އެކުގައިވާން އެދެމޭ… 7
” އޯ ގޯޑް ހެލްޕް މީ..” އިސްޖަހާލައިގެން ހުރި ވިޝާއަށްވެސް އިސްއުފުލާލަން މަޖުބޫރުވީ ކައިރީގައި ހުރި އާލިކް މަޑުމަޑުން ބުނެލި ޖުމްލަ އަޑުއިވުމުންނެވެ. އެއާއިެކު ދޮރުމަތީގައި ހުއްޓިލައިގެން ހުރި ބުދެއްފަދަ ލޫޅާފަތި އަދި އެހާމެ ދޮން އަންހެންކުއްޖާ ފެނުމުން ވިޝާއަށް ކޮންމެވެސް ވަރަކަށް ވީގޮތް އޮޅުން ފިލިއެވެ. ހަމަ އެވަގުތު އަތުގައި އޮތް ފައިލް ހިފާލައިގެން އަވަސް ފިޔަވަޅުތަކެއްގައި ވިޝާ އެތަނުން ނުކުމެގެން ދިޔައިރު ދޮރުމަތީގައި ހުރި އަންހެންކުއްޖާގެ ރުޅިވެރި ނަޒަރު ހުރީ އޭނާއަށް ހުއްޓިފައެވެ.
“ޝާޔާ.. ” ވިޝާ ނުކުތުމާއިއެކު އާލިކް ޝާޔަންގެ ގާތަށް ޖެހިލީ ހަމަޖެހިލަމުންނެވެ.
” އެއީ ކާކު؟..” އާލިކް އައިސް ޝާޔަންގެ ކުރިމަތީގައި ހުއްޓިލުމާއިއެކު ޝާޔަންގެ ރުޅިވެރި އަޑުން އަހާލިއެވެ. އޭރު އޭނާގެ ކަޅުކަން ގަދަ ދެލޯ އަމާޒުވެފައި ހުރީ ސީދާ އާލިކްގެ ދެލޮލަށެވެ.
” ދޫންޏާ.. ލެޓް މީ އެކްސްޕްލެއިން..” ޝާޔަން ރުޅި އައިސްފައި ހުރި މިންވަރު އެނގުމުން އާލިކް އޭނާގެ ދެކޮނޑުގައި ހިފަހައްޓާލީ ނިކަން ލޯބިންނެވެ.
” ކީއްވެތަ އާލް.. އަހަރެން އަޅެ ދައްކަނީ ދޮގު ވާހަކަތަ؟..” ޝާޔަން އާލިކް ލާފައި ހުރި ވައިލެޓް ކުލައިގެ ގަމީހުގެ ގިރުވާނުގައި ހިފަހައްޓާލަމުން ތުރުތުރު އަޅާ އަޑަކުން އެހެން ބުނެލިއިރު އޭނާގެ ދެލޮލަށް ކަރުނަތައް ބޮނޑިވަމުން ދެއެވެ.
” ޝާޔާ.. އެއީ ވިޝާ.. އާ ކުއްޖެއް..” އާލިކް ޝާޔަން ގެނެސް މޭގައި ލައްކޮށްލަމުން ދެންމެ ވިޝާއާއި ދެމެދުދުގައި ހިނގާ ދިޔަ ކުޑަކުޑަ ހާދިސާވެސް ކިޔައިދިނެވެ. އެވަގުތު ޝާޔަން އަނގަބަހުން އޯކޭއޭ ބުނެ ހިނިތުންވެލި ކަމުގައިވިޔަސް އޭނާގެ ހިތުގައި ވިޝާއާއިމެދު ނަފްރަތު އުފެެދެމުންދިޔައީ ހީނުކުރާފަދަ ދަރަޖައަކަށެވެ. އެކަން އާލިކްއަށްވެސް އެނގެއެވެ. ޝާޔަން މާ ފަސޭހައިން ގަބޫލުކޮށްލި ނަމަވެސް އެކަންތައްގަނޑު އޭނާގެ ހިތުން ނުފިލާނޭކަން އާލިކް ދެނަހުއްޓެވެ. އެހެންވެ އެވަގުތު ކަންތައް ކުރަން އެންމެ ރަނގަޅު ގޮތް ކަމުގައި ބަލާ އާލިކް އޭނާ ގޮވައިގެން މެންދުރުގެ ލަންޗަކަށް ދިޔައެވެ.
” އެއީ ސަރގެ ސޯ ކޯލްޑް ގާރލްފްރެންޑް.. ފޮނި އަންހެނެއް.. އެހާ ވަރަށް މިއޮފީހަށް އަންނައިރުވެސް އަނގައިން ނުބުނާ ތަނުގަ ހީނވެސް ނުލާނެ.. ތިމާގެ ރީތިކަން ފެނިފަ..” އަތު ގުޅުވާލައިގެން ތިބެ ނުކުމުގެން ދިޔަ އާލިކްއާއި ޝާޔަން ފެނުމުން ލިމްނާ އޭނާގެ ކައިރީގައި އިން ވިޝާއަށް ބުނެލިއެވެ. އެހެންނަމަވެސް ވިޝާގެ ފަރާތުން ހިނިތުންވުމެއް ފިޔަވައި އިތުރު އެއްޗެއް ނުލިބުނެވެ. ހަގީގަތުގައި މީހުންގެ ނުބައި ވާހަކަ އެކަކު އަނެކަކަށް ދެއްކުމަކީ އޭނާ މާ ގަޔާވާ ކަމެއް ނޫނެވެ.
ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން ގޮސް ޖެހިގެން އައި ދެހަފްތާއެއްހާ ދުވަސް ފާއިތުވީއިރުވެސް ވިޝާގެ ދިރިއުޅުމަކަށް މާބޮޑު ބަދަލުތަކެއް ނާދެއެވެ. ގޭގައި އަމިއްލަ ކަންތައްތައް ކޮށްލަމުން ރަށުގައި ތިބި ޒާހިރާމެންގެ ހާލު ބަލަމުން އަދި ހަމަ އެއާއިއެކު އޮފީހުގެ މަސައްކަތްތައް ކުރަމުން އޭނާ އުޅެމުން ދިޔައީ ހީވާގި ދިރިއުޅުމެކެވެ. ދެހަފްތާ ފާއިތުވެގެން ދިޔައިރު އޮފީހުގައި އުޅޭ ހުރިހާ އެންމެންގެ ހިތުން ވިޝާ ޖާގަ ހޯދާފައި ވީ ނަމަވެސް އާލިކްއާއި ދެމެދުގައިވާ ބީރައްޓެހިކަމަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އެއް ކެބިންއެއްގައި މަސައްކަތް ކުރާއިރުވެސް ބުނެލަނީ ކޮންމެހެން ބުނަން ޖެހޭ އެއްޗެކެވެ. އެއިން އެއްވެސް މީހަކު އަނެކާގެ ކިބައިގައި ހުރި ރަނގަޅު ސިފަތައް ބަލައިގަންނާކަށް ބޭނުމެއް ނުވެއެވެ. ފުރަތަމަ ނަޒަރުން އެކަކު އަނެކަކާއިމެދު އުފެދުނު ފޫހިކަން އެގޮތުގައި ދެމި އޮތީއެވެ.
ދެހަފްތާ ފާއިތުވެގެން ދިޔައިރުވެސް ވިކާޝްއަށް އާލިކް ގާތުގައި އޭނާ ދައްކަން ބޭނުންވި ވާހަކަތަކެއް ދެއްކޭ ގޮތެއް ނުވެއެވެ. ތެދުތެދަށް ބުނާނަން ދިރިއުޅުމުގެ އެހާ ބޮޑު ހަގީގަތެއް ހާމަކުރަން އުޅޭތީ އެކަމަށް އެކަށީގެންވާ ވަގުތެއް ނުޖެހެނީއެވެ. އެންމެ ފަހުން ވިކާޝް ގަސްތުކޮށްގެން ހުރީ މާލެ ދެވުމުން ހަމަ ޖެހިލަިއގެން އެވާހަކަތައް އާލިކްއަށް ކިޔައިދިނުމަށެވެ. އޭނާގެ މަންމައާއި ކޮއްކޮ ހޯދުމުގައި އާލިކްގެ އެހީތެރިކަން ބޭނުންވާ ވާހަކަ ބުނުމަށެވެ.
އެ ދެހަފްތާއަކީ އާލިކް ބޭނުންވާގޮތަށް އޭނާގެ މުވައްޒަފުންނަށް ޔުނީފޯރމް ތައްޔާރު ކުރަން ޑިޒައިނަރ ދީފައި އިން މުއްދަތެވެ. އެހެންކަމުން ޖެހިގެން އައި ހަފްތާގެ އާދީއްތަ ދުވަހަކީ މުވައްޒަފުން ޔުނީފޯރމުގައި އޮފީހަށް އަންނަންޖެހޭ ދުވަސްކަމުން އާލިކް ހުރީ ކެތްމަދުވެފައެވެ. ހަގީގަތުގައި މުވައްޒަފުން ޔުނީފޯރމުގައި ތިބޭނެ ގޮތް ބަލާހިތަކުން ނޫނެވެ. އެހެންނަމަވެސް އެ ގޮތްދޫނުކުރާ އަންހެން ކުއްޖާ ޔުނީފޯރމް ލާން ޖެހުމުން މޫނުމައްޗަށް ވެފައި ހުންނާނެ ގޮތް ދެކެލާ ހިތުންނެވެ. އެކަމުގެ ބޭނުމުގައި އާލިކް އެދުވަހު އޮފީހަށް އައީވެސް އެހެން އެންމެންނަށްވުރެ ކުރީގައެވެ. އޭނާ ބޭނުންވީ ވިޝާ ކެބިންގެ ތެރެއަށް ވަންނައިރު އޭނާގެ މޫނުމަތިން ކާމިޔާބުވީކަމުގެ ކުލަތައް ވިޝާއަށް ދައްކާލުމަށެވެ.
އާންމުކޮށް އަންނަ ގަޑިއަށްވުރެ ކުރިން އޮފީހަަށް އައުމުން އާލިކް އިނީ ނިދި އަންނަ ގޮތްވެފައެވެ. އެހެންނަމަވެސް ކިތަންމެ ފޫހިވިޔަސް އޭނާ ވިޝާ އަންނަންދެން އެތާ އިންނާނެއެވެ. އަތުގައި އޮތް ފޯނުން ފަހަރަކު ގޭމެއް ކުޅެލަ ކުޅެލާ އިން އާލިކްގެ ހަރަކާތްތައް މަޑުޖެހިލީ ކެބިންގެ ދޮރު ހުޅުވާލި އަޑު އިވުމުންނެވެ. އެއާއިއެކު މޫނުމައްޗަށް ކިބުރުވެރި ހިނިތުންވުމެއް ވެރިކުރުވަމުން ލަސްލަހުން އިސް އުފުލާ އެދިމާއަށް ބަލާލިއެވެ. ނަމަވެސް އެވަގުތު އޭނާގެ އެ ހިނިތުންވުން ފިލާގޮސް ކުރިމަތީގައި ހުރި ޕަރީއެއްފަދަ އަންހެންކުއްޖާގެ ރީތިކަމާއިމެދު ހައިރާންވެގެން ދިޔައެވެ.
މަޑު ފިޔާތޮށި ކުލައިގެ އަތްދިގު ކޯޓު ސްޓައިލަށް ހުރި ގަމީހާއި އަދި ހަމަ އެކުލައިގެ ފަޔަށް ހިފާފައިވާ ހުރި ބެލްސްގެ ސަބަބުން ވިޝާގެ ލޫޅާފަތިކަން ކުރިއަށްވުރެ މާރީތިކޮށް ފާޅުވެއެވެ. ގަމީހުގައިވާ ގަދަ ފިޔާތޮށި ކުލައިިގެ ގޮށްބަރި އެއް އަރިމައްޗަށް ހުރުމުން އެހެދުމުގައި އޮފިޝަލް އަދި ސްޓައިލިޝް ގޮތެއްވެސް ހުއްޓެވެ. މޭމަތިި ކިރިޔާ ނިވައިވާގޮތަށް އަޅާލެވިފައިވާ ގަދަ އަދި މަޑު ފިޔާތޮށި ކުލައިގެ ރޮނގުދެމި ސްކާފާއިއެކު އޭގެމަތިން މޭމަތީގައި ޖަހާލާފައި އިން ނަން ޓެގްވެސް ވިޝާގެ ފުރިހަމަކަމަށް ބޮޅެއް އިތުރުކޮށްދެއެވެ. އަދި ހަމަ އެގޮތަށް ފަޔާއި އެއްކުލައިގެ ސްޓާކީނަކާއި ކަޅު ކުލައިގެ އޮފް އަދި އުސް ބޫޓަކަށް އަރާފައިވުމުން އޭނާގެ އިސްކޮޅުވެސް ދައްކަނީ ކުރިއަށްވުރެ ދިގުކޮށެވެ.
” އައިޝަތު ވިޝާ.. ބިއުޓިފުލް އޮފީސް ގާރލް..” އާލިކްއަށް ކަޅި ޖަހާނުލާ ވިޝާއާއި ދިމާއަށް ބަލަހައްޓައިގެން އިނދެވުނުކަން ހަނދާންވުމުން އަވަސް އަވަހަށް މޫނު އަނބުރާލިއިރު އޭނާގެ ހިތް ވިޝާގެ ރީތިކަމަށް ތައުރީފް ކުރަމުން ދިޔައެވެ.
ދުވަހަކުވެސް ނުލާ ވައްތަރެއްގެ ހެދުމެއް ލާން ޖެހުމުން ކަންތައްބޮޑުވެފައި ހުރި ވިޝާ އަވަސްއަރުވާލާފައި އޮފީހަށް އައިސް ކެބިންގެ ތެރެއަށް ވަން ވަގުތު އާލިކް ފެނުމުން އޭނާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ކުއްލިއަކަށެވެ. ދެލޯ ބޮޑުކޮށްލާފައި އާލިކްއާއި ދިމާއަށް ބަލަހައްޓައިގެން ހުރިގޮތް މައުސޫމްކަމުން ހީވަނީ ކުޑަކުއްޖެއް ހެންނެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހިއްސުތައް ހަމައަކަށް އަޅުވަމުން ގޮޮސް ގޮނޑީގައި އިށީން އިރު ވިޝާގެ މުނުމަތިން ފޫހިކަން ފާޅުވެއްޖެއެވެ. ވާނީވެސް އެހެންތާއެވެެ. އާލިކް އަކީ އެގަޑީގައި އޮފީހަށް ދާވެސް މީހެއް ނޫނެވެ. މިއަދު މާ އަވަހަކަށް އެދިޔައީ އޭނާއަށް ޖެއްސުމަށްކަން ހަމަ ޔަގީނެވެ. ވިޝާ ދެބުމަ ކައިރިކޮށްލުމަށްފަހު ތުންކޮޅަށް ހަދާލި ގޮތުން ކުރިމަތީގައި އިން އާލިކްއަށްވެސް ހެވުނެވެ. ވިޝާ އެހާ ރުޅިގަދަވީ އޭނާއާއި ހެދިގެން ކަން އެނގުމުން އާލިކްގެ ހިތް އެވަގުތު އެދުނީ ވިޝާއާއި ޖެއްސުން ކޮށްލާ ކުރިއަށްވުރެވެސް ބޮޑަށް ރުޅި އަރުވާލުމަށެވެ. ނަމަވެސް ދެގޮތަކަށް ވިސްނާލުމަށްފަހު އިސްތަށިގަނޑަށް އަތް ލައްވާލަމުން އެއްމިޔަކަނުން ހިނިތުންވެފައި ހުރެގެން އޭނާ ކެބިންއިން ނުކުމެގެން ދިޔައީ ވިޝާއަށް ބުމަވެސް އަރުވާލާފައެވެ.
” އަދި ފާޑަކަށް ހީފަ ހުރެގެން ހިނގައްޖެއެއްނު.. މީހަކާ ޖެއްސުން ކުރިޔަސް ބޮޑުވަރު..” އާލިކް ހަމަ ނުކުތުމާއިއެކު ދަތްކުނޑި ވިކާލަމުން ވިޝާ ކުދިކިޔަން ފަށައިފިއެވެ. ރުޅި ގަދަވެފައި އިންވަރުން އޭނާގެ ދޮން މޫނަށް އަރާފައިވާ މަޑު ރަތްކުލައިންވެސް އެމޫނުގެ ރީތިކަން ވަނީ އިތުރުވެފައެވެ.
” މިއަދު އަދި މާ ކުރިން އޮފީހަށް އައިސް.. ޔަގީނޭ ހަމަ ޖެއްސުމަށްކަން..” ކުރަން ފަށާފައި ހުރި މަސައްކަތަކަށް ސަމާލުކަން ދޫކޮށްލިއިރުވެސް ވިޝާ އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުންދިޔައެވެ. ވިޝާ ހަނދާން ނެތިފައިވާ ކަމަކީ ކުރީގައި އޭނާއަކީ އެކަހަލަ ކަންތައްތަކާއި މާބޮޑަށް އަޅާލާ މީހެއް ނޫންކަމެވެ. ކުރީގައި މީހަކު ޖެއްސުން ކުރިޔަސް އަދި ދިމާކޮށް ރުޅި އެރުވިޔަސް ހަމަ އެކަނި ހިނިތުންވުމަކުން ފުއްދާލާނެއެވެ. ނަމަވެސް މިހާރު އަމިއްލަ އަމިއްލައަށްވެސް އާލިކްއާއި ދިމާއަށް އެއްޗެހި ގޮވާ ހިތާއި ހިތުން ކުދި ކިޔަނީ ކީއްވެގެންކަމެއް ނޭނގެއެވެ.
އޮފީހުން ނުކުމެގެން އާލިކް މިސްރާބު ޖެހީ ގެއާއި ދިމާއަށެވެ. މިއަދު ޝާޔަންވެސް އޭނާގެ ރަހްމަތްތެރިންނާއި އެކުގައި ދަތުރު ދިއުމުންް ޝާޔަންގެ އުނދަގުލެއްވެސް ނުވާނެކަން އެނގޭތީ އާލިކް ބޭނުންވީ ހިތްހަމަޖެހިލައިގެން ނިދާލާށެވެ. އެކަހަލަ ބޮލަށް ފަސޭހަ ދުވަހެއް އާލިކްއަށް ލިބެނީ މަދު ފަހަރަކުއެވެ. އެހެން ގޮތަކަށް ބުނާނަމަ ޝާޔަންގެ ކޮންމެ ކޯލަކާއި ކޮންމެ މެސެޖަކީވެސް އާލިކްގެ ހިތްހަމަޖެހުން ނަގާލާ އެއްޗެކެވެ. ގެއަށް ގޮސް އެއްޗެހި ބަދަލުކޮށްގެން ޖައްސާލުމާއިއެކު މާގިނަ އިރުތަކެއް ނުވެ އޭނާއަށް ނިދިއްޖެއެވެ. ހަގީގަތުގައި އޭގެ ކުރީ ރޭގައި ޝާޔަން އާއި އެކުގައި މިއަދު އެދިޔަ ދަތުރަށް އެއްޗެހި ގަނެދީ ދަތުރަށް ތައްޔާރުވާން އޭނާއަށް އެހީތެރިވެދޭން ހަދައިގެން އާލިކްއަށް ރަނގަޅަށް ނުނިދުނީއެވެ. ޝާޔަން ބޭނުންވީ އާލިކްވެސް އެދަތުރު ދާށެވެ. ނަމަވެސް ބަންދު ދުވަހެއް ނޫންކަމުން ނަސީބަކުން އާލިކްއަށް ވަރަށް ފަސޭހައިން އެކަމުން ސަލާމަތްވެވުނެވެ.
ހެނދުނު ނިދިގޮތަށް އާލިކްއަށް ހޭލެވުނީ އަޞްރު ނަމާދަށް ބަންގިވެސް ގޮވިފަހުންނެވެ. އެއީ އޭނާގެ އާދައެވެ. ނިދައިފިއްޔާ ތެދުވުމަކީ އޭނާއަށް ވަރަށް އުނދަގޫ ކަމެކެވެ. ކުޑައިރު ސްކޫލަށް ދިއުމުގައާއި މިހާރު އޮފީހަށް ދިއުމުގައިވެސް ދިމާވާ އެންމެ ބޮޑު އުނދަގުލަކީ އެއީއެވެ. ވަކީން ޚާއްސަކޮށް ދުވާލު ގަޑީގައި ނިދައިފިއްޔާ އެދުވަހެއްގެ ހަތަރުދަން ހަމަވެންދެންވެސް ނިދާފާނެއެވެ. އޭނާ އާންމުކޮށް ދުވާލުގަޑީގައި ނުނިދަނީވެސް އެހެންވެގެންނެވެ. އޮފީހެއްގެ ވެރިއެއްގެ ގޮތުގައި ހުރެ އެހާ ޒިންމާދާރުކަން ކުޑަކުރުމަކީ އޭނާ ހިތްހަމަޖެހޭ ގޮތެއް ނޫނެވެ.
” އޯހ މައި ގޯޑް..” ތެދުވެ ފެން ވަރާލައިގެން ކަޅުކުލައިގެ ޓީޝާޓަކާއި ހަމަ އެކުލައިގެ ޖީންސެއް ލައިގެން ނުކުމެ ފޯނު ޗެކްކޮށްލުމާއިއެކު އާލިކްގެ މޫނަށް ހާސްކަން ވެރިވެގެން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. އެދުވަހަކީ މާލޭގައި އޭނާގެ ކުންފުނިން ހަދަން އުޅޭ އެލެކްޓްރޯނިކްސް ފިހާރައިގެ ހުރިހާ ލިޔެ ކިޔުންތައް ނިންމަން ޖެހޭ ދުވަހެވެ. ނަމަވެސް އެކަން އޭނާގެ ހަނދާނުން ކައްސާލީ ކިހިނެއް ކަމެއް ޚުދު އާލިކްއަކަށްވެސް ނޭނގެއެވެ. އަދި ވިޝާ ގާތުގައިވެސް އެވާހަކަ ދެއްކުނީއެއް ނޫނެވެ. ތަންކޮޅެއް ބޮލަށް ފަސޭހަ ވާނީ އޭނާގާތު ނަމަވެސް އެޕްރޮޖެކްޓްގެ ވާހަކަ ދެއްކިފައި އޮތް ނަމައެއް ނޫންހެއްޔެެވެ. އޮފީހުގެ އިތުރު މުވައްޒަފަކަށްވެސް އެމަސައްކަތް ނުޖައްސާ އުޅުނީ އަމިއްލައަށް ކޮށްލެވޭނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ. ނަމަވެސް.. އާލިކް ފުން ނޭވާއެއް ދޫކޮށްލަމުން އެނދުގައި އިށީނދެލިއެވެ. އޭނާ މަސައްކަތް ފެށުމަށް ކަނޑައެޅި ދުވަހަކީ އެއީއެވެ. އެ ފިހާރަ ކުއްޔަށް ދޫކުރި ގޭގެ ވެރިމީހާ ގުޅާފައި ނެތްނަމަ މިއަދުވެސް އޭނާ އެކަން ހަނދާން ނުވީސްކަން ޔަގީނެވެ.
“ކެއަރލެސް ވިޔަސް ބޮޑުވަރު..” އާލިކް އަމިއްލައަށް ބޮލުގައި ޖަހާލަމުން ދެފަރާތަށް ބޯ ހޫރާލިއެވެ. އެހެން ނަމަވެސް ކުޑަކޮށް ވިސްނާލުމަށްފަހު އެގޭގެ ވެރިފަރާތަށް ގުޅާ ބަހަނާއެއް ދެއްކުމަށްފަހު މާދަމާއަށް ލަސްކޮށްލީއޭ ބުނެ ފޯނު ކަނޑާލިއެވެ. މަސައްކަތުގެ ކޮންސްޓްރަކްޝަންގެ ބައިތައް ގެންދަނީ އޭނާގެ ކުންފުނިންކަންވެސް އެއީ ނަސީބެކެވެ. އެހެން ނޫންނަމަ މިއަދު ޔަގީނުންވެސް ދެކަންފަތުން ދުން އަރާވަރަށް ބޯ ހާސްވާނެއެވެ.
އޮފީހުގެ ކޮންސްޓްރަކްޝަން ޔުނިޓްގެ ވެރިޔާއަށް ކަންވީގޮތް ކިޔައިދިނުމަށްފަހު އާލިކް އެންގީ ޖެހިގެން އަންނަ ދުވަހަށް މަސައްކަތަށް ތައްޔާރު ވުމަށެވެ. ނަމަވެސް އޭރު އަދި އޭނާ ނިންމަންޖެހޭ ލިޔެކިޔުންތަކުގައި އަތްވެސް ނުލެވެއެވެ. އަވަސް އަވަހަށް ފޮނު ބޭއްވުމަށްފަހު ގަޑި ބަލާލިއިއރު 4 ޖަހަން ގާތްވެފައި ވުމުން އޭނާ އެންމެ މިނެޓެއްވެސް ބޭކާރުނުކޮށް މިސްރާބު ޖެހީ އޮފީހާއި ދިމާއަށެވެ. އޭނާގެ މަގްސަދަކީ އޮފީސް ގަޑި ނިމުމުގެ ކުރިން އޮފީހަށް ދިއުމެވެ.
” ވިޝާ.. ވަރަށް ބޮޑު ކަމެއް ޖެހިގެން މަޑުކޮށްލަދެވިދާނެތަ؟.. އަސްލު މާދަމާއަށް ނިންމަންޖެހޭ ވަރަށް ގިނަ އެއްޗެހިތަކެއް ހުރީމަ.. އައި ނީޑް ހެލްޕް..” އާލިކް ކެބިންގެ ތެރެއަށް ވަންގޮތަށް އޭނާގެ މޭޒުން އެއްޗެހިތަކެއް ހޯދަމުން އަވަސް އަރުވާލާފައި ވާހަކަ ދައްކަން ފެށިއެވެ. އޭރު ވިޝާ އިނީ ހައިރާންވެގެން ބުނާނެ އެއްޗެއް ނޭނގިފައެވެ. އާލިކްއަކީވެސް އަރަތެއް ކަހަލަ މީހެކެވެ. ބައެއް ފަހަރު ވާހަކަ ދައްކާއިރު އެހުންނަ ފޮނި ގޮތްގަނޑުގެ ސަބަބުން ރުޅި އައިސްގެން ހަލާކުވާވަރަު ވެއެވެ. އެކަމަކު މިހާރު ވާހަކަ ދެއްކިލެއް ގާތްކަމުން އެންެމެ ގާތް ރަހްމަތްތެރިއެއް ފަދައެވެ.
” ހުހް.. ކަމެއް ޖެހުނީމަ..” ވިޝާ ލޯ އަޅާލަމުން ހިތާއި ހިތުން ބުނެލިއެވެ.
” އަސްލު ވިޝާއަށް އެންމެ ފަސޭހައިން ކުރެވޭނީ .. އެހެންވެގެން އެހެން ކުއްޖަކު ގާތު ނުބުނީ..” ވިޝާ އެއްޗެކޭ ނުބުނުުމުން އޭނާގެ މޫނަށް ބަލާލުމަށްފަހު އާލިކް ހާމަ ކުރީ ހަގީގަތެވެ.
” މްމް.. ވަރަށް ގިނަ އިރު ވާނެތަ؟..” އާލިކްގެ އަޑުގައި ހުރި ހާސްކަމާއި ކަންބޮޑުވުން ދެނެގަނެވުމުން ވިޝާވެސް ކުޑަކޮށް ސީރިއަސް ވެލިއެވެ.
” ޔެސް.. އިތުރު ގަޑިއަށް ވާ ފައިސާ ލިބޭނެ..” ވިޝާ އެހީތެރިވެދޭން ބޭނުންނުވީ ކަމުގައި ހީކޮށް އާލިކް ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ.
” އެހެންނެއް ނޫނޭ.. މީ.. ގެއަށް ގޮސް ކުޑަކޮށް ފްރެޝް ވެލައިގެން އަންނަންތަ؟.. އޭރަށެއްނު ގިނަ އިރު އިނދެވޭނީ..” ވިޝާގެ އަޑުގައި މިފަހަރު ހުރީ ގާތްގޮތެކެވެ. އެކަން އިހުސާސްވުމުން އާލިކްގެ ހިތައް ލިބުނީ ބުނެދޭން ނޭނގޭ ފަދަ ހަމަޖެހުމެކެވެ.
” އޯކޭ.. އައިލް ބީ ހިއަރ.. ސީ ޔޫ..” އާލިކް އަވަސް އަވަހަށް ވިޝާ އެދުނު ގޮަތަށް އެއްބަސްވަމުން ހިނިތުންވެލިއެވެ. މިފަހަރު ވިޝާ ރުޅި އަންނަ ފަދަ ގޮތަކަށްވެސް އެއްޗެކޭ ނުބުނީ އޭނާގެ އެހީތެރިކަން ބޭނުންވެފައި ހުރިވަރުން ކަންނޭނގެއެވެ.
ގެއަށް ދިއުމަށްފަހު ދޮޅު ގަޑިއެއްހާ އިރު ތެރޭގައި އެނބުރި އޮފީހަށް އައި އިރު ވިޝާ ހުރީ އެއްޗެހި ބައްދަލުކޮށްގެންނެވެ. މޫނުމަތިން ވަރުބަލިވުމުގެ އަސަރު ފާޅުވާން ހުރި ކަމުގައިވިޔަސް ތާޒާ ވެލައިގެން ހުރުމުން މާބޮޑަށް އެކަމެއް ފާޅެއް ނުވެއެވެ. އޮފީހަށްް އަައުމަށްފަހު އާލިކްއާއި އެކީގައި މަސައްކަތް ކުރިއިރު އެދެމެދުގައި ދެކެވުނީ ހަމަ އެކަނި މަސައްކަތުގެ ވާހަކަތަކެވެ. މަޣްރިބް ވަގުތުވުމުން ވިޝާ ނަމާދުކުރާ ކޮޓަރިއަށް ނަމާދުކުރަން ދިޔައިރުވެސް އާލިކް އިނީ މަސައްކަތުގައެވެ. އޭނާއަކީ އެއްވެސް އިރެއްގައި ނަމާދަށް ފަރުވާ ބަހައްޓާ މީހެއް ނޫނެވެ. ހިތައް އެރިއްޔާ ނަމާދެއް ކޮށްލަފާނެއެވެ. ވިޝާ ނަމާދުކޮށް އަަވަދިވެގެން ދެމީހުންނަށް ކޮފީއެއް ހިފައިގެން އައިސް އާލިކް ނަމާދުނުކޮށް އިނުމުން އެކަމާއި ސުވާލުކުރަންވެސް އުޅުނެވެ. ނަމަވެސް އެދެމެދުގައި މާ ގާތް އެކުވެރިކަމެއް ނެތުމުން އޭނާއަށް އެވާހަކަ ދައްކާނެހާ ހިތްވަރެއް ނުލިބުނެވެ.
ދެމީހުން އެކުގައި މަސައްކަތް ކުރަމުން ދިޔައިރު ވަގުތު ހޭދަވީ ގޮތްވެސް ނޭނގެއެވެ. ހުރިހާ މަސައްކަތްތަށް ނިންމާލުމަށްފަހު ފައިލްތަކަށް ލާ ތައްޔާރުކޮށްލެވުނު އިރު ގަޑިން ރޭގަނޑު 11 ޖަހައިފިއެވެ. އޭރު ދެމީހުންވެސް ތިބީ ވަރުބަލިވެ އަދި ބަނޑުހައިވެސް ވެެފައެވެ. އާލިކްއަށްވުރެ ބޮޑަށް ވިޝާ ހުރީ ގެއަށް ގޮސް އަރާާމުކޮށްލަން ބޭނުންވެފައެވެ. ނަމަވެސް އާލިކް ޕިއްޒާއަށް އޯޑަރުކުރުމުން އޭނާއަށް މަޖުބޫރުވީ ކައިގެން ދާން މަޑުކުރާށެވެ.
” ވަރަށް ބޮޑަށް ތޭންކްސް އިނގޭ..” ކައި ނިންމާލުމަށްފަހު ވިޝާ ގެއަށް ދާން ހިނގައިގަތުމާއިއެކު އާލިކް ގާތްގޮތަކަށް ބުނެލިއެވެ. ޖަވާބުަގައި ވިޝާވެސް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އެވަގުތު ދެމީހުން އެކުގައިހެން ސިއްސައިގެން ދިޔައީ ހުޅުވާފައި ހުރި ކުޑަދޮރުގެ ތެރެއިން ވަން ބާރު ވައި ރޯޅިއާއިއެކު ދޮރުފޮތި ގަނޑު އުދުހިގަތުމުންނެވެ.
“ވިއްސާރަ ހަދާފަ.. ” ކުޑަ ގޮތަކަށް ބޯ އަރިކޮށްލުމަށްފަހު ކުޑަދޮރުން ބޭރު ބަލާލަމުން އާލިކް މަޑުމަޑުން ބުނެލިއެވެ.
” އޯހހ.. އަވަހަށް ދާންވީ..” އާލިކް ބުނި އެއްޗެއްގެ ސަބަބުން ވިޝާ އަވަސް އަވަަހަށް ހިނގައިގަތީ ވިއްސާރައިގެ ކުރިން ގެއަށް ދެވޭތޯއެވެ. އަވަސް ފިޔަވަޅުތަކެއްގައި އޮފީހުން ނުކުތްއިރު އެ މަގގައި މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ވިއްސާރަވެ ވިލާ ބޯވުމުގެ ސަބަބުން އެމަގު ފެންނަނީވެސް ނުހަނު އަނދިރިކޮށެވެ. ކައިރީގައި ބަންދުކޮށްފައި ހުރި ދެ ފިހާރައިގައިވާ ފަނޑު އައްޔާއި އޮފީހުގެ ކުރިމައްޗަށް ހުރި އިމާރާތުން އެޅިފައިވާ އަލިކަން ފިޔަވައި އެތަންގަނޑުގައި އިތުރު އަލިކަމެއް ނުވެއެވެ. އެކަމުގެ ސަބަބުން ވިޝާގެ ހިތައް ކުޑަކޮށްބިރުވެރިން ވެރިވިނަމަވެސް އޭނާ ފާރާ ނުހަނު ކައިރިން ލާފައި ހިނގައިގަތީ އަވަހަށް ގެއަށް ދެވޭތޯއެވެ.
“އާ…” ކުއްލިއަކަށް އޮފީހާއި ޖެހިގެން ހުރި ގަރާޖުގެ ތެރެއިން ނުކުތް މީހަކު ވިޝާގެ އަނގަމަތީގައި އަތްއެޅުމަށްފަހު އޭނާ އެތަނުގެ ތެރެއަށް ވެއްދިއެވެ. ލިބުނު ސިހުމަކާއި ބިރުވެރިކަމެއްގެ ސަބަބުން ހަޅޭއްލަވައިގަންނަަން އުޅުނު ނަމަވެސް އަނގަމަތީގައި ބާރަށް ހިފަހައްޓާފައިވުމުން ވިޝާއަށް އެކަމެއް ނުވިއެވެ. ގަތް ބިރުން ތުރު ތުރު އަޅަމުން ދިޔަ ވިޝާގެ ލޯ ކަރުނުން ފުރެމުން ދިޔަ އިރު އެމީހާ މަސައްކަތް ކުރަމުން ދިޔައީ ވިޝާ އިތުރަށް އެތަނުގެ އެތެރެއަށް ވެއްދޭތޯއެވެ. ވެރިވެފައިވާ ކަނު އަނދިރިކަމުގެ ސަބަބުން ވިޝާއަކަށް އެމީހެއްގެ މޫނެއް ނުފެނެއެވެ. އަނދިރިކަމުން އެމީހާ ވިޝާ ގެންދަން އުޅުމުގެ ތެރޭގައި ވިޝާގެ އަތްވެސް އެތަނުގައި ހުރި އެއްޗެއްގައި އަޅައިގެންފައި ހަލާކުވިއެވެ.
” ދޫކޮށްލާ..” ކުއްލިއަކަށް އެމީހާ އަތް ދޫވި ވަގުތު ހިތު ފާހަގައަށް ކޮށްޕާލުމަށްފަހު ވިޝާ ދޮރާއި ދިމާއަށް ދުއްވައިގަތީ މަގުމަތިން ފެންނަން ހުރި ފަނޑު އައްޔަށް ބަލައިގެންނެވެ. ކޮނޑުގައި އަޅުވާފައި ހުރި ދަބަސް އަތުން ހިފައިގެން ބާރުބާރަށް ދުވެފައި އޮފީހުގެ ތެރެއަށް ވަންއިރު އޭނާގެ ބުރުގާވެސް އެމީހާ ދަމައިގަތުމުގެ ސަބަބުން އޮތީ ނެއްޓިފައެވެ. ފަހަތަށް ބެލުމެއް ނެތި ރޮމުން ރޮމުން ސިޑިން އަރައިގެން ދިޔަގޮަތަށް ވިޝާ ކެބިންގެ ތެރެއަށް ވަން ވަގުތުވީ އާލިކް އެތަނުން ނުކުންނަން ދޮރު ހުޅުވާލި ވަގުތެށެވެ. އެއާއިއެކު ވިޝާއަށް ބޭ އިޚްތިޔާރުގައި އާލިކްގެ ގައިގައި ބައްދާލާ ބާރުބާރަށް ރޮއިގަނެވިއްޖެއެވެ.
“ވި..ވިޝާ..ކިހިނެތްވީ.. ކިހިނެތްވެފަ ތިހިރީ..” ވިޝާގެ ހަރަކާތްތައް ހުރިގޮތުން ލިބުނު ސިހުމާއިއެކު އާލިކްއަށް ކަންބޮޑުވެފައި އަހާލެވުނެވެ. ނަމަވެސް ވިޝާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އޭނާގެ މޭގައި މޫނު ފޮރުވާލައިގެން ހުރެ ގިސްލަ ގިސްލާފައި ރޮނީއެވެ.
” ވިޝާ.. ބުނެބަލަ ކިހިނެތްތަ ވީ..” ވިޝާގެ ރުއިމުގެ އަޑު ބާރުވަމުން ދާތީ އާލިކް އިތުރަށް ހާސްވާންފެށިއެވެ. އޭނާގެ ބުރުގާ ނެއްޓި ބޮލުން ބޮޑު ބައެއް ފެންނަން އޮތުމުން ކުއްލިއަކަށް އާލިކްއަށް ދެލޯ ބޮޑުކޮށްލެވުނެވެ.
” ބުނެބަލަ ކާކު ކިހިނެތްހެދީ..” ވިޝާ ގޮނޑީގައި ބޭންދުމަށްފަހު އޭނާގެ ދެކޮނޑުގައި ހިފާލަމުން އާލިކް އަނެއްކާވެސް ސުވާލުކޮށްލިއެވެ. އެއަޑުގައިވަނީ ކަންބޮޑުވުމާއި ހާސްކަމުގެ އިންތިހާއެވެ.
” ބޭރަށް.. ނުކުތް.. ނުކުތް ވަގުތު މީހަކު..” ވިޝާ ގިސްލެވެމުން ދިޔަ ހާލު ދާދި ދެންމެ ހިނގާ ދިޔަ ހާދިސާ އާލިކްއަށް ކިޔައިދިނެވެ. ނެއްޓިފައި އޮތް ބުރުގަލުގައި އަތުން ހިފަހައްޓާލައިގެން އިނދެ ރޮވިފައި ވާހަކަ ދެއްކިއިރު އެހުރި މައުސޫމްކަމެއްގެ ސަަބަބުން އާލިކްއަށް އިނދެވުނީ ކަޅި ޖަހާލަންވެސް ނޭނގިފައެވެ. އޭނާ ކިތަންމެ ބޭނުން ނުވިޔަސް އެ މައުސޫމް އަންހެން ކުއްޖާއަށް އޭނާގެ ހިތް ހަމްދަރުދީއިން ފުރެން ކުޑަ ވަގުތުކޮޅެއްވެސް ނުނަގައެވެ.
” އަންނާނަން ތިމީހަކު ބަލާފަ..” އާލިކް ވިޝާގެ މޫނަށް ބަަލަހައްޓައިގެން އިނދެފައި ކުއްލިއަކަށް ތެދުވެގެން ބޭރަށް ނުކުތެވެ. އޭނާ ދިއުމުން ވިޝާ ބުރުގާ ރަނގަޅުކޮށްލުމަށްފަހު ވޮޝް ރޫމަށް ވަދެ މޫނު ދޮވެލާ، ހަމަޖެހިލަން މަސައްކަތް ކުރިއެވެ.
” ނެތް އެކަކުވެސް..” ވިޝާ ވޮޝް ރޫމުން ނުކުތް އިރު އާލިކް އެނބުރި އައިސްފިއެވެ. އެމީހަކު ނުފެނުމުން އާލިކް ހުރީ ނުތަނަވަސްވެފައެވެ. ހަމަގައިމުވެސް ދެން އޭނާއަކަށް ވިޝާ އެކަަނި ފޮނުވާލާކަށް ނުކެރޭނެއެވެ.
” އެ.. ދި..ދިޔައީ ކަންނޭނގެ..” މަަޑުމަޑު ތުރުތުރެއް އެކުލެވިފައިވާ ލުއިލުއި އަޑުން ވިޝާ ވާހަކަ ދެއްކިގޮތުން އޭނާ ބިރުގަނެފައިވާ ވަރު އާލިކްއަށް ޔަގީންވިއެވެ. އެއާއިއެލި އޭނާ ލަސްލަހުން ވިޝާއާއި ގާތްވެލީ އޭނާގެ ނުތަނަވަސްކަން ކުޑަވޭތޯ ވާހަކަ ދައްކާލުމުގެ ނިޔަތުގައެވެ. ނަމަވެސް އެވަގުތު އާލިކްގެ ލޮލުގައި އަޅައިގަތީ ވިޝާގެ ހެދުމު އަތުކުރިން ހަލާކުވެފައިވާ ތަންކޮޅުގައެވެ.
” މީ.. މީ..އެތާ ތެރެން.. އަޅައިގަތީ..” އާލިކްގެ ނަޒަރު އެތަންކޮޅަށް ހުއްޓުނުކަން އެނގުމުން ވިޝާ އަވަސް އަވަހަށް ބުނެލިއެވެ. ނަމަވެސް އާލިކް އެއްޗެކޭ ނުބުނެ ވިޝާގެ މޫނަށް ބަލާލީ ލޯބިން ފުރިގެންވާ ފަދަ ގޮތަކަށެވެ.
” ހާދަ ހިތްވަރުގަދަ ކުއްޖެކޭ މީ..” ހިތާއި ހިތުން ވިޝާގެ ހިތްވަރުގަދަކަމަށް ތައުރީފް ކުރަމުން އާލިކް ވިޝާގެ އަތުގައި ހިފާލާ ހެދުމުގެ އަތުކުރި ކުޑަކޮށް ހިއްލާލުމަށްފަހު ބަލާލިއެވެ. ވިޝާގެ ހިމަ ދިގު އިނގިލިތަކާއިއެކު އާލިކްގެ ފިރިހެންވަންތަ އިނގިލިތައް ލާމެހިގެން ދިއުމުން ދެމީހުންނަށްވެސް ވީ އެއްކަހަލަ ގޮތެކެވެ. ވިޝާ ތެޅިގަނެފައި އާލިކްގެ މޫނަށް ބަލާލިއިރު އާލިކްވެސް ހުރީ ވިޝާގެ މޫނަށް ނަޒަރު ހުއްޓާލައިގެންނެވެ.
” މަށައިގެން ގޮސްފައެއްނުން.. ތަދުވޭ ދޯ..” ވިޝާގެ އަތުން ދޫކޮށްލުމެއްނެތި އާލިކް ވާހަކަ ދެއްކިއިރު އޭނާ ބަލަހައްޓައިގެން ހުރީ ވިޝާގެ މޫނަށެވެ.
” ނު.. ނޫން.. އޯކޭ ވާނެ..”ވިޝާ ލަސްލަހުން އޭނާގެ އަތް ދުރުކޮށްލަމުން ތެޅި ތެޅި އޮތް ހިތް މަޑުޖައްސާލެވޭތޯ މަސައްކަތް ފެށިއެވެ.
” އެކަނި ނުދައްޗޭ.. ގޭ މީހަކު އުޅޭނެތަ ބަލާ އާދެވޭނެ..” ހިތައް ވަމުން ދިޔަ އާދަޔާ ޚިލާފު ގޮތްތައް ކޮންޓްރޯލް ކުރަމުން އާލިކް ޖިންސުގެ ޖީބަށް އަތްޖަހާލީ މޫނުވެސް އަނބުރާލަމުންނެވެ. އޭނާގެ އެޖުމްލައާއިއެކު ވިޝާ އާލިކްގެ މޫނަށް ބަލާލީ ދުވަހަކުވެސް މީހަކާއި ދިމާއަށް އޭނާ ބަލާފައިވާ ފަދަ ގޮތަކަށް ނޫނެވެ. ރުއިމުގެ ސަބަބުން ރަތްވެފައިވާ ދެލޮލުން ފެންނަނީ ޝަކުވާއާއި ހިތްދަތިކަމެވެ. މޫނުމަތީގައިވާ އަސަރުތައް ފާޅުކޮށްދެނީ އެކަނިވެރިަކަމާއި ވޭނެވެ. އާލިކްވެސް އޭނާގެ އެކނިވެރިކަމަށް މަލާމާތް ކުރަނީ ހެއްޔެވެ؟
” ކިހިނެތްވީ..” ވިޝާގެ އާދަޔާ ޚިލާފު ނަޒަރު ފެނުމާއިއެކު އާލިކް ދެބުމަ އަރުވާލަމުން އަހާލިއެވެ.
” އަހަރެން އުޅެނީ އެކަނި.. އާއިލާއެއް ނޯވޭ..” މަޑުމައިތިރި އަޑަކުން އެހެން ބުނެލަމުން ވިޝާ އިސް ޖަހާލީ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފޮރުވުމުގެ ބޭނުމުގައެވެ. އޭނާގެ އެކަނިވެރިކަމާއި އޭނާގެ ހާލަތަކީ ދުވަހަކަުވެސް މީހަކަށް އަދި ވަކީން ޚާއްސަކޮށް އާލިކްއަށް އަންގަން ބޭނުންވި ކަމެއް ނޫނެވެ. އެހެން ނަމަވެސް މިއަދު އޭނާގެ ހިތުގެ ހާލަތު އެކަން ސިއްރުކުރުމަށް ތަނެއް ނުދިނެެވެ.
” އޯހހ..” ވިޝާގެ އަޑުން އިވިގެންދިޔަ އެކަނިވެރިކަމުގެ ސަބަބުން އާލިކްގެ ހިތުގައިވާ ހަމްދަރުދީ ދެގުނައަށް އިތުރުވެގެން ދިޔައެވެ. އެ ގޮތްނޭނގޭ އަންހެންކުއްޖާގެ ހަގީގަތަކީ ކޮބާކަން ހޯދުމަށް ހިތުގައި ޝައުގުވެރިކަން އުފެދިގެން ދިޔައެވެ. ހަރަކާތްތެރި، ކެރޭ މިޒާޖުގެ ފަހަތުގައިވަނީ ކޮން ހާލެއްގައިވާ ކުއްޖެއްތޯ ބަލަން ބޭނުންވިއެވެ.
” މްމް.. ހިނގާ ގެއަށް ދާން.. ކާރުގަ ގެންގޮސްދޭނަން..” އާލިކް ވިޝާ ދެރަވެފައި ހުރުމުން ހަދާނެގޮތް ބޮޑުވެފައި ހުރެ ބުނެލިއެވެ. އެއާއިއެކު ވިޝާވެސް އަވަސްއަވަހަށް ބޯ ޖަހާލީ އެއްގޮތަކަށްވެސް އެކަނިން ގެއަށް ދާނެހާ ހިތްވަރު ނެތިގެންނެވެ. އޭނާގެ ސިކުނޑީގައިވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން ހިނގާ ދިޔަ ހާދިސާއެވެ. އެ ކުޑަ ކުޑަ ފުރުސަތު ނުލިބުނުނަމަ ވިޝާގެ ދިރިއުޅުން މިރޭ ނެތިގެން ދިޔައީހީ ކިހިނެތް ކަމެއްވެސް ނޭނގެއެވެ. އެހެން ހިތައް އެރުމާއިއެކު ދޮރުން ނުކުމެ ނުކުމެ ހުރި ވިޝާއަށް ހުއްޓުން އެރިއެވެ. ތެދެކެވެ. އެ ި ހާދިސާގެ ސަބަބުން އެ ހިތްވަރުގަދަ އަންހެންކުއްޖާ ކެރުމާއި އަމިއްލަ ނަފްސަށް ކުރާ އިތުބާރަށް ލޮޅުން އަރައިފިއެވެ.
” ވިޝާ.. އެއްވެސް ކަމެއް ނުވާނެ..” ވިޝާގެ އަތުގައި ހިފާލަމުން އާލިކް އޭނާއަށް ހިތްވަރު ދިނީ ވިޝާގެ ހާލަތު އެނގޭތީއެވެ. އެ މޫނުމަތިންނާއި، ބޮޑު ބޮޑު ދެލޮލުގައިވާ ޖެހިލުންވުން އާލިކްއަށް ސާފުކޮށް ފެނެއެވެ. އާލިކްގެ އަތުގެ ތެރެއަށް ވިޝާގެ އަތް ދިއުމުން އޭނާއަށް އިހުސާސްވީ ރައްކާތެރިކަމާއި ގާތްކަމެވެ. ޝުކުރުވެރި ނަޒަރަކުން އާލިކްގެ މޫނަށް ބަލާލަމުން އޭނާ ހިނިތުންވެލިއެވެ. ދެމީހުން އަތުގައި ހިފައިގެން އޮފީސް ގޭޓުން ނުކުތުމާއިއެކު ކަޅުފޮއި އަނދިރި ރޭގަނޑުގެ ތެރެއިން އެމީހުންނަށް މަރުހަބާ ކީ ބާރު ވަޔާއިއެކު އައި ފިނިކަން ގަދަ ބޮޑުތިކި ވާރޭގެ ތިކިތަކެވެ. އެއާއިއެކު ހަދާނެގޮތް ބޮޑުވެފައިވާ އާލިކްއަށް ހައިރާންކަން ލިބުނީ ކައިރީގައި ހުރި ވިޝާ ވެހެމުން ދިޔަ ވާރޭން ސަލާމަތްވުމަށް ނޫޅުމުންނެވެ. ދެފަރާތަށް ބޯ ހޫރާލުމަށްފަހު އޭނާ އަވަސް އަވަހަށް ވިޝާގެ އަތުގައި ހިފައިގެން ތަންކޮޅެއް ދުރުގައި ޕާކްކޮށްފައި އޮތް ކާރާއި ދިމާއަށް ދުއްވައިގަތެވެ. ވާރޭ ތެރޭގައި ދެމީހުން އެކުގައި ދުވެލާފައި ދިޔައިރު ދެލޯބިވެރިއަކު ވާރޭގެ ހިތްގައިމު މާހައުލުގައި ލޯބީގެ ވަގުތުކޮޅެއް ހޭދަކުރަމުންދާ ފަދައެވެ.
ނުނިމޭ
6 Comments!
Comments are closed.
vhr vrh reathi mibai ves next part akah vrh ait kurwevey
Awn! vrh vrh reethi….
mi wahaka kiya warakah dhahi wany… hadha reethi wahaka ekey.. keep it up.. May yu continue lyk this all da best.. waitin fr next part
Laya mihaa dhigukoh komme dhuvahu fonuvaidheythi. vaahaka nimendhen genesdhehvun varah bodhah .edhen
Vrh vrh vrh reethi
ލަޔާ މީހާދަ ރީތި ވާހަކައެކޭ…. އަބަދުވެސްހުރެވެނީ އަޕް ކޮށްލާނެ އިރެށްގެ އިންތިޒާރުގަ