
ބޭނުންވަނީ އުމުރަށް 15 ވަނަ ބައި
” އެހެންވީމާ އަހަރުމެން ދެން ގޮސްލާނަން. ރިފްއަތު ވެސް ވާނެ އަދި އެއްދުވަހަކުން ގެއަށް އަންނަން ” ސައިގެ ކަންތައް ނިންމާލުމަށްފަހު ގޮޑިން ތެދުވަމުން ގާސިމްގެ ގެއަށް އައުމަށް ފިފްއަތުގެ އާއިލާއަށް ދަޢުވަތު ދިނެވެ. ގާސިމާ ވިޔާމް ކާރަށް އަރާ ދުއްވާލަންދެން އަނިސާއާއި ރިފްއަތު ބޭރު ދޮރުމަތީ ތިބުމަށްފަހު ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ” އެސޮރު ކިހިނެއްވަނީ ” ރިފްއަތު އަހާލިއެވެ. ” ރިފްއަތުގެ ނިންމުމަކީ ހަމަ އަހަރެންގެ ވެސް ނިންމުން ” އަނީސާ ހީލަމުން ބުނެލިއެވެ.
” ކީއްކުރަނީ ” ރިޒްނީ އަހާލިއެވެ. ” ކަމެއްނުކުރަން. ހަމަ އޮތީ ” އަކިޔަލް ބުނެލިއެވެ. ” ދެންމެ އެމީހުން އައިސްފަ ގޮސްފި ” ރިޒްނީ ބުނެލިއެވެ. ” ދެން ތިކަމާ އަހަރެން ކީއްކުރާނީ. ހަމަ ޔަގީނުން ވެސް ރިޒޫގެ ބައްޕަމެން އަހަރެމެންގެ މިގުޅުމާ ގަބޫލެއް ނުވާނެ ދުވަހަކު ވެސް. މިއަދު އަހަރެން މިވަނީ ހުރިހާ ކަމަކުން މަހުރޫމް ވެފަ. ހާއްސަކޮށް ލޯބިން. އެންމެ ކުޑަ ދުވަހު އަހަރެން މަހުރޫމްވީ ބައްޕަގެ ލޯބިން. އެއަށްފަހު އަހަރެންގެ ކުޑަކުޑަ އާއިލާގެ ލޯބިން. އޭގެފަހުން ރައްޓެހިވި މީހާގެ ލޯބިން. އެދުވަސްތައް ފާއިތުވެ ދިޔުމަށްފަހު މިއަދު އަހަރެން މިވަނީ ރިޒޫގެ ލޯބިން މަހުރޫމްވެފަ. އަހަރެންމީ ކިހާ ބަދުނަސީބް މީހެއް ” އަކިޔަލް ވާހަކަދައްކަމުން ދިޔައިރު އަޑު އިންތިހާއަށް ހިތާމަ ހުއްޓެވެ. އަޑުގާ ތުރުތުރު ލުމެއް ހުރިއިރު ލޮލުން ވޭނުން ފުރިގެންވާ ކަރުނަ ފައިބަމުން ދިޔައެވެ. ” ތިހެން ނުބުނޭ. އެމީހުން ކޮންމެ ގޮތަކަށް ކައްތައް ކުރިޔަސް އަހަރެން ލޯބިވަނީ އަކިޔަލް ދެކެ. އެމީހުންގެ ގަދަ ބާރުން އަހަރެން ހަށިގަނޑު އެހެން މީހަކަށް ދެވިދާނެ. އެކަމަކު އަހަރެންގެ ހިތެއް އެހެން މީހަކަށް ނުދެވޭނެ ” ރިޒްނީ ރޮމުން ވާހަކަދައްކަމުން ދިޔައެވެ. ” ހިތް އެހެން މީހަކަށް ނުދެވުނަސް ހަށިގަނޑު އެހެން މީހަކަށް ދިނުމުން އަހަރެންނަށް އެކަމުން އޮތީ ކޮންއުފަލެއް. ހިތާއެކު އަހަރެން ތިހަށިނގަޑު ވެސް ބޭނުން ރިޒޫ. ހިތާއެކު ހަށިގަނޑު ނުލިބޭނަމަ ހިތަކުން އަހަރެން ކުރާނީ ކޮށްބޭނުމެއް. ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އަހަރެންނަށް ކާމިޔާބެއް ނެތްކަން އެނގޭ. އެހެންވީމާ ރިޒޫ އަހަރެން ބުނާ ގޮތެއް ހަދާ. ” ލޮލުން ފައިބަމުން ދިޔަ ވޭނީ ކަރުނަ ފޮހެލަމުން އަކިޔަލް ބުނެލިއެވެ.
” އަކިޔަލް ބުނި ކޮންމެގޮތެއް އަހަރެން ހަދާނަން. ” ރިޒްނީ ބުނެލިއެވެ. ” މި ލޯބި އަހަރެންނަށް ކާމިޔާބު ނުވާނެކަން އެނގޭ. ލޯބި ކާމިޔާބު ކުރާކަށް އެހެން މީހުން ވާފަދައިން ބޮޑެތި ގުރުބާނީތައް ވާކަށް އަހަރެންގެ ހާލަތު ތަނެއް ނުދޭ. ސަބަބަކީ އަހަރެންގެ މަންމައަކީ މިއަދު ބަލި މީހަކަށް ވީތީ. މަންމަގެ އަހަރެން ނޫނީ އެހެން މީހަކު ނެތް. ލޯބި ހާސިލް ކުރުމަށް އަހަރެންނަށް ކުރެވޭ ކަމެއްގެ ސަބަބުން މަންމަ މިދުނިޔެއަށް އެކަނިވާން ދޫކޮށްލަން އަހަރެންނަށް ނުކެރޭނެ. ހުރިހާ ލޯތްބަކުން މަހުރޫމް ވިޔަސް މިއަދު މަންމަގެ ލޯބިން މަހުރޫމް ވާކަށް ނޭދެން. އެހެންވީމާ ރިޒޫގެ މައިން ބަފައިން ބޭނުންވާ ގޮތަށް ތިކައިވެނި ކުރޭ. އަދި އަހަރެންގެ މަތިން ހަނދާން ނައްތާލާ. އަހަރެންނަށް ރިޒޫގެ ހިތް ކާމިޔާބު ވިކަމަށް ނިންމާ އެއުފާ ހާސިލްވި ކަމަށް ބަލާފަ، ކިތައްމެ އުދަގޫ ވިޔަސް ދުވަސްތައް ވޭތު ކުރެވޭތޯ މަސައްކަތް ކުރާނަން ” އަކިޔަލް ވޭނާ ހިތްދަތިކާމާއެކު ބުނެލިއެވެ. ” ތިހެން ނުބުނޭ. އަހަރެން އަކިޔަލް ދެކެ ވަނީ އެހެން މީހަކު ނިންމާ ނިންމުގެ ސަބަބުން ބަދަލުވާނެ ވަރުގެ އަގެއްނެތް ލޯބެއް ނޫން. އަކިޔަލްގެ ހާލަތު އަހަރެންނަށް ގަބޫލް ކުރެވޭ. އެހެން ނަމަވެސް ތިހެން ނުބުނޭ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އަހަރެން ލޯބިވަނީ އަކިޔަލް ދެކެ. ދިރި ހުރިހާ ހިނދަކު އަހަރެންގެ ހިތް ތިނޫން މީހަކަށް ނުދެވޭނެ ” ރިޒްނީ ބުނެލިއެވެ. ރިޒްނީގެ ހިތާ ފުރާނައިން އެހެން މީހަކަށް ނޭދޭނެ ކަމަށް ބުނުމުން އަކިޔަލް ހިތްދަތިކަމާއި، އަސަރާއެކު ދެލޯމަރާލުމުން ލޮލަށް ޖަމާވެގެން ދިޔަ ކަރުނަތައް ފައިބައިގަތެވެ. ” އެކަމަކު ރިޒޫ މިގުޅުން އަބަދަކު މިހެން ވެސް ކުރިއަށް ނުގެންދެވޭނެއްނު. މިގުޅުން މިހެން އޮންނަން ބޭނުންކަމަށް ވަންޏާ، މިއަށް ނަމެއްވެސް ބޭނުން ވާނެ. އެކަމަކު ރިޒޫގެ މައިންބަފައިން އެގޮތެއް ބޭނުމެއްނުވޭ. އަހަރެންނަށް ގަދަ ދައްކާފަ އެހެން ގޮތަކަށް ކައްތައް ކުރެވޭކަށް ނެތް. މިއަދު އަހަރެން މީ ކިހާވަރެއްގެ މަޖުބޫރީ މީހެއްކަން ރިޒޫއަށް އެނގޭނެ. އެހެންވެ މިބުނީ އަހަރެން މަތިން ހަނދާން ނައްތާލާފަ އެބުނާ މީހަކާއެކުގަ އުޅެވޭތޯ ބަލާށޭ. އަހަރެން ގަބޫލްކުރާނަން މީ ތަގުދީރުގައި މިއަދަށް މިންވަރުކުރެއްވި ގޮތްކަމަށް. ދުނިޔޭގައި ތިބިއްޔާ އަދިވެސް ގުޅެން ހުރިޔާ އަހަރެން ރިޒޫ ދޫކޮށްނުލާނަން ” އަކިޔަލް ވާހަކަދައްކަމުން ދިޔައިރު ރިޒްނީގެ ރުއިމުގެ އަޑު ދިޔައީ އަކިޔަލްގެ ކަންފަތުގައި ގުގުމަމުންނެވެ. ނަމަވެސް އެއަޑު ނާހާ މަޖުބޫރީ ހާލަތު ހުރިގޮތުން ކެއްކޮށްފަ ވާހަކަ ދައްކަމުން ދިޔައެވެ.
” އަހަރެންނަށް އުފަލެއް ހިތްހަމަ ޖެހުމެއް ނުލިބުނަސް އަހަރެން ނޭދެން ރިޒޫއަށް ހިތާމައެއް ލިބޭކަށް. އަހަރެން އަބަދުވެސް ދުޢާކުރާނަން ރިޒޫއަށް އުފާވެރި ދިރިއުޅުމެއް ލިބުމަށް. އަދި ދިރިއުޅުމުގައި ކާމިޔާބު ލިބުމަށް. މިދިޔަަ ދުވަސްތަކުގައި އަހަރެންނަށް ރިޒޫ ހިތްހަމަ ނުޖެހޭ ކަމެއް ކުރެވިފަ ވާނަމަ މާފުކުރާތި. އަހަރެންދެކެ ލޯބިވަންޏާ މައިންބަފައިންގެ އެ ނިންމުމާ ދެކޮޅު ނުހަދާ ދިރިއުޅެވޭތޯ މަސައްކަތް ކުރާތި ” އަކިޔަލް މިހެންބުނެ ހިތާ ދެކޮޅަށް ފޯން ކަޑާލީ ރޮމުންނެވެ. ރިޒްނީވެސް އަކިޔަކް ފޯން ކަޑާލުމުން ރޯންފެށިއެވެ. ” ތީ ކޮންފަދަ ނިންމުމެއްތަ އަކޫ. ލޯބި ވެވުން އެއީ ކުށަކަށް ވާނަމަ އަހަރެން އަކޫ ދެކެ ލޯބިނުވާނަން. އެކަމަކު …. ” ކައިރީގައި އޮތް ބާލީސް ނަގާ މެޔާލާ ބޮޑިކޮށް، ބާލީހާ މޫނު ޖައްސާ ބާރުކޮށްލަމުން ރިޒްނީ ރޮމުން ވާހަކަދައްކަމުން ދިޔައެވެ.
ހިތާ ދެކޮޅަށް އަކިޔަލް ނިންމި ނިންމުގެ ސަބަބުން އަކިޔަލްއަށް ރިޒްނީމަތިން ހަނދާން ނައްތާނުލެވޭނެކަން ޔަގީނެވެ. ހަމަ އެގޮތަށް ރިޒްނީއަށް ވެސް އަކިޔަލްގެ ހަނދާންތަކާ ދުރަށް ދާކަށް ފަސޭހައެއް ނުވާނެއެވެ. ނަމަވެސް ކުރިމަތިވެފަވާ މަޖުބޫރީ ހާލަތުގެ ސަބަބުން ކުރެވޭނެ މާބޮޑު ކަމެއް ނެތުމުން، އެ ނިންމުން އަކިޔަލްއަށް ނިންމަން މަޖުބޫރުވީ ވިންދު ޖަހަމުން ދިޔަ ހިތް ހުއްޓުމަކަށް ގެނުވަމުންނެވެ. އަދި އެ ނިންމުމަށް އަމަލުކުރުމަށް ރިޒްނީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ ހިތުގެ ހިމަނާރުތަކުގައި ދައުރުވަމުން ދިޔަ ލޭ ހުއްޓުމަކަށް ގެނުވާ، ރިޒްނީގެ ކުޑަކުޑަ އުފާވެރި ދުނިޔެއަށް ތޫފާނެއް އައުންފަދަ ކަމަކަށެވެ.
” ކިހިނެއްވަނީ އެމަންޖެ ” ގާސިމް ކާރުން ފައިބައިގެން ގޭގެ ދޮރާށި ހުޅުވާލާ އެތެރެއަށް ވަދެގެން ދަމުން ބުނެލިއެވެ. ” އެއީތަ ޑޭޑް ބުނި ކުއްޖަކީ ” ގާސިމަށް ޖަވާބު ދިނުމުގެ ބަދަލުގައި ވިޔާމް ކޮށްލީ ސުވާލެކެވެ. ” އެއީ އެ ކުއްޖަކީ. އަނެއްކާ ދަރިފުޅަށް ކަމުނުދަނީތަ؟ ” ގާސިމް އަހާލިއެވެ. ” ކަމުނުދާ ވާހަކައެއް ނުބުނަމެއްނު ” ވިޔާމް ބުނެލިއެވެ. ” އެހެންވީމާ ކޮންއިރަކުން ނިންމާނީ މިކަން ” ގާސިމް ސޯފާގައި އިށީންނަމުން އަހާލިއެވެ. ” އަދި ދެންމެ ދޯ ދިމާވެސް މިވީ. އެކަކު އަނެކަކު ވާހަކަދައްކާލާ، ރައްޓެހިވެލަން ވެސް ވާނެއްނު ” ވިޔާމް ބުނެލިއެވެ. ” އެންމެ ރަނގަޅު. ދަރިފުޅު ބޭނުން ގޮތެއް. އެކަމަކު އަވަހަށް ވާނެ ދަސްކުރާ އެއްޗެއް ދަސްކުރަން ” ކައިރީ ހުރި ކުޑަ މޭޒު މަތީ އޮތް ރިމޯޓް ނަގާ ޓީވީ ހުޅުވާލަމުން ގާސިމް ބުނެލިއެވެ. ” އޯކޭ ޑޭޑް ” މިންބުނެ ވިޔާމް އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
” ކިހިނެއްތަ ވަނީ އަކިޔަލްގެ ކައްތައްތައް ” ދީނާ އޭނާގެ ދަރިފުޅު ޖުނާންގެ ހެދުންކޮޅުތައް ފަތްޖަހަމުން އެނދުމަތީ ޖުނާނާ ސަކަރާތް ޖަހަންއޮތް ސާހިދުކުރެން އަހާލިއެވެ. ” ވަކި ރަނގަޅެއް ނޫން. އެގުޅުން ކަޑާލަން ހިފާފައި އެހުރީ ރިޒްނީގެ މައިންބަފައިން. އެހެންވީމާ އެކަން ކިހިނެއް ކުރާނީ. އެންމެފަހުން އަކޫ އެއޮންނަނީ އެކަމާ ބޯގޮވާފަ. ހަދާނެގޮތް ހުސްވެފަ. ޒޭނާ ބުނީ އެ ވިޔާމަކި ވަރަށް ބިޓިން މީހެކޭ ” ސާހިދު ދީނާއަށް ކިޔާދިނެވެ. ” އެހާ ބިޓިން ވެގެން އުޅޭ މީހަކަށް ކިހިނެއްތަ މީހަކާ އިދެގެން އުޅެވޭނީ ” ދީނާ ބުނެލިއެވެ. ” އުޅޭނެ ގޮތެއް އަހަރެންނަކަށް ނޭންގެ. އަހަރެންނަށް ވަރަށް ހީވޭ ދެ އާއިލާގެ ދެމެދުގައި ކަންތައްގަނޑެއް އުޅޭހެން ” ސާހިދަށް ހީވާއެއްޗެއް ބުނެލިއެވެ. ” ކޮންކަންތައްގަނޑެއް އުޅޭ ވާހަކަ ތިބުނީ ” ދީނާ ސާހިދަށް ފުރަގަސްދީގެން އިނުމަށްފަހު، ކުރިމަތިލަމުން ބުނެލިއެވެ. ” މުދަލާ ފައިސާގެ ކޮންމެ ވެސް ކުޅިވަރެއް ކުޅޭހެން ހީވަނީ. އެހެން ނޫންނަމަ މިޒަމާނުގަ ކާކުތަ އެމީހެއްގެ ހުރި ހަމައެކަނި އަންހެން ދަރިއަކަށް އެމީހުން ދައްކާ މީހަކާ އިންނަން މަޖުބޫރު ކުރާނީ. އަދި އެވެސް ގެއިން ބޭރަށް ވެސް ނުނިކުމެވޭ ގޮތަށް ގޭގައި ބައްދުކޮށްފަ ބަހައްޓައިގެން ” ސާހިދު ޖުނާން ނާގާ އުރާލަމުން ބުނެލިއެވެ. ” ތިވެސް ރަނގަޅު ވާހަކައެއް. އެކަމަކު ތިކަންތަކުގެ ހަގީގަތް ހޯދާނީވެސް ކިހިނެއްތަ؟ ” ދީނާ ބުނެލިއެވެ. ” ނޭންގެ ހަމަ އެއްގޮތަކަށް ވެސް. ކޮންމެވެސް މޮޅުކަމެއް ކުރަންޖެހޭނީ. ތިކައިވެނި ވެސް ހުއްޓުވަން ހަމައެކަނި ކުރެވެން އޮތް ކަމަކީ އެ ވިޔާމްގެ ބިޓިންކަން ރިޒްނީގެ މައިންބަފއިންނަށް ހެއްކާއެކު ދެއްކުން. އެހެންނޫނީ ތިކަމެއް ނުހުއްޓުވޭނެ. ފަހަރެއްގަ ހެއްކާއެކު ދެއްކިޔަސް ލާރިއަށް ބޫތުކައިފަ ހުރިވަރުން ގަބޫލްވެސް ނުކޮށްފާނެ ރިޒްނީގެ ބައްޕަ. އެކަމަކު ކޮންމެ ވެސް ގޮތެއްވޭތޯ ބަލާނަން ” ސާހިދު ބުނެލިއެވެ. ” ބަނޑުހައިވެގެން ކަންނޭންގެ ދޯ ބައްޕިގެ ޖުނާން މިއުޅެނީ ” އަތުގެ އިނގިލިތައް އަނގަޔަށް ލައިގެން އުޅެންފެށުމުން އަނގަޔާ އަތް ދުރުކޮށްލަމުން ސާހިދު ބުނެލީ ލޯތްބާއެކުއެވެ. ” ބަނޑު ބޮޑުވަންދެން ގާތުން ދީފާ ބޭއްވީވެސް. އެކަމަކު އިނގިލިތަކުގަ ސޮނިފޮދެއް ހާކާ ނުލިއްޔާ ބައްޕިގެ ޖުނާނަށް ކަމަކުނުދާނެދޯ. ” ހެދުން ކޮޅުތައް ފަތްޖަހާ ނިންމާލުމަށްފަހު ތެދުވެ ސާހިދު އުރާލައިގެން ހުރި ޖުނާންގެ ކުޑަކުޑަ ދޮތްދޮޅީގައި އަތުގެ އިނގިލިން ދީނާ ޖަހާލަމުން ބުނެލިއެވެ. އެވަގުތު މައުސޫމް ގޮތަކަށް ޖުނާން ހީލިއެވެ.
އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ދުނިޔެއާ އަލްވަދާއުކީ ކަންތައްތަކެއްގެ ނިމުން ގެނުވަމުންނެވެ. ގަދައަޅާ މަސައްކަތް ކުރަމުން ދަނިކޮށް ވެސް އެކަންތައްތަކަށް ނިމުންއައީ މަސައްކަތް ކުރަމުން ދިޔަ ހުރިހާ ހިތްތަކަށް ނުތަނަވަސްކަން ވެރި ކުރުވުމަށްފަހުއެެވެ. ނަމަވެސް ކަންތައްތައް ކާމިޔާބު ކުރުމަށް އުންމީދު ކުރަމުންދާ ބަޔަކު ވީއިރު، އަނެއްޔަބަޔަކު ކުރަމުން ދިޔަ އުންމީދު ކާމިޔާބު ނުވާނެ ކަމުގެ ސިގްނަލް އަޅަމުންދާ މީހުން ވެސް މަދެއްނޫނެވެ. އޭގެތެރެއިން އެކަކީ ހަމަޔަގީނުން އަކިޔަލަށް ނުވެ ނުދާނެއެވެ. ދިރިއުޅުމަށް ކޮށަމުން ދިޔަ މަގުން ހިނގަމުން ދަނިކޮށް ދެވަނަފަހަށް އަކިޔަލްއަށް ކުރިއަށް ދެވޭ ގޮތެއްނުވިއެވެ. ވަކި ހިސާބަކުން އަކިޔަލް ކޮށަމުން ދިޔަމަގުން ކަށިކުބުރު ޖައްގައްޔަކަށް ނިކުމެވުނު ކަމުގެ އިހްސާސް ކުރެވެން ފެށުނެވެ. ހަމަ އެހިނދު އިސްދަށަށް ޖަހައިގެން އިން އަކިޔަލް އޮށްސިގެންދިޔަ އިރާދިމާއަށް ބަލާލަން އިސްއުފުލާލުމުން ލޮލަށް ޖަމާވެގެން ދިޔަ ކަރުނަތައް އެސްފިޔަތަކުގެ ތެރެއިން ފޫދިގެން ފައިބައިގަތީ އެއްވެސް އިހްތިޔާރަކާނުލައެވެ.
އެންމެ ފަހުފަހަރަށް ރިޒްނީއާ ވާހަކަދައްކާ އަބަދުގެ އަބަދަށް ގުޅުން ކަޑާލީ ކަމަށް ބުނުމަށްފަހު އަކިޔަލްގެ ހުރިހާ ހަނދާނެއް ރައްކާކުރެވިފައިވާ ތަންކަމަށްވާ، ކުޑަ ނަމަވެސް ހިތްހަމަޖެހުމެއްލިބޭ އަތިރިމަތީގައި ހުއްޓާ އިރުއޮށްސި ރަތްވިލާތައްވެސް ނުހަނު ހަލުވިކަމާއެކު ލޯމައްޗަށް ގެއްލި އަކިޔަލްގެ ވަށައިގެންވާ ހިސާބަށް އަނދިރިވެގެން ދިޔައެވެ. އޭރުވެސް އަކިޔަލްގެ ވޭނުން ފުރިގެންވާ ހިޔާލުތަކަކަށް ނިމުމެއް ނާދެއެވެ. ދިރިއުޅުން މަތިން ފޫހިވެ މާޔޫސްވެފައިވާ އަކިޔަލް އެތައް އިރެއްވަންދެން އަތިރިމަތީ ހުރުމަށްފަހު، ގެއަށް ދިޔުމަށް ހިނގައިގަތީ ދިރިއުޅުމުގައި ދިމާވެފައިވާ ހުރިހާ ކަމެއް ދުވަސްތަކަށްކަށްފަހު އަތިރިމަތީގެވާ ހަމަހިމޭން ހިތްގައިމު މާހައުލާ ހަވާލުކޮށްފައެެވެ. ނަމަވެސް އެއީ ތާއަބަދަށް ނިމުން އަންނާނެ ކަމެއްނޫންކަން އެނގޭ ހާލުގައެވެ.
” މިއަދު ހާދަ ލަސްކޮށްލާފަ ތިއީ. މާ ގިނަ މަސައްކަތް ކުރަން ހުރީތަ؟ ” ހަމްދާން އަހާލިއެވެ. ” އަނެއްހެން މާގިނަ ކަމެއް ކުރާކަށް ނެތް. އެކަމަކު ކަމެއް ދިމާވީމާ މަޑުކޮށްލީ ” ޒޭނާ އިސްތަށިގަނޑުގައި ފުނާ އަޅަމުން ބުނެލިއެވެ. ” ކިހިނެއްވީ އަނެއްކާ ” އެނދުގައި އޮށޯވެލައިގެން އޮތް ހަމްދާން ސުވާލުކޮށްލިއެވެ. ” ހިނގާ ބޭރަށް. މިތާ ދެއްކޭ ކަހަލަ ވާހަކައެއްނޫން މީ ” އިސްތަށިގަނޑުގައި ވޫލްކޮޅު އައްސާލަމުން ޒޭނާ ބުނެލިއެވެ. ” ކޮޓަރީގައި ވެސް ނުދެއްކޭ ވަރުވީމާ ތިވާހަކަ ހާދަ ބޮޑުވާނެއޭދޯ ” އެނދުން ތެދުވަމުން ހަމްދާން ދިމާކުރާ ފާޑަކަށް ބުނެލިއެވެ. ބޭރަށް ނިކުމެ ޒޭނާ ދިމާވެގެން އުޅޭ ބޮޑުކަންތަކުގެ ވާހަކަ ވަރަށް ތަފްސީލްކޮށް ހަމްދާނަށް ކިޔާދިނެވެ. ” ރިޒްނީގެ ކައިވެނި ކުރުވަން ވެސް އެ ވިޔާމް ވަރުގެ ރަނގަޅު މީހަކު އެމީހުންނަށް ނުފެނުނީތަ؟ ” ހަމްދާން ބުނެލިއެވެ. ” އަހަރެންގެ ހިތް ބުނަނީ ތިކަމުގަ އަޑި ނޭންގޭ ކަންތައްތަކެއް ވާނޭ. އެހެން ނޫނީ އެފާޑަަށް ކަމެއްކުރާކަށް އެމީހުން ވެސް ނޫޅޭނެއްނު ” ޒޭނާ ބުނެލިއެވެ. ” ދެން މިހާރު އަކޫ ކޮބާ؟ ” ހަމްދާން އަހާލިއެވެ. ” ގޭގައެއްނު ވާނީ. ގޭގައި އޮތަސް އެއީ ހަމަ ނަމަކަށް ހުރި މީހެއް މިހާރު. ދިރުމެއް ނުވާކަހަލަ ” ޒޭނާ ބުނެލިއެވެ. ” ހިނގާ ވިޔާމަށް ފާރަލާން. އޭރުން ވެސް އޭނާ ކުޅޭ ކުޅިވަރެއް އެނގޭނެއްނު. ” ހަމްދާން ވިސްނާލަފައި ބުނެލިއެވެ. ” ތިހެންވެސް ހެދިދާނެ. އެކަމަކު ހެއްކާއެކު ކަމެއް ދެއްކިޔަސް ކާކު ގަބޫލް ކުރާނީ. އެތާކުނެތް ކަމެއް ގަބޫލް ކުރާނެ މީހަކު ” ޒޭނާ ބުނެލިއެވެ. ” އެކަމަކު ކަމެއް ކުރުމުގެ ކުރިން ސާހިދާ ވާހަކަ ދައްކަން ވާނެ ” ޒޭނާ ބުނެލިއެވެ.
” އަކިޔަލް ” އަކިޔަލް ފިހާރަ ކުރިމަތިން ހިނގާފަ ގެއަށް ވަންނަން ދަނިކޮށް ފިހާރައިގައި އިދެފަ އިނާޔާ ދޮރުމައްޗަށް ނިކުމެ ގޮވާލިއެވެ. ” ކިހިނެއްވީ ” އަކިޔަލް ބުނެލިއެވެ. ” ވަރަށް ބައިވަރު މުދާ އެބަހުރި މަދުވެފަ ” އިނާޔާ ބުނެލިއެވެ. ” އެހެންތަ؟. ލިސްޓް ތައްޔާރުކޮށްލާފަ ބައްވާ. ހިސާބް ނިންމަން އައިސްފަ ބަލާލާނަން. ކޮބާ ހާމިދު ކިހިނެއްވަނީ ” ހިނގައިގަންނަން އުޅެފަ ކުއްލިއަކަށް އިނާޔާ ކުރެން އަކިޔަލް އަހާލީ ކަމެއް ހަނދާންގެން އަހާލާފަދަ ގޮތަކަށެވެ. ” ރަނގަޅު ” އިނާޔާ ބުނެލިއެވެ. ” ހާމިދަށް ވެސް އިނާޔާ ތިކުރާ މަސައްކަތް ކިޔާދީ ދަސްކޮށްދޭތި. އޭރުން އިނާޔާއަށް ވެސް ފަސޭހަވާނީ ” އިނާޔާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމުން އަކިޔަލް ގެއަށް ވަނުމަށް ހިނގައިގަތެވެ.
” އަބަދުވެސް އަކިޔަލް ހުންނަނީ އެހެންތަ؟ ” އިނާޔާ ފިހާރައަށް ވަނުމުން ރެކް ކައިރީ ހުރި ހާމިދު އައިސް އަހާލިއެވެ. ” ތިބުނީ ކޮންހެނެއް ހުރި ވާހަކައެއް ” އިނާޔާ ކައުންޓަރު ތެރޭގައި އިން ގޮޑީގައި އިށީންނަމުން އަހާލިއެވެ. ” މިބުނީ އެފާޑަށްހޭ ވާހަކަ ވެސް ދައްކަނީ. ހީވަނީ ކަމަކާ ވަރަށް ހިތްހަމަ ނުޖެހިފަ ހުރިހެން. އެހާ ރޫޑްކޮށްތަ އަކިޔަލް އިނާޔާއާ ވަހަކަދައްކަނީ ވެސް ” ހާމިދު އަހާލިއެވެ. ” ތި ފެނުނީ އަސްލު މަންޒަރެއްނޫން އަދި. އެއީ އަކިޔަލްގެ މިޒާޖެއްނޫން. އަދި އުޅުމެއްވެސް ނޫން. އެކަންކަން އެހެންވާން ކަންތައްތަކެއް މެދުވެރި ވާނެދޯ ” އިނާޔާ ބުނެލިއެވެ. ” ކިޔާދީބަލަދޯ. އޭރުންދޯ މަށަށް ވެސް އެނގޭނީ. ކޮންމެ ގޮތެއްވިޔަސް މަގޭ ވެސް ބޮސް ދޯ އެއީ ” ހާމިދު ބުނެލިއެވެ. ” ވަރަށް ދިގު ވާހަކައެއްތީ. ހުރިހާ ވާހަކައެއް އެއްފަހަރާ ކިޔާ ދޭކަށް މީ އެންމެ ރަނގަޅު ވަގުތެއްވެސް ނޫން. އެކަމަކު ވަރަށް ކުރުކޮށް ފޮނިކޮށް ކިޔާ ދީފާނަން ” އިނާޔާ ހީލަމުން ބުނެލިއެވެ.
” އަކިޔަލްއަކީ އަސްލު ވަރަށް ރަނގަޅު މީހެއް. ކުޑައިރުގަ އޭނާގެ ބައްޕަ ނިޔާވި. އޭގެ ފަހުން ސްކޫލްގައި އުޅެމުން ފިހާރައިގެ ހުރިހާ ކަމެއްވެސް ކުރަމުން އައީ. އަކިޔަލްގެ މަންމަ ފިޔަވާ އެހެން މީހަކު ނުހުރޭ މިހާރު ” އިނާޔާ ބުނެލިއެވެ. ” ކޮބާ އާއިލާގެ މީހުން. މިބުނީ އަކިޔަލްގެ މަންމަ ފަރާތުގެ މީހުންނާ، ބައްފަ ފަރާތުގެ މީހުން ” ހާމިދު އަހާލިއެވެ. ” ބައްފަރާތުގެ މީހުންގެ ގޮތެއް ނޭންގެ. އަސްލު އޭނަގެ ބައްޕައަކީ މިރަށު މީހެއްނޫން. މަންމަ ފަރާތުގެ ވެސް ވަރަށް މަދު މީހަކު މިހާރު ތިބީ. ދުވަސްތަކެއްވެއްޖެ އަކިޔަލްގެ މާމަ ނިޔާވިތާ ވެސް. އެހެންވެ އަކިޔަލްގެ ކާފަ އަކިޔަލް ގެނެސްގެން އެއުޅެނީ. ސްކޫލް ނިންމާފަ ކުއްޖަކާ އަކިޔަލް ރައްޓެހިވި. އެއީ ސާރާ ކިޔާ ކުއްޖެއް. އެކުއްޖާ އަކިޔަލަށް ދޯކާދިނީ. އޭފަހުން ދުވަސް ކޮޅެއް ވީތަނާ އަކިޔަލްގެ މަންމަ ޕެރަލައިޒްވީ. އެކަމަކުގައި ވެސް އޭނާ ވަރަށް ހާލުގައި އުޅުނީ. މިހާރު އަކިޔަލް އެހާ މަޑުން ހުންނަނީ މިފަހުން ރައްޓެހިވި ކުއްޖާގެ މައިންބަފައިން އެގުޅުމާ ދެކޮޅުހަދާ އެހެން މީހަކާ އެކައިވެނި ކުރުވަން އުޅޭތީ ” އިނާޔާ ކުރުކޮށް ކިޔާދިނެވެ. ” ކީއްވެ އިނާޔާއަށް ތިހުރިހާ ކަމެއް އެނގެނީ ” ހާމިދު އަހާލިއެވެ. ” އަހަރެންނަށް އެނގެނީ މި ފިހާރައިގައި ވަޒީފާގަ އުޅޭ މީހަކަށް ވާތީއާ، އެމީހުންނަށް ޖެހޭ ކުދިކުދި ކަންތައްތަކުގައި އެހީވެދީ ހަދާތީ. ދެން މިހެން އުޅެންޏާ ދައްކާ ވާހަކަ ވެސް އަޑު އިވޭނެއްނު. ހާމިދު ވެސް ވާނެ އެހެންޖެހޭ ކަންތަކުގަ އެހީވެދީ ހަދާލަން. އޭރުން އެނގޭނެ ހުރިހާ ކަމެއްވެސް. އަދި އަކިޔަލްއަކީ ކިހާ ރަނގަޅު މީހެއްކަން ވެސް ” އިނާޔާ ބުނެލިއެވެ. ” އެހެންވިއްޔާ އިނާޔާ އަކިޔަލާ ކައިވެނި ކުރަންވީނު. އޭރުން ހުރިހާ ކަމެއްވެސް ރަނގަޅު ވާނެއްނު ” ހާމިދު ބުނެލިއެވެ. ” އޭތް… މޮޔަ ނުގޮވާ ހުރެބަލަ ” ހާމިދުގެ ކޮޑުގައި އިނާޔާ އަތުން ޖަހާލަމުން ބުނެލިއެވެ. ” ދެން ތިވާހަކަ ބައްވާ. އެ ދިޔައީ ކަސްޓަމަރެއް ވަދެގެން. ދޭ އަވަހަށް ” ފިހާރައަށް ވަތް މީހަކު ހާމިދަށް ދައްކާލަމުން ބުނެލިއެވެ. ” އިނާޔާ ކުކުޅު ބިސް އެބަހުރިތަ؟ ފިހާއިގެ ދޮރުމައްޗަށް އަރާ މީހަކު އަހާލިއެވެ. ” ހުސްވެފަ ހުރީ ” އިނާޔާ ބުނެލިއެވެ. ” ހާމިދު ބަންދު ބޯޑު އަޅުވާބަލަ ” ފިހާރައިގައި ހުރި ކަސްޓަރު މީހާ ވިޔާފާރިކޮށްގެން ދިޔުމުން ހާމިދު އައިސް ދޮރުގައި ހަރުކޮށްފަހުރި ބޯޑް ބޭރަށް ބަންދު ފެންނަގޮތަށް އަނބުރާލިއެވެ. އިޝާ ނަމާދަށް ބަންގި ގޮވުމުން ފިހާއިގެ ލައިޓްތައް ކޮންމެވެސް ވަރަކަށް ނިންވާލުމަށްފަހު ބޭރަށް ނިކުމެ ދޮރު ތަޅުލުމަށްފަހު އަކިޔަލްމެންގެ ގެއަށް ވަންނަން އިނާޔާ ހިނގައިގަތުމުން ހަމީދު ގެއަށް ދިޔުމަށް ހިނގައިގަތެވެ.
ގަޑިން 12 ޖެހިތަނާހެން ވިޔާމް މަޑުމަޑުން އޭނާގެ ކޮޓަރީ ދޮރު ހުޅުވާލާ ބޭރުބޭރަށް ބޯދީ ބަލާލިއެވެ. ގޭތެރެ އަނދިރިކޮށް އޮތުމުން ވިޔާމް ކޮޓަރިން ބޭރަށް ނިކުމެ ގޭގޭ މައިދޮރާ ދިމާއަށް ހިނގައިގަތެވެ. ހިނގަމުން ދިޔައިރު ގޭރެއަށް ވަށައިގެން ބަލަމުން ދިޔައެވެ. ހީވަނީ މީހަކު ބަލަން ހުރެފާނެތީ އުޅޭހެންނެވެ. ނަމަވެސް އަމިއްލަ ގޭގައި ވިޔާމަށް ފާރަލާނީ ވަކި ކާކުހެއްޔެވެ؟ ވިޔާމް ވަށައިގެން ހޯދަމުން މަޑު ހިނގުމެއްގައި ހިނގަމުން ގޮސް މަޑުމަޑުން ގޭގެ ދޮރު ހުޅުވާލާ ބޭރަށް ނިކުމެ ހިސާބުގަޑަށް ބަލާލިއެވެ. އެވަގުތު ތަންކޮޅެއް ދުރުން، އަނދިރިކޮޅަކުން އަންހެން ކުއްޖެއް ހިނގަމުން ވިޔާމާ ދިމާއަށް އަންނަން ފެށުމުން ވިޔާމް ގޭގޭ ދޮރާ ދިމާއަށް ފަސްއެނބުރި ބަލާލިއެވެ. ” އަވަސްކޮށްބަލަ. ބައްޕަ ހޭލަފާނެ ” އެ ކުއްޖާ ވިޔާމާ ހަމައަށް އައުމުން އެކުއްޖާގެ އަތުގައި ހިފާ ހިނގައި ގަންނަމުން ވައި އަޑަކުން ވިޔާމް ބުނެލިއެވެ. ވިޔާމް އެކުއްޖާ ގޮވައިގެން ގޮސް ވަނީ އޭނާ ކޮޓަރިއަށެވެ.
ބާރަ ޖަހާ ބޮޑުވެގެން ދިޔައިރުވެސް އަކިޔަލްގެ ލޮލަކަށް ނިންޖެއް ނާދެއެވެ. މުޅިން ނިންޖާ ބީރައްޓެރި ވެގެން އެނދުގައި ރިޒްނީގެ ހަދާނުގައި ފުރޮޅި ފުރޮޅި އޮތެވެ. އެހެން އޮތް އިރު ކިތައްމެ ފަހަރަކު ރިޒްނީއަށް ގުޅަންވެސް އަކިޔަލްގެ ހިތަށް ރިއެވެ. ނަމަވެސް އަކިޔަލްގެ އަމިއްލަ ނަފްސުގެ މައްޗަށް ބާރުދީގެން، ނިންމި ނިއްމުގެ ސަބަބުން ކެއްކޮށްގެން އަކިޔަލް އޮތެވެ. އެހެން ގޮތެއް ނެތުމުންނެވެ. އެހެން އޮށްވާ ކުއްލިއަކަށް އަކިޔަލްގެ ފޯން ރިންގުވާން ފެށިއެވެ. ސްކްރީނުން ރިޒްނީގެ ނަން ފެންނަން އިނުމުން އަކިޔަލް ފޯން އަނެއްފަރާތަށް ފުށުން ޖަހާލީ ހިތް ކުދިކުދިވާ ހާލުގައެވެ. ހިތާ ދެކޮޅަށެވެ. ފޯން ނަގާ ވާހަކަދައްކަން ފަށައިފިނަމަ އަނެއްކާ ވެސް ކަންތައްތައް ގޯސްވެދާނެތީ އަކިޔަލް ފަސްޖެހުނެވެ. ސަބަބަކީ އަކިޔަލް ކިތައްމެ ދެރަވިޔަސް ރިޒްނީގެ މައިންބަފައިން ބޭންވާ ގޮތަށް އެކައިވެނިވުން ނޫން އެހެން ގޮތެއް ނެތުމުންނެވެ. ކައިވެނި ހުއްޓުވަން ކުރެވޭނެ އެހެން މަސައްކަތެއް ވެސް އަކިޔަލަށް ނޭންގުމުންނެވެ.
” ކިހާ ދުވަހެއް ވެއްޖެތަ ނަޖޫ ދުރުގަ ހުންނަތާ ” ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމާއެކު ނަޖޫ ގެނެސް ވިޔާމްގެ ގަޔާލާ ފިއްތާލަމުން ވިޔާމް ބުނެލިއެވެ. ” އަހަރެން ވެސް އިންތިޒާރު މިކުރަނީ މިދުވަހަށް ” ނަޖޫ ވިޔާމްގެ ފުރަގުން ދެއަށް ވަށާ ބާރުކޮށްލަމުން ބުނެލިއެވެ. އެވަގުތު ވިޔާމް ނަޖޫގެ މޫނާ މޫނު ކައިރިކޮށްލިއެވެ. ” ހޫމް… ދެން ވިޔާ އުޅޭ ގޮތެއް. ކެއްކޮށްބަލަ ” ވިޔާމްގެ އެ ހަރަކާތުން ނަޖޫ ވިޔާމް ދުރަށް ކޮށްޕާލުމަށްފަހު ގޮސް އެނދުގައި އިށީނެވެ. ވިޔާމް ގޮސް އެނދުކައިރީ އިށީދެ ނަޖޫގެ ފައިގައި އަތް ހާކަމުން ގޮސް ކަކުލާ ހަމަޔަށް ވިޔާމްގެ އަތް ދިޔުމުން ނަޖޫ ވިޔާމްގެ އަތުގައި ހިފިއެވެ. ” ހަމަ އެހާވަރުވެފަތަ؟ ” ނަޖޫ އަހާލިއެވެ. ” އެހާވަރު ވެސް ވާނެދޯ. މިހާރު ކިހާ ދުވަހެއްތަ؟ ” ވިޔާމް މަސްތުން ފުރިގެންވާ ރާގެއްގައި ބުނެލިއެވެ.
” ކީއްވެތަ އަކޫ ތިހާ ބޮޑު އަދަބެއް އަހަރެންނަށް ތިދިނީ. އަހަރެންގެ ކުށަކީ ކޮބާ؟. ލޯބި ވެވުން އައީ ހަމަ އެހާ ބޮޑ ކުުށެއްތަ؟. މިއަދު އަހަރެންގެ މައިންބަފައިން ވެސް އެތިބެނީ އަހަރެންގެ ހުރިހާ އުފާތަކަކަށް ހުރަސް އަޅައިގެން. ކިރިޔާވެސް ހިތްހަމަ ޖެހުމެއް ލިބެންއޮތީ އަކޫގެ ފަރާތުން. އެކަމަކު މިއަދު އަކޫ ވެސް ތިވަނީ އަހަރެންނާ ދުރަށް ގޮސްފަ… ތީ ކޮންކަހަލަ އިންސާފެއް ” އަކިޔަލް ފޯން ނުނެގުމުން ރިޒްނީ އެކަނި އޮވެގެން ވާހަކަދައްކަމުން ދިޔައެވެ.
” ކިހިނެއްވަނީ ” ނަޖޫގެ ގައިމަތީގައިވާ ފޮތިގަނޑު ކަރާ ހަމައަށް މައްޗަށް ޖައްސާލަމުން އަހާލިއެވެ. ” ވަރަށް ފައްކާ ” ވިޔާމް އުޑުތިލަމަތިން އޮތުމަށްފަހު ނަޖޫއާވީ ފަރާތަށް އެބުރިލަމުން ބުނެލިއެވެ. ” އަދި ވެސް ބޭނުން. ހުއްޓާލާ ހިތެއް ނުވޭ ” ވިޔާމް ބުނެލިއެވެ. ” އެހެން ފަހަރަކުން ” ނަޖޫ މިހެން ބުނެ ފޮތިގަނޑު ގައިގައި ވަށާލަމުން އެދުން ތެދުވިއެވެ. ” ހަލޯ ” ވިޔާމްގެ ފޯން ރިންގު ވާން ފެށުމުން އެނދުކައިރީގައި ހުރި ނިދާ އިރު ދިއްލާ ބޮކި ބަހައްޓާފައި ހުރި މޭޒްމަތީ އޮތް ފޯންނަގާ ކަންފަތުގައި ޖެހުމަށްފަހު ބުނެލިއެވެ. ގުޅި މީހެއްގެ އަޑު ކަންފަތުގައި ޖެހުމާއެކު ވިޔާމް ބަލާލީ ނަޖޫއަށެވެ. ވިޔާމް ބަލާލުމުން ނަޖޫ ހީލުމަށްފަހު ގޮސް ފާހާނާއަށް ވަނެވެ. ” ކުޑައިރު ކޮޅަކުން އަަހަރެން ގުޅާނަން. ގުޅީމާ އާދޭ ” ވިޔާމް މިހެންބުނެ ފޯން ކަޑާލިއެވެ. ވިޔާމްގެ ދިރިއުޅުމަކީ މިއީއެވެ. އުޅުމާ ގުޅުމަކީ މިއީއެވެ. ފެންނަ މަޑުމައިތިރިކަމާއި މައުސޫމް ކަމުގެ ފަހަތުގައި ފޮރުވިފައިވާ ކަމަކީ މިއީއެވެ.
ދަރިންނަކީ މައިންބަފައިންނަށް ދެއްވާ އަމާނާތެކެވެ. އެދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދީގެން އިސްލާމް ދީނުގެ ރިވެތި އުސޫލުގެ މަތީ ބަލާ ބޮޑުކުރުމަކީ މައިންބަފައިންގެ މައްޗަށްވާ ވާޖިބެއްކަން ނޭންގޭ މީހަކު ނުހުންނާނެއެވެ. ނަމަވެސް ދަރިންނަށް އިހާނެތިގޮތް ހަދާ މީހުން މަދު ނޫންކަން ވެސް ގަބޫލް ކުރަންޖެހެއެވެ. ބައެއްފަހަރު މައިންބަފައިންގެ ފަރާތުންވެސް ލިބޭ އަނިޔާ ވަކި ކުޑައެއް ނޫނެވެ. ލިބޭ އަނިޔާ ތަކުން ބުރަޔާ ވެނާއެކު ދުނިޔެއަށް އުފަންކުރާ ދަރިފުޅު އަމިއްލަ އަތުން ނިމިގެންދާ ފަހަރު މަދެކޭ ނުދެއްނެވޭނެއެވެ. ޔަގީނުން ވެސް މިއަދު އެފަދަ ހިތްދަތި ދުވަސްތަކެއް ވޭތުކުރަމުންދާ މީހުންގެ ލިސްޓަށް ރިޒްނީގެ ނަން ވެސް ނާރާ ނުދާނެއެވެ. މިފަހަކާ ޖެހެންދެން ދެލޮލުގެ ކޮއި ފަދައިން ބަލާ ބޮޑުކޮށް ލޯބިން ދީގެން އުޅުން ރިޒްނީ މިއަދު ވަނީ މައިންފައިންގެ ޝިކާރައަކަށް ވެފައެވެ. މިނިވަންކަމާއެކު ދުނިޔޭގައި ހުރީތީ ނޭވާ ވެސް ލެވެން ނެތްފަދައެވެ. ޖަލު ގޮޅީގައި އޮތުން ފަދައެވެ. މިއަދު ރިޒްނީގެ ޝަކުވާއަކަށް ވެފަވަނީ ކުއްލިއަކަށް އޭނާގެ މައިންބަފައިންނަށް އެހާ ބޮޑު ބަދަލެއް އަންނަން ޖެހުނީތީ އެކަމުގެ ޝަކުވާއެވެ. ހުރި ހަމަ އެކަނި ދަރިފުޅު ގަދަކަމުން މީހަކާ ކައިވެނި ކުރުވަންވީ ކޮން ސަބަބަކާ ހުރެ ކުރެވޭ ޝަކުވާއެވެ. އެފަދަ ބަދަލެއް ގެންނަން މަޖުބޫރު ކުރީ ކާކު ކަން ނޭންގި ކުރެވޭ ޝަކުވާއެވެ. ނަމަވެސް މިއިން ޝަކުވާއެއްގެ އަޑު އަހާނެ މީހެއް ރިޒްނީގެ ނެތެވެ. ރިޒްނީގެ ހުރިހާ ޝަކުވާއެއް އަޑު އަހަން ހުރި މީހާޔާ ހަމަޔަށް ރިޒްނީއަށް ދެވެން ނެތީ ކުށެއް ނުކުރާ ހާލު ކުއްވެރިޔަކަށް ހަދާ ކޮޓަރީގައި ބައްދުކުރުމުންނެވެ.
” ހަވީރަށް ވާއިރަށް ތައްޔާރު ވާތި އެގެއަށް ދާން ” ރިޒްނީ ކޮޓަރީގައި އޮތްވާ އަނީސާ އައިސް ބުނެލިއެވެ. ” އަހަރެން ނޫޅެން ދާކަށް ” ރިޒްނީ ބުނެލިއެވެ. ” ކީއްވެ ނުދާންވީ. ދާން ޖެހޭނެ. ކައިވެނީގެ ފަހުން ރިޒްނީގެ ގެއަކަށް ވާނީ މިގެއެއް ނޫން. އެހެންވީމާ ވެސް ޖެހޭނެ ދާން ” އަނީސާ ހަރުކަށި ކަމާއެކު އެހެން ބުނެލުމަށްފަހު ދިޔައެވެ. އަނީސާ ދިޔުމުން ރިޒްނީއަށް ރޮވުނެވެ. ދިރިއުޅުމުގައި ދިމާވަމުންދާ ކަންތައްތަކާ ހިތްދަތިވެގެންނެވެ. ނުދާނަމޭ ބުންޏަސް މިއަދު ރިޒްނީއަށް ކުރެވޭނެ ކަމެއްވެސް ނެތެވެ. ރިފްއަތު ބޭނުންނަމަ ރިޒްނީ ބަދެގެން ވެސް ގެންދާކަށް ފަސްނުޖެހޭނެކަން ރިޒްނީއަށް އެނގެއެވެ.
އެތައްއިރަކު ވިސްނަން އޮތުމަށްފަހު އެންމެފަހުން ހަވީރުވާން ކައިރިވުމުން ރިޒްނީ ފެންވަރައިގެން ފާހާނާއިން ނިކުތެވެ. މީގެ ކުރިން ފެންވަރާ ރީތިވެލާއިރު ހާވާލާފަ އޮންނަ އިސްތަށިނޑު ވޫލްކޮޅަކުން ރިޒްނީ އަށްސާލިއެވެ. ފާޅުކަން ބޮޑު ނުވާވަރަށް މޭކަޕް ކުރާއިރު މަޖުބޫރުން ބައްދަލުކުރުވާ ބައްދަލުވުމަށް ރިޒްނީ މޭކަޕެއްވެސް ނުކުރެއެވެ. ފަހުގެ ޒަމާނީ ގޮތަށް ހެދުންއަޅާ ރިޒްނީ ނުރުހުމުން، ގަދަކަމުން ފިރިއަކަށް ހަދަން އުޅޭ މީހާގެ ކުރިމައްޗަށް ދާން ލީ އާދައިގެ ހެދުމެކެވެ. ހުރިހާ ގޮތަކުން ވެސް މިއަދު ރިޒްނީ ފެންނަނީ އާދައިގެ ގޮތަކަށް ތައްޔާރުވެގެން ހުރި ތަނެވެ. މޫނުމަތިން މާޔޫސްކަމާ ހިތްދަތިކަން ނޫނީ ފެންނާކަށް ނެތެވެ. ހިތާމައިގައި ދުވަސްތައް ހޭދަކޮށްލުމުން މޫނުގެ ރީތިކަންވަނީ ގެއްލިފައެވެ. ދެލޯ ވަޅުވަދެ، ދެލޮލުގެ ކައިރި ވަނީ ހިސާބަކަށް ކަޅުވެފައެވެ.
” އަވަސްކުރޭ. ކާރު އެބައޮތް ބަލާއައިސް ” އަނީސާ ރިޒްނީގެ ކޮޓަރީ ދޮރު ހުޅުވާލުމަށްފަހު ބުނެލިއެވެ. ދޮރަށް ފުރަގަސްދީގެން އެނދުގައި އިށީދެގެންއިން ރިޒްނީ ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އަތުން ފޮހެލަމުން ތެދުވެ ހިނގައިގަތެވެ. ދުވަސްތަކެއް ފަހުން ބޭރަށް ނިކުމެވޭތީ ރިޒްނީ ހިތްހަމަ ޖެހުނެވެ. ނަމަވެސް ދާންއުޅޭ މަންޒިލް ހިތަށް އެރުމުން ކޮޓަރީގައި އޮތުން ވެސް ރަނގަޅު ކަމަށް ރިޒްނީގެ ހިތަށް އެރިއެވެ. ރިޒްނީ ކޮޓަރިން ބޭރަށް ނިކުމެގެން އައިސް ގެއިން ބޭރަށް ނިކުތްއިރު ބޭރުގައި ރިފްއަތާ ވާހަކަ ދައްކަން ވިޔާމް ހުއްޓެވެ. ރިޒްނީ ފެނުމުން ވިޔާމްގެ ނަޒަރު ރިޒްނީއަށް އަމާޒް ވިއެވެ. އެވަގުތު ރުޅިވެރިކަމާއެކު ރިޒްނީ ވިޔާމަށް ބަލާލުމަށްފަހު އިސްދަށަށް ޖަހާލައިގެން ގޮސް ދޮރުން ބޭރު މަގުމައްޗަށް ނިކުތެވެ. ފަހަތުން ދެންތިބި މީހުންވެސް ނިކުތެވެ. ވިޔާމް ކާރުގެ ދޮރު ހުޅުވާލުމަށްފަހު ކާރަށް އެރުމުން ފަހަތު ސީޓަށް ރިފްއަތާ އަނީސާ އެރިއެވެ. އަދި ކުރީ ސީޓަށް ރިޒްނީ އަރާ އިށީނުމުން ވިޔާމް ކާރު ދުއްވާލިއެވެ. ތާރުއަޅާ ރަނގަޅު ފެންވަރަކަށް ހަދާފަ އޮތް ބޮޑު މަގުން ވިޔާމް ކާރު ދުއްވަމުން ދިޔައިރު ރިޒްނީ އިނީ ބޭރަށް ބަލަހައްޓައިގެންނެވެ. ފެންނަމުންދާ ގުދުރަތީ މަންޒަރުތައް ރީތިކަމުންނެވެ. އެހެން ބޭރު ބަލަން ހުއްޓާ ކައިރިންލާފަ ދިޔަ ސައިކަލްގައި ތިބި ދެ ޒުވާނުން ފެނުމުން ރިޒްނީއަށް ފުންއަސަރެއް ކުރިއެވެ. ފެންނަ ފެނުމަށް ސައިކަލްގައި ތިބީ ދެލޯބިވެރިންނެވެ. އެ ޒުވާނުން ފަދައިން ރިޒްނީ ވެސް އުޅެން ބޭނުންވެއެވެ. މިނިވަންކަމާއެކުއެވެ. ނަމަވެސް މިއަދު ރިޒްނީއަކީ ކުށެއް ނުކުރިއަސް ކުއްވެރިއެކެވެ. ޖަލެއްގަ އޮންނަން ނުޖެހުނަސް އަމިއްލަ ކޮޓަރިވެސް ޖަލުގޮޅިއަކަށް ވުރެއް އެންމެ ތަންކޮޅެއްވެސް ގޯހެއްނޫނެވެ. މިއަދު ރިޒްނީގެ މައިންބަފައިން ރިޒްނީ ވަނީ މަޖުބޫރުން ބަންދުކޮށްފައެވެ. ދިގުވެފައިވާ ފިޔައިގެ ވަރަ ފަތްތައް ވަނީ ކޮށާލާފައެވެ.
ހިޔާލްތަކުގައި އިންދާ ކުއްލިއަކަށް ރިޒްނީ ސިއްސައިގެން ދިޔައީ ކާރުގެ ބުރަކި ޖައްސާ ކާރު މަޑުކޮށްލުމުންނެވެ. ހޭވެރިކަން ވުމުން އަވަސް އަވަހަށް ރިޒްނީ ލޯފުހެލަމުން ކާރުން ފައިބަން އަވަސްވެގަތެވެ. އެންމެން ކާރުން ފައިބައިގެން ގޭގެ ދޮރުން އެތެއަށް ވަތް އިރު ރިފްއަތާ، އަނީސާ އަދި ރިޒްނީއަށް މަރުހަބާ ކިޔަން ހުރީ ގާސިމްއެވެ. ރިފްއަތުގެ އާއިލާ ފެނުމުން ގާސިމްގެ މޫނުމަތިން އިންތިހާއަށް އުފާވެރިކަން ފާޅުވަމުން ދިޔައެވެ. ” ހިނގާ އެތެރެއަށް ” ގާސިމް ބުނެލިއެވެ. ގޭތެރެއަށް ވަދެވުމާއެކު ރިޒްނީ ގޭތެރެއަށް ވަށައިގެން ބަލާލިއެވެ. ގެ ފުދޭވަރަކަށް ބޮޑެވެ. އަޑުމަޑުވެފާ ހަމަހިމޭނެވެ. ދެ ތިން މަސައްކަތު މީހުން ނޫނީ އެހެން އިތުރު ބަޔަކު ފެންނާކަށް ނެތެވެ. ސައި ނިންމާލައިގެނެއްނު ވާހަކަ ދައްކާލަން ދާނީ ” ގާސިމް ބުނެލިއެވެ. ” އެންމެ ރަނގަޅު ” ގާސިމް އެހެން ބުނެލުމުން ޖަވާބުގައި ރިފްއަތު ބުނެލިއެވެ. އެންމެން ކާމޭޒް ކައިރިއަށް ގޮސް ގޮޑިތަކުގައި އިށީނެވެ. އޭރު ވަނީ ތަފާތު ވައްތަރުގެ ހެދިކާތަކުން މޭޒު ފުރާލާފައެވެ. ވިޔާމް އިނީ ރިޒްނީއާ ދިމާލަންވާގޮތައް މޭޒުގެ އަނެއްފަރާތުގައެވެ. ސައިގެ ކަންތައް ނިންމާލާފަ ގާސިމާ، ރިފްއަތު އަދި އަނީސާ ސިޓިންރޫމާ ދިމާއަށް ހިނގައިގަތެވެ. އަނީސާ ތެދުވަމުން ރިޒްނީ ގާތުގައި އެތާގައި މަޑުކުރުމަށް ބުނުމަށްފަހު ދިޔައެވެ. އެހެންކަމުން ރިޒްނީ އިސްދަށަށް ޖަހައިގެންއިނެވެ. ގާސިމާ، ރިފްއަތާ އަދި އަނިސާ ދިޔުމުން ވިޔާމް ޖަޒުބާތުން ފުރިގެންވާ ގޮތަކަށް ބަލަން އިނުމަށްފަހު މޭޒު ދަށުން ރިޒްނީގެ ފައިގައި ފައިން ކޮއްޓާލިއެވެ. އެވަގުތު ރިޒްނީ ސިހިފައި ވިޔާމަށް ބަލާލީ ރުޅިވެރިކަމާއެކުއެވެ. ނަމަވެސް ވިޔާމްގެ މޫނުމަތިން ފާޅުވަމުން ދިޔައީ އުފާވެރިކަމެވެ. ޖެއްސުމުގެ ހިނިތުން ވުމަކުން ހީލުމަށްފަހު ރިޒްނީ ބަލާލުމުން އަވަސް އަވަހަށް ދެ ބުމަ އެއްފަހަރާ އަރުވާލިއެވެ. ވިޔާމްގެ މިހަރަކާތުން އިތުރަށް ރިޒްނީ ރުޅިގަދަވެގެން ދިޔައެވެ. ” ތިހެން ރުޅި އައިސްފައި އިންނައިރު ހާދަ ލޯތްބޭ. އަބަދުވެސް ތިހެން ހުންނައްޗޭ ” ވިޔާމް ބުނެލިއެވެ. ” ހިތަށް އަރާ މިތަނުން ތައްޓެއް އެއްލާފާނަމޭ ” ވިޔާމްގެ ވާހަކާޔާ އަމަލު ހުރި ގޮތުން މޭޒު މަތީހުރި ތަށިތަކަށް ބަލާލުމަށްފަހު ރިޒްނީ ވިޔާމަށް ބަލާލާ ހިތާހިތުން ކިޔާލިއެވެ.
ސިޓިން ރޫމުގައި ތިބި މީހުންނަށް ބަލާލުމަށްފަހު ވިޔާމްގެ އުދަގޫ ބޮޑުވެގެން ރިޒްނީ މޭޒްކައިރިން ތެދުވެގެން ގެއިން ބޭރަށް ނިކުތުމަށް ހިނގައިގަތެވެ. ތަންކޮޅަކަށް ރިޒްނީ ދިޔުމުން ފަހަތުން ވިޔާމްވެސް ގެއިން ބޭރަށް ނިކުތުމަށް ހިނގައިގަތެވެ. ” ކިހިނެއްވެގެންތަ ތިއުޅެނީ ” ވިޔާމް ބޭރަށް ނިކުތުމުން ރިޒްނީ ބުނެލިއެވެ. ” އަހަރެން އެބައުޅެންތަ ކަމެއްްވެގެން ” ޖީބަށް އަތްޖަހާލަމުން ވިޔާމް ބުނެލިއެވެ. ” އެހެން ވިއްޔާ ކޮން ޖެއްސުމެއް ތިކުރަނީ ” ރިޒްނީ ބުނެލިއެވެ. ” އަހަރެން ޖެއްސުމެއް ނުކުރަންދޯ. އެހެން ނޫނަސް އަހަރެން ޖެއްސުން ކުރިޔަސް އޯކޭނު. ތީ އަހަރެންގެ ވާން އުޅޭ ވައިފް ވިއްޔާ ” ވިޔާމް ހީލަމުން ބުނެލިއެވެ. ” ވައިފްއޭ!!! ހުވަފެނަކުން ވެސް ތި ދުވަސް ދެކެން ނުހަދާތި. ދުވަހަކު ވެސް އަހަރެން ގަބޫލެއްނުވާނަން. ކުރާކަމެއް ކުރަން ޖެހޭނީ އެންމެން މިހާރުވެސް ތިކުރާހެން މަޖުބޫރުކޮށްގެން. އެކަމަކު މަޖުބޫރުކޮށްގެން ވެސް އަހަރެންގެ ހިތް އަތުލެވޭނޭ ހީނުކުރާތި. ހާސިލް ވިއްޔާ ވާނީ އަހަރެން ހަނށިގަނޑު. އެކަމަކު ތި ދެއަތް އަހަރެންގެ ގައިގައި ޖެހޭ ދުވަހަކީ އަހަރެންގެ ފަހު ދުވަސް. އެދުވަހަކުން އެންމެން ތިބޭ ޖަލު ގޮޅި ސާފުކުރަން ” ވިޔާމަށް ފުރަސްދީގެން ހުރުމަށްފަހު އެބުރިފަ ރިޒްނީ ބުނެލިއެވެ. ރިޒްނީގެ އިންޒާރުގެ ސަބަބުން ވިޔާމްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ރިޒްނީގެ ވާހަކަ ނިމުނު ތަނާހެން ގޭތެރެއިން ގާސިމާ، ރިފްއަތާ، އަނީސާ ނިކުތެވެ. އެހެން ކަމުން ރިޒްނީ އިސްދަށަށް ޖަހާލިއެވެ. ” ދެން ގޮސްލާނަން ” ބޭރަށް ނިކުމެ ރިފްއަތު ބުނެލިއެވެ. ” އަދިވާނެ އަންނަން. ” ގާސިމް ހިނިތުން ވެލަމުން ބުނެލިއެވެ. ” ދަރިފުޅު ދާންވީނު އެމީހުން ގެއަށް ގެންގޮސްދޭން ” ގާސިމް މިހެން ބުނެލުމުން ވިޔާމް ހީލަމުން ބޮލުގެ އިޝާރާތުން އާއެކޭ ބުނުމަށްފަހު ދޮރާށި ހުޅުވާލާފަ މަގުމައްޗަށް ނިކުމެ ކާރަށް އެރިއެވެ. އަދި ރިފްއަތާ، އަނީސާއާ، ރިޒްނީ ކާރަށް އެރުމުން ވިޔާމް ކާރު ގަމަށް ދިޔުމަށް ދުއްވާލިއެވެ.
4 Comments!
Comments are closed.
Vvv nice. Ekam maalahee upload kuraalen.
Dhen kon dhuvahaku vaahaka up vaanee
Dhimaavi kamaku lasvee….
Episode 16 upload kohdheebah 🙂