ކުރީގެ އަދަދާއި ގުޅޭ : ” ދަރިފުޅާ ތިހެން ބުނާކަށް ނުވާނެ.. މައިންބަފައިންނަށް ދުވަހަކުވެސް ދަރިން ބޮޑެއްޗެއް ނުވާނެ.. މަންމައާ ބައްޕަގެވެސް ތިހިރީ ދަރިފުޅު އެކަނި.. އެހެންވީމާ ބައްޕަވެސް ދަރިފުޅު ދެކެ ލޯބިވާނެއެއްނު.. އަނެއްކާ ބައްޕަ އިންދާ ތިވާހަކަ ނުދައްކައްޗޭ.. އޭރަށް ބައްޕަ ދެރަވެދާނެ.. ދަރިފުޅާ އެކީ ބައްޕަ ވަގުތު ހޭދަކުރަންޏާ ދަރިފުޅު ވާންޖެހޭނީ އުފަލެއްނު.. ބައްޕައިންވެސް ޖެހޭނެއޭ ދަރިންނާއެކީ ވަގުތު ހޭދަކުރަން.. ” މަންމަ ހިނިތުންވެލާފައި އެހެންބުނުމުން އަހަންނަށްވެސް ފޭކްކޮށް ހީލެވުނެވެ.
މަންމަ ދިން ޖަވާބުން އަހަރެންގެ ހިތެއް ހަމައެއްނުޖެހެއެވެ. އެހެންނަމަވެސް އިތުރަކަށް ދެން އެންމެ އެއްޗެއްވެސް އަހަރެން ނުބުނަމެވެ.
ކޮންމެވެސް ކަމެއް ރަނގަޅެއް ނޫނެވެ. އެހެންނޫނީ ބައްޕަ އަހަރެން އުރާލާ ބައްދާލާ ހެދިއަސް އަހަންނަށް އުނދަގޫވާންވީ ކީއްވެހެއްޔެވެ؟ އަހަރެން ބޭނުންވަނީ އޭގެ ޖަވާބު ހޯދާށެެވެ.
އަހަރެން ހޯދަން ބޭނުން އެއްޗެއް ހޯދަން އުޅުނު ކަމުގައިވިއަސް އިންޓަރނެޓް ގެ ބޭނުންކޮށްގެން ޕްރޮޖެކްޓްސް އާއި އެސައިމެންޓްތަކަށް ބޭނުންވާ މައުލޫމާތު ވެސް ހޯދަމެވެ.
އެހެން ކިޔާފައި މަންމަ ގާތުގައި އަހަރެން ބުނީ ދޮގެއް ނޫނެވެ. ފޮތް ނުކިޔުނެއް ކަމަކު މުދައްރިސް ދީފައި ހުންނަ އެކަހަލަ މަސައްކަތްތައް އަހަރެން ދުވަހުން ދުވަހަށް ނިންމަމެވެ.
އެއިން އެސައިމެންޓެއް ނިންމާލެވެނީ އެންމެ މަދުވެގެން ހަފްތާއަކުންނެވެ. އެއީވެސް އެހަފްތާތެރޭގައި އަބަދު ކޮމްޕިއުޓަރ ދޮށުގައި ވަގުތު ހޭދަކޮށްގެންނެވެ. އެކި މައުލޫމާތު ހޯދެނީ އެކި ވެބްސައިޓް ތަކުންކަމަށް ވާތީ ސާރޗަށް އަރާއިރު ފުރަތަމަ ލޮލުގައި އަޅާނުގަނެ ވެސްފާނެއެވެ. އެހެންވެއްޖެނަމަ ޖެހެނީ އަނެއްކާވެސް އެމައުލޫމާތެއް ސާރޗް ކުރާށެވެ. އަދި ބައެއްފަހަރަށް ވަކިވަކިން އެކި މައުލޫމާތު ނަގައިގެން ވަކިގޮތަކަށް އޭތި އަތުރާލަންވެސް ޖެހެއެވެ. އެއީ ހީކުރާވަރަށްވުރެ ބުރަ މަސައްކަތެކެވެ. އަދި ޕްރޮޖެކްޓްސް ހެދުމަށް އެސައިމަންޓްއަށްވުރެ ގިނަދުވަސް ނަގައެވެ.
އަހަރެން އަސްލު ހޯދަން މިއުޅޭ އެއްޗެއް ހޯދަނީވެސް އެމަސައްކަތްތައް ނިންމުމަށް ފަހުގައެވެ. އާހިލް އޮންލައިންގައި އިންނަ ރޭރޭގައި އެހޯދާކަށް އަހަރެން ނުވެސް އުޅެމެވެ. ދެން އޭރަށް ބާކީ އޮންނަ ވަގުތުގައި އަހަރެން އިންނަނީ އާހިލްއާ ވާހަކަދައްކާށެވެ.
އަހަންނަށް ފުރަތަމަ އާހިލްއަކީ ކާކުކަން ކިޔާދިނީ އަހަރެންގެ ރައްޓެހިކުއްޖެކެވެ. ހަގީގަތުގައި އާހިލް އެއީ އެކުއްޖާގެ ރައްޓެއްސެކެވެ.
ފުރަތަމަ އަހަރެން ފޭސްބުކް އެކައުންޓެއް ހުޅުވައިގެން އުޅުނުތަނާ ރައްޓެހިކުދިންގެ ފްރެންޑް ރިކުއެސްޓްތައް އަންނަމުންދިޔަ ދުވަސްވަރުގައި އާހިލްގެ ރިކުއެސްޓްވެސް އައެވެ.
އެވާހަކަ އަހަރެން އެ ރައްޓެހިކުއްޖާ ގާތުގައި ބުނީމެވެ. އެކުއްޖާ ބުނިގޮތުންނަމަ ކުރީގައި އާހިލް އުޅުނީ އެކުއްޖާއާ އެއްކްލާހެއްގައެވެ. އެހެންވެ އެކުއްޖާ އާހިލްއާ ރައްޓެހީއެވެ.
އެއްރަށަކަށް ވުމުން އަހަންނަށްވެސް އާހިލް އެނގެއެވެ. އަހަރެންވެސް ކުރީގައި އާހިލް ދެކެމެވެ. ގިނައިން ހުންނާނީ ފުޓްބޯޅަ ކުޅޭށެވެ. އަހަންނަށް އާހިލް ފެންނަނީ ސްކޫލް ބޮޑު ޗުއްޓީގައި ހިނގާލަންދާ ދުވަސްދުވަހުގައެވެ.
އާހިލް ފެނުނަސް އަހަރެން އޭރު އަޅައެއް ނުލަމެވެ. އޭރު ރައްޓެއްސެއް ވެސް ނޫނެވެ. އެވާހަކަ އަހަރެން ރައްޓެހި ކުއްޖާ ގާތުގައި ބުނީމެވެ.
އަހަރެން އާހިލްގެ ފްރެންޑް ރިކުއެސްޓް ގަބޫލުކުރީ އާހިލްއަކީ އެކުއްޖާގެ ރައްޓެއްސަކަށް ވީތިއެވެ. އާހިލްގެ ރިކުއެސްޓް ގަބޫލުކޮށްފައި ވެސް އަހަރެން އާހިލްއަކާ ވާހަކައެއް ނުދައްކަމެވެ. އާހިލް ވާހަކަދެއްކިއަސްވެސް އަހަރެން އެހާ ގިނަ ވާހަކައެއް ނުދައްކަމެވެ.
އޭގެ ފަހުން އެއްދުވަހަކު އަހަރެން ރައްޓެހި ކުއްޖާގެ ގެއަށް ދިޔައިމެވެ. ” އާހިލް ބުނީ ވަރަށް ވަޔޯ.. ޒާރާ ވާހަކައެއްވެސް ނުދައްކާ ވާހަކަބުނީ..” އަހަރެން ފެނުންތަނާހެން އެކުއްޖާ ބުނީ އެހެންނެވެ.
އޭގެފަހުން އާހިލްއަކީވެސް އަހަރެންގެ ރައްޓެއްސެއް ކަމުގައި ބަލައިގެން އަހަރެން އާހިލްއާ ވާހަކަދައްކަން ފެއްޓީމެވެ. ގުޅުން ބަދަހިވަމުން ދިޔަ ވަރަކަށް އާހިލް އަހަންނާ ސަމާސަ ކުރަމުންދިޔައެވެ. އަހަރެންވެސް ފަހުން ފަހުން އާހިލްއާ ވާހަކަދައްކަނީ ވަރަށް ވާހަކަދައްކާ ހިތްވެގެންނެވެ.
” ޒާރާ ލާފަ އިން ޒާރާގެ ކުޑައިރުގެ ފޮޓޯއެއް އެއްކަލަ އާހިލް އެބަގެންގުޅޭ.. އަހަރެން ބުނިން އެއީ ކީއްކުރަން ގެންގުޅޭ ފޮޓޯއެއްހޭ ބުނީމަ ނުބުނި އެއްޗެއްވެސް.. ” އާހިލްއާ އަހަރެންގެ އެކުވެރި ޝީނާ ބުނީ އެހެންނެވެ.
ޝީނާ އެހެންބުނިކަމުގައިވިއަސް އަހަންނަކަށް އާހިލްދެކެ ރުޅިއެއް ނާދެވުނެވެ. އޭގެ ބަދަލުގައި އަހަރެންވީ އުފަލެވެ. އެހެންނަމަވެސް އަހަރެން އެކަން ޝީނާއަކަށް ނާންގަމެވެ. ” އެހެންތަ. ” އަހަރެން ބުނެލީ ހަމައެކަނި އެހެންނެވެ.
ގެއަށް އައިސް އޮންލައިންވެފައި އަހަރެން އާހިލް ގާތުގައި އެވާހަކަ އެހީމެވެ. ” ޝީނާ ބުނި އާހިލް އަހަރެންގެ ފޮޓޯއެއް ގެންގުޅޭ ވާހަކަ.. އެއީ ތެދެއްތަ؟” އާހިލް ބުނަނީ ކީކޭތޯ ބަލާލަން އަހަރެން އެހީމެވެ. ” ހުމްމް.. ޒާރާގެ ފޮޓޯއެއް އަހަރެން އެބަގެންގުޅެން.. އެއީ މައްސަލައެއްތަ؟” އާހިލް އަހަންނާ ސުވާލެއް ކޮށްލިއެވެ.
” އުނހު.. މައްސަލައެއް ނޫން.. އެކަމަކު އާހިލް އަނެއްކާ ތިފޮޓޯ ނަގައިގެން ގެންގުޅުނަސް ފޮޓޯއަށް ވަރަށް ބަލައްޗޭ.. ” އަހަންނަށް އެމެސެޖް ޓައިޕްކޮށްފައި ފޮނުވައިލެވުނީ ވަރަށް އަވަހަށެވެ.
އަހަންނަށް އެނގުނެވެ. އާހިލް އެފޮޓޯ ނެގީ ނަގާ ހިތުންނެވެ. އެހެންނަމަވެސް އެވާހަކަ އަހަރެން ގާތުގައި ނުބުނީތާއެވެ. ހަމައެކަނި އާހިލްއަށް ފެންނަގޮތަށް އެފޮޓޯ ގެންގުޅުނަސް އަހަންނަށް ހެވެވެ. އަހަރެން އާހިލްއަށް އިތުބާރުކުރަމެވެ. އަހަރެން އެހެން ބުނީވެސް އެހެންވެއެވެ.
އަހަރެން އާހިލްއާ ގަޔާވާން ފައްޓައިފިކަން އަހަންނަށް އިހްސާސްކުރެވުނެވެ. އެކަމާ ކުޑަކޮށް އެހެން ގޮތަކަށް ވިސްނާލެވުނަސް އަސްލު އަހަރެން އުފާވިއެވެ.
ކުރީގައި އަހަރެން ފިރިހެން ކުދިންނާ ވާހަކަދައްކާ އުޅުނަސް އެތަނެއް ކުއްޖެއްދެކެ ލޯތްބެއް ނުވަމެވެ. ނުވެސް ވެވެއެވެ. ކުއްޖަކު ރައްޓެހިވާން އެހިއަސް އަހަރެން އަޅައެއް ނުލަމެވެ. އަބަދުވެސް ކޮންމެ ފިރިހެން ކުއްޖަކާ މެދުގައިވެސް އަހަންނަށް ދެކެވެނީ ރައްޓެއްސެއްގެ ނަޒަރުންނެވެ. އަހަރެން ވާހަކަދައްކާ އުޅޭ ފިރިހެންކުދިންވެސް ވަރަށް ގިނަވާނެއެވެ.
އެކަމަކު އެހެން އަންހެން ކުދިން އުޅޭހެން ފެންނަހާ ފިރިހެން ކުއްޖަކާ ފްލާޓް ކޮށްފައި އަހަރެން ވާހަކައެއް ނުދައްކަމެވެ. ލޯބިނުވިއަސް އެއީ އަހަރެން ވަރަށް ފޫހިވާ ސިފައެކެވެ.
އެހެންނަމަވެސް އަހަރެންގެ ރައްޓެހިކުދިން ކުދިންނާ ރައްޓެހިވެގެން އުފަލުގައި އުޅޭތަން ފެނުނީމާ އަހަރެން އުފާވެއެވެ. އެކުދިންގެ ތެރެއިން ބައެއް ކުދިންނާ ރައްޓެހިވެގެން އުޅޭ ފިރިހެން ކުއްޖާ ރުޅިވީމާ އެކުދިން އަހަރެން ގާތުގައި ވަރަށް ޝަކުވާ ކުރެއެވެ. އަހަރެންވެސް އެކުއްޖަކު އަހަރެންގެ ރަހުމަތްތެރިޔާއާ ރުޅިވީތީ ދެރަވެސްވެއެވެ. ރުޅިވެސް އާދެއެވެ. ދެރަނުވާށޭ ބުނެ ވަރަށް ހިތްވަރުވެސް ދެމެވެ.
އެހެންބުނިކަމުގައި ވިއަސް އަހަންނަށް ކުރީގައި ލޯތްބަކީ ކޮންއެއްޗެއް ކަމެއް ނޭނގެއެވެ. އަހަންނަށް ވެސް ފެންނަނީ އަންހެން ކުދިންނާއި ފިރިހެން ކުދިން ރައްޓެހިވެގެން އުޅޭ މަންޒަރެވެ. އިތުރަށް އެންމެ އެއްޗެއްވެސް އަހަންނަކަށް ނޭނގެއެވެ. ބަލާކަށް ނުވެސް އުޅެމެވެ. އެކަމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތެވެ.
އަހަރެންގެ ޝައުގުވެރިކަން ހުންނަނީ ހަމައެކަނި ކިޔެވުމަށެވެ. ކިޔެވުމަށްވުރެ އަހަންނަށް އެހެން ކަންތައްތަކެއް މުހިންމެއްވެސް ނޫނެވެ.
އެންމެ ފުރަތަމަ ކުއްޖަކު ރައްޓެހިވާން އެހީ ގްރޭޑް 5 ގައި އަހަރެން އުޅުނުއިރުއެވެ. އެއީ ސްކޫލްގެ އިނާމްދިނުމުގެ ޖަލްސާ އޮތް ރެއެކެވެ. އަހަންްްްްނަށް ޖަަލްސާާާާާާގައި އިނދެވުނީ އަހަަަަަރެންގެެ ކްްްްްލާހު ކުއްޖެއް ކަމަށްވާ ލީނާ ކައިރީގައެވެ
” ޒާރާ.. އަހަރެން އެބައޮތް ވާހަކައެއް ބުނަންވެފަ..” ލީނާ އަހަންނާ ވާހަކަދެއްކީ ވަރަށް މަޑުމަޑުންނެވެ. ” ކޮންވާހަކައެއް ބުނެބަލަ.” ލީނާއަކީ އަހަރެންގެ ރައްޓެއްސެއް ކަމުން އަހަރެން ލީނާ އެބުނަން އުޅޭ ވާހަކައަކީ ކޮންވާހަކައެއްތޯ އަހާލީމެވެ.
” ކުއްޖަކު ބުނީ ޒާރާ ކައިރީ ބުނެދޭށޯ.. ޒާރާއާ ރައްޓެހިވާން ބޭނުމޯ.. ޒާރާ އޭނައާ ރައްޓެހިވާންވީނު..” ލީނާ ބުނެލިއެވެ. “ކާކު؟” ކާކުކަންވެސް ނޭނގޭތީ އަހަންނަށް އަހާލެވުނެވެ. “ހުރޭ އަދި ދައްކާނަން..” ލީނާ ބުނެލިއެވެ.
ޖަލްސާ ނިމިގެން އޮތް ސަޔެއްގައި ބައިވެރިވުމަށް އަހަރެމެން ކްލާސްރޫމަކަށް ދިޔައީމެވެ. އެކުވެރި އެހެން ކުއްޖެއް ނުފެނުމުން އަހަރެންވެސް ދިޔައީ ލީނާއާ އެކުގައެވެ.
އަހަންނާއި ލީނާ ކާއެއްޗިހި ތައްޓަކަށް އަޅައިގެން ގޮނޑިއެއްގައި އިށީނދެ ތިބީމެވެ. ” އެހެރީ އޭނަ.. އޭނަ ބުނީ ޒާރާ ގާތުގައި އެހެންބުނެދޭށޭ.. ” ލީނާ އެހެންބުނިތަނާ ތަންކޮޅެއް ކުޑަ ތަންކޮޅެއް ދުރުގައި ހުރި ފިރިހެންކުއްޖެއް އަހަރެންގެ ކުރިމައްޗަށް އައިސް ހުއްޓުނެވެ.
އެއާއެކު އަހަންނަށްވެސް ބަލާލެވުނެވެ. ކުރިމަތީ ހުއްޓެގެން ހުރީ ފަވާޒެވެ. އެއްސްކޫލެއްގައި އުޅޭތީ އަހަރެންވެސް ފަވާޒް ދަންނަމެވެ. ފަވާޒް އަހަންނަށްވުރެ ދެއަހަރު ދޮށި ވާނެއެވެ. އެއީ ލީނާއާ ތިމާގެވެސް ކުއްޖެކެވެ. އެކަންވެސް އަހަންނަށް އެނގެއެވެ.
ފަވާޒް އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހުރީ އަހަރެން އެއްޗެއް ބުނޭތޯއެވެ. ހީވާގޮތުން ލީނާއާ ފަވާޒް އޮތީ މިކަންތައް މާކުރިންވެސް ރާވާފައެވެ.
އެހެންވެ އަހަރެން އިތުރަކަށް ލީނާއާ ވާހަކަވެސް ނުދައްކަމެވެ. އަދި ފަވާޒްއަކާވެސް އަނގައިންވެސް ނުބުނަމެވެ. ތައްޓަށް އަޅާފައި ހުރި ކާއެއްޗިހި ހުސްކޮށްގެން އަހަރެން އަވަހަށް އެކްލާސްރޫމުން ނުކުތީއެވެ.
ފަހުން އަހަރެން ގްރޭޑް 7 ކަށް އައިފަހުން ފަވާޒްގެ އަސްލު މަގްސަދު އަހަންނަށް އެނގުނެވެ. ފަވާޒް އުޅުނީ ކޮންމެވެސް ކުއްޖަކާ ވާދަ ޖަހާށެވެ. ވާދަ ޖަހައިގެން އެންމެ ގިނަ ކުދިންނާ ރައްޓެހިވެވެނީ ކާކަށްތޯ ބަލާށެވެ. ލީނާ މެދުވެރިކޮށްގެން އަހަރެން ގާތުގައި ރައްޓެހިވާން އެހީވެސް ހަމަ އެމަގްސަދުގައެވެ.
އަހަރެން ފަވާޒްއާ ރައްޓެހިވެގެން އެމަޅީގައި ނުބެދުންކަން އެއީ ނަސީބެކެވެ. އެހެންނޫނަސް އަހަރެން ފަވާޒްއާ ރައްޓެހިވާ ފިކުރެއް ނުވެސް ގެންގުޅެމެވެ.
އެކަމަކުވެސް ލީނާއަށް އެނގިހުރެ އެފަދަ ކަމެއް ކޮށްދޭން އުޅުނީތީ ކުޑަކޮށް ފޫހިވާގޮތްވިއެވެ. ލީނާއާ ވާހަކަދެއްކިނަމަވެސް ކުރިންއޮތް ގާތް ކަމެއް ނުބާއްވަމެވެ.
އެހެންނަމަވެސް އާހިލްއާ ވާހަކަދައްކަން ފެށުމުން އަހަރެން މުޅިން ބަދަލުވެއްޖެއެވެ. އާހިލް މާލެއިން ރަށަށް އަންނާނެ ދުވަހަކަށްވެސް އިންތިޒާރު ކުރެވެން ފެއްޓުނެވެ.
އާހިލްއާ ވާހަކަދައްކާތީ ފަހުން ޝީނާ ހިތްހަމަ ނުޖެހެން ފެއްޓިއެވެ. އަހަންނަށް އެކަން އެނގުމުން އަހަންނާ އާހިލްގެ ވާހަކަތައް ޝީނާއާ ހިއްސާނުކުރަން ފެއްޓީމެވެ.
އެކަމަކު އޭރުވެސް އާހިލް ޝީނާ ގާތުގައި އަހަރެންގެ ވާހަކަ ދައްކައެވެ. ޝީނާ ހިތްހަމަ ނުޖެހޭކަން އެނގުމުން އަހަރެން އެގެއަށް ދިއުންވެސް މަދުކުރީމެވެ. އަހަރެން ރިޔާއާ ގާތްވީ އެދުވަސްކޮޅުގައެވެ.
ޝީނާ ހިތްހަމަނުޖެހޭ ވާހަކަ އަހަރެން އާހިލް ގާތުގައި ބުނީމެވެ. ފުރަތަމަ އަހަރެން އެހެންބުނީ ޝީނާގެ ނަންވެސް ނުބުނެއެވެ. އަހަރެން ބުނެލީ އަހަރެމެން ވާހަކަދައްކާތީ ބައެއްމީހުން ހިތްހަމަ ނުޖެހޭވާހަކައެވެ. ފުރަތަމަ އެހެންބުނެފައި އިތުރު ތަފްސީލަކަށްވެސް ނުދަމެވެ.
ކޮންމެ ގޮތެއްވިއަސް އާހިލްއަކީ ޝީނާގެ ރައްޓެއްސެކެވެ. ޝީނާ ހިތްހަމަނުޖެހޭވަރު އެނގުމުން އަހަރެންވެސް އާހިލްއާ ޗެޓްނުކޮށް ވޭތޯބެލީމެވެ.
އެކަމަކު އަހަންނަކަށް އެގޮތުގައި ދެމިއެއް ނުހުރެވުނެވެ. އާހިލްގެ މަތިން ހަނދާންވެގެން ހަމަ ފޭސްބުކްވެސް ބަލާލަމެވެ. އާހިލް ޕްރޮފައިލް ވެސް ވެސްމެއެވެ.
އަހަރެން ފަހުން ފަހުން އޮންލައިންވެ އާހިލްއާ ވާހަކަނުދައްކާތީ އާހިލްވެސް އެކަމާ ޝަކުވާކުރިއެވެ. ހަނދާންވާ ވާހަކައާއި މިހާރު އޮންލައިން ނުވަނީ ކީއްވެގެންތޯވެސް އެހިއެވެ.
އެގޮތަށް ބުނެފައި އިން އާހިލްގެ މެސެޖްތައް ފެނުމުން އަހަންނަކަށް ދެން އިތުރަކަށް ކެތެއްނުކުރެވުނެވެ. އާހިލްއާ ވާހަކަނުދައްކަނީ ޝީނާ ހިތްހަމަނުޖެހޭތީ ކަމުގައި ބުނީމެވެ. އަހަރެން އެހެންބުނުމުން އާހިލްވެސް ޝީނާގާތުގައި ފަހުން އަހަރެމެންގެ ވާހަކަތަކެއް ނުދައްކައެވެ.
ރިޔާއާ އެކުވެރިވެފައި އަހަރެން ރިޔާއަށް އާހިލްގެ ވާހަކަ ކިޔާދިނީމެވެ. ކުރީގައިވެސް ރިޔާއަކީ އަހަރެންގެ ރައްޓެއްސެކެވެ. އެހެންނަމަވެސް އޭރު އަހަރެންނާ ރިޔާއާ އެހާ ގާތް ގުޅުމެއް ނޯވެއެވެ. އޭރު އަހަރެން ބޮޑަށް ގާތްވާނީ ޝީނާއާއެވެ.
7 Comments
Comments are closed.
First dhw
Hehe yeah .. Hama first ?
Salhi waitimg4 next part
Thankyou ☺
Waau varah reethi
When next part????
Thankyou Sana .
Varah avahah genesdheveytho mibalanee ☺
VARAH IBURAITHERI ADHI EHAAME HITHAAMA VERI VAAHAKA EH. NICE