ހިތަކުން ހަމަ ނުފިލާނޭ – 3
ނާއިފް ކައިޝް ގާތު ދައްކަމުން ދިޔަ ހުރިހާ ވާހަކައެއްވެސް އިތުރު މީހަކަށް އަޑުއިވެމުން ދިޔައެވެ. އިވެމުން ދިޔަ ކޮންމެ ޖުމްލައެއް އެމީހަކަށް އަޑު އިވެމުން ދިޔައީ ވިހަ ތީރެއް ފަދައިންއިނެވެ.
އެއްވެސް ހިފެހެއްޓުމެއްނެތި ޒުހުދާގެ ދެލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ކައިޝް ލިބުނު ދުވަހުން ފެށިގެން ކައިޝް ދެކެ ކުރަމުން އައި ނަފްރަތު ފޮހެވިގެންދާކަށް ހިނދުކޮޅެއްވެސް ނުނެގިއެވެ. ޒުހުދާ ދެކެ އެހާ ލޯބިވާ ދަރިއަކު ހުރިއިރު ޒުހުދާ އެވަނީ އެދަރިފުޅު އޭނާ އާ ދުރުކޮށްލާފައެވެ. އަނގައިން އަޑެއް ބޭރުވެދާނެތީ އަވަސް އަވަހަށް ޒުހުދާ އަނގަމަތީ އަތްއެޅުމަށްފަހު ގޮސް އަވަސް އަވަހަށް ކޮޓަރިއަށް ވަނެވެ.
ޒުހުދާ އައިސް އެނދުގަ އޮށޯތުމާއެކު ކުރިއަށްވުރެ ބޮޑައް ޒުހުދާގެ ހިތަށް އަސަރުކުރަން ފެށިއެވެ. ފަހީމް އަށް ހޭލެވުނީ ޒުހުދާގެ ގިސްލުމުގެ އަޑަށެވެ.
” ޒުހުދާ ކިހިނެތްވީ.. ކަމެއް ގޯސްވީތަ ” ފަހީމްގެ ސުވާލުތަކަށް ޖަވާބުދޭންވީ ކަމެއް ނޫނީ ނުދޭންވީ ކަމެއް ޒުހުދާ އަކަށް ނުވިސްނުނެވެ. ފަހީމް އަށް އެހަގީގަތް އެނގިއްޖެނަމަ ދެންވާނީ ކިހިނެތް ކަމެއްވެސް ޒުހުދާއަކަށް ނޭނގެއެވެ. މިވަގުތަށް ޒުހުދާ އަށް ފެނުނު އެންމެ ރަނގަޅު ގޮތަކީ އެކަން ސިއްރު ކުރުމެވެ. ފަހީމްގެ ސުވާލުތަކަށް ޖަވާބު ދިނެވެ. ރާނިޔާ މަތިން މާބޮޑަށް ހަނދާންވަނީ ކަމަށްބުނެ ޒުހުދާ އޮޅުވާލިއެވެ. ހުވަފެނުގަ ރާނިޔާ ފެނުމުން މާބޮޑައް ހަނދާންވަނީ ކަމަށް ބުނެއެވެ.
ފަހީމް އަކީ ނުވިސްނޭ މީހެއްނޫނެވެ. ކޮންމެވެސް ކަމެއްވެއްޖެކަން ފަހީމް ދެނެގަތެވެ.
ވަރުބަލިކަން އިހުސާސް ކުރެވޭލެއް ބޮޑުކަމުން ކައިޝް އަށް ހޭލެވުނީ ތަންކޮޅެއް ފަހުންނެވެ. ގަޑިން ނުވައެއް ޖަހަނީ އެވެ. 9 ޖަހަންވާއިރަށް ޓިއުޝަން ކުލާހަށްވެސް ދާން ޖެހޭނެތީ ކައިޝް އަވަސް ކޮށްލާ ތައްޔާރުވިއެވެ. ފަހަރެއްގަވެސް ބަދިގެއަށް ދާން ނުކުތީ އެއްވެސް މީހަކު ސައިތައްޔާރު ކޮށްދޭނެ ކަމުގެ އުއްމީދަކު ނޫނެވެ. އެއީ ކައިޝް އުއްމީދު ކުރާވެސް ކަމެއްނޫނެވެ.
ޒުހުދާ އޭރުވެސް އިންތިޒާރު ކުރަމުން ދަނީ ކައިޝް އަންނާނެ އިރަކަށެވެ. ވަރަށް ނޫންކަމަށް ހަދާލާފަ ނީނާ ގާތުވެސް ދެފަހަރަކު ކައިޝް ސައިބޯން ނައަންނަނީތޯ އަހާލިއެވެ.
” ނީނާ.. ނިކަން ބަލާބަލަ.. އެ ކައިޝް ކޮބާތޯ.. ސައިބޯންވެސް ނާންނަ ދުވަހެއްތަ ؟ ” ނީނާ އަށް ޒުހުދާ އާ ދިމާލަށް ބަލާލެވުނެވެ. ހަމަ އެވަގުތަކީ ކައިޝްވެސް ބަދިގެއަށް އައިސް ވަން ވަގުތެވެ. މަންމަގެ ދުލުން ކައިޝްއޭ ބުނި އަޑު އިވުނީތީ ވެސް ކައިޝް ހައިރާންވިއެވެ. އެހާ މަޑުމައިތިރިކޮށް ކައިޝްގެ ނަންކިޔާލި ދުވަހެއް މިހާރު ކައިޝްގެ ހަނދާނުގަވެސް ނުވެއެވެ. ކައިޝް ފެނުމާއެކު ޒުހުދާގެ ދެލޮލަށް ޖަމާވި ކަރުނަތައް ސިއްރުކުރުމުގެ ގޮތުން ޒުހުދާ ތަށި ދޮންނަން ކަމަށް ހަދާފަ ސިންކާ ކައިރިވިއެވެ.
ކަޅު ސައިތައްޓެއް ހަދާލައިގެން ކައިޝް މޭޒުކައިރި އިށީނެވެ. މޭނުބައިކުރާ ގޮތްވެފަ ހުންނަވަރުން ކައިޝް އެއްވެސް އެއްޗެއް ކާކަށް ބޭނުމެއްނޫނެވެ.
” ކައިޝް ކޮންމެސް އެއްޗެއް ކާލަބަލަ. ނުކައި ނުވާނެ ހުންނާކަށް. ކައިޝް މިހާރު ތީ އެކަނި ހުރި ފުރާނައެއްނޫނޭ ” ނީނާ އުޅުނީ ކައިޝް އަށް އެއްޗެއް ކާންދެވޭތޯ އެވެ. ޒުހުދާ ވެސް ކައިޝް ގާތު ކާން ބުނަން އިންތިހާއަށް ބޭނުންވިއެވެ. އެދަރިފުޅުގެ ގައިގަ ފިރުމާލަންވެސް ބޭނުންވެއެވެ. އެހެން ނަމަވެސް ޒުހުދާ އަށް ހަމަ ފަސްޖެހެވެނީ އެވެ. ކައިޝް އެއްވެސް އެއްޗެއް ނުކައި ތެދުވާތަން ފެނުމުން ޒުހުދާއަކަށް ނުހުރެވުނެވެ.
” ކޮންތާކަށް ދާކަށް. ތިތަނުން ދެވޭނީ ތިހުރިއެއްޗެއް ކައިގެން. ކޮންމެހެން ތިދާ ތާކަށްގޮސް ބަނޑަށްހުރެ ގޮތެއްވާކަށް އުޅޭނެކަމެއްނޫން ” ޒުހުދާ ވާހަކަ ދެއްކީ ރުޅިއައިސްފަ ކަމަށް ހެދި ހުރެއެވެ. އެކަމަކު އެއަޑުގެ ފަހަތުގަ ފޮރުވިފަވާ އަސަރު ބަދިގެއަށް ވަން ފަހީމް އަށް ފާހަގަ ކުރެވުނެވެ. ޒުހުދާ ކޮންމެވެސް ކަމެއް ފަހީމް އަށް އެބަ ސިއްރު ކުރެއެވެ. އެހެންނޫންނަމަ އެގޮތަކަށް ޒުހުދާ ވާހަކައެއް ނުދައްކާނެއެވެ.
” ތެދޭކޭ ދަރިފުޅާ.. ރަނގަޅަށް ކައިގެން ދާންވާނީ. އެހެންނޫނީ ކަމަކު ނުދާނެ ” ކައިޝްގެ ބޮލުގަ ފިރުމާލަމުން ފަހީމް ބުނެލިއެވެ.
” ޒުހުދާ ނާއިފް ފުރީތަ މިހާރު ” ފަހީމް އަހާލިއެވެ. އާއެކެވެ. ނާއިފް ފުރައިފިއެވެ. އެކަމަކު މިފަހަރު ނާއިފް އެދިޔައީ ކައިޝްއަށް ކިހާ ވަރެއްގެ ހެޔޮކަމެއް ކޮށްދީފަކަން އިނގެނީ ހަމައެކަނި ޒުހުދާ އަށެވެ. ނާއިފްގެ ސަބަބުން ޒުހުދާގެ ހިތުގާ ވަނީ ކައިޝް އަށްޓަކައި ހަމައެކަނި ލޯތްބެވެ. ހަމައެކަނި ތަފާތަކީ އެލޯބި ޒުހުދާއަށް ފާޅުކުރަން ނުކެރޭ ކަމެވެ.
ކައިޝް ޓިއުޝަން ނިންމާލުމަށްފަހު ގެއަށް ދިއުމުގެ ބަދަލުގަ ދިޔައީ އަތިރިމައްޗަށެވެ. ރީތި ވައިޖެހޭ ދުވަހެއްކަމުން ފިނިކޮށްލުމަށްޓަކައެވެ. މިހާރަކަށް އައިސް ކައިޝް އަށް މާބޮޑައް ހޫނުވާތީ އާ އެކުއެވެ. ކޮޓަރީގަ އޭސީ ހުރި ނަމަވެސް އޭގެ ރިމޯޓްވެސް އޮންނަނީ ޒުހުދާ އަތުގައެވެ. ކައިޝް ބޭނުންނަމަ އެކަމަކު ވެސް ޖެއްސުނީހެވެ. އެހެންވިޔަސް ޒުހުދާ ހިތްހަމަ ނުޖެހޭނެތީ ކައިޝް އެކަން ނުކުރަނީ އެވެ.
ކައިޝް ގޮސް އޮށޯތީ ކައިޝް އަބަދުވެސް އޮންނަ ޖޯލީގައެވެ. ޖޯލީގަ ހަމަޖެހިލުމަށްފަހު މޫދަށް ބަލަން ފެށިއެވެ. އެމަންޒަރު ބަލަން ދުރުގަ ހުރި އަކިޔަން އޭނާގެ ފޯނުން ކައިޝްގެ ނަންބަރަށް ގުޅާލިއެވެ. ކައިޝް ފޯން ނެގުމަށްފަހު ބަލާލިއެވެ. ނުދަންނަ ނަންބަރަކަށްވާތީ ނުނަގާ އޮތީއެވެ. އެކަމަކު މާގިނައިން ގުޅަން ފެށުމުން ކައިޝް ފޯނުނަގާ ހަލޯއޭ ބުނެލިއެވެ.
ގުޅި މީހާއަކީ ކާކުކަން ނޭނގުނު ނަމަވެސް ހަލޯއޭ ބުނުމުން ވެސް ދަންނަ އަޑެއްހެން ކައިޝް އަށް ހީވިއެވެ. އެކަމަކު ޔަގީންނުވާތީ ކާކުތޯ ކައިޝް އަހާލިއެވެ.
” ކައިޝް ކިހިނެތް ހާލު… އެޒުވާނާ ހީވަނީ ކައިޝް ރަނގަޅަށް ދަންނަ މީހެއް ހެންނެވެ.
” ރަނގަޅު. ކާކުތީ ” ކުޑަކޮށް ހައިރާންވެ ހުރެ ކައިޝް ޖަވާބު ދިނެވެ. އެއީ އަކިޔަން ކަމާމެދު ކައިޝް އަށް ކުޑަކޮށް ޝައްކުވެސް ވިއެވެ.
” މީ އަކިޔަން.. ކައިޝް ޕްލީޒް ފޯން ނުބާއްވާ އަހަންނަށް ވާހަކަ ދައްކަން ވަގުތުކޮޅެއްދީ ” އަކިޔަން ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއެކުއެވެ. އަކިޔަން ކަން އެނގުމުން ކައިޝް ފޯން ބާއްވަން ބޭނުންވިއެވެ. ނަމަވެސް ކީއްވެގެން ކަމެއްނޭނގެއެވެ. ކައިޝްގެ ހިޔާލު ބަދަލުވިއެވެ. ކައިޝް ފޯނު ނުބޭއްވުމުން އަކިޔަން އަށް ލިބުނީ އިތުރު ހިތްވަރެކެވެ.
” ކައިޝް އައި އޭމް ރިއަލީ ސޮރީ ” އަކިޔަން ކުރިން ވެދިޔަ ކަންތަކަށް މައާފަށް އެދުނެވެ. ކައިޝް އަކިޔަން އަށް މާފު ކުރިއެވެ. އަކިޔަން ކުރިކަންތައް ކައިޝް ހިތަކުން ނުފިލާނެއެވެ. އެކަމަކު ވެސް އެހެން މީހެއްދެކެ ރުޅިއައިސްގެން ހުރެ ވަކި ކައިޝް އަށް ވާނެ ފައިދާއެއްވެސް ނޯންނާނެތީއެވެ.
ކައިޝް ވާހަކަ ދެއްކީ މަޑުމަޑުންނެވެ. ” އަހަރެންމީ އެއްވެސް އިރަކު ބޭކާރު ވާހަކަ ދައްކަން ހުންނަ މީހެއްނޫން. އެހެންމީހުން އަހަންނާ ދޭތެރޭ ކޮންމެ ގޮތަކަށް ދެކުނަސް ހެއްދެވި ފަރާތް ދެނެވޮޑިގެންވާނެ ހުރިހާ ކަމެއްވެސް ” ކައިޝް ފޯނު ބާއްވަން އުޅުމުން އަނެއްކާވެސް ފޯނު ނުބޭއްވުމަށް އަކިޔަން އެދުނެވެ.
ކައިޝް އަކީ އެއްވެސް އިރަކު ފިރިހެނަކާ ގާތްކޮށް ވާހަކަ ދައްކާފައިވާ މީހެއްނޫނެވެ. މިއަދު ކައިޝް ކޮންމެ ހާލެއްގަ އިނަސް ހަގީގަތަކީ އެއީ އެވެ.
” އެކަމަކުވެސް އަހަރެން ބޭނުން ކައިޝް އާ ވާހަކަ ދައްކަން. ކައިޝް އަށް އެހީތެރިވާން ” އަކިޔަން އަށް ބޭއިހުތިޔާރު ގަ ބުނެވުނެވެ. އަކިޔަން ވާހަކަ ދެއްކީ އޯގާތެރިކަމާއެކު އެވެ. ކައިޝްގެ ހިތްހަމަ ޖައްސާދެވޭތޯ އެވެ.
” ކައިޝް އޯކޭތަ އަހަރެން މަދުމަދުން ގުޅިޔަސް. އަހަރެންގެ ފަރާތުން ކައިޝްއަށް ވަރަށް އުނދަގޫ ކުރެވުނު. އެކަމަކު މީ މިހާރު މުޅިން އެހެންމީހެއް. އަހަންނަށް މިވަރުގެ ބަދަލެއް މިއައީ ހަމަ ކައިޝްގެ ސަބަބުން. އެހެންވީމަ އާ އެއްކޮށް އަހަރެން ބޭނުން ކައިޝްގެ ފްރެންޑަކަށް ވާން ” އަކިޔަން ބޭނުންވާގޮތް ހާމަކުރިއެވެ.
” ނޫނޭ އަހަންނަށް ނުގުޅާ. އެހެންނޫނަސް އަހަރެން މިހާރު އަކިޔަން އަށް މާފުކޮށްފިން. އަހަރެން ހިތުގަ އަކިޔަން އާ ދޭތެރޭ އެއްވެސް ހިތްބުރަކަމެއްނެތް. އަހަރެންނަށް މާގިނައިން ގުޅަންވެއްޖިއްޔާ މީހުން އެއްޗިސްކިޔާނެ ” ކައިޝް ފޯނު ކަނޑާލިއެވެ.
އެއާއެކު އަނެއްކާވެސް އަކިޔަންއަށް ގުޅިއެވެ. ކައިޝް ފޯނު ނެގިއެވެ.
” އެންމެ ރަނގަޅު. ކައިޝް އަށް އުނދަގު ނުވާނެ ގަޑިއެއްބުނޭ. އޭރުން ހަމައެކަނި އެގަޑިއެއްގަ އަހަރެން ގުޅާނީ ” އަކިޔަން ބުންޏެވެ.
” އެންމެ ރަނގަޅު.. އެކަމަކު ގިނައިން ނުގުޅާތި ” ކައިޝް ބޭނުންނަމަ ނޫނެކޭ ބުނެވުނީހެވެ. ބޭނުންވީވެސް އެހެން ބުނާށެވެ. އެކަމަކު ބުނެވުނީ މުޅިން އެހެން އެއްޗެކެވެ.
އަކިޔަން ހުރީ ވަރަށް އުފަލުންނެވެ.
” ވަރަށް އުފާވެއްޖެ. އޯކޭ ޔޯ ބުނީ ގުޅިޔަސް. އުއްމީދަކީ ހުރިހާ ކަމެއްވެސް ކާމިޔާބުވުން. އިރާދަކުރެއްވިއްޔާ އަހަންނަށް ކައިޝްގެ ލޯބި ލިބޭނެ ” އުފާވެފައިހުރެ އަކިޔަން ބުންޏެވެ. އާއެނކެވެ. އަކިޔަން އަށް ވަނީ ކައިޝް ދެކެ ލޯބިވެވިފައެވެ. ލޯތްބަކީ ކަނުއެއްޗެކޭ މީހުން ބުނެ އުޅެއެވެ. އިއްޔެއާ ޖެހެންދެން ކަހަލަ ގޮތަކަށް އަކިޔަން ކައިޝް އަށް ނަފްރަތު ކުރިއެވެ. އެކަމަކު މިހާރު އެހުރިހާ ކަމެއް ބަދަލު ވެއްޖެއެވެ. ކައިޝް އަކީ މާބަނޑު މީހެއްކަން އިނގޭއިރުވެސް އަކިޔަން ކައިޝް ދެކެ ލޯބިވެއެވެ. ކައިޝް އުފަލުގަ ހުންނަތަން ދެކެން އަކިޔަން ބޭނުންވެއެވެ.
” އިރާދަކުރެއްވިއްޔާ ވާނެ. ތިކަން ކާމިޔާބުވުމުން އޭނަގެ ހިތުގެ ސިއްރުތައް ދެނެގަނޭ. އެކަމަކުވެސް އޭނައަށް އެހީތެރިވާތި ” މަރީ އެދުނެވެ. މަރީ ބޭނުންވަނީ ކައިޝްގެ މަޑުމޮޅި ދިރިއުޅުމުން ބޭރުކޮށް ކައިޝް އަށް އުފާވެރި ދިރިއުޅުމެއް ހޯދަދޭށެވެ. އެކަން އަކިޔަން ކުރާނެއޭ މަރީގެ ހިތް ބުނެއެވެ. އެހެންނޫންނަމަ އަކިޔަން އަށް އެވަރުގެ ބަދަލެއް ނައީހެވެ. މަރީ އަބަދުވެސް މަސައްކަތް ކުރަނީ ރަހުމަތްތެރިޔާގެ އުފަލަށްޓަކައެވެ.
އެދުވަހުގެ ރޭގަނޑުގެ ވަގުތެވެ. ކައިޝް ގެއަށް އައިސްވަނީ އިރުއޮއްސުނު ފަހުންނެވެ.
” ކައިޝް ހާދަލަހުން ތިއައީ ” ކައިޝް ހޫނުވާތީ އަތިރިމަތީ އޮވެލީ ކަމަށް ބުންޏެވެ.
” އާނ މާބަނޑު ދުވަސްވަރު ހޫނުވާނެޔޯ މީހުންބުނާ އަޑުއަހަން. އެކަމަކު ދެން އެކަމާ ހާސްނުވޭ. ކައިޝް ކޮޓަރި އޭސީގެ ރިމޯޓް އޮންނާނެ ކޮޓަރިތެރޭ. އޭސީވެސް ޖައްސާފަ ހުންނާނީ ” ނީނާ ވާހަކަ ދެއްކީ ވަރަށް އުފަލުން ހުރެއެވެ. އެކަމަކު ކައިޝް އުފަލެއް ނުވިއެވެ.
” ކީއްކުރަން އޭސީ ޖެއްސީ. މަންމަ އަށް އިނގިއްޖެއްޔާ ” ކައިޝް ޖެހިލުންވިއެވެ.
” ކިހިނެތްވީ މަށަށް އެނގުނިއްޔާ. މަވެސް މީ އެހާ ރަހުމް ކުޑަ މީހެއްނޫނޭ ” ޒުހުދާ އެހެން ބުނުމަށްފަހު އޭނާގެ ކޮޓަރިއަށް ވަނެވެ.
ޒުހުދާގެ އެއަމަލު ތަކުގެ ސަބަބުން ނީނާވެސް ހުންނަނީ ހައިރާންވެފައެވެ. އެކަމަކު އެކަން ނުދައްކާވޭތޯ ނީނާ މަސައްކަތް ކުރެއެވެ. ބަދިގެއަށް ވަދެ އެއްޗެއް ކާލުމަށްފަހު ކައިޝް ގޮސް ކޮޓަރިއަށް ވަނެވެ. ކުރިން އެއޮށް ހޫނުގަދަ ކޮޓަރި މިރޭ ކައިޝް އަށް ވަރަށް ހިތްފަސޭހައެވެ. ފެންވަރާލާ ތާޒާވެލައިގެން ކައިޝް އޮށޯތެވެ.
ފޯނަށް މެސެޖެސް ލިބުމުން ކައިޝް ބަލާލިއެވެ. އަކިޔަން ފޮނުވި ގުޑްނައިޓް މެސެޖެކެވެ. ރިޕްލައި ކުރާހިތްވި ނަމަވެސް ކައިޝް އެކަމެއް ނުކުރެއެވެ. އެހެންރޭރޭ ނުނިދިފަ އޮންނަ ކައިޝް އަށް ނިދުނީ ހީވެސް ނުކުރާހާ ފަސޭހައިންނެވެ.
ނިދާބޮކީގެ ފަނޑުއަލީ ތެރޭ ކައިޝް ފެންނަނީ ވަރަށް ހިތްގައިމު ކޮށެވެ.
ކޮޓަރީގެ ނިދާބޮކި ނިވި މުޅިތަނަށް އަނދިރިވެގެން ދިޔައެވެ. އަރާމް ނިދީގަ އޮތް ކައިޝް އަށް ހޭލެވުނީ މީހަކު އަތްލިހެން ހީވެގެންނެވެ. ކޮޓަރި ތެރެ އަނދިރިކަމުން އެއްވެސް ތަނެއް ނުފެނެއެވެ.
” ހެޔޮނުވާނެ. އަހަރެންގެ ގައިގަ އަތްނުލާ. އަހަރެން ސަލާމަތްކުރޭ ” ކައިޝް ރޯން ފެށިއެވެ. ނަމަވެސް އެމީހެއްގެ ހިތަށް އެއްވެސް އަސަރެއް ނުކުރާ ކަހަލައެވެ. ކައިޝް ރޮއި އާދޭސް ކުރަމުން ދިޔައެވެ. ކައިޝް ބާރު ބާރަށް ރޮއި ސަލާމަތަށް އެދެން ފެށިއެވެ.
” ހެޔޮނުވާނެ. އަހަރެން ސަލާމަތްކުރޭ ” ސިޓިންގރޫމްގަ ނުނިދިފަ އިން ޒުހުދާއަށް ކައިޝް ހަޅޭއްލަވާހެން ހީވިއެވެ. ޒުހުދާއަކަށް މަޑަކުން ނީނދެވުނެވެ. ކައިޝްގެ ކޮޓަރިއާ ދިމާއަށް ޒުހުދާ ދުއްވައިގަތެވެ. ބާރުބާރަށް ދޮރުގަތަޅާ ކައިޝް އަށް ގޮވަމުން ދިޔައެވެ.
ކައިޝް ބާރު ބާރަށް ރޮމުން ދިޔައެވެ. ތަޅުނުލާ ހުރުމުން ޒުހުދާ ކޮޓަރި ތެރެއަށް ވަނެވެ. އޭރުވެސް ކައިޝް ސަލާމަތަށް އެދި ބާރަށް ރޮނީއެވެ. ޒުހުދާ އަށް ބޭއިހުތިޔާރުގަ ގޮސް އޮށޯވެ އޮތް ކައިޝްގެ ދެއަތުގަ ހިފާ ތަޅުވައިގަތެވެ.
” ކައިޝް. ކައިޝް ލޯހުޅުވާލަބަލަ. ކިހިނެތްވީ. ކާކު ކައިރިންތަ ސަލާމަތް ކުރަންވީ ” ކައިޝްއަށް ހޭލެވުނީ އެހިސާބުންނެވެ. ޒުހުދާ އެނދުގަ އިށީނދެ އިންތަން ފެނުމުން ކައިޝް އަށް ފެނުނު ހުވަފެންމަތިންވެސް ހަނދާން ނެތުނު ކަހަލައެވެ.
” މަންމާ. ކީއްވެ މިތާ ” ކައިޝް އަށް އަހާލެވުނެވެ.
” ދަރިފުޅާ ކީއްވެ ތިހާ ބާރަށް ތިރޮނީ. ހުވަފެނެއް ފެނުނީދޯ ” ޒުހުދާގެ އޯގާތެރި ބަސްތަކުން ކައިޝްގެ ހިތްރޮއްވާލިއެވެ. އެއްވެސް އިހުތިޔާރަކާއި ނުލާ ކައިޝްއަށް ޒުހުދާގެ ގައިގަ ބައްދާލެވުނެވެ.
” މަންމާ. އަހަރެން މަންމަ ދެކެ ވަރަށް ލޯބިވޭ ” ކައިޝް އެކޭ އެއްގޮތަށް ޒުހުދާގެ ލޮލުންވެސް ކަރުނަ ފައިބަމުން ދިޔައެވެ.
” ދަރިފުޅާ ކައިޝް، މިމަންމަ އަށް މާފުކުރޭ. މަންމަގެ ފަރާތުން އުނިވި ލޯބި މަންމަ އަލުން ދަރިފުޅަށް ހޯދަދޭނަން ” ދޮރުދޮށުން ބޯ ދިއްކޮށްގެން ހުރި ރާއިދު އާ ފަހީމްގެ ދެލޮލުންވެސް ކަރުނަ ފާއްދާލިއެވެ. ފަހީމްގެ އިޝާރާތަށް ރާއިދު ވެސް އޭނާގެ ކޮޓަރިއަށް ދިޔައެވެ. ދެމައިންނަށް ވަގުތު ދިނުމަށްފަހުއެވެ.
ޒުހުދާގެ ލޯބި ލިބުމުން ކައިޝް އިންތިހާ އަށް އުފާވިއެވެ. މަންމަ ދިއުމުން ވަރަށް ހިތްވަރު ކުރުމަށްފަހު ކައިޝް ރާނިޔާގެ ނަންބަރަށް ގުޅާލިއެވެ. ރާނިޔާ އަކީ ކައިޝްގެ ދޮންތަ އެވެ. ކައިޝް ގުޅިޔަސް ރާނިޔާ ފޯނެއް ނުނަގައެވެ. އެކަމަކު ކައިޝް ބޭނުންވަނީ ކައިޝް އަށް ލިބުނު މަންމަގެ ލޯބީގެ ވާހަކަ އެންމެ ފުރަތަމަ ބުނާ މީހަކަށް ކައިޝްގެ ދޮންތަ ހަދާށެވެ. ދެފަހަރު ތިންފަހަރު ގުޅުމުންވެސް ރާނިޔާ ފޯނެއް ނުނެގިއެވެ. ނިދާފަ އޮތީ ކަމަށް ބަލާފަ ކައިޝްވެސް ނިދޭތޯ ޖައްސާލިއެވެ. ވީވެސް ހަމަ އެހެންނެވެ. ޖައްސާލިތާ އިރުކޮޅެއްނުވަނީސް ކައިޝް އަށް ނިދިއްޖެއެވެ.
ޒުހުދާ އަށް އައި ބަދަލުގެ ސަބަބުން އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ނާއިފްވެސް ހުރީ ވަރަށް އުފަލުންނެވެ. އެކަމަކު ޒުހުދާ އަށް އެހާބޮޑު ބަދަލެއް އައި ސަބަބު އެކަކަށްވެސް ވިސްނައިގަންނާކަށް ނޭނގުނެވެ.
ކައިޝް ސައިބޮއިގެން ބޭރަށްދާން ނުކުތް ވަގުތެވެ.
” ދަރިފުޅާ. ޓިއުޝަން ކުލާހަށް ނުގޮސް ގޭގަ މަޑުކޮށްލަންވީނު. މިހާރު ތިއިނީ ވިހަންވެސް ކައިރިވެފަ ” ޒުހުދާ ބޭނުންވަނީ މިހާރު އެގޮތެވެ.
” ނޫނޭ މަންމާ. އަހަންނަކަށް ނުވެއޭ އެހާ އުނދަގުލެއް. އެހެންނޫނަސް މީ ނުލާހިކު ކުރާ ހިތުން ކުރާ ކަމެއް ” ކައިޝް ނުކުންނަންދެން ބަލަން ޒުހުދާ ހުއްޓެވެ.
ގަޑިތައް ނިމޭނެ އިންތިޒާރުގަ ކައިޝް އިނެވެ. ކައިޝްގެ ހުރިހާ ގަޑިއެއް ނިމުނު އިރު އަދި މަރީ ނުނިމެއެވެ. މަރީއަށް އެއުފާވެރި ހަބަރު ދޭހިތުން ކައިޝް އަށް ކެތްކުރެވެނީއެއްނޫނެވެ. މަރީ ނުކުންނާނެ އިރެއްވަންދެން އިންތިޒާރުގަ ކައިޝް ކުލާސް ބޭރުގަ މަޑުކޮށްލައިގެން ހުއްޓެވެ.
” ކައިޝް. ކީއްވެފަ ތިހުންނަނީ ” އަކިޔަން ކައިޝް ކައިރިއަށް ހުއްޓެމުން މަޑުމަޑުން އަހާލިއެވެ.
މަރީ ނުކުންނަންދެން ކަމަށް ބުނި ނަމަވެސް ދެމީހުން މާގިނަ ވާހަކައެއް ނުދައްކައެވެ. އަކިޔަން އެހި އެއްޗަކަށް ޖަވާބު ދިނުން ފިޔަވާ އިތުރު ވާހަކައެއް ދެމީހުންގެ މެދަކު ނުދެކެވެއެވެ. އަކިޔަން ދިޔައީ ދާހިތަކުންނޫނެވެ. އަކިޔަން ފެނުމުން ކައިޝް އަށް ބުނެދޭން ނޭނގޭ އިހުސާސްތަކެއް ކުރެވެއެވެ. ކައިޝް ދެކޭ ގޮތުގަ އެއީ ރަނގަޅު ގޮތެއް ނޫނެވެ. ކައިޝް އަކީ އެކަނި ހުރި މީހެއްނޫނެވެ. ކައިޝްގެ ދިރިއުޅުމުގަ އިތުރު މީހަކު ވެއެވެ. އެހެންކަމުން އެފަދަ އިހުސާސް ތަކަށް ބޯލެނބުމަކީ ކައިޝް ކޮށްގެން ވާނެ ކަމެއް ނޫންކަމަށް ކައިޝް ދެކެއެވެ.
މަރީ ނިމިގެން ނުކުތުމާއެކު ކައިޝް ފެށުނީއްސުރެ ނިމެންދެން ހުރިހާ ވާހަކައެއް ކިޔާދިނެވެ. މަރީވެސް ވަރަށް އުފާވިއެވެ. ރަހުމަތްތެރިޔާގެ އުފާވެފަ ހުންނަތަން ފެނުމުންނެވެ. މީގެކުރިން ކައިޝް އެހާ އުފަލުން ހުއްޓަ މަރީއަކަށް ނުފެނެއެވެ. އެކިއެކި ވާހަކަ ތަކުގަ ދެމީހުން ހިނގަމުން ދިޔައެވެ. ކުއްލިއަކަށް ކައިޝްގެ ނަޒަރު ހުއްޓުނީ އެއްފަރާތެއްގަ ހުރި ފިހާރައަކުން ނުކުތް މީހާއަށެވެ. ވަގުތުން ކައިޝްގެ ދެފައި ތުރުތުރުއަޅައިގަނެގެން ދިޔައެވެ. އެކަމަކު އެއީ ކިހިނެތްވާނެ ކަމެއް ހެއްޔެވެ؟ ރީތިކޮށް މޫނު ނުފެނުނު ނަމަވެސް އެއީ ހަމަ އެމީހާއެވެ. ކުއްލިއަކަށް ކައިޝް އަށް މަރީގެ އަތުގަ ހިފާލެވުނެވެ.
” ކައިޝް ކިހިނެތްވީ. ކަމެއްގޯސްވީތަ ” މަރީ ހާސްވިވަރު ފެނުމުން ކައިޝް އަވަހަށް އޮޅުވާލިއެވެ.
” ނޫން. ކުޑަކޮށް އެނބުރުން އެރީ ” ކައިޝް ހެދީ ދޮގެވެ. އޭރު އެމީހާ ސައިކަލެއްގެ ފަހަތަށް އަރައިގެން ނައްޓާލަނީ އެވެ.
” ކީއްވެ ކުއްލިއަކަށް ތިއައީ. އަންގާވެސް ނުލާ ” ޒުހުދާ ވާހަކަ ދެއްކީ ރާނިޔާ އާ އެވެ.
” ކިހިނެތްވީ. މީ އަހަރެންގެ ވެސް ގެއެއްނު. ހަމަ ބޭނުންއިރަކު އާދެވޭނެއެއްނު. އެހެންނޫނަސް ނަދީމްވެސް ވީ ކޮންމެވެސް މަސައްކަތެއްގަ އައްޑުއަތޮޅަށްގޮސް. ދުވަސްކޮޅެއްވާނެއޯ. އެހެންވެ އަހަރެން ހިތަށް އެރީ މަންމަ ކައިރިއަށް އައިސްލާނަމޭ ” ރާނިޔާ ވާހަކަ ދައްކަމުން ދިޔައެވެ.
” ނީނާ ހާދަލަސްވެއްޖެއޭ ކައިޝް އަންނަލެއް. ނިކަން ގުޅާލަބަލަ އެމަންޖެއަށް ” އަޑުއިވުނީ ރަނގަޅަށް ބާވައޭ ރާނިޔާގެ ހިތަށް އެރިއެވެ. މަންމަ އެހާލޯބިން ކައިޝް ގެ ވާހަކަ ދެއްކުމުން ރާނިޔާ ގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. ވަގުތުން ފަށައިގަތެވެ.
” މަންމައަށް ހަމަ ނޭނގެނީތަ އެ ކައިޝް ކޮށްގެން ހުރި ވިޔާނުދާ ކަންތައް ” ރާނިޔާ ބުންޏެވެ.
ޒުހުދާ ދައްކަން ބޭނުންވާ، ބުނަންބޭނުންވާ ކިތަންމެ ވާހަކައެއް އެބަހުއްޓެވެ. އެކަމަކު ވެސް ކެތްތެރިވިއެވެ.
” އަހަންނަށް އިނގޭ އެމަންޖެ އިންހާލު. އެހާލުގަ ހުއްޓަ މަށަކަށް ނުކެރޭނެ އެމަންޖެ އަށް ގޮތެއް ހަދާކަށް. އެހެންނޫނަސް ކުއްކުރެވޭނެ ހުރިހާ އިންސާނުންނަށްވެސް. އޭގެ ބަދަލުގަ އަބަދާ އަބަދު ހަޅޭއްލަވައިގެން ވާނެ ކަމެއް ނޯންނާނެއެއްނު ” ޒުހުދާގެ ވާހަކަ ދެއްކުން ހުރި ގޮތުން ރާނިޔާގެ ރުޅިގަނޑު ދިޔައީ ގަދަވެގެންނެވެ. އެވަގުތު ކައިޝް އައިސް ގެއަށް ވަންނަނީ އެވެ. ރާނިޔާ ފެނުމުން ކައިޝް ވަރަށް އުފާވިއެވެ. މަންމަގޮތަށް ދޮންތަވެސް ކައިޝް އަށް މާފުކުރީ ބާވައޭ ކައިޝް ހިތަށް އެރިއެވެ.
” ދޮންތާ ” ކައިޝް އަށް ބުނެވުނެވެ.
” މަށަށް ދޮންތައޭ ނުކިޔާތި. އަހަރެން މިގެއަށް މިއައީ ތިވިޔާނުދާ މީހާ ބަލާކަށްނޫން. އަހަރެންގެވެސް މައިންބަފައިން މިގޭގަ އުޅޭތީ. ތިދުލުން މަށަށް ދޮންތައޭ ނުކިޔާތި މީގެފަހުން ” ކައިޝް އިންތިހާއަށް ދެރަވިއެވެ. އަދިވެސް ރާނިޔާ ކައިޝް އަށް މާފުނުކުރާކަން އެނގުމުންނެވެ. ލޮލުން ފޭބި ކަރުނަ ތައް އަތުގެ ނުފުށުން ކައިޝް ފޮހެލިއެވެ.
ކައިޝް ދުވެފަ އެތަނުން ދިޔައެވެ. އޭނާގެ ފަހަތުން ނީނާވެސް ގޮސް ކައިޝްގެ ކޮޓަރިއަށް ވަނެވެ. ނީނާ ކައިޝްއަށް ވަރަށް ނަސޭހަތް ދިނެވެ. ހިތްވަރު ކުރުމަށް ބުނެ ވާހަކަދެއްކިއެވެ.
” ނަދީމްވީ އައްޑުއަތޮޅު ރަށެއްގަ ޔޯ. ކޮންމެވެސް މަސައްކަތެއް ކުރަން. އެހެންވެ އެކަނި ހުންނަން ފޫހިވާތީ ޔޯ މިކޮޅަށް އައީ ” ނީނާ އޮޅުންފިލުވައި ދިނެވެ.
ނީނާ ދިއުމާއެކު ކައިޝްގެ ހަނދާނަށް އައީ މަގުމަތިން ފެނުނު މީހާއެވެ. އަނެއްކާ އެއީ ކައިޝް އަށް ހީވިގޮތް ބާވައެވެ. ވާނީ އެހެންނެވެ. އެއީ ކައިޝް އަށް ހީވި ހީވުމެކެވެ. މިހާ ދުވަސްވީ އިރުވެސް ރާނިޔާގެ ހިތުގަ ކައިޝް އާ ދޭތެރޭ އެއްވެސް ރަހުމެއްނެތެވެ.
” މަންމަ ކީއްވެތަ އޭނަ ރަންގަނޑަކަށް ހަދައިގެން ތިއުޅެނީ. ނޭނގެނީތަ ހަމަ އޭނަ ކޮށްގެންއިންކަންތައް ” ޒުހުދާ މެންގެ ކޮޓަރި އެނދުގަ އިށީނދެ އިން ރާނިޔާ ވާހަކަ ދައްކަމުން ދިޔައީ ޒުހުދާ އާ އެވެ.
” އެންމެ ރަނގަޅު. އަހަރެން މިކުރާ ސުވާލަށް ރާނިޔާ ޖަވާބުދީބަލަ ” ޒުހުދާ އެނދުގަ އިށީންނަމުން ބުނެލިއެވެ.
” ރާނިޔާ ކީއްވެ ކައިޝްދެކެ ތިހާ ރުޅި އަންނަނީ. ރާނިޔާ އަށް އިނގޭދޯ ކައިޝްގެ ބަނޑުގަ އެވަނީ ކާކުގެ ދަރިއެއްކަން. އެހެންވީމަ ދޯ ތިހާ ރުޅި ތިއަންނަނީ ” ޒުހުދާގެ ސުވާލުތަކުގެ ސަބަބުން ރާނިޔާ ކުޑަކޮށް މައިތިތިވިއެވެ.
” ކީކޭ ކިޔަން މަންމަ ތިއުޅެނީ. އަހަންނަށް ކިހިނެއްތަ އިނގޭނީ އޭނަގެ ބަނޑުގަ އޮތީ ކާކުގެ ދަރިއެއްކަމެއް. އެވައްތަރަށް އުޅޭ މީހުންދެކެ ކާކުތަ ލޯބިވާނީ ” ރާނިޔާ ބުންޏެވެ.
” ރާނިޔާ ކީއްވެ ދަރިއަކު ނުހޯދަނީ. ނުލިބެނީތަ “
” މަންމަ ކީކޭ ކިޔަންތަ ތިއުޅެނީ. ކީއްވެތަ އަހަންނަށް ދަރިން ނުލިބެންވީ ” ރާނިޔާ ހާސްވިހެން ޒުހުދާ އަށް ހީވިއެވެ.
” ހެވޭ ދެން. އެކަމަކު އަހަރެން މިގޭގަ ހުރިހާ ދުވަހަކު ބުނޭ އެކައިޝް ގާތު އަހަންނަށް ނުފެނި އުޅޭށޭ. އެހެންނޫނީ.. “
” އެހެންނޫނީ ކީއްކުރާނީ. ރާނިޔާ މިގެއިން ދާނީ. މައްސަލައެއްނެތް. އެކަމަކު ކައިޝް ބޭނުންގޮތަކަށް މިގޭގަ އުޅެވޭނެ. މީ ކައިޝްގެ ވެސް ގެ. ރާނިޔާ ހިތްހަމަ ނުޖެހެންޔާ ދޭ ” ޒުހުދާ ބުންޏެވެ. މަންމަ އެގޮތަށް ވާހަކަ ދައްކަފާނެ ކަމަކަށް ރާނިޔާ ފަހަރެއްގަވެސް ހިއެއްނުކުރެއެވެ. އެކަމަކު ކަންތައްވަމުންދާ ގޮތާ ފެންނަ މަންޒަރުތައް މުޅިން ތަފާތެވެ. ރާނިޔާ ހުރިހާ ރުޅިއެއްބޭލީ ކައިޝް އަށެވެ.
ރޭގަނޑުގެ ކެއުމުގެ ވަގުތުގަ ކައިޝް ބައިވެރިއެއް ނުވެއެވެ. ކައިޝްގެ ސަބަބުން ގޭތެރޭގެ ހާލަތު ގޯސްވާކަށް ކައިޝް ނޭދެއެވެ. އެހެންކަމުން ކައިޝް ކޮޓަރީގަ މަޑުކޮށްލައިގެން އޮތީ އެވެ. އަކިޔަން ގުޅީ ކައިޝް އެހިޔާލުގަ އޮއްވައެވެ.
ކުރުގޮތަކަށް ވާހަކަ ދެއްކުމަށްފަހު އަކިޔަން ފޯނު ބޭއްވިއެވެ. ކައިޝް އަށް ނޭނގި ނަމަވެސް ކައިޝްގެ ހިތުން ޖާގައެއްވަނީ އަކިޔަން އަށް ދެވިފައެވެ. އެކަން ކައިޝް އަށް މިހާރު ގަބޫލު ކުރެވެއެވެ. އަކިޔަންގެ ކޯލަށް ކައިޝް އަށް އިންތިޒާރު ކުރެވެއެވެ. ލިބޭ މެސެޖްތައް ކިޔާލެވެނީ އެއްފަހަރަކު ދެފަހަރަކު ނޫނެވެ. އެއިންވެސް އިނގޭ އެއްޗަކީ ކައިޝްގެ ހިތުގަ އަކިޔަން އަށް ދެވިފަވާ ލޯތްބެވެ.
އަކިޔަން ސައިކަލު ޕާކްކޮށްލުމަށްފަހު ގެއަށް ވަންނަން ދިޔަ ވަގުތެވެ. ނުވެސް ދަންނަ މީހަކު އައިސް އަކިޔަން ކުރިމައްޗަށް ހުއްޓުނެވެ. ނުވެސް ދަންނަ މީހަކު އެގޮތަށް ކުރި ބެއްދުމުން އަކިޔަން ހުރީ ހައިރާންވެފައެވެ. ކުރީގެ އަކިޔަން ނަމަ މިހާރު އެމީހާގެ ކަރުގަ ހިފައިފީހެވެ. އެކަމަކު މިހާރުގެ އަކިޔަން އެއާ ތަފާތެވެ.
” ތިޔަ ކުރަން އުޅޭ ކަމަކީ އަހަންނާ ގުޅޭ ކަމަކަށްވާތީ މިބުނަނީ، ތިކަންތައް ކުރަންނޫޅޭ ” އަކިޔަން ހުރީ ވާނުވާ ނޭނގިފައެވެ. އެހެންވިޔަސް އަކިޔަންވެސް ބޭނުންވީ އެއަށް ޖަވާބު ދޭށެވެ.
” ހުއްޓާނުލައިފިއްޔާ..” އަކިޔަން ޖަވާބު ދިނެވެ.
” ހުއްޓާނުލައިފިއްޔާ ނަތީޖާ ވަރަށް ގޯސްވާނެ ” އެމީހާ ބުންޏެވެ.
” ތީ ކޮންމެ މީހަކަށްވިޔަސް އަހަރެންގެ މައްސަލައެއްނެތް. ތިހާ ކެރެންޔާ ތިކިޔާ އެއްޗެއް ތަންކޮޅެއް ސާފުކޮށް ކިޔާދޭންވީނު ” އަކިޔަން ބުންޏެވެ.
” އަހަރެން މިބުނަނީ ކައިޝްއާ ކައިރިވާން ނޫޅޭށޭ. މިހާރު ސާފުވެއްޖެތަ؟ އޮޅުންފިލައިފިތަ ” މިފަހަރު އެމީހާ ވާހަކަދެއްކީ ރުޅިއައިސްފަ ހުރެއެވެ.
” ކައިޝްއާ ކަލެއާ އޮތީ ކޮންގުޅުމެއް. އަހަރެން ވަރަށް ބޮޑައް ހައިރާންވެއްޖެ ” ހަގީގަތުގަވެސް އަކިޔަން ހައިރާންވެއްޖެއެވެ.
” ކައިޝް އާ އަހަންނަށްވުރެ ގުޅުންބޮޑު އެކަކުވެސް ނުހުންނާނެ. ހަނދާންކުރާތި. ކައިޝް އާ ކައިރިވާން މަސައްކަތް ނުކުރާތި ” އެމީހާ ގެއްލެންދެން ބަލަން އަކިޔަން ހުރީ ވާނުވާ ނޭނގިފައެވެ. ދުވަހަކު ނުވެސް ދަންނަ މީހަކު އައިސް އެގޮތަށް ވާހަކަ ދެއްކުމުންނެވެ. އެމީހާ އެގޮތަށް ވާހަކަ ދެއްކި ނަމަވެސް އަކިޔަންގެ އަޒުމަކަށް ބަދަލެއް ނާދެއެވެ. އަކިޔަންގެ ހިތުގަ ކައިޝް އަށް ދެވިފަ ވާ ޖާގަ ހައްތަހާ އިތުރުވިއެވެ.
އެނދުމަތީ އިށީނދެ އިން ކައިޝް ސިއްސައިގެން ދިޔައީ ރާނިޔާ ކުއްލިއަކަށް އައިސް ދޮރުހުޅުވުމުންނެވެ.
” މީނަ ހިތުން މީ މާ ރަނގަޅު މީހެކޯ. މަންމަ ގާތު ކީކޭ ކިޔައިގެން ތިއުޅެނީ. ތީ މާރަނގަޅު މީހެއްތަ. އަހަންނޭ ކިޔައިގެން ފާޑު ފާޑުގެ ވާހަކަ ދައްކަން. އަހަންނަށް ދަރިން ނުލިބެއޭ ކިޔައިގެން ކީކޭތަ މަންމަ ކައިރި ކީ ” ކައިޝްގެ ކޮނޑުގަ ހިފައި ތަޅުވައިގަންނަމުން ރާނިޔާ ހަޅޭއްލަވައިގަތެވެ.
އެއާއެކު ކައިޝް އަށް ބާރަށް ރޮއިގަނެވުނެވެ. އެއަޑަށް ގޭ އެންމެން ކައިޝްގެ ކޮޓަރިއަށް ޖަމާވިއެވެ. އިއްތިފާގުން ނާއިފްވެސް އައީ ދާދި ދެންމެ އަކުއެވެ. ނާއިފް ކުރިއަށް ޖެހި ރާނިޔާ ކައިޝް ކައިރިން ދުރުކުރުވިއެވެ.
” ދޮންތާ. ކައިޝް އާ ދުރުގަ ހުރޭ. އަނގައިން ކިޔާ އެއްޗެއް ކިޔާނީ ” ނާއިފު ރުޅިއައިސްފަ ހުރެ ވާހަކަ ދެއްކިއެވެ.
” އަހަންނާ ދިމާލަށް ހަޅޭއްލަވަން މާ ރަނގަޅު މީހެއްނޫނޭތީކީ. އެހެންނު ވާނީ. ލޭގެ ގުޅުންވެސް ނޭނގޭ މީހުންނަށްވާނީ ތިކަހަލަ ގޮތެއް “
” ރާނިޔާ. ހަމަ މިހާރު ހުއްޓާލާ ” ޒުހުދާ ކުރިއަށްޖެހި ރާނިޔާގެ މޫނުމަތީ އަތުގަ ހުރި ބާރަކަށް ޖެހިއެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.


kyve mivaahaka anekaa fashaigen ulheny
mulhi hurihaa vaahaka site thakeh ga mi vaahaka… aa echcheh liyeliyyaa keeththa vaanee… >.<
Vrh foohi kiyaafa huri baeh mee alhey aa baeh genesdheeba
adhi e vs nuninmaa thi knmes eh sitehga ninmaafa aneh site ga liyebala.. hurihaa site eh ga vx hama ehbai thakeh.. aslu vaahaka liyaakah neygey dhw
It’s so nice story
Plz update next part
Plz plz plz
asluves mi story v rythi…..plx upate the nxt part….
next part v avahaa update kohdhyba..
pls pls pls pls pls pls pls pls upload soon waiting waiting waiting :'(
Varah reethi mi vaahaka.. Waiting for next upload