ލޯބީގެ ޙިމާޔަތުގައި (ހަތަރު ވަނަ ބައި)
ކޮފީގެ ފޮދުވަރެއް ދަމާލަމުން، ޒަފަރުގޮސް ދޮރުހުޅުވާލިއެވެ. ދޮރުން އެތެރެއަށް ވަދެގެން އައީ އާޝިޔާއެވެ. ހުދުކުލައިގެ އަތްދިގު ބްލައުޒްއާއި ކަޅުކުލައިގެ ލެގިންސްގައި އޭނާ ފެންނަލެއް ސާދާއެވެ. އެތެރެއަށްވަދެ އެޅި ފުރަތަމަ ފިޔަވަޅާއެކު ޒަފަރް ގައިގައި ބައްދާލުމާއެކު، އޭނާގެ ނަޒަރު ހުއްޓުނީ ޔާސްމީންއަށެވެ. ޔާސްމީން ލައިގެންހުރި ޒަފަރްގެ ގަމީހާއި ތިރިން އަނދެލައިގެން ހުރި ތުވާލިން އޭނާ އަށް ނެގުނު މާނަ ގޯހެވެ. އެއްފަހަރު ޔާސްމީންގެ މޫނަށް އަނެއް ފަހަރު ޒަފަރްގެ މޫނަށް ބަލަން އިރުކޮޅަކު ހުރުމަށްފަހު އެތަނުން ނުކުންނަން އޭނާ ހިނގައިގަތީ ނުރުހުމުގެ ކުލަވަރުން މޫނު ކުނިކޮށްގެން ހުރެއެވެ. ދުލުން އެއްޗެއް ބުނެވޭ ވަރަށްވުރެ އާޝިޔާހުރީ ހިތުގައި ޖެހިފައެވެ. އެވަގުތު އާޝިޔާ ގެ އަތުގައި ހިފަހައްޓައި، އެ ކުށްހީ ފިލުވައިދިނުމަށްޓަކައި، އާޝިޔާގެ ކަންފަތްދަށުގައި ޒަފަރް ކޮންމެވެސް އެއްޗެއް ބުނެދިނެވެ. އެއާއެކު، ޔާސްމީނަށް ބަލައި ލަމުން އާޝިޔާ ރީތި ހިނިތުންވުމެއް ރައްދުކޮށްލައިފިއެވެ. ޖަވާބުގައި ޔާސްމީން ހިނިތުންވެލި ނަމަވެސް، ތަފާތު ޚިޔާލުތަކުން އޭނާގެ ވިސްނުން ޚަރާބުވިއެވެ. ޒަފަރްގެ ދިރިއުޅުމުގައި އާޝިޔާފަދަ އެއްވެސް އަންހެން ކުއްޖަކަށް ޖާގަ ދެވިފައި ވުމަކީ ޔާސްމީން ބޭނުންވާ ގޮތެއްނޫނެވެ. “ޔާސްމީން..! މިއީ އާޝިޔާ..! އާޝިޔާ! މިއީ ޔާސްމީން !…” ޔާސްމީންގެ ގާތަށް އާޝިޔާ ގޮވައިގެން އައިސް ޒަފަރް، ޔާސްމީން އަށް އާޝިޔާ ތަޢާރަފްކޮށްދިނެވެ.
ހިނދުކޮޅެއް ކުރިން އެދެމެދުގައި ވި ބީރައްޓެހިކަން ކެނޑި ރަހުމަތްތެރިކަމެއް އާޝިޔާއާއި ޔާސްމީނާ ދެމެދު އުފެދުނެވެ. އާޝިޔާގެ އެ ހަސަދަވެރިކަމެއްނެތް ސާދާ މިޒާޖު، ޔާސްމީން ހައިރާންކުރުވިއެވެ. ޒަފަރްއާއި އާޝިޔާގެ ގުޅުން ރަޙުމަތްތެރިކަމަކަށްވުރެ ގާތްހެން ޔާސްމީނަށް ހީވިއެވެ. އިރުކޮޅަކު ވާހަކަ ދައްކަން ހުރުމަށްފަހު ޒަފަރްގޮވައިގެން ޔާސްމީނާ ތަންކޮޅެއް ދުރައްޖެހިލައި ކަންފަތްދަށުގައި އާޝިޔާ ކޮންމެވެސް އެއްޗެއް ބުނެލުމުން އެބައަންނަން ކަމަށްބުނެ ޒަފަރް އާޝިޔާއާއެކު ބޭރަށް ނުކުންނަން ހިނގައިގަތެވެ.
ޒަފަރްގެ ސައިކަލު ފަހަތުގައި ޒަފަރްއާއެކު އާޝިޔާ ދާތަން ބަލަން ޓެރަހުގައި ހުރުމަށްފަހު، ޔާސްމީންގޮސް ކޮޓަރިއަށްވަދެ އެނދުގައި އޮށޯވެލައިފިއެވެ. ބާރަ ފޫޓު ބާރަފޫޓުގެ ކޮޓަރީގައި ވަކިހިއްޕާލާފައިވާ އެއަރކޮންޑިޝަނަރގެ ފިނިކަމުން، އިސާހިތަކު އޭނާގެ ދިގުއެސްފިޔަތަކަށް ބަރުވެ ނިދި ތާއްޔާ ޖެހޭ ގޮތްވެއްޖެއެވެ.
********
މުޅި މާހައުލަށް ފެތުރިފައިވާ ކަނު އަނދިރިކަމުގައި ދުރު ފިޔަވަޅުތަކެއް އަޅަމުން ޔާސްމީން ދުވަމުން ދިޔައީ ހުސްފައިގައެވެ. ޝިކާރަ ޖަނަވާރަކަށް ފިލަން ދުވާ ޝިކާރައެއް ފަދައިންނެވެ. ދާނެ މަންޒިލެއް ،މަޤުޞޫދެއްނެތި ދުވަމުން ދިޔަވަރަކަށް ދެވޭނުދެވޭ ދިމާއެއް ނޭނގި މަގު އޮޅެމުން ގޮސް ޔާސްމީނަށް ވަދެވުނީ ރަށުގެ ފުށްޓަރު ފަރާތުން އޮންނަ ބޯ ޖަންގައްޔަށެވެ. އެހިސާބުން އޭނާގެ ދެފައިގައި ތަޅު އެޅުވުނުފަދައެވެ. ކުރިމަތީގައިވަނީ ފުންމިން ނޭނގޭ މާސިންގާ ކަނޑެވެ. މަރާއި ދިރިހުރުމުގެ އިޚްތިޔާރުގެ ތެރެއިން އެ ފުންމިން ނޭނގޭ ކަނޑުގެ ތެރެއަށް ޤަރަގު ވެ ދާން ޔާސްމީން ބޭނުންވިއެވެ. ޖިންނި ޝައިޠާނުންދެކެ ގަންނަ ބިރަށްވުރެ އެވަގުތު އޭނާގެ ހިތުގައި ބިންވަޅު ނެގިފައިވާ ބިރުވެރިކަން ބޮޑެވެ. މަރު ނޫން އެހެން އިޚުތިޔާރަކަށް އޭނާއަށް އޮތީ ހަނދުވަރު އޮބި ކަޅުފޮއިކަމުގައިވާ މި އަނދިރި ރޭގަނޑުގެ އަނދިރިކަމެވެ. އެ އަނިޔާވެރިންގެ ވަކިތަކުން ހިމާޔަތް ލިބިދެވޭނެ ހަތިޔާރަކަށް މި އަނދިރިކަންވެސް ފުދެއެވެ.
ސިއްރު ފިޔަވަޅުތަކެއްގައި މަޑުމަޑުންގޮސް ދިޔަރެހުގައި އޭނާ ފައިތިލަ ބީއްސާލިއެވެ. އަހަރެންގެ މުޅި ޖިސްމު ތިޔަ ރާޅުތަކާ ހަވާލުކޮށްފީމޭ ބުނާފަދައިންނެވެ. އެހިނދު ކޮންމެވެސް ބާރުގަދަ އަތެއްގެ ޝިކާރައަކަށްވެ ރޯމަހެއް ތެޅިގަންނަހެން އޭނާއަށް ތެޅިގަނެވުނެވެ.
******
“މަންމާ…..!!” ދެކަންފަތުގައި އަތްއަޅާލަމުން ޔާސްމީން ހަޅޭއްލަވައިގަތެވެ. އެއާއެކު ގިސްލުމެއްގެ ތެރެއަށް އޭނާ ހިނދެމުންގޮސް ބާރު ރުއިމެއްގެ ތެރެއަށް އޭނާ ގެނބިގެން ހިނގައްޖެއެވެ.
“ޔާސްމީން…. ކިހިނެތްވީ؟؟..” ޔާސްމީންގެ އަޑަށް ޒަފަރް ބޭރުން އައިސް ދޮރު ހުޅުވާލީ ކުއްލިއަކަށެވެ. އެހާ ބާރަށް ޔާސްމީން ރޯ ސަބަބު ނޭނގުމުން ޒަފަރް ހައިރާންވިއެވެ.
“ހުވަފެނެއް ފެނުނީތަ؟” އެއިރުވެސް ދެއަތުން ބޮލުގައި ބާރަށް ހިފަހައްޓާއިގެން އިން ޔާސްމީނުގެ ގާތަށް ޖެހިލަމުން ޒަފަރް އެހިއެވެ. ޔާސްމީން ޒަފަރަށް ބަލައިލީ ފުން ނަޒަރަކުންނެވެ. ހުރިހާ ކަމެއް ޒަފަރަށް އެނގިހުރެ ނޭނގޭ ކަމަށް ހަދަނީ ކީއްވެ ބާއޭ ޔާސްމީން ހިތަށް އެރިއެވެ. ޒަފަރް ކުރި ސުވާލަށް އެއްބަސްވުމުގެ ގޮތުން ޔާސްމީން ބޯ ޖަހާލިއެވެ. ހުވަފެނާއި ޙަޤީޤަތުގައި ހުރި ތަފާތު ޔާސްމީނަށް އެނގުނަސް މިވަގުތު ހުވަފެނަކުން ނިންމާލުން ނޫންގޮތެއް ޔާސްމީނަށް ނެތްކަން އޭނާއަށް އެނގެއެވެ.
ޔާސްމީންއަށް ހިނިތުންވެލަމުން، ޒަފަރު އެތަނުން ނިކުމެގެން ދިޔަ ވަރަށްވުރެ އަވަހަށް އަނެއްކާވެސް އެތަނަށް އައެވެ. އަލުން އެނބުރި އައިއިރު، އޭނާގެ ދެއަތް ފުރާ ހުރި ކޮތަޅުތަކުގައި ހުރީ އަންނައުނެވެ. ޔާސްމީނަށް އަންނައުނުތައް ދެމުން ހެދުން ބަދަލުކުރަން ބުނުމަށްފަހު ޒަފަރް ނުކުމެގެން ދިޔައީއެވެ. އެ ހެދުންތަކަށް ބަލާލުމަށްފަހު ޒަފަރްނުކުމެގެން ދިޔަ ދޮރާ ދިމާއަށް ޔާސްމީން ބަލަން އިނީ ހައިރާންކަމާއެކުގައެވެ. ޒަފަރް އެހާ ބަދަލުވީ ކިހިނެއް ހެއްޔެވެ؟ އެއާއެކު ދުރު ހަނދާންނެއް އޭނާގެ ހިތުގެ ދޮރުގައި ޓަކިދިންފަދައެވެ.
*******
އެއީ މީގެ ބާރަ ވަރަކަށް އަހަރު ކުރިއެވެ. މޫސުން ރީތި ހިތްފަސޭހަ ދުވަހެކެވެ. ކުރިމަތިވަމުން އަންނަ ބޮޑު ޢީދުގެ އުފަލަށްޓަކައި މުޅި ރަށް ވަނީ ޒީނަތްތެރިކުރެވިފައެވެ. މެހެމާނުންގެ ހާއްސަ ސަމާލުކަމެއް އެރަށަށް ދެވިފައިވަނީ ޤުދުރަތީގޮތުން ދިވެހިރާއްޖެއަށް ލިބިފައިވާ ރީތިކަމުގެ ތެރެއިންވެސް ރީތިކަމާއި ހިތްގައިމުކަމުގައި ފިޔަޖަހަމުންދިޔަ އަލިގަދަ ތަރިއެއް ފަދައިން އެރަށުގެ ރީތިކަން މުޅި ރާއްޖެއަށް ވިދާލާފައިވާތީއެވެ. އެރަށަށް ފައިބަމުންދިޔަ ދަތުރުގެ މެހެމާނުންގެ އިސްތިޤުބާލުގައި ނުކުމެތިބި ރައްޔިތުންގެ ތެރޭގައި ޔާސްމީންވެސް ހުއްޓެވެ. ހަސަބާއި ނަސަބުން ކިތައްމެ ދެރަވެފައި، ރަށުމީހުންގެ ޤަދަރު ގެއްލިފައިވާ ޢާއިލާއެއްގެ ތެރެއިން އުފަންވެގެން އައި ” ކުނި” ކޮޅެއް ފަދަ އިންސާނަކަށް ޔާސްމީން ވީނަމަވެސް، ޢީދުގެ އުފާ އޭނާގެ ކިބައިން ވަކި ނިގުޅައި ގަނެވިދާނޭހެއްޔެވެ؟ އިސްލާމީ ޘަޤާފަތާއި ދިވެހިންގެ ވަހުދަތަށް އޭނާވެސް ލޯބިކުރެއެވެ. ޢީދުގެ އުފަލުގައި ބައިވެރިވުމަށް، ނަސަބާއި ހަސަބުގެ މޮޅުކަމާއި މަތިވެރިކަމަށްވުރެ، ހިތްތިރިކަމާއި އެކުވެރިކަން މުހިންމު ކަމުގައި ޔާސްމީން ދެކެއެވެ.
އެވަގުތު ރަށަށް ފައިބަމުންދިޔަ މެހެމާނުންގެ ތެރެއިން ހަތަރުވަރަކަށް ޒުވާނުންގެ މެދުގައި ހުރި އިސްކޮޅުންދިގު ޒުވާނާއަށް ޔާސްމީންގެ ނަޒަރު ހުއްޓުނެވެ. ޢުމުރުން ފަނަރައިގެ އަހަރުތައް ގުނަމުންދާ ޔާސްމީންގެ ހިތުގައި ޒުވާނާގެ ރީތި ބުރުސޫރަ ފުރަތަމަ ނަޒަރުން ކަނޑާނެގުނުފަދައެވެ. ޒުވާނާ ލައިފައިހުރި އަންނައުނުން، އޭނާގެ ހައިބަތާއި ޝަހުޞިއްޔަތުގައި ސިޔާސަކަމާއި ނުކިއްސަރުކަން އެކުލެވިފައިވެއެވެ. ބޯ ކުރުކޮށްކޮށާލާފައިވިޔަސް، އަތާއި ކަރުގައި އަޅާފުރާފައިވާ ގިގުނި ފަތިތަކުން އޭނާގެ ސިފައިން ނުބައި ނަމޫނާއެއް ދައްކުވައިދެއެވެ. ކަޅިޖަހާނުލައި ޔާސްމީން ޒުވާނާއަށް ބަލަމުންދިޔައެވެ. އެކަން ޒުވާނާއަށް ހާމަވާކަށް މާގިނައިރެއް ނުނެގިއެވެ. ޒުވާނާއާ ހަތަރުކަޅި ހަމަވުމުން ޔާސްމީންގެ ހިތު ވިންދު އަވަސްވެލިއެވެ. އެއާއެކު ޔާސްމީނަށް ލަދުން އިސްޖަހާލެވުނެވެ. އެވަގުތު ކައިރީގައި ތިބި ކުދިންނަށް ލޮލުގެ އިޝާރާތުން ޔާސްމީން ދައްކާލަމުން ޒުވާނާ ކޮންމެވެސް އެއްޗެއް ބުނެލިހެން ޔާސްމީނަށް ހީވިއެވެ.
ފޮނި ފޮނި ޚިޔާލުތަކަކުން ހޭލާއޮވެ ހުވަފެނީ ދަތުރެއްގައި ދިގު މަންޒިލެއް ކަޑައްތު ކުރުމަށްފަހު ނިދީގެ ފޮނި މީރުކަމުގެ ތެރެއަށް ޔާސްމީން ގެނބުނު އިރު ދަންވަރު ބާރަ ޖެހުމަކާ ގާތްވަނީއެވެ. އާދައިގެ ގޮތަކަށް ހަދާފައިވާ، ސީލިންގެއްނެތި ދަނގަނޑު ފުރާޅުކަން ހިޔާ ލިބެމުންދިޔަ ކުޑަ ކޮޓަރީގެ އުދާސްކަމުގެ ތެރެއިން ނޭވާ އެޅޭހާގާތުން މޫނަށް އެޅުނު ހޫނު ނޭވާއިން ޔާސްމީނަށް ފުންމައިގެން ތެދުވެވިއްޖެއެވެ. ކޮޓަރީގެ އަނދިރިކަމުގެ ތެރެއިންވެސް، ނުކުމެގެންދިޔައީ ކާކުކަން އެނގުމުން ޔާސްމީނަށް ދަތްކުނޑި ވިކާލެވުނެވެ. އެރޭގެ ނިދި އެހިސާބުން އޭނާއަށް އަލްވަދާޢު ކިއުމުން މަގުމައްޗަށް ނުކުމެ ފުން ނޭވާއެއް އޭނާ ބޭރުކޮށްލިއެވެ. ހިމޭންކަމުގައިވާ މަގުތަކުގެ އަމާންކަމާއި، ތޫނު ހަނދުވަރުގެ ރީތިކަމުން އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ގެނުވައިދިނެވެ. މަގުމަތީގައި ހުންނައިރު، ބޭރަށް ފެންނަން ހުރި އޭނާގެ މަންމަގެ ކޮޓަރިއާ ދިމާލަށް އޭނާ ބަލައިލީ ހިތްދަތިކަމާއެކުގައެވެ. ކުޑައިރުން ފެށިގެން އެ މަންމަގެ އުނގުން ޙިމާޔަތް ލިބުމަށް އެދި އެ ހިތް ރޮމުންދާވަރު ޚުދު އޭނަ ނޫން އެހެން އެއްވެސް މީހަކަށް ނޭނގޭނެއެވެ. އެހެންމީހަކު ކުރި ކުށެއްގެ ސަބަބުން މަންމަގެ ހިތުން އޭނާއަށްޓަކައި ލިބުމަށް ޙައްޤުވެފައިވާ ލޯބި ވަނީ ވަޅުލެވިފައެވެ. އޭނާގެ ސިފަ ދެކެވެސް މަންމަ ނަފްރަތުކުރެއެވެ. އޭނާގެ އިތުރުން އެއްބަނޑު ހަތް ކުދިންގެ ޒިންމާ އުފުލުމުގައި މަންމަ އުފުލަންޖެހިފައިވާ ބުރައިގެ ސަބަބުން ދިމާވެގެން އުޅޭ ގޮތަކަށްވެސް ވެދާނެއެވެ. އޭނާ ޤަބޫލު ކުރަން ބޭނުންވާ ގޮތަކީ އެއީއެވެ. ފުން ޚިޔާލުތަކެއްގެ ތެރޭގައި ސިކުނޑި ހައްޔަރުވުމުން ފަލަކުގައި ރަނިކަން ކުރަމުންދިޔަ ބުރު ހަމަ ހަނދަށް ބަލައިލަމުން ޔާސްމީން އަމިއްލަ ނަފްސަށް ހިނިތުންވެލިއެވެ.
” އެކަނި ހުރެ ހާދަ ވަރަކަށް ތިހެނީ….؟؟” އެވަގުތު ޔާސްމީނާއި ދެ ފޫޓެއްހާ ކައިރީގައި ހުރި ޒުވާނާ އެހެން ބުނެލުމުން ޔާސްމީން ސިހޭގޮތްވިއެވެ. ކުއްލިއަކަށް މިއަދު ފެނުނު ޒުވާނާ އައިސް އޭނާ ކުރި މައްޗަށް ހުއްޓުމުން އޭނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހާ ކައިރިން ޒުވާނާ ފެންނަލެއް އަދި މާ ރީތިވެފައި ހިތްގައިމެވެ. ބުނަންވީ ކީކޭކަން ނޭނގި ހިތް އަވަސްވެފައި ޒުވާނާއަށް ބަލަހައްޓައިގެން ޔާސްމީނަށް ހުރެވުނީ އެވެ. މި ޒުވާނާ ފުރަތަމަ ފެނިލުމުންވެސް އޭނާގެ ހިތަށް ބުނެދޭން ނޭނގޭފަދަ އަސަރުތަކެއް ކުރުވައިފިއެވެ.
” ހާދަ ވަރަކަށޭ ތިބަލަނީ؟… ” ޔާސްމީންގެ މޫނު ކުރިމައްޗަށް ވާގޮތަށް ޒުވާނާގެ އަތުން ފުއްޓަތްކެއް ޖަހާލަމުން ބުނެލިއެވެ.
“ސޮރީ” ބުނަންވީ ކީކޭކަން ނޭނގުމުން ޔާސްމީން ބުނެލިއެވެ.
” ކީއްވެ ސޮރީ އޭ ތިބުނީ؟ ދެން އޯކޭ… ބުނެބަލަ ކީއްވެތަ މިއަދު އެވަރަށް ބެލީ؟” ޒުވާނާ ހުރީ ޔާސްމީނާ ވާހަކަ ދައްކަން ބޭނުންވެފައެވެ. ޒުވާނާއަށް ނޭނގުނަސް ޔާސްމީންގެ ހާލަކީވެސް އެއީއެވެ. ފުރަތަމަ ނަޒަރުން އެ ޒުވާނާ އޭނާއަށް ޖެއްސީ ކޮންފަދަ ސިހުރެއްކަންވެސް އޭނާ ހުރީ ނޭނގިފައެވެ. ވާހަކަ ދައްކާލަން ހިތް އެދެމުން ދިޔަޔަސް ދުލުގައި ތަޅެއްލެވި ދޫބަންދުވެފައިވާ މީހަކު ފަދައިން ޔާސްމީން ހުރީ އެއްޗެއް ނުބުނެވިފައެވެ.
“އޯކޭ… ވާހަކަ ދައްކާކަށް ބޭނުމެއް ނޫންދޯ؟… އެހެން ވީމަ ދިޔައިއްޔޭ…” ޔާސްމީން އެއްވެސް އެއްޗެއް ނުބުނުމުން ޒުވާނާ ދާން އެނބުރިލިއެވެ. އެވަގުތު ބޭއިޚްތިޔާރުގައި ޔާސްމީނަށް އެއަތުގައި ހިފާލެވުނެވެ. ޒުވާނާ އޭނާގެ އަތަށް ބަލާލަމުން ޔާސްމީނަށް ބަލާލުމަށްފަހު ނިތްއަރުވާލީ ނިކަން ހިނިއައިސްފައި ހުރެއެވެ.
“ސޮރީ… ކޮން ނަމެއްތަ ކިޔަނީ؟…” އިސްޖަހާލަމުން ޔާސްމީން މަޑުމަޑުން އެހެން އަހާލީ ޒުވާނާ ދެނެގަންނަން ބޭނުންވެފައި ހުރިލެއް ބޮޑު ކަމުންނެވެ.
“ޒަފް……”
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.




Varah reethi. Kon iraku next part?
insha allah nxt part maadhan genesdheynanan ingey… 😀
V.nice dear.. waiting ingey.??????????
heheh…thanx Dear …. 😀 ?????????
V reethi vaahaka
Salhi vaahakaeh.waiting for next eps
Koba adhivess up kosheh nudhemennu.