ހަތިޔާރު (ހަތްވަނަބައިގެ 1)
ޝެނިން
“އޯކޭ! ވާހަކަ ދައްކަން ފަށާ!” އަހަރެން ގައިގައި ނެތް ހިތްވަރަކާއި އެކު މޫނުމަތިން ވަރުގަދަ ކަމަށް ދައްކަމުން އެލީޝާއާއި ދިމާލަށް އަހަރެން ބުނީމެވެ. ހަގީގަތުގައި އަހަރެން އެތެރެއިން ތުރުތުރު އަޅަނީއެވެ. އަހަރެންނެއް އެކަމު މިފަހަރަކު ނުފިލާނަމެވެ. ފަހަރެއްގައެވެ. އިރާދަ ކުރެއްވީއްޔާއެވެ.
އޭނާ އަހަރެންނާއި ދިމާލަށް ފާޑަކާށް ބަލަން ހުއްޓެވެ. އަހަރެން ވެސް އިސް ޖަހަން ދެކޮޅު ހެދީމެވެ. މިހާރު ވައިގެ ތެރޭގައި ހަމަ ނުޖެހުން ފެތުރޭހެންވެސް އަހަރެންނަށް ހީވަނީ ކުޑަކޮށެއް ނޫނެވެ. ރީތިކޮށް އަހަރެންނަށް އޭނައާއި ހަތަރު ކަޅި ހަމަ ނުކެރެވެނީ ކީއްވެ ހެއްޔެވެ؟ އޯހ.. ރައިޓް! އޭނާގެ އެތެރެއިން އަހަރެންނަށް ދުރުގައި ހުރި ފާރު ފެންނާތީއެވެ. ސިގްނަލް ގެއްލެމުން އަންނަ ޗެނަލް އެއް ފަދައިން އޭނާ ފަނޑުވެފައި އަލިވާ ކަމަކީވެސް ސަބަކަށް ވެދާނެއެވެ.
“އާޔޫ ސްޓޫޕިޑް؟” އެންމެ ފަހުން ހިމޭންކަން ފޫ ދުއްވާލަމުން އެލީޝާ ބުންޏެވެ. ނޫނެކެވެ. ހަޅޭލައިވައިގަތީއެވެ. މިހާރު އަހަރެން މިތަނުން ގޯސްވީ ކޮން އިރަކުއެވެ. “އެކްސްކްޔޫޒް މީ!!! މިހާރު އަހަރެން މިތަނުން ނުބައި ވީ ކޮން އިރަކު؟” އަހަރެންވެސް އެންމެފަހުން ހަޅޭލަވައިގަތީމެވެ. “ހިސާބަށްވުރެ ގަމާރުވީމަ!” އޭނާ ވަރުގަދައަށް ބުންޏެވެ. “ޕީ.. މި އަހަންނަށް ހީވާ ގޮތް.. މި ހަގީގަތެއް ނޫން..!!” އަޑު ތުއި މަލާމަތަށް ހަދަމުން ބުންޏެވެ. އަހަރެން އަނގަ ހަމަ ގައިމުވެސް މިހާރު ދަތްދޮޅި ބިމުގައި ޖެހޭނެއެވެ. އަހަރެން އަނގަހުޅުވިފައި ހުރިވަރު ހަމަ ގައިމުވެސް ބޮޑުވާނެއެވެ.
އޭނާ މަލާމަތް އެ ކުރަނީ އަހަރެންނަށެވެ. އަހަރެންގެ ގޭގައެވެ. މީހަކުގެ ވަރެއް ހުންނާނީ އެވަރަށެވެ. ނަމަވެސް އަހަރެންނެއް އެހެނެއް އޭނައާއި ދިމާލަކަށް ނުބުނަމެވެ. އަހަރެންގެ ހިމޭންކަން އޭނާ ޖަވާބެއްކަމުގައި ބަލާ އަނެއްކާވެސް އޭނާ ވާހަކަ ދައްކަން ފެއްޓެވެ. “ފޮރ ގޯޑް ސޭކް، އެފަށް މިތަނުން ނެރެބަލަ!” އޭނާ އަމުރުގެ ގޮތުގައި ބުނަން އުޅުނެއް ކަމުގައި ޖުމްލައައީ ބޮޑަށް އާދޭހެއްގެ ގޮތުގައެވެ.
“ކޮން ފަށެއް؟” އަހަރެން ގަމާރެއްހެން އެހީމެވެ. އޭނާ އެއްޗެކޭ ނުބުނެއެވެ. ލޮލުން ޖަވާބު ދިނެވެ. ނިތްކުރިއަށް ރޫ އަރުވާލި އިރު ހީވީ އަހަރެން އެހެން އެހުންވެސް އެއީ ކުށެއް ހެންނެވެ. އަހަރެން ހަނދާން ވެގެން އެއްޗެކޭ ބުނަންދެން އޭނާ ހަމަ އެހެން ހުއްޓެވެ. ނަމަވެސް އިރުކޮޅަކު މަޑު ކުރުމަށްފަހު އެ ވަގުތެއް ނާންނާނެކަން އެނގުމުން އޭނާ އެންމެ ފަހުން ފުން ނޭވާއެއް ބޭރު ކޮށްލިއެވެ.
“ކަރުގަ އެޅީމެންނުން ހަޑި ފަށެއް ތިނެސްކަން ފޫކެއް އިން!” އޭނާ ބުނުމާއި އެކު އަހަރެންނަށް މަންމަ ދިން ފަށުގެ މަތިން ހަނދާން ވިއެވެ. އަހަރެން ވަގުތުން ރީތިވާ މޭޒު ދަށަށް ގޮސް ވަތްގަނޑުތަށް ހުޅުވީމެވެ. އަހަރެން އެފަށް ކުރިން ދުވަހު ނެގުމަށްފަހު ލި ވަތްގަނޑުގައި ހަމަ އޮތެވެ. ނަމަވެސް އެ އޮތް ކުލައަލު ނޫނެވެ. މިހާރު އޮތީ ގަދަ ރަތް ކުލައަކުއެވެ.
“އަހަރެން ހުވާ ކޮށްފައި ބުނެފާނަން ކުރިން ދުވަހު ތިފަށް އޮތީ ތިކުލައަކު ނޫން ކަން!” އަހަރެންނަށް ހަޅޭލަވައި ނުގަނެވުނީ ކިރިޔާއެވެ. އެލީޝާއަހަރެންގެ އެހާ ކައިރިން ވާހަކަ ދެއްކީމައެވެ. ނަމަވެސް އަހަރެން ހަޅެއެއް ނުލަވަމެވެ. އަހަރެންގެ ފިނޑިކަމެއް ދައްކާކަށް އަދި އަހަރެން ބޭނުމެއް ނޫނެވެ. ދުވަހަކުވެސް ބޭނުމެއް ނޫނެވެ. ކިތަންމެ ފިނޑި ވިޔަސްވެސް ހެވެވެ.
އަހަރެންނަށް ނުދަންނަ މީހާ ދިން ފޮތް މަތިން ހަނދާންވީ ދެނެވެ. ވަގުތުން އަހަރެން އެނދާ ދިމާލަށް އެފޮތް ނެގުމަށް ދިޔައީމެވެ. “މިހާރު ކޮންތާކަށް ތި ދުވަނީ؟” އޭނާ ސުވާލު ކުރިއެވެ. “މަރުވެފަ ތިބޭ މީހުންވެސް އެހާ އަނގަތަޅާތަ؟” އަހަރެން ބުނީ އަމިއްލައަށް އަޑު އިވޭ ވަރަށެވެ. އަވަހަށް ފޮތް ނެގުމަށްފަހު އަހަރެން ހާވަންފެށީމެވެ.
ފަށަކާއި ބެހޭ އެއްވެސް ވާހަކައެއް ފޮތުގައި އޮވެއްޖެއްޔާ އެއީ އަހަރެންގެ ނަސީބެވެ. އަވަސް އަވަހަށް ގަނޑުތަށް އުކަމުން ދިޔައިރު އަހަރެންނަށް މިއިން ނުފެންނާނޭ އަހަރެންގެ ޟަމީރު ބުނަމުން ދިޔައެވެ. ނަމަވެސް އަހަރެންނަށް ހިއްލެން އޮތް ކޮންމެ ފަތެއްވެސް ދެން ހިއްލާނަމެވެ. އެއްވެސް ވަރަކަށް ދެނެއް ނުފިލާނަމެވެ.
އަހަރެންގެ ނަސީބު އަހަރެންނާއި އެއްބައިވީ ފޮތުގެ މެދުތެރެ ހިސާބުން ފެނުނު ގަނޑަކުންނެވެ. މިއީ ނަސީބުގައި ހިފައިން ކުއްލި ތެޅުން ކަހަލަ ކަމެކެވެ. ކުރަން ޖެހޭނީ ހަމައެކަނި އުންމީދެވެ. ރަނގަޅު ގޮތެއް ވެދާނެ ކަމުގެ އުންމީދެވެ. އަހަރެންގެ ނަސީބު ރަނގަޅީއެވެ. ރަތްވެފައިވާ ގަނޑެއްގައި ކުރުހާފައި ފަށެއް އިނެވެ. އަހަރެން ވަގުތުން ކިޔަން ފެށީމެވެ. ދިސް ޕީސް އިޒް އެކްޗުއަލީ އަ ވެޕަން ފޮށް ނެކްރޮމެންސާރސް. ދިސް ކީޕްސް ދަ ނެކްރޮމެންސާރސް ހިޑެން ފްރޮމް ދަ ޑެޑް.
މިފަށަކީ ހަތިޔާރެކެވެ. އަހަރެމެން (ނެކްރޮމެންސާއިން) ނަށް މި ފަށް މަސައްކަތް ކުރަނީ ހަތިޔާރެއްގެ ގޮތުގައެވެ. ފަށުގެ އެހީގައި އަހަރެމެންނަށް މަރުވެފައި ތިބޭ މީހުންނާއި ފިލައިން އުޅެވެއެވެ. އެހެންވިއްޔާ… “މަށާ އެހެންމީހުންނާ ތިމީހުންނަށް ފެންނަ އިރު ތަފާތެއް ހުރޭތަ؟” އަހަރެންނަށް އެންމެ ފުރަތަމަވެސް އަހަން އެނގުނީ އެސުވާލެވެ. އޭނާ އަށް ސުވާޅު އެނގުނެވެ. ޖަވާބު ދޭން ފެށުމުގެ ކުރިން ބޯ ހަލުވާލިއެވެ. “ތަފާތުހޭ؟ ކައެ ފެންނާނެ ތިން މޭލު ދުރުންވެސް. މުޅި ވަށައިން ތި ހުންނަނީ ދިއްލިފަ.” އޭނާ އަތަށް ވައްތަރު ޖައްސަމުން ބުންޏެވެ. “ދިއްލިފަ؟” އަހަރެން ސުވާލު ކުރީމެވެ. “އެހެން؟ އެހާ ސޭކުތަ؟ އަދިވެސް ނޭނގޭތަ އެހެންވެކަން އަހަރެމެން ކަހަލަ މީހުން އެހާ ގިނައިން އެ ފެންނަނީ؟” އޭނަ ބުނީ އަހަރެން އެންމެ މޮޔަ މީހާއަށް ހަދަމުންނެވެ.
އެލީޝާގެ އެޖުމްލައިން ސިކުނޑީގެ ކަށިތައް އެނބުރޭން ފެށިހެން ހީވިއެވެ. އަހަރެންނަށް މިހާތަނަށް ފެނުން ކޮންމެ މަރުވެފައިވާ މީހަކުވެސް އަހަރެންނަށް ފެނުމުގެ ކުރިން ހުންނަނީ އެމީހަކަށް- އެއެއްޗަކަށް ފެނިފައެވެ. އެމީހުންނަށް އަހަރެން ފެންނަނީ ކުރިންނެވެ. “އަހަރެން ކޮން ކުލައެއްގަ ހުންނަނީ؟” އަހަރެން އެހީމެވެ.
“ޔު ނޯ،، ނިއޯންކޮށް ދިއްލިފަ ހުންނަނީ އަހަރެމެންނަށް ކައެ. އަދި ހާއްސަކޮށް ކައެ. ކައެ ވައްތަރު—” “ހޭ! އަހަރެންނަށް ކިޔާ ނަމެއް އޮވޭ! ޝެނިން. ކައެ އެއް ނޫން!” އަހަރެން އޭނާގެ ވާހަކަ މެދުތެރެއިން މެދު ކަނޑަމުން ބުނީމެވެ. މި ކަހަލަ ގަޑީގައިވެސް އަހަރެން އަމިއްލަ ނަމާ ވިސްނަނީ އަހަރެން ހަގީގަތް ހަޖަމް ކުރަން އަދި ވަގުތު ބޭނުންވާތީއެވެ. “—-އެޒް އައި ވޮޒް ސޭއިން، ކައެ އެކަންޏެއް ނޫނޭ ކައެ ވައްތަރު މީހުން އުޅެނީ. އެކަމު ކައެގެ ކޮންމެވެސް ކަމެއް ގޯސް. އެހެން މީހުން ހެނެއް ނޫން ހުންނަނީ ދިއްލިފަ. ވަރަށް ގަދަ.” އަހަރެން ބުނި އެއްޗެއް އަޑުވެސް ނީވޭ ކަމަށް ހަދަމުން އޭނާ ފެއްޓި ޖުމްލަ ނިންމާލިއެވެ.
“…. ކަމް އަގައިން؟ އަހަރެން ވައްތަރު އެހެން މީހުންވެސް އުޅޭތަ؟” އަހަރެންނަށް އެންމެ ފުރަތަމަ އުފެދުން ސުވާލަކީ އެއީއެވެ. “ނެވަ މައިންޑް. ސުވާލެއް ކުރަންތަ؟” އަހަރެން ސުވާލު މި ކުރަނީ ކޮން ކަހަލަ މީހަކާކަން އެނގުމުން ވަގުތުން ސުވާލު ބަދަލު ކޮށްލީމެވެ. “މަށަށް އެނގޭ ނޫނޭ ބުންޏަސް ކައެ ކުރާނެ ކަން. ސޯ، ގޯ އަހޭޑް!” އޭނާ ބުންޏެވެ. އަހަރެން ފުރަތަމަވެސް ހިން ދިރުވާލީމެވެ.
“އިނގޭތަ ވަރަށް ގިނަ މީހުން އެލީޝާ ހޯދާކަން؟ ކިހިނެއް މަރުވީ؟” އަހަރެން ސުވާލު ސީދާކޮށް ކުރީމެވެ. ވަގުތުން އަހަރެން އެލީޝާގެ މޫނު މައްޗައް ބަލާލީމެވެ. މޫނުމަތިން އެއްވެސް އެއްޗެއް ފެނޭތޯއެވެ. ނަމަވެސް އާންމުކޮށް ހުންނަ ގޮތަށް އޭނާ ހުއްތެވެ. އެސްފިޔައެއްވެސް ޖަހާ ނުލައެވެ. އިރު ގަނޑަކަށް ފަހު އޭނާ ފުން ނޭވާއެއް ބޭރު ކޮށްލިއެވެ. “މަށަށް މަރުވި ގޮތް އެނގުން ނަމަ މަށެއް ނޫޅޭނަމޭ ކައޭ ފަހަތަކުންނެއް!” އޭނާ އެއްވަރަކަށް ބުންޏެވެ.
“އޯކޭ؟ އެހެންވިއްޔާ މަ… މަރު ވުމުގެ ކުރިން އެންމެ ފަހުން ހަނދާން ވަނީ ކޮން ކަމެއް؟” އަހަރެންނަށް “މަރު” އޭނާ ކައިރީ ބުނަން ޖެހިލުން ވިއެވެ. އޭނާ ވަގުތުން ވިސްނަން ފެއްޓެވެ. ދެފަހަރަކު އަނގަ ހުޅުވިއެވެ. ނަމަވެސް އެހާ ބާރަށް ލައްޕަންވެސް ލެއްޕިއެވެ. “ނެވަ މައިންޑް. މަމިދަނީ ސްކޫލަށް. ދާނަންތަ؟ މަ ބޭނުން މިފޮތް މަށަށް ދިން މީހަކު ބަލަން.” އަހަރެން ބުނި ގޮތަށް ބުނެ ފާހާނާއަށް ވަދެ ފެން ވަރައިލައިގެން ތައްޔާރުވެ ނުކުތްއިރު އެލީޝާއެއް ނެތެވެ. އަހަރެން އަވަހަށް ދަބަސް އެޅުވުމަށްފަހު ހިނގައިގަތީމައެވެ.
ފުރަތަމަ އެހެނަސް އަހަރެން ރީތިވާ މޭޒުކައިރިއަށް ދިޔައީމެވެ. ސެންޓު ފުޅި ނަގަންށެވެ. ވަތް ގަނޑު ހުޅުވުމާއި އެކު އަހަރެންނަށށް ފެނުނީ މަންމަ ދިން ފަށެވެ. ވެއިޓް… މަންމަ! އަހަރެންނަށް ފަށް ދިން މީހަކީ މަންމައެވެ. މަންމައަށް މިއިން ކަމެއް އެނގޭ ބާއެވެ؟ ފަށް ނެގި ގޮތަށް އަހަރެން މަންމަމެންގެ ކޮޓަރިއަށް ދުއްވައިގަތީމެވެ. ދޮރުގައި ޓަކި ދިނުމެއް ނެތި އަހަރެން ވަގުތުން ކޮޓަރިއަށް ވަނީމެވެ.
މަންމަ އޭރު ފާހާނާއިން ހަމަ ނުކުންނަނީއެވެ. އަހަރެންނެއް ނުވިސްނަމެވެ. ފަށް އެއްލާލީއެވެ. ބިންމަތީ ހޭކެމުން ހޭކެމުން ގޮސް ހުއްޓުނީ މަންމަގެ ފައި ކައިރިއަށެވެ. މަންމަ ދެލޯ ބޮޑުވެ ހުރެ އަހަރެންނަށް ބަލަން ހުއްޓެވެ. “މިއީ ކޯއްޗެއްކަން މަށަށް ކިޔައިދޭތި މަ އައީމަ!” އަހަރެން ކުރީ އަމުރެވެ. އަހަރެން ދުވަހަކުވެސް “މަ” މަންމަމެން ކައިރިއަކު ނުކިޔަމެވެ. މާނައަކީ އަހަރެން މިހުރީ ވަރަށް ރުޅި ގަދަވެފައެވެ. “ނުބުނާތި ނޭނގެޔޭ މިދައްކާ ވާހަކަ. ހަމަ ގައިމުވެސް އެނގޭނެ.” އެއަށް ފަހު އަހަރެން ނުކުތީއެވެ.
********************************************
ސްކޫލަށް އާދެވުން އިރު އަހަރެން އަތް ތުރުތުރު އަޅައެވެ. އަހަރެންނަށް މިހާލަކު މީހަކަށް ނުބެލޭނެއެވެ. އެހެން ކަމުން އަންހެން ކުދިންގެ ފާހާނައަށް ގޮސް މޫނު ދޮވެލީމެވެ. އެއަށްފަހުން އަހަރެން ލައިބްރަރީއަށް ދިޔައީ މީހަކު ލީ ކަމުގެ ނިޝާނެއް އޮވެދާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް މާ ގަދައަށް އުއްމީދު ނުކުރުމަށް މިހާރު އަހަރެންނަށްވެސް އެނގެން ޖެހޭނެއެންނުން ހެއްޔެވެ. ލައިބްރަރިއަން ކައިރީވެސް އެހުނެވެ. ނަމަވެސް އެވެސް ވީ ބޭކާރެވެ.
އެންމެ ފަހުން ހިތްވަރު އެލުވާލުމަށްފަހު އަހަރެން ލައިބްރަރީންވެސް ނުކުތީމެވެ. ދޮރާއި ހިސާބަށް އެރުމާއި އެކު ގަނޑުވީ އެލީޝާ ކޮންމެވެސް މީހަކުގެ ގައިތެރެއިން ވަދެގެން ކޮންމެވެސް ދިމާއަކަށް ދާ ތަނެވެ. އޭނާއަކަށް އަހަރެންނެއް ނުފެނެއެވެ. އަދިވެސް މަރުވެފައިވާ މީހުންނަކީ އަހަރެންނަށް އައު މަޢުލޫއެކެވެ. ގޮވަން ހިތަށް އެރިއެވެ. ނަމަވެސް އޭރުން އެންމެން ތެރޭގައި އަހަރެން ވާނީ މޮޔައަކަށެވެ.
އެހެން ކަމުން އަހަރެން އޭނާ ފަހަތުން ދިޔައީމެވެ. އެއްވަރަކަށް އޭނާ ދިޔައިރު އަހަރެންވެސް މަޑުން ދިޔައީމެވެ. ނަމަވެސް ދޮރަކާއި އަރާއި ހަމަ ވުމުން އޭނާ ގެއްލުނެވެ. އާއެކެވެ. ހަމަ ގެއްލުނީއެވެ. ބިރުވެރި ފިލްމުގައިހެން ދުން ތަކެއް ނާރައެވެ. އަދި އަޑުތަކެއްވެސް ނުގޮވައެވެ. އެއް ސިކުންތު ހުއްޓެވެ. އަނެއް ސިކުންތަކު ނެތެވެ.
އަހަރެން ދޮރަށް ބަލާލީމެވެ. ސައީދު އިންނަ އޮފީހެވެ. އޭނަގެ އޮފީއެވެ. ނޫން. ނުވަންނާނަމެވެ. ނަމަވެސް ދޮރުގެ ތަޅުގައި ހިފުނެވެ. ތަޅެއް ނުލައެވެ. ނޫނެކެވެ. އަހަރެންނެއް ނުވަންނާނަމެވެ. ނަމަވެސް ސިކުނޑިގެ ޝަކުވާ ތަކާއި ދެކޮޅަށް އަހަރެންނަށް ފެނުނީ އިރުކޮޅަކުން އެ ކޮޓަރި ތެރޭ ހުއްޓައެވެ. ވަދެވުމާއިއެކު އަހަރެން ވަގުތުން ލަދު ގަތެވެ. އަހަރެން އެނބުރި ހިނގައި ގަންނަން އުޅުނީމެވެ. ނަމަވެސް އަހަރެންނަށް ވަގުތުން ހުއްޓެވުނީ ހުޅުވިފައިވާ ވަތްގަނޑަށެވެ. އަހަރެން ވަގުތުން އަނެއްކާ ހާވާލާ ހިތްވިއެވެ.
ފައިލް. ކަރުދާސް. އިތުރު ކަރުދާސް. އާއިލާގެ ތަސްވީރު. ކަންނޭނގެއެވެ. ކަންފަތަށް ލައްވާ ތަރިއެކެވެ. ތަރިއެއް؟ އަދި އެވެސް އެންމެ ތަރިއެކެވެ. އަހަރެންނަށް މި ފެނުން ހަނދާން ވަނީ ކީއްވެ ހެއްޔެވެ؟ އެއީ ރަތް ކުލައިގެ ތަރިއެކެވެ. ނަމަވެސް އަލި އެޅޭ ކޮންމެ ފަހަރަކު ކުލަތަށް ބަދަލު ވާކަހަލައެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ.
އަމިއްލަ އަނގައިގައި އަތް އަޅާލެވުނީ ބޭއިޚްތިޔާރުގައެވެ. މޫނުމައްޗަށް ކުލަތަކެއް ބުރައިގެން ދިޔަ ކަހަލައެވެ. “ސައީދު، އެލީޝާ މަރާލީ.” އަހަރެންނަށް އަމިއްލަ ނަފްސަށް ބުނެވުނެވެ. އަޑުއިވިގެން ފަހަރުގައި މި އެނގުން އެއްޗެއް ހަމަ ޖެހިދާނެތީއެވެ. އަހަރެން އެ ތަރި ދުށީ އެލީޝާގެ ވާތު ކަންފަތުންނެވެ. ދޮރު ޖެހުނު އަޑަށް އަހަރެން ވަގުތުން އެނބުރުނީމެވެ.
އޭރު ދޮރު ކުރިމަތީ ސައީދު ނުލަފާ ހިނިތުން ވުމެއް މޫނުމައްޗަށް ތަތްކޮށްގެން ހުއްޓެވެ. އަހަރެން ވަގުތުން ހިންދިރުވާލީމެވެ. “ސަ…… ސާ… އަ.. ޅު… އަޅު…” އަހަރެންނަށް ބަހެއް ހެދޭ ވަރެއް ނޫނެވެ. ތުރުތުރު އަޅަން ފެއްޓެވެ. ނަމަމެސް މިފަހަރު ރުޅިއަކުނެއް ނޫނެވެ. ނަމަވެސް ބިރުންނެވެ.
އޭނާ ކުރިއަށް ޖެހެން ފެއްޓެވެ. އަހަރެންނަށްވެސް ފަހަތަށް ޖެހެވެން ފެށުނެވެ. ކުޑަ އޮފީސް ގަނޑުގައި އަހަރެންނަށް ޖެހެވޭކަށް މާބޮޑު ތަނެއް ނެތެވެ. އެންމެފަހުން އައިސް އަހަރެންގެ ގައި ފުރަގަސް ޑެސްކުގައި ޖެހުނެވެ. ވަގުތުން އަހަރެންނަށް މޭޒުގެ އަރީގައި އަތުން ހިފާ ބާރު ކޮށްލެވުނެވެ. ލޯމެރުނެވެ. ފިއްތާ ބާރު ކުރީމެވެ. މިހާޜު ލޮލަށްވެސް ތަދުވެއެވެ. އަހަރެންގެ ކަރުން ކުކުރުމުގެ އަޑު ވީދައިގެން ދިޔައީ އޭނާގެ އަތުގެ އަޙްސާސް އަހަރެންގެ ކޮލުން ކުރެވުމުންނެވެ. ހައްތާ ލޯ ލައްޕާ ބާރު ކުރެވުނެވެ.
ކުއްލިއަކަށް އިވުނީ އެއްޗެއް ތަޅައިގެން ދިޔައަޑެވެ. ވަގުތުން ލޯ ހުޅުވުނެވެ. އޭރު އޭނާގެ ފަހަތުގައި ދޮރުކައިރީ އިން ކުޑަ މޭޒެއްގައި އިން މާ ޓުކުރިއެއް އޮތީ ވެއްޓިފައެވެ. އެއަށްފަހު އެހެން ތަންތަނުން އެއްޗެހި ވެއްޓެން ފެށުނެވެ. ސައީދުގެ ލޮލުން އެ ފެންނަނީ ކޯއްޗެއް ހެއްޔެވެ؟ ބިރު ހެއްޔެވެ؟ އިރުކޮޅަކުން ސައީދުގެ ގަޔާއި ދިމާލަށް އެއްޗެހި ދާން ފެށުނެވެ. އަހަރެން ފަހަތް ބަލާލީމެވެ. މަރުވެފައިވާ މީހުންނެވެ. އެކަކެއް ނުނެވެ. ފަސް މީހުންނެވެ.
ބަލާކަށް ނުހުންނަމެވެ. ދުވެފައި އަހަރެން ނުކުތީއެވެ. އަހަރެންނަށް ވާރޭ ވެހޭ ކަމުގެ އިޙްސާސްވެސް ކުރެވުނީ ސްކޫލު އިމާރާތުން ނުކުމެވުން ފަހުންނެވެ. ދަބަހުން ފޯން ނެގީމެވެ. ގުޅާނެ ތަނެއް ނޭނގެއެވެ. ނަމަވެސް ކަމެއް ނުކޮށް ހުންނާކަށްވެސް އަހަރެންނަކަށް ނުކެރޭނެއެވެ. މަންދު ކޮލެޖާއި އަރާ ހަމަވުމާއި އެކު ވާރެ ބޯ ކުރިއެވެ. ނަމަވެސް އަހަރެންނެއް ނުހުއްޓަމެވެ. މަގުމަތީ މީހަކު ނެތްކަން ނަސީބެވެ. އަހަރެންގެ ޔުނީފޯރމް ހުރީ އަހަރެންގެ ހަމުގައި ޖެހިފައެވެ. އެތެރެ ފެނެއެވެ. އަހަރެން ހިނގަމުން ދިޔައީމެވެ. އެކްޓިވިޓީ ޔުނިފޯރމް ލެވުންނަމަ އެންނުން ހެއްޔެވެ.
މަގުމަތި ފަޅެވެ. ރަށްދެބައި މަގު ވަނީ އެއްކޮށް ފަޅުވެފައެވެ. އަހަރެން ފިޔަވައެވެ. އަހަރެންނާއި ދިމާލަށް އަންނަ ޕްރައިވެޓް ކާރު ފިޔަވައެވެ. ސަރުކާރުގެ ކާރެކެވެ. އަހަރެން ހަށަން ބަންނަމުން އިސްޖަހާ ހިނގަން ފެށީމެވެ. ނަމަވެސް އެކާރު އަހަރެންނާއި ތަންކޮޅެއް ކުރިއަށް ހުއްޓެވެ. އަހަރެން ބަލާލީމެވެ. އޭރު ކާރުން ފައިބައިން ދެމީހުން އަންނަނީއެވެ. ދެ ފިރިހެނުންނެވެ. ކަޅު ކޯޓުގައެވެ. އަހަރެންނާއި ދިމާލަށް އަންނަ ބައެއްކަން އެނގުނީ އަހަރެންނާއި ވަރަށް ކައިރި ވެފައި ހުއްޓައެވެ. ދުވަން ވެއްޖެކަން އެނގުނީ އެއިން މީހަކު އަތުގައި އޮތް ދަނގަޑު ގަނޑެއް ކަހަލަ އެއްޗެއް ފެނުމުންނެވެ.
އެހެން ކަމުން އަހަރެން އައި ކޮޅަށް ދުވަން ފެށީމެވެ. އެމީހުންގެ ފިޔަވަޅުގެ އަޑުވެސް ވަގުތުން ބާރުވިއެވެ. އަހަރެން އެންމެ ކުރިން ފެނުނު އިމާރާތާއި ދިމާލަށް ވަނީމެވެ. އެއީ ހަދަން ފަށައިފައިވާ އައު ޔުނިވާރސިޓީގެ އިމާރާތެވެ. އަހަރެން ފަތެއް ނުބަލަމެވެ. ދުވަމުން ދިޔައީއެވެ. މައްޗައް އަރަމުން ދިޔައީއެވެ. އެމީހުންގެ އަޑު ކެނޑޭހެން ހީވުމާއި އެކު އަހަރެން ހުއްޓީމެވެ. ކޮންމެސް ކޮޓަރިއަކަށް ވަނީމެވެ. އަހަރެންނަށް ވަދެވުން ކޮޓަރި އެއްފަރާތް ފުރެންދެން ހުރީ ބިއްލޫރިއެވެ. ކުޑަދޮރެވެ. އަދި…
އެއިން ކޯޓެއް ލައިން ހުރި މީހުން ތެރެއިން އެކަކެވެ. އަހަރެންނަށް ވަގުތުން އެނބުރި ދުއްވައި ގަނެވުނެވެ. ނަމަވެސް ދޮރު ކުރިމަތީ އޭގައި އަނެއް މީހާ ހުއްޓެވެ. އަހަރެންނަށް މަގު ބަންދުވީއެވެ. “އަހަރެން ކީއްތަ ކުރީ؟” އަހަރެން ކޮންމެވެސް އެއްޗެކޭ ކީމެވެ. ނަމަވެސް އެއިން މީހަކު އަނގަވެސް ނުހުޅުވައެވެ.
ކުރިމަތީ ހުރި މީހައާއި ދުރަށް ޖެހުމަށް އަހަރެން ފަހަތަށް ޖެހުނީމެވެ. ނަމަވެސް ހުއްޓުނީ ފާރެއް ކަހަލަ އެއްޗެއްގައި އަހަރެންގެ ބުރަކަށި ޖެހިގެންނެވެ. ދެއަތް އަހަރެންގެ ކޮނޑަށް އައުމާއި އެކު އެއީ އޭގެ ދެވަނަ މީހާކަން އެނގުނެވެ. އަހަރެންގެ ކުރިމަތީ ހުރި މީހައަތުގައި ދަގަނޑުގަނޑު އޮތެވެ. އޭނާ ކުރިއަށް ޖެހެމުން އައި ވަރަކަށް އަހަރެންގެ އާދޭސް އިތުރު ވިއެވެ. “ނޫން! ތިހެން ނުހަދާ. އަހަރެން ދޫ ކޮށްލާ!” ނަމަވެސް މާ ލަސްވެއްޖެއެވެ.
އެ ފިނި ދަގަނޑުގަނޑު އައިސް އަހަރެންގެ ކަރުގައި ޖެހުމާއި އެކު އަހަރެން މުޅި ގަޔަށް އަލިފާން އޮއްސާލި ކަހަލައެވެ. ކަރަންޓު ޖެހުނެވެ. ވަގުތުން އަނދިރި ވާން ފެއްޓެވެ. ފަހަރުގައި އަހަރެންނަށް ވާން އޮތް ގޮތް ވަނީ ކަންނޭނގެއެވެ. އެލީޝާހެން އަހަރެންވެސް މަރުވަނީ ކަންނޭނގެއެވެ. ނަމަވެސް ވިސްނުމުގެ ކުރިން އަހަރެންގެ ގައިގައި އަނދިރިކަން ވަކިތަކެއްހެން ތަތްކޮށްލިއެވެ. އަހަރެންވެސް ދެކޮޅު ހެދުން ހުއްޓާލުމަށްފަހު އައި އަނދިރި ކަމާއި އަހަރެން މަރުޙބާ ކީމެވެ. މިއީ އަހަރެންގެ ނިމުން ކަންނޭނގެއެވެ.
(ނުނިމޭ)