ގެއަށް ދާ ވަގުތު އައިސް ޖެހުމުން އެންމެންނާ ވަކިވެ ދުރަށް ހިނގައިގަތް އީރަމް އާއި ޖަނާ އަށް ބަލަހައްޓައިން ހުރި ލާމިހް ބޮލުގައި އަތް ފުނާ އަޅާލިއެވެ. ޖަނާ ނައިނަމަ އީރަމް ގެއަށް ލައިދޭނެ ފުރުސަތު ލާމިހް އަށް ލިބުނީސްއެވެ. ޖަނާ އަށް ބަލަހައްޓައިން ހުރެ މޫނަށް ފޫހި ވައްތަރެއް ޖައްސާލިތަން ހުސެން އަށް ފެނުނެވެ. “ކިހިނެއްވީ..؟” ހިނިއައިސް ހުރެ ހުސެން އެހެން އަހާލުމުން ލާމިހް ހުސެން އަށް ބަލާލިއެވެ. ” ކަމެއް ނުވޭ..” ލާމިހް އެހެން ބުނިއިރު ވެސް އަސްލު ވެެގެން އުޅޭ ގޮތް އެތާ ތިބި މީހުންނަށް އިނގެއެވެ. މާ ގިނަ އިރު މަޑުކުރަން ނުހަދާ ތިން މީހުން ވެސް ހިނގައިގަތީ ގެއަށް ދިއުމަށެވެ.
ރޯދަ މަސް އައިސް ކުރިމަތި ވި އިރު ކައިވެންޏަށް ވާން ޖެހޭ މުހިއްމު ތައްޔާރީތަށް ވެ ނިމިއްޖެއެވެ. އެކަމުގައި އެންމެ އިސްކޮށް އުޅުނީ ހަނާ އާއި އީރަމް އެވެ. ހައިފާ އާއި ހުސެން ޕާޓީ ކުލަ ނިންމުމާއެކު އީރަމް އަވަސްވެގަތީ ޕާޓީ ބާއްވާ ތަން ޒީނަތްތެރިކުރާނެ ރީތި ގޮތްތަށް ހޯދާ އެކަމަށް ބޭނުންވާނެ ސާމާނު ހޯދުމަށެވެ. އީރަމް އަށް ބުރަ ވާނެ ކަމަށް ބުނެ ބައެއްގެ އަތް ދަށަށް އެކަން ދޫކޮއްލަން ހައިފާ އެދުމުން ވެސް ހަމަ ހިލާ އެކަމަކަށް އީރަމް އެއްބަހެއް ނުވިއެވެ. ހައިފާގެ ހަޔާތަށް އަންނާނެ އެންމެ އުފާވެރި ދުވަސް އީރަމް ބޭނުންވީ ހުރިހާ ގޮތަކުން ވެސް ހާއްސަ ވާށެެވެ. އީރަމް އާއި އެކު އެކީހެން ހަނާ އުޅުނީ ކައިވެނީގެ ރޭ ހައިފާ އާާއި ހުސެން ގެ އިތުރުން އާއިލާ މީހުން ލާނެ ހެދުންތައް ފައްސާނެ ގޮތްތަށް ނިންމުމުގައެވެ. ދެމީހުންނަށް ކަންތައް ބަހާލުމާއެކު ފަސޭހަ ކަމާއެކު ކުރަން ޖެހޭ ބޮޑެތި ކަންތައްތައް ދިޔައީ ފުރިހަމަ ކަމާއެކު ކުރެވެމުންނެވެ.
ރޯދަ މަސް ފެށުމުން އޮފީހުގައި ހޭދަކުރަން ޖެހޭ ވަގުތު މަދުވުމުން އީރަމް ބެލީ އަޅުކަމުގައި ގިނަ ވަގުތު ހޭދަ ކުރެވޭތޯއެވެ. ކުރެވޭ ކޮންމެ ދުއާއެއްގައި ވެސް ލޯބިވާ އެންމެންނަށް ހެޔޮ ގޮތް ވުމަށް އެދި ދަންނަވައެވެ. ކެއްކުމުގައި ގޭގައި އުޅޭ އާސްމީ އަށް ވީ ވަރަކުން އީރަމް އެހީތެރިވެދީ ހަދައެވެ. މަސައްކަތުގައި ޖަނާ ނޫނީ ސަލްމާ އުޅޭތަން ފެންނާނީ މަދު ފަހަރަކުއެވެ. އެކަމާއި އީރަމްގެ ހިތުގައި އެއްވެސް ބުރަ ކަމެއް ނުބާއްވައެވެ. ޖަނާ ލާމިހް ގެ ވާހަކަ ދޭތެރެ އަކުން އަހާލުމުން އީރަމް އަށް އުނދަގޫވެގެން ދަނީ އަދިވެސް ލާމިހް އަށް ވަކި ޖަވާބެއް ނުދެވޭ ކަން ހަނދާން ވުމުންނެވެ. އީރަމް ދެކޭ ގޮތުގައި ލާމިހް ގެ ހިތުގައި ވާ އިހްސާސްތަށް ދުވަސްތަށް ފާއިތުވެދާ ފަދައިން ފަނޑުވެެގެން ހިނގައިދާނެ އެވެ. ކައިވެންޏެއް ކޮށް ވަރިވެފައި ވާ އަންހެން ކުއްޖަކަށް ވުރެ ލާމިހް އާއި މާ އެކަށޭނެ ކުދިން ވާނެ ކަމަށް އީރަމް އަމިއްލަ ނަފްސަށް ވިސްނައިދެއެވެ. އީރަމް ކައިރީ އަހައިގެން ޖަނާ ދެން ހޯދީ ލާމިހްގެ ފޭސް ބުކް އައިޑީ އެވެ. ފްރެންޑް ރިކުއެސްޓް ފޮނުވާފައި އިންނަތާ ހަފްތާއެއް ވީ އިރުވެސް ލާމިހް ގެ ހިލަމެއް ނުވިއެވެ. އެންމެ ފަހުން ޖަނާގެ އެދުމަށް އީރަމް އެ ވާހަކަ ބުނުމުން ލާމިހް އަށް މަޖުބޫރުވީ ޖަނާ އާއި ވާހަކަ ދައްކާށެވެ.
އެގާރަ ޖެހުމާއެކު ޓީވީ ބަަލަން އިން އީރަމް ތެދުވެއްޖެއެވެ. ” އީމް.. ނިދަން ދަނީތަ..” ފޯނަށް ގެއްލިފައި އިން ޖަނާ އީރަމް އަށް ބަލާލަމުން އަހާލިއެވެ. ހޫމް އެއް ލައްވާލަމުން އީރަމް ދިޔަ ތަން ބަލަން އިން ޖަނާގެ ތުންފަތް މައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވެގެން ދިޔައީ އީރަމް އަށް ވެގެން އުޅޭގޮތް ރަނގަޅަށް އިނގޭތީއެވެ.
ކޮޓަރީ ތަޅު ލަމުން އީރަމް އެނދުގައި އޮށޯވެލިއެވެ. މިރޭ ބާރަ ޖެހުމާއެކު ފެށޭނީ އީރަމް ގެ ވިހި ވަނަ އުފަންދުވަހެވެ. އުފަންދުވަސް ފާހަގަ ކޮށް އުޅުމަކީ އީރަމް މާ ގަޔާވާ ކަމެއް ނޫނެވެ. ނަމަވެސް ފާއިތުވެ ދިޔަ ދެ އަހަރު ނާއިލް ވަނީ ކޮންމެ އުފަންދުވަހެއްވެސް އީރަމް އަށް ހާއްސަ ދުވަހަކަށް ހަދައިދީފައެވެ. ލޯބިން ބުނެލާ ބަހަކުންވެސް އީރަމް އަށް އެދުވަސް ހާއްސަވެގެންދެއެވެ. މާޒީގެ ހަނދާންތަށް އުނދަގޫ ކުރަން ފެށުމާއެކު އީރަމް ދެލޯ މަރާ ބާރުކޮއްލިއެވެ.
ގަޑިން ބާރަ ޖެހުމާއެކު އުފަންދުވަހުގެ ތަހުނިޔާ އީރަމް އަށް މެސެޖަކުން ލާމިހް ފޮނުވާލިއެވެ. ސިކުނޑީގައި ވާ ހިޔާލުތަކުން ހިނިތުންވެލަމުން އީރަމް ގެ ފަރާތުން ޖަވާބެއް ނުލިބުމުން އީރަމް ގެ ފޯނަށް ލާމިހް ގުޅާލިއެވެ. ފޯނު ނުނެގުމުން ލާމިހް ނިންމީ އީރަމް ނިދީ ކަމަށެވެ.
ދޮރުގައި ޖަހާލުމާއެކު ޖަނާ ގެ އަޑުން ނިދިފައި އޮތް އީރަމް ހޭލައްވާލިއެވެ. ފުރަތަމަ ވެސް ކައިރީ އޮތް ފޯނު ބަލާލެވުނީ ބޭ އިހްތިޔާރުގައެވެ. ލިބިފައި ހުރި މެސެޖްތަކުން ވެސް ލާމިހް ގެ މެސެޖް އީރަމް އަށް ފާހަގަ ކުރެވުނެވެ. ހެޕީ ބާރތްޑޭ ލިޔެފައި ވާ އިރު ރަތް ކުލައިގެ ހިތެއް ފިޔަވާ އިތުރު އެއްޗެއް ލިޔެފައެއް ނެތެވެ. ލާމިހް ގުޅާފައި އިނުމުން ވެސް އެކަމަކަށް އީރަމް ސަމާލުކަމެއް ނުދިނެވެ. ފޯނު ބާއްވަމުން ގޮސް ދޮރު ހުޅުވާލިއެވެ. ” ހެޕި ޓްވެންޓީ ލަވް..” އީރަމް ފެނުމާއެކު ހަޅޭލަވައިގަންނަމުން ޖަނާ ބުނެލިއެވެ. ” ވަރަށް ފޭކް.. ހަމަ ނިދީއޭ.. ހިނގާ ހާރު ކާން ދާން.. މަންމަ މެން ވެސް އެބަތިބި..” ޖަނާ އެހެން ބުނެ އަތުގައި އޮތް ބިސް ދައްކާލުމާއެކު އީރަމް އަށް ހީވީ ބިރެއް ފެނުނު ހެންނެވެ. ތެޅިގަންނަމުން އަވަހަށް ޖަނާ ކޮޓަރިއަށް ވަނުމުގެ ކުރިން އީރަމް އަވަހަށް ދޮރު ލައްޕާލިއެވެ. އޭރު ޖަނާ ހޭ އަޑު އީރަމް އަށް އިވެއެވެ.
އޮފީސް ކެބިން އަށް ވަނުމާއެކު މޭޒުމަތީ އިން ރަތް ޓައީ އެއް ޖަހާފައިވާ ކަރުދާސް ކޮތަޅު އީރަމް ގެ ލޮލުގައި އަޅައިގަތެވެ. ވަކި މީހެއްގެ ނަމެއް ނެތް އިރު އެ ކޮތަޅު އެތާ އިންނަންވީި ސަބަބެއް އީރަމް އަކަށް ނުވިސްނުނެވެ. ދަބަސް ގޮނޑީގައި އަޅުވާލަމުން އީރަމް ކޮތަޅު ހިފައިން ހިނގައިގަތީ ހަނާ ގެ ކެބިންއަށެވެ. ” މި ކާކު ދިން އެއްޗެއް..” ހަނާ އަށް ފެންނާނެހެން ކޮތަޅު ދިއްކޮއްލަމުން އީރަމް އަހާލިއެވެ. “ވޯ…ބާރތްޑޭ ގާލް ހާދަ ރޫޑް ދުވަހެއް..” ހަނާ ކޮތަޅުން އީރަމްގެ މޫނަށް ނަޒަރު ހުއްޓާލަމުން އަހާލިއެވެ. ” ހަނާ.. މީ ކާކު ދިން އެއްޗެއް.. އައި ނޯ ހަނާ ކަން މި ކޮތަޅު އެތާ ބައިންދާނީ..” އީރަމް އަހާލިއެވެ. ” ތީ ކުއްޖެއް ވަރަށް ލޯބިން އީމް އަށް ދިން ގިފްޓެއް.. ތީގެ ތެރޭ އޮތް އެއްޗެއް ބެލީމަ ފަހަރެއްގަ އެނގިދާނެ އެއްނު ކާކު ދިން އެއްޗެއް ކަމެއް..” ހަނާ އެހެން ބުނުމާއެކު ޓައި މޮހެލަމުން އީރަމް ކޮތަޅު ހާވާލިއެވެ. ކަޅު ކުލައިގެ ފޮތި ގަނޑެއް މަތީ ބާއްވާލެވިފައިވާ ކަރުދާސް ކޮޅު އީރަމް ކިޔާލިއެވެ. “ވެއާރ ދިސް ޓުނައިޓް.. ސީ ޔޫ އެޓް އެއިޓް ތާޓީ.. – ލާމީ- ” އީރަމް ގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އެތެރޭގައި އޮތް ހެދުން ނަގާ ބަލާލަން ވެސް އީރަމް އަކަށް ނުކެރުނެވެ. ” ހަނާ ގެ އަައިޑިއާއެއް ދޯ މީ..” އީރަމް އެހެން އެހުމާއެކު ހަނާ ސިހޭގޮތް ދައްކާލިއެވެ. ” ނޫން.. އީރަމް އަށް ތި ކޮތަޅު ރައްދުކޮއްދޭށޭ ބުނި ރޭގަ.. ނަތިން އެލްސް.. މިއަދު ރޯދަ ވީއްލުން އަހަރުމެން ގެއިން ” ހަނާ އެހެން ބުނެ އީރަމް އަށް ހިނިތުންވެލަމުން މަސައްކަތް ފެށުމާއެކު އީރަމް އަށް ހުރެވުނީ ހަދާނެ ގޮތެއް ނޭނގިފައެވެ.
އޮފީހުން ނިމިގެން އީރަމް ހަނާ އާއެކު އައީ އެގެއަށެވެ. ލާމިހް ދިން ކޮތަޅުގައިވާ ހެދުން ހައިފާ އާއި ހަނާ ބަލާލަމުން އީރަމް އާއި ދިމާކޮއްލިއެވެ. އެކި އެކި ސަކަރާތުގައި ތިބެ ކާ އެއްޗެހި ތައްޔާރުކުރީ ތިން ކުދިން އެކީގައެވެ. ރޯދަ ވީއްލާ ނިމުމާއެކު އީރަމް ގެ ކުރިމަތީ ހަނާ ބެހެއްޓި ކޭކު ފެނުމުން އީރަމް އަށް ހެވުނެވެ. އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮއްލުމަށް ފަހު ހަނާ އަވަސް ވެގަތީ އީރަމް ގެއަށް ލައިދޭށެވެ.
ގެއަށް އައިސް އިޝާ ނަމާދު ކޮއްލައިން އީރަމް ގޮސް ލާމިހް ދިން ކޮތަޅުގައި އޮތް ހެދުން ނެގިއެވެ. ކަޅު ކުލައިގެ އެއްވެސް ޑިޒައިނެތް ނެތް އިރު ހެނދުމުގައި އުނަގަނޑާ ދިމާލުން ރަތް ކުލައިގެ ހިމަ ބެލްޓެއް އަޅާލެވިފައި ވެއެވެ. ހެދުން ގައިގައި ޖައްސާލިއިރު ކަކުލުން ތިރިއަށް ހުރި އިރު އީރަމް އަށް ވަރަށް ހެޔޮ ވަރެެވެ. ހެދުން ނަގާ އެނދުމަތީ ބާއްވަމުން އީރަމް ފޯނު ބަލާލިއިރު ލާމިހް ގެ މެސެޖެއް އައިސް އިނެވެ. މެސެޖް ގައި ގަޑި އަށް ތައްޔާރު ވުމަށް ހަނދާން ކޮއްދީފައިވެއެވެ. ލާމިހް އީރަމް އާއި ދޭތެރޭ ދެކޭ ގޮތް އެނގުނު ފަހުން ލާމިހް އާއި ކައިރި ވެ ގިނައިން ވާހަކަ ދައްކާހަދަން އީރަމް އަށް އުނދަގޫވެއެވެ. ނަމަވެސް ލާމިހް ގެ އަހްލާގައި އޯގާތެރިކަމުން އީރަމް އަށް ޖެހުނީ ލާމިހް ގެ އެދުން ފުރިހަމަ ކޮއްދޭށެވެ.
ސައިކަލުގައި އިން ލާމިހް އީރަމް ނުކުންނާނެ އިރަކަށް ކެތް މަދުވެފައި އިން ކަހަަލައެވެ. ލައިގެން އިން ކަޅާއި ރަތް ކުލައިގެ ގަމީހާއި ޖީންސްގައި ފެންނައިރު ވަރަށް ހިތްގައިމެވެ. މަތިމަހާއި ތުބުޅީގައި އަތް ކާއްތާލަމުން ކުރިމައްޗައް ބަލާލި ލާމިހް ގެ ނޭވާ ހީވީ ކަރުގައި ތާށިވިހެންނެވެ. ގޭ ދޮރުމަތީ ހުއްޓި އެހުރީ އެ ހިތުގެ ރާނީ އެވެ. ހެދުން އީރަމް އަށް ކިތަންމެހާ ވެސް ހެޔޮވަރެވެ. އެކަމުގައި ހަނާ ގެ އެހީ ނުލިބުނު ނަމަ އެހާ ފުރިހަމައެއް ނުވާނެއެވެ. އީރަމް އަރައިން ހުރި ރަތް ކުލައިގެ ބޫޓު ހެދުމާއި ގުޅުވާލެވިފައި ވެއެވެ. އިސްތަށިގަނޑު މިނިވަން ކަމާއެކު ދޫކޮއްލެވިފައި ވާ އިރު މޫނުމަތިން އުޖާލާކަން ފެނެއެވެ. “ސޮރީ.. ލަސްވީމަ.. ޖަނާ ސުވާލު ގިނަކަމުން އަސްލު ލަސްވީ..ނޭނގެ ނުކުމެވެސް ހުރެދާނެ ދަނީ ކާކާ އެކީތޯ ބަލަން..” އީރަމް ލާމިހް ކައިރީ ހުއްޓި އެހެން ބުނެލަމުން ފަހަތަށް ބަލާލިއެވެ. “ޔޫ ލުކް ސްޓަނިންގް..” ހިނިތުން ވެލަމުން ލާމިހް ބުނެލިއެވެ. “ތޭންކްސް…އެކަމަކު އައި ހޭޓް ދިސް.. ލާމީ ވީމަ މި އައި.. ” އީރަމް ލާމިހް ގެ އިޝާރާތާ އެކު ސައިކަލު ފަހަތުގައި އެއްފަރާތަކަށް ވާހެން އިށީނދެލަމުން ބުނެލިއެވެ. ” ހެހެ.. އޯކޭ..” ލާމިހް ސައިކަލް ދުއްވާލުމުން އީރަމް ލައްވީ ލާމިހް ގެ ބުރަކަށީގައެވެ.
ރެސްޓޯރަންޓް ގެ ވަކިން އިން މޭޒު ކައިރިއަށް އާދެވުމުން މޭޒުމަތީ ބާއްވާލެވިފައި އޮތް ފިނިފެންމާ ބޮޑި އީރަމް އަށް ފެނުނެވެ. ނަވާރަ ހުދު ފިންފެންމާ ތަކު ތެރޭގައި އޮތް ހަމަ އެކަނި ރަތް ފިނިފެންމާ ފެނުމުން އީރަމް ގެ ހިތުގެ ވިންދު އަވަސް ވިއެވެ. ލާމިހް އަނެއްކާ މިއުޅެނީ ކީއްކުރަން ބާވައެވެ. ގޮނޑީގައި އިށީންނަމުން މާ ބޮޑީ ލާމިހް އީރަމް އަށް ދިއްކޮއްލިއެވެ. ” ހޯޕް ޔޫ ލައިކް އިޓް.. ގޯސް ކޮށް މާނަ ނުނަގައްޗޭ..މީ ހަމަ އީމް އަށް ދޭ ސަޕްރައިޒެއް..ހަނާ ބުނި އީމް ރުޅި އަންނާނެޔޭ އެހާ ބޮޑަށް ސެލެބްރޭޑް ކުރީމަ.. އެހެންވެ އީމް މިގެނައީ ހަމަ ކާންދޭންވެގެން..” އީރަމް ގެ ހާސްކަން ފިލާ ހިނިތުންވިތަން ފެނުމުން ލާމިހް ގެ ހިތަށް ހަމަޖެހުން ލިބުނެވެ. އެތާ ތިބި އެހެން މީހުން އީރަމް އާއި ލާމިހް އަށް ބަލާލަމުން ތައުރީފް ކޮއްލަނީ ދެމީހުން ވެސް ގުޅޭ ވަރުންނެވެ. ކެއުމުގައި އެކި އެކި ވާހަކަ ދެކެވެމުން ދިޔަ އިރު އީރަމްގެ މޫނުމަތިން ފެންނަނީ އުފާ ވެރިކަމެވެ. މޭޒު މަތީ ހުރި ވާސް ކައިރީ އޮތް ކުޑަ ފޮށި ލާމިހް ދިނުމުން އީރަމް އޭގައި ހިފިއެވެ. ” ލާމީ..މި މިހާރު ކޯއްޗެއް..” އީރަމް ފޮށި ތަޅުވާލަމުން އަހާލިއެވެ. ލާމިހް ޖަވާބެއް ނުދިނުމުން އީރަމް އެ ކަނޑާ ބަލާލިއިރު އޮތީ ސިސީލިއާ އާހަންގެ އިފް ޔޫ ކުޑް ސީ މީ ނައު ވާހަކަ ފޮތެވެ. ފޮތް ފެނުމާއެކު އީރަމް އަށް ހެވުނީއެވެ. ” ތޭންކްޔޫ ސޯ ސޯ މަޗް..” ފޮތް މޭގައި ޖައްސާލަމުން އީރަމް ލާމިހް އަށް ޝުކުރު އަދާކޮއްލިއެވެ. ” އީމް އެންމެ ބޭނުން ވާ އީމްގެ ފޭވަރިޓް..” ލާމިހް އެހެން ބުނެ އެކަންތައް އެނގުނީ ހަނާ ފަރާތުން ކަމުގައި އީރަމްއަށް އޮޅުން ފިލުވައިދިނެވެ.
ގެއަށް އާދެވުމުން ލާމިހް އަށް އަދިވެސް އެއްފަހަރު އީރަމް ޝުކުރު އަދާކޮއްލިއެވެ. ހޭދަކުރެވުނު އުފާވެރި ވަގުތު ކޮޅު ނިމެން ބޭނުންނުވެފައި އިން ހެން ލާމިހް ހިނިތުންވެލިއެވެ. އެތެރެއަށް ވަތް އީރަމް ގެ ތުންފަތް މަތީ ވަނީ ނުފިލާ ހިނިތުންވުމެކެވެ. އެރޭ ނިދުނު އިރު މޭ މަތީގައި ލާމިހް ދިން ފޮތް އޮތެވެ. ވާހަކަ ކިޔަން އޮތްވާ އީރަމް އަށް ނިދުނީއެވެ.
9 Comments
Comments are closed.
Salaaam hurihaa kudhin.. ?
Hope this part makes sense ? Vrh avas aruvaalain liyefa mi up kohly.. ? hehe Goodnyts all and loves ?
Nice
Haadha kureyyy…
but vaahaka vv salhi
Yey mee first dhw story vvv salhi??????❤❤❤? bt haada kurey pls digykolachley nxt part whn nxt part?? nd laamee and eem gulhuvaba plx plx plx waiting for nxt part…..
Sorry✌ second dhw?
Woww salhi… love it ❤❤
Oh wow? masha allah haadhahaa rychchey ?? v interesting ohhh wow whn nxt prt plx avas kolladhybala plx gud nyt ly??❤???
Rythi mibaii vess dhenn avahah 2kudhinn gulhuvaa
Eem yes bunebala… Eyrun v salhi vaaane vaahaka… Plx… Lami ah eem libey goi hadhahcheyy… Plxplx