އެކުގައިވާން އެދެމޭ… 6
ބެހެއްޓިފައިވާ އުއްބަތި ނަގާ އެމީހެއްގެ މޫނާއި ދިމާއަށް އަލިކޮށްލުމުން ފެނިގެންދިޔަ މަންޒަރުން ވިކާޝްއަށް ކުރިއަށްވުރެވެސް ބޮޑަށް ހިނިތުންވެލެވުނީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ. ކުރިމަތީގައި އެހުރީ މިއަދު އޭނާއަށްޓަކައި ހެޔޮ އެދޭ ހަމަ އެކަނި ފަރާތެވެ. ދިރިއުޅުމުގައި ދިމާވާ ކޮންމެ އުނދަގޫ ވަގުތެއްގައިވެސް އޭނާއާއި އެކުގައި ވާނޭކަން ޔަގީންވާ ފަރާތެވެ. އޭނާގެ އެންމެ ގާތް ރަހްމަތްތެެރިޔާއެވެ. ދެދުނިޔޭގެ އެކުވެރިޔާއެވެ.
” އާލިކް..” ވިކާޝްއަށް ލޯ ހުޅުވާލުމާއިއެކު އާލިކްގެ ނަން ކިޔާލެވުނެވެ. އަދި ހަމަ އެއާއިއެކު ދެންމެ ފެނުނީ ހުވަފެނެއްކަން އެނގުމުން އަވަސް އަވަހަށް ތެދުވެ ދެލޯ އުނގުޅާލީ ކުޑަކުއްޖަކު ފަދައިންނެވެ. އޭރު އޭނާގެ ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައީ އެ ހުވަފެނުގެ މަންޒަރުތަކެވެ. އޭގެން އޭނާ ނަގަންވީ ކޮން މާނައެއް ހެއްޔެވެ؟ އެ ހުވަފެނުގެ ތައުބީރަކީ ކޮބާ ހެއްެޔެވެ؟ ވިކާޝްގެ ދިރިއުޅުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ އޭނާގެ މަންމައާއި ކޮއްކޮ ހޯދުން ކަމުގައި ވާއިރު މިހާތަނަށް އޭނާ އާލިކް އާއިވެސް އެވާހަކަތައް ހއްސާ ކޮށްފައެއް ނުވެއެވެ. އޭނާގެ ކޮއްކޮއެއް ހުންނަކަންވެސް އާލިކްއަކަށް ނޭނގޭނެއެވެ. ވިކާޝްގެ ހަޔާތުގެ އެންމެ ބޮޑު އެއް ހަގީގަތް އޭނާ ވަނީ އެންމެ ގާތް އެކުވެރިޔާއަށްވެސް ސިއްރުކޮށްފައެވެ. ވީއިރު ހުވަފެނުގައި އާލިކް ފެނުނީ ކީއްވެގެން ހެއްޔެވެ؟ އެ ހުވަފެނުން އަންގައި އެދިނީ އާލިކްއާއި އެވާޙަކަތައް ހިއްސާ ކުރަންވީ ވަގުތު ޖެހިއްޖެ ކަމުގައި ހެއްޔެވެ؟ ވިކާޝް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ތެދުވެގެން ގޮސް ކޮފީއެއް ހަދާލައިގެން ބެލްކަނީގައި ހުއްޓިލީ ހެނދުނުގެ ތާޒާކަން ހޯދުމުގެ މަގްސަދުގައެވެ. އޭނާގެ ހިތާއި ސިކުނޑި އޭރުވެސް ގުޅިފައިވަނީ ފެނުނު ހުވަފެނާއިއެވެ. އެންމެ ފަހުން އެތައް ގޮތަކަށް ވިސްނުމަށްފަހު ވިކާޝް ގަސްތުކުރީ އާލިކްއަށް އޭނާގެ އާއިލާގެ ހަގީގަތް ކިޔައިދިނުމަށެވެ. ފަހަރެއްގައި އެކަމުގަައި އޭނާއަށް އެހީތެރި ވެދޭނެ ފަރާތަކީ ހުވަފެނުގައި ފެނުނު ފަދައިން އާލިކްއަށްވެސް ވެދާނެއެވެ.
ހެނދުުނުގެ ތާޒާކަމާއިއެކު ވިޝާ އޮފީހަށް ވަން އިރު ގަޑި ޖެހެން 10 މިނެޓް ހުއްޓެވެ. އޭރު އޮފީހުގެ މަސައްކަތު ދެތިން މީހަކާއި އިތުރު މުވައްޒަފަކު ފިޔަވައި އެހެން މީހަކު ނާދެއެވެ. ވިޝާ މަޑުމައިތިރި ކަމާއިއެކު ހިނގާލާފައި ގޮސް އޭނާގެ ކެބިންގެ ތެރެއަށް ވަދެ އޭސީ އާއި ލައިޓްތައް ޖައްސާލިއެވެ. އަދި ކާޓެއިން ކަހާލުމަށްފަހު އެތަނުގެ ތެރެއަށް އެއަރ ފްރެޝްނަރ ޖަހާލާ ހިތްގައިމު ވަހަކުން އޭނާގެ ހިތައް ހަމަޖެހުން ހޯދަދިނެވެ. ހިތްހަމަޖެހޭވަރު ވުމުން ވިޝާ އޭނާގެ ގޮނޑީގައި އިށީނދެލީ ހިނިތުންވެލަމަުންނެވެ. އޭނާގެ ދޮން މޫނުމަތީގައިވަނީ އުޖާލާ ކަމެވެ. ބްރައުން ލޮލުން ފާޅުވަމުން ދިޔައީ ހަރަކާތްތެރިކަމާއި އަޒުމް ވަރުގަދަކަމެވެ. ކުޑަ އިރުކޮޅަކު އިންޓަރނެޓުން ހަބަރުތައް ބަލާލަން އިނުމަށްފަހު އޭނާ އާއި ހަވާލުވެފައިވާ މަސައްކަތްތަކަށް ސަމާލުކަން ހުއްޓާލިއިރު އޮފީހުގެ އެހެން މުވައްޒަފުންވެސް އަންނަން ފަށައިފިއެވެ. ކުރީގައި ނިމިފައި ހުރި ޕްރޮޖެކްޓްތަކާއި އެހެނިހެން ލިޔެ ކިޔުންތައް ބަލަމުން ދިޔައިރުވެސް ވިޝާގެ ލޮލުގައި އަޅައިގަންނަމުން ދިޔައީ މެނޭޖަރ ނަމާއި ޖެހިގެން އިންނަ އޯނަރ ގެ ނަމެވެ. ހުސެން އާލިކް ޝާހީންގެ ނަމާއި އެކު އޯނަރަކަށް ޝާހީން އާދަމް އިންނާތީ އޯނަރަކީ އާލިކްގެ ބައްޕަކަން ނަގައިގަންނާކަށް ވިޝާއަށް އުނދަގުލެއް ނުވިއެވެ. އެ ލިޔުންތަކާއިމެދު ވިސްނަން އިން ވިޝާ ކުއްލިއަކަށް ސިއްސައިގެން ދިޔައީ މޭޒުމަތީގައި ހުރި ފޯނު ރިންގުވާން ފެށުމުންނެވެ.
” އައްސަލާމް އަލައިކުން..” ވިޝާގެ އަޑުގައި ހުރީ މަޑުމައިތިރި ކަމެވެ.
” ހަލޯ.. މީ އާލިކް އޭ.. މިއަދު 11 ޖަހާއިރަށް މުވައްޒަފުންގެ މީޓިންގއެއް އޮންނާނެ.. ހުރިހާ އެންމެންނަށް އަންގާލާތި.. އަސްލު ސެކެޓްރީ ޗުއްޓިގަ ހުރީމަ ވިޝާއާ މި ހަވާލުކުރީ.. ދެން ވަތްގަނޑުގަ އޮންނާނެ ސްޓާފް މީޓިންގ ޖަހާފަ ފޮތެއް.. އޭގަ މުވައްޒަފުންގެ ސޮއި ކޮށްލުވާތި.. އައިލް ބީ ދެއަރ އެޓް 10..” އާލިކް ފައްޗަކަށް ކުރަންވީ ކަންތައްތައް ކިޔާލުމަށްފަހު ފޯނު ބޭއްވިއިރު ވިޝާއަށް އިނދެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. އެހާ އަވަހަށް އޭނާ ކުރަން ޖެހޭ މަސައްކަތުގެ އިތުރަށްވެސް ކަންތައްތައް ޖައްސަން ފެށީ ހެއްޔެވެ؟ ހިތައް އެރި އެއްޗަކުން ހީނލަމުން ވިޝާ އާލިކްގެ މޭޒުގާތު ހުއްޓިލުމަށްފަހު މޭޒުމައްޗަށް ނަޒަރު ހިންގާލިއެވެ. މާ ތަރުތީބު ނޫނަސް މޭޒުމައްޗަށް ބަލާލަން ކެރޭ ވަރުވެއެވެ. ދެފަރާތަށް ބޯ ހޫރާލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލަމުން ވިޝާ މޭަޒުގެ ވަތްގަނޑު ހުޅުވާލިއެވެ. އެއާއިއެކު އޭގެތެރެއިން އާލިކް އެބުނި ފޮތާއިއެކު އަދި އިތުރު ދެ ފައިލްވެސް ވިޝާއަށް ފެނުނެވެ. ފޮތް ނެގުމަށްފަހު ވިޝާގެ ސަަމާލުކަން ވަތްގަނޑުތެރޭގައި އޮތް ޓްރާންސްޕޭރެންޓް ފައިލަށް ހުއްޓުނީ އޭގެ ބޭރުގައި “ޕާޓްނަރޝިޕް ބިޒްނަސް” ޖަހާފައި އޮތުމުންނެވެ. ޝައުގުވެރިވީ ވަރުން ފައިލް ނަގާ ބަލާލަން އުޅެފައިވެސް އެކަން ނުކޮށް ދޫކޮށްލީ އަނެއްކާވެސް ފޯނު ރިންގުވާން ފެށުމުންނެވެ.
” އައްސަލާމް އަލައިކުމް..” ވިޝާ އާދައިގެ ގޮތަކަށް ފޯނަށް ޖަވާބު ދިނެވެ. އަދި އެކޮޅުން ގުޅި ފަރާތާއި ކުޑަ ވަގުތުކޮޅެއްގަ ވާހަކަ ދައްކާލުމަށްފަހު ފޯނު ބޭއްވިއިރު މޫނުމައްޗަށް ސީރިއަސް ކަން ވެރިވެއްޖެއެވެ. އިރުކޮޅަކު ވިސްނާލަން އިނދެލުމަށްފަހު ފޮތް ހިފައިގެން ވިޝާ މިސްރާބު ޖެހީ ސިޑީއާއި ދިމާއަށެވެ.
“ސްޓާފް މީޓިންގ ނޭ.. އަދި ބޮލުގަ ރިއްސާތީ ގެއަށް ދާން މިއުޅުނީ..” ވިޝާ ދިއްކޮށްލި ފޮތުގައި ސޮއިކޮށްލަމުން ލިމްނާ ތުން އޫކޮށްލިއިރު ހީވަނީ ކުޑަކުއްޖަކު ހެންނެވެ. އެ މަންޒަރު ފެނުމުން ވިޝާ ގާތަށް ހިނިވެސް އައެވެ.
” ދީމާ.. ސޮއި ކޮށްލަބަ.. މިހާރު ދީމާ އެކަނި ސޮއި ނުކުރަނީ..” އެންމެ ފަހުން ދީމާގެ ކެބިންއަށް ވަނުމަށްފަހު ވިޝާ ބުނެލިއެވެ.
” ސާބަސް ވިޝޫއަށް.. އެތަނުން މަސައްކަތު މީހަކާ ހަވާލު ކުރިނަމަވެސް ތިކަން ކޮށްލީހެއްނު..” ވިޝާގެ އަތުން ފޮތް ދަމައިގަންނަމުން ދީމާ ބުނެލިއެވެ. އޭރު އެތަނަށް ލިމްނާވެސް އަތުވެއްޖެއެވެ.
” ދެން އެހާ މަސައްކަތެއްވެސް ނެތޭ.. އެހެން ނޫނަސް އެންމެންނާ ދިމާވީނުން ފޮތް ހިފައިގެން ހިނގާލީމަ..” ވިޝާ ހަމަޖެހިލަމުން ގޮނޑިއެއްގައި އިށީނދެލިއެވެ.
” ދީމާ.. އެއްކަލަ ބިޒްނަސް ޕާޓްނަރ ގުޅި ދެންމެ.. އާލިކް އުޅުއްވާހޯ.. މަ ބުނީ އަދި ނުދުރެވެޔޭ..” ކޮނޑުމައްޗަށް ގެނެސްފައި އޮތް އިސްތަށިގަނޑު ރީތިކޮށްލަމުން ވާހަކަ ދެއްކިއިރު ލިމްނާ ހުރީ ހުރިހާ ދަތްތައް ފެންނަ ވަރަށް ހިނިތުންވެލައިގެންނެވެ.
” ވަރަށް މަދުން އޮފީހަށް އޭނާ ގުޅާނީ.. އާލިކްއަށް ނުގުޅުނީ ކަންނޭނގެ ދޯ..” ދީމާވެސް ލިމްނާއަށް ޖާބުދިނީ ހީނލަމުންނެވެ.
” ކާކުތަ؟.. ބިޒްނަސް ޕާޓްނަރ.. އަހަރެންވެސް އެބަ އިނީމޭ..” ވިޝާވެސް އެމީހުންނާއި ބައިވެރިވެލިއެވެ.
” ހޫމްމް ވިޝޫ… އެއޮތީ ވާކަމެއް.. އާލިކް ސަރގެ ބިޒްނަސް ޕާޓްނަރ އެއްނު.. ވިޝޫ ބުނާކަށް ސަޅި ބިޓެއް.. ހާދައޭ ރީތީ.. އާލިކް ސަރ ވެސް ރީތި .. ވަރަށް ރީތި.. އެކަމު އޭނަ.. ވާއު ވާއު.. ހިތައް އެރިޔަސް މިހިރަ ވާގޮތެއް..” ލިމްނާ އެތަނުގައި ހުރި ސޯފާއަށް ވެއްޓިގަތް އިރު ލޯވެސް މެރިއްޖެއެވެ. އޭނާޣެ ހަރަކާތްތައް ހުރިގޮތުން ވިޝާއާއި ދީމާއަށްވެސް ތިބީ ހެވިފައެވެ.
“ހެހެހެ.. ލިމް އެބުނީ ތެދެއް ވިޝޫ.. ވަރަށް ހޭންސަމް ކުއްޖެއް.. އެކަމު ލިމްއަށް ވާވަރެއް ނުވާނެ ކަންނޭނގެ އެކަކަށްވެސް.. އާލިކް ފެނުނު ދުވަހުވެސް ކިރިޔާ ހޭނުނެތުނީ..” ދީމާ ލިމްނާއާއި ދިމާކޮށްލިއެވެ. އޭރުވެސް ވިޝާ ހިނިތުންވެލައިގެން އަޑުއަހން އިނެވެ.
” އެ ތެދެއް ވިޝޫ.. މަ ހަމަ ހައިރާންވޭ ވިޝޫއަށް ގޮތެއް ނުވީމަ.. އަދި އެއް ކެބިންއެއްގަ.. ސަރގެ އެހެރަ ދެލޮލާއި ހަތަރުކަޅި ހަމަވިޔސް މަށަށް ހީވަނީ ހަމަ ވިރިގެން ފައިބަފާނެހެން.. އަޅެ ވިޝޫއަކަށް ނުވޭތަ އެހެންނެއް..” ލިމްނާ ހުވަފެނީ ގޮތަކަށް އާލިކްގެ ވާހަކަ ދައްކަމުން ދިޔައިރު ވިޝާ ހީފައި އިނީ ލާނެތް ގޮތަކަށެވެ.
” ދެން އަސްލު ލޮލެއް ނަމައެއްނު.. ލެންސް ލައްވާފަ ވިއްޔަ.. މަށަކަށް ނުވޭ އެއްވެސް ގޮތެއް..” ވިޝާ ޖަވާބުދިނީ ފަރުވާ ކުޑަ ގޮތަކަށެވެ. އާލިކްގެ ރީތި ވާޙަކަ ދެއްކުމުންވެސް އޭނާގެ ހިތުގައި ވަނީ ފާޑެއްގެ ފޫހިކަމެއް އުފެދިފައެވެ.
” ހޫމްމް.. އިނގޭތަ ވިޝޫ އާލިކް ސަރ ލެންސް ލައްވާފަ ހުއްޓަސް ކުރިން މިބުނި ކުއްޖާ ހުންނަނީ އަސްލު ލޮލެއް.. ލެންސެއްވެސް ނުލާ.. ވަރަށް ރީތި.. ހަމަ ހިތް ތެޅިފޮޅޭ..” ލިމްނާ ވާހަކަ ދައްކަމުން ދިޔަ ގޮތުން ވިޝާ އިނީ އަނގަމަތީގައި އަތް އަޅައިގެން ހިނިގަނޑު މައިތިރިކޮށްގެންނެވެ.
” ހާދަ ރީއްޗޭ ދޯ..ކޮން ނަމެއްތަ ކިޔަނީ ތި ކުއްޖާ އަށް..” ވިޝާ ޝައުގުވެރިކަން ދައްކާލީ ލިމްނާ އެވާހަކަ ދައްކާ ހިތްވެފައި އިންލެއް ބޮޑުކަމުންނެވެ.
” ކިޔަނީ ވ….” ” ލިމްމް އާދެބަލަ ރިސެޕްޝަނުގަ މީހަކު..” ލިމްނާގެ ޖުމްލަ މެދު ކެނޑުނީ އެހެން ކުއްޖަކު އޭނާއަށް ގޮވާލުމުންނެވެ.
” އޭ ދިޔައީ..” އެވަގުތު އަވސް އަވަހަަށް ތެދުވެ ލައިގެން ހުރި ހެދުން ރީތިކޮށްލަމުން ލިމްނާ ނުކުމެގެން ދިޔައެވެ.
” ހަމަ ކުޑަ ކުއްޖެއް.. ހެހެ ޝާންގާތުވެސް ދައްކާނެ އެކަހަލަ ވާޙަކަ.. ޝާންވެސް ހުންނާނެ ހީފަ..” ލިމްނާ ދިއުމުން ދީމާ ހިނިތުންވެލަމުން ބުނެލިއެވެ.
” އުފާވެރި ކުއްޖެއް ދޯ.. އޭ ދިޔައީއޭ.. 10 ޖަހަނީ ނުން.. ސަރ އަންނާނެ މިހާރު..” ވިޝާވެސް ދީމާގެ ކެބިންއިން ނުކުމެގެން ދިޔައީ އޭނާގެ ކެބިންއަށެވެ.
ވިޝާ އޭނާގެ ކެބިންއަށް ވަނުމަށްފަހު ފޭސްބުކަށް ވަދެލީ ” ވިކާޝް” ޖަހާލައިގެން ފޭސްބުކް ސާރޗް ކޮށްލުމުގެ ބޭނުމުގައެވެ. އެހެންވެސް އޭނާ ހޯދަން ފަސޭހަވާނީ ފުރިހަމަ ނަން އެނގޭ ނަމައެއް ނޫން ހެއްޔެވެ؟ މަންމަގެ ސިޓީގައިވެސް އޭނާގެ ދޮންބެގެ ފުރިހަމަ ނަން ބުނެދީފައެއް ނެެތެވެ. އަދި ނަމުގެ ފަހަތަށް ބައްޕަގެ ނަންވެސް އިންނަ ކަމެއް ނޭނގެއެވެ. އޭނާގެ ނަމުގައިވެސް ބައްޕަގެ ނަމެއް ނީނދެއެވެ. “ވިކާޝް އިބްރާހީމް” ޖަހައިގެން ސާރޗް ކުރީމަވެސް ނަތީޖާއެއް ނުފެނުނެވެ. ވިޝާ ޝައުގުވެރިކަމާއިއެކު އެކަމަުގައި އިންދާ އާލިކް އައިސް ކެބިންގެ ތެރެއަށް ވަނުމުން އޭނާ އަވަސް އަވަހަށް ލޮގް އައުޓް ވެލީ ދައްކަން ޖެހޭ މުހިންމު ވާޙަކައެއް އޮތުމުންނެވެ.
” ކޮބާ މީޓިންގ އަށް އެންގީތަ؟..” އާލިކް ގޮނޑީގައި އިށީނދެލިގޮތަށް ވާހަކަ ދައްކަން ފެށިއެވެ.
” އަންގައިފިން.. މިއަދު ސަލާމުގައި ހުރި ކުއްޖާއަށްވެސް އެންގިން..” ވިޝާވެސް އާލިކްއަށް ޖަވާބު ދިނީ އާލިކް ވާޙަކަ ދެެއްކި ރާގަށެވެ.
” މިއަދު ގުޅި މިއުރެކްސް މައި އޮފީހުން.. މިމަހު ފަހު ކޮޅު އެއޮފީހުގެ އަހަރީ ދުވަސް ފާހަަގަ ކުރާތީ އެކި ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުސަތު ދޭވާޙަކަ ބުނީ.. ދެން މެއިލް ކޮށްލާފަ އިން ޖަވާބެއް ފޮނުވަންވީ ތާރީހް.. ” ވިޝާ މަޑުމައިތިރިކަމާއިއެކު ވާހަކަ ދެއްކިއިރު އާލިކް އިނީ އޭނާގެ ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެންނެވެ.
” މިފަހަރު ބައިވެރިއެއް ނުވެވޭނެ.. ބަޖެޓް ތަންކޮޅެއް ދަށްކޮށް އުޅެނީ..” އާލިކްގެ ޖަވާބު އައީ ވިޝާ އެންެމެ ފޫހިވާ ރާގަށެވެ. އޭނާއަށް ގަބޫލުކުރެވުނީ އެކަމަށްވެސް ދެކޮޅު ހެދީ އޭނާއަށް ޖެއްސުމަށް ކަމުގައެވެ. ހަގީގަތަކީވެސް އެއީއެވެ. ވިޝާ އެވާހަކަ ބުނިއިރު އެއަޑުގައި ހުރި ޝައުގުވެރިކަމެއްގެ ސަބަބުން އޭނާ އެކަމަށް ނޫނެކޭ ބުނަން ބޭނުންވީއެވެ.
ޖެހިގެން އައި ގަޑިއެއްހާއިރު ހަމަހިމޭންކަމާއިއެކު މަސައްކަތް ކުރުމަށްފަހު ވިޝާއާއި އާލިކްއާއި ދެމީހުންވެސް ކެބިންއިން ނުކުތީ އެކުއެކީގައި ކަހަލަ ގޮތަކަށެވެ. ދެމީހުން އެއްވަރަކަށް ހިނގާލާފައި ކޮންފަރެންސް ރޫމަށް ދިޔައިރުވެސް އެއްވެސް ވާހަކައެއް ނުދައްކައެވެ. އެމީހުން ވަންއިރު އޮފީހުގެ އެހެން ހުރިހާ މުވައްޒަފުން އެތަނުގައި ތިއްބެވެ.
45 މިނެޓެއް ހާއިރަށް ދެމިގެން ދިޔަ މީޓިންގ ނިންމާލުމަށްފަހު އާލިކް ތެދުވެގެން ދިޔައިރު އެހެން އެންމެން ތިބީ ދެލޯ ބޮޑުވެފައެވެ. އެކަކު އަނެކަކަށް ބަލާލުމަށްފަހު މޫނަށް ފޫހިގޮތެއް ވެރިކުރުވަމުން ދިޔައިރު ވިޝާ އިނީ އެތެރެ އެތެރެއިން ރުޅި އައިސްގެން ހަލާކުވާ ވަރުވެފައެވެ. ވާނީވެސް އެހެންތާއެވެ. އޭނާ ހެދުން އެޅުން ބަދަލުކުރަން އެއްބަސް ނުވުމުން އެންމެފަހުން މުވައްޒަފުންނަށް ހާއްސަ ޔުނީފޯރމެއްވެސް ހެދީއެވެ.ޖެއްސުން ކުރިޔަސް ތަންކޮޅެއް ބޮޑުވަރެކެވެ. ވިޝާ ލޯ މަރާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. ކޮންމެއަކަސް އެހެންވެސް އެހެދީއެވެ. ދެން އޭނާ ޖެހޭނީ ޔުނީފޯރމްވެސް ލާށެވެ. ވަޒީފާއިން ވަކިވުމަށްވުރެ އެގޮތް މާ ރަނގަޅުވާނެތާއެވެ.
މީޓިންގައި މުވައްޒަފުންގެ ފަރާތުން ލިބިގެންދިޔަ ނުރުހުމުގެ ބަސްތައް އަޑުއިވުމުން އާލިކް ހުރީ ކޮންމެވެސް ވަރަކަށް މޫޑް ގޯސްވެފައެވެ. އެހެންނަމަވެސް ވިޝާއަށް އޭނާގެ ފެންވަރު ހަނދާންކޮށްދޭން އެކަމަކީ ކޮންމެހެންވެސް ކުރަން ޖެހިފައިވާ ކަމެއް ކަމުން އާލިކް އެ ފިޔަވަޅުވެސް އެޅީއެވެ. ލިބިފައިވާ ހާސްކަން ކުޑަކޮށްލުމަށް އޮފީހުން ނުކުމެ ކައިރީފގައި ހުރި ކެފޭއަށް ވަދެ ކޮފީއަކަށް އޯޑަރު ކޮށްލުމަށްފަހު އާލިކް ގުޅާލީ ވިކާޝްއަށެވެ.
” ހަލޯ އޭ ބްރޯ.. ވަރަށް ބޮޑު ވާހަކައެއް ދައްކަން ގުޅީ.. އެކަމު މިހާރު ވަރަށް ބިޒީ.. ފަހުން ގުޅާލާނަން..” އާލިކްއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ވިކާޝް އަވަސް އަރުވާލާފައި ފޯނު ކަނޑާލިއެވެ. އާލިކް ފޯނަށް ބަލާލުމަށްފަހު ހިނިތުންވެލަމުން ކޮފީ ބޯން ފެށިއެވެ.
ގަޑިއެއްހާ އިރު ފަހުން ވިޝާއާއި އާލިކް އަނެއްކާވެސް ބައްދަލުވީ އެމީހުންގެ ކެބިންއިންނެވެ. ހަމަހިމޭންކަން ވެރިވެފައިވީނަމަވެސް އެދެމެދުގައި ވިޔަފާރީގެ ތަފާތު ކުދި ކުދި ވާހަކަތައް ދެކެވެމުން ދިޔައެވެ.
“އަދި އިންނާނެ ހުއްޓިފައިން ޕްރޮޖެކްޓެއް.. މްމްމް ތުޅާދޫގައި ހަދަން ގަސްތުކޮށްފައި އިން ރެސްޓޯރެންޓް ޕްރޮޖެކްޓް.. މިހާރު އަނެއްކާވެސް އެ މަސައްކަތް ފަށަންވީ.. ވިޝާ އިސްކޮށް ހުރެގެން..” އާލިކް ލެޕްޓޮޕުން ޓައިޕްކުރަން އިނދެގެން ވާހަކަދެއްކި ނަމަވެސް އިރު އިރުކޮޅާ ވިޝާގެ މޫނަށް ބަލާލައެވެ. އެވަގުތު ވިޝާވެސް ކުޑަ ގޮތަކަށް ބޯ ޖަހާލުމަށްފަހު އަވަސް އަވަހަށް އާލިކް މޭޒާއި ދިމާގައި ހުރި ޝެލްފް ކައިރިއަށް ދިޔައީ އެ ފައިލް ހޯދުމުގެ ގަސްތުގައެވެ. މަޑުމަޑުން ފައިލަކަށްފަހު ފައިލެއް ބަލަމުން ގޮސް އެ ފައިލް ފެނުމުން އެ ނަގަން އުޅުނު ވަގުތު އޭގެ މައްޗަށް އޮތް ދެތިން ފައިލްވެސް ވެއްޓެން އުޅޭހެން ހީވުމުން ވިޝާގެ އަނގައިން މަޑުމަޑު އަދި ތޫލި ހަޅޭކެއްގެ އަޑު ނުކުތެވެ. އެވަގުތު މަސައްކަތަށް ގެއްލިފައި އިން އާލިކްއަށް ލިބުނު ސިހުމާއިއެކު ތެދުވެގެން ގޮސް އެ ފައިލްތަކުގައި ހިފަހައްޓާލިއެވެ.
” ކެއަރފުލް ގާރލް..” ވިޝާގެ މައުސޫމް ދެލޮލާއި ހަތަރުކަޅި ހަމަކޮށްލަމުން އާލިކް އެހެން ބުނެލިއިރު ދެމީހުންނަށް ތިބެވުނީ އެކަކު އަނެކަކުގެ ނޭވާ އިހުސާސްވާހާ ގާތުގައެވެ. އެ ތޫނު ބެލުމުގެ ސަބަބުން ވިޝާާގެ ހިތުން ހިނދުކޮޅަކަށް ނަމަވެސް އާލިކްއާއި މެދު އުފެދިފައިވާ ފޫހިކަން ނެތިގެން ދިޔައެވެ. ފުރަތަމަ ފަހަރަށް އާލިކްގެ އަޑުން އޯގާތެރިކަން އިހުސާސްވެގެން ދިޔަ ފަދައެވެ. ވިޝާއަށްވެސް އެދެލޮލަށް ބަލަހައްޓައިގެން ހުރެވުނީ އެ ގޮތްނޭނގޭ ފުން ލޮލުގެ ތެރޭގައި ފޮރުވިފައިވާ ހަގީގަތްތައް ހޯދަން ބޭނުންވެފައިވާ ފަދައިންނެވެ.
” އާލް ކީއްވެތަ… އާލްލް…..” އެކަކު އަނެކަކަށް ގެއްލިފައިތިބި އާލިކްއާއި ވިޝާއަށް ހަމަހޭވެރިކަންވީ ކެބިންގެ ދޮރުމަތިން އިވުނު ތޫލި އެހެނަސް ރުންކުރު އަޑެއްގެ ސަބަބުންނެވެ. އެއާއިއެކު އާލިކް އަވަސް އަވަހަށް ވިޝާއާއި ދުރަށް ޖެހިލުމަށްފަހު އިސް އުފުލާ އަޑު އައި ދިމާއަށް ބަލާލި ވަގުތު އޭނާގެ ދެލޯ ބޮޑުވިއެވެ. އަދި ހަމަ އެއާިއެކު ކުރިއަށް އޮތް ދެތިން މިނެޓްގެ ތެރޭގައި ދެން ވާނެގޮތް ހިޔާލުކޮށްލެވުމުން ލޯ މަރާލުމަށްފަހު އަތުގެ ދެއިނގިލިން ލޯ މަތީގައި ހިފަހައްޓާލިއެވެ.
” އޯ ގޯޑް ހެލްޕް މީ..” އިސްޖަހާލައިގެން ހުރި ވިޝާއަށްވެސް އިސްއުފުލާލަން މަޖުބޫރުވީ ކައިރީގައި ހުރި އާލިކް މަޑުމަޑުން ބުނެލި ޖުމްލަ އަޑުއިވުމުންނެވެ. އެއާއިެކު ދޮރުމަތީގައި ހުއްޓިލައިގެން ހުރި ބުދެއްފަދަ ލޫޅާފަތި އަދި އެހާމެ ދޮން އަންހެންކުއްޖާ ފެނުމުން ވިޝާއަށް ކޮންމެވެސް ވަރަކަށް ވީގޮތް އޮޅުން ފިލިއެވެ. ހަމަ އެވަގުތު އަތުގައި އޮތް ފައިލް ހިފާލައިގެން އަވަސް ފިޔަވަޅުތަކެއްގައި ވިޝާ އެތަނުން ނުކުމެގެން ދިޔައިރު ދޮރުމަތީގައި ހުރި އަންހެންކުއްޖާގެ ރުޅިވެރި ނަޒަރު ހުރީ އޭނާއަށް ހުއްޓިފައެވެ.
“ޝާޔާ.. ” ވިޝާ ނުކުތުމާއިއެކު އާލިކް ޝާޔަންގެ ގާތަށް ޖެހިލީ ހަމަޖެހިލަމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


އަޅެ، ފައިނަލީ މި ވާހަކަ އަޕްލޯޑް ކުރަން ފެއްޓީތަ؟ ކިހާ ދުވަހެއް އިންތިޒާރް ކުރާތާ. އަވަހަށް އަރާމަގަށް އަޕްލޯޑްކޮޑްކޮސްފައިވާވަރަށް އަޕްލޯޑް ކޮއްބަލަ.