އެކުގައިވާން އެދެމޭ… 9
” ކީކޭތަ ހިތައް އަރަނީ.. ކަލޭ ކިޔާހާ އެއްޗެއް އަޑު އަހަން މަ މީ ގަމާރެއް ކަމަށްތަ.. ނޫނީ ކަލޭ ބުނާހާ ގޮތެއް ހެދިގެން ހުންނަން މަ މީ ޕަޕެޓެއް ކަމަށްތަ ހީކުރަނީ..” އާލިކް ރުޅި އައިސްފައި ހުރިވަރުން ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ. ޝާޔަންގެ ހިމަ އަތުގެ މުލައްދަނޑީގައި ނުހަނު ބާރަށް ހިފަހައްޓާލައިގެން ހުރެ ދުވަހަކު ވާހަކަ ނުދައްކާ ބަހުރުވަ އަކުން ވާހަކަ ދައްކަމުން ދިޔައިރު ޝާޔަންގެ އަތް ހީވަނީ ބިންދައިގެން ހިނގައިދާނެ ހެންނެވެ.
” އާލް.. އައްދޯޯތް.. އާލް ތަ.. ތަ.. ތަދުވޭ..” އާލިކްއަށް ހަމަ ހޭވެރިކަން ވީ ޝާޔަންގެ ލޮލުން ވެއްޓުނު ބޮޑު ކަރުނަތިކި ފެނުމުންނެވެ. އެއާއިއެކު ކުއްލިއަކަށް ޝާޔަންގެ އަތުން ދޫކޮށްލުމަށްފަހު އޭނާއަށް ފުރަގަސް ދެމުން ދެލޯ މަރާލިއެވެ.
“މިހާރު ތަދުވެސް ކުރަނީތަ..” ޝާޔަން ޝަކުވާއިން ފުރިގެންވާ އަޑަކުން ސުވާލުކޮށްލަމުން އާލިކްގެ ފުރަގަހުން އޭނާގެ ގައިގައި ތަތްވެލިއެވެ. އޭރު އޭނާގެ ބޮޑު ދެލޯ ކަރުނައިން ފުރިގެން ބަންޑުން ވެއްޖެއެވެ.
” ޝާޔަން.. މަށަށް އިތުރު ގޯހެއް ނުހެދެނިސް މިވަގުތު ދެން ދޭ..” އާލިކްގެ އަޑު މަޑުވެފައިވީނަމަވެސް އެއަޑުގައިވީ ހިތްހަމަނުޖެހުން ދެނެގަންނާކަށް ޝާޔަންއަކަށް އުނދަގުލެއް ނުވިއެވެ. މިއަދު އޭނާގެ ލޮލުން ކަރުނަ އައިތަން ފެނުމުންވެސް އާލިކް އޭނާގެ ކިބައިން މައާފަށް އެދުމުގެ ބަދަލުގައި އެބުނީ އެތަނުން ދިއުމަށެވެ. ޝާޔަން ކަރުނަ ފޮހެލުމަށްފަހު އިތުރު އެއްޗެކޭ ނުބުނެ އެތަނުން ހިނގައިގަތީ ރުޅިއާއި ހިތާމައާއި އެކުވެފައިވާ މޫނަކާއިއެކުގައެވެ. ހަލުވި ފިޔަވަޅުތަކެއްގައި އޮފީހުގެ ދޮރާއި ދިމާއަށް ދަމުން ރިސެޕްޝަނުގައި ލިމްނާއާއި ވާހަކަ ދައްކަން އިން ވިޝާ ފެނުމުން ޝާޔަންގެ ފިޔަވަޅުތަައް މަޑު ޖެހިލިއެވެ. އަދި ދެދަތްޕިލަ ޖައްސާލުމަށްފަހު ވިޝާއާއި ދިމާއަށް ލޯ އަޅާލިއިރު އެލޮލުން އަލިފާން ކަނި ބުރަމުން ދާފަދައެވެ.
” ވަޓްސް ރޯންގެ ވިދް ހަރ ނައު؟..” ޝާޔަން ބާރަކަށް ދޮރު ހުޅުވާލާފައި ނުކުމެގެން ދިއުމާއިއެކު ލިމްނާ ވިޝާގެ އަތުގައި ހިފާލިއެވެ. އޭރު ވިޝާވެސް އިނީ ޝާޔަން ބަލާލި ގޮތް ހަނދާންވެފައި ނުތަނަވަސްވެފައެވެ. އަނެއްކާ އޭނާގެ ސަބަބުން އާލިކްއާއި ދެމީހުން ދެމެދުގައި މައްސަލަ ޖެހުނީހެއްޔެވެ؟ އެހެން ހިތައް އެރުމާއިއެކު ވިޝާ އަވަސް އަވަހަށް އޭނާގެ ކެބިންއަށް ދިއުމަށް ތެދުވި ވަގުތު ދެން ފެނުނީ ޝާޔަން ދިޔަ ފަދައިން އާލިކްވެސް ހަލުވި ފިޔަވަޅުތަކެއްގައި އޮފީހުން ނުކުމެގެން ދިޔަ ތަނެވެ. އޭނާގެ މޫނުގައިވީ ހިތްހަމަނުޖެހުން ވިޝާއަށް ފެނުނެވެ.
” ޔަގީން ފައިޓެއް ދުއްވާލީ..” އާލިކް ނުކުމެގެން ދިޔަ ތަނަށް ބޯ ދިއްކޮށްލަމުން ލިމްނާ އަނެއްކާވެސް ބުނެލިއެވެ. ނަމަވެސް ވިޝާ އިތުރު އެއްޗެއް ނުބުނެ ހިނގައިގަތީ އޭނާގެ ކެބިންއާއި ދިމާއަށެވެ.
ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު ކުޑަކޮށް ތާޒާވެލައިގެން އާލިކް ބޭރަށް ނުކުތީ ޝާޔަންމެން ގެއަށް ދިއުމަށެވެ. މިއަދު އޭނާއާއި މެދު ކަންތައްކުރެވުނު ގޮތުން އާލިކް ހުރީ ނުތަނަވސްވެފައެވެ. ވާނީވެސް އެހެންނެވެ. ޝާޔަންއަކީ ހިތުގެ ބަލި ހުންނަ ކުއްޖެއްކަން އެނގުނު ފަހުން އޭނާގެ ސަބަބުން އެ އަންހެންކުއްޖާއަށް ގެއްލުމެއް ލިބިދާނެތީ އާލިކް ނުހަނު ކަންބޮޑުވެއެވެ. ކާރުގައި ދުއްވާފައި ދިޔައިރު އާލިކްގެ ޚިޔާލުތައް ގުޅިފައިވަނީ މިއަދު ހިނގާދިޔަ ހާދިސާއާއިއެވެ. ވިޝާއާއި ބެހޭގޮތުން ޝާޔަން ބުނެލި އެއްޗަކުން އޭނާގެ ރުޅި ކޮންޓްރޯލުން ނެއްޓި ހަނދާން ވުުމުން ޚުދު އޭނާވެސް ހައިރާންވެއެވެ. އޭނާއަކީ ދުވަހަކުވެސް އެހެން މީހަކަށް މަލާމާތް ރައްދުވުމުން ދެރަވީ މީހެއް ނޫނެވެ. ނަމަވެސް މިއަދު ކަންތައްދިމާވީ އެއާއި އިދިކޮޅަށެވެ.
” އާލް.. އޭމް ވެއިޓިންގ ފޯ ޔޫ..” އާލިކް ގޮސް ޝާޔަންމެން ގެއަށް ވަނުމާއިއެކު ޝާޔަން ދުވެލާފައި އައިސް އާލިކްގެ ގައިގައި ބައްދާލިއެވެ. އެމަންޒަރު ބަލަން އިން ޝާޔަންގެ ދޮންތަ ޝާނީވެސް އާލިކްއަށް ހިނިތުންވެލަމުން ކޮޓަރިއަށްވަނީ އެދެކުދިންނަށް ވަގުތު ދޭންވެގެން ކަންނޭނގެއެވެ.
” އާލް ކެއީތަ؟.. ބަލާބަ ޝާޔާ މިހުރީ ސްޕެގެޓީ ކައްކާފަ..” ޝާޔަން އާލިކްގެ އަތުގައި ހިފައިގެން ދުވެލާފައި ކަހަލަ ގޮތަކަށް ބަދިގެއަށް ވަނެވެ. އޭނާގެ މޫނުމަތީީގައިވާ އުފާވެރިކަމާއި ރީތި ހިނިތުންވުން ފެނުމުން އާލިކް އިނީ ހަމަ ހައިރާންވެގެން އަންތަރީސްވެފައެވެ. އަދި ޝާޔަންގެ އާދަޔާ ޚިލާފު ހަރަކާތްތަކުންވެސް އޭނާގެ ހައިރާންކަން ދިޔައީ އިތުރު ވަމުންނެވެ. ތެދެކެވެ. ކަންތައްތައް ވެގެން އެދިޔައީ އާލިކް އުއްމީދު ކުރި ގޮތަކަށް ނޫނެވެ. އޭނާ ހީކުރީ މިރޭ ޝާޔަން ހަމައަކަށް އަޅުވަން ވަރަށް އުނދަގޫ ވާނެ ކަމަށެވެ. އެހެން ދުވަސް ދުވަހު އެއަށްވުރެ ކުދި ކުދި ކަންތައްތައް ވުމުންވެސް ޝާޔަން ކަންތައްބޮޑުކޮށްލައިގެން އުޅޭއިރު މީހަކު ބޯ ފަޅައިގެން ދާވަރު ކުރާނެއެވެ. އެކަމަކު މިރޭ ހީވަނީ މުޅިން އެހެން މީހެއް ހެންނެވެ. އާލިކްއަށް ފެންނަމުންދިޔަ މަންޒަރު ގަބޫލު ނުކުރެވިގެން ދެތިންފަހަރު އެއީ ހުވަފެނެއްބާއޭވެސް ހިތައް އެރިއެވެ.
” އާލް.. ދެން ކާންފަށާބަލަ..” ޝާޔަން އާލިކްއަށް އަޅައިދިން ސްޕެގެޓީ ތަށި ދައްކާލަމުން ލޯތްބާއިއެކު ބުނެލިއެވެ. އޭރުވެސް އާލިކް އިނީ ބުމަ އަރުވާލައިގެން ޝާޔަންގެ މޫނަށް ބަލަހައްޓައިގެންނެވެ.
” ޝާ.. ޔާ.. މަ ކައިގެން މި އައީ..” އާލިކްއަށް ވާހަކަ ދެއްކުނީވެސް ފާޑަކަށް އިނދެގެންނެވެ.
” އެހެންތަ؟.. ކުރިން ބުނި ނަމަ..” ޝާޔަން މިފަހަރުވެސް ވާހަކަ ދެއްކީ ހިނިތުންވުމަކާއިއެކުއެވެ.
” ޔަހ.. ނެކްސްޓް ޓައިމް..” ޝާޔަން ހަމަޖެހިލާފައި ހުރިވަރުން ހިތްހަމަޖެހުނު ވަރުން އާލިކްއަށްވެސް ހިނިތުންވެވުނެވެ. އޭނާ ބޭނުންވަނީ އެފަދަ ޝާޔަންއެކެވެ. ޝަކުވާ މަދު ހިތްތިރި ޝާޔަންއެކެވެ. އާލިކްއަށް ނުވިސްނުނު އެއްޗަކީ ޝާޔަންގެ އެއުފާވެރިކަމުގެ ފަހަތުގައި ސަބަބެއް ވާކަމެވެ. އާލިކްގެ މުޅި ދިރިއުޅުން ބަދަލުކޮށްލާފަދަ ކަމެއް އޭނާ ކޮށްފައިވާކަމެވެ. ޝާޔަންގެ ރީތި ރީތި މޫނަށް ބަލަހައްޓައިގެން ހިނިތުންވެފައި އިން އާލިކް ކުއްލިއަކަށް އިސް ޖަހާލީ އެވަގުތުވެސް އެހިތައް ވިޝާގެ ސޫރަ ވެރިވުމުންނެވެ. އޭނާ ލޯ މަރާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.
ދުވަސްތައް ފާއިތުވަމުންް ދިޔައީ އާދައިގެ ގޮތަކަށެވެ. ވިޝާއާއި އާލިކްގެ ދެމެދުގައި އުފެދުނު އެކުވެރިކަން ދިޔައީ ދުވަހެއް ދުވަހަކަށް ބަދަހި ވަމުންނެވެ. އާލިކްގެ އެކުވެރިކަން ފެންނަން ފެށުމުން ވިޝާއަށް އޭނާގެ ކިބައިގައިވާ އެތައް އެތައް ރަނގަޅު ސިފަތަކެއް ފެނުނެވެ. މަޖާ ގޮތްގަނޑާއި، ސަމާސާ މިޒާޖަކީވެސް އާލިކްއާއި ރައްޓެހި އެއްޗެއްކަން އެނގުނެވެ. އޭނާގެ ގާތްކަމާއި ސަމާސާ ބަސްތަކަކީ މިހާރު ވިޝާގެ ހިތައް އެންމެ ބޮޑު އުފާވެރިކަން ލިބޭ ކަންކަމެވެ. އޮފީހުގެ ހުރިހާ ކަމެއްގައި އާލިކްއަށް އެހީތެރިވަމުން ދިޔައިރުވެސް އެ އޮފީހާއި އޭނާގެ ދޮންބެއާއި އޮތް ގުޅުމުގެ ކުޑަވެސް ހަބަރެއް ވިޝާއަކަށް ނުވެއެވެ. އެކި ކަހަލަ ސޯޝަލް މީޑިއާތައް މެދުވެރިކޮށް ވިކާޝްގެ މައުލޫމާތެއް ލިބޭތޯ އޭނާ ވަރަށް މަސައްކަތްކޮށްފިއެވެ. ނަމަވެސް އޭނާއަށް އެކަމަުގައި ކުޑަވެސް ކާމިޔާބެއް ނުލިބެއެވެ. އެހެން ނަމަވެސް ހިތްވަރު އެލުވާލުމެއްނެތި ހެއްދެވި ފަރާތުގެ ހަޟްރަތުން ވާތްގަށް އެދެމުން އޭނާ ވިކާޝްގެ މައުލޫމާތު ލިބޭތޯ ކުރަމުން ދިޔަ މަސައްކަތަށް ކުޑަވެސް ލުއިކަމެއް ނުގެނެއެވެ. އެހެން ނަމަވެސް ބައެއް ފަހަރު އެވާހަކަ އާލިކްއަށް ކިޔައިދޭންވެސް ވިޝާ ހިތައް އަރައެވެ. ފަހަރެއްގައި އާލިކްގެ ފަރާތުން އެކަމަށް އެހީތެރިކަމެއް ލިބިދާނެއޭ ހީވިޔަސް އަދިވެސް އޭނާގެ އަމިއްލަ ކަންތައްތައް އާލިކްއާއި ހިއްސާ ކުރަން ޖެހިލުންވަނީއެވެ. ނަމަވެސް މިހާރު އޭނާ ވިސްނަމުން އެދަނީ އެކަމުގައި އިތުރަށް ފިޔަވަޅެއް އެޅުމަށެވެ.
ވިޝާ އޭނާގެ ދިރިއުޅުމައިގެން އަވަދިނެތި އުޅެމުން ދިޔަައިރު އާލިކްގެ ހަޔާތަށްވެސް އައިސްފައިވަނީ ދުވަހަކުވެސް އައިސްފައިނުވާ ފަދަ ހިތްހަމަޖެހޭ ދުވަސްތަކަކެވެ. ޝާޔަންގެ ފަރާތުން އެއްވެސް ރުޅިވެރިކަމެއް ޝަކުވާއެއް އަޑު ނީވޭތީ އާލިކްގެ ބޮލަށް ފަސޭހަވެފައިވާ މިންވަރު އޭނާގެ މޫނުމަތިން ހާމަވެއެވެ. ހިނިތުންވުމާއިއެކު އޮފީހުގައި މަސައްކަތް ކުރަމުން ދާއިރު ގިނަފަހަރަށް ދާނީ ޝާޔަންގެ ހަބަރެއް ނުވާ ދުވަސްތަކެވެ. އާލިކް ނުގުޅައިގެން ނުވަތަ އޭނާ އެހެން އަންހެން ކުއްޖަކާއިއެކު އުޅެފާނެތީ މިހާރު އޭނާ ކަންބޮޑުނުވާފަދައެވެ. ހަަމަ ގައިމުވެސް އެކުއްޖާ އާލިކްއަށް ނޭނގި ކޮންމެވެސް ކުޅިގަނޑެއް ކުޅެމުން ނުދާނަމަ އެގޮތަކަށް ނުހުންނާނެއެވެ.
ޝާޔަންގެ އެ ބަދަލާއިމެދު އާލިކް ވިސްނާ ފިކުރުކޮށެއް ނޫޅެއެެވެ. ތެދުތެދަށް ބުނާނަމަ އޭނާއަށް ރަނގަޅީވެސް އެގޮތެވެ. ކޮންމެއަކަސް ޝާޔަންގެ ފަރާތުން ލިބޭ ޝަކުވާތައް މަދުވީ ވަރަކަށް އާލިކްއަށް ދެވެމުން ދިޔައީ ވިޝާއާއި ގާތަށެވެ. އޭނާގެ އަމިއްލަ ނަފްސު ގަބޫލު ނުކުރިޔަސް ވިޝާއާއި އެކުގައި ހޭދަކުރާ ކޮންމެ ވަގުތެއް އޭނާގެ ހިތައް އުފާވެރިކަން ގެނުވައިދެއެވެ. ވިޝާގެ މައުސޫމް ހިނިތުންވުމަކީ އާލިކްގެ ހިތްހަމަޖެހުން ކަމުގައި ވެއްޖެއެވެ. އޭނާއާއި ސަމާސާ ކޮށްލާ ހެއްވާލުމަކީ އާލިކްގެ ހޮބީކަމުގައި ވެއްޖެއެވެ. އެހެން ނަމަވެސް އަދިވެސް ވިޝާގެ ދިރިއުޅުމުގައި އެތައް ކަމެއް ފޮރުވިފައިވާކަން އާލިކްއަށް އެނގެއެވެ. އެހެންކަމުން މިހާރު އޭނާގެ މަގްސަދަކީ އެކަންތައްތައްހޯދުމެވެ. ވިޝާގެ ހަގީގަތް ހޯދުމެވެ. ބައެއް ދުވަސް ދުވަހު ވިޝާ އޮފީހުގައި އިނދެގެން ކޮންމެވެސް ސިޓީއެއް ކިޔާ މަންޒަރު އޭނާއަށް ވަނީ ފެނިފައެވެ. އާލިކްއަށް ޔަގީންވާ ކަމަކީ ވިޝާ އަބަދުވެސް ކިޔަނީ އެއް ސިޓީއެއް ކަމެވެ. އަދި އެ ސިޓީ ކިޔާއިރު އެ މައުސޫމް މޫނަށް ވެރިވާ ކުލަތައްވެސް އޭނާވަނީ ނުހަނު ގާތުން ދެކެފައެވެ. އެހެން ނަމަވެސް އަދި އެކަމާއި ބެހޭގޮތުން ވިޝާއާއި ސުވާލުކުރާކަށް އާލިކް ބޭނުމެއް ނުވެއެވެ. އޭގެ ކުރިން އޭނާ ބޭނުންވަނީ ވިޝާގެ އެންމެ ގާތް އެކުވެރިއާއަށް ވުމަށެވެ. ހަމަ އެކަނި އެންމެ ގާތްއެކުވެރިޔާއަށެވެ.
” ނޭނގެ ވިކީ.. މަށަށް ދުވަހަކުވެސް ވީގޮތެއް ނޫން.. އަނެއްކާ ފުރަތަމަ ދުވަހު އެހާ ރުޅި އައި.. އެކަމު މިހާރު.. އިޓް ފީލްސް ޑިފަރެންޓް..” އާލިކް ފޯނުން ވާހަކަ ދައްކަމުން ދިޔައީ ވިކާޝްއާއިއެވެ. ރޭގަނޑުގެ ވަގުތު ކަމުން އޭނާ އިނީވެސް ގޭގައެވެ.
” ދެން ކީކޭ ބުނާނީ ދޯ.. މަށަށް ހަމަ ގަބޫލުކުރަން ދަތި.. މަށަށް ބުނެވޭނީ ތިޔަ ކުއްޖާގެ ޖާދޫގަ ޖެހިގެން ވަރަށް ޗޭންޖުވެސް ވެއްޖެއޭ..” ވިކާޝްގެ އަޑުގައި ހުރީ ދިމާކުރުމުގެ ރާގެވެ.
” ހަހަ.. ވިކީ އޭމް ސީރިއަސް.. އަސްލު ކިހިނެތްތަ މިވަނީ..” އާލިކް ލޯ މަރާލައިގެން އޮވެ ވިކާޝްއާއި ސުވާލުކޮށްލިއެވެ.
” ކިހާ ދެރަ ކަމެއް އާލް.. މިހާރު އަންހެނެއްހެން އަޑުވެސް ތިހުރީ އިޝްގީވެފަ.. ހޫމްމް ކޮން ނަމެއް ކިޔާ ކުއްޖެއްތަ ތީ..” ވިކާޝް ލާނެތް ހުނުމަކާއިއެކު އަހާލިއެވެ.
” ވިޝާ..” އާލިކްއަށް ބޭއިކްތިޔާރުގައި ހިނިތުންވެލެވުނެވެ.
” އަހހހ.. ވިޝާ.. ނަން ބުނެލިއިރުވެސް އެހެރަ މަސްތީ އަޑެއް..” ވިކާޝް އިތުރަށް ދިމާކުރަން ފެށިއެވެ. އެއާއިއެކު އާލިކްވެސް ބާރުބާރަށް ހޭން ފެށިއެވެ.
” ދެން މަ ބުނާނެ އެއޗެއް ނެތް.. ޔޫ އަރ އިން ލަވް ވިދް ހަރ” ވިކާޝް ހީނލަމުން ބުނެލިއެވެ. އެވަގުތު އާލިކް ހުވަފެނީ ގޮތަކަށް ހިނިތުންވެލިއެވެ.
” އައި ނޯ.. ހަމައެކަނި ބޭނުންވީ ވިކީގެ ޚިޔާލެއް.. ޔެސް… ފައިނަލީ އޭމް އިން ލަވް..” އާލިކްގެ އަޑުން އުފާވެރިކަން ފާޅުވެއްޖެއެވެ.
‘އެކަމު އާލް.. ޔޫ އަރ އިން ރިލޭޝަންޝިޕް ވިދް ޝާޔަން..” ވިކާޝް ކުޑަކޮށް ސިރިއަސް ވެލަމުން އާލިކްއަށް ހަނދާންކޮށްދޭން ބޭނުންވީ އޭނާގެ ބައިވެރިޔާއަކީ ޝާޔަންކަމެވެ. ވިކާޝްގެ އެ ޖުމްލައާއިއެކު އާލިކްގެ ހިނިތުންވުމް ފިލާދިޔައެވެ. ތދެކެވެ. އޭނާ އެކަންތައް ހަނދާން ނައްތާލީ ކީއްވެގެން ހެއްޔެވެ؟ މިހުރިހާ ދުވަހު ހިތާއި ހަނގުރާމަ ކުރމަުން ވިޝާދެކެ ލޯބި ނުވާކަމުގައި އަމިއްލަ ނަފްސަށް ވިސްނައިދެމުން އެންމެ ފަހުން ހިތް އެކަމުގައި ކުރި ހޯދިއިރު އޭނާއާއި ވިޝާގެ ދެމެދުގައިވާ ހުރަހަކަށް ޝާޔަން ވެފައިވާ ވާކަން އޭނާ ހަނދާން ނެތުނީ ކީއްވެގެން ހެއްޔެވެ؟
” އޯހހ.. ވިކީ އަސްލު ޝާޔަންވެސް މިހާރު ވަރަށް ޗޭންޖް.. ދެންން..” އާލިކްއަށް ދައްކާނެ ވާޙަކައެއް ނޭނުގުނެވެ. ހަގީގަތުގައިވެސް އޭނާގެ މޫޑް ސަކަރާތްވެއްޖެއެވެ.
” އާލް.. ދެން އޯކޭ ވާނޭ.. ޝާޔަން ކައިރި ބުނާނީ.. ވިސްނޭނެ ކަންނޭނގެ..” ވިކާޝްއަށް އާލިކްގެ ނުތަނަވސްކަން އިހުސާސްވީ ކަންނޭނގެއެވެ.
” ޔަހ.. ޝީ ވިލް..” ގަދަކަމުން ހީނލަމުން އާލިކް އެހެން ބުނެލި ނަމަވެސް އެއީ ފަސޭހަ ކަމެއް ނުންކަން އޭނާއަށް އެނގެއެވެ. ތެދެކެވެ. އާލިކް ޝާޔަންއާއ ގުޅިގެން އުޅެނީ އޭނާގެ ބައްޕަގެ އެދުމަށްކަން ވިކާޝްއަށް އެނގުނު ނަމަވެސް އެއީ އާލިކްއަށް މަޖުބޫރުވެފައިވާ ކަމެއްކަން އޭނާއަކަށްވެސް ނޭނގެއެެވެ.
” ހޫމްމް.. ދެން އެބަ އޮތޭ އަދި ވާހަކައެއް.. މިކޮޅުގެ ހުރިހާ ކަމެއް ނިމިއްޖެ.. ދެން ދެދުވަހެއް ތެރޭގަ ދާނަން.. އަސްލު މިހާ އަވަހަށް ނިމޭނެއޭ ހިތައްވެސް ނާރަ.. އެކަމު އެއްމަސް ކުރިން ނިމުނީ..” ވިކާޝް އުފާވެރި ރާގެއްގައި ވާހަކަ ދައްކަމުން ދިޔައީ އާލިކްގެ މޫޑް ބަދަލުކޮށްލުމުގެ ގަސްތުގައެވެ.
” އޭހހ.. އަސްލުވެސްތަ؟.. ދެން އަވަހަށް އާދޭ ބަޑީ.. ހާދަ ވައޭ ވިކީ ނެތީމަ..” ވިކާޝް ބޭނުންވި ގޮތަށް އޭނާ އަންނަން އުޅޭކަން އެނގުމުން އާލިކްގެ އަޑުން އުފާވެރިކަން އިވިގެން ދިޔައެވެ.
” އޯކޭ އޭ.. ” އާލިކް ފޯނު ބޭއްވުމަށްފަހު ލޯ މަރާލިއެވެ.
” އައި ލަވް ޔޫ ވިޝާ..” އާލިކްގެ ތުންފަތް ލަސްލަހުން ހަރަކާތް ކުރަމުން ދިޔައިރު އެތުންފަތުގައި ފިރިރހެންވަންތަ ހިނިތުންވުމެއްވެސް ވެއެވެ. އޭނާ ލޯ ހުޅުވާލުމަށްފަހު ބޯދަށަށް އަތް ލަމުން ހަމަޖެހިލިއެވެ. މިވަގުތު އޭނާ އެއްވެސް ކަމަކާއި ވިސްނާކަށް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ހަމައެކަނި ވިޝާގެ ހިޔާލުތައް ކުރުމަށެވެ. ހިނިތުންވެލައިގެން އޮވެ ވިޝާއާއި ބައްދަލުވި ފުރަތަމަ ދުވަހުންފެށިގެން މިއަދާއި ހަމައަށް އައި އިރު އެދެމެދުގައި ހިނގާ ދިޔަ ހުރިހާ ކަމެއް އާލިކްގެ ލޯ ކުރިމަތީގައި ސިފަވަމުން ދިޔައެވެ. ވިޝާގެ ހަރުދަނާ މިޒާޖާއި އެހެން އަންހެން ކުދިންނާއި ތަފާތު އަދާތަކެވެ. އޭނާގެ ލޯބި ލޯބި މޫނާއި ރީތި ރީތި ހިނތުންވުމެވެ. އޭނާއާއިއެކު ލަވަ ކިޔާލި ދުވަހާއި އެގޭގައިހޭދަކުރި ރޭގަނޑެވެ. ވިޝާ އޭނާގެ މޭގައި މޫނު ފޮރުވާލައިގެން ހުރެ ރޯލި މަންޒަރެވެ.
” ވިޝާ..” އާލިކް ފުން ފުން ނޭވާއަކާއިއެކު އަނެއްކާވެސް ލޯ މަރާލިއެވެ. ދެން އޭނާއަށް އެ ލޯބި ފޮރުވައިގެންނެއް ނޫޅެވޭނެއެވެ. އެއަށްވުރެ މާބޮޑަށް އޭނާއަށް ވިޝާދެކެ ލޯބި ވެވިއްޖެއެވެ. ލަސްލަހުން ތެދުވަމުން އާލިކް އޭނާގެ ފޯނަށް ބަލާޅިއެވެ. އޭނާގެ ހިތް އެދެމުން ދިޔައީ އެއް ފަހަރު ނަމަވެސް ވިޝާއާއި ގުޅާލުމަށެވެ. އެ ލޯބި ލޯބި އަޑު އަހާލުމަށެވެ. މާދަމާ އޮފީހުން ބައްދަލުވާނެކަން އެނގޭ އިރުވެސް އޭނާގެ ހިތް ވިޝާއަށް އެދެމުން ދިޔައީ ކޮންޓްރޯލް ކުރެވޭ ވަރަށް ވުރެ މައްޗަށެވެ. އެހެންކަމުން އެނދުގައި ރަނގަޅަށްހަމަޖެހިލަމުން އޭނާ ވިޝާއަށް ގުޅާލުމަށް ފޯނުގެ ފިއްތަކަށް އޮބާލި ވަގުތު އެ ފޯނު ރިންގު ވާން ފެށިއެވެ. އެއާއިއެކު އެމޫނުގެ ކުލަވަރު މުޅިން ބަދަލުވެގެން ދިޔަައެވެ.
” ބައްޕާ..ކިހިނެތްތަ؟..” ފޯނު ނެގުމަށްފަހު އާލިކް މަޑުމައިތިރި ކަމާއިއެކު ބުނެލިއެެވެ.
” އާނ.. ބައްޕަ ވަރަށް މުހިންމު ވާހަކައެއް ދައްކަން މިގުޅީ..” ޝާހީން އާދައިގެ މަތިން ވާހަކަ ދައްކަން ފެށީ އަވަސް އަރުވާލާފައި ހުރެގެންނެވެ. އާލިކް ފުން ނޭވާއެއް ދޫކޮށްލިއެވެ. ބައްޕަ ގުޅާ ނުލާތާ މަސްދުވަސް ވެފައި ހުރުމަށްފަހު ގުޅިގޮތަށްވެސް އެންމެ ކުޑަމިނުން އޭނާގެ ހާލުވެސް ބަލާނުލިއެވެ. އަދި އަނެއްކޮޅުން އޭނާ ގުޅިއަސް ބިޒީކަމުން އަނގައިން ބުނެވޭކަމަށް ނުހަދައެވެ.
” މިހާރު ދުވަސްކޮޅެއްް ވެއްޖެ ބުނަން އުޅޭތާ.. އެކަމު ބިޒީކަމުން ހަމަ ނުގުޅިގެން.. ފަޔާޒްބެ ބޭނުންވަނީ ވީހާވެސް އަވަހަކަށް ދަރިފުޅާއި ޝާޔަންގެ ކައިވެނި ކުރަން..” ޝާހީން ވާހަކަ ދެއްކީ ހަމަޖެހިލައިގެން ހުރެގެންނެވެ. އޭނާގެ އަޑުން އެބުނެލީ މާ ބޮޑު ވާޙަކައެއް ހެނެއް ހިއެއް ނުވެއެވެ. އެއާި ޚިލާފަށް ޝާހީން ބުނެލި ޖުމްލައާއިއެކު އާލިކްއަށް ހީވީ އޭނާގެ މީހަކު އޭނާގެ ހިތައް ފިތާލީ ހެންނެވެ. ކުޑަ ވަގުތުކޮޅެއްގައި ހަރަކާތްތައް ހުއްޓިފައި ހުރި އާލިކްގެ މޫނުމައްޗަށް އެކި އެކި ކުލަތައް އަރާ ފައިބަމުން ދިޔައެވެ.
” އެކަ މަ ކު ބައްޕާ.. ކުއްލިއަކަށް.. އ.” އާލިކްގެ އަޑުގައިވަނީ ހައިރާންކަމެވެ. އޭނާ އެވަނީ އޮޅުން ގަނޑެއްގެ ތެރޭގައެވެ.
” އެއީ ޝާޔަން ބޭނުންވާ ގޮތް.. ދެން ފަޔާޒްބެ ޝާޔަންގެ އެދުމަކަށް ނޫނެކޭ ނުބުނާނެކަން ދަރިފުޅަށް އެނގެއެއްނުން.. ދެން އަވަހަށް ތައްޔާރު ވާންވީ.. މިއަންނަ މަހު 15 އަށް ޑޭޓް ހަމަޖެއްސީ.. ޝާޔަން ދެރަވެ ވިސްނާ ފިކުރު ކޮށްފާނެތީ ފަޔާޒްބެ ބޭނުންވަނީ އޭނާގެ އެދުން ފުރިހަމަ ކޮށްދެން.. ވީ ކާންޓް ޓޭކް އެނީ ރިސްކް..” ޝާހީން އާލިކްގެ ޚިޔާލު ހުރިގޮތެއްވެސް ބަލާލުމެއްނެތި ވާހަކަތައް ފައްޗަކަށް އަމުނާލުމަށްފަހު ފޯނު ބޭއްވިއިރު އާލިކްއަށް ހުރެވުނީ ގަބޫލުކުރަން ދަތިވެފައެވެ. އޭނާގެ ބައްޕައަށް އޭނާގެ ކައިވެނި ހަމަޖެއްސިއިރު އޭނާގެ ޚިޔާލު ހޯދާލުންވެސް މުހިންމު ނުވީހެއްޔެވެ؟ ކޮންފަދަ ބައްޕައެއް ހެއްޔެވެ؟ އަމިއްލަ ދަރީގެ އުފާތަކަށް ވިސްނާލުމެއްނެތި ރަހްމަތްތެރިޔާއަށްޓަކައި ކުޑަތަންވަނީއެވެ. އާލިކް އެނދުމައްޗަށް ވެއްޓިގަތެވެ. މިހުރިހާ ދުވަހު މައިންބަފައިންނާއިމެދު އޭނާގެ ހިތުގައި އުފެދިފައިވާ ޝަކުވާތަށް މިއަދު ދެގުނައަށް އިތުރުވެއްޖެއެވެ. އެމީހުން އޭނާއާއިމެދު އެގޮތަށް ކަަންތައް ކުރަނީ ކީއްވެގެން ހެއްޔެވެ؟ އާލިކް ދެއަތުން މޫނު ފޮރުވާލިއެވެ. ކިތަންމެ ބޭނުން ނުވިޔަސް މިއަދު އޭނާގެ ހިތުގައި އިންތިހާއަށް ޖެހިއްޖެއެވެ. ކިތަންމެ ބޭނުން ނުވިޔަސް އެ ލޮލަށް ޝަކުވާގެ ކަރުނަ ޖަމާވެއްޖެއެވެ.
” ކީއްވެތަ ބައްޕާ..” ދެއަތުގެ ތެރޭގައި މޫނު ފޮރުވާލައިގެން އިނދެ އާލިކް އަމިއްލައަށް ވާހަކަ ދެއްކިއެވެ. އޭނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. މަންމައާއި ބައްޕަގެ ލޯބި ނުލިބުނު ތަނުގައި އޭނާގެ އަމިއްލަ ލޯބިވެސް އެމީހުންނަށްޓަކައި ގުރުބާން ކުރަންވީ ހެއްޔެވެ؟ ޝާޔަންއަށް އައިސްފައިވާ ބަދަލުގެ ސިއްރުވެސްް މިރޭ އާލިކްއަށް އެނގިއްޖެއެވެ. މާ ހަމަޖެހޭ ގޮތްގަނޑު ދައްކައިގެން މަތިއޮމާން ކޮށްގެން އެ އުޅުނީ މިކަންތައް ކޮށްފައެވެ.
” ބިޗް..” އާލިކްއަށް ޝާޔަން ހިތައް އެރުމާއިއެކު ބުނެލެވުނެވެ. އޭރު ރުޅިވެރިކަމާއި ވޭނާއި ހިތާމަ އެކުލެވިފައިވާ ދެލޮލާއިއެކު އޭނާގެ މޫނުމަތި ހުރީ ރަތްވެފައެވެ. އެއްފަހަރު އަތުގައި އޮތް ފޯނުވެސް އެނދުމައްޗަށް ހޫރާލިއެވެ. އަދި ކައިރީގައި ހުރި ގޮނޑީގައި ގޮށްމުއްކަވާފައިވާ ޖެހި އަދަދެއްވެސް ނޭނގެއެވެ. ކޮޓަރި ތެރޭގައި ދެކޮޅަށް ދެކޮޅަށް ހިނގަމުން ދިޔައިރު ދެދަތްޕިލަ ޖައްސާލައިގެން ހުރުމުން އޭނާ ރުޅިއައިސްފައިވާ މިންވަރު ހާމަވެއެވެ. ހަމަ އެއާއިއެކު އެ ތޫނު ލޮލުގައިވާ ކަރުނައިން އޭނާ ހިތުގައި ޖެހިފައި ހުރި މިންވަރުވެސް ހާމަވެއެވެ. އާލިކް ބާރުބާރަށް ހަޅޭއްލަވައިގަތެވެ. ރުޅި އާއި ހިތާމަ އެކުވުމުން އެލިބޭ ހިތްދަތިކަމަށްވުރެ އުނދަގޫ އެއްޗެއް ކޮބާހެއްޔެވެ. ބޮޑު ފިރިހެނަކަށް ވެހުރެވެސް މިވަގުތު އޭނާ ބޭނުންވަނީ އޯގާތެރި އަތެއްގެ ފިރުމުންތަކެވެ. ހިނދުކޮޅަކަށްފަހު ދެން ފެނުނީ އާލިކް މޫނު ފޮހެލަމުން ގެއިން ނުކުމެގެން ދިޔަ މަންޒަރެވެ. ބާރު ސްޕީޑުގައި ކާރު ދުއްވަމުން ދިޔައިރު އެހިތުގައި އެނބުރެމުން ދިޔައީ ކޮންފަދަ ހިޔާލުތަކެއް ކަމެއްވެސް ނޭނގެއެވެ.
ރޭގަނޑުގެ ކެއުމަށްފަހު ތަށިތައް ދޮވެލާ ތަންތަން ރީތިކޮށްލުމަށްފަހު ގައިދޮވެލަން ފާހާނާއާއި ދިމާއަށްދިޔަ ވިޝާގެ މިސްރާބު ބަދަލުވީ މީހަކު ދޮރުގައި ޓަކި ދިނުމުންނެވެ. ކުޑަކޮށް ވިސްނާލުމަށްފަހު އެއީ މަތީ ބައިގައި އުޅޭ ކުއްޖާ ކަމުގައި ނިންމާފައި ދޮރު ހުޅުވާލިވަގުތު ވިޝާގެ ދެލޯ ބޮޑުވީ ހައިރާންވީ ވަރުންނެވެ. ނޫކުލައިގެ ޓީޝާޓަކާއި ކަޅު ޖީންސެއްގައި ދޮރުމަތީގައި ހުރީ އާލިކްއެވެ. ތާޒާކަން ގެއްލިފައިވާ މޫނުމަތީގައި އެއްވެސް ދިރުމެއް ނުވާއިރު އަބަދުހެން ރީތިކޮށްލާފައި ހުންނަ އިސްތަށިގަނޑުވެސް އޮތީ ހޭވިފައެވެ. ވިޝާ ހައިރާންކަމާއިއެކު ތަންކޮޅެއް ބޮޑަށް ދޮރު ހުޅުވާލުމުން އާލިކް އެތެރެއަށް ވަނީވެސް އެއްވެސް ހިނިތުންވުމަކާއި ނުލައެވެ.
” ސަރ..” އާލިކް ގޮނޑީގައި އިށީނުމަށްފަހުވެސް އެއްޗެއް ނުބުނުމުން ވިޝާ އޭނާއަށް ގޮވާލިއެވެ. ނަމަވެސް އާލިކް އެ އިންގޮތަށް އިނީއެވެ. އަނގައިން ބަހެއް ނުބުނި ތަނުގައި ވިޝާއާއި ދިމާއަށްވެސް ބަލައެއް ނުލިއެވެ. އެމޫނުމަތީގައިވާ ނުތަނަވަސްކަން ފެނި ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމުގައި ވިޝާގެ ހިތް ބުނެލިއެވެ.
” ކިހިނެތްވީ؟..” ވިޝާ އާލިކްގެ ކުރިމަތީގައި ކަކޫ ޖައްސާލާ އިށީންދެލަމުން އޯގާތެރިކަމާއިއެކު އަހާލިއެވެ. އެއާއިއެކު އާލިކް ކަރުނައިން ފޯވެފައިވާ ދެލޮލުން ވިޝާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އެވަގުތު ވިޝާގެ ހިތައް ހީވީ ތޫނުކައްޓެއް ހެރުނު ހެންނެވެ. އާލިކްގެ ކަރުނައިން ފުރިގެންވާ ދެލޯ ފެނުމުން އޭނާގެ ހިތައް ތަދުވިއެވެ. ހާދަ ހިތާމަވެރި މަންޒަރެކެވެ. އޭނާއަށް ބޮޑު ކަމެއް ވެއްޖެކަން ވިޝާއަށް ޔަގީން ކުރެވުނެވެ.
” ބުނެބަ.. ކިހިނެތްވީ؟..” ވިޝާ ލަސްލަހުން އާލިކް މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. އޭނާގެ އެގާތްކަމުގް ސަބަބުން އާލިކްގެ ކެތްތެރިކަން ކޮޅުންލިއެވެ. ލޮލުން ވެއްޓެމުން ދިޔަ ކަރުނަ ތިއްކާއިއެކު އަވަސް އަވަހަށް އޭނާ ވިޝާގެ ކޮނޑުގައި ބޯ އަލާލިއެވެ. ދެން އިވުނީ އާލިކްގެ ގިސްލުމުގެ އަޑެވެ. އެއަޑު އިވުމުން ވިޝާއަށްވެސް ރޮވުނެވެ.
” ސަރ.. ކިހނެތްވީތަ؟.. ހިނގާބަ ކޮޓަރިއަށް ހަމަޖެހިލަން.. ހިނގާ..” ވިޝާ އާލިކްގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަދެ އެނދުގައި އިށީނދެލީ އާލިކް ވާހަކ ަދައްކާނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް އާލިކް ވިޝާގެ އުނގުގައި ބޯ އަޅާލުމަށްފަހު ލޯ މަރާލީ ވާހަކަ ދައްކާނެހާ ހިތްވެރެއް ނެތޭ ބުނާފަދަ ގޮތަކަށެވެ. އެވަގުތު ވިޝާގެ ހިތުގައި އާލިކްއާއިމެދު ހަމްދަރުދީ އުފެދުނީ އިންތިހާ ދަރަޖައަށެވެ. އޭނާ އެގޮތަށް ރުއި މަންޒަރު ފެނުމުން އެހިތުގައި ރިހުމެއް އުފެދިއްޖެއެވެ. އޭނާ ބޭނުންވަީ އާލިކްގެ ހިތާމަތައް ލުއި ކޮށްދޭށެވެ. ލޯތްބާއި އަޅާލުމާއިއކު އެ ކަރުނަތައް ފޮހެލަދޭށެވެ. ވިޝާ އޭނާގެ އުނގުގައި ބޯ އަލާލައިގެން އޮތް އާލިކްގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. އަދި ލޯތްބާއިއެކު އޭނާގެ ކަރުނަތައްވެސް ފޮހެލަދިނެވެ. އެއާއިއެކު ލޯ މަރާލައިގެން އޮތް އާލިކް ފަނޑު ހިނިތުންވުމަކާއިއެކު މަޑުމަޑުން ތޭންކްސް އޭ ބުނެލިއެވެ.
ނުނިމޭ
6 Comments
Comments are closed.
Vvvvvvvvvvvvvvv nice. wating for the next part
wooooooooowwwwwwww v v v nice…haadha salhi ey..plxxxx next part avas khdhehchey….
v v v reetha . hama rovijje.
WAW VARAH REETHI. NEXT PART VARAH AVAHAH PLS
vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv nice waiting for the next part
wow haadha haadha reechey . . . waiting for the next parts , , alhe dhuvaalaku atleat 2 parts up kolleveyne gotheh hadhaalabala 🙂