަ” ޔާސިރު އޭނާގެ ދަރިފުޅުގެ ސުވާލަށް ޖަވާބުދިނެވެ. “ބާބީ” އިޒްވާ ފެންނަ ކޮންމެ ފަހަރަކު އާޔިން އަށް ސިފަވަނީ ކާޓޫންތަކުގަ އުޅޭ ބާބީ ތަކާއިއެވެ. އުފާވެރި ވަގުތުކޮޅަކަށްފަހު ޝަފީގާ މެން ދިޔައީ ފަހުން ދިމާވާން ވައުދުވެފައެވެ. “މަންމީ ބާބީގެ އިއާރިންގްސް ވެއްޓިފަ” ބިންމައްޗަށް ވެއްޓިފައި އޮތް އިޒްވާގެ ކަންފަތުގައި ލާ އެތި ނަގައިން އާޔިން ގޮސް އޭނާގެ މަންމައަށް ދެއްކިއެވެ. ” ބާބީ އެއް ނޫނޭ ދަރިފުޅާ އިޒްވާ އޭ އެއީ. އިޒްކޮމެން ގޮއްސިއެއްނު މިހާރު. އާން އަތުގައި ބާއްވާ ފަހުން ދޭން އިގޭ” މޭޒުމަތި ސާފުކުރަން ހުރި ލަޔާނާ އާޔިން އަށް ޖަވާބު ދިނެވެ. އާޔިން ވީ އުފަލެއްގެ ބޮޑުކަމުން އޭނާގެ ކަބަޑަށް ގޮސް އެ އެތި ލީ ފަހުން އިޒްވާ އާއި ދިމާނެކަން އިގޭތީ ހިތްހަމަޖެހިފައި ހުރެއެވެ. “ދަރިފުޅާ ޒާން ބޯޑިންގ އަށް ވަންނަން އެ ގޮވީ އެންމެ ފަހު ފަހަރަށް. ދެން ނުކުމޭ އަވަހަށް” އެއާޕޯޓުގެ ފާޚާނާއަށް ވަން އިޒާން ލަސްވާން ފެށުމުން ޝަފީގާ ގޮވާލިއެވެ. އިރުކޮޅެއް ނުވެ އިޒާން ނުކުތް އިރު މޫނުމަތިން ހިތްހަމަނުޖެހުމުގެ ކުލަވަރު ފެންނަން ހުއްޓެވެ. ޝަފިގާ ދެ ފަރާތަށް ބޯ ހޫރުވާލީ އެހެން ނުހުންނާށޭ ބުނާ ހާލުގައެވެ. ހާދީ ވެސް ފްލައިޓުގައި ހަމަޖެހިލައިގެން އިނީ އަމިއްލަ ފަސްގަނޑަށް ދެވޭތީ އުފަލުން ހުރެއެވެ. ނަމަވެސް ޝަފީގާ ހިތް ނުތަނަސްވަމުން ދިޔައީ ކީއްވެކަން ޚުދު އޭނާއަކަށްވެސް ނޭގެއެވެ. އިޒްވާ ގައިގައި ބައްދާލާ ލޯ މަރާލީ އެހިތަށް ކުޑަ ނަމަވެސް ހިތަހަމަޖެހުމެއް ލިބޭތޯއެވެ.