Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގައިވާން އެދެމޭ… 13

laya Level 110 Stories
February 26, 2014 11 Mins Read
15 Comments

” އައި ގޮޓް މައި މަމްސް އައިސް..” ކުޑަ ހީނލުމަކާއިއެކު ވިކާޝް ދިން ޖަވާބުން ވިޝާގެ މުޅި ހަށިގަނޑުގައި ތުރުތުރެއް އުފެދިގެން ދިޔައެވެ. ނޭވާ ހިފަހައްޓާލައިގެން އިނދެ ފުުން ނަޒަރަކުން އޭނާ ވިކާޝްއާއި ދިމާއަށް ބަލާލީ އެބުނެލި އެއްޗެއް ޔަގީންކޮށްލުމުގެ ގޮތުންނެވެ.

” އޯކޭ.. ދެން އެންމެން ކާންވީނުން..” ވިޝާ އިތުރު ސުވާލެއް ކޮށްލަން އަނގަ ހުޅުވާލިވަގުތު އާލިކް ވާހަކަ ދެއްކުމުން ވިޝާއަށް އެ ފުރުސަތެއް ނުލިބުނެވެ.   ލަސްލަހުން ވިކާޝްގެ މޫނަށް ބަލާލުމަށްފަހު ކާން ތައްޔާރުވެލި ވަގުތު ކައިރީގައި އިން ލިމްނާގެ ފޯނު ރިންގުވާން ފެށިއެވެ.

” އަޅޭ.. ވިޝޫ މަ ހަނދާން ނެތިފަ މީނދީ.. ދޮންތަ ޑިއުޓީއަށް ދާން ޖެހޭނެ.. މަންމަ ނޫޅޭތީ ލިމް ޖެހޭނެ ބޭބީ ބަލަހައްޓަން..” ލިމްނާ ފޯނު ބޭއްވުމަށްފަހު ވިޝާގެ އަތުގައި ހިފާލިއެވެ.

” ދެން.. ކައިގެން ދާންވީނުން..”  ލިމްނާއަށް ބަލާލަމުން ޖަވާބުގައި ވިޝާ ބުނެލިއެވެ.

” ނޫނެކޭ.. ލަސްވާނެ..” ލިމްނާ ދަބަސް ހިފައިގެން ތެދުވަމުން އަވަސް އަވަހަށް ވާހަކަ ދެއްކި ގޮތުން ވިކާޝްއަށް ހީނލެވުނެވެ.

” ދެން ލިމްގެ ސަބްމެރިން.. އޯކޭ ޕެކްކޮށްލައިގެން ގެންދާނީ ދޯ..” އާލިކް އަވަސް އަވަހަށް އެތަނުގެ ވޭޓަރަކަށް ގޮވާލުމަށްފަހު ޕެކްކޮށްލުމަށް އެންގިއެވެ.

” ކާރުގަ ގެންގޮސްދެންތަ؟..” ލިމްނާ ދާން ހިނގައިގަތުމުން އާލިކް ބުނެލިއެވެ. އެވަގުތު ވިޝާއާއި ވިކާޝްވެސް އޭނާއާއި އެއްބަސްވިއެވެ.

” ނޫނޭ.. ގެ އެހާ ދުރެއް ނުވާނެ..” ލިމްނާ ފަހަތް ބަލާލަމުން އެހެން ބުނެލުމަށްފަހު ހިނިތުންވެފައި އިން ވިކާޝްއަށް ނަޒަރު ހުއްޓާލީ ކަތިގޮތަކަށެވެ.

” ގުޑް ނައިޓް..” ވިކާޝް މަޑުމަޑުން އެހެން ބުނެލި ނަމަވެސް ލިމްނާއަށް އެއަޑު އިވުނެވެ. ޖަވާބުގައި އޭނާވެސް ހިނިތުންވެލަމުން އެތަނުން ނުކުމެގެން ދިއުމުން ވިޝާ އިނީ ނުތަނަވަސްވެފައެވެ. އޭނާގެ ނުތަނަވަަސް ކަމުގެ ސިއްރަކީ ދެ ފިރިހެނުންނާއިއެކު ބޭރުގައި އިންނަން ޖެހުމު ން ކަމެއް ނުވަތަ އާލިކްގެ މާނަފުން ބެލުންތައް ނޫން ކަމެއްވެސް ނޭނގެއެވެ.

ކައި ނިންމާލުމަށްފަހު ވިކާޝްއާއި އާލިކްގެ އެދުމުގެ މަތިން ވިޝާވެސް ގެއަށް ދާން ގަސްތުކުރީ އެމީހުންނާއިއެކު ކާރުގައެވެ. ގެއާއި ހަމައަށް ދެވުނުއިރުވެސް ވިކާޝް ކޮށްލާ މަދު ސުވާލަކަށް ޖަވާބު ދިނުން ފިޔަވައި އިތުރު ވާހަކައެއް ވިޝާއެއް ނުދައްކައެވެ. ވިކާޝް ކާރު ދުއްވަން އިންިއރު އާލިކްގެ މަސައްކަތަކަށްވީ ލޯގަނޑުން ފަހަތުގައި އިން ވިޝާގެ ރީތި މޫނަށް ބަލަހައްޓައިގެން އިނުމެވެ. މުޅި އުމުރު ދުވަހު ބަލަހައްޓައިގެން އިނަސް ފޫހި ނުވާނެ ފަދަ ރީތިކަމެކެވެ.

” ވިކީ ހިނގާބަ ޝާޔަންމެން ގެއަށް.. ވިކީއަށް އޭނާގެ ގޮތް ރަނގަޅަށް ފެންނާނެ އޭރުން..” ވިޝާ ގެއަށް ވަނުމުން އާލިކް ވިކާޝްއަށް ބުނެލިއެވެ. އެއާއިއެކު ކުޑަ ހިނިތުންވުމަކާއިެކު ވިކާޝް ކާރުގެ މިސްރާބު ބަދަލުކޮށްލީ އެގޭދޮށަށެވެ.

” ޝާޔާ.. އާލިކް އައިސްފި..” އާލިކްމެން އެތެރެއަށް ވަނުމުން ޝާޔަންގެ ކޮޓަރީގައި ޓަކި ޖަހާލަމުން އޭނާއަށް ގޮވީ ޝާނީއެވެ. އެއާއިއެކު ދޮރު ހުޅުވާލާފައި ނުކުތް ޝާޔަން ފެނުމުން ވިކާޝްއަށް ސިހިފައި އާލިކްއާއި ދިމާއަށް ބަލާލެވުނީ އޭނާ ލައިގެން ހުރި ހެދުމުގެ ގޮތުންނެވެ. އަތް ކަނޑާފައިން ހުރި ހުދު ޓީޝާޓްކޮޅަކާއިއެކު ރީނދޫ ކުލައިގެ މާޖެހި ކަކުލަށްވުރެ މައްޗަށް ހުރި ސޯޓު ކޮޅާއިއެކު ހުރިއިރު އޭނާގެ ހަށިގަނޑުގެ ބޮޑުބައި އެވަނީ ހާމައަށެވެ.

“ހޭއި ވިކީ އައީތަ؟.. އަންގާވެސް ނުލައޭ.. އާލްވެސް ނުބުނޭ.. ކިހިނެތްތަ؟..” ވިކާޝް ފެނުމާއިއެކު ޝާޔަން ދުވެލާފައި ކަހަލ ގޮތަކަށް ގޮސް ސޯފާގައި އިށީނދެއިން ވިކާޝްގެ ފައިމަތީގައި އިށީނދެލުމަށްފަހު ހީނަލމުން އޭނާގެ ގައިގައި ބައްދާލިއެވެ. އެއާއިއެކު ދެލޯ ބޮޑުކޮށްލަމުން ވިކާޝްއަށް ބަލާލެވުނީ ކައިރީގައި އިން އާލިކްގެ މޫނަށެވެ. އޭރު އާލިކް ދަތްކުނޑި ވިކާލައިގެން އިސްޖެހިފައި އިނެވެ. ދުރުގައި ހުރި ޝާނީވެސް އެ މަންޒަރު ފެނުމުން ބޯ ހޫރާލަމުން ވަނީ ކޮޓަރިއަށެވެ.

” ރަނ.. ރަނގަޅޭ.. ޝާޔާ ކިހިނެތްތަ؟..” ޝާޔަން ގަޔާއި ދުރުކޮށްލަމުން ވިކާޝް ގަދަކަމުން ހިނިތުންވެލިއެވެ. ޝާޔަން އެގޮތަށް ގައިގައި އަތްލާ ހެދުމުން އޭނާއަށް އިނީ ވަރަށް އުނދަގޫވެފައެވެ.

” ޝާޔާ.. ވިކީއަށް ފެންތައްޓެއް ގެނެސްދޭށޯ..” ޝާޔަންގެ ގާތްކަމުގެ ސަބަބުން ވިކާޝްއަށް އުނދަގޫވިކަން އެނގުމުން އާލިކް މަސައްކަތް ކުރީ އޭނާ ދުރުކުރެވޭތޯއެވެ. އެވަގުތު ޝާޔަންވެސް ހީނލަމުން ދުވެލާފައި ބަދިގެތެރެއަށް ދިޔައެވެ.

” އޯހ މައި ގޯޑް..” ޝާޔަން ދިއުމާއިއެކު ވިކާޝް ދެލޯ ބޮޑުކޮށްލަމުން ވައި އަޑުން ބުނެލިއެވެ.

” ދެޓްސް ހާރ..” އާލިކް މޫނު އަނބުރާލަމުން ބުނެލިއެވެ.

” ދެން އެވަރުގެ މީހަކާ އެއްކޮށް އުޅެންތަ އާލްގެ ބައްޕަ ބޭނުންވަނީ..” މޫނުމައްޗަށް ރޫތަކެއް ވެރިކޮށްލަމުން ވައިއަޑުން ވާހަކަ ދެއްކިއިރު ވިކާޝްގެ އަޑުގައިވަނީ ނުރުހުމުގެ އަސަރެވެ.

” ނޭނގެ މަށަކަށް.. އެމީހުން…..” އާލިކް ބުނަން އުޅުނު ޖުމްލަ މެދުކެނޑުނީ ޝާޔަން ފެންތަށި ހިފައިގެން އަންނަތަން ފެނުމުންނެވެ. ޝާޔަން އައުމާއިއެކު ވިކާޝްއަށް އިންނަންޖެހުނީ ދަތްކުނޑި ވިކާލައިގެންނެވެ. ވާނީވެސް އެހެންނެވެ. ޝާޔަން އޭނާގެ ކުރިމަތީގައި ތުއި ދެއްކެމުން ބަނޑި ބަނޑި ލައްވާއިރު ހީވަނީ އެވަރުގެ ރީތިމީހަކު ނެތީހެންނެވެ. އޭނާގެ އެވައްތަރުތައް ފެނުމުން އާލިކްވެސް އިނީ މޫނު އަނބުރާލައިގެންނެވެ. ކިތަންމެ ވަރަކަށް މީހަކު ގަޔާވާ ހިތުން އުޅުނަސް އެ އަންހެންކުއްޖާގެ ކިބައިގައި އެކަހަލަ އެއްވެސް ސިފައެއް ނެތެވެ. ދުވަހުން ދުވަހަށް ފޫހިވުން ނޫންކަމެއް ނުވެއެވެ.

ޝާޔަންމެންގޭގައި މާގިނައިރު ވަންދެން މަޑުކުރުމެއްނެތި އާލިކްއާއި ވިކާޝް އެގެއިން ނުކުތީ ވިކާޝްގެ ރައްޓެއްސަކާއި ބައްދަލުކުރުމުގެ ބަހަނާގައެވެ. އެހެން ނަމަވެެސް އެގެއިން ނުކުތް ގޮތަށް އެމީހުންގެ މިސްރާބު ހުރީ އާލިކްގެ އެޕާޓްމެންޓަށެވެ.

” ދެން އާލް ހަމަ އޭނައާ މެރީ ކުރަނީތަ؟..” އާލިކްގެ ގެއަށް ވަނުމަށްފަހު އެނދުގައި ޖައްސާލަމުން ވިކާޝް އަހާލިއެވެ. އެވަގުތު ލައިގެން ހުރި ޓީޝާޓް ބާލަން ތައްޔާރުވެލި އާލިކްއަށް ލިބުނީ ކުއްލި ސިހުމެކެވެ. ވިކާޝް ބުނެލި އެއްޗަކުން އޭނާއަށް ހުރީ ހުއްޓުން އަރާފައެވެ. ތެދެކެވެ. އޭނާ ހަމަ ޝާޔަންއާއި ކައިވެނި ކުުރަނީ ހެއްޔެވެ؟ އޭނާގެ ހިތާއި ސިކުނޑިއާއި އަދިި މުޅި ހަށިގަނޑުވެސް އެކަމަށް ދެކޮޅު ހަދަމުން ދާއިރުވެސް އެކަން ކުރަނީ ހެއްޔެވެ؟

” އާލް..” އާލިކް އެއްޗެކޭ ނުބުނުމުން ވިކާޝް އޭނާގެ ނަމުން ގޮވާލިއެވެ.

” ކީއްވެ ތިހެން ތިއެހީ.. މަ ކުރިންވެސް ބުނީމެއްނު ޝާޔާއާ މެރީއެއް ނުކުރާނަމޭ.. ވިޝޫ ދެކެއޭ ލޯބިވަނީ..” އާލިކް ވިކާޝްއަށް ފުރަގަސްދެމުން ކޮޓަރީގައި ހުރި ގޮނޑީގެތެރެއަށް ޖެހިގަތެވެ.

” އެކަން އެނގެއޭ.. އެކަމު ދެން ތިކަން އާލްގެ ބައްޕަމެންނަށްވެސް އަވަހަށް އަންގަން ޖެހޭނެ.. ނޫނީ މާ ލަސްވީމަ ކަމަކު ނުދާނެ..ހޫމްމް ތިއެއް ނޫނޭ.. މަ މިއުޅެނީ ރާއްޖެތެރެއަށް ޖައްސާލަން ކަމަށް..” އާލިކްގެ ހަރަކާތްތައް  ހުރިގޮތުން އޭނާގެ ބޮލަށް އުނދަގޫވެފައިވާ މިންވަރު ވިކާޝްއަށް އިހުސާސް ކުރެވުނެވެ. އެހެންކަމުން އިތުރަށް އެވާހަކަ ދެއްކުމުގެ ބަދަލުގައި ވިކާޝް މަސައްކަތްކުރީ އެހެން ވާހަކައެއް ދައްކައިގެން އާލިކްގެ ހިތައް ހަމަޖެހުމެއް ހޯދައިދިނުމަށެވެ.

ޖެހިގެން އައީ ހުކުރު ދުވަސް ކަމުން ހެނދުނު ހޭލި ގޮތަށް ވިޝާގެ މަސައްކަތަކަށްވީ ކޮޓަރި ސާފުކޮށްލާ ތަންތަން ރީތިކޮށްލުމެވެ. ފާރުތަކުން މަކުނުވާ ފޮޅާ، ފަންކާ ފޮހެ ކޮޓަރިތެރެ ކުނިކަހާ މޮޕްލުމަށްފަހު އެނދުގައި އޮތް ބެޑްޝީޓާއި ދޮރުފޮއްޗަށް ދަންދެން ބަދަލުކޮށްލުމަށްފަހު ހިންދެމިލިއިރު ގަޑިން 11 ޖަހައިފިއެވެ. ކުރިން ރާވާފައި އޮތްގޮތަށް އޭނާ ބޭނުންވީީ މެންދުރުގެ ކެއުމަށް ރަނގަޅު އެއްޗެއް ހަދާލުމަށްފަހު ހަފްތާ ބަންދު އެގޭގައި ހޭދަކޮށްލުމަށް ލިމްނާއަށް ދަޢުވަތު ދޭށެވެ. އެހެންކަމުން މީރުކޮށް ސްޕެގެޓީއާއި ފްރައިޑް ރައިސް ގަނޑެއް ތައްޔާރުކޮށްލުމަށްފަހު ފެންވަރާ ނަމާދުކޮށް ހަދައިގެން އޭނާ ލިމްނާއަށް ގުޅާ އެގެއަށް އައުމަށް ދަޢުވަތު ދިނެވެ.

ލިމްނާ އައުމުން އޭނާއާއިއެކު އެދުވަސް ހޭދަވެގެން ދިޔައީ މަޖަލާއި ހިތްހަމަޖެހުމާއިއެކުއެވެ. ތެދެކެވެ. ވިޝާގެ އެކަނިވެރި ދިރިއުޅުމުގައި ކަންތައްތައް ހިއްސާކޮށްލެވޭ ފަދަ  އިތުބާރު ކުރެވޭ ރަހްމަތްތެރިއެއްކަމުގައި ލިމްނާ ވެއްޖެއެވެ. ލިމްނާއާއި އެކުގައި ވަގުތުތައް ހޭދަކޮށްލުމުން ވިޝާގެ އެކަނިވެރި ހިތައް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިފައިވެއެވެ. އެހެންކަމުން ވިޝާ އުފާވެލާފައި ހުރިތަން ފެނުމުން ލިމްނާވެސް އެއްވެސް ދެބަސްވުމެއް ނެތި ހޮނިހިރު ދުވަސްވެސް ހޭދަކޮށްލީ އެގޭގައެވެ. އާދިއްތަ ދުވަހު ދެމީހުން އެކުގައި އޮފީހަށްވެސް ދެވޭގޮތަށެވެ.

 ވިޝާއާއި އެކުގައި އެއްގޭތެރޭގައި އުޅެލުމުން ކޮންމެވެސް ވަރަކަށް ވިޝާގެ ދިރިއުޅުމާއިމެދު ލިމްނާއަށް ޝައުގުވެރި ވެވުނީކަންނޭނގެއެވެ. އެރޭ ނިދަން އޮތްއިރު ވިޝާއަށް ލިމްނާގެ އެސުވާލުތަކާއި ކުރިމަތިލާންޖެހުނެވެ.

” ވިޝޫ.. ދެން ވިޝޫގެ އެއްވެސް މީހަކު ނެތީތަ؟..” ލިމްނާ އޮށޯވެގެން އޮތުމަށްފަހު ތެދުވެ ދެފައި ވަށްކޮށްލަމުން ވިޝާއާއި ސުވާލުކޮށްލީ ޝައުގުން ފުރިފައިވާ ގޮތަކަށެވެ. ދެކުދިން ނިދަންތިބީ މުށިތައްމަތީގައި ބެޑްޝީޓެއް އަޅައިގެންކަމުން ވިޝާވެސް އޮތީ ލިމްނާއާއި ޖެހިގެން ކަހަލަ ގޮތަކަށެވެ. އެވަގުތު ވިޝާ ލިމްނާގެ މޫނަށް ބަލާލުމަށްފަހު ތެދުވީ ހިނިތުންވެލަމުންނެވެ.

” ހޫމްމް.. ބުނީމެއްނު ކުރިންވެސް..” ވިޝާ ތެދުވެގެން ކުޑަދޮރު ކައިރިއަށް ހުއްޓިލިއެވެ. އޭނާގެ ހަރާކާތްތައް ހުރިގޮތުން ވަރަށް ގިނަ ވާހަކަތަކެއް ދައްކަން ބޭނުންވެފައި ހުރިކަން ވަރަށް ފަސޭހައިން ލިމްނާއަށް ދެނެގަނެވުނެވެ.

” ވިޝޫ.. ހީކޮށްބަލަ މީ ވިޝޫގެ ސިސް އެކޭ.. ކިޔައިދީބަލަ.. ކޮބާތަ ވިޝޫގެ ފެމިލީ.. މަންމަ.. ބައްޕަ..” ލިމްނާ ވިޝާގެ ކައިރީގައި ހުއްޓިލުމަށްފަހު އޭނާގެ ކޮނޑުގައި އަތްބާއްވާލަމުން ހިތްހެޔޮކަމާއިއެކު ބުނެލިއެވެ. އެވަގުތު ވިޝާގެ ލޮލުން ވެއްޓުނު ކަރުނަތިކި ނުފެނުނު ކަމުގައިވިޔަސް އޭނާ ހުރީ އިންތިހާއަށް ދެރަވެފައިކަން ލިމްނާ ޔަގީން ކުރިއެވެ.

” ލިމް.. ހަގީގަތަށް ބުނާނަމަ އަހަރެންމީ ވަރަށް ނަސީބުދެރަ މީހަކީން……” ވިޝާ އޭނާގެ ހަޔާތުގެ ހަގީގަތްތަށް ލިމްނާއަށް ކިޔައިދޭންފެށީ އިތުރު ފަރާތެއްގެ އެހީތެރިކަމަށް އޭނާ ބޭނުންވެފައިވާތީއެވެ. އެންމެ ކުޑައިރުއްސުރެ ބައްޕައަކާއި ނުލައި ބީރައްޓެހި ރަށެއްގައި މަންމަ އޭނާ ބަލާބޮޑުކުރިގޮތާއި، އެންމެފަހުން އެމަންމަ ވަކިވެގެން ދިޔަގޮތް ވިޝާގެ ދުލުން ކިޔައިދެމުން ދިޔައިރު އެވާހަކަތައް އަޑުއަހަން އިން ލިމްނާގެ ލޮލުން ކަރުނަ ހިލުވާލިއެވެ. އެކުއްޖާގެ އެހިތްވަރުގަދަކަމާއި ކެތްތެރިކަން ހުރިވަރު އެނގުމުން ލިމްނާ އިނީ ހައިރާންވެގެން އަންތަރީސްވެފައެވެ. އެއްވެސް ޝަކުވާއެއްނެތި ޝުކުރުވެރކަމާއިއެކު ވިޝާ އުޅެމުންއެދާ އޮމާން ދިރިއުޅުމަކީ ހަމަގައިމުވެސް އެތައް ބަޔަކަށްވާ ލާމަސީލު މިސާލެކެވެ. ތެދެކެވެ. ލިމްނާމެން މަންމައާއި ބައްޕައާއި އާއިލާގެ ލޯތްބާއި އަޅާލުމާއިއެކު އުޅެމުންދާއިރުވެސް ކިރިޔާ ކަމެއް އުނިވިޔަސް ޝަކުވާ ކުރެވެއެވެ. އެކަމަކު އެފަދަ ލޯބިވެތިކަމަކާއި ނުލައި އުޅޭ ވިޝާ ފަދަ ކިތައް ކުދިން ދުނިޔޭގައި އުޅޭނެ ހެއްޔެވެ؟  ލިމްނާ ލޮލުން ވެއްޓުނ ކަރުނަތިކި ފޮހެލިއެވެ.

” އަދި ލިމްއަށް އެނގޭތަ؟.. އަހަރެންނަށް މަންމަ ނިޔާވި ފަހުން މަންމަގެ ސިޓީއެއް ފެނުނީ.. އޭގެން އަދި ކުރިން ނޭނގޭ އެތައް ހަގީގަތްތަކެއް އެނގުނު..” ވިޝާގެ އަޑުގައި ތުރުތުރެއް އުފެދިފައިވީނަމަވެސް އޭނާ މަސައްކަތް ކުރަމުންދިޔައީ ނުރޮއި ވޭތޯއެވެ. އެއީ ހަގީގަތުގައިވެސް ހިތްވަރުގަދަކަމާއި ކެތްތެރިކަމުގެ މިސާލެކެވެ.

” ދެން.. ދެން.. ކޮން ކަމެއް އެނގުނީ..” ލިމްނާ ޝައުގުވެރިކަމާއި އޯގާތެރިކަމާއިއެކު ވިޝާގެ އަތުގައި ހިފާލަމުން ސުވާލުކޮށްލިއެވެ. އެވަގުތު ވިޝާ ލަސްލަހުން ގޮސް މޭޒުމަތީގައި ހުރި އޭނާގެ އޮފީސް ދަބަސް ހުޅުވާލުމަށްފަހު ސިޓީއެއް ނަގާ ލިމްނާއަށް ދައްކާލިއެވެ.

“މީ އެސިޓީއަކީ.. މިހާރު އަހަރެންގެ އަތުގަ މަންމަގެ ހަމައެކަނި ހަނދާން.. އެމަންމަގެ ލޯބި ލޯބި ބަސްކޮޅު..” ވިޝާ އެސިޓީއަށް ބަލަން ހުރެ ބުނަމުން ދިޔައެވެ.

” މި ސިޓީ ކިޔާލީމަ  އެނގުނު އަހަރެން އަދި އެކނަިވެރި ނުުވާކަން.. މުސްތަގުބަލުގައި އުފާވެރި ދުވަސްތަކެއް އޮތްކަން.. ލިމްއަށް އެނގޭތަ؟.. މި ސިޓީގަ މަންމަ ބުނެފައި އޮތް އަހަރަނެްގެ ބޭބެއެއް ހުންނާނެއޭ..” ވިޝާ ލަސްލަހުން ލިމްނާގެ މޫނަށް ބަލާލިއެވެ. އެވަގުތު ލިމްނާގެ މޫނަށް ވެރިވީ ހައިރާންކަމެވެ.

” އެކަމު.. ވިޝޫއަކަށް ކުރިއަކުން ނޭނގޭތަ؟..”      ” ހމމ..  މަންމަ ވަސިއްޔަތް ކޮށްފައި އޮތީ ދޮންބެ ހޯދަން.. ދެކުދިން އެކީގައި އުޅެން.. ލިމްމް.. އަހަރެން މާލެއަށް އައީވެސް އެހެންވެ.. އެކި ގޮތްގޮތުން ބަލައިފިން ދޮންބެ ހޯދޭތޯ.. އެކަމު އަދި އެއްވެސް ކަހަލަ ކުރިމަގެއް ނުފެނެ.. އެކަމު މިހާރު އަހަރެންނަށް ހީވަނީ ވަރަށް ގާތުގައި ދޮންބެ ހުރިހެން… ނޭނގެ ކީއްވެ ކަމެއް.. ހުވަފެންތަކުގަވެސް ފެންނަނީ މަންމަގެ އުފާވެފައިވާ މޫނު.. ލިމްމް.. އަހަރެންނަށް ހީވަނީ ދޮންބެ ފެންނަން އުޅޭހެން.. ލިމް ހެލްޕް ވާނަން ދޯ..” ވިޝާ ލަސްލަހުން ދައްކަން ފެށި ވާހަކަ ނިމުނު އިރު އަވަސްވެގެން ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ. އެދެލޮލުން ފެންނަނީ އިންތިޒާރާއި އުންމީދުގެ ކުލަވަރެވެ.

” ވިޝޫ.. ޔަގީން ދޮންބެ ފެންނާނެކަން.. ﷲ އިރާދަކުރެއްވިއްޔާ ދެން މާ ގިނަ ދުވަހެއް ނުވާނެ.. އަހަރެން ވިޝޫއަށް އެހީވާނަން..” ވިޝާގެ އަތުގައި ހިފާ އޭނާގެ އުންމީދު އިތުރަށް ވަރުގަދަކޮށްދިނުމުގެ ގޮތުން ލިމްނާ ލޯތްބާއިއެކު ބުނެލިއެވެ. އެވަގުތު އޭނާގެ މޫނުމަތިން ފާޅުވަމުން ދިޔައީ ހިތްހެޔޮކަމާއި އޯގާތެރިކަމެވެ.

” ތެންކިޔޫ ލިމްމް..” ވިޝާ ކަރުނައިގެ ތެރެއިން ހިނިތުންވެލަމުން ލިމްނާގެ ކޮނޑުގައި ބޯ އަޅާލީ ﷲ އަށް ހަމްދުކުރަމުންނެވެ.

” ދެން ދީބަލަ ތި ސިޓީ ކިޔާލަން.. ދޮންބެ ހޯދާނީ ކިހިނެތްކަން ބުނެދީފަ އޮތްތަ..” ލިމްނާ ބޭނުންވީ ވަގުތުން ވަގުތަށް ވިޝާގެ ބޭބެ ހޯދުމުގެ މަަސައްކަތް ފަށާށެވެ.

” ނޫން.. ނަން އެކަނި ބުނެފަ އޮތީ.. ލިމް ކިޔާލަބަ..” ވިޝާ ބޯ ހިއްލާލުމެއްނެތި ލިމްނާއަށް ސިޓީދިއްކޮށްލިއެވެ. ލިމްނާ އެސިޓީ ކިޔަން ފެށީ ވިޝާ އޭނާގެ ކޮނޑުގައި ބޯ އަޅައިގެން އޮއްވައެވެ.

“ވިކާޝް..” ސިޓީ ނިންމާލުމަށްފަހު ލިމްނާއަށް މަޑުމަޑުން އެހެން ބުނެލެވުނުއިރު މޫނުމަތީގައި ސުވާލުމާކުތަކެއް އުފެދިފައިވެއެވެ. ހަމަ އެ ސުކުންތުގައި އޭނާގެ ހިތައް ވެރިވެގެން ދިޔައީ ވިކާޝްގެ ސޫރައެވެ. އަނެއްކާ ވާން މިއުޅެނީ ކިހިނެއްބާއޭ  އޭނާގެ ހިތައް އަރަމުން ދިޔައެވެ. ހަމަ އެވަގުތު އޭނާގެ ކޮނޑުގައި ބޯ އަޅާލައިގެން އޮތް ވިޝާއާއި އެސުވާލު ކުރަން ލިމްނާގެ ހިތައް އެރިއެވެ. ނަމަވެސް ވިޝާއަށް ނިދިފައި އޮތުމުން ލިމްނާ ގަސްދުކުރީ އެވާހަކަ ހެނދުނުން ދެއްކުމަށެވެ.

ހެނދުނު ހޭލައިގެން ސައި ބުއިމެއްނެތި ވިކާޝް  މިސްރާބުޖެހީ އާލިކްމެންގެއަށް ދިއުމަށެވެ. އޭނާ ބޭނުންވީ އާލިކް އޮފީހަށް ދިއުމުގެ ކުރިން އޭނާއާއި އެކުގައި ހެނދުނުގެ ސައި ބުއިމަށެވެ. އެހާ ކުރިން ދިޔައިރުވެސް އާލިކް އުޅެނީ ހޭލައިގެންނެވެ.

” އައްދެ.. މަ ހީކުރީ އަދި ނުހޭލާނެ..” ވިކާޝް ދިޔަގޮތަށް އާލިކްގެ ބޮލުގައި ޖަހާލަމުން ބުނެލިއެވެ.

” އަދި 8 ވިއްޔަ ޖެހީ.. ތީ 10 ޖަހާއިރު އޮފީހަށް ވަޑައިގަންނަވާ ބޭފުޅެއްނު..” ވިކާޝް އެނދުގައި އިށީނދެލަމުން އިތުރަށް ބުނެލިއެވެ. އޭރު އާލިކް ހުރީ އެއްމިޔަކަނުން ހިނިތުންވެލައިގެންނެވެ.  އޭނާ ހޭލާ ހުރުމުން ވިކާޝް ހައިރާންވާނެކަން ކުރިންވެސް އޭނާއަށް އެނގެއެވެ.

” ދެން މަ ވިއްޔާ ނުހޭލާނެ ދޯ..” އާލިކް އެއްބުމަ އަރުވާލަމުން ވާހަކަދެއްކިއިރު ހުރީ ކޮފީއެއް ހަދާށެވެ.

” ޔަގީނެއްނު..  ކޮންތާކަށް ދާން ތިއުޅެނީ؟..” ވިކާޝް ހީނލަމުން އަހާލިއެވެ.

” ހެހެ.. މީ އެއަރޕޯޓަށް ދާންޖެހޭތީ މިހާ ކުރިން ހޭލީ.. ބައްޕަ އެކޮޅުން މެހްމާނެއް ފޮނުވާތީ.. ރިސީވްކުރަން މަށޯ ހަމަ ދާންވީ..” ކޮފީތަށި ހިފައިގެން އިށީންނަމުން އާލިކް ވާހަކަ ދެއްކީ ފަރުވާކުޑަ ގޮތަކަށެވެ.

” އެހެންދޯ.. މަ ނުވަގަޑި ބައިގަ ފުރާތީ ދިމާނުވެދާނެތީ ބްރޭކްފާސްޓް ނަގަން ދާން މިއައީ.. ނުގުޅާ މިއައީ ނުހޭލާނެ ކަމަށް..  ދެން މިވީގޮތުން އެކަންވެސް ނުވީއެއްނު..” ވިކާޝް ބޯ ކަހާލަމުން ބުނެލިއެވެ.

“ސޮރީ ޑޫޑް.. ދެން ކޮފީއެއް ބޯލާ..” ކޮފީ ބޮއި ނިމިގެން ތުވާލި ހިފައިގެން ފާހާނާއަށް ވަންނަމުން އާލިކް ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ. އެވަގުތު ވިކާޝްގެ ޖަވާބަކަށްވީ ފިރިހެންވަންތަ ހީނލުމެކެވެ.އާލިކް ތައްޔާރުވެގެން ނުކުމެގެން ދިޔައިރުވެސް ވިކާޝް އެނދުގައި އެއޮތްގޮތަށް އޮތީއެވެ. އާލިކް އޭނާއާއި އެކުގައި ދާން ބުނުމުންވެސް ވިކާޝް ދެކޮޅު ހެދުމުން ދެން އެހެންވީއިރު އޮންނާށޭ ބުނެ އާލިކް ދިޔައީއެވެ. ވިކާޝް އާލިކްގެ އެނދުގައި ނިތުގައި އަތްބާއްވާލައިގެން އޮތީ ވިސްނުމަކަށް ގެއްލިފައެވެ.   އޭނާގެ ފިރިހެންވަންތަ ވަރުގަދަ ދެބުމަ ކައިރިވެފައިވާއިރު މޫނުމަތީގައި ހުރީ ސީރިއަސް ކަމެވެ. ޝައްކެތް ނެތެވެ. އޭނާގެ ހިތާއި ސިކުނޑިއަށް އުނދަގޫ ކުރަމުން އެދަނީ އޭނާގެ ލޯބިވާ އާއިލާގެ ހަނދާންތަކެވެ. އޭނާގެ ފޯނު ރިންގުވާންފެށީ އެވަގުތުއެވެ.

” ހަލޯ.. އެހެންތަ އާނ އޯކޭ..” ފޯނަށް ޖަވާބު ދިނުމަށްފަހު ވިކާޝް ފޯނު އެނދުމަތީގައި ބޭއްވީ އާދައިގެ ވަރަށްވުރެ ބާރަށެވެ. ވާނީވެސް އެހެންނެވެ. ފުރުން މެންދުރަށް ލަސްވާނެކަން އެނގޭނަމަ އޭނާ އާލިކްއާއި އެކީގައި ދިޔައީހެވެ. އޭނާގެ އޮފީހަށްވެސް އެއީ ޗުއްޓީއެއް ދީގެން އުޅޭ ދުވަހެއް ކަމުން އޮފީހުގައިވެސް ކަމެއް ނޯންނާނެއެވެ. ދެން އަނެއްކާ ފޫހިވުން ނޫންކަމެއް ނުވާނެއެވެ. އެންމެފަހުން ޚިޔާލުތައް ގިނަވެ ބޮލަށް ބަރުވާ ގޮތްވާން ފެށުމުން ވިކާޝް ތެދުވެ ކޮޓަރިތެރެއަށް ނަޒަރު ހިންގާލީ ކުރާނެ އިތުރު ކަމެއް ފެނޭތޯއެވެ.  ވިސްނަން އިނުމަށްފަހު މޮޅު ޚިޔާލެއް އައިސްގެން ވިކާޝް ހިނިތުންވެލަމުން ތެދުވީ އާލިކް އަންނަންވާއިރަށް އެ ކޮޓަރިތެރެ ރީތިކޮށްލުމަށެވެ. އޭނާ ބޭނުންވީ އޭނާ އެކަން ކުރުމުން އާލިކް ބުނާނެ އެއްޗަކާއި، ހަރަކާތްތައް ހުންނަގޮތެއް ބަލާލުމަށެވެ. ތެދެކެވެ. އެދެވެރިންގެ ދެމެދުގައި ކޮންމެ ކަމެއް ވިޔަސް ވާނީ ސަކަރާތަކަށެވެ.

އެންމެ ފުރަތަމަ މޭޒުމަތީގައި ހުރި ލިޔެ ކިޔުމުގެ ސާމާނުތައް ތަރުތީބުކޮށްލުމަށްފަހު ދެން ވިކާޝް އުޅުނީ ހެދުން ހަރުގައި ހުރި އެއްޗެހިތައްވެސް ރީތިކޮށް ތަރުތީބުކޮށްލާ ހަމައަކަށް އަޅުވާލުމަށެވެ. އެހެން ނަމަވެސް އޭނާގެ ސަމާލުކަން އަނބުރާލީ އެންމެ ފުރަތަމަ ނެގި އާލިކްގެ އޮފީހަށްދާ ފަޓްލޫނުގެ ޖީބުން ވެއްޓުނު ކަރުދާސްގަނޑެވެ. މަޑުމަޑުން ފަޓްލޫނު ބެހެއްޓުމަށްފަހު ވިކާޝް އެކަރުދާސް ގަނޑުނަގާ ހުލުވާލީ އެއީ އޮފީހުގެ ކޮންމެވެސް އެއްޗެއް ކަމުގައި ހީކޮށްފައެވެ. ނަމަވެސް އެ ހުޅުވާލުމާއިއެލު ލިޔެފައިވާ ދިގު ސިޓީ ފެނުމުން ވިކާޝްގެ ހުރިހާ ޝައުގުވެރިކަމެއް އެއަށް ހުއްޓި އެނދުގައި އިށީނދެލެވުނީ ބޭއިޚްތޔާރުގައެވެ.

” މަންމަގެ ލޯބިވާ ދަރިފުޅު…. ވިޝޫ؟..” ސިޓީގެ ފުރަތަމަ ޖުމްލަ ކިޔާލުމާއިއެކު ވިކާޝްގެ މޫނަށް ހައިރާންކަމުގެ ކުލަވަރުތައް ރޫތަކެއްގެ ސިފައިގައި ބަރިބަރިއަށް ވެރިވެގެންދިޔައެވެ. ހަމަ އެއާއިއެކު އެސިޓީ ކިޔުމުގެ ޝައުގުވެރިކަންވެސް ދެގުނައަށް އިތުރުވެގެން ދިޔައެވެ.

ސިޓީ ކިޔާ ނިންމާލެވުނު އިރު ވިކާޝްއަށް އިނދެވުނު ތަންވެސް ނޭނގުނެވެ. އޭނާ ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއްވެސް އޭނާއަކަށް ނޭނގުނެވެ. ދެން ހަދަންވީ ކިހިނެތްކަމެއް ނުވަތަ ދެން ދާންވީ ކޮންތާކަށް ކަމެއްވެސް ނޭނގުނެވެ. ވިކާޝްއަށް ކުރެވުނުހާވެސް ކަމަކީ ކަރުނުން ފުރިގެންވީ ދެލޮލާއިއެކު އެސިޓީއަށް ބަލަހައްޓައިގެން އިނުމެވެ.ތުރު ތުރު ލަމުން ދިޔަ އަތުން އެސިޓީ މޭގައި ޖައްސާލުމެވެ. އޭނާއަށް އެނގޭހާވެސް އެއްޗަކީ އެއީ އޭނާގެ މަންމަގެ ވާހަކަތައްކަމެވެ. އެމަންމަ މިހާރު ދުނިޔޭގައި ނުވާކަމެވެ. އޭގައި ބުނެފައިވާ ވިކާޝްއަކީ އޭނާކަމެވެ. އެސިޓީގެ ވެރިފަރާތަކީ އޭނާގެ ކޮއްކޮ ކަމެވެ. ކޮންފަދަ ބޮޑު އިއްތިފާގެއް ހެއްޔެވެ؟

” މަންމަ…” ވިކާޝްގެ ދުލުން މަޑު މަޑު އާހަކާއިއެކު އެ ލަފްޒު ނުކުތްއިރު އޭނާއަށް ރަނގަޅަށް ރޮވިއްޖެއެވެ. އެ ފިރިހެންވަންތަ ދެލޮލުން ހިފެހެއްްޓުމެއްނެތި ކަރުނަތައް އޮހޮރިގަތެވެ. ދެއަތުން މޫނު ފޮރުވާލަމުން ބާރުބާރަށް ރޯން ފެށިއެވެ. ިއސްތަށިގަނޑުގައި ބާރަށް ހިފަހައްޓާލުމަށްފަހު ކައިރީގައި ހުރި މޭޒުގައި ބޯ ޖަހާލިއެވެ.

” ވިޝޫ….” އިރުކޮޅެއްގައި އެހެން އޮތުމަށްފަހު ވިކާޝް ބޯ ހިއްލާލީ ކުއްލިއަކަށެވެ. އޭނާގެ ކޮއްކޮއަކީ ވިޝާ ހެއްޔެވެ؟ ވިޝާ ފެނުމުން އާދަޔާ ޚިލާފް އިހުސާސްތަކެއް ކުރެވުނީ އެހެންވެގެން ހެއްޔެވެ؟ އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ހިތް ދެވުނު އަންހެން ކުއްޖަކީ އޭނާގެ ލޯބިވާ ކުޑަ ކުޑަ ކޮއްކޮ ހެއްޔެވެ؟ ވިކާޝްއަށް ހީނލެވުނެވެ. ހަމަ އެއާއިއެކު އަނެއްކާވެސް ރޮވުނެވެ. ހަމަ އެ ސުކުންތުގައި ކަރުނަތައް ފޮހެލުމަށްފަހު ދެވަނަ ފަހަރަށް ސިޓީވެސް ކިޔައިފިއެވެ. ތެދެކެވެ. މީހަކު އުންމީދުނުކޮށް ހުއްޓާ ކުއްލިއަކަށް އެފަދަ ބޮޑު ހަގީގަތެއް ހާމަވެއްޖެނަމަ ވާނުވާނެސް އޮޅިދާނެއެވެ. ވިކާޝްއަށްވެސް ވެފައިހުރީ އެފަދަ ގޮތެކެވެ. އެންމެފަހުން ދެތިން ހަތަރު ފަހަރު ސިޓީ ކިޔުމަށްފަހު އާލިކްގެ ގެއިން ނުކުމެގެން ބޭރަށް ހިނގައިގަތީ އެސިޓީވެސް ހިފައިގެންނެވެ. ގެއަށް ދެވުނުއިރު މީހާ ކޮންމެވެސް ވަރަކަށް ހަމަޖެހި ސިކުނޑި ރަނގަޅަށް މަސައްކަތް ކުރަންފަށައިފިއެވެ. ވިކާޝް އޭނާއާއި އޭނާގެ ކޮއްކޮގެ ކުޑައިރުގެ ތަސްވީރު އަތަށްލައިގެން އިނދެ ވިސްނަމުން ދިޔައީ އާލިކް އޭނާގެ ގާތުގައި އެވާހަކަ ނުބުނި ސަބަބާއި މެދުގައެވެ. އެސިޓީގައި އޭނާގެ ނަން އިނުމުންވެސް ބުނެލި ނަމައެއް ނޫން ހެއްޔެވެ؟ ޔަގީނެވެ. އާލިކް އެއުޅުނީ ވިޝާއަށާއި އޭނާއަަށްވެސް ސަޕްރައިޒެއް ދޭށެެވެ. ވިކާޝް ފަނޑުގޮތަކަށް ހިނިތުންވެލިއެވެ. ދެން އާލިކްއަށް ސަޕްރައިޒް ދޭނީ އޭނާއެވެ. އެކަމަކު މިވަގުތު ދެން އޭނާއަކަށް އޭނާގެ ކޮއްކޮއާއި ދުރުގައި އެންމެ ސުކުންތެއްވެސް މަޑެއް ނުކުރެވޭނެއެވެ. އަވަސް އަވަހަށް އާލިކްގެ އޮފީހާއި ދިމާއަށް ދިއުމަށް ހިނގައިގަތް ވަގުތު ހުއްޓެން މަޖުބޫރުވީ ގޭތެރެއިން އިވުނު ބާރު އަޑުފައްގަނޑެއްގެ ސަބަބުންނެވެ.

ހެނދުނު ހޭލައިގެން އޮފީހަށް ދާން ތައްޔާރުވީއިރުވެސް ލިމްނާގެ ހިތުގައި ހިނގަމުންދިޔައީ ރޭގައި އޭނާ ކީ ސިޓީގެ ފޮޅުވަތްތަކެވެ. އެ ސިޓީގެ ނިންމުމުގައި ބުނެފައި އިން “ވިކާޝް” އެނަމެވެ. ވިޝާގެ ބޭބެގެ ނަމަކީ ވިކާޝް ކަން އެނގުމުން ލިމްނާއަށް ކުރެވެމުންދިޔައީ މުޅިން އެހެން ކަހަލަ އިހުސާސްތަކެކެވެ. އެއީ އަނެއްކާ އާލިކްގެ ރަހްމަތްތެރި ވިކާޝް ނޫންބާވައެވެ. އޭނާގެ ހަނދާނަށް އަންނަމުން ދިޔައީ ކުރީ ރޭގައި ވިޝާ ވިކާޝްގެ ލޮލުގެ ކުލައާއިމެދު ސުވާލު ކުރިގޮތެވެ. އެކަމުގެ ސިއްރަކީ ކޮބައިބާވައެވެ.  ފަތިހުއްސުރެ ހޭލައިގެން އުޅުނުއިރުވެސް އޭނާ އެވާހަކަ ވިޝާ ގާތުގައި ނުބުނެވިގެން އެއުޅެނީ ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ލިބިފައިވުމުންނެވެ. ނަމަވެސް ވިޝާއަށް އެހީތެރިވާން ބޭނުންނަމަ އޭނާ ޖެހޭނީ އެކަންވެސް ކުރާށެވެ.

“ލިމްމް.. ކިހިނެތްވެފަތަ މިއަދު ހޭލިއްސުރެ.. އަދި ރަނަގަޅަށް އަނގައިން ނުބުނެ..” އޮފީހަށް ދާން ތައްޔާރުވެލައިގެން ކޮޓަރިތެރެއިން ނުކުތް ވިޝާ ބޭރުގައި އިން ލިމްނާގެ ކޮނޑުގައި ކޮއްޓާލިއެވެ.

” އެނނ.. ހޫމްމް.. މިވިސްނަނީ ވިޝޫގެ މަންމަގެ ސިޓީއާމެދު..” ލިމްނާ ވިޝާއަށް ބަލާލަމުން އެއްވެސް ފޮރުވުމެއްނެތި އޭނާގެ ހިތުގައި އޮތް އެއްޗެއް ބުނެލިއެވެ. އެވަގުތު ހިނިތުންވެފައި ހުރި ވިޝާގެ ހިނިތުންވުނެ ފަނޑުވެ މޫނުމައްޗަށް މާޔޫސްކަން ވެރިވެގެންދިޔައެވެ.

” ލިމް.. އަހަރެން ބޭނުމެއް ނޫން އަހަރެންގެ ކަމަކާމެދު ލިމް ތިގޮތަށް ފިކުރު ކުރާކަށް.. އެހެން ނޫނަސް އޭމް ހެޕީ ވިތް ވަޓް އައި ހޭވް.. ދެންން.. ހިނގާ އޮފީހަށް ދާން..” ވިޝާ މަސައްކަތްކުރީ އެވާހަކަ އެހިސާބުން ނިންމާލުމަށެވެ. ހަގީގަތުގައިވެސް އެކަމާއިމެދު އެހެން މީހުން އެހާވަރަށް ވިސްނުމަކީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ.

” ވިޝޫ.. އަދި އެބަހުރި ވިއްސަކަށް މިނެޓް.. އިހަށް އިށީނދެބަލަ.. އެހެން ނޫނަސް އެހަރެން ނޫޅެމޭ އެކަމާ ވިސްނާ ބޯގޮއްވާކަށް.. ވިޝޫ ބުނީމެއްނު ހެލްޕް ވެދޭށޭ.. އެހެންވެގެން ހެލްޕް ވެދެން މިއުޅެނީ..” ލިމްނާ ވިޝާގެ އަތުގައި ހިފުމަށްފަހު ގޮނޑީގައި ބައިންދަމުން ލޯތްބާއިއެކު ބުނެލިއެވެ. އެވަގުތު ވިޝާގެ ބޮޑު ބޮޑު ލޮލުން ލިމްނާގެ މޫނަށް ބަލާލީ މައުސޫމް ގޮތަކަށެވެ.

” ވިޝޫ.. ވިޝޫގެ ދޮންބެގެ ނަން  ނޫން އެހެން މައުލޫމާތެއް ނޭނގޭތަ؟..” ލިމްނާ މޫނުމައްޗަށް  ވެއްޓިފައި އިން އިސްތަށިކޮޅު ކަންފަތްދޮށަށް ލައްވާލަމުން ސުވާލުކޮށްލިއެވެ. އެވަގުތު ވިޝާ މަޑުމަޑުން ހޫމް އަޅުވާލަމުން ބޯ ޖަހާލިއެވެ.

” ދެން.. ވިޝޫއަށް އެނަން ކިޔާ މީހަކާއި ބައްދަލުވެއްޖެތަ؟..” ލިމްނާ ވިސްނުންތެރިކަމާއިއެކު އަނެއްކާވެސް ސުވާލުކޮށްލީ ވިޝާއަށް ވިކާޝްގެ ނަން އެނގިފައި އޮތްތޯ ބެލުމުގެ ބޭނުމުގައެވެ. އެސުވާލަށްވެސް ވިޝާ ނޫނެކޭ ބުނެލީ ބޮލުގެ ހަރަކާތުންނެވެ. އެއާއިއެކު ލިމްނާ ލޯބޮޑުކޮށްލަމުން މާނޭވާއެއް ބޭރުކޮށްލީ ވިޝާއަށް ނޭނގޭ ގޮތަށެވެ. އަނެއްކާ އޭނާގެ ޝައްކަކީ ހަގީގަތެއް ހެއްޔެވެ؟

” ވިޝޫ ކުރީ ރޭ ވިކީ ސަރގެ ލޮލުގެ ކުލައާއި ބެހޭގޮތުން ސުވާލުކުރީ ކީއްވެ؟..” ލިމްނާ މިފަހަރުވެސް ސުވާލުކޮށްލީ ވިސްނުންތެރި ކަމާއިއެކުގައެވެ. ނަމަވެސް މިފަހަރުގެ ސުވާލާއިއެކު މަޑުމަޑުން އިން ވިޝާގެ ހަރަކާތްތަކަށް ހުއްޓުމެއް ވެރިވިއެވެ. ލަސްލަހުން އެނބުރިލާ އޭނާ ލިމްނާގެ މޫނަށް ބަލާލީ ސުވާލުން ފުރިގެންވާފަދަ ގޮތަކަށެވެ.

” އެ.. އެއީ.. މަންމަ ލޮލުގަވެސް ހުންނަނީ ގްރީން… އެހެންވެ..” ވިޝާއަށް ޖަވާބުދެވުނީ ލަސްލަހުންނެވެ. ލިިމްނާ ބުނަން އެއުޅެނީ ކޮން އެއްޗެއްކަން އޭނާއަށްވެސް ކޮންމެވެސް ވަރަކަށް ވިސްނެންފެށީ ކަންނޭނގެއެވެ. އެޖަވާބާއިއެކު ލިމްނާއަށް އިތުރަށް ލޯބޮޑުކޮށްލެވުނެވެ. އަވަސް އަވަހަށް ވިޝާގެ އަތުގައި ބާރަށް ހިފަހައްޓާލަމުން ފަނޑު އެހެނަސް އުންމީދީ ގޮތަކަށް ހިނިތުންވެލިއެވެ.

“ވިޝޫ.. އަށް.. އެނގޭތަ.. ވިކީ ސަރގެ އަސްލު.. ނަން..” ލިމްނާއަށްވެސް މިފަހަރު ވާހަކަ ދެއްކުނީ ލަސްލަހުންނެވެ. އޭނާ ވާހަކަ ދެއްކިއިރު ވިޝާވެސް ދެލޯ ބޮޑުކޮށްލައިގެން ލިމްނާ ބުނާނެ އެއްޗެއްގެ އިންތިޒާރުގައި އޭނާގެ މޫނަށް ބަލަހައްޓައިގެން އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އެހެންކަމުން ލިމްނާގެ އެސުވާލުން ވިޝާއަށް ހިންދިރުވާލެވުނެވެ. އިތުރަށް ނޭވާ ހިފަހައްޓާލަމުން އޭނާ ބޮލުގެ ހަރަކާތުން ނޫނެކޭ ބުނެލީ ވާން އެއުޅެނީ ކިހިނެއްކަން އިހުސާސްކުރެވޭ ހާލުގައެވެ.

“ވި.. ވިކ.. ވިކާޝް..” ލިމްނާ ލަސްލަހުން ބުނެލިއެވެ. އެއާއިއެކު ވިޝާއަށް އަނގަމަތީގައި އަތްއެޅުނެވެ. ފެންކަޅިވަމުން ދިޔަ ދެލޯ ބޮޑުކޮށްލެވިއްޖެއެވެ. ހިނދުކޮޅަކަށް އޭނާގެ ހަށިގަނޑަށް ފިނިކަން އިހުސާސްވީކަހަލައެވެ. އަނެއްކާ ވިކީ އަކީ އޭނާގެ…. ވިޝާއަށް ކޮޅަށް ތެދުވެވުނެވެ. އެ ޒުވާނާ ފެނުމުން އޭނާގެ މަންމަ މަތިން ހަނދާންވީ އެހެންވެގެން ހެއްޔެވެ؟ އޭނާގެ ބަލަދުވެރިޔާއަކީ އެޒުވާނާ ހެއްޔެވެ؟ އޭނާގެ ދޮންބެއަކީ އެއީ ހެއްޔެވެ؟ މަންމަގެ ވިކާޝްއަކީ އެއީ ހެއްޔެވެ؟ ވިޝާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ.

” ވިޝޫ.. އިޓްސް ޕޮސިބަލް.. ވެދާނެނު އެއީ ކަމަށް.. ލޮލުގެ ކުލަވެސް.. ނޫންތަ؟..” ވިޝާއަށް ވީގޮތް ބަލަން ހުރެފައި ލިމްނާ މަޑުމަޑުން ބުނެލިއެވެ. އެވަގުތު ކުއްލިއަކަށް ވިޝާ އޭނާގެ އަތުގައި ހިފާލިއެވެ.

“ލިމް.. ލިމް ހިނގާ އޮފީހަށް.. އެންމެ އަވަހަށް ދިމާވާނީ އޮފީހުން.. އހަ.. އަހަރެން އަހާނަން.. މިއަދު.. މިއަދު އަހާނަން.. އެނގޭނެ.. އެނގޭނެއެއްނު.. ދޯ..” ވިޝާގެ ހަރަކާތްތައް ހުރީ އަވސްވެފައެވެ. އެހެންކަމުން ލިމްނާވެސް އިތުރު ވާހަކައެއް ދެއްކުމެއްނެތި އަވަސްވެގަތީ ވިޝާއާއި އެކުގައި އޮފީހަށް ދެވޭތޯއެވެ.

ވިކާޝްއަށް އޭޑީކޭ ހޮސްޕިޓަލްއިން ނުކުމެވުނު އިރު 10 ޖަހަނީއެވެ. އޭރުވެސް އޭނާގެ ހަރަކާތްތައް އަވަހެވެ. މޫނުމަތީގައިވާ ކުލަވަރު ތަފާތެވެ. އަވަސް އަރުވާލާފައި ވިޝާއާއި ބައްދަލުކުރަން ދާން އުޅުން ވަގުތު ގޭގައި އުޅޭ ފާތިމާ ސިޑިން ވެއްޓުމުން ވިކާޝްގެ ފުރަތަމަ ޒިންމާއަކަށްވީ އޭނާ ހޮސްޕިޓަލަށް ގެނެސްދިނުމެވެ. ތެދެކެވެ. އަމިއްލަ ކަމަކަށް ކިތަންމެ ބޮޑަކަށް ބޭނުންވެފައި ހުއްޓަސް އެހެން މީހުން އެހީތެރިކަމށް އެދޭ ވަގުތުގައި އޭނާ އެމީހަކަށް ފުރަގަހެއް ނުދޭނެއެވެ. ކޮންމެއަކަސް ހޮސްޕިޓަލްއިން ނުކުތްގޮތަށް ވިކާޝް ސައިކަލުގައި ނައްޓާލީ 22 އަހަރު ދުވަހު ކުރި އިންތިޒާރުގެ ނިމުން އަތުވެއްޖެކަމުގެ އިހުސާސް ކުރެވެމުންދާތީއެވެ. ލަހެއް ފަހެއް ނެތި އޭނާ އެދަނީ އޭނާގެ ކޮއްކޮ ގާތަށެވެ.

އޮފީހަށް އައުމަށްފަހު ގަޑިއެއްހާއިރު ހޭދަވީއިރުވެސް ވިޝާއަށް އެއްވެސް މަސައްކަތެއް ނުކުރެވުނެވެ. ކެބިން ތެރޭގައި ދެކޮޅަށް ހިނގާލާ ހިނގާލާ ހުރެފައި އިރުކޮޅަކުން އާލިކްގެ މޭޒު ވަތްގަނޑުން “ޕާޓްނަރޝިޕް ބިޒްނަސް” ޖަހާފައި އޮތް ފައިލްވެސް ނަގައިފިއެވެ. އަވަސް ނޭވާތަކެއް ލަމުން ވިޝާ އެއިން ޗެކް ކުރީ ވިކާޝްގެ ފުރިހަމަ ނަމާއި އެޑްރެހެވެ. އަދި ގުޅޭނެ ފޯނު ނަމްބަރާއި އިތުރު ބައެއް މައުލޫމަތެވެ.

” އަހްމަދު ވިކާޝް..” ވިޝާ ވިކާޝްގެ ނަމްބަރު ފޯނުގައި ޖަހާލަމުން މަޑުމަޑުން ބުނެލިއެވެ. ބާރުބާރަށް ތެޅެމުން ދިޔަ ހިތަކާއިއެކު އޭނާ ހުރީ ހަދާނެގޮތެއް ނޭނގިފައެވެ. ވިކާޝް އަންނަންދެން މަޑުކުރަންވީ ހެއްޔެވެ؟ ނުވަތަ ގުޅައިގެން ގެންނަންވީ ހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް ދެން އޭނާއާއި އެސުވާލުތައް ނުކޮށް ހުރުމަކީ ވިޝާއަށް ކުރެވޭނެ ކަމެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ހިތް އެދެމުން ދިޔައީ އޭނާގެ ދޮންބެއާއި ބައްދަލުވުމަށެވެ.

އޮފީހުގެ ރިސެޕްޝަނުގައި އަވަދިނެތި މަސައްކަތުގައި އިން ލިމްނާ ކުއްލިއަކަށް ސިއްސައިގެން ދިޔައީ ބާރުބާރަށް އޮފީހުގެ ދޮރު ހުޅުވާލާފައި ވަދެގެން އައި ވިކާޝް ފެނުމުންނެވެ. މީހަކަށް ބަލާލުމެއްނެތި ބާރުބާރަށް ގޮސް ސިޑިއަށް އަރައިގެންދިޔަ ވިކާޝްއާއި ދިމާއަށް ބަލަހައްޓައިގެން ލިމްނާ އަށް ހުރެވުނީ އަވަސްވެފައިވާ ހިތަކައިގެންނެވެ. ހިތާއިހިތުން ވިޝާއަށް ދެރަގޮތެއް މެދުވެރި ނުކުރައްވާތޯ އޭނާއަށް ދުއާކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ.

ހިތްއަވަސް ވެފައިވާ ހާލު ވިކާޝް ދުވެފައިގޮސް އާލިކްގެ ކެބިން ހުޅުވާލީ ފުންނޭވާއެއް ބޭރުކޮށްލަމުންނެވެ. އެވަގުތު ކެބިންގެ ތެރޭގައި ހުރި ވިޝާއަށްވެސް ލިބިގެންދިޔަ ސިހުމާއިއެކު ދޮރުމަތީގައި ހުރި ވިކާޝް ފެނުމުން ހަރަކާތްތައް މަޑުޖެހިލިއެވެ. ފުންނޭވާތަކެއް ލަމުންދިޔަ ވިކާޝްގެ ހޭވިފައިވާ އިސްތަށިގަނޑާއި މޫނުމަތީގެ ކުލަވަރުތަކުން ވިޝާއަށް އެއްޗެއް ބުނެދޭން އުޅޭފަދައެވެ. ވަގުތުން އެބޮޑު ބޮޑު ދެލޮލަށް ކަރުން ގިނަވެ މޫނުމަތީގެ މައުސޫމްކަން އިތުރުވެގެންދިޔައެވެ. އެ ލޯބި ލޯބި މައުސޫމް މޫނާއި ކަރުނުން ފުރިގެންވާ ބޮޑު ދެލޯ ފެނުނު ހިނދު ވިކާޝްގެ ދެލޯވެސް ފެންކަޅިވިއެވެ. އެހިތުގައިވާ އެއްބަނޑު އެއްބަފާވަންތަކަމުގެ ލޯބި އުތުރި އަރައިގެން ދިޔަފަދައެވެ. ލަސްލަހުން ތުންފަތުގައި ދަތްއަޅާލަމުން ވިޝާއާއި ދިމާއަށް ދެއަތް ފުލާކޮށްލީ އަންނާށޭ ބުނާފަދަ ގޮތަކަށެވެ. އެވަގުތު ބެލެނިވެރިއެއްގެ ލޯތްބާއި ހިމާޔަތަށް ފެންބޮވައިގަނެފައި ހުރި ވިޝާއަށް ދުވެފައިގޮސް ވިކާޝްގެ އަތުތެރެއަށް ވަދެވުނީ އިތުރު ވިސްނުމަކާއިނުލައެވެ.

ނުނިމޭ

 

 

Share Article

Follow Me Written By

laya

Level 110 Stories

Other Articles

Previous

ތީ މަގޭ ޔާރެކޭ….(ދެވަނަ ބައި)

Next

ކަރުނަ އޭގެ އިންތިހާ……..10 ވަނަބައި

Next
February 26, 2014

ކަރުނަ އޭގެ އިންތިހާ……..10 ވަނަބައި

Previews
February 26, 2014

ތީ މަގޭ ޔާރެކޭ….(ދެވަނަ ބައި)

15 Comments!

  1. salhiey says:
    February 26, 2014 at 5:36 pm

    Hama v v v v v v furihama, rovvaalaifi, waiting for next part..keep it up layaa

  2. meesham says:
    February 26, 2014 at 6:35 pm

    varah varah varah nice. plx plx avahah up kohdeh chey, so curious to read next part.

  3. Arlie says:
    February 26, 2014 at 7:32 pm

    waiting for the next part, varah avahah upload kurahchey, very curious.. keep it up laya

  4. me says:
    February 26, 2014 at 7:46 pm

    wow wow wow wow….. rovijje, v v v v nice, can’t wait to read d next part

  5. inaaa says:
    February 26, 2014 at 8:51 pm

    vvvvvvvvvvvvvvvvvvvvvvvv
    reeeeethi.

  6. manko says:
    February 26, 2014 at 8:55 pm

    alhey haadha salhiey mi vaahaka.. avahah vaahakige anehbai up kohba

  7. sheen says:
    February 26, 2014 at 9:18 pm

    Vvvvv nice avahah upkohladheythi plx

  8. aroo says:
    February 26, 2014 at 9:24 pm

    vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv nice rovijje….waiting 4 the next part.varah avahah upload kohdhehchey layaa.keep it up

  9. hazu says:
    February 26, 2014 at 10:15 pm

    vaahaka rythi kamun 2 fahrah miky..hardha furihama e mi vaahaka.. dhn layaa avahah up kohfa kurin nimmi hisaabun countinue kohba plxx.. vvv salhi mi story

  10. ރަޝް says:
    February 26, 2014 at 10:44 pm

    ހަމައެއްނުޖެހޭ؟؟؟؟؟ ދެމީހުންއަތުގަ އެއް ސިޓީއެއްތަ؟؟؟ ކުރިން އާލިކް ނަގާފައޮތް ސިޓީއެއް ކީތްވެ ވިޝާަތުގަ އޮންންންވީ!!!!!!!!!!

  11. me says:
    February 26, 2014 at 11:46 pm

    rash vaahaka ehkn nukiyanya hama eh nujeheyne dhw, aal ofyhga indhefa e letter ge copy eh negi vaahaka dhiya kan engeytha

  12. has says:
    February 27, 2014 at 12:09 am

    Vvvvvvvvvvvvvvvvvvvvvvvvv nice waiting for the next part

  13. fan of ur story says:
    February 27, 2014 at 9:39 am

    wating for the next part …. varah varah salhi ..

  14. na says:
    February 27, 2014 at 5:40 pm

    haadha lahey plx avahan up kh dheeba…waiting for next part…v salhi story…..

  15. l says:
    March 15, 2014 at 7:38 pm

    Nice

Comments are closed.


All Right Reserved!