ބޭނުންވަނީ އުމުރަށް 13
” އަހަރެން ބޭނުން މިރޭ މީޓް ކުރަން ” އަކިޔަލް ރިޒްނީއަށް ގުޅާފަ ބުނެލިއެވެ. ” ކިހިނެއް؟؟. އަކޫއަށް އެނގޭނު އަހަރެންނަށް އަކޫއާ ބައްދަލުކުރުމަށް ގެއިން ނިކުތުން ވެސް މަނާކަން. އެހެންވީމާ އަހަރެން ކިހިނެއް އަކޫއާ މީޓް ކުރާނީ ” ރިޒްނީ ދެރަވެލާފަ ބުނެލިއެވެ. ” އަހަރެން ދެކެ ލޯބިވަންޔާ ކޮންމެ ގޮތެއް ހަދާފަ ނަމަވެސް ރިޒޫ އަހަރެންނާ މީޓް ކުރަން އަންނާނެ. ނާދެވެންޏާ ރިޒޫ އަހަރެންދެކެ ލޯބި ނުވަނީ ” އަކިޔަލް ވަރަށް ހިތްވަރު ކޮށްފަ ސާހިދު ބުނިގޮތަށް ވާހަކަ ދައްކަން މަސައްކަތް ކުރަމުން ދިޔައެވެ. އަކިޔަލްއާ ނުގުޅޭ ބަހުވައިންނެވެ. ނުގުޅޭ ރާގަކުންނެވެ. ކަން އެހެން ކުރަން މަޖުބޫރުވީ އެނޫން އެހެން ގޮތެއްވެސް ނެތީމައެވެ. ” އަޅެ އަކޫ!!! ތިހެން ނުބުނެބަލަ. އަހަރެން އަކޫ ދެކެ އިންތިހާއަށް ލޯބިވޭ. އެކަމަކު އަހަރެންނަށް ބައްޕަޔާ ދެކޮޅަށް ގެއިން ވެސް ނިކުންނާކަށް ނުކެރޭނެ. އޭގެ މާނައަކީ އަހަރެން އަކޫ ދެކެވާ ލޯތްބީގެ އަގެއްނެތީކީ އެއްނޫން. އަހަރެން ބޭނުންވަނީ މުޅިއުމުރަށް އެކީގަ ވުމަށް. އެކަމަކު މިއަދު މިދެމެދު މިވަނީ ފާރެއްލެވިފަ ” ރިޒްނީ ބުނެލިއެވެ. ” ތިހުރިހާ ކަމެއްވެސް އަހަރެންނަށް އެނގޭ. އެކަމަކު ވެސް މިރޭ ޓްވެލް ހާއިރު މީޓް ކުރަން އަހަރެން ބޭނުން. ޓްވެލް ވާއިރު އަހަރެން ހުންނާނަން ތިގޭ މަގުގެ ތަންކޮޅެއް ދުރުގަ. ކޮންމެވެސް ގޮތަކުން ރިޒޫ އާދޭ. އަހަރެން އިންތިޒާރު ކުރާނަން ” އަކިޔަލް މިހެންބުނެ ފޯން ކަޑާލިއެވެ.
ހަމްދާން ގެއިން ބޭރަށް ނިކުތްއިރު ޒޭނާ ހުރީ ދޮރުމަތީއެވެ. ” ހިނގާބަލަ ދުއްވާލަން ދާން. ވަރަށް ފޫހިވާތީ މިއުޅެނީ ” ހަމްދާން ބޭރު ދޮރުމައްޗަށް ނިކުތުމުން ޒޭނާ ބުނެލިއެވެ. ” ކޮން ދިމާލަކަށް ދާނީ ” ގޭގެ ފާރު ކައިރީގައި ހުރި ސައިކަލަށް އަރަން ދަމުން ހަމްދާން ބުނެލިއެވެ. ” ގަމު ކޮޅަށް ދާނީ. އަދި އެބަޖެހޭ ދީނާ ގާތަށް ވެސް ގޮސްލަން ” ވާހަކަ ދައްކަމުން ގޮސް ޒޭނާ ސައިކަލަށް އަރާ ހަމަޖެލިއެވެ. އެވަގުތު ހަމްދާން ތަންކޮޅެއް ބާރަށް ސައިކަލް ދުއްވާލުމުން ޒޭނާ ސިހިފަ ހަމްދާންގެ ބުރަކށީގަ އައިސް ޖެހުމުން ލާނެއްފާޑަކަށް ހީލިއެވެ. އެހާ ބާރަށް ޖެހުމުން ޒޭނާއަށް ވެސް ހަމްދާން އެހެން ހެދީ ގަސްތުގަކަން ފާހަގަވިއެވެ. އަދި ހަމްދާންގެ އުނަގަނޑާ ހިސާބުން ދެފަރާތުގައި ޒޭނާ އަތްއަޅާލިއެވެ. ” ކިހިނެއްވެފަތަ ތިއިންނަނީ ވާހަކަ ވެސް ނުދައްކާ ” ހަމްދާން ވާހަކަ ނުދައްކާ އިނުމުން ޒޭނާ ސުވާލުކޮށްލިއެވެ. ” ކަމެއްނުވޭ ” ހަމްދާން ބުނެލިއެވެ. ” ނުވާނެ އެހެނެއް. ކޮންމެވެސް ކަމެއްވީމާ ހަމްދާން ތިހެން އިންނާނީ. އެހެންނޫނީ ހަމްދާން ތީ ކޮންމެވެސް އެއްޗެއް ކިޔަކިޔާ ހުންނަ މީހެއް ” ޒޭނާ ބުނެލިއެވެ. ” އަހަރެން ވާހަކަ ދައްކަންވީ ކީއްކުރަން. އަހަރެން ދައްކާ ވާހަކަ ޒޭނާއަށް ވަނީ މަޖަލަކަށް. އަހަރެން ބުނާ އެއްވެސް ވަހަކަޔަކަސް އިތުބާރެއް ނުކުރޭ. އެހެންވެ ހިތަށް އެރީ ތަންކޮޅެއް ވާހަކަ މަދުކޮށްލާނީއޭ ” ހަމްދާން ބުނެލިއެވެ. ” ރަނގަޅު ވަހަކައެއް ތިބުނީ. އަހަރެން މަޖާ ކުރަން. ހަމްދާނަސް އިތުބާރުވެސް ކުރަން. އެހެން ވިޔަސް ވާހަކަ މަދުވެގެން ނުވާނެދޯ ” ހަމްދާންގެ ކޮޑުމަތީ ޒޭނާ ދަތްދޮޅި ޖައްސާލަމުން ބުނެލިއެވެ. އޭރު އެމީހުންނަށް ތިބެވުނީ ފޮނަދުއާ ކައްދުއާ ގުޅޭ ކޯޒްވޭ ހިސާބުގައެވެ.
” މިތާގަ މަޑުކޮށްލާފަދޯ ދާނީ ” ޒޭނާ އެހެން ބުނުމުން ހަމްދާން ސައިކަލް ކޯޒްވޭގެ އެއްފަރާތުގައި މަޑުކޮށްލިއެވެ. ހިސާބަކަށް ވައިވެސް ޖެހެމުން ދިޔުމުން ޒޭނާ ސައިކަލުން ފައިބައިގެން ހިނގާފަ ކޯޒްވޭއަށް އެރިއެވެ. އެމަންޒަރު ބަލަން ހަމްދާން ސައިކަލް އެއްފަރާތަށް ފައިބާ އިށީދެލައިގެންއިނެވެ. ތަންކޮޅަކަށް ގޮސްފަ ޒޭނާ ފަސްއެނބުރި ބަލާލުމަށްފަހު ހަމްދާންއާ ދިމާއަށް ހިނގައިގަތެވެ. ޒޭނާ ގޮސް ސައިކަލްގެ ފަހަތުކޮޅުގައި ލެނގިލިއެވެ. އޭރު ހަމްދާން އެއް އަތް ސައިކަލްގެ މަޑިމަތީގައި ޖައްސާލައިގެން ދުރުބަލަހައްޓައިގެން އިނެވެ. ބަހެއްވެސް ނުބުނެއެވެ. ހަމްދާން އެހެން އިންދާ ކުއްލިއަކަށް ސިހިގެންދިޔައީ ހަމްދާންގެ އަތް ތިލަމަތީ ޒޭނާ އަތްއަޅާ ބާރުކޮށްލުމުނެވެ. ދުރުން މަގުބައްތިތަކުން އެހިސާބަށް އެޅިފަހުރި އަލިން ޒޭނާގެ މޫނަށް ހަމްދާން ބަލާލިއެވެ. އެވަގުތު ޒޭނާ އިސްދަށަށް ޖަހާލިއެވެ. ހަމްދާން ބުނާނެ އެއްޗެއް ނޭންގިފާ ބަލަން ހުރެވުނެވެ. ” ޒޭނާ… ” އިރުކޮޅަކު ބަލަން އިނުމަށްފަހު ހަމްދާން ޒޭނާގެ ނަން ކިޔާލުމުން ޒޭނާ ބޯޖަހާލިއެވެ. ވީއުފަލަކުން އަނެއް އަތް މުއްކަވާލާ ގަޔާ ކައިރިއަށް ގެނެސް ” ޔެސް ” ހަމްދާން ބުނެލިއެވެ. އަދި އުފާވެރި ކަމުގެ ހިތުން ވުމަކުން ހަމްދާން ހީލުމަށްފަހު ޒޭނާގެ އަތުގާ ހިފާލިއެވެ. ” ހިނގާ ދާން ދެން ” ހަމްދާން ސައިކަލް މަތިން ތެދުވަމުން ބުނެލިއެވެ. ހަމްދާން ސައިކަލް ދުއްވާލަމުން ޒޭނާގެ އަތުގައި ހިފާ ހަމްދާނާ ގާތަށް ޖައްސާލުމުން ޒޭނާ ހަމްދާންގެ ބުރަކަށީގައި ބޯޖައްސާލިއެވެ.
ވަގުތުތައް ފާއިތުވަމުން ގޮސް ބާރަ ޖެހުމާ ގާތްވެއްޖެއެވެ. ފޯންއަތަށް ލައިގެން ހުރެގެން ރިޒްނީ ކޮޓަރިތެރޭ ދެކޮޅަށް ހިނގަންފެށިއެވެ. މައިންބަފައިންގެ ބަހާ ދެކޮޅަށް ތެދުވާ ފުރަތަމަ ފަހަރުކަމަށް ވުމުން ރިޒްނީ އިންތިހާއަށް ކަންބޮޑުވިއެވެ. ނަމަވެސް އެއްފަރާތުގައި ވާނީ މައިންބަފައިން ކަމަށްވާއިރު، އަނެއްފަރާތުގައި ވަނީ އިންތިހާއަށް ލޯބިވާ، ދިރިއުޅުމުގެ ބޮޑު އިމްތިހާނުން ފާސްވުމަށް ބޭނުންވާ ބައިވެރިޔާއެވެ. ދެފަރާތަކީ ވެސް ރިޒްނީއަށް ނުލާހިކު މުހިންމު ދެފަރާތެވެ. ނަމަވެސް މިރޭ ރިޒްނީ އޭގެތެރެއިން އެއްފަރާތް ހިޔާރު ކުރުން މަޖުބޫރު ވިއެވެ. ބާރަ ޖެހުމާއެކު ރިޒްނީ ކޮޓަރީ ދޮރު މަޑުމަޑުން ހުޅުވާލިއެވެ. ގޭތެރެއަށް ވެފައިވާ އަދިކަމުން ރިޒްނީއަށް އެގުނި ރިފްއަތާ އަނީސާ ނިދީކަމެވެ. އެހެންކަމުން ފޯންނުން އަލިކުރަމުން ގޮސް ބޭރަށް ނިކުތުމަށްޓަކާ ދޮރުކައިރިއަށް ގޮސް ތަޅަށް އަލިކޮށްލިއެވެ. ” އެހެންޏާ ތަޅުދަޑި ހުންނާނީ ތަޅަށް ޖަހާފަ. އަނެއްކާ ބައްޕަ ތަޅުދަޑި ނެގީ ނޫންބާ؟؟ ” ފޯނުން އަލިކޮށްލި އިރު ތަޅުގައި ތަޅުދަޑި ނެތުމުން ރިޒްނީއަށް ބުނެވުނެވެ. ” ދެން އަޅެ ކިހިނެއް ހަދާނީ. ކިހިނެއް އަހަރެން ބޭރަށް ނިކުންނާނީ ” ރިޒްނީ ހާސްވާންފެށިއެވެ.
” ހީވޭތަ ރިޒްނީ އަންނާނެހެން ” ސާހިދު ބުނެލިއެވެ. ” އަހަރެން ދެކެ ލޯބިވަންޔާ އަންނާނެ ” ޔަގީންކަމާއެކު އަކިޔަލް ބުނެލިއެވެ.
ބޭރަށް ނިކުންނާނެ ގޮތެއް ނޭންގިގެން ރިޒްނީ ގޭތެރޭ ހިނގަނިކޮށް ކުއްލިއަކަށް ރިޒްނީއަށް ކުޑަ ދޮރާ ދިމާއަށް ބަލާލެވުމާއެކު، ކުޑަ ދޮރާ ދާދިމާއަށް ގޮސް ދޮރު ފޮތިގަނޑު ފޭކޮށްލުމަށްފަހު ކުޑަދޮރު ހުޅުވަން މަސައްކަތް ކުރަން ފެށިއެވެ. ފުރަތަމަ ހުޅުވަން މަސައްކަތްކުރި ކުޑަދޮރު ނުހުޅުވުމުން ދެވަނަ ދޮރަށް ގޮސް ހުޅުވަންވެގެން ތަންޑު ވަރަށް މަޑުން ނައްޓާލިއެވެ. އަދި ފަސްއެނބުރި ބަލާލުމަށްފަހު ބޭރަށް ނިކުމެ މަޑުމަޑުން ދޮރު ލައްޕާލުމަށްފަހު ދެކޮޅު ބަލަމުން ގޭ ދޮރުމަތީ ހުރި ފައިވާނަށް އަރައިގެން މަގުމައްޗަށް ނިކުތެވެ.
” އެހުރީ ރިޒްނީ ” އަކިޔަލް އެހިސާބުގައި ހުރި ގެއެއްގެ ފާރުގައި ލެނގިލައިގެން ހުއްޓާ ސާހިދު ބުނެލިއެވެ. ސާހިދުގެ އަޑަށް އަކިޔަލް އެދިމާއަށް ބަލާލުމަށްފަހު ކުރިއަށް ހިނގައިގަތެވެ.
މަގަށް ނިކުތުމަށްފަހު ރިޒްނީ މަގުގެ ދެކޮޅު ބަލާލިއެވެ. އެވަގުތު ރިޒްނީގެ ކަނާތް ފަރާތުން މަގުގެ ވަކި ހިސާބުން އަނދިގަނޑަކުން ތުބުން ފުމެލި އަޑު އިވުމުން އެދިމާއަށް ރިޒްނީ ދުއްވައިގަތެވެ. ރިޒްނީ ދުވެފައައިސް އަކިޔަލްގެ ގައިގައި ބައްދާލިއެވެ. އެވަގުތު ރިޒްނީއަށް ސާހިދު އަނދިރިގަނޑުން ފެނުނެވެ. ” އެތާގަ މީހަކު އެބަހުރި ” ބިރުން ހުރެ ރިޒްނީ ބުނެލިއެވެ. ” ބިރު ނުގަނޭ. އެއީ ސާހިދު. އަހަރެން އެކަނި އަންނަންޖެހޭނެތީ ސާހިދު ގޮވައިގެން އައީ ” އަކިޔަލް ރިޒްނީގެ މޫނުގެ ދެފަރާތުގައި ހިފާލަމުން ބުނެލިއެވެ. ” މިތާ ތިއްބާ މީހަކަށް ފެނިދާނެ. ހިނގާ ތަންކޮޅެއް ދުރަށްދާން ” ސާހިދު ހިސާބުގަނޑަށް ބަލާލުމަށްފަހު ބުނެލިއެވެ.
” ސިނާން ހާދަލަސްވަނީ ” ނާސިދު އަތުގައި އޮތް ގަޑިއަށް ބަލާލުމަށްފަހު ބުނެލިއެވެ. ” ސިނާން ބުނި ދެން އެހާލަހެއް ނުވާނޭ ” ސާރާ ބުނެލިއެވެ. މަންމަ ބޭރަށް ނިކުމެ ބަލާލަންވީނު ސިނާން އާދޭތޯ ” ނާހިދާޔާ މުހާތަބްކޮށް ސާރާ ބުނެލިއެވެ. ” އެބައާދޭ ” ދޮރާށި ހުލުވާލާފަ ނާހިދާ ބޭރު ބަލާލުމަށްފަހު އެތެރެއަށް ވަދެ ބުނެލުމުން ސާރާ ރީޝަމް އުރާލައިގެން ދޮރުމައްޗަށް ދިޔައެވެ. ސިނާން އޭނާގެ މަންމަ ގޮވައިގެން އައިސް ގެއަށް ވަމުނުމުން މަރުހަބާކީ ސާރާއެވެ. އަދި ކުޑަކުޑަ ރީޝަމް ސާރާގެ މައިދައިތަ އަތައް ދިނުމުން ކޮލަށް ދޮނެއްދީ ލޯބިކޮށްލިއެވެ. ” މީ ސާރާގެ މަންމަޔާ ބައްޕަ. މިގޭގައި މާގިނަ މީހުންނެއް ނޫޅޭނެ ” ސިނާން ގޭގެ މީހުން ތައާރަފް ކޮށްދިނެވެ. ” ހިނގާ އެތެރެއަށް ” ނާހިދާ ސިނާންގެ މަންމަގެ ގާތު ބުނެލުމުން އެންމެން ގޭތެރެއަށް ވަންނަން ދިޔުމަށް ހިނގައިގަތެވެ.
” ކީއްކުރަނީ ” ހަމްދާން ޒޭނާއަށް ގުޅާފަ ސުވާލުކޮށްލިއެވެ. މިއުޅެނީ މެންދުރަށް ކަންކަންވެގެން. ކިހިނެއްވީ ” ޒޭނާ ބުނެލިއެވެ. ” ކަމެއްނުވޭ. ހަމަ އަހާލީ. އަނެއްކާ އެހުމަކީ މައްސަލައެއްތަ؟ ” ހަމްދާން އަހާލިއެވެ. ” މައްސަލައެކޭ ނުބުނަމެއްނު ” ޒޭނާ ބުނެލިއެވެ. ” ހަވީރުން ދާނަން އިނގޭ. ބޭރަށް ދެވޭ ގޮތަށް ހުންނައްޗޭ ” ހަމްދާން މިހެންބުނެ ފޯން ކަޑާލިއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ އަކިޔަލާ ބައްދަލުކުރާނެ މިނިވަންކަން ރިޒްނީއަށް ނުލިބިއެވެ. އެކަމުގެ ހިތާމަ ހަމައެކަނި ކުރަމުން ދިޔައީ ރިޒްނީ އެކަންޏެއް ނޫނެވެ. ދުވަސްތަކެއް ފަހުން ލިބުން ބައިވެރިޔާއާ ދުރުވާންޖެހިދާނެ ކަމުގެ ހިތާމަ އަކިޔަލް ވެސް ކުރަމުން ދިޔައެވެ. ފުން ހިތާމަޔާއެކު، މާޔޫސްވާ ހާލުގައެވެ. ” އަދިވެސް އެކަންތަކާ ވިސްނަނީތަ ” ސާހިދު އަހާލިއެވެ. ” ދެން އެކަންތަކާ ދޯ ވިސްނޭނީވެސް. ސާހިދުއަށް ވެސް މިދުވަސް ދެކެން ޖެހުންނަމަ އެނގޭނީ ވާ އުދަގޫ. ހިތް ދަތިވާވަރު ” އަކިޔަލް ބުނެލިއެވެ. ” އަހަރެންނަށް ކަމެއް ދިމާނުވިޔަސް އަހަރެންނަށް އިހްސާސް ކުރެވޭ ވާނެ ދެރަ. އެހެންވެ އަހަރެން މިބުނަނީ އެކަމާ އެހާވަރަށް ނުވިސްނާށޭ. ލިބެން ހުރި އެއްޗެއް ކޮންމެ ގޮތެއް ހަދާފަ ނަމަވެސް ލިބޭނޭ. ” ސާހިދު ބުނެލިއެވެ.
” ހާދަ ބުރަކޮށްލައިގެން ” ސާރާ ބަނދިގޭތެރޭގައި ހުއްޓާ ޒޭނާއައިސް ބުނެލިއެވެ. ” އާނ… މިއަދު މިއުޅެނީ މެންދުރަށް ރަނގަޅުއެއްޗެއް ހަދާލެތޯ. ޒޭނާ ކަމަކުތަ ތިއައީ ” ސާރާ އަހާލިއެވެ. ” ނޫނޭ. އެއްވެސް ކަމަކުއެއް ނޫން. ހަމަ ޖައްސާލީ ” ޒޭނާ ބުނެލިއެވެ. ” ކޮބާ؟؟؟ އަހަރެން ބުނި ކަންތަކާ ވިސްނަފިންތަ؟ ” ސާރާ އަހާލިއެވެ. ” ކޮންކަމެއްތަ؟ ” ޒޭނާ ވެސް ކޮށްލީ ސުވާލެކެވެ. ” ދެން އަދި އެއްޗެއް އެނގޭ ކަމަކަށް ވެސް ނުހަދާނެ. މިދައްކަނީ ހަމްދާންގެ ވާހަކަ ” ސާރާ ބުނެލިއެވެ. ” އޯހް!!! ހަމްދާން ދޯ. އެކަންތައް ދެންވަކި ކޮންގޮތަކަށް ވާނީ ” ސާރާ ގެންގުޅުނު ފިޔާތަކުން ފިޔައެއްގެ ތޮށި ނޮޅަމުން ޒޭނާ ބުނެލިއެވެ. ” ތިބުނީ ހުރިހާ ކަމެއްވެސް ވީ އަހަރެން ބުނި ގޮތަށޭތަ؟ ” ސާރާ ޒޭނާއަށް ބަލާލަމުން ބުނެލިއެވެ. ” ދެން ބުނެބަލަ ކަންތައްތައްވީ ކިހިނެއްކަން ” ސާރާ ފިޔާކޮޅު ވަޅޯކޮށްލަންވެގެން ތެއްޔެއް އުދުންމަތީ ބަހައްޓަމުން ބުނެލިއެވެ. ” ދެން ސާރާ ހަމަ ބުނިގޮތަށް ހުރިހާ ކަމެއްވެސްވީ. އަސްލު އަހަރެންނަށް ކުރިން ވެސް އެކަމާ ވިސްނުން. އެކަމަކު އެކަން ފާޅުކުރަން ނުކެރުނީ ހަމްދާންވެސް އެފާޑުގެ އެއްޗެއް ނުކިޔާތީ ” ޒޭނާ ބުނެލިއެވެ. ދެން ރަނގަޅުތާ. މިހާރު ތިކަންވެސް ތިވަނީ ނިމިފައެއްނު ” ކަޓިން ބޯޑް ހިފައިގެން އައިސް ޒޭނާ ތޮށި ނޮޅާފަހުރި ފިޔާތަކުން ފިޔައެއް ނަގަމުން ސާރާ ބުނެލިއެވެ.
” އަހަރެން ސުވާލެއްކޮށްލަންތަ ” ސާރާ ދެކޮޅު ބަލާލުމަށްފަހު ބުނެލިއެވެ. ” ކޮން ސުވާލެއް އަނެއްކާ ” ސާރާ އަޑުގާ ސީރިއަސް ގޮތެއް ހުރިހެން ހީވުމުން ސާރާއަށް ބަލާލާފައި ޒޭނާ ބުނެލިއެވެ. ” އަނެއްކާ އަހަރެން މިހެން އަހާލިމާ ގޯސްކޮށް ނުވިސްނާތި ” ސާރާ ބުނެލިއެވެ. ” ދެން ތި ސުވާލު ކޮށްބަލަ ” ޒޭނާ ބުންޏެވެ. ” ކޮބާތަ އަކިޔަލް މިހާރު ” ސާރާގެ ސުވާލުން ހައިރާންކަމާއެކު ޒޭނާ ބަލާލީ ސާރާ އަށެވެ. އެތަކެއް ދުވަސްތަކަކާ، އަހަރުތަކެއް ކޮށްފަ އަކިޔަލްގެ ވާހަކަ ބުނުމުން ޒޭނާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. ” ކީއްވެގެން ކުއްލިއަކަށް އަކޫގެ ވާހަކަ ތި އެހީ ” ސާރާ ސުވާލުކޮށްލިއެވެ. ” ކަމެއްނުވޭ. ކުއްލިއަކަށް ހަމަ އޭނަ މަތިން ހަނދާންވީ. އެހެންވެ އަހާލީ ” ސާރާ ފިޔާ ކޮށަމުން ވާހަކަ ދައްކަމުން ދިޔައެވެ. ” އިރާދުކުރެއްވިއްޔާ އަކޫ ވަރަށް ރަނގަޅު. އެކަމަކު މިހާރު އަކޫ އަކީ މީގެ ކުރީގެ އަކޫއެއް ނޫން. މީގެ ކުރީގަ އުފުލަން ނުޖެހޭ އެތަކެއް ޒިންމާތަކެއް އުފުލަން ޖެހިފަ ވަނީ ” ޒޭނާ ބުނެލިއެވެ. ” ތިބުނީ ކޮންކަންތައްތަކެއްގެ ވާހަކައެއްތަ ” ސާރާ އަހާލިއެވެ. ” އޭރުގެ އެހުރިހާ ކަންތައްތަކެއް ކުރިމަތި ވެގެން އުޅެނިކޮށް ސަކީނައްތަގެ އެއްފަޅި ޕެރަލައިޒްވީ. އެކަންތައް މުޅިން ހަމަޔަކަށް ނޭޅި އުޅެނިކޮށް އަކޫގެ މާމަ ނިޔާވީ. މިހާރު އަކޫގެ ކާފަ ވެސް ބަލަނީ އަކޫ އެގެއަށް ގެނެސްގެން. މިހާރު ވިޔަފާރީގެ ވެސް ކުރަން ވަރަށްގިނަ ކަންތައްހުރޭ ފިހާރަ ބޮޑުކުރިފަހުން. ކޮންމެވެސް ވަރަކަށް ކަންތައްތައް ހަމަޔަކަށް އެޅުމުން ސާހިދު ކައިވެނި ކުރީމަ އޭނާގެ ކައިވެނީގެ ޕާޓީ އަކޫ ބާއްވަދިނީ. މިހެން ގޮސްވެސް ވަރަށް ގިނަކައްތައް ” ޒޭނާ ކިޔާދިނެވެ. ” އެހެންވީމާ އަދި ވެސް އަކޫ މެރީ ނުކުރޭދޯ ” ޒޭނާ ދެއްކި ވާހަކަތަކުގެ ތެރެއިން އަކިޔަލްގެ ކައިވެނީގެ ވާހަކަ ފާހަގަ ނުކުރީމަ ސާރާ އަހާލިއެވެ. ” އާނ. އަދި ތިކަމެއް ނުވޭ. އެކަމަކު ދެން މާގިނަ ދުވަހެއްވެސް ވާނެހެނެއް ހިޔެއްނުވޭ. ” ޒޭނާ ބުނެލިއެވެ. ” ދެން މިހާރު އަކޫގެ މަންމަ ކިހިނެއްތަ؟ އެއްކޮށް ރަނގަޅުވީތަ ” ކަންބޮޑުވެފަވާ ރާގެއްގައި ސާރާ އަހާލިއެވެ. ” ނޫނޭ. އެއްކޮށް ރަނގަޅެއް ނުވޭ. އެކަމަކު މިހާރު ކޮންމެވެސް ވަރަކަށް ކޮޅަށް ތަންތާގައި ހިފަހައްޓައިގެން ހުރެލެވޭ. ” ޒޭނާ ބުންޏެވެ. ” އެހެންވީމާ ޒޭނާ ކުރިން ގަމުކޮޅަށް މާގިނައިން ދަނީ އެގެއަށް ދޯ ” ސާރާއަށް ހީވިއެއްޗެއް ބުނެލިއެވެ. ” އާނ. އަކޫގެ މާމަ ވެސް ސަކީނައްތައަށް އެހީއެއް ވާކަށް އެއްބަސްނުވި. އެހެންވެ އަހަރެންނާ އިނާޔާ ސަކީނައްތަގެ ހުރިހާ ކަމެއް މިއަދާ ހަމައަށް ވެސް މިކުރަނީ ” ރަހުމަތްތެރިޔާއަށް އެހީވެދެވޭ ކަމުގެ އިހުސާސް އެންމެ ފުރިހަމައަށް ކުރެވޭ ހާލު ޒޭނާ އުފަލާއެކު ބުނެލިއެވެ. ” ދެން އެވާހަކަ ބާއްވާފަ މިކަމާ އުޅެބަލަ ” ސާރާ ސުވާލެއްކޮށްފާނެތީ ޒޭނާ މަސައްކަތުގެ ވާހަކަ ބުނެލިއެވެ.
” ކޮބާ ރިޒްނީ ” ރިފްއަތު ބޭރުން އައިސް ސޮފާގައި އިށީންނަމުން ނާހިދާ ކުރެން ސުވާލުކޮށްލިއެވެ. ” ކޮޓަރީގަވީ ” ނާހިދާ ބުނެލިއެވެ. ” މިހާރު ބޭރަށް ވެސް ނުނިކުންނަނީތަ ” ރިފްއަތު އަހާލިއެވެ. ” އެދުވަހުގެ ފަހުން ވަރަށް ބޭރަށް ނުނިކުމޭ. ވާހަކަ ވެސް ވަރަށް މަދުން ދައްކަނީ ” ނާހިދާ ބުނެލިއެވެ. ” އަޅާނުލާ. ކައިވެނި ކުރެވުނީމާ ރަނގަޅު ވެދާނެ. ގެނެސްދިބަލަ ފެންތައްޓެއް ” ރިފްއަތު ފެން ތައްޓެއް ގެނެސްދޭން ބުނުމުން ނާހިދާ ސޯފާއިން ތެދުވެގެން ދިޔައެވެ.
އަކިޔަލްއާ ރިޒްނީގެ ސިއްރު ބައްދަލުވުންތައް ބާއްވަމުން ދިޔައީ ސިއްރުން ދަންވަރު ވަގުތުއެވެ. މިރޭ ވެސް އަކިޔަލްގެއިން ނިކުމެގެން އެދަނީ އެބައްދަލުވުމަށެވެ. ކުރިން ވެސް ރޭފިފައިވާ ގޮތަށް ރިޒްނީ ވެސް ތައްޔާރުވަމުން އެދަނީ އަކިޔަލާ ބައްދަލުކުރުމަށް ގެއިން ނިކުތުމަށެވެ. ނަމަވެސް ރިޒްނީއަށް ފަސޭހައިން ނިކުމެވޭ ގޮތެއް ނުވިއެވެ. ކޮޓަރިން ބޭރަށް ނިކުތުމަށްޓަކާ ދޮރު ހުޅުވާލިއިރު ސިޓިން ރޫމްއިން ޓީވީގެ އަޑު އުވެމުން ދިޔައެވެ. އެހެންކަމުން ރިޒްނީ އަވަސް އަވަހަށް ދޮރުލައްޕާލުމަށްފަހު އަކިޔަލްއަށް މެސެޖެއް ކޮށްލިއެވެ. އޭރު އަކިޔަލާ ސާހިދަށް އާދައިގެމަތިން ރިޒްނީއަށް އިންތިޒާރުކުރާ އިރު މަޑުކޮށްލާ ހިސާބަށް އާދެވިއްޖެއެވެ. ” ޝިޓް ” މެސެޖް ކިޔާލުމަށްފަހު އަކިޔަލް ބުނެލިއެވެ. ” ކިހިނެއްވީ ” ސާހިދު އަހާލިއެވެ. ” ރިޒޫ ބޭރަށް ނިކުންނަށްވެގެން ބަލާލިއިރު ސިޓިން ރޫމްގައި މީހުން އުޅެޔޯ. އެހެންވެ ނުނިކުމެވިފަޔޯ މިހުރީ ” އަކިޔަލް ބުނެލިއެވެ.
ބާރަ ޖަހާ ދިޔައިރުވެސް ރިޒްނީއަށް ބޭރަށް ނިކުމެވޭ ގޮތް ނުވުމުން ހާސްވެގެން އިރު އިރުކޮޅާ ގަޑިއަށް ބެލެނީއެވެ. އަދި ކޮޓަރީގައި ދެކޮޅަށް ހިނގެން ވެސް ފެށުނެވެ. ” އަހަރެންނަށް ހީވަނީ ރިޒޫގެ ހެޓިލަރު ބައްޕަޔަށް ރިޒޫ ބޭރަށް ދަންވަރު ނިކުންނަކަން ފަޅާއެރީ ކަންނޭންގެ. އެހެންވެ ކަންނޭންގެ ނުނިދާ އެއުޅެނީ ” ސާހިދުއަށް ހީވާ އެއްޗެއް ބުނެލިއެވެ.” ހިޔެއްނުވޭ އެނގޭހެނެއް. އެމީހުންނަށް މިކަން މިހެން ވާކަން އެނގޭނަމަ މަޑުން ނުތިބޭނެ. އަދި ރިޒޫއަށް އެކަން ސިއްރުކޮށްގެން ވެސް ނުތިބޭނެ ” އަކިޔަލް ބުނެލިއެވެ. ” ހޫމް… ތިވެސް ތެދެއް. އެކަމަކު ހަމަވެދާނެއްނު އެމީހުންނަށް އެނގުނަސް، ނޫނީ ޝައްކުވެފަ އޮތިއްޔާ ރިޒޫ ބޭރަށް ނިކުންނަވަގުތު އެވާހަކަ ދައްކަންވެގެން މަޑު ކުރަނީ ކަމަށް ވެސް ” ސާހިދު ވިސްނާލާފަ ބުނެލިއެވެ. ” ތިހެންވެސް ވެދާނެ. އެކަމަކު އަހަރެންގެ ހިތް ބުނަނީ އެމީހުންނަށް ކަމެއް އެގިއްޖެނަމަ މަޑުން ނުތިބޭނޭ ” އަކިޔަލް ބުނެލިއެވެ. ” ރިޒޫ ލަސްވަންޏާ ދެން މިރޭ ހިނގާ ގެއަށްދާން. މިހެން ތިއްބާ މީހަކަށް ފެނިއްޖެނަމަ ވެސް ކަންތައްތައް ރަނގަޅެއްނުވާނެ ” ސާހިދު އަނދިރީގެ ތެރެއިންވެސް ދެކޮޅު ބަލާލުމަށްފަހު ބުނެލިއެވެ. ” ކިހިނެއްދާނީ. އަދިވެސް ރިޒޫގެ މެސެޖެއް ނާދޭ. ނާދެވެންޏާ ވެސް ބުނީމަދޯ ދެވޭނީ ” އަކިޔަލް ބުނެލިއެވެ. ” އެހެންވިއްޔާ އަކޫ މެސެޖެއް ކޮށްލަބަލަ. އޭރުންދޯ ވާނުވާ އެނގޭނީ ” ސާހިދު ބުނެލިއެވެ.
ސާހިދުގެ ހިޔާލާ އެއްގޮތަށް އަކިޔަލް ރިޒްނީއަށް މެސެޖެއް ފޮނުވާލިތާ މާގިނަ އިރެއްނުވަނީސް ރިޒްނީ މަގުމައްޗަށް ނިކުތަން އަކިޔަލްއަށް ފެނުނެވެ. ” ރިޒޫ އެބަ އާދޭ ” އަކިޔަލް މިހެން ބުނުމުން ސާހިދު އެދިމާއަށް ބަލާލިއެވެ. ރިޒްނީ އައުމުން ތިން މީހުން އެކުގައި އެހިސާބާ ދުރަށް ޖެހިލުމަށް ހިނގައިގަތެވެ.
ދަންވަރުގެ ބައްދަލުވުން ނިންމާލުމަށްފަހު އަކިޔަލާ ސާހިދު ރިޒްނީ ގެއާ ހަމައަށް ދެވެންދެން އެހެންޏާވެސް އެމީހުން ތިބޭ ހިސާބުގައި މަޑުކޮށްލައިގެން ތިއްބެވެ. ދޮރާ ހަމައަށް އައިސްފަ ރިޒްނީ ފަސްއެބުރި ބަލާލުމުން އަކިޔަލާ ސާހިދު ގެއަށް ދިޔުމަށް ހިނގައި ގަތެވެ. ގެއަށް ވަމުނަށްޓަކާ ސިޓިންރޫމްގެ ދޮރާ ދިމާއަށް ހިނގައި ގަތްވަގުތު ގޭގެ ދޮރުމަތީގައި ހުރި މީހަކު ފެނުމުން ރިޒްނީ ސިހުނެވެ. ހަމަ އެވަގުތު ބޭރު ދޮރުމައްޗަށް އަލި ކުރުމަށް ދޮރުގެ މަތީގައި ހުރި ބޮކި ދިއްލުނެވެ. ” ބައްޕާ… ” ބޮކި ދިއްލުމާއެކު ދޮރުމަތީ ހުރި ރިފްއަތު ފެނުމުން ރިޒްނީއަށް ބުނެލެވުނެވެ. ހަމަ އެވަގުތު އަނީސާ ވެސް ބޭރަށް ނިކުތެވެ. ” ކޮންތާކުން ތިއައީ ” ރިފްއަތު ރިޒްނީގެ އަތުގައި ހިފައިގެން އައިސް ގޭތެރެއަށް ވެއްދުމަށްފަހު ފާޑަކަށް ކޮށްޕާލުމަށްފަހު ސުވާލުކޮށްލިއެވެ. ” އަހަރެން މިއަހަނީ ކޮންތާކުންހޭ ތިއައީ ” ދެވަނަ ފަހަރަށް ރިފްއަތު ސުވާލު ތަކުރާރުކޮށްލިއެވެ. ” އަކިޔަލާ ބައްދަލުކޮށްފަ އެއީ. އެހެންނޫނީ މިހާ ދަންވަރު ރިޒްނީ ބޭރަށް ދާންޖެހޭނެ ވަރުގެ ކަމެއް ނޯންނާނެ ” އަނީސާ ބުނެލިއެވެ. ” އަހަރެން ކުރިން ވެސް ބުނިން ތިހުރިހާ ކަމެއް ހުއްޓަން. އަދި އޭނަޔާ ބައްދަލުނުކުރަން. އެކަމަކު ރިޒްނީއަށް އެކަމެއްނުވި. އަހަރެންގެ ބަހާ ހިލާފުވެ، އަހަރެން ނުކުރަން ބުނާ ކަންތައް ކުރަން ރިޒްނީ ފަސްޖެހުމެއްނެތި ދާން ކެރެން އެއީ ކާކުތަ؟. މައިން ބަފައިންނަށް ވުރެއްވެސް އެހާ ދަށުދަޖައިގެ ނިކަމެއްޗެއް މުހިންމުވީތަ ” ރިފްއަތު ރިޒްނީގެ ކުރިމަތީ ހުރެ ބުނެލިއެވެ. ” އެއީ އަހަރެން ލޯބިވާ މީހާ ” ރިފްއަތުގެ ވާހަކަ ނިމުމުން ރިޒްނީ އިސްއުފުލާ ރިފްއަތުގެ މޫނަށް ބަލާލުމަށްފަހު ބުނެލިއެވެ. އެވަގުތު ރިފްއަތު ރިޒްނީގެ ކޯތާފަތްމަތީ ޖެހިއެވެ. ” ހަދާންކުރާތި. ދެން ތިހެން ނުބުނާތި. އަހަރެން ހުންނާނީ ރިޒްނީގެ ކައިވެނި ކުރާނެ މީހަކު ހޯދާފަ. އެމީހަކީ ރިޒްނީ ގޮވައިގެން އުޅެވޭނެ މީހެއް. ތަނަވަސް ކަމަށް ބެލިޔަސް. އަހަރެން ހަމަ ހޭގަ ހުއްޓާ ބޭނުންހާ ކަމެއްނުވާނެ. ދެން ތިހެން ތި މީހަކާ ބައްދަކުރަން ގޮސްފިއްޔާ ތި ދެފައިން ހިނގާފަ ނޫޅެވޭ ވަރުކޮށްލާނަން ” ރިފްއަތު ރިޒްނީއާ ދިމާއަށް އިނގިލި ދިއްކޮށް އެހެން ބުނެފަ، ހިނގަތުމުން ފަހަތުން އަނީސާ ވެސް ހިނގަތެވެ. ދެމީހުން ކޮޓަރިއަށް ވަނުމުން ރިޒްނީ ރިފްއަތު ޖެހި ކޯމަތީގައި އަތް އަޅައިގެން ހުރެ ގޮސް ކޮޓަރިއަށް ވަދެ އެނދުމައްޗަށް ބައްޑުން ވެއްޓިގަނެ ރޯންފެށިއެވެ. ދުވަހަކު ވެސް ރިފްއަތުގެ ފަރާތުން ނުފެންނަ މަންޒަރެއް ފެނުމުން ރިޒްނީ ހައިރާންވިއެވެ. އަދި އިންތިހާއަށް ދެރަވެސް ވިއެވެ. ރިޒްނީގެ އިހުސާސްތަކާ، ބޭނުން އެނގެންބޭނުންނުވެ ގަދަކަމުން ލޯބި ނުވާ މީހަކާ ކައިވެނި ކުރުވަން އުޅޭތީއެވެ.
” އަހަ… ޒަހީން. ކޮންތާކުތަ ތިއުޅެނީ. ފެނިވެސް ނުލާ. ” ސިނާން ގެއިން ބޭރަށް ނިކުތްވަގުތު ޒަހީން ސައިކަލްގަ ދަނިކޮށް ސިނާން ފެނުމުން ސައިކަލް މަޑުކޮށްލުމުން ސިނާން ބުނެލިއެވެ. ” އަހަރެން ދުވަސް ކޮޅަކަށް މާލެ ގޮސްލާފަ މިއައީ. އެހެންވެ ނުފެންނަނީ ” ޒަހީން ބުނެލިއެވެ. ” ދެން ގުޅާލަން ވެސް ނުކެރުންތަ ” ސިނާން ބުނެލިއެވެ. ” ދެން އުޅެން ޖެހުނު ގޮތުން ނުގުޅުނީ. ސާރާ މެންގޭގަ ކޮންކަމެއްތަ؟ ” ޒަހީން ސުވާލުކޮށްލިއެވެ. ” ތީ ދިގުވާހަކައެއް. ކަމެއް ނެތިއްޔާ ހިނގާ ކޮފީއަކަށް. މިތާ މަގުމަތީ ތިބެގެން ދެއްކޭނެ ވާހަކައެއް ނޫންތީ ” ސިނާން މިހެންބުނެ ޒަހީންގެ ފަހަތަށް އަރާ ސައިކަލްގައި އިށީނުމުން ޒަހީން ސައިކަލް ދުއްވާލިއެވެ.
” ކީއްވެ ތިވާހަކަ ނުބުނެ ތިހުރީ ކުރިން. އަހަރެން ވެސް މީ އަކޫ ގެ ރައްޓިއްސެކޭ. އަހަރެން ވެސް ނޭދެން އަކޫއަށް ދެރައެއް ލިބޭކަށް ” ޒޭނާ ބުނެލިއެވެ. ” ބުނެގެން ވަކި ކީއްކުރާނީ ޒޭނާ. ހުރިހާ ކަމެއް މިވަނީ އުންމީދު ކުރި ގޮތާ މުޅިން ހިލާފަށް. ރިޒްނީގެ ހުރީ ވަރުގަދަ ބައްޕައެއް ” ސާހިދު ބުނެލިއެވެ. ” ރިޒްނީ އަކޫދެކެ ލޯބިވަންޏާ އާދެވެންވާނެއްނު. ދެލޯބިވެރިންގެ ދެމެދަށް މީހަކަށް ވަދެވޭތަ؟ ” ޒޭނާ ބުނެލިއެވެ. ” ތިކަންވެސް ގަބޫލް ކުރަން. އެކަމަކު ކޮންމެ ރެއަކު ދަންވަރު ކިހިނެއް ދެމީހުން ބައްދަލު ކުރުވާނީ. މީކަށް ފެނިއްޖެ ނަމަ ވެސް މީހަކަށް ބޭރަށް ނިކުންނަށް ނުކެރޭވަރު ކޮށްލާނެ. އެކަމަކު ވެސް އެކަމުގަ ރިސްކް ނަގާފަ އެދެމީހުން ދަންވަރު ބައްދަލު ކުރުވަން. ނޭންގެ އެކަން ރިޒްނީގެ ހެޓިލަރު ބައްޕަޔަށް މީހާރު ނޭންގޭ ކަމެއްވެސް. އަދި ޒޭނާއަށް އެގޭތަ. މީގެ އެންމެ ހެއްވާ ކަމަކީ ރިޒްނީ އިންނާނެ މީހަކު ވެސް އެނާގެ ބައްޕަ ހުރީ ހޯދާފަޔޯ. އެމީހަކީ މުއްސަދި މީހެކޯ. ލާރިޔާ ހެދި ބޫތުކައިފަ ހުއްޓަސް މީދެން ބޮޑުވަރެއްނު ” ސާހިދު ބުނެލިއެވެ. ” މީދެން ހިންދީ ފިލްމެއްތަ؟ ދެފަރާތުފެ އާއިލާ ގަބޫލްވެގެން ކައިވެނި ކުރެވެން. ކޮން ހިސާބެއްގަ އުޅޭ މީހެއްގެ ވާހަކައެއް ތިބުނީ ” ޒޭނާ ނުރުހޭ ފާޑަކަށް ބުނެލިއެވެ. ” ނޭންގެ ކޮންތާކު އުޅޭ ކޮނފަދަ މުއްސަދިކަމެއް ލިބިފަހުރި މީހެއްކަމެއް ވެސް އެއީ ” ސާހިދު ބުނެލިއެވެ. ” ކޮބާ މިހާރު އަކޫ. ” ޒޭނާ އާހާލިއެވެ. ” އޮފީހުގަވީ. އެކަމަކު އަކޫވެސް ހުންނަނި ފާޑަކަށް ” ސާހިދު ބުނެލިއެވެ. ” ދެން ފާޑަކަށްތާ ހުރެވޭނީ ވެސް. މީގެ ކުރިން ވެސް އެހާ ހާލުން ކަންތައްގަނޑަކުން ސަލާމަތްވެވުނީ. އެކަން އެހެންވެފާ ހުއްޓާ، އަނެއްކާ މިހާރު މިކަން މިހެންވީމާ ވެސް ފާޑަކަށް ނުހުރެ ދެން ކޮންފާޑަކަށް ހުންނާނީ. އެމީހުން ގަދަކަމުން އެކައިވެނި ކުރަން ހިފާލިޔަސް އަހަރުންވާނެ ކޮންމެ ގޮތެއް ހަދާފަ ނަމަވެސް އެކައިވެނި ހުއްޓުވާން ” ޒޭނާ ބުނެލިއެވެ. ” ތިކަމާ ހާސްނުވޭ. ހެޓިލަރުވާން ރިޒްނީ ބައްޕައަށް އެގެންޏާ، އަހަރެންނަށް އެނގޭނެ ބުމަރެއްހާ ބާރަށް އެނބުރެންވެސް. ހެޓިލަރުވާން ހުއްޓާ ދުވަހަކު ހިތަށް ނާރާހާ ބާރަށް އަނބުރާލާތަން ދައްކާލާނަން. ” ސާހިދު ބުނެލިއެވެ. ” ތިވާހަކަ ދެންދައްކާނީ ފަހުން. އަހަރެން މިދަނީ ސަކީންތައަށް ކާންދޭން. މިހާރުވެސް ލަސްވެއްޖެ ” ޒޭނާ މިހެން ބުނުމުން ސާހިދު ސައިކަލް ދުއްވާލިއެވެ.
” ބައްޕައަށް އެގިއްޖެ އަހަރެން ސިއްރުން އަކޫއާ ބައްދަލުކުރާކަން ” ރިޒްނީ ބުނެލިއެވެ. ” ކިހިނެއް އެނގުނީ ” އަކިޔަލް އަހާލުމުން ރިޒްނީ ކަންތައްވީގޮތް އަކިޔަލްއަށް ކިޔާދިނެވެ. ” އެހެންވީމާ ދެން ރިޒޫއަށް ބޭރަށް ވެސް ނުނިކުމެވޭނެދޯ ” އަކިޔަލް ބުނެލިއެވެ. ” އާނ. ދެން އަދި އަމުދުން ބައްޕަ ބަލާނެ ” ރިޒްނީ އަކިޔަލްއާ ވާހަކަ ދައްކަމުން އެހެން ބުނިއިރު ރިފްއަތަށް ހުރެވުނީ ރިޒްނީގެ ކޮޓަރީ ދޮރާ ހަމައިގައެވެ. ދޮރު ކުޑަކޮށް ހުޅުވިފަ ހުރުމުން ރިޒްނީ ދައްކަމުން ދިޔަ ވާހަކަ ސާފުކޮށް ރިފްއަތަށް އިވިގެން ދިޔައެވެ. ހަމަ އެވަގުތު ރިފްއަތު ދޮރު ބޮޑަށް ހުޅުވާލުމަށްފަހު ބާރަށް ހިނގާފަ ގޮސް، ދޮރަށް ފުރަސް ދީގެން އެނދުމަތީގައި އިށީދެއިން ރިޒްނީގެ ކަންފަތުގައި ޖައްސައިގެން ހުރި ފޯން ރިޒްނީއަތުން ދަމައިގަނެ، ވާހަކަދައްކަން ފެށިއެވެ. ” ދެން މިއަށްވުރެއް ވެސް ބޮޑަށް ރިޒްނިއަށް ބަލާނަން. އެހެންވީމާ ރަނގަޅުވާނީ މިކަމާ ނޫޅުނިއްޔާ ” ރިފްއަތު މިހެން ބުނެ ފޯން ކަޑާލިއެވެ. ފޯން ކަޑާލުމުން ކަންފަތާ ފޯން ދުރުކޮށްލުމަށްފަހު އަކިޔަލް ފޯނަށް ބަލާލިއެވެ. އަދި މާޔޫސްވެފާވާ ހާލުގައި ފުން ނޭވާއެއް ލުމަށްފަހު އަތިރިމަތީ ހުރެފަ ގެއަށް ދިޔުމަށް ހިނގައިގަތެވެ.
” ކިތައްމެ ސިއްރުން ބައްދަލުކުރިޔަސް، އަދި ކިތައްމެ ސިއްރުން ވާހަކަ ދައްކާ ހުރިހާ ކަމެއް ކިޔާދިނަސް ރިޒްނީއަށް ކައިވެނި ކުރަންޖެހޭނި އަހަރެން ދައްކާ މީހަކާ. މާދަމާ ރިޒްނީ ކައިވެނިކުރަން އަހަރެން ހޯދާފައި ހުރި މީހާ ކިޔެވުން ނިންމާލުމަށްފަހު ރަށަށް އަންނާނެ. ތައްޔާރުވެގެން ހުންނާތި. އެހެން ގޮތެއް މިކަމުގަ ނޯންނާނެ. ހަނދާންކުރާތި ” ރިޒްނީގެ ފޯން އެނދު މައްޗަށް އެއްލާލުމަށްފަހު ރިފްއަތު ކޮޓަރިން ނިކުތުމުން ރިޒްނީ ރޮމުން އެނދުކައިރީ އިށީނެވެ.
7 Comments!
Comments are closed.
Story v salhi.
Thanx NADHA
When next part
Varah avahah
Mi story ah inthizaar kuraathaa kondhuvahen haadha lahun
Busy vaathy lasvany… ekamaku dhen lasviya nudhee veytho balaanan… thikuraa inthizaarah shukuriyaa SHAAM
Kobaata mi storyyyyy keeve upload nuvaneee bunelaladeebala