Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ނޫރު (ތެޔާޅީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
February 27, 2018 6 Mins Read
14 Comments

“އައި ލަވް ޔޫ….އައި ލަވް ޔޫ ސޯ މަޗް.” އެ އިވިގެން ދިޔައީ ކާކުގެ އަޑެއްކަން ޔަޤީންވީ ހިނދު އަފާފް ގަނޑުވިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެތައް ނުބައި ޚިޔާލެއް އޭނަގެ ސިކުނޑިއަށް ވެރިވެގެން ދިޔައެވެ. އެހެނަސް ޖެހިގެން އައި ހިނދުކޮޅުގައި މިއީ ހީވި ހީވުމެއްކަމަށް އަފާފަށް ނިންމުނެވެ.

 

“މީ ކޯޗެއް؟” އަފާފަށް އަހާލެވުނެވެ. މިއީ އައިޝާ އަޅުވާލި ނޭދެވޭ ފިލްމަކަށް ވެސް ވެދާނެއޭ އަފާފްގެ ހިތް ބުންޏެވެ. އެހެނަސް ވީޑިޔޯ ޕޯޒްކޮށްލަމުން އައިޝާ ދައްކަން ފެށި ވާހަކަތަކުން އަފާފްގެ ހިތް ގެނބެން ފެށިއެވެ.

 

“މިއީ އަހަންނަށް އޭނަ ފެނުނު ފުރަތަމަ ރޭ އޭރު އަހަރެންގެ އެކުވެރިންނަށް އުޅުނު މީހުން ކުރި ވީޑިޔޯއެއް. އަހަންނަކީ އޭރު ވަރަށް ގޯސްކޮށް އުޅުނު ކުއްޖެއް. ދެރަވޭ މި ވާހަކަތައް ކިޔައިދޭން ވެސް އެކަމަކު…..އޮސްޓްރޭލިޔާގަ އަހަރެން އުޅުނު އިރު އަހަރެން އެތައް ބަޔަކާއި ރައްޓެހިވިން. އެތައް ކްލަބަކަށް ގޮސް އެތައް ނުބައި ބުއިންތަކެއް ބުއިން. އަހަރެން އޭނައާއި ދިމާވީ ކޮންމެވެސް ރެއަކު އަހަރެންގެ އެކުވެރިންނާއެކީ ކްލަބަކަށް ގޮސް އުޅެނިކޮށް. ކްލަބްގެ ތެރެއަށް ވަދެގެން ދަނިކޮށް ކުއްލިއަކަށް އޭނަ އައިސް އަހަރެންގެ ގައިގަ ބާރަށް ހިފެހެއްޓީ. އަހަރެންގެ އެކުވެރިން އެތަންކޮޅު ވީޑިޔޯ ކުރީ މަޖާކަމެއްގެ ގޮތުގަ. އެކަމަކު އޭރު އަހަރެން ކިތަންމެ ލަދުކުޑަ ވިޔަސް އަހަރެން ނުދަންނަ ފިރިހެނަކު އެގޮތަށް ގައިގަ ހިފެހެއްޓީމަ އަހަރެން ބިރުގަތް. އެރޭ އޭނަގެ ކިބައިން އަހަންނަށް ސަލާމަތް ނުވެވުނު. އޭނަ ގަދަކަމުން އަހަރެން އެ ކްލަބްގަ ހުރި ރޫމަކަށް ގެންގޮސް….” އެހާ ހިސާބަށް ވާހަކަ ދެކެވުނު ތަނާހެން އައިޝާއަށް ގިސްލެވެން ފެށި އަޑު އަފާފަށް އިވުނެވެ. އެވަގުތު އޭނަ ހުރީ އައިޝާއަށް ހިތްވަރު ދޭން ބޭނުންވާވަރަށް ވުރެ ސިކުނޑި ހާސްވެފައެވެ. ‘އޮސްޓްރޭލިޔާގެ ކްލަބް’ އޭ ބުނުމުން އޭނަގެ ހަނދާނަށް ވަގުތުން ވެރިވީ ޝަރަފްގެ މާޒީއާއި ބެހޭގޮތުން އޭނަ ކިޔައިދިން ވާހަކަތަކެވެ. ޝަރަފް އޮސްޓްރޭލިޔާގައި ކްލަބްތަކަށް ގޮސް އުޅުނު ވާހަކަ ކިޔައިދިނެއްކަމަކު އެ ކްލަބްތަކުގައި ހިނގި ކަންތައްތަކުގެ ވާހަކަތައް އޭނަ ކިޔައިދީފައެއްނުވެއެވެ. އެކަމާމެދު ވީ ކަންބޮޑުވުމާއެކީ އަފާފް އެއްޗެކޭ ބުނަން އުޅުނުތަނާހެން އައިޝާ ދެންވެސް ވާހަކަ ދެއްކިއެވެ.

 

“އަހަރެން…..ހީކުރީ އެއަށްފަހު އަހަރެން އޭނަގެ ކިބައިން ސަލާމަތްވީކަމަށް. އެކަމަކު ނޫން. އަހަރެއްހާ ދުވަސްވަންދެން އޭނަ އަހަންނަށް އަނިޔާ ކުރުމުގަ ދެމިހުރި. އޭނަގެ ކިބައިން ސަލާމަތްވާންވެގެން އަހަރެން ރާއްޖެއަށް އަނބުރާ އައީވެސް. އެކަމަކު މާލެއަށް އައިސް އަހަންނަށް ހިމޭނުން އުޅެވުނީ އެންމެ މަހެއް ވަންދެން. އެއަށްފަހު އަނެއްކާވެސް އަހަރެން މިވަނީ އޭނައާއި ކުރިމަތިލާން ޖެހިފަ.” އައިޝާ އޭނަގެ ގިސްލުމުގެ ތެރެއިން އެންމެ ފަހަކަށް ބުނެލި ޖުމްލައިން އަފާފްގެ މޭތެރޭގައި އޮތް ހިތް ބާރަށް ތެޅެން ފެށިއެވެ. އޭނަ އެވަގުތު އެހެން އެއްވެސް ކަމަކަށްވުރެ ކަމެއް އެނގެން ބޭނުންވެފައިވުމުން އައިޝާ ގިސްލާކަން ވެސް ހަނދާން ނައްތާލަމުން ދެވަނަ ވިސްނުމެއް ނެތި ސުވާލެއްކުރިއެވެ.

 

“އެއީ ކާކު؟” އަފާފް އެހެން އަހައި ނިމުނު ވަގުތު އޭނަގެ ނޭވާ ހުއްޓުމަކަށް އައިހެން އޭނައަށް ހީވިއެވެ. އައިޝާ ޖަވާބު ދޭން ނެގި ދެ ސިކުންތުވެސް ހީވީ ވަރަށް ދިގު މުއްދަތެއް ހެންނެވެ.

 

“އެއީ….ޝަރަފް ޢައްބާސް.” އައިޝާގެ އެ ބަސްތައް އަފާފަށް އިވިގެން ދިޔައީ ހޮނު ގުގުރީގެ ސިފައިގައެވެ. އަމިއްލަ ކަންފަތަށް އިތުބާރު ކުރަން ވެސް އަފާފަށް ދަތިވިއެވެ. އެސްފިޔަ ޖަހާލަން ވެސް ހަނދާން ނެތިފައި އޭނައަށް އިނދެވުނީ ހިރިލަން ވެސް ނުކެރިފައެވެ. އޭނަ އިންގޮތަށް އިންދާ އައިޝާ، ދެން ތިމަންނައަށް މިވާހަކަ ދެކެވޭނީ ފަހުން ދުވަހަކުއޭ ބުނެ ދާން ހިނގައިގަތުމުން ވެސް އަފާފަށް އިތުރު އެއްޗެކޭ ނުބުނެވުނެވެ. އޭނައަށް ހިފަހައްޓައިގެން ހުރި ނޭވާ ކުރުގޮތަކަށް ދޫކޮށްލެވުނީވެސް އައިޝާ ކޮޓަރިން ނިކުމެ ދޮރު ލައްޕާލި އަޑަށެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ކުއްލިއަކަށް އޭނަ އިން އެނދުމަތީގައި އަތް ހާކަން ފެށީ އޭނަގެ ފޯނު ފެނޭތޯއެވެ. ބާލީސްކައިރީގައި އޮތް ފޯނު އަތުގައި ޖެހުމާއެކު އަފާފް އަވަސްއަވަހަށް ފޯނު ހުޅުވާލިއެވެ. ކީޕެޑް ހުޅުވާލުމަށްފަހު އޭނަ އިނގިލީގެ ޙަރަކާތްތަކުން އަވަސްއަވަހަށް ޖަހަން ބޭނުންވީ ޝަރަފްގެ ނަންބަރެވެ. އެހެނަސް އެ ހިނދު އޭނަގެ އިނގިލިތައް ތުރުތުރު އަޅަމުން ދިޔައީތީ އަފާފަށް ގުޅާލެވުނީ ޖަހަން ޖެހޭވަރަށްވުރެ ދިގު ނަންބަރެކެވެ. ފޯނު ކަންފަތުގައި ޖައްސާލުމާއެކު އެ ނަންބަރު ރަނގަޅުތޯ ބެލުމަށް އެދެން ފެށުމުން އަފާފް ހިސާބަކަށް ނުރުހުންވެ އަނެއްކާވެސް އިހުނަށްވުރެ ފަރުވާތެރިކަމާއެކީ ނަންބަރުތަކަށް ފިތާލަމުން ކަންފަތުގައި ފޯނު ޖައްސާލިއެވެ. އެކޮޅުން ރިންގުވާން ފެށުމުން އަފާފަށް ލޯ މަރާލަމުން އަނެއްކާވެސް ބޭއިޚްތިޔާރުގައި އޭނަގެ ނޭވާ ހިފަހައްޓައި އެކޮޅުން ޖަވާބު ދޭނެ އިރަކަށް އިންތިޒާރު ކުރެވުނެވެ.

 

**

 

ހަރުގަނޑެއްގެ 5 ވަނަ ފައްތަރުގައި ހުރެ އޭނައާއި ނަބީހް ތައްޔާރުކުރި ލޯންޖްގެ ނަންބޯޑު ހަރުކުރަން ހުރި ޝަރަފްގެ މޫނުމަތިން އެއްދުވަހުވެސް ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. އޭނަ ހުރި ހިސާބަށް އަވި ނުދިނަސް އިޙްޞާޞް ކުރެވެމުން ދިޔަ ހޫނެއްގެ ސަބަބުން މުޅި މީހާ ދާހިއްލާފައިވިއެވެ. ޝަރަފްގެ ޖިންސްގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށީ އޭނަ އެ ބޯޑުގައި އެންމެ ފަހު މޮހޮރު ހައްޔަރު ކުރަމުން ދިޔަ ވަގުތެވެ. މަރުތޭލުގެ އަޑުގެ ތެރެއިން ވެސް މިފަހަރު ޝަރަފަށް އެ ފޯނުގެ ރިންގުގެ އަޑު އިވުނީތީ އޭނަ އަވަސްއަވަހަށް އެ މަސައްކަތް ނިންމާލަމުން އޭނަ ހަރުގަނޑު މަތީގައި ހުރެ ޖިންސްގެ ޖީބުން ފޯނު ނަގައި ބަލާލިއެވެ. ފޯނުގެ ސްކްރީނުން އަފާފްގެ ނަން ފެނުމުން ޝަރަފަށް ލިބުނު ހިސާބެއްގެ ޙައިރާންކަމާއެކީ އޭނައަށް އެ ނަން ކިޔާލެވުނެވެ.

 

“ކާކު ގުޅަނީ؟” ހަރުގަނޑުގައި ހިފަހައްޓައިގެން ހުރި ނަބީހް ސުވާލުކުރިއެވެ.

 

“އަފޫ.” ޝަރަފަށް ނަބީހްގެ ކުރިމަތީގައި އޭނަ އަފާފަށް ލޯބިން ބޭނުން ކުރާ ނަން ބުނެލެވުނީ އެހާ ބޮޑަށް ނުވިސްނާ ހުރުމުންނެވެ. ވިސްނޭވަރަށްވުރެ އޭނަ ހުރީ އަފާފް އެ ގަޑީގައި ގުޅާތީ ޙައިރާންވެފައެވެ. އަފާފްވަނީ އޭނަ މަސައްކަތް ކުރާ ގަޑީގައި ބޮޑުކަމެއް ދިމާވެގެން ނޫނީ ނުގުޅާނެކަމަށް ބުނެފައެވެ. އަނެއްކާ ވީ ކިހިނެއްބާއޭ ޝަރަފްގެ ހިތް ސުވާލުކުރި ތަނާހެން އޭނަ ހަރުގަނޑުން ފައިބަން ފެށިއެވެ.

 

“އޯވް! އަހަރުމެން ލަދުންގޮސް ހަލާކުވާވަރު އެބަވޭ. އަފޫއޯ…ލޮލް!” ނަބީހް ހަރުގަނޑުން ފޭބި ޝަރަފާއި ދިމާކޮށްލިއެވެ. ޝަރަފް ކުޑަކޮށް ހީލިއެއްކަމަކު އޭނަގެ ހިނިތުންވުން ނުހަނު އަވަހަށް ފޭދުނުކަން އެނގުނު ނަބީހް، ޝަރަފް ދުރަށް ހިނގައިގަތުމުން އޭނައަށް ގޮވާލިއެވެ.

 

“ކިހިނެއްތަވީ ޝަރަފް؟ އެވްރީތިންގް އޯލްރައިޓް؟” ނަބީހް ޝަރަފާއިމެދު ކަންބޮޑުވާ ފަދައަކުން އަހާލިއެވެ.

 

“ޔާ.” އެވަގުތު މޫޑު ހުރިގޮތުން ޝަރަފް ކުރު ޖަވާބެއް ދީފައި ދާން ހިނގައިގަތެވެ. އޭނަގެ އެ ޙަރަކާތުން ނަބީހްގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އަނެއްކާވެސް ޝަރަފަށް އޭނަގެ ދުޝްމިނުންގެ ފަރާތުން މުޞީބާތެއް ކުރިމަތިވަނީތޯ އޭނަގެ ހިތް ސުވާލުކުރިއެވެ. އެއާއެކު ނަބީހްއަށް ހިތާހިތުން ޝަރަފަށްޓަކައި ދުޢާ ކުރެވުނެވެ. އަދި އޭނައަށް ވެވުނު ވަރަކުން ޝަރަފަށް އެހީވާން ހިތުގައި ޢަޒުމެއް ކަނޑައެޅިއެވެ.

 

ޝަރަފް އޭނަގެ ފޯނު ހިފައިގެން ދިޔައީ އެވަގުތު މީހުން ނެތް ހިސާބަކަށެވެ. ހަޓްތަކެއް ހެދިފައި ހުރި ހިޔާދޭ ހިސާބާއި ހަމަވުމުން ޝަރަފް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

 

“ސަލާމް. ކިހިނެއްތަވީ އަފޫ؟” ޝަރަފަށް ކަންބޮޑުވުމަކާއެކީ އަހާލެވުނެވެ. އެހިނދު އެކޮޅުން އޭނަގެ އަޑު އިވިގެން ދިޔަ އަފާފްގެ ލޯ ހުޅުވިގެން ދިޔައެވެ. ނޭނގޭ ސަބަބަކާހުރެ ޝަރަފްގެ އަޑު އިވުމާއެކު ދެންމެ އޭނަގެ ހިތުތެރޭގައި އުފެދިފައިވި ހުރިހާ ޝުޢޫރެއްހެން ނެތި ދިޔައެވެ. އެހެނަސް ހުރިހާ ކަމެއް އިއްތިފާޤަކަށް ނުވާނެއޭ ބުނަމުން ދިޔަ އެ ހިތަށް އުނދަގުލެއް ވަމުން ދިޔައީތީ އަފާފަށް ވާހަކަ ދެކެވުނެވެ.

 

“ޝަރަފް….” އަފާފް ވާހަކަ ދައްކަން ފަށައިގަންނަން އުޅުނީ ވަރަށް ވެސް އަވަހަށެވެ. އެހެނަސް ކުރަންވީ ސުވާލަކާމެދު ވިސްނާލުމުން އޭނަގެ ދުލުގައި ތަޅެއް އެޅުވުނެވެ. އޭނަ މި ވާހަކަ ޝަރަފާއި ޙިއްޞާ ކުރާނީ ވެސް ކިހިނަކުންތޯ ހިތަށްއަރަން ފެށިއެވެ. ހިނދުކޮޅަކަށް ނަމަވެސް، މި ވާހަކަ ދައްކާނީ ޝަރަފް އައުމުން ކަމަށް އޭނަގެ ހިތް ބުންޏެވެ. އެހެނަސް އޭނަ ވަނީ ކަމުގެ ޙަޤީޤަތް ސާފުކުރަން އިންތިހާއަށް ބޭނުންވެފައެވެ. އޭނަގެ ބޭޤަރާރުވެފައިވާ ހިތަށް ކުޑަވެސް ހަމަޖެހުމެއް ލިބޭނީ އޭރުންނެވެ.

 

އަފާފްގެ ފަރާތުން ޖަވާބެއް ނުލިބި ގިނައިރުވާން ފެށުމުން ޝަރަފްގެ ކަންބޮޑުވުން އިތުރުވީވީހެން އޭނައަށް އަނެއްކާވެސް ވާހަކަ ދެކެވުނެވެ.

 

“ކިހިނެއްތަވީ ލޯބި ބުނެބަލަ!” ޝަރަފް އެހެން ބުނެލިއިރު އެންމެ ނުބައި ޚިޔާލުތައް އޭނަގެ ސިކުނޑިއަށް ވެރިވަމުން ދިޔައެވެ. އޭނައަށް ހަމަޖެހުމެއް ލިބިގެން ދިޔައީ އެކޮޅުން އަފާފްގެ އަޑު އވުމުންނެވެ.

 

“ޝް…ޝަރަފް…..ދަންނަން…ތަ އައިޝާއެއް؟” އަފާފްގެ އަޑު ނިކުތީ އޭނަ ހީކުރިވަރަށްވުރެ ވެސް ކެނޑިކެނޑިގެންނެވެ. އޭނައަށް މި ޔަޤީން ނުވާ ޙާލަތުގެ ސަބަބުން ރޮވޭނެކަމަށް އޭނަ ހިއެއް ނުކުރެއެވެ. އެހެނަސް އެވަގުތު އޭނަގެ އަރު ބެދި، ކަރު ތެރޭގައި ރިހުމެއް އުފެދި ލޮލުން ދިލަ ނަގަން ފެށުމުން އަފާފަށް ޙައިރާންކަމެއް ލިބުނެވެ.

 

“ކޮން އައިޝާއެއް؟” ޝަރަފްގެ ދެބުމަ ކައިރިވިއެވެ. އެ ސުވާލު އިވިފައި އަފާފްގެ ހިތަށް މަސްހުނި ޖަޒުބާތުތަކެއްވެރިވިއެވެ. އެ ޖަޒުބާތުތައް ހިފަހައްޓަން މަސައްކަތް ކުރަމުން އޭނަ ފުން ނޭވައެއް އެތެރެއަށްލިއެވެ.

 

“އޮސްޓްރޭލިޔާއިން ޝަރަފްއާ ދިމަލެއްނުވޭތަ އައިޝާއެއް؟” އަފާފް އެހިއެވެ. އޭނަގެ އެ ސުވާލުން ޝަރަފަށް ލިބިގެން ދިޔައީ އިތުރު ޙައިރާންކަމެކެވެ. އަފާފް އެކުރަނީ ސަމާސާއެއްކަމަށް އޭނައަށް ހިނދުކޮޅަކަށް ނަމަވެސް ނިންމުނެވެ. އެހެނަސް އެ އަޑުގައިވި ސީރިއަސްކަމުން ޝަރަފް އޮޅުން އެރިއެވެ.

 

“ވަޓް އާރ ޔޫ ޓޯކިންގް އެބައުޓް އަފޫ؟ އަހަރެން ދުވަހަކުވެސް ނުދަންނަން އައިޝާ ކިޔާ ކުއްޖަކު.” ޝަރަފް ހަމަޖެހޭ ރާގަކަށް އެހެން ބުނުމުން އެ ސިކުންތުގައި އަފާފްގެ ހިތަށް އުފާވެރިކަމެއްވިއެވެ. ނަމަވެސް ޝަރަފް އޭނައަށް ދޮގެއް ހަދާފާނެބާއޭ ހިތް ބުނި ހިނދު އެ ހިތް އަނެއްކާވެސް ނުތަނަވަސްވިއެވެ.

 

“ސީރިއަސްކޮށް ބުނެބަލަ ލޯބި….ތި ސުވާލު ކުރީ ކީއްވެ؟ އަނެއްކާވެސް ހުވަފެނެއް ފެނުނީތަ؟” އަފާފް އެއްޗެކޭ ނުބުނުމުން ޝަރަފް މޫޑު ބަދަލުކޮށްލުމުގެ ގޮތުން އޭނަގެ ވާހަކައަށް ސަމާސާ ރާގެއް އެޅުވިއެވެ. އަދި އަމިއްލައަށް ވެސް ހަމަޖެހުމުގެ ގޮތުން އެތާހުރި ހަޓެއްގެ ތެރެއަށްވަދެ ގޮނޑިއެއްގައި އިށީނދެ ހިނިތުންވެލިއެވެ.

 

“ން…ނޫން.” އަފާފްގެ އަޑުގައި ދެންވެސް އެކުލެވިފައިވި ނުތަނަވަސްކަމުން ޝަރަފްގެ ހިނިތުންވުން ފިލައިދިޔައެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން އޭނައަށް ޔަޤީންވީ އެހާ ހިސާބުންނެވެ. އޭނައަށް އަފާފް ކުރި ސުވާލާއިމެދު އިތުރަށް ވިސްނާލެވުނެވެ. އެއާއެކު އޭނަގެ މެއަށް ފިނިވިއެވެ. އޭނަ އޮސްޓްރޭލިޔާގެ ކްލަބެއްގެ ތެރެއިން ދިމާވި އަންހެން ކުއްޖަކާއި ނޭނގި ނަމަވެސް ގާތްވެ އެކުއްޖާއާއި ރައްޓެހިވެގެން އުޅުނު ވާހަކަ އަފާފަށް ކިޔައިނުދެވޭކަން އޭނައަށް އެނގުންވީ އެ ވަގުތެވެ. އޭގެ ޚަބަރު އެހެން މީހެއްގެ ފަރާތުން އަފާފަށް ލިބުނީބާވައޭ ހިތް ސުވާލުކުރި އޭނަގެ ހިތަށް ބިރުވެރިކަމެއްވަނެވެ.

 

“އަފޫގާތު މީހަކު އެއްޗެކޭ ބުނީތަ؟” ޝަރަފް އަހާލިއެވެ. އެއާއެކު އަފާފްގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ފުރަތަމަ ސިކުންތުގައި އެއްވެސް ކަމެއް ހާމަނުކުރަން އަފާފަށް ނިންމުނެވެ. އެހެނަސް އޭނަ މި ވާހަކަ ދައްކަނީ އޭނަގެ ފިރިމީހާއާއިކަން ހަނދާންވި ވަގުތު އޭނަގެ ޚިޔާލު ބަދަލުވިއެވެ. އޭނަގެ އަމިއްލަ ފިރިމީހާއަށް ޝައްކުވާ ފަދަ ވާހަކައެއް އިވުމުން އޭނަ އެ ވާހަކަ ފިރިމީހާގާތު ނުދައްކާ، ދައްކާނީ ފަހެ ކާކު ގާތުގަ ހެއްޔެވެ؟ އެހެން މީހަކާ މި ވާހަކަ ޙިއްޞާ ކުރުމަށްވުރެ ޚުދު ޝަރަފްއާ ޙިއްޞާ ކުރުމުން އޭނައަށް ލިބޭނެ ހިތްހަމަޖެހުމާއި ފައިދާ ބޮޑުވާނެކަން ދަނެގެން އަފާފް އޭނަގެ އާ އެކުވެރިޔާގެ ވާހަކަ ޝަރަފަށް ކިޔައިދޭން ފެށިއެވެ. އެ ވާހަކަތައް އިވެމުން ދިޔަދިޔަހެން ޝަރަފްގެ ގޮށްމުއްކެވި އޭނަގެ ދަތްކުނޑިވިކުނެވެ. އޭނައާއި ބެހޭގޮތުން އޭނަގެ އަނބިމީހާއަށް އިއްވާލެވުނު ދޮގު ވާހަކަތައް އިވިފައި އޭނަ އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެފަދަ ވީޑިޔޯއެއް އަފާފަށް ދައްކައި އެފަދަ ދޮގުތައް ފަތުރާނީ ކާކުކަން އެނގުންވި ތަނާހެން ޝަރަފަށް އަޑު ހަރު ކުރެވުނެވެ.

 

“ތިބުނާ އައިޝާއަކީ އެހާ މާތް ނަމެއް ކިޔާ އަންހެނެއްވެސް ނޫން! އޭނައަށް ކިޔަނީ ހަނާ! އޭނަ އެ ދެއްކީ ހުސް ދޮގު ވާހަކަތައް. އަހަންނެއްނޫން އޭނަ ހިފެހެއްޓީ. އޭނަ އަހަރެން ހިފެހެއްޓީ!!” ޝަރަފަށް އެ ވާހަކަތައް ކިޔައިދެވުނީ ރުޅިވެރިކަމާއި އެކީގައެވެ. އެއާއެކު ފޯނުގެ އަނެއްކޮޅުގައި ހުރި އަފާފްގެ މޫނުމަތިން ނުތަނަވަސްކަން ފިލައި ޙައިރާންކަން ވެރިވެގެން ދިޔައެވެ. އަފާފަށް އެއްޗެކޭ ނުބުނެވުނީ ޝަރަފަށް އައި ކުއްލި ބަދަލުގެ ސަބަބުން އަޖާއިބުވި މިންވަރުންނެވެ. އެކަން އެނގުންވި ޝަރަފަށް ފުން ނޭވައެއް ދޫކޮށްލެވުނީ އަމިއްލަ ނަފްސު ހަމައަށް އެޅުވުމަށެވެ. އެއަށްފަހު އޭނަ ވާހަކަ ދެއްކީ މަޑުމައިތިރި އަޑަކުންނެވެ.

 

“އަފޫ…..އަހަރެން އަފޫއަށް ކިޔައިދޭން ބޭނުންވާ ވާހަކަތަކެއް އެބަހުރި. ވަރަށް ބޭނުން އަފޫގެ ކައިރީގަ ހުރެގެން އެ ވާހަކަތައް ކިޔައިދޭން. އެކަމަކު ދެން އަވަހަކަށް އަފޫ ކައިރިއަށް ދެވޭނެ ގޮތެއްނެތް. ނަބީހްވެސް މިއަދު ފުރަނީ. މިރޭ އަހަރެން ގުޅާފަ އަފޫގެ ތި ހުރިހާ ޝައްކެއް ފިލުވަދޭނަން އިން ޝާ ﷲ.” ޝަރަފް ބުންޏެވެ. އެ ވާހަކަތައް ކިޔައިދޭން ޚުދު އޭނަ ވެސް ހިތްވަރެއް ބޭނުންވެއެވެ. އޭނަ ހީކުރީ އޭނަގެ ހިތި މާޒީއިން އޭނަ ތައުބާވުމުން އެ މާޒީގެ އަސަރުތައް އޭނައަށް ނުފޯރާނެ ކަމަށެވެ. އެހެނަސް އިމްތިޙާނެއްގެ ގޮތުން ވެސް އެ އަސަރުތައް އޭނައަށް ފެންނަން ފަށައިފިކަން އެނގުންވީ ހިނދު ޝަރަފަށް އަނެއްކާވެސް ހިތާހިތުން ފާފަ ފުއްސެވުމަށް އެދި ދުޢާކުރެވުނެވެ. އެ ދުޢާކުރެވުނު ހިނދު ފޯނުގެ އެކޮޅުން އަފާފް ފުން ނޭވައެއް ދޫކޮށްލި އަޑު އިވުނެވެ. އަފާފް ހުރީ އޭރުވެސް ޝައްކެއްގެ މަތީގައެވެ. އެކަން އެނގުނު ޝަރަފަށް ވާހަކަ ދެކެވުނެވެ.

 

 

“އަފޫ ވަރަށް ރަނގަޅަށް އަޑުއަހާތި. އެ ހަނާއާ ދުރުގަ އުޅޭ. އޭނަ ދައްކާ ވާހަކަތައް އަޑުނާހާ! އެއީ ނުލަފާ ދޮގު ފަތުރާ އަންހެނެއް. އޭނަގެ ބޭނުމަކީ ޙަސަދައެއްގެ ސަބަބުން އަފޫގެ އުފާވެރިކަން ނިގުޅައިގަތުން. ޖަސްޓް….ސްޓޭއި އަވޭ ފްރޮމް ހާރ.” ޝަރަފް އެވަގުތު ޙަޤީޤަތް ހާމަ ނުކުރިއެއްކަމަކު އެ ވާހަކަ ބުނެލީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުންނެވެ. އޭނައަށް ނޭނގުނު ކަމަކީ އޭނަ އެ ބަސްތައް ބުނެލިއިރު ފާރައަށް ހުރި މީހަކަށް އެ ވާހަކަތައް އިވުނު ކަމެވެ.

 

**

 

ނުހަނު ބާރު މިނެއްގައި ބިމާއި ދިމާލަށް ދިޔަ އައި ފޯނެއް ޓައިލްސް މަތީގައި ޖެހުމާއެކު އޭގެ ސްކްރީން ތަޅައިގެން ގޮސް ބިއްލޫރި ކޮޅުތައް ޓައިލްސް މައްޗަށް ފެތުރިގެން ދިޔައެވެ. އެ އަޑަށް އެ އެޕާޓްމެންޓްގެ ކޮޓަރިއަކުން ނިކުތީ ހަނާއެވެ.

 

“ވިޔާމް ޑާރލިންގް ކިހިނެއްތަވީ؟” ހަނާ އޭނަގެ ކޮޓަރީގެ ދޮރު ކައިރީގައި ހުރެ ސިޓިންގް ރޫމުގެ މެދުގައި ހުއްޓިހުރި ވިޔާމް ގާތު އެހިއެވެ. ވިޔާމް ހުރި ގޮތުންނާއި އޭނަ ފުން ނޭވާތަކެއް ލަމުން ދިޔަ ގޮތުން އޭނަ ހުރީ ގަދަ ރުޅިވެރިކަމެއްގައި ކަން ހަނާއަށް ނަގައިގަނެވުނެވެ.

 

“ބިންތު ޢައްމާރު ބިންތު ޢައްމާރު ބިންތު ޢައްމާރު!!! އެނޫން ނަމެއް މަށަށް އިވޭނެ ވަރެއްނުވޭ! އަހަރެން ހިތުން ބޮޑުބޭބެއަށް ގުޅާލީ ބޮޑުބޭބެގެ ދޮންދަރިއަކާ ޑީލްއެއް ހަދަން. އޭނައަކީ އޮސްޓްރޭލިޔާގަ ވަރަށް ކާމިޔާބުކަމާއެކީ ބާރތައް ހިންގާ މީހެއް. މިހާތަނަށް ވެސް އަހަންނަށް ވަރަށް ގިނަ އެހީތައްވި މީހެއް އެ ދޮންދަރިއަކީ. އެކަމަކު މިހާރު އޭނަވެސް އެ ބިންތު ޢައްމާރެއްގެ އަވައިގަ އެ ހުރިހާ ކަމެއް ދޫކޮށްލަން އުޅޭ ވާހަކަ މަށަށް ދެންމެ އިވުނީ. މަގޭ ހިތަށް އަރާ އޭނަ ނޮޅައިގެން ކާލާނަމޭ!” ވިޔާމް އިންތިހާ ދަރަޖައިގެ ރުޅިވެރި ކަމާއެކީ ވާހަކަ ދެއްކިއެވެ.

 

“ވިޔާމްއަށް ހީވޭތަ އޭނަ ނޮޅައިގެން ކެޔަސް އޭނަ ހުއްޓާނެހެން. ނޫން! އޭނަ ޖެހެނީ އޭނަގެ ހިތަށް އެއްވެސް އެއްޗެއް އިޙްޞާޞް ނުކުރެވޭ ވަރުކުރަން. އޭރުން އޭނައަކަށް އެހެންމީހުންގެ ހިތްތަކަށް އިޙްޞާޞެއް ފޯރުކޮށްނުދެވޭނެ. މިއަދު އަހަރެން ގެންދިޔައީ އެކަމުގެ ފުރަތަމަ މަރުޙަލާ. އޭތި ކާމިޔާބުވީހެނެއް ހިއެއްނުވޭ. ދެން އޮތީ ދެވަނަ މަރުޙަލާ.” ހަނާ ސީރިއަސްކަމާއެކީ ބުނެލިއެވެ.

 

“ޔަޤީންތަ ތި ރޭވުން ކާމިޔާބު ވާނެކަން؟” ވިޔާމް އަހާލިއެވެ.

 

“ޔަޤީން!” ހަނާ އެހެން ބުނެލީ ސާބިތުކަމާއިއެކީގައެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ތިޔަ އަސަރު 47

Next

ހިތާ ފުރާނައިން… (55)

Next
February 28, 2018

ހިތާ ފުރާނައިން… (55)

Previews
February 27, 2018

ތިޔަ އަސަރު 47

14 Comments!

  1. Jana says:
    February 27, 2018 at 9:50 pm

    Assalaam’alaikum. mirey avahah genesdhevunyma v ufaavejje. will try to keep this up In Sha Allah. dhen oiy bai hukuru dhuvahu In Sha Allah 😀

  2. Shaima says:
    February 27, 2018 at 10:05 pm

    Varah reethi maasha Allah.thiya masahkathugai Allah barakaai lahvaashi aameen.

  3. Shaima says:
    February 27, 2018 at 10:06 pm

    Mi faharu first libehje.so happy

  4. rose says:
    February 27, 2018 at 10:06 pm

    dhen vaane gothakee hanaa ge reyvun kaamiyaabu vaanee .. sharaf aa afaaf dhuruvaanee ..dhen vaahaka nimey episode ga dhemeehun alun gulheynee .. shaadhiya men dheke vess varah foohivey eba .. varah reethi vaahaka masha allah .. keep up the good work

  5. Amin says:
    February 27, 2018 at 10:09 pm

    Inthizaaruga hutta this up koh dhinee.. Hervey kuru hen thankolhe

  6. Naz naz says:
    February 27, 2018 at 10:15 pm

    Me first dho… maasha Allah. Vv reethi mi partves. Janage vaahakathah kiyanee vvv kiyaahithun v shaugu veri kamaa eku…

  7. Xxxx says:
    February 27, 2018 at 10:23 pm

    ?????v.reethi

  8. Pinky shifoo says:
    February 27, 2018 at 10:30 pm

    Wonderful ❤️❤️❤️… Mi part vx v v v reethi ???… Don’t separate afoo n Sharaf ???… Both of them love each other… V v ufaavehje mihaa avahah kiyaalan libunyma ???… Curiously waiting for the next part ???…

  9. Aaan says:
    February 27, 2018 at 10:34 pm

    Vara reethi masa allah.

  10. Naik says:
    February 27, 2018 at 11:03 pm

    Still how many parts remaining?

  11. Ainee says:
    February 28, 2018 at 7:01 am

    Plxx dnt create misunderstanding between afuu and sharaf…. Afu meehun dhakka vaahakathakaai dhalha thakah nuhelleythi meehun dhakka konme vaahaka akee thedhu kamah balai ekan qaboolu koh firimeehaa ah shakku nukuraathi… kiyamantheri an’bin firimeehaage bas ahaane… afuu ah hevah edhigen hana aa dhuruga ulhen ebunee…. Afuu akee meehun dheenah loabi jessuvumah massakaiy kuraa meeheh…. so hana konme ehchekey bunyas afuuge aqeedha balikashivegen nuvaane… emme fahu neyvayaa jehendhenves firimeeha ah ithubaaru kuranvaane kiyamantheri vaan jeheyne….
    Sharaf afuu dheke varah loabivey….. plxx mi naseyhathuga hifaathi…

    MAASHA ALLAH!!!! JANAGE VAAHAKATHAH VARAH FURIHAMA….. JANAGE MI MASKATHUGA MAAIY ALLAH BARAKAAIYLAVVA HEYO THAUFEEGU DHEVVAASHI….

  12. Faru says:
    February 28, 2018 at 10:32 am

    Masha Allah vvvvvvv??rheethi mibaives

  13. Sid says:
    February 28, 2018 at 11:19 am

    Varah furihama . Neyvaa hifahattaigen hure kiyaalevuni..

  14. Berry says:
    March 2, 2018 at 3:02 pm

    Noon ehn nuhadhaaa???.. Jana eulheny afoo aa sharaf aa dhuru kuran??. Nice story though??. Love you jana sis??. May allah bless you and your family??

Comments are closed.

Next Episodeނޫރު (ސައުރަޔާޅީސްވަނަ ބައި)←


All Right Reserved!