Skip to content
އެސްފިޔަ

އަނދިރިފަރާތް 30

އަރޫންގެ ނަޒަރުން:

ޕްރިންސިޕަލްގެ ރޫމް ހުންނަ ފްލޯއަށް އެރުމާއެކު އަހަރެންގެ ތުންފަތުގައި ދުވެލީ ފަނޑު ހިނިތުންވުމެކެވެ. އަހަންނާ ދާދި ގާތުން ހިނގަމުން ދިޔަ ސުޒާ އިރުއިރުކޮޅާ އަހަންނާ ދިމާއަށް ލޯއަޅާލާކަން ފާހަގަވެއެވެ. އޭނާ އެހުރީ އަހަރެން ދެކެ ހަމަ އެހާ ބޮޑަށް ރުޅިއައިސްފައި ހެއްޔެވެ؟

“ސުޒާ ދެން ދާންވީނު ކުލާހަށް؟ އަހަރެން ލިބެންޖެހޭ އަދަބެއް ލިބިގަތުމަށްފަހު ދާނަން..”

ޕްރިންސިޕަލްގެ އޮފީހުގެ ދޮރާ ހަމައަށް ދެވުމާއެކު އަހަރެން އޭނާ ގާތު ބުނެލީމެވެ. އެއާއެކު އޭނާ އަހަންނާ ދިމާއަށް ބަލާލީ ފާޑަކަށެވެ. ދެއަތް އުރާލަމުން އޭނާ ދޮރު ކައިރީގައިވާ ފާރުގައި ލެނގިލިއެވެ.

“ނޯ. އަހަރެން މަޑުކުރާނަން މިތާ ނިމެންދެން..”

ސުޒާ އެހެން ބުނެފައި އެތަނުގައި އެހުރިގޮތަށް ހުރީއެވެ. އަހަރެންވެސް އިތުރަށް އޭނާ ފޮނުވާކަށް މަސައްކަތެއް ނުކުރަމެވެ. ކަމަކަށް ތައްޔާރުވާ ފަދައިން ފުންނޭވާއެއް އެތެރެކޮށްލުމަށްފަހު އަހަރެން ދެތިން ފަހަރަކު އެ ދޮރުގައި ޓަކި ދިނީމެވެ.

“ކަމް އިން..”

އެތެރެއިން އިވުނު އަޑާއެކު އަހަރެން މަޑުމަޑުން ދޮރު ހުޅުވައި އެތެރެއަށް ވަނީމެވެ. މޭޒު ކައިރީގައި ހުރި ބޮޑު ގޮނޑީގައި އިން ބިޔަ ފިރިހެންމީހާއާ ދިމާއަށް އަހަރެން ފަރުވާތެރިކަމާއެކު ބަލާލީމެވެ. ކަޅުކުލައިގެ ކޯޓު ފަޓުލޫނު ވައްޓާލާފައި ވީއިރު އޭނާގެ ހައިބަތުގެ ބޮޑުކަން ހާމަވެއެވެ. އޭނާގެ އެއްފަރާތެއްގައި ހުއްޓެލައިގެން އެހުރި ފެޝަން އަންހެންމީހާއަކީ އޭނާގެ ސެކެޓްރީ ތޯއްޗެވެ. ބޮލުގައި ބޮޑު ހުޅިއެއް ޖަހާލާފައި ވީއިރު ލައިގެން ހުރި ބާރު އޮފީސް ގަމީސްކޮޅާއި ޕެންސިލް ސްކާޓްގެ ސަބަބުން އެ އަންހެންމީހާގެ ބައްޓަން އެއޮތީ އެއްކޮށް ހާމައަށެވެ.

“އައިފަރު ފްރޮމް ކްލާސް 3 ދޯ؟.. އާދޭ.. އިށީންދޭ..”

ކުރިމަތީގައި ހުރި ގޮނޑިއަށް އިޝާރާތްކުރަމުން ޕްރިންސިޕަލް ވާހަކަދެއްކިއެވެ. އަހަރެން ގޮސް އެ ގޮނޑީގައި މަޑުމަޑުން އިށީނީމެވެ. އެއާއެކު އޭނާ ތެދުވެގެން އަހަންނާ ދިމާއަށް މަޑުމަޑުން ފިޔަވަޅު އަޅަން ފެށިއެވެ. އެ ދެލޮލުގައިވާ ނުރައްކާ ވިދުވަރުގެ ސަބަބުން އަހަރެންގެ ހިތަށް އެވަގުތު ކުޑަ ބިރުވެރިކަމެއް ވަދެގެން ދިޔައެވެ.

** **

ޑެލްޓާގެ ނަޒަރުން:

ފާހާނާގެ ތަޅުންމަތީގައި ލެއިން ތަތްތެޅިފައި އޮތް އަންހެންމީހާ އާ ދިމާއަށް ދެތިން ފިޔަވަޅު އަޅާލި ވަގުތު އެތަނުގައި ހުރި ފެން ލައިޓުން ކޮންމެވެސް މީހަކު ބޭރަށް ފުންމާލިތަން އަހަންނަށް ހަމަ ރީއްޗަށްވެސް ފެނުނެވެ. ވެއްޓިފައިވާ އަންހެންމީހާ ގާތަށް ތިރިވެލުމަށްފަހު އަހަރެން އޭނާގެ ވިންދު ބަލާލީމެވެ. އެއާއެކު އަހަންނަށް ފުންނޭވައެއް ބޭރުކޮށްލެވުނެވެ. މަރުވެފައެވެ. މި ވިޔާނުދާ ކަންތައް ކުރި މީހާއަށް އަހަރެން ހައްޤު އަދަބު ދޭނަމެވެ. ދެއަތް މުއްކަވާލަމުން އަހަރެން ވެސް ގޮސް އެ ފެންލައިޓު މައްޗަށް އަރައި ބޭރަށް ފުންމާލީމެވެ.

ސްކޫލު ކޮންޕައުންޑްގެ ފެހިކަން ގަދަ ކާޕެޓު ވިނަގަނޑު މަތީގައި ފައި ޖެހުމާއެކު އަހަރެން އެކި ކޮޅުކޮޅަށް ނަޒަރު ހިންގާލީމެވެ. ކުރިން ފެނުނު މީހާ ފެނޭތޯއެވެ. ހަމަގައިމުވެސް އޭނާއަށް މާކަ ދުރަކަށް ނުދެވޭނެއެވެ. ކޮބާ ހެއްޔެވެ؟ މިއޮއް ކުޑަކުޑަ ވަގުތުކޮޅުގެ ތެރޭގައި އޭނާ އެވަނީ ކޮން ތާކަށް ހެއްޔެވެ؟

ކުއްލިއަކަށް އަހަރެންގެ ފައިބުޑަށް ކޮންމެވެސް އެއްޗެއް ވެއްޓިއްޖެއެވެ. ކަޅުކުލައިގެ ތޮތްޕެކެވެ.

“ބިންގޯ.”

ބޯހިއްލައި މަތި ބަލާލިހިނދު ބިޔަ ހިތިގަހުގައި އިން އެ ގޮތް ނޭނގޭ މީހާ ފެނުމުން އަހަންނަށް މަޑުމަޑުން ބުނެވުނެވެ. އަނގަމަތި ނިވާކޮށްފައިވާ އެމީހާ އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހުރިއިރު އެ ދެލޮލުން ފާޅުވަމުން ދިޔަ ނުތަވަސްކަން އަހަންނަށް ނަގައިގަނެވުނެވެ.

** **

އަރޫންގެ ނަޒަރުން:

ޕްރިންސިޕަލްގެ އޮފީހުން ނިކުތްއިރު އަހަރެންގެ މޫނުމަތީގައިވާ ކުލަވަރު ވާނީ ބަދަލުވެފައެވެ. އަހަންނާ ދިމާއަށް އެއްޗެހި ކިޔުމުގެ ބަދަލުގައި އޭނާ އަހަންނާ ވާހަކަދެއްކީ ހާދަ މަޑުމައިތިރިކޮށެވެ. އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް އަހަންނަށް ނަސޭހަތްތެރިވިއިރު ހީވަނީ އޭނާ ވަރުގެ ހިތްހެޔޮ މީހަކު މި ދުނިޔޭގައި ނެތް ހެންނެވެ. ކަންތައް މިވީކީ އަހަރެން ހީކުރި ގޮތަކަށް ނޫނެވެ. އަހަރެން ބޭނުންވީ އޭނާ ރުޅިއަރުވާލާށެވެ.

“އާ ޔޫ އޯކޭ؟”

އަހަރެން ނިކުތުމާއެކު އެތަނުގެ ބޭރުގައިވާ ގޮނޑިބަރީގައި އިން ސުޒާ ތެދުވެ އަހާލިއެވެ. އަހަރެން އެއްޗެކޭ ނުބުނަމެވެ. މަޑު ފިޔަވަޅުތަކެއްގައި މިސްރާބުޖެހީ ކުލާހާ ދިމާއަށެވެ.

“ކީކޭ ޕްރިންސިޕަލް ބުނީ؟ އަހަންނަށް ހަމަ ޔަގީން އޭނަ ރުޅިއައިސްގެން އެއްޗެކޭ ނުބުނާނެކަން. އަދި ކުއްޖަކަށް ގެއްލުމެއް ވާނެ ފަދަ ގޮތަކަށް ކަންތައް ނުކުރާނެކަންވެސް.”

އަހަރެންގެ ފަހަތުން އަންނަމުން ސުޒާ ވާހަކަދެއްކިއެވެ. އަހަރެން ފިޔަވަޅުތައް މަޑުޖައްސާލުމަށްފަހު އޭނާގެ މޫނަށް ބަލާލީމެވެ.

“ކިހިނެއް ތިޔެއް އެނގެނީ؟”

އަހަރެން ބުމަ އަރުވާލަމުން އަހާލީމެވެ.

“އައިފަރު ތީ އާ ކުއްޖަކަށްވީމަ ނޭނގިދާނެ. އެއީ ވޯލްޑްސް ބެސްޓް ޕްރިންސިޕަލް.. ސްކޫލުގައި އުޅޭ އެންމެ ވިޔާނުދާ ކުއްޖާވެސް އެ ޕްރިންސިޕަލް އަށް އިހުތިރާމު ކުރާނެ..”

ސުޒާ އެބުނި އެއްޗަކާމެދު ފުންކޮށް ވިސްނާލަން އަހަންނަށް މަޖުބޫރުވިއެވެ. އެ ޕްރިންސިޕަލް ބޭރުފުށުން ރަނގަޅު ދަޅަތައް ދައްކައިގެން އުޅުނު ނަމަވެސް އަހަންނަށް އޭނާގެ އަނދިރިފަރާތް އެބަ އެނގެއެވެ. އޭނާ އަކީ ހަޤީޤަތުގައި ކިހާވަރެއްގެ މީހެއްކަން އެބަ އެނގެއެވެ. ހުރެބަލާށެވެ. އަހަންނާއި ޑެލްޓާ، ސްކޫލު ހުރިހާ ކުދިންގެ ކުރިމަތީގައި އޭނާގެ ހަޤީޤީ ކުލަތައް ފާޅުކޮށްލާނަމެވެ.

އެ ޕްރިންސިޕަލް އަހަންނަށް ދިން އަދަބަކީ މުޅި ސީލިންގްގައި ކުލަލައި ރީތި ކުރުމެވެ. އަހަރެން ހަޑިކުރި ތަނެއް ރީތިކުރަން ވެސް ޖެހޭނީ އަހަރެން ކަމަށް އޭނާ ވަރަށް ސާފުކޮށް ބުނެފިއެވެ.

** **

ޑެލްޓާގެ ނަޒަރުން:

ތިރިއަށް ވެއްޓުނު ތޮފި ނަގައި އަހަރެން އެ ގަސްމަތީގައި އޮތް މީހާއަށް ދިނީ ލުއި ހިނިތުންވުމެކެވެ. އަހަރެން އޭނާގެ ތޮފި ބޮލަށް ހެޔޮވަރުކޮށްލީ އަހަރެން އޭނާ ދެކެ އެއްވެސް ވަރަކަށް ބިރު ނުގަންނަކަން އޭނާއަށް ދައްކުމުގެ ގޮތުންނެވެ. އަދި އޭނާ އިތުރަށް ނުތަވަސްކޮށްލުމަށް ވެސް މެއެވެ.

އޭނާގެ ހަރަކާތްތައް ހުރި ގޮތުން އޭނާ އެއުޅެނީ ހަދާނެ ގޮތެއް ނުވިސްނިގެންކަން އަހަންނަށް ދެނެގަނެވުނެވެ. އޭނާ ތިރިއަށް ފައިބާތޯ ގަހުގެ ބުޑުގައި އަހަރެން ކުޑައިރުކޮޅެއް ވަންދެން މަޑުކޮށްލުމަށްފަހު، އަހަރެން ގަހަށް އަރަން ފެށީ ހަލުވި ކަމާއެކީގައެވެ. އެއާއެކު އެއްކަލަ މީހާއަށް ތެޅިގަނެފިއެވެ. ހާސްވެފައި ހުރިވަރުން އެވަގުތު އޭނާގެ ފައި ގޮފިގަނޑުން ކައްސާލައިގެން ދިޔައެވެ. ތިރިއަށް ވެއްޓެން ދިޔަ ވަގުތު އޭނާގެ އަނގައިން މަޑު ހަޅޭކެއް ބޭރުވެގެން ދިޔައެވެ. އެ ވެއްޓުނު ގޮތުން އޭނާއަށް ވަރަށް ތަދުވާނެކަން އަހަންނަށް ހަމަ ޔަޤީނެވެ. ތެދުވެ ދުއްވައިގަންނަން އުޅުނު ނަމަވެސް އޭނާ އަނެއްކާވެސް ބިންމައްޗަށް ވެއްޓިގަތީ ކަކުލުހުޅުގައި އަތް އަޅާލަމުންނެވެ.

އަހަރެން އަވަސްއަވަހަށް ފައިބައި އޭނާގެ ކުރިމަތީގައި ހުއްޓެލީމެވެ. އަހަންނާ ދިމާއަށް ބަލާލުމަށްފަހު އޭނާ އިސްޖަހާލިއެވެ. ބަލި ގަބޫލުކުރީތާއެވެ.

“މޫނު ދައްކާ..”

ހަރަން ބަނދެލަމުން އަހަރެން އޭނާއާ ދިމާއަށް އެހެން ބުނެލީ ހަރުކަށި ގޮތަކަށެވެ.

** **

އަރޫންގެ ނަޒަރުން:

“އަހަރެން ދާނަން ކުލާހަށް ފާހާނާއަށް ޖެހިލާފަ..”

ކުލާހާ ހިސާބަށް ދެވުމާއެކު އަހަރެން ސުޒާ ގާތު ބުނެލީމެވެ. ސުޒާ ބޯޖަހާލުމަށްފަހު ވަނީ ކުލާހަށެވެ. އެއާއެކު އަހަރެން ފާހާނާ ބަރިތައް ހުންނަ ދިމާއަށް ހިނގަންފެށީ ވިސްނުމެއްގައި ހުރެއެވެ.

ވަކި ހިސާބަކަށް ދެވުމާއެކު އެދިމާގައި އަޑުގަދަކޮށްލައިގެން އުޅޭކަން އަހަންނަށް ފާހަގަވިއެވެ. ގިނަ ޢަދަދެއްގެ މީހުންގެ އިތުރުން ފުލުހުން އެދިމާލުގައި ހަރަކާތްތެރި ވާތަން ފެނުމުން އަހަރެންނަށް ދެލޯ ހަނިކޮށްލެވުނެވެ. ފިޔަވަޅުތައް އަވަސްކޮށްލަމުން އަހަރެން އެދިމާއަށް ހިނގައިގަތީ ވާނުވާ އޮޅުން ފިލުވަން ބޭނުންވެފައިވާލެއް ބޮޑުކަމުންނެވެ.

ސްޓާފުންނަށް ޚާއްސަ ފާހާނާބަރީގެ ދޮރު ހުޅުވިގެން ދިއުމާއެކު ފުލުހުން ހުދު ފޮތިގަނޑަކުން ނިވާކޮށްގެން ނެރުނު މައްޔިތާ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. މި ސްކޫލުތެރޭގައި މީހަކު މަރާލީ ހެއްޔެވެ؟ އެކަމަކު މިހާ ސެކިއުރިޓީ ވަރުގަދަ ތަނެއްގައި މިކަހަލަ ކަމެއް ހިންގުމަކީ މާ ފަސޭހަ ކަމަކަށް ނުވާނެއެވެ. ކުއްލިއަކަށް އަހަންނަށް މަތި ބަލާލެވުނެވެ. އެއާއެކު ލޮބީގެ އެކި ދިމަދިމާގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތައް އަހަރެންގެ ލޮލުގައި އަޅައިގަތެވެ.

ޖީބުގައިވާ ފޯނު ނަގުމަށްފަހު އަހަރެން ވަގުތުން ލައިބްރަރީއާ ދިމާއަށް މިސްރާބުޖެހީމެވެ. އެ ސީސީޓީވީ ފުޓެޖުތައް ދިރާސާކޮށްފިނަމަ ކޮންމެވެސް ވަރެއްގެ މަޢުލޫމާތެއް އަހަންނަށް ލިބިދާނެއެވެ. ޑެލްޓާގެ މެސެޖެއް ވެސް އަހަރެންގެ ފޯނަށް އައީ ހަމަ އެވަގުތެވެ.

ޑެލްޓާ: ސްކޫލް އިމާރާތް ފުރަގަހުގައި ހުންނަ ބާ ގުދަނަށް. ހަރީ!

** **

ޑެލްޓާގެ ނަޒަރުން:

އަހަރެން އެ ގުދަންގަނޑުގެ ދޮރު ލެއްޕުމާއެކު ކިޔައިގެން ދިޔައީ ދަބަރު އަޑުފައްގަނޑެކެވެ. އެއީ ސްކޫލު ކޮންޕައުންޑް ތެރޭގައި ހުންނަ، މިހާރު ބޭނުން ނުކުރާ ގުދަނެކެވެ. އުނަގަނޑުގައި އަތް ވިއްދާލައިގެން ހުރެ އަހަރެން ގުދަނުގެ ތަޅުންގަނޑުމަތީގައި އިން އެއްކަލަ މީހާއަށް ބަލާލީމެވެ. އިސްޖަހާލައިގެން އިންއިރު އޭނާ އެންމެ ފަހަރަކުވެސް އަހަރެންގެ މޫނަކަށް ބަލައެއް ނުލައެވެ.

“ހަމަ އަނގައެއް ނުހުޅުވާނަންތަ؟”

އަހަރެން މިހާރު އޭނާއާ ހާދަ ވަރަކަށް ސުވާލުކޮށްފީމެވެ. ނަމަވެސް އެ އަނގައަކުން ހަމަ އެކައްޗެކޭވެސް ނުބުންޏެވެ. ހަނުހުރީ ތޯއްޗެވެ.

“ލުކް.. އަހަންނަށް އެނގޭ މި ކަމުގަ އެ ޒަފަރުގެ އަތެއް ވާކަން..”

އަހަރެން އެހެން ބުނުމާއެކު އޭނާ މަޑުމަޑުން އިސްއުފުލައި އަހަރެންގެ މޫނަށް ބަލާލައިފިއެވެ. އެއީ ޒަފަރު (ސްކޫލުގެ ޕްރިންސިޕަލް) ގެ މީހެއްކަން އަހަންނަށް ހަމަ ޔަޤީނެވެ.

“ވާހަކަ ދައްކާނީތަ ނޫނީ ގަދަކަމުން ވާހަކަދައްކުވާނީތަ؟”

އޭނާއާ ތަންކޮޅެއް ގާތަށް ޖެހިލަމުން އަހަރެން ހަރުކަށި ގޮތަކަށް ސުވާލުކޮށްލީމެވެ. އޭނާ ހަމަ އެއިން ގޮތަށް އިނީއެވެ. ވާހަކަދައްކާ ޚިޔާލު އެ ސިކުނޑީގައި ހަމަ އެއްގޮތަކަށްވެސް ނުއުފެދުނީތާއެވެ.

ގުދަނުގެ ދޮރުފަތް ހުޅުވާލާފައި އަރޫން އެތެރެއަށް ދެމިގަތީ އެވަގުތެވެ.

** **

އަރޫންގެ ނަޒަރުން:

“މީނަތަ އެމީހާ މަރާލީ؟”

ގުދަނުގެ ތަޅުންމަތީގައި އިން މެދު ޢުމުރުގެ ފިރިހެންމީހާ އަށް އިޝާރާތްކޮށް އަހަރެން ޑެލްޓާ ގާތު އަހާލީމެވެ.

“ހީވަނީ… މީނަ އަނގައެއް ނުހުޅުވިއޭ!”

އޭނާ ގުދަނުގެ ފާރުގައި ޖަހާލަމުން ރުޅިވެރި ރާގަކަށް ވާހަކަދެއްކިއެވެ. އަހަންނަށް ފުންނޭވައެއް ބޭރުކޮށްލެވުނެވެ. ތަޅުންމަތީގައި އިން މީހާއާ ދިމާއަށް އަހަރެން ދެތިން ފިޔަވަޅު އަޅާލީމެވެ. ޑެލްޓާ ސުވާލުކުރުމުން ޖަވާބުނުދިން މީހަކު ވަކި އަހަރެން ސުވާލުކުރީމައި ޖަވާބު ދީފާނެ ހެއްޔެވެ؟ އެއީ ނުވާނެ ކަމެކެވެ. ވުމާއެކު އަހަރެން އޭނާއާ ވާހަކަދައްކާކަށް ގަސްތެއްވެސް ނުކުރަމެވެ.

“އަހަރެން އެތަނުގެ ސީސީޓީވީ ފުޓެޖް ބަލާފަ މިއައީ. މި ކަންތައް ހިނގި ވަގުތު އެ ކެމެރާތައް ހުރީ އޮފްކޮށްފަ.. ހަމަ ޔަގީން މިކަމުގަ އެ ޒަފަރުގެ އަތެއް ވާކަން..”

ޑެލްޓާއާ ދިމާއަށް ބަލާލަމުން އަހަރެން ބުނެލީމެވެ. އޭނާވެސް އަހަރެން އެބުނި އެއްޗަކަށް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.

އެއްކަލަ މީހާ ހިރިނުލެވޭވަރަށް ބަނދެފައި އަހަރެމެން އެނބުރި ކުލާސްތަކަށް މިސްރާބުޖެހީ އެމީހާ މިވަގުތު އަނގައިން ނުބުނާނެކަން އެނގޭތީއެވެ. އަހަރެމެން ނިންމީ ބްރޭކް ގަޑީގައި އެމީހާ ގޮވައިގެން މި ސްކޫލުގެ ގޯތިތެރެއިން ނިކުންނާށެވެ. އެވަގުތަކީ ސްކޫލުގެ ގިނަ ސްޓާފުންނާއި ކުދިން މެންދުރުގެ ނާސްތާއަށް އިންސާފުކުރަން ކެންޓީނަށް ދާ ވަގުތު ކަމަށް ވާތީއެވެ.

** **

ބްރޭކް ގަޑި ޖެހުމާއެކު އިން ގޮނޑިން އެންމެ ފުރަތަމަ ތެދުވީ އަހަންނެވެ. ބާރުބާރަށް ކުލާހުން ނިކުންނަން ހިނގައިގަތް ނަމަވެސް ކޮންމެވެސް މީހަކު އަހަރެންގެ ޔުނީފޯމު ގަމީހުގެ ގިރުވާނުގައި ހިފައި ދަމައިގަތުމާއެކު ކައްސާލައިގެން ކަހަލަ ގޮތަކަށް އަހަރެން ކުލާހުގެ ތަޅުންގަނޑު މައްޗަށް އުއްޑުން ވެއްޓިގެން ދިޔައެވެ. ޓައިލްސްތައް މަތީގައި ބޯޖެހުމާއެކު އަހަންނަށް ދެލޯ މަރާލެވުނެވެ. ވީ ތަދުގެ ސަބަބަކުން ނޫނެވެ. އަހަންނަށް އެހެން ހެދި މީހަކީ އުޒޭލްކަން އެނގޭތީއެވެ. އަދި މިޔަދު ހެނދުނު އުޒޭލް އަހަންނަށް ކޮށްލި އަމުރުގެ މަތިން ހަނދާންވުމާއެކު ވީ ފޫއްސެއްގެ ބޮޑުކަމުންނެވެ.

ގައި ފޮޅާލަމުން ކޮޅަށް ތެދުވެ އަހަރެން އުޒޭލްއާ ކުރިމަތިލީމެވެ. އެ މޫނުމަތީގައިވި މަލާމާތުގެ ހިނިތުންވުން ފެންނައިރަށް ވަގުތުން އަހަރެންގެ ލޭ ހޫނުވެގެން ހިނގައްޖެއެވެ.

“ހާދަ އަވަސް އަރުވާލާފަ ތިޔަ ދަނީ؟ އަހަރެން ބުނިން ދޯ ކެންޓީނުން މަށާ ބައްދަލުކުރަންވާނޭ.. ހަނދާން ނައްތާލީތަ؟”

ދެއަތް އުރާލަމުން އޭނާ ބުނެލިއެވެ. އަހަރެންނަށް ފުންނޭވައެއް ބޭރުކޮށްލެވުނެވެ. މި އުޒޭލްއާ ހެދި އަހަރެމެންގެ މިޝަންވެސް ފެއިލް ނުވާނެ ކަމެއް ނޭނގެއެވެ. މިހާރު ޑެލްޓާ ހުންނާނީ އަހަރެންގެ އިންތިޒާރުގައެވެ. އަހަރެން އެބަ ދާން ޖެހެއެވެ. އުޒޭލްއާ އެކީ ބަތް ކައްކާ ކުޅެން ވަގުތު އެބައޮތް ހެއްޔެވެ؟

“އެބަ އަންނަން ފާހާނާއަށް ގޮސްލާފަ..”

އަހަރެން މަޑުމައިތިރިކަމާއެކު ބުނެލީމެވެ. އެއާއެކު އޭނާ ފާޑަކަށް ހޭން ފެށިއެވެ.

“ފާހާނާއަށޭ ކިޔާފަ ގެއަށް ނައްޓާލާކަށްނު ތިއުޅެނީ؟ މަށަށް ތި ކަހަލަ ފިނޑިންގެ ގޮތް އެނގެއޭ..”

އުޒޭލް ބުނެލިއެވެ. ފިނޑި؟ އަހަރެން؟ ފިނޑީ ކާކުކަން އަހަރެން އޭނާއަށް ވަރަށް އަވަހަށް ދައްކާލާނަމެވެ.

އޭނާ ގޮތްދޫނުކުރުމުން އަހަންނަށް ޖެހުނީ އެންމެފަހުން އޭނާއާއެކު ކެންޓީނަށް ދާށެވެ. އަދި ނުވި ތާކަށް އޭނާއާއި އޭނާގެ ‘ގޭންގް’ މީހުންނަށް ކާއެއްޗެހި އަޅައިގެން އެމީހުން ތިބި މޭޒަށް ގެންގޮސްދޭށެވެ. އަހަންނަކީ އެމީހުން ގެންގުޅޭ ނޯކަރެއް ހެއްޔެވެ؟

“ޕޭ ކުރޭ..”

ކައި ނިންމާފައި އުޒޭލް ބުނީ އެހެންނެވެ. އެވަރުން ނުފުދިގެން އަހަރެންވީ އެމީހުންގެ ކާނާއަށް ލާރި ދައްކަން ހެއްޔެވެ؟ ނުވާނެ! އެމީހުން ހީކުރަނީ އަހަރެން މީ ލާރިޖަހާ މެޝިނެއް ކަމަށް ހެއްޔެވެ؟

“އިނަފް!!!!”

އެމީހުން ތިބި މޭޒުމަތީގައި ގޮށްމުށުން ޖަހާލުމަށްފަހު އަހަރެން ބާރަކަށް ހަޅޭއްލަވައިގަތީމެވެ. އަހަރެންގެ ލިމިޓު ހަމަވީއެވެ. މީހަކަށް ރުޅި ކޮންޓްރޯލު ކުރެވޭނީ ވެސް ވަކި ވަރަކަށް ނޫން ހެއްޔެވެ؟ ކެންޓީނުގައި ތިބި އެހެންކުދިން އަހަންނާ ދިމާއަށް ކިތަންމެ ވަރަކަށް ބެލިޔަކަސް ވަރިހަމައެވެ. މިފަހަރު އަހަރެން މި އުޒޭލްއަށް ރަނގަޅު ފިލާވަޅެއް ދަސްކޮށްދޭނަމެވެ.

މޭޒުމަތީގައި ހުރި ސޫޕްތަށި އުޒޭލްއާއި އޭނާގެ މީހުންގެ ބޮލަށް އަޅާލުމަށްފަހު އަހަރެން ކެންޓީނުން ނިކުންނަން ހިނގައިގަތީމެވެ. ދެޖީބަށް އަތްޖަހާލައިގެން ހުރެ ތުނބުން ފުމެމުންނެވެ. އެވަގުތު އުޒޭލްގެ މޫނުމަތީގައިވި ކުލަވަރު ފެނުނު މީހެއް ހީހީހަލާކުވާނެކަން ޔަޤީނެވެ. ހުރީ ހަމަ ހުތްވެފައެވެ. ހައިރާންވެ އަންތަރީސްވެފައެވެ. އަހަރެން މިކުރީ އޭނާ ދުވަހަކުވެސް އުންމީދުކުރާނެވަރުގެ ކަމެއް ނޫންވިއްޔާއެވެ. ފިނޑީ ކާކުކަން މިހާރު އޭނާއަށް ހުންނާނީ ރީއްޗަށްވެސް އެނގިފައެވެ.

ކެންޓީނުން ނިކުމެ ފޯނު ނަގައި ބަލާލިއިރު ޑެލްޓާގެ ދެތިން މެސެޖު އައިސްފައި އިނެވެ. އަހަރެން ނައިސް ލަސްވެގެންކަން ހަމަ ޔަޤީނެވެ. ހައްތަހާވެސް އެ އުޒޭލްއަކާ ހެދި ވާ ކަންތަކެވެ.

ޑެލްޓާ: ކޮބާ ނާންނަންތަ؟

ޑެލްޓާ: ވެއާރ ދަ ހެލް އާރ ޔޫ؟؟؟

ޑެލްޓާ: އަހަރެން މި ދަނީ އޭނާ ގޮވައިގެން. ގެއަށް އަންނަމުން ކާރު ގެންނާތި.

އަހަންނަށް ދެއަތުން މޫނުގައި ފިރުމާލެވުނެވެ. ގެއަށް ދާއިރަށް ޑެލްޓާގެ ލެކްޗަރުފަތި އަހަރެންގެ ކަންފަތް ހިޞާރުކުރާނެކަން ހަމަ ޔަޤީނެވެ.

~ނުނިމޭ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (16)

  1. Liaa

    Hey guys Sorry lasvi kamattakaa. 🙁
    And thankyw to the people who commented my FB post on the last episode?

    Hope u guys would enjoy this ep.
    Loves! ?

    Next episode SUNDAY ga insha allah..

    1. thoofaan
      Liaa

      sunday ga next episode nereyne kamah buni . kobaa adhives neih

  2. Delta

    Reeche inge

    1. Liaa
      Delta

      thank u dear <3

  3. IShan

    Story v v v furihama

    1. Liaa
      IShan

      thank u dear 🙂

  4. Ifa

    Alhe haadha lahey up vaaleh adhi eha kuru.. Plz next part avas kohdheebala v reethi mi story

    1. Liaa
      Ifa

      Dear. Kuree part ge comments ga innaane lasvi sababu.. Thank u 🙂

  5. Sarey

    Hama v reethi story..?❤ekamaku liaa story thankolheh dhigu kohla dhylabala..??

    1. Liaa
      Sarey

      Kuru dhw. Aslu vaagothakee Liaa innaanee komme episode ga vaa goi ves rough koh note koffa. Dhen e varah genasdhey iru kuru vanee.

  6. thoofaan

    Maalahee aplord kuraaleh. vaahaka varah intresting

    1. Liaa
      thoofaan

      Kanthah dhimaavi gothun Liaa ah up nukurevunii…

  7. Rifaa

    this is amazing.. comment nukuriyas hurihaa baeh rifaa kiyan….

  8. eeshu

    nice

  9. araash

    Stry kba?kn irakn up kuraany?mihaaru kiya hithun hureveny eh noon

  10. Yaakko

    Liaa.. Story avahah up kohdhechey..
    ??

Comments are closed.