އުމުރަށްވެސް އެކީގައި ވާނަމޭ…..15
“ކީއްވެ މަންމަ މިސިޓީ އަހަންނަށް ނުދެއްކީ…ވެދާނެ މަންމަ ހަނދާން ނެތުނީ ކަމަށް…” ނުހާ ސިޓީ އުރައިގައި ހުރި ހިރަފުސްތައް ފޮތިކޮޅަކުން ފޮޅާލިއެވެ. ސިޓީއުރަ ފޮޅަމުން ދިޔަވަރަކަށް ނުހާއަށް އެއްޗެއް މަތިން ހަނދާންވާކަހަލައެވެ.
“މަންމާ…މިއެއްޗެހިވެސް މީ ދާވެފައި ހުރި އެއްޗެހިތަ؟…” ދެއަތް ފުރާ ޒާހިދާގެ ހެދުންތަކެއް އަޅައިގެން ނުހާ އޭނާގެ މަންމަ ކޮޓަރީގެ ދޮރުމަތީގައި ހުއްޓެމުން އަހާލިއެވެ. ނުހާގެ އަޑުން ޒާހިދާ ސިހިފައި އަތުގައި އޮތް އެއްޗެއް ފޮރުވުމަށްޓަކައި ދެއަތް ފުރަގަހަށް ލިއެވެ. . އެހެންނަމަވެސް އެވަގުތު ނުހާ އެކަމަކަށް އަޅާލުމެއްނެތި ފުރަތަމަ އިސްކުރީ އޭނާ ކުރަން އައި ކަންތަކެވެ. ކުއްލިއަކަށް ތެޅިގަނެފައި ނުހާއަށް އެފޮރުވީ ކޮން އެއްޗެއްބާވައޭ ނުހާގެ ހިތަށް އެރިއެވެ. ޒާހިދާ އެނދުން ތެދުވަމުން ލޯބޮޑުކޮށްލިއެވެ. ” އަހަރެން ކަލޭ ކައިރީގައެއް ނުބުނަންތަ ދޮރުގަ ޓަކި ޖަހާފަ ވަންނާކަށް…” ޒާހިދާގެ ހަޅޭކުގެ އަޑުން ނުހާގެ ލޮލު ތެރޭގައި ކަރުނަ ފާއްދާލިއެވެ. ޒާހިދާ ނުހާ ދެކެ އެހާ ރުޅި އަންނަންވީ ސަބަބެއް ނުހާ އަކަށް ހަމަ އެއްގޮކަށްވެސް ނުވިސްނެވެ. ” ހޫމމ ތީ ދާވެފަ ހުރި ހެދުން..ދެން ދޭ ދޮންނަން..އަދިވެސް ބަލަން ހުންނަނީތަ؟…” ގަބު ވެފައި ހުރި ނުހާ ޒާހިދާ ހަޅޭއްލަވައި ގަތުމުން ހިނަގައިގަތެވެ. އެނބުރި ފަހަތަށް ބަލައިލިއިރު ޒާހިދާގެ އަތުގައި އޮތް އެއްޗެއް އެނދު ދަށަށްލަނީއެވެ. ހީވަނީ މީހަކަށް ވަގަށް އުޅޭ ހެންނެވެ. ކުޑަ އިރުކޮޅަކު ބަލަން ހުރުމަށްފަހު ނުހާ ހިނގައިގަތެވެ. ނުހާ އެތަނުގައި ހުއްޓާ އަނެއްކާވެސް ޒާހިދާ ހަޅޭއްލަވައިގަނެފާނެތީއެވެ.
“ނުހާ…ތަންކޮޅެއް އަވަސް ކޮށްލައްޗޭ…މަންމަ ފެންވަރަން ވެގެން…..” ޒާހިދާގެ އަޑަށް ނުހާ ސިހިފައި އަތުގައި އޮތް ސިޓީއުރަ ކުނިކޮތަޅަށްލިއެވެ. އޭނާ ހުރީ އެސިޓީ ކިޔަން ބޭނުންވެފައެވެ. އޭގެ ހަޤީޤަތް ހޯދަން ބޭނުން ވެފައެވެ. އަވަސް އަވަހަށް ކޮޓަރި ސާފުކޮށްލުމަށްފަހު ކޮތަޅު ހިފައިގެން ނުކުތެވެ. އަވަސް ފިޔަވަޅުތަކެއްގައި ނުހާ ދިޔައީ އޭނާގެ ކޮޓަރި އާއި ދިމާލަށްށެވެ. “ތި ކުނިކޮތަޅު ދީބަލަ މި ކުނިކޮޅު އަޅާލަން…” ޒާހިދާ ސިޓީންގރޫމްގައި ހުރި ކަރުދާސްތަކެއް ނަގަމުން ނުހާއަށް ގޮވާލިއެވެ. ނުހާގެ ފިޔަވަޅަށް ހުއްޓުން އެރި ކަހަލައެވެ. މޭގަނޑު އަނގައަށް އައިހެންވެސް އޭނައަށް ހީވިއެވެ. “އަހަ..އަހަރެން ތި ނަގާފާނަން…” އަތުގައި އޮތް ކޮތަޅުގައި ބާރަށް ހިފަހައްޓާލަމުން ނުހާ ބިރުން ހުރެ ބުންޏެވެ. ޒާހިދާ ނުހާއަށް ތަންކޮޅެއް ރަނގަޅަށް ބަލައިލިއެވެ. ” ކިހިނެއްވީ..މާބޮޑަށް ވަރުބަލިވީދޯ…ގެނޭ..މަންމަ އަޅާފާނަން…” ޒާހިދާ ކުރިއަށް ފިޔަވަޅެއް އެޅިއެވެ. ހަމައެއާއިއެކު ނުހާ ފަހަތަށް ފިޔަވަޅެއް އެޅިއެވެ. ނިތްކުރިން އޮއްދާހިއްލަން ފެށިއެވެ. އެކޮތަޅު ތެރެއިން ޒާހިދާއަށް ނޭނގި ޒާހިދާގެ ކޮޓަރިން ގެނައި ސިޓީ ފެނިދާނެތީ ނުހާ ހުރީ ވަރަށް ބިރުންނެވެ. ” ނޫން..އަހަރެން ނަގާފާނަމޭ..މަންމާ..އެބައަންނަން…ކޮޓަރީގަ ހުރި ކުނިތައް ނަގާފަ އައިސް ތިކަން ކޮށްލަދޭނަން…” ބިރުން ހުރެ ނުހާ ވާހަކަ ދައްކަމުން ދިޔައެވެ. ވައްކަމެއް ކޮށްގެން ފަޅާ އަރާފާނެތީ މީހަކު އުޅޭފަދައިންނެވެ. ނުހާ އެހެން ބުނުމަށްފަހު ޒާހިދާގެ ބަހަކަށް މަޑު ކުރުމެއްނެތި ނުހާ އޭނާގެ ކޮޓަރި އާއި ދިމާލަށް ހިނގައިގަތެވެ. ޒާހިދާ ނުހާގެ އުޅުމަކަށް މާބޮޑު ފަރުވާލެއް ނުދީ ޓީވީ އަޅުވާލުމަށްފަހު ސޯފާގައި އިށީނެވެ.
ކޮޓަރިއަށް ވަދެ ދޮރު ތަޅުލުމަށްފަހު ކުޑައިރުކޮޅަކު ދޮރުގައި ލެނގިލައިގެން ނުހާއަށް ހުރެވުނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ފުން ނޭވާއެއްލަމުން އަތުގައި އޮތް ކޮތަޅަށް ބަލައިލަމުން މުށިތައްމަތީގައި ކޮތަޅު ބެހެއްޓިއެވެ. އަވަސް އަވަހަށް އޭގެ ތެރެއަށްލި ސިޓީ ހޯދާ ނެގިއެވެ. ސިޓީ ފެނުމާއިއެކު ނުހާގެ ލޮލުން ކަރުނަ ހިލުނެވެ. އޭނާގެ ލޯބިވާ ބައްޕަ މަތިން ހަނދާންވުމުންނެވެ. ސިޓީ ކަނޑާލުމަށް ފަހު މަޑުމަޑުން ސިޓީ ކަމުން ދިޔައެވެ.
ބައްޕަގެ ލޯބިވާ ދަރިފުޅަށް،
“ދަރިފުޅާ، ބައްޕަ ދަރިފުޅު ގާތުގައި މިވާހަކަ ބުނަން އުޅޭތާ ވަރަށް ދުވަސް ވެއްޖެ.. އެކަމަކު ހަމަ ބުނާނެހާ ހިތްވަރެއް ބައްޕައަކަށް ނުލިބުނު….ބައްޕައަށް އިނގޭ ދަރިފުޅު ބައްޕަ ދެކެ ލޯބިވާ މިންވަރު.. ބައްޕަ ކިތަންމެ ކުޑަކޮށް ބަލިވިޔަސް ދަރިފުޅު ރޯވަރުވެސް ބައްޕައަށް އިނގޭ..އެހެންވެ ހަމަ މިއޮށް ހުރިހާ ދުވަހުވެސް ބުނަން ނުކެރުނީ…ދަރިފުޅު ރޯ މަންޒަރު ބެލުމަކީ މިބައްޕައަށް ކެތްވާވަރުގެ ކަމެއްނޫން… ދަރިފުޅަށް އިނގޭތަ ބައްޕަ އެހާ ބަލިކޮށް އުޅެނީ ކީއްވެގެންކަން؟… އަބަދު ކެއްސަނީ ކީއްވެގެންކަން؟.. އެއީ ބައްޕަގެ ބައްޔަކީ އާދައިގެ ބައްޔަކަށް ނުވީމަ… ބައްޕަގެ ބައްޔަކީ ކެންސަރު ކަމަށްވީމަ… އާން ދަރިފުޅާ..ބައްޕަވަނީ މާކުރިންވެސް ކެންސަރުގެ ޝިކާރައަކަށްވެފަ…ދަރިފުޅަށް ނޭނގުނަސް އެބައްޔަށް ފަރުވާ ހޯދުމަށް ބައްޕަ މާލެ ދިޔައިން..އެކަމަކު ޑޮކްޓަރުން އުއްމީދު ކަނޑާލި… އެވަގުތު ބައްޕަ އެންމެ ފުރަތަމަވެސް ހިތަށް އެރީ، ބައްޕަ އާއި ނުލާ ބައްޕަގެ ކުޑަކުޑަ ދަރިފުޅު ނުހާ ދުނިޔޭގައި ދިރި އުޅޭނީ ކިހިނެއްބާއޭ… އެހެންވެ ބައްޕަ ދެވަނަ ކައިވެންޏެއް ކުރިން..ބައްޕަ މިދުނިޔޭގައި ނެތަސް ދަރިފުޅަށްޓަކައި މަންމައެއް ހޯދައިދިނިން…ޒާހިދާ އަކީ ދަރިފުޅުގެ މަންމައެއް ނޫން…އެއީ ދަރިފުޅުގެ ދޮންމަންމަ..ދަރިފުޅަށް ޤަބޫލު ކުރެވުނަސް ނުކުރެވުނަސް އެއީ ދަރިފުޅުގެ ހަޤީޤީ މަންމައެއް ނޫން…ދަރިފުޅުގެ މަންމަ ވަނީ ދަރިފުޅުގެ އުމުރުން އެންމެ ތިން އަހަރުގައި ނިޔާވެފަ…” ނުހާ ޗާބީ ދީފައި ހުރި ބުދެއްހެން ގޮސް އެނދުމަތީގައި އިށީނެވެ.މިއީ ހަޤީޤަތްބާއޭ ނުހާގެ ހިތަށް އަރާފައިބަމުން ދިޔައެވެ. އަނެއްކާވެސް ނުހާ ސިޓީއަށް ބަލައިލިއެވެ.
” އަދި އެއްވާހަކަ ބުނަން ބޭނުން….ބައްޕަ މިސިޓީ މިލިޔަނީ ބައްޕަގެ ރައްޓެހި ހުސެންބޭބެ ހެކިކޮށް….ދަރިފުޅުގެ ނަން މައްޗަށް ބައްޕަގެ ގެ ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ބައްޕަގެ ވަޞިއްޔަތް ހުސެންބޭބެ އަތުގައި އޮންނާނެ…އެވަޞިއްޔަތް ލިޔުނުކަން ދެން ދަރިފުޅުގެ ދޮން މަންމަ ޒާހިދާއަށް އެނގޭނެ.. ދަރިފުޅަށް މިސިޓީ ލިބޭ އިރު ބައްޕަ ދުނިޔޭގައެއް ނުހުންނާނެ….ބައްޕަގެ ބަސް އަހަންޏާ ސިޓީ ކިޔުމަށްފަހު ނުރޯތި….އެއްވެސް ޙާލަތެއްގައި ދަރިފުޅު ހިތާމަ ކުރުމަކީ ބައްޕައަށް ކެތްވާވަރުގެ ކަމެއް ނޫން.. ޒާހިދާ އަކީ ދޮންމަންމަ ކަމުގައިވިޔަސް އެއީ ހަމަ ދަރިފުޅުގެ މަންމަ ކަމަށް ދެކިގެން އެމަންމަގެ ބަސް އަހައިގެން ރަނގަޅަށް އުޅޭތި..ޙަޔާތުގެ ބައިވެރިޔަކަށް ދީންވެރި ރަނގަޅު މީހަކު އިޙްތިޔާރު ކުރާތި…. ބައްޕަގެ ހުރިހާވެސް އެއްޗަކީ ދަރިފުޅު ކަން ދެނެގަނެގަންނާނެކަމަށް ބައްޕަ އުއްމީދު ކުރަން.. އަޙްލާޤް ރަނގަޅު ޞާލިޙު ދަރިއެއް ކަމުގައި މިއަޅާގެ ދަރިފުޅު ލައްވަވާށީ..އާމީން.. ދަރިފުޅާ ބައްޕައަށް ހިތްހެޔޮ ކުރާތި…
ދަރިފުޅު ދެކެ ލޯބިވާ ދަރިފުޅުގެ ބައްޕަ …”
ސިޓީ ކިޔާ ނިމުމުން ސިޓީ މޭގައި ދެއަތުން ބޮނޑިކޮށްލަމުން ނުހާ އެނދުމައްޗަށް ވެއްޓިގަތެވެ. ބަންޑުން އޮވެ އަޑުން އަޑު ނަގާ ބާރަށް ރޮއެ ގަނެވުނެވެ. “ބައްޕާ…ކީއްވެ.. އަހަރެން ދޫކޮށްފަ ދިޔައީ… ” ބާރު ބާރަށް ރޮމުން ނުހާ ގޮވަމުން ދިޔައެވެ. ނުހާގެ ހިތްވަނީ ހަމަ ރަނގަޅަށްވެސް ފަޅައިގެން ގޮހެވެ. “ބައްޕާ…” ރޮއެރޮއެފައި ނުހާގެ ބައްޕައަށް ގޮވަމުން ދިޔައެވެ. އެހެންނަމަވެސް އެކޮޓަރީގައި އެއަޑު އަހަން އެހެން މީހަކު ނެތެވެ. އެނދުމަތީގައި ބަންޑުން އޮށޯވެ އޮވެ އެތައް އިރެއްވަންދެން ނުހާ ރޮއުނެވެ.
“ދަރިފުޅާ ނުހާ…ނުހާ..ފޯނެއް…” ދޮރުގައި ޓަކި ޖަހަމުން ޒާހިދާ ގޮވިއެވެ. ޒާހިދާގެ އަޑަށް އެނދުގައި އޮތް ނުހާ ތެދުވެސިޓީ ބާލީސް ދަށަށް ލަމުން އަވަސް އަވަހަށް ދެލޯ ފުހެލިއެވެ. ގިނައިރު ރޮއުމުގެ ސަބަބުން ނުހާގެ ލޯވަނީ ވަރަށް ބޮޑަށް ދުޅަވެފައެވެ. ފާހަނާއަށް ވަދެ މޫނު ދޮވެލައި ހަދާލައިގެން ގޮސް ދޮރު ހުޅުވިއެވެ. “ކީކޭ މަންމާ..” ހަމަޖެހޭ ގޮތް ދައްކާލަމުން ނުހާ ބުންޏެވެ. އެހެންނަމަވެސް ނުހާ ހުރީ ޒާހިދާ އާއި ދިމާލަށް ނުބަލަން ވެގެން އިސްދަށަށް ޖަހާލައިގެންނެވެ. ޒާހިދާ ކުޑައިރުކޮޅަކު ނުހާ އާއި ދިމާލަށް ބަލަން ހުރުމަށް ފަހު ބުނެލިއެވެ. “ކިހިނެއްވެފަ ތިހުރީ…ދެލޯ ހާދަރަތްވެފަ ދުޅަހެން ހީވޭ…” ނުހާ ޒާހިދާ އާއި ދިމާލަށް ބަލައިލިއެވެ. “ނޫނޭ..ތީ މަންމައަށް ހީވާ އެއްޗެއް..ކާކުތަ ގުޅީ…” ނުހާ އެހެދީ ދޮގުކަން ޒާހިދާއަށް ހަމަ ރަނގަޅަށް އެނގުނެވެ. “ލުފްޝާން..ބުނީ އިރުކޮޅަކުން ގުޅާނަމޯ..ދަރިފުޅު ފޯން ނުނަގައިގެންނޯ…” ނުހާ އަތަށް ފޯން ދީފައި ޒާހިދާ ހިނގައިގަތެވެ. މޫނު މައްޗަށް ވެރިވެފައިވަނީ އުފާވެރި ކަމެވެ. “އަނެއްކާ އެދެމީހުންގެ މެދުގައި މައްސަލައެއް ޖެހުނީތަ….” ނުލަފާ ހިންޏެއް ޒާހިދާގެ ތުންފަތުގައި ދުވެލިއެވެ. ޒާހިދާ ދިޔުމުން ފޯން ހިފައިގެން ނުހާ ކޮޓަރިއަށް ވަދެ ތަޅުލިއެވެ.
އެނދުގައި ހަމަ އިށީނުމާއިއެކުހެން ލުފްޝާން ގުޅިއެވެ. ކުޑައިރުކޮޅަކު ފޯނަށް ބަލަން އިނުމަށްފަހު ނުހާ ފޯން ނެގިއެވެ. ” ވަރަށް ބިޒީކަމުން ފޯން ނުނެގުނީ…ސޮރީ” ހަލޯ އޭވެސް ނުބުނެ ނުހާ ވާހަކަ ދައްކަން ފެށިއެވެ. ނުހާ ދެރަވެފައިވާކަން ލުފްޝާންއަށް އެނގިދާނެތީއެވެ. ” ނުހާ ރޮނީތަ؟…ކިހިނެއްވީ އަނެއްކާ…މަންމަ އެއްޗެކޭ ބުނީތަ؟..” ލުފްޝާންއަށް އަވަސް އަވަހަށް އަހާލެވުނެވެ. އެއީ ކުރިން ޒާހިދާ ކަންތައް ކޮށްފައި ހުރި ގޮތުން ލުފްޝާން ޒާހިދާއަށް ހަމަ އެއްގޮތަކަށްވެސް އިތުބާރު ނުކުރެވޭތީއެވެ. ލުފްޝާންގެ އަޑު ޖެހުމާއިއެކު ކިތަންމެ ހިތްވަރެއް ކުރަން އުޅުން ކަމުގައި ވިޔަސް ނުހާއަށް ރޮވިއްޖެއެވެ. “ލުފްޝާން…” ނުހާއަށް އަނގަމަތީގައި އަތް އެޅުނެވެ. ލަގޮނޑިއަށް ތަދުވާތީ ވާހަކަ ދައްކަން އުނދަގުވީއެވެ. ނުހާ ރޯން ފެށުމުން ލުފްޝާން ވަރަށް ކަންތައް ބޮޑުވިއެވެ. “ނުހާ..ކީއްވެ ތިރޮނީ.. ބުނެބަލަ.. ކިހިނެއްވީތަ…. ” “ލުފްޝާން..މަންމަ..” އިތުރަކަށް އެއްޗެކޭ ނުބުނެވުނެވެ. ނުހާއަށް ހަމަ ރޮވެނީއެވެ. އެއްގޮތަކަށްވެސް ވާހަކައެއް ނުދެއްކުނެވެ. ” ޕްލީޒް ނުހާ..ހުއްޓާލާފައި ބުނެބަލަ ވީގޮތެއް..މަންމަ އެއްޗެކޭކީތަ…” ލުފްޝާން ކަންތައް ބޮޑުވެފައި ހުރެ ފޯން ކަންފަތުގައި ޖަހައިގެން ހިނގާލަ ހިނގާލަ ހުރެވުނެވެ. “ނޫން..” އަދިވެސް ނުހާ އަކަށް ވާހަކަ ދެއްކޭ ވަރެއް ނުވިއެވެ. ” އޯކޭ..މިހާރު ނުކިޔައިދިނަސް….އެކަމަކު ތިރުއިން ހުއްޓާލަބަލަ… ޕްލީޒް..އޯކޭ އެހެންވިއްޔާ..ނުހާ މިރޭ އަހަރެން ބުނާ ގަޑިއަކަށް ބައްދަލުވެވޭނެތަ؟..” ލުފްޝާން ކުޑަކޮަށް ހަމަ ޖެހިލަމުން ބުނެލިއެވެ. ދެއަތުން ކަރުނަތައް ފުހެލަމުން ނުހާ އާނއެކޭ ބުނަމުން ފޯން ބޭއްވިއެވެ.
ކޮޓަރީގެ ޑްރެސިންގ ޓޭބަލް މަތީގައި އޮތް ފޯން ފެނިފައި ހިނިތުންވެލަމުން ޝާމިލް ފޯން ނެގިއެވެ. ފޯން ނަގާ ދެކޮޅަށް ދެކޮޅަށް ހިނގާލުމަށްފަހު ފަރީނާ އަށް ގުޅާލިއެވެ. “ހަލޯ..ކީއްކުރަނީ…” ޝާމިލް ހަމަޖެހިލަމުން ބުނެލިއެވެ. ފޯން ކަންފަތުގައި ޖަހާލަމުން ސޯފާގައި އިށީންނަމުން ފަރީނާ ވާހަކަ ދެއްކިއެވެ. “ކަމެއް ނުކުރަން.. ހަމަ އިނީ…ޝާމިލް…ވާހަަކައެއް ބުނަންތަ؟..” ޝާމިލް އަވަސް އަވަހަށް ބުނެލިއެވެ. “ހޫމމ..ވާހަކައެއް ބުނަންވީމަ ކޮންމެ ފަހަރަކު އަހަން ޖެހޭތަ؟..ބުނެބަލަ..” ފަރީނާ ކުޑަކޮށް ހީލަމުން ބުންޏެވެ. “މިރޭ މީޓް ކުރެވިދާނެތަ؟..” ފަރީނާ އެހެން ބުނުމުން ޝާމިލްއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. “ކިހާ..ކިހާއިރަކު..ކޮންތާކުން…” “ބީޗް ކައިރިއަށް އަށްގަޑިބައިގަ..އޯކޭތަ؟..” ޝާމިލް ވީ އުފާ ބަޔާންކޮށްދޭންވެސް ނޭނގުނެވެ. “އާން..އޯކޭ..ސީ ޔޫ ދެއަރ..” ފޯން ބާއްވަމުން ހަޅޭއްލަވައި ގަނެވުނެވެ.
-ނުނިމޭ-
One Comment
Comments are closed.
Good