“ކިހިނެއްވީ ފާޑަކަށް ބަލަހައްޓައިގެން ތިހުންނަނީ. މާ މޮޅުކަމެއް ކުރެވުނީމަތަ؟” ލަޔާން ފޯންގެ ބައިތައް ހޮވާލަމުން ވިޝިކާއަށް ބަލައިލާފަ ބުނެލިއެވެ. ވިޝިކާ ބޯހޫރާލުމަށްފަހު ނިކުމެގެން ދިއުމުން ލަޔާން ވިސްނާލިއެވެ. އެހެންނާ ލަޔާންއާ ޖަދަލުކުރާހިތުން ހުންނަ ކުއްޖާ އަނގައިން ބަހެއްނުކިޔާ ނިކުމެގެން ދިއުމުން ކުރިންރޭގައި ހިނގި ހާދިސާއާ ދޭތެރޭ ވިޝިކާ ވިސްނާކަން ލަޔާންއަށް އިނގުނެވެ.
ކޮޓަރިތެރެއަށް ވެރިވެފައިވާ ފަނޑުއަލީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި މަހުދީގެ ހިތުގައިވަނީ ހައިޖާނެއް އުފެދިފައެވެ. ކޮންމެ ފަހަރަކު އަވްލީންއާ ކައިރިވެލެވޭއިރަށް ޒީނަތުގެ ސަބަބުން އެދެމެދަށް އަންނަ ދުރުކަން މަހުދީއަށްވަނީ ވޭނަކަށްވެފައެވެ. މިފަހަރު ކޮންމެ ގޮތެއް ހަދާފަވެސް އަވްލީންއަށް ލޯބި ހުށަހަޅަން މަހުދީ ބޭނުންވެއެވެ. އެކަމަކު ސަބީނާއަށް މަހުދީއާ އަވްލީންގެ ގުޅުމެއް އޮންނަކަން އެނގިއްޖެނަމަ ވާނެގޮތަކާ ދޭތެރޭވެސް މަހުދީ ވިސްނިއެވެ. މިހާރުވެސް ސަބީނާ އަވްލީންއާއި ދޭތެރޭގައި ކަންތައް ކުރާ ގޮތް މަހުދީއަށް އިނގެއެވެ. ވަރަށް ވިސްނުމަށްފަހު މަހުދީ ދިޔައީ ލަޔާން ކައިރިން ހިޔާލެއް ހޯދާށެވެ.
މަހުދީއަށް ލަޔާން ފެނުނީ ބެލްކަނީގައި އިން ސޯފާގައި ފުން ވިސްނުމަކަށް ގެއްލިފައި އިންދައެވެ. “ލަޔާން… ކޮންކަމަކާ ތި ވިސްނަނީ..؟” މަހުދީ ލަޔާން ކައިރީ ސޯފާގައި އިށީނެވެ. “ކަމަކާނޫން.. ވާހަކައެއް ބުނަންތަ؟ އަހަންނަށް ވަރަށް އުނދަގޫ މަހުދީ ކިޔަން.. ބްރޯ ކިޔަނީވެސް އެހެންވެ. އެކަމަކު ނިކް ނޭމް އަކުން ކީމަ ފަސޭހަ ވާނެއެއެއްނު… ބުނެބަލަ ނިކް ނޭމްއެއް..” ލަޔާން ހަށިގަނޑު ތެދުކޮށްލަމުން މަހުދީއަށް ބަލާލާފައި ހީލިއެވެ. ” ލަޔާން ބޭނުން ނަމެއް ކިޔާ.. އަހަންނަށް ނިކް ނޭމްއެއް ދޭނެ މީހެއް ނުވެފައި މިހުންނަނީ.. ހެހެހ” މަހުދީވެސް ލަޔާންގެ ސަމާސާގައި ބައިވެރިވެލިއެވެ.. “އޯކޭ..އަވީ ކައިރީ އަހާލާނަން ރީތިނަމެއް..” ލަޔާން އަވްލީންގެ ނަންބުނުމާއެކު މަހުދީ ވަރަށް ސިރިއަސްކޮށް ލަޔާންގެ މޫނަށް ބަލައިލިއެވެ.
“ކިހިނެއްވީ ހާދަ ހީވޭ އެއްޗެއް ބުނަން އުޅޭހެން.” ލަޔާން މަހުދީއާއި ދިމާލަށް ކުޑަކޮށް އެނބުރިލަމުން ބުނެލިއެވެ. “މި މި އަވީ ކައިރީ ރައްޓެހިވާން އަހާނެ ގޮތެއް ބުނެބަލަ…” “ޔޭ ފައިނަލީ…ކޮންއިރަކު އަހަން ތިއުޅެނީ.. ވަރަށް ރޮމޭންޓިކްކޮށް އަހަންވާނީ..” މަހުދީ އެހެންބުނާއިރަށް ކުޑަކުއްޖެއްހެން އަތް ޖަހާލަމުން ލަޔާން ބުނެލިއެވެ. “އަހަންވެސް ޖެހޭނީ އުޅެންވެސް ޖެހޭނީ އެހަށް ސިއްރުން. އަހަންނަށް ޔަގީން މަންމަ ގަބޫލެއް ނުވާނެކަން. މަންމަ ބޭނުންވަނީ އަހަންނާ ޒީނަތުއާ ގުޅުވަން. އެކަމަކު އަހަރެން ބޭނުމީ އަވީ.. ކޮންމެ ފަހަރަކު އަވީ އާ ކައިރިއަށް ސްޓެޕެއް ނެގޭއިރަށް އިތުރަށް ދުރަށް ދާންޖެހޭ މަންމަމެނާ ހެދި.. ސޯ މިފަހަރު ބޭނުމީ ރިލޭޝަންއަކަށް ދާން އަވަހަށް..އަހަންނަށް އަވީ ގެއްލިދާނެތީ ވަރަށް ބިރުގަނޭ.. މަންމަ ރުއްސަން ހަދާނެގޮތަކާ ދޭތެރޭވެސް ވިސްނަން އެބަޖެހޭ..” މަހުދީފައްޗަކަށް އަމުނާލުމުން ސީރިއަސްވެފައި އިންވަރު ލަޔާންއަށް އިނގުނެވެ.
“މަންމައަށް ނޭނގިދޯ.. މަންމައަށް ނޭނގި އެހިދާނެ. އެކަމަކު އެއް ގެއަކު އުޅޭއިރު ވަރަށް ވިސްނައިގެން އުޅުނިއްޔާ ނޫނީ މަންމައަށް އިނގޭނެދޯ.. އަހަންނަށް ވެވެން އޮތް ހެލްޕެއް ވާނަން ތިކަމުގަ. އެކަމަކު އައި ތިންކް ވިޝާގެ ހެލްޕްވެސް ތިކަމުގަ ހޯދައިގެން އުޅުނިއްޔާ ކަންނޭގެ ފަސޭހަވާނީދޯ.. އައި މީން އަހަރެން ރޫމްގަ ތި ދެމީހުން މީޓް ކުރުވާށޭ ކިޔާފަ އަވީ ގެނެސް އަހަރެން ރޫމަށް ވައްދަންޏާ އެހާ ސަޅިއެއްނުވާނެދޯ… އެކަމަކު ވިޝާ ކައިރީ ބުނެގެން ވިޝާ ރޫމަށް ގެނަޔަސް ޝައްކު ކުރާނެ މީހެއް އެން މައްސަލަ ޖައްސާނެ މީހެއް ނުހުންނާނެއެއްނު..” ލަޔާން ވިސްނަން އިނދެ ބުނެލިއެވެ.
“ތިކަމާ ވިސްނާނީ ފަހުން. އެހަށް ބުނެބަލަ. އަވީ ކައިރީގަ އަހަން އަހަރެން ކިހިނެއް ހަދަންވީ؟” މަހުދީ ހުރީ އަވަސް އަރައިގެންފައެވެ. ހީވަނީ މިހާރު މިވަގުތުވެސް އޭނަގެ މީހަކަށް އަވްލީން ހަދަން އަތުކުރި އޮޅާލާފަހުރިހެންނެވެ. އެރޭގަ ދެމީހުން މަޝްވަރާކުރުމަށްފަހު ނިދަން ދިޔައީ ޕުލޭންތަކެއް ކޮށްފައެވެ.
ފަތިހު ފަތިސް ނަމާދުކޮށްގެން އަވްލީން ކޮޓަރިން ނިކުތްއިރު މަހުދީ އިނީ ސޯފާގައި އިށީނދެގެންނެވެ. މަހުދީ ފެނުމާއެކު އަވްލީންއަށް މަޑުޖެހިލެވުނީ މަހުދީ ބަލަން އިނުމުންނެވެ. “އަވީ ނަމާދުކޮށްގެންތަ ތި ނުކުތީ..؟” މަހުދީ ކޮޅަށް ތެދުވަމުން އަހާލިއެވެ. “މަހުދީ ނަމާދަށް ނުދަންތަ؟” މަހުދީގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ބޯ ޖަހާލުމަށްފަހު އަވްލީން އަހާލިއެވެ. “އުހުނ ދާން މިއުޅެނީ.. އަވީ ނިކުތީމަ ދާންވެގެން މި އިންނަނީ..” މަހުދީ ހީލަމުން ބުނެލި ޖުމުލަ އާއެކު އަވްލީންއަށް މަހުދީއާ ދިމާލަށް ބަލައިލެވުނީ ހައިރާންކަމާއެކުގައެވެ. ” އެ ކީއްވެ؟ ކޮފީއެއް ހަދައިދޭންވީތަ؟” އަވްލީން އިސްދަށަށް ޖަހާލަމުން އަހާލީ މަހުދީ ބަލަން ހުރުމުން އެ މޫނަށް ބަލަން ހުންނަން ކެތް ނުވުމުންނެވެ. “އުހުނ ކަމެއް ނުވޭ.. ހަމަ އަވީގެ މޫނު ދެކިލާފަ ދާންވެގެން.. ހެހެ” މަހުދީ އެހެން ބުނުމަށްފަހު އެއް ލޯ މަރާލާފައި ނިކުމެގެން ދިޔައީ އަވްލީން ބަލާލުމުންނެވެ.
މަހުދީ ނިކުމެގެން ދިއުމުންވެސް ރަކިވެފައިހުރި އަވްލީން ހުރި ފިޔަވަޅު މަތީގައި އެތައް އިރެއްވާންދެން ހުއްޓެވެ. އަދި ހުވަފެނަކުން ހޭލެވުނު މީހެއް ފަދައިން ކުއްލިއަކަށް ތެޅިގަނެފައި ނިކުމެގެންދިޔައީ ގޯތި ކުނިކަހާށެވެ. މަހުދީ ނިކުމެގެން ދިޔަތާ އިރުކޮޅެއް ފަހުން ލަޔާންވެސް ބޭރަށް ނިކުތީ މިސްކިތަށްދާށެވެ.
“ފެންނާތީ ބަލަންޏާ ލޯބިން ހީލާނަމެ ހިތުގާވޭ” ބާރުބާރަށް ހިނގާފައި ދިޔަ ލަޔާން ފަހަތަށް އެނބުރި ބަލައިލީ އަވްލީންގެ އަޑު އިވުމުންނެވެ. އެވަގުތު އެއްވެސް ހިޔާލެއް ފިކުރެއްނެތި ފިނިފެންމާ ގަހެއް ކައިރީގައި ހުރެ އަވްލީން ލަވަ ކިޔަމުންދިޔައީ ހުވަފެނީ ގޮތަކަށެވެ. ލަޔާންއަށް ކުރިން ދުވަހަކުވެސް އަވްލީން ލަވަކިޔާ އަޑު އިވިފައި ނުވާތީ އަދި އެހާރީތިކޮށް ލަވަ ކިޔާއަޑު ފުރަތަމަ ފަހަރަށް އިވުމުން ފޯން ނަގާ ވީޑިއޯއަށް ޖައްސައިލީ ހިނިތުންވެ ހުރެއެވެ. އަވްލީން ލަވަކިޔަމުން ހިނިތުންވެލާފައި އެނބުރިލި ވަގުތު ލަޔާން ފެނުމުން ވަގުތުން ހުއްޓުންއެރިއެވެ. “އާޗާ ފަޒީލާއަށް ދޫނުކުރޭ އިނގޭ.. އަސްލުވެސް ވަރަށް ރީތި ލަވަ ކީލެއް.. ލަޔާ ދޮންބެއަށްވެސް ދަސްކޮށްދޭންވީއެއްނު ލަވަ ކިޔަން..” ލަޔާން ފޯން ޖީބަށްލަމުން ބުނެލިއެވެ. ލަދުން ހުރިވަރުން އަވްލީންއަށް އަނގައިން ބުނަން ނުކެރުމުން ހީލިއެވެ. ފަހުން ދަސްކޮށްދޭން ޖެހޭނޭ ކިޔާފަ ލަޔާން ނިކުމެގެންދިޔައީ އަވްލީން ލަދުގަނެފައި ހުރުމުންނެވެ.
އޯލެވެލް ނިންމި ކުދިން ގޮވައިގެން ދިއުމަށް ހަމަޖެހިފައިވާ ދަތުރުގެ ކަންތަކުގައި އެންމެ އިސްކޮށް އުޅޭ އެކަކީ ނަވާޒްއެވެ. މި ދަތުރަކީ ވަރަށް ހާއްސަ ދަތުރަކަށް ހަދަން ނަވާޒް ބޭނުންވެއެވެ. ހުރިހާ ކުލާހެއްގެ ކުދިން ގޮވައިގެން އެއްކޮށް ނުދެވޭނެތީ ކުލާސްތައް ވަކި ވަކިންދާ ގޮތަށް ހަމަޖެހުނީ ކޮންމެ ކުއްޖަކަށްވެސް އެ ކުއްޖެއް ބޭނުމިއްޔާ ބެލެނިވެރިއެއް ގެންދެވޭ ގޮތަށެވެ.
“ސަރ ސަރ ކޮން ދުވަހަކު ދަތުރު ދާގޮތަށް ހަމަޖެހުނީ.. ” ނަވާޒްގައި ފަހަތުން އައި ވިޝާކާ ނަވާޒްއާ އަރާ ހަމަކުރަމުން އަހާލިއެވެ. ތި ކުލާސް ކުދިން ދާގޮތަށް އޮތީ ހޮނިހިރުދުވަހު.. އަވަހަށް ރެޑީވޭ އެހެންމަ. ދެން އޮތީ އެންމެ ދެ ދުވަހެއްނު..” ނަވާޒް ވިޝާކާއާ އެއްވަރަށް ހިނގައިގަންނަމުން އަހާލިއެވެ. ” ކޮން ރެޑީއެއްވާކަށް.. އޯވާ ނައިޓަކަށްވެސް ނޫނެއްނު ދަނީކީ.. ދަމުން ދަމުން ދަބަހަށް އެއްޗެއް ލައިގެން ދިޔައީމަ ނިމުނީ.. ހެހެ” ވިޝާކާ ބުންޏެވެ. “ހެހެ އެހެންތަ؟ އެކަމް ސަރ އަށް އެނގިފަ އޮތް ގޮތުންވިއްޔާ އަންހެންކުދިން މަގެއް މައްޗަށް ނިކުންނަންވެސް ރެޑީ ވެވެނީ 2އަވާސް ވަރުން. އެހެންމަ ދަތުރަކު ދަންޏާ އަދި މާ ގިނައިރުވާނެއެއްނު” ” ނޫން… އެއީ ބައެއް ކުދިންނޭ.. އަޅުގަނޑު އެހެނެއްނުވާނެ..” “އެހެންތަ؟ ސަރ އަކަށް އަދި ތި ގޮތެއް ނޭނގޭނެއެއްނު. ތި ގޮތްވެސް ޖެހޭނީ ބަލަން.. ” ވިޝާކާ އާއި ނަވާޒް ވާހަކަ ދައްކަމުންގޮސް ފިހާރަށްވަނީ އައިސްކޯން ބޯށެވެ. ސްކޫލް ނިމުމަށްފަހުވެސް ދެމީހުންގެ ގުޅުން ކުރިއެކޭވެސް އެއްގޮތަށް ކުރިއަށް ދިޔައީ ދެމީހުންގެ ހިތުގައިވެސް އެދުންތަކެއް އޮތީތީއެވެ.
ކޮންމެ ކުލާހެއްގެ ދަތުރު ވަކިން އޮތުމާއެކު ދަތުރަށް ރެޑީކުރުމުގައިވެސް ކުލާސްތައް އޮތީ ވަކިކުރެވިފައެވެ. އެހެން ފަހަރުތަކާ ހިލާފަށް މިފަހަރު ދަތުރު ދިއުމުގެ ހުއްދަ އަވްލީންއަށް ލިބުމާއެކުވެސް އަވްލީން ބޭނުންވީ ދަތުރުނުގޮސް މަޑުކުރާށެވެ. ނަމަވެސް ވިޝާކާގެ އެދުމުގެ މަތިން އަވްލީން ދަތުރުދާން އެއްބަސްވީ ލަޔާން އަދި މަހުދީވެސް ދަތުރުގައި ބައިވެރިވާކަން އިނގުމުންނެވެ.
ހުކުރު ދުވަހު ހެނދުނު ސައިބޮއިގެން ވިޝާކާ ހިނގައިގަތީ އަވްލީން ކޮބާތޯ ބެލުމަށެވެ. ކުލާސް ކުދިން އެކި ގުރޫޕްތަކަށް ބަހާލާފައި ދަތުރުގެ އެކި ކަންތައްތައް އެކި ގުރޫޕްތަކާއި ހަވާލުކޮށްފައިވާއިރު ވިޝާކާމެން ގުރޫޕަށް ހަވާލުވީ ހަންތަކަށް ފެންއެޅުމާއި ހެނދުނަށް ރޮށިފިހުމެވެ. އަވްލީން އަދި ވިޝާކާވެސް އެންމެ އުފާވީ އެ ދެކުދިން އެއް ގުރޫޕަކަށްވުމުންނެވެ. ވިޝާކާ އަވްލީން ގޮވައިގެން ދިޔައީ ގުރޫޕްގެ އެހެން ކުދިން ކައިރިއަށެވެ. ކޮންމެ ގުރޫޕެއްގައި ފަސް ވަރަކަށް ކުދިން ތިއްބެވެ. ގުރޫޕް ހުރިހާކުދިން އެއްތަންވެ މަޝްވަރާކުރުމަށްފަހު ހަވީރުގަޑިގައި ހަންތަކަށް ފެންއެޅުމަށްފަހު އެރޭ ތަންކޮޅެއް ލަހުން ރޮށި ފިހާގޮތަށް ނިންމީ އެއީ ހެނދުނަށް ފިހާ ރޮށިވީމައެވެ.
ގުރޫޕް މަޝްވަރާކުރުމަށްފަހު އަވްލީން އަދި ވިޝާކާ ގެއަށްދިޔައީ ވިޝާކާގެ ހަރަދު މެގްނަމް ގަނެގެން މެގްނަމް ބޮމުންނެވެ. ދެކުދިން މެގްނަމް ބޮމުން ދިޔަގޮތަށްގޮސް ކާގެއަށް ވަންއިރު މަހުދީއާއި ލަޔާން ސައިބޮއެގެން ތެދުވަނީއެވެ. “ބަލާބަލަ ބްރޯ އަހަރުންނަށް ނުދީ މެގްނަމް ބޯވަރު. ގައިމު މިހާ ހުނުގަދަ ވަގުތަކު ތިކަހަލަ އެއްޗެހި ހިފައިގެން ގެއަށް އައިސް ވަންނައިރު ގޭގައި ދެންތިބޭ މީހުނާމެދުވެސް ވިސްނާލަންޖެހޭނެއެއްނު. ” ލަޔާން ވަރަށް ސީރިއަސްވެފައި އެހެން ބުނުމުން ވިޝާކާ ވަރަށް ކަންތައްބޮޑުވިއެވެ. “ނޭނގެއޭ ދޮންބެމެން ތެދުވެއުޅޭކަމެއް.. އަންނާނަން ގަނެގެން.. ” ވިޝާކާ އުޅުނީ އަނބުރާލާފައި ފިހާރައަށް ދާށެވެ.
“މިހިރަ ކުއްޖެއް. ސަހާދެ މިބުނީ މި ކުއްޖާއާ ސަމާސާއެއްވެސް ކޮށްނުލެވޭނެ. އެހާ ސީރިއަސްވެފަ އަބަދު ހުންނާނީ.. އެއީ ލަޔާ ދޮންބެ ސަމާސާއަކަށް ބުނި އެއްޗެކޭ… ހެހެ.. ” ލަޔާން ވިޝާކާގެ ދެ ކޮލުގައި ހިފާލިއެވެ. “ނޭނގޭނެއެއްނު. ލަޔާ ދޮންބެ އެހާ ސީރިއަސްވެފަ ބުނީމަ.. ހެހެހ …” ލަޔާންއާއި ވިޝާކާ ސަކަރާތްޖަހާޖަހާފަ ދެންތިބި ދެ މީހުންގެ ހަބަރެއް ނުވެގެން ބަލާލިއިރު މަހުދީ ހުރީ ކަޅިޖަހާނުލާ އަވްލީންގެ މޫނަށްބަލާށެވެ. އަވްލީން ހުރީ މަހުދީ ބަލާވަރުން ލަދުން އިސްޖެހުނުގޮތަށް އިސްއުފުލާލަންވެސް ނުކެރިފައެވެ. އޭރު އަވްލީން އަތުގައި އޮތް މެގްނަމްވެސް ދިޔާވެގެން ތިރިއަށް ތިކިތަޅަމުންދެއެވެ.
“ފެންނާތީ ބަލަންޏާ ލޯބިން ހީލާނަމެ ހިތުގާވޭ….” ކުރިން ދުވަހު ފަތިހު އަވްލީން ކިޔަންހުރި ލަވައިގެ ތަންކޮޅެއް ލަޔާން ކިޔާލިއެވެ. އެއާއެކު އަވްލީން ލަޔާންއަށް ބަލާލީ ބިރެއްފެނިގެން ބަލާލާހެންނެވެ. އަދި އަތުގަ އޮތް މެގްނަމަށް ބަލާލާފައި ބާރުބާރަށް ހިނގާލާފައިގޮސް ޒިންކު ކައިރިއަށް ހުއްޓި އަތްދޮންނަން ފެށިއެވެ. އެވަގުތު އެތަނުގައި މަހުދީއާއި ވިޝާކާ ތިއްބާ ލަޔާން އެ ވާހަކަ ދައްކަފާނެތީ އަވްލީން ހުރީ ވަރަށް ބިރުންނެވެ.
“ވިޝާ ކޮބާތަ މިގޭގަ އެ އުޅޭ ހަންޑިގަނޑުވަރު ދޮންކަމަނަ.. މިއަދު އަދި ދައްކާވެސް ނުލާ…” ލަޔާންއަށް އަވްލީންގެ ހަރަކާތްތައް ހުރިގޮތުން އެއްޗެއް ވިސްނުނެވެ. އަދި މައުޟޫ ބަދަލުކޮށްލުމުގެ ގޮތުން ވިޝިކާގެ ވާހަކަ ނެގިއެވެ. “ސާބަސް ލަޔާ ދޮންބެއަށް.. ތި ދެމީހުންނަށް މިހާރު ޓޮމް އެން ޖެރީ ކިޔާހާވެއްޖެ.. ދެމީހުނަށް ދެމީހުން ފެންނަހާވާނީ ފަށައިގަންނާނެ. ހެހެހ” ވިޝާކާވެސް ލަޔާންގެ ސަކަރާތުގައި ބައިވެރިވެލިއެވެ. “ތިއެއް ނޫނޭ ވިޝާ.. މާދަން ދަތުރު ދާއިރު ގެންދަންޖެހެނީ ކޮންއެއްޗެއްތަ؟ ލަޔާ ދޮންބެއާއެކު ހިނގާބަލަ އެއްޗެއް ގަންނަންދާން..” ލަޔާން ވިޝާކާ ގޮވައިގެން ނިކުމެގެން ދިޔައީ މަހުދީ އަދި އަވްލީންއަށް އެކަނި ވާހަކަ ދައްކާލާނެ ފުރުސަތެއް ދިނުމުގެ ގޮތުންނެވެ.
ލަޔާންމެން ނިކުމެގެން ދިޔައިރު އަވްލީން އުޅުނީ އޭނައަތުން ތިރިއަށް މެގްނަމް އެޅުނުތަން ސާފުކުރުމުގައެވެ. މަހުދީ ހުރީ އަވްލީންގެ ހަރަކާތްތަކަށް ބަލާށެވެ. އަވްލީން ކުރަން ހުރި މަސައްކަތް ކޮށް ނިންމާލާފައި މަހުދީއަށް ބަލާލާފައި ހީލިއެވެ. އަދި އަނެއް ފަރާތަށް އެނބުރި ވަތްގަނޑެއް ހުޅުވާލާފަ ހަނޑޫ ބާލިދީއެއް ނެގީ މެންދުރަށް ކައްކަން އުޅެންވެގެންނެވެ. “މެންދުރަށް ކައްކަންތަ ތިއުޅެނީ.. ކޮންއެއްޗެއް ކައްކަނީ.. އަހަރެން ހެލްޕެއް ވަންތަ؟” މަހުދީ އަވްލީންއާއި ވާހަކަދެއްކިއެވެ. “ކުކުޅު ރިހައާ ބަތާ.. ދެން ޕާސްތާ..” އަވްލީން މަހުދީއަށް ބަލައިލާފަ ހީލަމުން ބުންޏެވެ. އެވަގުތު މަހުދީއަށް އަވްލީން އާ ކައިރިއަށް ހިނގައިގަނެވުނީ ބޭއިހުތިޔާރުގައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.



Yaay me fiest❤️
Awww..me first dhw…v v v salhi mi part ves ???
Ahaha second dhw ??
Haadha kurey
Salhi.but maa kuru .plx upload soon dear.
Waiting 4 next part.
When next part dear .
Gud nyt.???
Varah reethi