Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތްމިއެދޭ ސޫރައޭތީ މަގޭ 10

Salaa Level 210 Stories100 Comments
March 4, 2014 11 Mins Read
4 Comments

 ހަރީރާ އެހެން ބުނުމުން އިމްރާން ވަފާ އާއި ވާހަކަ ދައްކާލާ ހިތްވިއެވެ. ޔަޝްމީދެކެ ވެވުނު ލޯބި ވަފާ ދެކެ ވާން ބޭނުންވިއެވެ. ލިބުމެއް ނެތް ލޯތްބަކަށް އިންތިޒާރު ކުރުމަށްވުރެން ، ނިވެމުންދާ ބޮކި ދިއްލޭތޯ ބެލުމަށްވުރެން ފެހި ސިގްނަލް ދިއްލާލި ބޮތްކާއި ދިމާއަށް ދަތުރުކުރުން މާ މުހިއްމެވެ.

ޔަޝްމީގެ މަސައްކަތްތައް ކިތަންމެ ހާވެސް ރަނގަޅެވެ. އޭނާގެ ހިތްވަރުން ޕްރޮޑިއުސަރުންވެސް ތިބެނީ ވަރަށް އުފަލުންނެވެ. އެމީހުންގެ ސްޓޫޑިއޯއަށް ފައިދާ ވާނެތީވެއެވެ. ޔަޝްމީ އާއި ޖިޔާ އޮލަ ވާހަކައެއްގައި ތިއްބާ ސްޓޫޑިއޯގެ ބޮޑެތި މީހުން އައުމުން އިޙްތިރާމް ކުރުމުގެ ގޮތުން ތެދުވިއެވެ.

” ވަރަށް ބޮޑަށް އުފާކޮށްފިން… މަސައްކަތްތައް ދިޔަ ގޮތުން މިހުރީ ވަރަށް ހިތްހަމަ ޖެހިފައި… ”

ނިޔާޒް އެހެން ބުނުމުން ކައިރީގައި ހުރި ވަދޫދު ހިނިތުންވެލުމަށްފަހު ކުރިއަށް ޖެހިލިއެވެ.

” މީ ހަމަ ނުހާދު މުވައްޒަފުންނާ މެދު ބަހައްޓާ ގާތްކަމުން ލިބުނު ކުރިއެރުމެއް ”

 އެހެން ބުނުމާއި އެކު ހުރިހާ ކުދިން އެކަކު އަނެކަކުގެ މޫނަށްބަލަން ފެށިއެވެ. ނުހާދަކީ މޮޅު ޕްރޮޑިއުސަރެކޭ ބުނާއަޑު އެކުދިންނަށްވަނީ މީގެ ކުރިން އިވިފައެވެ. އެހެނަސް އޭނާ ދެކެފައިވާ އެއްވެސް ކުއްޖަކު އެތާކުނެތެވެ.

” ނުހާދޭ ތޯ ؟ ” ކުދިންތަކުގެ ތެރެއިން އަލީ އަހާލިއެވެ. އެވަގުތު ނިޔާޒް ޖީބަށް އަތްޖަހާލަމުން ކޮނޑުއަރުވާލިއެވެ.

” ނުހާދަކީ އަޅުގަނޑު…. އަޅުގަނޑު ބޭނުންވީ އަޅުގަނޑު އާދައިގެ މީހަކަށް ވެގެން ތިކުދިން މަސައްކަތް ކުރާތަން ދެކެން.. އެއީ ފަހަރެއްގަ އަޅުގަނޑަކީ ޕްރޮޑިއުސަރަކަށް ވުމުން އަޅުގަނޑާއި އެކު މަސައްކަތްކުރަން ޖެހިލުންވެދާނެ..ނޫނީ މަސައްކަތްކުރަން ފޫހިވެސް ވެދާނެ.. ކަންތައްވީވެސް ބޭނުންވި ގޮތަށް.. އެއްވެސް ކުއްޖަކަށް މި ސިއްރު ފަޅައެއް ނޭރި..”

ނުހާދު ވާހަކަދެއްކި އިރު ހުރިހާކުދިންގެ މޫނުމަތިންވެސް ފެންނަނީ ލަދުރަކިކަމެވެ.

“މިޔަދު އެނގިއްޖެ ތިއީ ވަރަށް ޓެލެންޓެޑް ކުދިބައެއް ކަން.. މި ގުރޫޕްގެ ހުރިހާ ކުދިންވެސް ވަރަށް މޮޅު.. ވަރަށް އުފާވެސް ކޮއްފިން.. ދެން އެއްވެސް ކުއްޖަކު ނިޔާޒްގެ ނަމުން މުޚާތަބް ނުކުރާތި އިނގޭ… އަޅުގަނޑު މިއީ ނުހާދު ، އެންޑީ ސްޓޫޑިއޯގެ މެނޭޖަރ……” ނުހާދުގެ ޖުމުލައިން ހުރިޙާ ކުދިންގެ އަނގަ ހުޅުވުނެވެ. ކުރިމަތީގައި މިހުރީ ނަން މަޝްހޫރު އެންޑީ ނުހާދެވެ.

” ވަރަށް އުފާވެއްޖެ މޮޅު މީހަކާއި އެކު މަސައްކަތް ކޮއްލުމުގެ ފުރުސަތު ލިބުނީމަ…” އަލީ ހުރީ ވަރަށް އުފާވެފައެވެ.

” ވަރަށް އުފާކޮއްފިން.. ހާދަ މޮޅު ސިކުނޑިއެކޭ ދޯ ބޮސް…..” ޖިޔާގެ ޖުމުލައިން ނުހާދުވެސް ހޭންފެށިއެވެ. މިރޭ އެއްވެސް ޕްރެކްޓިސް އެއްވެސް ނެތެވެ. ނުހާދުގެ ފަރާތުން ހުރިހާ ކުދިންނަށް ކެއުމެއް ދެނީއެވެ، ޔަޝްމީވެސް ހުރީ މިރޭ ވަރަށް އުފަލުންނެވެ. އޭނާއަށް ކުރިއަށް ދެވިދާނެކަން ޔަޤީން ވުމުންނެވެ.

*******************

އިމްރާން އިނީ ގޭ ކައިރީގައި ހުރި ޖޯލިފަތީގައެވެ. ހަވީރު ވަގުތު ކަމުން ކުޑަކުދިންނާއި ބޮޑެތި މީހުން މަގުމަތީގައި ނަލަ ހެދިގެން ހިނގާ ބިގާވެ އުޅެއެވެ. އިމްރާން އެހެން އިންތަން ފެނިގެން އެހިސާބުގަނޑުގެ ގެއެއްގައި އުޅޭ ފާރިޝް އިމްރާންއާއި ދިމާއަށް މިސްރާބުޖެހިއެވެ.

” އޭ… ކޮބާ ކަމެއް ނެތްތަ؟ ”

ފާރިޝް ބައިސްކަލް ލައްކޮއްލީ ޖޯލިފަތީގައެވެ. އެއަށްފަހު އިމްރާން ކައިރީގައި ޖައްސާލިއެވެ އިމްރާން ފާރިޝްއަށް ބަލާލިއެވެ. އޭނާ ހުރީ ވަރަށް ފޮނިވެފައި ކަމުން އިމްރާން ބޯހިއްލާލިއެވެ. އަދި ވަރަށް ގަޔާވެލާފައި ބުނެލިއެވެ.

” މަށަށް ހީވަނީ ތިއުޅެނީ ކޮންމެވެސް އެހެން ކަމެއް ވެގެން ހެން…  ތެދަށް ބުނީމަ އެއްނު މަށަށްވެސް އެނގޭނީ…”

 ފާރިޝް ބޯ ކަހާލިއެވެ. އިމްރާން އިނީ ލާނެތް ފާޑަކަށް ހޭށެވެ.

” އޭ! މަ މަންމަ މިހާރު އެ އުޅެނީ މަ ރިސޯޓަކަށް ނުގޮސްގެން.. ދިޔުމުގެ ކުރިން މަ ބޭނުން އޭނަ ސެޓު ކުރަން… އެހެން ނޫނީ ތެޔޮ ނާށި ކާޅު ޖަހައިގެންފާނެ.. އޭރުން އޮންނާނީ ފެން ރުނބާ ފުލުންވެސް ފެން ފޮދެއް ނުލިބިފަ.. މާޔޫސްވެފަ.. ގޮތް ހުސްވެފަ.. މަގޭ ހިތަށް ދިރުމެއް ލިބޭނީ އެ ،މަންޖެ އަތު އަޅުވާ ލެވުނީމަ.. ސެޓު ވީމަ ސިލްޖަހާފަ ރިސޯޓަށް ކަނޑާލީމަ ނިމުނީނު.. އޭރުން މަ އަންނަހާ ދުވަހެއް ވަންދެން ހުންނާނެ އެއްނު.. ސިލް ޖެހީމަ ސިލް ކަނޑައެއް ނުލެވޭނެ… ”

 ފާރިޝް މަޖާ ރާގަކަށް ބުނަމުން ދިޔައެވެ. އޭރު އިމްރާން ހުރީ ހިންޏާވެގެން ހަލާކުވެފައެވެ. އިމްރާން ތެދުވެލާފައި ފާރިޝް އިންޖޯލީގެ ކުރިމަތީ ހުއްޓި އެއްފައި ޖޯލީގައި ޖައްސާލިއެވެ. އަދި ކުޑަކޮށް ގުދުވެލާފައި ބުނެލިއެވެ.

” ކަލެއަށް އަތް އަޅާލަދޭނީ މަށަށްވެސް އެހީއެއް ވަންޏާ…. ” ފާރިޝް ތެދުވުމަށްފަހު އިމްރާންއަށް އިނގިލި ދިއްކޮއްލަމުން ބުންޏެވެ.

” އޭ ތިދިނީ އިންޒާރެއްތަ؟ ނޫނީ އަމުރެއްތަ؟ “

އިމްރާން ފާރިޝްގެ ކޮނޑަށް އަތްވައްޓާލިއެވެ.

” ހިނގާ އަތިރިމައްޗަށް…. ރަނިކަ ގަސްދަށުގަ ބަށި ކުޅެން އެބައުޅޭ ގުރޫޕެއް… ” ފާރީޝް ރުޅިއައިސް ރަތްވެފައި އިމްރާނަށް ބަލާލިއެވެ.

” ކަލެއަށް އެނގޭދޯ މަގޭ ބޭނުންވާ މައުޝޫގާ… ” ޖެއްސުމުގެ ރާގަކަށް އެހެން ބުނުމުން އިމްރާން ފާރިޝްގެ ބުރަކަށީގައި ބޮނޑިއެއް އަޅާލިއެވެ.

” ނޫނޭ،، މަށަކަށް ނޭނގެ.. އެކަމަކު މިރަށުގަ އުޅޭ ރީތި ކުދިން އެދަނީ ބަށިކުޅެން…. އެތަނަށް ދިޔައީމަ ކަލެއަށް އެކުއްޖާ ދެއްކޭނެ އެއްނު.. ދެން މަ ދައްކާނަން މަގޭ ޗޮއިސް… ” އިމްރާންގެ ބަހަށް ފާރިޝް ކުޑަކޮށް ވިސްނާލިއެވެ. އަދި ފާޑަކަށް ހުރެ ބުނެލިއެވެ.

” ދެމީހުންގެ ޗޮއިސް އެކައްޗަކަށް ވިއްޔާ ؟؟؟؟ ޔޯ ؟؟؟؟؟ “

” ފައިޓަކަށް ދާނީ…… ” އިމްރާން އެހެން ބުނުމުން ފާރިޝް އިމްރާނާއި ދިމާއަށް އަތްމަޅާލިއެވެ.

” އޭހް… ސޮރީ ސޮރީ…. އެއީ މަޖަލޭ.. ހަމަޖެހިބަލަ!!!!” އިމްރާން ހޭންފެށިއެވެ. ފާރިޝް އަދިވެސް ހުރީ ރުޅި މޫނު ދައްކައިގެންނެވެ.

” ކަޔެ ތިދަނީ އަންހެން ކުދިން މިހެން ބަނޑި ބަނޑި ލައްވާތަން ބަލަން ދޯ……..” ހުއްޓިފައި ބަނޑި ލައްވާލަމުން ފާރިޝް ބުނެލިއެވެ. އިމްރާން އަނެއްކާވެސް ލާނެތް ފާޑަކަށް ހޭންފެށިއެވެ.

” ނޫނޭ… އަނގައެއް ވާ އެބައޮތް… ލަސްނުކޮށް ހިނގާ ބަލަ! ” އިމްރާން އާއި އެކު ފާރިޝްވެސް ހިނގައިގަތެވެ.

އޭރު ފޯރީގައި ކުޅެމުންދާ ފުރާވަރުގެ އަންހެން ކުދިންތައް މަޖާނަގަމުންދެއެވެ. މާ ދުރުނޫން ހިސާބެއްގައި ކަނޑާފައި އޮތް ރުކެއް މަތީ އިމްރާން އާއި ފާރިޝް ހަމަޖެހިލިއެވެ. ފާރިޝް އަވަސްވެ ގަތީ އެކުއްޖާ ފެނޭތޯއެވެ. އޭރު އިމްރާން ބަލަމުންދަނީ ވަފާ އާއި ދިމާއަށެވެ.

” އެހުރީނު ފެހި ކުލައިގެ ދޯ ޕައްޓާއެއް ބަނޑުގައި އައްސައިގެން ކުއްޖެއް… އެއީ މަގޭ ޗޮއިސް… އެއީ ރަނާ……. ” މަޑުމަޑުން ފާރިޝް ބުނެލިއެވެ. އިމްރާން ހިނިގަނޑު ފަޅައިގެންދިޔައެވެ.

” ހާދަ ހަޑިއޭ….. ” އެއްލޯ ކުޑަކޮއްލަމުން އިމްރާން ބުނެލިއެވެ. ފާރިޝް ލޯ އަޅާލީ އިމްރާން އެހެން އެބުނީ ޖެއްސުމަށްކަން އެނގޭތީއެވެ.

” ނުވާނެ…. ދެން ދައްކަބަލަ އިމްރާންގެ ޗޮއިސް..” ފާރިޝް ހުރީ ބަލާލާ ހިތުން ކެތްމަދުވެފައެވެ.

” އެހެރީނު ޕިންކް ކުލައިގެ ހެދުމެއްގަ… އެއީ… އަސްލު ވަރަށް ރީތި ދޯ…”އިމްރާން އެހެން ބުނުމުން ފާރިޝް ފާޑަކަށް ހޭންފެށިއެވެ.

” ބޮއެ… ބޮޔަ… ހަޑި ހަޑި.. މަ އެކުއްޖާ ދޫކޮއްލީވެސް ހަޑިކަމުން………”

ފާރިޝް މަޖަލަކަށް ހަދާފަ އެހެން ބުނީ އަތްދިއްކޮއްގެން ހުރެއެވެ. އެ މަންޒަރު ވަފާއަށް ފެނުމުން ވަފާ ހުއްޓުން އެރިއެވެ. އޭނާއަށް އިރުއިރުކޮޅުން އިމްރާން މެންނާއި ދިމާއަށް ބެލެނީއެވެ.އިމްރާން މެންނަށްވެސް އެކަން ފާހަގަ ކުރެވުނެވެ.

” އެކުއްޖާ ފާރިޝްއަށް ހަޑިވިޔަސް މަށަށް ރީއްޗޭ… ބަލާބަލަ ކަލެއާއި ހެދި އޭނައަށް އެނގިއްޖެ އަހަރެމެން އެމީހުންނޭ ކިޔާފަ އެއްޗެކޭ ކިޔާކަން…….” އިމްރާން އެހެން ބުނިތަނާހެން ފާރިޝް ތެދުވިއެވެ. އިމްރާން ބޯ ހިއްލައިގެން ބަލަން އިނެވެ.

” މާކަނައެއް ހެން ތިހެން ނީނދެ ހިނގާ މިތަނުން ދާން.. އަންހެންވެރިން މުޒާހަރާއަށް އަތުވެދާނެ…” ފާރިޝްއަށްވެސް ހުރީ ހެވިފައެވެ. ދެމީހުން ރަށުތެރެއާއި ދިމާއަށް މިސްރާބުޖެހިއެވެ. އޭރުވެސް ވަފާ ހުރީ ލުއި ހިނިތުންވުމަކުން ބަލާލަ ބަލާލައެވެ.

**********************************

ނިކްގެ މުޅި ދިރިއުޅުން ބަނަވީ ކަމުގައި އޭނާދެކެން ފެށިއެވެ. އޮންލައިން ނިއުސްތައް ބަލާލިޔަސް ފަލަސުރުޚީ ތަކަށް އަރާފައިވަނީ ނިކް މިޔުޒިކާއި ދުރަށް ދިޔައީ ހެއްޔެވެ؟ އެއްވެސް ކޯލަކަށް ނިކް ޖަވާބެއްވެސް ނުދެއެވެ. އޭނާ ބޭނުންވަނީ ވަރުބަލިވެ ހާސްވެފައިވާ ސިކުނޑިއަށް އަރާމެއް ދޭށެވެ. އެއްވެސް މީހެއްގެ އުނދަގޫ ނުވާގޮތަކަށް އުޅޭށެވެ. ޔަޝްމީ ދެކެ ވަމުންދާ ލޯބި އާލާ ވަމުން ދަނީ އެހެންވެއެވެ. އެކަނި ވެވިއްޖެއްޔާ އޭނާގެ ހިތާ ނަފްސްވެސް ޔަޝްމީއަށް ހަދިޔާކުރެއެވެ. އެ ލޯބިލޯބި މޫނުގައި ފިރުމާލުމަށް އެދެވެން ފަށައެވެ. ނަމަވެސް މިޔަދު ޔަޝްމީއަކީ އޭނާގެ މީހެއް ނޫނެވެ. ހީވާގޮތުން އޭނާ އަކީ އިމްރާންގެ މީހެކެވެ. ނަމަވެސް ޔަޝްމީ އާއި ބެހޭ އެއްވެސް މައުލޫމާތެއް ހޯދާކަށް އޭނާ މަސައްކަތެއް ނުކުރެއެވެ. އޭނާ އެކަން ކުރަން ބޭނުން ނުވަނީ ޔަޝްމީ ނުލިބޭނެތީއެވެ. ޔަޝްމީގެ ލޯބި ހޯދަން މަސައްކަތް ކުރުމުންވެސް ޔަޝްމީ ނުލިބުނީމައެވެ.

ރެޑް ބުލް އެއް ހިފައިގެން ނިކް ހިނގައިގަތީ ބޭރަށެވެ. ހަމަ ވައިގެ ތެރެއަށް ނުކުމެލުމަށެވެ. ނަމަވެސް އޭނާހެ ހިތަށް ލުޔެއް ލިބޭނެ ބާވައެވެ؟ އޭނާއަށް ހަމަޖެހިލެވިދާނެބާވައެވެ؟ ކިތަންމެ ކެތްކޮއްގެން ކިތަންމެ އުފާވެރިކަން ދައްކައިގެން އުޅުނު ނަމަވެސް ނިކްގެ މޭގައި މިހާރުވަނީ ހަކަތަ ހުސްވެފައިވާ ހިތެކެވެ. ވެލިގަނޑުމަތީ އިށީނުމަށްފަހު އަތުގައި އޮތް ދަޅު ކައިރީގައި ބެހެއްޓިއެވެ. އަދި މޫދާއި ދިމާއަށް ބަލަން އިނެވެ. ކުއްލިއަކަށް އޭނާއަށް ފޯނެއް އައެވެ. ވަރަށް އުނދަގުލުން ޖީބުން ފޯން ނެގުމަށްފަހު ބަލާލި އިރު އެންޑީ ގެ ކޯލެކެވެ.

” ހޭ ނިކް! ހާދަ ވަރަކަށް މަސައްކަތް ކޮއްފީމޭ ގުޅަން… ކޮބާ ކޮންތާކު ތިއުޅެނީ ؟ ” ނުހާދުގެ ޖުމުލައިން ނިކް ފާޑަކަށް ހީލިއެވެ.

” ދެން މި އުޅެނީ ހަމަ…. ކޮބާ މަ ދިން ނަންބަރުން ގުޅުނުތަ؟ ” ނިކް ތެދުވެގެން ގައިން ވެލި ފޮޅާލިއެވެ.

” އާނ.. ހާދަ މޮޅޭ އޭނަ… މިހާރު މިއުޅެނީ އަލްބަމް ނެރެންވެގެން… ޚާއްސަ ގެސްޓެއްގެ ގޮތުގަ އަންނަންވީނު…. އަސްލުވެސް ނިކް އެންމެ އެކަށީގެންވާނީ …” އެންޑީ ނުހާދު އާދޭހުގެ ރާގަކަށް ބުނެލިއެވެ. ނިކް އަނެއްކާވެސް ހީލިއެވެ. އަދި އާދައިގެ ގޮތަކަށް ބުނެލިއެވެ.

” އަހަރެން ވަރަށް ބިޒީކޮށް މިއުޅެނީ…”

” ކޮންތާކުތަ ތިއުޅެނީ… ޔަޝްމީގެ ނަންބަރ ދިން ފަހުން ނިކް އަށް ގުޅުނީ ކީ ވެސް ނޫން… އެ ނަންބަރ ދީފަ ނުބުނާށޭ ކިޔާފަ ބަޑީ ބެޗީ އެއްނު.. ކިހނެތް ތި ހަދަނީ…”

 ނުހާދު ބޭނުންވީ ނިކް އާއި ވާހަކަ ދައްކާށެވެ. ނަމަވެސް ޔަޝްމީގެ ނަން ނުހާދު ބޭނުން ކުރުމުންވެސް ނިކް އިތުރަށް ދެރަވެއްޖެއެވެ.

” އޭރު ދެން ބިޒީކަމުން ފޯން ނިއްވާލި ގޮތަށް މިރޭ ހަމަ މި ހުޅުވީ…. ” ނިކް ދޮގުހެދިއެވެ.

” ދެން އަހަރެމެން މިއީ އެއްކޮށް މަސައްކަތް ކުރި މީހުން.. އަހަރެމެން ސްޓޫޑިއޯ އިން ދައުވަތެއް ދިނީމަ ޤަބޫލު ނުކުރީމަ ވަރަށް ދެރަވާނެދޯ އެހެން މީހުންވެސް……..”

 ނުހާދު މަޑުމައިތިރިކަމާއި އެކު ބުނެލިއެވެ. ނިކް ވިސްނާލިއެވެ. ޔަޝްމީގެ ކުރިމައްޗަށް ދާން އޭނާ ބޭނުމެއް ނޫނެވެ. އެހެނަސް ދުވަސްވީ އެކުވެރިޔާއަށްޓަކައި އޭނާ ދާން އެއްބަސްވިއެވެ.

” އެކަމަކު ޔަޝްމީއަށް އަހަރެން ދާ ކަންވެސް އަންގައިގެން ނުވާނެ އިނގޭ… އަހަރެންގެ އެއްވެސް މައުލޫމާތެއްވެސް ނުދޭތި/…” ނިކްގެ ޖުމުލަތަކުން ނުހާދު ހައިރާންވަމުންދެއެވެ.

” ބިޓެއްތަ އެއީ؟ ” ނުހާދު އަހާލިއެވެ ނިކް ދުލުން ތުންފަތް ތެންމާލިއެވެ، އަދި ޖީބަށް އަތްޖަހާލިއެވެ

” ނޫނޭ… ބިޓެއް ނޫން…. ދެން އެވާހަކަ ނާހަބަލަ! އެންޑީ އަށް އެނގެއެއްނު މަގޭ ގޮތް… ” ނިކް ބޭނުންވީ އެވާހަކަ އޮއްބާލާށެވެ.

” ހޫމ.. އަބަދުވެސް ބިޓުން ވާ މީހުންވިއްޔަ.. އެހެނޭ ކިޔާފަ އަހަރެމެން ކީއްކުރާނީ؟ މި ބޮޑު ބަނޑު ނުހިނދެނީސް އަންހެން ކުއްޖަކު ބަލާވެސް ނުލާނެ..” ނުހާދު އެހެން ބުނުމުން ނިކްއަށް ވަރަށް ބާރަށް ހެވުނެވެ.

******************************

ފޮށްޓަށް އެއްޗެހި އަޅައިގެން ޔަޝްމީ ސިޓިންގ ރޫމަށް ނުކުތް އިރު ދޮންބައްޕަ މަސައްކަތެއްގައި އުޅެއެވެ. ޓީވީ ބަލަން އޮތް މުއާޒަށް ޔަޝްމީ ފެނުމާއި އެކު ތެދުވެގެން އައިސް ފޮށީގައި ހިފިއެވެ.

” ޔަޝް ހަމަ ދަނީތަ؟ ” މުއާޒް ހުރީ ވަރަށް ދެރަވެފައެވެ. އޭނާ ޔަޝްމީގެ މޫނަށް ބަލާލުމާއި އެކު ޔަޝްމީއަށް ރޮވުނެވެ. އޭރު ބައްޕަ އައިސް އެމީހުންގެ ކުރިމަތީގައި ހުއްޓުނެވެ.

” ކޮންތާކަށް ދަނީ ؟ ” ބައްޕަގެ ޚާއްސަ ރާގުގަނޑުގައި އެހިއެވެ. މުއާޒް ނުރުހިފައި ބަލާލީ ބައްޕަ އާއި ދިމާއަށެވެ.

” ކީއްވެ ނުދާންވީ؟ މިފަކީރު މިތާ ހުރިޔަކަވެސް ނުދިން.. ދެން މީނަ ދާންވީ ހިލޭ ބައެއްގެ ގާތަށް.. ތީތަ ޔަޝްމީގެ މަންމަގެ ވަސިއްޔަތް ފުއްދައިދޭ ގޮތަކީ؟ ”

 މުއާޒް ރުޅިއައުމުން ޔަޝްމީ މުއާޒްގެ އަތުގައި ހިފާ ނޫނެކޭ ބުނަން ބޯ ހޫރާލިއެވެ. މުއާޒް އަވަސް އަވަހަށް ފޮށި ހިފައިގެން ބޭރަށް ނުކުތެވެ. ޔަޝްމީ ބައްޕައަށް ބަލާލި އިރުގައިވެސް ބައްޕަ ހުރީ މޫނު ކުނިކޮއްފައެވެ.

” އަމިއްލަ ފައިމައްޗަށް ތެދުވެ، ފައިސާ ލިބެން ފެށީމަ އަހަރެން ދޫކޮށްފަ ދާން ކެރިއްޖެ ދޯ؟ ” އޭނާ އެހެން ބުނުމުން ޔަޝްމީ ވެސް  މަޑުމަޑުން ބުނެލިއެވެ.

” އަހަރެން އަދިވެސް ބައްޕައަށް ޤަދަރުކުރަން.. ބައްޕަ ކޮންމެ ކަމަކަށް ބޭނުންވިޔަސް އަހަރެން ގާތު ބުނޭ.. ބައްޕަގެ ކޮޓަރީގެ އެނދުމަތީގައި އޮންނާނެ ސިޓީ އުރައެއް.. އޭގައިވާ 50000 ރުފިޔާ އެއީ  އަހަރެން ބައްޕައަށް ހަދިޔާއެއްގެ ގޮތުގަ ދިން އެއްޗެއް…….”

މިޔަދު ބައްޕައަށްވެސް ޔަޝްމީގެ ރަނގަޅުކަން އިހުސާސް ވިއެވެ. އެހެނަސް އޭނާ ގޮތްދޫކުރާކަށް ބޭނުމެއް ނުވިއެވެ.

” އެއެއް ބޭނުމެއްނޫން… ކަލޭ ދާންބޭނުމިއްޔާ ދޭ… އަހަންނަށް ހެޔޮ އަހަރެންގެ ހާލުބާލު ނުބެލިޔަސް… ދާން އުޅޭ..” ބައްޕަ ބާރު ބާރަށް ގޮސްވަނީ ކޮޓަރިއަށެވެ. އަދި ސިޓީ އުރަ ހިފައިގެން އައިސް ޔަޝްމީގެ އަތަށް ކޮއްޕާލިއެވެ. ޔަޝްމީވެސް ލޮލުން ފެން ފޮހެލުމަށްފަހު ބާރުބާރަށް ނުކުތް އިރު ، މުއާޒް ހުރީ ކާރެއް ހުއްޓުވައިގެންނެވެ.

” ގުޅައްޗޭ! އެމީހުންނާއި އެކު ރަނގަޅަށް އުޅޭތި…” މުއާޒް ކާރު ދޮރުހުޅުވާލުމުން ޔަޝްމީ މުއާޒަށް ބަލާލިއެވެ.

” ތޭންކިޔު…” ޔަޝްމީޢަށް ރަނގަޅަށްވެސް ރޮވުނެވެ. މުއާޒް ޔަޝްމީގެ ބޮލުގައި ފިރުމާލިއެވެ. އަވަސް އަވަހަށް ޔަޝްމީ ކާރަށް އެރީ ދެރަވެގެންނެވެ. އޭރުވެސް މުއާޒް ހުއްޓެވެ. ކާރު ލޯމަތިން ގެއްލުމުން މުއާޒް ގެއަށް ވަނެވެ.

*****************

” ހޭ ވެލްކަމް ޔާޝް……..” ފޮށިހިފައިން ވަތްތަނުން ޖިޔާ އައިސް ޔަޝްމީގެ ގައިގައި އޮޅުލައިގެވެ.

” ވާއު…. ހާދަ ރީއްޗޭ މި ރޫމް………..” ޔަޝްމީ ވަށައިގެން އެނބުރިލުމަށްފަހު އެނދުމަތީ އިށީނެވެ.

” އާނ… މިއޮތީ މިތަނުގެ އެގްރީމެންޓް…. ދެމީހުންނަށް ބަހާލައިގެން މީހަކު ދެހާސް؟ ” ޖިޔާ ފައިލެއް ދިއްކޮއްލުމުން ޔަޝްމީ އަވަސް އަވަހަށް އެ ބަލާލިއެވެ. ޖިޔާ އެނދުމަތީ އޮށޯތެވެ.

” ހެއި… މިއޮއް ބޮޑުތަން އެންމެ ފޯރ ތައުޒަންއަށްތަ؟ ” ޔަޝްމީއަށް ޤަބޫލު ނުކުރެވިގެން ބުނެލިއެވެ. ޖިޔާ ހޭންފެށިއެވެ. އަދި ޔަޝްމީއާއި ދިމާއަށް ފުރޮޅިގަންނަމުން ބުނެލިއެވެ.

” އެންޑީ މެންގެ ތަނެކޭ މީ.. އެމީހުންގެ މުވައްޒަފުންނަށް ހެޔޮ އަގުގައި ތަންތަން ދޫކުރާކަމެއް ނޭނގޭތަ؟ ކިހާ ރަނގަޅު.. އަހަރެމެން ދެން އުޅެންވީ މިތާ.. ވާއު… ކިހާ ނައިސް؟ ”

ޖިޔާ ހުރީ ވަރަށް އުފަލުންނެވެ. ޔަޝްމީވެސް ޖައްސާލިއެވެ. ގޭތެރޭގެ އެއްވެސް ވާހަކައެއް ޔަޝްމީ އެއްވެސް މީހަކާ ޝެއަރ ކުރާކަށް ބޭނުމެއް ނޫނެވެ. ދެން އެކަމާ ވިސްނާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ.

” ހޭ ޔާޝް..  މާދަމާ ރޭ އިވެންޓް ތައް އޮންނާނެ ދޯ… ލޯންޗް ކޮއްދޭން އަންނަނީ ކާކުބާ؟ ޔަޝް ދޯ ސީޑީ ޙަވާލުކުރަން އަރަނީ؟ ” ޖިޔާއަށް ބަލާލަމުން ޔަޝްމީ ތުންފިއްތާލިއެވެ.

” ހޫމް… މަށޯ… ނޭނގެ ކާކު ކަމެއްވެސް އަންނަނީ؟ ހީވަނީ ކޮންމެވެސް މަތީ މީހެއް ހެން… ” ޔަޝްމީ ތެދުވެގެން ބޮލުގައި ހުޅިއެއް ޖަހާލިއެވެ. އޭރުވެސް ޖިޔާ އޮތީ އެނދުމަތީގައެވެ.

*********************

އިމްރާން އާއި ފާރިޝް މަސްބާނަން ދިޔުމަށް ތައްޔާރުވަނީއެވެ. އެއީ ވެސް ކޮންމެވެސް ރޭވުމެކެވެ.

” މިރުސްގަނޑު ތައްޔާރުކޮށްގެން ރޮށިފިހަން އެމީހުންގާތު ބުނަން ކެރޭނެތަ؟ ” އިމްރާން ރޯލުތައް ހަމަ ކުރަން ހުރެ ބުނެލިއެވެ. އޭރު ރޯލުތަކުގައި ބުޅިލަމުންދަނީ ފާރިޝްއެވެ.

” ހޫމް… މަ ބުނާނަން ސާއިގާ ކައިރީގަ..  ސާއިގާ އެއީ މަށާ ވަރަށް ވާހަކަ ދައްކާ ގޮލައެއް.. އޭނަގެ ގުރޫޕެއްނު ރަނާ ވެސް… ވަފާވެސް އެމީހުންނާއި އެކު އުޅޭތަން ފެނޭ…” އެ ޖުމުލައަށް އިމްރާންއަށް އަލިމަގެއް ފެނިއްޖެ ކަމުގައި އޭނާއަށް ހީކުރެވުނެވެ.

މަސްބާނަން ދިޔުން ރެޑީ ކޮއްފައި އިމްރާން އާއި ފާރިޝް ސާއިގާމެންގޭދަށަށް ދިޔައެވެ. އޭރު ސާއިގާ އިނީ އެގޭ އުނދޯލީގައެވެ.އެމީހުން ފެނުމާއި އެކު ހިނިތުންވަމުން އޭނާ ތެދުވިއެވެ.

” ބަލަގަ! ފާރިޝް ކިއެއް ކުރަނީ؟ ” ސާއިގާ ދަމާ އަޅަމުން ބުންޏެވެ.ފާރިޝް އުނދޯލީގައި އިށީންނަމުން ސާއިގާއަށް ބަލާލިއެވެ. ބުމައަރުވާލަމުންނެވެ،.

” އަހަރެންޝް މިއައީޝް ވަރްޝް ބޮޑްޝް ކަމެކްޝް ކިޔަންޝް………. ”

އެ ޖުމުލަ އާއި އެކު ސާއިގާ ވަރަށް ބާރަށް ހެމުން ހެމުން އިށީނީ ޖެހިގެން ހުރި ޖޯލިފަތީގައެވެ. އިމްރާން އާއި ދާދި ކައިރީގައެވެ. އިމްރާންއަށްވެސް ހެވުނީ ފާރިޝް އެހެން ބުނި ގޮތުންނެވެ.

” ފާރިޝް އަދިވެސް ހަނދާން އެބަހުރި ދޯ އަހަރެމެން ސްކޫލްގައި އުޅުނު އިރު ކުރާ މަޖާ ކަންތައްތައް…. އެގޮތަށް ވާހަކަ ދައްކަންޏާ ބައެއް ކުދިން ވަރަށް ނައްޓާނެދޯ.. މަށާ ފާރިޝްގެ ހާއްސަ ބަހުރުވަ ދޯ އެއީ.. ހޫމް.ދެން ބުނެބަލަ.. ކޮންކަމަކު ތިއައީ؟ ” ސާއިގާ ބަލާލީ އިމްރާން އަށެވެ. ސާއިގާއަށް އިމްރާން އަކީވެސް ބީރައްޓެއްސެއް ނޫނެވެ. އެއީވެސް އޭރު އެއްކޮށް އުޅުނު ކުދިންނެވެ.

އެމީހުން ކަންތައް ކުރަންވީގޮތް ސާއިގާއަށް ކިޔައިދިނެވެ. ސާއިގާ އުފަލުންހުރެ ހުރިޙާ ކަމަކަށް ބޯޖަހަމުންދެއެވެ.

” އެންމެ ފަހުން އެމީހުންގެ މަންމަ މަށާ ދިމާއަށް ކަނދުފޮއްޗޭ ކިޔާފަ އަންނަން ފަށާފާނެ އިލޮށިފަތި ހިފައިން……” ސާއިގާ ހީގަންނަމުން ބުނެލިއެވެ.

” ތިކަމަށް ރައްކާތެރިވާންޖެހޭނީ ސާއިގާ އަމިއްލައަށް……. ” ފާރިޝް އަނެއްކާވެސް ބުނެލިއެވެ.. ސާއިގާ ތުންފިއްތާލަމުން ދެލޯ ބޮޑުކޮއްލިއެވެ. އިމްރާން އަކީ މާ ބޮޑަށް ސަކަރާތްޖަހަން އެނގޭ މީހެއް ނޫންކަމުން ހީލަ ހީލާ އޭނާ ހުރީއެވެ.

” އޭ ދެން އޯކޭ ވީނު.. ހިނގާ ދަމާ! ”

އިމްރާން ތެދުވަމުން ޓީޝާޓަށް ދަމާލިއެވެ. ފާރިޝްވެސް އުނދޯލިން ތެދުވެ ސާއިގާއަށް އަތުން ބެސްޓޭ ބުނެލަމުން ނުކުތެވެ.

****************

 އެރޭ ސާއިގާ ވަފާ އާއި ރަނާ އާއި ބައްދަލް ކުރިއެވެ. އެއްގޮތަކަށްވެސް އެމީހުން އެކަމަކާ އެއްބަހެއް ނުވިއެވެ.

” އޭތް.. މަ މަންމަ އެއް ނުފޮނުވާނެ …. އަދި ރޭގަނޑު ފިރެހެންކުދިންނާ އެކީ އަތިރިމައްޗަށް…” ވަފާ މަޑުމަޑުން ވާހަކަ ދެއްކިއެވެ. ރަނާވެސް ދާކަށް ބޭނުމެއް ނޫނެވެ.

” ދެން ކީއްކުރާނީ؟ މަ ވެސް އެކަންޏަކު ނުދާނަން… ދެން އަޅާނުލާނީ ދޯ.. ” ސާއިގާ ދާންވެގެން ހިނގައިގަތުމުން ވަފާ ބާރަށް ހޭންފެށިއެވެ.

” ސާއީ… ހާދަ އަވަހަކަށް އުއްމީދު ކަނޑާލީތި؟ އަހަރެމެން މިތިބެނީ ތިކަހަލަ ފުރުސަތަކަށް ބަލަ ބަލަ! ” ރަނާ އެހެން ބުނުމާއި އެކު ސާއިގާ އެނބުރިގަތެވެ.

” އޭނ؟ ކޮންކަހަލަ ފުރުސަތަކަށް؟ ” ސާއިގާ އެމީހުންގެ މަޤްސަދު ބަލަން ބޭނުންވިއެވެ.

” ވަފާ ބޭނުންވަނީ ފާރިޝް… އަހަރެން ވަރަށް ވަރަށް ލޯބިވޭ އިމްރާން ދެކެ!! ” ރަނާ ގެ ޖުމުލައާއި އެކު ސާއިގާއަށް ޝޮކެއް ލިބުނެވެ.

” ވަޓް؟ ” ސާއިގާ އެހެން ބުނިލެއް ބާރުކަމުން ވަފާ އާއި ރަނާ ހައިރާންވިއެވެ.

” ކިހިނެތްވީ ހާދަ ހާސްވީ؟ ސާއިގާގެ މޫނަށް ވެފަ ތިހުރި ގޮތުން އަހަރެންވެސް ހައިރާންވެއްޖެ..” ވަފާ މަޑުމަޑުން ގުދުވެލާފާ އަހާލިއެވެ.

” ކަ.. ކަމެއް ނުވެ… ކަލޭމެން އެމީހުންނަށް ހިތްވެސް ކީ ދޯ؟ އެއީ ދެން ކޮންބައެއް؟ ފިރެހެނުންނަށް ވާކަހަލަ ބައެއްވެސް ނޫން..”

 ސާއިގާ ވާހަކަ ބަދަލުކޮއްލިއެވެ. އެކަމަކު އޭނާގެ ހިތުގައި ހާސްކަމެއް އުފެދިއްޖެއެވެ. އަސްލު އިމްރާން އުޅެނީ ވަފާ ސެޓް ކުރަންވެގެންނެވެ. އަދި ފާރިޝް ހުންނަނީ ރަނާ އާއި ހެދި މޮޔަވެފައިކަންވެސް ސާއިގާއަށް އެނގެއެވެ. އެމީހުން ގާތު ކުޑައިރުކޮޅަކު ހުރުމަށްފަހު ގެއަށް ދަނީއޭ ބުނެ ސާއިގާ ހިނގައިގަތެވެ،

“އަހަންނަކަށް ނުކެރޭނެ އެމީހުންގާތު ބުނާކަށް… ކީކޭ ބުނާނީވެސް… ވަފާ  ފާރިޝްދެކެ ލޯބިވާކަން އެނގެންޏާ އިމްރާންގެ ހިތް ހަލާކުވެދާނެ.. ދެން.. ހުރީ ރަނާ…. އޯހް  ފާރިޝް؟؟ އޯއެމްޖީ.. ކިހާ ދުވަހެއް ވެއްޖެ ފާރިޝް ރަނާ ލިބޭތޯ އިންތިޒާރުކުރަނީ.. އެކަމު.. ރަނާވެސް އެ ލޯބިވީ އިމްރާންދެކެ.. ނޫން ނުކެރޭނެ… އަހަރެން އެވާހަކަ ނުބުނާނަން…! އަހަރެން އެކަމުން ދުރަށް ދާނީ..” ސާއިގާ އަވަސް އަވަހަށް ގޮސް ގެއަށް ވަނެވެ.

*********************

އެންޑީ ސްޓޫޑިއޯގެ އަލްބަމް ލޯންޗް ކުރުމުގެ ހާއްސަ ޙަފްލާގައި ބައިވެރި ވުމަށްޓަކައި ނިކް މާލެ އައެވެ. އޭނާ މާލެ އެއައީ ހަމަ އެކަނި އެންމެ ރެއަކަށެވެ. ފުރަތަމަވެސް މާލެ އެރުމާއި އެކު އޭނާއަށް ފެނުނީ ޔަޝްމީގެ ބޮޑު ޕޯސްޓަރެކެވެ. ގިޓާ ހިފައިގެން އޭނާ ހުރި އެ ޕޯސްޓަރު ފެނުމުން ނިކްގެ ހިތައް އުފާވެރިކަން ގެނުވިއެވެ. ގައިމުވެސް  މިރޭ އޭނާ ޔަޝްމީ އާއި ބައްދަލްވާނެއެވެ. ޔަޤީނެވެ އޭނާ ހުންނާނީ އިމްރާން އާއި އެކުގައެވެ. އިމްރާންގެ އަތުގައި ހިފައިގެންނެވެ. އިމްރާންގެ އަތްބެއްގެ ގޮތުގައެވެ، ނިކްގެ ހިތް މަރުވެއްޖެއެވެ.

ސާއިގާ ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އޭނާއަށް އިމްރާންމެން ކައިރީގައި އެވާހަކަތައް ބުނާނީ ކިހިނެތް ހެއްޔެވެ؟ އެމީހުން މިހާރުވާނީވެސް މަސްބާނަން ގޮހެވެ. ގުޅޭނެ ގޮތެއްވެސް ނެތެވެ. އިރުއޮއްސި ހައެއް ޖަހާއިރަށް އަންނާނަމޭ ބުނެފައި އެމީހުން ދިޔައީއެވެ. މިހާރު ފަހެއްވެސް ޖަހައިފިއެވެ. ސާއިގާ ހާސްވަމުން ދެއެވެ. އޭނާ ސިހުނީ ކުއްލިއަކަށް ވަފާ އައިސް ސިއްސާލީމައެވެ. އޭރު އޭނާގެ އަތުގައި ލޮނުމިރުސްތައްޓެއް ހުއްޓެވެ ފަހަތުން އައިސް ވަތް ރަނާގެ އަތުގައި ރޮށި ކަހަނބު ހުއްޓެވެ.

” އޭތް.. ފަސްގަޑި ބައިވަނީ،، ހިނގާ އަވަހަށް ދާން… ” ސާއިގާގެ އަތުގައި ހިފައިގެން ވަފާ ހިނގައިގަތުމުން އިތުރު އެއްޗެއް ބުނުމެއް ނެތި ސާއިގާ ވެސް ދިޔައެވެ.

ތުނޑިއަށްގޮސް ވެލިގަނޑުމަތީގައި ތިން މީހުން ހަމަޖެހިލިއެވެ. އޭރު އިމްރާން އާއި ފާރިޝް ބޮއްކުރާގަނޑެއްގައި އަންނަތަން ފެނެއެވެ. ސާއިގާގެ މޫނުމަތިން ނުތަނަވަސްކަމާ ފޫހިކަން ވެރިވެފައިވެއެވެ.

” ކަލޭމެން ހިއެއް ނުވެ މަސްފިހަން އައިސް ތިބި ބައެއް ހެނެއް! މާ ރީއްޗެއް ވެގެން……..” ސާއިގާ ދިމާކޮއްލަން ބޭނުންވީ އޭނާ މޫޑު އޮފްވެފައި ވާކަން ނާންގަން ވެގެންނެވެ.

” އަހަރެމެންގެ ޕްރިންސް އެތިބީ… ދެން އަހަރެމެން ޖެހޭނެ އެއްނު ރީތި ވާން.. ދޯ ރަނާ! ” ވަފާ ރަނާއަށް އެއްލޯ މަރާލިއެވެ. ރަނާވެސް  ވަފާ އާއި އެއްބައިވެލިއެވެ. އިމްރާންމެން ބޮއްކުރަ އަޅާ ހެދުމަށްފަހު، މަސްތައް ހިފައިގެން އައެވެ. އެހާ ކައިރިން ވަފާ ފެނުމުން އިމްރާން ކުޑަކޮށް ލަދުގަންނަ ގޮތްވިއެވެ.  އޭނާ މިހާރު ޔަޝްމީ މަތިން ހަނދާނެއް ނުކުރެއެވެ. ހިތުގައި ޖަހަންފަށާފައިވާ އާ ވިންދުގެ ސަބަބުން އޭނާގެ ނާރުތައް ވަނީ ދިރެން ފަށާފައެވެ. އެހެން ލޯތްބެއް ބޭނުންވެގެން އެހެން ލޯތްބަކަށް އެދި އެދި ވާ އިމްރާންއަށް މިހާރު ވަފާ އާއި މެދު ވިސްނެން ފެށިއެވެ.

” ކޮބާ މަހުގައި މިރުސްލާންވީނު… ” ފާރިޝް މަސްތައް ސަތަރި މަތީ އަތުރާލިއެވެ.

” އަހަރެން ލައިދީފާނަން… ” ވަފާ އަވަސް އަވަހަށް ބުނެލިއެވެ. އެވަގުތު ސާއިގާ ބަލަން އިނީ އެމީހުންގެ ހަރަކާތްތަކަށެވެ.

” ނޫން.. އަހަރެން ލާނަން.. ވަފާގެ އަތުން ދިލަނަގައިފިއްޔާ ޔޯ؟؟’ އިމްރާން އެހާ ލޯބިން އެހެން ބުނުމުން ދެރަވީވެސް ސާއިގާއެވެ. ފަހުން އިމްރާންއަށް ކުރާނެ އަސަރު އެނގޭތީއެވެ. ވަފާ އިމްރާންއަށް ބަލާލީ ނުވިސްނޭފަދަ ގޮތަކަށެވެ.

އިމްރާން މިރުސްލާން ފެށުމުން ފާރިޝް ބޭނުންވީ ވަގުތުގެ ބޭނުންހިފާ ރަނާ ގޮވައިގެން ދުރަށް ޖެހިލާށެވެ. ނަމަވެސް ބުނާނީ ކީކޭ ހެއްޔެވެ؟ ލޯބިވާ ވާހަކަ ބުނަންވީ ހެއްޔެވެ.؟ ކޮންމެއަކަސް ވަގުތު ފާއިތުވެދިޔުމުގެ ކުރިން ފާރިޝް ވާހަކަ ދައްކަން ފެށިއެވެ.

” ރަނާ…. އާދެބަލަ މަށާ އެކީ އެދިމާއަށް… ” ފާރިޝް ރަނާ ކައިރިއަށް ހުއްޓުމާއި އެކު ރަނާ ބަލާލިއެވެ. މަޑުމަޑުން ރަނާ ތެދުވެ ގައިން ވެލި ފޮޅާލިއެވެ. ” ކީއްކުރަން އެދިމާއަށް؟ ” ރަނާ އެހެން ބުނުމުން ޖަވާބު ދިނީ އިމްރާނެވެ.

” އެއީ… ކުޑަ ވާހަކައެއް ދައްކާލަން… ” އިމްރާން އިސްއުފުލާ ބަލާލިއެވެ. ވަފާ އާއި ސާއިގާވެސް އިނީ ފާރިޝްއަށް ބަލާށެވެ.

” އަހަރެންވެސް އެބައޮތް ފާރިޝް އާއި ވާހަކައެއް ދައްކާލަންވެފަ… ” ރަނާ ބަލާލީ ފާރިޝްއަށެވެ. ސާއިގާއަށް ދެލޯ މަރާލެވުނެވެ. މިޝަން ފްލޮޕް ވީއެވެ. އަދި މިއުޅެނީ މަސް އަލިފާންގަނޑުމައްޗަށް ނުލެވިއެވެ.

” އޭތް… ހާދަ ވާހަކަ އެކޭ.. އަހަރެން މިހުރީ ފާރިޝް އާއި ދިމާނުވެގެން…… ” ވަފާ ހީގަންނަމުން ބުނެލިއެވެ. އެވަގުތު އިމްރާން ސިހިފައި ބަލާލީ ވަފާއަށެވެ.

” އެމޭޒިންގ…. ވަފާ ކައިރީ ސިއްރެއް ބުނަންވެފަ އެބައޮތް…” އިމްރާން އެހެން ބުނުމުން ވަފާއަށް އިސްޖެހުނެވެ. އޭނާ ލަދުގަތީ ކީއްވެކަމެއް އޭނާއަކަށްވެސް ނޭނގުނެވެ.

” ކަލޭމެން ހާދަ ވާހަކައެކޭ ދޯ.. ދެން މަކައިރީ ވާހަކައެއް ބުނާނެ މީހަކު ނެތްތަ؟ ” ސާއިގާ ރޯކޮއްފައިވާ އަލިފާންގަނޑު ހާކާލަމުން ބުނެލިއެވެ.

” ސާއިގާއަށް ހުންނާނެ ތައްހާނުބޭގޭ ތަކުރު މާކުރިން ހޯދާފަ…” ފާރިޝް ސާއިގާ ރުޅި އަރުވާލިއެވެ ސާއިގާ ލޯ އަޅާލިއެވެ. މަހުގައި މިރުސްލުމަށްފަހު މަސް ފިހަން ތައްޔާރުކޮއްފައި އިމްރާން އަތްދޮންނަންވެގެން މޫދާއި ދިމާއަށް ދާން ހިނގައިގަތެވެ.

” ވަފާ އަންނަންވީނު މަށާ އެކީ….” އިމްރާން އެދުނެވެ. ވަފާ ބަލާލީ ރަނާއަށެވެ. ރަނާ ހީލަމުން ފާރިޝްއަށް ވުރެން ކުރިން ހިނގައގަތެވެ. ވަފާވެސް އިމްރާންއާއި ދިމާއަށް ހިނގައިގަތެވެ. ރަނާގެ ފަހަތުން ހިނގައިގަންނަމުން ޔެސް އޭ ކިޔާ ފާރިޝް ސާއިގާއަށް ވައްތަރުޖައްސާލިއެވެ. ސާއިގާ ހޭކަށް ނުފަށައެވެ. ފާޑަކަށް ބަލަހައްޓައިގެން އިނީއެވެ.

” މާތްކަލާކޯ… ކިހިނެތްބާ ވާނީ؟  ” ސާއިގާ ވެލިގަނޑުމަތީ އޮށޯތެވެ، ކުރިއަށް އޮތް  ގަޑިއެއްހާ އިރުގެ ތެރޭގައި ގޯހެއް ނުހިނގާނެބާވައޭ ހިތައް އަރައަރާ ސާއިގާ އޮތެވެ، ދެ ޖޯޑު އެނބުރި އަންނާނީ ކަރުނައިން ފުރިގެން ނޫންބާވައޭ ސާއިގާގެ ހިތް ބުނަމުންދިޔައެވެ.

*******************************

ނިކްއަށް ތައްޔާރު ކޮއްފައި ހުރި ރޫމް ދައްކާލުމަށްފަހު ރޫމްގެ ތަޅުދަނޑި ނުހާދު ދިއްކޮއްލިއެވެ.

” މަ ޖެހޭނެ މިރޭ ތި ހަފްލާ ނިމުނީމަ ފުރަން… ” ނިކް ތަޅުދަނޑީގައި ހިފަމުން ބުނެލިއެވެ. ނުހާދު ބޯ ހަލުވާލިއެވެ.

“ހޫމް.. ތިކަން އޮތީ ތިހެން … އޭ ބުނަންތަ؟ އަންނަން ޖެހޭނެ އަށްގަޑި ބަޔަށް އިނގޭ..ދެން މަ ދަނީ.. ވަރަށް ތައްޔާރީ ވާން އެބަޖެހޭ…”

ނުހާދު ދޮރު ލައްޕާލުމަށްފަހު ހިނގައިގަތެވެ. ނިކް އެނދުމަތީގައި އޮށޯވެލައިން ބޯދަށަށް އަތްލައްވާލިއެވެ. އޭނާގެ ހިތްތެޅެނީ އަމަށަކު ބާރަކަށް ނޫނެވެ. އޭނާއަށް ލިބެމުންދަނީ އާދަޔާ ޚިލާފް އުފާވެރިކަމެކެވެ. އެތައް ދުވަހަކަށްފަހު ޔަޝްމީ ފެންނާނެތީއެވެ، ނަމަވެސް ޔަޝްމީ ފެނުމާއި އެކު އޭނާއަށް ލިބޭނީ ހިތާމަ ތަކެއް ކަންވެސް އޭނާއަށް އެނގެއެވެ. މާގިނައިރު ވިސްނަން އޮންނާކަށް ނިކް ބޭނުމެއް ނުވިއެވެ. އަވަސް އަވަހަށް ތެދުވެ ފާޚާނާއަށް ވަނެވެ،

ޔަޝްމީ އޭނާގެ މޭކަޕްގެ ކަންތަކުގައި އަވަދި ނެތި އުޅެއެވެ. ޔަޝްމީ އިނީ ލޯގަނޑު ކުރިމަތީގައެވެ. ރީނދޫ ކުލައިގެ ހަވީރީ ހެދުމެއްގައި ޔަޝްމީ ހުންނައިރު އޭނާ ހާދަހާ ރީއްޗެވެ. މޭކަޕް ކޮށް ނިމުނު އިރު ޔަޝްމީގެ ސޫރަވަނީ އެތައް ދަރަޖައަކަށް ރީތިވެފައެވެ.

” ކޮބާ އަވަސް އަވަސް އަވަސް…. އާނ މިހާރު އެންމެން އަތުވެއްޖެ!  ”

ނުހާދުގެ އެސިސްޓެންޓް މާހިރު އައިސް ބުނެލިއެވެ. ޖިޔާ އޭރުވެސް ހުރީ ޔަޝްމީގެ ބޮލުގައި ދަތިޖަހާށެވެ.

” އަހަރެމެންގެ މިރޭގެ ގެސްޓް ސަޅި ބިޓެއްތަ؟ ” މާހިރު އާއި އަބަދުވެސް ސަމާސާ ކުރާ ޖިޔާ އެހިއެވެ. މާހިރު ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.

“ފެނުނީމަ އެނގޭނީ… އޭ ވާވް.. ޔަޝްމީ ހާދަ ސަޅިއޭ.. މިރޭ ގެއްލިދާނެ..” މާހިރު ޔަޝްމީއަށް ބަލާލަމުން ބުނެލިއެވެ. ޔަޝްމީ ހިނިތުންވިއެވެ.

” މަ ހަޑީތަ މާހިރޫ…. ؟” ޖިޔާ ލޯ އަޅާލިއެވެ. މާހިރު ޖިޔާއަށް ބަލާލަމުން އެއްމިޔަކަނުން ހީލިއެވެ.

” ހެ… ވަރަށް އޮބި…” ޖިޔާ މަޖާފާޑަކަށް ހޭންފެށިއެވެ.

ޔަޝްމީ އާއި ޖިޔާ އަދި އޭނާގެ ޓީމްގެ ދެކުދިން ތިބީ ލައިނަކަށެވެ. ޔަޝްމީއަށް ސީޑީ ހިފައިން އައުމަށް ގޮވާލުމުން ހުރިހާ ކުދިން އެއްފަހަރާ އެރުމަށް ތައްޔާރުވެގެންނެވެ.

ނިކް ގޮނޑީގައި އިށީން އިރު އޭނާގެ މޫނުމަތިވަނީ އުދާސްވެފައެވެ. އޭނާ ދާހިއްލާ ފޯވެއްޖެއެވެ. ގައިމުވެސް މި އެންމެން ތެރޭގައި ޔަޝްމީ މިރޭ ނިކްގެ ހިތް ރޮއްވާލާނެއެވެ. ޔަޤީނެވެ. ނިކްއަށް މިރޭ ރޮވޭނެއެވެ.

ނުހާދު ހުރީ ސްޓޭޖްމަތީގައެވެ. ވާހަކަ ދެއްކުމުގައެވެ. ޔަޝްމީ ހުރީ މޭގައި އަތްޖައްސާލައިގެންނެވެ. ފިނިވެފައެވެ. މީހުން ގިނަ ކަމުންނެވެ. ނުހާދު އެއްފަރާތަކަށް ބަލާލީ ޓީމް ރެޑީވެފައި ތިބި ތޯއެވެ. އަތުގެ އިޝާރާތުން ބެސްޓޭ ބުނެ ޔަޝްމީ ހީލުމުން އަޑަށް ބާރު ލައިފައި ނުހާދު ބާރު ބާރަށް ބުނެލިއެވެ.

” އަޅުގަނޑުމެންގެ ސްޓޫޑިއޯ އެންޑީ އިން އަލަށް އުފައްދާ މިޔުޒިކް ސީޑީ ލޯންޗްކޮއްދިނުމަށްޓަކައި ޝަރަފްވެރި މެހެމާނެއްގެ ޙައިޞިއްޔަތުން ވަޑައިގެން އިންނެވި އަޅުގަނޑުމެން އެންމެން ދަންނަ އެންމެންގެ ހިތް އަތުލުމަށްފަހު، ޒުވާން އަންހެންކުދިންގެ ހިތް ކަތިލާފައިވާ މަޝްހޫރު ނަމުންނަމަ ނިކް އަށް މަރުޚަބާ! ވަޑައިގަންނަވާ ސްޓޭޖަށް!”

ހޯލްތެރެ  ގުގުމާލުމާއި އެކު ޔަޝްމީ ހުއްޓުން އެރިއެވެ. ދެފައި ބާރުވިއެވެ. މުށިތަކުމަތީ ތަތްވިއެވެ. ޖިޔާ މަޑުމަޑުން ޔަޝްމީގެ ގައިގައި ކޮށްޓާލިއެވެ.ޔަޝްމީ އަދވެސް ހުރީ ސްޓޭޖަށް ނާރައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Salaa

Level 210 Stories100 Comments

my facebook page: https://www.facebook.com/pages/Stories-by-Salaa-Xifah-Angel/157114861119810

Other Articles

Previous

އެކުގައިވާން އެދެމޭ… 18

Next

ތާރާ…2

Next
March 5, 2014

ތާރާ…2

Previews
March 4, 2014

އެކުގައިވާން އެދެމޭ… 18

4 Comments!

  1. yaya says:
    March 5, 2014 at 8:53 am

    Varah reeThi avahah next part genesddhee

  2. na says:
    March 5, 2014 at 10:33 am

    v salhi….avahan next part genes dheyne kaman hope kuran….keep it up sisyyyyyyy

  3. maahy says:
    March 5, 2014 at 5:36 pm

    ………….v v v salhi..hama obi noave…..waiting 4 da next part

  4. shai says:
    March 7, 2014 at 11:02 pm

    ey kbaatha anehbai v v v v v v v v v v v v v salhi igey hama habeys

Comments are closed.

Next Episodeހިތްމިއެދޭ ސޫރައޭ ތީ މަގޭ 11←


All Right Reserved!