ބޭނުންވަނީ އުމުރަށް 14
އަކިޔަލް އޮފީސް ނިންމާލުމަށްފަހު ކައުންސިލް އިދާރާއިން މަގުމައްޗަށް ނިކުމެ ގެއަށް ދިޔުމަށް ހިނގައިގަތް ވަގުތު މީހަކު ފަހަތުން ގޮވާލުމުން ފަސްއެނބުރި ބަލާލިއެވެ. އޭރު ފަހަތުގައި ރިފްއަތު ހުއްޓެވެ. އަކިޔަލް ބަލާލުމުން ހަރު ހިނގުމެއްގަ ރިފްއަތު ކުރިއަށް ހިނގައިގަތެވެ. ރިފްއަތު ފެނުމުން އަކިޔަލް ފާޑަކަށް ހިތްބިރު ގަންނަގޮތްވިއެވެ. ނަމަވެސް މިވެސް ދިރިއުޅުމުގެ އިމްތިހާނެއް ކަމަށް ބަލާފައި ރިފްއަތާ ކުރިމަތިލިއެވެ. ” ކިހާވަރެއް ދިނިއްޔާތަ އަހަރެންގެ ދަރިފުޅުގެ ފަހަތުން ހިނގުން ހުއްޓާލާނީ. ބުނި ވަރަކަށް ފައިސާ ދީފާނަން ” ރިފްއަތު އަކިޔަލް ކުރިމަތީ ހުއްޓި ބުނެލިއެވެ. އެވަގުތު އަކިޔަލް ހައިރާންކަމާއެކު ރިފްއަތުގެ މޫނަށް ބަލާލިއެވެ. ” އަހަރެން ރިޒްނީ ދެކެ ލޯބިވީ ތި މުއްސައްޖެއްކަން ފެނިގެނެއް ނޫން. ރިޒްނީ އަހަރެން ދެކެ ލޯބިވީ ރިޒްނީއަކީ މުއްސަދި ބައްޕަ އެއްގެ ހުރި ހަމައެކަނި ދަރިފުޅުކަން އެނގިހުރެ. އަދި އަހަރެންމީ ތިހާ މުއްސަދި މީހެއް ނޫންކަން ވެސް އެނގިހުރެ. އެކަމަކު މިއަދު ތިއައީ އަހަރެންގެ އަތުން ހުރި ހަމައެކަނި ދަރިފުޅު ގަންނަން. އެވެސް ދަރިފުޅު ގާތުގައި ހުރެ ” އަކިޔަލް ފާޑަކަށް ހީލަމުން ރިފްއަތަށް ވުރެއް ކުޑަތަންކޮޅެއް ކުރިއަށް ޖެހިލުމަށްފަހު ބުނެލިއެވެ. ” އަހަރެންނެއް ނޫން ފުރަތަމަ ފަހަތުން ހިނގީކީ. އެދުވަހުގެ ކަންތައްތައް ހުރިގޮތުން އަހަރެން ގޮސް އަމިއްލަ ދަރިފުޅު އަހަރެންގެ ފަހަތުން ހިނގަނީއޭ ބުނި ނަމަ ކިހާވަރެއް ދިންނަމަތަ ހުއްޓުވާނީ. ކޮންމެ މީހަކުވެސް ދެލާރިފޮތި އަތުގައި ޖެހޭއިރަށް ފެންވަރު އޮޅި، ހުރިހާ ކަމެއް ވާންއޮތީ ފައިސާއިންނޭ ހީކޮށްފިނަމަ އެއީ އެމީހެއްގެ މޮޔަކަން. އަހަރެންނަކީ ތިހާ މުއްސަދި މީހަކަށް ނުވިޔަސް އަހަރެންގެ އަތުގަ ވެސް ފައިސާ އެބަހުރި. އެކަމަކު ތިހިސާބުން ނޫޅެން. ކިތައްމެ ބައިވަރެއް ދިނަސް އަހަރެން ރިޒްނީގެ ފަހަތުން ހިނގުން ހުއްޓައެއް ނުލާނަން. އަދި މިގުޅުމެއް ދުނިޔޭގެ އެއްވެސް ބާރަކަށް ވަކިނުކުރެވޭނެ ” ރިފްއަތުގެ ކުރިމައްޗަށް ހުއްޓި އެހެން ބުނުމަށްފަހު އަކިޔަލް ގެއަށް ދިޔުމަށް ހިނގައިގަތެވެ. އެމަންޒަރު ބަލަން ރިފްއަތް ބަހެއްވެސް ނުބުނެ ރުޅިވެރިކަމާއެކު ހުއްޓެވެ.
އަކިޔަލް ގެއަށް ގޮސް ރިޒްނީއަށް ގުޅާފަ ހުރިހާ ވާހަކައެއް ކިޔާދިނެވެ. ” އިއްޔެވެސް ބައްފަ އައިސް ފޯން ދަމައިގަތިމަ އަހަރެން ދިޔައީ ސިއްސައިގެން. އަހަރެން ހުރީ ވަރަށް ބިރުން ބައްޕަ ފޯން ނުދީފާނެތީ. ބައްފަ ބުނި މިއަދު އެބުނާ މީހަކު ރަށަށް އަންނާނޭ. އަހަރެން މިހުންނަނީ ދެންވާނެ ގޮތެއް ނޭންގޭތީ ބިރުން ” އަކިޔަލް ގުޅުމުން ރިޒްނީ ބުނެލިއެވެ. ” އަންނަ މީހަކު އަންނަން ބަހައްޓާ. ރިޒޫ އަހަރެންދެކެ ލޯބި ވަމެއްނު. އެހެންވީމާ އަދި އެހެން އަންނަ މީހަކު އައިސްގެން ކޮންކަމަކާ ބިރުގަންނާކަށް ” އަކިޔަލް ރިޒްނީއަށް ހިތްވަރު ދިނުމަށްފަހު ފޯން ބޭއްވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ލ. ކައްދޫ އެއާޕޯޓަށް މޯލްޑިވިއަންގެ ފުލައިޓް އައިސް ޖައްސާ، ފުލައިޓް ޕާކިން އޭރިޔާގައި ޕާކް ކޮށްލުމާއެކު އަތްމަތީގައި ޖެކެޓެއް އަޅުވާލައިގެން ހުރި ޒުވާނަކު ފުލައިޓުން ފައިބާ އަތުގައި އޮތް އަވި އައިނު ލޮލުގައި އަޅާލާ އެއާޕޯޓްގެ ވަށައިގެންވާ ހިސާބުގަނޑަށް ބަލާލުމަށްފަހު އަތުގައި އޮތް ޖެކެޓް ނަގާ އޭގެ ގިރުވާނާ ހިސާބުގައި ހިފާފައި ކޮޑުމައްޗަށް އެއްލާ ހަލުވި ހިނގުމެއްގައި ޓާމިނަލްއާ ދިމާއަށް ހިނގައިގަތެވެ. ” ޑޭޑް ” ޓާމިނަލް ތެރެއަށްވަދެ ވަށައިގެން ހޯދާލަމުން އެހެން ބުނެލުމުން މެދުއުމުގެ ފިރިހެނަކު ފަސްއެނބުރި ބަލާލިއެވެ. ފެންނަ ފެނުމަށް މުސްކުޅި ގޮތެއް ހުއްޓަސް ލާފަހުރި އެއްޗިއްސައް ބަލާލުމުން ފަހުގެ މީހުންގެ ސްޓައިލް ހުރިކަމަށް ފާހަގަވެގެންދެއެވެ. ” ވިޔާމް ” ގާސިމް ފަސްއެނބުރި ބަލާލުމަށްފަހު ބުނެލިއެވެ. ވިޔާމް ގޮސް އޭނާގެ ބައްޕަ ގައިގަ ބައްދާލިއެވެ. ” ދަރިފުޅު ހާދަ ބަދަލުވެއްޖެއޭ ދޯ ” ގާސިމް ގަޔާ ވިޔާމް ދުރުކޮށްލުމަށްފަހު ވިޔާމްގެ ދެކޮޑުގައި ހިފާލަމުން ގާސިމް ބުނެލިއެވެ. ” އަބަދަކު އެއްގޮތަކަށް ވެސް ނުހުންނާނެއްނު. ޒަމާން ތަރައްގީ ވަންޏާ މީހުންނަންވެސް ބަދަލު އަންނާނޭ ޑޭޑް ” ވިޔާމް ބުނެލިއެވެ. ” ދަރިފުޅަށް ބަދަލުއަޔަސް ދަރިފުޅުގެ ވާހަކަ ދެއްކުމަކަށް ހަމަ ކުޑަނަމަވެސް ބަދަލެއް ނާދޭ. ބައްޕަ ހީކުރީ ދަރިފުޅު ބޭރުގައި ކިޔަވަން ހުރީމާ ދިވެހި ބަސް ވެސް ހަނދާން ނެތި ދިވެހި ބަހުން ވާހަކަ ވެސް ނުދައްކާނެކަމަށް ” ގާސިމް ހީލަމުން ބުނެލިއެވެ. ” ބޭރު ގައުމަކަށް ކިޔަވަން ދަނީ ދިވެހި ބަސް ހަނދާން ނައްތާލާކަށް ނޫނެއްނު. އަހަރެން ބޭރުގައުމެއްގައި ހުރެގެން ކިޔެވީ. ޑޭޑް އަހަރެން ކިޔަވަން ފޮނުވީ ދިވެހިބަސް ހަނދާން ނައްތާލަން ކަމަށް ވިޔަސް އަހަރެން އެކަން ނުކުރަން. އަހަރެން މިއައީ ވަރަށް މޮޅުކަމެއް ވެސް ކޮށްލާފަ ” ވިޔާމް ބުނެލިއެވެ. ” އަނެއްކާ ކޮންކަމެއްކޮށްގަ ތިއައީ ” ގާސިމް އަހާލިއެވެ. ” އަހަރެން މިއައީ އަހަރެން ނާއެކު ކޮލެޖްގައި އުޅުން ކުދިންނަށް ދިވެހި ބަސް ދަސްކޮށްދީފަ. ބައެއްފަހަރު އެ މީހުން ދިވެހި ބަސް ކިޔާއރު ވަރަށް މަޖާ. އެކަމަކު ވެސް ދަސްކޮށްދިނިން ” ވިޔާމް ފުރަގަހުން ގާސިމްގެ ކޮޑުގައި އަތް އަޅާ ވިޔާމާ ގާތަށް ގާސިމް ޖައްސާލާ، ކުރިއަސް ހިނގައި ގަންނަމުން ބުނެލިއެވެ. ” ކޮބާ ދަރިފުޅުގެ ފޮށި ” ޓާމިނަލުން ބޭރަށް ނިކުންނަން ދަމުން ގާސިމް އަހާލިއެވެ. ” އަދި ފުލައިޓުން ނުބާލަނީ ކަންނޭންގެ. ޑޭޑް ކޮބާ ކާރު ” ފޮށި ބަލާ ގާސިމް ހިނގައިގަތުމުން ވިޔާމް އަހާލިއެވެ. ” ކުރިމަތީގަ ފެންނަން ތިއޮތީ ” ގާސިމް އެހެން ބުނެފަ ޓާމިނަލްއަށް ވަންނަން އަނެއްކާ ވެސް ހިނގައިގަތުމުން ވިޔާމް ގޮސް ކާރަށް އެރިއެވެ. ވިޔާމް ކާރަށް އަރާ ފޯނާ ކުޅެން އިންދާ ގާސިމް ފޮށި ހިފައިގެން އައިސް ކާރަށް އަރާ ދުއްވާލިއެވެ.
” ހާދަ ނުވަގުތެއްގަ ތިގުޅާލީ ” ފޯން ނަގާ ކަންފަތުގައި ޖައްސާފައި ރިފްއަތު ބުނެލިއެވެ. ” ދެން ގުޅާކަށް މިހާރު ނުވަގުތެއް ނޯންނާނެއްނު. ދުވަސް ކޮޅަކުން ދެއާއިލާ އެއް އާއިލާއަށް ވެދާނެއްނު ” ގާސިމް ބުނެލިއެވެ. ” ކަމަކުތަ ތިގުޅާލީ ” ގާސިމް އެހެން ބުނުމުން ރިފްއަތު އަހާލިއެވެ. ” މިގުޅާލީ ވިޔާމް އައި ވާހަކަ ބުނަން ވެގެން ” ގާސިމް ބުނެލިއެވެ. ” އެހެންތަ. މިހާރު ރަށަށް އައީތަ؟ ” ގާސިމް އެހެން ބުނުމުން ރިފްއަތުގެ މޫނުގެ ކުލަވަރު އުފާވެރިކަމަށް ބަދަލުވެގެން ދިޔައެވެ. ” އެހެންވީމާ އަހަރުމެން ތިކޮޅަށް ދާންވިދޯ ” ރިފްއަތު ބުނެލިއެވެ. ” ނޫނޭ. އަހަރެމެން ދާނަން ހަވީރުން ” ގާސިމް މިހެން ބުނެ ފޯންކަޑާލިއެވެ. ގެއަށް ވަންނަން ވެގެންއައި ރިފްއަތު ގާސިމްގެ ފޯންކޯލް އައުމުން ބޭރު ފާރު ކައިރީގައި ހުރުމަށްފަހު، ގާސިމް ފޯން ކަޑާލުމުން ގެއަށް ވަނުމަށްޓަކާ ހިނގައިގަތެވެ. ” އަނީސާ ” ގެއަށް ވަނުމާއެކު ރިފްއަތު އަނީސާއަށް ގޮވަންފެށިއެވެ. ” ކިހިނެއްވީ މާ ބާރަކަށް ތިގޮވަނީ” ކޮޓަރީގައި ހުރި އަނީސާ ބޭރަށް ނިކުމެ ބުނެލިއެވެ. ” އެސޮރު ރަށަށް އަތުވެއްޖެ ” ރިފްއަތު ބުނެލިއެވެ. ” ކާކު ކޮންތާކަށް އައި ވާހަކައެއް ތިދައްކަނީ ” އަނީސާއަށް ރިފްއަތު ކިޔާ އެއްޗެއް ސާފުނުމުން ބުނެލިއެވެ. ” މިކިޔަނީ ގާސިމްގެ ވިޔާމް ރަށަށް އައި ވާހަކަ. އެމީހުން ހަވީރު ގެއަސް އަންނާނެ. ރަނގަޅު ކާއެއްޗެއް ހަދާލާތި ” ރިފްއަތު ބުނެލިއެވެ. ދެކެވުނު ވާހަކައިން އަނީސާގެ ވެސް މޫނުމަތިން އުފާވެރިކަން ހާމަވެގެން ދިޔައެވެ. ” ކޮންއެއްޗެއްތަ މެންދުރު ކާންހުރީ ” ރިފްއަތު ކާގެއާ ދިމާއަށް ހިނގައިގަންނަމުން އަހާލިއެވެ. ފަހަތުން އަނިސާ އެއްޗެއް ނުބުނެ ހިނގައިގަތެވެ.
” އަނެއް ހަކަންތަކާ މިޖެހުނީ. ގޭގައި ބަންދުވެގެން ހުއްޓާ އިތުރު އުދަގުލެއް ” ރިފްއަތާ އަނީސާ ދެއްކި ވާހަކަ އަޑުއަހަން ރިޒްނީ ކޮޓަރިތެރޭ ދޮރުކައިރީ ހުރުމަށްފަހު ގޮސް އެނދުގައި އިށީންނަމުން ކިޔަމުން ދިޔައެވެ. ރިޒްނީ އެހެން އިންދާ އަނީސާ އައިސް ރިޒްނީގެ ކޮޓަރީ ދޮރުހުޥާލާފަ ވަނެވެ. އަނީސާ ވަނުމުން ރިޒްނީ ބަލާލުމަށްފަހު މޫނު އަނެއްފަރާތަށް އަނބުރާލިއެވެ. ” މިއަދު ހަވީރު ވިޔާމް އަންނާނެ. ތައްޔާރުވެގެން ހުންނާތި ” އަނީސާ ބުނެލިއެވެ. ” ކޮން ވިޔާމެއްތަ؟ ” ރިޒްނީއަށް ކަމެއްނޭންގޭ ކަމަށް ހަދާފަ ސުވާލުކޮށްލީ އަނީސާޔާ ދިމާއަށް ބަލާވެސް ނުލާ އިދެއެވެ. ” އެއީ ރިޒްނީގެ ކައިވެނީ ކުރަންއުޅޭ މީހާ ” އަނީސާ އެހެން ބުނުމަށްފަހު ކޮޓަރިން ނިކުމެގެން ދިޔައެވެ.
” ޑޭޑް ބުނީމެއްނު ކޮންމެވެސް ވާހަކައެއް ދައްކަންވެފަ އޮތް ވާހަކަ. އެއީ ކޮންވާހަކައެއްތަ؟ ” މެންދުރުގެ ކެއުމަށް އިންސާފު ކުރަމުން ގާސިމްކުރެން ވިޔާމް އަހާލިއެވެ. ” އެއި ވަރަށް ބޮޑު ވާހަކައެއް. ހިތަށް މިއަރަނީ ދަރިފުޅަށް މިކަން ވާނެ ބާއޭ. ނޫނީ ދަރިފުޅު މިކަން ކުރަން އެއްބަސް ވާނެ ބާއޭ ” ގާސިމް ބުނެލިއެވެ. ” ތިވާހަކައެއް އެނގުނީމާދޯ ވާނެކަމެއްވެސް އަދި ނުވާނެ ކަމެއްވެސް އެނގޭނީ. އެހެން ނޫނަސް އަހަރެން ޑޭޑް ނުބުނާ ގޮތެއް ނުހަދާނަން. މޯމް އަކާ ނުލާ އަހަރެންނަށް މިހާ ހިސާބަށް އާދެވުނީ ޑޭޑްގެ ބުރަ މަސައްކަތުން. އެހެންވީމާ އަހަރެން ޑޭޑްގެ އުންމީދުތައް ފުރިހަމަ ކޮށްދޭންޖެހޭނެއްނު. އެހެންވީމާ ތިވާހަކައެއް ބުނެބަލަ ” ވިޔާމް ބުނެލިއެވެ.
” ދަރިފުޅު މިހާރު ތިހުރީ މީހަކާ އިންނަވަރުވެފަ. އެހެންވީމާ އަވަހަށް މީހަކާ އިންނަންވީ. އެއީ އެވާހަކަޔަކީ ” ގާސިމް ބުނެލިއެވެ. ” ޑޭޑް!! ” ވީޔާމް ރާގު ލާފަ ބާރަށް ބުނެލިއެވެ. ” ކިހިނެއްވީ. އަނެއްކާ ގޯސް ވާހަކައެއްތަ މިބުނެވުނީ ” ގާސިމް ބުނެލިއެވެ. ” އަދި އަހަރެން މެރީ ކުރާކަށް ބޭނުމެއްނޫން. އަދި ކިރިޔާ އަހަރެންގެ ކިޔެވުންވެސް ނިމިގެން މިއައީ. އަދި މިއުޅެނީ ޖޮބް ވެސް ހަމަނުޖެހިގެން. އަހަރެން ތިހުރިހާ ކަމެއްކުރަން ކޮންތާކުން ފައިސާ ހޯދަނީ ” ވިޔާމް ބުނެލިއެވެ. ” ދަރިފުޅު އަދި ވަޒީފާޔަކަށް ނުދިޔަސް އުޅެވޭވަރު ޑޭޑް މިހުރީ ކޮށްދީފަ. މިއަދު ޑޭޑްގެ ނެތް ދަރިފުޅު ނޫން މީހަކު. އެހެންވީމާ މިހުރިހާ އެއްޗެއް ވެސް މީ ހަމަ ދަރިފުޅުގެ އެއްޗެހި ” ގާސިމް ކާމޭޒް ކައިރީން ތެދުވެގެން އަތްދޮންނަ ތަށިކައިރިއަށް ގޮސް ހުރެގެން ވާހަކަ ދެއްކިއެވެ. ” ޑޭޑް ތިހެން ބުނާތީ ހީވަނީ މާކުރިންވެސް ޑޭޑް ތިކަމާ ވިސްނާފަ އޮތްހެން ” ވިޔާމް ބުނެލިއެވެ. ” އާނ… މީ ޑޭޑް ކުރިންވެސް ވިސްނާފަ އޮތްކަމެއް. ޑޭޑް ބޭނުންވަނީ ދަރިފުޅު މިހުރިހާ އެއްޗަކާ ހަވާލުވުން. އަދި ވިޔަފާރިޔާ ވެސް. މިހާރު ޑޭޑް މިހުރީ މުސްކުޅިވެފަ. މާދަން ނޫންކަމެއްނޭންގެ ލޯމަރާލަން ޖެހޭނީ. އެހެންވީމާ މީ މިއަދު ޑޭޑްގެ އެންމެ ފަހުގެ މަސައްކަތް. އަދި ދަރިފުޅަށް ރަނގަޅު ދިރިއުޅުމެއް ހޯދަދިނުން. އެހެންވީމާ ދަރިފުޅު ވާނެ ކައިވެނިކުރަން ” ގާސިމް ބުނެލިއެވެ.
” އަހަރެންގެ ކައިވެނި ކާކާ ކުރުވަން ޑޭޑް ތިއުޅެނީ ” ވިޔާމް ސުވާލުކޮށްލިއެވެ. ” ޑޭޑްގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ހުރި ހަމައެކަނި ދަރިފުޅާ. ޑޭޑް މިހާރު ބުނެފަ ވާނީ މިއަދު ހަވީރު އެގެއަށް ދާނެ ވާހަކަ. އެހެންވީމާ ދަރިފުޅު ވާނެ އެގެއަށް ގޮސްލަން. ޑޭޑް ދަރިފުޅަކަށް މަޖުބޫރެއް ނުކުރާނަން. ޑޭޑް އަދި މި ކައިވެނި މިހެން ހަމަ ޖެއްސިޔަސް ދަރިފުޅު ގަބޫލް ނޫނިއްޔާ ވެސް ގަދަކަމުން ކައިވެނި ކުރާކަށް ނުބުނާނަން ” ގާސިމް ބުނެލިއެވެ. އޭރު ގާސިމްގެ އަޑުގައި ކޮންމެވެސް ވަރަކަށް ހިތާމަ ހުރިކަން ވިޔާމްއަށް ފާހަގަވިއެވެ. ” އެންމެ ރަނގަޅު ޑޭޑް. އަހަރެން ޑޭޑާއެކު ދާނަން އެގެއަށް. އެކަމަކު އަހަރެންނަށް ކަމުދާ ކުއްޖެއް ކަމަށް ވަންޏާ…. ” ގާސިމްގެ ފުރަގަހުގައި ހުރެފަ މިހެން ބުނުމަށްފަހު ވިޔާމް ކޮޓަރިއަށް ދިޔުމަށް ހިނގައިގަތެވެ.
” ކިހިނެއްވެފަ ތިއޮތީ ” ސާހިދުއައިސް އަކިޔަލް އޮށޯވެގެން އޮތުމުން އަހާލިއެވެ. ” ކަމެއްނުވޭ ހަމަ އޮތީ ” އަކިޔަލް ބުނެލިއެވެ. ” މިހާރު ކަންތައްތައް ކިހިނެއްވަނީ ” ސާހިދު ސުވާލުކޮށްލިއެވެ. ” ދެންކަންތައް ވާނީ ކިހިނެއްތަ؟. ދެންމެ ރިޒޫ ގުޅި. މިއަދު އެބުނާ ފަހުލަވާނެއް އެގެއަށް އާދެޔޯ ” ނުރުހޭ ރާގަކަށް އަކިޔަލް ބުނެލިއެވެ. އަކިޔަލް ވިޔާމްއަށް ކީނަމުން ސާހިދު ގާތަށް ހިނިއައެވެ. ” އަކޫއަށް ކިހިނެއް އެނގެނީ އެއީ ފަހުލަވާނެއްކަމެއް ” ސާހިދު އަހާލިއެވެ. ” ހެޔޮ ކޮންމެ މީހަކަށްވިޔަސް ” އަކިޔަލް ހިތްހަމަ ނުޖެހޭ ފާޑަކަށް ބުނެލިއެވެ. ” މިހާރު އެބޭފުޅާ އައީތަ ރަށަށް ވެސް. ހިނގާބަލަ އެބުނާ މީހަކު ދުރުވެސް ބަލާލަން ދާން ” ސާހިދު ބުނެލިއެވެ. ” މޮޔަ ވީތަ؟. ސާހިދު ދާން ބޭނުމިއްޔާދޭ. އަހަރެން ނުދާނަން ” އަކިޔަލް ބުނެލިއެވެ. ” ރިޒޫ ނުބުނޭތަ އޭނާއަށް ކިޔާނަމެއް ” ސާހިދު އަހާލިއެވެ. ” ވިޔާމެކޯ ކިޔަނީ ” އަކިޔަލް ބުނެލިއެވެ. ” ވިޔާމްއޭ ” އަކިޔަލް އެހެން ބުނި ވަގުތަކީ ޒޭނާ އަކިޔަލް ކޮޓަރީގެ ދޮރުހުޅުވާލި ވަގުތުކަމުން ވިޔާމްއޭ ބުނި އަޑު ރަނގަޅަށް ޒޭނާ އަށް އަޑުވުމުން ވިޔާމް ގެ ނަން ޒޭނާ ތަކުރާރުކޮށްލިއެވެ. ” ވިޔާމް ކިހިނެއް ވީތަ ” ކޮޓަރި ތެރެއަށް ވަންނަމުން ޒޭނާ ސުވާލިކޮށްލިއެވެ. ” އޭނައަށް ކަމެއްވެގެން ނޫޅެން. އެކަމަކު އެއީ ރިޒްނީގެ ކައިވެނި ކުރުވަން އުޅޭ ވިޔާމަކީ. އެހެންވެ އޭނާގެ ވާހަކަ މިދައްކަނީ ” ސާހިދު ބުނެލިއެވެ. ” އަނެއްކާ ތިކިޔަނީ ކޮންރަށެއްގެ މީހެއްގެ ވާހަކައެއްތަ؟ މިހިސާބުގަނޑުގެތަ؟ ” ޒޭނާ އެދުގައި އިށީންނަމުން ބުނެލިއެވެ. ” އަކޫ ބުނީ ރިޒޫ ބުންޏޯ އެއީ ފޮނަދޫ މީހެކޭ ” ސާހިދު ބުނެލިއެވެ. އެވަގުތު ޒޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ” ގާސިމްބެގެ ވިޔާމްތަ؟ ” ޒޭނާ އަހާލިއެވެ. ” ނޭންގެ ކާކުގެ ދަރިއެއްކަމެއް. ރިޒޫ ވެސް ބުނީ ހަމައެކަނި ވިޔާމްގެ ނަން. މިއަދުގެ ހަވީރު އެމީހުން އެބަ އާދެޔޯ އެގެއަށް. އަހަރެން މިކިޔަނީ އަކޫ ގާތުގަ އެމީހަކީ ކާކުތޯ ބަލާލަން ހިނގާށޭ ” ސާހިދު ޒޭނާ ގާތުގައި ބުނެލިއެވެ. ” އަކޫ ބާއްވާ. ހިނގާ އަހަރުން ދެމީހުންދާން. އެއީ ފޮނަދޫގެ ވެސް ގާސިމްގެ ވިޔާމް ކަމަށްވަންޏާ ދެން ފޯރި ހުންނާނީ ” ޒޭނާ ބުނެލިއެވެ. ” ކީއްވެ ތިހެން ތިބުނީ ” އަކިޔަލް އަހާލިއެވެ. ” ފޮނަދޫގައި އަހަރެންނަށް އެނގިގެން އުޅެނީ ވިޔާމް ކިޔާ ތިން މީހުން. އޭގެތެރެއިން އެއްކުއްޖަކީ އަދި ކުޑަ ކުއްޖެއް. އަނެއް ދެމީހުންނަކީ މިހާރު ބޮޑެތި މީހުން. އެދެމީހުންވެސްވީ ބޭރަށް ކިޔަވަން ގޮސް. އޭގެން އެކަކު ކިޔަވަން ދިޔައީ އިންޖީނިއަރިން. ގާސިމްބެގެ ވިޔާމް ކިޔަވަން ދިޔައީ ޑޮކްޓަރުކަން. ތިބުނީތާ ވިޔާމް ރަށަށް އައިސްފިޔޭ. އޭގެތެރެއިން ކޮން ވިޔާމެއް ކަމެއް ނޭންގޭނު. އެހެންވީމާ އައީ ކާކުތޯ ބަލަންވީ. ގާސިމްގެ ވިޔާމް ކަމަށް ވިއްޔާ ރިޒްނީގެ ލައިފް ހަމަ ހަލާކުވާނީ. މިބުނީ އޭނަޔަކީ ވަރަށް ބިޓިން މީހެކޭ. ދުވާލަކު މީހަކުން ވެސް ނުފުދޭނެ. އެހެންވެ މިބުނީ ފޯރި ހުންނާނޭ ” ޒޭނާ ކިޔާދިނެވެ. ” ރިޒޫ ބުނިތަ ވަކި ގަޑިއަކުން އެމީހުން އަންނަވާހަކަ ” ސާހިދު އަކިޔަލް ކުރެން އަހާލިއެވެ. ” ނުބުނޭ. ބުނީ ހަވީރު އަންނަ ވާހަކަ ” އަކިޔަލް ބުނެލިއެވެ. ” ވަގުތު ވަރަށް ކުޑަތަންވެއްޖެ. އަކޫ ވެސް ދަންޏާ ހިނގާ ” ޒޭނާޔާ ސާހިދު ތެދުވެގެން ދަމުން ސާހިދު އަކިޔަލް ގާތުގައި ބުނެލިއެވެ. ” ތިމީހުން ގޮސްބަލާފަ އާދޭ. އަހަރެންގެ ނެތް އެތަން ބާލާނެ ހިތްވަރެއް ” އަކިޔަލް މިހެން ބުނުމުން ޒޭނާޔާ ސާހިދު ކޮޓަރިން ނިކުމެގެން ދިޔައެވެ.
ސާހިދާއި ޒޭނާ ގޮސް މަޑުކޮށްލީ އަކިޔަލާ ރިޒްނީއާ ބައްދަލުކުރުމަށް ގޮސް ހުންނައިރު، ރިޒްނީގެ އިންތިޒާރުގައި އަކިޔަލް ހުންނަ ހިސާބުން ތަންކޮޅެއް ދުރުގައެވެ. ވަގުތަކީ ހަވީރުގެ ވަގުތުކަމުން އެހިސާބުގައި މީހުން ކޮންމެވެސް ވަރަކަށް ހޭލަމޭލަވެއެވެ. އެމީހުން އެހިސާބުގައި އިންތިޒާރުގައި ތިއްބާ ހަވީރު ހަތަރެއް ވެސް ޖަހައިފިއެވެ. ނަމަވެސް އެބުނާ ބައެއްގެ އެޝާރާތެއް ނުވިއެވެ.” ކޮބާތަ އެމީހުން. މިހާރު ހަތަރެއްވެސް ޖަހައިފި” ލަސްވެގެން ޒޭނާ ބުނެލިއެވެ. ” އެމީހުން އަންނަ ގަޑިއެއްވެސް ނޭންގޭނު. އެހެންވިމާ އަދި މަޑުކޮށްލާބަލަ. ހަވީރު އަންނަން އުޅޭ ބައެއްވިއްޔާ މިހާރު އަންނަން އުޅޭނެ ” ސާހިދު ބުނެލިއެވެ. ލަސްވެގެން ޒޭނާ ދެކޮޅަށް ހިނގަންވެސް ފެށިއެވެ. ” ޒޭނާ މިދިމާއަށް އެބަ އާދޭ ކާރެއް ” ޒޭނާ ހިނގަ ހިނގާ ހުއްޓާ ސާހިދު އެހެން ބުނެލުމުން ޒޭނާ ބަލާލިއެވެެ. ” އެއީ އެމީހުން. އެއީ ގާސިމްބެގެ ކާރު ” ޒޭނާ އެހެން ބުނުމުން ސާހިދު ހީވީ ކަރަންޓްގައި ޖެހުނު ހެންނެވެ. އެތާ އޮތް ގަސްބުޑެއްގެ މަތިގައި އިށީދެގެން އިނުމަށްފަހު ފުއްމައިގެން ތެދުވިއެވެ. ” އެއީ ހަމަ އެމީހުންތަ؟ ” ސާހިދު އަހާލިއެވެ. ” އާއެކޭ ސާހިދޫ. އެއީ އެމީހުން. އެއީ ގާސިމްބެގެ ކާރު ” ޒޭނާ ބަލަން ހުރެގެން ބުނެލިއެވެ. ” އެއްކަހަލަ ކާރު ހުރެދާނެއްނު ” ސާހިދަށް ގަބޫލް ނުކުރެވިގެން އަނެއްކާވެސް ޒޭނާޔާ ސުވާލުކޮށްލިއެވެ. ” އެއްކަހަލަ ކާރު ހުއްޓަސް އެއީ ގާސިމްބެގެ ކާރު. ބަލަން ހުރޭ އޭގެން ފައިބާ މީހުން ބަލަން. އޭރުން ވެސް ޔަގީން ވާނެއްނެއްނު ” ޒޭނާ ބުނެލިއެވެ. ދެމީހުން ބަލަންތިބެ ވާހަކަ ދައްކަމުން ދަނިކޮށް ކާރުއައިސް މަގުގެ އެއްފަރާތުގައި މަޑުކޮށްލިއެވެ. އަދި ކާރުން ގާސިމް ފޭބި ފަހުން ވިޔާމް ފޭބިއެވެ. ” އަހަރެން ބުނީމެއްނު އެއީ އެމީހުންނޭ ” ވިޔާމް ކާރުން ފޭބުމުން ޒޭނާ ބުނެލިއެވެ. ” އެއީތަ ވިޔާމަކީ. ރިޒްނީގެ ހެޓިލަރު ބައްޕަ ބުނިހެން ފެންނަ ފެނުމަށް ލައްކަ މުއްސަދިކަން އެބަފެނޭ ” ސާހިދު މަލާމާތުގެ ރާގަކަށް ބުނެލިއެވެ. ” އެއީ ވިޔާމަކީ. ގާސިމްބެގެ ހުރި ހަމައެކަނި ދަރިއަކީ އެއީ. އެހެންވެ އެހާ ހިތްމޮޅުވެގެން އުޅެނީ. ބުނަން ސާހިދު ވާހަކައެއް. ކޮންމެ ގޮތެއް ހަދާފަނަމަ ވެސް އެކައިވެނި ވިޔަދީގެން ނުވާނެ ” ގާސިމާ ވިޔާމް ރިފްއަތުގެ ގެއަށް ވަނުމުން، އެތަނުން ހިނގައި ގަންނަމުން ޒޭނާ ބުނެލިއެވެ. ” ކިހިނެއްތަ އެކައިވެނި ހުއްޓުވަން ހަދާނީ ” ސާހިދު ބުނެލިއެވެ. ” ތިކަމާ ވިސްނަން ޖެހޭނީ. އެކަމަކު ކުރާ ކަމެއް ކުރަންވާނީ ވަރަށ ްވިސްނާފަ. އެހެންނޫނީ ހުރިހާ ގޮތަކުން ވެސް ގެއްލުން ވެދާނެ ” ޒޭނާ ބުނެލިއެވެ.
ގާސިމް ފެނުމުން ރިފްއަތު ސަލާމް ކޮށްލުމަށްފަހު ކައިރީގައި ހުރި ވިޔާމަށް ބަލާލިއެވެ. އަދި ސަލާމް ކޮށްލުމަށް ވިޔާމަށް އަތްދިއްކޮށްލުމުން ވިޔާމް ހިނިތުން ވެލަމުން ސަލާމް ކޮށްލުމަށް އަތްދިއްކޮށްލިއެވެ. ރިފްއަތާ ސަލާމްކޮށްލުމަށްފަހު ގޯތި ތެރެއަށް ވަށައިގެން ވިޔާމް ބަލާލިއެވެ. ހިސާބަކަށް ގޯތިތެރޭގައި ގަސް އިންދާފަހުރުމުން މަންޒަރު ސިފަވެގެން ދަނީ ކުޑަވަރެއްގެ ބަގީޗާއެއް ގޮތަށެވެ. ގޭދޮރުމައްޗަށް ވާގޮތަށް އޮތް ހުސްތަނުގައި ވަނީ ވިނަ ހައްދާފައެވެ.” އާދޭ އިށީންނަން ” ގޭގޮރުމައްޗަށް ވާ ގޮތަށް އެއްފަރާތުގައި ހުރި ގޮޑިއަށް އިޝާރާތްކޮށް ރިފްއަތު ބުނެލުމުން ގާސިމް އައިސް އިށީނެވެ. ފަހަތުން ވިޔާމް ވެސް އިށީނެވެ. ” ކޮންމެވެސް އެއްޗެއް ބޯލަން ވާނެއްނު ” ރިފްއަތު ގާސިމްއަށް މުހާތަބްކޮށް ބުނެލުމަށް ފަހު ގޭދޮރުމަތީހުރި އަނީސާއަށް ލޮލުން އިޝާރާތެއް ކޮށްލިއެވެ. އެވަގުތު އަނީސާ ގޭތެއަށް ވަދެގެން ދިޔައީ އާއެކޭ ބުނާފަދަ ގޮތަކަށް ބޯޖަހާލުމަށްފަހުއެވެ.
” އެމީހުން އެބަތިބި ބޭރުގަ. ސައި ހިފައިގެން ދާން އުޅޭ. ހަނދާންކުރާތި އެމީހުންނަށް ތި ފުސްމޫނު ނުދައްކާތި ” ރުޅިވެރި ރާގެއްގައި އަނީސާ ބުނެލިއެވެ. އަނީސާ އެހެން ބުނުމުން ވެސް ރިޒްނީ ނުދާންވެގެން ހުއްޓެވެ. ” ކިހިނެއްވެފަތަ ތިހުންނަނީ. އަވަސްކޮށްބަލަ ” ރިޒްނީގެ ބުރަކަށީގައި އަޅާ ކާމޭޒާ ދިމާއަށް އަނީސާ ރިޒްނީ ކޮށްޕާލުމުން ކާމޭޒްމަތީ ހުރި ތަބައް ހިފައިގެން ކާގެއިން ނިކުންނަން ހިނގައިގަތި ލޮލުން ވެއްޓެއް ތައްޔާރުވަމުން ދިޔަ ކަރުނަތިކިތައް އަތުން ފޮހެލަމުންނެވެ. ހިތާމަޔާ ހިތްދަތި ހާލުގައެވެ. އަމިއްލަ މައިންބަފައިން ކުރަމުން ދިޔަ މަޖުބޫރީއަށް ކެއްކުރަމުންނެވެ.
” ކިހިނެއްވީ ” ސާހިދާއި ޒޭނާ އައިސް އަކިޔަލްގެ ކޮޓަރިއަށް ވަނުމުން އަކިޔަލް ސުވާލުކޮށްލިއެވެ. ” ކިހިނެއް ނުވަނީ. ހަމަ ޒޭނާ ބުނިގޮތަށް ” ސާހިދު ބުނެލިއެވެ. ސާހިދު އެހެން ބުނުމުން އަކިޔަލް ތެދުވެ އެނދުގައި އިށީދެލިއެވެ. ” ދެން ކިހިނެއް ހަދަން ތިއުޅެނީ ” އަކިޔަލް އަހާލިއެވެ. ” އަދި ކަމެއްކުރާކަށް ނޫޅެން. ފުރަތަމަ ކުރަންވީ ކަމަކީ ރިޒްނީ ގާތުގައި ބުނަންވީ އެއީ ކާކުކަން. އަދި ސަމާލުވެގެން ހުންނަން. އޭގެ ފަހުން އެހެން ކަމަކާ ވިސްނާނީ ” ޒޭނާ ބުނެލިއެވެ. ” ހަލޯ ” ފޯން ރިންގް ވާންފެށުމުން ފޯން ނަގާ ކަންފަތުގައި ޖައްސާލުމަށްފަހު ބުނެލިއެވެ. ” ކޮންތާކުތަ؟ ” ހަމްދާން އަހާލިއެވެ. ” އަކޫމެންގޭގަ މީދީ. ކިހިނެއްވީ ” ޒޭނާ ބުނެލިއެވެ. ” މިއަދު ހަބަރެއްވެސް ނުވާތީ ގެއަށް ދިޔައިރު ގެގަ ނެތިމާ ގުޅާލީ. ކޮންއިރަކުން އަންނަނީ ” ހަމްދާން އަހާލިއެވެ. ” އިރުކޮޅަކުން މިއުޅެނީދާން ވެގެން. ގޮސްފަ ގުޅާނަން ” މިހެންބުނެ ޒޭނާ ފޯން ކަޑާލިއެވެ. ” އެހެންވީމާ ދެންވާންވީ ގޮތަކާމެދު ފަހުން ވިސްނާނީ. ފުރަތަމަ ރިޒްނީއަށް ވިޔާމްގެ ހަގީގަތް ކިޔައިދޭންވީ. އެކަން އެންމެ ރަނގަޅަށް ކުރެވޭނީ އަކޫއަށް. މިވަގުތު އަހަރެން ގޮސްލާނަން ” ވާންވީ ހުރިހާ ގޮތެއް ބުނުމަށްފަހު ގެއަށް ދިޔުމަށް އަކިޔަލްގެ ކޮޓަރިން ޒޭނާ ނިކުތެވެ.
” ދެން ތިކަމާ އަޅާނުލާ ސާހިދު. އަހަރެންގެ ނަސީބުގަ ލިބެން ނެތް ލޯތްބެއް ކިތައްމެ ވަރަކަށް ހޯދަން އުޅުނަސް ނުލިބޭނެ. އެންމެ ރަނގަޅު ގޮތަކީ ރިޒްނީއަށް ވެސް އޭނާ ގެ މައިން ބަފައިން ބުނާގޮތް ހެދުމަށް ނަސޭހަތްދީ، އެމީހުން ބޭނުންވާ ގޮތަށް އެކައިވެނި ކުރުވުން ” ޒޭނާ ދިޔުމުން އަނެއްކާވެސް އެނދުގައި އޮށޯވެލަމުން އަކިޔަލް ބުނެލިއެވެ.” ކީއްވެގެންތިހެން ތިބުނީ ” ސާހިދު ހައިރާންކަމާއެކު ސުވާލުކޮށްލިއެވެ. ” ދެން އެހެންގޮތެއް ނެތެއްނު. އަހަރެން ކިތައްމެ ވަރަކަށް މަސައްކަތް ކުރިޔަސް އެކަން އެހެން ނޫންގޮތަކަށް ނުވާނެ ” އަކިޔަލް ބުނެލިއެވެ. ” އަކޫ ތިހެން ބުނާއިރު ރިޒްނީއަށް ތިކަން ކުރަން ފަސޭހަވާނެ ކަމަށްތަ ތި ހީކުރަނީ. ތިހެން އަކޫ ވިސްނިކަން ރިޒްނީއަށް އެނގުނަސް އޭނާގެ ހިތް މިހާރަށް ވުރެއްބޮޑަށް ކުދިކުދި ވާނެ. އެވަރު އަކޫއަށް ވިސްނާނުލެވެނީތަ؟ ” ސާހިދު އަކިޔަލްގެ ވާހަކަތައް އަޑުއަހާ އެ ހިތާމައިގައި ބައިވެރިވާހާލު ވާހަކަ ދައްކަމުން ދިޔައެވެ. ” ތިހުރިހާ ކަމެއްވެސް އަހަރެންނަށް އިހުސާސްވޭ. އެކަމަކު އަހަރެން ވަކި ކީއްކުރާނީ. މިއަދު އަހަރެންނަށް ރިޒްނީއާ ދިމާވެސް ނުވޭ. ފޯނުންވެސް ވާހަކަ ދައްކަން ޖެހެނީ ބިރުވެރި ކަމެއްގަ ހުރެގެން. މިހެން ދުވަސްތައް ވޭތުކޮށްގެން އަހަރެންނަށް ލިބެނީ ކޮންފައިދާއެއް ” އަކިޔަލްގެ ލޮލަށް ކަރުނަ ޖަމާވެގެން ދިޔައެވެ. ” ހުރެގެން ފައިދާއެއްވެސް ވާނީ ކަމެއް ހިތްވަރާއެކު ކާމިޔާބު ކުރަން އުޅެގެންދޯ ” ސާހިދު ބުނެލިއެވެ. ” މިހާރު އަހަރެންގެ އެއްވެސް ހިތްވަރެއްނެތް. ދިރިއުޅުމަށް އެއްވެސް އުންމީދެއް ނެތް. ދިރިހުރިފަދަ ހަމަ ” ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން އަކިޔަލް ބުނެލިއެވެ. ” ތިހެން ބުނާކަށް ނުވާނެ އަކޫ. އަދި ފަހުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ” ސާހިދު ބުނެލިއެވެ. ” ތިހުރިހާ ހިޔާލްތަކަކާ ދުރުވެލާ ހަމަޖެހިލާބަލަ. އަހަރެމެން އަދި އެބަ ތިބީމެއްނު. އިރާދުކުރެއްވިޔާ ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ. އަހަރެންވެސް ގެއަށް ގޮސްލާނަން. ދީނާ މިހާރު އެއްފަހަރު ގުޅައިފި ” ސާހިދު މިހެން ބުނުމުން އަކިޔަލް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމުން ސާހިދު ކޮޓަރިން ނިކުތެވެ.
ރިޒްނީ ތަށިތައްލާފަ ހުރި ތަބައް ހިފައިގެން މަޑު ހިނގުމެއްގައި ގެއިން ނިކުމެެގެން އައިސް ގާސިމް މެންގެ ކުރިމަތީ ހުރި ކުޑަ މޭޒް މަތީ ތަބައް ބެހެއްޓިއެވެ. ރިޒްނީ ފެނުނީއްސުރެއް ފެށިގެން ވިޔާމް އެހެން ދިމާއަކަށް ބަލާނުލާކަން ރިޒްނިއަސް ފާހަގަވީ ތަބައް މޭޒުމަތި ބަހައްޓާފަ ވިޔާމާ ދިމާއަށް ބަލާލެވުމުންނެވެ. ދެބުމަ ގޮއްޖަހާ ރުޅިވެރި ގޮތަކަށް ރިޒްނީ ވިޔާމަށް ބަލާުމަށްފަހު އެތަނުން ދިޔުމަށް ތެދުވެ ގެއާ ދިމާއަށް އެނބުރިލިއެވެ. އެވަގުތު ގޭދޮރުމަތީގައި ހުރި އަނީސާ ލޮލުގެ އިސާރާތުން ތަށިތަކަށް ސައި އަޅަން ބުނެލިއެވެ. ހަމަ އެނަޒަރުން ރިޒްނީ އަނީސާއަށް ބަލާލުމަށްފަހު އެނބުރި ތަށިތަކަށް ސައި އަޅަން އެނބުރިލިއެވެ. އޭރުވެސް ވިޔާމް އިނީ ރިޒްނީއަށް ބަލާށެވެ. އޭރު ރިފްއަތާ ގަސިމް ވިޔަފާރިޔާ ބެހޭ ކޮންމެވެސް ވާހަކައެއް ދައްކަމުން ދިޔައެވެ. ރިޒްނީ ތަށިތަކަސް ސައި އަޅާ ނިމެނިކޮށް އަނީސާ ހެދިކާ އަޅާފަހުރި ތަށި ގެނެސް މޭޒްމަތިގައި ބެހެއްޓުމުން ރިޒްނީ ގޮސް ގެތެރެއަށް ވަނެވެ. ރިޒްނީ ދިޔަ މަންޒަރު ބަލަން ވިޔާމް އިނުމުން ގާސިމް ވިޔާމްގެ ފައިގައި އަތް އަޅާލުމުން ވިޔާމް ސިހިފައި ލަދުރަކީ ގޮތަކަށް ހީލުމަށްފަހު އިސްދަށަށް ޖަހާލިއެވެ. ” ކޮންދުވަހަކުން ދެން މިކަން ނިންމާނީ ” ގާސިމް ރިފްއަތު ކުރެން އަހާލިއެވެ. ” ދެން ލަސްކުރާނެ ކަމެއް ނެތެއްނު. ހީވަނީ ވިޔާމަށް ވެސް މިކަން ކަމުދާހެން ” އަނީސާގެ މޫނަށް ރިފްއަތު ބަލާލުމަށްފަހު ގާސިމަށް ޖަވާބު ދިނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.


After a long time?
kuda koh busy v maa lasvee
Sh AmMu
Kobaa ta mi storyyyyy ale keeve up nuvanee buneladeeba pls pls
adhives hama ehaa bsy ee tha ….. pls vaahaka up kohdheeba