
ފަހަތަށް އެނބުރި ބަލާލިގޮތަށް އެކި ކުދިން އެކި ދިމާލަށް ދުއްވައިގަތީ މޯޑްގެ އަތުގައި ހުރި ކުލަޕެކެޓްތައް ފެނުމުންނެވެ. ހުދު ކުލައިގެ ޔުނީފޯމްގައި ތިއްބާ އެ ޖަހައިފިނަމަ އެ ކުލަ ރީތިކޮށް ނުފިލާނެއެވެ. ފަހު ޓެސްޓު ނެގުމުން ދެން އެ ޔުނީފޯމް ލާން ނުޖެހުނު ނަމަވެސް ކޮންމެ ކުއްޖެއްވެސް އެ ކުއްޖެއްގެ ސާނަވީ ތައުލީމުގެ ހަނދާނަކަށް ޔުނީފޯމް ފޮރުވާފައި ބެއިންދުމަކީ އާންމުކަމެކެވެ.
ދުވެފައިދިޔަ ކުދިންތަކަށް ބަލަން މޯޑް އިނީ ހެވިފައެވެ. އޭނަގެ ރޭވުން ކާމިޔާބުވާގޮތް ވުމުން ސައިކަލު ދުއްވާލީ އަވްލީންގައި ފަހަތުންނެވެ. ފަހަތަށް އެނބުރި ބަލަމުން ދުވެފައި ދިޔަ އަވްލީންއަށް މޯޑް އޭނާގެ ފަހަތުން އަންނަތަން ފެނުމުން ދުވުން ބާރުކޮށްލެވުނީ މޯޑްއަށް އަތުނުވެ ފިލޭތޯއެވެ. ދުވެފައިގޮސް ގޯޅިއެޅި ވަގުތު ކުރިމަތިން އައި ސައިކަލު ނުޖެހި އަވްލީން ސަލާމަތްވީ އެ ސައިކަލު ދުއްވަން އިން މީހާގެ ހުށިޔާރުކަމުންނެވެ. އެވަގުތު އަވްލީންއަށް ލިބުނު ކުއްލި ސިހުމުގައި ޖެހި ބުދެއްހެން ހުއްޓުންއަރާފައި ހުރެވުނީ ފަހަތުން މޯޑް އަންނަކަންވެސް ހަނދާންނެތިފައެވެ. “ކޮއްކޯ ކޮއްކޯ ކިހިނެއްވެފަ ތި ހުންނަނީ؟ ސައިކަލުގަ ނުވެސް ޖެހެއެއްނު. ތަނަކަށް ތަދުވީތަ.. ” ސައިކަލުގައި އައި މެދު އުމުރުފުރާގެ ފިރިހެނެއް އަވްލީންއަށް ގޮވަމުންދިޔައެވެ.
އަވްލީންގެ ފަހަތުންދިޔަ މޯޑް ގޯޅިއަށް ވަންއިރު އަވްލީން ހުރީ ހުއްޓުންއެރިގޮތަށެވެ. އެވަގުތު އެތަނުގައި އިތުރު މީހަކު ހުރުމުން މޯޑް ސައިކަލު މަޑުކޮށްލާފައި އެމީހާ ކައިރީ ވީ ކީއްތޯ ސުވާލުކުރިއެވެ. އެމީހާ ވީގޮތް ކިޔައިދިނުމުން މޯޑް ސިކުނޑީގައި މޮޅު ރޭވުމެއް ރާވާލިއެވެ. “ބޭބެ ހާސްނުވޭ.. ތީ އަހަރުން ކުލާހު ކުއްޖެއް.. ބޭބެ ދޭ.. މަ އޭނަ ގެއަށް ގެންގޮސްދާނަން..” މޯޑް އެހެންބުނުމުން އެ މީހާ ދިޔައީއެވެ. މޯޑްގެ މޫނު މައްޗަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އަވްލީންއާ ދިމާލަށް އެނބުރި ބަލާލުމަށްފަހު މޯޑް އަވްލީންގެ އަތުގައި ހިފީ ސައިކަލަށް އެރުވުމަށެވެ. ނަމަވެސް އެ ވަގުތު ތެޅިގަނެފައި ބަލާލި އަވްލީންއަށް މޯޑް ފެނުމާއެކު އަތް ފޮޅޮވާލާފައި އަނެއްކާވެސް ދުއްވައިގަތީ ފަހަތް ބަލަމުންނެވެ. “ޝިޓް” އޭ ބުނެލުމަށްފަހު މޯޑް އަނެއްކާވެސް ސައިކަލް ދުއްވާލީ އަވްލީންގެ ފަހަތުން ދިއުމަށެވެ.
މިފަހަރު ދުވަމުންދިޔަ އަވްލީން އާއި އަރާ ހަމަކުރުމަށްފަހު މޯޑް ސައިކަލުން ފައިބާ އަވްލީންގައި ހިފެހެއްޓިއެވެ. އަދި ދެ ކޮޅު ބަލާލުމަށްފަހު ކައިރީގައި ހަނި ގޯޅިއާއި ދިމާލަށް އަވްލީން ގެންދިޔައީ އެ މަގުގެ އަނެއްކޮޅުގައި ބަޔަކު ތިބުމުންނެވެ. އަވްލީން ދިޔައީ މޯޑްގެ އަތްދަށުން ސަލާމަތްވޭތޯ މަސައްކަތް ކުރަމުންނެވެ. ގޯޅިއަށް ވަނުމަށްފަހު މޯޑް އަވްލީން އުފުލާލީ އަވްލީން ގަދަހަދާތީ ކުރިއަށް ގެންދަން އުނދަގޫވެގެންނެވެ. “އޭތް އޭތް ތި ކޮންކަމެއް.. ކާކުގެ ދަރިއެއް ނަގާ ކޮނޑަށް ލައިގެން ތިދަނީ.. ކިހާދެރަވެއްޖެ ކަމެއްތީ.. ކަލޭމެން ވެއްޖެއެއްނު އިސްލާހުވާން.. ތި ކުއްޖާ ބަހައްޓާ..” އެތަނުން ގެއަކުން ނިކުތް ދެބައިއުމުރުގެ ފިރިހެނެއް މޯޑްއާއި ދިމާލަށް ބުންޏެވެ. “މީ ކަލެއާ ބެހޭކަމެއް ނޫން.. ނުވެސް ބަހައްޓާނަން..” މޯޑް އަވްލީން ގޮވައިގެން ހިނގަތީ އެމީހާއާއި ދިމާލަށް ލޯ އަޅާލަމުންނެ.
“ކަލޯ ތިޔަހެން ނުއެއްދެވޭނެ.. އަހަންމަދާ އަހަންމަދާ ނިކަން އަވަހަށް ނިކުމެބަލަ..” އެ ފިރިހެން މީހާ ގޮވާލުމުން ގޭތެރެއިން ނިކުތީ ޒުވާން ފުރައިގެ ފިރިހެނެކެވެ. “އަހަންމަދާ ޕޮލިހަށް ގުޅާބަލަ އަވަހަށް..” “އައިން ޕޮލިހަށޭ.. މި ބަހައްޓަނީ ގުޅާނެކަމެއްނެތް..” މޯޑް އަވްލީން ބެހެއްޓުމަށްފަހު ދުވެފައި ދިޔައީ އަވްލީންއަށް އިންޒާރެއްދޭފަދަ ނަޒަރަކުން ބަލައިލާފައެވެ.
“މަންމާ އަވީ އައިތަ ގެއަށް؟” ވިޝާކާ ސުވާލުކުރީ ބޭރު ޖޯލީގައި އިން ސަބީނާއާއިއެވެ. އެވަގުތު ބްރޭކް ގަޑިއަށް އައި މަހުދީވެސް އެ ހިސާބައި އަރާ ހަމަވީއެވެ. “ނޭނގެ މަށަކަށް.. މަމިއިންނަނީ ފަހެ އޭނާ ނޫޅޭގޮތް ބަލަން.. މިހާރުވެސް މިއުޅެނީ އެ ވިޝިކާއަކަށް ރަނގަޅަށް ނުބެލިގެން. އެހެން ނޫނަސް އޭނައަކީ މަ ބަލަންޖެހޭ މީހެއްނޫން. “ސަބީނާ ފަތިވަރަކަށް އަމުނާލިއެވެ.
މަހުދީ ވިޝާކާއަށް ބަލާލަމުން ބޮލުގެ އިޝާރާތުން ކިހިނެއްވީ ހެއްޔޭ އަހާލިއެވެ. “ޓެސްޓު ނިންމާފަ އަންނަނިކޮށް މޯޑް ފަހަތުން އަޅުވާލީ ކުލަ ޕެކެޓްތަކެއް ހިފައިގެން. ދެން އެކި ކުދިން އެކި ދިމާލަށް ދުވެފައި ދިޔައީ.. ހީވަނީ އަވީ ފަހަތުންހެން މޯޑް ދިޔައީ.. މޯޑް ރާވައިގެން އަވީއަށް ލަނޑެއްދޭން ކުރިކަމެއް ކަންނޭގެ އެއީ..” ވިޝާކާ މަހުދީ ކައިރިއަށް ޖެހިލަމުން ސަބީނާއަށް އަޑު ނީވޭނެވަރަށް ބުންޏެވެ. ވިޝާކާ އެހެން ބުނުމާއެކު މަހުދީ ގެއިން ނިކުމެގެން ދިޔައީ އަވްލީންއަށް ވީ ނުވީއެއް ބަލާށެވެ.
މަހުދީ ސައިކަލަށް އަރާ ދުއްވާލިއިރު އުޑުމަތި ބަނަވެ ދުނިޔެމައްޗަށް އަނދިރިވަމުންދިޔައެވެ. އެކި އެކި މަގުތަކުން ސައިކަލުދުއްވަމުންދިޔަ މަހުދީއަށް އަވްލީން ނުފެނުމުން ފޯނު ނަގާ ވިޝާކާއަށް ގުޅާލީ އަވްލީން ގެއަށްދިޔަތޯ ބަލާށެވެ. އަވްލީން އަދި ގެއަށް ނުދާކަމުގައި ވިޝާކާ ބުނުމުން މަހުދީ އަނެއްކާވެސް ސައިކަލު ސްޓާޓް ކޮށްލީ އަވްލީން ހޯދަން ދިއުމަށެވެ. ނަމަވެސް ފުސްގަނޑުގެ ވައި އައިސްފަ ވާރޭ އޮއްސާލުމުން އެތާ ކައިރީ އިން ގެއެއްގެ އަސްކަނިދަށުގައި ސައިކަލު ޕާކްކޮށްލުމަށްފަހު މަހުދީ ދެން ދިޔައީ ހިނގާފައެވެ. ވާރޭ ތެރޭގައި ހިނގާފައި ދިޔަ މަހުދީގެ ހިތުގައި ބިރުވެރިކަން އުފެދިފައިވަނީ ކުރިން ފަހަރު މޯޑް ކުރަން އުޅުނު ކަންތައް މިފަހަރުވެސް ތަކުރާރުކޮށްދާނެތީއެވެ. އެވަގުތު މަހުދީ އޮފީހުން އައިސްހުރީ ބްރޭކަށްކަމާ ގަޑިޖެހި ހިގައްޖެކަންވެސް މަހުދީގެ ހިތަށްނޭރިއެވެ.
ވާރޭ ވެހެންފެށުމުން ފިހާރައެއްގެ އަށިމަތީގައި އިށީނދެލައިގެން އިން އަވްލީން އިނީ ހީކަރުވައިގަނެގެން ގޮސް ހަލާކުވާވަރުވެފައެވެ.ވާރޭވެހެން ފެށުމުން އެ ހިސާބުގައި މީހެއްގެ ހިލަންވެސް ނުވެއެވެ. އެ ފިހާރައިގެ ސޭޓްވެސް މެންދުރު ނަމާދަށް ފިހާރަ ބަންދުކުރުމަށްފަހު ނިކުމެގެން ދިޔަތާ އިރުކޮޅެއްވެއްޖެއެވެ.
އަވްލީންއަށް މީހަކު ގޮވާލިހެން ހީވެގެން އިސްއުފުލާ ބަލައިލިއިރު މަހުދީ ދުވެފައި އަންނަނީއެވެ. މަހުދީ ފެނުމާއެކު އަވްލީންއަށްވެސް ދުއްވައިގަނެވުނީ ބޭއިހުތިޔާގައެވެ. ބޯ ވާރޭ ތެރޭގައި ދުވެފައި ދިޔަ އަވްލީން ދިޔަގޮތަށްގޮސް މަހުދީގައިގައި ބައްދާލިއިރު ރޮވެމުންދިޔައެވެ. މަހުދީވެސް ތުރުތުރުއަޅަމުންދިޔަ އަވްލީންގެ ތުނިތުނި ހަށިގަނޑުގައި ބައްދާލީ ދެން ދޫނުކުރާނަމޭ ބުނާފަދަ ގޮތަކަށެވެ.
އިރުކޮޅަކު އެ ގޮތުގައި ތިބުމަށްފަހު މަހުދީ އަވްލީން ގަޔާ ދުރުކޮށްލީ ތިބެވުނު ތަން ހިތަށް އެރުމުންނެވެ. “ހިނގާ ގެއަށްދާން” މަހުދީ އަވްލީންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އަދި އަވްލީން ގަޔަށް ބަލާލިއެވެ. އޭރު ތެމުމުގެ ސަބަބުން އަވްލީންގެ ޔުނީފޯމްވަނީ ގައިގައި ތަތްލަވާފައެވެ. ދިގު އިސްތަށިގަނޑު ތެމިފައިވާއިރު ކަނދުރާމަތިން ތިރިއަށް ފައިބަމުންދިޔަ ފެންތިކިތައް ފެނިފައި މަހުދީއަށް ހިންދިރުވާލެވުނެވެ. ކޮންޓްރޯލުން ނެއްޓެމުންދިޔަ މަހުދީގެ ހިތް ހަމައަކަށް އަޅުވާލަމުން މަހުދީ އޭނަ ލައިގެން ހުރި ގަމީސް ބާލާ އަވްލީންގެ ގައިގައި ފުރަގަހުން އަޅުވާލިއެވެ. އަދި އަވްލީންގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ. އޭރު އަވްލީންގެ ކޯތާފަތަށް މަޑު ފިޔާތޮށި ކުލައެއް ވެރިވެފައިވެއެވެ.
މެންދުރުވީއިރުވެސް އަވްލީން ގެއަށް ނައުމުން ސަބީނާ ބަދިގެއަށްވަނީ ކުދިކިޔަމުންނެވެ. މާލިކު ރަށުގައި ހުރުމުން ނުކައްކާ ހުރެއްޖެނަމަ ހިތްހަމަނުޖެހޭނެވަރު ހިތަށްއަރާފައި ސަބީނާ ބަދިގެއަށް ވަނީއެވެ. “މަންމާ އަހަރެން ހެލްޕެއްވަންތަ؟” އެކަނި އިނދެ އަވްލީންއަށް އެއްޗެހި ގޮވަމުންދިޔަ ސަބީނާއަށް ހައިރާންކަން ލިބުނީ ވިޝާކާ ކާގެއަށް ވަދެ އެހީވެދެން އުޅުމުންނެވެ. “ދަރިފުޅު ތީ އެހެންނާ މަސައްކަތް ކުރާ ހިތުން އުޅޭ ކުއްޖެއް ނޫނެއްނު. މިއަދު ކިހިނެއްވީ؟ މަންމަ އެކަނިވީމަތަ؟ މަންމައަށް މިކަންވާނޭ.. ދަރިފުޅު ދޭ ޓީވީ ބަލަން. މީ އެ އަވްލީންއާ ހެދި ވާހާ ކަންތަކޭ.. މިއަދު ނޭނގެ އެވަނީ ކޮން ހޮރަކަށް ކަމެއްވެސް. އެހެން އުޅެމުން ބޮނޑިއެއް ބޮއިފިއްޔާ ހުންނާނެ ކަންތައް. މިއަދު ދަރިފުޅުމެންގެ ބައްޕަ ކައިރީގަ ބުނާނަން އޭނަ އެއުޅޭ އުޅުން…” ސަބީނާ އަނެއްކާވެސް އަވްލީންއަށް އެއްޗެހި ގޮވަން ފެށުމުން ވިޝާކާ ހުރީ އުނދަގޫވެފައެވެ. “މަންމާ .. އެހެންވެއެއް ނޫނޭ.. ވިޝާވެސް ޖެހޭނެއެއްނު މަސައްކަތްކުރަން ދަސްކުރަން.. ވިޝާވެސް މިހާރު މި ސްކޫލް ނިމުނީ.. ދެން ދެތިން އަހަރުފަހުން މީހަކާ އިނދެގެން ދިއުމު ކުރިން މަސައްކަތް ކުރަން ދަސްކުރީމައެއްނު އެގެއަކަށްގޮސްވެސް ކަންކަން ކުރެވޭނީ.. އެހެން ނޫނީ ވިޝާގެ މައިދައިތަ ބުނާނީ ކަންނޭގެ އަހަރެންގެ ޅީދަރިފުޅަކީ އެއްވެސް ކަމެއް ކުރަން އިނގޭ މީހެއްނޫނޭ.. އޭރުން މަންމަވެސް ލަދުގަންނާނެއެއްނު މަންމަގެ ދަރިއަކަށް މަސައްކަތް ކުރަން ނޭނގެންޏާ.. އޭރުން މަންމަވެސް އިންނާނީ މީހުން އެހެން ކިޔަން ފެށިމަ އެއްކަލަ ޒުލޭގެ މަންމައަށް ވާހެން އަނގަ ހުތްވެފަ.. ހަހަހަ” ވިޝާކާގެ ވާހަކައިން ސަބީނާ ކައިރިއަށް ވަރަށް ހިނިއައެވެ. އަދި “މަންމަގެ ދަރިފުޅު މިހާރު ބޮޑުވީދޯ”އޭ ބުނެލިއެވެ.
ދެމައިންވެގެން ކައްކާ ކާން ހަދާ ނިންމާލާފައި ނިކުތްއިރު މަހުދީ ސިޑިން ފައިބަނީއެވެ. “ދަރިފުޅު އަދިވެސް ނުދަންތަ އޮފީހަކަށް.. އާދޭ ދެން ކައިގެން ދާން..” “ނޫނޭ މަންމާ މިހާރުވެސް މާ ލަސްވެއްޖެ. ދެން ފަހުން ކާނީ..” މަހުދީ އަވަސް އަރުވާލާފައި ނިކުމެގެން ދިޔައީ އަވްލީންގެ ކޮޓަރިއާއި ދިމާލަށް ބަލާލާފައެވެ.
ޑިއުޓީ ނިންމާލާފައި ހަވީރު ގެއަށްދިޔަ ލަޔާން ފެންވަރާލައިގެން ތިރިއަށް ފޭބީ ބަނޑުހައިވެފައި ހުރުމުން އެއްޗެއް ކާށެވެ. އޭރު ސަބީނާ އިނީ ޓީވީ ބަލަން ސޯފާގައެވެ. “ލަޔާން ސައިބޯންވީއެއްނު.. ހުންނާނެ މިއަދު ވިޝާކާ ހެދި ފޮނި އެއްޗެއްވެސް.. ” ސަބީނާ ބުންޏެވެ. އެ ގޭގައި ހަވީރު ސައިބޯން ހުންނާނީ ކައިރީގައި ހުންނަ ހޮޓަލަކުން ގަނެފައި ހުންނަ ހެދިކާއެވެ. އެހެންވެ ސައިބޯހިތް ނުވެ ހުރެފައިވެސް ކާގެއަށް ގޮސްވަނީ މާބޮނޑަށް ބަނޑުހައިވެފައި ހުރުމުންނެވެ. އެވަގުތު ލަޔާން އާއި ސަބީނާ ވާހަކަދެއްކި އަޑު އިވިގެން ސައިބޯން އިން ވިޝިކާ އަވަސްކޮށްލާފައި ނިކުންނަން އުޅުނީ ލަޔާންގެ ކުރިމަތީގައި ހުންނަން ނުކެރޭނެތީއެވެ. އަވަސް އަވަހަށް ފެންތައްޓެއް ބޯލައިގެން ދުވެފައި ކަހަލަ ގޮތަކަށް ނިކުންނަންދިޔަ ވިޝިކާ ލައިގަތީ ފޯނަށް ބަލަމުން ކާގެއަށް އައިސް ވަން ލަޔާންގެ ގައިގައެވެ. “ޕިސް ތަންކޮޅެއް ބަލައިލައިގެން އުޅެބަލަ.. ފޯންގެ ދުވަސްވެސް އެ ދިޔައީ ކަންނޭގެ” ވިޝިކާގެ ގައިގައި ޖެހިފައި ލަޔާންގެ ފޯން ވެއްޓި ތަޅުންގަނޑުގައި ޖެހުމުން ލަޔާން ބަލައިލީ ހިތްހަމަނުޖެހި ހުރެއެވެ. އެވަގުތު ވިޝިކާއަށް ހައިރާންވެފައި ބަލަހައްޓައިގެން ހުރެވުނީ ކުރިންރޭގައި ވީ އެއްވެސް ކަމެއް ލަޔާން ހަނދާންނެތުނީބާއޭ ހިތަށް އަރާފައެވެ.
8 Comments!
Comments are closed.
Alhe miyoh rythi story ves mi up kohdhey month aku one faharuey bunyas dhogakah nuvaane.. Ehaa lasvany kyhvekan alhe bunedhy faanantha??? Mi story asluves v v rythi.. Ekam maalahun up kohdheythy hunnany foohivaa goehvefa.. Miyahvure avas kosheh nudheveynetha hama
Yes I agree with you
Hama month aku one faharaku up kurany dho….
Very sad????????????
Mahaku Aehfaharu upkurairuvess aehaakuru tankolheh dhigukon thakolheh avahah genesdhevidhanetha,
Story reethi aekamu aehpart handhan nethey ha dhuvass fahun anehpart, ?
Dhogehnun Lala thibunyky..
Alhey haadha kurey….. iff kyvve tha mihaa lahun up vanee????bxy???? ??? alhe vrh kiyaa hiyy vaa vaahaka eh mee vrh reethi….???❤❤❤?? ekamu lahun up vaathy vrh sad?????
Haadha kurey and haadha lahakunney thi up kuree
Mi story varah rythi…Alhe thankolheh avaha up khdhybala
Dear iff,
Aslu varah dheraveyy vaahaka up kuraaleh las kamun.mee varah reethi vaahakaeh.ekamaku mihaaru mivaahaka kiaa kiyuntherin varah madhuvehjje.vaahaka up kuraaleh las kamun kiyuntherin foohivanee.hope kuran vaahaka gavaaidhun up kureveyne kamah.mi vaahaka furathama dhuvas therei varah rangalhah baraabarah up vi.ekam mihaaru varah lahun up vanee.Hope for a change.Bye.
From:Your Reader