މަންމަގެ ޑައިރީ 13 ވަނަ ބައި ( ޕްރޮޕޯސް )
މަންމަ ގޮވައިގެން ރާޝިދު ދިޔަކަމުގައި ވިޔަސް މަންމަގެ ހިތުގައި އެއްވެސް ބިރުވެރިކަމެއް ނެތެވެ. އޭނާގެ އިހުސާންތެރިކަމުން މަންމަގެ ހިތްވަނީ ފުރާލަދީފައެވެ. އެހެން ނޫނަސް މިފަހަކަށްއައިސް މަންމަވެސް ބޭނުންވާ ގޮތަކީ އެއީއެވެ. ރާޝިދުއާއި އެކީ އެކަނި ވަގުތު ހޭދަކުރުމެވެ.
އެ ގޭގެ ތެރެއަށް ވަދެވުމާއި އެކު މަންމައަށް ލިބުނީ ކުއްލި ސިހުމެކެވެ. މުޅި ގޭތެރެވަނީ ޒީނަތްތެރިކޮށްފައެވެ. ބޮކި ހުރީ ނިވާލާފައެވެ. ހުރިހާތަނެއްގައި އުއްބައްތި ޖަހާ އަލިކޮށްފައި ހުއްޓެވެ. މޭޒުމަތީގައި ފޮތިގަނޑެއްއަޅާފައި އޮތެވެ. ދެފަރާތުގައި ދެ ގޮނޑި ބަހައްޓާފައި ހުއްޓެވެ. މޭޒުމަތީގައިވެސް އުއްބައްތިއެއް ރޯކޮށްފައި ހުއްޓެވެ. މަންމަ ގޮވައިގެން ގޮސް އެމޭޒުދޮށުގައި ބޭންދިއެވެ. އެންމެ އިއްޒަތްތެރިން މޭޒުދޮށުގައި އިށީންނައިރު ގޮނޑި ދަމާލަދޭހެން މަންމައަށްވެސް ގޮނޑި ދަމާލަދިނެވެ. އަދި އެގޮނޑީގައި ބޭންދިއެވެ.
“ނިޝްރާ. މަޑުކޮށްލާ. މަ އެބައަންނަން. މިތާ އިނދޭ. ޖަސްޓް ހަމަ އެންމެ މިނެޓެއް” ގޮނޑީގައި މަންމަ އިށީނުމާއި އެކު މިހެން ބުނެފާ ރާޝިދު އެތެރެގެއަށް ވަނެވެ. މަންމައަށް އިނދެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ހައިރާންވެ އަންތަރީސްވެވުނީއެވެ. ރާޝިދު ކުރަން އުޅޭކަމެއް ނޭނގޭތީ އެކަމަކަށް އިންތިޒާރުކުރެވެމުން ދިޔައެވެ. މީހާ ފިނިވާކަން އިހުސާސް ވަމުން ދާތީ، މޭޒުމަތީގައި އޮތް ދެއަތް ނަގާ އެއްއަތް ތެރެއަށް އަނެއްއަތްލާ ފިއްތާބާރުކޮށްލީމެވެ. އަދި އޮޅާލަމުން ގެނެސް މޭގައި ޖައްސާ ބާރުކޮށްލީމެވެ. އެއްފައި އަނެއްފައިމައްޗައްލާ އޮޅާލެވުނެވެ.
“ކިހިނެތް ހަދަން މަ މިތަނުގައި ތި ބައިންދަނީ. އަނެއްކާ ކިހިނެއްހަދަން ތި އުޅެނީ…” ރާޝިދު އެތެރެގެއިން ނުކުތުމާއި އެކީ މަންމަ ވާހަކަ ދައްކަން ފެށީމެވެ. އެކަމަކު އޭނާގެ އަތުގައި ހުރި ތަށިފެނުމުން މަންމައަށް ކުރަން އުޅޭކަންތައް ވަރަށް ރަނގަޅަށް އެނގުނެވެ. އޭނާގެ އެއް އަތުގައި ބިއްލޫރި ދެތަށި ހުރިއިރު އަނެއް އަތުގައި ވަނީ ކޯކުފުޅިއެކެވެ. އެއެއްޗެހި ގެނެސް ބަހައްޓާފައި އެތެރެއަށްވަދެ ދެން އައީ ބޮޑު ތައްޓަކަށް އެއްޗެއް ލައިގެނެވެ. އެއް އަތުގައި އެ ތަށި ހުރި އިރު އަނެއް އަތުގައި ފެންފުޅިއަކާއި ބިއްލޫރި ދެތަށި ހުއްޓެވެ. އެ އެއްޗެހި ހފައިގެން އައިސް މޭޒުމަތީގައި ބަހައްޓާފައި މަންމަގެ ކުރިމަތީގައި އޭނާ އިށީނެވެ. ބޮޑު ތަށީގައި އޮތް ޗިކަން މަސްރޫމް ޕިއްޒާ ފެނުމުން މަންމަގެ ކުޅު ދިޔާވިއެވެ. “ޕާފެކްޓް ކެނޑުން ނައިޓް ޑިނަރ” އެއް ތައްޔާރުކޮށްދީފައި އައިސް މަންމަގެ ކުރިމަތީގައި ރާޝިދު އިށީނުމުން އިހުސާސްކުރެވުނު އުފާ ބުނެދެންވެސް ނޭނގެއެވެ. އެހެންކަމުން އެއްޗެއްވެސް ނުބުނެ ރާޝިދު ވާހަކަދައްކަންދެން މަޑުކުރީމެވެ. އެއީ ކޮންކަމަކާއި ގުޅިގެން ދޭ އެއްޗެއްކަންވެސް ނޭނގޭތީއާވެސް އެކުގައެވެ.
ރާޝިދު އައިސް އެ ގޮނޑީގައި އިށީނުމާއި އެކު މަންމައަށް އޭނާއަށް ބަލާލެވުނެވެ. އެ އުއްބައްތީގެ އަނެއްފަރާތުގައި އޭނާ އިންއިރު އޭނާގެ ރީތިކަން ކުރިއަށްވުރެ މާރީތިކޮށް މަންމައަށް ފެންނަން ހުއްޓެވެ. މަޑު ދަނބުކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ފަޓުލޫނެއް ލައިގެން، ކަޅު ބޫޓަށް އަރާފައިހުރި އިރު އޭނާގެ ޒުވާންކަން އެތައް ގުނައަކަށް އިތުރުކޮށްދެއެވެ. އޭނާގެ ދޮން މޫނަށް އުއްބައްތީގެ އަލި އެޅިފައި ހުރިއިރު ފްރެންޗު ތުބުނޅިއާއި ބޮލުގައި ޖައްސައިފާހުރި ސްޕައިކު ވަރަށް ރީތިކޮށް ފެނެއެވެ. އޭނާ ވަރަށް ރަނގަޅަށް މިރެއަށް ތައްޔާރުވެ ނަލަހެދިފައިވާކަން އެނގެއެވެ.
“ނިޝްރާ. ހާދަ ހާސްވެފަ. ކިހިނެތްވެފަ ތި އިނީ. އުޅޭ އަވަހަށް ކާން”. ރާޝިދު އައިސް ގޮނޑީގައި އިށީދެވުމާއި އެކީ ވާހަކަ ދައްކަން ފެށިއެވެ. މޭޒުމަތީގައި ހުރި ލައިފް ފެންފުޅި ކަނޑާ ބިއްލޫރިތައްޓަށް އަޅަމުން މަންމަ ޖަވާބު ދިނީމެވެ. ކަމެއްނުވާކަމަށް ބުނެލީމެވެ. ރާޝިދުވެސް ކޯކު ފުޅި ކެނޑުމަށްފަހު ތަށިތަކަށް އަޅަމުން “މިހާރު ދެން ކެއްކުރެވިއްޖެ. ދެން ހިނގާފަށަން” މިހެން ބުނެލިއެވެ. ދެމީހުންވެސް ކެއުމަށް އިންސާފުކުރަމުން ދިޔައިރު ރާޝިދު ގިނަ ވާހަކަ ތަކެއް ދައްކަމުން ދިޔައެވެ. ދަރިފުޅުގެ ވާހަކައާއި ސަކިންތަގެ ވާހަކަތައް ދެއްކިއެވެ. ސަކިންތަދެކެ އޭނާ ލޯބިވާވަރާއި މިހާރު މަންމައާއި ދަރިފުޅުވެސް އެހާގާތްކަން އޭނާ ވާހަކައިން އެނގުނެވެ. ކޮޓަރިއާއި ބަދިގެ ހަދައިދިނީވެސް އަހަރެމެންނަށް އުޅެވޭނެ ގޮތެއް ހަދައިދިނުމަށްކަމަށް އޭނާ ބުންޏެވެ.
ކެއުމަށް އިންސާފުކޮށް ނިމިގެން މަންމަ ފެންބޯން ފެންތަށިނަގަން ހިފާލުމާއި އެކީ މަންމަގެ އަތުގައި ރާޝިދު ހިފާލިއެވެ. މަންމަ ލަދުގަތެވެ. ފިނިވެ ގަނޑުވިއެވެ. “ނިޝްރާ. ދެމީހުން ވަކިން މިތަނުގަ މިވަރަށް ތައްޔާރުކޮށްގެން ޑިނައެއް މިދިނީ ކީއްވެތޯވެސް ނާހާނަންތަ؟” އަތުގައި ހިފާލާ މަންމަގެ މޫނަށް ބަލަހައްޓައިގެން އިނދެ ރާޝިދު ސުވާލުކުރިއެވެ.
“ނޫން އަހަން އަސްލު ބޭނުން. އެކުމް އެހިޔަސް ބުނާނެ ދެން މީ އެވަރު ކަމެއް ހޭ.އެހެންވެ ނާހާން މި އިންނަނީ” މަންމަ އަށް ބޭއިޚްތިޔާރުގައި ރާޝިދުއަށް ޖަވާބުދެވުނެވެ. އަސްލު މަންމަވެސް އޭރު އިނީ އެސުވާލުކުރަން ވަރަށް ބޭނުންވެފައެވެ. މަންމަގެ ޖަވާބާއި އެކީ ރާޝިދު ވާހަކަ ދައްކަންފެށިއެވެ. އޭނާގެ ދުލުން ދެން ނުކުތް ޖުމުލައިން މަންމައަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބުނުހެން ހީވިއެވެ. އުފަލުން ފޮޅުނެވެ. ދަރިފުޅާއެވެ. ދަރިފުޅަށް އެނގޭ ހެއްޔެވެ؟ މަންމަވެސް ހަމަ ރާޝިދުއާއި ދޭތެރޭ ދެކޭ ނަޒަރުން ރާޝިދުވެސް މަންމައާއި ދޭތެރޭ ދެކޭކަން އޭނާ ހާމަކުރިއެވެ. ” ނިޝްރާ. އަހަރެންނަށްވެސް އެނގޭ އަހަރެމެން ދޭތެރޭ މިއޮތީ ގާތް ރަހުމަތްތެރިކަމަށްވުރެ މާބޮޑު ގުޅުމެއްކަން. ދެމީހުންވެސް އެކަމަށް އެއްބަސްވާން ޖެހޭނީ. ދެމީހުނަށް އެތައް ވަގުތެއް އެކީ އެބަ ހޭދަކުރެވޭ. އަހަރެންނަށް ހީވަނީ މިގުޅުމަށް ނަމެއްކިޔަންވެސް ޖެހޭނެހެން. އަބަދު މިހެނެއް ނޫޅެވޭނެކަންނޭގެ. މިކަމާއި ކީކޭ ބުނަނީ” ރާޝިދު އޭނާގެ ހިތުގައިވާހުރިހާއެއްޗެއް އެއްފަހަރާ މަންމަގެ ކުރިމައްޗަށް ބައްޑުންޖަހާލިއެވެ. އޭނާ އެދެއްކީ ހަމަ ތެދު ވާހަކައެކެވެ. މަންމަ އޭނާއަށް ޖަވާބުދޭން ބޭނުން ވިއެވެ. އެކަމަކު ދޫ ހަރަކާތެއް ނުކުރެވުނެވެ. އާއެކޭ ބުނަން ބޯތަޅުވާލަންވެސް އުޅުނީމެވެ. އެކަމަކުބޮލެއްވެސް ނުގުޑުވުނެވެ. “އަހަ….އަ…..” މަންމަ އެއްޗެކޭ ބުނަން އަނގަހުޅުވާލުމާއި އެކީ ރާޝިދު އަނެއްކާވެސް ވާހަކަ ފެށިއެވެ. “ހާދަ ލަދުގަތީ. ދެން މިކަމާއި ކުރިމަތިލާންވެއްޖެއެއްނު. މިހާރު ކޮން ދުވަހެއް. މިވާހަކަތައް ބުނާނެ މޮޅު ގޮތެއް މަށަކަށް ނޭނގެ. މަށަކީ މޮޅު ލިޔުން ތެރިއެއް ނޫން. އެކަމަކު ބުނެވޭތޯ މަސައްކަތް ކޮށްލާނަން” ރާޝިދު ހުއްޓުމެއްނެތި އޭނާގެ ވާހަކަތައް ކުރިއަށް ގެންދިޔައެވެ. މަންމަ އޭނާއަށް ދޭނީ ކޮންޖަވާބެއްކަން އޭނާއަށް އެނގޭ ކަހަލައެވެ. އޭނާލައިގެން ހުރި ފަޓުލޫނުގެ ޖީބުން އެއްޗެއް ނަގާ މަންމަގެ ވާތުގައި ހިފާލިއެވެ. ލޯމަރާލުމަށް ބުނެލިއެވެ. މަންމަ ގެ ލޯމަރާލުމާއި އެކީ އޭނާ އައިސް މަންމަގެ ކަނދުރާމަތިން އިސްތަށިގަނޑު އެއްފަރާތްކޮށް ލިއެވެ. އަދި ކަނދުރާގައި ބޮސްދިނުމަށްފަހު މަންމަ ކަރުގައި ރަންފަށެއް އަޅުވާލަމުން މަންމަގެ ކަންފަތްދޮށުގައި ބުނެލިއެވެ. “މިދުނިޔޭގައި ބާކީއޮތްބާ މަށާއިއެކު ހޭދަކުރަންވީނު. ނިޝްރާ މަށަށް ވަރަށް ކަމުދޭ. ވިލް ޔޫ މެރީ މީ”.
ރާޝިދު އެވާހަކަ ބުނަން ބޭނުންވާލެއް ބޮޑުކަމުން މަންމަގެ އެއްވެސް އިހުސާސަކާއި ދޭތެރޭ ނުވިސްނާކަހަލައެވެ. މަންމަގެ ކޮނޑުގައި ބޮސްދިނުމާއި އެކީ މަންމަގެ މާޒީގެ ކަޅުވިލާތައް އައިސް މަންމަ ވަށާލިއެވެ. މުޅި ޖައްވު އަނދިރިކޮށްލިއެވެ. އެ ދުވަސް މަތިން ހަނދާންވެ ރޮވެން ފެށުނެވެ. އަދި ރާޝިދު އާއި ގުޅެން އޭނާ ބުނުމުން މަންމަގެ ކެތްތެރިކަން ކޮޅުންލައި އަނެއްކާވެސް ރޯން ފެށުނެވެ. ރާޝިދު ގައިގާ އޮޅުލަމުން މަންމައަށް ރޯން ފެށުމުން ރާޝިދު ހީކުރީ މަންމަ އުފަލުން ގޮސް ރޮނީކަމުގައެވެ. އެކަމަކު ރާޝިދުއަށް މަންމަ ބުނެލީމެވެ. “އަހަރެން މީ ކާކުކަން އެނގެންޏާ ރާޝިދުވެސް މަށާ ގުޅޭކަށް ބޭނުމެއް ނުވާނެ” މަންމަގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލާފައި ހަގީގަތާއި ކުރިމަތިލުމަށް މަންމަ ފުރަތަމަ ފަހަރަށް އުޅުނީމެވެ. ރާޝިދު އަށް މަންމަފަދަ މީހެއް ކަމު ނުދާނެ ވާހަކަ ބުނެލީމެވެ. ” ރާޝިދު. އަހަރެންގެ މާޒީ އެނގެންޏާ ރާޝިދުވެސް މަދެކެ ފޫހިވާނެ. ނަފުރަތުކުރާނެ. މިރަށު އެހެން މީހުނެކޭ އެއްފަދައިން ރާޝިދުވެސް މަށަށް މަލާމަތްކޮށް ބާކީކޮށް ބިކަކޮށްލާނެ. ނިކަމެތިކޮށް އެއްލާލާނެ. ތިވާ އެހީތެރިކަމަށް އަހަރެން ޝުކުރުވެރިވަން. އެކަމަކުވެސް އަހަރެން ބޭނުމެއް ނޫން ރާޝިދުއަށް ދެރައެއް ދޭކަށް”. މަންމަގެ އިހުސާސްތައް ރާޝިދު އަށް ކިޔައިދިނުމާއި އެކީ ރާޝިދު ވާހަކަދައްކަން ފެށިއެވެ. “ނިޝްރާ. ކީކޭތަ ތިކިޔަނީ؟ ނިޝްރާގެ ކޮން މާޒީއެއްތަ؟ އަހަރެން ބޭނުމެއްނޫން ނިޝްރާގެ މާޒީއިން އެއްވެސް ކަމެއް އެނގޭކަށް. ނިޝްރާ ބޭނުން ނުވަންޏާ މަ ބޭނުމެއްނޫން އެކަމާއި ބެހޭ އެއްވެސް ސުވާލެއް ކުރާކަށް. މަށަށް ނިޝްރާ ކަމުދޭ. މަ ބޭނުމީ ނިޝްރާގެ އިއްޔެއާއިމެދު ވިސްނާ އެކަންކަން އެނގޭކަށް ނޫން. މަ ބޭނުމީ ނިޝްރާގެ މިއަދު. މިއަދު މަށާއިއެކު އުޅެ ނިޝްރާގެ މާދަމާ މަގޭ މާދަމައަށް ވުން. އެ މާދަމާ ދެމީހުން އެކީ އާރާސްތުކުރުން އެއީ އަހަރެން ބޭނުންވާގޮތް. ނިޝްރާގެ މާޒީ ޑަޒުންޓް މެޓަރ” ރާޝިދު އޭނާގެ ހުށައެޅުން ދިފާއުކުރަމުން މަންމައަށް ވިސްނައިދިނުމަށް އެތަކެއް މަސައްކަތްކުރިއެވެ. މަންމަގެ ދެކޮނޑުގައި ހިފާ މަންމަގެ މޫނަށް ބަލަހައްޓައިގެން ހުރެ އޭނާ ބޭނުންވާ ހުރިހާގޮތެއް ކިޔައި ދިނެވެ. “ރާޝިދު. ޔަގީންތަ މަގޭ މާޒީއާއި ބެހޭ އެއްވެސް ވާހަކައެއް ނާހާނަންކަން. އަހަރެން ރާޝިދުއަށް އެވާހަކަތައް ކިޔައިދެން ބޭނުން ނުވަނީކީ ނޫން. އެކުމް އެ ހިތްވަރު ނެތީ” ވަރަށް ހިތްވަރުކޮށްފައި ރާޝިދު ދެއްކިވާހަކަތަކަށް ޖަވާބުދޭން ފެށީމެވެ. މަންމަގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަކަށް ކުޑަކޮށްވެސް ބެލުމެއް ނެތިއެވެ. “ޔަގީންތަ އަހަރެންގެ މާޒީއާއި ބެހޭގޮތުން އެއްވެސް ސުވާލެއް ނުކުރާނަންކަން” މަންމަ އޭނާގެ ދެއަތުގައި ހިފާ ބަރުކޮށްލަމުން އޭނާގެ އަތުގައި ބޮސްދެމުން ބުނެލީމެވެ. ރާޝިދުވެސް އޭނާގެ ދެއަތުން މަންމަގެ އަތުގައި ބައްދާލާ ބޮސްދިނެވެ. “ސޯ ވަޓްސް ދަ…..” ރާޝިދު ސުވާލުކޮށްލިއެވެ. މަންމަ ހިނިތުންވެލަމުން އޭނާއަށް ޖަވާބު ދިނީމެވެ. އޭނާއާއި ގުޅެން އެންމެ ރަނގަޅުކަމުގައި ލަދުރަކިކަމާއި އެކު ބުނީމެވެ.
ރާޝިދު އާއި ދެމީހުން އެތައް ވަގުތެއް އެތަނުގައި ހޭދަކުރީމެވެ. ލޯބީގެ މާތައް ފޮޅުވުމުގައި ވަގުތުތައް ހޭދަކުރަމުން ގެންދިޔައީމެވެ. ކޮންމެ އުފާވެރި ކަމަކަށްވެސް ނިމުމެއް އަންނާނެތީ އެރޭވެސް މަންމައަށް ޖެހުނީ ރާޝިދު ދޫކޮށްފައި އެނބުރި ކޮޓަރިއަށް އަންނާށެވެ. ހިތާ ދެކޮޅަށެވެ.
ރާޝިދުއާއި އެކު ނިޝްރާ އެރޭ ހޭދަކުރި ކިހާ ވަގުތެއްކަންވެސް ހުދު އެ ދެމީހުނަށްވެސް ނޭނގޭނެއެވެ. ދެމީހުންގެ ހިތުގެ ވިންދުގެ އަޑު އަހާލަން ލިބުނު ފުރަތަމަރޭވެސް ކުރެވުނު ވަރު ހިތައް އަރުވާލެވުމުންވެސް ދެމީހުންވެސް ލަދުގަންނަވަރުވެއެވެ. ރާޝިދު ބޭނުންވިފަދައިން ލޭކޮޅެއްހާ ރަތް ނިޝްރާގެ ތުންފަތް އޭނާގެ މިލްކަކަށް ހަދާލެވުމުން އޭނާގެ އަރުގައި އެ ތުންފަތުގެ ރަހަ ފުރަތަމަ ފަހަރަށް ލައްވާލިއެވެ. ނިޝްރާ ބޭނުންވާ ގޮތައް ރާޝިދުގެ އެ ފިރިހެންވަންތަ ހަށިގަނޑުގެ ހޫނު ފުރަތަމަ ފަހަރަށް އިހުސާސްކޮށްލިއެވެ. އޭނާލައިފައިވާ ދަނބުކުލައިގެ ގަމީހުގެ ގޮށްތައް ނައްޓަވާލާ އެ ފުޅާ މޭމަތީގައި ބޯއަޅާލިއެވެ. ރާޝިދުގެ އުނގުގައި އޭނާ އިން އިރު އޭނާ ވަށާލައިފައިވަނީ ރާޝިދުގެ ދެއަތުންނެވެ. ނިޝްރާގެ ދޮން އިހި ކަނދުރާޔާ ކަންފަތްދޮށުގައި ރާޝިދު ބޮސްދެމުން ދިޔައިރު އޭނާގެ ދެއަތުން ނިޝްރާގެ މޭމައްޗާއި މުޅި ހަށިގަނޑުގައި ބީހެމުން ދިޔައެވެ. ނިޝްރާލައިފައި ހުރި ތޮޕްކޮޅުގެ ދަށުން ރާޝިދުގެ އަތުގެ ހޫނު އިހުސާސްވަމުން ދިޔައިރު ދެމީހުނަށް މީއަދި ފުރަތަމަ ރޭކަންވެސް ހިޔާލަށް ނުގެނެވެއެވެ. މިގޮތުގައި އެތައް އިރެއް ވުމަށްފަހު ނިޝްރާ ބޭނުންވީ ކުޑަކޮށް ދުރުވެލާށެވެ. އަދި ވާހަކަތައް ކުރުކޮށްލަމުން ނިޝްރާ ނިދަން ދާން ބޭނުންކަމުގައި ބުނެލިއެވެ. ދެމީހުންވެސް އޮޅުލައިގެން ހުރެ “ޑީޕް ގުޑް ނައިޓް ކިސް” އެއް ދިނުމަށްފަހު އެރޭގެ “ކެޑްލް ނައިޓް ޑިނަރ” ލޯބީގެ ބައްދަލުވުމަކަށްވުމަށްފަހު ނިންމާލިއެވެ. އަދި ނިޝްރާ އޭނާގެ ކޮޓަރިއަށް ދިއުމަށް މިޝްރާބު ޖެހިއެވެ. ރާޝިދު އާއި އެކު މާ ގައިގޯޅި ވެވުނީކަމުގައި ހިތައް އަރަމުންނެވެ. ވާނީވެސް އެހެންތާއެވެ. ނިޝްރާގެ އެހަށިގަނޑު އެކަމަށް މިހާރު މާބޮޑަށް ބޭނުން ވަނީއެވެ. އެ ނުލަފާ މީހާ އެކަންކުރިފަހުން ނިޝްރާވެސް އެކަމަށް ބޭނުންވެއެވެ. އޭނާގެ އިހުސާސްތަކާއި އެދުންތައް ފުރިހަމަކުރަން ބޭނުންވެއެވެ.
ދަރިފުޅާއެވެ. މަންމަ ގޮސް ކޮޓަރިއަށް ވަންނަންދެން ރާޝިދު ހުރީ މަންމައަށް ބަލަހައްޓާއިގެނެވެ. ސަލާމަތާއި އަމާން ކަމާއި އެކު އައިސް މަންމަގެ ކޮޓަރިއަށް ވަންނަން ދޮރުހުޅުވާލަމުން ފަހަތައް ބަލާލީމެވެ. ރާޝިދު މަންމައަށް ހިނިތުންވެލަމުން “ފްލައިން ކިސް” އެއް ދިނުމުން މަންމަވެސް ރައްދުގައި އެހެން ހަދާލާ ހިނިތުންވެލަމުން ކޮޓަރިއަށް ވަނީމެވެ. ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު މަންމަ އެންމެ ފުރަތަމަވެސް ދަރިފުޅުގެ ގައިގައި ބައްދާލަމުން މޫނުގައި ބޮސް ދިނީމެވެ. އަދި ފާހާނާއަށްވަދެ ފެންވަރާލައިގެން ނިކުމެ ނިދާހެދުންލައި ތައްޔާރުވީމެވެ. އެނދަށް އަރާ އޮށޯތީމެވެ.
“ނޮކްނޮކް….ނޮކްނޮކް..ނޮކްނޮކް….” އެނދުގައި އަރާ އޮށޯތުމާއި އެކީ މީހަކުއައިސް ދޮރުގައި ޓަކިޖަހަން ފެށިއެވެ. “ސާބަސް ރާޝިދޫ… މިދަނީ މަޑުކޮށްލާ…. ” މަންމަ ބޭރުގައި ހުރިމީހާއަށް ޖަވާބުދިނުމަށަފަހު ގޮސް ދޮރު ހުޅުވާލީމެވެ. ހަމަ ހުޅުވާލުމާއި އެކީ ވަރަށް ބާރަށް ދޮރުކޮށްޕާލިއެވެ. މޫނުއެއްކޮށް ނިވާވާގޮތައް މާސްކެއް އަޅާއިގެންހުރި މީހަކު އެތެރެއަށް ވަންނަމުން މަންމަގެ ކަރުގައި ހިފާ ބާރުކޮށްލިއެވެ. ތަޅުން ގަޑުމައްޗަށް ވައްޓާލާ މަންމަގެ ގައިމައްޗަށް އެރިއެވެ. މަންމައަށް ހީވީ މަންމަގެ މަރު އައިސް ޖެހުނީ ކަމުގައެވެ. އޭނާގެ އަތުގައި އޮތް ވަޅި ފެނުމުން ބިރުން ތެޅިގަނެވުނެވެ. ހަށިގަނޑާއި ފުރާނަ ވަކިވަނީ ކަމުގައި ހީކުރެވުނެވެ. މަންމަ މަރާލަން ދިން އިންޒާރުމަތިން ހަނދާން ވިއެވެ. އެވަގުތު އައިސް ޖެހުނީކަމުގައި ޔަގިންކުރެވުނެވެ. އޭނާގެ ކަނާތުގައި އޮތްވަޅިނަގާ މަންމަގެ ކަރުގައި ޖައްސާލިއެވެ. އަދި މަޑުމަޑުން ބާރުކުރަން ފެށިއެވެ.
-ނުނިމޭ-
9 Comments
Comments are closed.
Haadha kurey.thankolheh avahah up koh bala. 26th ga up kuraanamey bunefa haadha las v.
Mihaa dhigu inthizaareh kuran jeheythy aslu vaahaka kamu nudhaneeeeeeee.
Anyways mi part ves v reethi.♥♡♥♡♥
ehaa lahun up kuri iruves
kuda kuda thankolheh
vrh reathi mi baives
waiting for the next part
i hope avaha up kohdheyne kamah
vaahaks rythi bt mahun mahah upload kuraathy foohi
hadi
Up vaaleh lasvhmakee kiyun therin madhu vaakameh. Plx b fast..
thi up vaany kn dhuvahaku?
haadha lahey up kuraaleh avas kollaba plzzzzz…..
avas kohdhyba plzzzz haadha inthizaareh eba kureve ey next part ah…pleeeezzz….
avas kohdhyba plzzzz haadha inthizaareh eba kureve ey next part ah…pleeeezzz….