ބޭނުނވަނީ އުމުރަށް 04
” އަހަރެންނަށް ސާރާއާ ދޭތެރޭ ވަރަށް ޝައްކު ކުރެވޭ ” އަކިޔަލް ބުންޏެވެ. ” ސާރާ ކޮންކަމެއް ކުރާކަން އެނގިގެން ޝައްކުވެގެން ތިއުޅެނީ ” ސާހިދު ސުވާލުކޮށްލިއެވެ. ” އެކުގަ އުޅޭތާ މިހާރު ފަސްމަސް ވެއްޖެ. އެކަމަކު އަހަރެން އެއްވެސް ވާހަކައެއް އެއްވެސް މީހެއްގެ ގާތުގަ ނުބުނަން. އަހަރެން ބޭނުމެއްނޫން ސާރާގެ އެއްވެސް ވާހަކައެއް މީހެއްގެ ގާތުގައި ދައްކާކަށް. އެކަމަކު މިއަދު ސާހިދު ގާތުގައި މިވާހަކަ ބުނަން މިޖެހުނީ މިކަން ތަކުރާރު ވަމުން އަންނާތީ ” އަކިޔަލް ބުންޏެވެ. ” އަދިވެސް ވެގެން އުޅޭ ގޮތެއް ނުބުނަމެއްނު ” ސާހިދު ބުނެލިއެވެ. ” އަހަރެންނަށް ހީވަނީ ސާރާ އެހެން މީހަކާ ގުޅުން އޮށްނަހެން ” އަކިޔަލް ބުންޏެވެ. ” ކިހިނެއްވެގެން ތިހެން ތިބުނީ ” ސާހިދު ހައިރާންކަމާއެކު ސުވާލުކޮށްލިއެވެ. ” މިހާރަކަށް އައިސް ސާރާ މާގިނައިރު ފޯންގަ ހުންނަނީ. ދެން އަހާލީމަ ބުނާނެ ކޮންމެވެސް ރައްޓިއްސެކޭ ” އަކިޔަލް ބުންޏެވެ. ” ދެން އަކޫ އިތުރަށް ސުވާލެއް ނުކުރަންތަ؟ ” ސާހިދު ބުނެލިއެވެ. ” ރައްޓިއްސެކޭ ބުނާތީ އަހަރެން އިތުރަށް ސުވާލު ނުކުރަނީ ސާރާ ހިތްހަމަ ނުޖެހިދާނެތީ. އަހަރެންނަށް އެނގޭ ސާރާގެ ވެސް ރައްޓެހިން ތިބޭނެކަން ” އަކިޔަލް ބުންޏެވެ. ” ސުވާލު ކުރަން ޖެހޭނެ. ރައްޓެހިވެގެން އުޅެންޏާ ވާހަކަ ދައްކާ މީހުން އަކޫއަށް އެނގިފަ އޮށްނަން ޖެހޭނެ. އެކެއް އަނެކެއްގެ ކަންތައްތައް ނޭންގޭނަމަ ރައްޓެހިވެގެން އުޅުމުގެ ބޭނުމަކީ ކޮބާ؟. އެހެންވީމާ ކަންތައްތައް ގޯސްނުވަނީސް ތިވެގެން އުޅޭ ގޮތެއް އަވަހަށް ބަލަން އުޅޭ ” ސާހިދު ބުންޏެވެ.
އަކިޔަލް އާއި ސާރާ ވާހަކަދައްކަމުން އައިސް ފޮނަދޫ އާއި ކައްދޫ ގުޅޭ ކޯޒްވޭގެ އެއްފަރާތުގައި މަޑުކޮށްލައިގެން ތިއްބެވެ. ހިސާބަކަށް ހިތްގައިމު ވައިރޯޅި ޖެހެމުން ދިޔައިރު ހަނދުވަރުގެ ނަލަ އަލިކަން މުޅި ހިސާބަށް ފެތުރިފައި ވެއެވެ. ސާރާ އަކިޔަލް އާ ވާހަކަ ދައްކަން ހުއްޓާ ކުއްލި އަކަށް ސާރާގެ ފޯން ރިންގް ވާންފެށިއެވެ. ހަމަ އެވަގުތު ސާރާގެ އަތުގައި އޮށްފޯނަށް ބަލާލިއެވެ. ” ކާކު އެގުޅަނީ ” އަކިޔަލްއަށް ފެނުމުން ސުވާލުކޮށްލިއެވެ. ” އެއީ ރައްޓިއްސެއް ” މިފަހަރުވެސް ސާރާގެ ޖަވާބަކަށްވީ މީގެކުރީގެ ވެސް ޖަވާބެވެ. ” ކޮން ރައްޓިއްސެއްތަ؟ ” ސާރާ އަބަދު އެއްޖަވާބެއް ދޭތީ އެއީ ކާކުތޯ ބަލަން އަކިޔަލް ބޭނުންވިއެވެ. އަކިޔަލް ވާހަކަ ދައްކަ ދައްކާ ހުއްޓާ ސާރާގެ ފޯނަށް މެސެޖެއް އައެވެ. މެސެޖް ލިބުމުން ސާރާ ފޯނުގެ ސްކުރީނަށް ބަލާލަން އަތް ހިއްލާލި ވަގުތު އަކިޔަލް ސާރާ އަތުން ފޯން ދަމައިގަތެވެ. އަކިޔަލް ފޯން ދަމައިގަތުމުން ސާރާ ފޯން އަތުލުމަށް މަސައްކަތްވެސް ކުރިއެވެ. ނަމަވެސް އެކަން ސާރާއަށް ކާމިޔާބު ނުވިއެވެ. ” އަހަރެން މިއަދު ބަލާނަން ތީކޮން ރައްޓިއްސެއްތޯ ” މިހެންބުނެ ފޯންގެ އިންބޮކްސް އަކިޔަލް ހުޅުވާލިއެވެ. ސާރާއަށް މެސެޖް އައިސްފަވަނީ ސިނާންގެ ނަމުގައި ސޭވްކޮށްފައިން ނަންބަރަކުންނެވެ. ” ކީއްވެގެންތަ ފޯން ނުނަގަނީ. އަހަރެން ވަރަށް މިސްވެގެން މިގުޅަނީ. އަނެއްކާ ބޯއީ ފުރެންޑް ކައިރީގަ ހުރީތަ؟ ” އަކިޔަލް މެސެޖް ކިޔާލިއެވެ.
” މީދޯ ސާރާ ތިބުނާ ރައްޓިއްސަކީ ” ސާރާއަށް ފޯން ދިއްކޮށްލަމުން އަކިޔަލް ބުނެލިއެވެ. ސާރާ އެއްވެސް އެއްޗެއް ނުބުނެ އިސްދަށަށް ޖަހާލައިގެން ހުއްޓެވެ. ” ސާރާ ތިހެން އަހަރެންނަށް އޮޅުވާލަން ޖެހުނީ އަހަރެންނަށް ކޮންކަމެއް ނުކޮށްދެވިގެންތަ؟. ފާއިތުވީ ފަސްމަސްތެރޭ ސާރާއަށް މަދުވީ ކޮންއެއްޗެއްތަ؟ ” އަކިޔަލްގެ ދެލޯފެންކަޅި ވިއެވެ. ” ސާރާ އަހަރެންނަށް ބުނެދީބަލަ. ތި ސިނާން އަކާ ސާރާއާ އޮންނަނީ ކޮންގުޅުމެއްތަ؟ ” ސާރާ އިސްދަށަށް ޖަހައިގެން ހުރުމުން އަކިޔަލް ސާރާގެ ދެކޮޑުގައި ހިފާލަމުން ސުވާލުކޮށްލިއެވެ. އެވަގުތު އަކިޔަލްގެ ދެއަތް ސާރާ ފޮޅުވާލުމުން އަކިޔަލް ހައިރާންވިއެވެ. ” ސާރާގެ ތިހަރަކާތުން އަހަރެންނަށް ޖަވާބު ލިބިއްޖެ. ތިހެން ކަންތައް ކުރަން ސާރާ އަހަރެންނަށް ވީވަޢުދާ އަހުދުގެމަތިން ހަނދާން ވެސް ނެތުނީތަ؟ ” އަކިޔަލް ސުވާލަކަށްފަހު ސުވާލެއް ސާރާ އާއި ކުރަމުން ދިޔައެވެ. ނަމަވެސް އެއިން ސުވާލެއްގެ ޖަވާބު ސާރާގެ ދުލުގައި ނުވާކަހަލައެވެ.
” އަހަރެން ސާރާ ދެކެ އިންތިހާއަށް ލޯބިވަން. އަހަރެން އެކަނިކޮށްލާފަ ނުދޭ އަހަރެން މޮޔަވެދާނެ ” އަކިޔަލްގެ ސުވާލު ތަކަށް ބީރުކަންފަތެއް ދިނުމަށްފަހު ސާރާ އަކިޔަލް އާއި ދުރަން ހިނގައިގަތުމުން ސާރާގެ އަތުގައި ހިފާފައި އަކިޔަލް ބުންޏެވެ. ” އަހަރެން ދެން ބޭނުމެއްނޫން އަކިޔަލްއާ އެކުގައި އުޅޭކަށް ” ސާރާގެ އަތުގައި ހިފުމުން ފަސްއެނބުރި ބަލާލުމަށްފަހު އަކިޔަލްގެ އަތް ފޮޅުވާލަމުން ސާރާ ބުނެލިއެވެ.
” ހެޔޮނުވާނެ ސާރާ. އަހަރެން ސާރާގެ ހަޔާތާ ދުރުނުކުރޭ. އަހަރެންގެ ހިތް ހަލާކުވެ މޮޔަވެދާނެ. އާދޭސްކޮށްފަ ބުނަން މުޅިދުނިޔެއަށް އަހަރެން ގިނަކޮށްނުލާ. ތިވަރުގެ ބޮޑު އަނިޔާއެއް އަހަރެންނަށް ދޭން އަހަރެންގެ ކުށަކީކޮބާ؟ ” އަކިޔަލް ލޮލަށްޖަމާވި ކަރުނަތައް އެސްފިޔަ ތަކުގެތެރެއިން ފޫދިގެން ފައިބައިގަތެވެ. ސާރާ އަނެއްކާވެސް ހިނގައިގަތުމުން އަކިޔަލް ސާރާގެ ކުރިމައްޗަށް އަރާ ދެއަތްދެއަތަށް ޖޯޑްކޮށް އާދޭސްކޮށް ސަލާން ޖަހަމުން ދިޔައެވެ. ނަމަވެސް ސާރާގެ ހިތަކަށް އަސަރެއް ނުކުރިއެވެ. ކުޑަދުވަސް ކޮޅެއްގެތެރޭ ސާރާގެ ހިތް ހަރު ހިލަގަނޑަކަށް ވުމުން އަކިޔަލްގެ ހިތް ފުޑުފުޑު ވިއެވެ. އަކިޔަލް އާދޭސް ކޮށްކޮށް ހުއްޓާ ސާރާ ފަސްއެނބުރި ބަލާވެސް ނުލާ ދިޔައީ ކޯޒްވޭގައި އަކިޔަލް އެކަނިކޮށްލާފައެވެ.
އަކިޔަލް ސާރާ ދިޔަމަންޒަރު ބަލަންހުރުމަށްފަހު ފުރިހަމަ ވެފާހުރި ހަނދާއި ދިމާއަށް ބަލާލިއެވެ. އެހނދުގެ ރިހި އަލީގައި ސާރާވީ ވަޢުދުތަކާއި އަހުދުތައް އެހާފަސޭހައިން ހަނދާނުން ފޮހެލީ ކިހިނެއްބާއޭ އަކިޔަލްގެ ހިތަށް އެރިއެވެ. ލޯތްބައްޓަކާ އަކިޔަލް ޖަހަމުން ދިޔަ ސަލާމަށް ބީރުކަންފަތެއް ސާރާއަށް ދޭންކެރުނީ ކީއްވެގެންބާއޭ ހިތްބުނަން ފެށިއެވެ. ނަމަވެސް މިއިން ސުވާލެއްގެ ޖަވާބު ހޯދަން ދާނެތަނެއް ހުދު އަކިޔަލްއަށް ވެސް ނޭންގިފާ ހުރެވުނެވެ.
ކޯޒްވޭގައި އިރުކޮޅަކު ހުރެލާފަ ފޮނަދޫ އާއި ގުޅޭ ހިސާބުން ކޯޒްވޭގެ އެއްފަރާތުގައި ހުރި ސައިކަލަށް އަރާ ދުއްވާލިއެވެ. އަބަދުގެ އަބަދަށް ސާރާ އަކިޔަލްގެ ދިރިއުޅުމުން ވަކިވުމުގެ ހިތާމަކުރަމުންނެވެ. އަކިޔަލް ގެއަށް ދިޔުމުގެ ބަދަލުގައި މިސްރާބު ޖެހީ އާންމުކޮށް އަކިޔަލް ގޮސްހުންނަދިމާ އަތިރިމައްޗަށެވެ.
އަކިޔަލްގެ ދިރިއުޅުމުގައި އަރާފަހުރި ހަނދުގެ މައްޗަށް ކަޅުވިލާގަނޑެއް އަރާ އަދިރިކޮށްލިއެވެ. ހީވާގޮތުން ދެން އެހަނދުގެ އަލިކަމެއް ނުވާނެފަދައެވެ. ދެކެމުންއައި ހުވަފެންތައް ވިއްސިވިހާލި ވިއެވެ. ދިރިއުޅުމަށް ކުރަމުން އައި އުންމީދުތަކަށް ނިމުން އައިސް އެއުންމީދުތައް ވެއްޔާ މޮޑެވިގެން ދިޔައެވެ.
އެހެންހުއްޓާ ކުއްލިއަކަށް ވައިގަދަވާންފެށިއެވެ. ހަނދުގެ މައްޗަށް ކަޅުވިލާގަނޑެއް އަރާ ހަނދުގެ އަލިކަންކެޑި ވަށައިގެންވާ ހިސާބުގަނޑަށް އަނދިރިކަން ފެތުރިގެން ދިޔައީވެސް ހަމަ އެހިދުގައެވެ. އަދި ކަނޑުގެ ލޮނުގަނޑު ބާނިލާ ކެކިގަތްވަގުތު ހީވީ ދުނިޔޭގެ މިހާލަތު އަކިޔަލްގެ މައްޗަށްވެސް އަނިޔާވެރިވާން އުޅޭހެންނެވެ. ނަމަވެސް އަކިޔަލް ގެއަށްދާކަށް ހިޔާލެއްނުކުރިއެވެ. ކުއްލިއަކަށް ޖެހެމުންދިޔަ ގަދަވަޔާއެކު ބޯކޮށްވާރޭ ވެހި ގުގުރާ ވިދަންފެށިއެވެ. އެތަށްއިރަކު އެތާއެކަނި ހުރުމަށްފަހު އަކިޔަލްއަށް ލިބުނު މޮޅިވެރިކަމުގައި ތެމިފޯވެގެން ގެއާދިމާލަށް ހިނގައިގަތްއިރު މީހާ ހުރީ ހީކަރުވާގަނެގެން ހަލާކުވާވަރުވެފައެވެ.
” ދަރިފުޅާ މިއަދު އޮފީހަށްވެސް ނުދަންތަ؟ ” އަކިޔަލް އޮފީހަށްދާން ނުތެދުވުމުން ސަކީނާ އަކިޔަލް ކޮޓަރީ ދޮރުމަތީހުރެ ގޮވާލިއެވެ. ނަމަވެސް އަކިޔަލްގެ ޖަވާބެއް ނުލިބުނުމުން ސަކީނާ ތަޅުގައިހިފާ އަނބުރާލިއެވެ. ދޮރުހުރީ ތަޅުނުލާކަމުން ތަޅުގައި ހިފާ އަނބުރާލުމުން ދޮރުހުޅުވުނެވެ. އަކިޔަލް މުޅިގައިގައި ބޭޑްސީޓް އަޅައިގެން އޮތުމުން ސަކީނާއަށް ފެންނަން އޮތީ އަކިޔަލްގެ މޫނު އެކައްޏެވެ. ” ދަރިފުޅާ އޮފިހަށްވެސް ނުދަނީތަ؟ ” ޑުރެސިންގް ޓޭބަލް ކައިރީ ހުރި ގޮޑިމަތީ އޮތް ޓީސާޓް ނަގަމުން ސަކީނާ ބުނެލިއެވެ. އަލިޔަލް އެއްޗެއް ނުބުނުމުން ސަކީނާ ބޭޑްސީޓް މަތިން އަކިޔަލްގެ ކޮޑުގާ އަތްޖަހާފައި ގޮވާލިއެވެ. އެވަގުތު އަކިޔަލް ސިހިފައި ބަލާލިއެވެ. ” ދަރިފުޅާ ހުސްއައިސްފަތަ؟ ” ސަކީނާ އަކިޔަލްގެ ކަރުދަށުގައި އަތްޖައްސާލަމުން ބުނެލިއެވެ. ” ކީއްވެގެންތަ ދަރިފުޅު މަންމައަށް ގޮވާވެސްނުލާ ތިއޮތީ. ހިނގާ ޑޮކްޓަރަށް ދައްކަން ދާން ” ސަކީނާ އަކިޔަލްގެ ގައިމަތީ އޮތް ބެޑުސީޓް އުނަގަޑާހަމަޔަށް ނެގުމަށްފަހު އަކިޔަލްގެ ކަދުރާ ދަރަށް އަތްލައްވާ އަކިޔަލް ނަގަނިކޮށް އަކިޔަލްގެ ގައިން ވަރުދޫވެގެން ސަކީނާގެ އަތުން އަކިޔަލް ދޫވިއެވެ. އޭރު އަކިޔަލްގެ ދެލޮވެސް ވަނީ މެރިފައެވެ. ” ދަރިފުޅާ ” ސަކީނާއަށް ބާރަށް ގޮވާލެވުނެވެ.
” ދައްތަ ގޭގައި ނޫޅެނީތަ؟ ” ގެއަށް އައި އިރު ގެތަޅުލާފަ ހުރުމުން ފިހާރައަށްވަދެ އިނާޔާ ކުރެން ސާހިދު ސުވާލުކޮށްލިއެވެ. ” ދައްތަވީ ހޮސްފިޓަލުގަ ” އިނާޔާ ބުނެލިއެވެ. ” އެކީއްކުރަން ހޮސްޕިޓަލަށް ދިޔައީ. އަނެއްކާ ދައްތަ ބަލިވީތަ؟ އަކޫ ވެސް ފޯން ނުނަގާތީ މިއަހާލީ ” ސާހިދު ބުންޏެވެ. ” ދައްތަ އަކިޔަލް ގޮވައިގެން ދިޔައީ ” އިނާޔާ ބުންޏެވެ. ” އަކޫއަށް ކިހިނެއްވީ ” ހައިރާންކަމާއެކު ސާހިދުއަށް އަހާލެވުނެވެ. ” އަކިޔަލް ހުންގަދަވެގެން ފިޓް ޖެހުނީ. ނެންގޭތަ އަކިޔަލް ގެންދިޔަކަމެއް ” އިނާޔާ އަހާލިއެވެ. ” އާނ އަހަރެންނަކަށް ނޭންގޭ ” ސާހިދު ބުނެލިއެވެ. ” އަހަރެންނަށް ވެސް ދައްތަ ރޯއަޑު އިވުމުން ދުވެފަ ގެއަށް ވަނުމުން އެގުނީ އަކިޔަލްއަށް ކަމެއްވިކަންވެސް ” އިނާޔާ މިހެން ބުނުމުން ސާހިދު ފިހާރައިން ނިކުމެގެން ހޮސްޕިޓަލަށް ދާންވެގެން ސައިކަލަށް އަރާ ދުއްވާލިއެވެ.
” ހަލޯ ” ލޯމަރައިގެން އޮވެ ސާރާ ބުނެލިއެވެ. ” އަދިވެސް ނިދަނީތަ؟ ” ސިނާން އަހާލިއެވެ. ” ހޫމް… ވަރަށް ނިދި އާދޭ އަދިވެސް ” ސާރާ މޯޅިއަކަށް ދެމިލަމުން ބުނެލިއެވެ. ” ކޮބާ ސާރާގެ ބޯއި ފުރެންޑް. އޭނާ ނުގުޅާތަ ސާރާ ހޭލައްވަން ” ސިނާން އަހާލިއެވެ. ” އަހަރެން ހޭލައްވަން ގުޅާނެ ބޯއީ ފުރެންޑެއް މިހާރަކު ނުހުންނާނެ ” ސާރާ މިހެން ބުނެލި އިރު އަޑުގާ ރުޅިވެރި ގޮތެއް ހުއްޓެވެ. ” އެކަންތައް މިހާރު ނިއްމާލީތަ؟ ” ސިނާން އަހާލިއެވެ. ” ކަމެއްނުވާ މީހަކާއެކު އަހަރެނަކަށް ނޫޅެވޭނެ ” ސާރާ ބުނެލިއެވެ. ” އެހެންވީމާ މިހާރު ކޮންމެ ގަޑިއެއްގައިވެސް ގުޅޭނެދޯ ” ސިނާން ބުންޏެވެ. ” ޔަގީނެއްނު ” ސާރާ ހީލަމުން ބުނެލިއެވެ.
” ތިވަރު ވީއިރުވެސް އަހަރެންނަށް އަންގާލަން ނޭންގުނުދޯ ” ސާހިދު އައިސް އަކިޔަލް އާއި ދިމާއަށް ބުނެލިއެވެ. ” އަހަރެންނަށް އެއްވެސް މީހެއްގެ ގާތުގައި އެއްޗެއް ބުނާނެ ފުރުސަތެއް ނުލިބުން. އެހެންވެ ނުބުނެވުނީ ” އަކިޔަލް ބަލިގޮތަކަށް ބުނެލިއެވެ. ” ކޮބާ މަންމަ. ކޮންތާކަށް ދިޔައީ ” ސަކިނާ ފެންނަން ނެތުމުން ސާހިދު ދެކޮޅު ބަލާލުމަށްފަހު އަހާލިއެވެ. ” މަންމަ ކޮންމެވެސް އެއްޗެއް ގަންނަންވެގެން ބޭރަށް ނިކުތީ ” އަކިޔަލް ބުނެލިއެވެ. ” ސާހިދުއަށް ކިހިނެއް އެނގުނީ އަހަރެން މިތާ އޮތްކަން ” އަކިޔަލް ސުވާލުކޮށްލިއެވެ. ” އިނާޔާ ބުނީ. އެހެންވެގެން އަވަހަށް މިއައީ ” ސާހިދު ބުންޏެވެ. ” މިހާރު ސާރާއަށް ގުޅާފަ ބުނެފިންތަ ބަލިވެއުޅޭ ވާހަކަ ” ސާހިދު އެހެން ބުނުމުން އަކިޔަލް މޫނުއަނެއްފަރާތަށް އަނބުރާލި ވަގުތު ސަކީނާ އަންނަތަން ފެނުމުން ސާހިދުގެ އަތުގައި ބާރަށް އަކިޔަލް ހިފާލީ ވާހަކަ ނުދައްކާށޭ ބުނާފަދަ ގޮތަކަށެވެ.
” ކޮންއިރަކު ސާހިދު އައީ ” ސާހިދު ފެނުމުން ސަކީނާ އަހާލިއެވެ. ” ހަމަދެންމެ މިއައީ. ދައްތަ ކޮންތާކަށް ގޮސްފަތިއައީ ” ސާހިދު އަހާލިއެވެ. ” މިއައީ ޖޫސްޕެކެޓެއް ގަނެގެން ” ގަނެގެންއައި ޖޫސްޕެކެޓް ކައިރީގައި ހުރި ކަބަޑުމަތީ ބަހައްޓަމުން ސަކީނާ ބުނެލިއެވެ. ” މިހާރު ހުން ކިހިނެއްވަނީ ” ސާހިދު އަހާލިއެވެ. ” އަދިވެސް ހުންމަޑެއްނުވޭ. މިހާރު އެހެރީ އައި ވީ އެއް ގުޅާފަ. ހަށިގަނޑުގެ ވަރު ދެރައޭކިޔާފަ. އެހުސްވީމާ ފޮނުވާލާނަމޭ ވެސް ބުނި ” ސަކީނާ ބުންޏެވެ. ” އެހެންވީމާ ދައްތަ ގެއަށްދާންވީނު. އަހަރެން އައި ވީ ހުސްވީމާ އަކޫ ގޮވައިގެން ގެއަށްދާނަން. އޭރަށް ވާއިރަށް ދައްތަ އަކޫއަށް ރަނގަޅު ކާއެއްޗެއް ހަދާލެވޭނެއްނު ” ސާހިދު ބުންޏެވެ. ” ސާހިދު އެބުނީ ރަނގަޅަށް. މަންމަ ގެއަށް ގޮސް އެއްޗެއް ހަދާލާ ” އަކިޔަލް ސަކީނާގެ އަތުގައި ހިފާލާފަ ބުނުމުން އަކިޔަލްއަށް ހިނިތުންވެލުމަށްފަހު ސަކީނާ ހިނގައިގަތެވެ. ” ދައްތަ މަޑުކޮށްބަލަ އަހަރެން ޓެކްސީއަކަށް ގުޅަންދެން ” ސާހިދު މިހެން ބުނުމުން ސަކީނާ މަޑުކޮށްލިއެވެ.
” އަދިވެސް އަހަރެން ކުރި ސުވާލަކަށް ޖަވާބެއް ނުދެމެއްނު ” ސަކީނާ ދިޔުމުން ސާހިދު ބުނެލިއެވެ. ” ކޮން ސުވާލެއްތަ؟ ” އަކިޔަލް ބުނެލިއެވެ ” މިހާރު ހަނދާން ނެތުނީދޯ. އަހަރެން ބުނީ ސާރާއަށް އަންގައިފިންހޭ އަކޫ ބަލިވެ އުޅޭކަން ” ސާހިދު ބުނެލިއެވެ. ” އަހަރެންގެ ފޯންވީ ގޭގަ. އެހެންވެ އަދި ނުބުނަން ” އަކިޔަލް ބުނެލިއެވެ. ” އެހެންވިއްޔާ އަހަރެންގެ ފޯނުން ގުޅާފަ ބުނޭ ” ސާހިދު ފޯން ދިއްކޮށްލަމުން ބުނެލިއެވެ. ” އަހަރެން ފަހުން ބުނާނަން ” އަކިޔަލް މިހެންބުނެ މޫނު އަނެއްފަރާތަށް އަނބުރާލީ ލޮލަށް ޖަމާވި ވޭނީ ކަރުނަ ސާހިދުއަށް ނުދެއްކުމަށެވެ. ” އަނެއްކާ މައްސަލައެއް ޖެހުނީތަ؟. އަހަރެންނަށް ހާދަހީވެޔޭ އަކޫ ކަމެއް ސިއްރުކުރާހެން ” އަކިޔަލް މޫނު އަނބުރާލި ގޮތް ފެނުމުން ސާހިދު ބުނެލިއެވެ. ” އަހަރެން އެއްވެސް ކަމެއް ސިއްރެއް ނުކުރަން ” އަކިޔަލް ވާހަކަދައްކަމުން ދިޔައިރު ސާހިދާއި ދިމާއަށް ބަލާވެސް ނުލައެވެ. ” ކަމެއް ސިއްރު ނުކުރާކަން އަކޫގެ އަމަލުން މިހާރުވެސް ފާހަގަ ވާންފަށައިފި ” ސާހިދު މިހެން ބުނުމުން އަކިޔަލް ދެލޯމަރާ ބާރުކޮށްލި ވަގުތު ލޮލަށްޖަމާވި ވޭނީ ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި ފައިބައިގަތެވެ. ” އާދޭސްކޮށްފަ ބުނަން މިވަގުތު ތިވާހަކަތައް ނާހާ. އަހަރެންގެ ނެތް ތިވާހަކަތައް ދައްކާނެ ހިތްވަރެއް. އެހިތްވަރު އަހަރެންނަށް ލިބުމުން ސާހިދުއަށް ހުރިހާ ވާހަކައެއް ކިޔާދޭނަން ” އަކިޔަލް ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ބުނެލިއެވެ.
ސާރާ އަކިޔަލާ ވަކިވުމަށްފަހު ސިނާނާ ކުރިޔަށްވުރެއް ގިނައިން ވާހަކަ ދައްކަމުން ދިޔައެވެ. އަދި ސިނާން ދެކެ އިންތިހާއަށް ލޯބިވާކަމަށްވެސް ބުނަމުން ދިޔައެވެ. ނަމަވެސް ސާރާއަށް ސިނާންއަކީ ކާކުކަން ނޭންގޭ އިރު ކިހިނެއް ހުރި މީހެއްކަންވެސް ނޭންގެއެވެ. ހަމައެކަނި ކަންފަތުގައި ޖެހުނީ އަޑެވެ. ސޯޝަލް ނެޓްވޯކްގެ އެހީގައި ފެނުނީ ސިނާން ކަމަށް ބުނެ ފޮނުވާލި ޒުވާނެއްގެ ފޮޓޯއެކެވެ.
އަކިޔަލް ގޭދޮރުމަތީ ހުރި ޖޯލިފަތިގައި އޮށޯވެލައިގެން އޮތެވެ. މޫނުމަތިން އިންތިހާއަށް ކަންބޮޑުވުމާއި މާޔޫސްކަން ފެންނަމުން ދިޔައެވެ. ވާނީވެސް އެހެންނޫން ކޮންގޮތެއް ހެއްޔެވެ؟ އެންމެ ކުޑަ ދުވަހުން ފެށިގެން ސަކީނާގެ ލޯބިފިޔަވާ އެހެން ލޯތްބެއް އަކިޔަލްއަށް ނުލިބެއެވެ. ތަންދޮރު އެގެންފެށިފަހުން ރައްޓެހި ރަހުމަތްތެރިންގެ ގާތްކަމާއި ލޯބި އަބަދުވެސް އަކިޔަލްއަށް ކިބެމުންދިޔައެވެ. ނަމަވެސް ދިރިއުޅުމަށް އަދި އެހެންމީހެއްގެ ލޯތްބާ އަޅާލުމާއި ކުލުނު ބޭނުންވިހިދު އަކިޔަލް މިވަނީ އެލޯބި ނުލިބިފައެވެ.
” ކިހިނެއްވެފަ ޖޯލީގަ ތިއޮތީ ” ސާހިދު އައިސް ޖޯލީގައި އިށީންނަމުން ސުވާލުކޮށްލިއެވެ. ” ކަމެއްނުވޭ. ނަމާދުކޮށްލައިގެން އައިސް އޮތީ. ސާހިދު ކަމަކުތަ ތިއައީ ” އަކިޔަލް އަހާލިއެވެ. ” ކަމަކުއެއްނޫން މިއައީ. އަކޫ ބަލިވެ އުޅޭތީ ހަމަޖައްސާލީ ” ސާހިދު ބުނެލިއެވެ. ” އަސްލު ކިހިނެއްވެގެން ތިއުޅެނީ. އަކޫ ނުބުނަން އުޅުނަސް އަހަރެންނަށް އެނގޭ ކަމެއް ސިއްރުކުރާކަން. ވެގެން އުޅޭގޮތެއް ކިޔާދީބަލަ. އެރުންދޯ ހިތަށް ހަމަޖެހުމެއް ލިބޭނީ ” ސާހިދު ބުންޏެވެ. ” ވެގެން އުޅޭގޮތް ބުނުމަކުން އަހަރެންގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެ ” އަކިޔަލް ބުނެލިއެވެ. ” ހަމަޖެހުމަކީ ހޯދީމާ ލިބޭ އެއްޗެއް. އެހެންވީމާ ވެގެން އުޅޭގޮތް ބުނެބަލަ. އަހަރެންނަށް ކޮށްދެވޭ ކޮންމެކަމެއް ކޮށްދޭނަން ” ސާހިދު ބުނެލިއެވެ. ” އަހަރެން ކުރިންވެސް ބުނިންދޯ ތިވާހަކަތައް ނާހާށޭ. އަހަރެންގެ ނެތޭ ހިތްވަރެއް ” ކަންވީގޮތް ސާހިދުއަށް ކިޔާދެން އަކިޔަލް ދެކޮޅު ހަދަމުން ދިޔައެވެ. ” އެހެންވިއްޔާ ސާރާއަށް ގުޅާފަ ބުނީތަ ބަލިވާހަކަ ” ސާހިދު ސުވާލުކޮށްލީ އަކިޔަލް ސިއްރުކުރަމުން ދަނީ ސާެރާއާއި ގުޅުން ހުރި ކަމެއްތޯ ބަލާލާށެވެ.
” އަހަރެންގެ މަންމައާ ރަހުމަތްތެރިޔާ ފިޔަވައި އަހަރެން ބަލި ވާހަކަ ބުނަންޖެހޭ މީހަކު ނުހުންނާނެ ” އަކިޔަލް މިހެން ބުނުމުން ސާހިދުއަށް އަކިޔަލްގެ މޫނަށް ބަލާލެވުނެވެ. ” ކިހިނެއްވެގެން ތިހެން ތިބުނީ. ސާރާއަކީ އަކޫގެ ބިޓެއްނޫންތަ؟ ” ސާހިދު ބުންޏެވެ. ” ރެއާހަމައަށް ތިބުނާ މީހެއްގެ ގޮތުގާ ސާރާ ހުރީ. އެކަމަކު މިހާރު ސާރާ އަހަރެންގެ ހަޔާތުގެ އެއްވެސް ހިސާބެއްގަ ނެތް. މިހާރު އަހަރެންނަކީ މިނިވަނެއް. ދިރިއުޅުން އާބާދުކުރަން ބޭނުންވާ ލޯބިން މަހުރޫމްވެފައިވާ ނިކަމެއްޗެއް ” މިހެން އަކިޔަލް ބުނިއިރު ސަކީނާ ގޭތެރެއިން ބޭރަށް ނިކުންނަންވެގެން އައިސް ދޮރާއަރާ ހަމަވީއެވެ. އަދި އަކިޔަލް ބުނިއެއްޗެއް ސާފުކޮށް ސަކީނާއަށް އަޑުވެސް އިވުނެވެ. ” ތިބުނީ ސާރާ އަކޫ ދޫކޮށްލީއޭތަ؟ ” އަކިޔަލް ޖަވާބުދިނީ ބޮލުގެ އިސާރާތުންނެވެ. ” ކީއްވެގެން ސާރާ އެހެންކަންތައް އެކުރީ. އަނެއްކާ ސާރާ ހިތްހަމަ ނުޖެހޭ ކަމެއް އަކޫ ކުރީތަ؟ ” ސާހިދު އަހާލިއެވެ. ” އަހަރެން ސާރާ ހިތްހަމަ ނުޖެހޭ އެއްވެސް ކަމެއް ނުކުރަން. އަދި އެއްޗެއްވެސް ނުބުނަން. ސާރާ ބުނީ އަހަރެންނާ އެކުއުޅެން ބޭނުން ނުވާ ވާހަކަ. އަހަރެން ކުރިންވެސް ބުނީމެއްނު ސާހިދު ގާތުގައި ސާރާ ކަމެއްކުރާހެން ހީވެޔޭ. ރޭގައި އަހަރެންނަށް އެކަން އެނގުނީ ” ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން އަކިޔަލް ބުންޏެވެ. ” ކިހިނެއް އަކޫއަށް އެނގުނީ. މީހަކު ބުނީތަ؟ ” ސާހިދު ސުވާލުކޮށްލިއެވެ.
” އެއްވެސް މީހަކު ނުބުނޭ. އަހަރެން ސާރާ ގާތުގައި ހުއްޓަ އެމީހަކު ސާރާއަށް ގުޅުމުން ސާރާ އެކޯލަށް ޖަވާބު ނުދިނުމުން މެސެޖެއް ކުރީ. ދެން އަހަރެން ސާރާ އަތުން ފޯން ދަމައިގަތުމަށްފަހު މެސެޖް ކިޔާލީ. އެހާހިސާބުން ސާރާ ސިއްރުން ކަންތައްތަކެއް ކުރާކަން އަހަރެންނަށް ޔަގީންވެގެން ސުވާލުކުރުމުން ވެސް ޖަވާބެއް ނުދިން. ހަމައެކަނި ސާރާ ބުނީ އަހަރެންނާއި އެކުގައި އުޅޭކަށް ބޭނުމެއްނޫނޭ ” އަކިޔަލްއަށް ސާހިދުއަށް ހުރިހާ ވާހަކައެއް ކިޔާދެމުން ދިޔައިރު ސަކީނާ ދޮރުކައިރީ އަޑުއަހަން ހުއްޓެވެ.
” އެކުގައި އުޅެން ބޭނުންނުވަނީ ކީއްވެގެންތޯ އަކޫ ސުވާލެއް ނުކުރަންތަ؟ ” ސާހިދު އަހާލިއެވެ. ” ހުރިހާ ސުވާލެއްވެސް އަހަރެން ސާރާއާ ކުރިން. އެކަމަކު ސާރާ އަހަރެންގެ ސުވާލުތަކަށް ދިނީ ބީރުކަންފަތެއް. ލޯތްބައްޓަކާ އަހަރެން ޖަހަމުން ދިޔަ ސަލާމަށް ސާރާ ފުރަގަސް ދިނީ އަހަރެންގެ ކޮންކުށެއް އޮވެގެންކަމެއް ބުނާކަށް ނޭންގެ. ވެދާނެ އަހަރެންގެ ނަސީބުގަ ސާރާގެ ލޯބި ލިބެން ނެތީކަމަށް. ނޫނީ އަހަރެންގެ ބަދުނަސީބު ކަމުން ކަމަށް ” އަކިޔަލްއަށް ކެއްނުވެގެން ރޮވުނެވެ. ” ތިހެން ކިޔާކަށް ނުވާނެ. އެއްވެސްމީހަކީ ބަދުނަސީބު މީހަކަށް ނުވާނެ. ކޮންމެ ކަމެއްގައިވެސް ކެއްކުރަން ވާނެ. މީ އަހަރެމެން ކުރާ އިމްތިހާނެއް. މިއިމްތިހާނުން ފާސްވޭތޯ މަސައްކަތްވެސް ކުރަންވާނެ. ހިތާމައެއް ލިބޭހިނދު މުޅިމީހާ އެކަމުގެ މައްޗަށް ހުސްވާން ވެއްޖެނަމަ ދެން އެހެންކަމެއް ކުރާނެ ވަގުތެއްނުވާނެ. އެހެންވީމާ އަހަރެން ބުނާ ވާހަކައެއް ގަބޫލް ކުރަންޏާ ސާރާ މަތިން ހަނދާންނައްތާލާފަ އާފެށުމަކުން ފަށަން މަސައްކަތް ކުރޭ ” ސާހިދު އަކިޔަލްއަށް ވިސްނަދޭން މަސައްކަތް ކުރަމުން ދިޔައެވެ. ” އާފެށުމަކުން ފަށާނެ ހިތްވަރެއް އަހަރެންގެ ނެތް. ސާރާ އަހަރެންނާމެދު ކޮންމެގޮތަކަށް ކަންތައްކުރިޔަސް އަހަރެން ސާރާ ދެކެ އަދިވެސް ލޯބިވޭ. އެހަނދާންތަކާ ދުރެއްނުވެވޭނެ ” އަކިޔަލް ބުންޏެވެ. އަކިޔަލްގެ އެހިތާމަވެރި ވާހަކަތައް އަޑުއަހަން ކެއްނުވެގެން ސަކީނާ ގޭތެރެއަށް ވަނެވެ.
” އަހަރެން ބޭނުން ސާރާއާ ބައްދަލުކޮށްލަން. ވާނެތަ؟ ” ސިނާން އަހާލިއެވެ. ” އާނ ވެދާނެ. އެކަމަކު ސިނާން އުޅެނީ އެހެން ރަށެއްގައެއްނު. ދެން ކިހިނެއް ހިތަށްއަރާ އިރަށް ބައްދަލުކުރާނީ ” ސާރާ ބުނެލިއެވެ. ” އަހަރެން މިވަގުތު ރަށުގައި ހުއްޓަސް ތިރަށަށްވެސް ދެވިދާނެ. އެކަމަކު ދާންވެގެން މިހުންނަނީ ސާރާ އަހަރެންނާ ބައްދަލުކުރަން އެއްބަސް ވުމުން. އެހެންވީމާ ދެން ތިކޮޅެއް ދާކަށް މާލަހެއްވެސް ނުވާނެ. ސާރާގެ އާބަސް ވެސް މިހާރުމިވަނީ ލިބިފަ ” ސިނާން ބުނެލިއެވެ. ” ކޮންއިރަކުން އަންނާނީ ” ސާރާ އަހާލިއެވެ. ” ދާނަން ވަރަށް އަވަހަށް. އެކަމަކު ސީދާ ދުވަހެއް ނުބުނާނާން. ބޭނުންވަނީ ސާރާއަށް ސަޕްރައިޒެއް ދޭން ” ސިނާން އެހެން ބުނެލުމުން ސާރާ ހީލިއެވެ. ” އެހެންވީމާ ތިދުވަސްވާނީ ބޮޑު ދުވަހަކަށްތާދޯ ” ސާރާ ބުނެލިއެވެ. ” އެދުވަސް ބޮޑުކުރިޔަސް ކުޑަކުރިޔަސް އެކަން ކުރާނީ ހަމަ ސާރާ. އެހެންވީމާ މިވަގުތު އަހަރެން ފޯން ކަޑާލާންނަން. އެކަމަކު އަދި އަހަރެން ފަހުން ގުޅާނަން ” ސިނާން ފަހުން ގުޅާނެ ކަމަށްބުނެ ފޯން ކަޑާލިއެވެ.
މެންދަންވެގެން އައި އިރުވެސް އަކިޔަލްގެ ލޮލަށް ނިދި ނާދެއެވެ. އެނދުގައި ފުރޮޅި ފުރޮޅި އޮތީއެވެ. ސާރާގެ ހަނދާނުގައެވެ. ވައުދާ އަހުދު އުވާލާ އަކިޔަލް ބާކީކޮށްލުމުން ދިރިއުޅުންމަތިން ފޫހިވެފައެވެ. އަންހެން ކުދިންނަށް ކުރަމުން ދިޔަ އިތުބާރު ކުޑަވެގެން ދިޔަކަމުގައި ވިޔަސް އަދިވެސް ސާރާއަށް އިންތިޒާރު ކުރެވެއެވެ.
” ކޮންއިރަކު ޒޭނާ ރަށަށް އައީ ” ސާރާ ގޭތެރޭ މަސައްކަތެއް ކުރަން ހުއްޓާ ޒޭނާ އައިސް ގެއަށް ވަނުމުން ސާރާ އަހާލިއެވެ. ” މީގެ ކުޑައިރުކޮޅެއް ކުރިން. ކިހިނެއްތަ ސާރާގެ ކަންތައްތައް ” ޒޭނާ ސުވާލުކޮށްލިއެވެ. ” އަހަރެންގެ ކަންތައްތައް ވަރަށް ބަރާބަރު ” ސާރާ ހީލަމުން ބުނެލިއެވެ. ” ކޮބާ އަކޫ. އޭނާ ރަނގަޅުތަ؟ ” ޒޭނާ އަހާލިއެވެ. ” އަކޫ އަހަރެން ދޫކޮށްލައިފި. އަހަރެންނާއި އެކުގައި ނޫޅެވޭނެ ކިޔާފަ. އެހެން ނުހެދުމަށް އަހަރެން ވަރަށް އާދޭސް ވެސް ކުރިން. އެކަމަކު އޭނާ އަހަރެންގެ އާދޭސްތަކެއް އަޑެއްނޭހި ” ސާރާ ބުނެލިއެވެ. ” އަކޫ ހަމަ ސާރާ ދޫކޮށްލީތަ؟ އަހަރެންނަށް ހާދަ ގާބޫލު ކުރަން އުދަގުލޭ ތިވާހަކަ ” ޒޭނާ ވިސްނާލާފަ ބުނެލިއެވެ. ” ގަބޫލުކުރަން އުދަގޫވިޔަސް މީ ހަގީގަތް ” ސާރާ ބުނެލިއެވެ. ” ތީހަގީގަތް ކަމަށްވަންޏާ ދެން ތިވާހަކަ ދެއްކުމަކުން ފައިދާއެއްނެތް. ސާރާ އަކޫމަތިން ހަނދާން ނައްތާލަން މަސައްކަތްކުރޭ. ދެން މިވަގުތު އަހަރެން ގޮސްލާނަން ” ޒޭނާ މިހެން ބުނެ އެގެއިން ނިކުމެގެން ދިޔައެވެ.
” ސާރާ ދެކެ އިންތިހާއަށް ލޯބިވާކަމަށްބުނެފަ ކީއްވެގެންތަ އަކޫ ސާރާ ދޫކޮށްލީ. ސާރާ އެހެން ބުންޏަސް އަހަރެންނަށް ހާދަގަބޫލް ނުކުރެވެޔޭ އަކޫ ސާރާ ދޫކޮށްލާނެކަމަށް. އެހެންވީމާ ސާރާ އެބުނި ވާހަކައިގެ ހަގީގަތް ބަލާނަން ” ޒޭނާ ސާރާމެންގެއިން ނިކުމެގެން ދަމުން ހިތާހިތުން ކިޔަމުން ދިޔައެވެ.
” އަހަ ޒޭނާ ކޮންކަމަކު ތިގުޅާލީ ” ޒޭނާ ގުޅުމުން ސާހިދު ސުވާލުކޮށްލިއެވެ. ” އަހަރެން ބޭނުން ސާހިދާ ބައްދަލުކޮށްލަން ” ޒޭނާ ބުންޏެވެ. ” އަނެއްކާ ކިހިނެއްވީ. ހާއްސަކަމެއް އޮތީތަ؟ ” ސާހިދު އަހާލިއެވެ. ” ގޮތަކަށް ބަލައިފިނަމަ ވަރަށް ހާއްސަކަމެއް ” ޒޭނާ ބުންޏެވެ. ” އެހެންވިއްޔާ ތިވީގޮތުން ކޮންމެހެންވެސް ބައްދަލުކުރަންވާނެ. އެހެންވީމާ އަހަރެން ތިކޮޅަށް ދާންވީދޯ ” ސާހިދު ބުނެލިއެވެ. ” ނޫނޭ. އަހަރެން ކަމަކު ގަމަށް އައިސް މިހުރީ. އިރުކޮޅަކުން ތިގެއަށް މިދަނީ ” ޒޭނާ މިހެންބުނެ ފޯން ކަޑާލިއެވެ.
” ކިހިނެއްވީ ޒޭނާ ” ޒޭނާ ފެނުމުން ސާހިދު އަހާލިއެވެ. ” އަހަރެން ކުއްލި ގޮތަކަށް ސާހިދު ގާތުގައި ބައްދަލުކޮށްލަން މިބުނީ ވާހަކައެއް އަހާލަންވެގެން ” ޒޭނާ ބުންޏެވެ. ” އަހަރެންނަށް އެނގޭވަރުގެ ވާހަކައެއްނަމަ އެއްވެސް އޮޅުވާލުމެއްނެތި ބުނާނަން ” ސާހިދު ބުންޏެވެ. ” އަކޫ މިހާރު ކޮބާ؟ ” ޒޭނާގެ ސުވާލުން ސާހިދުއަށް ހައިރާންކަން ލިބުނެވެ. ” އަކޫ ވާނީ ގޭގަ. ކިހިނެއްވީތަ؟ ” ސާހިދު އަހާލިއެވެ. ” ކަމެއްނުވޭ ހަމައަހާލީ. އަސްލު އޮޅުން ފިލުވަން ބޭނުންވަނީ އަކޫ ކީއްވެގެންހޭ ސާރާއަށް އެހާބޮޑު ލަޑެއް ދޭންވީ ” ޒޭނާ މިހެން ބުނުމުން ސާހިދު ޒޭނާއަށް ފުރަގަސްދިނެވެ. ” ޒޭނާއަށް ކެރޭނެތަ ސާރާ ގަތުގައި އަހަން ސާރާ އަކޫއަށް ލަޑު ދޭންޖެހުނީ ކީއްވެގެންތޯ ” ސާހިދު ވެސް ކޮށްލީ ސުވާލެކެވެ. ” އަހަރެން ސާރާއާ ސުވާލު ކުރުމުން ސާރާ ބުނީ އަކޫ ސާރާ ދޫކޮށްލީއޭ ” ޒޭނާ ބުނެލިއެވެ. ” ދެން ކޮންކަމެއް ޒޭނާ އޮޅުން ފިލުވަން ބޭނުންވަނީ. ޒޭނާގެ ނަޒަރުގަވެސް އަކޫ ތިވަނީ ކުއްވެރިވެފަ ” ސާހިދު ނުރުހިފަ ބުނެލިއެވެ. ” ސާރާ އެހެން ބުންޏަސް އަހަރެން އަކޫ ކުއްވެރިއެއް ނުކުރަން. އަހަރެންގެ ހިތެއް ނުބުނޭ އަކޫ ސާރާ ދޫކޮށްލާނެއެކޭ. ސާރާއަށް ދެރަ ގޮތެއް ހަދާނެއެކޭ. ސާރާ ބުނި ވާހަކައިން ސާރާ ކަންތައްތަކެއް ސިއްރު ކުރާހެންހީވާތީ ސާހިދު ކައިރީ ސުވާލު މިކުރަނީ ” ޒޭނާ ބުންޏެވެ.
” އަކޫއާ ތިސުވާލު ކުރަން ނުކެރުނީތަ؟ ” ސާހިދު އަހާލިއެވެ. ” އަކޫއާ ސުވާލުކުރަން ނުކެރިގެން އަހަރެން ނޫޅެން. އެކަމަކު ސާހިދުއަކީ އަކޫގެ ބެސްޓްފުރެންޑް ވީމާ ސުވާލުކުރަން ފުރަތަމަ ބޭނުންވީ ސާހިދާ ” ޒޭނާ ބުންޏެވެ. ” އެހެންވިއްޔާ އަޑުއަހާ. އަކޫ ސާރާ ދޫކޮށްލީއެއްނޫން. ސާރާ އަކޫ ދޫކޮށްލީ އެކުގައި ނޫޅެވޭނޭ ކިޔާފަ. އަކޫ ކުރަމުން ދިޔަ އާދޭސް ތަކަށް ސާރާ ބީރުކަންފަތެއްވެސް ދިނީ. އަދިވެސް ހިތުގައި ސައްކެއް އޮތްނަމަ އަކޫމެންގެއަށް ހިނގާ. އެރުންވެސް ޒޭނާއަށް ޔަގީން ކުރެވޭނެ ސާރާ އެހަދަނީ ދޮގުކަން ” މިހެންބުނެ ސާހިދު ޒޭނާ އަކިޔަލްގެ ގެއަށް ގެންދިޔައެވެ. އޭރު އަކިޔަލް އަނެއްކާވެސް ހުންގަދަވެގެން ސަކީނާ އޭނާގެ ކައިރިގައި ފެން ތައްޓަކާ ރުމާލެއް ހިފައިގެން އިނެވެ. ” އަހަރެން ހީނުކުރަން ސާރާއަކީ މިހާކަންތައްތައް އޮޅުވާލާ ދޮގުހަދާ މީހެއްކަމެއް. މިއަދު އަހަރެންނަށް ސާރާގެ ހަގީގަތް އެގިއްޖެ ” އަކިޔަލްގެ ހާލު ފެނުމުން ޒޭނާ ބުންޏެވެ.
” ސާރާ އަކޫއަށް އެވަރުގެ ލަޑެއް ދިނީ އެހެންމީހަކާ ސިއްރުން ގުޅުން ބާއްވަމުން ” ސާހިދު ބުންޏެވެ. ” ހެޔޮނުވާނެ އެހެން ކަންތައްކުރަން. ކުރިން ރީތިކޮށް ބުނިނަމަ މިއަދު އަކޫ އެހާލުގަ އުޅޭކަށް ނުޖެހުނީހެއްނު ” އަކިޔަލްގެ ހާލަށް ދަމްދަރުދީ ވަމުން ޒޭނާ ބުންޏެވެ. ” ސާރާ ބުނި އެއްވެސް ވާހަކައެއް ޒޭނާ އަކޫ ގާތުގައި ނުބުނިއްޔާ ވަރަށް ރަނގަޅު ” ސާހިދު ބުންޏެވެ. ” ސާހިދު އެކަމާ ހާސްނުވޭ. އަހަރެން އަކޫއަށް ދެރައެއް ލިބޭވަރުގެ ކަމެއް ނުކުރާނަން. އަކޫއަށް އަހަރެންގެ ސަލާމް ބުނާތި. މިވަގުތު ގޮސްލާނަން. އެކަމަކު އަދި އަންނާނަން އަކޫއަށް ގޮވާލަން ” ޒޭނާ ބުނެލިއެވެ.
https://www.facebook.com/FiniAshi/
ޕޭޖަށް ޒިޔާރަތްކޮށްލައްވާ…
7 Comments
Comments are closed.
Rythi.. Ekm thankokhei Kury… Boys vx ehn ulheytha loabah salaaan Javan… ?.. Haadha varugadha loabekey dhw thiwaniii..
Vess reethi ekani up kuraaleh lass vaney first dhw
Reeti maalasvanee upload kuraaleh
Nice
Bunala deeba up vaane date tah pls
L kujjehtha mi vaahaka liyunee nice
laamu kujjeh nun vaahaka liyany…