ނިހާއަށް ގޮވަމުން އުއްޑުން ޖަހާލުމާއެކު ކަރު ދަށުގައިވާ ވަކީގެ ނިޝާންތައް ފެނުނެވެ. ނިހާއަށް ގޮވާގޮވާ ހަބަރެއް ނުވުމުން ނިހާ ނޭވާލާތޯ ބަލާލިއެވެ. ނިހާ ނޭވާނުލާހެން ހީވުމާއެކު ނިކާލްގެ ވަށައިގެން މުޅި ދުނިޔެ ބާރަށް އެނބުރި ގަތްހެން ހީވިއެވެ. އެއްވެސް އިޚްތިޔާރަކާ ނުލާ އޭނާގެ ދެ ލޮލަށް ކަރުނަ ޖަމާވެގަތެވެ.
އިންޝާ ފެންވަރައި ލައިގެން ނުކުތް އިރު ނަޒީލް ފެންނާކަށް ނެތެވެ. ރޫ ޖެހިފައިވާ އެނދުމަތި ފެނުމާއެކު އޭނާގެ ހަނދާނަށް އައީ ރޭގެ ހާދިޘާއެވެ. އެ އެނދުމަތިން ލިބުނު އަނިޔާތަކެވެ. ރުއި ރުއިމާއި ކުރި އާދޭސްތަކެވެ. އިރެއްގައި އެތަނަކީ އަރާމާއި އުފަލުގެ ދާނަކަށްވިޔަސް މިއަދު އިންޝާއަށް އެތަން ފެންނަމުންދަނީ ކަށިކުނބުރު ޖަންގައްޔެއް ގޮތަށެވެ. އެހަނދާންތައް އޭނާއަށް ބިރުވެރި ހުވަފެނެއް ފަދައެވެ. އިންޝާ އުނދަގޫ ގޮތަކަށް ހިނގާލައިފައި ގޮސް ރީތިވާ މޭޒު ކުރިމަތީގައި އިށީނެވެ. ކުރިމަތިން ފެންނަންހުރި ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލެވުނެވެ. އޭނާގެ ކޯތާފަތް މަތީ ނޫފައި ގަނެފައިވާ ހިސާބުގައި އަތް ޖައްސާލުމާއެކު ލޮލަށް ކަރުނަ ގިނަވާން ފަށައިފިއެވެ. މޭކަޕް އިން އެ ނިޝާންތަށް ފޮރުވުމަށް އިންޝާ މަސައްކަތްކުރިއެވެ. އެ ނިޝާންތަކުގެ ކުލަ ފަނޑުވި ނަމަވެސް ދުޅަވެފައި ހުރުމުން އަނިޔާ ސިއްރުކުރެވޭނެ ގޮތެއްނުވިއެވެ.
ނިކާލް ބާރަށް މަންމާއޭ ކިޔާފައި ގޮވާ އަޑަށް އިންޝާ ސިހުނެވެ. އޭނާ ދޮރު ހުޅުވާ ބަލާލިއެވެ. ނިކާލް ބާރު ހިނގުމެއްގައި ޞަފިއްޔާއާ ދިމާއަށް ދާ މަންޒަރު ފެނުނެވެ. ޞަފިއްޔާވެސް ހާސްވެފައި ހުރެ ނިކާލްއާ ދިމާއަށް އާދެއެވެ.
“..މަންމާ އާދެބަލަ! ބާރަށް ހިނގާބަލަ!..” ނިކާލް ޞަފިއްޔާ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ނިހާގެ ކޮޓަރިއާ ހަމައަށް ގެނަޔެވެ. “..ނިހާއަށް މިއޮތީ ކޮންމެވެސް ކަމެއްވެފަ ބަލާބަލަ!..”
ޞަފިއްޔާ މަގޭ ދަރިއޭ ގޮވަމުން ކޮޓަރިއަށް ވަނެވެ. ނިކާލްވެސް ފަހަތުން ވަނެވެ. އިންޝާގެ ދެލޯ ބޮޑުވިއެވެ. ނިހާއަށް ކިހިނެއްވީ ހެއްޔެވެ؟ ނިހާއަށް ވީގޮތެއް ބެލުމަށް ހިތް އެދުމުން ބޭރަށް ނުކުމެފައި އޭނާއަށް ކޯތާފަތުގައި އަތް ޖައްސާލެވުނެވެ. އޭނާއަށް އަނިޔާ ލިބުނު ގޮތެއް މަންމަމެން ބަލަން ބޭނުންވާނެއެވެ. ސުވާލުކުރާނެއެވެ. އިންޝާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އަމިއްލަ ފިރިމީހާގެ ނުބައި ކަމުގެ ވާހަކަ ދެއްކުމަކީ އިންޝާއަށް ފަސޭހަ ކަމެއް ނޫނެވެ. ނިހާ ގާތަށް ދާން ބޭނުންވިޔަސް ދެވެން ނެތުމުން އިންޝާ ކޮޓަރިތެރެޔަށް ދެމިގަނެ ދޮރު ކައިރިކޮށްލައިގެން ބޭރު ބަލަން ހުއްޓެވެ.
“..ނިހާ ނޭވައެއްވެސް ނުލަޔޭ މަންމާ..” ނިކާލް ހާސްވެފައި އިނދެ ގޮވަމުން ދިޔައެވެ. “..ކޮންމެވެސް މީހަކު ރޭގަ މިތަނަށް ވަދެއްޖެ.. ނިހާގެ ދުވަސް ދުއްވާލާފަ މިއޮތީ! ބަލާބަލަ ކަރުދަށް! އެހެރީ ނިޔަފަތި އަޅުވާ ލޭ ހިލުވާލައިފައި! އަތްވެސް މިއޮތީ ރަތްވެފައި!..”
ނިހާއަށް ލިބިފައިވާ ޒަހަމްތައް ޞަފިއްޔާއަށް ނިކާލް ދައްކަމުންދިޔައެވެ. ނިހާގެ ހާލަތު ފެނިފައި ޞަފިއްޔާގެ ދެފައިކޮޅު ތުރުތުރު އަޅަންފެށިއެވެ. އެކުއްޖާގެ އެއްވެސް ހަރަކާތެއް ނެތެވެ. ޞަފިއްޔާ ނިހާގެ ގާތުގައި އިށީނދެ ނިތްކުރި މަތީގައި އަތް ބާއްވާލިއެވެ. ނިހާގެ ހުންގަދަ ކަމުން ސަފިއްޔާގެ އަތްތިލަ ހީވީ ފިހިދާނެހެންނެވެ.
“..ނިހާ މިއޮތީ ހުންއައިސްފައި..” ޞަފިއްޔާ އަވަހަށް ބުނެލިއެވެ. “..އަވަސްކުރޭ ދަރިފުޅާ ނިހާ ހޮސްޕިޓަލަށް ގެންދަން އުޅޭ! ނިހާ ނޭވާވެސް އެބަލަޔޭ! އަވަސްކުރޭ!..”
ނިކާލް އަވަހަށް ނިހާގެ މޫނުގައި އަތް ޖައްސައިލިއެވެ. މަންމަ އެ ބުނީ ތެދެކެވެ. ނިހާ އޮތީ ހުންގަދަވެގެން ގޮސް ބުރާންތިވެފައެވެ. ނޭވާވެސް ކުޑަކޮށް ލާކަން ފާހަގަވިއެވެ. ނިކާލް ހާސްވެފައި ހުރިވަރުން އެކަންތައް ފާހަގަ ނުވީއެވެ.
ނިކާލް ޞަފިއްޔާ ގާތުން އެދުނީ ނިހާ އެއްޗެއް ލެއްވުމަށެވެ. ޞަފިއްޔާ ތެދުވެ އަލަމާރިން ލާނެ އެއްޗެއް ނެގިއެވެ. ނިކާލް ނިހާގެ ހަށިގަނޑު ސީދާކޮށްލަމުން ދެލޯ މަރާލިއެވެ. ޞަފިއްޔާ ވަރަށް މަސައްކަތުން ނިހާ ހެދުމެއް ލައްވައި ދިނެވެ.
“..އަވަސްކުރޭ އެންބިއުލާންސަށް ގުޅާބަލަ!..” ނިހާގެ ފަޔަށް ހަރުވާޅު ލައްވައި ނިމުމާއެކު ޞަފިއްޔާ ބުނެލިއެވެ.
“..ވަގުތެއް ނެތް..” ނިކާލްގެ ބާރު ގަދަ އަތް ދަނޑި މައްޗަށް ނިހާ ނެގިއެވެ.
ނިކާލް ބޭނުންވަނީ ވީ އެންމެ އަވަހަކަށް ނިހާ ހޮސްޕިޓަލަށް ގެންދާށެވެ. އެންމެ ސިކުންތެއްވެސް ބޭކާރުކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. ފާއިތުވެގެންދާ ކޮންމެ ސިކުންތަކީ ނިހާގެ ފުރާނައަށް ހުރި ނުރައްކަލެއްކަމަށް ނިކާލް ދެކުނެވެ. ނިހާ އަތް ދަނޑި މައްޗަށް ލައިގެން ސިޑިން ފައިބައި އޭނާ ދުއްވައިގަތެވެ. ގޯތި ތެރެއަށް ނުކުތްއިރު ގަރާޖުގައި އެންމެ ކާރެއްވެސް ނެތުމުން އޭނާ ހާސްވިއެވެ.
“..މަންމަ މިގުޅަނީ އެންބިއުލާންސަށް..” ފަހަތުން އައި ޞަފިއްޔާ ފޯނު ނަގަމުން ބުންޏެވެ.
ނިކާލް ބަހެއް ބުނުމެއްނެތި ނުކުތީ މަގު މައްޗަށެވެ. އެންބިއުލާންސަށް އިންތިޒާރުކުރުމަކީވެސް ފާއިތުވެގެންދާ ވަގުތުތަކެކެވެ. ނިހާއަށް އަވަސްވީ ގޮތަކަށް ފަރުވާ ބޭނުންވެއެވެ. ނިކާލް މަގު މަތިން ކާރެއް ލިބޭތޯ ބެލިއެވެ. ނިހާ އަތްދަނޑި މައްޗަށް ލައިގެން ހުރެ ދެކޮޅަށް ބަލަމުންދިޔަ އިރު ނިކާލް ދެލޮލުގައި ވަނީ ކަރުނައެވެ. ގޯޅިއަކުން ނުކުތް ކާރެއް ފެނުނެނެވެ. ނިކާލް އެދިމާއަށް ދުއްވައިގަތެވެ. ޞަފިއްޔާވެސް ބަރުހެލި ދުވުމެއްގައި ފަހަތުން ދިޔައެވެ.
********************************
އިންޝާ ދޮރު ލައްޕާލިއިރު އެދެލޯ ވަނީ ކަރުނުން ބަރާވެފައެވެ. އިންޝާ ދޮރުގައި ލެނގިލަމުން ހުރި ދިމާއަށް ތިރިވެ ދެކަކޫ މެޔާލާ ބޮނޑިކޮށް ލިއެވެ. އޭނާއަށް އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ. ނިހާ މިއަދު ތަހައްމަލު ކުރަމުންދާ ހުރިހާ ވޭނަކަށް ޒިންމާވާން ޖެހޭނީ ޚުދު އޭނާއެވެ. ނަޒީލްގެ ފަރާތުން ނިހާއަށް އަނިޔާ ލިބުނީ އޭނާގެ ސަބަބުންނެވެ. ކުއްވެރިޔަކީ އޭނާއެވެ. ނަޒީލްގެ ފޯނުން ނިހާގެ ވީޑިޔޯތައް ފެނުނު ހިސާބުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުނުނަމައެވެ. އެވާހަކަ ނިހާ ގާތުގައި ބުނެވުނުނަމައެވެ.
ދީޕިކާ އޮތީ ހަސްފަތާލުގައި އެނދުމަތި ކުރެވިފައެވެ. ހުމުގެ އަސަރު އަދިވެސް ދީޕިކާގެ ގައިން ނުފިލައެވެ. ގައިގެ ވަރު ދެރަވެފައިވުމުން އޭނާ އޮތީ އައިވީއެއް ގުޅައި ނިދާ އިންޖެކްޝަންޖަހައި ނިންދަވައިފައެވެ. ގާތުގައި އިށީނދެލައިގެން އިލްހާމް އިނީ ފޯނު ހިފައިގެން އެޔަށް ގެއްލިފައެވެ. އޭނާ އެތަނުގައި އިނީ އިންނަ ހިތަކުން ނޫންކަން މޫނު މައްޗަށް ބަލާލި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. ދީޕިކާގެ ހުންގަނޑު މައިތިރިވެގެން ނޫނީ ގެޔަށް ގެންދެވޭކަށް ނެތެވެ. އިތުރު އެހީތެރިޔަކު ނެތުމުން އެތަނުގައި ހުންނަން އިލްހާމްއަށް ވަނީ މަޖުބޫރުވެފައެވެ. އިލްހާމް ޞަފިއްޔާއަށް ގުޅައި ހޮސްޕިޓަލަށް އައުމަށް ވަނީ ބުނެފައެވެ. ނަމަވެސް ދެ ގަޑިއިރު ވެގެންދިޔަ އިރުވެސް ޞަފިއްޔާއަށް އާދެވުނުކަމަކަށް ނުވިއެވެ. އަންހެނުންގެ ތަތްކަމުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ.
ޑޮކްޓަރ ނާއިފް އަންނަތަން ފެނުމާއެކު އިލްހާމް މޫނުގެ ކުލަވަރު ބަދަލުކޮށްލިއެވެ. ނާއިފްގެ ފަހަތުން ނަރުސް ކުއްޖަކުވެސް އަޔެވެ. އިލްހާމް ހިނިތުންވެލަމުން ކޮޅަށް ތެދުވެލިއެވެ.
“.ދޫކޮށްލަނީ ތޯ..” ގެޔަށް ދާން ބޭނުންވެފައި ހުރިވަރުން އިލްހާމްއަށް އަހާލެވުނެވެ. ނާއިފް ކުޑަކޮށް މަޑުޖެހިލިއެވެ.
“..އަދި ދޫކޮށްލެވޭކަށް ނެތް އިނގޭތޯ..” ނާއިފް ޖަވާބު ދެއްވިއެވެ. “..އެނގިލައްވާނެ ދީޕިކާގެ ހުން ވަރަށް ގަދަޔަށް އެބަހުރި.. އަދިވެސް ހުމުގެ އަސަރު ކުޑަކުރެވޭ ގޮތް މިވަނީ ނުވެފައި! މާ ބޮޑަށް ހުންގަދަވުމުން ސިކުނޑިއަށް ހުމުގެ އަސަރުކޮށްފަވެސް ހުރެދާނެ! އެހެންވީމަ ޖެހޭނީ އޮބްޒަވޭޝަންގަ ބާއްވަން! މިދުވަސް ވަރަކީ ޑެންގޫ އާންމު ދުވަސްވަރަކަށް ވާތީ އަޅުގަނޑުމެން ބޭނުންވޭ ޑެންގޫއަށްވެސް ޓެސްޓުކޮށްލަން..”
“..އެންމެ ރަނގަޅު..” އިލްހާމް ގަދަކަމުން ހިނިތުންވެލިއެވެ.
ނާއިފް ހިނިތުންވެލުމަށްފަހު ދިޔައެވެ. ހަދަން ބޭނުންވާ ޓެސްޓުތައް ފާހަގަ ކޮއްފައިވާ ގަނޑެއް ނަރުސް ކުއްޖާ އިލްހާމް އަތަށް ދިނެވެ. ބިލު ދައްކާ މެމޯ ހެއްދުމަށް އިރުޝާދު ދެމުން ނަރުސް ކުއްޖާ ހިނގައި ގަތެވެ.
“..އަނެއްކާ މިޖެހުނީ އަނެއް ބަލާވެރިކަން! އަވަހަކަށް ގެޔަށް ދެވޭނެކަމަކަށް އުޅޭނެ ކަމެއް ނެތް!..” އިލްހާމް ހިތާހިތުން ކުދި ކިޔަމުން ކައުންޓަރާ ދިމާއަށް ދިޔައެވެ.
ބާރު ދުވެލީގައި ދުއްވާފައި އައި ކާރު ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު މައި ދޮރުން ވަނެވެ. ނިކާލް އަވަސް އަވަހަށް ދޮރުފަތް ހުޅުވާލީ ކާރު ރަނގަޅަށް މަޑުވެސް ނުކުރެވެނީހެވެ. ހޮސްޕިޓަލުން ނުކުތް މީހެއްގެ ގައިގާ ދޮރުފަތުން ނުޖެހުނީ ކިރިޔާއެވެ. ޑްރައިވަރު ރުޅި އައިސްގެން އެއްޗެހިތަކެއް ގޮވިއެވެ. ނިކާލް އެކަމަށް ސަމާލުކަމެއް ނުދީ ނިހާ އަތް ދަނޑި މައްޗަށް ނެގިއެވެ. ހޮސްޕިޓަލުގެ މަސައްކަތު މީހަކު ސްޓްރެޗަރ އެނދު ބާރަށް ދުއްވާފައި ގެނައީ ނިކާލް ދޮރުން ވަންނަނިކޮށެވެ. ނިކާލަށް ސްޓްރެޗަރ ފެނުނުހެނެއް ހިޔެއްނުވެއެވެ. އޭނާ ބާރަށް ދުވެފައި ދިޔައީ އެމަޖެންސީ ރޫމް އާ ދިމާއަށެވެ.
އިލްހާމް ބިލު ކޮޅު ހިފައިގެން ޖަނަލާއި ދިމާއަށް ދަނިކޮށް ނިކާލް ފެނުނެވެ. ނިހާ އަތްދަނޑި މައްޗަށް ލައިގެން ނިކާލް ދުވެފައި ދިޔަ މަންޒަރު ބަލަން ހުއްޓުން އަރާފައި އިލްހާމްއަށް ހުރެވުނެވެ. ނިކާލް ފަހަތުން ބާރަށް ހިނގާލައިފައި ދިޔަ ޞަފިއްޔާ ފެނުމާއެކު އޭނާ ހާސްވެއްޖެއެވެ. އަނެއްކާ އެކުއްޖާގަނޑު ކޮން ކުޅިގަނޑެއް ކުޅޭ ދުވަހެއް ބާއެވެ. އޭނާއަށް ބާރު ބާރަށް އެދިމާއަށް ހިނގައި ގަނެވުނެވެ. ނިކާލް ނިހާ ގޮވައިގެން އެމަޖެންސީ ރޫމު ތެރެއަށް ވަނުމުން ޞަފިއްޔާ ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ.
“..ޞަފިއްޔާ..” އިލްހާމް ޞަފިއްޔާގެ ފަހަތުގައި ހުއްޓިފައި ގޮވާލިއެވެ. “..ކިހިނެއްވީ؟؟..”
ޞަފިއްޔާ އެނބުރުނުއިރު އެދެލޮލުގައި ގިނަވެފައިވާ ކަރުނަތައް އިލްހާމްއަށް ފެނުނެވެ. ޔަޤީނުންވެސް ބޮޑުކަމެއް ވެއްޖެއެވެ.
“..އިލްހާމޫ މަގޭދަރި..” ޞަފިއްޔާގެ ބަޑި ފަޅައިގެންދިޔައެވެ. “..ނިހާ މަރައިފި! ރޭގައި މީހަކުވަދެ އެމަންޖެގެ ދުވަސް ދުއްވާލައިފި! އޭނާގެ އިއްފަތްތެރިކަން ލޫޓުވާލައިފި!..”
އިލްހާމްއަށް ލިބުނީ ޝޮކެކެވެ. އޭނާގެ ހަނދާނަށް އައީ ރޭގެ ވަގުތެއްގައި ދީޕިކާ ދެއްކި ވާހަކަތަކެވެ. ދީޕިކާ ހޭނެތިފައި އޮއްވައި އިލްހާމްގޮސް ގޮވާލުމާއެކު ފުންމައިގެން ތެދުވެ، ނިހާގެ ކޮޓަރިއާ ދިމާއަށް އިނގިލި ދިއްކުރަމުން ގޮވި ބަނދިވަރުތަކެވެ.
“..ނިހާއްކޮ ކޮޓަރި ނަޒީލް ހުންނަނީ ފެންނަނީ ވަންނަނީ ރަތް ލޯ..” އިލްހާމްގެ ސިކުނޑީގައި އެވާހަކަތައް ގުގުމާލިއެވެ.
ދީޕިކާ ކީ އެއްޗެއް އެވަގުތު އިލްހާމްއަށް ފަހުމު ނުވި ނަމަވެސް މިހާރު އެމަންޒަރު ވަރަށް ސާފުކޮށް ފެނިއްޖެއެވެ. ނިހާގެ ގަޔަށް ނަޒީލް އަރަން އުޅުނުކަމަށް ބުނެ ނިހާ ދެއްކި ވާހަކައަކީ ދޮގެއް ނޫނެވެ. އެއީ ހަޤީޤަތެކެވެ. އިލްހާމްގެ އެތެރެހަށީގައި ހުޅު ރޯވެގަތެވެ. ނިހާގެ މައްޗަށް އޮތް ނަފުރަތު އިހުނަށްވުރެ ބޮޑުވިއެވެ. ނަޒީލްގެ މޮޔަކަމުން އެ އަންހެނާއަށް އިލްހާމްގެ ކައިރިން ބަދަލު ހިފާނެ މޮޅު ފުރުޞަތެއް ލިބުނީއެވެ.
“..ނިހާއަށް ކިހިނެއްވީ އޭ! އިއްފަތްތެރިކަމޭ!..” އިލްހާމް ޞަފިއްޔާ ދެއްކި ވާހަކަތައް ނޭނގޭކަމަށް ހެދުނެވެ.
“..އާނ އިލްހާމް..” ޞަފިއްޔާ ރޮމުން ރޮމުން އިލްހާމް ގައިގާ އޮޅުލައިގަތެވެ. “..ހެނދުނު ހަބަރެއް ނުވެގެން ގޮސް ބެލިއިރު އޮތީ ބަރަހަނާ ހާލުގައި.. ނޭވާވެސް ކިރިޔާ ލެވޭކަން.. އަޅެ އެކަހަލަ ކަމެއް ކުރާނީ ކާކުބާ؟..”
“.. ދެން ކަލޭވެސް ރޯނެކަމެއްނެތް!..” ޞަފިއްޔާ ރޯވަރުން އިލްހާމް ބޮލަށް އުނދަގޫވިއެވެ. “..ރުޔެކޭ ކިޔާފަ ވީކަމެއް ނުވާކަމަކަށް ވާނެތަ؟؟..”
“..ދެން ކީއްތަކުރާނީ.. ބަނޑުއަޅާ ނުވިހެޔަސް އެއީވެސް މަގޭ ދަރިއެއް ކަހަލަ ކުއްޖެއް..” ޞަފިއްޔާ އިލްހާމްއާ ދުރައްޖެހިލިއެވެ. އަތުގެ ނުފުށުން ކަރުނަތައް ފޮހެމުން ގޮސް ގޮނޑި ބަރީގައި އިށީނެވެ. އިލްހާމް ވިސްނަންހުރެފައި ގޮސް ޞަފިއްޔާ ގާތު އިށީނެވެ.
“..ޞަފިއްޔާއަކަށް ނިހާގެ ގޮތެއް ނޭނގޭނެ! މަށަށް ވަރަށް ރަނގަޅަށް އެނގޭ!..” އިލްހާމް ފުރުޞަތުގެ ބޭނުން ހިފައި މޮޅު ވާހަކައެއް ހަދައިލިއެވެ. “..ޞަފިއްޔާއަކަށް ނޭނގޭނެ ރަށުތެރޭ މީހުން ދައްކާ ވާހަކައެއް! ނިހާއަކީ ފުރާ ފުރިހަމަވެފައި އިން ކުއްޖެއް! ބަލާލަން ރީތި ކުއްޖެއް.. ފިރިހެނުންނާ މާ ގާތް ވެގަނެގެން އެއްފަހަރާ 100 މީހުންނާ ވާހަކަ ދައްކަމުން ދުވަންޏާ ލިބޭނީ އެކަހަލަ ލަނޑެއް!..”
“..ހެޔޮނުވާނެ ހުއްޓާލާ!..” ޞަފިއްޔާއަށް އެވާހަކަތައް އަހާކަށް ފަސޭހައެއް ނުވިއެވެ.
“..ކަލެޔަށް ހަޤީޤަތް އަޑުއަހަން އުނދަގޫވާނެ!..” އިލްހާމް ތަންކޮޅެއް ބާރަށް ބުނެލިއެވެ. “..ގޭގައި ތިހެން އިންނަ މީހަކަށް ކޯއްޗެއްތަ އެނގޭނީ؟؟ މަށަށްތާ އިވޭނީ މީހުން ދައްކާ ވާހަކަ! ހަޤީޤަތަކީ ނިހާ އެތައް ފިރިހެނުންނާ ވާހަކަ ދައްކާކަން.. އެންމެނެއް ނުތިބޭނެ އޭނާ ލަނޑު ދިނީމަ ބަލާކަށް!.. ލަނޑެއް ދިނީމަ ނިހާގެ ކިބައިން ތި މީހަކު ތި ހިފާލީ ބަދަލެއް.. މަށަށް ނިހާގެ އެއުޅުން އިނގޭތީ އަވަހަށް ނިހާގެ ކައިވެނި ވެސް ހަމަޖެއްސީ! މަ ބޭނުމެއް ނޫން ރަށަށް ބަދުނާމުވާކަށް..”
“..ތީ ކާކު ދައްކައިގެން އުޅޭ މުޑުދާރު ވާހަކަތަކެއް..” ޞަފިއްޔާ އަދިވެސް އިނީ ގޮތުގައެވެ. “..ތީ ހުސް ދޮގު! ނިހާ ލޯބިވަނީ ހަމައެކަނި ނިކާލްދެކެ..”
“..މަމި ވާހަކަ ނުދައްކާ މިހުންނަނީވެސް ކަލޭ މިވާހަކަ ޤަބޫލު ނުކުރާނެތީ!..” ޞަފިއްޔާ ނިހާއަށް ކުރާ އިތުބާރުގައި ރެނދު އަޅުވާލަން އިލްހާމް މަސައްކަތްކުރިއެވެ. “..ކަލެޔަށް އަބަދުވެސް ހީވާނީ މަށޭ ދޮގު ހަދަނީ! މަ ކީއްކުރަންތަ ވަކި ނިހާއަށް ދެރަގޮތެއްވާން އެދެންވީކީ! އޭނަ ނިކާލްދެކެ ވަނީ ލޯތްބެއްވެސް ނޫން!! އެ ހުންނަނީނު ފައިރޫޒްއާ އިންނަން ހަމަޖެއްސީމަވެސް އަޅާނުލާ! އެއީ ލޯބިވާ މީހުން އުޅޭ ގޮތްތަ؟؟ ހަމަ ބުނަންވީނު އޭނާ ބޭނުންވާ ގޮތް! ދެން ތި ކޮޓަރިއަކަށް ވަގަށް ވަންނަ މީހަކީވެސް އަޖައިބެއް ކަހަލަ މީހެއް.. ޖެހިޖެހިގެން ދެރޭ މިހާރު ވަދެއްޖެ! ރޭގަވެސް ހުރިހާ ދޮރެއް ތަޅުލައިފައި ހުއްޓައެއްނޫންތަ ވަދެ ތިކަމެއް ތިކުރީވެސް! ނިހާ ނުވައްދާނަމަ އެހެނެއް ނުވަދެވޭނެ!.. ނިހާ ވެއްދީމަ އެމީހަކަށް އެފުރުޞަތު ލިބުނީ! އޭނަ ދަންނަ މީހަކަށް ތިވާނީ! ނުދަންނަމޭ ކިޔައިގެން އޭނަ އެހަދަނީ ހުސް ދޮގު!.. ޞަފިއްޔާ އަމިއްލައަށް ވިސްނާލަބަލަ!..”
ފުރަތަމަ ފަހަރަށް ޞަފިއްޔާގެ ހިތުގައި ނިހާއާ މެދު ޝައްކު އުފެދުނެވެ. ރޭގައި ނިދަން ދިޔުމުގެ ކުރިން ނިހާގެ ކޮޓަރީގެ ބާލުޚާނާގެ ދޮރު ތަންޑު އެޅުވީ ޞަފިއްޔާގެ ދެއަތުންނެވެ. ބޭރަށް ނުކުންނަމުން ބޭރު ދޮރުވެސް ތަޅުލީ ޞަފިއްޔާއެވެ. ވީއިރު އެމީހަކަށް ނިހާގެ ކޮޓަރިއަށް ވަދެވޭނީ ނިހާ ވެއްދީމައެވެ. ފުރަތަމަ ރޭ ނިހާގެ ކޮޓަރިއަށް ވަން މީހާއާ ބެހޭ ގޮތުން ޞަފިއްޔާ ސުވާލުކުރުމުން ނިހާ ދޮގު ހެދިހެން އެދުވަހުވެސް ޞަފިއްޔާއަށް ހީވިއެވެ. ނިހާގެ މޫނުމަތިން ފެނުނު ކުލަވަރާއި ޞަފިއްޔާއަށް ލިބުނު ޖަވާބާއި ދިމާނުވުމުންނެވެ. ވީއިރު އިލްހާމް އެދައްކަނީ ހަމަ ތެދު ވާހަކަތަކެކެވެ.
ޞަފިއްޔާ އެއްޗެއް ނުބުނެ އިނުމުން އެވާހަކަތައް ޤަބޫލުކޮށްފިކަމަށް އިލްހާމްއަށް ޔަޤީންކުރެވުނެވެ. އޭނާ މަކަރުވެރި ގޮތަކަށް ހީލިއެވެ. ދެން އޮތީ ނަޒީލް އަނެއްކާވެސް ޅަ އެއްޗެއް ނާޅަނީސް ހަމަޔަކަށް އެޅުވުމެވެ.
“..މަ އެބައަންނަ ގެޔަށް ގޮސްލާފަ! ދޭބަލަ! ދީޕިކާ އޮންނާނެ 8 ވަނަ ބެޑް ގަ..” އިލްހާމް ބިލު ކޮޅު ޞަފިއްޔާ އަތަށް ދިނުމަށްފަހު ގެޔަށް ދިޔުމަށް ނުކުތެވެ.
****************
ނިހާ އެމަޖެންސީ ރޫމްގައި އެދުމަތި ކުރެވުނެވެ. ނަރުސްކުދިންތައް އައިސް ނިހާގެ ހާލަތުބަލައި އަވަސް ގޮތަކަށް ފަރުވާ ދެވެންފެށުނެވެ. ނިހާ އަށް އޮކުސިޖަން ދިނުމަށް މާސްކެއް އަޅުވާލެވުނެވެ. ނިކާލް ނިހާގެ ގާތުގައި އިށީނދެ އަތުގައި ބާރަށް ހިފަހައްޓައި ލައިގެން އިނެވެ. އެމަޖެންސީ ރޫމް ތެރެއިން އިވެމުން ދިޔަ މެޝިންތަކުގެ އަޑުން ނިކާލްގެ ހިތްވަނީ އަވަސްވެފައެވެ. ނިހާގެ އަދުގެ ހާލައިމެދު ނިކާލް ހިތާމަކުރާ މިންވަރު އެދެލޮލުގައި ވިދަމުންދިޔަ ކަރުނަތައް ހެކިދެއެވެ. ނިހާގެ އަތުގައި ހިފައިލައިގެން ނިކާލް އިންދާ ޑޮކްޓަރު އަޔެވެ. ޑޮކްޓަރ ނިކާލްގެ ގާތުން ހުރިހާ ވާހަކައެއް އޮޅުން ފިލުވިއެވެ. ނިކާލަށް އެނގިފައިވީ މިންވަރަކަށް ހުރިހާ ވާހަކައެއް ހިއްސާކުރިއެވެ. ނިކާލްގެ ވާހަކަތަކަށާއި ނިހާއަށް ލިބިފައި ހުރި އަނިޔާތަކަށް ބެލުމަށްފަހު އެތަނުން ޕޮލިހަށް މައްސަލަ ރިޕޯޓްކުރިއެވެ.
“..ބައްލަވާ މީ ޕޮލިސް ކޭސްއެއް..” ނަރުސް ކުއްޖަކު އައިސް ބުންޏެވެ. “..އެހެންވީމަ ތިބޭފުޅާ ބޭރުގަ މަޑުކޮށްލަ ދެއްވާ.. އެހީތެރިކަމަކަށް ބޭނުން ވެއްޖެނަމަ ގޮވާލާނަން..”
ނިހާ ނުފެންނަ ހިސާބަށް ދާކަށް ނިކާލްގެ ހިތެއް ނޭދެއެވެ. ނިހާ ހޭވެރިކަން ވާއިރު ގާތުގައި ހުންނަން ބޭނުމެވެ. އެހެންނަމަވެސް ނިހާއަށް އިންސާފު ހޯދައި ދިނުން އެޔަށްވުރެ މުހިންމެވެ. ނިހާގެ ނިތްކުރިއަށް ބޮސް ދިނުމަށްފަހު ނިކާލް ނުކުތީ ހިތްވަރުކުރުމަށް ބުނަމުންނެވެ.
ނިކާލް އެމަންޖެއްސީ ރޫމު ދޮރުމަތީ ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ޕޮލިސް ޔުނީފޯމްގައި ފައިރޫޒް އަންނަތަން ފެނުނެވެ. ފައިރޫޒްގެ ފަހަތުން އިތުރު ދެކުއްޖަކުވެސް އަޔެވެ. ފައިރޫޒް އައިސް ނިކާލްއާ ސުވާލުތައް ކުރުމަށްފަހު ނަރުސް ކުދިންނަށް އެންގީ ނިހާ ހޭ އެރުމުން އެމީހުންނަށް އެންގުމަށެވެ. އާއިލާ މީހުންނަށް ބައްދަލުކުރުމުގެ ފުރުޞަތު ނުދިނުމަށްވެސް ބުންޏެވެ. އާއިލާ މީހުންނަށް ބައްދަލުކުރެވޭނީ ނިހާގެ ބަޔާން ނެގުމަށްފަހުގައި ކަމަށް ބުނަމުން ފައިރޫޒް ދިޔައީ އެތަނުގައި އޭނާއާއެކު އައި ކުއްޖަކު ބަހައްޓައިފައެވެ.
******************
އިލްހާމް ގަރާޖަށް ކާރު ވެއްދުމަށްފަހު ކާރުން ނުކުމެ ދޮރުފަތް ބާރަކަށް ޖެހިއެވެ. އޭނާ ބާރު ހިނގުމެއްގައި ގެޔާ ދިމާއަށް މިސްރާބުޖެހި އިރު ހިސާބަކަށް ތުރުތުރު އަޅައެވެ. ދެދަތްޕިލަ ފިއްތާ ބާރުކޮށްގެން ހުރުމުން ރުޅި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރާހެން ހީވެއެވެ. ގޭތެރެއަށް ވަދެވުމާއެކު އޭނާ އަޑުގެ ނެތްކޮޅަށް ނަޒީލަށް ގޮވަންފެށިއެވެ.
ބައްޕަގެ ބާރު އަޑުއިވިފައި ނަޒީލް ސިޑިން ފައިބެގެން އައީ ނިކަން ބާރަށެވެ. އޭނާ ހީކުރީ މީހަކަށް ކަމެއްދިމާވެގެން އުޅޭ ކަމަށެވެ. ނަމަވެސް ބައްޕަގެ ރުޅިވެރި މޫނު ފެނުމާއެކު އޭނާގެ ހަޤީޤަތް އެނގުނީކަން ނަޒީލަށް އެނގުނެވެ. އިލްހާމް ދިޔަ ބާރު މިނުގައި ގޮސް ނަޒީލް ކަންކަށިމަތީ ވިހެލިއެވެ.
“..ކަލޭ ތިއުޅެނީ މަ މިދުނިޔެއަށް ގިނަކުރާނެ ގޮތެއް ނޭނގިގެންތަ؟..” އިލްހާމް ބާރަށް ބުނެލިއެވެ. “..ކަލޭ ތިވަރުކޮށްފަ ތިހުރީ ހަޑިހާވާ މަ ފަޟީޙަތްކުރަންތަ؟..”
ނަޒީލް އިސްދަށަށްޖަހައިލިއެވެ.
“..ޖަވާބު ދީބަލަ..” އިލްހާމް ހަޅޭލަވައިގަތެވެ. “..ކަލެޔަށް ނިހާ ނޫންމީހެއް ނުފެނުނީތަ؟ އެންމެ ކުޑައިރުންސުރެ މަމި ކިޔަނީ އޭނަޔާ ދުރުގަ އުޅޭށޭ.. އެ ހައިވާނު އެހުންނަނީ މަގޭ ފަރާތުން ކުށެއް ފެނޭތޯ ބަލަބަލާ! މަ މިދުނިޔެއަށް ގިނަ ކުރާނެ ގޮތެއް ފެނޭތޯ ބަލަބަލާ! ކަލޭ އޭނާއަށް ތި ދިނީ އެފުރުޞަތު..”
“..ބައްޕާ އަޅުގަނޑު ނިހާގާތުން މާފަށް އެދޭނަން..” ނަޒީލް އިސްއުފުލާލަމުން އިލްހާމްއާ ހަތަރުކަޅި ހަމަކޮށްލީ ބިރުންހުރެއެވެ.
“..ހަބަރުދާރު!..” އިލްހާމް ޝަހާދަތް އިނގިލި ދިއްކޮށްލަމުން އަމުރުކުރިއެވެ. “..ކަލޭ ތިކަހަލަ މޮޔަކަމެއް ކޮށްގެންނުވާނެ! ކަލޭ ސިކުނޑީގަ ތެތްކަމެއް ހުރިނަމަ ތިކަހަލަ މޮޔަކަމެއް ކުރަން ހިތަށްވެސް ނާރުވާނެ! މަށަށް މާކުރިންވެސް އެނގޭ ކަލޭ އެއަންހެނާއަށް ބަލަމުންދާ ގޮތް! ތިކަން ތިހެންވެދާނެތީ ކަލޭ އިންޝާއާ އަވަހަށް ދެވީވެސް! ކަލޭ ބޭނުން ގޮތަށް ކަންތައް ވެއްޖެއްނުން! ދެން މަ ބުނާ ގޮތް ހަދަން ޖެހޭނީ..”
ގޭތެރެއިން އަޑުގަދަވެގެން ނުކުމެ ތަނބާ ނިވާވެގެން ހުރި އިންޝާއަށް އިލްހާމުގެ ހުރިހާ ވާހަކަތަކެއް އިވުނެވެ. އޭނާ އަނގަމަތީ އަތް އަޅާލައިގެން ސިއްރުން އެ ދެބަފައިންނަށް ބަލަންހުރީ ހައިރާންވެފައެވެ.
“..އިންޝާއަށް އެނގޭތަ؟..” އިލްހާމް މަޑުމަޑުން ވާހަކަދެއްކި ނަމަވެސް އަޑުގައި ރުޅިވެރިކަމެއް އެކުލެވިފައި ހުއްޓެވެ.
ނަޒީލް މަޑުމަޑުން ބޯ ޖަހާލައި އިންޝާއަށް އެނގޭނެކަމަށް އިޝާރާތް ކޮއްލިއެވެ.
“..ކަލޭ އޭނަ މައިތިރި ކުރޭ..” އިލްހާމް ބުންޏެވެ. “..މި ހަޤީޤަތް މި ހަތަރު ފާރުން ބޭރުވެދިޔަ ދީގެން ނުވާނެ! އަދި ބުނަން މިމައްސަލަ މިހާރު އޮންނާނީ ޕޮލިހުންނާ ހިސާބަށް ގޮސްފައި! އެމީހުން އަންނާނެ ސުވާލުކުރަން! އިންޝާ ކައިރީގަ ބުނާތި އަނގަ މަޑުން ލައިގެން ހުންނާށޭ! ކަލޭވެސް ޗުއްޕުވެސް ބުނެގެން ނުވާނެ!..”
ކަންތައްކުރަންވީ ގޮތް ކިޔަދިނުމުން ކިޔަމަންތެރިކަމާއެކު ނަޒީލް ބޯ ޖަހައިލިއެވެ. އިލްހާމް ސިކުނޑީގައި ކަންތައްތައް ރާވާލަމުން ނަޒީލަށް އެންގީ މައްޗަށް ދިޔުމަށެވެ. އިލްހާމް ފުންނޭވާއެއް ދޫކޮށްލަމުން ފަހަތަށް އެނބުރުނުއިރު ދޮރުމަތީގައި ހުރި ފައިރޫޒް ފެނުމާއެކު އިލްހާމްގެ މޫނުމަތި ބަނަވެގެން ދިޔައެވެ. (ނުނިމޭ)
20 Comments!
Comments are closed.
Wow… Mi part X varah varah reethi.. ??… Waiting for next part.. Keep up the good work Nishan.. ??
thank you so much shifoo ?
Koko ah vara reethi mi part ves ❤❤❤keep it up
thank you koko ?
V vreethi waiting for the next prt..
thank you immi ?
Varah reethi next part avaskohlahchey
thank you black beauty ? in shaa allah laheh nuvaane will upload soon
ވަރަށް ރީތި މި ބައި ވެސް!!
thank you shal ? vaahaka kiyaalaafa comment eh kohlima 😉
Varah reethi… ekam maa lahee up vaaleh
True please nishan week aku Gena iru 2 3 varaka part genes deeba????
sorry nazeera 🙁 alhugandu masahkai hunna gothun kiyuntherin beynun vaa varah gina episode thakeh nuliyeveni.. week aku 3 part nugenes dhevunas mihaaru vs mi annani week aku 2 part upload koh dhemun 🙂 egothah kuriyah mi gendheveni vs varah masahkathun 🙂 varah ufaa vey vaahaka ah thiya bahahtava shauguverikan fenifa.. thank you so much
thank you naxy 🙂 vaahaka laheh nooneh nu hehe!! 2days thereyga mi part kiyaalan mi libuni vs..
V reethi keep up the good work ?
thank you so much Rai ?
Varah varah reethi mi part vx
Thank you emaa ?
Superb…… V v v reethi mi part vx waiting For the next part dear
Thank you lai 🙂