އަގެއްނެތްލޯބި 24 ވަނަ ބައި
ދުވާލުގެ އަލިކަން ފަހަނައަޅާ ރޭގަނޑުގެ އަނދިރިކަމަށް ބަދަލުވިފަހުން ނިސާދު އައިސް ގެއަށްވަނެވެ. ހަނާ ޔާޝް ނިންދެވުމުގާ އަވަދިނެތި އުޅުނެވެ. ” އަހަރެން ބުނި ކަންތަކާ ހަނާ ވިސްނިންތަ؟ ނިސާދު ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމަށްފަހު އެނދުގައި އޮށޯންނަމުން ހަނާ އާއި ސުވާލުކޮށްލިއެވެ. ހަނާ އެއްޗެއް ނުބުނުމުން ނިސާދު ސުވާލު ތަކުރާރުކޮށްލިއެވެ. ދެންވެސް ހަނާ އެއްޗެއް ނުބުނެއެވެ. ޔާޝް ރަނގަޅަށް ނިދުމުން ތަންމަތީ ބޭންވުމަށްފަހު އެނދުގައި އޮށޯވެގެން އޮތް ނިސާދުއަށް ބަލާލިއެވެ. ” އަހަރެން ގަބޫލެއްނޫން ” ހަނާ ބުނެލިއެވެ. ” ކީއްވެގެން ނުގަބޫލް ވާންވީ. އަހަރެންނަށް ދެއަބިން ވެސް ހުއްދައޭ… ” ނިސާދު ހިތްހަމަ ނުޖެހިގެން ބުންޏެވެ. ” ނިސާދު ކީއްވެގެންތަ ތިހެންތި ހަދަނީ. އެހެން މީހެއްގެ ގާތަށް ދާން ތިހާވަރަށް ތިއުޅެނީ އަހަރެންނަށް ނިސާދުއަށް އެންމެ އެކަށީގެންވާ ގޮތަށް ހިދުމަތް ނުކޮށްދެވެނީތަ؟. ތިހެން ކަންތައް ކުރުމުން ޔާޝްއަށް ވެގެން ދާނެ ގޮތާމެދު ވިސްނަބަލަ. އަހަރެން ގަބޫލް ކުރަން މިހާރު ނިސާދުގެ ދިރިއުޅުމުގާ އަހަރެންނަށް ކުޑަނަމަވެސް ޖާގައެއް ނެތްކަން. އެހެން ނަމަވެސް ޔާޝްއަކީ ނިސާދުގެ ލޭ…. އަހަރެން ނޭދެން ޔާޝްއަށް އެއްވެސް ގޮތަކަށް ދެރައެއް ލިބޭކަށް. އެހެންވެ އަހަރެން އާދޭސް ކޮށްފަ ބުނަން ތިކަން ހުއްޓާލާ ” ނިސާދުއަށް ވިސްނާދިނުމުގެ ގޮތުން ހަނާ ވާހަކަ ދެއްކިއެވެ. ” އަހަރެން އެހެން މީހަކާ ކައިވެނި ކުރުމަކުން ޔާޝްއަށް ދެރައެއް ނުލިބޭނެ. އެހެންވީމާ އެކަމާ ހަނާ ދެކޮޅު ހަދާކަށްވެސް ނުޖެހޭނެ ” ނިސާދު ބުންޏެވެ. ” އެހެންވިޔަސް އަހަރެންނަށް ނިސާދު ދެއަނބިން ގެންގުޅޭކަށް ގަބޫލެއްނުވެވޭނެ. އަހަރެން ގަބޫލު ކުރަން ދެއަބިންވެސް ތިންއަބިން ވެސް ހުއްދަކަން. ނިސާދު ނުޖެހޭނެއެކަން އަހަރެންނަށް ބުނެދޭކަށް. އަހަރެން މިބުނީ އަހަރެން ގަބޫލެއްނޫނޭ ” ނިސާދުއަށް ފުރަގަސް ދެމުން ހަނާ ބުނެލިއެވެ. ” ހަނާ ގަބޫލު ނުވެއްޖެނަމަ ޖެހޭނީ އަހަރެންގެ ހަޔާތުން ދުރަށްދާން ” ނިސާދު މިޖުމްލައިން ހަނާ އިސްދަށަށް ޖަހާލިއެވެ. ނިސާދު އެހެން ބުނުމަށްފަހު ހަނާގެ ކުރިމައްޗަށް އައިސް ހަނާގެ ދެކޮޑުގާ ހިފާ ކޮޅަށް ނެގިއެވެ. ” އަދިވެސް އަހަރެން ހަނާއަށް ފުރުސަތު މިދެނީ ވިސްނަން ” މިހެން ބުނުމަންފަހު ނިސާދު ކޮޓަރިން ނިކުމެގެން ދިޔައެވެ.
ނިސާދު ދިޔުމާއެކު ހަނާ އަޑުން އަޑުނަގާ ރޯންފެށިއެވެ. އެވަގުތަކީ ރަމްލާއަށް ކޮޓަރިން ބޭރަށް ނިކުމެވުން ވަގުތު ކަމުން ކަންފަތުގާ މީހެއްގެ ރުއިމުގެ އަޑު ޖެހުނެވެ. އެއަޑާއެކު ރަމްލާއަށް ބަލާލެވުނީ ހަނާގެ ކޮޓަރިއާއި ދިމާލަށެވެ. ރަމްލާ މަޑުމަޑުން ހަނާގެ ކޮޓަރީ ދޮރާކައިރި ވެލިއެވެ. ދޮރުހުރީ ރީތިކޮށް ނުލެއްޕިއެވެ. ރަމްލާ ދޮރު ކުޑަކޮށް ހުޅުވާލިއެވެ. އޭރު ހަނާ އިނީ އެނދުކައިރީ ޓައިލްސްތައް މަތީ އިށީދެގެން އެނދުމަތީ އަތްއަޅައިގެން ރޯށެވެ. ” ކިހިނެއްވީ ” ރަމްލާ އައިސް ހަނާ ކުރެން އަހާލިއެވެ. އެވަގުތު ހަނާ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލުމަށްފަހު ތެދުވެ އެނދުގައި އިށީނެވެ. އެއަށްފަހު ނިސާދު ދެއްކި ވާހަކަ ރަމްލާއަށް ކިޔާދިނެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ހަނާ ވަނީ ގޮތް ހުސްވެފައެވެ. އަމިއްލައަށް ވަރިއަށް އެދިގެން ވަރިވުމަކީ ކިހާވަރެއްގެ ކަމެއްކަން ހަނާއަށް އެނގެއެވެ. އެކިއެކި ސަބަބު ތަކާއިހެދި ހަނާއަށް ވަނީ މިހިތާމައިގަ ހައްޔަރު ވެފައެވެ. ކަންތައް މިހާހިސާބަށް ދިޔުމުން ރަމްލާ ނިއްމީ ހަފްސާއަށް ހުރިހާ ވާހަކައެއް ކިޔާދޭށެވެ. ނަމަވެސް ހަނާ އެކަމަށް ހުރަސް އެޅިއެވެ. ދިރިއުޅުމުގެ ތެރެއަށް މައިންބަފައިން ވަންނަން ބޭނުން ނުވާކަމަށް ބުނެއެވެ.
ދެދުވަސް ފަހުން ޒިޔާދާއި ސާނިޔާ އަދި އަނީސާ ފުވައްމުލަކަށް ފުރިއެވެ. ސާނިޔާ ބޭނުންވާގޮތަށް ދިރިއުޅުން ޒިޔާދުގެ ރަށަށް ބަދަލުކޮށްލީއެވެ. ސާނިޔާއަކީ މާލޭގައި ގެދޮރު ހުރި ކުއްޖެއްކަމަށް ވިޔަސް މާލޭގަ އުޅުމުގެ އެއްވެސް ހިޔާލެއް އަދި ޝައުގުވެރިކަމެއް ނުހުރެއެވެ. އަބަދުވެސް ރަމީޒުގެ ގާތުގައި ބުނަމުން ދިޔައީ މާލޭގައި އުޅެން ބޭނުން ނުވާހަކައެވެ. ސާނިޔާގެ އެބުނުމަށް ރަމީޒް ދެކޮޅެއް ނަހަދައެވެ. ސަބަބަކީ ރަމީޒް ބޭނުންވަނީ ސާނިޔާ ކޮންމެތަނެއްގައި އުޅުންކަމުގައިވިޔަސް ހިތްހަމަ ޖެހިގެން އުފަލުގާ އުޅޭތަން ދެކޭށެވެ.
ތިންދުވަސް ފަހުން އެއްރެއްގެ ރޭގަޑުވަގުތެވެ. ހަނާ އޮތީ ޔާޝް ނިއްދަވާފަ އެނދުގައި އޮށޯވެލައިގެންނެވެ. ” އަހަރެންވާނީ ހަނާގެ ގާތު ކަމަކަށް އެދިފަ. އެކަމާ ހަނާ ވިސްނައިފިންތަ؟ ” ނިސާދު އައިސް އެނދުގައި އޮށޯންނަމުން ހަނާ އާއި ސުވާލުކޮށްލިއެވެ. ހަނާ އެއްވެސް އެއްޗެއް ނުބުނުމުން ނިސާދު ސުވާލު ތަކުރާރުކޮށްލިއެވެ. ހަނާ ހިތާމަޔާ ހިތްދަތިކަމާއެކު ނިސާދުއަށް ފުރަސްދީގެން އޮތުމަށްފަހު ނިސާދު އާއިވީ ފަރާތަށް އެނބުރުނެވެ. ” ތިހެންކަންތައް ކުރަން ތިއުޅެނީ އަހަރެންނަށް ކޮށްކަމެއް ކުރެވިގެންތަ؟. ނިސާދުގެ ހަޔާތުގާ އަހަރެން ބަހައްޓަން ހަމަޖެހިފަވާ ދުވަސްތައް ހަމަވީތަ؟ ” ހަނާ ނިސާދާއި ސުވާލުކުރަމުން ދިޔައެވެ. ނަމަވެސް ނިސާދު ޖަވާބެއް ނުދިނެވެ. ” އަހަރެން ދުވަހަކުވެސް ނިސާދާ ވަކިވާކަށް ބޭނުމެއްނޫން. ޔާޝްގެ ހައްގުގާވެސް ވަކިވާކަށް ބޭނުމެއްނޫން ” ހަނާގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފައިބައިގަތެވެ. ” އަހަރެން ހަނާ ދޫކޮށްލާކަށް ނޫޅެން. އެކަމަކު އަހަރެން ބޭނުންވަނީ ދެއަތްބަށް އެހެންމީހަކާ އިންނަން ” ނިސާދު ބުންޏެވެ.
” އަހަރެން ކުރިންވެސް ބުނިން ނިސާދު ގާތުގައި އަހަރެން ގަބޫލެއްނޫނޭ. ދުވަހަކު ވެސް ގަބޫލެއް ނުވެވޭނެއޭ ” ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ހަނާ ބުނެލިއެވެ. އަދި ތެދުވެ އެނދުގައި އިށީނެވެ. ” ތީ އެންމެ ފަހުގެ ނިންމުންތަ؟ ” ނިސާދު ހަނާ އާއި ސުވާލުކުރީ ހަނާ ކޮޅަށް ނަގާ ނިސާދު ކުރިމަތި ބަހައްޓާފައެވެ. ހަނާ އާއެކޭ ބުނުމާއެކު ހަނާގެ ކޯތާފަތް މައްޗަށް ނިސާދުގެ އަތުގެ ހަމަލާއެއް ފޮނުވާލިއެވެ. އެވަގުތު ހަނާ އެދުމައްޗަށް ވެއްޓުނެވެ. ލޯމައްޗަށް އަނދިރިވެގެން ވެސް ދިޔައީ ހަމަ އެވަގުތު އެވެ. އެވަރުން ވެސް ނިސާދު ހަނާ ދުލެއްނުކުރިއެވެ. ނިސާދު އެނދުމައްޗަށް ޖެހިގަނެ ހަނާގެ އިސްތަށިގަޑުގާ ހިފާ އަނެއްކާވެސް ސުވާލު ކުރަންފެށިއެވެ. ނަމަވެސް ހަނާގެ ޖަވާބަކަށް ބަދަލެއް ނައެވެ.
އެންމެފަހުން ނިސާދުގެ އަނގައިން ނިކުމެގެން ދިޔަ ދެއަކުރުގެ ލަފުޒުން ހަނާގެ މުޅި ދިރިއުޅުން ބަރުބާދުވެގެން ދިޔައެވެ. ދުނިޔޭގެ ހަނގުރާމަޔާ އެކަނި ކުރިމަތިލާން ޖެހުނެވެ. ހިތް ހަލާކުވެ ފުޑުފުޑު ވިއެވެ. ” ދެން އަހަރެންނަށް އެއްވެސް ކަމެއްގަ ހުރަހެއްނެތް. ކުރިންވެސް ނެތް. އެކަމަކު އަހަރެން ބޭނުންވީ ރީތިކޮށް ކަންކުރަން ” ނިސާދު ހަނާ އާއި ދިމާއަށް ބުނެލިއެވެ. ހަނާ ރޯލަރޯލާ އޮތެވެ.
ނިސާދު ހަނާ ވަރިކުރުމަށްފަހު ކޮޓަރިން ނިކުމެގެން ދިޔަތާ ބައިގަޑިއިރު ފަހުން އައިސް އަނެއްކާވެސް ކޮޓަރިއަށް ވަނެވެ. ކޮޓަރި ތެރޭގައި ނިދާބޮކީގެ ފަޑު އަލިކަން ފިޔަވާ އެހެން އަލިކަމެއްނެތެވެ. ހަނާ ފެންނާކަށްވެސް ނެތެވެ. ނިސާދު ކޮޓަރިއަށް ވަދެ ހޮޅިބުރި ދިއްލާކަށް ނުހަދައެވެ. ދަބަސް ނެގުމަށްފަހު އަލަމާރީގައި ހުރި ނިސާދުގެ އަންނައުނު ނަގާ ދަބަހަށް އަޅަށް ފެށިއެވެ. އަންނައުނު ދަބަހަށް އަޅަމުން ދަނިކޮށް ދަތިއަޑަކުން މީހަކު ކުކުރާލުމާއެކު ރޯއަޑުވެސް އިވުނެވެ. ނިސާދު ފަސްއެނބުރި ބަލާލިއެވެ. އެއަޑު އަންނަނީ އެނދުގެ އަނެއްފަރާތުންނެވެ. ނަމަވެސް ނިސާދު އެކަމާ އަޅާނުލާ ދަބަހަށް އެއްޗެހި އެޅުމަށް އަވަސްވެގަތެވެ. ކުކުރުމުގެ އަޑާއި ރޯއަދު މަޑުމަޑުން ގަދަވާންފެށިއެވެ. އޭރު ނިސާދު ދަބަހަށް އެއްޗެހިތައްއަޅާވެސް ނިމިއްޖެއެވެ. އެއަށްފަހު ދަބަސްނަގާ ކޮޑުގާ އަޅުވާލަމުން ހިގައިގަތީ ކޮޓަރިން ނިކުންނާށެވެ. ނިސާދު ކޮޓަރިން ނިކުންނަމުން އެނދާދިމާއަށް ބަލާވެސްލިއެވެ. ނަމަވެސް އެވޭނުން ފުރިގެންވާ ރުއިމުގެ އަޑުން ނިސާދުގެ ހިތަށްކުޑަކޮށްވެސް އަސަރެއް ނުކުރިއެވެ. ކޮޓަރިން ނިކުމެ މަޑުމަޑުން ދޮރުލައްފާލުމަށްފަހު ގެއިން ބޭރަށްވެސް ނިކުތުމަށްފަހު ބޭރުދޮރު ރަނގަޅަށް ތަޅުލާފަ ދޮރުދަށުން ތަޅުދަޑި އެތެރެއަށް ފޮނުވާލިއެވެ.
ހަގަޑިބައި އެހާކަށްހާއިރު ރަމްލާ ކޮޓަރިން ބޭރަށް ނިކުތްއިރު ގޭތެރެ ވަރަށް އަމާނެވެ. ހަނާ ފެންނާކަށްނެތެވެ. އެހެންދުވަސް ދުވަހު ރަމްލާއަށް ވުރެންކުރިން ހަނާ ތެދުވެ އުޅޭނެއެވެ. ރަމްލާއަށް އާދެވޭނީ ހެނދުނުގެ ސައިވެސް ތައްޔާރުކޮށް ނިމޭފަހުންނެވެ. ނަމަވެސް ދުވަސްފެށިގެން ދިޔައީ އެހެން ދުވަސް ދުވަހާ މުޅިން ތަފާތުކޮށެވެ. ހަނާއަށް ނުހޭލެވުނީ ކަމަށްބަލާފަ ރަމްލާ ހެނދުނުގެ ސައިގެ ކަންތައްތަކަށް މަސްއޫލުވެލިއެވެ.
ރަމްލާ ސައިހަދާ ނިމުންއިރުވެސް ހަނާގެ ހަބަރެއް ނުވުމުން ރަމްލާ އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއެވެ. އޭރު ގަޑިން ހަތްގަޑިބައި ވެއްޖެއެވެ. ހަނާގެ ހަބަރެއް ނުވާތާ ޔާޝްގެ ހަބަރެއްވެސް ނުވެއެވެ. އެހެންކަމުން ރަމްލާގެ ހިތުގާ ސައްކުތަކެއް އުފެދިގެން ދިޔައެވެ. ރަމްލާ ގޮސް ހަނާގެ ކޮޓަރީގެ ދޮރުގާ ޓަކިޖަހާލިއެވެ. ނަމަވެސް އަޑެއް ބަޑެއް ނީވުމުން ރަމްލާ ތަޅުގާހިފާ އަނބުރާލިއެވެ. އިސާހިތަކު ދޮރުހުޅުވުނެވެ. އެވަގުތު ރަމްލާއަށް ފެނުނީ ހަނާ އެނދުކައިރީ މުށިތައްމައްޗަށް ބަންޑުން ވެއްޓިފައޮށްވައެވެ. ރަމްލާ ދުވެފަ އައިސް ހަނާގެ ގާތުގައި އިށީނެވެ. އަދި ހޭވަފައިވާ އިސްތަށިތައް ރީތިކޮށްލުމަށްފަހު ހަނާ އުޑުތިލަމަތިން ޖަހާލިއެވެ. ” ސުބުހާނަށްﷲ… ” ހަނާ އުޑުތިލަމަތިން ޖަހާލި ވަގުތު ހަނާގެ އަނގަޔާ ދިމާލުން މުށިތައްމަތީ ހުރި ގަނޑުލޭތައް ފެނުމުން ރަމްލާއަށް ބުނެލެވުނެވެ. އަދި ހަނާ އާއި ދުރަށް ޖެހިލެވުނެވެ. ހަމަ އެހިދުން ރަމްލާ ހާލިދުއަށް ގޮވިއެވެ. ރަމްލާގެ އަޑަށް ހާލިދު އައިސް ހަނާ އަށް ގޮވަންފެށިއެވެ. ހާލިދު ހަނާއަށް ގޮވަންފެށުމުން ނިސާދު ފާހާނާގައި އުޅޭތޯ ރަމްލާ ބެލިއެވެ. ފާހާނާގައި ނިސާދު ނެތުމުން ރަމްލާ ނިސާދުއަށް ގުޅިއިރު ނިސާދުގެ ފޯން އޮތީ ނިއްވާލާފައެވެ.
” ހަނާ ގޮވައިގެން ހޮސްޕިޓަލަށް ދާންވީއެއްނު ” ހާލިދު އަވަސްވެގަތީ ހަނާ ހޮސްޕިޓަލަށް ގެންދެވޭތޯއެވެ. އެމްބިއުލާސް އައުމުން ހާލިދު ހަނާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ. ” ވަރަށް އަވަހަށް މިގެއަށް އައިސްބަލަ ” ރަމްލާގެ އެކުވެރި ހަދީޖާއަށް ގުޅާފަ އެގެއަށް އަންނަން ބުންޏެވެ. ރަމްލާ ހަދީޖާއާއި ވާހަކަދައްކަމުން ދިޔައިރު ވަނީ ރޮވިފައެވެ. ފަސްމިނިޓް ވެސް ނުވަނީސް ހަދީޖާ އެއަށް އަތުވެއްޖެއެވެ. އެކުގަ ސިމްލާ ވެސް އައެވެ. ” ކިހިނެއްވީ ރަމްލާ. ކޮންކަމަކާ މާހާސްވެގެން ތިއުޅެނީ ” ހަދީޖާ އެތެރެއަށް ވަތްއިރު ގޭތެރޭ ދެކޮޅަށް ހިނގަ ހިނގާ ހުރި ރަމްލާފެނުމުން އަހާލިއެވެ. ރަމްލާއަށް އެނގޭވަރަށް ހުރިހާ ވާހަކައެއް ހަދީޖާއަށް ކިޔާދިނެވެ. އެއަށްފަހު ނިދާފައޮތް ޔާޝް ހޭލައްވާލުމަށްފަހު ޔާޝް ރީތިކޮށް ސައިދީގެން ތިންމީހުން ހޮސްޕިޓަލަށް ދިޔުމަށް ގެއިން ނިކުތެވެ. ” ކޮން ހޮސްޕިޓަލަކަށް ހަނާގެންދިޔައީ ” ސިމްލާ ރަމްލާ ކުރެން އަހާލިއެވެ. ” އައިޖީއެމްއެޗް އަށް ގެންދިޔައީ ” މަގުމަތިންދިޔަ ޓެކްސީއަކަށް އަތްނަގަމުން ރަމްލާ ބުނެލިއެވެ. ރަމްލާމެން ޓެކްސިއަށް އެރުމުން ބާރު ސްޕީޑްގަ އައިޖީއެމްއެޗް އާ ދިމާއަށް ޓެކްސީ ދުއްވާލިއެވެ. ރަމްލާމެން އެމެޖެންސީ ރޫމާ ހަމައަށް ދިޔައިރު ހާލިދު އެމެޖެންސީ ރޫމްގެ ބޭރު ދޮރުމަތީ ހުއްޓެވެ.
ހަނާ އެމެންޖެންސީއަށް ވެއްދިތާ ގަޑިއެއްހާއިރު ފަހުން ޑޮކްޓަރ ބޭރަށް ނިކުތެވެ. ޑޮކްޓަރ ފެނުމުން ހާލިދުއައިސް ޑޮކްޓަރ ކުރިމަތީ ހުއްޓުނެވެ. ” ޑޮކްޓަރ ހަނާއަށް ކިހިނެއްވީތަ؟ ” ހާލިދު ސުވާލުކޮށްލިއެވެ. ” ހަނާ ވަނީ ވަރަށް ބާރުގަދަ ކެމިކަލްއެއް ބޭނުންކޮށްފަ ” ޑޮކްޓަރ ބުނެލިއެވެ. ” ބާރުގަދަ ކޮންކަހަލަ ކެމިކަލްއެއްތަ؟ ” ހާލިދު ސުވާލުކޮށްލިއެވެ. ” ބޮޑަށް ހީވަނީ ބްލީޗް ބޭނުންކޮށްފަހެން. ޓެސްޓްގެ ނަތީޖާ ލިބުނުން މުޅިންޔަގީން ވާނީ. ވަރަށް ވަރުވެސް ދެރަ. ލޭވެސް މަދު ” ޑޮކްޓަރ ބުންޏެވެ. ” ލޭ ހޯދަން ޖެހޭނެތަ؟ ” ހާލިދު އަހާލިއެވެ. ” ހަނާގެ ވަރު ދެރަކަމުންނާ ލޭމަދުކަމުން ލޭ ހޯދަން ބުނެގެން ލޭ ލިބެންދެން މަޑުކުރެވެން ނެތިގެން މިކޮޅުން ލޭއަޅަމުން މިދަނީ. ހަނާ އަދިވެސް ވަރަށް ސީރިއަސް ” ޑޮކްޓަރ ބުންޏެވެ. ” އަދި އެއްވާހަކަ ހަނާ ކެމިކަލް ބޭނުން ކުރިއިރު ހަނާ އަކީ މާބަނޑު އަންހެނެއް. އެހެންނަމަވެސް ބޭނުންކޮށްފަހުރި ކެމިކަލްގެ ސަބަބުން ބަނޑުގައިވާ ކުއްޖާވަނީ ބައިގެން ގޮސްފަ ” ޑޮކްޓަރ ހިނގައިގަތުމަށްފަހު އަނެއްކާވެސް މަޑުކޮށްލުމަށްފަހު ހާލިދުގެ ގާތުގައި ބުނެލިއެވެ. ހާލިދާއި ރަމްލާއަށް ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ” ހަނާ ކީއްވެގެންތަ އެފަދަ އެއްޗެއް ބޭނުންކުރަންވީ. އަދި އަމުދުން ބަނޑު ބޮޑުއިރުގަ ” ޑޮކްޓަރ ދިޔުމުން ހާލިދު ރަމްލާ ކުރެން އަހާލިއެވެ. ރަމްލާ ވަކިދޭނީ ކޮންޖަވާބެއް ހެއްޔެވެ؟ ޙުދު ރަމްލާއަށް ވެސް ވެގެން އުޅޭގޮތް ނޭންގެއެވެ. އިރުކޮޅަކު ހާލިދު އެތާހުރުމަށްފަހު އެއްޗެހި ބަދަލުކޮށްގެން އަންނަންވެގެން ގެއަށް ދިޔައެވެ.
” މިއުޅެނީ ހަނާ ހޮސްޕިޓަލްގަ އެޑްމިޓްކޮށްގެން ” ހާލިދު ދިޔުމުން ރަމްލާ ޒިޔާދުއަށް ގުޅާފަ ބުންޏެވެ. ” ކިހިނެއްވީ އަނެއްކާ ” ޒިޔާދުކޮށްލީ ސުވާލެކެވެ. ޒިޔާދުގެ ސުވާލާއެކުގަ ރަމްލާއަށް އެނގޭ އެއްޗެއް ކިޔާދިނެވެ. އިރުކޮޅަކު ޒިޔާދުއާ ވާހަކަ ދެއްކުމަށްފަހު ރަމްލާ ފޯން ކަޑާލުމަށްފަހު ނިސާދުއަށް ގުޅަންފެށިއެވެ. ނިސާދުގެ ފޯން ބަރާބަރަށް ރިންގް ވަމުންދިޔައެވެ. ނަމަވެސް ފޯނަކަށް ޖަވާބެއް ނުދެއެވެ.
ރަމްލާ ފޯން ކަޑާލުމުން އިރުކޮޅެއްކޮށްލުމަށްފަހު ޒިޔާދު ނިސާދުއަށް ގުޅިއެވެ. ދެތިންފަހަރު ފޯން ރިންގްވީފަހުން ހަލޯއޭ ބުނިއަޑު އިވުނެވެ. ” ނިސާދު ކޮންތާކުތަ؟ ” ޒިޔާދު ސުވާލުކޮށްލިއެވެ. ” އަހަރެން މިއުޅެނީ އޮފީހުގަ. ކިހިނެއްވީ ” ނިސާދު އަހާލިއެވެ. ” ވެގެން އުޅޭގޮތެއް ނިސާދުއަށް ނޭންގޭތަ؟ ” ޒިޔާދު ހިތްހަމަ ނުޖެހިގެން ހުރެ ސުވާލުކޮށްލިއެވެ. ” އާނ… އަހަރެންނަކަށް ނޭންގެ ވެގެން އުޅޭގޮތެއް ” ނިސާދު ޒިޔާދުއަށް ޖަވާބު ދިނެވެ. ” ހަނާ ހޮސްޕިޓަލްގަ އެޑްމިޓްކޮށްގެން އެބައުޅޭ. ދައްތަ ނިސާދުއަށް ނުގުޅާތަ؟ ” ޒިޔާދު ސުވާލުކޮށްލިއެވެ. ” އަހަރެންނަށް ހެޔޮ ހަނާއަށް ކޮންމެ ތަނެއްގަ އޮތަސް. އަހަރެން ބަލާކަށް ނުޖެހޭނެ މިހާރަކު. ހަނާގެ ކަންތައްތައް ބަލަން ޒިޔާދު ތިހުރީނު. އަހަރެންނާ އިދެގެން އުޅުންއިރުވެސް ތިދެމީހުންގެ ގުޅުން ނުލާހިކު ވަރުގަދައެއްނު. އެހެންވީމާ މިހާރު އަހަރެން ނުޖެހޭނެ ހަނާއަށް ބަލާކަށް. ފޯން ބޭންވުމުގެ ކުރިން އަދި އެއްވާހަކަ ބުނަން. މިހާރު އަހަރެންގެ އަތްބެއް ނުހުންނާނެ. ޒިޔާދު ހަނާގެ ވާހަކަ ދައްކަން އަހަރެންނަށް ނުގުޅާތި ” މިހެން ބުނެ ނިސާދު ފޯން ކަޑާލިއެވެ. ޒިޔާދު އެއްޗެއް ބުނަން ފުރުސަތެއްވެސް ނުދިނެވެ. ނިސާދުގެ ވާހަކަ އަޑުއަހަން ޒިޔާރުއަށް ހުރެވުނީ ހައިރާންވެފައެވެ. އެންމެ ގާތް ރަހުމަތްތެރިޔާ އެވަރުގެ ބޮޑު އިލްޒާމެއް އަޅުވަފާނެ ކަމަކަށް ހީވެސް ނުކުރެވިފައެވެ.
އިވުނު ވިހަގަދަ ބަސްތަކުގެ ސަބަބުން ޒިޔާދުގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ނަމަވެސް އޮފީސް މާހައުލުކަމުން އެކަން އެހެން މީހަކަށް އަންގަން ބޭނުންނުވާތީ ހަމަޖެހިލެވެތޯ ޒިޔާދު މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެފަދަ ބޮޑު އިލްޒާމެއް އެޅުވުމުން ހަމަޖެހިލައިގެން ހުރެވޭނީ ފަހެ ކާކަށް ހެއްޔެވެ؟ ބުރޭކް ގަޑި އާއި ހަމައަށް ޒިޔާދު އޮފީހުގަ ހޭދަކުރި ވަގުތުތަކަކީ ހިތްދަތި ވަގުތު ތަކެކެވެ.
” ދައްތާ މިހާރު ހަނާ ކިހިނެއްތަ؟ ” ބުރޭކް ގަޑީގައި ގެއަށްދަމުން ޒިޔާދު ރަމްލާއަށް ގުޅާ ސުވާލުކޮށްލިއެވެ. ” އައިވީއެއް ގުޅާފައޮތީ. ލޭމަދުވީމަ ލޭވެސް އަޅަމުން ދަނީ. ޑޮކްޓަރ ބުނީ އެތެރެއަށް ވަރަށް ބޮޑަށް ގެއްލުން ވެފައޭ ހުރީ ” ރަމްލާ ބުންޏެވެ. ” ކޮބާ ހާލިދުބޭ ” ޒިޔާދު އަހާލިއެވެ. ހޮސްޕިޓަލްގަވީ. ދައްތަ މިހުރީ ކުދިވެރިން ގޮވައިގެން ގޭގަ ” ރަމްލާ ބުންޏެވެ. ” ކީއްވެގެންތަ ޔާޝް އެރޮނީ ” ރަމްލާ ވާހަކަދައްކަމުން ދިޔައިރު ޔާޝް ރޯއަޑު އިވުމުން ޒިޔާދު އަހާލިއެވެ. ” ހަނާ ނެތިގެން އެރޮނީ. ނިސާދުއަށް ވެސް އެވަރަށް އެބަގޮވާ. އެކަމަކު ކީއްކުރާނީ. އެނިސާދު ދިޔަތަނެއްވެސް ނޭންގޭ. އަދި މިއުޅެނީ ހަނާގެ ކޮޓަރިވެސް ސާފުނުކޮށް ” ރަމްލާ ބުންޏެވެ. ރަމްލާގެ ވާހަކައިން ޒިޔާދުއަށް އެނގުނީ ނިސާދުގެ އެއްވެސް ޙަބަރެއް ނުވާކަމެވެ. ނިސާދުގެ ނުވިސްނުމުގެ ސަބަބުން ކުޑަކުޑަ ޔާޝް އަށާއި ހަނާއަށް ލިބެމުން އެދަނީ ކޮށްފަދަ އަނިޔާއެއް ހެއްޔެވެ؟.
” ދައްތާ. ދެން ނިސާދު ހަނާގެ ހަޔާތަކަށް ނާންނާނެ ” ޒިޔާދު ބުންޏެވެ. ” ކިހިނެއްވެގެން ނާންނަންވީ. އޭނާގެ އަންހެނުންނާ ދަރިފުޅާއޭ މިތާގަ އެތިބީ ” ރަމްލާ ހައިރާންކަމާއެކު ބުނެލިއެވެ. ” މިހާރުގެ އަންހެނުން ނެއްނޫން. ކުރީގެ….. އެކަމަކު ދަރިފުޅު އޭރުވެސް އަދި މިހާރުވެސް އޭނާގެ. އެހެން ނަމަވެސް ދެން އަނބުރާ ނިސާދުއެއް ނާންނާނެ ” ޒިޔާދު ބުންޏެވެ.
ޒިޔާދު ވާހަކަ ދައްކަމުން ދިޔައިރުއަޑުގާ ތުރުތުރުލުމެއް ހުރިކަން ރަމްލާއަށް ފާހަގަ ކުރެވުނެވެ. ” ކިހިނެއްވެގެން ނިސާދު ނާންނާނެއޭ ތިބުނަނީ ” ޒިޔާދު ބުނަމުން ދިޔައެއްޗެއް ރަމްލާއަށް ސާފުނުވުމުން އަނެއްކާވެސް ސުވާލުކޮށްލިއެވެ. ” ނިސާދު ދިޔަތާކަށް ދިޔައީ ހަނާ ވަރިކޮށްފަ. އެދެމައިން ދުނިޔެއަށް އެކަނިކޮށް ބާކީކޮށްލާފަ. އެހެން މީހެއްގެ އަވައިގަ ޖެހިގެން ” ޒިޔާދު ބުންޏެވެ. ” ހަމަ ރަނގަޅަށްތަ ޒިޔާ ތިބުނީ. ޒިޔާ ގުޅީތަ ނިސާދުއަށް ” ރަމްލާއަށް ޒިޔާދު އާއި ސުވާލުކޮށްލެެވުނީ ލޮލުން ފައިބަމުން ދިޔަ ހަމްދަރުދީގެ ކަރުނަފޮހެލަމުންނެވެ. ” އާނ. އޭރުގަ ދައްތަ ފޯން ކަޑާލުމުން އަހަރެން ނިސާދުއަށް ގުޅިން. ހަނާ ހޮސްޕިޓަލުގަ އޮތް ވާހަކަ ބުނުމުން ހަނާ ވަރިކުރި ވާހަކަ ނިސާދު އަހަރެންނާ ދިމާލަށް ބުނި. އަދި އަހަރެން ހުރިއްޔާ ހަނާއަށް އެއްވެސް ކަމެއްގަ ދަތިނުވާނެކަމާއި، ނިސާދު އާއި ހަނާ އިދެގެން އުޅުންއިރު ވެސް އަހަރެންނާ ހަނާ އާއި މެދުގަ ސިއްރު ގުޅުން އޮތޭ ވެސް ބުނި. އެކަމަކު އެފަދަ ގުޅުމުމެއް ދުވަހަކު ވެސް ނޯންނާނެ. އެފަދަ ގުޅުމެއް ބާއްވަން އަހަރެން ދުވަހަކުވެސް ނުވިސްނަން ” ޒިޔާދު ދެރަވެފަ އެއްވެސް ކަމެއް ސިއްރު ކުރުމެއްނެތި ރަމްލާއަށް ކިޔާދިނެވެ.
ނިސާދު ނުވިސްނުމުގެ ސަބަބުން ކުޑަކުޑަ ޔާޝް އަށާއި ހަނާއަށް ލިބެމުން އެދަނީ ކޮންފަދަ އަނިޔާއެއް ހެއްޔެވެ؟ ދެމައިންނަށް އެއަނިޔާ ހައްގުވާވަރުގެ ކަމެއް ނުވެއެވެ. އެހެންނަމަވެސް މިފަނާވަނިވި އެއްވެސް އިންސާފެއްނެތް ދުނީޔެއަށް ދެމައިންނަށް ނޭވާލެވުން އެއީ ކުށަކަށް ވާނަމަ އެކުށުގެ ސަޒާ ލިބެމުންދަނީއެވެ. ނިސާދުގެ އަމިއްލަ އެދުން ބޮޑުކަމުން އެކަމުގެ ވޭނާތަކުލީފް އުފުލަން ޖެހުނީ ކުށެއްނެތް އެހެން ބައެކެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


Ohh wow masha allah stry v v cute?? nishaad haadhahaa gothevves nethey dhw mynayan hyvaakahala dhw myna ulheyhen emmen ulheyneyey cheedi? asluga thivariyakyves rangalhuvariyakannuvaane edharives ziyaa boluga dhw alhuvaany hasmaa aa nishaadh ulheyhaa goiy thavves thi elhuvy thimaage halaalu anbimyhaa yaa kokko eggothah dhekigen ulhun emme gaaiy rahumaiy theriyaage boluga thythifaadu myhunge vaththaru? whn nxt prt avas kurachey mi prt ves v awsome gud nyt ly??❤?
hageegee dhiriulhumuga ves mifadha baivaru nishad thake ulheyfaane dhw KHAJJA….
Woooooww.. V rythi ingeyyy… Avahan next part up kohdhehchdy….. Mihaaaru mi vaahaka koyaaa hithun hureveny kiriyaaaaa…. N adhi vx ehfaharu bunelan beynun v v rythi mi vaahaka… ????
thikuraa inthizaarah thanx SHIN