އަގެއްނެތްލޯބި 25 ވަނަ ބައި
ޒިޔާދުއަށް ގެ އާއި ހަމައަށް އާދެވުންއިރު މޫނުމަތިން އިންތިހާއަށް ހިތާމަޔާ ހިތްދަތިކަން ފާޅުވަމުން ދިޔައެވެ. ” ޒިޔާ ކިހިނެއްވީތަ؟ ” ޒިޔާދު އައިސް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯތުމުން ސާނިޔާ ސުވާލުކޮށްލިއެވެ. ” އަހަރެންގެ ހިތަށްއަރާ އަހަރެން މިހުރިހާ ދުވަހު ރަހުމަތްތެރިއެއްގެ ގޮތުގާ ދެކެމުންއައި މީހާގެ ހިތުގައި ރަހުމުގެ ކަންފުޅެއްވެސް ނެތީބާއޭ ” ސާނިޔާ ސުވާލުކުރުމުން ޒިޔާދު ބުންޏެވެ. ޒިޔާދުގެ އެޖަވާބުން ޒިޔާދު އެދައްކަނީ ނިސާދުގެ ވާހަކަކަން ސާނިޔާއަށް އެގުނެވެ. ” އަނެއްކާ މިހާރު ނިސާދު ކީއްކުރީތަ؟ ” ސާނިޔާ ސުވާލުކޮށްލިއެވެ. ” ކީއްކުރީހޭ…..! ކީއްނުކުރަނީ. އުޅޭނެ ގޮތެއްނޭންގިގެން އުޅޭ ފިރިހެނެއް އެއީ ” ރުޅި އައިސްގެން ޒިޔާދު ބުނެލިއެވެ. ” އަދިވެސް ވެގެން އުޅޭގޮތެއް ނުބުނަމެއްނު ” ސާނިޔާ ބުންޏެވެ. ” ނިސާދު ހަނާ ވަރިކޮށްފަ ދިޔަގޮތަށް ގެއަށްވެސް ނާދޭ. ދައްތަ ގުޅީމަ ފޯންވެސް ނުނަގާ. އެކަމަކު އަހަރެން ގުޅީމަ ފޯން ނަގާފަ އަހަރެންނާ ދިމާއަށް ބުނީ އަހަރެން އުޅެނީ ހަނާ އާއި ހެދި މޮޔަވެގެންނޭ ” ޒިޔާދު ބުންޏެވެ.
” ދުވަހަކުވެސް އަހަރެން ހަނާ އާމެދު އެފަދަ ނަޒަރަކުން ނުދެކެން. ނިސާދާ ކައިވެނި ކުރުމުގެ ކުރިން އަހަރެން ދެކެމުން އައީ ހަނާ އަކީ ރައްޓިއްސެއްގެ ގޮތުގާ. އަދި ކައިވެނީގެ ފަހުން އަހަރެން ހަނާ ބަލައިގަތީ ފަހަރިއެއްގެ ގޮތުގާ…..! އެކަމަކު އަހަރެންނަށް މިލިބުން ހަދިޔާ ކިހާ ފުރިހަމަ ހަދިޔާއެއް. ” ޒިޔާދު ހިތްހަމަ ނުޖެހިފަ ބުންޏެވެ. ” މިހާރު ހަނާ ކޮބާ؟ ” ސާނިޔާ އަހާލިއެވެ. ” ހޮސްޕިޓަލުގަ އެޑްމިޓްކޮށްފަ ” ޒިޔާދު ބުންޏެވެ. ” ހޮސްޕިޓަލުގައޭ…. ” ހައިރާންކަމާއެކު ސާނިޔާއަށް އަހާލެވުނެވެ. ” ނިސާދުގެ ހަޔާތުން ހަނާ ބޭރުކޮށްލުމުން އެކަމާ ހިތްދަތިވެގެން ކޮންމެވެސް ކެމިކަލްއެއް ހަނާ ބޭނުން ކުރި ވާހަކަ ދައްތަ ބުނީ. އެކަމުގެ ސަބަބުން ހަނާގެ ބަނޑުގައިވާ ނިސާދުގެ ދެވަނަ ދަރިފުޅުވެސް ވަނީ ބައިގެން ގޮސްފައޭ ” ޒިޔާދު ބުންޏެވެ. ” ހަނާ ބަނޑުކަން ނިސާދުއަށް އެނގޭތަ؟ ” ސާނިޔާ ޒިޔާދު ކުރެން އަހާލިއެވެ. ” ނޭންގެ. ހީވަނީ ނޭންގޭހެން. އެހެން ނޫނަސް ނޭންގުނިޔާ ދެން ރަނގަޅުވާނީ. އެނގުނަސް އޭނާގެ އެހިލަހިތަކަށް އަސަރެއް ނުކުރާނެ ” ޒިޔާދު ބުންޏެވެ.
” އެކަމާ އެހާވަރަށް ނުވިސްނާ ހިނގާ ކާންދާން. އިރާދުކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ” ސާނިޔާ ޒިޔާދުއަށް ހިތްވަރު ދިނެވެ. ސާނިޔާވެސް ހަނާގެ އެހާލާމެދު އިންތިހާއަށް ހިތާމަކުރިއެވެ. ރަހުމަތްތެރިއެއްގެ ހައިސިއްޔަތުންނެވެ.
ހަލިދު އައުމުން ރަމްލާ ޒިޔާދު ދެއްކި ވާހަކަ ހާލިދުއަށް ކިޔާދިނެވެ. ރަމްލާގެ ވާހަކަ އަޑު އެހުމަށްފަހު ހާލިދު އިންތިހާއަށް ރުޅިގަދަވިއެވެ. ނަމަވެސް އެރުޅި ކޮންޓްރޯލްކޮށް ހަނާއަށް އެހީތެރި ވަމުންދިޔައެވެ.
ދެދުވަސް ފަހުން ހަނާ ހޮސްޕިޓަލުންގެއަށް ދޫކޮށްލިއެވެ. ނަމަވެސް ހަނާއަށް ތެދުވެ ނޫޅެވެއެވެ. އެތެރެހައްޓަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން ވޭންއަޅާވަރުންނެވެ. ވަކިވައްތަރެއްގެ ކާއެއްޗެއް ނޫނީ ހަނާއަށް ކެއުން މަނަލެވެ. ހާއްސަކޮށް ކުޅި އެއްވެސް އެއްޗެއް ކެއުން ޑޮކްޓަރ ވަނީ މަނާކޮށްފައެވެ. ނިސާދު ހަނާ ވަރިކުރުންވީ ހަނާގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިކަމަކަށެވެ. ލޮލުން ކަރުނަ ނުހިކެއެވެ. ކާއެއްޗެއް ރަނގަޅަށް ނުކެވެއެވެ. ހާލަތު ހުރިގޮތުން ހަނާއަށް ޔާޝްއަށް ވެސް އަޅާނުލެވެއެވެ.
އެއްދުވަހެއްގެ ހެނދުނުގެ ވަގުތެވެ. ރަމްލާ ހަނާގެ ކޮޓަރީ ދޮރުމަތިން ހުރަސްކޮށްލި ވަގުތު ހަނާ ވާހަކަ ދައްކާ އަޑު އިވިގެން ކުރިއަށް އެޅި ފިޔަވަލު ފަހަތަށް އަޅާ ކޮޓަރީގެ ދޮރާ ކައިރިއަށް ޖެހި ކުޑަކޮށް ހުޅުވިފަ ހުރި ދޮރުން އެތެރެ ބަލާލިއެވެ. ” ދަރިފުޅާ!! މަންމައަށް މާފްކުރޭ… މަންމަ ދިރިއުޅެން ވަރަށް މަސައްކަތް ކޮށްފިން. އެކަމަކު ދަރިފުޅުގެ ބައްޕަ އަހަރުމެން ދެމައިންގެ ބޭނުން ނެތިގެން އެދިޔައީ. މަންމަ ނެތްދުވަހަކުންވެސް ދަރިފުޅު މަންމަ ކުއްވެރި ނުކުރާތި. މަންމައަކީ ކުއްވެރިއެންނޫން. މިހުރިހާ ދުވަހެއްވަންދެން މަންމަ ކެއްކުރީ ދަރިފުޅަށްޓަކާ. އެކަމަކު މިހާރު މަންމަގެ ކެއްތެރިކަން ކޮޅުންލައިފި ” ހަނާ ރޮމުން ކުޑަކުޑަ ޔާޝް އާއި މުހާތަބްކޮށް ވާހަކަ ދައްކަމުން ދިޔައިރު ޔާޝް އަސަރުން ފުރިގެންވާ ގޮތަކަށް ހަނާގެ މޫނަށް ބަލަން އިނެވެ. ހީވަނީ ހަނާ ދެއްކި ހުރިހާ ވާހަކައެއް ޔާޝްއަށް ވިސްނިފަ ވާހެންނެވެ. ޔާޝް ބަލަން އިންގޮތުން ހަނާގެ ލޮލުން ފައިބަމުން ދިޔަ ވޭނީ ކަރުނަތައް ފޮހެލުމަށްފަހު ޔާޝް ގަޔާކައިރިކޮށް މޭގަޖައްސާ ބާރުކޮށްލިއެވެ. މައިވަންތަކަމުން ފުރިގެންވާ ގޮތަކަށެވެ. އެމަންޒަރު ބަލަން ދޮރުކައިރީ ހުރި ރަމްލާގެ ވެސް ދެލޯވަނީ ފެންކަޅި ވެފައެވެ.
ކުޑައިރުކޮޅެއް ވީއިރަށް ހަނާ ކެއްސަންފެށިއެވެ. ދެތިންފަހަރު ކެއްސާލުމާއެކު ހަނާގެ އަނގައިން ލޭއައިތަން ރަމްލާއަށް ފެނުނެވެ. އެވަގުތު ހާލިދުއަށް ގޮވަމުން ރަމްލާ ހަނާއާއި ހަމައަށް ނުދެވެނީސް ހަނާ އެނދުމައްޗަށް ހަރަކާތެއްނެތި ދެމުނެވެ. އޭރު ހަނާގެ މުޅި އަނގަމަތި ވަނީ ލެއިން ރަތްވެފައެވެ.
ރަމްލާގެ އަޑަށް ހާލިދު އައިސް އެމްބިއުލާސް ގެނެސްގެން ހަނާ ހޮސްޕިޓަލަށް ގެންދިޔައެވެ. ” ހަދީޖާ ވަރަށް އަވަހަށް ގެއަށް އާދެބަލަ ” ރަމްލާ ހަދިޖާއަށް ގުޅާފަ ބުންޏެވެ. ހަދިޖާއަށް ރަމްލާގެ އަޑު ކަންފަތުގާ ޖެހުމުން ވެގެން އުޅޭގޮތް އޮޅުންފިލިއެވެ. އަދި އަވަސްވެގަތީ އެގެއަށް ދިޔުމަށެވެ. ހަދިޖާ އައުމުން ރަމްލާ ޔާޝް ހަދީޖާ އަތަށް ދިނުމަށްފަހު ރަމްލާގެ ދަރިފުޅު ނީސް އުރާލައިގެން ހޮސްޕިޓަލަށް ދިޔުމަށް ގެއިން ނިކުތެވެ. ” ހަނާގެ ހާލު ވަރަށް ސީރިއަސް. ވީވަރަކުން ހިތްހަމަ ޖައްސައިގެން ގެންގުޅެވޭތޯ ބަލާ. އެހެންނޫނީ ހަނާގެ ފުރާނައަށް ވެސް…. ” ޑޮކްޓަރ މިވަރަށް ހާލިދުގެ ގާތުގައި ބުނުމަށްފަހު ހާލިދުގެ ކޮޑުގާ ހިތްވަރު ކުރާށޭ ބުނާކަހަލަ ގޮތަކަށް ޖަހާލުމަށްފަހު ދިޔައެވެ.
ޑޮކްޓަރ ދިޔުމުން ހާލިދު ގޮސްމަޑުވީ ހަނާ އޮތް އެނދުކައިރީގައެވެ. އަދި ހަނާގެ މިލާ މޯޅިވެފައިވާ މޫނަށް ރަނގަޅަށް ބަލާލިއެވެ. ނިސާދު ކަހަލަ ތަންދޮރު ރަނގަޅަށް ދަންނަ މީހަކު ހަނާ ކަހަލަ ކިޔަމަންތެރި ވަފާތެރިއަކަށް އެފަދަ ބޮޑު ހިތާމައެއް ދިނުމުން ހާލިދު ވެސް އިންތިހާއަށް ހިތާމަކުރިއެވެ. ހާލިދު އެހެން ހުއްޓާ މީހަކު ހާލިދުގެ ކޮޑުގާ އަތްއަޅާލުމުން ސިހިފަ ބަލާލުމަށްފަހު ލޮލަށް ޖަމާވި ކަރުނަތައް ފޮހެލިއެވެ.
” ކީކޭތަ ޑޮކްޓަރ ބުނީ ” ރަމްލާ އައިސް ހާލިދާ ސުވާލުކޮށްލުމުން ހާލިދު ރަމްލާ ތަންކޮޅެއް ދުރަށް ގެންދިޔުމަށްފަހު ޑޮކްޓަރ ދެއްކި ވާހަކަތައް ތަފްސިލްކޮށް ރަމްލާއަށް ކިޔާދިނެވެ. ” އޭގެ ފަހުން ރަމްލާ އެންމެފަހަރަކު ވެސް ނިސާދުއަށް ގުޅަށް މަސައްކަތް ކުރިންތަ؟ ” ހާލިދު ސުވާލުކޮށްލިއެވެ. ” ކިހާވަރަކަށް ގުޅާނީ. ފޯން ރިންގްވޭ. އެކަމަކު އެންމެ ފަހަރަކު ވެސް ފޯނަށް ޖަވާބެއް ނުދޭ ” ރަމްލާ ބުންޏެވެ. ” އެހެންވިއްޔާ ހަނާ ރަށަށް ފޮނުވަންވީ އެއްނު. ރަށުގަ ޒުހުރާ ވެސް އެހުރީނު. މިހާރު ޒުހުރާގެ ގާތުގައި ބުނެފިންތަ ހަނާ ބަލި ވާހަކަ ” ހާލިދު ރަމްލާ އާއި ސުވާލުކޮށްލިއެވެ. ” އަދި ނުބުނަން. ކުއްލިއަކަށް މިހާބޮޑު ކަމެއްވީމާ ބުނަން ނުކެރިފަ މިހުންނަނީ ” ރަމްލާ ބުންޏެވެ. ” ޒިޔާ ލައްވާ ވެސް ބުނަން ވެއްޖެ އެއްނު މިހާރު ” ހަލިދު ހިތްހަމަ ނުޖެހޭ ރާގެއްގަ ބުނެލިއެވެ. އެވަގުތު ރަމްލާގެ ފޯން ރިންގް ވާންފެށިއެވެ. ” ދައްތާ މިހާރު ހަނާ ކިހިނެއްތަ؟ ” ރަމްލާ ފޯން ނެގުމުން ސާނިޔާ ސުވާލުކޮށްލިއެވެ. ” ރަނގަޅެއް ނޫން. މިހާރުވެސް މިއުޅެނީ ހޮސްޕިޓަލްގަ ” ރަމްލާ ބުންޏެވެ. ” ސާނިޔާ ދައްތައަށް ކަމެއް ކޮށްދިބަލަ ” ރަމްލާ ސާނިޔާގާތުގައި ބުނެލިއެވެ.
” ބުނޭ އަވަހަށް. އަހަރެންނަށް ކޮށްދެވޭ ކޮންމެ ކަމެއް އުފަލުން ކޮށްދޭނަން ” ސާނިޔާ ބުންޏެވެ. ” ކޮށްދޭންވީކަމަކީ ޒިޔާ ގާތުގައި ބުނެގެން ހަނާގެ މަންމަ ގާތުގައި ހަނާގެ ވާހަކަ ބުނެދޭންވީ ” ރަމްލާ ބުންޏެވެ. ” އިރާދުކުރެއްވިއްޔާ މިއަދު ހަވީރު ތިކަން ކުރާނަން ” ސާނިޔާ ރަމްލާ ބުނި ކަންތައް ކޮށްދޭނެ ކަމަށް ބުންޏެވެ.
ހަވީރުގެ ހިތްގައިމު ވަގުތެވެ. ޒިޔާދާއި ސާނިޔާ ތިބީ ޒުހުރާގެ ގެގައެވެ. ހަނާގެ މިހާރުގެ ވީރާނާ ވަމުންދާ ދިރިއުޅުމުގެ ވާހަކަ ޒުހާރާއަށް ކިޔާދިނުމަށް ގޮހެވެ. ހަނާގެ ހިތްދަތި އެހެނަސް، ކެއްތެރި ދިރިއުޅުމުގެ ވާހަކަ ޒުހުރާ އަޑު އެހީ ފުންހިތާމަޔާ އެކުގައެވެ. ހުރިހާ ވާހަކައެއް ކިޔާދިނުމަށްފަހު ޒިޔާދު ޒުހުރާގެ ކިބައިން މާފަށްވެސް އެދުނެވެ. ” ޒިޔާދު ދައްތަ ކިބައިން މާފަށް އެދެން ޖެހުނީ ކީއްވެތަ؟ ” ހައިރާންކަމާއެކު ޒުހުރާ އަހާލިއެވެ. ” ހުރިހާ ކަމެއް އަހަރެންނަށް އެނގިހުރެ ދައްތައަށް ހަގީގަތް ސިއްރު ކުރެވުނީތީ. ހުރިހާ ކަމެއް ސިއްރުކުރަން ޖެހުނީ ހަނާގެ އެދުމަށް. ހަނާ ބޭނުންނުވީ ދައްތަ ދެރަވެގެން އުޅޭތަން ދެކެން. އެކަމަކު މިހާރު ކަންތައް މިވީގޮތުންވެސް މިލިބުނީ ކިހާބޮޑު ދެރައެއް. އެކަމަކު ދައްތާ!! ހަނާއަކީ ހިތްވަރުގަދަ ކެއްތެރި ކުއްޖެއް. ނިސާދުގެ އުޅުން އެހެން ހުރިއިރުވެސް ހަނާ ޔާޝްއަށްޓަކާ ހުރިހާ ކަމެއް ސިއްރުކޮށްގެން ނިސާދުއާއެކުގަ އުޅެމުން އައީ. އެހެން ނަމަވެސް ހަނާގެ ކެއްތެރިކަން ކޮޅުންލީ ވަރިކުރުމުން ” ޒިޔާދު ބުންޏެވެ.
” ދައްތައަށް ހަނާ ގެނެސްދީ ” ޒުހުރާ އާދޭހުގެ ރާގުގައި ބުނެލިއެވެ. ” ދައްތަ އެކަމާ ހާސްނުވޭ. ހަނާ ބަލައިދާންވެގެން އަހަރެން މިހާރު ވާނީ ޓިކެޓް ވެސް ބްކިން ހަދާފަ ” ޒިޔާދު ބުންޏެވެ. އޭރު ޒުހުރާގެ ލޮލުން ކަރުނަފައިބަމުން ދިޔައެވެ.
ދެދުވަސް ފަހެވެ. ރަމްލާ ބަނދިގޭގައި އުޅެނިކޮށް ދޮރުގައި ތަކިޖަހަން ފެށުމުން އައިސް ދޮރު ހުޅުވާލިއެވެ. ” އާއިޝަތު ހަނާ އުޅުއްވާތޯ ” ދޮރުމަތީ ހުރި މީހާ ސުވާލުކޮށްލިއެވެ. ” އާދެ! ކިހިނެއްތޯވީ ” ރަމްލާ ވެސް ކޮށްލީ ސުވާލެކެވެ. ރަމްލާގެ އެސުވާލާއެކުގައި އެމީހާ ދިއްކޮށްލީ އަތުގައި އޮތް ފައިލެވެ. ރަމްލާ ފައިލްގައި ހިފާފައި ރަނގަޅަށް ބަލާލުމުން އެއީ ކާކުކަން ނޭންގުނަސް އެމީހަކު އައީ ކީއްކުރަންކަން އެނގުނެވެ. އަދި އެމީހާގެ މޫނަށްވެސް ބަލާލިއެވެ. ” ކޯޓަށް ހާޒިރު ވުމުގެ އަމުރު… ” ރަމްލާއަށް ގަޑުގެ މަތީގައި ބޮޑުކޮށް ލިޔެފައިވާ އިބާރާތް ކިޔާލެވުނެވެ. ރަމްލާ ޗިޓްގައި ސޮއިކޮށްލާފަ ފައިލް އެމީހާގެ އަތަށް ދިއްކޮށްލިއެވެ. އެއަށްފަހު އެމީހާ ދެޗިޓުން އެއްޗިޓް ރަމްލާއަށް ދިއްކޮށްލުމުން ރަމްލާ ޗިޓް ހިފައިގެން އެތެރެއަށް ވަނެވެ. އަދި ހަނާގެ ކޮޓަރީއަށް ޗިޓް ހިފައިގެން ވަނެވެ. ރަމްލާ ކޮޓަރިއަށް ވަނުމުން ހަނާ ބަލިގޮތަކަށް ރަމްލާއަށް ބަލާލިއެވެ. ” ތީކޮން ގަނޑެއްތަ؟ ” ރަމްލާގެ އަތުގައި އޮތް ގަނޑު ފެނުމުން ހަނާ ބަލި އަޑަކުން ސުވާލުކޮށްލިއެވެ. ” މާދަން ހަނާ ކޯޓަށްދާން ކިޔާފަ މިއޮތީ ” ރަމްލާ ހަނާގެ މަގަތުން އެނދުގައި އިށީންނަމުން ބުނެލިއެވެ. ” އަހަރެންނަށް އެނގޭ މިދުވަސް އަހަރެންނާ ބައްދަލުނުކޮށް ނުދާނެކަން ” ހަނާ ދެރަވެފަ ބުންޏެވެ. ކަންދިމާވި ގޮތުން ހަނާ ކޯޓަށް ދާންޖެހުނު ދުވަހު ޒިޔާދާއި ސާނިޔާއަށް ވެސް ހުރެވުނީ މާލޭގައެވެ. ހަނާ ބަލައި އައިހެވެ.
އޭގެ އަނެއް ދުވަހެވެ. ހަނާ ގޮވައިގެން ރަމްލާ ކޯޓަށް ދިޔައެވެ. ރަމްލާ އާއި އެކުގަ ޒިޔާދާއި ސާނިޔާވެސް ދިޔައެވެ. ރަމްލާމެން ކާރުން ފައިބައިގެން ފެމެލީ ކޯޓްގެ ދޮރުމައްޗަށް ފޭބި ވަގުތު ރަމްލާމެންނަށް ނިސާދު ތަންކޮޅެއް ދުރުގައި ހުއްޓާފެނުނެވެ. ކައިރީގައި އަންހެން ކުއްޖެއްވެސް ހުއްޓެވެ. ހަނާއަށް ނިސާދު ފެނުމުން ހަނާގެ ދެކޮޑުގައި ހިފަހައްޓާފައި ހުރި ރަމްލާގެ ދެއަތް ނައްޓާލުމަށްފަހު ނިސާދާއި ދިމާއަށް ހިގައިގަތެވެ. ނިސާދާއި ފުދޭވަރަކަށް ކައިރިއަށް ދިޔަތަނާ ނިސާދާއި ހަނާ އާއި ދެމެދަށް ހަސްމާ ވަނެވެ. އަދި ރުޅިވެރިކަމާއެކު ހަނާއަށް ބަލާލިއެވެ. ” މިކޮޅަކަށް ނޫން އަންނަންވީ. އެކޮޅަށް ދާންވީ ” ދޮރާއި ދިމާއަށް އިސާރާތްކޮށް ހަސްމާ ބުނެލިއެވެ. އެވަގުތު ހަނާއަށް ބަލާލެވުނީ ނިސާދުއަށެވެ. ހަނާއަށް ނިސާދުގެ މޫނުމަތިން އިންތިހާއަށް ނަފްރަތާއި، ރުޅިވެރިކަން ފާހަގަ ކުރެވުމުން ދޮރާ ދިމާއަށް ހިގައިގަތެވެ. ރޮމުންނެވެ. ހަނާ އާއި އެއްވަރުކޮށް ރަމްލާ ވެސް ކޯޓަށް ވަދެގެން ދިޔައެވެ. އޭގެ ފަހުން ނިސާދު ވަނެވެ. ހަސްމާ ބޭރުގައި މަޑުކުރިއެވެ.
” ތީދޯ ޒިޔާދަކީ ” ނިސާދު ދިޔުމުން ހަސްމާ ޒިޔާދާއި ކައިރިއަށް ޖެހި ސުވާލުކޮށްލިއެވެ. ” އާނ. ކިހިނެއްވީ ” ޒިޔާދު އަހާލިއެވެ. ” ކަލޭ ކީއްކުރަންތަ އެވަރަށް ނިސާދުއަށް ގުޅަނީ. ކަލޭއަކަށް ނޭންގޭތަ ނިސާދަކީ ފިރިހެނެއްކަން ” ހަސްމާ އެއްވެސް ޖެހިލުމެއްނެތި ބުނެލިއެވެ. ” ކޮބާތަ މައްސަލައަކީ ” ޒިޔާދު އަހާލިއެވެ. ” ބަލަ ނިސާދު ނޫޅޭ އަންހެނަކު ނުވެގެން. ކަލޭއަށް އަންހެނަކު ނުވިޔަސް ނިސާދުއަށް އަންހެނުންވޭ!!! ” ހަސްމާ ރުޅި އައިސްފަ ބުންޏެވެ. ” ރަނގަޅު ވާހަކައެއްތީ. އެކަމަކު އަހަރެންނަށް އަންހެނަކު ނުވިޔަސް ފިރިހެނެއްގެ ގާތަށް ނުދަން ތިބުނާ ކަހަލަ ކަމެއްގަ. އަހަރެން ނިސާދުއަށް ގުޅަނީ ނިސާދުއަކީ އަހަރެންގެ ދުވަސްވީ ރަހުމަތްތެރިޔާ ކަމަށްވީތީ. އެހެން ނޫނަސް އަހަރެންނަށް ތިފާޑަށް ވާހަކަ ދައްކަންތީ ކާކުތަ؟ ” ޒިޔާދު ހަސްމާގެ ބޮލުން ފެށިގެން ފަޔާހަމައަށް ބަލާލާފައި ބުނެލިއެވެ. ސާނިޔާ ޒިޔާދު ކައިރީގައި އެއްވެސް އެއްޗެއް ނުބުނެ ހުއްޓެވެ. ” އަހަރެން މީ ނިސާދުގެ ވާންއުޅޭ އަނބިމީހާ ” ފަހުރުވެރިކަމާއެކު ހަސްމާ ބުނެލިއެވެ.
” ބަލާލީމަވެސް ތިހެން ހީވެއްޖެ. އެހެއްނުވާނީ ނިސާދުއަށް ވެސް ގޮތެއް ފޮތެއްނެތް މީހަކު ނޫނީ ނުފެނުން ވިއްޔާ މިމާލެއިން. ލަދެއްވެސް ނުގަނޭތަ އެހެން މީހުންގެ ވާހަކަ ދައްކާކަށް. ތިމާއަށް އުޅެވިފަހުރި ގޮތް އެނގިހުރެ، ގޮތެއްހުރި މީހެއްނަމަ އެހެންމީހެއްގެ ދިރިއުޅުމުގެ ތެރެއަށް ނުވަންނާނެ. ތީހަމަ ތިކަހަލަ ހަށިއްކައިގެން އުޅޭ މީހުންގެ ވައްތަރު… ” ޒިޔާދު އެންމެ ތަންކޮޅެއްވެސް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. ” ޒިޔާދޫ…! ކޮންމެހެން ހަސްމާ އާއި ދިމާއަށް އެއްޗެހި ކިޔާނެކަމެއްނެތް. ކިޔާ އެއްޗެއް އަހަރެންނާ ދިމާއަށް ކިޔާބަލަ ” ޒިޔާދު އެންމެ ފަހު ޖުމްލަ ހަސްމާ އާއި ދިމާލަށް ބުނި އަޑު ނިސާދުއަށް އިވުމުން ނިސާދު ހަޅޭލަވައިގަތެވެ. ” އަހަރެން ކިއްކުރަން ނިސާދާ ދިމާއަށް އެއްޗެއް ބުނަންވީ. މީހަކު ބުނާއެއްޗެއް އަޑު އަހާ މީހެއްނޫންތީ. އެހެންނޫންނަމަ އަމިއްލަ ދިރިއުޅުން ހަލާކުކޮށް ނުލާނެ ” ޒިޔާދު ބުންޏެވެ. ” އެއީ އަހަރެންގެ ދިރިއުޅުން. ހަލާކު ކުރާނީވެސް އަހަރެން. ޒިޔާދުއެއް ނޫން. އެކަމާ ޒިޔާދު ބެހޭކަށް ނުޖެހޭނެ ” ނިސާދު ބުންޏެވެ. ” މިހާރު އެގިއްޖެ ބެހެން ނުޖެހޭނެކަން. ނިސާދުގެ ދިރިއުޅުން ހަލާކުވެގެން ދިޔައީ މިހިރަ އަންހެނާގެ ނުބައިކަމުން. އޭނާގެ އަވައިގަ ޖެހިގެން…. ” ޒިޔާދު ބުންޏެވެ. ” ޒިޔާދޫ…! ނިސާދު ޒިޔާދުގެ ކަންފަތްމަތީ އެތިފަހަރެއް އެޅިއެވެ. އެވަގުތު އެތާތިބި މީހުން ދިޔައީ ސިހިގެންނެވެ. އެހިސާބު މަގުމަތީ ހިނގާ ބިގާވެ އުޅުން މީހުންގެވެސް ސަމާލުކަން ހުއްޓުނެވެ. ދުވަސްވީ ރަހުމަތްތެރިޔާގެ ފަރާތުން ލިބުނު އަގުބޮޑު ހަދިޔާ ޒިޔާދުއަށް އެނގި ހައިރާންކަމާއެކު ނިސާދުގެ މޫނަށް ބަލާލިއެވެ. ” ކުރިން ވެސް އަހަރެން ބުނިން ހަސްމާ އާއި ނުބެހެން. ބުނާ އެއްޗެއް އަހަރެންނާ ދިމާއަށް ބުނޭ ” ނިސާދު ބުންޏެވެ. ” އަހަރެން ކޮންމެހެން ނިސާދުއާ ދިމާލަށް އެއްޗެއް ބުނާކަށް ބޭނުމެއްނޫން. ތީ މީގެ ކުރިން އަހަރެން ދަންނަ ނިސާދުއެއް ނޫން. މިހާރު ތީ އެސިފައިގަ ހުރި އެހެން މީހެއް. އެހެން ނޫންނަމަ މިއަދު މިތާގަ ތި ޑުރާމާ ކުޅޭކަށް ނުހަދާނެ. ބަލާތި އަދި ކޮންމެވެސް ދުވަހަކު ތިކުރާ ހުރިހާ ކަމަކަށް ނިމުން އަންނާނެ. އަދި އަނބިދަރިން ދޫކޮށްފަ މިހިރަ ގޮތެއްނެތް އަންހެނާ ބޮލަށްލައިގެން ކުރަން ތިދިމާކުރާ ހުރިހާކަމަކަށް ވެސް ނިމުންއަންނާނެ. އެދުވަހަކުން އަޅާލާނެ މީހެއްވެސް، ވަންނާނެ ތަނެއްވެސް ނުވާނެ. ” ޒިޔާދު ރުޅިއައިސްގެން ބުނެލިއެވެ. ” ޒިޔާދޫ!!! ” މިހެންބުނެ ދެވަނަ ފަހަރު ޒިޔާދުގައިގަ ޖަހަންވެގެން ޒިސާދު އަތް ނެގުމުން ޒިޔާދު ނިސާދުގެ އަތުގައި ހިފެހެއްޓިއެވެ. ” ބުނަން ވާހަކައެއް. ދެވަނަ ފަހަރު ތިގޯސް ހަދަން ނޫޅޭ. އަހަރެން ތިގޯސް ހަދަން އުޅެފިނަމަ ނިސާދުއަށް ޅަދުވަސް ހަނދާން ކޮށްދޭނަން. ” މިހެން ބުނެ ޒިޔާދު ނިސާދުގެ އަތް ދުފަށް ފޮލުވާލިއެވެ.
” ނިސާދު ލަދެއްވެސް ނުގަނޭތަ ތިފާޑަށް މިތާގަ ޒިޔާދާ ވާހަކަދައްކަން. ބަލަ ނިސާދުގެ ދިރިއުޅުން ރަނގަޅުކުރަން ޒިޔާދު ކޮންކަމެއްތަ ނުކުރަނީ. އެކަމަކު ނިސާދު ތިވަނީ އޭނާގެ ބޮލުގާ ދުވަހަކުވެސް އެއިލްޒާމަކުން ސަލާމަތް ނުވެވޭވަރުގެ އިލްޒާމެއް އަޅުވާފަ. މަގޭ ހިތަށް އަރާ ތީ ކޮންކަހަލަ އިންސާނެއްބާއޭ. އަންހެނެއްގެ ވަސްވާހުގާ ޖެހުނަސް ތީދެން ބޮޑުވަރެއް. އަހަރެން ބޭނުންނަމަ ތިދެމީހުން ޕޮލިހުންނާވެސް ހަވާލުކުރެވިދާނެ ” ރަމްލާ ރުޅިގަދަވެގެން ނިސާދުގެ ކޮޑުގާ ހިފާ ދުރަސް ކޮށްޕާލުމަށްފަހު ބުންޏެވެ.
” ހިލޭ އަންހެނަކަށް ވެގެންހުރެ މީހެއްގެ ފިރިއަކާއެކުގައި ޖަހާނެ ސަކަރާތެއްޖެހީ ކޮންހައްގެއް އޮވެގެންތަ؟. އަހަރެން އެއްޗެއް ނުބުނެ މިހުންނަނީ ކަމެއްނޭންގި ގެންނޭ ހީނުކުރާތި ” ރަމްލާ ހަސްމާ އާއި ދިމާއަށް އެނބުރިފަ ބުންޏެވެ. އެވަގުތު ހަސްމާއަށް ބަލާލެވުނީ ނިސާދުގެ މޫނަށެވެ. ” ނިސާދު އަހަރެންގެ ކޮއްކޮ އަކަށްވީތީ މިހާރު ލަދުގަނޭ. ގޮތްކުޑަކަމާއި ހަޔާތްކުޑަކަމުން ހައްދު ފަހަނަ އަޅާފަ ތިހުރީ. ހަނދާންކުރާތި! ދުވަހަކުވެސް އަހަރެން ފެންނަ ހިސާބަށް ނާންނާތި. އަހަރެން ތިފަދަ ރަހުމެއްނެތް މީހެއްގެ މޫނު ދެކޭކަށް ބޭނުމެއްނޫން ” ރަމްލާ ނިސާދާއި ދިމާއަށް އެއްޗެހި ކިޔަމުން ދިޔައިރު ހަނާ ކައިރީގައި ރޮވިފައި ހުއްޓެވެ. ކުރާނެ ކަމެއް ނެތިފައެވެ. ހަނާގެ ކިބައިގާ ދިރިއުޅޭނެހާ ހިތްވަރެއް ނެތެވެ. ނަމަވެސް ޔާޝްއަށްޓަކާ ދިރިއުޅެން މަސައްކަތްކުރަނީއެވެ.
ރަމްލާ ހަނާ ގޮވައިގެން މަގުމަތިން ޓެކްސީއެއް ނަގައިގެން ގެއަށް އައެވެ. ” ދައްތާ އަހަރެން މިއައީ ހަނާ ބަލާ. ޒުހުރައްތަވެސް ބޭނުންވަނީ ހަނާ ގެންނަން ” ޒިޔާދު ރަމްލާ ގާތުގައި ބުންޏެވެ. ” ކޮންއިރަކުން ފުރަނީ ” ރަމްލާ އަހާލިއެވެ. ” މާދަން ހެނދުނު އަށެއް ޖަހާއިރު. ދައްތަ ހަނާގެ ފޮށި ތައްޔާރުކޮށް ދޭތި ” ޒިޔާދު ބުންޏެވެ. ރަމްލާ ބޮލުގެ އިޝާރާތުން އާއެކޭ ބުނުމުން ޒިޔާދާއި ސާނިޔާ އެގެއިން ނިކުމެގެން ދިޔައެވެ.
ނިސާދާއި ހަސްމާ ގެއަށްދިޔައިރު ދެމީހުންގެ މޫނުމަތިންވެސް ނުތަނަވަސްކަން ހާމަވަމުން ދިޔައެވެ. ރަމްލާގެ ވާހަކަތަކުން ނިސާދުހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ” ދައްތައަށް ކިހިނެތް އެެނގުނީ އަހަރުމެންގެ ދެމެދުގައި ސިއްރު ގުޅުންތަކެއް ހިނގާފައިވާކަން “ނިިސާދު ހަސްމާގެ ގާތު ސުވާލުކޮށްލިއެވެ. ” ނޭންގެ އަހަރެންނަކަށް. އަހަރެންވެސް މިހުންނަނީ އެކަމާ ވަރަށްބޮޑަށް ކަންބޮޮޑުވެފައި ” ހަސްމާ ވެސް ވާނުވާ ނޭންގޭ ހާލު ޖަވާބު ދިނެވެ. ހަގީގަތުގައި އެކަން އެމީހުންނަކަށް ނޭންގެއެވެ. ” އެކަމާ ދެން އަޅާނުލާ. ދެންމިކަންވެސް މި ނިމުނީއެއްނު. ދެން އަހަރުން ކައިވެނި ކުރުމަށް އެއްވެސް ހުރަހެއް ނެތް ” ނިސާދު ހަސްމާއާއި އެކު ކޮޓަރިއަށް ވަދެ ހަސްމާގެނެސް ގަޔާ ކައިރި ކޮށްލަމުން ބުނެލިއެވެ.
މެންދުރު ހަނާއަށް ކާންހިފައިގެން ކޮޓަރިއަށް ވަތްއިރު ހަނާ ފަންގިފިލާއަށް ބަލަން އޮތެވެ. އަދި ރަމްލާ އަންނަކަން އެނގުމުން ލޮލުން ފައިވަބަމުންދިޔަ ކަރުނަތަށް ފޮހެލިއެެވެ. ރަމްލާ ތަށިހިފައިގެން އައިސް ހަނާގެ މަގަތުން އެނދުގައި އިށީނެވެ. ” ހަނާ އާދޭ ކާން ” އޯގާތެރި ކަމާއެކު ރަމްލާ ބުންޏެވެ. ” އަހަރެން ނުވޭ ކާހިތެއް ” ހަނާ ބުންޏެވެ. ” ތިހެން ހަދާކަށް ނުވާނެ. މިއަދު ޔާޝްއަށްޓަކައި ވެސް ހަނާ ހިތްވަރު ކުރަންވާނެ. ކެތްކުރަން ވާނެ. ދައްތަވެސް ޤަބޫލުކުރަން ދެރަވާނެކަން. އަދި ދިރިއުޅުންމަތިން ފޫހިވާނެކަން. އެކަމަކު ދަރިއަކު ހުރިއިރު އެދަރިފުޅަށްވެސް ވިސްނާލަން ވާނެ ” ރަމްލާ ވާހަކަ ދައްކަމުން ހަނާގެ އަތަށް ތަށިލިއެވެ. އަދި ރަމްލާގެ އެދުމުގެ މަތިން ހަނާ ކާންފެށިއެވެ. ” ހަނާގެ މަންމަގެ އެދުމުގެ މަތިން ހަނާ ރަށަށް ގެންދަން ވެގެން ޒިޔާ މާލެއައިސް އެއުޅެނީ ” ރަމްލާ ބުންޏެވެ. އެވަގުތު ހަނާ ރަމްލާއަށް ބަލާލިއެވެ. އެބެލުމުގައި ހިތާމައިގެ އަސަރު އިންތިހާއަށް ހުއްޓެވެ. ” ދައްތައަށް އަހަރެން ހުރީމާ އުނދަގޫ ވަނީތަ؟ ” ހަނާ ސުވާލު ކޮށްލިއެވެ. ” ދައްތައަށް އުނދަގޫ ވެގެންނެއް ނޫން މިހެން މިބުނީ. ހަނާ ފޮނުވަނީ ހަނާގެ މަންމަގެ އެދުމުގެ މަތިން. ދައްތަ ހަނާ ފޮނުވާކަށް ބޭނުމެއް ނޫން. އެހެން ނަމަވެސް ހަނާގެ ހާލަތަށް ބަލާފަ ހަނާގެ މަންމަގާތަށް ފޮނުވުން އެއީ ދައްތައަށް ފެންނަ ގޮތްކަމަށް ވާތީ ދައްތަ މަންމަ ގާތު އެއްބަސްވީ ހަނާ ފޮނުވަން ” ރަމްލާ ބުންޏެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނު ޒިޔާދާއި ސާނިޔާ ހަނާ ގޮވައިގެން ފުރިއެވެ. ހަނާ ނުދާންވެގެން ގަދަވެސް ހެދިއެވެ. ނަމަވެސް ޒިޔާދު ހަނާ ގަދަކަމުންވެސް ގެންދަން ބޭނުންވީ ރަހުމުގެ ކަންފުޅެއްވެސް ހިތުގައި ނެތްމީހެއް ހުރި ފަސްގަނޑެއްގަ ހަނާ ބަހައްޓަން ބޭނުން ނުވާތީއާ ޒުހުރާ ހަނާ ރަށަށް ގެންދަން ބޭނުންވާތީއެވެ. ބޯއްޓުމަތީގައި ސާނިޔާ ޔާޝް މަސަލަސް ކުރަމުން ދިޔައީ ހަނާގެ ހާލަތު ހުރިގޮތުން ޔާޝް ހަނާއަށް ނުބެލޭތީއެވެ.
ގާތްގަޑަކަށް އެއްގަޑިއިރެއްހާ ވަގުތުގެ ދަތުރަކަށްފަހު ޒިޔާދުމެން ދަތުރު ކުރަމުންދިޔަ ފުލައިޓް ފުވައްމުލަކު އެއަރޕޯޓަށް ޖެއްސީ ޒުހުރާ ޓާމިނަލްގައި ހުއްޓައެވެ. ޒުހުރާ ހުރީ ހަނާ ދެކިލާހިތުން ކެތްމަދު ވެފައެވެ. ސާނިޔާ އެއްއަތުން ޔާޝްގެ އަތުކުރުގައި ހިފައިގެން އަނެއް އަތުން ހަނާގެ ކޮނޑުގައި ހިފާ ސާނިޔާގެ ގަޔާ ލައްކޮށްލައިގެން ޓާމިނަލް ތެރެއަށް ނުކުތެވެ. ފަހަތުން ޒިޔާދު ޓްރޮލީއަށް ފޮށިތަށް އަރުވައިގެން ނިކުތެވެ. ހަނާ ފެނުމުން ޒުހުރާ އައިސް ހަނާގެ ގައިގާ އޮޅުލައި ގަތެވެ. ” ދަރިފުޅާ! ” ޒުހުރާއަށް ރޮއިގަނެވުނެވެ. ދެލޮލުގެ ކޮއި ފަދައިން ބަފައަކާ ނުލައި ބަލާބޮޑުކުރި ދަރިފުޅު ފެނުމުން ޒުހުރާގެ މައިވަންތަކަމުގެ ޖަޒުބާތުގެ އޮއިވަރު ބާނިލައިގަތެވެ. އަދި ޒުހުރާގެ ގަޔާ ހަނާ ދުރުކޮށްލުމަށްފަހު ހަނާގެ ބޮލުން ފެށިގެން ފަޔާހަމަައަށް ރަނގަޅަށް ބަލާލިއެވެ. ” ކިހިނެތް ވެފާ ދަރިފުޅަށް ތިހުރީ. އެފަދަ ރަހުމުކުޑަ މީހަކަށްޓަކާ ދަރިފުޅުގެ ދިރިއުޅުން ތިހަލާކު ކޮށްލީ ” އަނެއްކާވެސް ޒުހުރާގެ ލޮލުން ކަރުނަ ފައިބާގަތެވެ. ޒުހުރާ ރޯތަށް ފެނި ހަނާއަށްވެސް ރޮއިގަނެވުނެވެ. އެއިރު ތާމިނަލްގެ ތެރޭގައި އެކިކަންކަމުގައި އެއްވެފައި ތިބި މީހުން ވާނުވާ ނޭންގިފާ ތިއްބެވެ. ” ދައްތާ ދެންހިނގާ ގެއަށް ދާން ” މީހުންތަށް އެއްވެގެން ބަލަން ތިބުމުން ސާނިޔާ ބުންޏެވެ.
12 Comments
Comments are closed.
Yeah me first. Vara reethi .
Masha allah varsh furihama
V reethi mi part vs
Haadha haa Salhi ey please aneh part
v reethi
Vaahaka v asaru gadha ? next part ah v inthizaaru kurevey
V v v v v v v reethi dhn in part avahah genesdhy plx
Mee mohamed neer liyefavaa vaahaka eh nun tho
mee mohamed neer liyefavaa vaahaka eh nun…. mee aharen ge vaahaka eh. liyuny ves aharen….
V v v salhi
Wow masha allah v v chill ?? v v furihaha whn nxt prt avahah up kolladhybalaa plx gud nyt ly
vaahaka ah thidhey shauguverikamah nihaayathah shukurivan…. thihen kiyun therin thibeykamah vanyaa adhi mi ahvureh furihama vaahaka thakeh genesdhevidhaane…Thank you so much THAHOO, SAAA, ZEEEE, REET, ,AREE, NAVYA, ZOYA, RAVEEE, MADY, KHAJJA… 🙂