ހިތަކުން ހަމަ ނުފިލާނޭ – 4
” ރާނިޔާ. ހަމަ މިހާރު ހުއްޓާލާ ” ޒުހުދާ ކުރިއަށްޖެހި ރާނިޔާގެ މޫނުމަތީ އަތުގަ ހުރި ބާރަކަށް ޖެހިއެވެ. ވީތަދުން ރާނިޔާއަށް ކަންފަތްމަތީ އަތްއަޅާލެވުނެވެ.
” ކީކޭ ކިޔާނަމޭ ހިތާތަ ތިއުޅެނީ. މީ ހަމައެކަނި ރާނިޔާގެ ވެސް ގެއެއްނޫނޭ. ނާއިފް އާ ދިމާލަށް ތިފާޑަށް ވާހަކަ ދައްކަން ލަދެއްނުގަނޭތަ ރާނިޔާ. އެއީ ރާނިޔާގެ ކޮއްކޮއޭ ” ޒުހުދާ ވާހަކަ ދެއްކީ ރުޅިއައިސްފަ ހުރެއެވެ.
” ކޮއްކޮވިއްޔާ ހުންނާނީ ކޮއްކޮގެ މަގާމުގަ. ކޮއްކޮގެ މަގާމުގަ ނުހުރެވޭ….. “
” ހުއްޓާލާ. ހަމަ މިހާރު ހުއްޓާލާ ” ރާނިޔާގެ ޖުމްލަ ފުރިހަމަ ވިޔަނުދީ ޒުހުދާ އެކަން ހުއްޓުވިއެވެ. އަތުގަ ހުރި ބާރަކަށް ދޮރުގަ ޖެހުމަށްފަހު ރާނިޔާ ނުކުމެގެންގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ނާއިފް އާ ދިމާލަށް ކައިޝް ބަލާލުމަށްފަހު ވާހަކަ ދެއްކުމަށް ކައިޝް އަނގަހުޅުވާލިއެވެ. އެކަމަކު ބޮލުގެ އިޝާރާތުން ނާއިފް ނޫނެކޭ ބުނިތަން ޒުހުދާއަށް ފެނުނެވެ. އެހެންވިޔަސް އެއީ ނުފެންނަ މަންޒަރަކަށް ހެދުމަށްފަހު ނީނާ ގޮވައިގެން ޒުހުދާ ކައިޝްގެ ކޮޓަރިން ނުކުތެވެ. އެންމެން ދިއުމާއެކު ކައިޝް އަކަށް ކެތެއް ނުކުރެވުނެވެ. ހިފެހެއްޓުމެއްނެތި ލޮލުން ކަރުނަ އަންނަން ފެށިއެވެ. އަނެއްކާވެސް ރާނިޔާގެ ސަބަބުން ކައިޝްގެ ހިތުގަ ފޮރުވި ފަސްއެޅެމުން ދިޔަ ފާރުގަނޑު ތާޒާވި ކަހަލަ އެވެ.
” ކައިޝް. ކައިޝް ” ނީނާ ކައިޝްގެ ކޮނޑުގަ ހިފާ ތަޅުވައިގަތުމުން ކައިޝްގެ ހިޔާލުތައް ދަތުރުކުރަމުން ދިޔަ ވާ ކެނޑުނެވެ.
” ކައިޝް. ދެން ނުވިސްނާ އެކަމާ އެހާބޮޑައް. އަވަހަށް ނިދޭތޯ ބަލާ އިނގޭ ” ނީނާ ނުކުމެގެން ދިޔަ ތަން ބަލަން ކައިޝް އަށް އިނދެވުނީ އެވެ. އެވަގުތު ކައިޝްގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. ކައިޝް ފޯނެއް ނުނަގައެވެ.
ދެން އައީ މެސެޖެކެވެ.
” ހީނުކުރައްޗޭ އަހަންނާ ދުރައްދެވިދާނެއޭ. މިހާރު ތިވާހަކަ ދައްކާ މީހާއާ އެއްވެސް ގުޅުމެއް ބާއްވައިފިއްޔާ އަހަރެންވަރުގެ ނުބައި މިހަކު ނުހުންނާނެ. އޭގެ ބަދަލު އަހަރެން ދޭނީ ކަލޭގެ ލޯބިވާ… ” ކައިޝް އަތުން ދޫވި ފޯނު ވެއްޓުނީ ގޮދަޑި މައްޗަށެވެ. އެމީހަކީ ކާކުކަން ކައިޝް އަށް ދެނެގަނެވުނު ކަހަލަ އެވެ.
މުޅި ރޭ ހޭދަވެގެން ދިޔައީ އެފަދަ ގޮތަކަށެވެ.
ޓިއުޝަން ނިމުމާއެކު އަކިޔަން އަށް މެސެޖެއް ކައިޝް ފޮނުވިއެވެ. ބައްދަލު ކޮށްލަން ބޭނުންވާ ވާހަކަ އެވެ. ކައިޝް އެގޮތަށް އެދުމުން އަކިޔަން ހުރީ އިންތިހާ އަށް އުފާވެފައެވެ.
ތުނޑިޔާ ވީ ދިމާލު އަތިރިމަތީ އިން ގަސްގަނޑެއް މަތީ ކައިޝް އިށީނދެލައިގެން އިނީ އަކިޔަން އަންނާނެ އިރަކަށެވެ. އާއްމުކޮށް މީހުން މަދުން އަންނަ ހިސާބަކަށްވާތީ މުޅި މާހައުލުގަވަނީ ހަމަހިމޭން ކަމެވެ. އެތަން ކައިޝް ހިޔާރުކުރީ ފަހަރެއްގަވެސް މީހުންނާ ސިއްރުން އަކިޔަން އާ ބައްދަލު ކުރުމުގެ މަގުސަދުގައެއް ނޫނެވެ. މީހަކަށް ފެނިދާނެތީ ކައިޝް ޖެހިލުމެއް ނުވެއެވެ.
އޭރު އަކިޔަން އެތަނާ އަރާ ހަމަވަނީ އެވެ.
” ކިހިނެތްވީ ކައިޝް. ކަމެއް ގޯސްވީތަ ” އަކިޔަން ވާހަކަ ދެއްކިލެއް ގާތްކަމުން ކައިޝް އަށް އަކިޔަންގެ މޫނަށް ބަލާލެވުނެވެ.
” އަކިޔަން…. ” ކައިޝް ބުނަން އުޅުނު ޖުމްލަ އަކިޔަން ހުއްޓުވިއެވެ.
” ކައިޝް އެއްވެސް ވާހަކައެއް ދެއްކުމުގެ ކުރިން އަހަރެން އެބައޮތް ވަރަށް ބޮޑު ވާހަކައެއް ބުނަން. އުއްމީދުކުރަނީ އަހަންނަށް ހިތްހަމަޖެހޭފަދަ ޖަވާބެއް ކައިޝް ދޭނެ ކަމަށް ” އަކިޔަން ވާހަކަ ދެއްކީ ވަރަށް ހަމަޖެހިފަ ހުރެއެވެ.
” ކައިޝް ދެކެ އަހަރެން ވަރަށް ލޯބިވޭ. ކައިޝް ތިއިން ހާލު އަހަންނަށް އިނގޭ. އަދި އަހަރެން ކައިޝްގެ ދަރިފުޅަށް ބައްޕައެއްގެ ލޯބިވެސް ދޭނަން ” އަކިޔަން ކެރިހުރެ ވާހަކަ ދެއްކިއެވެ. ކައިޝް އިށީނދެ އިންތަނުން ތެދުވިއެވެ. ކިތަންމެ ފަހަރަކު އަމިއްލަ ހިތުގެ ހާލަތު ބަޔާން ކުރެވެން ކައިޝް އަށް އުޅުނެވެ. އެކަމަކުވެސް ހިތްވަރު ކުރުމަށްފަހު ކައިޝް ވާހަކަ ދެއްކިއެވެ.
” އަކިޔަން ތިހުރިހާ ވާހަކައެއް ދެއްކިއިރު އެއްފަހަރުވެސް ބޭނުމެއްނުވޭތަ އަހަރެންގެ ބަނޑުގަ މިވަނީ ކާކުގެ ދަރިއެއްތޯ ބަލާކަށް ” ކައިޝް އަށް ބުނެވުނެވެ.
” އާނ ކައިޝް. އަހަރެން ބޭނުމެއްނޫން އެކަން އިނގޭކަށް. ކައިޝް އަމިއްލައަށް ބުނަން ބޭނުންވި ދުވަހަކުންބުނޭ. އަހަރެން ބޭނުންވަނީ ހަމައެކަނި ކައިޝް. އަހަރެންގެ އާއިލާއިން ކައިޝް އަށް ކިޔާނީ މަރުހަބާ. ޔަގީންކުރޭ ކައިޝް ” އަކިޔަން ގެ ކޮންމެ ލަފްޒަކުންވެސް ކައިޝް ދެކެ އޭނާވާ ލޯބި ހާމަވަމުން ދިޔައެވެ.
ކައިޝްގެ ދެއަތުގަ ހިފާލަމުން އަކިޔަން ޖަވާބަކަށް އެދުނެވެ. ކައިޝްގެ ލޮލުން ފޭދުނު ކަރުނަ އަކިޔަންގެ އަތުގަ ބީހިލިއެވެ. ކައިޝް ހުރީ އިސްޖަހާލައިގެންނެވެ. ކައިޝް މިތަނަށް އަކިޔަން ގެނައީ މުޅިން އެހެން ވާހަކައެއް ދެއްކުމަށެވެ. އެކަމަކު އަދިވެސް އެވާހަކައެއް ނުދެއްކެއެވެ. އޭގެ ބަދަލުގަ ދެމީހުންގެ ގުޅުން މުޅިން އާބާބަކުން ފެށުނީ އެވެ. އަކިޔަން ގެ ލޯތްބަށް ފުރަގަސްދޭނެ ހިތްވަރެއް ކައިޝްގެ ނެތެވެ. ކައިޝް ގެ ގައިގަ ބައްދާލަމުން އަކިޔަން ކައިޝް ގެ ނިތްކުރީ ބޮސްދިނެވެ. އަދި ކައިޝް ވިހޭހާ އަވަހަށް ކައިވެނި ކުރާނެ ކަމުގެ ޔަގީންކަން ކައިޝް އަށް ދިނެވެ.
އަކިޔަންގެ އުފާވެރި މޫނު ފެނުމުން ކައިޝް އަށް އެވާހަކަ ދައްކާނެ ހިތްވަރެއް ނުލިބުނެވެ.
ގެއަށް އައި މަގުމަތީ އިރުއިރުކޮޅުން ކައިޝްއަށް ފަހަތް ބަލާލެވުނީ މީހަކު ކައިޝް އަށް ފާރަލާހެން ހީވާތީ އެވެ.
” ކައިޝް ކޮންތާކު އުޅެފަ ތިއައީ ” ޒުހުދާ އިނީ ކައިޝްގެ އިންތިޒާރުގައެވެ. މަންމަ ގެ އޯގާތެރިކަން ފެނިފަ ކައިޝްގެ ހިތްހަމަ ނުޖެހުން އުފާވެރިކަމަށް ބަދަލުވިއެވެ.
” ތިހިރީ ފައިދުޅަވެފަހުރި ވަރު. ދެނެއް ތި ޓިއުޝަން ކުލާހަކަށް ދާނެ ކަމެއްނޫން. ވިހަން ތިހާ ކައިރިވެފަ ހުއްޓަ އަބަދާ އަބަދު ތިހެން ކޮޅަށް ހުންނާކަށް ނުވާނެ. ” ވަގުތަކީ ރާއިދުވެސް ސިޓިންގރޫމް ގަ އިންވަގުތެއް ކަމުން ޒުހުދާ ދެން ވާހަކަ ދެއްކީ ރާއިދު އާ އެވެ.
” އެތަނުގެ މީހަކާ ވާހަކަ ދައްކައިގެން މިމަންޖެއަށް ގޭގަ ހުރެވޭނެ ގޮތެއް ހަދާ ” ރާއިދު ހިނިތުންވެލަމުން އެކަމަށް އެއްބަސްވިއެވެ.
ކައިޝް މަޑުމަޑުން ހިނގަމުން ދިޔައީ ކޮޓަރިއަށެވެ. ރާނިޔާގެ ކޮޓަރި ހުރަސްކުރި ވަގުތު އެތެރެއިން އިވެމުންދިޔަ އަޑަށް ކައިޝް ހުއްޓުނެވެ. އަދި މަޑުކޮށްލިއެވެ.
ރާނިޔާ ވާހަކަ ދައްކަމުން ދިޔައީ ފޯނުންނެވެ.
” ހެޔޮނުވާނެ. އަހަރެން ދޫކޮށްނުލާތި. އޭރުން އަހަންނަށް ވާނީ ކިހިނެތް؟ އެހެންނޫނަސް މިހާރު އަހަރެން މިހިރީ ރަށުގައެއްނު. މީކީ ނޫންތަ ބޭނުންވި ގޮތަކީ ” ރާނިޔާ ރޯކަން ކައިޝް އަށް އެނގުނެވެ. އެކަމަކު އެގޮތަށް ރާނިޔާ އެވާހަކަ ދައްކަނީ ކާކާ ބާވައެވެ. ރާނިޔާގެ ދެމަފިރިންނަކީ ނުލާހިކު ލޯބިން އުޅޭ ދެމަފިރިންނެވެ. މާގިނަ އިރަކު މަޑުކުރާކަށް ކައިޝް އަކަށް ނުކެރުނެވެ. ރާނިޔާ އަށް ފެނިއްޖެއްޔާ އިތުރަށް ކަންތައްތައް ގޯސްވެދާނެތީ އެވެ.
ފޯނު ބޭއްވުމަށްފަހު ރާނިޔާ ވަނީ ފާހާނާ އަށެވެ. ނަދީމް އެގޮތަށް ކަންތައް ކުރަންވީ ސަބަބެއް އަދިވެސް ރާނިޔާ އަކަށް ނުވިސްނެއެވެ. ގޭ އެންމެން ކުރިމަތީ އުފާވެރި ދިރިއުޅުމެއް އުޅޭ ކަމަށް ދައްކައިގެން އުޅޭ ރާނިޔާ އެކުރަނީ ކޮން ހިތާމައެއް ހެއްޔެވެ؟
ކައިޝް އަށް ވިސްނެނީ ހަމަ ރާނިޔާ އާ މެދުއެވެ. ދޮންތަ އެވަރަށް އާދޭސް ކުރީ ކާކު ގާތު ބާވައެވެ. ނަދީމް ބާވައެވެ. ވިސްނި ވަރަކަށް ކައިޝް ދިޔައީ ހާސްވަމުންނެވެ. ކުއްލިއަކަށް ހަނދާންވީ ކުރީރޭގެ މެސެޖް މަތިންނެވެ. ނޫނެކެވެ. އެހެނެއްނުވާނެއެވެ. އެވާނީ ކޮންމެވެސް އެހެން ކަމެއްވީ ކަމަށެވެ.
ރޭގަނޑުގެ އަނދިރިކަން ވެރިވެ ނިދަން ވީ އިރުވެސް ކައިޝް އަށް ވިސްނެމުން ދިޔައީ ރާނިޔާ އާ މެދުއެވެ. އެކަމަކު ވަރުބަލިވެފަ ހުރިވަރުން ޖައްސާލުމާއެކު ކައިޝް އަށް ނިދޭގޮތްވިއެވެ.
ނިދާފައޮތް ކައިޝް އަށް ހޭލެވުނީ ކުއްލިއަކަށް މީހަކު ކޮޓަރިއަށް ވަންހެން ހީވެގެންނެވެ. ކައިޝް ބަލާލީ ކޮޓަރި ދޮރާ ދިމާއަށެވެ. ދޮރުހުރީ ތަޅުލާފައެވެ. ކުއްލިއަކަށް މީހަކު އެނދުކައިރިއަށް ހުއްޓުނެވެ. ކައިޝް ގެ ދެލޯ ތަންމިނަށް ހުޅުވި ހަޅޭއްލަވައިގަންނަން އުޅުނެވެ. އެކަމަކު އޭނަ މާހުށިޔާރެވެ. ކައިޝްގެ އަނގަމަތީ ބާރަށް އަތްއެޅިއެވެ.
” ހަޅޭއްނުލަވާތި. އަހަރެން މިތަނަށް ވަނީ ކިހިނެތްތޯ އޮޅުންފިލުވަން ބޭނުންވަންޔާ ލޯބިވާ ދޮންތަ ކައިރިއަހާ. ހަޅޭއްލެވިޔަސް ހުރިހާ ދެރައެއް ލިބޭނީ ކާކަށްކަން އިނގެއެއްނު ” ކައިޝްއަށް ރޮވެން ފެށިއެވެ. އެމީހާގެ މުޑުދާރުއަތުން ކައިޝްގެ ބަނޑުގަ ފިރުމާލިއެވެ. ކައިޝް ބޭނުންނަމަ ހަޅޭއްލެވުނީހެވެ. އެކަމަކު އެކަމުން ލިބޭނީ ބަދުނާމެކެވެ. އާއިލާއަށް ލިބޭ އެއްވެސް ބަދުނާމެއްގެ ޒިންމާ ކައިޝްގެ ބޮލުގަ އެޅޭކަށް ކައިޝް ބޭނުމެއް ނުވެއެވެ.
” ވަރަށް ބޭނުން މިހާރުވެސް. އެކަމަކުވެސް މިދަނީ މިދަރިފުޅަށްޓަކާ އިނގޭ ” ކައިޝްގެ ނުގަބޫލުގަ ކައިޝްގައިގަ ބައްދާލިއެވެ. ” އަދި ބުނަން. ތިކުރާ ކަންތައް ހުއްޓާލާ . އެހެންނޫނީ އަހަރެންގެ އަތުންފައިން ހެދޭނީ ގޯސް. އެކަލޭގެ ފުރާނަ ބޭނުމިއްޔާ މިވަގުތުން ފެށިގެން އެކަލޭގެއާ ވާހަކަ ނުދައްކާތި. ދައްކައިފިކަން އެނގުނަސް ….. ” ހިނިގަނޑެއް ޖަހާލަމުން އޭނާ ބުންޏެވެ.
” މިހާރު އަހަރެން މިދަނީ. މިއޮތީ މިކޮޓަރީގެ ތަޅުދަނޑި ” ކައިޝް އަށް ތަޅުދަނޑި ދައްކާލަމުން އެމީހާ ބުންޏެވެ. ކައިޝް އިނީ ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓިފައެވެ. އެމީހާ ދިއުމާއެކު ކައިޝް އަށް ރޮވެންފެށިއެވެ. މުޅިރޭ ހޭދަކުރީ އެގޮތުގައެވެ. ސައިބޯން ނުކުތީވެސް ޒުހުދާ އާދޭސް ކޮށްގެންނެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ޒުހުދާ އަށް ވިސްނައިގަނެވުނެވެ.
އެތައް ވަރަކަށް އާދޭސް ކޮށްގެން ސައިބޯން ކައިޝް އިށީންވަގުތެވެ.
” ތިވަރަށް ހަމަ އާދޭސް ކުރަންޖެހޭތަ. މަންމަ އުޅޭގޮތުން ހީވަނީ ކައިޝް ނޫނީ ދަރިއަކު ނެތީހެން. ތިވަރަށް އާދޭސް ނުކުރިޔަސް އޭނަ ކާން ބޭނުންވީމަ ކާނެއެއްނު ” ރާނިޔާ ވާހަކަ ދެއްކީ ހިތްހަމަ ނުޖެހި ހުރެއެވެ.
” އޭނަ ނުކައި ހުއްޓަކަށް ވާނެ ގެއްލުމެއް ނޯންނާނެ. އިތުރަށް ކަމެއްވިޔަސް ވާނީ ބަނޑުގަ އެއޮތް ނާޖާއިޒު ދަރިއަށް “
” ދޮންތާ. ހުއްޓާލާ ” ކައިޝްގެ އަޑަށް އެންމެން ދިޔައީ ސިއްސައިގެންނެވެ. އާއިލާގެ އެންމެންވެސް ހަމައަށް ތިބި ދުވަހަކަށްވުމާއެކު އެވެ.
ކައިޝް އިންތަނުން ތެދުވެ ރާނިޔާ އާ ކުރިމަތި ލިއެވެ. އެހިތްވަރު ކައިޝް އަށް ލިބު ގޮތެއްވެސް ނޭނގެއެވެ.
” ލައްކަ ދުވަހު ކެތްކޮށްފިން. ތިހުރިހާ އެއްޗެއް އަހަންނާ ދިމާލަށް ގޮވުމުގެ ކުރިން ހިތްވަރެއް ހުރިއްޔާ އަހަރެން މިކުރާ ސުވާލުތަކަށް ޖަވާބުދީ. މީ އަހަރެންގެ ފަހަރު. ދޮންތަގެ ފަހަރެއްނޫން ” ކައިޝް ގެ އަޑުވެސް ކުރިއާ ހިލާފަށް ބާރެވެ. ނާއިފް އުޅުނީ ކައިޝް އެތަނުން ގެންދާށެވެ. ނޫން ނާއިފްބޭ. އިތުރަށް ދެން އަހަންނަށް ކެތެއްނުވާނެ. ދޮންތަ ޖެހޭނީ އަހަންނަށް ޖަވާބުދޭން ” ކައިޝް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.
ކައިޝް އިންތަނުން ތެދުވެ ރާނިޔާ އާ ކުރިމަތި ލިއެވެ. އެހިތްވަރު ކައިޝް އަށް ލިބުނު ގޮތެއްވެސް ނޭނގެއެވެ.
” ލައްކަ ދުވަހު ކެތްކޮށްފިން. ތިހުރިހާ އެއްޗެއް އަހަންނާ ދިމާލަށް ގޮވުމުގެ ކުރިން ހިތްވަރެއް ހުރިއްޔާ އަހަރެން މިކުރާ ސުވާލުތަކަށް ޖަވާބުދީ. މީ އަހަރެންގެ ފަހަރު. ދޮންތަގެ ފަހަރެއްނޫން ” ކައިޝް ގެ އަޑުވެސް ކުރިއާ ހިލާފަށް ބާރެވެ. ނާއިފް އުޅުނީ ކައިޝް އެތަނުން ގެންދާށެވެ.
” ނޫން ނާއިފްބޭ. އިތުރަށް ދެން އަހަންނަށް ކެތެއްނުވާނެ. ދޮންތަ ޖެހޭނީ އަހަންނަށް ޖަވާބުދޭން ” ކައިޝް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.
” އަހަރެން ކޮޓަރީ ތަޅުދަނޑީގަ ދޮންތަ އަތްލިންތަ؟ ” ކައިޝް ކުރީ ސުވާލެކެވެ. އެސުވާލުގެ ސަބަބުން ނީނާގެ ހަނދާނުގެ ސިލްސިލާ އަށް ބޮޅެއް އިތުރުވިއެވެ.
އިއްޔެގެ މެންދުރުގެ ވަގުތެވެ. ކައިޝް ގެ ތަޅުދަނޑި އޮތީ ކާމޭޒު މަތީއެވެ. ތަޅުދަނޑި ނެގީ ނީނާ އާއެކު ބަދިގެ އަށް ވަތް ރާނިޔާ އެވެ. ރާނިޔާ ތަޅުދަނޑި އަށް ބަލާލުމަށްފަހު ހިފައިގެން ނުކުންނަން ހިނގައިގަތެވެ. އެވަގުތު ނީނާ އެސުވާލުކުރަން އަނގަހުޅުވާލިވެސް މެއެވެ. އެކަމަކު އުނދުންމަތީ ހުރި ސައިކުރާގެ އަޑުން ނީނާއަށް އެސުވާލު ރާނިޔާ އާ ނުކުރެވުނީއެވެ.
ކޮޓަރީގެ ޑަބަލް ތަޅުދަނޑިވެސް އިންނަނީ އެއްތަޅުދަނޑި ފައްޗެއް ގައެވެ.
ކައިޝް އެސުވާލު ދެވަނަ ފަހަރަށްވެސް ތަކުރާރު ކުރިއެވެ.
” ދޮންތަ ނެގިންތަ މިއިން އެއްތަޅުދަނޑި “
” ރާނިޔާ. އިއްޔެ ތި ތަޅުދަނޑިފަތި ނެގީ ” ނީނާގެ ޖަވާބުން އިތުރު ހިތްވަރެއް ކައިޝް އަށް ލިބުނު ކަހަލައެވެ.
” ދޮންތަ އަށް ކޮން ފައިދާއެއްތަ ކުރަނީ އަހަންނާ ދޭތެރޭ ތިގޮތަށް ކަންތައްކުރީމަ ” ކައިޝް ގެ އަޑުގަ އެކުލެވިފައިވާ ރިހުން ރާނިޔާ ފިޔަވާ އެތާ ތިބި އެންމެންނަށް އިނގޭ ކަހަލައެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަމުންދަނީ ހައިރާންކަމެވެ. މިވަނީ ކީއްކަމެއް އެކަކަށްވެސް ނޭނގެއެވެ. ޒުހުދާއަށް ކަންތައްވަމުންދާ ގޮތް އެނގުނު ނަމަވެސް ހަގީގަތުގަ ޒުހުދާއަށް ނޭނގޭ ކިތަންމެ ކަމެއް އަދިވެސް އެބަވެއެވެ.
” ދަރިފުޅާ ކައިޝް. މިވެގެން އުޅޭގޮތެއް ތަންކޮޅެއް ސާފުކޮށް ބައްޕަމެންނަށް އޮޅުންފިލުވަދޭންވީނު ” ފަހީމް އެދުނެވެ. ރާއިދު ވެސް އެދުނީ ހަމަ އެގޮތަށެވެ.
ކައިޝް ބޭނުންވަނީ ރާނިޔާގެ ދުލުން ހަގީގަތް އޮޅުންފިލުވާށެވެ. ރާނިޔާ އެފަދަ ގޮތަކަށް ކަންތައް ކުރީ ކީއްވެތޯ ބަލާށެވެ.
” މަންމައަށް އިނގޭތަ. ދޮންތަ މިރަށަށް އައިސް އެހުރީ ކޮންމެހެން އެކަނިވެގެން މަންމަމެން ދެކިލާކަށްނޫން. ދޮންތަ ގާތު އަހާބަލަ ދޮންތަގެ ފިރިމީހާ ވީ ކޮންތާކުތޯ ” ކައިޝްގެ އެދުމަށް ޒުހުދާ އެކަން ކުރިވެސް މެއެވެ. ރާނިޔާގެ ޖަވާބަކީ ހަމަ ކުރީގެ ވެސް ޖަވާބެވެ. ނަދީމްވީ އައްޑު އަތޮޅުގައެވެ.
” ހުސްދޮގު. ދޮންތަ ތިހަދަނީ މުޅިން ދޮގު. އެނަދީމް ހުރީ މިރަށުގަ. މިފަސްގަނޑުގަ ” އެހިސާބަށް ބުނެވުނުތަނުން ރާނިޔާ ކައިޝްގެ އަތުގަ ހިފާ އޭނައާ ދިމާލަށް އަނބުރާލުމަށްފަހު ކައިޝްގެ މޫނުމަތީ ހުރިބާރަކަށް ޖެހިއެވެ.
” ލަދެއްނުގަނޭތަ ތިމުޑުދާރު ދުލުން އަހަރެންގެ ފިރިމީހާގެ ނަންކިޔާކަށް “
” ދޮންތަގެ ފިރިމީހާ ލަދެއްނުގަނޭތަ މަށާ ބެހޭކަށް. ދޮންތަ ފިރިމީހާ ލަދެއްނުގަނޭތަ އޭނަގެ އަންހެނުންގެ ކޮއްކޮގެ އެންމެ އަގުހުރި މުދާ އޭނަ އަތުން ފޭރިގަންނާކަށް ” ޒުހުދާ ފިޔަވާ ދެންތިބި އެންމެން ތިބީ ބުނާނެ އެއްޗެއް ނޭނގި އަނގަހުޅުވިފައެވެ. ކައިޝް އާ ރާނިޔާ އާ ދިމާލަށް ބަލަން އެންމެންނަށް ތިބެވުނީ އެވެ. ނާއިފް އިސްޖަހާލިއެވެ. ކައިޝްގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން އޭނާގެ މޫނު ތެންމަމުން ދިޔައެވެ.
ރާނިޔާ ހުރީ ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓިފައެވެ.
” ކައިޝް އަށް އެބަ އިނގޭތަ ތިކިޔޭ އެއްޗެއް. ރަނގަޅަށް ވިސްނާފަ ތެދުތެދަށް ބޭބެމެންނަށް ކިޔާދީ ” ރާއިދު ކައިޝްގެ ދެކޮނޑުގަ ހިފާ ތަޅުވައިގަންނަމުން އެހިއެވެ.
” ތިކަމުގެ ހަގީގަތް އެއްވެސް ފޮރުވުމެއްނެތި ކިޔާދީ ” ރާއިދު ތަކުރާރުކޮށް އަހަމުން ދިޔައެވެ.
ކައިޝް އިސްއޮބާލުމަށްފަހު ގިސްލާ ރޯންފެށިއެވެ. ކައިޝް އިތުރަށް އެއްވެސް ވާހަކައެއް ނުދައްކައެވެ. ކައިޝް ހީވަނީ ހިލައިގެ ބުދެއް ހެންނެވެ. އޭނާގެ އެއްވެސް ހަރާކާތެއް ނެތްކަހަލަ އެވެ. ހަގީގަތުގެ ހާމަކުރެވުނު ހަގީގަތުން ކައިޝް ދެރަވީ އެވެ. އެއީ ދުވަހަކުވެސް ކައިޝް ހާމަކުރަން ބޭނުންވި ހަގީގަތެއް ނޫނެވެ. ރާނިޔާގެ ކަންތައް ކުރިގޮތުން ކައިޝްއަށް ބުނެވުނީ އެވެ.
ރާނިޔާ ދެކެ ކައިޝް އިންތިހާ އަށް ލޯބިވެއެވެ. ކައިޝް އަށްޓަކައި ރާނިޔާ އުފުލި ބުރަ ކައިޝް ހަނދާނެއް ނުނެތެއެވެ.
” ކައިޝް ހެޔޮނުވާނެ ތިހެން ނުހުރެ ދެން ހުރިހާ ވާހަކައެއް ހަގީގަތަށް ކިޔާދީ. މަންމަ އަށް ހީވަނީ އަދިވެސް މަންމައަށް ނޭނގޭ އެތައްކަމެއް ވާހެން ” ޒުހުދާގެ ދެއްކި ވާހަކައިން ޒުހުދާއަށް އެކަން މާކުރިން އިނގޭކަން ކައިޝް އަށް އެނގުނެވެ.
” މަންމައަށް ކިހިނެތް…. ” އެސުވާލު ކުރީ ނާއިފް އެވެ. ޒުހުދާ އެދުނީ މިވަގުތަށް އެވާހަކަ ބޭއްވުމަށެވެ.
” މަންމަ އަށް އިނގުނު ގޮތް ބެލުމަށްވުރެ މަންމައަށް ހީވަނީ މާމުހިއްމު ހެން ކަންތައްވީގޮތް އޮޅުންފިލުވުން “
މަންމަގެ ވާހަކަ އަޑުއަހަން ހުރި ކައިޝް ބާރަށް ރޮއިގަތުމަށްފަހު ޒުހުދާގެ ގައިގަ އޮޅުލައިގަތެވެ. އެވަގުތު ފަހީމް އައިސް ކައިޝްގެ ބުރަކަށީ ފިރުމާލުމަށްފަހު ކައިޝް އާ ސުވާލުކުރަން ފެށިއެވެ.
އެހިނދުގައި ކައިޝްގެ ސިކުނޑީގައި ކުރެހެންފެށީ އެއަނިޔާވެރިޔާގެ އިންޒާރުތަކާއި އެކެހިވެރި ބަސްތަކާ އެމުޑުދާރު އަމަލުތަކެވެ.
” ދަރިފުޅާ. ދެންވެސް ބައްޕަމެންނަށް ސިއްރުނުކޮށްބަލަ. ދަރިފުޅަށް ތިއަނިޔާ ދިނީ ކީއްވެގެންކަން ބުނެދީބަލަ. ބައްޕައަށް ގަބޫލުކުރެވޭ ދަރިފުޅު ރުހުމުގަ ތިފަދަ ކަމެއް ނުކުރާނެކަން. ދަރިފުޅަށް ތި އަނިޔާ ތިލިބުނީ ރާނިޔާގެ ސަބަބުން ކަމަށްވަންޔާ އެކުށުގެ އަދަބު ރާނިޔާއަށް ލިބެންޖެހޭނެ ” ފަހީމް ރުޅިވެރިކަމާއެކު ބުންޏެވެ.
” ނާއިފް އާ ރާއިދު އާ ދެމީހުން ދޭ. އަންގަންޖެހޭ ފަރާތްތަކަށް އަންގާ ” ރާނިޔާ އަށް ނިސްބަތްކޮށް ފަހީމް ބުންޏެވެ.
” ނޫން. ނޫން ބައްޕާ ތިހެންނުބުނޭ. މިކަމުގަ ރާނިޔާ ދައްތަގެ ކުށެއްނެތް ” ކައިޝް އެހެން ބުނުމުން ރާނިޔާ އަށް އިސްއުފުލާ ކައިޝް އާ ދިމާލަށް ބަލާލެވުނެވެ.
ކައިޝް ގެ ހިތުގަ އަދިވެސް ރާނިޔާ އަށްޓަކައި ވަނީ ހަމަ ލޯބި ބާވައެވެ.
” ބައްޕާ. ދޮންތަ ކުއްވެރި ނުކުރޭ ” ކައިޝް އެދުނެވެ.
” ކުރިކަމެއްކުރީ ދޮންތަގެ ފިރިމީހާ. އެކަމުގަ ދޮންތަގެ ކުށެއް ނެތެއްނު ” ކައިޝްގެ ބަނޑުގަ ރިއްސައިގަތީ އެވަގުތު އެވެ. ކުއްލިއަކަށް އަންނަން ފެށި ރިހުމުގެ ސަބަބުން ކައިޝް އަށް ބާރަށް ރޮވެން ފެށިއެވެ. ރާނިޔާ އުޅުނީ ކައިޝްގެ އަތުގަ ހިފާށެވެ.
އެކަމަކު ޒުހުދާ އެކަން މަނާކުރިއެވެ. އަތުގެ އިޝާރާތުން ރާނިޔާ ހުއްޓުވިއެވެ.
ކައިޝް ސިއްހީ މަރުކަޒަށް ގެންދެވުނެވެ. ގެންދިއުމާއެކު އެޑްމިޓް ކުރެވުނެވެ. އޭރުވެސް ކައިޝްގެ ބަނޑުގަ ރިއްސަމުން ދިޔައެވެ. މާލެ ގެންދާނެހާ ވަގުތެއް ނުލިބުނެވެ. ހުރިހާ އެންމެންވެސް ތިބީ ހާސްވެފައެވެ.
ކައިޝް ސިއްހީ މަރުކަޒަށް ގެންދިޔަ ހަބަރު ލިބުމާއެކު އަކިޔަން ކުރަން ހުރި މަސައްކަތް ހުއްޓާލުމަށްފަހު އައީ އެތަނަށެވެ. ކައިޝް ގެ ހާލު އަކިޔަން އޮޅުންފިލުވަމުން ދިޔައީ މަރީ ކައިރި އަހައިގެންނެވެ. މަރުކަޒު ބޭރުގަ އަކިޔަން މަޑުކޮށްލައިގެން ހުރީ އެތެރެއަށް ވަން މަރީ ކައިޝްގެ ހަބަރަކައިގެން އަންނާނެ އިރަކަށެވެ.
ރާނިޔާ ކޮޓަރި ތެރޭ ދެކޮޅަށް ހިނގަމުން ދިޔައެވެ. ރާނިޔާ އަށް ވިސްނެމުން ދިޔައީ އޭނާއަށް ކަންތައް ކުރެވުނު ގޮތާ މެދުއެވެ. ދަރިން ނުލިބުމަކީ އޭނާގެ ކުށެއް ހެއްޔެވެ؟ ރާނިޔާގެ މައްސަލައަކީ ކޮބާކަމެއް ރާނިޔާ އަކަށް ނުވިސްނުނެވެ. އޭނާ ކުރިކަމެއް ކުރީ އޭނާގެ ފިރިމީހާ ގެއްލިދާނެތީ އެވެ. ރާނިޔާގެ ފޯނު ރިންގުވާން ފެށީ އެވަގުތު އެވެ. ގުޅަނީ ނަދީމް އެވެ. ފޯނު ނެގުމާއެކު ނަދީމް ފަށައިގަތެވެ.
” އޭރުވެސް މަބުނިން ދޯ ކައިޝްގެ ކޮޓަރިއަށް ނުވަންނާށޭ. ނަދީމް އާ ހުރެ އަހަރެން މިގޭ އެންމެން ކުރިމަތީ ބޭޒާރުވެއްޖެ “
” ހުއްޓާލާ ރާނިޔާ. ތިބޭކާރު ވާހަކަ ތައް އަޑުއަހާކަށްނޫން މިގުޅީކީ. ކައިޝްގެ ބަނޑުގަ އެވާ ދަރިއަށް ކަމެއްވެއްޖިއްޔާ އަހަރެން ރާނިޔާ ވަރިކުރާނަން ” ރާނިޔާގެ އަތުން ފޯނު ދޫނުވީ ކިރިޔާ އެވެ.
އެއަށްފަހު ނަދީމް ފޯނު ބޭއްވިއެވެ. ރާނިޔާ އެތައްއިރަކު ވިސްނަން އިނުމަށްފަހު ގޮތެއް ނިންމި އެވެ. ދެލޯ ފުހެލުމަށްފަހު ރާނިޔާ ނުކުތީ ސިއްހީ މަރުކަޒަށް ދިއުމަށެވެ.
ގޮނޑިބަރީ އިން ޒުހުދާއަށް ރާނިޔާ ފެނުމާއެކު ރުޅި އައިސް ރަތްވިއެވެ.
” މަންމާ އަހަރެންދެކެ ރުޅި ނާދޭ. އަހަރެން ބޭނުން މަންމަ އަށް ހުރިހާ ވާހަކައެއް ކިޔާދޭން ” ރާނިޔާ ވާހަކަ ދެއްކީ ދެރަވެފަ ހުރެއެވެ.
ނަދީމްގެ އެވިޔާނުދާ އަމަލު ކުރިން ރާނިޔާ އަށް ނޭނގޭކަމަށް ޒުހުދާ ގާތު ބުންޏެވެ.
” ރާނިޔާ ތިވާހަކަތައް ހުއްޓާލާ. މީކީ ތިވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތެއްނޫން “
އެވަގުތު މަރުކަޒުގަ ހުންނަ ނަރުސްކުއްޖާ އައިސް ޒުހުދާ މެންގާތަށް ހުއްޓެނީ އެވެ. އެކުއްޖާ ބުނަން އުޅެނީ ކީކޭކަމެއް ދެނެގަންނާކަށް އެކަކަށްވެސް ނޭނގުނެވ. ..
.