ލޯތްބަށްޓަކައި… (ތިންވަނަ ބައި)
ޝައުފްގެ މޫނުމަތިންވެސް ފެނިގެން ދިޔައީ އުފާވެރިކަމުގެ ކުލަވަރެވެ. ލަޔާލްގެ ނިއްކުރިއަށް ގިނަވެފައިވި ދާތިކިތައް މަޑުމަޑުން ފޮހެވިގެން ހިގައްޖެއެވެ. ލަޔާލް ބަދިގެ ތެރޭ މަސައްކަތްތައް ކުރަމުން ދިޔައިރު ޝައުފު ދުރަށް ނުގޮސް ކޮންމެވެސް ވާހަކައެއް ދައްކާލާ ދައްކާލާ ހުއްޓެވެ.
އިމްލީ ސްކޫލުން އެނބުރި އައުމުން ލަޔާލް ގެއަށް ދިއުމަށް ނުކުތެވެ. އޭރު އެގޭ ދޮރުމަތީ ޝައުފް އޭނަގެ ކާރުގައި މަޑުކޮއްލައިގެން އިނެވެ. ލަޔާލް އަންނަން ފެށުމުން ކާރުގެ ފުރަތަމަ ސީޓްގެ ދޮރުފަތް ހުޅުވައިދިނެވެ. ”އަރާބަލަ………ގެންގޮސްދޭނަން……” ޝައުފު އާދޭހާއެކު ބުނުމުން ލަޔާލް ކާރަށް އަރައިފިއެވެ. ޝައުފު ކާރު ދުއްވާލަމުން ލަޔާލްގެ މޫނަށް ބަލާލިއެވެ. ” ނުދަންތަ ޖޮބަކަށް….” މިފަހަރު ވާހަކަ ފެށީ ލަޔާލްއެވެ. ” އާން އަދި ނުދަން……” ޝައުފު ބުނެލިއެވެ. ” ކީއްވެ..ކިހާ ފޫހި ކަމެއްނެތި ހުންނަން……..ވަގުތުތައް ބޭކާރުކޮއްލަނީދޯ……” ލަޔާލް ކާރުގެ ބޭރުބަލާލިއެވެ.
” ފޫއްސެއްނޫން…….ޝެޑިއުލް ރާވާލާފަ އޮންނާނި….އެހެންވީމަ.ޒުވާން ދުވަސްވަރުވާނެ ނެގުނު މަޖަލެއް ނަގަން…….ފަހުން ޖޮބަކަށް ދެވިދާނެ……” ޝައުފު އޭނަގެ ހިޔާލް ބުނެލިއެވެ. ” މިހާރުންސުރެ ޖޮބަކަށް ދާންފެށީމަ މުސްތަގުބަލަށް ރަނގަޅުވާނެ………..ހަރުދަނާ މީހަކަށް ވުމުގެ ފުރުސްތު ބޮޑުވާނެ މީހާރުން ފެށިގެންް ވަޒީފާއަކަށް ދިޔައިމަަ…..” ލަޔާލް ޝައުފުގެ މޫނަށް ބަލާލިއެވެ.” އަހަރެން އަބަދުވެސް ހިތަށް އަރަނި ޖޮބަކަށް ދާނި ހިތްއެދޭ ކުއްޖަކު ފެނުނު ދުވަހަކުންނޭ….” ޝައުފު ބުނެލިއެވެ. ” މިހާރު ދެން ދާންވީ ކަންނޭނގެ ޖޮބަކަށް……” ޝައުފު އަނެއްކާވެސް ބުނެލިއެވެ. ”މާނައަކީ ހިތްއެދޭ ކުއްޖަކު ފެނުނީތަ…..” ލަޔާލް ޖެހިލުމެއްނެތި ކޮއްލި ސުވާލުން ޝައުފު ސިހިގެންވެސް ދިޔައެވެ. ޝައުފުގެ ފަރާތުން ޖަވާބެއް ނައެވެ. ކާރުތެރޭ އޮތީ ހިމޭންވެފައެވެ. ޝައުފު އިރުކޮޅުކޮޅާ ލަޔާލްގެ މޫނަށް ބަލާލާ ގޮތުން ހީވަނީ ކޮންމެވެސް އެއްޗެއް ބުނަން އުޅޭހެންނެވެ. ލަޔާލްމެންގޭ ކުރިމައްޗަށް ކާރުހުއްޓާލިއެވެ. ލަޔާލް ދޮރުފަތް ހުޅުވާލުމުން ޝައުފު އެހިއެވެ. ”ލަޔާލް ހިތްއެދޭ ކުއްޖެއް ހުރޭތަ……” ޝައުފު އެހެން އެހުމުން ލަޔާލް ފުރަތަމަ ފިޔަޥަޅު ހީވީ ބިންމަތީ ތަތްވިހެންނެވެ. އެއީ އޭނަ ދޭންބޭނުންވާ ޖަވާބެއް ނޫނެވެ. ލޯބިވެރިޔާއަށް އިންތިޒާރުކުރާ ވާހަކަ ކޮންމެ މީހަކު ކައިރީ ބުންޏަސް ކުރަނީ މަލާމާތެވެ. ލަޔާލް ވަކި އެއްޗެއެް ނުބުނެ ކާރުގެ ފޮރުފަތް ބާރަށް ޖެހިއެވެ.ފަހަތް ބެލުމެއްނެތި ގޭތެރެއަށް ވަދެގެން ދިޔައެވެ.
ޝައުފު ކާރުދުއްވާލީ އެތައް އިރަކު އެތާގައި މަޑުކުރުމަށްފަހުއެވެ. ޝައުފުގެ ހިތުގައި ލަޔާލްއަށް ދެވިފައިވާ މަގާމަކީ ދުވަހަކުވެސް އެހެން އަންހެން ކުއްޖަކަށް މީގެކުރިން ދެވިފައިވާ މަގާމެއް ނޫނެވެ. ލަޔާލް ފުރަތަމަ ފެނިލުމުންވެސް ޝައުފުގެ ހިތުގައި ކުރަހާލި ތަސްވީރު ލަޔާލް ފެންނަ ކޮންމެ ދުވަހަކު ފެވިގެން ދެއެވެ. ”ލަވް ސްޓާރޓްސް ވިތު ފްރެންޑްޝިފް…….” ޝައުފު އޭނަގެ ކުޑަ ނޯޓްފޮތުގައި ލިޔެލިއެވެ. އޭރު ޝައުފު މަޑުކޮއްލައިގެން އޮތީ އާރޓިފިޝިއަލް ބީޗްގައެވެ. ” ލަޔާލް………އަހަރެން ލަޔާލްގެ ހިތުގައި އަހަންނަށް ޖާގަ ހޯދާނަން…….ޔަގީން……..ލަޔާލް ޖެހޭނެ އަހަރެން ދެކެ ލޯބިވާން…..” ޝައުފު ލަޔާލްގެ ނަން ފޮތުގައި ލިޔެލިއެވެ. އަދި އެނަން ވަށައިގެން ހިތެއް ކުރަހާލިއެވެ. ކުރަހާލި ހިތާޖެހިގެން އެހެން ހިތެއް ކުރަހާލައި ޝައުފުގެ ނަން ޖަހާލިއެވެ.
ލަޔާލް ކޮޓަރިތެރެއަށް ވަދެ ލޯބިވެރިޔާގެ ފޮޓޯއެއް ނެގިއެވެ. އެއީ އެންމެ ފަހުން ދެމީހުްނ ބައްދަލުވި ދުވަހު އޭނަގެ ހަނދާނަކަށް ލަޔާލްގެ އަތަށް ލައދިން ފޮޓޯގަނޑެވެ. ” އަދިވެސް ނުވޭތަ އަންނާކަށް………އަހަރެން އެބަހުރިން އިންތިޒާރުގަ……..”ލަޔާލް އެފޮޓޯގަނޑު އޭނަގެ މޭގަ ޖައްސާލިއެވެ. ދެލޯ މަރާލުމާއެކު އޭނަގެ ކުރިމަތިން ސިފަވެގެން ދިޔައީ އޭނަގެ ލޯބިވެރިޔާ އާކިފްއެވެ.
ލަޔާލްއަށް ހޭލެވުނީ އީނަލް ގޮވީމައެވެ. އާކިފްގެ ފޮޓޯގަނޑު ހިފައިގެން އައިސް އެނދުގައި ޖައްސާލިގޮތަށް ނިދުނީއެވެ. ”ކިހިނެއްވީ؟” ލަޔާލް ދެލޯ އުނގުޅާލަމުން އެހިއެވެ. ”ބަނޑުހައި ވެއްޖެ…..މަންމަ ނެތް ގެއަކުއެއް…….” އީނަލް ބުނެލިއެވެ. ލަޔާލް ތެދުވެ އީނަލް ގޮވައިގެން ބަދިގެއަށް ވަނެވެ.”ލަޔާލް….” އީނަލްއަށް ސައިތަށި ގިރައިދީ ނިމުނު ތަނާހެން އިވުނީ ބާރަށް އޭނަގެ ނަމުން ޝިފާނާ ގޮވާލިއަޑެވެ. އީނަލް ކައިރީ ބަސްއަހައިގެން އިނުމަށް ބުނުމަށްފަހު ލަޔާލް ގޭތެރެއަށް ނުކުތް އިރު ސޯފާއެއްގަ ދެތިން އަންހެނަކު ތިއްބެވެ. ” މިތިބަ މީހުންނަށް ކޮންމެވެސް އެއްޗެއް ގެނެސްދީބަލަ……” އެމީހުންނަށް އިޝާރަތްކުރަމުން ލަޔާލްއަށް އަމުރުކޮއްލިއެވެ.
ޝިފާނާގެ އޯޑަރަށް ލަޔާލް ހިނގައިގަތުމުން އެތަނުން އަންހެނަކު ޝިފާނާއަށް ބުނެލިއެވެ. ” ޝިފާނާމެންގެ ނަސީބު ރަނގަޅު…..މުރާލި އަންހެން ދަރިއެއް ހުންނަކަށް އެއީ ކިހާ ފަސޭހައެއް……އަހަރެމެންގެ އެއްވެސް ދަރިއަކު ކަމެއް ބުންޏަސް ނުހަދާނެ އިވޭކަމަކަށްވެސް…..”
”އެހެންތަ….އެއީ ހާޖަރާމެންގެ ވައްތަރުން …އަހަރެން ކުރިމަތީ ނުކެރޭނެ ޗުއްޕުވެސް ބުނާކަށް…” ޝިފާނާ ފަހްރުވެރިކަމާއެކު ބުނެލިއެވެ. ” ޝިފާނާއަށް ތިހެން އުޅެވޭނި ދުވަސްކޮޅަކު……..އޭނަ މީހަކާ އިނދެގެން މާދަމާވެސް ދިޔައީމަ ޝިފާނާއަށް ފަސޭހައެއް ނުވާނެ……..ފިރިހެން ދަރިއެއް ވެސް ހުރީއެއް ނޫން….އެހެން ނަމަތާ އޭނަގެ އަންހެނުން އައިސް މިގޭގަ ކަމެއްވެސް ކޮއްލާނި…..އަހަރެން ދެކޭގޮތުގައި ފިރހެންދަރިންނަކީ މައިންބަފައިންގެ ނަސީބު…..” ލީލާ ޝިފާނާއަށް ރައްދުދިނެވެ. ލީލާ އެބުނި ވާހަކަތަކާމެދު ޝިފާނާ ވިސްނާފައެއް ނެތެވެ. ޝިފާނާ އިނީ ހިމޭނުންނެވެ. ދެން ތިބި އަންހެނުން އެކަކު އަނެއްކަކުގެ މޫނަށް ބަލަބަލާފައި ހީހަދަމުން ދިޔައެވެ.
ަޔާލް އައިސް ޖޫސްތަށިތަކެއް މޭޒުމަތީ ބެހެއްޓިއެވެ. ކޮންމެ ޖޫސްތައްޓަކާއެކު ބިސްކޯދުތަކެއްވެސް ބެހެއްޓިއެވެ. ލަޔާލް އެތަނުން ދިއުމުން ހާޖަރު ޝިފާނާގެ ކަންފަތް ދޮށުގައި ސިއްރުން ބުނެލިއެވެ. ”މީހަކާ އިނަކަ ދޭނެކަމެއްނެތް……..މިޒަމާނުގައި ގޭގަ ނޯކަރުކަން ކޮއްދޭނެ މީހަކުވެސް ވަނީއެއް ނޫން….ޝިފާނާ އޭނައާ ދޭތެރޭ ވިސްނަންވީ ކީއްކުރަން…..” ހާޖަރު އެހެން ބުނުމުން ޝިފާނާގެ މޫނުމަތިން ފެނިގެން ދިޔައީ ވިހަ ހިނިތުންވުމެވެ. އެބުނީ ތެދެކެވެ.ޝިފާނާއަކަށް ބަދިގެއަށް ވަދެ މަސައްކަތެއް ނުކުރެވޭނެއެވެ.
ލަޔާލް ހެނދުނު ރާސްތާންއަށް ދިޔައެވެ. މިއަދުވެސް އިމްލީ ލަޔާލްއަށް ފަސޭހަ ކޮއްދޭންވެގެން ކޮންމެވެސް ވަރަކަށް މަސައްކަތް ކޮއްފައ ހުއްޓެވެ. ލަޔާލް ކޮންމެ މަސައްކަތެއްވެސް ކުރަނީ ފަރުވާތެރިކަމާއެކުއެވެ. ފާޑުވެރިކަމާއެކުއެވެ. ދުރުދުރުން އޭނަގެ މަސައްކަތްތައް ބަލަމުން ދިޔަ ސޯފީއަށް ލަޔާލްގެ މަސައްކަތްތައް ކަމުދިޔައެވެ.
ބަދިގެ މަސައްކަތް ނިންމާލާފައި ލަޔާލް ގޭތެރެ ފޮޅުމުގެ މަސައްކަތް ފެށިއެވެ. ލޯވްން ގައި ހިއްކަން އަޅާފައި ހުރި ބެޑްޝީޓްތަކެއް ނަގަން ދިޔައެވެ. ބެޑްޝީޓްތައް ނަގަމުން ދިޔައިރު އެ ބަންދު ކޮޓަރިއަށް އިރުކޮޅުކޮޅާ ބެލެވެއެވެ. އެކޮޓަރިން މިއަދު އިވެމުން ދިޔައީ ޕިޔާނާ ކުޅޭ އަޑެވެ. ލަޔާލް މަޑުމަޑުން އެދިމާލަށް ހިނގައިގަތެވެ. އެކޮޓަރި ދޮރުކައިރީ މަޑުކޮއްލިއެވެ. ތަޅުގައި ހިފާލުމާއެކު ފަހަތުން އޭނަގެ ނަމުން ގޮވާލި އަޑުއިވުނެވެ. ލަޔާލް ސިހިފައި ފަހަތް ބަލާލިއެވެ. ”’ މިތާ ކީއްކުރަނި…..” ރުންކުރު ގޮތަކަށް ފަރީޝާ އެހެން ބުނުމުން ލަޔާލް ބިރުގަތެވެ. ދޭނި ޖަވާބެއް ނޭނގި އަތުގައިވާ ބެޑްޝީޓްތައް ބޮނޑިކޮއްލައި ގަޔާ ކައިރިކޮއްލެވުނެވެ. ” މި ބެޑްޝީޓްތައް ނަގަން………” ލަޔާލް އަތުގައިވާ ބެޑްޝީޓް ދައްކާލަމުން ބުނެލިއެވެ. ދެން ފަރިޝާއަށް އިތުރު ސުވާލުކުރުމުގެ ފުރުސަތެއް ނުދީ އެތަނުން ހިނގައިގެންފިއެވެ.
ޝައުފު ކޮޓަރިއަށް ބެޑްޝީޓް ހިފައިގެން ވަތްއިރު ޝައުފު ލޯގަނޑު ކައިރީ ހުއްޓެވެ. ލޯގަނޑުން ލަޔާލް އެތެރެއަށް ވަތްކަން އެނގުމުން ފަހަތް ބަލާލައި ހީލިއެވެ. ” ތާކަށް ދަނީތަ؟” ޝައުފު ހެދުން އަޅާފައިވާ ރަސްމީގޮތް ގަނޑު ފެނުމުން ލަޔާލް އަހާލިއެވެ. ”’ހޫމް ދެން ބައްޕަ ކައިރީ ބުނެގެން އޮފީސް ޖޮއިން ކުރަންވެގެން…….ރީތިތަ އަހަރެން މިހެން ހުރީމަ……” ޝައުފް އަތްދިގު ގަމީހުގެ އަތްކުރި އޮޅާލަމުން އަހާލިއެވެ. ލަޔާލް ޝައުފުއަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. ” ވަރަށް ސްމާރޓް…….އެކަމަކު އިސްތަށިގަނޑު ދިގުވީމަ ހަޑި…….” ލަޔާލްގެ އޭނަގެ ހިޔާލް ހުރި ގޮތް ބުނެލިއެވެ. ޝައުފު އަނެއްކާވެސް ލޯގަނޑުން އަމިއްލަ ސޫރަ ބަލާލިއެވެ. ކޮނޑާ ހަމަޔަށް ދިގުކޮއްފައިވާ އޭނަގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. ލަޔާލް ކޮޓަރިން ނުކުމެގެން ދިއުމުންވެސް ޝައުފުއަށް އަމިއްލަ ސޫރަ ބަލަން ހުރެވުނީއެވެ. ”އަހަރެން މި އިސްތަށިކޮޅުވެސް ކޮށާލަފާނަން………ލަޔާލްއަށްޓަކައި……ތި ލޯތްބަށްޓަކައި……އަހަރެން ކުރާހިތް ނުވާ ކަންތައްތައްވެސް ކުރަން މަޖުބޫރުކުރުވިއަސް ފަރުވާލެއް ނެތް……އަހަރެން ބޭނުމީ ލަޔާލް…..”’ ޝައުފް ހިތާހިތުން ބުނެލިއެވެ.
ޝައުފް ބޭނުންވަނީ ލަޔާލްގެ ލޯތްބެވެ. ޝައުފްއަކީ ކަމެއް ކުރުމަށް އަޒުމް ކަޑައަޅައިފިއްޔާ އެކަމެއް ކުރާނެ މީހެކެވެ. ލަޔާލްގެ ރުހުން ހޯދުމަށް އޭނައަށް ވިސްނުނީ ލަޔާލް ރުހޭނެ ހުރިހައިކަމެއް ކުރުމެވެ. މަޑުމަޑުން އޭނައަށް ލަޔާލްގެ ހިތް ލެއްބުމެވެ. ޝައުފް އޮފީހަށް ދާވާހަކަ ބުނީންސުރެން މާހިރު ހުރީ އުފާވެފައެވެ. އޭނަ ދެކޭގޮތުގައި އެއީ އޭނަ އެތަކެއް ދުވަހެއް ވަންދެން ދިން ނަސޭހަތުގެ ބަދަލެވެ.
ަޔާލް ސޯފީގެ ކޮޓަރިއަށް ދިޔައީ ލަޔާލްއަށް ސޯފީ ގޮވާލީމައެވެ. އޭރު ސޯފީ އެނދުމަތީ އެކި ޑިޒައިން ތަކުގެ ގަހަނާތަކާ ހެދުންތަކެއް އަތުރާލައިގެން އިނެވެ. ”ލަޔާލް އާދޭ….” ލަޔާލް ދޮރުމަތީ ހުއްޓި ހުރުމުން ސޯފީ ލޯތްބާއެކު ގޮވާލިއެވެ. ސޯފީ ލަޔާލްއަށް ބަހައްޓާ އޯގާތެރިކަމަށްޓަކައި ލަޔާލް ހިތުގެ އަޑިން ޝުކުރުވެރިވެއެވެ. އޭނަގެ އުފަން މަންމަގެ ފަރާތުންވެސް އެފަދަ އޯގާތެރިކަމެއް މިހާތނަށްވެސް ފެނިފައި ނުވެއެވެ. ލަޔާލް އައިސް ހުއްޓުނީ ސޯފީގެ ކައިރިއަށެވެ. ”ލަޔާ މިތަނުން ކޮންހެދުމެއް ރީތީ…..ލަޔާ ްއަށް ކަމުދާ ހެދުމާ ގަހަނާ ނަގާ…މިއީ ސޯފީ ދައްތަ ލަޔާއަށް ދޭހަދިޔާއެއް…..”’ ސޯފީ ހެދުންތަކަށް އިޝާރަތްކުރަމުން ބުނެލިއެވެ. ލަޔާލް ހެދުންތަކަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އަގުބޮޑު އެ ހެދުންތައް ރީއްޗެވެ. އެކަމަކު ލަޔާލްއަކަށް އެ ނަގާކަށް ނުކެރުނެވެ. ލަޔާލް ހުރިގޮތަށް ހުރުމުން ސޯފީ ރަތްކުލައިގެ ހެދުމެއް ނަގައިގެން ލަޔާލްގެ ގައިގަ ޖައްސާލައިފިއެވެ.
”މިހެދުން ވަރަށް ގުޅޭ…..މިހެދުމާ ގަހަނާ ސެޓް……” ސޯފީ ހެދުމާ ގުޅޭ ގަހަނާ ސެޓެއް ނަގައިފިއެވެ. އަދި އެ ޕެކުކޮއްލުމަށްފަހު ލަޔާލްގެ އަތަށް ދިނެވެ. ”ޝުކުރިއްޔާ ދައްތާ…ދައްތަ ތި ބަހައްޓާ ގާތްކަމަށް އަހަރެން ޝުކުރު ދައްނަވާނެ ގޮތެއްވެސް ނޭނގެ….” ލަޔާލް ހިތުގެ އަޑިން ޝުކުރު އަދާކުރިއެވެ. ސޮފީ ހިނިތުންވެލިއެވެ.
އިމްލީ މިއަދު ގެއަށް އާއިރުވެސް ލަޔާލް ކުރަންހުރި މަސައްކަތް ނުނިމޭތީ ބަދިގޭގަ އުޅެއެވެ. ”ލަޔާ.ހާދަ ބިޒީކޮން…..އަހަރެން ހީކުރި މިހާރު ގެއަށް ދާނެކަމަށް……” އިމްލީ އައިސް ލަޔާލް ކައިރީ ހުއްޓެމުން އަހާލިއެވެ. ”ނޫން…ބިޒީއެއް ނޫން…މި ނިމެނީ….” ނިއްކުރިމަތީ ބަބުޅަމުންދިޔަ ދާތިކިތައް ދޯޕައްޓާއިން ފޮހެލަމުން ޖަވާބުދިނެވެ. ” އިމްލީ….ސޯފީ ދައްތަ މިއަދު ދިން ހަދިޔާ……އިމްލީ ބުނީ ހަމަ ތެދަށް މިގޭ މީހުން ވަރަށް ރަނގަޅު ހިތްހެޔޮ ބައެއް……” ލަޔާލް އޭނަގެ މަސައްކަތާއިގެން ކުރިއަށް ދަމުން ބުނެލިއެވެ. އިމްލީގެ ފަރާތުން ޖަވާބެއް ނައުމުން ލަޔާލް ބަލާލިއެވެ. އޭރު އިމްލީ އޭނަގެ ދެލޯ ފޮހެލަނީއެވެ. ހީވާގޮތުން އިމްލީ ރޮނީއެވެ.
”އިމްލީ…..” ލަޔާލް އިމްލީގެ ކޮނޑުގައި އަތްޖައްސާލަމުން ގޮވާލިއެވެ. އޭރު މަޑުމަޑު ގިސްލުމުގެ އަޑެއް އިވެމުން ދިޔައެވެ. ” އިމްލީ ބުނެބަލަ ކީއްތަވީ…..” ލަޔާލް އަހާލިއެވެ. ” ލަޔާ….އަހަރެން ކިހިނެއް ބުނާނި………މިހާރު އަހަރެންވެސް ބޯގޮވައިފި…އަހަންނަކަށް ނޭނގެ މިކަން ހައްލުކުރާކަށް…..” އިމްލީގެ މޫނުމަތިން ފެނިގެންދަނީ ކަންބޮޑުވުމެވެ. ” ކޮންކަމެއްތަ؟ އަހަރެން ކައިރީ ބުނެބަލަ …” ލަޔާލް ކެއްތެރިކަމެއްނެތި ބުނެލިއެވެ.” އިމްލީ އާ ފާއިޝް މައްސަލަ ޖެހިގެން މިއުޅެނީ……ލަޔާ……ފާއިޝް ބޭނުންވަނީ އަބަދު މީޓްކުރަން……އިމްލީ ކިހިނެއް އަބަދު ގެއިން ބޭރަށް ދާނި…..” އިމްލީ ޝަކުވާގެ ރާގަކަށް ބުނެލިއެވެ. ” ދެން އިމްލީ ނުބުނަންތަ ފާއިޝް ކައިރީ މިގެއިން ބޭރަށް އިމްލީއަކަށް ނުދެވޭ ވާހަކަ…..” ލަޔާލް ބުނެލިއެވެ.
” ނޫން ބުނިން…….އޭނަ ބުނަނި އިމްލީ ބަހަނާ ދައްކާކަމަށް މީޓް ނުކުރަންވެގެން………އިމްލީވެސް ބޭނުން…..” އިމްލީއަށް ގިސްލެވެން ފެށިއެވެ. އިމްލީ ދެރަވެފަ ހުރުމުން ލަޔާލްވެސް ދެރަވެއްޖެއެވެ. ”ލަޔާ އަހަންނަށް އެހީވެދީބަލަ…..” އިމްލީ ލަޔާލްގެ ދެއަތުގައި ހިފާ އާދޭހުގެ ރާގަކަށް ބުނެލިއެވެ. ” އަހަރެން……..އަހަރެން ކީއްކޮއްދެންވީ…….” ލަޔާލް އަހާލިއެވެ.
އިމްލީ އޭނަގެ ހިތުގައިވާ ހިޔާލެއް ބުނެދިނެވެ. ލަޔާލް ބޭނުންވީ ކޮންމެ ގޮތެއް ހަދާފަ ނަމަވެސް އިމްލީގެ އެ އެދުން ފުއްދައިދޭށެވެ. ރަހްމަތްތެރިއަކު ބޭނުމަކަށް އެދުނީމަ އެކަމެއް ކޮއްދިނުމަކީ ކީހާ ބޮޑު އުފަލެއް ދޯއެވެ. އިމްލީ އާ ލަޔާލް ގޮތެއް ރާވާލިއެވެ. އިމްލީ އެގެއިން ކޮންމެވެސް ބަހަނާއެއް ދައކައިގެން ނަމަވެސް ފާއިޝްއާ ހަމަޔަށް ގެންގޮސްދޭން ލަޔާލް ބޭނުންވެއެވެ. އިމްލީ ކަނޑައެޅި ގަޑިއަށް ލަޔާލް އިމްލީ ބަލާ އަންނާނެކަމުގެ ޔަގީންކަން ދިނެވެ.
ިރުއޮއްސި އަދިރިވެއްޖެއެވެ. އުޑުމަތިން ބަބުޅަމުން ދިޔަ ނޫކުލައިގެ ތަރިތަކުގެ ސަބަބުން މިރޭ އުފާވެރިކަމެއް ގެނެސްދެއެވެ. ލަޔާލް ޝިފާނާއަށް ބަހަނާއެއް ދެއްކުމަށްފަހު ގެއިން ނުކުތެވެ. ލަޔާލްއަށް ރާސްތާންގެ ދޮރާށިން ވަދެވުނު އިރު އިމްލީ ތައްޔާރުވެލައިގެން ގޭތެރޭ އިނެވެ. ލަޔާލް ގޭތެރެއަށް ވަނުމާއިއެކު އިމްލީ އަތުން ދައްކާލީ ސޯފީއެވެ. ލަޔާލް ގޮސް މަޑުކޮއްލީ ސޯފީގެ ކުރިމަތީއެވެ.
”ދައްތާ….” ލަޔާލް މަޑުމަޑުން ގޮވާލިއެވެ. ސޯފީ ލަޔާލްގެ މޫނަށް ބަލާލީ ހައިރާންކަމާއެކުގައެވެ. ”ލަޔާ.މިގަޑީގަ ކީއްކުރަނި..” ސޯފީ ތެދުވަމުން އަހާލިއެވެ. ލަޔާލް ބަލާލީ އިމްލީގެ މޫނަށެވެ. ” ދައްތާ އަހަރެންނާއެކު ފިހާރައަކަށްދާން އިމްލީ ފޮނުވައިދީބަލަ…….” ލަޔާލް އުދަނގުލަކާއެކު ބުނެލިއެވެ. ދޮގުހަދަންޖެހުނަތީ ލަޔާލް ދެރަވި ނަމަވެސް ރަހްމަތްތެރިޔާއަށްޓަކައި ކަމެއް ގުރުބާންކޮއްލުމަކީ ބޮޑުކަމެއް ނޫނެވެ. ” އެހެންވެ ދޯ އިމްލީ ތައްޔާރުވެގެން މިހުރީ……ދޭ އަވަހަށް އަންނާތި…….” ހީކުރިވަރަށް ވުރެ އަވަހަށް ސޯފީގެ ފަރާތުން ހުއްދަ ލިބުމުން އިމްލީ އުފަލުން އައިސް ލަޔާލްގެ ގައިގަ އޮޅުލައިގަނެވުނެވެ. އިމްލީ ލަޔާލްގެ އަތުގައި ހިފައިގެން އެތަނުން ދިއުމަށް ހިނގައިގަތުމުން ސޯފީ ގޮވާލިއެވެ.
”މަޑުކޮއްބަލަ…..” ލަޔާލްއާ އިމްލީގެ ފިޔަވަޅު އެހިސާބުން ހުއްޓުނެވެ. ލަޔާލްގެ މޫނުމަތި ރަތްވެގެން ދިޔައެވެ. އަނެއްކާ ހެދި ދޮގު ފަޅާއެރީ ނޫންބާއޭވެސް ހިތަށްއެރިއެވެ. ” ޝައުފް…..ކާރުގަ ލަޔާލްމެން ގޮވައިގެން ދާންވީނުން….” ސޯފީ ޝައުފްގެ ކޮޓަރިއަށް ބަލާލަމުން ގޮވާލިއެވެ. ޝައުފްއަށް ސޯފީ ގޮވާލި އަޑުއިވުނުހެން ހިއެއް ނުވެއެވެ. އެކޮޓަރިން އެއްވެސް އަޑެއް ނީވުމުން ސޯފީ އެދިމާލަށް ހިނގައިގަތެވެ.” ލަޔާ.ކޮންމެވެސް ކަމެއް ކުރޭ….ޝައުފްބޭ ގެންދާކަށް ބޭނުމެއް ނޫން……..ކަޑަވާނެ…..ސޯފީ ދައްތަމެންނަށް އެނގުނީމަ އަހަރެން މިގެއިންވެސް ބޭރުކޮއްލަފާނެ…..” އިމްލީ ލަޔާލްގެ އަތުގައި ހިފާ ތަޅުވާލިއެވެ. އިމްލީގެ މޫނަށް ލަޔާލް ބަލައިލީ ދެން ހަދަންވީ ކިހިނެއްތޯ އަހާކަހަލަ ގޮތަކަށެވެ. ޝައުފް ކޮޓަރިން ނުކުތުމުން ލަޔާލް ހިތްވަރުކޮއްލާފައި ބުނެލިއެވެ.
” ދައްތާ…….އަހަރެމެންދަނީ ވަރަށް ކައިރި ފިހާރައަކަށް…..ކާރުގަ ދާހާ ދުރެއްވެސް ނޫން……ދެން ބާޒާރުކުރަން ކާރުގަ މީހުން ނުވެސްދާނެ……” އިމްލީ އެހެން ބުނުމުން ސޯފީ ގާތަށް ހިނިއައެވެ. ” ތެދެއް…..ދައްތަވެސް މޮޔަކަން…….ކާރުގަ ނުދިޔަޔަސް ޝައުފް ލަޔާލްމެންނާއެކު ދޭ…..އެމީހުންނަށްވެސް ރައްކާތެރިވާނެ އޭރުން…….” ސޯފީ އެހެން ބުނުމުން ލަޔާލް އަނެއްކާވެސް ގޮތްހުސްވެއްޖެއެވެ. އިތުރަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. އިމްލީވެސް އެއްޗެއް ނުބުނެ ލަޔާލްގެ އަތުގައި ހިފައިގެން ހިނގައިގެންފިއެވެ. ޝައުފް އެމީހުންގެ ފަހަތުން ދިޔައެވެ.
މަގުމަތިން ތިންމީހުން އެކުއެކީގަ ހިނގަމުން ދިޔައިރު އެއްވެސް ވާހަކައެއް ނުދައްކައެވެ. ޝައުފް މަދުފަހަރަކު އެ ހިމޭންކަން ފޫދުއްވާލަނީ ތުނބުން ފުމެލުމަށްފަހުއެވެ. އިމްލީ މިސްރާބުހުރީ ހެދިގޮނޑުދޮށާ ދިމާލަށެވެ. ”އައްދެ………..މިއީ ކޮންފިހާރަކައަށް ދާން އުޅޭ ބައެއް….މާދުރުގަ ހުރި ފިހާރައެއް ނޫނޭ ކިޔާފަ ހިނގާ ހިނގާ ފައިވާޅުވީ އިރުވެސް ތި ފިހާރައަކަށް ނުދެވުން…….” ޝައުފް އެއްޗެއް ނުބުނަން ހުރި ނަމަވެސް އެންމެ ފަހުން އެހެން ބުނެވުނެވެ. އިމްލީ މަޑުމަޑުން ލަޔާލްގެ ކަންފަތްދޮށުގައި ސިއްރެއް ބުނެލިއެވެ. ”ސާބަސް…….ދެން އަހަންނޭ ކިޔައިގެން ކޮންމެވެސް އެއްޗެއް ކިޔަނީދޯ……” އިމްލީގެ މޫނަށް ބަލާލަމުން ޝައުފް ބުނެލިއެވެ. ” ލަޔާ…….ޝައުފް ކައިރީ ކޮންމެވެސް އެއްޗެއް ކިޔާ……އޯކޭ ތެދަށް ބުންޏަސް އެކަމަކު ވައުދުކުރުވާތި ސޯފީ ދައްތަ ކައިރީ ނުބުނަން……” އިމްލީ އަނެއްކާވެސް ވައިއަޑުން ލަޔާލްގެ ކަންފަތް ދޮށުގައި ބުނެލިއެވެ.
އިމްލީ ދުއްވައިގަތީ ތަންކޮޅެއް ދުރުގައި ހުރި ފާއިޝް އާ ދިމާލަށެވެ. ” އޭތް އިމްލީ ކޮންތާކަށް…..” ޝައުފް އިމްލީގެ ފަހަތުން ހިނގައިގަންނަން އުޅުނެވެ. ލަޔާލް ޝައުފްގެ އަތުގައި ހިފާ ހުއްޓުވިއެވެ. ” އެތަނަށް ދާނެކަމެއް ނެތް….އިމްލީއަށް ކުޑަ ވަގުތު ކޮޅެއް ދީ…..” ލަޔާލް ޝައުފްގެ މޫނަށް ބަލާލިއެވެ. ތަނަށް ވެރިވެފައިވާ އަނދިރިކަމުގެ ތެރެއިންވެސް ލަޔާލްގެ ދެލޮލަށް ޝައުފް ބަލާލިއެވެ. އެ ދެލޮލުގައިވާ ވިދުމުން ޝައުފް ހިތް ފޮތިފޮތި ވަމުން ދިޔައެވެ. ”ޝައުފް…..” ލަޔާލް ޝައުފް ބަލަހައްޓައިގެން ހުރި ގޮތުން އުދަނގޫވެގެން ގޮވާލިއެވެ. ޝައުފް ބޯހޫރުވާލަމުން އިމްލީއާ ދިމާލަށް ބަލާލިއެވެ. އޭރު އިމްލީ ފާއިޝްގެ އަތުގައި ހިފާލައިގެން ތަންކޮޅެއް ދުރުގައި ތިއްބެވެ. ލަޔާލްއަށް ފާއިޝް ފެނުމުން ކޮންމެވެސް ތާކުން ފެނުނު ހަނދާންވިއެވެ. އެއީ ސޯފީމެންގެއަށް ތަރުކާރީ ކޮތަޅެއް ހިފައިގެން އެދުވަހު އައީ މީހާބާއޭ ހިތަށް އެރިއެވެ. މާބޮޑަކަށް ޔަގީންކަމެއް ނެތެވެ. ފާއިޝް ހުރިގޮތުން މާބޮޑަކަށް މޫނެއް ނުފެނެއެވެ. ލަޔާލްއަށް ހީވާ ހީވުމެއްބާއޭ ހިތަށް އަރައި އަޅާނުލާ ހުރީއެވެ.
” އިމްލީ ބުނެގެން ދޯ ލަޔާލް މިތަނަށް އައީ…..” ޝައުފް ދެޖީބަށް އަތްޖަހާލަމުން އަހާލިއެވެ. ” ހޫމް..އެދެމީހުން ވަރަށް ގުޅޭދޯ…” ލަޔާލް ހިނިތުންވަމުން އިމްލީއަށް ބަލާލިއެވެ. ” ލަޔާއަށް ދެމީހަކު ގުޅޭހެން ތިހީވަނި ކޮންކަންތަކެއް ހުރެގެން….” ޝައުފް އަހާލިއެވެ. ” ދެން ބަލާލީމަ އެނގޭ ގުޅޭކަން…..އިސްކޮޅުވެސް މާބޮޑު އައިބުކަމެއް ނުދައްކާ….ފިރިހެން ކުއްޖާ ރަނގަޅުވާނީ އަންހެން ކުއްޖާއަށްވުރެ ފޫޓެއްހާ ތަން ދިގުވީމަ…..” ލަޔާލް ބުނެލިއެވެ. ޝަޔާފް ބަލާލީ ލަޔާލްއަށެވެ. ދެތިން ފިޔަވަޅެއް ކުރިއަށް ޖެހިލައި ދެމީހުންގެ އިސްކޮޅުގެ ތަފާތު އަންދާޒާކޮއްލިއެވެ. ލަޔާލް ބުނިހެން ދެމީހުންގެ ތަފާތުގައިވެސް ފޫޓެއްހާ ތަން އެބަހުއްޓެވެ. ޝައުފްގެ މޫނުމައްޗަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އެއް ޝަރުތު ހަމަވީމަވެސް އުފަލެއް ލިބިއްޖެއެވެ.
”’ދެން އެނޫން އެހެން ކަމެއް ނެތް……..އިސްކޮޅު އެކަނިތަ…….” ޝައުފް އަނެއްކާވެސް އެހިއެވެ. ” ދެން މިޒާޖުވެސް ..އިންސާނުންވީމަ ކޮންމެވެސް ތަފާތެއްވެސް ހުންނާނެ …” ލަޔާލް ދެއަތް އުރާލަމުން ބުނެލިއެވެ. ޖެހޭ ވައިރޯޅިން ލަޔާލްގެ ދޯޕައްޓާއާ އެއްވަރަށް އޭނަގެ އިސްތަށިގަނޑުވެސް ވިހުރެމުން ދިޔައެވެ. ” ޝައުފް އިމްލީ މިތަނަށްއައީ ފާއިޝްއާ ބައްދަލުކޮއްލަންކަން ސޯފީދައްތަ ކައިރީ ނުބުނާތި…..ދައްތަ ރުޅި އައީމަ އިމްލީ ވަރަށް ދެރަވާނެ…….” ލަޔާލް ޝައުފްގެ މޫނަށް ބަލާލިއެވެ. ”ހޫމް ނުބުނާނަން….އިމްލީ އައީމަ މަށަށްވެސް ފައިދާ……” ޝައުފު އެހެން ބުނީ ކިތައްމެ ސިއްރުން ނަމަވެސް ލަޔާލްއަށް ކޮންމެވެސް ވަރަކަށް އަޑުއިވުނެވެ. ”ކީކޭ؟” ޝައުފް ބުނި އެއްޗެއް ސާފުނުވުމުން ލަޔާލް އަހާލިއެވެ. ”އެއްޗެއް ނޫން” ޝައުފް ބޯކަހާލަމުން ބުނެލިއެވެ.
އިމްލީ އެތަނަށް އަންނަން ފެށުމުން ޝައުފް ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ”ދާންވީތަ….” ލަޔާލް އިމްލީ އަރާހަމަވުމުން އަހާލިއެވެ. ”އާން.ހިނގާ ” އިމްލީ ލަޔާލްގެ އަތުގައި ހިފާލިއެވެ. ”ތޭންކްސް…” ލަޔާލްއަށް އިމްލީ ޝުކުރު އަދާކުރިއެވެ. އިމްލީގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަން ލަޔާލް ހިތަށް ހަމަޖެހުން ގެނުވިއެވެ. އިމްލީގެ ހުރިހައި ޓެންޝަން ތަކެއް ދުރުވީކަން ލަޔާލް ގަބޫލުކުރިއެވެ.ލަޔާލް ގެއަށްލުމަށްފަހު އިމްލީއާ ޝައުފް ގެއަށް ދިޔައެވެ. އިމްލީއާ އެކު ޝައުފް ދިޔައިރު އިމްލީ ވާހަކަ ދައްކަމުން ދިޔަ ނަމަވެސް ޝައުފް އެކަމަކަށް ސަމާލުކަމެއް ނުދެއެވެ. އޭނަގެ ހިތުގައިވަނީ ލަޔާލްއެވެ. ޖެހުނު ވައިރޯޅިން ލަޔާލްގެ އިސްތަށިގަނޑު ވިހުރިގެން ދިޔަ މަންޒަރުން ލޯމަތިން ސިފަވަމުން ދިޔައެވެ. ޝައުފް ބޭއިޚްތިޔާރުގައި ނަމަވެސް އޭނަގެ އަތުގައި ފިރުމާލެވުނެވެ. އެއީ އޭނަ އިމްލީ ކައިރިއަށް ދިއުމަށް ހިނގައިގަތުމުން ލަޔާލް އޭނަގެ އަތުގައި ހިފާލި ހިސާބެވެ.
އާދުވަހެކެވެ. ދުވަހުގެ ތާވަލްއާ އެއްގޮތަށް މިއަދުވެސް ލަޔާލް ރާސްތާންއަށް ދިޔައެވެ. ފަރުދާބަގީޗާގެ ގަސްތައް ކައިރިން ގޭތެރެއަށް ދިޔައިރު ދެމީހަކު ވާހަކަ ދައްކާއަޑު ގަސްތަކުގެ ތެރެއިން އިވެމުން ދިޔައެވެ. ގަހުގެ ގޮފިގަނޑެއް ފޭކޮއްލުމަށްފަހު ލަޔާލް ބަލާލިއެވެ. އޭނަގެ މެއަށް ހީވަނީ ހޫނު ފެންއެއްޗެއް އޮއްސާލި ހެންނެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ހުވަފެނަކަށް ވާނެނަމަ ކިހާ ރަނގަޅުހެއްޔެވެ؟ އެފަދަ މަންޒަރެއް ދުށުމަށް ލަޔާލްއަށް ކެތެއް ނުވިއެވެ.
ފިތުރޯނުގަހުގައި ލެނގިލައިގެން ފަރީޝާ ކައިރީ ގައިގޯޅިކޮން އެހުރީ ފާއިޝްއެވެ. ފާއިޝްގެ ދެއަތްވަނީ ފަރިޝާގެ އުނަގަނޑުގައި ވަށާލެވިފައެވެ. ފަރީޝާ ޝާންއަށް ސިއްރުން މިފަދަ ކަމެއް ކޮއްފާނެއޭ މީހަކު ހިތަށްވެސް ނާރާނެއެވެ. ގޭތެރޭގައި އެދެމަފިރިން އުޅެނީ ވަރަށް ހަމަޖެހިގެންނެވެ. ލަޔާލް އަވަސް އަވަހަށް އެތަނުން ދިއުމަށް ހިނގައިގެންފިއެވެ. އޭރުވެސް ނޭނގޭ ބާރުމިނެއްގައި ހިތް ތެޅެމުން ދިޔައެވެ.”ލަޔާ……” ލަޔާލް ބަދިގެއަށް ވަދެ ވަދެ ހުއްޓައި ފަހަތުން ގޮވާލީ އިމްލީއެވެ. ސްކޫލް ޔުނީފޯރމްގައި ދަބަސް އަޅުވާލައިގެން އައިސް ލަޔާލް ކައިރީ ހުއްޓުނެވެ. ” އަހަރެން މިހުރީ ވަރަށް އުފާވެފަ….ރޭގަ އަހަރެމެން ވާހަކަ ދައްކައިގެން މައްސަލަ ހައްލުވީމަ……ލަޔާއަށް އެނގޭތަ ފާއިޝްއަކީ ކެއާ ކުރާ ވަރަށް ރަނގަޅުކުއްޖެއް…..އެފަދަ މީހަކު އަހަރެންގެ ނަސީބުގައި ލެއްވީތީ ޝުކުރުކުރަން…..ލަޔާ އުފަލެއްނުވޭތަ އަހަރެން އުފާވެފަ ހުރީމަ……….” އިމްލީ ލަޔާލްގެ މޫނަށް ބަލާލަމުން ބުނެލިއެވެ.
އިމްލީ ކައިރީ ފާއިޝްގެ ވާހަކަ ކިޔައިދޭނީ ކިހިނެއް ހެއްޔެވެ؟ ގަބޫލުކުރާނެބާއެވެ. އިމްލީއަށް ލަޔާލްގެ ހާސްކަން ފޮރުވުމަށްޓަކއި ގަދަކަމުން ހީލިއެވެ. ”ދަނީ އިނގޭ……އަދި އެބަހުރި ބައިވަރު ސީކުރެޓްސް ކިޔައިދޭންވެސް..އެކަމަކު ފަހުން ފާއިޝްބުނި މިއަދު ސްކޫލަށް ގެންދަން އަންނާނަމޭ….” އިމްލީ ހިނގައިގަންނަމުން ބުނެލިއެވެ . އިމްލީ ބޭރަށް ނުކުންނަންދެން އިމްލީއަށް ބަލަން ލަޔާލްއަށް ހުރެވުނެވެ.
(ނުނިމޭ).
4 Comments
Comments are closed.
net kandaalafa huryma mi bai up vyleh lasvyy
sorry for that
mi story v rythi..hope next part ves v avahaa upload kohdheyny kamah….
Habeys vaahakaeh
Vaahaka hama habeys ingey….. sory vaahaka kiyaalevunuley lasvyma ….myhama vyvaru…..alhe Layaal ah Sauf nuny eynage kuryge bf libeynenama haada rytivaaneye…… uhmydu kuran Batalah Batalaa libigen vaahaka nimeyne kamah……. kyp it up Xaahy…. INSAA ALLAH SUKURAN XAAHY……. BA I BAAI TC…….