Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގައިވާން އެދެމޭ… 8

laya Level 110 Stories
February 19, 2014 7 Mins Read
8 Comments

ވާރޭ ތެރޭގައި ދެމީހުން އެކުގައި ދުވެލާފައި ދިޔައިރު ދެލޯބިވެރިއަކު ވާރޭގެ ހިތްގައިމު މާހައުލުގައި ލޯބީގެ ވަގުތުކޮޅެއް ހޭދަކުރަމުންދާ ފަދައެވެ.  ކާރަށް އެރުނުއިރު ދެމީހުންވެސް ތިބީ ފުދޭވަރަކަށް ތެމިފައެވެ. އާލިކް ތެމިފައިވާ ިއސްތަށިގަނޑަށް އަތްލައްވާލާ ފެންތައް ފޮޅާލުމަށްފަހު ޖެހިގެން އިން ސީޓުގައި އިން ވިޝާއަށް ބަލާލިއެވެ. އޭރު އޭނާ އިނީ ދެއަތް ބޮނޑިކޮށްލައިގެން އިސްޖަހައިނެވެ. އެވަގުތުވެސް އާލިކްގެ ލޮލުގައި އަޅައިގަތީ ފިނިވުމުގެ ސަބަބުން ތުރު ތުރު އަޅަމުންދިޔަ ވިޝާގެ ލޭކުލައިގެ ތުންފަތެވެ. ހާދަހާ ރީއްޗެވެ.

“މްމް.. ކޮންތާކު ގެ ހުންނަނީ..” ހިތައް އަރަން ފެށި އެއްޗަކުން އާލިކް އަވަސް އަވަހަށް މޫނު އަނބުރާލުމަށްފަހު އާދައިގެ ރާގަކަށް ވާހަކަދެއްކިއެވެ. ނަމަވެސް އޭނާގެ ހަށިގަނޑުގައި އޭރު ވަނީ އާދަޔާ ޚިލާފު އިހުސާސްތަކެއް އުފެދިފައެވެ. ފިނި ފިނި އެރޭގަނޑުގައި އޭނާގެ ޒުވާން ހިތް އެދެމުން ދިޔައީ ހޫނު ކަމުގެ ދާނަކަށެެވެ.

” މީ.. މައްޗަން ގޯޅި.. ސަހަރާކައިރި..” ވިޝާ އާލިކްއަށް ޖަވާބު ދިން އިރުވެސް ހީ ގަނެފައި ވުމުގެ ސަބަބުން އޭނާގެ ތުންފަތުގައިވާ ތުރު ތުރުލުން ފިލައިގެންނެއް ނުދެއެވެ. އެމަންޒަރު ފެނުމުން އާލިކްއަށް ހިން ދިރުވާލެވުނެވެ. އޭނާއަށް އެވަނީ ކިހިނެތް ހެއްޔެވެ؟ ވިޝާ ނޫނަސް ޝާޔަން އާއިއެކުގައިވެސް އެކަހަލަ އެތައް ރެއެއް އޭނާ ހޭދަކޮށްފައިވާނެއެވެ. ނަމަވެސް އެރޭ ވަމުން އެދިޔަ ކަހަލަ ގޮތްތަކެއް ދުވަހަކުވެސް އޭނާއަކަށް ނުވެއެވެ.

އާދައިގެ ދުވެއްޔެއްގައި ވިޝާ ބުނި ގެއާއި ހަމައަށް ދެވުނު އިރުވެސް ވެހެމުން ދިޔަ ވާރޭކުޑަކޮށްވެސް މަޑުކޮށެއް ނުލައެވެ. އެހެންނަމަވެސް ވިޝާ ކާރު މަޑުކޮށްލުމާއިއެކު ތޭންކްސް އޭ ބުނެލާފައި ކާރުން ފޭބީ އަރާމުކޮށްލުމަށް ބޭނުންވެފައި ހުރިވަރުންނެވެ. ނަމަވެސް އެރޭ ހިނގާދިޔަ ބިރުވެރި ހާދިސާ ހިތައް ވަނުމުން ވިޝާގެ ފިޔަވަޅުތައް މަޑު ޖެހިލިއެވެ. އަދި ވެހެމުން ދިޔަ ވާރޭގެ ތެރޭގައި ހުރެ އޭނާއަށް ކާރުގައި އިން އާލިކްއާއި ދިމާއަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ.

ވިޝާ ބަލާލުމުން އާލިކް ހިނިތުންވެލީ ގާތް ގޮތަކަށެވެ. އޭނާ ކާރުގައި މަޑުކޮށްލައިގެން އިނީ ވިޝާ ގެއަށް ވަންނަން ދެންނެވެ. ލަސް ލަހުން ހިނގާލާފައި ދިޔަ ވިޝާ ގޭގެ ތެރެއަށް ވަދެގެންދިއުމާއިއެކު ކާރު ސްޓާޓް ކޮށްލަން އުޅުނު އާލިކްގެ ދެބުމަ ގޮށްޖެހިގެން ދިޔައީ ވިޝާ މެންގޭގެ ކުރިމައްޗަށް ވާގޮތަށް ހުރި ހޮޓަލުގައި ތިބި ދެ ފިރިހެނުން ވިޝާ ގެއަށް ވަދެގެން ދިޔަ ތަނަށް ބަލަހައްޓައިގެން ތިބުމުންނެވެ.

“ނޫން..” ހިތައް އެރި އެއްޗެއްގެ ސަބަބުން އާލިކްއަށް ކުއްލިއަކަށް ބޯ ހޫރާލެވުނެވެ. އަވަސް އަވަހަށް ކާރުން ފައިބައިގެން ހަލުވި ފިޔަވަޅުތަކެއްގައިގޮސް ވިޝާގެ އެޕާޓްމެންޓުގައި ޓަކި ޖަހާލިއެވެ.

” ސަރ..؟؟” އެގަޑީގައި ދޮރުގައި ޓަކި ޖެހުމުން ނުތަނަވަސްވެފައި ހުރި ވިޝާގެ މޫނުމައްޗަށް ހައިރާންކަމުގެ ކުލަވަރު ވެރިވެގަތީ ދޮރުމަތީގައި ހުރި އާލިކް ފެނުމުންނެވެ.

” އާނނ.. މީ.. ކާރު ސްޓާޓެއް ނުވި.. މައްސަލައެއް ޖެހުނީ ކަންނޭނގެ..” އާލިކް ވިޝާގެ މޫނަށް ބަލާލަމުން ގަސްތުގައި ދޮގެއް ހަދާލީ ހަގީގަތް ފާޅުކުރަން ބޭނުން ނުވެގެންނެވެ.

” ދެން.. އާދޭ އެތެރެއަށް.. ދެން ކިހިނެތް ހަދާނީ..” ވިޝާ ކަންބޮޑުވީ އެއީ ރޭގަނޑުގެ ވަގުތު ކަމުންނެވެ. އޭނާގެ މޫނުމަތީގައިވާ ސިހުމާއި ބިރުވެރިކަމުގެ ތެރެއަށް ކަންބޮޑުވުމުގެ އަސަރު ފާޅުވުމުން އެމޫނަށް ވެގެން ދިޔަ ގޮތް އާލިކްއަށް ރަނގަޅަށް ފެނުނެވެ.

” ދެން.. މިގޭގަ ހުންނަން ޖެހޭނީ..” އާލިކް އެތެރެއަށް ވަނުމަށްފަހު ތަރުތީބުކަން އެކުލެވިފައި އެ ކުޑަ ކުޑަ ތަންކޮޅަށް ނަޒަރު ހިންގާލަމުން ގޮނޑީގައި ހަމަޖެހިލިއެވެ.

” މި.. މިގޭގަ ކިހިނެތް؟.. މިތާ ސަރ.. ނި.. ނިދަން..” އާލިކް ބުނެލި ޖުމްލައިން ވިޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާ އެހާ ބޮޑަށް ހާސްވީތަން ފެނުމުން އާލިކްއަށް ކުޑަކޮށް ހެވޭގޮތްވިއެވެ.

” ވިޝާ ދޭބަލަ ނިދަން.. މަ މިތާ އިންނާނަމޭ.. އޭމް ފައިން..” ކުޑަ ހިނިތުންވުމަކާއިއެކު ޖީބުގައި އޮތް ކާރުގެ ތަޅުދަނޑި ނަގަމުން އާލިކް ވިޝާއަށް ޖަވާބުދިނެވެ. އެވަގުތު ވިޝާވެސް އިތުރު ވާހަކަތަކެއް ދެއްކުމެއްނެތި ކޮޓަރިއަށްވަނީ އާލިކް އައުމުން އެހިތުގައިވާ ބިރުވެރިކަންވެސް ކުޑަވެލުމުންނެވެ. ނަމަވެސް ކޮޓަރިއަށް ވަނުމަށްފަހު މިނެޓެއްވެސް ނުވަނީސް ވިޝާ އަނެއްކާވެސް ނުކުމެއްޖެއެވެ. ގޮނޑީީގައި އިން އާލިކްއަށް ބަލާލުމެއްނެތި ހަރަކާތްތައް އަވަސްކޮށްލާފައި އޭނާ އުނދުން މައްޗަށް ފެން އެއްޗެއް އުދާލިއެވެ. ވިޝާ ކުރަން އުޅޭ ކަމެއް ނޭނގިގެން ހައިރާންވެފައި އިން އާލިކްއަށް ވިޝާގެ އަވަސް ހަރަކާތްތަކަށް ބަލަހައްޓައިގެން އިނދެވުނީ އާޝޯޚްވެފައެވެ. އެ މައުސޫމް އެކަނިވެރި އަންހެން ކުއްޖާއާއިމެދު އޭނާގެ ހިތުގައި އުފެދިފައި އެވާ ހަމްދަރުދީ އޭނާއަށް އުނދަގޫ ކުރަން ފަށައިފިއެވެ. އެހަމްދަރުދީގެ ސަބަބުން ވިޝާގެ ކިތަންމެ ކުޑަ ކުޑަ ހަރަަކާތެއްގައިވެސް ޚާއްސަ ކަމެއް ވާކަމުގައި އާލިކްއަށް ގަބޫލުކުރެވެން ފަށައިފިއެވެ. އެއީ ހަމަ ހަމްދަރުދީ ހެއްޔެވެ؟

” ކޮފީ..” ވިޝާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިން އާލިކްއަށް ސިހުމެއް ލިބުނީ ވިޝާ އޭނާއަށް ކޮފީ ޖޯޑު ދިއްކޮށްލުމުންނެވެ.

” ތޭންކްސް..” ހިނިތުންވެލަމުން އާލިކް ޖޯޑުގައި ހިފާލިއެވެ. އެޭނާގެ އެހިނިތުންވުމުގެ ސަބަބުން ވިޝާއަށްވެސް ހިނިތުންވެލެވުނެވެ. މަޑުމަޑުން ގޮސް އާލިކްއާއި ކުރިމައްޗަށް ވާގޮތަށް ހުރި ގޮނޑީގައި އިށީނދެ އޭނާގެ ކޮފީ ބޯން ފެށިއިރުވެސް ވިޝާގެ ނަޒަރު ހުއްޓިފައި ހުރީ އާލިކްގެ މޫނަށެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. މިރޭ އޭނާއަށް އާލިކްގެ ފުށުން ފެންނަނީ މުޅިން ތަފާތު މިޒާޖެކެވެ. ހިނިތުންވުމާއި ވާހަކަދެއްކުމުގައިވެސް ވަނީ ގާތްގޮތެވެ. އޮފީހަށް ވަނީއްސުރެ އަބަދަުވެސް އާލިކް ފެންނަ އިރަށްވެސް ފޫހިވާ ވިޝާ މިރޭ އޭނާގެ ގޭގައި ނުހަނު ގާތުގައި އާލިކް އިން އިރުވެސް ހިތްހަމަޖެހިލައިގެން އެއިނީ އެހެންވެގެންބާވައެވެ. އެކަމަކު އާލިކްގެ އެހާ ކުޑަ ކުޑަ އޯގާތެރި ކަމަކުން ވިޝާގެ ހިތް މުޅިން ބަދަލުވެގެން ދިޔައީ ކީއްވެގެން ހެއްޔެވެ؟ ވިޝާ އޭނާގެ ހިތާއި ސުވާލު ކުރަމުން ދިޔައިރު އެ ސުވާލު ތަކުގެ ޖަވާބުވެސް އޭނާއަށް އެނގެއެވެ. ތެދެކެވެ. އާލިކްގެ ބޮޑާ އަދި ފޮނި މިޒާޖުގެ ފަހަތުގައި އޯގާތެރި، ހިތްހެޔޮ ފަރާތެއް ވާކަން ވިޝާއަށް ގަބޫލު ކުރެވުނީއެވެ. އާލިކް ނެތްނަމަ މިރޭ އޭނާއަށް ވާނެ ގޮތެއްވެސް ނޭނގެއެވެ.

” ވަރަށް މީރު ކޮފީ..” އާލިކް ކޮފީ ހުސްކޮށްލުމަށްފަހު ސިންކު ކައިރިއަށް ގޮސް ޖޯޑު ދޮވެލީ ފަރިތަކަމާއިއެކުގައެވެ. އެ މަންޒަރު ބަލަން އިން ވިޝާއަށް އިނދެވުނީ ހައިރާންވެގެން އަނގަ ހުޅުވިފައެވެ. ހަމަ ގައިމުވެސް އެކަހަލަ ކަންތައްތަކަކީ އާލިކް ކުރާނެ ކަމަށް އޭނާ ހީވެސް ކުރި ކަންކަމެއް ނޫނެވެ.

” ވިޝާ.. ދެން ދޭ ނިދަން.. މަ އިންނާނަން މިތަނުގަ.. ވާރޭ ހުއްޓާލީމަ ވިޝާއަށް ގޮވާފަ ދާނީ..” އާލިކް ވާހަކަ ދެއްކީ ހަމަޖެހިލައިގެން ހުރެއެވެ. އެވަގުތު ވިޝާވެސް ބަސް އަހާ ކުޑަ ކުއްޖަކު ފަދައިން ޖޯޑު ދޮވެލުމަށްފަހު ކޮޓަރިއަށް ވަދެ ދޮރު ތަޅުލީ އިތުރު ބަހެއް ބުނުމަކާއި ނުލައެވެ. ވިޝާ އެތެރެއަށް ވަނުމުން އާލިކް ލައިގެން ހުރި ޓީޝާޓް ބޭލުމަށްފަހު ގޮނޑީގައި އަލުވާލާފައި ހިން ދެމިލިއެވެ. އޭނާގެ ހިނތުންވުމުން އެމޫނުމަތީގައިވާ ހިތްހަމަޖެހުން ރަނގަޅަށް ހާމަވެއެވެ. ހަގީގަތުގައި އޭނާގެ ފުށުން އެކަނިވެރި އަންހެން ކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދެވޭތީ އޭނާ އުފާވަނީއެވެ. ނޫނެކެވެ. އެކަނިވެރި އަންހެން ކުއްޖެއް ވީމައެއް ނުނެވެ. ޝާޔަން އެކަނި އުޅޭ ރޭ ރޭގައި އޭނާގެ ކައިރީ ހުއްޓަކަސް އާލިކްއަށް އެފަދަ އިހުސާސެއް ނުކުރެވެއެވެ. ދެން މިރޭ.. އާިލކް ބޯ ހޫރާލިއެވެ. އެފަދަ ކަންތައްތަކާއިމެދު ވިސްނުމަކީ އޭނާގެ މިޒާޖުގައިވާ ކަމެއް ނޫނެވެ. ކުޑަ ގޮތަކަށް ހީނލުމަށްފަހު އާލިކް އެއްގޮނޑިއަށް ފައި ވައްޓާލައިގެން އަނެއް ގޮނޑީގައި ރަނގަޅަށް ހަމަޖެހިލިއެވެ.

ފަތިހު ފަސްގަޑި ބައި ވީއިރު ވިޝާ ހުރީ ފަތިސް ނަމާދު ކުރާށެވެ. މިއަދު ތަންކޮޅެއް ލަހުން ހޭލެވުމުން އާލިކް ދިޔަތޯ ބަލާލުމެއްވެސް ނެތި ވިޝާ އަވސްވެގަތީ ނަމާދުކޮށްލާށެވެ. ނަމާދުކޮށް އަވަދިވެގެން ލައިގެން ހުރި ހުދު ކުރުތާއާއި ކަޅު ހަރުވާޅާއިއެކު ކަޅު ބުރުގާއެއް އަޅާލަމުން އޭނާ އަވަސް އަވަހަށް ކޮޓަރީގެ ދޮރު ހުޅުވާލީ އާލިކް ދިޔައީތޯ ބެލުމުގެ މަގްސަދުގައެވެ. ނަމަވެސް ދޮރު ހުޅުވާލުމާއިއެކު ފެނުނު މަންޒަރުން ވިޝާއަށް ބޭއިޚްތިޔާރުގައި އަނެއް ފަރާތަށް އެނބުރެވުނީ ލޯމަތީގައި އަތްވެސް އަޅަމުންނެވެ. ނަމަވެސް އަނެއްކާވެސް އޭނާ އެދިމާއަށް އެނބުރިލީ އެމަންޒަރު ދެވަނަ ފަހަރަށް ބަލާލުމަށް އޭނާގެ ހިތް އެދިލުމުންނެވެ. ވިޝާއަށް ބަލަހައްޓައިގެން ހުރެވުނީ ދެފައި ގޮނޑިއަށް އަރުވައިގެން އަނެއް ގޮނޑީގައި ހަމަޖެހިލައިގެން އޮތް އާލިކްގެ ކުލަ އަލި ކަސްރަތީ ހަށިގަނޑާއި ދިމާއަށެވެ. ހާދަ ފުރިހަމައެވެ. ތަނަވަސް މޭމައްޗާއިއެކު، ބައިމަތި ފުޅާ އެހަށިގަނޑު ހުރަހެއް ނެތި ފެނުމުން ވިޝާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ވިޝާ މޭގައި ހިފަހައްޓާލަމުން މަޑުމަޑުން އާލިކްއާއި ކައިރިއަށް ޖެހިލިއެވެ. ނިދާފައި އޮތް އިރުވެސް އެ މޫނުމަތީގައި ވަނީ އޮފީހުގައި އުޅޭ އިރު ހުންނަ ސީރިއަސް ކަމެވެ. ވިޝާއަށް ހީނލެވުެނެެވެ. ހަމަ ގައިމުވެސް ނިދާފައި އޮންނަ އިރު އެ ފޮނި ގޮތްގަނޑެއް އެމޫނުމައްޗަކު ނުވެއެވެ.

” ސަރ.. ސަރ..” ވިޝާ ދެފަހަރަކު ގޮވާލިއިރުވެސް އާލިކްއަށް އެނގުނުހެންނެއް ހިއެއް ނުވެއެވެ. އޭނާގެ ނިދިގަދަކަން ވިޝާއަށް އެނގޭ ނަމަ އެހާ މަޑުމަޑުން ގޮވަން ހިތައްވެސް ނާރުވާނެއެވެ.

” ސަރ.. ހެނދުނު ވެއްޖެ.. ސަރ..” ވިޝާގެ އަޑު ތަންކޮޅެއް ބާރުކޮށްލިއެވެ. ނަމަވެސް އާލިކް ހަމަ ކަހާ ތަނަށް ހިރުވައިވެސް ނުލައެވެ.

” އެހާ ނިދި ގަދަތަ؟..” ވިޝާ ކުޑަކޮށް ތުން ހަދާލަމުން އުނގަނަޑުގައި އަތް ވިއްދާލިއެވެ.އަދި ކުޑަ އިރުކޮޅަކު ވިސްނާލުމަށްފަހު އޭނާ އާލިކްގެ އަތުގައި އަތްޖައްސާލީ އޭނާއަށް ގޮވުމުގެ ގޮތުންނެވެ.

” ސަ..” ވީގޮތެއް ނޭނގުނެވެ. ވިޝާގެ ފިނި ފިނި އަތްތިލަ ޖެހުމާއިއެކު އާލިކް ސިހިފައި ދެލޯ ހުޅުވާލިއެވެ. ތެދެކެވެ. އޭނާ ނިދީގައި އޮއްވާ އެފަދަ ފިނި ފިނި އަތަކުން ދުވަހަކުވެސް މީހަކު އަތެއް ނުލައެވެ. ލޯ ހުޅުވާލުމާއިއެކު އޭނާއާއި ނުހަނު ކައިރީގައި ހުރި ވިޝާގެ ތާޒާ މޫނު ފެނުމުން އާލިކްގެ ނިދި މުޅިން ފިލައިގެން ދިޔަފަދައެވެ. ހިނދުކޮޅެއްގެ ތެރޭގައި ރޭގައި ހިނގާ ދިޔަ ކަންތައްތައް ސިކުނޑިއަށް ޖަމާވުމުން އާލިކް މަޑުމަޑުން ތެދުވިއެވެ.

” މްމްމް.. ޓޮއިލެޓް؟..” އާލިކް މޫނު އުނގުޅާލަމުން ވިޝާއާއި ސުވާލު ކޮށްލިގޮތުން އޭނާއަށް ހުރީ ހެވިފައެވެ. އަތުގެ އިޝާރާތުން ކޮތަރި ދައްކާލަމުން ވިޝާ އަވަސްވެގަތީ އާލިކް ދިއުމުގެ ކުރިން ކޮފީއެއް ހަދައިދިނުމަށެވެ.

” ކަރަށް ނާރެއް އެރީ ކަންނޭނގެ.. އުހހ..” އާލިކް ބޯ ގޮތްގޮތަށް ހަދަމުން ސިންކު ކައިރީގައި މަޑުކޮށްލީ ވިޝާ ކޮފީ ހަދަން ހުރުމުންނެވެ.

” ކޮފީ ބޮއިގެންނުން ދާންވާނީ..” ކޮފީ ޖޯޑު ދިއްކޮށްލަމުން ވިޝާ އާލިކްއާއި ދިމާއަށް އެނބުރެލިއިރު އޭނާ ހުރީ ޖެހޭ ނުޖެހޭހާ ކައިރީގައެވެ. އެވަގުތު ތެޅިގަތް ހިތާއިއެކު ވިޝާއަށް ކުއްލިއަކަށް ބަލާލެވުނީ އާލިކްގެ ހާމައަށް ހުރި ހަށިގަނޑަށެވެ.

“އޮހް.. އޯހްހް.. ހަނދާން ނެތުނީ..” ވިޝާ މާ ފާޑަކަށް ބަލާލުމުން އާލިކް އަވަސް އަވަހަށް ގޮސް ޓީޝާޓް ވައްޓާލުމަށްފަހު ކޮފީ ބޯން ފެށިއެވެ. އޭނާގެ ހަރަކާތްތައް ހުރިގޮތުން ވިޝާ ހުރީ ގަބޫލުކުރަން ދަތިވެފައެވެ. އެއީ ހަމަ ވޭތުވެ ދިޔަ ދެހަފްތާއެއްހާ ދުވަހު އޭނާ ރުޅި އަރުވަން އުޅުނު އާލިކް ހެއްޔެވެ؟ އެންމެ ރެއަކުން އެހާ ބޮޑު ބަދަލެއް އައީ ކިހިނެތް ހެއްޔެވެ؟

“އޯކޭ.. ތޭންކްސް ފޯރ ދި ކޮފީ.. ރޫމް.. އެންޑް މްމްމް ޓޮއިލެޓް.. ހެހެ ސީޔޫ..” އާލިކް ދޮރުމައްޗަށް އެރުމަށްފަހު އެއްމިޔަކަނުން ހީނލަމުން ވާހަކަ ދެއްކިގޮތުން ވިޝާގެ ހިތް ހީވީ ނަށަން ފެށި ހެންނެވެ. އެކަމަކަު އެއީ ކީއްވެގެން ހެއްޔެވެ؟ ގަބޫލު ކުރަން ބޭނުން ނުވިއަސް އާލިކްގެ ފަރާތުން އެފެނުނު ގާތްކަން އޭނާގެ ހިތައް އުފާވެރިކަން ގެނުވައިފިއެވެ.

އާލިކްވެސް ވިޝާއެކޭ އެއްފަދައެވެ. ބުނެދޭން ނޭނގޭ ސަބަބަކާއި ހުރެ އެ އަންހެން ކުއްޖާ އާއިމެދު އޮތް ފޫހިކަން އެހިތުންފިލައިގެން ދިޔަ އިރެއްވެސް ނޭނގެއެވެ. އެ ލުއި ލުއި ހިނިތުންވުން އެހިތުން ޖާގަ ހޯދި އިރެއްވެސް ނޭނގެއެވެ. ހެނދުނުގެ އެވަގުތުގައި ރީތި އިނގިރޭސި ލަވައެއް ޖަހާލައިގެން އިނދެ ކާރުގައި މާލެ ވަށާ ބުރެއް ޖަހާލި އިރުވެސް އޭނާގެ މޫނުމަތީގައިވާ ހިނިތުންވުމަށް ބަދަލެއް ނާދެއެވެ. އޭގެ ފަހުގައި ގެއަށް ގޮސް އެއްޗެއްސެއް އިސްތިރިކޮށްލުމަށްފަހު، ފެން ވަރާ އަދި ކުޑަ ގޮތަކަށް ސައި ބޮއި ނިންމާލިއިރުވެސް ހިނިތުންވުން އެފަދައެވެ. އެ އުފާވެރިކަމުގައި އާލިކް ހަނދާން ނެތިފައި ހުރީ އިއްޔެ އިރު އޮއްސުނު އިރު ފޯނު އޮފްކޮށްލި ގޮތަށް އަދިވެސް އޭނާގެ ފޯން އޮން ނުކުރެވޭ ކަމެވެ. ރީތިވެގެން 9 ގަޑި ބައި ހާ އިރު އޮފީހަށް ދާން ނުކުތް އިރުވެސް އޭނާއެކަމެއް ހަނދާނެއް ނެތެވެ.

ކެބިންގެ ތެރެއަށް ވަދެވުމާއިއެކު އާލިކް ލޯ ހުއްޓުނީ ގޮނޑީގައި ފޮޅިފައިވާ ފިނިފެންމަލެއް ފަދައިން ތާޒާވެލައިގެން އިން ވިޝާއަށެވެ. އެހެން ދުވަސްދުވަހާއި ޚިލާފަށް ވިޝާއަށް އާލިކް ފެނުމާއިއެކު ދަތްތައް ފެންނަވަރަށް ހިނިތުންވެލީ ދެލޯބިވެރިއަކު ފުރަތަމަ ބައްދަލުވުމަށްފަހު ދިމާވުމުން ހިނިތުންވެލާ ފަދައިންނެވެ. އެއާއިއެކު އާލިކްވެސް ދަތްތައް ދައްކާލާފައި ފިރިހެންވަންތަ ގޮތަކަށް ހިނިތުންވެލަމުން ގޮސް ގޮނޑީގައި އިށީނީ ހަމަ ޖެހިލައިގެން ހުރެއެވެ. އޭގެ ފަހުން ގަޑި އެއްހާ އިރު އެމީހެއްގެ މަސައްކަތުގައި އެމީހަކު މަޝްޣޫލުވެފައި ތިބިއިރުވެސް ދެމީހުން ދެމީހުންނަށް އެފަދަ ހިނިތުންވުން ހަދިޔާ ކުރިއެވެ. ނަމަވެސް އެހާއިރު ވީއިރު އެކަކުވެސް ވާހަކަ ދައްކާ ހިޔާލެއް ނުކުރެއެވެ.

” ކޮބާ ރޭގަ ނިންމި ބައެއް އެއްޗެހި ހުންނާނެ ތިތާވެސް..” ގަޑިއެއްހާ އިރުގެ ހަމަހިމޭންކަން ފޫދުއްވާލަމުން ފުރަތަމަ ވާހަކަ ދެއްކީ އާލިކްއެވެ.

” ތި މޭޒަށް ލާފަ ހުންނާނީ..” ވިޝާ ހީނލަމުން އާލިކްއަށް ޖަވާބު ދިންގޮތުން އާލިކްއަށްވެސް ހެވިއްޖެއެވެ.

” ކޮބާތަ..” އާލިކްއަށް ހަގީގަތުގައިވެސް އެފައިލްތައް ނުފެނުނީއެވެ. އެއާއިއެކު ވިޝާ ތެދުވެގެން ގޮސް އާލިކްގެ މޭޒުކައިރީ ހުއްޓިލިއެވެ.

” މިހިރީނުން..” ވިޝާ ފައިލްތައް ނެގުމަށްފަހު އާލިކްއަށް ދިއްކޮށްލިއެވެ. ތަންކޮޅެއް ކުރީގެ ފައިލްތަކެއް ތެރޭގައި އެތަކެތި ބަހައްޓާފައި ހުރުމުން އާލިކްއަށް ނުފެނުނީއެވެ.

” ހުމްމް.. ހަމަތޯ ޗެކްކޮށްލަދީ..” އާލިކް ހިނިތުންވެލަމުން ފައިލްތައް ހުޅުވާލަމުން ބުނެލިއެވެ. އެވަގުތު ވިޝާ އާލިކްގެ މޭޒު ކައިރީގައި ހުރި ގޮނޑީގައި އިށީނދެ ފައިލްތައް ބަލަން ފެށީ ހިތްހަމަޖެހިފައި އިނދެގެންނެވެ. ދެމީހުން ލިޔުންތައް ޗެކް ކުރަމުން ދިޔައިރު އިރު އިރުކޮޅާއި ވިޝާ އެއްޗެކޭ އަހާލައެވެ. އެއާއެކު އާލިކް އޭނާއަށް ޖަވާބުދާރީ ވަނީވެސް އުފަލާއިއެކުގައެވެ. ޖެހި ޖެހިގެން ކަހަލަ ގޮތަކަށް ހުރި ދެގޮނޑީގައި ތިބެގެން ދެމީހުން އެކުވެރިކަމާއިއެކު މަސައްކަތް ކުރަމުން ދިޔައީ އުފާވެރިކަމާއިއެކުގައެވެ. މަންޒަރު ފެންނަ އިރު ހީވަނީ އެރަހްމަތްތެރިކަމަކީ އެތައް ޒަމާނެއް ވެފައިވާ އެއްޗެއް ހެންނެވެ. ކޮންފަދަ ދުނިޔެއެއް ހެއްޔެވެ؟ އިންސާނުންގެ ޠަބީޢަތު ބަދަލުވާންވެސް ސުކުންތެއްވެސް ނުނަގާ ފަހަރު އާދެއެވެ. ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށޭ މީހުން ބުނެ އުޅެނީ އެހެންވެގެންނެވެ.

” ބަލާބަލަ.. ތީ ދޯ ފޯން އޮފްކޮށްގެން ކުރާ ކަމަކީ..” އާލިކް ވިޝާއަށް ލެޕްޓޮއިން އެއްޗެއް ދައްކާލި ވަގުުތު ކުއްލިއަކަށް ސިއްސައިގެން ދިޔައީ ދޮރުމަތިން އިވުނު ޒީލަގަދަ އަޑެއްގެ ސަބަބުންނެވެ. އެއާއިއެކު އެއިން ގޮތަށް އިނދެފައި އާލިކް ލޯ މަރާ ބާރުކޮށްލުމަށްފަހު ” ނޮޓް އެގެއިން”.. އޭ ބުނެލިގޮތުން ވިޝާވެސް ކުޑަކޮށް ނުތަނަވަސްވިއެވެ. އާލިކްގެ މޫނަށް ވީގޮތް ބަލަން އިނދެފައި އޭނާ ލަސްލަހުން އިސް އުފުލާލާ ދޮރުމަތީގައިހުރި ޝާޔަންގެ މޫނަށް ނަޒަރު ހުއްޓާލީ ވިސްނުންތެރިކަމާއިއެކުގައެވެ. އެވަގުތު އައިސްފައިވާ ރުޅީގެ ސަބަބުން ރަތްކުލަ އަރާފައިވާ ޝާޔަންގެ ވަށް މޫނާއި ގަދަ ރުޅިއާއިއެކު ވަށްކޮށްލާފައިވާ ދެލޯ ފެނުމުން ވިޝާވެސް ސިހިގެންދިޔައެވެ. އަވަސް އަވަަހަށް އާލިކްގެ މޫނަށް ބަލާލަމުން ވިޝާ ވައިރޯޅިއެއްހެން ކެބިންގެ ތެރެއިން ނުކުމެގެން ދިޔައީ އެދެމީހުންނަށް ވަގުތު ދިނުމުގެ މަގްސަދުގައެވެ. އެހެންނަމަވެސް އެދެމީހުން ކެބިންގެ ތެރޭގައި އެކަހެރި ކޮށްލާފައި ނުކުންނަން ޖެހުމުން ވިޝާގެ ސާފު ހިތް ނުގޮތަކަށް ވިންދު ޖަހާލިއެވެ.

” އާލް އަށް ހާދަ ވަރަކަށް ގުޅިއްޖެއޭ.. ކީއްވެތަ ތިގޮތަށް ތިކަންތައް ކުރަނީ.. އެންޑް ދެޓް.. އެ ހަންޑި ގަނޑާއިއެކު ކޮންމެ ދުވަހަކު ފެންނަންވީ ކީއްވެ؟..” ވިޝާ ދިއުމާއިއެކު ޝާޔަން ދިޔަގޮތަށް އާލިކްގެ ގަމީހު ގިރުވާނުގައި ހިފަހައްޓާލަމުން ވާހަކަދެއްކީ އެހެން ދުވަސް ދުވަހެކޭ އެއްފަދައިން ޝަކުވާގެ ރާގުގައެވެ. ކަރުނައިން ދެލޯ ފުރެމުންދާ ހާލުގައެވެ. އާލިކްވެސް އެއީ ޝާޔަންގެ އާދަކަން އެނގޭތީ ހަމަޖެހިލައިގެން ހުރެފައި ކުއްލިއަކަށް ޝާޔަން ވިޝާއަށް ނިސްބަަތްކޮށްފައި ބުނެލި އެއްޗަކުން ހަރަކާތްތައް ހުއްޓިއްޖެއެވެ. އަދި އޭނާގެ ތޫނުކަން އެކުލެވިފައިވާ ދެލޯ ޝާޔަންގެ ބޮޑު ދެލޮލާއި ސީދާކޮށްލީ މީހަކު ބިރުންގޮސް ވިރިގެން ހިނގައިދާނެ ފަދަ ގޮތަކަށެވެ.

” ކީކޭ ތިބުނީ..” އާލިކް ލަސްލަހުން ސުވާލުކޮށްލިއިރު އެއަޑުގައިވީ ހިތްހަމަނުޖެހުން ޝާޔަންއަށް ރަނގަޅަށް ހާމަވިއެވެ. އަދި އެއީ ވިޝާއާއި ބެހޭގޮތުން އެއްޗެއް ބުނެވުނީމަކަން އެނގުމުން އޭނާގެ އާދަޔާ ޚިލާފު ރުޅިވެރިކަން ހައްދުން ނެއްޓިއެވެ.

” އަހަރެން މިބުނީ.. އެ ހަންޑި.. އެ ހަ ން ޑި.. އާ އެކު.. ކޮންމެ ދުވަހަކު އާލިކް ފެންނާކަށް ނުޖެހެއޭ..” ރުޅި ކޮންޓްރޯލް ކުރން ދަސްވެފައި ނުވާ ޝާޔަން ރުޅިވެރިކަމާއިއެކު ބުނެލި ޖުމްލަ ނިމުނު އިރު ވަނީ ކުޑަ ހަޅޭކަކަށްބަދަލުވެފައެވެ. އެއާއިއެކު ޝާޔަން ބާރު އަޑުން ސާފުކަމާއިއެކު ވިޝާއަށް ނިސްބަތްކޮށް އެއްވެސް ފިކުރެއްނެތި ބުނެލި ބަހުން އާލިކްއަށް ހީވީ މީހަކު އޭނާގެ ކުރިމަތީގައި އޭނާއަށް މަލާމަތް ކުރަނީހެންނެެވެ.

” އާނ.. ހަމަ ހަންޑި.. ގޮތްކުޑަ.. ބިޗް…..”     ” އިނަފްފް.. ” ޝާޔަން ތަނެއް ދޮރެއް ނުބަލާ ހިތައް އެރިހާ އެއްޗެއް ވިޝާއާއި ދިމާއަށް ގޮވަން ފެށުމާއިއެކު އާލިކް އޭނާގެ ބާރު އަޑުން ހަޅޭއްލަވައިގަތީ މީހަކު ފިތްކަނޑައިގެންދާހާ ވަރަށެވެ. އެއާއިއެކު ޝާޔަންއަށްވެސް ބިރުން ފަހަތަށް ޖެހިލެވުނީ އާލިކްގެ ރުޅިވެރި މޫނު ފެނިފައެވެ.

” ކީކޭތަ ހިތައް އަރަނީ.. ކަލޭ ކިޔާހާ އެއްޗެއް އަޑު އަހަން މަ މީ ގަމާރެއް ކަމަށްތަ.. ނޫނީ ކަލޭ ބުނާހާ ގޮތެއް ހެދިގެން ހުންނަން މަ މީ ޕަޕެޓެއް ކަމަށްތަ ހީކުރަނީ..” އާލިކް ރުޅި އައިސްފައި ހުރިވަރުން ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ. ޝާޔަންގެ ހިމަ އަތުގެ މުލައްދަނޑީގައި ނުހަނު ބާރަށް ހިފަހައްޓާލައިގެން ހުރެ ދުވަހަކު ވާހަކަ ނުދައްކާ ބަހުރުވަ އަކުން ވާހަކަ ދައްކަމުން ދިޔައިރު ޝާޔަންގެ އަތް ހީވަނީ ބިންދައިގެން ހިނގައިދާނެ ހެންނެވެ.

ނުނިމޭ

Share Article

Follow Me Written By

laya

Level 110 Stories

Other Articles

Previous

ލަފްޒު (ދެވަނަ ބައި) -ސްނީކް ޕީކް-

HITHUGE THELHUN
Next

ހިތުގެ ތެޅުން (3ވަނަ ބައި)

Next
HITHUGE THELHUN
February 20, 2014

ހިތުގެ ތެޅުން (3ވަނަ ބައި)

Previews
February 19, 2014

ލަފްޒު (ދެވަނަ ބައި) -ސްނީކް ޕީކް-

8 Comments!

  1. yaan says:
    February 19, 2014 at 7:39 pm

    haadha kurey…adhi dhiku kurinama….plz dhen faharaku dhiku khla dheythi….any ways v salhi….dhen break up khlan v eh nun thi dhemeehun..airun reethi vaane…keep it up

  2. has says:
    February 19, 2014 at 8:03 pm

    Vrh vrh vrh reathi watin fr next part

  3. AANA says:
    February 19, 2014 at 8:39 pm

    varah reethi

  4. ރަޝް says:
    February 19, 2014 at 9:11 pm

    ހީވަނީ ވވ ކުރުހެން.. ވ.ރީތި

  5. aroo says:
    February 19, 2014 at 9:14 pm

    v v v v salhii… waiting 4 next part……

  6. zoo says:
    February 19, 2014 at 10:13 pm

    v v nice waitin for the next part

  7. na says:
    February 20, 2014 at 2:44 pm

    waiting for next part…..avas kh dheeba…story v nice

  8. ninni says:
    March 5, 2016 at 8:25 pm

    mi stry ge last episod kobaa?? ??

Comments are closed.


All Right Reserved!