
އެކުގައިވާން އެދެމޭ… 5
ލަވަ ކިޔާ ނިންމާލެވުނު އިރު ދެމީހުންނަށްވެސް ތިބެވުނީ އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެންނެވެ. ދެމީހުންވެސް ހިތްވެސް ބުނަމުންް ދިޔައީ ލަވައިގެ ގޮތުގައި އެކިޔާލީ އަނެކާގެ ހިތުގެ އަޑު ކަމުގައެވެ. ވިޝާގެ މަޑު ބްރައުން ލޮލާއި އެކު އާލިކްގެ ތޫނު ދެލޯ ގުޅިފައިވާއިރު ޖާދޫއެއް ފަދައެވެ.
“ވާއު.. ހާދަ ރީއްޗޭ ވިޝާ.. އަޅޭ ލަވަކިޔުންތެރިއަކަށްވެސް ވެވިދާނެ.. އެހާ ރީތި..” އާލިކްގެ އަޖައިބެއްފަދަ މޫނަށް ބަލަހައްޓައިގެން އިން ވިޝާ ސިއްސައިގެން ދިޔައީ ލިމްނާ އައިސް އޭނާގެ ކޮނޑުގައި ޖަހާލުމުންނެވެ.
” އެއީ ތެދެއް.. ސަރ އާ ދެމީހުން ކިޔާލީމަ ވަރަށް ސަޅި.. އިޓް ވޯޒް އޯސަމް..” އަރީޝްވެސް ލިމްނާއާއި ބައިވެރިވެލަމުން ބުނެލިއެވެ. އެވަގުތު ވިޝާ އޭނާގެ ރަތްވަމުން ދިޔަ މޫނު ފޮރުވުމުގެ ގޮތުން އިސްޖަހާލީ ހިނިތުންވެލަމުންނެވެ. ނަމަވެސް އާލިކް އޭރުވެސް އިނީ ވިޝާގެ މޫނަށް ބަލަހައްޓައިިގެންނެވެ. ވިޝާގެ ލަވަކިޔުމާއިމެދު ހަސަދަވެރިވެފައިވާ އޭނާގެ ހިތް ދެވަނަ ފަހަރަށް ވިޝާގެ އަޑު އަހާލުމަށް އެދެންވީ ސަބަބެއް އާލިކްއަކަށް ނުވިސްނުނެވެ. އެންމެން އެންމެންނަށް ވިޝާގެ ލަވަކިޔުމަށް ތައުރީފް ކުރަމުން ދިޔައިރު އާލިކްގެ ނަޒަރު ވިޝާއަށް ހުއްޓިފައިވާ ކަމެއް އެމީހުންނަށް ފާހަގައެއް ނުވިއެވެ.
” ހުމް.. ދެން ކޮފީ ބޯން ވީނުން.. ކޮބާ ކާލާނެ އެއްޗެއް ނެތްތަ؟..” އާލިކްއަށް ކުޑަ ސިހުމެއް ލިބުނީ އަރީޝް އޭނާގެ އަތަށް ކޮފީ ޖޯޑެއް ދިނުމުންނެވެ. ފުންނޭވާއަކާއިއެކު އޭގައި ހިފިއިރުވެސް އާލިކްގެ ހިތުގައި ދެންމެ ކިޔާލި ލަވައިގެ ބައިތުތައް ހަރުލާފައި ހުއްޓެވެ.
” ނޫނޭ.. މަ ގެނައިން ވަރަށް މީރު ބިސްކޯދެއް..” ލިމްނާ އޭނާގެ ދަބަހުން 3 ބިސްކޯދު ބޮނޑި ނެގުމަށްފަހު ކޮފީ މޭޒުގައި ބޭއްވިއެވެ.
” ވިޝާ.. ކީކޭތަ މީހުން ލޯބިން ކިޔަނީ..” ބިސްކޯދެއް ކަނޑާލަމުން ޝާން ވިޝާއާއި ސުވާލުކޮށްލީ ހިނިތުންވެފައި އިނދެގެންނެވެ. ވިޝާއާއި ބޮޑަށް ރަހްމަތްތެރިވުމަށް އޭނާ އެދެމުން ދިޔައީ އިންތިހާއަށެވެ.
” ހހ.. ވިޝޫ ކިޔަނީ..” ވިޝާ ލުއި ހީނލުމަކާއިއެކު ޖަވާބު ދިން ވަގުތު ކޮފީ ތަށި ތުނބުގައި ޖަހައިގެން އިން އާލިކްގެ ތޫނު ނަޒަރު އޭނާއަށް ހުއްޓުނުކަން ވިޝާއަށް އެނގުނެވެ. ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިނީ އާލިކްގެ ތޫނު އަދި ގޮތް ނޭނގޭ ބެލުމަށް އޭނާ ހޭނެން ޖެހިފައިވާކަން އެނގުމުންނެވެ. އެންމެން އެކި އެކި ވާހަކައިގައި ތިބެ ކޮފީ ބޮމުން ދިޔައިރު އާލިކްގެ ހަމަހިމޭންކަމަކަށް އެކަކުވެސް ސަމާލުކަމެއް ނުދެއެވެ. ހަގީގަތުގައި އާލިކްއަކީ ވާހަކަ ދެއްކުން މަދު ޒުވާނެއްކަމުން އެކަކުވެސް އެކަމާއި އަޅާ ނުލަނީއެވެ.
” އޭހހ.. ކާކު ފޯނެއް.. ވިޝޫގެ ދޯ..” އެންމެން ވާހަކައިގައި ތިއްބާ ކޮފީ މޭޒުގައި އޮތް ފޯނެއް ރިންގުވާން ފެށުމާއިއެކު ދީމާ ބުނެލިއެވެ. އެވަގުތު ކޮފީ މޭޒުގެ ކުރިމައްޗަށް އިން އާލިކްއަށް ބޭ އިޚްތިޔާރުގައި ވިޝާގެ ފޯނަށް ނަޒަރު ހުއްޓާލެވުނީ ކޮން މަގްސަދެއްގައި ކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ.
” ޒައިދު.. ހުމްމް ހާއްސަ ކުއްޖެއްތަ؟..” ކޮފީ މޭޒުން ވިޝާގެ ފޯނު ނެގުމަށްފަހު ވިޝާއަށް ދިއްކޮށްލަމުން ލިމްނާ ބުނެލި އެއްޗަކުން ވިޝާގެ ހިތް އަވަސްވެލިއެވެ. ހަމަ އެއާއިއެކު އާލިކްއަށް އެއަޑު އިވިފައި އަތުގައި އިން ޖޯޑުގައި އިހުނަށްވުރެ ބާރަށް ހިފަހައްޓާލެވުނީ އިހްތިޔާރަކާއި ނުލައެވެ. އަވަސް ނަޒަރަކުން ވިޝާގެ މޫނަށް ބަލާލުމާއިއެކު އެމޫނަށް ވެރިވެފައިވާ ކަންބޮޑުވުން އޭނާއަށް ނަގައިގަނެވުނެވެ.
” ނޫން.. ރަ.. ރައްޓެއްސެއް..” ވިޝާއަށް ވާހަކަ ދެއްކުނީ އަޅަ އަޅައިގަންނަމުންނެވެ.
” އެހެން ވީއިރު ނަގާބަލަ.. ކިހިނެތްތަ ވީ..” ވިޝާ ފޯނަށް ބަލަހައްޓައިގެން އިންނަަން ފެށުމުން ލިމްނާ އޭނާގެ އަތުގައި ޖަހާލިއެވެ. އެވަގުތު ވިޝާ ގަދަކަމުން ހިނިތުންވެލަމުން ފޯނު ނެގީ އެ ނޫން ގޮތެއް ނެތްކަން އެނގުމުންނެވެ.
” ހަ.. ހަލޯ..” ވިޝާގެ އަޑުގައިވީ މަޑުމައިތިރިކަމެވެ. އޭރުވެސް އާލިކް ދެބުމަ ކައިރިކޮށްލައިގެން އިނދެ ވިޝާގެ ހަރަކާތްތަކަށް ބަލަމުން ދިޔައެވެ.
” ވިޝޫ މަށޭ.. މަ ފޯނުގަ ލާރި ނެތީމަ ޒައިދު ފޯނުން މިގުޅީ.. އިނގޭތަ މިރޭ ރަންކިޔާ ރޭ..” ނޭވާ ހިފަހައްޓައިގެން އިން ވިޝާ ޒުމާގެ އަޑު އިވުމުން ފުންނޭވާއެއް ބޭރުކޮށްލިއެވެ. އަދި ހަމައެއާއިއެކު އެ މޫނުމަތީގައި ރީތި ރީތި ފުޅާ ހިނިތުންވުމެއްވެސް ދުވެލިއެވެ.
” އޭ.. އަސްލުތަ؟.. އަޅޭ އައި މިސް ޔޫ އިނގޭ..” ވިޝާ ތަންކޮޅެއް އަޑު ގަދަވާތީ ވާހަކަ ދައްކަމުން އެތަނުން ތެދުވެ ކުޑަދޮރު ކައިރިއަށް ޖެހިލިއިރު އޭނާ ބުނެލި ޖުމްލަ އަޑު އިވުނު އާލިކްގެ މޫނަށް ވީގޮތެއް ނުފެނެއެވެ. ވިޝާ އެކަހެރިވެލައިގެން ހުރެ ހީނހީނފައި ފޯނުން ވާހަކަ ދައްކާތަން ފެނުމުން އާލިކްއަށް ދެދަތްޕިލަ ޖައްސާ ބާރުކޮށްލެވުނެވެ. މިތަނަކީ ބިޓުންނާއި ގުޅަން އަންނަ ތަނެއް ނޫނޭ ބުނެފާނަމޭ ކިތަންމެ ފަހަރަކު އޭނާގެ ހިތައް އަރައެވެ. ނަމަވެސް އަނެއްކޮޅުން އޭނާގެ ސިކުނޑިއަށް ބާރު ކުރަމުން ދިޔައީ އެމަންޒަރު ފެނުމުން އޭނާ ރުޅިގަދަވާންޖެހޭ ސަބަބެއް ނޭނގިގެންނެވެ. އެންމެ ފަހުން ބޮލަށް އުނދަގޫ ވެގެން އާލިކްއަށް އެތަނުން ތެދުވެގެން ނުކުމެވުނީވެސް ތަންކޮޅެއް ބާރަށެވެ. އެމަންޒަރު ފެނުމުން އެންމެންވެސް ތިބީ ވާނުވާ ނޭނގިފައެވެ. އެކަކު އަނެކަކުގެ މޫނަށް ސުވާލުގެ ނަޒަރުން ބަލަމުން ދިޔައިރު ބޮސް ހިތްހަމަ ނުޖެހެންވީ ސަބަބެއް ނޭނގިގެން ކޮންމެ މީހެއްގެ ހިތުގައިވެސް ވަނީ ނުތަނަވަސްކަން އުފެދިފައެވެ. ނަމަވެސް އެމީހުންނާއި ޚިލާފަށް ވިޝާ އެކަމާއި މާބޮޑަށް އަޅައެއް ނުލައެވެ. އޭނާ ދެކޭގޮތުގައި ވާނުވާ ނޭނގި ރުޅި އައިސްގެން އެދަނީ ހަމަ ގޮތް ބޮޑު ކުރާށެވެ. ހިސާބަށްވުރެ ފޮނީއެވެ. ވިޝާ މޫނު ހަދާލަމުން ދޮރާއި ދިމާއަށް ބަލާލީ ފަރުވާ ކުޑަ ގޮތަކަށެވެ.
” މި ހަޔާތަށް ޔާރު ދެން ހާއްސަވޭ.. ނުބަލާށޭ އޭ ހިތައް……” މަޑު މަޑު ރާގެއްގައި ކެބިންގެ ތެރެއަށް ވަން ވިޝާ ކުއްލިއަކަށް ލަވަ ހުއްޓާލީ ގޮނޑީގައި އިން އާލިކް ބަލާލުމުންނެވެ. އޭނާއަށް ނޭނގުނު އެއްޗަކީ އާލިކްވެސް ހިތާއިހިތުން އެލަވައިގެ އަނެއްބައި ފުރިހަމަކޮށްލިކަމެވެ. މޫނުމަތީގައިވާ ފަނޑު ހިނިތުންވުން ސީރިއަސް ކަމަށް ބަދަލުކޮށްލުމަށްފަހު ވިޝާ ގޮނޑީގައި އިށީންއިރުވެސް އާލިކް އިނީ ބަލަހައްޓައިގެންނެވެ.
” މިއީ ބަލަން ކެރޭ ފިރިހެނަކީ.. މިއަދު އަދި އެ ލޮލުން ސަލާމަތް ނުވެ..” ހިތާއިހިތުން އާލިކްއަށް އެއްޗެހި ކިޔަމުން ދިޔައިރު ވިޝާގެ މޫނުމަތިންވެސް ނުރުހުންވުން ފާޅުވެއެވެ. އާލިކްވެސް ބެލުން ތިރިކޮށްލުމަށްފަހު އަތުގައި އޮތް ގެލެކްސީ އެސް ތްރީ ފޯނަށް ނަޒަރު ހުއްޓާލީ ވިޝާގެ ފަރުވާކުޑަކަމުގެ ސަބަބުން ނުރުހުންވެ އިނދެއެވެ.
އޮފީހުގެ ވަގުތު ހަމަވުމުން ދަބަސް ހިފައިގެން ވިޝާއަށް ކެބިންއިން ނުކުމެވުނު އިރު 4 ޖަހައިފިއެވެ. އޭރު ދީމާއާި ލިމްނާއާއި އަދިވެސް އޮފީހުގެ ދެއަންހެން ކުދިން އޭނާގެ އިންތިޒާރުގައި ތިރީގައި ތިއްބެވެ. ވިޝާ ނުކުމެގެން ދިޔައިރުވެސް އާލިކް ފޯނާއި ކުޅެލަ ކުޅެލާ އިނެވެ. އޭނާގެ އަލި މޫނުމައްޗަށް ބަލާލުމުން ވަރަށް ގިނަ ކަންތައްތަކާއި ވިސްނަމުން ދާކަން ފެނެއެވެ. މީހުންގެ ކުރިމަތީގައި ހަމަ ޖެހިލައިގެން، ގޮތުގައި ހުރިކަމުގައިވިޔަސް އޭނާގެ ދިރިއުޅުމުގައިވެސް ނުތަނަވަސްވާ ފަދަ ކަންތައްތައް ހިނގަނީތާއެވެ. އިރުކޮޅަކު އެހެން އިނދެލުމަށްފަހު އާލިކް ތެދުވެގެން ހިނގައިގަތީ އޮފީހުން ނުކުތުމަށެވެ. ބޭރަށް ނުކުމެ ލޮލުގައިއަވި އަިނު އަޅާލުމަށްފަހު އަތުގައި ކޯޓު އަޅުވާލައިގެން އޭނާގެ ކާރާއި ދިމާއަށް ފިރިހެންވަންތަ ހިނގުމެއްގައި ދިޔަ މަންޒަރު ބަލަންވެސް އެހިސާބުގައި ދެތިން އަންހެން ކުއްޖަކު އާ ޝޯޚްވެފައި ތިއްބެވެ. އެކުދިންނަށް މާބޮޑު ސަމާލުކަމެއް ނުދިނަސް އެކަމުގެ ސަބަބުން އާލިކްގެ ތުންފަތްމަތީގައި ފޮނި ހިނިތުންވުމެއް ހަރުލާފައި ހުއްޓެވެ. އާލިކް ކާރަށް އަރާ އަޑުގަދަކޮށް ލަވަ ޖަހާލުމަށްފަހު ނައްޓާލިއިރުވެސް އެކުދިން ބަލަހައްޓައިގެން ތިއްބެވެ.
އާލިކްގެ ކާރު އާދައިގެ ދުވެއްޔެއްގައި ގޮސް މަޑުކޮށްލީ ހެންވޭރު ކޮޅުގައި ހުރި ގެއެއްގެ ކުރިމައްޗަށެެވެ. ކާރުން ފޭބުމަށްފަހު އަތުގައި އޮތް ގަޑިއަށް ބަލާލަމުން އޭނާ އެގޭ ތެރެއަށް ވަނީ އާދައިގެ ހިނގުމެއްގައެވެ.
” އާދެވިއްޖެ ދޯ.. އަހަރެން ކޮން އިރެއް އެކަނި އިންނަތާ.. ދޮންތަ ހުޅުމާލެއަށް ދިޔައީމައޭ އެހާ ވަރަށް ގުޅީ..” ދޮރު ހުޅުވާލާފަ އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއިއެކު އާލިކްގެ ކަންފަތުގައި ޖެހުނީ އޭނާ އަހާ އަހާ ވަރުބަލިވެފައިވާ އަޑެކެވެ. ވީ ފޫހިން ދެދަތްޕިލަ ޖައްސާލާ ބާރުކޮށްލީ އެތެރެ ހައްޓަށް ވެރިވެގަތް ރުޅިގަނޑު ހިފަހައްޓާލުމުގެ މަގްސަދުގައެވެ. އަދި މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިކުރުވަމުން ލަސް ފިިޔަވަޅުތަކެއްގައި އެތެރެއަށް ވަނެވެ. ހުދުކުލައިގެ ފާރުތަކާއިއެކު، ޓައިލްސް ޖަހާފައިވާ ފުދޭވަރަކަށް ތަނަވސް އެ ސިޓިންގ ރޫމްގެ ތެރޭގައި ހަރުލާފައި ހުރީ ޓީވން ދައްކަމުންދިޔަ އިނގިރޭސި ފިލްމުގެ އަޑެވެ. އޭރު ސިޓިންގ ރޫމުގެ އެއްފަރާތުގައި ހުރި މެރޫން ކުލައިގެ ސޯފާގައި ދިގުދިގަށް ދަމާލައިގެން ޝާޔަން އޮތްއިރު ލައިފައިވާ ދަނބުކުލައިގެ ޓީޝާޓްކޮޅު ކުރުކަމުން ބަނޑުން ބޮޑުބައެއްވެސް އޮތީ ހާމައަށެވެ. ކަކުލާއި ހަމައަށް އަންނަ ހުދު ހަރުވާޅުބުރީގެ ސަބަބުން އޭނާގެ ދޮން، އޮމާން ދެފައިވެސް އޮތީ ހާމައަށެވެ. އެއްއަތުން ޗިޕްސް ދަޅެއް ހިފައިގެން އަނެއް އަތުން ހުއްޓުމެއްނެތި ޗިޕްސް ކަމުން ގެންދިޔައިރު އޭނާގެ ކަޅުކަންގަދަ ބޮޑު ދެލޯ އަމާޒުވެފައި ހުރީ ޓީވީ ސްކްރީނަށެވެ.
” ޝާޔާ.. ކޯޗެއް ތި ބަލަނީ..” އާލިކް ގޮސް ސޯފާގެ އެއްކޮޅުގައި އިށީނދެލުމަށްފަހު ޝާޔަންގެ ފައިމަތީގައި އަތްބާއްވާލީ ނުހަނު ލޯބިންނެވެ. އެވަގުތު ކުއްލިއަކަށް ކަހަލަ ގޮތަކަށް ތެދުވި ޝާޔަން އާލިކްގެ އަތް ފޮޅުވާލީ ނުރުހުންވެފައި ހުރެގެންނެވެ. ލައިގެން ހުރި ޓީޝާޓްކޮޅުގެ އަތްކޮޅު ކުރުކަމުން އޭނާގެ ދޮން އަތާއިއެކު ހިމަ ދިގު އިނގިލިތަކާއި އަދި ރަތްކުލައިން ޖަރީކޮށްފައިވާ ދިގު ނިޔަފަތިތަށްވެސް ފެންނަނީ ނުހަނު ފާޅުކަންބޮޑު ގޮތެއްގައެވެ. ވޫލްކޮޅަކުން މައްޗަށް އައްސާލާފައި އޮތް ބުޅި އިސްތަށިކޮޅު ކަނދުރާއާއި ހަމައިގައި ހުރިއިރު، އެ އިސްތަށިކޮޅު ބްރައުން ކުލައަކުން ޑައީކޮށްލާފައިވާތީ އޭނާގެ ދޮން ދޮން ވަށްމޫނާއި ނުހަނު ގުޅެއެވެ.
” މާ ލޯބިވާ ކަމަށް ހަދައިގެން.. ތިހާ ލޯބިވާނަމަ މިއޮށް ހުރިހާ އިރު ކީއްވެ ނާދެވުނީ..” ދެބުމަ ކައިރިކޮށްލުމަށްފަހު ރުންކުރު ގޮތަކަށް ޝާޔަން ބުނެލި ޖުމްލައިން އާލިކް މޫނު އަނބުރާލީ ބޯވެސް ހޫރާލަމުންނެވެ. ވާނީވެސް އެހެންތާއެވެ. ޝާޔަންއަށް ވިސްނައިދީދީ އޭނާ މިހާރު ވަރުބަލިވެއްޖެއެވެ. ރައްޓެހިވެގެން އުޅޭއިރު މިވަރިއްޔާ ކައިވެންޏަށްފަހު އަދި ކިހާވަރެއް ދައްކާލާނެ ހެއްޔެވެ؟
” ޝާޔާ.. މިއައީނުން ހަމަ އޮފީސް ނިންމި ގޮަތަށް.. ދެންން ރުޅި މަޑުކޮށްބަލަ..” އާލިކް ކިތަންމެ ރުޅި އައި ކަމުގައިވިޔަސް އެކަން ފޮރުވަމުން ދިޔައީ ޝާޔަންއަށްޓަކައެވެ. އޭނާ ޝާޔަންގެ އަތުގައި ހިފާލީ އޭނާއަށް ވިސްނައިދިނުމުގެ ގޮތުންނެވެ.
” ކޮން ބިޒީއެއްތަ ދެން ވާނީ.. ޔަގީނޭ އޮފީހުން އަންހެނަކާ ހިތާވީކަން.. ބުނޭ ރަނަގަޅަށް..” އާލިކްއަށް ލޯ އަޅާލަމުން ޝާޔަން ކޮޅަށް ތެދުވީ އަތްވެސް ފޮޅުވާލަމުންނެވެ. އެވަގުތު އާލިކް އޭނާގެ ދެއަތުން މޫނު ފޮރުވާލީ ހަދާނެ ގޮތް ބޮޑުވެގެންނެވެ.
” ޝާޔާ..” އާލިކް އަނެއްކާވެސް ތެދުވެ ޝާޔަންގެ ކޮނޑުގައި ހިފަހައްޓާލިއެވެ. ނަމަވެސް މިފަހަރުވެސް ޝާޔަންގެ ރުޅިގަނޑު މައިތިރިއެއް ނުވިއެވެ.
” ނޫޅެމޭ ތިހަދާ ދޮގުތައް އަޑު އަހާކަށް.. އަހަރެން ބުނީމަ އަހަރެން ކައިރިއަށް ނާދެވެނީ.. އޮފީހުގަ އަންހެން ކުދިންނާއެކު ސަކަރާތް ޖަހަން އޮންނަން ހެޔޮ ހަތަރުދަން ވިޔަސް…….” ” ޝާޔަންން..” ޝާޔަންގެ ވާހަކަ ހުއްޓުވަމުން އާލިކް ހަޅޭއްލަައިގަތް އަޑަށް ޝާޔަންވެސް ސިހުނެވެ. އާލިކްގެ ރުޅި އައިސް ރަތްވެފައިވާ މޫނަށް ބަލާލަމުން ފަހަތަށް ޖެހިލީ އޭނާއަށް ހައްދުން ނެއްޓިއްޖެކަން ގަބޫލުކުރެވުމުންނެވެ.
” އަބަދު ޝަކުވާ.. އަބަދު ޝަކުވާ.. ޝަކުވާ ކުރުމާއި ޝައްކު ކުރުން ނޫން ކަމެއް ޝާޔަންއަކަށް ނޯވޭ.. ކިތައް ފަހަރުތަ ބުނަންވީ ތިވައްތަރަށް އަބަދު ވާހަކަ ނުދައްކާށޭ.. މަށެއް ނުދަމޭ ފާޑު ފާޑު އަންހެނުން ގޮވައިގެންނެއް.. އަޑެއް ނީވޭތަ.. ކުޑަކުއްޖެއްތަ ތީ ފެންނަ އިރަށް ބޮޑާ ހާކަން..” އާލިކް އަޑުގެ ކޮޅަށް ހަޅޭއްލަވައިގަންނަމުން ޝާޔަންގެ އަތު މުލައްދަނޑީގައި ހިފިއިރު ރުޅި އައިސްގެން ތުރު ތުރު އަަޅައެވެ. ކައިރިކޮށްލާފައިވާ ވަރުގަދަ ދެބުމައާއިއެކު ރަތްވެ ދާހިއްލާފައިވާ އެމޫނު ފެނުނަސް މީހަކު ފިތްކަނޑައިގެންދާހާވެއެވެ. އޭރު ޝާޔަން އާލިކްގެ މޫނަށް ބަލަހައްޓައިގެން ރޮވިފައި ހުރީ ބިރުން ގޮސް ރޫރޫ އަޅާ ހާލުއެވެ. ވާނީވެސް އެހެންނެވެ. އާލިކްގެ ގަދަ ރުޅިގަނޑަކީ އޭނާއަށް މަދުމަދުން ފެނުނު ކަމުގައިވިޔަސް އާންމުކޮށް ފެންނަ އެއްޗެއް ނޫނެވެ. އޭނާ އެހާ ވަރަށް ރުޅި އަންނާނީ ކަންތައްތައް މާމައްޗަށް ދިޔައީމައެވެ.
“ކިތަންމެ ވަރަކަށް ބުންޏަސް ޝާޔަންއަށް ވިސްނޭތަ؟..” ޝާޔަންގެ އަތުން ދޫކޮށްލަމުން އޭނާއަށް ފުރަގަސް ދިން އިރު އާލިކްގެ އަޑުން ކޮންމެވެސް ވަރަކަށް މަޑުމައިތިރިކަން ފާޅުވެއްޖެއެވެ. އެހެނަސް އެއީ ރުޅިގަނޑު މައިތިރިވެގެންނެއް ނޫނެވެ. ޝާޔަންގެ ދެލޮލުގައިވާ ކަރުނަތައް ފެނުމުންނެވެ. އިރުކޮޅަކުން ލޯ މަރާލުމަށްފަހު ފުން ފުން ނޭވާއެއް ބޭރުކޮށްލަމުން އޭނާ އަނެއްކާވެސް ޝާޔަންއަށް ކުރިމަތިލީ އޭނާގެ ގިސްލުމުގެ އަޑު އިވުމުންނެވެ. އޭރު ދެއަތް މޭގައި ބޮނޑިކޮށްލައިގެން ހުރެ ޝާޔަން ގިސްލަގިސްލާފައި ރޮމުން ދެއެވެ.
” އޭމް ސޮރީ..ހހހ” ފުން ނޭވާއަކާއިއެކު އާލިކް ޝާޔަން ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ. އެއާއިއެކު އާލިކްގެ ގައިގައި ބައްދާލަމުން ޝާޔަން އިހުނަށްވުރެ ބާރަށް ރޯންފެށިއެވެ. އެއީ އެދެމީހުންގެ އާދައެވެ. ޝާޔަންގެ ޝަކުވާ ގިނަވުމުން ރުޅި އައިސްގެން ހަޅޭއްލަވައިގަތަސް ފަހުގަޑީގައި މަޢާފަށް އެދެން ޖެހޭނީ އާލިކްއަށެވެ. އާލިކް ހުރީ ދެލޯ މަރާ ބާރުކޮށްގެންނެވެ. އޭނާގެ ބޯ ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ. ބޭނުންނުވާއިރުވެސް ޝާޔަން ފަހަތުލައިގެން އޭނާގެ ދިރިއުޅުމުގެ އެއްބައިކަމުގައި ދެކިގެން އާލިކް އުޅެނީ ކޮންމެހެން ލޯބިވާތީއެއް ނޫނެވެ. އެހެން ނަމަވެސް އޭނާއަށްވަނީ އެހެން އުޅުމަށް ފާޑަކަށް މަޖުބޫރުވެފައެވެ. ތެދެކެވެ. އާލިކްއަކީ އޭނާގެ މަންމައާއި ބައްޕަ ޝާހީންއަށާއި އިހުސާނާއަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. އޭނާގެ އުމުރުން 13 އަހަރުގައި އާއިލާ ސިންގަޕޫރަށް ބަދަލުވިއިރު ޝާހީންގެ ފުޅާ ވިޔަފާރިއެއް މާލޭގައި ފެށިފައި އޮތެވެ. ސިންގަޕޫރަށް ބަދަލުވުމަށްފަހުވެސް އާލިކްގެ މަންމައާއި ބައްޕަގެ މައިގަނޑު މަސައްކަތަކީ ވިޔަފާރީގެ ކަންތަކެވެ. އާލިކް ގިނަ ކަންތައްތައް ކުރާނީ އަމިއްލައަށެވެ. ފައިސާގެ ދަތިކަމެއް ނުވެ ބޭނުންވާހާ އެއްޗެއް ވަގުތުން ވަގުތަށް އޭނާއަށް ލިބެމުންދާތީ މައިންބަފައިންގެ އަޅާލުމަކަށް އޭނާ މާ ބޮޑު ޝައުގުވެރިކަމެއް ނުދެއެވެ. ގިނަ ވަގުތު ވީޑިއޯ ގޭމް ކުޅުމާއި އޭނާގެ ކިޔެވުމުގެ ކަންތައްތަކުގައި އުޅެމުން ބޮޑުވިއިރު މާގިނަ ރަހްމަތްތެރިންނެއްވެސް ނުތިބެއެވެ. ހަގީގަތުގައި އާލިކްގެ ގައިގައި ހުންނަ ބޮޑާ ގޮތްގަނޑާއި ފޮނިކަމަށް އެހެން ކުދިން ގަޔާ ނުވަނީއެވެ. މައިންބަފައިންގެ ލޯބި ނުލިބުނު ކަމގައިވިޔަސް އޭނާއަކީ އެމީހުންގެ ބަސް އަހާ އެމީހުންނަށް ގަދަރުކުރާ ޒުވާނެކެވެ. ވިޔަފާރީގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށް ނިމުމުން ޝާހީންގެ އެދުމަކަށްވީ ރާއްޖޭގައި އޮތް އެމީހުންގެ ވިޔަފާރި ހިންގުމަށް އާލިކް ރާއްޖެ އައުމެވެ. ކިތަންމެ ބޭނުން ނުވިޔަސް ބައްޕަގެ އެދުމުގައި ކޮޅުފައިން ޖަހަން ބޭނުންނުވާތީ އެކަނިމާއެކަނި އުޅުމަށް އޭނާ މާލެ އައީ އާއިލާގެ އެއްވެސް މީހަކު ހުރެގެންނެއް ނޫނެވެ. ތެދުތެދަށް ބުނާނަމަ ޝާހީންއާއި އިހުސާނާގެ ވެސް އާއިލާގެ މީހުން ތިބެއެވެ. ނަމަވެސް މުއްސަނިދިކަމާއި ދަރަޖައިގެ ގޮތުން ތަފާތު ވީވީހެން ގުޅުން ކެނޑެމުންގޮސް އާލިކްމެންނަށް ވީއިރު އެއީ އޮންނަ ގުޅުމެއްކަމެއްވެސް ނޭނގެއެވެ. މާލޭގައި ޝާހީންގެ ކުއްޔަށް ދީފައި ހުންނަ ގޭގެ އެއް އެޕާޓްމެންޓުގައި އާލިކް އުޅެމުންދަނީ މާ މޮޅު ދިރިއުޅުމެއް ނޫނެވެ. ކައްކަނީ އަމިއްލައަށެވެ. ދޮވެ އިސްތިރިކުރަނީ އަމިއްލައަށެވެ. ސިންގަޕޫރުގައި ތިބި މަންމައާއި ބައްޕަގެ ހަބަރެއް ވާނީ ހާލަކުން ފަހަރެއްގައެވެ.
ޝާޔަން އަކީ ޝާހީންގެ އެންމެ ގާތް ރަހްމަތްތެރިޔާ ފަޔާޒްގެ ތިބި ދެއަންހެން ކުދިންގެ ތެރެއިން ހަގު ކުއްޖާއެވެ. ފަޔާޒްވެސް އޭނާގެ އަންހެނުން ނިޔާވުމަށްފަހު އުޅެމުން ދަނީ ސިންގަޕޫރުގައި ޝާހީންމެންނާއިއެކުގައެވެ. ޝާހީން އެއްވެސް އަގެއް ނެތި ސިންގަޕޫރުގައި ހުންނަ ގެއިންވެސް އެއް އެޕާޓްމެންޓް ފަޔާޒްއަށްދިނީ އޭނާގެ ރަހްމަތްތެރިޔާ ދެކެ ވާ ލޯބިންނެވެ. ފަޔާޒްއާއި ދެކުދިން އުޅުމަށް އެޕާޓްމެންޓެއް ދީފައި ސިންގަޕޫރުގައި އޮންނަ ޝާހީންގެ އޮފީހުން ވަޒީފާއެއްވެސް އޭނާއަށް ވަނީ ދީފައެވެ. އެމީހުން ސިންގަޕޫރަށް ބަދަލުވީ އާލިކް ޒުވާން އުމުރަށް އެޅި ފަހުން ކަމުގައިވާތީ ޝާޔަންގެ ހިތް އޭނާއަށް ޖަހަން މާ ގިނަ ދުވަހެއް ނުނެގިއެވެ. ނަމަވެސް ޝާޔަންގެ ދައްތަ ޝާނީ އެކޮޅުގައި ދެއަހަރެއްހާ ދުވަހު މަޑުކޮށްލުމަށްފަހު މީހަކާއި އިނދެގެން މާލެ ބަދަލުވީ ބައްޕައާއި ކޮއްކޮގެ އުޅުންވެސް އޭނާއަށް މާ ކަމުނުދާތީއެވެ. އަނެއްކޮޅުން އާލިކްއަށް ޝާޔަންއާއިމެދު ވިސްނަން މަޖުބޫރުވީ އޭނާގެ ބައްޕަގެ އެދުމުގެ މަތީންނެވެ. ޝާޔަންއަކީ ފަޔާޒްގެ ދެލޮލުގެ ނޫރު ކަމުން ފަޔާޒަށްޓަކައި ޝާހީން ކޮށްދޭ ކަމެއްގެ ގޮތުގައި އާލިކްއަށް ޝާޔަން ބަލައިގަންނަން ޖެހުނީއެވެ. އަމިއްލަ ދަރިފުޅުގެ އުފަލަށްވުރެ އެކުވެރިޔާގެ އުފަލަށް ބައްޕަ ވިސްނުމުން އާލިކް ކިތަންމެ ހިތްހަމަ ނުޖެހުނު ކަމުގައިވިޔަސް ބައްޕައާއި ދެކޮޅަށް އޭނާ އެއްޗެކޭ ނުބުނެއެވެ. ނޫނެކެވެ. ހަގީގަތުގައި ޝާޔަންއާއި ރައްޓެހިވުމަށް އޭނާ އެންމެ ފުރަތަމަ ފަހަރުވެސް ދެކޮޅު ހެދިއެވެ. ނަމަވެސް ފަހުން އޭނާގެ އެ ނިންމުން ބަދަލު ކުރަން ޖެހުނީ ޝާޔަންއަކީ ހިތުގެ ބަލި ހުންނަ ކުއްޖެއް ކަމުގައި އޭނާގެ ބައްޕަ ބުނުމުންނެވެ. އޭނާގެ ސަބަބުން ޝާޔަންގެ ދިރިއުޅުމަށް ކުޑަ ލޮޅުމެއް އެރިޔަސް ބައްޕައާއި ބައްޕަގެ އެކުވެރިޔާއާއި ދެމެދު އޮތް ރަހްމަތްތެރިަކަމަށް ބުރޫ އަރާފާނެކަމުގައި އޭނާގެ ބައްޕަ ބުނުމުންނެވެ.
ޝާޔަންއާއި ރައްޓެހިވުމަށްފަހު ދެތިން މަސްވެސް ނުވަނީސް މާލެ އަންނަން ޖެހުމުން އާލިކްއަށް އެކަމުން ފަސޭހަކަން އިހްސާސްކުރެވުނެވެ. ނަމަވެސް އާލިކް އައުމަށްފަހު މަސްދުވަސްވެސް ނުވަނީސް ޝާޔަން އޭނާގެ ދޮންތަ ކައިރިއަށް މާލެ ބަދަލުވުންވީ އާލިކްގެ ހިތްހަމަޖެހުން ނަގާލި ކަމަކަށެވެ. ލޯބި ނުވާ މީހަކާއިއެކު އުޅެން ޖެހިފައި އޮތްއިރު ޝާޔަންވެސް ލޯބިވެވޭ ގޮތަަށް އަމަލުތައް ބަހައްޓާނަމަ ކިހާ ރަނގަޅު ހެއްޔޭވެސް އާލިކްގެ ހިތައް އަރާލެއް މަދެއް ނޫނެވެ. ނަމަވެސް އޭނާގެ ކަމަކީ އަބަދުވެސް ޝަކުވާ ކުރުމާއި ޝައްކު ކުރުމެވެ. މާލެ އައިސް މިވީ ދެ އަހަރު ދުވަހުގެ ތެރޭގައި އާލިކްއަށް އުޅެން ޖެހިފައިވަނީ އެފަދަ ގޮތަކަށެވެ.
ޝާޔަންއާއިއެކުގައި ވަގުތު ހޭދަކުރުމަށްފަހު އާލިކް އޭނާގެ ގެއަށް ދިޔައީ ޝާޔަންގެ ދޮންތަމެން އައުމުންނެވެ. ގަޑިން 9 ޖަހަންދެން ޝާޔަންއާއިއެކު އުޅުނު އިރުވެސް އާލިކް އިނީ ކައިގެންތޯވެސް އޭނާ ބަލާނުލައެވެ. އެހެންކަމުން ގެއަށް ދެވުމާއިއެކު އާލިކް ބޭރުން ކެއުމަކަށް އޯޑަރުކޮށްލީ ކައްކާނެހާ ހިތްވަރު ނެތިގެންނެވެ. މުޅި މީހާ ވަރުބަލިވެފައި ވާއިރު އޮފީހުގައި މިއަދު ހިނގާ ދިޔަ ކަންތައްތައްވެސް އޭނާގެ ސިކުނޑިއަށް އުނދަގޫ ކުރަމުން ދިޔައެވެ. ކައިގެން، ފެން ވަރާލުމަށްފަހު އާލިކް އަވަސްވެގަތީ އޮފީސް މުވައްޒަފުންނަށް ޚާއްސަ ޔުނީފޯރމެއް ޑިޒައިން ކުރާނެ ފަރާތެއް ހޯދުމަށެވެ.
ވަށައިގެންވަނީ އަނދިރިކަމެވެ. މޭޒުގައި އުޅަބޮނށި ވިއްދާލައިގެން ދެއަތުން ބޮލުގައި ހިފަހައްޓާލައިގެން އިން އިރު ވިކާޝްގެ މާޔޫސީ ނަޒަރު ހުއްޓިފައި ހުރީ އަނދިރިކަމުގެ ތެރެއިން ފާޅުވާން ހުރި ކުޑަ ކުޑަ އުއްބަތިއަށެވެ. މޭޒުގެ މެދުގައި ދިއްލިފައިވާ އުއްބަތި ހިނދުކޮޅަކަށްފަހު ހިނދުކޮޅެއް ކުޑަވަމުންގޮސް މިހާރު އެވަނީ މުޅިން ނިވުމަކާއި ގާތްވެފައެވެ. ވިކާޝް އަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އެ އުއްބަތި ނިވޭކަށް އޭނާ ބޭނުމެއް ނުވެެއެވެ. ނަމަވެސް ދެން އޭނާ އެހެން އުއްބަތިއެއްވެސް ހޯދާނީ ކިހިނެތް ހެއްޔެވެ؟ ވަށައިގެން އެވަނީ އަނދިރިކަމާއި ފަޅުކަމެވެ. އިހްސާސް ކުރެވެނީ އެކަނަިވެރިކަމެވެ.
ގޮތްހުސްވެފައިވާ ވިކާޝް ކުއްލިއަކަށް ދެލޯ ބޮޑުކޮށްލަމުން ހިނިތުންވެލީ އޯގާތެރި އަތަކުން ނިވި ނިވި ހުރި އުއްބަތީގެ އަލިފާންކޮޅުގެ އެހީގައި އެހެން އުއްބަތިއެއް ރޯކޮށްލަދިނުމުންނެވެ. ނިވެމުންދިޔަ އޭނާގެ އުއްބަތީގެ ހުޅުކޮޅު އަލުން އެ ރޯކޮށްލަދިނީ ކާާކުގެ އޯގާތެރި އަތަކުންތޯ ބެލުމަށް ވިކާޝް ތެދުވީ ކެތްމަދުވެ ހުރެއެވެ. ބެހެއްޓިފައިވާ އުއްބަތި ނަގާ އެމީހެއްގެ މޫނާއި ދިމާއަށް އަލިކޮށްލުމުން ފެނިގެންދިޔަ މަންޒަރުން ވިކާޝްއަށް ކުރިއަށްވުރެވެސް ބޮޑަށް ހިނިތުންވެލެވުނީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ.
ނުނިމޭ
4 Comments!
Comments are closed.
layaa ge vaahaka vv rythi….ekam haadha kuruko thi genesdhenyy
kaaku baa
🙂
nice story
next part ah inthizaaru kuran 😀
!!!nice story. hoping to read the next part soon
it’s aalik…..araamaguga mivaahaka ehkon up nukuree keeveytha layaaaaa….nice story keep it
up ……:D