ވީރާނާ (6 ވަނަ ބައި)
ޖެހިގެން އައިދުވަހެވެ. ރާޝިދު އޮފީހުގައި އިދެފައި މެންދުރު ބަންގީގެ އަޑުއިވުމާއެކު އޮފީސްކައިރީ ހުރި މިސްކިތާދިމާއަށް މިސްރާބުޖެހިއެވެ. ނަމާދުކޮށް ނިމިގެން އޭނާ ގެއާދިމާއަށް މިސްރާބުޖެހީ އޭނާގެ ހަގު ދަރިފުޅު ފަހަރެއްގައި މިއަދު ފެނިދާނެކަމުގެ އުއްމީދުގައެވެ. ހަލުވި ހިނގުމެއްގަ ރާޝިދުގެއަށް ވަދެ އޭނާގެ މަންމައަށް ގޮވާލިއިރު އައިސާމަނިކެ އިނީ ކާމޭޒުދޮށުގައި އަލީނާގޮވައިގެން ކާންދޭށެވެ.
“އަހަރެންގެ ދަރިފުޅު ގެނައީތަ.؟؟” ރާޝިދު އައިސާމަނިކެގެ އަތުގައި އޮތް ދޮންފުއްގަނޑެއް ފަދަ ލޯބިލޯބި ކުޑަކުއްޖާއަށް ފަރުވާތެރިކަމާއެކު ބަލާލިއިރު އޭނާގެ ހިތް ލޯބިން ފުރުނެވެ. އައިސާމަނިކެގެ އުނގުގައި އެއޮތީ ހަމަ ކުޑަކުޑަ ޝެހެނާއެކެވެ. ބޮޑު ރީތި ދެލޮލުގައިވާ ދިގު އެސްފިޔަތަކާއި ހިތިފަތެއްފަދައިން ބައްޓަންވެފައިވާ ކުޑަކުޑަ ބުމައާއި އެ ލޯބި ކުޑަކުޑަ ތުންފަތްކޮޅަކީ ހަމަ ޝެހެނާގެ ރީތިކަމުން ވާރުތަވެފައިވާ ސިފަތަކެކޭ ރާޝިދުގެ ހިތަށް އަރަމުންދިޔައެވެ. ރާޝިދު ވަރަށް ބަލައިގެން މަޑުމަޑުން އަލީނާ އުރާލިއިރު ރާޝިދުއަށް ކުރެވުނު އިޙްސާސް ބަޔާންކުރަންވެސް ދައްޗެވެ. އެވަގުތު އަލީނާ ލޯބިކޮށް ހީލިގޮތުން އާލިޔާއާވެސް ވައްތަރުވާގޮތެއް ހުއްޓެވެ. ރާޝިދު އައިސާމަނިކެ ގާތު ޝެހެނާ ދިޔައީތޯ އަހާލާނަމޭ އިތަށް އަރާފައިވެސް ފަސްޖެހުނީ އޭނާގެ މަންމަ ހީކޮށްފާނެ އެއްޗެއް ނޭނގޭތީއެވެ.
އެވަގުތު ނަރުސް ޔުނީފޯމުގައި ޒާހިޔާވެސް އައިސް ގޭތެރެއަށް ވަންނަނީއެވެ. ރާޝިދު ހޮސްޕިޓަލުގެ ވަޒީފާއިން ކެނޑުނު ނަމަވެސް ޒާހިޔާ އަދިވެސް އުޅެނީ ހޮސްޕިޓަލުގައެވެ. މިހާރު އޭނާއަކީ އެތަނުގެ ސީނިއަރ ނަރުހެކެވެ. ޒާހިޔާއަށް ރާޝިދު އަތުގައި އިން އަލީނާ ފެނިފައި އެއީ ރާޝިދުގެ ދަރިފުޅުކަން ދެނެގަތެވެ. ރޭގައި އަލީނާ އެގެއަށް ދުވަސްކޮޅަކަށް ގެންނަވާހަކަ ރާޝިދު ޒާހިޔާ ކައިރީވަނީ ބުނެފައެވެ. އަދި ޒާހިޔާއަކީ ރާޝިދު ދެކެ ލޯބިވާ އަތްބެއްކަން ގަބޫލުކުރާކަމަށާއި ހަމައެފަދައިން ތިމަންނަގެ ދަރިންދެކެ ލޯބިވާ އަތްބެއްކަން ގަބޫލުކުރާކަމަށް ބުނެ އަލީނާވެސް ކުޑަދުވަސްކޮޅަކަށް ބަލައިދިނުމަށް ރާޝިދުވަނީ އޭނާގާތު އެދިފައެވެ. ރާޝިދުގެ އެ ތައުރީފީ ބަސްތަކުން ޒާހިޔާ އުފަލުން އަލީނާ ބަލައިގަންނަން ނިންމިއެވެ. އޭނާ ރާޝިދު ދެކެ ލޯބިވަންޏާ ރާޝިދުގެ ދަރިންދެކެވެސް ލޯބިވާންޖެހޭނެކަން އޭނާ ގަބޫލުކުރެއެވެ. ޒާހިޔާ އަވަސްއަވަހަށް ރާޝިދުކައިރިއަށް ގޮސް “ޗުއްޗުއްޗުއް” އަޑުލައްވަމުން އަލީނާގެ ސަމާލުކަން ހޯދަންފެށިއެވެ. އަދި ރާޝިދުއަތުން އަލީނާ ނަގައި އުރާލިއެވެ. “ކޮބާ ޝެހެނާ ދިޔައީތަ؟” ރާޝިދު ކުރަން ބޭނުންވެފަ ހުރި ސުވާލުކޮށްލީ ޒާހިޔާއެވެ. “އާނ..!! ފިރިމީހާއާއެކު އައިސް އުޅެނީ..” އައިސާމަނިކެގެ ޖަވާބު އަޑުއިވިފައި ރާޝިދު އަށް ހައިރާންކަން ލިބިގެން ދިޔައެވެ. ޝެހެނާ އެހާ އަވަހަށް މީހަކާވެސް އިނީހެއްޔެވެ. މައްސަލައެއް ނެތްތާއެވެ. ދެން ޝެހެނާވެސް ދިރިއުޅުމެއް ބޭނުންވާނެތާއެވެ. މި އޮއް ހުރިހާ ދުވަހު އޭނާ ޝެހެނާގެ ހާލުބަލާނުލެވުމުން އަމިއްލަ ނަފްސް ކުށްވެރިކުރެވުނެވެ. ނަމަވެސް އޭނާގެ މޫނުމަތިން އެކަން ފާޅެއް ނުކުރެއެވެ. އަނެއްކޮޅުން ޒާހިޔާއަށް ވަނީ މާކުރިން ޝެހެނާ މީހަކާ އިންކަން އެނގިފައެވެ. އެކަން އިނގުނުފަހުން އޭނާއަށް ހަމަ ނިދި ލިބޭހެންވެސް ހީވެއެވެ. ޝެހެނާ ހުސްކޮށް ހުރިއްޔާ ރާޝިދު ޝެހެނާ އާއި އަނެއްކާވެސް އިނދެފާނެތީ އޭނާ އަބަދުވެސް ބިރުގަނެއެވެ. އެކަމަކު އެ ބޮލު ރިހުން މިހާރު ކެނޑިއްޖެތާއެވެ. ޒާހިޔާ ރާޝިދުއަށް ކާންދޭ ފަންޑިތަ ބޮޑިވަރު މިހާރުވެސް ކޮންމެ މަހެއްގެ ހަނދު ބޮޑުވާ ރޭ ރާޝިދުއަށް ނޭނގޭގޮތަށް ކާންދެމުންދެއެވެ. އޭނާ މިހާރު އިންތިޒާރުކުރަމުން އެދަނީ އޭނާއަށް ރާޝިދުގެ ކުއްޖެއް ލިބޭނޭ ދުވަހަކަށެވެ. އޭރުން އެ ފަންޑިތައިގެ ބާރުން އޭނާ ދުނިޔޭގައި ހުއްޓާ ރާޝިދުއަށް އެހެން އަންހެނަކާ ނުއިނދެވޭނެއެވެ. އަދި އޭނާ ވަރިޔެއްވެސް ނުކުރެވޭނެއެވެ.
އަލީނާ އިންނަލެއް ލޯބިކަމުންނާއި ލޯބިލޯބި ވަށް ބޮޑު ކޯކޮޅު ފެނުމުން ކޮންމެ މީހެއްވެސް ލޯބިން މަރުވާވަރުވާނެއެވެ. އަލީނާ އެގެއަށް ގެނައުމުން ރާޝިދުގެ އާއިލާއަށް ހީވަނީ ކުޑަވަރެއްގެ އީދެއް އައިސްގެން އުޅޭހެންނެވެ. އަހްޔާން އާއި އާލިޔާވެސް އެދެކުދިންގެ ކޮއްކޮ އުރާހިތުން ވަރެއް ހުރެއެވެ. ރާޝިދާއި ޒާހިޔާ ވަޒީފާއަށް ދާގަޑިތަކުގައި އަލީނާ ބަލަނީ ރާޝިދުގެ މަންމަ އައިސާމަނިކެ އާއި ބައްޕަ ޒުހައިރެވެ. މިހާރު އަލީނާއަށް ކޮންމެސްވަރަކަށް ވާހަކަ ދައްކައި ހިނގާ ހެދެއެވެ. ރާޝިދު އާއި ޒާހިޔާ ކޮންމެ ދުވަހަކު ފަތިހަށް އަލީނާ ގޮވައިގެން އަތިރިމައްޗަށް ގޮސް އަލީނާގެ ފައިގާ ވެލިމޮޑެހަދަމުން ދެއެވެ. ޒާހިޔާ އަލީނާ އަމިއްލަ ދަރިއެއްގޮތަށް ބަލަމުންދާތީ ރާޝިދުވެސް ހުންނަނީ ވަރަށް އުފަލުންނެވެ.
ރޭގަނޑުވަގުތެވެ. ޝެހެނާ ފެންވަރައި ނިމިގެން މޭމައްޗާ ހިސާބުން ތުވާލި އޮޅާލައިގެން އައިގޮތަށް ރީތިވާ މޭޒުމަތީގައި ހުރި ލޯޝަން ފުޅި ނަގައި އެނދުމަތީ އިށީނދެލިއެވެ. މިހާރަކަށް އައިސް ޝެހެނާއަށް އަބަދު ހޫނުވަނީއެވެ. އެހެންކަމުން ރޭގަނޑަކަސް ދުވާލަކަސް ޝެހެނާ ހުންނަނީ އަބަދު ފެންވަރަވަރައެވެ. ކަންތައްތަކާ މާ ބޮޑަށް ފިކުރުކުރާތީ ކަމަށްވެސް ވެދާނެއެވެ. ލޯޝަން ލަމުންދިޔައިރުވެސް ޝެހެނާއަށް ވިސްނެނީ އަލީނާ އާ މެދުގައެވެ. އޭނާ އަލީނާ މަތިން ވަރަށް ހަދާންވެއެވެ. ބައެއްފަހަރަށް ދެން އަލީނާ ގެންނަންވީއޭވެސް ހިތަށް އަރައެވެ. އެކަމަކު އޭނާ އެމަޑުކުރަނީ ރާހިލް އަލީނާގެ ވާހަކަ ދައްކަންދެންނެވެ. އެވަގުތު ރާހިލް ބޭރުން އައިސް ކޮޓަރި ދޮރު ހުޅުވާލިއެވެ. ޝެހެނާއަށް ސިހިފައި ދޮރާ ދިމާއަށް ބަލައިލެވުމުން ރާހިލްކަން އިނގިފައި ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އޭނާ ހީކޮށްގެން އެހުރީ އޭނާއަށް ހުރެވުނީ ކޮޓަރި ދޮރު ތަޅުލެވިފަކަމަށެވެ.
ރާހިލް ވަދެގެން އައިސް ޝެހެނާއާ ދިމާއަށް ނުރައްކާތެރިކަމާއެކު ބަލާލިއެވެ. އެ ރީތި އޮމާން ދޮން ކަނދުރާމަތިން ފެންތިކިތައް ބަބުޅާތަން ފެނުމުން ރާހިލްގެ ކެތްތެރިކަން ކޮޅުންލާންފެށިކަހަލައެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި ހަމަޖެހިލައިގެން އޭނާ އެމަލުން ފޮނިބޮމުން ދިޔަ ނަމަވެސް އަދިވެސް ޝެހެނާއަށް ދުރުގައި ހުރެގެން އޭނާގެ ހިއްސުތަކާ ކުޅެލެވެއެވެ. ޝެހެނާ ހުރީ ރާހިލް އެވަރަށް ބަލާތީ ލަދުގަނެފައެވެ. އޭރު އެ މޫނު ޗެރީކޮޅެއްހާ ރަތްވެއްޖެއެވެ. ރާހިލް މަޑުމަޑުން އައިސް ޝެހެނާގެ އަތުން ލޯޝަންފުޅި އަތުލުމަށްފަހު ޝެހެނާގެ މުޅިގައިގާ ލޯޝަން ލާދޭން ފެށިއެވެ. ޝެހެނާއަށް ވީ އަރާމަކުން ލޯމަރާލެވުނެވެ. އެވަގުތު ޝެހެނާގެ ގައިގާ އޮޅާލެވިފައި އޮތް ތުވާލި ނެއްޓިގެންދިޔަ އިރުވެސް ޝެހެނާއަކަށް ނޭނގުނެވެ. އެއާއެކު ދެން ފެނުނީ ރާހިލްގެ ލައިގެން ހުރި އެއްޗެހި ކޮޓަރި ތަރުފާލުމައްޗަށް ވެއްޓުނު ތަނެވެ.
ޝެހެނާއަށް ހޭލެވުނުއިރު ހެނދުނުވެއްޖެއެވެ. އޭނާ ކައިރީގައި މައުސޫމުކޮށް ނިދާލާފައި އޮތް ރާހިލްއަށް ބަލަންފެށިއެވެ. ރާހިލްއަކީ ގައިގެ ކުލަ އަލި ނޫން މީހެއް ނަމަވެސް ބަލާލަން ހުތުރު މީހެއް ނޫނެވެ. ނަމަވެސް އޭނާގެ ހިތުގައި އަދިވެސް ރާހިލްއަށްޓަކައި ލޯބި ނެތީ ކީއްވެކަމެއް ޙުދު އޭނާއަކަށް ނުވިސްނުނެވެ. ޝެހެނާގެ ހިޔާލުގައި އަބަދުވެސް ވަނީ ރާޝިދުއެވެ. އެ ރީތި ފިރިހެންވަންތަ ހަށިގަނޑެވެ. އެ މައުސޫމު ހިނިތުންވުމެވެ. އެހިތްހެޔޮކަމެވެ. ކިތަންމެ ރުޅިއައިނަމަވެސް ރާޝިދު ދުވަހަކުވެސް އޭނާއަށް އަނިޔާއެއް ނުކުރެއެވެ. އޭނާގެ ހިތުގެ ބިންވަޅުނަގާފައި އަދިވެސް އެވަނީ އެ ނަމެވެ. ރާޝިދާއެކު ޝެހެނާ ހޭދަކޮށްފައިވާ ފޮނިފޮނި ދުވަސްތައް ހަނދާވުމާއެކު އޭނާއަށް ބޭއިޙްތިޔާރުގައި ހިނިތުންވެލެވުނެވެ. ނަމަވެސް ރާޝިދު ފަހުން ކަންތައްކުރިގޮތް ހަދާންވެފައި ދެރަވެ ރޮވެންފެށުނެވެ. “ނޫން. އަހަރެން މިހާރު ރާޝިދު ހަދާންކޮށްފައި ރުއިމުގެ ބޭނުމެއް ނެތް. އަހަރެން ރާހިލްއާއެކު ދިރިއުޅުން އާރާސްތުކުރާނަން. އެކަމަކު އަހަންނަށް ރާޝިދުއާއި ރާހިލް އަޅާކިޔެނީ މި ކީއްވެ؟؟ މިއީ ގޯހެއް.. އިރާދަކުރެއްވިއްޔާ އަހަރެންގެ ހިތުގައި ކޮންމެސް ދުވަހަކުން ރާހިލްގެ ނަން ފަވާލެވޭނެ..” ޝެހެނާ ހިތާހިތުން ކިޔަމުންދިޔައިރު އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތިކި ރޮނގެއްހެން އޭނާގެ ނިތްކުރިންލާފައި ގޮސް ބާލީސް ތެންމަމުން ދިޔައެވެ.
ޝެހެނާ ސައިހަދާފައި ރާހިލްއަށް ގޮވަންދިޔަގަޑީގައި ގޭގެ ދޮރާށިން ފެންޑާއާ ދިމާއަށް ހިނގަމުން އަންނަ މީހުންތައް ފެނުމުން ޝެހެނާގެ މޫނުމަތި އުޖާލާވެއްޖެއެވެ. އަވަސްއަވަހަށް ޝެހެނާ އެމީހުންގޮވައިގެން އައިސް ގޭތެރެއަށްވައްދައި ސިޓިންރޫމުގައި ހުރި ސަރަންފީތަކުގައި އިށީނުމަށް ބުނެފިއެވެ.
“މަންމާ..ކޮންދަތުރެއްތަ؟؟ މެހެނާ ކޮއްކޯ!! ބައްޕާ!! ކިހިނެތްތަ އެންމެން؟؟ ވަރަށް އުފާވެއްޖެ މަންމަމެން މިހާ ދުވަސްކޮށްފަ ފެނުނީމާ..” ޝެހެނާ ދަތްކޮޅު އަތަށްލައިގެން ވާހަކަދައްކަމުންދިޔައެވެ.
“ރަނގަޅު ދޯ.. އަހަރެމެން މި އައީ އަލީނާ ދެކޭހިތުން ދޯ މަންމާ” މެހެނާ ޖަވާބު ދެމުން ކަމަނައަށް ދޯ ދިނެވެ.
“އާން..ކޮބާތަ އެމަންޖެ.. ހާދަ ދުވަހެއް ވެއްޖެއޭ ދޮން ކުޑަކުޑަ ހައިމެން ނުފެންނަތާ” ކަމަނަ އަލީނާއަށް އާއްމުކޮށް ލޯބިން ގޮވާލާ ނަމުން ބުނެލަމުން ގޭތެރޭގެ ތަންތަން ހޯދަންފެށިއެވެ. އެވަގުތު ޝެހެނާ ކަންބޮޑުވެގެން އިސްޖަހާލިއެވެ. އަދި އަވަސްއަވަހަށް އަތުގެ އިނގިލިތަކާ ކުޅެންފެށިއެވެ. އެތަން ފެނިފައި ކަމަނަގެ ނިތްކުރިއަށް ރޫތައް ގިނަވެގަންތަން ފެނުނެވެ.
“އަލީނާ ކުޑަ ދުވަސްކޮޅަކަށް އަލީނާގެ ބައްޕަ ކައިރީގައި ބަހައްޓައިގެން މިއުޅެނީ” ޝެހެނާ އިސްދަށަށްޖަހައިގެން އެ އިންގޮތަށް ބުނެލިއިރު އޭނާގެ އަޑުގައި ޖެހިލުންވުމެއް ހުއްޓެވެ. އެވަގުތު ކަމަނަ ފުއްމައިގެން ތެދުވިއިރު އޭނަގެ ދެލޯ ހުރީ ބޯމަތީގައެވެ.
“ކީކޭ.. ޝެހެނާ މޮޔަވީތަ؟؟ އެކުއްޖާ އެހާ ކުޑައިރު ޝެހެނާއާ ވަކިން އުޅޭނީ ކިހިނެތްތަ؟؟ އެ ރާޝިދު އޭރު އެ ކުއްޖާ ފުޅަށް އަޅާނުލިއިރު މިހާރުވަކިން އަޅާލާނެތަ؟” ކަމަނަގެ ރަން ޒީލަގަދައަޑުން ޝެހެނާއާ ދިމާއަށް އެއްޗެހިކިޔަމުންދިޔައިރު އޭނާގެ ގައިން ދުންބުރާހެން ހީވެއެވެ. އޭރު ހަސަނަށްވެސް ހުރެވުނީ ކޮޅަށް ތެދުވެވިގެންނެވެ. “މަށެއްވެސް ހިޔެއް ނުކުރަން ޝެހެނާ ތިހެން ހަދާނެ ކަމަކަށް..” ހަސަނުވެސް ހުރީ ރުޅިއައިސްފައެވެ. މެހެނާ އޭރު މަންޒަރު ބަލަން އެއްޗެކޭ ނުބުނެ މަޑުން އިނެވެ.
“ކިހިނެތްވީ؟؟” ގޭތެރޭގައި މާއަޑުގަދަވާއަޑަށް ރާހިލްއަށް ހޭލެވިގެން ނިކުމެ ބަލާލިއިރު ޝެހެނާގެ މަންމަމެން ތިބިތަންފެނިގެން ރާހިލްވެސް އައިސް ސުވާލުކޮށްލިއެވެ. އެވަގުތު ޝެހެނާ އަލީނާ އޭނާގެ ބައްޕަ ކައިރިއަށް ފޮނުވާލައިގެން އުޅޭތީ، ކަމަނަ ޝެހެނާ ކުށްވެރިކޮށްކޮށްފާ ރާހިލްކައިރީގައިވެސް ޝެހެނާއާ ދިމާއަށް އެއްޗެހިކިޔާގަތެވެ. ޝެހެނާ ދެރަވީ ރާހިލް ޝެހެނާގެ ދިފާއުގައި އެއްވެސް އެއްޗެކޭ ނުބުނެ އިނުމުންނެވެ. އޭނާ އަލީނާ ފޮނުވާލީ އޭނާ ބޭނުންވެގެންނެއް ނޫނެވެ. ރާހިލްގެ އެދުމުގެ މަތިންނެވެ. ކަމަނަމެން ރުޅިގަދަވެގެން އެގެއިން ނިކުމެގެން ދިޔުމާއެކު ޝެހެނާގެ ބަޑި ފަޅައިގެން ދިޔައެވެ.
“ރާހިލް.. ކީއްވެ އަހަރެން ދިފާއު ނުކުރީ؟؟ ރާހިލް.. މިހާރު އަލީނާ ގެންދިޔަތާ ކޮންދުވަހެއް..ހެޔޮ ނުވާނެ..އަލީނާ މިކޮޅަށް ގެންނަން ހުއްދަ ދީ.. އަހަރެންގެ މައި ލަނގޮނޑިއަކަށް ކެތެއް ނުވާނެ.. އާދޭސްކޮށްފަ މިބުނަނީ.. ރާހިލް އަހަރެންދެކެ ލޯބި..”ޝެހެނާއަށް އެހާހިސާބަށް ބުނެވުމާއެކު ރާހިލް ޝެހެނާގެ އަނގަމަތީގައި އަތް އެޅިއެވެ. ޝެހެނާގެ އެގޮތަށް ރޯތަން އެއްވެސް އިންސާނަކަށް ބަލަން ކެތް ނުކުރެވޭނެއެވެ. އެހާވެސް އަސަރުގަދައެވެ. ރާހިލްއަށް ފުރަތަމަ ފަހަރަށް ޝެހެނާގެ އެ ހާލާމެދު ހަމްދަރުދީ ވެވުނު ފަދައެވެ. އޭނާގެ އަމިއްލަ އެދުންތައް އިސްކުރުމުގެ ސަބަބުން މަޔަކާއި ދަރިއަކާ ވަކިކުރުމަކީ ކިހާ ވޭން ހުރިކަމެއްކަން ހުދު އޭނާއަށް އަންދާޒާކޮށްނުލެވުނީއެވެ.
“ޝްޝް. ހުއްޓާލާ..!! ދެން އިތުރަށް އެންމެ ލަފްޒެއްވެސް ނުބުނާތި. މާދަމާ ހިނގާ އަލީނާ ބަލައި ދާން.. އަނނ.. ޝެހެ،.. އަހަރެން ޝެހެދެކެ ވަރަށް ލޯބިވޭ.. އެކަމަކު އަލީނާ ގެނައުމަށްފަހު ޝެހެޖެހޭނެ އަހަންނަށް ބޭނުންވާ ކަންތައްތައްވެސް މިހާރު ގޮތަށް ކޮށްދޭން..އިނގޭ ދޫނީ..” ރާހިލްގެ ޖުމުލަ އަޑުއިވުމާއެކު ޝެހެނާއަށް ރާހިލްގެ ގައިގާ އޮޅުލައިގަނެވުނެވެ. އެތައް ދުވަހަކަށްފަހު އޭނާގެ ދަރިފުޅު ފެނުމުގެ އުއްމީދު އާވުމުން ބަޔާންކުރަންދަތި އުފަލެއް އޭނާއަށް ލިބުނެވެ.
އުނގޫފާރުގެ އަވިގަދަ ހޫނު މަގުތަކުގައި ހިނގަމުން ޝެހެނާ އާއި ރާހިލް ދިޔައީ ރާޝިދުމެންގެ ގެއާ ދިމާއަށެވެ. ދުވަހަކީ ހޮނިހިރު ދުވަސްކަމުން އަލީނާ ގޮވައިގެން ރާޝިދު ގޯތިތެރޭގައި ހުރި ހިތިގަސްދޮށުގައި ކުޅެން ހުއްޓެވެ. ރީތި އަޑަކުން ސަލާމްގޮވާލިއަޑަށް ރާޝިދު ދޮރާދިމާއަށް ބަލާލެވުމާއެކު ބޭއިހްތިޔާރުގައި ކޮޅަށް ތެދުވެވުނެވެ. އެހާދުވަސްކޮށްލާފައި ޝެހެނާ ފެނުމުން އޭނާގެ އިޙްސާސްތަކަށް ބަދަލެއް ނާންނަ ފަދައެވެ. ޝެހެނާވެސް ހުރީ ސަލާމްގޮވާލިގޮތަށް ރާޝިދު ފެނުމުން ގަނޑުވެފައިހުރި ބުދެއްހެންނެވެ. އެވަގުތު ޝެހެނާގެ ފަހަތުން އައިސް ހުއްޓިލި ރާހިލް ފެނިފައި އެއީ ޝެހެނާގެ ފިރިމީހާކަން ރާޝިދު ދެނެގަންފިއެވެ. އަދި އަވަސްއަވަހަށް ނަފްސް ހަމަޔަކަށްއަޅުވާލުމަށްފަހު ސަލާމް ބަލައިގަތެވެ.
“އަހަރެން މިއައީ އަލީނާ ބަލައި..” ޝެހެނާގެ އަޑުގައި ތުރުތުރެއް ހުރިކަން ފާހަގަވެއެވެ. އެވަގުތު ރާޝިދު ކިތަންމެ ދެރަވިނަމަވެސް އިތުރު އެއްޗެކޭ ނުބުނެ އޭނާގެ ވައުދު ފުއްދުމަށްޓަކައި ކޮޓަރީގައި ހުރި އަލީނާގެ ހެދުންކޮޅު ކުޑަ ދަބަހަކަށް އެޅުމަށްފަހު އައިސް ޝެހެނާއަތަށް ދިއްކޮށްލިއެވެ. އޭރުވެސް އަލީނާ ފޭރުގަސްދޮށުގައި ކުޅުމައިގެން އިނެވެ. ޝެހެނާ އަލީނާގެ ދަބަސް ރާހިލްއާ ހަވާލުކުރުމަށްފަހު އަލީނާ ކައިރިއަށް ގޮސް ހުއްޓިލިއެވެ. އެވަގުތު އަލީނާ އަމިއްލައަށް ކޮޅަށްތެދުވެ ޝެހެނާއާއި ދިމާއަށް މައުސޫމުގޮތަކަށް ބަލާލާފައި ޅަ އަޑަކުން “މަންމަ” އޭ ބުނެލިއެވެ. ޝެހެނާއަށް އުފަލުން ރޮވުނެވެ. އަދި އެ ކުޑަ ކުއްޖާގެ އުރާލުމަށްފަހު ބާރަށް ބައްދާލިއެވެ. އެމަންޒަރު ފެނިފައި އެތާ ތިބި ރާހިލް އާއި ރާޝިދުއަށްވެސް ގޮތްނޭނގޭ އަސަރުތަކެއް އެވަގުތު ކުރިއެވެ.
ދޯނި ފުރާގަޑި ނުޖެހޭތީ، އުނގޫފާރު ބަނދަރުމަތީގައި ދަތުރުވެރިންނަށް ހާއްސަކޮށް ހަދާފައިވާ އަށިތަކުން އަށްޓެއްގައި ޝެހެނާއާއި ރާހިލް މަޑުކޮށްލައިގެން ތިއްބެވެ. އޭރު ޝެހެނާގެ އުނގުގައި އަލީނާ ނިދާލާފައި އޮތެވެ.
“ޝެހެނާ.. ކަލޭ ތިހީކުރަނީ އަހަރެމެންނަށް ދަރި ބޮލަށްޖަހާފައި އެހާފަސޭހައިން ކަލޭ ބޭނުންހާ ގަޑިއެއްގައި އެދަރިފުޅު ގެންދެވޭނެ ކަމަށްތަ..” ޝެހެނާއާއި ރާހިލް ސިއްސައިގެން ދިޔައީ އައި ނައި ދިމާއެއް ނޭނގި ރާޝިދުގެ ބައްޕަ ޒުހައިރު އައިސް ޝެހެނާގެ އަތުގައި ނިދާފައި އޮތް އަލީނާ ޖަހައިގަތުމުންނެވެ.
“މި ދަރިފުޅު ކަލެއަކަށް ނުލިބޭނެ. ދެން މި ދަރިފުޅު ބޭނުމިއްޔާ ކަލޭ ޖެހޭނީ ކޯޓަށް ދާން.” ޝެހެނާ ޝޮކެއްގެ ތެރޭގައި ހުއްޓާ ޒުހައިރު އަލީނާ ގޮވައިގެން ހިނގާގެންފިއެވެ. އެވަގުތު ރާހިލް ޒުހައިރު ކުރިމައްޗަށް އައިސް ތިގޮތަށް ދަރިފުޅު ނުގެންދެވޭނެކަމަށް ބުނެލުމާއެކު ރާހިލްގެ ކަންކަށިމައްޗަށް އައީ ޒުހައިރުގެ އަތުގެ ހޫނު އެތިފަހަރެކެވެ. “ކަލެއަށް ވުރެ މި ދަރިފުޅާ ގަތްވާނީ މަ. މަށަކީ އޭނަގެ ކާފަ. ތިއީ އަދި ކާކުތަ މަހުއްޓުވަން. ދެންވެސް އަމިއްލަ މީހާގެ ފެންވަރުގައި ހުރެބަލަ..” ރާހިލްއަށް ވީތަދުންނާއި ޒުހައިރުގެ އެ ޖެހިލުން ކުޑަކަމުން އިތުރަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އޭރު ފިނިއަށީގައި އެވަގުތު މަޑުކޮށްގެން ތިބި މީހުންގެ ލޯތައް އަމާޒުވެފައިވަނީ އެދިމާއަށެވެ. ޝެހެނާއަށް ރޮއިގަނެވުނީ އިރުކޮޅެއް ފަހުންނެވެ. އޭނާގެ ދަރިފުޅު އޭނާއަށް ލިބިފައި އެގޮތަށް ގެއްލޭކަން އޭނާ ނޭދެއެވެ. ޝެހެނާ ދުވަމުންގޮސް ހިނގަހިނގާ ހުއި ޒުހައިރުގެ ފައިބުޑަށް ތިރިވިއެވެ.
“ހެޔޮ ނުވާނެ. އަހަންނަށް ތިޔަހެން ނުހަދާ.. އަހަރެންގެ ދަރިފުޅު އަހަންނާ ވަކި ނުކުރޭ..” ޝެހެނާ އަޑުން އަޑުނަގައި ރޯންފެށިގޮތުން މަންޒަރު ބަލާމީހަކަށްވެސް ކެތްނުކުރެވޭހާ އަސަރުގަދައެވެ. ޒުހައިރަކީ މުޅި އުނގޫފާރަށް ނުފޫޒުގަދަ މީހެއްކަމުން އެ މީހުންނަށްވެސް ޒހައިރު ހުއްޓުވަން ނުކެރިފަ ތިއްބެވެ. ޝެހެނާގެ އާދޭސްތަކުން ޒުހައިރުގެ ހިތަށް އެކައްޗެކޭވެސް ނޭރިއެވެ. އޭނަގެ ފައިން ޝެހެނާ ފޮޅުވާލުމަށްފަހު ހަރުކޮށް ހިނގާފައި ގެއާދިމާއަށް ދާންފެށިއެވެ. އަނެއްކާވެސް ޝެހެނާ ފިރުކިފަގޮސް ޒުހައިރުގެ ފައިގާ ހިފާ އާދޭސްކުރަންފެށިއެވެ. އޭނާގެ ދަރިފުޅު އޭނާއާ ވަކިނުކުރުމަށް އެދެމުންދިޔައެވެ. މިފަހަރު ޒުހައިރު ޝެހެނާގެ ބޮލުގައި އިފާ ތެދުކުރުމަށްފަހު ދުރަށް ކޮށްޕާލިއެވެ. އޭރު އަލީނާއަށް ހޭލެވިގެން އޭނަގެ މަންމަ އަށް ގޮވަމުން ރޮމުންދިޔައެވެ. ޝެހެނާ ވެއްޓުމުގެ ކުރިން ރާހިލް ދުވެފައި އައިސް ޝެހެނާ ހިފެހެއްޓިއެވެ. ޝެހެނާ ރާހިލްގެ ގައިގާ އޮޅުލައިގެން ހުރެ އޭނާ ފަސްދީފައި ދިޔަ ޒުހައިރުއަށް ބަލަންހުރިއިރު އޭނާއަށް އަޑުން އަޑުނަގައި މަގޭ ދަރިފުޅޭ ކިޔައި ރޮނީއެވެ. އޭނަގެ ދަރިފުޅު ހޯދަދޭށޭ ކިޔައި ރާހިލްކައިރީ އާދޭސްކުރަމުންދިޔައެވެ. އަދި އެ ދިމާއަށް ދުއްވާގަންނަން އުޅުނެވެ. ނަމަވެސް މިފަހަރު ރާހިލް ޝެހެނާ ހިފަހައްޓާފައި ހުރުމުން ޝެހެނާ ވަނީ ފާޑަކަށް ހައްޔަރުވެފައެވެ. އޭރު އަލީނާވެސް ޒުހައިރުގެ ކޮނޑުމަތިން އޭނާގެ މަންމަ އާއި ދިމާއަށް އަތް ދިއްކޮއްކޮށްފާ ރޮމުންދިޔައެވެ. ޝެހެނާއަށް އަލީނާ ގޮސް ގެއްލެންދެން ބަލަންހުރެވުނެވެ. އޭރު އޭނާގެ މޭގައި ގަދަޔަށް ރިއްސަމުންދާހެން އޭނާއަށް ހީވިއެވެ. ދެންވީގޮތެއް އޭނާއަކަށް ނޭނގުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.


އުއްމީދުކުރަން މިބައިވެސް ކިޔުންތެރިންނަށް ކަމުދާނެކަމަށް 🙂
varah varah hadi ……………myhaka rythi vaany rythiko liunyymaathaaa……………….
Thanks xai. Xai ge comment ufalaaeku balaagannan. As I have mentioned earlier, I am a new writer and this is my first experience. It would be appreciated if you heighlight the things I need to improve. And I am not the type of writer who is going to give up. Thank you 🙂
mi bai kiyaafa hama aslah ves rovihjhe
vrh reathi mi bai
vaahaka kiyaafa roveyni haadha vareh v ma ey dhw :p
Thank you Lady Gaagaa.. Ekam Ehaa bodu koh nurocheyy..hehehe. Thanks dear 🙂