Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގައިވާން އެދެމޭ… 21

laya Level 110 Stories
March 9, 2014 6 Mins Read
11 Comments

“ލިމްމް.. ވިލް ޔޫ މެރީ މީ؟..” ހަދާނެ ގޮތެއް ނޭނގިފައި އން ލިމްނާއަށް ވިކާޝް ބުނެލި އެއްޗަކުން ލަމުން ދިޔަ ނޭވާވެސް ވަކިހިސާބެއްގައި ތާށިވީފަދައެވެ. ބޮޑުކޮށްލި ލޮލާއި އެއްވަރަށް އަނގަވެސް ހުޅުވާލަމުން އޭނާ ވިކާޝްއާއި ހަތަރުކަޅި ހަމަކޮށްލިއިރު އެމޫނުގައިވަނީ ހިތްދަމައިގަންނަ ފަދަ ޖާދުވީ ހިނިތުންވުމެކެވެ.

ލިމްނާގެ މޫނަށް ވީގޮތް ފެނުމުން މިވަގުތު އޭނާއަށް ވާހަކަ ދައްކަން ފަސޭހަ ނުވާނެކަން އެނގޭތީ ވިކާޝް އިތުރަށް އެއްޗެކޭ ނުބުނެއެވެ. ގެއާއި ހަމައަށް ގެންގޮސްދިނުމަށްފަހު “ޓޭކް ކެއަރ” އޭ ބުނެލަމުން ލިމްނާ ގެއަށް ވަންނަންދެން އޭނާ ބަލަހައްޓައިގެން އިނެވެ. އެއަށްފަހު ފުޅާ ހިނިތުންވުމަކާއިއެކު ލިމްނާގެ ނަމްބަރަށް މެސެޖްކޮށްލީ އޭނާގެ ނަމްބަރު އަންގާލުމުގެ މަގްސަދުގައެވެ.

“އޯކޭ.. ގުޑް ނައިޓް..” ބެލްކަނީގައި ޒައިދުއާއި ވާހަކަ ދައްކަން ހުރި ވިޝާ ފޯނު ބޭއްވުމަށްފަހު އޭނާގެ ކޮޓަރިއަށްވަނީ ނިދާލުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް އެނދުގައި އޮށޯވެ ނިދޭތޯ ލޯ މަރާލައިގެން ބައިގަޑިއެއްހާއިރު ވީއިރުވެސް އެލޮލުން ނިދީގެ އަސަރުވެސް ފާޅުނުވިއެވެ. މިރޭ އާލިކްގެ މަތިން ހަނދާންވަނީ މާބޮޑަށެވެ. އޭނާގެ އަޑު އަހާލާ ހިތްވަނީ މާބޮޑަށެވެ. ވިޝާ މަޑުމަޑުން ތެދުވެގެންގޮސް ކުރީގެ ސިމް ފޯނަށް ލައްވާލިއެވެ.

“ކީއްވެ ތިހެން ތިހަދަނީ.. އޭމް ޑައިއިން ވިޝޫ.. ޕްލީޒްޒް..” އެއީ ފޯނު ހުޅުވާލުމާއިއެކު އެ ނަމްބަރަށް އައިސްފައިވާ އެތައް މެސެޖެއްގެ ތެރެއިން އެއް މެސެޖެވެ. ކޮންމެ މެސެޖެއްގައި ލޯބިވާ ވާހަކަ ބުނެފައި އޮތެވެ. އޭނާގެ ހިތައް އަނިޔާ ނުދޭން ބުނެފައި އޮތެވެ. އެތައް އާދޭހެއް ކޮށްފައި އޮތެވެ. މެސެޖްތައް ކިޔަމުން ދިޔަ ވަރަކަށް ވިޝާގެ ކޯތާފަތް ތެންމަމުން ދިޔައީ ބޮޑެތި ކަރުނަތިކި ތަކުންނެވެ. އޭނާ އެހާ ރަހުމް ކުޑަވީ ކޮން އިރަކު ހެއްޔެވެ؟

މެސެޖް ކިޔަ ކިޔާ އިންދާ ކުއްލިއަކަށް އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. އާލިކްގެ ނަމްބަރުންނެވެ. ވިޝާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހިތްތެޅިގަތީ އިންތިހާއަށެވެ. އޭނާގެ ސިކުނޑި އެކޯލު ކަނޑާލުމަށް އެތައް ވަރަކަށް ބުނުމުންވެސް އެގޮތަކަށް ކަންތަކެއް ނުކުރެވުނެވެ. މިފަހަރު އޭނާގެ ހިތް ސިކުނޑީގެ މައްޗަށް ބާރު ފޯރުވައިފިއެވެ.

“ހަ.. ހަލޯ..” ވިޝާގެ އަޑުގައި މަޑުމަޑު ތުރުތުރެއް ހުއްޓެވެ.

“ވި.. ވިޝޫ.. ވިޝޫ.. ވައި އާރ.. ޔޫ ޑުއިންގ ދިސް ޓު މީ؟..” ވިޝާއަށް އިވިގެން ދިޔައީ ރޮއިރޮއިގޮސް ބެދިފައިވާ އާލިކްގެ ފިރިހެންވަންތަ އަޑެވެ. އޭނާގެ ވޭނުން ފުރިގެންވާ ރުއިމުގެ އަޑެވެ. އެ ގިސްލުމުގެ އަޑު އިވުމުން ވިޝާގެ ހިތައް ތޫނު ހަންޖަރެއް ހަރާލި ފަދައެވެ. ހިތުގައި ވަޅި އެޅިޔަސް އެހާ ވޭނެއް ނާޅާނެއެވެ. ގިސްލެވެން ފެށުމާއިއެކު ވިޝާ އަނގަމަތީގައި އަތް އަޅާ ފޯނު ކަނޑާލުމަށްފަހު ނިއްވާވެސް ލިއެވެ. އޭނާއަށް އެހާވަރުން ކެތްކުރެވޭނެ ހެއްޔެވެ؟ ގިސްލެވިފައިވާ ހާލު އޭނާ ބާލީހުގެ ތެރޭގައި މޫނުފޮރުވާލާ ކަރުނަތައް އެބާލީހާއި ހަވާލުކުރިއެވެ.

ލިމްނާ މޫނު ދޮވެލާ ހަދާލައިގެން ނިދަން އޮށޯތުމުންވެސް އޭނާގެ ހިތް ހަމައަކަށް ނޭޅުނެވެ. ލޮލުގެ ކުރިމަތީގައި ސިފަވަމުން ދިޔައީ މިރޭގައި ހިނގާދިޔަ ކަންތައްތަކެވެ. ލޯ މަރާލުމާއިއެކު ފެންނަނީ އެ އާދަޔާ ޚިލާފު ފެހި ކަޅިއެވެ. އެ ތޫނު ބަލާލުމެވެ. އެ ފިރިހެންވަންތަ ހިނިތުންވުމެވެ. ލިމްނާއަށް އޮށޯވެގެންނެއް ނޯވުނެވެ. ތެދުވުމަށްފަހު އެނދުމަތީގައި ދެފައި ވަށްކޮށްގެން އިށީނދެލިއެވެ. މިރޭ އެވީ ކިހިނެއް ހެއްޔެވެ؟ ވިކާޝްއަކީ އޭނާގެ ލޯބިވެރިޔާއަށް ނުވާއިރު ކައިވެންޏަށް އެދެންވީ ކީއްވެގެން ހެއްޔެވެ؟ ލޯބިވެރިޔާ ކީކުރަން ހެއްޔެވެ؟ އެދެމެދުގައި އަދި މާ ގާތް ރަހްމަތްތެރިކަމެއްވެސް އޮތީއެއް ނޫނެވެ. އަނެއްކާ ވިކާޝް އެއުޅެނީ އޭނާ ހައްދަން ހެއްޔެވެ؟ ނޫނެކެވެ. އެއީ އެހާ ދަށު ދަރަޖައަކަށް ވެއްޓޭ ވަރަށްވުރެ މާތް އިންސާނެކެވެ. ނަމަވެސް އެރީތި ކަމުގެ ޖާދޫގައި އެންމެ ފުރަތަމަ ދުވަހުއްސުރެ ޖެހިފައިވިޔަސް ދުވަހަކުވެސް ވިކާޝްއާއިމެދު އެފަދަ ގޮތަކަށް އޭނާއަކަށް ނުވިސްނެއެވެ. ފަހަރުގައި ހުވަފެނުންވެސް އެފަދަ ފުރިހަމަ ފަރާތެއް ހަޔާތުގެ ބައިވެރިޔާއަށް ވާނެކަމުގެ އުންމީދުވެސް އޭނާއަށް ނުކުރެވޭތީ އެނަޒަރުން ނުދެކެވެނީ ކަންނޭނގެއެވެ. ލިމްނާ ނިއުޅާލާފައިވާ އިސްތަށިކޮޅުގައި ހުޅިއެއް ޖަހާލިއެވެ. އޭނާއަށް މިރޭ ހަމަޖެހުމެއް ނުލިބޭނެއެވެ. ވިކާޝްއާއިމެދު ވިސްނި ވަރަކަށް އޭނާގެ ހިތުގައި އުފެދެނީ ސުވާލުތަކެވެ.

ކަންތައް ބޮޑުވެފައި ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ލިމްނާއަށް ކުއްލިއަކަށް އޭނާގެ ފޯނާއި ދިމާއަށް ދެވުނީ ފޯނު ރިންގުވާން ފެށުމުންނެވެ. މިރޭ ވިކާޝް ކުރި މެސެޖްގެ މަތިންވެސް އޭނާ ހަނދާންވީ ދެނެވެ. ތެޅިތެޅި އޮތް ހިތަކާއިއެކު އޭނާ ފޯނު ނަގާ އެނދުމަތީގައި އިށީނދެލިއެވެ.

“ނުނިދިގެން ދޯ ތިއުޅެނީ؟..” ލިމްނާ ވާހަކަ ދެއްކުމުގެ ކުރިން ވިކާޝް އޭނާގެ ޖާދުވީ އަޑުން ބުނެލި އަޑު އިވުނެވެ. އެއާއިއެކުވެސް ލިމްނާ އިތުރަށް ހާސްވީއެވެ. އޭނާއަށް ނުނިދިގެން އުޅޭކަންވެސް އެނގުނީ ހެއްޔެވެ؟

“ނު.. ނޫނޭ ނިދަން.. މި.. މިއުޅެނީ..” ލިމްނާއަށް ވާހަކަ ދެއްކުނީ އަޅަ އަޅައިގަންނަމުންނެވެ. އޭނާގެ ހާސްކަން ވިކާޝްއަށް އެނގުނީ ކަންނޭނގެއެވެ. ލުއި ގޮތަކަށް ހީނލުމަށްފަހު “އޭމް ނޮޓް އަ ގޯސްޓް” އޭ ބުނެލައިފިއެވެ. އެވަގުތު ލިމްނާއަށްވެސް ހެވުނެވެ.

“އަސްލު މިރޭ ދެއްކި ވާހަކައިގެ ސަބަބުން ދޯ އެހާ އަންކޮމްފޮޓަބްލް ވެގެން ތިއުޅެނީ.. ހަމަ ކުއްލިއަކަށް ހުރެފަ ޕްރޮޕޯސް ކުރީމަ އެހެން ވާނެއެއްނު ދޯ..” ވިކާޝް ވާހަކަ ދައްކަމުން ދިޔަ ގާތް ސަމާސާ ރާގުގެ ސަބަބުން ލިމްނާގެ ހާސްކަން ކުޑަވާންފެށިއެވެ. ލުއި ގޮތަކަށް ހީނލަމުން އޭނާ އެނދުގައި އޮށޯވެލިއެވެ.

“އަސްލު އެނގޭ ވަރަށް ގިނަ ސުވާލު ހިތުގައި ހުންނާނެކަން.. ބަޓް.. އައި ލައިކް ޔޫ.. ބުނަންތަ؟ މާ ބޮޑަށް ރޮމޭންޓިކް ވާކަށް ނޭނގޭ.. އެކަމު ޔަގީންކަން ދޭން ކެރިދާނެ މިހިތުގައި ލިމްއަށް ޖާގައެއް ވާކަން..” ވިކާޝް ވާހަކަ ދައްކަމުން ދިޔައިރު ލިމްނާ އޮތީ އަޑުއަހާށެވެ. ހިނިތުންވެފައެވެ. އޭނާގެ ހިތުގައިވާ ސުވާލުތައްވެސް ވިކާޝްއަށް އެނގޭފަދައެވެ.

“އަހަރެން ގަބޫލު ކުރާ ގޮތުގައި ރައްޓެހިވެގެން ކިތަންމެ ދުވަހަކު އުޅުނަސް ބައިވެރިޔާގެ އަސްލު ހަގީގަތް އެނގޭނީ މެރީ ކުރީމަ.. ސޯ.. އަބަދުވެސް ބޭނުންވާ ކަމެއް ރައްޓެހި ވެގެން މާގިނަ ދުވަސް ނުކޮށް ސީދާ މެރެޖްއަށް ދިއުމަކީ.. ދެން އެކަމު ކަމުދާ ކުއްޖަކު ފެންނަންދެން މަޑުކޮށްލައިގެން މިހުރީ.. އެންޑް ނައު…” ވިކާޝް ވާހަކަ މަޑުޖައްސާލިއެވެ.

“އެންޑް ނައު؟..” ލިމްނާއަށް ބޭއިޚްތިޔާރުގައި އަހާލެވުނެވެ.

“އެންޑް ނައު އައި ފައުންޑް ދި ގާރލް.. އަހަރެން ބޭނުމީ ލިމްއާއި މެރީ ކުރަން.. މީ އެއްގޮތަކަށްވެސް މަޖުބޫރު ކުރަނީއެއް ނޫން އިނގޭ.. ލިމް ބޭނުން ވަރަކަށް ވިސްނާފަ.. އިފް ޔޫ އަރ އޯކޭ.. ދެން ފެމިލީއާވެސް ވާހަކަ ދައްކާފަ ޖަވާބެއް ދޭންވީ.. އަދި އެހާ އަވަހަށް މެރީ ކުރަން ބޭނުން  ނޫނިއްޔާވެސް ބުނަންވީ.. އިނގޭ؟..” ވިކާޝް ކުޑަކުއްޖަކާއި ވާހަކަ ދައްކާ ފަދައިން ވާހަކަ ދައްކަމުންދާތީ ލިމްނާއަށް ހެވުނެވެ.

“ކީއްވެ ތިހެނީ؟..” ވިކާޝް ލިމްނާ ހޭން ފެށުމުން ބުނެލިއެވެ.

“ދެން ވިކީ ހީވަނީ ކުޑަކުއްޖަކާ ވާހަކަ ދައްކާހެން..” ވާހަކަ ދެއްކިއިރުވެސް ލިމްނާއަށް އޮތީ ހެވިފައެވެ. އޭނާގެ ހިތުގައި އުފެދުނު ސުވާލުތަކުގެ ޖަވާބު ލިބުމުން އޭނާއަށްވަނީ ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައެވެ. ހަމަ އެއާއިއެކު ވިކާޝްގެ ސަމާސާ މިޒާޖުގެ ސަބަބުން އޭނާގެ ހާސްކަންވަނީ އެތައް ތަނެއް ކުޑަވެފައެވެ.

“އެހެންނު ވާނީ.. ލިމް ހީވަނީ ބިރުން އުޅޭހެން.. އެގެއިން.. އޭމް ނޮޓް އަ ގޯސްޓް..” ކަރުތެރެއިން އަޑެއް ނެރެމުން ވިކާޝް ސަމާސާކޮށްލިއެވެ. ދެކުދިން އެގޮތުގައި ވާހަކަ ދައްކަން ގަޑިއެއްހާއިރު ތިބުމަށްފަހު ފޯނު ބޭއްވިއިރު ލިމްނާގެ ތުންފަތުގައިވަނީ ލަދުރަކި ހިނިތުންވުމެކެވެ.

ލިމްނާ ވިކާޝްއާއި ކައިވެނި ކުރުމަށް އެއްބަސްވީ އޭނާގެ އާއިލާއާއި ވާހަކަ ދެއްކުމަށްފަހު އެމީހުންގެވެސް ރުހުމާއިއެކުގައެވެ. ލިމްނާގެ އެ ނިންމުމާއިއެކު ވިކާޝްއަށްވުރެ ބޮޑަށް އުފާވެފައި ހުރީ ވިޝާއެވެ. އޭނާގެ ރަހްމަތްތެރިޔާ ފަހަރިއަކަށް ވާތީ އެދެމީހުންނަށްވެސް އޭނާ ހޫނު މަރުހަބާއެއް ކިޔެވެ. ލިމްނާއާއި ވިކާޝް ކައިވެނި ކުރުމަށް ތައްޔާރުވެފައި ވީނަމަވެސް ލިމްނާގެ އާއިލާއިން ބޭނުންވީ މަހެއްހާ ދުވަހަށް ކައިވެނި ފަސްކުރުމަށެވެ. ސަބަބަކީ ލިމްނާގެ ދޮންބެ ލިޔަމް ބޭރުގައި ހުރުމަށްފަހު އެނބުރި އަންނަން ހަމަޖެހިފައިއޮތީ މަސް ދުވަސް ފަހުން ކަމުގައިވީތީއެވެ. އަނެއްކޮޅުން ވިކާޝް އެ ޚަބަރު އާލިކްއަށް ދިނުމުން އާލިކްވެސް ބޭނުންވީ އޭނާއަށް މާލެ އާދެވެންދެން ވިކާޝްގެ ކައިވެނި ފަސްކުރުމަށެވެ. އެންމެ ގާތް ރަހްމަތްތެރިޔާގެ އެދުމާއި ދެކޮޅު ނުހެދުމުގެ ގޮތުން ވިކާޝްވެސް އެކަމާއި ގަބޫލުވީ ހިތުން ރުހުމުންނެވެ.

ލިމްނާއާއި ވިކާޝް އެކުގައި އުޅެން ފެށުމުން އެކަކު އަނެކަކުގެ މިޒާޖުވެސް ދެމީހުންނަށް ދަސްވާންފެށިއެވެ. އެކަކު އަނެކަކުގެ ކިބައިގައި ހިތްކިޔާފަދަ އެއްގޮތް ސިފަތައް ގިނަކަން ގަބޫލުކުރެވި އެކަކު އަނެކަކަށްޓަކައިވާ ލޯބި ގަދަވަމުން ދިޔައެވެ. ދުވަސްތައް ފާއިތުވަމުން ދިޔައިރު ލިމްނާއާއި ވިކާޝްވެސް އެކަކު އަނެކަކުގެ ގެއަށް ގޮސް ހަދައެވެ. މާ ގައިގޯޅިވެ ނޫޅުނު ކަމުގައިވިޔަސް އެދެމީހުންވެސް ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުންދިޔައީ ކައިވެންޏަށެވެ. އެދެމީހުންގެ ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތެއް ކައިވެނީގެ އެކި އެކި ޕްލޭންތައް ކުރުމުގައި  ހޭދަކުރަމުންދިޔައިރު ވިޝާވެސް އެމީހުންނާއި ބައިވެރި ވަމުންދިޔައެވެ.

އާލިކް އަންނަންދެން މަޑު ޖައްސާލި ކައިވެނި ތިން މަސްދުވަސް ވަންދެން ލަސްކުރަން ޖެހުނީ އޭގެ ކުރިން އޭނާއަށް އާދެވޭގޮތް ނުވުމުންނެވެ. ޝާހީންއަށް އަމިއްލައަށް އުޅެވޭ ވަރު ނުވަނީސް އެނބުރި އަންނަން ބޭނުން ނުވެފައި ހުރުމުން އޭނާ އެ ތިންމަސް ދުވަސް ބައްޕަގެ ގާތުގައި ހޭދަކުރުމަށްފަހު އެނބުރި އަންނަން ނިންމީ ޝާހީންއަށް އެކަނި އުޅެވޭވަރަށް ފަރުވާ ލިބުމުންނެވެ.

އެ ވޭތުވެގެން ދިޔަ ތިންމަސް ދުވަސްވީ ލިމްނާއަށާއި ވިކާޝް އަދި ވިޝާއަށްވެސް ދިގު ދުވަސްތަކަކަށެވެ. ލިމްނާއާއި ވިކާޝް ކެތްތެރިކަމެއްނެތި ކައިވެނި ކުރަން ބޭނުންވެފައިވިޔަސް އާލިކްއަށް ވެފައިވާ ވައުދު ފުރިހަމަކުރުމަށްޓަކައި މަޑުކުރީއެވެ. އަދި ވިޝާވެސް އޭނާގެ ދޮންބެގެ ކައިވެނީގެ ހުވަފެންތައް ދެކެމުން، ހިތުގެ އިހުސާސްތަކާއި ހަނގުރާމަ ކުރަމުން ދިޔައިރު ދުވަސްތައް ދިގު ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އެ ވޭތުވެ ދިޔަ ދުވަސްތަކުގައި އޭނާ އާލިކްއާއި ވާހަކަ ދެއްކީ ހައެއްކަ ފަހަރުއެވެ. އެއީވެސް އޮފީހުގެ މުހިންމު ކަންތައްތަކުގައި އޮފީސް ފޯނަށް ގުޅުމުންނެވެ. ހިތުގައި އަތް އަޅައިގެން އެހިތުގެ މައްޗައް ބާރު ފޯރުވައިގެން އާލިކްގެ ލޯބި ފޮހެލަން ކުރަމުން ދިޔަ މަސައްކަތް ނާކާމިޔާބު ވިޔަސް މިހާރު ކޮންމެވެސް ވަރަކަށް އެހިތުން އޭނާގެ ޚިޔާލުތައް ފަނޑުވެއްޖެއެވެ. ވިޝާގެ އުންމީދަކީ ވަގުތާއިއެކު އެހިތުން މުޅީން އެނަން ފޮހެލުމެވެ. ހިތާމައަކީ އެދުވަސްތަކުގައިވެސް ކޮންމެ ދުވަހަކަ އެތައް ފަހަރަކު ޒައިދުއާއި ވާހަކަ ދައްކާއިރުވެސް އެހިތުގައި ޒައިދުގެ މައްޗަށް ލޯބި ނުއުފެދުނު ކަމެވެ. ކިތަންމެ މަސައްކަތެއް ކުރިއަސް މީހަކު ދެކެ ގަދަކަމުން ލޯބި ވާނީ ފަހެ ކޮން ގޮތަކުން ހެއްޔެވެ؟

ތިންމަހަށްވުރެ ގިނަ ދުވަހު ސިންގަޕޫރުގައި ހޭދަކޮށްލުމަށްފަހު އާލިކް ރާއްޖެ އައީ ހޮނިހިރު ދުވަހެއްގައެވެ. އެއަރޕޯޓުގެ އަންނަ މީހުންގެ ބައިން ކޮނޑުގައި ދަބަސް އަޅުވާލައިގެން ހުރެ ނުކުތުމަށްފަހު އާލިކް ހިނިތުންވެހުރެ ދެފަރާތަށް ބަލާލީ ކޮންމެވެސް އެއްތަނެއްގައި އޭނާގެ އިންތިޒާރުގައި ވިކާޝް ހުންނާނޭކަން ޔަގީންވާތީއެވެ. ކަންތައްވީވެސް އެހެންނެވެ. ތަންކޮޅެއް ދުރުގައި ކަޅު ޖީންސަކާއި، ނޫ ޓީޝާޓެއް ލައިގެން ވިކާޝް ހުއްޓިލައިގެން ހުރިތަން އާލިކްއަށް ފެނުނުއިރު ވިކާޝްއަށް އަދި އާލިކްއެއް ނުފެނެއެވެ. ތުންފަތުގައި ދުވެލި  ހިނިތުންވުމާއިއެކު ލޮލުގައި އަޅާފައިވާ އަވި އައިނު ރަނގަޅުކޮށްލަމުން އާލިކް ވިކާޝްއާއި ދިމާއަށް ހިނގައިގަތެވެ.

“ކާކަށްތަ ތި އިންތިޒާރު ކުރަނީ؟..” އާލިކް ވިކާޝްގެ ފުރަގަހުން ގޮސް ކޮނޑުގައި އަތްބާއްވާލުމުން އޭނާ ސިހިފައި އެނބުރިލިއެވެ. އެވަގުތު އާލިކްގެ މޫނަށް ވެރިވެފައި ހުރި ހިނިތުންވުމާއިއެކު އޭނާ ފެނުމުން ވިކާޝްވެސް އުފާވެރި ގޮތަކަށް ހީނލިއެވެ.

“މަނިކުފާނަކަށްނު.. ދެން އެހެން ކާކަށް މަ އިންތިޒާރުކުރާނީ.. ހާދަ ހިކިއްޖެހެން ހީވެއޭ..” ވިކާޝް ކުޑަ ގޮތަކަށް އާލިކްގެ ހަށިގަނޑަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ.

“ޔަހ.. ލޮސްޓް 5 ކޭޖީސް..” ފަރުވާކުޑަ ރާގެއްގައި އާލިކް ދިން ޖަވާބުން ވިކާޝް ހައިރާންކަމާއިއެކު ދެލޯ ބޮޑުކޮށްލިއެވެ.

“ނުކައިތަ އެތާ އުޅުނީ؟.. މަ ހީކުރީ 3 މަންތްސް ކޮށްލާފަ އަންނައިރު ޖިމްތަކަށް ގޮސްގެން އިތުރަށް ފިޓްވެފަ ކަމަށް ހުންނާނީ..” ދެމީހުން އެކުގައި ހިނގައިގަންނަމުން ވިކާޝް އާލިކްއަށް ބުނެލިއެވެ.

” ހހހ.. ވަގުތެއް ނުވޭ..” ދެންވެސް އާލިކްގެ އަޑުގައިވާ ފަރުވާކުޑަކަމަށް ބަދަލެއް ނައުމުން ވިކާޝް ފަރުވާތެރިކަމާއިއެކު އޭނާގެ މޫނަށް ބަލާލިއެވެ. ކުރީގައިނަމަ އާލިކްއަކީ ފިޓްކޮށް ރީތިކޮށް ހުރުމަށް ނުހަނު ސަމާލުކަންދޭ ޒުވާނެކެވެ. އެހެންނަމަވެސް މިއަދު އެހާ ބޮޑުތަން ހިކިފައިވުމުންވެސް އޭނާގެ ފަރާތުން ސަމާލުކަމެއް ނުފެނުނެވެ. ވިކާޝް ވިސްނާލިއެވެ. އާލިކްއަ ވޭތުވެދިޔަ ދުވަސްތަކުގައި ދިރިއުޅުމުގައި ކުރިމަތިލާންޖެހުނީ ނުހަނު އުނދަގޫ ކަންތައްތަކާއިއެވެ. ފަހަރުގައި އަމިއްލަ ހަށިގަނޑަށްވުރެ ދިރިއުޅުމުގެ ކަންތައްތައް އޭނާއަށް މުހިންމުވީ ކަންނޭނގެއެވެ.

“އަހަރުން ގެއިން މެންދުރު ކައިގެން ގެއަށްދާން ވިސްނާނީވެސް އިނގޭ..” މާލެ ފޭބުމަށްފަހު ކާރަށް އެރިގޮތަށް ވިކާޝް އަމުރުކޮށްލިއެވެ. އެއާއިއެކުވެސް އާލިކްގެ ގާތަށް އައީ ލާނެތް ހިންޏެކެވެ. ވިކާޝް އޭނާއަށް ކާންނުދީ ގެއަށް ނުފޮނުވާނޭކަން ކުރިންވެސް އޭނާއަށް އެނގެއެވެ.

“ވަރަށް ރުޅި އައިސްފަދޯ ތިހުރީ މަދެކެ.. މަށާހެދި ވިއްޔަ ވެޑިންގ ލަސްވީ..” އާލިކް ހީނފައި އިނދެ  ވާހަކަދެއްކިއެވެ.

“އާނނ.. ރުޅި އަންނާނެއެއްނު.. މިހާރު ލިމް ގެއަށް ގެންނަ ހިތުންވިއްޔަ މަ މިއުޅެނީ.. ދެން އޮތީ ދެދުވަސްތާ ދޯ..” ވިކާޝްވެސް ދެރަނުވާންވެގެން ޖެއްސުމުގެ ރާގެއްގައި ބުނެލިއެވެ. އާލިކް އަންނަ ދުވަސް އެނގުމުން ކައިވެނީގެ ރަން ކިޔާ، ކައިވެނީގެ ތާރީޚް އެމީހުންވަނީ ކުރިން ކަނޑައަޅާފައެވެ.

“ސާބަހޭ ބްރޯ.. ވަރެއް ވޭދޯ އެބަ..” އާލިކް އިތުރަށް ޖެއްސުން ކޮށްލިއެވެ. ކާރުގައި ވިކާޝްގެ ގެއާއި ކައިރިވަމުން ދިޔަވަރަކަށް އޭނާގެ ހިތުގެ ހިނގުން އަވަސްވަމުން ދިޔައެވެ. އޭނާގެ ފޯން ކޯލްތަކަށް ފުރަގަސް ދެމުން އެހިތައް ތަދުކުރަމުން ދިޔަ އޭނާގެ ހިތުގެ މަލަކާ ފެންނަން ދެން މާގިނަ އިރެއް ނެތެވެ. އޭނާ ފެނުނީމާ ވިޝާ ކަންތައް ކުރާނީ ކިހިނެއް ބާވައެވެ. އާލިކް ލޯ މަރާލުމަށްފަހު ހިންދިރުވާލިއެވެ. ވިޝާ އޭނާގެ ހިތައް ހާދަ އަނިޔާއެއް ދީފިއެވެ.

ވިކާޝްގެ ގޭ ކައިރީގައި ކާރު ޕާކްކޮށްލުމަށްފަހު ދެމީހުން އެކުގައި ގެއަށް ވަންނަން ހިނގައިގައިގަތް ވަގުތު ވިކާޝްގެ ފޯން ރިންގުވާން ފެށިއެވެ. އެއާއިއެކު ގުޅަނީ ލިމްނާކަން އެނގުމުން ފޯނު ނެގުމަށްފަހު ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ބާއްވައިފިއެވެ.

“އާލް.. ލިމް ގުޅައިފި.. ހުޅުމާލެ އަށް ދާން ފެރީ ޓާރމިނަލަށް ގެންގޮސްދޭށޯ.. ދޭބަ ގެއަށް ވަންނަން.. މަ އެބަ އަންނަން..” ވިކާޝް އަވަސް އަރުވާލާފައި ކާރަށް އަރައިގެން ދިޔައިރު އާލިކްއާއި ވިޝާގެ ދެމެދުގައިވާ ގޮތް ނޭނގޭ ގުޅުމުގެ މަތިން ހަނދާނެއް ނުނެތެއެވެ. އެހެން ނަމަވެސް އޭނާގެ ހިތުގައި މާބޮޑު ނުތަނަވަސްކަމެއް ނުއުފެދުނީ އާދައިގެ މަތިން އޭނާ އެދެމީހުންނަށްވެސް ނުހަނު އިތުބާރު ކުރާތީއެވެ.

ވިކާޝް ދިއުމުން އާލިކް ގޭގެ ތެރެއަށް ވަދެގެން ދިޔައީ އަވަސްވެފައިވާ ހިތަކާއިއެކުއެވެ. އޭނާގެ ހިތް ބޭގަރާރުވެފައިވަނީ އެ ލޯބި ލޯބި މޫނު ދެކެލުމަށެވެ. އޭނާގެ ދެލޯ ހޯދަމުން ދިޔައީ އެރީތި ރީތި ބޮޑު ދެލޮލުގެ ވެރިޔާއެވެ. އޭނާގެ ހިތުގެ ރާނީއެވެ. ގޭތެރެއަށް ވަންއިރު ސިޓިންގ ރޫމުގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހިތައް އެރި އެއްޗަކުން އާލިކް އޭނާގެ ދަބަހާއި އައިނު ސޯފާގައި ބާއްވާލުމަށްފަހު ހިނގައިގަތީ ސިޑިއާއި ދިމާއަށެވެ. މައްޗަށް އެރުމަށްފަހު ކުޑަކޮށް މަޑުކޮށްލާ އޭނާ ވިސްނާލީ ވިޝާގެ ކޮޓަރިއާއި މެދުއެވެ. ހަމަ އެއާއިއެކު ވިކާޝްގެ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރިއަށް ބަލާލަމުން އޭނާ ފުންގޮތަކަށް ހިނިތުންވެލިއެވެ. އަވަސް ވެފައިވާ ހިތާއިއެކު ލަސްލަހުން ގޮސް އޭނާ އެކޮޓަރީގެ ތަޅުގައި ހިފާލީ ނުހަނު މަޑުންނެވެ. ދޮރު ތަޅުނުލާ ހުރިކަން ޔަގީންވުމާއިއެކު އަވަސް އަވަހަށް ދޮރު ހުޅުވާޅުމަށްފަހު އެތެރެއަށް ނަޒަރު ހިންގާލުމާއިއެކު އެހިތުގައިވާހާ އުދާހަކާއި ވޭނެއް އެއްފަހަރުން ފިލައިގެން ދިޔަފަދައެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

laya

Level 110 Stories

Other Articles

Previous

އިހުސާސް (ފުރަތަމަ ބައި)

Next

ހިތްމިއެދޭ ސޫރައޭ ތީ މަގޭ 11

Next
March 9, 2014

ހިތްމިއެދޭ ސޫރައޭ ތީ މަގޭ 11

Previews
March 9, 2014

އިހުސާސް (ފުރަތަމަ ބައި)

11 Comments!

  1. zaara says:
    March 9, 2014 at 12:22 pm

    v v salhi

  2. shif says:
    March 9, 2014 at 1:00 pm

    wow v v v reethi

  3. visoo says:
    March 9, 2014 at 1:05 pm

    wow…vv salhi……avahah up kureyyy…plxxx layaa……. k

  4. shai says:
    March 9, 2014 at 1:17 pm

    v v v v v rythi ekam v dhera vefa mihiry ehaalahun up kohdinyma reyga ves 12 jehifahun ves vanin u up kohfa tho ny balan vegen…………. ekam nethyma v v dhera vi dhn gid luk v avahah up kohdhehchey this is perfect

  5. has says:
    March 9, 2014 at 1:20 pm

    Vvvvvvvvv salhi

  6. ail says:
    March 9, 2014 at 2:49 pm

    Vvvvvvv salhi

  7. ishaa says:
    March 9, 2014 at 9:54 pm

    Superb….thumbs up

  8. suha says:
    March 10, 2014 at 12:09 am

    Vara salhi

  9. ARY says:
    March 10, 2014 at 11:12 am

    Reethi kamaa ey..dhen anna part v reethi vaane hen heevey..aall n vishu veema, mihaaru ves kiyaa hithun mi ulhenee..layaa ah v bodah thanx avaha vaahaka genesdheytheeve…adhi laya ah v ufaaveri dhuvahaka edhen..luv u.

  10. shai says:
    March 10, 2014 at 9:44 pm

    Plx upkohdyba

  11. strry says:
    March 11, 2014 at 11:55 am

    laya plxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx up khdhyba

Comments are closed.

Next Episodeއެކުގައިވާން އެދެމޭ… 22←


All Right Reserved!