Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތަޤްދީރު(17)

Nau Level 810 Stories100 Comments500 Comments100 Stories100 Login1K Comments
March 18, 2018 6 Mins Read
28 Comments

“މަންމާ.” އޭނާއާއި ދިމާއަށް އަމާޒުވެފައިވާ އާބިދާއާއި ސަލީމްގެ ރުޅިވެރި ނަޒަރުފެނި މަލްހާއަށް ވައިއަޑުން ގޮވައިލެވުނެވެ. އެއްގޮތަކަށްވެސް އާބިދާ އެހެންހަދަންޖެހުނު ސަބަބެއް މަލްހާއަކަށް ނުވިސްނުނެވެ. ހައިރާންވެފައި ރާއިދަށްވެސް އެމަންޒަރުބަލަން ހުރެވުނުއިރު އޭނާގެ ފަހަތުގައި ހުއްޓިލައިގެންހުރި ލިވްޔާގެ މޫނުމަތީގައިވީ މަލާމާތުގެ އަސަރުތަކެވެ. އެތުންފަތްމަތީގައި ފަނޑު ހިނިތުންވުމެއް ދުވެލިއިރު ހިތާހިތުން އޭނާ މަލްހާއަށް މަލާމާތުގެ ބަސްތައް ރައްދުކުރަމުންދިޔައެވެ.

“އާދޭ އަހަރެންނާއެކު ލިވްޔާގެ ކޮޓަރިއަށް.” މަލްހާއާއި ދިމާއަށް ބަލައިލުމެއްވެސްނެތި އެހެން ބުނެލުމަށްފަހު އާބިދާ އެދިމާއަަށް ހިނގައިގަތެވެ. ފަހަތުން ސަލީމާއި ލިވްޔާވެސް ހިނގައިގަތުމުން ހުއްޓުންއަރައިފައިހުރި މަލްހާ ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން އެދިމާއަށް މިސްރާބުޖެހިއެވެ. ރާއިދް ހުރިތަނުގައިހުރީ ހަދާނެގޮތެއް ނުވިސްނިފައެވެ. އެންމެންގޮސް ލިވްޔާގެ ކޮޓަރިއަށް ވަނުމުން އޭނާ ސިޓިންގް ރޫމްގައިހުރި ސޯފާއެއްގައި އިނށީދެލީ އެތަނަށް އޭނާ ދިއުމަކީ އެހައި ރަނގަޅުކަމެއް ނޫނޭ ހިތަށް އެރުމުންނެވެ.

މަލްހާގޮސް އެކޮޓަރިއަށް ވަތްއިރު އާބިދާ އެނދުގައި އިނށީދެލައިގެން މަލްހާގެ އިންތިޒާރުގައި އިނެވެ. ތަންކޮޅެއް ދުރުގައި ލިވްޔާ ހުއްޓިލައިގެންހުރިއިރު ސަލީމްވެސް އާބިދާއާއި ޖެހިގެންކަހަލަ ގޮތަކަށް އިނެވެ. މަލްހާ ވަނުމާއެކު އާބިދާ އިސްއުފުލައިލައި މަލްހާއާއި ދިމާއަށް ފުންނަޒަރަކުން ބަލައިލިއެވެ. ކޮލުގައި އޭނާ ޖެހުމުގެ ސަބަބުން ރަތްވެފައި ތަންގަނޑެއް ހުރިއިރު ދެލޮލުގެ އެސްފިޔަތައްވަނީ ތެމިފައެވެ. މަލްހާގެ މިހާލުފެނި އާބިދާގެ ހިތަށް އަސަރުކުރިނަމަވެސް ލިވްޔާއާއި މެދުގައި މަލްހާ ކަންތައްކުރިގޮތް ހިތަށްއެރުމާއެކު އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔައެވެ.

“މަލްހާ ކީއްވެ ލިވްޔާ ގެއިންނެރެ ރަށަށް ފޮނުވައިލީ؟ ބަލަ މަލްހާއަކަށް ނޭނގޭތަ އޭނާގެ ކިޔެވުން އަދި ނުނިމޭކަމެއް.” އިންތަނުން ތެދުވެގެން އައިސް މަލްހާގެ ކުރިމަތީގައި ހުއްޓިލަމުން އާބިދާ ހަރުއަޑުން އަހައިލިއެވެ. “އަހަރެން ސަބަބު ބުނަން މަންމައާ ބައްޕައަށް ކިހައި ގުޅިން. އެކަމަކު އެކަކުވެސް އަހަރެންގެ ކޯލަކަށް ޖަވާބެއްނުދިން.” ދުރުގައިހުރި ލިވްޔާގެ މޫނަށް ބަލައިލަމުން މަލްހާ ބުނެލިއެވެ.

“ތީ އަހަރެންކުރި ސުވާލުގެ ޖަވާބެއްނޫން.” ހިތްހަމަނުޖެހިފައި އާބިދާ އެހެން ބުނެލުމާއެކު ސަލީމްވެސް އެއީ ތެދެކޭ ބުނަމުން އިންތަނުން ތެދުވިއެވެ. “މަންމާ. ލިވީ.. ލިވީ ރާދުއާ.. ރަށްޓެހިވެގެން އުޅެންހެދީމަ.” މަލްހާއަށް ބުނެވުނީ އެހިސާބަށެވެ. ހަބަރުދާރޭ ކިޔައި ސަލީމް ހަޅޭލަވައިގަތެވެ.

“މަލްހާގެ ސިކުނޑި ހަމަޖެހޭތަ؟ އެބައެނގޭތަ ތިކިޔޭ އެއްޗެއް. ކަލޭ ގައިގަ ލަދުގެ ކަންފުޅެއްވެސް ނެތީތަ؟ ބަލަ އެއީ ކަލޭގެ ކޮއްކޮއޭ. އޭނަ ކީއްކުރަން ރާއިދާއެކު އެކަހަލަ ގުޅުމެއް ހިންގަންވީ؟ ސާބަސް މަލްހާއަށް.” އާބިދާގެ އަޑު މުޅިކޮޓަރީގައި ގުގުމައިގަތެވެ. އެޖުމުލަތަކާއެކު މަލްހާ ނޫނެކޭ ކިޔައި ކުޑަކޮށް ހަޅޭލަވައިގަތްއިރު ލިވްޔާ ފާޑަކަށް ހީލިއެވެ.

“ނޫން މަންމާ. ގަބޫލުކޮށްބަލަ. އަހާބަލަ ލިވީ ގާތު. އޭނަ އަމިއްލައަށް އިއުތިރާފުވިއޭ ރާދުދެކެ ލޯބިވާކަމަށް. އަހަރެންގެ މިދެލޮލުންނޭ ދުށީ ރާދުއާ ލިވީއާ އެކުގައި ތިބިތަން.” ގިސްލެވޭހާލު މަލްހާ އާބިދާގާތުގައި ބުނަމުންދިޔައެވެ. އެހެނަސް މަލްހާގެ އެބަސްތަކުން އާބިދާއާއި ސަލީމްގެ ރުޅިގަނޑު އިތުރުވުންނޫންހެންކަމެއް ނުވިއެވެ.

“އަހަރެން ހަމަ ހައިރާންވެއްޖެ. މަލްހާގެ ތިހިރަ ވިސްނުމަކުން. ބަލަ އެއީ އޭނާގެ ދޮންތަބެއޭ. އޭނައާއެކުގައި ލިވީވެސް ވަގުތު ހޭދަކުރާނެދޯ. އެތަންތަންފެނުނީމަ މަލްހާ ހަސަދަވެރިވާކަށް އަދިނުވޭ ކަންނޭނގެ.” ލިވްޔާއާއި ދިމާއަށް ނަޒަރު ހިންގައިލަމުން ސަލީމް ބުނެލިއެވެ. އޭނާގެ ހަގު ދަރިފުޅަށް އޭނާއަށް ފުރިހަމަ އިތުބާރު އޮވެއެވެ.

“ނޫން. ތީކުއްހީއެއް. އަހަރެން ކޮންކަމަކާ ހަސަދަވެރިވާންވީ؟ އަހަރެންނަށް އެނގޭ ދޮންތަބެ ވީމަ އެކުގައި އެހެން ތަންތަނަށްގޮސް އުޅޭނެކަން. އެކަމަކު މަންމާ. ދަންވަރުގެ ވަގުތު ލިވީގެ އުނގުގައި ބޯއަޅައިގެން ރާއިދް އޮތީވެސް ހަމަ ދޮންތަބެ ވީމަތަ؟ ނިދާ ހެދުމުގައި ރާއިދް އުނގުގައި ބާވައިގެން ލޯބީގެ ވާހަކަދައްކަންވެސް ލިވީ އިނީ ހަމަ ދޮންތަބެވީމަތަ؟” ލޮލުން އޮހޮރެމުންދިޔަ ކަރުނަތަކާއެކު ހިތުގައިޖެހިފައި މަލްހާ ބުނެލިއެވެ. އެއާއެކު އިރުކޮޅަކު ވިސްނަން ހުރުމަށްފަހު އާާބިދާ މަލްހާގެ މޫނަށް ބަލައިލިއެވެ.

“ޗީ ޗީ. ތިފަދަ ގޮތަކަށް ވިސްނަންވެސް ނުވާނެ. އަހަރެންގެ ލިވީއެއް ނޫޅޭނެ އެހެންނެއް. އެއީ އަހަރެން އެންމެ ލޯބިދީގެން ބަލައިބޮޑުކުރި ދަރި. އެދަރި ނޫޅޭނެ ތިފަދަ ލަދުކުޑަ ވައްތަރަކަށް. ތީ ހަމަ ލިވްޔާ މިގެއިންް ފޮނުވައިލާންވެގެން ހަދަހަދައިގެން މަލްހާ ދައްކާ ވާހަކަ. އެކަމަކުވާ ދެން ސާބަސް މަލްހާއަށްވެސް. ހަސަދަވެރިވިއަސް ތީދެން ބޮޑުވަރު. ހުއްޓައިލާ ތިކަންތައް މިހާރު.” މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސައިލަމުން އާބިދާ ބުނެލިއެވެ. ލިވްޔާ ވަނީ ހަމަ ރަނގަޅަށްވެސް އާބިދާއާއި ސަލީމްގެ ބޮލަށް އެރިފައެވެ. މިއަދު މަލްހާ ދައްކާ ވާހަކަ އެދެމީހުންނަށް ގަބޫލުނުކުރެވިގެން އެއުޅެނީ އެހެންވެއެވެ.

“އަހަރެން.. އަހަރެން ކޮންކަމަކާ ހަސަދަވެރިވާންވީ؟ މަންމާ ހެޔޮނުވާނެ އަހަރެން މިދައްކާ ވާހަކަ ގަބޫލުކޮށްބަލަ. އަހަރެން ދޮގެއް ނުހަދަމޭ.” ހިތުގައި ޖެހިފައި މަލްހާ ރޮއިގަތެވެ.

“އެހެންތަ؟ ދެން ތިބުނަނީ ލިވީއޭތަ ދޮގު ހަދަނީ؟” ހަރަންބަދެލަމުން އާބިދާ ނުރުހިފައި އަހައިލިއެވެ.

“އަހަރެންނަކަށް ނޭނގެ ލިވީ މަންމަމެންގާތު ދެއްކީ ކޮންވާހަކައެއްކަމެއް. އެކަމަކު އަހަރެންނަށް އެނގެނީ އަހަރެން ދޮގެއް ނުހަދަންކަން. މަންމާ އާދޭސްކޮށްފަ ބުނަން. އަހަރެން މިދައްކާ ވާހަކަ ގަބޫލުކޮށްބަލަ. ލިވީ އެކަނިތަ މަންމަގެ ދަރިއަކީ؟ އަހަރެންވެސްމީ މަންމަގެ ދަރިއެއްނު. އަހަރެން ކީއްވެ މަންމައާ ބައްޕައަށް ދޮގުހަދަންވީ؟ އަހަރެންގެ ޒަވާޖީ ހަޔާތް ސަލާމަތްކުރަން ކުރެވެންއޮތްކަމެއް ކުރަން އަހަރެން ބޭނުން. އެހެންވެެ ލިވީ ފޮނުވައިލަން އަހަރެންނަށް މަޖުބޫރުވީ.” އާާބިދާގެ ދެއަތުގައި ހިފައިލަމުން ފަހަތުގައިހުރި ސަލީމަށް ބަލައިލުމަށްފަހު މަލްހާ އާދޭހާއެކު ބުނެލިއެވެ. އެހެނަސް ދެންވެސް މަލްހާާގެ ވާހަކަތައް ގަބޫލުކުރާކަށް އާބިދާ ބޭނުންވިހެނެއް ހިއެއްނުވެއެވެ. މަލްހާގެ އަތްފޮޅުވައިލަމުން އޭނާއާއި ދިމާއަށް ލޯއަޅައިލިއެވެ.

“އެޔެއްނޫން ވީގޮތަކީ؟ އަހަރެން ބުނަންތަ ވީގޮތެއް. މަލްހާ ހަސަދަވެރިވީ ލިވްޔާ މޮޅަށް ކިޔަވަން ހެދީމަ. މުޅި އާއިލާގަވެސް އެންމެ މޮޅަށް ކިޔަވާ ކުއްޖަކަށް މަލްހާގެ ނަން އޮތީމަ އެމަގާމަށް އެހެންމީހަކު އަންނަތަން ބަލަން މަލްހާ ބޭނުންނުވީ. އެކަމާ މަލްހާާ ކަންބޮޑުވެ ހާާސްވީ. އެހެންނު. އެހެންވެ ލިވްޔާ މޮޅަށް ކިޔަވަފާނެތީ ކޮންމެވެސް އިލްޒާމެެއް އަޅުވާފަ އަވަހަށް ރަށަށް ފޮނުވައިލީ. އޭނާގެ ކިޔެވުން މެދުކަނޑައިލާފަ. ބަލަ މަލްހާއަކަށް ނޭނގޭތަ ކިޔެވުމުގެ މެދުތެރެއިން އެގޮތަށް ލިވްޔާ ފޮނުވައިލީމަ އޭނާއަށް ލިބޭނެ ގެއްލުމެއް. އާން މަލްހާާ ކީއްކުރަން އެކަމާ ވިސްނަންވީ. އެހެން ހެދީމަ މަލްހާގެ ބޭނުންފުދުނީވިއްޔަ ދޯ. އެޔެއްނު ބޭނުންވާ ގޮތަކީ. އެއްގޮތަކުން އެހެން ނޫނީ އަނެއްގޮތަކުންވެސް އަހަރެންގެ ލިވީގެ ކިޔެވުން ހަލާކުކޮށްލުން.” ދެލޯބޮޑުކޮށްލަމުން ހަރުއަޑުން އާބިދާ ހަޅޭލަވައިގަތެވެ.

އާބިދާގެ ވާހަކަ ނިމުނުއިރު ބުނާނެ އެއްޗެއް ނޭނގި ގަނޑުވެފައި މަލްހާއަށް ހުރެވުނީއެވެ. އާާބިދާ އެހެންބުނަންވީ ކީއްވެހެއްޔެވެ؟ އޭނާއަކީ ދުވަހަކުވެސް ލިވްޔާ މޮޅަށް ކިޔަވައިފާނެތީ އެކަމާ ހަސަދަވެރިވި މީހެއްނޫނެވެ. އެހެންނޫނަސް ލިވްޔާ އަކީ މަލްހާގެ ކޮއްކޮ ވިއްޔާއެވެ. ލިވްޔާ ކިޔަަވައިގެން މޮޅުވުމުން އެކަމާ ޚުދު އޭނާވެސް އުފާކުރާނެއެވެ. ތެދެކެވެ. އޭނާއަކީ އެއާއިލާގައިވެސްހުރި ކިޔެވުމަށް އެންމެ ކުޅަދާނަ ކުއްޖާއެވެ. އެހެނަސް އެމަގާމް އެހެންމީހަކަށް ލިބިދާނެތީ މަލްހާ އެއްއިރެއްގައިވެސް އެކަމާ ވިސްނާ ކަންބޮޑުވެ ހަސަދަވެރިވެފައެއް ނުވާނެއެވެ. ދެންކީއްވެހެއްޔެވެ؟ ކުރުމަށް ހިތުވެސް ނުއަޅާކަމެއްގެ އިލްޒާމް އޭނާގެ ބޮލުގައި އެޅިގެން އެދިޔައީ ކީއްވެހެއްޔެވެ؟

ހައިރާންކަމާއެކު މަލްހާ ލިވްޔާގެ މޫނަށް ބަލައިލިއެވެ. ފާޑަކަށް އޭނާއާއި ދިމާއަށް ބަލަންހުރި ލިވްޔާ ފެނުމާއެކު މިއީ އޭނާގެ ކަމެއްކަން ވަގުތުން މަލްހާއަށް ވިސްނުނެވެ. ނުރުހުންވެފައި މަލްހާ ދެފަރާތަށް ބޯހޫރުވައިލިއެވެ. އެއީ ކޮންކަހަލަ ކުއްޖެއްހެއްޔެވެ؟ އަމިއްލަ ދޮންތަގެ ދިރިއުޅުން ބަރުބާދުކޮށްލުމަށް ފައިވިއްދައިފައި ލިވްޔާ އެހުރީ ކީއްވެހެއްޔެވެ؟

“މަންމާ ތިއީ ދޮގެއް. އަހަރެންގެ ހިތަށް ތިފަދަ އެއްޗެއް ނުވެސްއަރާ. މަންމާ އަހަރެންމީ ތިހައި ހިތްނުބައި މީހެއްނޫން. ހެޔޮނުވާނެ މަންމާ އާދޭސްކުރަން. ތިއީ ދޮގެއް. ގަބޫލުކޮށްބަލަ މަންމާ. ބައްޕަވެސް އަހަރެންގެ ވާހަކަ ގަބޫލުނުކުރަނީތަ؟” ފަހަރަކު މީހެއްގެ މޫނަށް ބަލަމުންދިޔަ މަލްހާގެ ހިތްވަރު އެލެމުންދިޔައެވެ. އޭނާއަށް މިހެންމިވަނީ ކީއްވެހެއްޔެވެ؟ މިއަދު މަންމަމެންވެސް އޭނާ ދުރުކޮށްލީއެވެ.

މަލްހާގެ ވާހަކައަށް ޖަވާބެއްނުދީ ދެމީހުންވެސް ތިބީއެވެ. އެމީހުންގެ ޖަވާބެއްގެ އިންތިޒާރުގައިހުރި މަލްހާގެ ހިތް ފިސްފިސްވަމުންދިޔައީ އޭނާއަށް އިހުސާސުކުރެވެމުންދިޔަ އެކަނިވެރިކަމެއްގެ ސަބަބުންނެވެ. ލިވްޔާ އޭނާގެ އަތުން އޭނާގެ ހުރިހައި އުފަލެއްވެސް ނިގުޅައިގަތީއެވެ.

“މަންމާ އާދޭސްކުރަން. އަހަރެންގެ ޒަވާޖީ ހަޔާތް ހަލާކުވިޔަނުދީ. އަހަރެމެންގެ ކުޑަ ދަރިއަކުވެސް އެބަހުއްޓޭ. އެކުއްޖާއަށް ކުރާނެ އަސަރާމެދުގައި ވިސްނައިލަބަލަ. މަންމައަށް ލިވީއަށް ވިސްނައިދެވޭނީވެސް. ޕްލީޒް މަންމާ.” އާބިދާގެ ފައިބުޑަށް ވެއްޓިގަންނަމުން މަލްހާ ބާރަށް ރޮއިގަތެވެ. އެހެނަސް އެއިން ކަމަކުންވެސް ހަރުވެފައިވާ އާބިދާގެ ހިތަށް އެއްޗެއް އެރިހެނެއް ހިއެއްނުވެއެވެ.

“މަލްހާ ކޮންމެއެއްޗެކޭ ކިޔަސް ލިވްޔާ ހުންނާނީ މިގޭގަ އޭނާ ކިޔެވުން ނިމެންދެން. މިއީ އަހަރެންގެ ފަހުގެ ނިންމުން. ދެން އެންމެ ރަނގަޅު ދިޔަސް. ލިވީ ދަރިފުޅުދޭ ފެންވަރައި ތާޒާވެލަން.” މަލްހާއާާއި ދިމާއަށް ބަލައިލުމެއްވެސްނެތި އާބިދާ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ސަލީމްވެސް އިރުކޮޅަކު އިނށީދެގެން ރޯންއިން މަލްހާއާއި ދިމާއަށް ބަލަންހުރުމަށްފަހު ކޮޓަރިން ނުކުތެވެ.

މުޅިކޮޓަރީގައިވެސް ގުގުމަމުންދިޔަ މަލްހާގެ ގިސްލުމުގެއަޑުއަހަން ލިވްޔާ ހުރީ ހިނިތުންވެފައެވެ. އޭނާގެ ޕްލޭން އެހައި ފަސޭހައިން ކާމިޔާބުވީތީ އެހިތް އުފަލުން ނަށަމުންދިޔައެެވެ. އެހެނަސް އޭނާއަށް ނޭނގުނީ އަނެކާއަށް ދެރައެއް ދިނުމަށްފަހު ތިމާއަށްވެސް އުފަލުގައި ނުއުޅެވޭނެކަމެވެ. އަބަދު އެކަކަށް މޮޅުނުލިބޭނެކަމެވެ. ތެދެކެވެ. ކޮންމެ ކަމެއްވެސް މެދުވެރިކުރައްވަނީ އެންމެ ރަނގަޅަކަށެވެ. އެކަލާނގެ އަހަރުމެންނަށްޓަކައި ރާއްވަވައިފައި އޮންނާނީ އަބަދުވެސް އެންމެ ރަނގަޅު ގޮތަށެވެ. އެހެނީ އަހަރުމެންނަށް ނޭނގޭ ކިތަންމެކަމެއް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އެކަލާގެ ހަޟްރަތުން އުއްމީދުކަނޑައިލަން ނުވަނީ އެހެންވެއެވެ. ތަޤްދީރުގައި އޭނާއަށްޓަކައި ރޭއްވިފައިވިގޮތެއް ނޭނގޭ ހާލުގައި ލިވްޔާ އޭނާގެ ދުނިޔޭގައި އުފާކުރަމުން ދިޔައެވެ.

** ** **

އެނދުގައި އެއްދިމާއަކަށް ނަޒަރު ހުއްޓައިލައިގެން މަލްހާ އިނީ ފުންވިސްނުމަކަށް ގެއްލިފައެވެ. އެދެލޮލުން ކަރުނަހިކޭ އެންމެ ހިނދުކޮޅެއްވެސް ނުދެއެވެ. މަލްހާ އެހެން ހުންނަތަންފެނި އެންމެ ހިތަށް އަސަރުކުރަނީ ކުޑަކުޑަ ޒީވާންގެއެވެ. އުމުރުން ކިތަންމެ ހަގު ނަމަވެސް ޒީވާންގެ ވިސްނުން ތޫނެވެ. އޭނާގެ ވަށައިގެންވި މާހައުލުގައި ކަންތައް ހިނގަމުންދާގޮތް އެކުޑަކުޑަ ސިކުނޑިއަށް ވިސްނޭފަދައެވެ. ރާއިދާއި މަލްހާގެ ހީނަރުވެފައިވާ ގުޅުންވެސް ޒީވާންއަށް އިހުސާސުވެއެވެ. މަންމައާއި ބައްޕައާާއި ދެމެދުގައި އެއްވެސް ލޯބީގެ ގުޅުމެއްނެތްކަން ވިސްނޭފަހަރު މަލްހާ އެކަނިއިނދެ ރޯމަންޒަރު ފެނުމުން އެލޮލުންވެސް ކަރުނަ ހިލެއެވެ. ބައްޕައާމެދުގައި ހިތުގައި ޝަކުވާ އުފެއެވެ. އޭނާއަށް ވީވަރަކުން މަލްހާގެ ކަރުނަތައް ފުހެދެނީ ލޯތްބާއެކުގައެވެ. ކުޑަކުޑަ ޒީވާންގެ ބަދަލުވަމުންދިޔަ މިޒާޖުފެނިފައި މަލްހާގެ ހިތާމަތައް އިތުރުވުންނޫންހެންކަމެއް ނުވެއެވެ. އެހެނަސް އޭނާކުރާނީ ކީއްހެއްޔެވެ؟ ޒީވާންގެ ކުރިމަތީގައި ހިތްވަރުކޮށް ނުރޮއިހުންނަން އޭނާވެސް މަސައްކަތްކުރެއެވެ. ނަމަވެސް…

ދެދުވަހަކު އެގޭގައި މަޑުކުރުމަށްފަހު އާބިދާއާއި ސަލީމްވެސް އެނބުރި ރަށަށް ދިޔައެވެ. އެދެެދުވަހުގައި ލިވްޔާ އުޅެމުންދިޔައީ ވަރަށް ވިސްނައިގެންނެވެ. ފަހަރެއްގައިވެސް މަލްހާގެ ވާހަކައިގެ ތެދުކަން އެމީހުންގެ ކުރިމަތީގައި ސާބިތުވާފަދަކަމެއް އޭނާ ނުކުރެއެވެ. ރާއިދާއި ވީހައިވެސް ދުރުންއުޅެވޭތޯ އޭނާ ބެލީ އެހެންވެއެވެ. ރާއިދަަށްވެސް އެކަން ވިސްނުނީކަންނޭނގެއެވެ. އޭނާވެސް އެދެދުވަހުގައި ލިވްޔާއާއި ވީހައިވެސް ދުރުންއުޅެވޭތޯ ބެލިއެވެ.

އެގޭގައި މަޑުކުރި ދެދުވަހުވެސް ކޮންމެހެން ބުނަންޖެހިއްޖެ ވާހަކައެއް ފިޔަވައި އާބިދާ އާއި ސަލީމްވެސް މަލްހާއަކާ ވާހަކައެއް ނުދައްކައެވެ. ކިތަންމެ ވަރަކަށް ވާހަކަދައްކަން މަލްހާ މަސައްކަތްކުރި ނަމަވެސް އެކަންވީ ނާކާމިޔާބެވެ. ހިތުގައި ޖެހުނުވަރުން އިތުރަށް އެމީހުންގެ ކުރިމައްޗަށް ނުއެރުމަށް މަލްހާ ނިންމިއެވެ.

އެނދުމަތީގައިއިން މަލްހާ ސިހުނީ އޭނާގެ ފޯން ރިންގްވާން ފެށުމުންނެވެ. ފޯނުނަގައި ބަލައިލިއިރު އަޔާޒްގެ ނަން ޑިސްޕްލޭއަށް އަރައިފައި އޮތުމުން ކަރުނަތައް ފުހެލުމަށްފަހު ހިތްވަރުކޮށްލަމުން މަލްހާ ފޯނުނަގައި ކަންފަތުގައި ޖައްސައިލިއެވެ.

“ދޮންތާ. އާރ ޔޫ އޯކޭ؟ ކިހިނެއްތަ ވެގެން މިއުޅެނީ؟ ވީގޮތެއް ނިކަން އަހަރެންނަަށް ކިޔައިދީބަލަ.” ކަންބޮޑުވެފައި އަޔާޒު އަހައިލިއެވެ. އެކަންތައް ހިނގިއިރު އޭނާ ރަށުގައި ނެތުމުން ވެގެންއުޅޭގޮތެއް އެހައި ސާފުކޮށެއް އޭނާއަކަށް ނޭނގެއެވެ. ފުންނޭވާއެއްލަމުން މަލްހާ އޭނާގެ ހިތުގެހާލު އަޔާޒު ކުރިމަތީގައި ބަންޑުންކޮށްލީ އެހިތަށް ހަމަޖެހުމެއްލިބޭނެކަމުގެ އުއްމީދުގައެެވެ. ކެތްތެެރިކަމާއެކު މަލްހާގެ ވާހަކަތައް އަޑުއަހަންހުރި އަޔާޒުގެ ރުޅިގަދަވަމުންދިޔައީ ލިވްޔާގެ އަމަލުތައް އެފަދަގޮތަކަށް ހުރިވާހަކަ ބުނުމުންވެސް އާބިދާމެން އެކަން ގަބޫލުނުކޮށް މަލްހާއާއި ދިމާއަށް ހަޅޭލެވި ވާހަކަ ބުނުމުންނެވެ. އޭނާގެ ދޮންތަގެ އެއްވެސް ކުށެއް ނެތްކަން ވަގުތުން އަޔާޒަށް އެނގުނެވެ. ހިތްހަމަނުޖެހިފައި އަޔާޒު ފޯނުބޭއްވީ މަލްހާއަށް އެތައް ހިތްވަރެއް ދިނުމަށްފަހު އާބިދާމެންނާއި ވާހަކަ ދައްކާނޭކަމަށް ބުނަމުންނެވެ.

ފޯނު ބޭއްވުމަށްފަހު އަޔާޒު މިސްރާބުޖެހީ އާބިދާ އާއި ސަލީމްގެ ކޮޓަރިއަށެވެ. އެދެމީހުންނާއި އެތައްއިރަކު އެވާހަކަ ދައްކައި ވިސްނައިދެވޭތޯ އަޔާޒު މަަސައްކަތްކުރިއެވެ. އެހެނަސް އެކަންތައްވީ ފޫނެތް ފަޔަކަށް ފެންފުރުން ކަހަލަ ކަމަކަށެވެ. ދެމީހުންކުރެ އެކަކުވެސް އަޔާޒު ދެއްކިވާހަކަތައް ގަބޫލުކުރާކަހަލަ ޚިޔާލެއް ނުކުރިއެވެ. އެމީހުންގެ ގޮތުގައި އެމީހުން ދެމިތިބީއެވެ. އެންމެފަހުން އަޔާޒު އެކޮޓަރިން ނުކުމެގެންދިޔައީ ރުޅިއައިސް ރަތްވެފައި ހުރެއެވެ. ހަގީގަތް އިނގުނު ދުވަހަކުން މަންމަމެން ރޮއި ހިތާމަކުރާނޭ ބުނަމުންނެވެ.

** ** **

އާޓިފިޝަލް ބީޗްގެ ހިތްގައިމު ސަރަހައްދެވެ. އެތަނުގައިހުރި ހިލަ ގޮނޑިއެއްގައި އިނށީދެލައިގެން މަލްހާއިނީ އޭނާގެ ޚިޔާލީ ދުނިޔެއަށް ޣަރަގުވެފައެވެ. ފެތުރިފައިއޮތް ދޮންވެލިގަނޑުމަތީ ވެއްޔާއި ކުޅެން ޒީވާން އިނެވެ. އިރުއިރުކޮޅާ ޒީވާނާއި ދިމާއަށް ބަލައިލުމާއެކު ހިކިފަިއިވާ މަލްހާގެ ތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވެގެންދެއެވެ. ކުޑަކުދިންނަކީ ހަގީގަތުގައިވެސް ހިތްތަކުގެ ހަމަޖެހުމެވެ. ދެލޮލުގެ ފިނިކަމެވެ.

އޭނާގެ ހަޔާތާއި މެދުގައި ވިސްނަން މަލްހާ އިންއިރު ރާއިދް އޭނާއަށް އަބަދަށް ގެއްލިއްޖެކަމުގެ ހިތި އިހުސާސުކުރެވެމުންދިޔައެވެ. އޭނާ ވަރުބަލިވެއްޖެއެވެ. އަމިއްލަ އުފަލަށްޓަކައި ހަނގުރާމަ ކޮށްކޮށް ވަރުބަލިވެއްޖެއެވެ. އޭނާގެ އިހުސާސުތައް އަޑުއަހާނެ އެކުވެރިއަކަށް މިއަދު އޭނާވަނީ ބޭނުންވެފައެވެ. ނޫރާވެސްވީ އަހަރީ ޗުއްޓީ ނެގުމަށްފަހު އާއިލާއާއި އެކުގައި އިންޑިއާއަށް ގޮހެވެ. މިއަދު މަލްހާއަށް ހިތްވަރު ދިނުމަށްޓަކައި އޭނާގެ ގާތުގައި ހަމައެކަކުވެސް ނެތެެވެ. އެހިތުގެ ހާލު އަޑުއަހާނެ މީހެއްވެސް ނެތެވެ. މިއޮއްބޮޑު ދުނިޔޭގައި މަލްހާ މުޅިން އެކަނިވެރިވެއްޖެއެވެ.

އެހެނަސް މަލްހާގެ ހަނދާނުގައި އޭނާއާއި އެކުގައި އެކަކުނެތަސް ﷲ ސުބްޙާނަޙޫ ވަތަޢާލާ ވޮޑިގެންވާނެކަންނެތީ ކީއްވެހެއްޔެވެ؟ އެކަލާނގެ އޭނާގެ ހިތުގެހާލު ދެނެވޮޑިގެންވާކަން އޭނާއަށް ނުވިސްނުވީ ހީވެސްނުކުރާވަރަށް ދީނާއި ދުރުވެފައިވުމުންނެވެ. ހަގީގީ ހިތްހަަމަޖެހުމެއް އެހިތަށް އިހުސާސުނުވަނީ އެހެންވެއެވެ.

މަލްހާގެ ކޮނޑުގައި މީހަކު އަތްބާވައިލުމުން ސިހިފައި މަލްހާ ފަހަތަށް އެނބުރި ބަލައިލިއެވެ. ހެވިފައި އޭނާގެ ފަހަތުގައި ހުއްޓިހުރި އީނާލް ފެނުމުން މަލްހާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. ގަޔަށްދޫ ކަޅު އަބާޔާއެއްގައި ހުއްޓެއްކަމަކު ބޮޑުވެފައިވާ އީނާލްގެ ބަނޑު ކޮންމެވެސް ވަރަކަށް ފާހަގަވެއެވެ. ދޮންމޫނުމަތީގެ ކުލަވަރު އިތުރުވެފައިވާ ފަދައެވެ.

ހިނިތުންވެލަމުން އީނާލް ސަލާމްގޮވައިލިއެވެ. ސަލާމުގެ ޖަވާބުދެމުން އެތަނުގައި އިނށީނުމަށް މަލްހާ ބުނެލުމާއެކު އުނދަގޫ ގޮތަކަށް އީނާލް އިނށީދެލިއެވެ. ލޯތްބާއެކު މަލްހާއަށް އީނާލްގެ ބަނޑުގައި ފިރުމައިލެވުނެވެ. އެތަންބަލަންއިން އީނާލް ލުއިގޮތަކަށް ހީލިއެވެ.

“އެކަނިތަ ތިއުޅެނީ؟” އީނާލާއި އެކުގައި އެއްވެސް މީހަކު ނެތުމުން މަލްހާ އަހައިލިއެވެ. “ނޫން. ތަންކޮޅެއް އެކޮޅު ފިރިމީހާ އެބަހުރި. މިތަނުން މަލް ފެނުނީމަ ހަމަ މިއައީ. ބައްދަލުނުވާތާ އެހައި ދުވަސްވީމަ. ހެހެ.” ހިނިތުންވެފައިއިނދެ އީނާލް ބުނެލިގޮތުން މަލްހާވެސް ހިނިތުންވެލިއެވެ.

“ކިހިނެއްތަ މަލް؟ ކަންތައްތައް ކިހިނެއް؟ ކޮބާ ހަޒްބަންޑް؟” އެއްފައްޗަކަށް އީނާލް ސުވާލުތައް އަމުނައިލިއެެވެ. އީނާލްގެ ސުވާލުތަކާއެކު މަލްހާ ތުންފަތުގައި ދައިގަންނަމުން އިސްޖަހައިލީ ދޭނެ ޖަވާބެއް ނޭނގުމުންނެވެ. މަލްހާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔަގޮތުން އީނާލް ހައިރާންވިއެވެ. އޭނާއަށް އަނެއްކާ ނުބައި ސުވާލެއް ކުރެވުނީބާވައެވެ؟ ހާސްވެފައި އީނާލް މަލްހާގެ ކޮނޑުގައި އަތްބާވައިލިއެވެ. “މަލް. ހުރިހައިކަމެއްވެސް ރަނގަޅުތަ؟” އީނާލްގެ ސުވާލާއިއެކު ފެންކަޅިވެފައި މަލްހާއަށް އީނާލާއި ދިމާއަށް ބަލައިލެވުނެވެ. މަލްހާހުރިގޮތުން ހުއްޓުން އަރައިފައި އީނާލަށް އިނދެވުނީ ބުނާނެއެއްޗެއް ނޭނގިފައެވެ. ދުވަހަކުވެސް މަލްހާ އެފަދަ ހާލެއްގައި ފެނިފައިނުވާ އީނާލްގެ ހިތްވެސް ވިރިގެންފޭބިކަހަލައެވެ.

Share Article

Follow Me Written By

Nau

Level 810 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ލޯބިކަން 2

Next

ޝީން(ވިހިވަނަ ބައި)

Next
March 18, 2018

ޝީން(ވިހިވަނަ ބައި)

Previews
March 18, 2018

ލޯބިކަން 2

28 Comments!

  1. Nau says:
    March 18, 2018 at 4:28 pm

    Salaam all.. Here is the nxt part.. Hope u all will like this part too.. Point out the mistakes for me.. N enjoy reading. Nxt part in sha allah tmrw.. Hv a v nice day.. Ly all.. ❤?

  2. Ibsha says:
    March 18, 2018 at 4:30 pm

    Wow varah reethi

  3. Xxx says:
    March 18, 2018 at 4:42 pm

    Haadha kurukoh vaahaka genesdheny. Ekamaa v dheravey. Thabkolheh dhigukoh genesdhyba plx plx

  4. shaan says:
    March 18, 2018 at 4:48 pm

    aslu v kurukhoe dhw genes denee digu nukureveyyne tr

  5. Shann says:
    March 18, 2018 at 4:51 pm

    Wow nau, v v rythi mibaives… Hama rovey varu vehje… Ehaaves bodah ebahuri sifakohla dhyfa… Mal haadha haadha dheravaaney dhw… Livyaa ah rangalhu landeh dheythi igey nau… V v rythi story kuriah gendhaa goeh… Hama kuryge story haa rythi… Nau ge khonme story eh gaves shann hama enme alhaigannany sifa kohdhinumuga… V v ves furihamaey buneveyny…????… Thivareh nethey hama buneveyny… V v inthixaaru kurifahun story kiyaalan mi libuny…??????????????

  6. Ibsha says:
    March 18, 2018 at 4:52 pm

    E-naal beybe ah libey goiy vany…Happy ?❤?❤

  7. neem says:
    March 18, 2018 at 5:06 pm

    Yaaink and mal gulhuvachey pls vaahaka reethi?????

  8. Xihko?? says:
    March 18, 2018 at 5:11 pm

    Alheyyyy nau dhn thivarah mal nurohvaba xihko yah vex rovihje zeevaan baby manma ge base ahaathi ????hey nau adhi alah mi comment kury nau ge story akah ☺☺aekamu vex gavaidhun kiyan nau ge strys kyp it up ????

  9. Pinky shifoo says:
    March 18, 2018 at 6:13 pm

    Wow ❤️❤️❤️… It’s awesome ???… V v v reethi mi part vx Maasha Allah ???… Haadha emotional ey… Hama roveyvaruvefa iny ???… V v dheravehje mi part kiyaalaafa ???… Maasha Allah Nau v v molhu story liyan ???… U are v talented ???… Feelings tha v v v furihama ah deliver kohdhyfa thihuree Maasha Allah ???… Keep up the good work Nau ???… I’m a big fan of u ???… Curiously waiting for the next part… Lots of love and take care Nau ❤️❤️❤️????????????

  10. Shayaany says:
    March 18, 2018 at 6:59 pm

    Nau plx mal dhn dhuvahakuvex raaidh n livyaa ah maaf nukuraagothah kuriah gendhaathi..
    Aabidha haadha nulafaey dhw…
    Abadhu livyaa rankohfa…
    Thi livyaa ah dhera dheefa bahahta..
    Nau plx mal and yaanik gulhuvaba..
    Adhi comment mikury Alah mi story ah….
    Adhi eh part mirey genesdhyba plx nau
    Keep going loves u ???❤❤

  11. Axy says:
    March 18, 2018 at 7:10 pm

    Nau v v reethi mi baives ♥ ♥ ? ? ? ? ? ? ? ?

  12. EHLEE says:
    March 18, 2018 at 7:22 pm

    Wow v reetih

  13. Swety says:
    March 18, 2018 at 7:26 pm

    Alhey nau keeve abadhu maĺl thi derakuranee????vvvdheraveje asluves ekam story hama habeyse?????

  14. Nanee says:
    March 18, 2018 at 7:47 pm

    Mashah rovijje hama.. its veru nice…nulafaa mamma eh dho

  15. Sumaa says:
    March 18, 2018 at 8:28 pm

    Wow wow…. Nice….. Nau hama roh vaalaafi

  16. mary says:
    March 18, 2018 at 9:05 pm

    wow varah reethi mi partvess well done nau but v dheravay maa bodhahvess kurukon up kohdhey hen hevany????next part v dhigukon genessdhehchey dear ly???

  17. Kitty ❤️ says:
    March 18, 2018 at 10:12 pm

    Thankolheh dhigukohdheeba knme part eh vess ?

  18. Xxxx says:
    March 18, 2018 at 10:25 pm

    Wooooowww ??????? waiting

  19. Shafa says:
    March 18, 2018 at 10:52 pm

    Awwnnn vv reethi mi partvs..waiting for the next part❤??

  20. Fai says:
    March 18, 2018 at 11:34 pm

    Mives mujuthamauge
    haalath

  21. Ainth shazu says:
    March 19, 2018 at 12:01 pm

    When next part

  22. Shafa says:
    March 19, 2018 at 6:04 pm

    When next part waiting waiting

  23. Hairaan says:
    March 19, 2018 at 6:06 pm

    Miadhuge part kba

  24. naal says:
    March 19, 2018 at 7:17 pm

    Nau kba 18vana part. Miadhu haadha lahey anehkaa kihineh vee? Miadhu ehvx comment akah reply ehvx nukuramehnu. Vrh vrh inthizaaru kurevey mi vaahaka ah mihaaru mi vaahaka upvithoa belun vareh vx neyge ehaa vx kiyaa hithun mihuree… Nau avas kohladeeba please ?

  25. naal says:
    March 19, 2018 at 7:17 pm

    Nau kba 18vana part. Miadhu haadha lahey anehkaa kihineh vee? Miadhu ehvx comment akah reply ehvx nukuramehnu. Vrh inthizaaru kurevey mi vaahaka ah mihaaru mi vaahaka upvithoa belun vareh vx neyge ehaa vx kiyaa hithun mihuree… Nau avas kohladeeba please ?

  26. Axy says:
    March 19, 2018 at 7:28 pm

    Alhey Nau Avahah 18 part up kohlla dheeba please v inthizaaru kurevey ??

  27. Chim says:
    March 19, 2018 at 8:30 pm

    Nau kobaitha midhuge part…haadha varakah belijjey up kohfitho??..kihineh v tha anekka..waiting waiting hama..

  28. Nau says:
    March 19, 2018 at 9:17 pm

    Salaam everyone.. Thanks alot for ur support n love.. Really appreciate it. M sry tday ge part lasvyma.. N comments thakah reply nukurevunyma.. Its cox of my sickness.. M really v sry guys.. Nw up kohfin.. Sry once again dears?

Comments are closed.


All Right Reserved!