އޯގާވީ ހިތަކުން…2
އީނާ އަވަސް އަރުވާލައިގެން ދަނިކޮށް ސިޑީގެ ހަރުފަތް މަތިން ފައި ކައްސާނުލީވެސް ކިރިޔާއެވެ. އިސްތަށިގަނޑު ތެތްވެފައި ވުމުން ދޮންމޫނަށް ރާޅުބާނީ އިސްތަށިގަނޑުން ބައެއްވަނީ ފައިބާފައެވެ. އަތްފައި ގަނޑުފެންޅޮޅެއްހާ ފިނިވެފައިވުމާއެކު ދެއަތް ޖޯޑުކޮށްލެވުނެވެ. އީނާ ބޮޑުކޮޓަރިއަށް ވަންތަން ބަލަން ހުރި މައިމޫނާ ސިޑިއާ ދިމާއަށް ބޯދިއްކޮށްލިއެވެ. އޭނައަށް ހީވީ ރަގަޅަށެވެ. އަލްޔަސްއާއި އީނާ ސިއްރުން ކަންތައްގަނޑެއް އެބަހިންގައެވެ.
އަލްޔަސް ނިކުމެގެން ދިޔަތަން ބަލަން ހުރެފައި މައިމޫނާ ފޫހިކަމާއެކު ކޮޓަރިއަށް ދާން ހިނގައިގަތެވެ. އީނާ ދެކެ އަންނަ ރުޅިގަނޑު ކުރިއަށްވުރެ ބޮޑުވެއްޖެއެވެ. ބޭބެގެ ހުރިހަމައެކަނި އަންހެންދަރިފުޅަށް ވިޔަސް އޭނަ އީނާ ދެކެ އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. ހުރިހާވެސް މައްސަލައަކީ ރޫޔާއަށް ވުރެ ކުރީގައި އީނާ އުޅޭތީއެވެ. ސިކުނޑި ތަނަވަސް ވީތީއެވެ. ހަސަދަވެރިކަމުގެ އަލިފާނުގައި މައިމޫނާ ދިޔައީ އަނދަމުންނެވެ. އެކިގޮތްގޮތުން ރޫޔާގެ ހިތަށް ޒަހަރުލާން ކުރިހާ މަސައްކަތެއް ދިޔައީ ފެނަށެވެ. އީނާއަށް ދެރައެއް ލިބޭކަށް ރޫޔާ ބޭނުމެއް ނުވެއެވެ.
އީނާއާއި އަލްޔަސް ގުޅޭކަށް މައިމޫނަގެ ހިތެއް ނޭދެއެވެ. މިހާރުވެސް އީނާ އުޅޭނީ ބިމުގައި ފައި ހަރު ނުލައިގެންނެވެ. ރީތި މުއްސަނދި ކުއްޖަކާއި ކައިވެނިކޮށްފިއްޔާ ދެން ވާނެ ގޮތެއް އެނގެނީކީ ނޫނެވެ. އީނާގެ އުފާތަކަށް ތޫފާންއައުމަށް ބަދުދުޢާ ކުރެވުނު އަދަދެއް ނޭގެއެވެ. މިހާކަށް ލިބިފައިވާ ނިއުމަތްދެކެ ހަސަދަވެރިވެވޭނި އެވަރަށެވެ.
”ކޮބާ ހެދުންތައް؟….” ކުޑަދޮރުތައް ލައްޕަން އުޅުނު ފަޒްލާ އަހާލިއެވެ. ”މާލަހުން ދެވުނީ، ވާރޭ ބޯކޮށްލީމަ ހުރިހާ ހެދުމެއް ތެމިއްޖެ… ސޮރީ މަންމާ…” ދެފަވެފައި ހުރިކަމުގައި ވިޔަސް އީނާގެ މޫނުގައިވަނީ ރުޅިވެރިކަމެވެ. ހަޤީޤަތުގައިވެސް އަލްޔަސްގެ އަމަލުން އޭނަ ވަރަށް ބޮޑަށް ރުޅި އައިސްފިއެވެ. އޭނަ ބިރުގަންނަވާލުމުން ހިތް ނުހުއްޓުނީ ނަސީބަކަށެވެ. އެފަދަ ކަންތައް ކުރުން އަލްޔަސް ހުއްޓާލާކަށް ނުވޭހެއްޔެވެ؟ އޭނަ އަލްޔަސްއަކާ ނުގުޅޭނެއެވެ. ހިތަށް ވިސްނައިދޭނީއެވެ.
****
ތެތްހެދުންތައް ބަދަލުކޮށްލައިގެން އީނާ ދިޔައީ ބަދިގެއަށެވެ. އޭރު ފަހަރިއާއި ބޭބެ ކާކޮޓަރީގައި ކޮފީ ބޯން ތިއްބެވެ. ކޮފީގެ މީރުވަހުން މުޅިތަނުގައިވަނީ ހުވަނދު ލެވިފައެވެ. އަތުގުޅުވާލައިގެން ދެމަފިރިން ތިބި މަންޒަރު އެހާމެ ލޯތްބެވެ. ރާނިޔާ އިނީ ހަމަޖެހިލައިގެންނެވެ. މައިމޫނާގެ ޖުމްލަތަކުން އަސަރު ކުރިކަމުގައި ވިޔަސް އަވްޝަންގެ ލޯބިން ހިތުގެ ޒަހަމްތަކަށް ޝިފާ ލިބިއްޖެއެވެ. މައިމޫނާ ދައްކާ ވާހަކަތަކާމެދު ނުވިސްނުމަށް އަވްޝަންވަނީ ބުނެފައެވެ.
”ސޯ، ކޮންދުވަހަކުތަ ފުރަނީ؟…” އީނާ ކޮފީއެއް ތައްޔާރުކޮށްލައިގެން އައިސް ގޮނޑިއެއްގައި ޖައްސާލިއެވެ. ކަޅު ކޮފީގެ އެހީގައި ސިކުނޑީގެ ނާރުތަކުގެ ވާންކަން ކެނޑުނެވެ. އޭނަ ތެދިން ކޯވަރު ބޯލިއެވެ.
”ދެދުވަސް ފަހުން…” ޖަވާބު ދިނީ އަވްޝަން އެވެ.
”ގުޑްލަކް. މިފަހަރު ދައްތަގެ ޑްރީމް ފުރިހަމަ ވާނެ، އިންޝާﷲ، މީހުން ދައްކާ ބޭކާރު ވާހަކަތައް އަޑުނާހާތި، އެހެންނޫނަސް ބޮޑުދައިތަ މުޅިން ފިޓެއްނޫން މިދުވަސްކޮޅު، ސައިކޭޓްރިސްޓަކަށް ދައްކަން އަހަންނަށް ފެންނަނީ، ކުރީދުވަހަކު އެކައި އިނދެގެން ވާހަކަވެސް ދެއްކި، ޝީ ނީޑްސް ހެލްޕް!….” އީނާ ސަމާސާ ރާގަކަށް ބުންޏެވެ. އެއީ މައިމޫނާވެސް އައި ވަގުތެވެ. އޭނަ މޫނު އަނބުރާލީ އަނެއްކޮޅަށެވެ. ރުޅިއައިސް މޫނު ރަތްވެގެން ދިޔައެވެ. ބާރަކަށް ހިނގާލާފައި ގޮސް އޭނަ އައިސްއަލަމާރި ހުޅުވާލިއެވެ. ތައްޓަކަށް ފެންއަޅަމުން ނުރުހުމުގެ ނަޒަރަކުން މައިމޫނާ އީނާއަށް ބަލާލިއެވެ. ވަރެއްގެ އީނާ ގަނޑެކެވެ. މޮޔައީ އޭނައެއް ނޫނެވެ. އީނާއެވެ.
އަވްޝަން އީނާގެ އަތުގައި ޖަހާލިއެވެ. އޭނަ އިނީ ހިނިގަނޑު މަތަކޮށްލައިގެންނެވެ. ”ވަޓް؟ ދެން ހަޤީޤަތް ވާނީ ހަޤީޤަތަކަށް ނޫންތަ؟…” އީނާ ބުންޏެވެ. އަވްޝަން ލޮލުގެ އިޝާރާތުން މަޑުން އިނުމަށް ބުނެލިއެވެ. ތިންމީހުން ހީގަތީ މައިމޫނާ ދިޔައީމައެވެ.
ރޭގަނޑުގެ ވަގުތެވެ. ވިއްސާރަ ހުއްޓާލާފައި އޮތަކަސް ދޭތެރެއަކުން ގުގުރާއަޑު އިވެއެވެ. މާާހައުލުވަނީ މުޅިން ފިނިވެފައެވެ. އީނާ ވާހަކަ ފޮތެއް ކިޔަން އިނީ ބެލްކަނީގައެވެ. އެތާނގައި ވަށް ސޯފާއެއް ހުންނައިރު ސޯފާ ކައިރީގައި ދެތިން ފިޔާތޮށިކުލައިގެ އޯރކިޑް ޕޮޓްތަކެއްް ހުއްޓެވެ. ގަސްފުރެސްދެން ފޮޅިފައިވާ މާތަކުގެ ލުއިމީރުވަސް ރޯޅިތަކާއެކު ފެތުރިލައެވެ. މަޑު އޮރެންޖްކުލައިގެ އަލިން ބެލްކަނިވަނީ ފެންވެރިފައެވެ. ތެތްކަން އެކުލެވިގެންވާ ފަޒާއިން އީނާގެ ގައިގެ ލޯލިތައް ކޮޅަށް ޖެހުނެވެ.
”މޮކިންގްޖޭއި” ވާހަކަ އޭނަ ކިޔަމުން ދިޔައީ ޝައުގުވެރިކަމާއެކުގަ އެވެ. ވާހަކައިގެ އެއްބައި ކިޔާލެވުނުތަނާ ރޫޔާ ގޮވާލިހެން ހީވިއެވެ. ”ކިހިނެއްވީތަ؟ އަނެއްކާ ތަނެއްގައި ރޯވީތަ؟…” އީނާގެ ދެލޯ ހުއްޓާލެވިފައިވަނީ ފޮތުގެ ގަނޑު ތަކަށެވެ.
”ސާބަސް، އަހަރެން ގޮވާތާ ތޭރަ މިނެޓް ވެއްޖެ…” ރޫޔާ އީނާގެ އަތުން ފޮތް ޖަހައިގަތެވެ. ސިހިފައި އީނާ ތެދުވެ ފޮތް އަތުލަން އުޅުނެވެ. ”ވާހަކަ ކިޔާނީ ފަހުން، އަށެއް ޖަހާއިރު ފާޓީއަކަށް ދާން އެބަޖެހޭ…” ރޫޔާ ބުންޏެވެ.
”ކޮން ޕާޓީއެއް؟…” ފޫހިކަމާއެކު އީނާ އަލާހިއެވެ. ޕާޓީއަކަށް ދާހިތެއް އޭނަ ނުވެއެވެ. ފިނިރެއަކަށް ވުމުން އޭނަ ބޭނުންވީ އަރާމުކޮށް ނިދާލާށެއެވެ. އޭގެ ކުރިން ކިޔަން ފެށި ވާހަކަ ނިންމާލަން އެބަޖެހެއެވެ. އަނެއްކޮޅުން މާލޭގެ މަގުތަކުން ހިނގުން އެއީ އޭނަ އެންމެ ރުޅިއަންނަ އެއްކަމެވެ.
”ފިރޫޝާގެ ބާތްޑޭއި ޕާޓީ، ފިރޫ ރުޅިއަންނާނެ ނުގޮއްސިއްޔާ…” ރޫޔާ ކިޔައިދެނެވެ. އީނާ ފެންވަރަން ފާޚަނާއަށް ވަނީ ރޫޔާ ކުރުނުކޮށް ބުނަން ފެށުމުންނެވެ. ”ދިހަ މިނެޓް ތެރޭގަ ތައްޔާރު ވައްޗޭ…” ރޫޔާ ކޮޓަރީގެ ދޮރު ލައްޕާލަމުން ބުންޏެވެ.
ދަނބާއި ހުދުކުލައިގެ ސްޓްރައިޕްޑް އަތްދިގު ޓީޝާޓަކާއި ހުދުކުލައިގެ ލެގިންސްއެއްގައި އީނާ ހުރިއިރު އޭނަގެ ރީތިކަން ފާޅުވެއެވެ. ތުންފަތުގައި ލިޕްގްލޮސް ހާކާލަމުން އޭނަ އިސްތަށިގަނޑު ގަތާލިއެވެ. މޭކަޕްކޮށްގެން ރީތިކަން ދެއްކުން އެއީ އޭނަގެ ސިފައެއް ނޫނެވެ. އޭނަ ލޯބިކުރަނީ ގުދުރަތީ ރީތިކަން ދެކެއެވެ. އަންނަ ހަފްތާގައި ބުރުގާއަޅަން އޭނަ ދަނީ ތައްޔާރުވަމުންނެވެ. ރީތި ޑިޒައިނަކަށް ހެދުންތައް ވެސް ފަހަން އޭނަ ދީފި އެވެ.
ފަހުފަރަށް ލޯގަނޑުން މޫނު ބަލައިލަމުން ރީތިވާ މޭޒުމަތީގައި އޮތް ފޯނު އޭނަ ނެގިއެވެ. އަލްޔަސްގެ މެސެޖެއް އައިސްފައިވެއެވެ. ތުންދަމާލަމުން އޭނަ މެސެޖް ހުޅުވާލިއެވެ.
”ސޮރީ، އީން ރުޅިއަރުވާލަން ކުރިކަމެއް ނޫން އެއީ…” މެސެޖްގައި ވެއެވެ. އީނާ މެސެޖް ފޮހެލިއެވެ. އަލްޔަސްއާއި ދުރަށް ދެވޭނީ އޭނަގެވެސް މަސައްކަތުނެވެ. ރޫޔާ ކިތަންމެ ވަރަކަށް ވިސްނައިދޭން އުޅުނަސް އެއީ ފަސޭހަކަމެއް ނޫނެވެ. އިތުބާރަށް ލޮޅުންތަކެއް އަރާފައިވާ ހިނދު އެއްވެސް މީހަކަށް އިތުބާރު ނުކުރެވޭނެއެވެ. އަމިއްލަ ނަފުސަށްވުރެ ބޮޑަށް އިތުބާރު ކުރި މީހާ އޭނައަށް ދިނީ ވޭނެވެ. ހިތާމައެވެ. އޭނަގެ އުފާވެރިކަން ނެތިކޮށްލައިފިއެވެ. ފައިޒާންގެ ސަބަބުން އުފެދިފައިވާ ރުޅިވެރިކަމުގެ ތެރެއަށް އަލްޔަސް ވެސް އެއްލާލެވުނީއެވެ. އީނާއަށް ނޭގުނީ އަލްޔަސްއާއި ދުރުވާން އޭނައަށް އުނދަގޫވާނެ މިންވަރެވެ. އެކަމުގައި އުފުލަން ޖެހޭނެ ވޭނާއި ކެކުޅުމެވެ. ލޯބި ވާހިނދު ދުރުވާން ފަސޭހަ ވާނެ ހެއްޔެވެ؟
****
”ރޫޔާ!…” މައިމޫނާގެ އަޑަށް ރޫޔާ ދިޔައީ ސިއްސައިގެންނެވެ. ކުރިއަށް އަޅަން އުޅުނު ފިޔަވަޅު ގަނޑުވިއެވެ.
”ކޮންތަނަކަށް ދާން ތިއުޅޭނީ؟…” މައުމޫނާ ހުއްޓުނީ ރޫޔާގެ ކުރިމައްޗަށެވެ.
”މީ، ޕާޓީއަކަށް ދާން…” ރޫޔާ ގަޑިއަށް ބަލާލިއެވެ. އަށެއްޖަހަން ކައިރިވަނީއެވެ. މަންމަގެ ސުވާލުތަކަށް ޖަވާބުދޭން ފަށައިފިއްޔާ ހެނދުވާއިރުވެސް ޖަވާބުދީ ނުނިމޭނެއެވެ. ރޫޔާ އުޅުނީ ސުވާލުތަކުން ރެކިގެން ދާށެވެ.
”ތި އީނާއަކާ ހެދި މަގޭ ދަރިވެސް ގެއްލިއްޖެ، އޭނަ ދައްކާހާ ދަޅަކަށް ރޫޔާ އެބަޖެހޭ ހެއްލެން… ކިތައް ފަހަަރު ބުނާނީ އެއީ ރަގަޅު ކުއްޖެއް ނޫނޭ، ތިމާވަރުގެ މީހެއް ނެތްކަމަށް ހެދިގެން އޭނަ އުޅެނީ….” މައިމޫނާ ދެދަތްޕިލަ ޖައްސާބާރުކޮށްލިއެވެ. ނަފްރަތުގެ ދިލަހޫނުން މީހަކަށް ގެއްލުން ވާނަމަ އީނާއަށް އެކަމުގެ އަސަރު ކުރީހެވެ. މައިމޫނާއަކީ ވިހަގަދަ ހަރުފައެކެވެ. އޭނަ އުޅެނީ ވިހަލާނެ ރަގަޅު ފުރުސަތެއް ނުލިބިގެންނެވެ.
”ޕްލީސް ހުއްޓާލަބަ، މަންމަގެ ތިވިސްނުން ބަދަލުކުރަން ވެއްޖެ، މަންމަ އަބަދު ވިސްނަނީ ނެގެޓިވްކޮށް…” މައިމޫނާގެ ވާހަކަތަކަށް ރޫޔާ ދިނީ ބީރުކަންފަތެކެވެ. މަންމަ އުޅޭނީ ކީކޭ ހިތަށް އަރައިގެން ހެއްޔެވެ؟
”އަޑެއް ނީވޭނެކަން އިނގޭ……” މައިމޫނާގެ ދުލުގައި ތަޅެއް ލެވުނީ އެދިމާއަށް އައި ފަޒްލާ ފެނުމުންނެވެ. އޭނަ މޫނުމަތި ރީތިކޮށްލިއެވެ. ލިބުނު ރަނުގެ ފުރުސަތުގައި ރޫޔާ ހިނގައިގަތެވެ. އީނާ އޭރު ކޮޓަރިން ނިކުންނަނީއެވެ.
”ނިމުނީ؟…” ރޫޔާ އަހާލިއެވެ. އީނާ ޖަވާބުދިނީ ބޮލުގެ އިޝާރާތުންނެވެ.
ލިފްޓަށް އަރަމުން ރޫޔާ މީހަކަށް މެސެޖްކޮށްލިއެވެ. ”ކާކަށްތަ ތިހާ ހެވިފަ ހުރެ މެސެޖްތިކުރަނީ؟…” ރޫޔާގެ އަތުގައި އީނާ ވިކައިގަތެވެ.
”އެ ސީކްރެޓެއް…” ރޫޔާގެ ކޯތާފަތަށް ޖަންބުކުލަ ވެރިވިއެވެ. އީނާއަށް ނަގައިގަނެވުނެވެ. ”އެހެމްމްމް، ދެން ބުނެބަލަ…” އީނާ އާދޭހާއެކު ބުންޏެވެ. ”ވެލް ސީކްރެޓެއްމީ، އައިމް އިން ލަވް…” ރޫޔާ ފުންނޭވާއެއް ލިއެވެ.
”ކާކު؟…” އީނާގެ ކެތްތެރިކަން ކުޑަވިއެވެ.
”ޒަލަފް…” ރޫޔާ ބުންޏެވެ.
”އޯ އެމް ޖީ… ހިމް؟…” އީނާ ދެލޯބޮޑުކޮށްލިއެވެ.
”ކިހިނެއްވީ؟…” ރޫޔާ ސުވާލުކުރިއެވެ.
”ޤަބޫލުނުކުރެވުނީ… ޒަލަފްއަކީ ވަރަށް މިސްޓީރިއަސް ކުއްޖެއްނު… އަދިވެސް ޤަބޫލުނުކުރެވޭ…” އީނާ ބުންޏެވެ. ”ޒަލަފް ލޯބިވާކަން ހާމަ ކުރިދުވަހު މަށަށްވެސް ވީތިވަރު، ކިރިޔާ ހާޓްއެޓޭކެއް ނުޖެހުނީ… ހިތަށް އެރީ އެއީ ހަމަ ޒަލަފް ބާވައޭ…” ރޫޔާ އުފާވެފައި ހުރެ ބުނެލިއެވެ.
”ހެޕީ ފޯރ ޔޫ… އަންގާނުލީތީ ރުޅިއައިސްފަ މިހުރީ…” އީނާ ދިމާކޮށްލިއެވެ.
”ބުނަން ހަނދާން ނެތުނިއްޔޭ، އެހާ އަވަހަށް ވިއްޔާ އެކަމެއް ހިނގީވެސް… ޕްލީސް މަންމައަށް މިކަން ސިއްރުކޮށްދޭތި، މަންމަ ޤަބޫލެއް ނުވާނެ އަހަންނާ ޒަލަފް ގުޅެން…” ރޫޔާ ބުންޏެވެ. އީނާ އެކަން ސިއްރުކޮށްދޭން ވަޢުދު ވިއެވެ.
”އަލްޔަސްގެ ކަންތައް އޮތީ ކިހާ ހިސާބެއްގަ؟….” ވެރިވެގެން ދިޔަ ހިމޭންކަން ނަގާލީ ލިފްޓް ހުޅުވުމާއެކު އިވެންފެށި ދުއްވާތަކެތީގެ އަޑުންނެވެ. އޮރެންޖްކުލައިގެ ބައްތިތަކުގެ އަލި މަގަށް އެޅިފައިވާއިރު ރީއްޗެވެ. އެއަލީގެ ތެރޭން މަންޒަރުތައް އިތުރަށް ފުރިހަމަކޮށްދެއެވެ. މަގުގެ އެއްފަރާތުގައި ބިޔަކޮށް ހެދިފައި ހުރި ގަހުގެ ގޮފިތައް ވައިރޯޅިތަކާއެކު ނަށާލައެވެ. ވިދާލުމާއެކު އިވުނު ހޮނު ގުގުރީގެ އަޑުން ދެކުދިންގެ ހިތްތައް ގުޑައިގެން ދިޔައެވެ.
އީނާގެ މޫޑް ގޯސްވިއެވެ. އަލްޔަސްގެ ވާހަކަ ނުދައްކަން އޭނަ ބުންޏެވެ. ވީފޫއްސެއްގެ ސަބަބުން ޕާޓީއަށް ދާހިތް ވެސްް ކެނޑުނެވެ. އެތަނަށް އަލްޔަސް ދާނެކަން ޔަޤީނެވެ. މޫނުގެ ކުލަވަރު އެއްކޮށް ބަދަލުވެއްޖެއެވެ. ތަންކޮޅަކަށް ނުދެވެނީސް އަލްޔަސް ދެމީހުންނަށް ގޮވާލިއެވެ. ފަސްއެނބުރި ބަލާލީ ރޫޔާ އެވެ. އީނާ ހުރީ ހިސާބަކަށް ގަނޑުވެފައެވެ. އަލްޔަސްގެ އަޑު ކަންފަތުގައި ގުގުމާލީނުން ބޮލަށް އެނބުރުން އަރައިފިއެވެ. އަލްޔަސް ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކު އީނާގެ ހިތުގެ ތެޅުން އަވަސް ވިއެވެ. އޭނަ ދެލޯ މަރާލިއެވެ.
”އަންހެން ކުދިން އެކަނި ތަންތަނަށް ދާކަށް ނުވާނެ، ހާއްސަކޮށް ޕަރީއެއް އެކުގައި އުޅެންޔާ…” އަލްޔަސް ހުއްޓުނީ އީނާ ކައިރިއަށެވެ. އަލްޔަސް ބޭނުންކޮށްފައިވާ ސެންޓްވަހުން އީނާއަށް އިހްތިޔާރަކާ ނުލައި އެތެރެއަށް ނޭފަތް ދަމާލެވުނެވެ. އަދި ލޯހުޅުވާލެވުނެވެ. އަންހެން ކުއްޖަކު ބޭނުންވާ ހުރިހާ ސިފައެއް އަލްޔަސްއަށް ލިބިފައި ވެއެވެ. ރީއްޗެވެ، ސްމާޓެވެ. ދީވާނާ ކުރުވާ ސިފަތަކެއްގެ ވެރިއެކެވެ. ނަމަވެސް……. އީނާ ފުންނޭވާއެވެ.
”އަލްޔަސް މޮޔަވީތަ؟…” އަލްޔަސްގެ ތައުރީފުގެ ބަސްތަކުން އީނާ އުފާވިޔަސް ނުރުހުން ފާޅުކުރިއެވެ.
”ރޫ ރީތި ވާހަކަ އަހަރެން ބުނީ، ނޮޓް ޔޫ، ދެން އަބަދު ފުސްމޫނު ހަދައިގެން އުޅޭ ކުއްޖަކު ރީތިވާނެތަ؟….” ލާނެތް ރާގަކަށް ބުނެލާފައި އަލްޔަސް ހީލިއެވެ. އީނާ ކުޑަކޮށް ލަދުގަތެވެ. ނޭގޭ ސަބަބަކާ ހުރެ ހިތަށް ރިއްސާލިއެވެ.
”ތޭންކްސް، ދެން ވާހަކަ ދައްކަނީ ފަހުން، ވީހާވެސް އަވަހަކަށް އެތެނަށް ދާން އެބަޖެހޭ…” ރޫޔާ ބުންޏެވެ.
އަލްޔަސް ބުނީ އޭނައާއެކު ކާރުގައި ދިޔުމަށެވެ. އިތުރު ގޮތެއް ނެތުމުން އީނާ ކާރަށް އެރިއެވެ. އާފަލުގެ މީރުވަސް ކާރުތެރޭގައި ހިފާލާފައި ވުމުން ސިކުނޑި ތާޒާވެއްޖެ އެވެ. އޭސީގެ ފިނިން އޭނައަށް އަރާމުވިއެވެ. އެވަގުތު ބޯކޮށް ވާރޭ ވެހެން ފެށިއެވެ. އަލްޔަސް ރީތި ލަވައެއް ޖައްސާލިއެވެ. ލަވައިގެ ހިތްގައިމުއަޑުން މާހައުލަށް އިތުރު ދިރުމެއް ގެނެސްދިނެވެ. އަލްޔަސް ލަވަ ޖެހުމުން އީނާ ލޫވާރގައި މޫނު ޖައްސާލަމުން ވާރޭ ވެހޭ މަންޒަރަށް ސަމާލުކަން ދިނެވެ.
”ކަލާޔަށް މިހިތް ލޯބިވީތީ ދިނީމޭ، އެހީއެއް އަހަންނަށް ވެދޭތޯ ހުރީމޭ….” އަލްޔަސްގެ ބަރު އަޑުން ލަވައިގެ ބައިތެއް ކިޔާލިއެވެ. ރޫޔާ ހިނިތުންވެލިއެވެ. އީނާގެ ހިތް ހާސިލު ނުވަނީސް އަލްޔަސް ދޫކޮށް ނުލާނެކަން ކަޝަވަރުވެގެން ގޮސްފިއެވެ. އޭނަގެ ދުޢާއަކީ އަވަހަށް ދެލޯބިވެރިން ގުޅުމެވެ. އީނާ އަދި ފަހުން ގޮތް ދޫކުރާނެއެވެ. ލޯބިވާ މީހަކު ތަޅުވާލަން އެދޭނީ ކާކުހެއްޔެވެ؟ ވަގުތު ފާއިތުވުމުގެ ކުރިން އީނާއަށް ވިސްނިއްޖެނަމަ ކިތަންމެހާ ވެސް ރަގަޅެވެ.
ވާރޭތިކިތައް ކާރުގެ ކުޑަދޮރުގެ ލޫވާރގައި ބޮސްދީފައި ތިރިއަށް ފިރުކެމުން ދިޔައިރު އީނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަލްޔަސްގެ އަޑު ވަރަށް އަސަރުގަދައެވެ. ހިތާއި ކުޅެލަން ދަންނަ ޒުވާނެކެވެ. ފިޔަވަޅުތައް އަޅަން ވާނީ ބަލައިގެންނެވެ. ނޫންކަމަށް ހަދާފައި އޭނަ އަލްޔަސްގެ ރީތި މޫނަށް ބަލާލިއެވެ. ކުޑަކޮށް ދިގުވެފައިވާ ތުނބުޅިއާއި ކަޅުކަންގަދަ ބޯ ބުމައިގެ އިތުރުން މުށިކުލައިގެ ދެލޮލަކީ ހިތުން ފިލުވާލަން އުނދަގޫވާނެ ސިފަތަކެވެ. ދިގުވެފައިވާ ބުޅި އިސްތަށިގަނޑު އަލްޔަސްއާއި އެހާމެ ގުޅެއެވެ.
އީނާ އަވަސް ނޭވާތަކަކާއެކު ހިތާއިވީ ފަޅީގައި ފިރުމާލިއެވެ. ކެތްތެރިވާންވީއެވެ. އަލްޔަސް ނުފެންނަ ތަނަކަށް ދިއުމުން ހަނދާނުން ފޮހެލަން ފަސޭހަވާނެއެވެ. އުތުރިއަރަމުން އަންނަ ލޯބި ކަފުންކޮށް ވަޅުލަންވީއެވެ. އެކަމަކު ކިހިނެއް ހެއްޔެވެ؟ އެއީ ފަސޭހަ ކަމަކަށް ވާނެ ހެއްޔެވެ؟ފައިޒާންގެ ހަނދާންތަކާއި ދުރުވާންވެސް ލައްކަ ގިނަ ދުވަހެއް ނެގިއެވެ.
ޕާޓީ އޮތީ ރެސްޓޯރެންޓެއްގަ އެވެ. ތިން ޒުވާނުން ވަންތަނާ ފަރޫޝާ އައިސް ޝަކުވާކުރިއެވެ. ލަހުން އާދެވުނީތީއެވެ. ރޫޔާ މާފަށް އެދުނެވެ. އޭނަ ބުނީ މޫސުން ގޯވުމުގެ ސަބަބުން ލަސްވީ ކަމަށެވެ.
އީނާ އެތަނަށް އެއްވެފައި ތިބި މީހުންނަށް ފުންނަޒަރެއް ހިންގާލިއެވެ. އޭނަގެ މޫނު ބަނަވީ ސަނާގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ހުރި ފައިޒާން ފެނުމާއެކުއެވެ. ފައިޒާންއަށް ހުރެވުނީ އީނާގެ މޫނުން ނަޒަރު ވަކި ނުކުރެވިފައެވެ.
އީނާ ފެންނައިރަށް ސަނާ ފައިޒާންއާއި އިތުރަށް ކައިރިވެލިއެވެ. ސަނާގެ މޫނަށް އެތިފަހަރެއް ވީއްލަން އުޅެފައި ވެސް އީނާ ހިތަށް ވިސްނައިދިނެވެ. ފައިޒާން ފަދަ އަހްލާގް ދަށްމީހަކާއެކު ސަނާއަކަށް ގިނަ ދުވަހަކު ނޫޅެވޭނެއެވެ. ހުވަފެންތައް ދައްކާފައި ދޫކޮށްލާނެއެވެ. ފައިޒާންއަކީ ”ޕްލޭއި ބޯއި” އެކެވެ. އީނާ އެތެރެއިން ހިނިތުންވެލަމުން ހަމެޖިލިއެވެ. އޭނަ ދެން ދިޔައީ އެކުވެރިން ގާތަށެވެ.
”އިނޫ، މަށަށް ކަމެއްކޮށްދީބަލަ…” އެކުވެރި ޒީމަން ބުނެލިއެވެ.
”ބުނެބަލަ…” އީނާ ބުންޏެވެ.
”މަށަށް އަލްޔަސް ވަރަށް ރީތި، އޭނައާ ރައްޓެހިވާން އެހީވެދީފާނަންތަ؟ ޕްލީސް، ލުކް އެޓް ހިމް، އަހަރެންގެ ފުރާނަވެސް ފަލަކުގައި އުދުހިލާ އަލްޔަސް ފެނުނީމަ…” ޒީމަން ހުވަފެނީ ރާގަކަށް ބުންޏެވެ. އެއީ އީނާގެ ހިތަށް ވީއްލާލެވުނު ވަރުގަދަ އެތިފަހަރެކެވެ. ހިތަށް ރިއްސާލިއެވެ. އަލްޔަސްއަށް އެހެން އަންހެންކުއްޖަކު ބަލަން ހިތް ނޭދުނު ފުރަތަމަ ފަހަރެވެ. އީނާ ދެއަތް ޖޯޑުކޮށްލިއެވެ. ޒީމަންއަށް އެހީވާން އޭނަގެ ޒަމީރު ދެކޮޅު ހެދިއެވެ. އަލްޔަސް ގެއްލިދާނެ ކަމުގެ އިންޒާރުތައް ލިބުނެވެ. އެހެނަސް އިތުބާރެއް ނުކުރެވުނެވެ. ކޮންމެ ފިރިހެނަކީވެސް އަމިއްލަ އެދުމުން ފޯވެފައިވާ ބައެއްކަމުގައި ހީކުރެވެނީ ވަރަކަށެވެ. ރޫޔާގެ ޖުމްލަތައް ކަންފަތުގައި ގުގުމައިގަތެވެ.
”އެހީވާނަންތަ؟…” ޒީމަން އީނާގެ އަތުގައި ހިފާލިއެވެ. ލިބުނު ސިހުމާއެކު ޒީމަންގެ އަތް ފޮޅުވާލެވުނެވެ.
”ސޮރީ ޒީ، އަހަރެން އަލްޔަސް އާ ވާހަކައެއް ނުދައްކަން…” އީނާ ބުންޏެވެ.
”ތިހެން ވިއްޔާ އަހަރެންތާ މަސައްކަތް ކުރަން މިޖެހުނީ…” ޒީމަން ދެރަވެފައި އިނދެ ބުންޏެވެ. އީނާ އައީ ރުޅިއެވެ. ޒީމަން އުޅޭނީ ކީކޭ ހިތަށް އަރިގެން ހެއްޔެވެ؟ އީނާގެ ބަސްނާހާ ހިތަކަށް ވިސްނައިނުދެވުނެވެ. ހުރިހާ ދިމާލަކުން އިވެނީ އެންމެ އަޑެކެވެ. ”އަލްޔަސް ގެއްލިދާނެ…” އީނާގެ ބޮލަށް ތޫނު ތަދެއް އަރައިފިއެވެ. މޭގަޑުގަށް ވެސް މެއެވެ. އަލްޔަސްއަށް ފުރުސަތެއް ދޭންވީ ހެއްޔެވެ؟ ނުވަތަ އަލްޔަސް ގެއްލިގެން ދާތަން ބަލަން ހުންނަންވީ ހެއްޔެވެ؟
އީނާ އެސްފިތައް ލައްޕާލި ހިނދު މަޑު އާހެއްގެ އަޑު ބޭރުވިއެވެ. ދުރުވާން ލިބެން އުޅުނު ފުރުސަތާ ޤަބޫލު ނުވެވުނެވެ.
”އާރ ޔޫ އޯކޭ؟…” ޒީމަން ބުންޏެވެ. އީނާ ލޯހުވާލިއެވެ. ސިއްރުން ރޫޔާއަށް އަތުގެ ބަޑުވައި އިނގިލި އަރުވާލަމުން ޒީމަން ހިނިތުންވެލިއެވެ. އެއީ ދެމީހުންގެ ރޭވުމެކެވެ. މިމަންޒަރު އީނާއަށް ފެނުނެވެ. އޭނައަށް ވަގުތުން ނަގައިގަނެވުނެވެ. ވީ ފޫއްސެއްގެ ސަބަބުން މޫނުކުނިކޮށްލެވުނެވެ.
ރޫޔާއާއި ޒީމަން އުޅެނީ ކޯޗެއް ސާބިތުކޮށްދޭން ހެއްޔެވެ؟ ރުޅިވެރިކަމުގެ އަލިފާންގަޑު އިތުރަށް ބޮޑުވެގެން ދިޔައެވެ. އައި ރުޅީގައި ހޭލި ޖަޒުބާތުތައް އަނދާ އަޅިއަށް ވެގެން ދިޔައީއެވެ. ދިއްލާލެވެން ކައިރިވި ލޯބީގެ ބައްތި ނިވުނީއެވެ. ސިކުނޑިއަށް އަންނަ ހިޔާލުތައް ބަދަލުވާން ގިނަ ފަހަރު ނަގަނީ މަދު ސިކުންތު ކޮޅެކެވެ. އީނާއަށް ވެސް ވީ އެފަދަ ގޮތެކެވެ. އޭނަގެ ހިޔާލުތައް މުޅިން ބަދަލުވެގެން ދިޔައެވެ. އެހެނަސް އީނާއަށް ނޭގުނީ އެއީ އޭނައަށް އެޅުނު ކަތި ފިޔަވަޅެއްކަމެވެ. މުޅި އުމުރަށް އަލްޔަސް ގެއްލިގެން ހިނގައިދާނެ ކަމެވެ.
(ނުނިމޭ)
14 Comments!
Comments are closed.
މިބައިވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދުކުރަން، 🙂 ރޭގަ އަޕްކުރަން އުޅުނީ އެކަމަކު ކުޑަ މައްސަލައެއް ދިމާވެގެން އަޕްނުވީ، ސޮރީ ފޯރ ދެޓް ….. އެންޖޯއި ރީޑިންގް 3>
furathama baiga eenaa’ge kuryge boy friend ah liyefainy faizan 2 vana baiga miothy favvaz .. 🙂
noooooooooooooooooooooooooooooooooooo
eena ah alyas nugeh ley gothah vaahka liyunih yaa v reethi vaane
best of luck
V reethi next part avahah up kohdhehchey
V v v nice ina theyonaashi kaalhu jahaigenfane dhen avas loabi gabulu kurey
Nice Muthaa
v salhi muthaa
v v v v salhi waiting 4 the nxt prt
Eena mi haadha gohdunukura kuhjekei, story vvvvvvv nyc, 🙂
އަނެއްކާ އަނެއް ވާހަކަ… މުތާއަށް ކީއްވެތަ ލިޔަން ފަށާފަ ހުރި ވާހަކަތައް ނުނިންމެނީ…. ކޮނމެ ފަހަރަކުވެސް ވަކި ހިސާބަކަށް ލިޔާނެ ވަރަށް ގަވައިދުން…. ދެން އެ ގެއްލުނީ…. އުޅެލާފަ އަނެއްކާ އަނެއް ވާހަކަ ލިޔަން ފަށާނެ….. ނުވާވަރުންވެސް ވާހަކަ ލިޔަންވާނެ….
ލޮލް، ކުރީގެ ވާހަކަތައް މެދުކަނޑާލަން ޖެހުނީ މައްސަލަތަކެއް ދިމާވެގެން، އިރާދަކުރެއްވިއްޔާ މިވާހަކަ ނިމެންދެން ގެނެސްދޭނަން…..
ކޮމެންޓްކޮށްލި ހުރިހާ ކުދިންނަށް ޝުކުރިއްޔާ 🙂
ކުރިންވެސް ތިހެން ބުންޏޭ…… ވީކަމެއް ނެތެއްނު…..
Kudi kudi spelling mistaktetah ebahuri… den Aaas bunelan oty huriha firihenun ehgotey nuvaaneye…..kohme myhakyvs tafaatu kantahtahtakakah loabi kraane myhekey… Vaahakaige sifakurun hama obinoavey….. v v v v perfect….MUTAA ge vaahakatah aslu v nice ingey…. tigotuga kuriahdey… INSAAALLAH….. SUKURAN MUTAAAA…..