Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ނޫރު (ބާރަވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
December 18, 2017 8 Mins Read
16 Comments

މާލޭގެ ސްކޫލްތައް ޓީވީއިން ދައްކާއިރު އޭނަ އެފަދަ ސްކޫލަކަށް ވަރަށް ވެސް ދާ ހިތްވެއެވެ. އެފަދަ ސްކޫލެއްގައި ކުދިން އުޅެނީ ވެސް ހާދަ ‘މިނިވަން’ކޮށޭ ހިތަށްއަރައެވެ. ޝަރަފަށް ވަގުތުން އޭނަ މާލެއަށް ގޮސް އުޅޭނެ ގޮތުގެ ޚިޔާލީ ފޮލާ ކައްކަން ފެށިއެވެ. އަދި ވަގުތުން އަނބުރާ ކޮޓަރިއަށް ދާން ދުއްވައިގަތީ އެ އުފާވެރި ޚަބަރު ޝިނާޒަށް ދިނުމަށެވެ. އޭނަ ވަގުތުން ގޮސް ޝިނާޒަށް ގޮވައި ގަދަކަމުން ހޭލައްވާލަމުން އޭނައަށް އެ ޚަބަރު ދިނެވެ. އެއާއެކު ޝިނާޒްވެސް ޝަރަފާއި އެއްވަރަށް އުފާވެގެން ދިޔައެވެ.

 

އޭގެ ހަފްތާއެއްހާ ދުވަސްފަހުން އެމީހުންގެ މަންމައާއި ބައްޕައާއި އެކީގައި އެއާރޕޯޓެއްގައެވެ. އެހާ ހިސާބަށް ދިޔައިރު އެމީހުން މާލެއަށް ދާންޖެހޭ ސަބަބު ޢައްބާސްވަނީ ޝަރަފްގެ ދެބެއިންނަށް ވަރަށް ސާފުކޮށް ކިޔައިދީފައެވެ. ވަރުދާ އެމީހުންނަށް ޙަޤީޤަތް ފޮރުވަން އުޅުނީ ޢައްބާސް ނިންމީ ރަނގަޅު ނިންމުމެއްހެން އޭރުވެސް އޭނައަށް ހީނުވީތީވެއެވެ. އަދި ބައްޕަ އެފަދަ ގޮތަކަށް ކަންތައް ކުރުމުން އޭނަގެ ދަރިން ވެސް ދިރިއުޅުމުގައި އެފަދަ ‘މޮޔަ’ ނިންމުންތައް ނިންމަން ފަށާފާނެކަމަށް ވަރުދާގެ ހިތް ބުނީތީވެއެވެ. އެހެނަސް ޢައްބާސް އޭނަގެ ދެ ދަރިންނަށް އެ ވާހަކަ ކިޔައިދިނީ ﷲ އަށްޓަކައި ރަނގަޅު ނިންމުންތައް ނިންމަން އެކުދިންނަށް ހިތްވަރު ދިނުމަށްޓަކައެވެ.

 

ޗެކްއިން ކުރެވުނު ތަރުތީބުގެ ގޮތުން ޝަރަފް ޖެހުނީ ޢައްބާސްއާއި ޖެހިގެން ހުރި ސީޓުގައި ކަމަށްވިޔަސް އޭނަ ވަގުތުން އޭނަ އިށީންނާނީ ޝިނާޒް ކައިރީގައި ކަމަށް ބުންޏެވެ. ނަމަވެސް ފްލައިޓަށް އަރަން ވީ ވަގުތު ޝިނާޒް ކަންފަތަށް ހެޑްފޯން ޖަހައި މަންމަގެ ފޯނުން ގޭމަކަށް ގެއްލިގެން އިން ގޮތުން އޭނަ މުޅި ދަތުރު ނިމެންދެން ވެސް ވާހަކައެއް ނުދައްކާނެކަން ޝަރަފަށް އަންދާޒާ ކުރެވުނެވެ. އެހެންކަމުން އޭނަ އެންމެ ފުރަތަމަ ފްލައިޓުން ކުރާ ދަތުރުގައި ޝަރަފް ހުންނަން ނިންމީ އޭނަގެ ބައްޕަގެ ކައިރީގައެވެ.

 

ފްލައިޓަށް އަރައި އެންމެން ހަމަ ޖެހިލީ ވަގުތު ފްލައިޓްގެ ތެރެއިން ދަތުރު ދުޢާގެ އަޑު އިވެން ފެށިއެވެ. ޢައްބާސް ވަގުތުން ޝަރަފްގާތު އޭތި ކިޔާލުމަށް އެދުނެވެ. ޝަރަފް އެ ދުޢާގެ ފަހަތުން އޭތި ކިޔާލުމުން ޢައްބާސްވެސް ކިޔާލިއެވެ. އެއަށްފަހު ފަސްއެނބުރި، ފަހަތު ސީޓުގައި އިން ވަރުދާ ގާތު ޝިނާޒަށް ދުޢާގެ މަތިން ހަނދާން ކޮށްދިނުމަށް އެދުނެވެ.

 

“އޭނައަށް މިވަގުތު ނުއިވޭނެ ބުންޏަކަސް.” ވަރުދާ ފަރުވާކުޑަ ގޮތަކަށް އެހެން ބުނެލީ ޚުދު އޭނައަށް ވެސް އޭގެއިން އެއްވެސް ޒިކުރެއްގެ މުހިއްމުކަން އިޙްޞާޞެއް ނުކުރެވޭތީވެއެވެ. އެކަން އެނގުންވި ޢައްބާސް ހިސާބެއްގެ ނުރުހުންތެރިކަމަކާއެއީ ފުން ނޭވައެއް ދޫކޮށްލަމުން މޫނު އަނބުރާލިއެވެ. އެވަގުތު އޭނަގެ ކައިރީގައި އިން ޝަރަފް ވާހަކަ ދެއްކިއެވެ.

 

“ވޯވް! އެ ފެންނަނީ ފްލައިޓްގެ ފިޔަގަނޑުތަ؟” ޝަރަފް ބޯދިއްކޮށްފައި ކުޑަދޮރުން ބޭރު ބަލާލަމުން އަހާލިއެވެ. ޢައްބާސް އެއްފަހަރު އޭނަގެ ކައިރީގައި ހުރި ކުޑަދޮރަށް އަނެއްފަހަރު ޝަރަފަށް ބަލާލަމުން ހީލިއެވެ.

 

“އާނ……ޝަރަފް އަންނަންވީއެއްނު މި ސީޓަށް؟ އަދި މައްޗަށް އެރީމަ ވަރަށް ރީއްޗަށް ފެންނާނެ ރަށްތައްވެސް.” ޢައްބާސް އެހެން ބުނެ ތެދުވެލަން ތައްޔާރުވިއެވެ.

 

“ނޫން……ބައްޕަވެސް ބޭނުންވާނެއެއްނު ބަލަން؟” ޝަރަފްގެ އެ ބަސްތައް އިވިފައި ޢައްބާސް ހިނދުކޮޅަކަށް ހުއްޓުން އަރާފައި އިނދެފައި އޭނައަށް ހިނިތުންވެލެވުނެވެ. އޭނަ ޝަރަފްދެކެ އެންމެ ބޮޑަށް ލޯބިވާ އެއްސަބަބަކީ މިއީއެވެ. ޝަރަފްގެ އުޅުމުގައި އެހެނިހެން މައްސަލަތައް ހުއްޓެއްކަމަކު އޭނައަކީ އަމިއްލަ އެދުން ބޮޑު ކުއްޖެއްނޫނެވެ. ކިތަންމެ މީރު އެއްޗެއް ކެޔަސް އޭނަ އޭގެ ބޮޑު ބައި އޭނަގެ ދައްތައާއި ބޭބެއާ ޙިއްޞާ ކުރާނެއެވެ. ކިތަންމެ ރީތި ހެދުމެއް ލިބުނަސް އޭނަގެ ބޭބެ އޭތި ބޭނުންވެއްޖެނަމަ އޭތި ޖެހިލުމެއްނެތި ދީފާނެއެވެ. މި ހުރިހާ ދުވަހު ވަޒީފާގެ ސަބަބުން ޝަރަފާއި އެކީ އެހާ ގިނަ ވަގުތު ހޭދަނުކުރެވުނު ކަމަށްޓަކައި ވެސް ޢައްބާސްގެ ހިތުގައި ހިތާމަވެރިކަމެއް އުފެދުނެވެ. އޭނައަށް މި ހުރިހާ ދުވަހުވެސް ނަޞޭޙަތް ދެވުނު ނަމަ ޝަރަފްގެ އުޅުމަށް ރަނގަޅު ބަދަލުތަކެއް އައިސްފައިވީހޭ ޢައްބާސްގެ ހިތަށް އެވަގުތު އެރިއެވެ. އެހެންކަމުން އޭނަގެ މި މައުސޫމް ދަރިފުޅަށް ނަޞޭޙަތެއް ދިނުމަށްޓަކައި ޢައްބާސް އެވަގުތުކޮޅުގެ ބޭނުން ހިފަން ބޭނުންވިއެވެ. އޭނަ ޝަރަފްގާތު ސުވާލެއްކޮށްލަންތޯ އަހާލިއެވެ. ޝަރަފް އާނއެކޭ ބުނުމުން ޢައްބާސް ވާހަކަ ދެއްކިއެވެ.

 

“ޝަރަފް ދެކޭ ގޮތުގަ ބައްޕަ މިހެދީ ރަނގަޅަށްތަ؟ ރިސޯޓުގެ ވަޒީފާ ދޫކޮށްލައިގެން؟ ތެދުތެދަށް ޖަވާބު ދެއްޗޭ.” ޢައްބާސް ބުނެލިއެވެ. ޝަރަފް އިރުކޮޅެއްގެ ވިސްނުމަށްފަހު ވާހަކަ ދެއްކިއެވެ.

 

“އަސްލު…..ރަނގަޅަށް ބައްޕަ ހެދީ. އަހަރުމެން ﷲ ގެ ކޯފާ ލިބޭނެ ކަމެއް ކުރިއްޔާ ނަރަކައަށްދޯ ދާނީ؟” ޝަރަފް އޭނަގެ ބައްޕަ އެދުނު ފަދައިން ތެދުތެދަށް އޭނަގެ ޚިޔާލު ފާޅުކުރިއެވެ. އޭނަ ދިރިއުޅުމުގައި ގިނަ ކަންތައް ކުރަނީ ދެއްކުންތެރިކަމަށްޓަކައި ކަމަށްވިޔަސް ބައެއްފަހަރު އޭނަ ނަރަކައިގެ ވާހަކަ އަޑު އެހުމުން އެ ޢަޒާބަށްޓަކައި އޭނަގެ ހިތުގައި ބިރުވެރިކަމެއް އުފެދެއެވެ. އަދި ނަމާދުކޮށް ޤުރުއާން ކިޔަވައި ހެދެނީ އެ ޢަޒާބުން ސަލާމަތްވުމުގެ ނިޔަތުގައެވެ. އެހެނަސް އޭނަ އެ ޢަޒާބުގެ މަތިން ހަނދާން ނެތޭއިރަށް އޭނަ ފަރުވާ ކުޑަވާން ފަށައެވެ. ޝަރަފް އަމިއްލަ ވިސްނުމުގައި އިންދާ އޭނަގެ ބައްޕަ ވާހަކަ ދެއްކިއެވެ.

 

“ރަނގަޅަށް ތިބުނީ ދަރިފުޅު. އަދި އެނގޭތަ؟ ﷲ އަށްޓަކައި ކަމެއް ދޫކޮށްލައިފި މީހަކަށް އެއަށްވުރެ ރަނގަޅު ގޮތެއް އެކަލާނގެ މިންވަރު ކުރައްވާނެ.” ޢައްބާސް ލޯތްބާއެކީ ކިޔައިދިނެވެ. ބައްޕަގެ އެ ބަސްތަކާމެދު ވިސްނާލެވުނު ވަގުތު ޝަރަފަށް އެ ބަސްތަކާއި އެއްބަސްވެވުނެވެ. ބައްޕަ އެ ވަޒީފާ ދޫނުކުރި ނަމަ އެމީހުންނަށް މާލެއަށް ދެވޭ ގޮތް ނުވީހޭ އޭނަގެ ހިތަށްއެރިއެވެ. ‘ރަނގަޅު ގޮތެއް’ މިންވަރުވުން ޝަރަފަށް ވިސްނެމުން ދިޔައީ ހަމައެކަނި ދުނިޔަވީ ގޮތުންނެވެ. ބައްޕަ ނިންމި ނިންމުމުގެ ސަބަބުން އެމީހުންނަށް ވަރަށް ގިނަ ފައިސާއާއެކީ ވަރަށް ތަނަވަސް ދިރިއުޅުމެއް ލިބޭނެކަމަށް ޝަރަފަށް އުއްމީދު ކުރެވުނެވެ. އޭނައަށް ނޭނގުނުކަމަކީ ހަމައެކަނި ﷲއަށް ވަކީލުކޮށް އެކަލާނގެއަށްޓަކައި ދޫކުރެވޭ ކަމަކުން އީމާންކަން ވަރުގަދަވެގެން ދިޔުމަކީ ވެސް ރަނގަޅު ގޮތް މިންވަރުވުން ކަމެވެ. ﷲ ރުހިވޮޑިގެންނުވާ ކަމެއް ދޫކުރުމުން ލިބޭ ޘަވާބަކީ ވެސް ރަނގަޅު ގޮތް މިންވަރުވުން ކަމެވެ. އަދި އެ ކަމެއް ދޫކުރުމުގެ ސަބަބުން ކުރިމަތިވެގެންދާ ތަޖުރިބާތަކެއްގެ ތެރެއިން ކޮންމެވެސް އެއްދުވަހަކު ހިދާޔަތް ލިބިގެން ދިޔުމަކީ ވެސް ރަނގަޅު ގޮތް މިންވަރުވުން ކަމެވެ.

 

މުސްތަޤްބަލުގައި އޭނައަށްޓަކައި ލިޔެވިފައިވި އެއްވެސް އިމްތިޙާނަކާމެދު ރޭކާލުމެއްނެތި ޝަރަފް މާލޭގައި އޭނަގެ ފުރަތަމަ ފިޔަވަޅު އެޅީ އުއްމީދީ ހިތަކާއި އެކީގައެވެ. އެހެނަސް އޭނަގެ ރަށާއި ތަފާތު މާޙައުލަކަށް އާދެވުމުން ޝަރަފްގެ ހިތް ނުތަނަވަސްވާ ގޮތްވިއެވެ. މަގުމަތިން އެތައް ބައިވަރު މީހުންނާއި ދުއްވާ އެއްޗެހި ފެންނަމުން ދިޔަ ގޮތުން އޭނަ ހިތްހަމަޖެހޭ ގޮތެއްނުވިއެވެ. އަދި އަމުދުން ދޮންތައާއި ދޮންތަބެ އުޅޭ ގެއަށް ދެވުނުއިރު އެ ގޭގެ ކުޑަކަން އިޙްޞާޞްވުމުން ޝަރަފް އަނބުރާ ރަށަށްދާން ބޭނުންވިއެވެ. ބައްޕަ އެހެން ޢިމާރާތެއްގެ ފަންގިފިލާއެއް ގަންނަން އުޅޭ ވާހަކަ އިވުމުން އޭނައަށް ހިތްހަމަޖެހުނެއްކަމަކު އޭގެ އަނެއްދުވަހު އެ ފަންގިފިލާއަށް ވަދެވުމާއެކު އޭނަގެ ހިތް ޝަކުވާއިން ފުރިގެންއައެވެ. ޝިނާޒާއި މަންމަހެން އޭނަ ދުލުން އެއްޗެކޭ ނުބުންޏެއްކަމަކު އޭނަވެސް ބައްޕަގާތު ދައްކަންވީ ވާހަކަތަކެއް ހުއްޓެވެ. އެހެނަސް އޭނަ ދެންވެސް އުފާވެރި ދިރިއުޅުމެއްގެ އުއްމީދު ކަނޑާ ނުލީ ބައްޕައަށް ވަޒީފާއެއް ލިބުމުން އެމީހުންގެ ޙާލަތު ރަނގަޅު ވާނެހެން ހީވީތީވެއެވެ. އަދި ދެން އަންނަ އަހަރަކު ސްކޫލް ފެށިގެން ދިޔުމުން ގޭގެ ޙާލަތަކީ މާ ބޮޑު ކަމަކަށް އޭނައަށް ނުވާނެކަމަށް ޝަރަފަށް ނިންމުނެވެ.

 

ކަންވީވެސް އެހެންނެވެ. ދުވަސްތައް ފާއިތުވަމުން ދިޔަދިޔަހެން ޝަރަފާއި އޭނަގެ ޢާއިލާ އެ ކުޑަކުޑަ ގެއަށް ހޭނުނެވެ. ޢައްބާސް ކުރި މަސައްކަތުން އޭނައަށް އަމިއްލަ ކުންފުންޏަކުން ވަޒީފާއެއް ލިބުނެވެ. ލިބެމުން ދިޔަ މުސާރައިން އޭނަ އަމިއްލަ ވިޔަފާރިއެއް ފެށުމަށްޓަކައި ފައިސާ އެއްކުރަން ފެށީ، އިތުރު އާމްދަނީއެއް ލިބުމުން އޭނަގެ ދެކުދިންނަށް ފާގަތި މުސްތަޤްބަލެއް ހޯދައިދެވޭނެ ކަމުގެ އުއްމީދުގައެވެ.

 

އާ އަހަރު ފެށިގެން ދިޔައީ ޢައްބާސްގެ އަތްމަތި އިންތިހާއަށް ދަތިވާވަރަށް ޚަރަދު ހިނގަމުންނެވެ. ޝަރަފްމެން ސްކޫލަށް ލައި، ޔުނިފޯމް ފައްސައި ސްކޫލަށް ގެންދާނެ އެއްޗެހި ގަނެދެވުނީ ޝަބާގެ ވެސް އެހީތެރިކަމާއި އެކީގައެވެ. ޝަބާ އޭރުވެސް ޓިއުޝަންގެ ޒަރިއްޔާއިން އާމްދަނީ ހޯދަމުން ދިޔައީތީ އޭނަގެ އަތުގައި ވެސް ފައިސާ ކޮންމެވެސް ވަރަކަށް ރައްކާކުރެވިފައިވިއެވެ. ޝަބާގެ އަމިއްލަ ޢާއިލާއެއް އޮތްވާ ވެސް އޭނަ އަތުން ޝަރަފްމެންނަށް ޚަރަދު ކުރަން ޖެހުމުން ޢައްބާސް ނިހާޔަތަށް މާޔޫސްވިއެވެ. އެހެނަސް އޭނަ އެކަން ޝަރަފްމެންނަށް ފޮރުވޭތޯ މަސައްކަތް ކުރިއެވެ. ޢައްބާސްއަށް ނޭނގުނު ކަމަކީ އޭނަ ފޮރުވަން އުޅުނަސް ވަރުދާގެ އަނގަގަދަ ކަމުގެ ސަބަބުން ޝަރަފްމެންނަށް އެކަން އެނގެން މާ ގިނަ ދުވަހެއް ނުނެގިކަމެވެ. ނަމަވެސް އެމީހުން އެ ވާހަކަ އިތުރަށް ދައްކާކަށް ބޭނުމެއް ނުވިއެވެ. ޝިނާޒް އެކަމާމެދު މާ ބޮޑަށް އަޅައެއްވެސް ނުލިއިރު ޝަރަފަށް ހުރެވުނީ ބައްޕަގެ ޙާލަތާއިމެދު ދެރަވެފައެވެ. އޭނަ ބޭނުންވީ އޭނަގެ ޢާއިލާއަކީ ތަނަވަސް ޢާއިލާއަކަށްވާށެވެ. އެހެންކަމުން އޭނަ ބައްޕަގެ ނަޞޭޙަތުގައި ހިފައިގެން އެކަމަށްޓަކައި ދުޢާ ކުރިއެވެ. ދުޢާ ކުރިއިރު އޭނަ ހުރީ ﷲ ހަމަ ޔަޤީނުންވެސް އެމީހުންނަށް ތަނަވަސްކަން މިންވަރު ކުރައްވާނެކަމުގެ އުއްމީދުގައެވެ. އެ ތަނަވަސްކަން ލިބުމުން އޭނައަށް ލިބިދާނެ ގެއްލުމަކާމެދު އެކަލާނގެ މޮޅަށް ދެނެވޮޑިގެންވާނެއޭ އޭނަގެ ހިތަކަށް ނާރައެވެ. އަދި އެ ގެއްލުމަކުން އޭނަ ސަލާމަތް ކުރެއްވުމަށްޓަކައި އެކަލާނގެ ޙިކްމަތްވަންތަކަމުން އޭނަ އެކަމުން ދުރުކުރައްވާފާނެކަން ވެސް އޭނައަކަށް ނޭނގެއެވެ.

 

ކޮންމެއަކަސް ދިރާސީ އާ އަހަރު ފެށިގެން ދިޔުމުން ޝަރަފްގެ ހިތަށް އަނެއްކާވެސް ޖޯޝެއް ވެރިވިއެވެ. އާ ޔުނިފޯމެއްގައި އާ ރަށެއްގައި ހުރި އާ ސްކޫލަކަށް ދާން އޮތް ފުރަތަމަ ދުވަހު ޝަރަފް ތައްޔާރުވާން ގަޑިއެއްހާއިރު ނެގިއެވެ. މޫނުބަލާ ލޯގަނޑު ކުރިމަތީގައި އެތައް އިރެއް ހޭދަކުރެވުނީ، ސްކޫލުން އާ އަންހެން ކުދިންވެސް ފެންނާނެތާއޭ ޢުމުރުގެ ގޮތުން އޭނަގެ ހިތް ބުނީތީވެއެވެ. ޝަރަފަކީ މިހާތަނަށް އައިއިރު އެއްވެސް ދުވަސްވަރެއްގައި ކުއްޖަކާ ރައްޓެހިވެގެން އުޅުނު ކުއްޖެއްނޫނެވެ. އެހެނަސް ބައެއް އަންހެން ކުދިން އޭނަ ރީތި ވާހަކަ ދައްކާ ގޮތުން އޭނަގެ ހިތަށް އުފާވެރިކަމެއް ލިބެއެވެ. އަނެއްބައި އަންހެން ކުދިން މިސްކިތުން އިވޭ އޭނަގެ ކިޔެވުން ރީތިވެގެން އުޅޭތީވެވެސް އޭނައަށް ހުރެވެނީ ފަޚުރުވެރިވެފައެވެ. މާލޭގެ މި ސްކޫލަށް ދެވުމުން ވެސް އޭނަ އެ ދެކަމުގެ ސަބަބުން އޭނަ މަޝްހޫރުވެގެން ދާނެ ކަމަށް ޝަރަފަށް ހީކުރެވުނެވެ. އެހެނަސް އޭނައަށް މި އާދެވިފައިވަނީ އޭނަގެ ރަށާއި އަޅާ ބަލާއިރު މުޅިން ތަފާތު ދުނިޔެއަކަށްކަން އޭނައަށް ރޭކާވެސް ނުލައެވެ.

 

ސްކޫލްގެ ގޭޓުން ވަދެގެން ދިޔައިރު މުޅިން އާ މޫނުތައް ފެންނަން ފެށުމުން ޝަރަފްގެ ހިތް ނުތަނަވަސްވާ ގޮތްވިއެވެ. އިތުރަށް ނުތަނަވަސްވެގެން ދިޔައީ އޭގެ ދުވަސްތަކެއް ކުރިން އޮތް އޮރިއެންޓޭޝަނަށް ނައުމުގެ ސަބަބުން އޭނައަށް ދާންވީ ދިމާލެއް ވެސް ނޭނގުމުންނެވެ. އެހެނަސް ނަސީބަކުން މާ ގިނައިރެއްނުވެ ކުދިބަޔަކު އެތާހުރި ނޯޓިސް ބޯޑެއްގެ ކައިރިއަށް ގޮސް ކޮން ކްލާހެއްތޯ ކިޔާ އަޑު އިވުމުން ޝަރަފަށް ހަދަންވީ ގޮތް އެނގުނެވެ. އެ ބޯޑު ކައިރިއަށް ގޮސް އޭނަގެ ނަމާއި ދިމާލަށް އޮތް ކްލާސް ބަލާލަމުން އޭނަ ހިނގައިގަންނަން އުޅުނެވެ. އެހެނަސް އެ ކްލާސް ހުންނާނީ ވެސް ކޮންތާކުކަން ނޭނގޭނެކަން އެނގުންވުމުން ޝަރަފް އެ ކުލާހުގެ އެހެން ކުއްޖަކު އަންނަންދެން މަޑުކުރަން ނިންމިއެވެ. ބާރަށް ތެޅެމުން ދިޔަ ހިތަކާއެކީ އެތަނުން ފެންނަމުން ދިޔަ މުދައްރިސަކު ކައިރިން އަހާލަން ވެސް ނުކެރިފައި ހުއްޓާ ފުރަގަހުން ކޮންމެވެސް ފިރިހެން ކުދި ބަޔަކު އަންނަން ފެށި އަޑު ޝަރަފަށް އިވުނެވެ. އޭނަ ފަހަތަށް ބަލާލިއިރު އެ ދިމާލަށް އަންނަމުން ދިޔައީ ތިން ފިރިހެން ކުދިންނެވެ. އޭގެ ތެރެއިން މެދުގައި ހުރި ފިރިހެން ކުއްޖާ ދައްކަނީ ކުޑަކޮށް ބިޔަކޮށެވެ. ބަލާބެލުމަށް އޭނަވަނީ ކަސްރަތުކޮށް އޭނަގެ ހަށިގަނޑު ފިލްމީ ތަރިއެއްގެ ހަށިގަނޑު ފަދައިން ހަދަން މަސައްކަތް ކޮށްފައެވެ. އެ ކުއްޖާގެ ގައިގެ ކުލަ ޝަރަފަށްވުރެ އަލިވެފައި އޭނަގެ ހަތަރެސްކަން ބައްޓަމަށް ހުރި މޫނާއި، އިސްތަށިގަނޑު ސްޕައިކް އެރުވިފައިވި ގޮތުން ޝަރަފް ހިސާބަކަށް ޖެހިލުންވާގޮތްވިއެވެ. އޭނައަކީ މުޅި މި ސްކޫލްގެ އެންމެ މަޝްހޫރު ކުއްޖާއަށް ވެދާނެކަމާމެދު އޭނައަށް އެވަގުތު ޝައްކުކުރެވެން ފެށިއެވެ. ޝަރަފް ބަލަބަލާ ހުއްޓާ އެ ރީތި ސިފަތައް ލިބިފައިވި  ކުއްޖާ އޭނަގެ ދަބަސް އެއްކޮނޑުން އަނެއްކޮނޑަށް ބަދަލުކުރަމުން އޭނައާއި ގާތް ކުރިއެވެ. ޝަރަފަށްވުރެ އިސްކޮޅުން ދިގު އެ ކުއްޖާ، ދަބަސް އަނެއްކޮނޑުގައި އަޅުވާލި ވަގުތު އެ ދަބަސް ގޮސް ޝަރަފްގެ ގައިގައި ވަރަށް ބާރަށް ޖެހުނެވެ. އެކަހަލަ ކަމަކަށް އުއްމީދުކޮށްގެން ނެތީތީ ޝަރަފަށް ފަހަތަށް ޖެހިލެވުނު ވަގުތު އެ ދަބަހުގައި ހުރި ދަގަނޑު ލޯގޯއެއް އޭނަގެ މޭމަތީގައި ޖެހުނީތީ އޭނަގެ އަނގައިން އާހެއްގެ އަޑުވެސް ނިކުތެވެ. މޭމަތީގައި އެއްއަތް އަޅާލަމުން އޭނަ އެކުއްޖާއަށް ބަލާލީ މަޢާފަށް އެދޭނެކަމުގެ އުއްމީދުގައެވެ. އެހެނަސް އޭނަ ޗުވިންގަމް ހަފަމުން ދެންވެސް އެކުވެރިންނާ ވާހަކަ ދައްކަމުން ބޯޑު ބަލަމުން ދިޔައީ އޭނައަށް މީހަކަށް އަނިޔާއެއް ދެވުނުކަން އޭނައަށް ނުވެސް އެނގޭ ފަދައަކުންނެވެ.

 

“ވެއާރޒް މީ؟ ހުމްމްމް…..ވިޔާމް އަޙްމަދު، 8 ބީ.” ވިޔާމް އޭނަގެ ނަން ހޯދާލަމުން ބުނެލި ވަގުތު ޝަރަފްގެ ދެބުމަ ކައިރިވީ އޭނަ ނުރުހުންވީ ވަރުންނެވެ. އޭނަގެ މޭމަތީގައި ދަބަސްޖެހުމަށްވުރެ ބޮޑަށް ނުރުހުންވީ އޭނައަށް އެ އަނިޔާ ދިން ފަރާތް އޭނައާއި އެއްކުލާހެއްކަން އެނގުންވުމުންނެވެ. ވިޔާމް ކުލާހަށް ދިޔުމަށްޓަކައި އޭނައާއިވީ ފަރާތަށް އެނބުރިލީ ވަގުތު ޝަރަފް، ޝިނާޒްހެން އެތަކެއްޗެއް ގޮވައިގަންނަން ބޭނުންވިއެވެ. އެހެނަސް އޭނަ ދުވަހަކުވެސް އެފަދަ ގޮތަކަށް ކަންތައް ކޮށްފައި ނުވާތީ އޭނައަށް އަނގަ ހުޅުވާކަށް ވެސް ނުކެރުނެވެ. ވިޔާމް އޭނައަށް ފަސްދީފައި ދާން ހިނގައިގަތީ އޭނަ ނުވެސް ފެންނަ ފަދައަކުންނެވެ. އޭނަގެ އެ ޙަރަކާތުން ވެސް އޭނަގެ ކިބުރުވެރިކަން ނަގައިގަނެވުމުން ޝަރަފް އިތުރަށް ފޫހިވާ ގޮތްވިއެވެ. އެހެނަސް އޭނަ އޭނަގެ ކުލާހަށް ދިޔުމަށްޓަކައި ވިޔާމްގެ ފަހަތުން ދިޔައެވެ.

 

ޝަރަފް ކުލާހަށް ގޮސް އިށީނީ ވެސް ފަހަތު ބަރިތަކުގައި ތިބި ފިރިހެން ކުދިންގެ ބަރިތަކުގެ ތެރެއިން ވިޔާމާއި އޭނަގެ އެކުވެރިން ތިބި ބަރި ނޫން ދެން ހުރި ބަރީގައެވެ. ޝަރަފް އޭނަގެ ކައިރީގައި ތިބި ކުދިންނާއި ހިނިތުންވާން އުޅުނެއްކަމަކު އެކުދިންވެސް އެހެން ކުދިންނާއި ވާހަކަ ދައްކަން ފެށުމުން އޭނައަށް އެކުވެރިން ލިބުން ދަތިވާނެކަން ޝަރަފަށް އެނގުންވިއެވެ. އެރަށެއްގެ ކުދިން ވާހަކަ ދައްކާނީ އެރަށެއްގެ ކުދިންނާއި ނޫންހެއްޔޭ ހިތަށްއެރިއެވެ. އެހެނަސް ޝަރަފް އުއްމީދު ކަނޑާނުލީ ގިނަ ދުވަހު އެކީގައި އުޅެންވުމުން އެކުދިންވެސް އޭނައާއި އެކުވެރިވާނެކަމަށް ހިތް ބުނީތީވެއެވެ. އެހެނަސް ކަންވެގެން ދިޔައީ ޝަރަފް ހިވެސް ނުކުރާފަދަ ގޮތަކަށެވެ.

 

އެކި ކުދިން ވާހަކައިގައި ތިއްބާ މުދައްރިސަކު ވަދެގެން އައިސް ސަލާމް ގޮވާލުމުން ހުރިހާ ކުދިން ވެސް ސަލާމުގެ ޖަވާބު ދިނެވެ. އެއަށްފަހު މުދައްރިސް ހުރިހާ ކުދިންނަށް ތަޢާރަފުވެލުމަށްފަހު އެ ކުއްޖެއްގެ ނަމާއި ރަށް ބުނެދިނުމަށް އެދުނެވެ. ހުރިހާ ކުދިން އެކުދިންގެ ނަމާއި ރަށް ބުނަމުން ދިޔައިރު ޝަރަފް ހުރީ އަޑުއަހައިގެންނެވެ. އެކުލާހުގައި އޭނަގެ އަތޮޅުން އައި އެއްވެސް ކުއްޖެއްނެތެވެ. ގިނައީ މާލޭގެ ކުދިންނެވެ. އެ ވިޔާމްވެސް ފޮނިވެލާފައި ކ. މާލޭއޭ ބުނެލި ގޮތުން ވެސް ޝަރަފް ނުރުހުންވާގޮތްވިއެވެ. ހުރިހާ ކުދިން ކިޔައި ނިމުމަށްފަހު އެންމެފަހުން ހުރީ ޝަރަފެވެ.

 

“ޝަރަފް ޢައްބާސް، ތިނަދޫ.” ޝަރަފް އެހެން ބުނެލުމާއެކު ވިޔާމް ތިނަދޫއޭ ކިޔައި ކޮންޓްރޯލްކޮށްލެވުނު ހުނުމެއްގެ އަޑު އިވުނެވެ. އޭނައާއި އެކީގައި އޭނަގެ އެކުވެރިންނަށް ވެސް ހެވުނު އަޑު މުޅި ކްލާހަށް އިވުނެވެ. އެވަގުތު މުދައްރިސް ވިޔާމްގެ އެ ޢަމަލު ކުށްވެރިކޮށް ހުރިހާ އެންމެންނަށް ވެސް އިޙްތިރާމް ކުރަން ވާނެ ކަމަށް ބުނެ ނަޞޭޙަތްތެރިވިއެވެ. އެކަމާމެދު ޝަރަފް އުފާވީ ހިނދު އޭނަގެ ބައްޕަގެ ބައްޕައަކީ އަސްލު މާލޭ މީހެއްކަމަށް ބުނެ ޝަރަފް އޭނައަކީ ކާކުކަން ވިޔާމަށް އަންގާލަން ބޭނުންވިއެވެ. އެހެނަސް އެވަގުތު އެކަމަކަށް އޭނައަށް ހިތްވަރެއް ނުލިބުނެވެ.

 

އެވެގެން ދިޔައީ ޝަރަފަށް އަމާޒުވެގެން ދާނެ އެތައް މަލާމާތެއްގެ ފެށުމަށެވެ. އޭގެ ދުވަސްކޮޅެއްފަހުން ބައްޕަ ގަނެދިން ބައިސްކަލުގައި ޝަރަފް ސްކޫލަށް ދާން ފެށުމުން އެ މަންޒަރު ފެނިފައި ވެސް އެމީހުން އޭނައަށް ނަމެއް ހަދާލިއެވެ. އޭނަ ކެންޓީނުން ކެއުމަށްޓަކައި ގެންނަ ލާރި މަދުވުމުން އޭނަ ގަންނަނީ އަބަދު އެކައްޗަކަށްވުމުން ވެސް އޭތީގެ ނަމުން ޝަރަފަށް ނަންދެވުނެވެ. އެ ކުލާހުގެ އެހެން ކުދިންނާއި އަޅާ ބަލާއިރު އޭނަ ހިކިކޮށް ދައްކާތީ އެކަމަށްޓަކައި ވެސް އޭނައަށް މަލާމާތްތައް އަމާޒުވިއެވެ. ޝަރަފް ހުންނަނީ އޭގެއިން އެއްވެސް ކަމަކާމެދު އަޅާ ނުލާ ކަމަށް ހެދިގެންނެވެ. އެހެނަސް ހިތާހިތުން އޭނަ ދެރަވެއެވެ. އޭނަގެ ބައްޕަގެ އަތުގައި ވެސް ކާރެއް އޮންނަނަމަ އޭނަ ބައިސްކަލުގައި އަންނަން ނުޖެހުނީހޭ ހިތަށް އަރަމުންދިޔައެވެ. އޭނަގެ ބައްޕަވެސް މުއްސަނދިނަމަ އޭނައަށް ވެސް ކެއުމަށްޓަކައި ބޮޑެތި ނޫޓުތައް ގެނެވުނީހޭ ހިތަށް އަރަމުން ދިޔައެވެ. އޭނައަށް ވެސް އެހެން ކުދިން ފަދައިން އަޅައިގަންނަ ފަދަ ސިފަތައް ލިބިފައިވިނަމައޭ ހިތަށް އަރަމުން ދިޔައެވެ. ވިޔާމްމެން އޭނައަށް ކުރަމުން ދިޔަ މަލާމާތްތަކެއްގެ ސަބަބުން އޭނަ މުޅިން ބާކީވާ ގޮތްވިއެވެ. އެހެން ކުދިންވެސް އެހާ ބޮޑަށް މަލާމާތް ކުރެވޭ މީހެއްގެ އެކުވެރިއަކަށްވާން ބޭނުމެއް ނުވީތީވެއެވެ.

 

ވިޔާމްމެންގެ މަލާމާތްތަކަށް އިންޤިލާބެއް އައީ އޭގެ 2 ވަރަކަށް މަސްފަހުންނެވެ. އެއްދުވަހު ކުލާސްތެރޭގައި ސްކޫލަށް އައިސްގެން އުޅޭ އާ އަންހެން ކުއްޖެއްގެ ވާހަކަ ވިޔާމްމެން ދައްކަމުން ދިޔަ އަޑު ޝަރަފަށް އިވުނެވެ.

 

“އާނ…..އެކުއްޖާ މިހުރިހާ ދުވަހު ކިޔެވީ މެލޭޝިޔާގަޔޯ. އަނބުރާ އައިސް މިހާރު މި ސްކޫލަށް ޖޮއިންކުރީ. އަހަރެން ދުށިން. ޝީޒް ސޯ ބިއުޓިފުލް!” ވިޔާމް ހުވަފެނީ ގޮތަކަށް ބުނެލި އަޑު އިވިފައި ޝަރަފް ވެސް އެކުއްޖަކު ދެކެން ބޭނުންވިއެވެ. އޭނަ އަމިއްލަ ވިސްނުމެއްގެ ތެރޭގައި ވިޔާމްމެން ކުއްލިއަކަށް އެއޮތްދަނީ އޭ ބުނެލި އަޑަށް ޝަރަފަށް ވެސް ކުޑަދޮރުން ބޭރަށް ނަޒަރެއް ދެވުނެވެ. އެއާއެކު އޭނައަށް އެ ދިމާލުން ނަޒަރު ވަކި ކުރާކަށް ނޭނގުނެވެ. ފޮތަކަށް ނަޒަރު ހުއްޓައިގެން ކޮރިޑޯ ތެރެއިން ހިނގާފައި ދިޔައީ ވަށްކޮށް ހުރި ދޮން މޫނެއްގެ ވެރި އަންހެން ކުއްޖެކެވެ. ޝަރަފް އުއްމީދުކުރި ގޮތާއި ޚިލާފަށް އެ ކުއްޖަކު ހުރީ ވަރަށް އާދައިގެ ގޮތަކަށް ބުރުގާ ވެސް އަޅައިގެންނެވެ. ހިނގާފައި ދަނިކޮށް އެކުއްޖާގެ އެކުވެރިއަކާއި ދިމާވުމުން އެމޫނުމައްޗަށް ވެރިވި ފުރިހަމަ ހިނިތުންވުން ފެނިގެން ދިޔުމުން ޝަރަފް އާޝޯޚުވާގޮތްވިއެވެ.

 

“އަފާފްމެން ވެސް މިއަދު ޓެސްޓު ދޯ؟” އެ އެކުވެރިޔަކު ކުރި ސުވާލުން ޝަރަފަށް އެ ކުއްޖާގެ ނަން އެނގުނެވެ. ހިނިތުންވުމެއްގައި ހުރެ އަފާފް ބޯޖަހާލި މަންޒަރު ފެނިފައި ޝަރަފަށް އެ ނަން ވައި އަޑުން ކިޔާލެވުނެވެ.

 

އެދުވަހު ގެއަށް ގޮސްފައިވެސް ޝަރަފަށް އެހެން އެއްޗަކާމެދު ވިސްނޭ ގޮތެއްނުވިއެވެ. އޭނަގެ ޚިޔާލުތަކުގައި ރަސްކަން ކުރަމުން ދިޔައީ އަފާފްގެ ސޫރައެވެ. އޭނައަށް ދުވަހަކުވެސް މިހެން ވެދާނެކަމަށް އޭނަ ހިއެއްނުކުރެއެވެ. ވާހަކަތަކުން ސިފަކުރެވޭ ލޯތްބަކީ މިއީތާއޭ އޭނަގެ ހިތަށްއެރިއެވެ. އެފަދަ ގޮތަކަށް ކިތަންމެ އަންހެން ކުދިންނެއް އޭނައަށް ރީތިވެދާނެކަމަށް އޭނަގެ ހިތަކަށް ނާރައެވެ. އޭނަ އެއްފަހަރު ވެސް އޭނަގެ ސިކުނޑި ބޭނުން ކުރިނަމަ ޙަޤީޤީ ލޯތްބެއް ވެވޭނީ މީހަކު ރަނގަޅަށް އެނގިގެންކަން އޭނައަށް އެނގުނީހެވެ. އެހެނަސް މިހުރިހާ ދުވަހު އޭނައަށް ފިލްމުތަކުން ފެނިފައިވި މަންޒަރުތަކާއި އިވެމުން ދިޔަ ލަވަތަކުގެ އަޑުތައް ޝައިޠާނާ އޭނަގެ ހިތުތެރޭގައި ޒީނަތްތެރިކުރިއެވެ. އަދި އޭނަ ރައްޓެހިވަންޏާ ރައްޓެހިވާނެ ކުއްޖަކީ އަފާފްކަމަށް އޭނައަށް ނިންމުނެވެ. ހަމަ އެއާއެކު ވިޔާމްގެ މަތިން ހަނދާންވެފައި ޝަރަފްގެ ހިތަށް ބިރުވެރިކަމެއްވަނެވެ. ވިޔާމް މިއަދު އަފާފާއި މެދު ވާހަކަ ދެއްކި ގޮތް ހަނދާންވެފައި ވިޔާމް އޭނައަށް ހުރަސްއަޅާނެކަން ޝަރަފަށް ޔަޤީން ކުރެވުނެވެ. އެހެނަސް އޭނަ ކޮންމެ ފަދަ ޙާލެއްގައި ވެސް އެކަން ބަދަލުކުރަން ޢަޒުމް ކަނޑައެޅިއެވެ.

 

އޭގެ ދުވަސްތަކެއް ފަހުން ޝަރަފްމެންގެ ކުލާހުގެ މުދައްރިސް އެސަމްބްލީއަށްޓަކައި ޤުރުއާން ކިޔަވައި ދެވޭނީ ކޮން ކުއްޖަކަށްތޯ އެހުމުން ޝަރަފް ނުހަނު ޖޯޝާއެކީ އަތްމައްޗަށް ނެގުމުން ވެސް އާދައިގެ މަތިން އޭނަ ކުރިމަތިލާން ޖެހުނީ ވިޔާމްމެންގެ އެ މަލާމާތުގެ ހީލުމާއެވެ. އޭނަގެ ކިޔެވުން އަޑުއިވުމުން އެކަން ބަދަލުވާނެކަމަށް ޝަރަފް ހީކުރިއެވެ. އެހެނަސް އެދުވަހު ކުދިން ކުލާހުގައި ތިބެގެން ބޭއްވި އެސަމްބްލީއަށްފަހު ޝަރަފް އަނބުރާ އައުމުން ވެސް އޭނައާއި ކުރިމަތިވީ މަލާމާތްތަކެވެ.

 

“މިއޮތް އަންނަނީ އަލް ޤާރީ އަލް ބިކާރީ!” އޭނަ ގޮސް ކުލާހަށް ވަނުމާއެކު ވިޔާމް ބުނެލިއެވެ. އެއާއެކު އާދައިގެ މަތިން އޭނަގެ އެކުވެރިން ވެސް ހީލިއެވެ. މިއީ ވިޔާމް އޭނައަށް މިފަދަ ގޮތަކަށް މަލާމާތް ކުރާނެ އެންމެ ފަހު ފަހަރުކަން އެއްވެސް މީހަކަށް އޭރު ނޭނގެއެވެ. ހުރިހާ ކަމެއް ބަދަލުވާން ނެގީ އެދުވަހުގެ އިންޓަވަލް ގަޑިއެވެ.

 

އެދުވަހު އިންޓަވަލް ގަޑީގައި އާދައިގެ މަތިން ޝަރަފް އެކަނިމާއެކަނި ކާން އިންދާ ކުއްލިއަކަށް ވިޔާމްމެން ބާރަށް ހިނގާފައި ރުޅިވެރި މޫނުތަކާއެކީ ކުލާހަށް ވަދެގެން އައެވެ. ވިޔާމް އައި ގޮތަށް އައިސް އޭނަގެ ގަމީހުގައި ހިފައި ތެދުކުރުވިއެވެ.

 

“ކަލޭ ހީނުކުރާތި މަށަށްވުރެ ކަލެއަށް ކުރި އަރައިގެން ދެވޭނެ ކަމަށް. ހިތުން އަފާފްގެ ހިތް ކާމިޔާބުކުރަންތަ ވަކި ޤާރީއެއްގެ ރާގަކަށް ކިޔެވީ؟ އޭނަ މިއަދު ކަލެއަކީ ކާކުކަން ނޭނގިގެން އެބައުޅޭ. މަ ޔަޤީން ކުރާނަން އޭނަގެ ޢުމުރު ދުވަހަށްވެސް ކަލޭ ނޭނގޭނެކަމަށް ހަދަން.” ވިޔާމް އެހެން ބުނެ އައި ރުޅީގައި ޝަރަފްގެ މޫނުމައްޗަށް ހޫނު އެތިފަހަރެއް ވިއްލާލިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ނޭންގިހިތޭ ގެންދެވީމާ މިތުރާ… (3)

Next

ނޭނގި ހިތޭ ތި އަތުލީ 19

Next
December 18, 2017

ނޭނގި ހިތޭ ތި އަތުލީ 19

Previews
December 18, 2017

ނޭންގިހިތޭ ގެންދެވީމާ މިތުރާ… (3)

16 Comments!

  1. Jana says:
    December 18, 2017 at 10:09 pm

    Assalaam’alaikum. Next part wednesday ga In Sha Allah 🙂

  2. Addu manje says:
    December 18, 2017 at 10:16 pm

    Varah reethi mi baives..

    1. Jana says:
      December 19, 2017 at 2:29 pm

      Alhamdhulillah! 🙂 (All praise and thanks belong to Allah)

  3. xeethu says:
    December 18, 2017 at 10:28 pm

    janaa… mi part ves varah reethi…….aslu bully koh koh dhw sharaf goas vepha e huree….

    1. Jana says:
      December 19, 2017 at 2:31 pm

      ehen heevany dho xeethu. hama aslu ves bully kurumuge massala aky meehaku rangalhu magun kassaalan medhuverivedhaane sababeh. ey dheen rangalhah ungannaidhevifa nethiyyaamu. mifaharu fb post ga mi genesdhiny dheeny nazarakun bully ge shikaara akah vefai thibi kudhinnah hiyvvareh 🙂

  4. Xxxx says:
    December 18, 2017 at 10:33 pm

    V.nice ???

    1. Jana says:
      December 19, 2017 at 2:31 pm

      Alhamdhulillah! <3

  5. Azkaa says:
    December 19, 2017 at 10:25 am

    Maasha allah v reethi mi part vs. Abadhu inthizaaru kureveny mi vhk ah. I just luvd it??
    Ly jana sis a lot. I really want to meet u….?

    1. Jana says:
      December 19, 2017 at 2:33 pm

      Alhamdhulillah! Love you too sis. sis, jana ah miadhu libunu hurihaa number thakah msg fonuvaifin. hope i reached out to you as well In Sha Allah.

  6. Maaal? says:
    December 19, 2017 at 11:03 am

    Salaam Jana sis.. ❤❤❤Masha Allah…✨ Vvvv reethi mi part ves…♥♥♥♥?
    Varah wait kurevey mi story ah…. ?✨
    Jazaakallah khairan..?
    All the very best Sister…?✨
    Love you….?❤?✨

    1. Jana says:
      December 19, 2017 at 2:34 pm

      Wa’alaikumussalam siser. Alhamdhulillah! Baarakallah Laka! <3 <3 <3 Love you too sis. 😀

  7. Jana says:
    December 19, 2017 at 2:22 pm

    FB Post:

    Allah always has 3 replies to our prayers

    1. Yes

    2. Yes, but not now

    3. I have a better plan for you

    There is never a no.

  8. Jana says:
    December 19, 2017 at 2:23 pm

    FB Post:

    ‘Whoever is trying to bring you down is already below you’

    Though this may be hard to believe when people talk down to us, this is the truth! The people who are cursing you are only doing so because they don’t have the vocabulary to express themselves any better. The people who are making fun of you are only doing so in hope that they can diminish the good in you. The people who are making names for you are only doing so in hope that they could fool you into thinking that you have no honour. While the fact of the matter is, you have an honour that no one can take away from you.

    وَلِلَّـهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ
    ‘
    …..And to Allah belongs [all] honor, and to His Messenger, and to the believers….’ Suratul Munaafiqoon, ayah 8

    So if you are a true believer, no one can take away the dignity and honour you have. Because it is Allah Who gave you that honour. Whatever Allah gives, only Allah can take. And Allah is your Protector.

    So do we have any reason, to feel fearful or insecure of anyone?

  9. Jana says:
    December 19, 2017 at 2:24 pm

    FB Post (Dhivehi)

    ﷲ ސުބްޙާނަހޫ ވަތާޢާލާ ދުޢާ އިޖާބަކުރައްވަނީ ތިން ގޮތަކަށެވެ.

    ފުރަތަމަ ގޮތަކީ އެ ދުޢާ ކުރެވުނު ގޮތަށް އިޖާބަވުމެވެ.

    ދެވަނަ ގޮތަކީ އެ ދުޢާ އިޖާބަވުން ލަސްވުމެވެ.

    ތިންވަނަ ގޮތަކީ އެ ދުޢާއަށްވުރެ ފުރިހަމަ ގޮތެއް އެކަލާނގެ މިންވަރު ކުރެއްވުމެވެ.

    އެ ދުޢާ ދުވަހަކުވެސް އިޖާބަނުވެއެއްނުދެއެވެ.

  10. Jana says:
    December 19, 2017 at 2:25 pm

    FB Post (Dhivehi)

    ‘ތިބާ ތިރިއަށް ގެންދަން މަސައްކަތް ކުރާ މީހަކީ އެވަގުތުވެސް ތިބާއަށްވުރެ ދަށު ދަރަޖައެއްގައިވި މީހެކެވެ.’
    މީހަކު އަހަރުމެންނަށް މަލާމާތްކުރާއިރު މިކަން ޤަބޫލުކުރަން ދަތިވިޔަސް ޙަޤީޤަތަކީ މިއީއެވެ. ތިބާއަށް ހުތުރު ބަހުން ފުރައްސާރަ ކުރާ މީހަކު އެގޮތަށް ކަންތައް ކުރަނީ އެއަށްވުރެ އޭނަގެ ޚިޔާލުތައް ފާޅުކުރުމަށްޓަކައި އެއަށްވުރެ ފުރިހަމަ ބަސްކޮށާރެއް އޭނައަށް ލިބިފައިނުވާތީވެއެވެ. އެމީހުން ތިބާއަށް ފުރައްސާރަކުރަނީ ތިބާގެ ކިބައިގައިވި ރަނގަޅު ސިފަތަކުގެ އަސަރު ފާޅުވިޔަ ނުދިނުމަށެވެ. އެމީހުން ތިބާއަށް ވަނަމުން ގޮވަނީ ތިބާއަކީ އެއްވެސް ޤަދަރެއް ނެތް މީހެއްކަން ތިބާއަށް ޤަބޫލުކޮށްދިނުމަށެވެ. އެހެނަސް ޙަޤީޤަތަކީ އެކަކަށްވެސް ތިބާގެ ކިބައިން ނުނެގޭނެ ފަދަ ޢިއްޒަތެއް ތިބާއަށް ލިބިފައިވި ކަމެވެ.

    وَلِلَّـهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ

    ‘عزّة ވަނީ، اللَّه އަށެވެ. އަދި އެކަލާނގެ رسول އާއަށާއި، مؤمن ންނަށެވެ’ ސޫރަތުލް މުނާފިޤޫން، 8

    އެހެންކަމުން ތިބާއަކީ ﷲ އަށް ފުރިހަމައަށް އީމާންވާ މުއުމިނެއްކަމަށްވާނަމަ ތިބާއަށް ލިބިފައިވި ޢިއްޒަތް އެކަކަށްވެސް ނުނެގޭނެއެވެ. އެހެނީ ތިބާއަށް އެ ޢިއްޒަތް ދެއްވީ ﷲ އެވެ. ﷲ ދެއްވި އެއްޗެއް ނެންގެވޭނީ ހަމައެކަނި އެކަލާނގެއަށެވެ. އަދި ތިބާގެ ރައްކާތެރިއަކީ ﷲ އެވެ.

    ވީއިރު އަހަރުމެން އެހެން މީހަކަށް ބިރުގަނެ ޖެހިލުންވާންވީ ސަބަބެއް އެބައޮތް ހެއްޔެވެ؟

  11. Jana says:
    December 20, 2017 at 6:10 pm

    Assalaam’alaikum. site ah dhimaavegen ulhey massala akaa gulhigen 13 vana bai up nukurevigen jana miulheny. rangalhu vee irakun up kureveytho eba balan In Sha Allah. ekamaku thiya kiyuntherin hama ekani mi vaahaka attakai maa gina iru heylaa nuthibbevun edhen. Shukuriyya 🙂

Comments are closed.

Next Episodeނޫރު (ތޭރަވަނަ ބައި)←


All Right Reserved!