ހަތިޔާރު (ހަތްވަނަބައިގެ 2)
އިރަމް
ޝަހުދު ކައިރީ ކުރަން ވެފައިވާ ސުވާލު ތަކުގެ އަދަދެއްވެސް ނޭނގެއެވެ. ނަމަވެސް އިތުރު ސުވާލެއް އަހަރެންކަށް ކުރުމުގެ ފުރުޞަތެއް ނުލިބުނެވެ. ދޮރު ހުޅުވުން އަޑު އިވުނެވެ. ދޮރު ހުޅުވުމާއި އެކު އަހަރެން ވަގުތުން ބަލާލީމެވެ. ބޮޑު ދެމީހުންނެވެ. އަހަރެން ތެދުވަން އުޅުނީމެވެ. ނަމަވެސް ގަޔަކު އެހާ ވަރެއް ނެތެވެ. އެކަ އައިސް އަހަރެން ގައިގައި ހިފެހެއްޓިއެވެ. އަހަރެން ގައިގައި ހުރިހާ ބާރެއް އެމީހުންނަށް ދައްކަން ފެށީމެވެ. ނަމަވެސް އަހަރެން އަހަރެން ގަޔަކު އެހާ ހަކަތައެއް ނެތެވެ. ނަމަވެސް އަހަރެން ހުއްޓުނީ ޝަހުދް އެއްވެސް ދެކޮޅު ހެދުމެއް ނެތި ގެންދާތީއެވެ. އަހަރެން ނަމަވެސް ހިނދު ކޮޅަކަށްފަހު އަނެއްކާވެސް ހަމަލާ ދެވޭތޯ ބެލީމެވެ. ނަމަވެސް ވީ ހަމަ ބޭކާރެވެ.
ދަމަމުން ދަމަމުން ގޮސް އަހަރެމެން ދެމީހުން ކޮޓަރިއަކަށް ވެއްދިއެވެ. މި ކޮޓަރިވެސް އެހެން ކޮޓަރިތަކާ ތަފާތެއް ނެތެވެ. ވަރށައިން ހުދުފާރެވެ. އެއް އަރިއެއް އެއްކޮށްވަނީ ބިއްލޫރިން ފުރިފައެވެ. އެއީ އެތެރެއިން ބޭރު ނުފެންނަ، ބޭރުން އެތެރެ ފެންނަ ކަހަލަ ބިއްލޫރިއެވެ. މިތަން މޮނިޓަރ ރޫމަކާއި ވައްތަރީ ކީއްވެ ހެއްޔެވެ؟
އިތުރަށް ކަމަކާއި ވިސްނުމުގެ ފުރުސަތު ލިބުމުގެ ކުރިން އަހަރެންގެ ނަޒަރު ގޮސް ހުއްޓުނީ އެނދެންހެން ބާއްވާފައިފައިވާ ގޮނޑީގައި އޮތް ކުއްޖައަށެވެ. އަހަރެން މޫނުން ވަގުތުން ކުލަތަށް ދިޔަ ކަހަލައެވެ. ފައިވެސް ޖެލީއަށް ވީކަހަލައެވެ. އަހަރެންނަށް ވަގުތުން ބަލާލެވުނީ ޝަހުދަށެވެ. އޭނާވެސް ފުރަތަމަ ފަހަރަށް މޫނުން އިޙްސާސް ދައްކާލިއެވެ. އޭނާ ހުރީ އަހަރެން ލައިން ހުރި ވައްތަރެއް މޫނުމައްޗައް ލައިގެންނެވެ.
ދުއްވައިގަންނަން އަހަރެން ބެލީމެވެ. ޝެނިން އާއި ދިމާލަށެވެ. “އޯހް ގްރޭޓް. ތިމީހުންވެސް އައީ ދޯ. އޭނާ ހަމަ ހޭ އަރަން އެ އުޅެނީ.” އަހަރެންނަށް އިސްމާއިލް ފެނުނީ ދެނެވެ. އަހަރެން އެއްޗެކޭ ނުބުނަމެވެ. އެއަށްވުރެ ބޮޑަށް އަހަރެން އަތް ތުރުތުރު އަޅާ އެބައެވެ. ރުޅިއައިސްގެންނެވެ. މިހާރު އަހަރެން އަތް ފޯރާ ހިސާބުގައި އޭނަ ހުރެއްޖެ ނަމަ އަހަރެން އޭނާގެ ދަތްތައް ދުއްވާލާނަމެވެ.
އެކަމު މިއީ އަހަރެންގެ ކުށެއް ނޫން ހެއްޔެވެ؟ ޝެނިން ހަވާލު ކުރީ އަހަރެންނެއް ނޫން ހެއްޔެވެ؟ ޝެނިން ބާއްވާފައިވާ –ބަނދެފައި- އޮތް ގޮނޑިއާއި ދިމާލަށް އަހަރެންގެ ނަޒަރު ވަގުތުން ދިޔައީ ޝެނިންގެ އަޑު އިވުމުންނެވެ. އަހަރެންނަށް ޝެނިން އަށް ވަގުތުން ބަލަން ހުރެވުނެވެ. ދެކޮޅަށް ބަނޑުން އެނބުރުމަށްފަހުން މަޑުމަޑުން އޭނާ ތެދުވިއެވެ. ނޫނެކެވެ. ތެދުވަން އުޅުނީއެވެ. ނަމަވެސް އަތާއި ފައި އޮތީ ބަނދެފައެވެ. ނުތެވެވުމުން ވަގުތުން އޭނާގެ ދެލޯ ބޮޑުކޮށް ހުޅުވުމަށްފަހު ބިރުން ދެކޮޅަށް ބަލަން ފެއްޓެވެ.
އަތުގައި ބަނދެގައިވާ ލެދަރތަށް އޭނާ އަތުގެ ހުރި ބާރަކުން ތެޅުވޭތޯ ބެލިއެވެ. “ދޫކުރޭ މަ މިތަނުން!” ޝެނިން ހަޅޭލަވައިގަތެވެ. އެއާއި އެކު އެތާގެ ބޮކިތަށް ނިވި ދިއްލެން ފެއްޓެވެ. ނަމަވެސް އަހަރެން ފެނުމާއި އެކު އޭނާ ވަގުތުން ހުއްޓުނެވެ.. އަހަރެން ވަގުތުން އިސްދަށަށް ޖަހާލީމެވެ. ލަދުންނެވެ. އަހަރެން އަތަކު ދޭނެ ޖަވާބެއް ނެތެވެ. ވަގުތު ދެމިގެން ދިޔައީ ހިމޭން ކަމުގައެވެ.
“އެހެމް..” އަހަރެން އިސް އުފުލާ ބަލާލީ އިސްމާއިލްގެ ކަރުކެހުމުގެ އަޑަށެވެ. “މިހާރު ހުރިހާ އެންމެނާ އެންމެން ބައްދަލު ވެއްޖެދޯ…” އިސްމާއިލް ފަހަރަކު މީހަކަށް ބަލަމުން ބުންޏެވެ. “އޯހް. މަޑު ކުރޭ. އަދި އެކަކު އެބަ އުޅޭ.” އެއްޗެއް ހަނދާން ވިހެން ހީވެގެން އޭނާ ބުންޏެވެ. އެއާއި އެކު އަހަރެމެން ފަހަތުގައި ހުރި އެކަކަށް އޭނާ އިޝާރަތް ކުރިއެވެ. އޭނާ ނުކުތެވެ.
އެއަށްފަހު އެކަކު އެކަކާވެސް ވާހަކައެއް ނުދައްކައެވެ. އަހަރެން އަނެއްކާވެސް ޝެނިން އަށް ނަޒަރު ހިންގާލީމެވެ. އޭރު ޝެނިން އަހަރެންނަށް ބަލައިން ހުއްޓެވެ. އަހަރެންނަށް އެލޮލުން ކިޔާ އެއްޗެއް ރަނގަޅަށްވެސް އެނގެއެވެ. އޭނާ އެ ވިސްނަނީ އަހަރެންނަކީ މަކަރުވެރިއެއް ކަމެއެވެ. އޭނާ މަޅިއެއްގައި ޖެއްސި ކަމެވެ. އަހަރެންނަށް ކުރެވުނު ކަމުގެ ލަދާއެކު ކިހާ ދުވަހަކު އުޅެވޭނެބާއެވެ.
ދޮރު ހުޅުވުނީ އެވަގުތުއެވެ. އެންމެން އެކީ އެދިމާލަށް ބަލާލިއެވެ. ތެދެކެވެ. އެކަކު އިތުރަށް ހުއްޓެވެ. އަހަރެމެންނާއި ވާނީ އެއް އުމުރެކެވެ. އަންހެން ކުއްޖެކެވެ. ޝެނިން ކަހަލަ ބުޅި އިސްތަށިގަނޑެކެވެ. އެކުއްޖާ އިސް އުފުލާލީ ދެނެވެ. އަހަރެން ދުވަހަކުވެސް ދެކުން ކުއްޖެއް ނޫނެވެ. ނަމަވެސް ހުރީ ވަރަށް ރޮއެފައެވެ. މުޅި މޫނުމަތި ވަނީ ހަޑިވެފައެވެ. މާ ގިނައިން އަނދުން އެޅުމުގެ ނަތީޖާއެވެ.
“ހުރިހާ އެންމެން މީޓް ކުރޭ ތިމީހުންގެ އަނެއް ރޫމް މޭޓާ.” އޭނާ ބުންޏެވެ. “އޯކޭ. މިހާރު ހުރިހާ އެންމެނަށްވެސް އެނގޭނެ ކަންނޭނގެ މިއަކީ “އާދަޔާ ހިލާފް ކުދިންނަށް” މައުލޫމާތު ދޭ ތަނެއް ނޫން ކަން.” އޭނާ “އާދަޔާ ހިލާފު ކުދިން” ވައިގައި ކޮމާ ކޯޅިއަކަށް ލަމުން ބުންޏެވެ. އަހަރެން ބޭނުމީ ހޭށެވެ. ނަމަވެސް އެހާ ހިތްވަރެއް މިހާރަކު ނެތެވެ. އަހަރެން ގައިން ވަރު ދަނީއެވެ. “ހަގީގަތަކީ ތިއިން އެކަކަކީވެސް އާދަޔާ ހިލާފަ ބައެއް ނޫން. ތިއީ އަހަރެމެންގެ ފެއިލްވެފައިވާ އެކްސްޕެރިމެންޓް ތަކެއް. ތިއިން އެކަކު ގަޔަކުވެސް އެއްވެސް ބާރެއް ވިހި އިރަކު ނެތް. ތިއީ އަހަރެމެން ކުރި ކަމެއް.” އޭނާ ވާހަކަ ދެއްކިއެވެ. އަހަރެންނަށް ކިޔާ އެއްޗެއް ފަހުމްވީ ވަރަށް ފަހުންނެވެ. އަހަރެން އިސް އުފުލާ ފަހަރަކު މީހަކަށް ބަލާލީމެވެ. އެމީހުންވެސް އެކަކު އަނެކަކަށް ހައިރާން ކަމާއި އެކު ބަލަނީއެވެ.
“އަހަރެމެން ބެލީ އަހަރެމެންނަށް ކިހާ ދުރަކަށް ދެވޭތޯ. އެހެންވެ އަހަރެމެން ކުރި ކަންތައް ތަކުގެ ނަތީޖާ ތިއަކީ. އެކަމު ވަރަށް ފަހުން މިތާ ހުރި ހުރިހާ އެއްޗެހިތަކެއް ހަލާކުވީ ދިމާވި ކަމެއްގައި. އެހެންވެ ތިމީހުން ގެ ތަހުގީގު އަދައިގެން އަހަރެމެންނަށް އެނގޭނީ އަލުން އެ ހުރިހާ އެއްޗެއް އަލުން ގެންނަން. އަލުން މިކަން ފަށައިފިއްޔާ ވަރަށް ގިނަ ދުވަސް ވާނެ. އިނގޭ ބައި މަދުކަން. އެންމެ ހަތަރު ކުދިންކަން އަދި ތިބީ. އެކަމު ވަގުތާއި އެކު ބާކީ ތިބި ދިހަ ކުދިންވެސް އަދި ގެންނާނަން.” އޭނާ ދެއްކި ވާހަކަ އަހަރެން އަޑުއެހީމެވެ. ހީވަނީ ކަފަ މަތީ ހިނގާ ހެންނެވެ. އެހާވެސް ގަމޫލު ކުރަން އުނދަގުލެވެ.
އަހަރެމެން މިއީ ބައެއްގެ އެކްސްޕެރިމެންޓް ތަކެކެވެ. ބަޔަކު ކުޅެން ގެންގުޅުން އެއްޗެހި ތަކެކެވެ. މިހާރު އޭގެ ވެރި މީހުން އަހަރެމެން އަލުން ބޭނުންވީއެވެ. “އެކީއްވެ؟” ޝެނިން މަޑުން އިނދެ އިސް ޖަހައިން ބުންޏެވެ. ތެދެކެވެ. އެއީ ކީއްވެ ހެއްޔެވެ؟
“ސިމްޕަލް ޔަންގް ލޭޑީ! އެއީ ރާއްޖެއަކީ ކުޑަ ގައުމެއް ވީމަ. ދުވަސްކޮޅަކުން ރާއްޖެ ޖެހޭނެ އަމިއްލަ ފައި މައްޗަށް ތެދުވަން. ރަނގަޅު ވެރިއަކު ހޯދާ ބޭރުގެ ގައުމު ތަކުގެ ނުފޫޒުން ދުރުވާން” އޭނާ އެއްވަރަކަށް ޖަވާބު ދިން އިރު ހީވަނީ އެއީ އެންމެ ފަސޭހަ ކަންތަށް ހެންނެވެ. އަހަރެން އޭނާ ބުނި އެއްޗަކާއި މެދު ވިސްނާލިމެވެ. ފަހުމްވީ ދެނެވެ. “އޭނާ ބޭނުންވަނީ އަހަރެމެން ބޭނުންކޮށްގެން ވެރިކަން ވައްޓާލަން. އޭނާ ވެރިކަމަށް އަރަން.” އަހަރެން ބުނީ އަމިއްލަ ނަފްސަށެވެ. ވިސްނުނު އެއްޗެއް ގަބޫލްކުރަން ބޭނުން ނުވާތީއެވެ. “ބިންގޯ! މިހާރު އެނގިއްޖެ އިރަމްކަން މިތަނުން އެންމެ ވިސްނުންތޫނީ. އެކަމު..” އެނާ ބުންޏެވެ. އަދިވެސް އިތުރުބައެއް އޮތީހެއްޔެވެ؟
“އިރަމް އަށް އެއްބައި ނޭނގެޔޭ! އެއީ އަހަރެން ތިމީހުން ގެނައީ ތިމީހުން ބޭނުންކޮށްގެން ތިވައްތަރު އިތުރު މީހުންތަކެއް އުފައްދަން.” އިސްމާއިލް ބުންޏެވެ. އަހަރެން ކަރުން ވަގުތުން ކުޅު ހުސްވިއެވެ. ހިންވެސް ދިރުވާ ނުލެވުނެވެ. “އެހެންވީމާ އެކަކުވެސް ސުވާލެއް އެބައޮތްތަ؟” އެހެން އެހި އިރު ހީވަނީ ސްކޫލުގެ ފިލާވަޅެއްގެ ވާހަކަ ދައްކަނީ ހެންނެވެ. އެކަކުވެސް އެއްޗެކޭ ނުބުނެއެވެ. ހުރިހާ އެންމެނަށްވެސް އެ އިވުން އެއްޗެއް ހަޖަމް ކުރަނީއެވެ.
“ހަނދާން ނެތުނީ. ޝެނިންއަށް އެބައޮތް ހަދިޔާއެއް.” އިސްމާއިލް މިފަހަރުވެސް ބުނުމަށްފަހު މިހަކަށް އިޝާރާތް ކުރިއެވެ. އެއާއި އެކު ދިރު ހުޅުވުމާއި އެކު ލެއްޕުން އަޑު އިވުނެވެ. ޝެނިންގެ ހާސްކަން އެތައް އިންސައްތައަކަށް މައްޗައް ޖެހުނެވެ. ހުރިހާ ސުވާލުތަކެއް މޫނުމަތިން ފެނެއެވެ. އިރުކޮޅަކުން ދޮރު ހުޅުވުން އަޑު އިވުނެވެ. އަހަރެންނަށް އެނބުރުމުގެ ކުރިންވެސް އިވުނީ ޝެނިން ހަޅޭލަވައިގަތް އަޑެވެ. “ނޫން ނޫން ނޫން! ތިހެން ނުހަދާ!” އަހަރެން ވަގުތުން އެ ގެނައި މީހަކަށް ބެލީމެވެ. ބައެކެވެ. އަންހެނަކާއި ފިރިހެނެކެވެ. ޝެނިންގެ މަންމައާއި ބައްޕަ ކަންނޭނގެއެވެ.
“ދަރިފުޅާ. މަންމަމެންނަށް މާފު ކުރޭ ދަރިފުޅަށް ނުކިޔާ ދެވުނީމަ. މަންމަމެން އަބަދުވެސް ބޭނުންވީ ދަރިފޫލު ތިހިރި މީހަ ކައިރިން ސަލާމަތް ކުރަން. ދުވަހަކު-” ވަގުތުން ދެމީހުން ބިންމައްޗަށް ޖެހުނެވެ. އަހަރެން ފަހަތަށް ބަލާލީމެވެ. އިސްމާއިލް އޭރުވެސް ވައިގައި ބަޑި ހިފަހައްޓައިގެން ހުއްޓެވެ. އަހަރެން ފެނުމުން އޭނާ ކޮނޑު ހިއްލާލިއެވެ. ހީވަނީ މިއީ އޭނާގެ ކޮންމެ ދުވަހުގެވެސް މަސައްކަތް ހެންނެވެ. ދެން އަނެއްކާ، އެއީ ހަމަ އޭނާގެ ކޮންމެ ދުވަހެއްގެ ކަމެއް ކަމަށްވެސް ވެދާނެއެވެ. މީހުުން މެރުމެވެ.
“މާގިއިން ވާހަކަ ދައްކަނީ…” ވަރަށް އާދައިގެ ގޮތަކަށް އޭނާ ބުންޏެވެ. އަހަރެން އަނެއްކާ އެދެމީހުންނަށް ބަލާލީމެވެ. ތަޅުންގަނޑުގައި ގަނޑުވެފައި އޮތް ދެމީހުން ވަށައިން މިހާރު ލޭގެ ކޯރު ހެދެނީއެވެ. އަހަރެން ވަގުތުން ޝެނިންއަށް ބަލާލީމެވެ. ޝެނިން އިނީ އެދެމީހުންގެ ފުރާނަ ނެތް މަސްގަނޑަށް ބަލާށެވެ. ގުޑުމެއްވެސް ނުގެނެހެވެ. ނޭވާވެސް ލާހެނެއް ހިޔެއް ނުވެއެވެ. އަހަރެންނަށް ޝެނިން އިންގޮތް ފެނިފައި ރޮވޭގޮތް ވިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Laa. Shenin ge mum r dad r dhemyhunves maraaly eyoh