ކަރުނަ އޭގެ އިންތިހާއަށް 2 ވަނަބައި
” މޭއައި ކަމިން ސަރ!” އާސިމް ބޮސްގެ ކެބިންގެ ދޮރުގައި ޓަކިޖަހާލަމުން ބުނެލިއެވެ. “ކަމިން…..!” އާސިމް މިހެން ގޮވާލުމާއެކު އެތެރެއިން ހަމީދު ޖަވާބުގަ ބުނުއްވިއެވެ. “އަހަނ އާސިމް ދޯ ވަދޭ ވަދޭ…!” އާސިމް އެތެރެއަށް ވަނުމާއެކު ބޮސްހަމީދު ހިނިތުންވެލާފަ ދައުވަތު ދިނެވެ. “ކިހިނެއްވީތޯ….؟ އަނެއްކާ ކޮފީއަކަށްދާންވީތޯ……؟” އާސިމް ބޮސްގެ މޭޒުގެ ކުރިމަތީގަ ހުރި ގޮނޑީގަ އިށީދެ ހަމަޖެހިލުމަށްފަހު އަހާލިއެވެ. އާސިމް މިހެން އެހުމާއެކު ހަމީދު ހިނިގަނޑެއް ޖަހާލިއެވެ. “ނޫނޭ ކޮފީއަށްވެސް ދާނަން ….ފުރަތަމަ އޮތީ އެހެން ކަމެއް” ހަމީދު ބުނެލިއެވެ. އެއަށްފަހު ހަމީދު ވަރަށް ޝައުގުވެރި ކަމާއެކު އާސިމްގެ މޫނަށް ބަލާލިއެވެ. އެއަށްފަހު ގޮޑީގަ ހަމަޖެހިލިއެވެ. “އާސިމް ހާދަހެއްވައޭދޯ އަހަރެން މިހާ ގާތްކޮށްދެކޭއިރުވެސް އަހަރެންތިބަހައްޓަނީ ހާދަ ދުރުކޮށްލާފައޭދޯ…..” ހަމީދު ހިސާބަކަށް ހިތްހަމަ ނުޖެހިފައި ވާފަދަ ރާގަކަށް ބުނެލިއެވެ. އާސިމް ކަިއިރއަށް ހިނިއައެވެ. “ބަލަ މީ އޮފީހޭ އޮފީސްގަޑީގަ ތީ ހަމަ އަހަރެންގެ ބޮސް އެހެންވީމާ މިގަޑީގަ ރަނގަޅުވާނީވެސް މިގޮތް……!” އާސިމްބުނެލިއެވެ. “ހޫމް އޯކޭއޭ……ލެޓްސް ކަމްޓްދަ ޕޮއެންޓް އަސްލު މިއަދު އާސިމްއަށް މިގޮވާލީ ކޮފީއަކަށްދާކަށްނޫން…….އާސިމްއަށް އުފާވެރި ހަބަރެއްދޭން…….!” ހަމީދު ބުނުއްވިއެވެ. “އެހެންތަ ކޮންކަހަލަ ހަބަރެއްތޯ އަވަހަށް ބުނުއްވާ……!” އާސިމް އަވަސް އަވަހަށް ބުނެލިއެވެ. އާސިމް މިހެން ބުނުމާއެކު ހަމީދު މޭޒުގެ ވަތްގަނޑު ދަމާލިއެވެ އެއަށްފަހު ވަތްގަނޑުތެރެ ހާވާލުމަށްފަހު ފައިލަކާއި މަތިންދާބޯޓް ޓިކެޓެއްނަގާ ދިއްކޮށްލިއެވެ. “މީކޮންކަމެއްތޯ……!” އާސިމް ބޮސްދެއްވި އެއްޗެހީގަ ހިފަމުން އަހާލިއެވެ. އެއާއެކު ހަމީދު ލޮލުގެ އިޝާރާތުން އޭތި ކިޔާލުމަށް އެދުނެވެ. އާސިމް ފައިލް ހުޅުވާ އޭގަ އޮތް އެއްޗެއް ކިޔާލިއެވެ. އެއާއެކު އާސިމްގެ މޫނުމަތި އުޖާލާވެ އަލިވެގެން ދިއައެވެ. އޭގާއޮތީ ރާއްޖެތެރޭގެ ރަށެއްގައި އެކުންފުނީގެ ފަރާތުން ބިނާ ކުރާ މިސްކިތެއްގެ ކުރެހުމާއި އެއާއި ގުޅޭ ލިއެކިއުންތަކެވެ. އާސިމް އެއޮފީހަށް ވަނީއްސުރެ ދެކެމުން އައްނަ ހުވަފެނަކީ ރާއްޖެތެރޭގެ ކޮންމެވެސް ރަށެއްގައި އޭނާގެ ބެލުމުގެ ދަށުން ޕޮރޮޖެކްޓެއް ފެށުމެވެ. މިއަދު މިވަނީ އެހުވަފެން ހަގީގަތަކަށްވެފައެވެ. “ބޮސް މިއަދު ކޮފީދޭނީ އަޅުގަނޑު އިނގޭ…..! އާސިމް އުފާވެރި ކަމާއެކުބުނެލިއެވެ.
އާސިމް އޮފީސްނިއްމާފަ ގެއަށް ދިއަގޮތަށް އުޅުނީ ދަތުރުހެދުމާއިގެންނެވެ. ދަތުރަށްބޭނުންވާނޭ ސާމާނުގަތުމާއި ދަބަސް ތައްޔާރުކުރުމުގައެވެ. ” ދަރިފުޅާ އާސިމް މިއަދު ބަނޑުހައިވެސް ނުވާ ދުވަހަކީތަ؟” އާސިމް ކޮޓަރިތެރޭގަ ކޮންމެވެސް ކަމަކު ހޭލަމޭލަ ވެ އުޅެނިކޮށް މަންމަ އައިސް އަހާލިއެވެ. “މަންމާ……! މިއުޅެނީ އޮފީސް ކަމަކު ރާއްޖެ ތެރެއަށް ފުރަން ޖެހިގެން…….” އާސިމް މަންމަގެ މޫނަށް ބަލާލަމުން ބުނެލިއެވެ. “ރާއްޖެ ތެރެއަށޭ…….!” މަންމަގެ އަހާލިއެވެ. “އާނ! ކޮންރަށަކަށްތަ…..؟” މަންމަ ކޮޓަރިތެރެއަށް ވަދެ އެނދުގައި އިށީނެވެ. “ހަނިމާދޫއަށް މާދަމާ ފުރަންޖެހޭ އެހެންވެ ދަތުރަށް ތައްޔާރުވާން ހަދައިގެން އަދި މިއުޅެނީ ކާން ނުދެވިގެން……” އާސިމް އޭނާގެ މަންމަ އަށް ބުނެލިއެވެ. ” ތިކަންވާ އެގިއްޖެތާ……ތިނެއް ޖެހިއިރު އޮފީހުން އައި ކުއްޖެއް ވިއްޔަ މިހާރު އެހެރަގެން ހަވީރު ފަހެއް ޖަހަނީ ވިއްޔާ……!” މަންމަ ބުނެލިއެވެ. މަންމަ މިހެން ބުނުމާއެކު އާސިމްގެ ގާތަށް ހިނިއައެވެ. “މަންމާ މިއަދު ހަމަ ބަނޑުފާ ނުވަނީއޭ……..ވެދާނެދޯ ރާއްޖެތެރެއަށް ދާހިތްވާލެއް ބޮޑުކަމުން ވީ ގޮތެއްކަމަށްވެސް ދޯ….” އާސިމް މަޖާ ރާގަކަށް ބުނެލިއެވެ. އެއާއެކު އާސިމްގެ މަން ކައިރިއަށްވެސް ހިނި އައެވެ. ” ދަރިފުޅާ ދެން އޯކޭއޭ އިސްތިރި ކުރަން ޖެހޭ އެއްޗެއް ހުރިއްޔާ ނަގާ މަންމަ އަތަށް ގެނޭ މިހާރު ބައްޕަވެސް ފިހާރައިން އައްނަން އުޅޭނެކަންނޭނގެ” މަންމަ ބުނެލިއެވެ.
“އަލިފުޅާ…..! އަހަރެމެންގެ ދަރިފުޅު އޮފީސްކަމަކު ރާއްޖެ ތެރެއަށް ފުރަނީއޯ……!” ޒަރީނާ އޭނާގެ ފިރިމީހާ އާސިމްގެ ބައްޕައަށް ހަވީރުގެ ސައި ތައްޔާރު ކޮށްދޭން ކާމޭޒު ކައިރީގައި ހުރެފަ ބުނެލިއެވެ. “އޭނ! ރާއްޖެ ތެރެއަށޭ……ކޮންރަށަކަށް ކީއްކުރަންތަ…..؟ އަލިފުޅު ހައިރާންވެފަ އަހާލިއެވެ. “މަށަކަށް ނޭނގެ ކީއްކުރަން ކަމެއް މަށަށް އެގޭވަރަކީ ހަނިމާދޫއަށްކަން….އަހަރެން މިހުންނަނީ ވަރަށް ދެރަވެފަ އަދި ހިތްހަމަވެސް ނުޖެހިފަ” ޒަރީނާ ބުނެލިއެވެ. ޒަރީނާ މިހެން ބުނުމާއެކު އަލިފުޅު އޭނާގެ އަންހެނުންގެ މޫނަށް ބަލާލިއެވެ. އެކީއްވެޔޯ ؟” އަލިފުޅު އަންހެނުންގެ މޫނަށް ބަލާލަމުން ބުނެލިއެވެ. ” އެހާދުރަށް ގޮތް ނޭނގޭ ބައެއްގެ ތެރެއަށް ދާތީ……އަހަރެމެންގެ ލޯމަތިންގެއްލޭތީ ” ޒަރީނާ ބުނެލިއެވެ. ބަލަ ޒަރީނާ މިހާރު އެސޮރުވެސް އެހެރީ ބޮޑުވެ ތަސައްރަފް ފުދިފަ….މިހާރު އަހަރެމެންގެ ދަރިފުޅަށްވެސް އަމިއްލައަށް އުޅެން އެނގޭނެ….ދެން ކޮންކަމަކާތަ ތި ހާސްވަނީ ، މިހާރު މިޒަމާނުގަ ހަމަ ބޭނުންވި ކޮންމެ ވަގުތަކުވެސް ގުޅާލަންވީ ހަމަ ވަގުތުން ހާލުއަހުވާލުބެލޭނެ” އަލިފުޅު އޭނާގެ އަންހެނުންނަށް ވިސްނައި ދެވޭތޯ ބެލިއެވެ. ” އަހަރެންވެސް ތިކަން ގަބޫލުކުރަމެ އެކަމަކުވެސް ހަމަ ކަންބޮޑުވަނީ…..އެސޮރު ދިޔާމަ މިގޭތެރެ ހާދަ ފަޅުވާނޭދޯ” ޒަރީނާ އޭނާގެ ފިރިމީހާ އަށް ސައި އަޅައި ދެމުން ބުނެލިއެވެ. “ހޫމް ތީތެދެއް އެކަމަކު އަހަރެމެން އެސޮރާ ނުލާ އުޅެން ދަސްކުރަންވެސް ޖެހޭނެ…..އަނެއްކާ ރާއްޖެތެރޭގެ ރަށަކަށް ދިއުން އެއީ އެސޮރު ދެކޭ އެއްމެ ބޮޑު ހުވަފެން މިއަދު އެވަނީ އެކަން ހަގީގަތަކަށް ވެފަ އެހެންވީމަ މިހާރު ދެން ތިކަހަލަ ވާހަކަ ނުދައްކާ އެސޮރަށް ހިތްވަރުދެމާ ހިނގާ” އަލިފުޅު މޭޒުމަތީގަ ހުރި ބަޖިޔާ ތަށިން ބަޖިޔަލެއް ނަގާ އަނގަޔަށް ލަމުން ވާހަކަ ދެއްކިއެވެ.
ކޮށްމެއަކަސް ޖެހިގެން އައި ދުވަހު އާސިމް ހަނިމާދޫއަށް ހިނގައްޖެއެވެ. އެރަށުން އޭނާއަށް މަރުހަބާކީ މިވަގުތު އެރަށުގައި ކުރަމުންދާ މަސައްކަތާއި ހަވާލުވެގެން ހުރި ޝަރީފުއެވެ. ” ޝަރީފު މަސައްކަތް ފެށޭ ވަރުވާން އަދި ކިހާދުވަހެއް ނަގާނެތަ؟” އާސިމް އޭނާ ހުރުމަށް ހަމަޖައްސާފައިވާ ގެއަށް ދިޔަ މަގުމަތީގަ އަހާލިއެވެ. އެމީހުން ދަތުރުކުރަމުން ދިޔައީ ވޭނެއްގައެވެ. އެއާރ ޕޯޓުން މީހުން އުޅޭ އަވަށަށް ދިމާއަށެވެ. “ދެން މާގިނަ ދުވަހެއް ނުނަގާނެ މަސައްކަތް ފެށުމަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ހުރީ ޖަމާކުރެވިފަ އެކަމަކު އަދި އެއް ގުގުރެޓް މަޝިން ގެނެވެންދެން މި މަޑުކުރަނީ މަށަށް ހީވާގޮތުގަ އައްނަ ހޮނިހިރުގަ އެރަށަށް ފޯރާ ވަރުވާނެ އޭތި ގެނެވޭއިރަށް ހަމަ ފަށަންވީ….” ސަރީފު އޮޅުންފިލުވައި ދިނެވެ. ގާތް ގަނޑަކަށް ދިހަވަރަކަށް މިނިޓު ވީފަހުން އާސިމް ހުރުމަށް ހަމަޖެހިފައިވާ ގެއަށް އާދެވިއްޖެއެވެ.
އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ދުވަހަކީ ހުކުރު ދުވަސް ކަމަށް ވީތީ އާސިމްގަސްތުކުރީ ކުޑަކޮށް ރަށުތެރެ ބަލާލަން ހިނގާލުމަށެވެ. މިހެންވެ ފެނވަރާލައިގެން ނިކުތެވެ. އާސިމް އެއްވެސް ހިޔާލެއް ފިކުރެއްނެތި ހިނގަމުން ހިނގަމުންގޮސް ރަށުގެ ބޮޑުމަގަށް ފޭބުނެވެ. ބޮޑުމަގުން ކުރިއަށް ދަނިކޮށް އެތާ ގޯޅިއަކުން ނިކުތް ވަރަށް ރީތި އަންހެން ކުއްޖެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. އެކުއްޖާ ފެނުމާއެކު އާސިމްއަށް އާދަޔާ ހިލާފަު ގޮތް ތަކެއްވިއެވެ. އޭނާއަށް ހީވީ އޭނާގެ ދެފައިގަ ކަސްތަޅު އެޅުނުހެންނެވެ. މުޅި މީހާ ގަނޑުވެ ހުރިތަނަށްގާވިކަހަލައެވެ. އެކުއްޖާ އައްނަނީ ފެންބަޑިޔަލެއް ކިހިލީގައި ޖަހައިގެންނެވެ. ހީވަނީ އެކުއްޖާ އެދަނީ ކޮންމެވެސް ތަނަކަށް ފެންބަލާ ހެންނެވެ. އިސްކޮޅާއި ރޫފަ ހެޔޮވަރު ރީތި ޒުވާން އަންހެނެކެވެ. އެއީ އީނާޝްއެވެ. އީނާޝްއަށް އާސިމް ފެނުމުންވީ ހަމަ އާސިމްއަށް ވީކަހަލަ ގޮތް ތަކެކެވެ. އާސިމް ހުރީ މަގުމެދަށް ޖެހި އޭރިޔާ ދަނޑިއެއް ހެން ހުއްޓިއެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ އީނާޝް އާއި ދިމާއަށްކަން އީނާޝްއަށް އެނގުނެވެ. އީނާޝްއަށް މިޒުވާނާ ފެނުމާއެކު މީގެ ކުރިން ނުވާގޮތް ތަކެއްވިއެވެ. އެޒުވާނާގެ ހެދި ހުރި ހަށިގަނޑެވެ. ރީތި ދެލޮލެވެ. ހެއާރ ސުޓައިލް އެވެ. އީނާޝް އެޒުވާނާއާއި ކައިރިވާވަރަކަށް އެޒުވާނާގެ ރީތިކަން ފާޅުވަމުންދިއައެވެ. އީނާޝް ހިނގަމުން ހިނގަމުން އައިސް އެޒުވާނާއާއި އަރާ ހަމަ ވީއިރުވެސް އޭނާ ހަމަ އެހުރި ގޮތަށް ހުއްޓެވެ. އީނާޝް އެޒުވާނާގެ މޫނަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ.
އާސިމްއަށް ވީވަރަކީ އެރީތި ޒުވާން އަންހެންކުއްޖާ ހިނިތުން ވުމާއެކު އޭނާއަށް ކުރި އަސަރެއްގެ ބޮޑުކަމުން ދެކަކު މައްޗަށް ތިރިވެވުނީއެވެ. އަދި ބޭއިހުތިޔާރުގައި އެއަންހެންކުއްޖާއާއި ދިމާއަށް އަތް ދިއްކޮށްލެވުނެވެ. އާސިްމއަށް ހަމަހޭވެރިކަންވީ ބަޔަކު މީހުން ހޭއަޑަށެވެ. އޭރު އެތަނުގައި ބައިވަރު އަންހެން ކުދިންތިއްބެވެ. އާސިމް ވަރަށް ލަދުގަތެވެ. އޭރު އެއްކަލަ އަންހެންކުއްޖާވެސް ފެންނާކަށް ނެތެވެ. އޭނާއަށް މިއިނދެވުނީ މަގުމެދުގައި އިށީދެވިފައެވެ. “ހޭއި ކިހިނެއްވީ އަނބުރައިގަތީތަ…..؟” އާސިމް އިށީދެގެން އިންދާ އެތަނުން އަންހެން ކުއްޖަކު ސުވާލުކުރިއެވެ. އާސިމް ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެލަމުން ތެދުވެ ހިނގައިގަތެވެ. އޭނާ ހުރީ ލަދުން ކުރާނެ ކަމެއްނޭގޭ ވަރުވެފައެވެ. “މާތް ކަލާކޯ މީއަނެއްކާ ހުވަފެނެއްބާ،…..؟ އަހަރެންނަށް އެކުއްޖާގެ ހިނިތުންވުން ފެނިފަ މިވީ ކިހިނެއް އާޝޯހު ވީވަރުން ކުރެވުނީ ކީއްކަމެއްވެސް ނޭނގުނު….” އާސިމްގެ ހިތަށް އެރިއެވެ. އާސިމް ހިނގައިގަތުމާއެކު އެއްވެފަ ތިބި އަންހެންކުދިން އޭނާއަށް ރައްދުވާ ގޮތަށް މަލާމާތުގެ ބަސްތަށް ބުނާއަޑު އިވުނެވެ. އެއީ ތަނަކު ހުރި މޮޔައެއްބާއޭ އަންހެންކުއްޖަކު މިނޫނީ ނުފެންނަނީ ބާއޭ ކިޔާ މިކަހަލަ ފާޑު ފާޑުގެ ބަސްތައް ކިޔާ އަޑު އިވުނެވެ.
އީނާޝްގެ ހާލަކީ ކޮބާތޯއެވެ. އީނާޝްއަށް ވީގޮތަކީ އޭނާއަށް އެޒުވާނާއާއި އަރާ ހަމަ ވިވަގު އެޒުވާނާ ބަލާލި ގޮތަކުން ދެމީހުންގެ ހަތަރު ކަޅި ހަމަ ވިއެވެ. އެއާއެކު އެޒުވާނާގެ ރީތި ލޮލުގެ ޖާދުލުގައި ޖެހި އީނާޝްގެ ހިތް އޭނާގެ މިލްކިއްޔާތުންބޭރުވެ އޭނާގެ ބާރުގެ ދަށުން ދޫވެ ބޭއިހުތިޔާރުގައި އެޒުވާނާއަށް ހިތް ދެވުނީއެވެ. އެޒުވާނާދެކެ ހަމަ ހަގީގަތުގައިވެސް ލޯބިވެވުނީއެވެ. އެޒުވާނާގެ ރީތި ކަމުގާޖެހި އޭނާ ޣަރަގުވެގެން ދިޔައީ ފަރުބަދަ މަތިން އައި ފެނުގެ ވަރުގަދަ ސައިލެއްގާ ޖެހި ޣަރަގުވެގެންދާ ފަދަ އަކުންނެވެ. އީނާޝްއަށް ބޭއިހުތިޔާރުގައި ހިނިތުންވެވުނީއެވެ. އެއާއެކު އެޒުވާނާ ކަންތައް ކުރީ ހަމަ ހޭގައި ހުރެ މީހަކު ކޮށްފާނެ ކަމަށް ގަބޫލުކުރެވޭޒާތުގެ ކަމެއްނޫނެވެ.އެއީ ނުދައްނަ ބީރައްޓެއްސެކެވެ. އޭނާ އީނާޝްގެ ކުރިމައްޗަށް ތިރިވެ އޭނާގެ އަތުގާ ހިފާ ބޮސްދޭން މަސައްކަތް ކުރީއެވެ. އެވަގުތު އީނާޝްއަށް ލިބުނީ ކުއްލިސިހުމެކެވެ. ތެޅިގަނެފަ އަތް ދަމައިގަތެވެ. އަދި ވަށައިގެން ވާ މާހައުލަށް ނަޒަރު ހިނގާލިއެވެ. ކަމަކުދާކަށް ނެތެވެ. މަގުމަތީ ހިނގާ ބިނގާވެ އުޅެމުންދިއަ އެއްމެންގެ ނަޒަރު ހުއްޓިފައިވަނީ އީނާޝްއާއި ދިމާއަށެވެ. އީނާޝް ކައިރިއަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. އައިރުޅިން އިށީދެގެން އިން ޒުވާނާގެ ކަންކަށި މައްޗަށް ބާރުހުރި އެތިފަހަރެއް އަރުވާލުމަށް ފަހު ހިނގައިގަތެވެ. އޭރު އީނާޝް އަށް ހުރީ ރޮވިފައެވެ. ކުއްލިއަކަށް ފެނުނު ނުދައްނަ މީހަކު އެކަހަލަ ކަމެއް ކުރާނެ ކަމަކަށް އޭނާ ހިއެއްވެސް ނުކުރެއެވެ. އެޒުވާނާގެ އަމަލުތައް ހުރި ގޮތުން އީނާޝްވެސް ވަރަށް ލަދުގަތެވެ. ގަތް ލަދަށް ވުރެ ބޮޑަށް ދެރަވީއެވެ. އޭނާ އެއްމެ ދެރަވީ އެތައް ދުވަހަކުން ސުރެ އިންތިޒާރުކުރަމުން އައި ކަހަލަ ރީތި ޒުވާނަކު ފެނި ހިތް ދެވުނު އިރު އެޒުވާނާގެ އެއްވެސް އަދަބެއް ސަރަމެއްނެތްކަން އެނގުމުންނެވެ. އީނާޝްގެ ހަޔާތުގައި ފުރަތަމަ ލޯބި ވެވުނު ދުވަހު އެލޯބީގައި ރެދެއްލީމައެވެ.
އޭގެ އަނެއްދުވަހު އާސިމް އަށް އެދުވަހު ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން މީހެއްގެ ފަރާތުން އެގުނެވެ. އެއާއެކު އާސިމް ވަރަށް ދެރަވިއެވެ. އޭނާއަށް ކުރެވުނު ކަމަކުން ނުދައްނަ ބައެއްގެ ކުރިމަތީގަ އޭނާގެ އަގު ވައްޓާލެވުނީތީއެވެ. އަސްލު ހަގީގަތުގައި އާސިމް އަކީ އަހުލާގު ދަށް މީހެއްނޫނެވެ. އާސިމް ގަސްތު ކުރި އެއަންހެން ކުއްޖާ އާއި ބައްދަލުކުރެވޭނެ ގޮތެއްވޭތޯ ބަލާ އެކުއްޖާގެ ކިބައިން މާފަށް އެދޭށެވެ
.ނުނިމޭ
One Comment
Comments are closed.
v reethi