Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ އަސަރު 18

maroon Level 710 Stories100 Comments500 Comments100 Login1K Comments100 Stories
January 30, 2018 11 Mins Read
15 Comments

ހެނދުނު ހެނދުނާ ތެދުވެގެން ކާއިން ބެލީ ބަރާބަރު ގަޑިއަށް އޮފީހަށް ދެވޭތޯއެވެ. އަބަދުވެސް ގަޑި ޖެހޭތީ އަޝްވާ ހަޅޭތްލަވާތީ މިއަދު ފޯނު އެލާމް ކުރިއެވެ. އަދި އަޝްވާ އަބަދުހެން ޝަކުވާ ކުރާތީ ބޯ ރީއްޗަށް ކޮށާލައި ތުބުޅިވެސް ރީތިކޮށްލިއެވެ. ކާއިން ލާން ނެގީ ކަޅުކުލައިގެ ގަމީހެކެވެ. އަދި އެޔާއިއެކު އަޅަން މެރޫން ކުލައާއި ކަޅުކުލައިގެ ޓައީ އެކެވެ. އެއީ އަޝްވާ އޭނާއަށް ގަނެދިން ދިހަ ޓައީގެ ތެރެއިން އަޝްވާ އެއްމެ ކަމުދާ ކަމަށް ބުނި ޓައީއެވެ. ޖިންސުގެ ބަދަލުގައި މިއަދު ލީ ރީތި އޮފީސް ފަޓުލޫނެކެވެ. އަދި އާއްމުކޮށް އަރާ ބޫޓު ބަހައްޓާފައި ކަޅުކުލައިގެ ބޫޓަށް އެރިއެވެ. ހުރިހާ އެއްޗެއް ލައި އިސްތަށިގަނޑު ރީތިކުރުމަށްފަހު އެއްމެ ފަހު ފަހަރަށް ކާއިން ލޯގަނޑުން ސޫރަ ބަލާލީ ހުރިހާ އެއްޗެއް ހަމަތޯއެވެ. އެއްމެ ފަހު ކަމަކަށް ކަޅު ކުލައިގެ އަވި އައިނު ލޮލުގައި އަޅާލައި ހިނިތުންވެލިއެވެ.

ފުރިހަމަ ކިޓުގައި އަޝްވާ އުފާވޭތޯ ބަލާލަން ކާއިން އަޝްވާގެ ކެބިންއަށް ވަނެވެ. އަޝްވާގެ ހިލަމެއް އެތަނުން ނުވުމުން ކާއިން ދިޔައީ ސައިކޮޓަރިއަށެވެ. އަޝްވާ އާއްމުކޮށް ގެއިން އަންނަނީ ސައިބޮއިގެން ކަމަށް ވިޔަސް ބައެއް ދުވަސް ދުވަހު ރީމްމެންނާއި އެކީ ސައިބޯން ދާތީއެވެ.

“ކޮބާ އަޝްވާ މިއަދު” ކާއިން ލޮލުގައި އޮތް އަވި އައިނު ނަގާލަމުން އަހާލިއެވެ.

“އަޝްވާ މިއަދު ސަލާމުގަ ހުރީ…”ސައިކޮޓަރީގައި އިން ރީމް ބުނެލިއެވެ. އެވަގުތު އެތާގައި އޮފީހުގެ ގިނަ މުވައްޒަފުން ތިއްބެވެ. ކާއިންގެ ފަރާތުން މިއަދު ތަފާތު ކަމެއް ފެންނާތީ އެއްމެން ތިބީ ހައިރާންވެފައެވެ.

“ކާއިންއަށް ތިހެން އަންނަން ތިއެގުނީ އަޝްވާ ނާންނަ  ދުވަހު” އޮފީހުގެ މުވައްޒަފެއް  ބުނެލިއެވެ. ކާއިން ގޮސް އެމީހުންނާއި ޖެހިގެން ހުރި ހުސްގޮނޑިގައި އިށީދެ ކޮފީއެއް ގިރަން އުޅުނެވެ.

“އަޝްވާއަށް ދައްކަންށޭ މިހާރު ކޮށްގެން މިއައީވެސް.. އިއްޔެވެސް އެހާ ވަރަށް ހަޅޭތްލެވި ވިއްޔާ، އަޝްވާއަށް ފެންނާނީ އަހަރެން ކަމެއް ގޯސްކޮށް ކުރާތަން ، އެހެން މީހަކު ކުރިއަސް ނުވާނެ އެއްވެސް ކަމަކަށް” ކާއިން ކޮފީ ތަށި ގިރާލަމުން ބުނެލިއެވެ.

“އެޝައިމްވެސް ގަބޫލުކުރާނެ އަޝްވާ ދައްކާ ކޮންމެ ވާހަކައެއް” ކާއިން އިތުރުކޮށްލިއެވެ.

“އަހަރެން ގަބޫލުކުރާނީ އަހަރެންގެ ކޮއްކޮ ދައްކާ ވާހަކަ ދޯ.. ދެންވެސް ވަގުތު ބޭކާރު ނުކޮށް ދޭބަލަ ސައިޓުގެ މަސައްކަތް ހިނގަނީ ކިހިނެތްތޯ ބަލާލަން” އެވަގުތު އެތަނަށް އައި ޝައިމްއަށް ކާއިން ދެއްކި ވާހަކަ އަޑު އިވިގެން ބުނެލިއެވެ. ޝައިމް ކޮފީ ޖަގު ގެނެސްދޭން ބުނަމުން ކާއިންއާއި ޖެހިގެން އިށީނެވެ.

“ސައިޓަށް ދިޔައިމޭ އިއްޔެވެސް. ލޭބަރުން މަދުވީމަ މަސައްކަތައް ފުނިޖެހިފައި ހުރީ.. އަހަރެން އުޅުނީ އަޝްވާ ކައިރީ އެވާހަކަ ދައްކަން، ކީއްވެތަ މިއަދު ނައީ” ޝައިމް އިށީނުމުން ކާއިން އަހާލިއެވެ.

“އަޝްވާގެ ނޭފަތުން ލޭ އަންނާތީ ބޭސްއަޅައިގެން އެބަ އުޅޭ.. އަހަރެން އެހިން ކިހެނެތްވެގެން ވީ ކަމެއް ހޭ.. ޖަވާބެއް ނުދިން.. މަށަށް ހީވަނީ ނިދާފަ އޮތްވާ އެނދުން ވެއްޓުނީމަ ލަދުން ނުބުނަނީހެން” ޝައިމް ބުނެލިއެވެ. ކާއިން ބަލާލީ ޝައިމް އަށެވެ. ރޭގަވީ ކަންތައް އޭނާއަށް ސާފުކޮށް ނުފެނުނަސް ހަނާ އަޝްވާ ގައިގައި ޖެހިތަން އޭނާ ދުއްޓެވެ. އަދި އަޝްވާ އަނގަޔާއި ނޭފަތްމަތީ އަތް އަޅައިގެން ހުރި ތަންވެސް މެއެވެ.

“ރީމް.. އަޝްވާ ނުބުނޭތަ ކިހިނެތްވެގެންވީ ކަމެކޭ” ކާއިން އަހާލިއެވެ. ކަންބޮޑުވެފައިވާ ރާގަކަށެވެ.

“ނުބުނޭ.. އަހަރެން ގުޅީމަ ބުނީ ބަލިވެޔޯ ނާންނަނީ.. އަހަރެން ހީކުރީ އިއްޔެ އެހާ ލަހުން އޮފީސް ނިމުނީމަ ވަރުބަލިވެގެން ނައީ ކަމަށް.. ” ރީމް ބުނެލިއެވެ.

ސައިބޮމުން ދިޔައިރު ކާއިން އަޝްވާއަށް ގުޅޭތޯ އުޅުނެވެ. އެހެންނަމަވެސް އެއްވެސް ފަހަރަކު އަޝްވާ ފޯނެއް ނުނަގައެވެ. އެއްމެ ކުޑަ މިނުން ފޯނު ބިޒީކޮށްލާނަމަ ކާއިންގެ ހާސްކަން ކުޑަވީހެވެ. އަޝްވާ ފޯނު ނުނެގުމުން ކާއިން މަލަކާއަށް މެސެޖެއްކޮށްލީ އަޝްވާ ކޮބައިތޯ އަހާލަމުންނެވެ.


ހަނާ ޖެހުމުގެ ސަބަބުން އަޝްވާގެ ނޭފަތުން ލޭ އަންނަން ފެށުމުން އަޝްވާ ގެޔަށް އައިސް އެތަނުން ލޭ ހުއްޓުވޭތޯ އުޅުނެވެ. ނަސީބު ކަންދިމާކުރި ގޮތުން ލޭ އައުން ހުއްޓެން މާ ގިނަ ވަގުތެއް ނުނަގައެވެ. އެހެންނަމަވެސް ނޭފަތް އޮތީ ރަތް ކުލައަށް ބަދަލުވެފައެވެ. އަދި ބޭރުންނާއި އެތެރެއިން ތަދު އިހްސާސްކުރެވެއެވެ. ފަތިސް ނަމާދަށް އަރަން ސަޖިދައަށް ދިޔަ ވަގުތުވެސް ވަރަށް ރިއްސިއެވެ. ދެރަކުއަތް ވަރަށް ހިތްވަރާއިއެކު ނިންމާލުމަށްފަހު ނޭފަތަށް އަރާމުދޭން ގޭގައި މަޑުކުރުމަށް ނިންމީއެވެ.

އަށެއް ޖަހަންދެން ނިދަން އޮތުމަށްފަހު އަޝްވާ ބަދިގެޔަށް ދިޔައީ ސައިބޯލުމަށެވެ. އަޝްވާ ބަދިގެޔަށް ދިޔައިރު ގޭގެ ބައެއް މީހުން މޭޒު ދޮށުގައި ތިއްބެވެ. ހަފީޒާ އަސްރާރުއަށް ސައިދިނުމަށްފަހު އެހެން ކުދިންނަށް ސައި ތައްޔާރު ކުރަނީއެވެ. މަލަކާ ހަފީޒާއަށް  އަތްގާތްކޮށް ދިނުމުގައި އުޅެއެވެ.އަޝްވިން އިނީ އީޝް ޖެހިގެން އިން ގޮނޑީގައި ބައިދައިގެން ޕާން ފޮއްޗެއް ދޭށެވެ.

“އަޝްވާ.. ނޭފަތަށް ކިހިނެތް ހަދާލައިގެން ތިއުޅެނީ.. ޝައިމް އާއި އީޝް އާއި ދެމީހުން އެބަ ކިޔާ ބަލިވެ އުޅޭ ވާހަކަ، ބަދިގެޔަށް ނާންނާތީ އަހަރަމެންވެސް މިތިބީ ކަންބޮޑުވެފަ” އަޝްވާ ފެނުމުން ހަފީޒާ އަހާލިއެވެ.

“އެއީ މާ ބޮޑު ކަމެއް ނޫން.. ތަނެއްގަ ޖެހުނީ، މިހާރު ރަގަޅުވޭ އެބަ” އަޝްވާ ހިނިތުންވުމެއް ހަދިޔާ ކުރަމުން ބުނެލިއެވެ. ރޭ ބޭސް އަޅައިގެން އުޅުނު އިރު އެތަން ފެންނާނީ ޝައިމް އަށާއި އަޝްވާ ކައިރީ ނިދި އީޝްއަށެވެ.

“ދޫނި.. ތާތި އެނދުން ވެއްޓުނުތަ ރޭގަ” އަޝްވިން އީޝް ކުރެން އަހާލިއެވެ. އީޝް އަޝްވާ ކައިރީ ނިދާ ރެއެއް ނަމަ އަޝްވާ އެނދުން ވެއްޓިއްޖެއްޔާ އެވާހަކަ ނުބުނެ ނުހުންނާނެއެވެ.

“އަޝްވާ ވަރަށް ގިނައިން އެނދުން ވެއްޓޭތަ” މަލަކާ އަހާލިއެވެ.

“އާން.. ބައްޕަ މިހާރުވެސް ވަރަށް ގިނައިން ދައްކާނެ އަޝްވާ ކުޑައިރު  ހޯދަން ޖެހޭނީ މޭޒު ދަށުންނާއި އެނދު ދަށުންނޭ.. ނިދީގަ އޮވެގެން އެހާ ވަރަށް ފުރޮޅޭނެ” އަޝްވިން ހެމުން ބުނެލިއެވެ. ނަދީމާވެސް އަޝްވިން އާއި ބައިވެރިވެލަމުން އޭނާ އަޝްވާ ބަލަން އުޅުނު ހާލު ކިޔާ ދިނެވެ.

“އަޝްވާ އެކަނިތަ ތިހެން އުޅެނީ.. މިހިރީވެސް ތިކަމުގައި ވަނައެއް ހޯދާނެ މީހެއް” ހަފީޒާ އެތަނަށް އައި ޝަނުމް ފެނުމުން ބުނެލިއެވެ.

“އަހަރެން ކޮން ކަމެއްގައި ވަނައެއް ހޯދާ ވާހަކަ ބޮޑުދައިތަ ތިދައްކަނީ” ޝަނުމް ގޮސް އިށީލީ އަޝްވާއާއި ޖެހިގެންނެވެ. އަދި އެވަގުތު އަޝްވާ ޕާން ފޮތި އަޅާފައި ހުރި ތައްޓަށް އަތް ދިއްކޮށްލުމުން އޮޅިގެން ކަމަށް ހަދާލައި އަޝްވާގެ އަތުގައި ހިފާލިއެވެ. އަޝްވާ ބަލާލީ ޝަނުމް އަށެވެ. ހެވިފައި ހުރި ގޮތުން ގަސްދުގައި ކުރި ކަމެއްކަން އެގުމުން އަޝްވާ އަވަހަށް އަތް ދަމައިގަތެވެ.

“މި ދައްކީ އަޝްވާ އެދުން ވެއްޓޭ ވާހަކަ. ބަލާބަލަ މޫނަށް ވެފައި އޮތް ވަރު” ހަފީޒާ ޝަނުމް ގެ ސައިތަށި ގެނެސްދެމުން ބުނެލިއެވެ.

“އެނދުން ވެއްޓިފަތަ ތިހާ ވަރުވެފަ ތިހިރީ” ހަމައެކަނި އަޝްވާއަށް އަޑު އިވޭވަރަށް ޝަނުމް އަހާލިއެވެ. އަޝްވާ އެއަޑު ނީވޭ ކަމަށް ހަދައިލާން އުޅުނެވެ. އެހެންނަމަވެސް އަޝްވާ މަސްހުނި ތައްޓަށް އަތް ދިއްކޮށްލުމާއި އެކު ޝަނުމް އެތަށީގައި ހިފައި އޭނާ ކައިރިއަށް ގެނައީ އަޝްވާގެ ސަމާލުކަން ހޯދާށެވެ.

“މިހާރު އަހަންނާއި ވާހަކަވެސް ނުދައްކަނީތަ” ޝަނުމް ބުނެލިއެވެ.

“އަހަރެން އެބަ ޖެހޭ އޮފީހަށް ދާން މިއަދު… މާދަމާ ގުޅީގައި ފަށާ ކޮންސްޓުރަކްޝަން ޕުރޮޖެކްޓުގެ މަސައްކަތަށް އެރަށަށް ދާ ވާހަކަ ދޮންބެ ދެއްކި.. މަލަކާ ހިނގާ އަހަރަމެންނާއި އެކީ ދާން” ޝަނުމްއަށް ސަމާލުކަން ދޭން ބޭނުން ނުވާތީ އަޝްވާ އަވަސް އަވަހަށް ބުނެލިއެވެ.

“އަހަރަމެން ގޭގެ މަސައްކަތްތައް ފަށަންތަ ތިއުޅެނީ” ޝަނުމް ސުވާލުގެ ނަޒަރަކުން އަޝްވާއަށް ބަލާލަމުން ބުނެލިއެވެ.

“އާން.. ” އަޝްވާ ދިނީ ކުރު ޖަވާބެކެވެ. ފަރުވާ ކުޑަ ގޮތަކަށް ބުނުމުން ޝަނުމް ވާހަކަ ދައްކުން ހުއްޓާލާނެ ކަމަށް އުއްމީދުކޮށެވެ.

“އަހަރެން ދާނަން. މިހާރުވެސް ރަށް މަތިން ވަރަށް ހަނދާންވޭ.. މިފަހަރު ގޮސް ޖެހޭނެ ދޯ އެއްކަލަ ގޮތަށް މަޖާ ހަދައިގެން މޫދަށް ދާން..” މަލަކާ ހެވިލާފައި ބުނެލިއެވެ.

“މީކާއިލްއާއި ވެސް އެބަ ކިޔާ ދެތިން ދުވަހަށް ރަށަށް ދާ ވާހަކަ. އެހެންވީމަ އަޝްވާމެން ދާއިރު އަހަރަމެންވެސް ގެންދަންވީނު.. ވަރަށް ދުވަސްވެއްޖެ ރަށަށް ނުދާތާ.. އެއްމެން އެއްކޮށް ދިޔައިމަ ކިހާ މަޖާވާނެ..” އަޝްވާ އޭނާ ދުރުކޮށްލަން އުޅުނަސް ޝަނުމް ހުރީ ދޫ ދޭ ގޮތަކަށް ނޫނެވެ. އަޝްވާ އޭނާއާއި ދުރަށް އަޅާ ކޮންމެ ދިޔަވަޅަކަށް ޝަނުމް ދެ ފިޔަވަޅު އަޝްވާ ކައިރިއަށް އެބަ އަޅައެވެ. އަޝްވާގެ މިޒާޖު ދަސްވާން ފެށުމުން ޝައުގުވެރިކަން އިތުރުވާން ފެށިއެވެ.

“އެއްމެން ގޮސް ތިބޭނެ ތަނެއް ލިބޭނެހެން ހީނުވޭ.. ޝަނުމް ތިބުނީ މާ ފަހުންނެއްނު.. އެހެންނޫނަމަ އެއްނު ޝަނުމްއާއި ލައިގެން އިތުރު ކޮޓަރިއެއް ހިފާނީ” އަޝްވާ އުޅުނީ ބަހަނާއެއް ދައްކާށެވެ.

“އަޝްވާ ތިކަމާ ހާސްނުވޭ.. އަމިއްލަ ރަށުގައި ރައްޓެހިން މަދެއް ނުވާނެ. ހުންނާނެ ތަން ގިނަވާނީ ، ދޯ ދައްތާ” ނިތްކުރި އަރުވާލަމުން ޝަނުމް ހެވިލާފައި ބުނެލިއެވެ. އޭނާ އެހެން ބުނި އިރު އަޝްވާ ބަހަނާ ދައްކާނެކަން މާކުރިންވެސް އެގެއެވެ.

“މަލަކާ އީޝް ބަލައިދެވިދާނެތަ އަހަރެން އަންނަން ވާ އިރަށް. ކުޑަ ކަމަކު ކުލިނިކަށް ދާން އެބަ ޖެހޭ” އަޝްވިން މަލަކާ އާއި އީޝް ހަވާލުކޮށްފައި ދިޔައެވެ.  މަލަކާ އީޝް ގޮވައިގެން އެތަނުން ދިޔަތާ މާ ގިނައިރެއް ނުވެ ނަދީމާވެސް ދިޔައެވެ.

“އާން.. އަޝްވާމެން ތިބެން ތަނެއް ކުއްޔަށް ހިފުމުގެ ކުރިން ޝަނުމް ކައިރީ ބުނެލިނަމަ ހިލޭވެސް ހުންނާނެ ތަނެއް ލިބުނީސް.. ބައްޕަ ބުނި ރަށަށް ދާން އުޅޭ ވާހަކަ ، އެކަމަކު ދާން ހަމަޖެހުނު ދުވަހެއް ނުބުނޭ.. ހަނދާން ނެތުނީ ކަމަށް ވާނީ” ހަފީޒާ ބުނެލިއެވެ.

“ދެން ފަހަރަކުން ބުނެލާނަން ހަނދާންކޮށް.. ބައްޕަގެ ވާހަކަ ބުނީމަ ހަނދާންމިވީ، ކޮން އިރަކުންތޯ ރިޕޯޓު ދައްކަން ހޮސްޕިޓަލަށް ދަނީ” އަޝްވާ އަހާލިއެވެ.

“ނުވަގަޑި ބައިގަ ޑޮކްޓަރު ބަލަން ފައްޓަނީ… ފަސް ވަނަ ނަންބަރު ލިބުނީ، ދައްތަ ދާންވީއޭ ތައްޔާރުވާން” ބަދިގޭގެ ފާރުގައި ހުރި ގަޑިއަށް ބަލާލަމުން ހަފީޒާ ބުނެލިއެވެ. އަދި ޝަނުމް ކައިރީ އިތުރު އެއްޗެއް ބޭނުން ނަމަ އަޝްވާ ކައިރީ އެހުމަށް ބުނެލުމަށް ފަހު ދިޔައެވެ.

“ޑިޔުޓީއަށް ނުގޮސް ދަތުރު ދާކަށް ނުވާނެ.. އެހެން ފަހަރަކުން ދާން މަޑުކޮށްލަންވީނު” ހަފީޒާ ދިޔުމުން އަޝްވާ ބުނެލިއެވެ.

“އަޝްވާ ތިކަހަލަ ކަންތަކާއި އަހަންނާއި މެދު ހާސްވާނެ ކަމެއް ނެތޭ ބުނެފީމެއްނު. އަޝްވާގެ ފަރާތުން އަހަރެން އެދޭހާވެސް ކަމަކީ އަހަންނާއި އެކީ ވަގުތު ހޭދަކޮށްލުން. އޭރުން އަޝްވާއަށްވެސް އަހަރެން ދެކެ ލޯބިވެވޭނެކަން ޔަގީން. ކުރިން މާ ގާތްކޮށް އުޅެފަ ދުރުވާން ތިއުޅޭ ސަބަބެއް ބުނެދީފާނަންތަ” ޝަނުމް އަހާލިއެވެ.

“މީހަކު އަޝްވާއަށް މަޖުބޫރު ކުރުވަނީތަ އަހަންނާއި ދުރުގަ އުޅެން” ޝަނުމް ކުރި ސުވާލަށް އަޝްވާގެ ފަރާތުން ޖަވާބެއް ނުލިބުމުން އެހެން ސުވާލެއް ކޮށްލިއެވެ.

“އިހުސާސްތަކަކީ މަޖުބޫރުކޮށްގެން އުފެދޭ އެއްޗެއް ނޫން” އަޝްވާ ބުނެލީ މާނަފުން ޖުމްލައެކެވެ.

“އެހެންވެއޭ އަހަރެން މި ބުނަނީ ހިނގާށޭ ދެމީހުން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލަން. އޭރުން އަޝްވާއަށް އަހަރެން ދަސްވެ ކަމުދާ ސިފައެއް ހުރި ނަމަ ލޯބިވެސް ވެވިދާނެއެއްނު. އަހަރެން ރަށަށް ދާން ބޭނުންވަނީ ކޮންމެހެން ރަށް ބަލާލާ ހިތަކުން ނޫން. އަޝްވާ ބައިވެރިވާތީ ތި ރީތި ސޫރަ ދެކިލާ ހިތުން. އަޝްވާއަށް އަހަރެންގެ ހިތުގައި މިވަނީ ސާފު ލޯތްބެއްކަން އަންގައިދޭން” އަޝްވާއަށް ބަލަހައްޓައިގެން ހުރެ ޝަނުމް ބުނެލިއެވެ.

“ޝަނުމް އަހަރެން ދެކެ ތި  ލޯބިވަނީ ކޮން ސިފައެއް ހުރެގެން. ގައިމު އަހަންނަށް ޔަގީން އެއްވެސް މީހަކު ރީތި މީހުންގެ ލިސްޓުގައި އަހަރެންގެ ނަން ނުހިމަނާނެކަން”  ޝަނުމް ދެއްކި ވާހަކައާއި ގުޅިގެން އަޝްވާ އަހާލިއެވެ.

“ތެދައް ބުނަންޏާ އަހަންނަކަށް ވެސް ސަބަބެއް ނޭނގެ. އަހަންނަށް ރަގަޅީވެސް ސަބަބެއް ނެތިއްޔާ، އެކީއްވެގެންތަ އެނގޭތަ” ޝަނުމް އަޝްވާއާއި ހަތަރުކަޅި ހަމަކޮށްލަމުން ބުނެލިއެވެ.

‘ސަބަބެއް އޮތް ނަމަ އެސަބަބު ދިޔައިމަ ލޯބިވާނެ ސިފައެއް ނޯންނާނެ.. އެކަމަކު ސަބަބެއް ނެތުމުން އަޝްވާއަށް ބަލާލާ ކޮންމެ ފަހަރަކު އަހަންނަށް ކަމުދާ އެތައް ސިފައެއް ފެންނާނެ.. އަޝްވާއާއި ދޭތެރޭ ވިސްނާނެ އެތައް ގޮތްތަކެއް، އެތައް ފުރިހަމަ ކަންތަކެއް ހުންނާނެ.. ” ޝަނުމް އިތުރުކޮށްލިއެވެ.

“އަހަރެން ވަރަށް އުފާވެއްޖެ ތިގޮތަށް އަހަންނާއި ދޭތެރޭ ދެކޭނެ މީހެއް ހުރުމުން. އެކަމަކު މާފުކުރާށޭ ބުނެވޭނީ، އަހަންނަށް ތިލޯބި އަބުރާ ރައްދުނުކުރެވޭނެތީ” އަޝްވާ ގޮނޑިން ތެދުވަމުން ބުނެލިއެވެ.

“އިހަށް މާފަށް ނޭދި ހުރޭ.. އަޝްވާވެސް އަހަރެން ދެކެ ލޯބިވާނެ، އިން ޝާ ﷲ.. އަހަރެން ދުއާ ކުރާނަން” ޝަނުމް ބުނެލަމުން ތެދުވިއެވެ. ޝަނުމް އެހެން ބުނުމުން އަޝްވާ ދެކޮޅަށް ބޯހޫރުވާލީ އެއަޑުގައިވި ޔަގީންކަން އިހުސާސްކުރެވުމުންނެވެ. ޝަނުމް އެތަނުން ދިޔައިރުވެސް އަޝްވާއަށް ބެލެވެމުން ދިޔައީ ޝަނުމްއާއި ދިމާލަށެވެ.


ސައިބޮއި ނިމިގެން ތައްޔާރުވެލައިގެން އަޝްވާ އޮފީހަށް ދިޔައީ އޭނާ ބުނި ގޮތަށް މާދަމާގެ ދަތުރަށް ތައްޔާރުވުމަށެވެ. މާދަމާ ދާއިރު ގެންދަންޖެހޭ އެއްބަސްވުން ތަކާއި އެކޮޅުގައި ތިބި މުވައްޒަފުންގެ މުސާރަވެސް ހަމަޖައްސަން ޖެހެއެވެ.

އަޝްވާ އޮފީހަށް ގޮސް މިކަންތަކާއި އުޅެމުން ދަނިކޮށް ޝައިމް ބުނިހެން ސައިޓުގެ މަސައްކަތް ނިންމާލުމަށްފަހު ކާއިން އޮފީހަށް އަބުރާ އައެވެ.

“އަޝްވާއަށް ގުޅާފަ އަހާބަލަ އަހަރެން އިއްޔެ ދިން އެގްރިމެންޓު ބޭއްވީ ކޮންތާކުހޭ.. ވަރަށް ގިނަ މީހުން މަސައްކަތަށް ނުނިކުންނާތީ ގޭގެ ވެރިފަރާތުން މައްސަލަ އެބަ ޖައްސާ” ކާއިން އައިސް އޭނާގެ ޑެސްކުގައި ހުރި ގޮނޑީގައި އިށީންނަމުން އޮފީހުގައި އޭނާއާއި އެކު އުޅޭ ހައްސާނު ކައިރީ ބުނެލިއެވެ.

ކާއިން ގުޅުމުން އަޝްވާ އަދިވެސް ފޯނު ނުނަގައެވެ. މަލަކާއަށް ކުރި މެސެޖަށް ޖަވާބެއް ނުލިބޭތީ ކާއިން ހުރީ ތަބީއަތު ގޯސްވެފައެވެ. މިހާރަކަށް އައިސް އަޝްވާ ދެރަވެފައި ހުންނަ ތަން ބަލަން އޭނާއަށް ވަރަށް އުނދަގޫވެއެވެ. ސަބަބެއް ހުދު ކާއިންއަކަށް ވެސް ނޭނގެއެވެ.

“ބޮސް އެބައިން ކެބިންގައި… ކުޑައިރުކޮޅެއް ކުރިން އައީ” ހައްސާން އެހެން ބުނުމުން ކާއިންއަށް ލިބުނީ ހައިރާންކަމެކެވެ. ބަލިވެ އުޅޭއިރު އަޝްވާ އޮފީހަށް އައީ ކީއްވެ ހެއްޔެވެ؟ ކާއިން ލަސްނުކޮށް އަޝްވާގެ ކެބިންއަށް ދާން ހިނގައިގަތެވެ.

ކާއިން ގޮސް އަޝްވާގެ ކެބިންއަށް ވަންއިރު ބޯ މައްޗަށް އުފުލައިގެން ގަނޑެއް ކިޔަން އިނެވެ.

“ބޮސް.. ހާލު ކިހިނެތްތޯ” ހިނިތުންވެލަމުން ކާއިން އަހާލިއެވެ. އަޝްވާ އަވަހަށް ބޯ ތިރިކޮށްލަމުން ކާއިންއަށް ބަލާލިއެވެ. އިސްޖަހައިގެން އިންނަން އުދަގޫވުމުން އެހެން އިންއިރު ކާއިން އެތަނަށް އައިކަމެއް ނޭނގެއެވެ.

“ކިހިނެތްވީ” ކާއިން ހުރި ގޮތުން ހައިރާންކަމެއް ލިބުނަސް އަޝްވާ އެކަން ނުދެއްކޭތޯ އުޅުނެވެ.

“ދުވަހަކުވެސް ކުރާ ސުވާލަކަށް ޖަވާބެއް ނުދޭނަން ދޯ.. ކާކު ކުރި ކަމެއް ތީ” އަޝްވާގެ ނޭފަތާއި ދިމާލަށް އިގިލި ދިއްކޮށްލަމުން ކާއިން އަހާލިއެވެ.

“އެއީ ކަމެއް ނޫން” އަޝްވާ ބުނެލިއެވެ. އަދި އޭނާގެ ޕީސީ ހުޅުވާލައި އެޔަށް ސަމާލުކަން ދޭން އުޅުނެވެ.

“ސޮރީ ހަނާގެ ސަބަބުން ތިހެން ވީތީ.. ވަރަށް ތަދުވޭދޯ” ކާއިން ގޮސް އަޝްވާގެ މޭޒުގައި ލެގިލަމުން ބުނެލިއެވެ.

“އެއީ އެވަރުކަމެއް ނޫން.. އަހަރެންގެ ފަރާތުންވެސް މާފަށް އެދެން ކާއިންއަށް އެހެން ހެދުނީތީ.. ގަސްދުގައެއް ނޫން” އަޝްވާ އިން ގޮނޑިން ތެދުވެ ކާއިން ކައިރީ މޭޒުގައި ލެގިލަމުން ބުނެލިއެވެ.

“އެނގޭ ގަސްދުގައި އަނިޔާއެއް ނުކުރާނެކަން.. އެޔަށްވުރެ ބޮޑަށް އަޝްވާ އަހަރެން ދެކެ ލޯބިވޭ ވިއްޔާ” ކާއިން ދިމާކޮށްލާ ރާގަކަށް ބުނެލިއެވެ.

“ސާބަސް އިނގޭ.. ” ދެކޮޅަށް ބޯ ހޫރުވާލަމުން އަޝްވާ ބުނެލިއެވެ.

“ކޮބާ މިހާރު ލެޕް ނެގި މީހާ އެގިއްޖެތަ” އަޝްވާ އަހާލިއެވެ.

“ނޫން، އެމީހާގެ މޮޅުކަމުން ސެކިއުރިޓީ އޮފްކޮށްލާފަ ހުރީ..އެކަމަކު ކުރިމަތީ ހުރި އިމާރާތުގެ ކެމެރާއަށް އޭނަގެ ކަކުލުން ތިރި އަރާފަ ހުރި.. އެވަރުން ޕޮލިހަށްވެސް އެއީ ކާކުކަން އެގޭނެހެން ހީނުވޭ..” އެހެން ބުނެލަމުން ކާއިން އޭނާގެ ފޯނުގައި އިން ސެކިއުރިޓީ ފުޓޭޖުގެ ފޮޓޯ އެއް ދައްކާލިއެވެ. ކާއިން އެފޮޓޯ ދެއްކުމުން އަޝްވާގެ ލޮލުގައި އެއްމެ ފުރަތަމަ އަޅައިގަތީ އެމީހާ ލައިގެން ހުރި ޖީންސުގެ ފައިކުރިއެވެ. އަދި އަރައިގެން ހުރި ފައިވާނެވެ. އަޝްވާ ކާއިންގެ އަތުން ފޯނު ނަގައި ފޮޓޯއަށް ޒޫމްކޮށްލިއެވެ. އެއީ އޭނާ ހީކުރާ މިހާ ތޯ ޔަގީންކޮށްލުމަށެވެ. އެހެންނަމަވެސް އެމީހާގެ ފައިގައި ހުރި ކުދި ކުދި ފާރުގަނޑުތަކުން އަޝްވާގެ ހީކުރުންތައް ބަދަލުވިއެވެ. ހުދާއި ކަޅުގެ ފުސްވެފައިވާ ފޮޓޯއެއް ނަމަވެސް އެތަންތަން އަޝްވާގެ ލޮލުގައި އަޅައިގަތެވެ.

” ކާއިންއަށް ކިހިނެތް އެނގެނީ މީ އެމީހާ ކަމެއް…މީ ވެދާނެ އެއްނު މަގުމަތިން ދިޔަ އެހެން މީހަކަށްވެސް” އަޝްވާ އަދިވެސް ހުރީ ފޮޓޯއަށް ބަލަހައްޓައިގެންނެވެ. އެކަހަލަ ހާލަތެއްގައި ހުރެ އެމީހާ ބޭސްނާޅައި މަގުމަތީ އެއުޅެނީ ކީއްވެބާއޭ ހިތާއި ސުވާލުކޮށްލަ ކޮށްލައެވެ.

“އަހަރެން ވާހަކަ ދެއްކިން އެގަޑީ ހޮޓެލުގައި އުޅުނު ބައެއް މީހުންނާއި. އެމީހުން ބުނި ގޮތުންނަމަ އެމީހާ ހުރީ  މޫނުގެ ސިފަ ރަގަޅަށް ނުފެންނަހެން ތޮއްޕެއް އަޅައިގެން.. އެމީހުންނަށްވެސް އެމީހާގެ ހަމުގައި ހުރި ފާރުތައް ފެނުނު..އެކަމަކު އެއިން މީހަކު އޭނައާއި ވާހަކަ ނުދައްކާ…” ކާއިން ބުނެލިއެވެ.

“ޕޮލިހުން ބުނީ ކީކޭ” އަޝްވާ އަހާލިއެވެ.

“އަހަރެން އެމީހުންނަށް ނާންގަން” ކާއިން ކުރު ގޮތަކަށް ޖަވާބު ދިނެވެ. އަދި އަޝްވާ ބަލާލުމުން އޭގެ ސަބަބުވެސް ކިޔާ ދިނެވެ.

“މައްސަލައެއް ނެތް… އެކަމަކު ހެލްޕެއް ބޭނުމިއްޔާ އަހަރެން ކައިރީ ބުނެލާތި އިނގޭ… ކޮބާ މިހާރު ކާއިންގެ ސިސްޓާރ ގެ ހަބަރު” މައުޟޫ ބަދަލުކޮށްލަމުން އަޝްވާ އަހާލިއެވެ.

“ސިސްޓާރ ދޯ.. ސްޓިލް އަ މިސްޓްރީ… އަހަރެން އެއްކަލަ ނަންބަރުތަކަށް ގުޅީމަ އެއިން އެއްވެސް މީހެއްގެ ދުލުން ބައްޕައާއި ދިމާލަށް ނުބައި އެއްޗެއް ނޫނީ ނުކިޔާ… އަހަރެން ވަރަށް ބޭނުން އަހަރެންގެ ކޮއްކޮ އަކީ ކާކުކަން އެނގެން.. އެކަމަކު މިވަރުން ދާނަމަ ހިޔެއް ނުވޭ އެއީ ކާކުކަން އަހަންނަށް އެނގޭނެހެން” ދުރު ބަލާލަމުން ކާއިން ބުނެލިއެވެ. އާއިލީ ގުޅުމަކީ ކިހާ މުހިއްމު އެއްޗެއް ކަން އޭނާއަށް ދަސްވެފައި ވަނީ މާކޯނި ގެއިންނެވެ. އެކަކު އަނެކަށް އެހީތެރިވެދީ މަޖާކޮށް ހީސަމާސާކޮށް ހަދައެވެ. އަދި ލޯބި ދީ އަޅާލައެވެ. ކާއިންވެސް އެފަދަ އާއިލާއެއް ބޭނުމެވެ.

“ބައްޕައަށް އެހަބަރު ދިން ރައްޓެއްސަށް ނުގުޅަންތަ… އޭނައަށް ތިކަން އެނގުނު ގޮތަށް އިތުރު އެއްޗެއްވެސް އެނގިދާނެއެއްނު” އަޝްވާ ބުނެލިއެވެ. ކާއިން އާއިލާއަކަށް ބޭނުންވާ މިންވަރު އަޝްވާއަށް އެނގެއެވެ. ސީދާ އެހެން ނުބުނި ކަމުގައި ވިޔަސް އަޝްވާމެންގެ އާއިލާއާއި އެކު ވަގުތު ހޭދަކުރަން ކާއިން ކޮންމެވެސް ބަހަނާއެއް ދައްކާނެއެވެ. އަދި މައިންބަފައިން ވަރިއާއި ހިސާބަށް ދިޔުމުން ކާއިންގެ މިޒާޖަށް އައި ބަދަލު އެއްމެ ކައިރިން ދުށް އެކަކީ އަޝްވާއެވެ.

“އެމީހާ ބުނީ ބައްޕަ އެކައިވެޏެއް ކުރީ މާކުރިން ކަމުން ތިމަންނައަކަށް ނޭނގެއޭ އެމީހާގެ ނަމެއް.  ދެތިން އަހަރު ކުރިން މަގުމަތިން ފެނިގެން ތިމަންނަ ކައިރިއަށް އައިސް ބުންޏޯ ބައްޕަގެ ދަރިއެއް ހުރި ވާހަކަ ބުނާށޭ… އަދި ބައްޕަގެ އެހީތެރިކަން ނުލިބުނަސް އެކުއްޖާ ހުރީ ހެޔޮ ސިއްހަތުގައޭ.. އަދި އެކުއްޖާއަށް އޭނަގެ އަސްލު ބައްޕައަކީ ކާކުކަން ނޭނގޭނެއޭ. އެހެންވީމަ ހާސްވެގެން އުޅޭނެ ކަމެއް ނެތޭ” ކާއިން ތަފުސީލުކޮށް ކިޔާ ދިނެވެ.

“ކީއްވެ ތި މީހަކު ކާއިންގެ ބައްޕަ ކައިރީ އެވާހަކަ ނުބުނެ ތިހާ ގިނަ ދުވަސްކުރީ” އަޝްވާ އޭނާގެ ހިތަށް އެރި ސުވާލުކޮށްލިއެވެ.

“ބައްޕަ ބޭރަށް ބަދަލުވި އިރު ވަރަށް ގާތް މީހުންނަށް ނޫނީ ނާންގާ ބަދަލުވާން އުޅުނު ކަމެއް، އެހެންވީމަ އޭނައަކަށް ނޯންނާނެއެއްނު ބައްޕައަށް އެހަބަރު ދޭނެ ގޮތެއް” ކާއިން އަޝްވާއަށް ބަލާލުމަށްފަހު ބުނެލިއެވެ.

“ދެން ތިކަމާ ނުވިސްނާ” ކާއިންގެ ސީރިއަސްވެފައިވާ މޫނު ފެނިފައި އަޝްވާ ބުނެލިއެވެ. އޭނާއަށް ކާއިން ފެނުނު ދުވަހުން ފެށިގެން ކާއިންއަކީ މިޒާޖުގައި ސަކަރާތް ޖެހުން ބޮޑު މީހެކެވެ. ދިރިއުޅުމުގައި މަދު ކަންތަކެއް ނޫނީ ސީރިއަސްކޮށް ނަގާ މީހެއް ނޫނެވެ. އަބަދުވެސް އުޅޭނީ ކޮންމެވެސް މީހަކަށް އުނދަގޫކޮށް ޖެއްސުމެއް ކޮށްލެވޭތޯއެވެ. ހަޔާތަށް އައި އަންހެން ކުދިންގެ ލިސްޓު ހަނދާނުގައި ބެހެއްޓޭ ވަރަށް ވުރެ ގިނައެވެ. އެތައް ކަމެއްގައި އިންތިހާއަށް ފަރުވާ ކުޑައެވެ. އެހެންނަމަވެސް މިހާރަކަށް އައިސް ކާއިންގެ މިޒާޖު ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. ގިނަ ވަގުތު ހުންނަނީ ސީރިއަސްކަންމަތީގައެވެ. ކޮންމެވެސް ކުރަން މުހިއްމު ވެފައެވެ.

“ޝަނުމް އެބަ އުޅޭ މާދަމާ ދަތުރުދާން.. އަހަރެން ނުދާން ބަހަނާ ދެއްކީމަވެސް ކޮންމެވެސް ގޮތަކުން އެކަމަކަށް ހައްލު ހޯދާ.. އަދި ބުނި އެއްޗެއް އެނގޭތަ! ތިމަންނައާއި އެކީ ވަގުތުކޮޅެއް ހޭދަކޮށްލީމަ ލޯބިވެވޭނެއޭ.. އެހެންވެޔޯ މިދަތުރުދާން ބޭނުމީވެސް” ދެމީހުންގެ މެދަށް ކުޑަ ހަމަހިމޭންކަމެއް ވެރިވުމަށްފަހު އަޝްވާ ބުނެލިއެވެ. އަޝްވާއަށް ޝަނުމްގެ ވާހަކަ ދެއްކޭ ހަމައެކަނި މީހަކީ ކާއިންއެވެ.

“ޝަނުމް އެހެން އުޅެން ހަދައިގެން އަހަންނަށް މިއަށްވުރެ ބޮޑަށް ޝަނުމްގެ ދެކެ ލޯބިވެވޭތަން އަންނާނީ.. މިހާރުވެސް އަހަރެން މިބަލަނީ ޝަނުމް ކުރިމައްޗަށް ނޭރޭތޯ.. އެކަމަކު އޭނަ ނޫޅޭ ގޮތް ދޫކުރާކަށް.. ކާއިން! އަހަރެން ކިހިނެތްތަ ދެން ހަދަންވީ” ދެލޯބޮޑުކޮށްލަމުން ކާއިންއާއި ދިމާލަށް ބަލާލަމުން އަޝްވާ ބުނެލިއެވެ.

“ޗެރީ ތިހާވަރަށް ޝަނުމް އާއި ދޭތެރޭ ވިސްނާތީއޭ ތިހެން ތިވަނީ.. ތިހުރިހާ ވިސްނުމެއް އެހެން މީހަކަށް ބަދަލުކޮށްލަބަ.. އަހަރެންވެސް މިހިރީނު” ސީރިއަސްކޮށް ވާހަކަ ފަށައިގަތުމަށްފަހު ފަހުން މަޖާވެލަމުން ކާއިން ބުނެލިއެވެ.

“އަހަންނަށް ވިސްނޭނީ އަހަންނަށް ތައުރީފު ކޮށް، އަހަރެން ދެކެވެސް ލޯބިވާ މީހެއް ދެކެ ދޯ” ކާއިން އެހެން ބުނުމުން އަޝްވާ ބުނެލިއެވެ.

“އޯކޭ.. މީގެ ފަހުން އަހަރެން ޗެރީއަށް ތައުރީފުކުރާނަން. އަދި އެޝަނުމް ޗެރީ ދެކެ ލޯބިވާ ވަރަށްވުރެ ދެގުނަ ބޮޑުކޮށް ލޯބިވާނަން.. އޭރުން ތި ބަހަނާއެއް ނޯންނާނެއެއްނު” ކާއިން އަޝްވާ ކުރިމައްޗަށް ޖެހިލަމުން ބުނެލިއެވެ. އަޝްވާ އިސްޖަހައިލުމަށްފަހު ކާއިންއައި ދިމާލަށް ބަލާލީ ހިނިތުންވެލަމުންނެވެ.

“ކާކު ބޭސްގަނޑު އަޅައިދިނީ.. ދައްކަބަލަ އަހަރެން ބަލާލަން”އަޝްވާ ނޭފަތުގައި ހިފައި މަޑު އާހެއް ބޭރުކޮށްލުމުން، ކާއިން އަޝްވާ ކައިރިއަށް ޖެހިލަމުން ބުނެލިއެވެ. އަދި އަޝްވާގެ ކޮނޑުގައި ހިފައި އަނެއް ކޮޅަށް އަބުރައިލީ އެތާގައި ހުރި ބޮކިން ރަގަޅަށް އަލިވަނީ އެދިމާލުން ކަމަށް ވާތީއެވެ.

“އަހަރެން އަމިއްލައަށް.. ބޭބެ ބޭސްއަޅާއިރު ބަލައިގެން ހުންނާތީ މިހާރު އަމިއްލައަށް އެކަހަލަ ކަންތައް ކުރަން ދަސްވެއްޖެ” އަނެއްކާވެސް ނޭފަތުގައި އަތްލަމުން އަޝްވާ ބުނެލިއެވެ.

ކާއިން އަޝްވާގެ މޫނުގައި ހިފައި އިތުރު އަނިޔާއެއް ލިބިފައި ހުރިތޯ ބަލަން އުޅުނެވެ. އެވަގުތު ކާއިންގެ ލޮލުގައި އަޅައިގަތީ އަޝްވާގެ ކެބިންގެ ދޮރު ކައިރީ ހުރި ޝަނުމްއެވެ. އެމީހުންނާއި ދިމާލަށް ބަލަހައްޓައިގެން ހުރީ ހައިރާންވެފައެވެ.

“އަޝްވާ” ދޮރުގައި ޓަކި ޖަހާލަމުން ޝަނުމް ގޮވާލިއެވެ.

“ޝަނުމް..” ކާއިންގެ އަތް ދުރުކޮށްލަމުން އަޝްވާ ފަހަތަށް އެބުރިލައި ގޮވާލިއެވެ.

“ބިޒީ ގަޑިއެއްތަ މިއީ.. އަހަރެން ދަތުރާއި ބެހޭ ގޮތުން ވާހަކައެއް ދައްކާލަން” ކާއިންއަށް ބަލާލުމަށްފަހު ޝަނުމް ބުނެލިއެވެ.

” ދުރުގައި ތިބޭ  މީހުންނަށް ގުޅަން ޝަނުމް އަތުގަ ފޯނެއް ނޯވޭތަ؟” ކާއިން އެތަނުން ދާން ހިގައިގަންނަމުން ޝަނުމްއާއި އަރާ ހަމަކުރަމުން ބުނެލިއެވެ. ޝަނުމް އެޔަށް ވަކި ރައްދެއް ނުދީ ހިނިތުންވެލިއެވެ.

“ސޮރީ ކާއިންގެ ގޮތް އެގެއެއްނު.. ކޯއްޗެއް އަހާލަން ބޭނުންވެގެން ތިއައީ” ކާއިން ދިޔުމުން އަޝްވާ ބުނެލިއެވެ.

“މާދަމާ ފުރުން އޮތީ ކިހާ އިރަކުތޯ އަހާލަން” ޝަނުމް ގޮސް އަޝްވާގެ ކޮޓަރީގައި ހުރި ސޯފާގައި އިށީންނަމުން ބުނެލިއެވެ.

“ހަމައެކަނި ފުރާގަޑި އަހާލަން ތިއައީ؟!! އެހެންވީމަ މިފަހަރު އަހަންނަށް ބުނެވޭނީ ކާއިން ވެސް ބުނިހެން، ފޯނެއް ނުގެންގުޅެނީތަ” އަޝްވާ އޭނާއަށް ހާއްސަކުރެވުފައިވާ ގޮނޑީގައި އިށީންނަމުނުން ބުނެލިއެވެ.

“ފޯން އެބަ އޮތް. އަހަރެން ގިނައިން ފޯނު ބޭނުން ކުރަނީ ދެކެން ބޭނުންނުވާ މީހުންނާއި ވާހަކަ ދައްކަން.. މިއަދު ހެނދުނު  ސައިބުއި ފަހުން ދިމާނުވާތީ އަޝްވާ ދެކިލާތުން މިއައީ” ރަކި ގޮތަކަށް ހީލަމުން ޝަނުމް ބުނެލީ ޖީބުގައި އޮތް އޭނަގެ ފޯނު ނަގައި ސޯފާ މޭޒުމަތީ ބާއްވަމުންނެވެ.

“ތިހާ ވަރަށް އަހަރެން މަތިން ހަނދާން ވަންޏާ ޝަނުމް ޑިޔުޓީއަށް ގޮސް އުޅެނީ ކިހިނެތްތަ. ފޯނުގަ އަހަރެންގެ ފޮޓޯގަނޑެއް ބާއްވަންދޯ ހަނދާންވާ އިރަށް ބަލާލަން” ދެކޮޅަށް ބޯ ހޫރުވާލަމުން އަޝްވާ ބުނެލިއެވެ.

“ނޫނޭ.. ހަނދާންވީމަ ލޯ މައްޗަށް ސިފަކޮށްލަނީ..” ކުރިމަތީ އަތް ހިންގާލަމުން ޝަނުމް ބުނެލިއެވެ.

ދެމީހުން މިވާހަކައިގައި ތިއްބާ އެތަނަށް ރީމް އައީ މުވައްޒަފުންގެ މުސާރަ ޝީޓުތަކުގައި އަޝްވާ ލައްވައި ސޮއިކުރުވާށެވެ.

“މިހުރިހާ އެއްޗެއްގަ ސޮއި ކުރައްޗޭ.. އަހަރެން ހުންނާނީ ތިންވަރަކަށް ފަހަރު ޗެކު ކޮށްފަ” ރީމް އައިސް އަޝްވާ މޭޒުމަތީ ފައިލްތައް ބަހައްޓާލަމުން ބުނެލިއެވެ.

“ހިނގާ ބަލަ ސައިބޯން ދާން… އަހަރެން ކޮފީ ތައްޓެއް ބުއި ގޮތަށް މިހިރީ.. ހިންދުއަށް ގުޅީމަ ބުނީ އަޝްވިންގެ ގަމީސް ފަހަން އެތަނަށް ގޮސްގެންނޭ މިއުޅެނީ” ރީމް ބުނެލިއެވެ. އެވަގުތު އެތަނުގައި ޝަނުމް އިން ކަމެއް ނޭނގެއެވެ.

“އަހަރެންވެސް ވަރަށް ބިޒީވާނެއޭ މިއަދު.. ޝަނުމް ގޮވައިގެން ދާންވީނު.. މިއަދުން ފެށިގެން ޗުއްޓީގަ އެހުންނަނީ” ޝަނުމް އާއި ދިމާލަށް އިގިލި ދިއްކޮށްލަމުން އަޝްވާ ބުނެލިއެވެ.

” ޝަނުމް ހިނގާ އަހަންނާއި އެކީ ދާން” ރީމްއަށް ޝަނުމް ފެނުމުން ބުނެލިއެވެ.

“ނޫނޭ.. އަހަރެން މިއައީ ގެއިން ސައިބޮއިގެން” ބަނޑުހައިވެފައި ހުރި ނަމަވެސް ރީމްއާއި އެކީ ނުދާން ޝަނުމް ބަހަނާއެއް ދައްކާލިއެވެ.

“އެއްމެ ރޮއްޓެއް ކެއީމަ ނުބުނެވޭނެ ދޯ ސައިބޮއިފީމޭ.. ދޭބަލަ ރީމް އާއި އެކީ” ޝަނުމްއަށް ބަލާލަމުން އަޝްވާ ބުނެލިއެވެ.

“ހިނގާ ބަލަ ދާން… ޝަނުމް ސައިނުބިއަސް އަހަރެންނާއި އެކީ ދެވިދާނެ އެއްނު” ރީމް ގޮސް ޝަނުމްގެ އަތުގައި ހިފައި ތެދުކުރުވަން އުޅުނެވެ.

 

“އަޝްވާ ނުދަންޏާ އަހަރެން ނުދާނަން” ޝަނުމް ވަރުގަދަ ޝަރުތެއް ކޮށްލިއެވެ. އަޝްވާ ޝަނުމްއަށް ބަލާލައި ދެކޮޅަށް ބޯ ހޫރުވާލިއެވެ. ޝަނުމްގެ ގޮތް ދޫނުކުރުމުގެ ސިފަ ހާދަ ބޮޑޭ ހިތަށް އަރުވަމުންނެވެ.

“އޯކޭ ހިނގާ ދާން.. އަހަރެން އެބަ އަންނަން ކާއިން ގޮވައިގެން” އަޝްވާވެސް ހުރީ އޭނާގެ ގޮތުގައެވެ. އެހެންކަމުން ކައިރީގައި ހުރި ފޯނުން ކާއިންގެ އެސްޓެންޝަށް ގުޅާލައި އަވަހަށް ސައިބޯން އައުމަށް އެދުނެވެ.

ކާއިން އައުމުގެ ކުރިން ޝަނުމް ތިރިއަށް ފޭބީ ސައިކަލު ޕާކުކޮށްފައި ހުރީ ތަންކޮޅެއް ދުރުގައި ކަމުން އެބަލައެވެ.

ޝަނުމް އަންނަން ދެން ރީމް ބޭރުގައި ހުއްޓައި އަޝްވާ ކާއިން  އާއި އެކީ އައެވެ. އައެވެ. އެމީހުން އައި ވަގުތަކީ ޝަނުމް އައިސް ރީމް ކައިރިއަށް މަޑުކޮށްލި ވަގުތެވެ.

“ހިނގާ އެއްމެން ސައިބޯން ދާން.. ވަރަށް ދުވަސް ވެއްޖެ އެއްނު އެއްމެން އެއްކޮށް ކަމެއް ނުކޮށްލާތާ… އަހަރެން އެބަ ގުޅަން ހިންދުއާއި އަޝްވިން އަށް” ރީމް ހިޔާލެއް ދިނެވެ.

“އާން ހިނގާ ދާން.. ބޮސް  އަހަންނަށް ލަންޗަށް ދާން ވަގުތެއްވެސް ނުދޭވިއްޔާ” ރީމްއާއި އެއްބަސް ވެލަމުން ކާއިން ބުނެލިއެވެ. ރީމް ހިންދުއަށް ގުޅާފައި އަންނަން ވީ ތަނެއް ބުނެފައި ޝަނުމްގެ ފަހަތަށް ސައިކަލަށް އެރިއެވެ. އަޝްވާ ކާއިންއާއި އެކީ ދާން ސައިކަލަށް އެރިއެވެ. ކާއިން އައިސް ޝަނުމް ކައިރީ މަޑުކޮށްލިއެވެ. އަޝްވާ ބަލައިލީ ޝަނުމް އަށެވެ. އެކުވެރިޔާއަށްޓަކައި އުފާވިޔަސް ލޯބިވެރިޔާ އެހެން  މީހަކާއި އެއްކޮށް އުޅޭތަން ފެނި ކޮންމެ މީހަކަށްވެސް ކުރާނެ އިހުސާސް މޫނު މަތިން ފާޅުވެއެވެ.

ކާއިން ޝަނުމްއަށް ވުރެ ބާރަށް ސައިކަލު ދުއްވާލިއެވެ.  އެމީހުންނަށް ވުރެ ކުރިން މަންޒިލާއި ހަމައަށް ދެވޭ ތޯ އެއްނޫނެވެ. ޝަނުމްއާއި އެކީ އެހެން ކުއްޖެއް އިންނަ ތަން ފެނިއްޖެނަމަ އަޝްވާ ދެރަވާނެކަން އެނގޭތީއެވެ.

. އެމީހުންނަށް ދެވުނު އިރު ހިންދުއާއި އަޝްވިން އިންތިޒާރުގައި ތިއްބެވެ.

“ޝޮޕިންކޮށް ނިމުނީތަ މިހާރު” ސައިކަލުން ފައިބަމުން އަޝްވާ ބުނެލިއެވެ.

“އެއް ދުވަހުން ހުރިހާ ކަމެއް ނިމޭތަ. އަޝްވާވެސް މިކައިވެންޏާއި ދިމާކޮށް ވިއްޔާ ވަޒީފާއަށް ތިނިކުތީ” ހިންދު ބުނެލިއެވެ.

“ދެމީހުން އެވަރަށް ޒުވާބުކޮށް ފައިޓުތައް ހިންގީމަ އަހަރެން ހީކުރީ ދުވަހަކުވެސް ކައިވެންޏަކާއި ހިސާބަށް ނުދާނެ ކަމަށް. އެހެންނޫނަސް ބޭބެ އަކީ އެހާ ކުއްލި ކުއްލިއަށް ކަންތައް ކުރާ މީހެއް ނޫން. ލިއުޝާއާއި މެރީކުރަންވެސް ހަމައެކަނި ތައްޔާރުވާން އެއް އަހަރު ނެގި” އަޝްވާ ދިމާކޮށްލާ ރާގަކަށް ބުނެލިއެވެ. ލިއުޝާގެ ވާހަކަ ދެއްކުމުން ހިންދު އަޝްވިން އަށް ބަލައިލިއެވެ.

“ތީ މާ ކުރީ ޒަމާނުގެ ވާހަކައޭ. ޒަމާނާއި ވަގުތާއި އެއްވަރަށް އަހަރެންވެސް ބަދަލުވާނެ.. އަދި މިހާ ފުރިހަމަ ކުއްޖެއް ލިބުނީމަ މެރީ ނުކޮށް ހުރުން ވާނީ ބޭކާރު ކަމަކަށް” ހިންދުއަށް ހިނިތުންވެލަމުން އަޝްވިން ތައުރީފުކޮށްލިއެވެ.

“އަހަރަމެންނަށް އިސްތިގުބާލު ކުރަންތަ އެތެރެއަށް ނުވަދެ ތިތިބީ” ޝަނުމް އާއި އެކީ އައި ރީމް ސައިކަލުން ފައިބަމުން ބުނެލިއެވެ.

“ދޭ އެތެރެއަށް.. އަހަރެން އެބަ އަންނަން ސައިކަލު ޕާކުކޮށްލާފަ” ޝަނުމް ވާހަކަ ދެއްކީ އޭނާ ކައިރީ ހުރި ރީމް އާއިއެވެ.

ތައްޓަށް އެކި ބާވަތްތައް އަޅައިގެން އެއްމެން އެއް މޭޒެއްގެ ދޮށުގައި އިށީނެވެ. ޝަނުމް އަޝްވާއާއި ޖެހިގެން އިން ގޮނޑީގައި އިށީންނަން އުޅުމުން ކާއިން އަވަސް އަވަހަށް ގޮސް އެ ގޮނޑީގައި އިށީނެވެ. އެތަން ފެނިފައި ރީމް ޝަނުމްގެ އަތުގައި ހިފާލިއެވެ. އަދި ޝަނުމް ގޮވައިގެން ގޮސް އަޝްވާ އާއި ކާއިން ކުރިމަތީ އިން ގޮނޑިތަކުގައި އިށީނެވެ. ހިންދު އިނީ ކާއިން އާއި ޖެހިގެން އަޝްވިންގެ ކުރިމަތީގައެވެ.

“ބޯނެ އެއްޗެއް ގެންނަންތަ” އެއްމެންގެ ކައިރީ ޖޫސްތަށިތައް ހުރި އިރު އަޝްވާއަށާއި އޭނާއަށް ޖޫސްތައްޓެއް ނެތުމުން ކާއިން އަހާލިއެވެ.

“އާން.. އަނބު ޖޫސް ތައްޓެއް” ކާއިން ޖޫސް ބަލާ ދާން ތެދުވުމުން އަޝްވާ ބުނެލިއެވެ.

“ކާއިން!  އޯކޭ އަޝްވާއަށް ޖޫސް ނުގެނެޔަސް.. އަން މި ތަށި ބޯލާ.. އަހަރެންނަށް އެހާ ކަމުދާ އެއްޗެއް ނޫން އަނބު ޖޫހަކީ” ޖޫސްތަށި އަޝްވާ އާއި ކައިރިކޮށްލަމުން ޝަނުމް ބުނެލިއެވެ. އަޝްވާ ހަދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ. ކާއިން ގާތަށް އައީ ރުޅިއެވެ. ރީމް ސުވާލުގެ ނަޒަރުން ބަލައިލީ ޝަނުމް އަށެވެ.

“އަނބު ޖޫސް ނުބައިވަރު ކީއްވެ އެ ނެގީ.. އޮޅިގެންތަ” ރީމް އަހާލިއެވެ.

“އާން…” ކުޑައިރުކޮޅަކު ވިސްނަން އިދެފައި ޝަނުމް ބުނެލިއެވެ.

Share Article

Follow Me Written By

maroon

Level 710 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ހިތާ ފުރާނައިން… (22)

Next

ލޯބިއެހެނަސް..3

Next
January 31, 2018

ލޯބިއެހެނަސް..3

Previews
January 30, 2018

ހިތާ ފުރާނައިން… (22)

15 Comments!

  1. Zaaraa says:
    January 30, 2018 at 9:48 pm

    Mivaahaka up vitho miadhu mihaaru haehka faharu balaa levijje kiyaahithun????

  2. Kommes kujjeh says:
    January 30, 2018 at 10:19 pm

    ………First me dhw varah reethi

  3. Zaaraa says:
    January 30, 2018 at 10:29 pm

    Hoi Hoi varah reethi mi part vex ???
    Laigen huri faivaaneh noo.. araigen huri faivan mihen liyunyma hen heevani reethivaani??
    Waiting for next part ??? adhi miry up koh dhynantha?

  4. Thoo says:
    January 30, 2018 at 11:12 pm

    Awesome

  5. Zuam says:
    January 30, 2018 at 11:40 pm

    Masha Allah …. varah varah varah reethi
    ❤❤❤❤❤❤❤

  6. Eliin says:
    January 30, 2018 at 11:48 pm

    Oooh woah. ..so nice… ??alhey adhi one more partup kohdhyba plxxxx ..waitin

  7. Rish says:
    January 30, 2018 at 11:52 pm

    Vrh reethi ??? alhey kihineh thr mivany rish heekuree shanum kaain gaathu ashva dheke lwbi vaa vaahaka bunyma ashva ah ehyvedheyn kaain shanum gaathu ashva vx lwbi vaa vaahaka bunaane kamah ekm eheneh noon dhw mi vee so sad ? alhe maroon thihn nuhadhaa ashva n shanum gulhuvaba please… I love this story ?? ly maroon ?

  8. Maa says:
    January 30, 2018 at 11:55 pm

    Nice…… waiting for next part….. plzzzz one more part tonight

  9. Q says:
    January 31, 2018 at 12:22 am

    Ashwa and kaain
    Reem and shanum gulhu v ma stry v salhi vaane.eerah friends dheythere massala eh nujehey nun .it’s just an idea..

  10. maikko says:
    January 30, 2018 at 7:42 pm

    Varah reethi was waiting for this……… The story is nice…by the way kain ge sis aky fihaara thereyn fenunu reem vahtharu kuhjaatha…….❤?love u lots

  11. Pinky shifoo says:
    January 30, 2018 at 7:51 pm

    Superb ?????…. Varah varah varah reethi mi part vx maroon ???… Varah ufaavey ehaa dhigukoh Story genesdheythy ??… U are really good ???… Mi Story ge hurihaa parteh vx varah varah reethi n varah shaugaa eky knme partehvx mi kiyaalany ????… Eagerly waiting for the next part… Tc n loves ???❤️?…

  12. Shaa says:
    January 30, 2018 at 8:39 pm

    V v reethi ekam dheloabi verin gulhuvahchey

  13. Shudha says:
    January 30, 2018 at 10:37 pm

    alhey maroon… shudha mihiry dhn vaane gotheh neygeythy… hiy thelhi thelhi… suvaalu mark thakeh ge there ah fonuvaalaafa thi nimmaaly… baeh faharu hyvey ashwa aa shanum hen ves… ashwa aa kaain aa hen ves.. and shudha ah hyvaa gothuga laptop vagah negi myhaa aa reem follow kuraa myhaa ei ekeh… aahh?… Masha Allah v reethi mi part ves… keep up the gud work maroon.. ur skills are improving day by day… Thank u … loveees❤?❤?

  14. mahi says:
    February 18, 2018 at 10:43 pm

    Aslu maroo ah kihineh office dhaaira in ehaa baivaru
    ……. echehi ingeny

  15. mahi says:
    February 18, 2018 at 10:45 pm

    Vvvv reethi story eh mee mistakes hunnane but dhen e mistakes thah hama rangalhu kureveyne … keep it up luv??

Comments are closed.


All Right Reserved!