Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވީރާނާ (5 ވަނަ ބައި)

Dolly Level 110 Stories
February 3, 2014 4 Mins Read
3 Comments

އެހެންއޮވެފައި ރާހިލް ތެދުވެގެން ކޮޓަރީގެ ދޮރުހުޅުވާލުމަށްފަހު އެތެރެއަށް ވަދެއްޖެއެވެ. އޭރު ޝެހެނާ އުޅެނީ އަލީނާ ނުނިދައިގެންނެވެ. ރާހިލް އެމަންޒަރު ބަލަންހުރެފައި ކޮޓަރިން ނިކުމެގެން ބޭރަށް ދިޔައިރު އެ މޫނުމަތީގައި ނުރުހުންވުން ފެންނަން ހުއްޓެވެ.

ޖެހިގެންއައިދުވަހު ޝެހެނާ އިނީ ގޭގެ  ގޯތިތެރޭގެ ވަލުފަރާތުގައި ހުރި ބޮޑު ޖޭމުގަސްދޮށުގައި ހަނޑޫހޮވާށެވެ. ކައިރީގެ ކޮއްޓެއްގައި އަލީނާ އިނީ އަތުގައި އޮތް ކުޅޭ އެއްޗަކަށް ކުޅޭށެވެ. އެވަގުތު ރާހިލް މެންދުރު މަހަށް ގޮއްސަ ގެއަށް އައިސް ވަންނަނީއެވެ. އެ ގެ ރާނާފައި ހުރި ގޮތުން މައިދޮރުން ވަންނަ މީހާއަށް ގޭގެ ބިތްދޮށް ވަރަށް ރީތިކޮށް ފެނެއެވެ. ރާހިލް އައިގޮތަށް އައިސް ޝެހެނާއަށް ގޮވާލާފައި އޭނަ ގެނައި މަސްކޮޅު މެންދުރަށް ތެލުލަން ބުނެފައި ދިޔައީ ފެންވަރަންށެވެ. ޝެހެނާ އާއެކޭ ބުނެފައި ހަނޑޫހޮވުމުގައި އަވަދިނެތި  މަސްޢޫލުވެއްޖެއެވެ. އިރުކޮޅަކުން ރާހީލް ވަރަށް ބާރަށް ޝެހެނާއަށް ގޮވާއަޑު އިވުމުން ޝެހެނާ އެތަނުން ތެދުވެގެން ކޮޓަރިއާ ދިމާއަށް ދިޔައެވެ. އޭރު ރާހިލް އަލަމާރި ހާވަނީއެވެ.

“ކިހިނެތް ވީ؟؟” ޝެހެނާގެ ސުވާލުގެ ޖަވާބުގައި ޝެހެނާގެ މޫނާ ދިމާއަށް އައީ އަލަމާރިތެރޭގައި އިސްތިރިނުކޮށް އޮތް  ގަމީހެއެވެ.  ޝެހެނާ ސިއްސައިގެން ދިޔަވަރުން ތަންކޮޅެއް ރުންކުރުކޮށް އަނެއްކާވެސް ވީ ކިހިނެތްތޯ އަހާލެވުނެވެ.

“ވީ ގޮތޭ!! ވީ ގޮތެއް ނޭނގޭތަ؟؟ ޝެހެނާއަށް މަގޭގެ އެއްކަމެއްވެސް ކޮށްދެވޭކަމަކަށް ނުވޭ. ގަމީހެއް އިސްތިރިކުރެވެނީކީ ނޫން. އެހެން ކަމެއް ކޮށްދެވެނީކީ ނޫން..” ރާހީލް ރުޅިވެރިކަމާއެކު ބުނެލިއެވެ.

“އަހަރެންނަށް ވީ ވަރަކުން ކޮށްދެމެއްނު.. ރާހީލްއަށްވެސް އިނގެއެއްނު ކުޑަކުޑަ ކުއްޖެއް ގޮވައިގެން އަހަންނަކަށްވެސް ހުރިހާ ކަމެއް ނުވާނެކަން” ޝެހެނާ ދެރަވެގެން އަސަރާއެކު ބުނެލިއެވެ.

“ކުޑަކުޑަ ކުއްޖެކޭ.. ދެން އޭނާ އޭނާގެ ބައްޕަ ކައިރިއަށް ފޮނުވާލަންވީނު.. އަމިއްލަ މީހާގެ ފިރިމީހާއަށްވުރެ ވަރިކޮށް އެއްލާލި މީހެއްގެ ދަރިއެއްތަ ބަލަން މުހިއްމީ..؟؟ އެނ.. ” ރާހިލްގެ ރުޅިވެރިބަސްތަކުން ޝެހެނާގެ ހިތް ކަފަކޮޅެއްހެން ވައިގެ ތެރެއަށް ބުރައިގެންދިޔަފަދައެވެ. އޭނާއަށް ގިސްލަ ގިސްލާފައި ރޯން ފެށުނެވެ. ރާހީލް އެހެންބުނާއިރު އަމިއްލަ ބަނޑުއަޅާވިހޭ ދަރިއަކާ ދުރުގައި މައިލަގޮޑިއަކަށް ކެތްވާނީ ކިހިނެތްހެއްޔެވެ. ޝެހެނާއަށް ރާޝިދު ދެކެ ލޯބިވެވުނު ފަދައިން ރާހިލްދެކެ ލޯބި ނުވެވުނަސް ރާހިލްދެކެ ލޯބިވާން އޭނަ ނުކުރަނީ ކޮންކަމެއް ހެއްޔެވެ. އޭނާ އަބަދުވެސް ހުންނަނީ ރާހިލްގެ ޚިދުމަތުގައެވެ. އެހެނަސް އަލީނާއަކީ އަދި ތަނެއް ދޮރެއް ނުދަންނަ ނުހިނގޭ ކުޑަކުއްޖަކަށް ވީއިރު އަލީނާއަށްވެސް އަޅާލަންޖެހޭނެ ނޫންހެއްޔެވެ.

“ކޮންމެހެން މަގޭ ކުރިމަތީގައި ރޯނެކަމެއް ނެތް.. ދާން އުޅޭ..ތި އިސްތިރިކުރަން..” ރާހިލްގެ އެބަސް އަޑުއިވުމާއެކު، ސިހިފައި ގޮތްހުސްވެފަ ވާ މީހަކު ފަދައިން ޝެހެނާ އިސްތިރިކުރާ މޭޒާ ދިމާއަށް ދިޔައެވެ. ޝެހެނާ އިސްތިރިކުރަންހުއްޓާ ކުއްލިއަކަށް އަލީނާ ވަރަށް ބާރަށް ރޮއިގަތް އަޑުއިވުނެވެ. ޝެހެނާ އިސްތިރިއަކާ އިސްތިރިއެއް ދޫކޮށް ބޭރަށް ނިކުމެ ބަލާލިއިރު އަލީނާ އޮތީ ޖޭމު ގަސްދޮށުގައި ކޮށިން ވެއްޓިފައެވެ. ޝެހެނާ ދުވެފައިގޮސް އަލީނާ ނަގައިގެން އައިސް މަސަލަސްކުރަމުން ކޮޓަރިއަށް ވަންއިރު ރާހިލް ގަމީސް އޮތީ އިސްތިރި ދޮށުގައި ވިރިފައެވެ. ޝެހެނާ އަވަސްއަވަހަށް އިސްތިރިކަނޑާލުމަށްފަހު ހާސްވެގެން ދުލުގައި ދައިގަނެގެން އެ ގަމީހަށް ބަލަންހުއްޓާ ރާހިލް ފެންވަރައިގެން ނިކުމެ ކޮޓަރިއަށްވަނެވެ.

“ކޮބާ ގަމީސް..އިސްތިރިކުރެވިއްޖެތަ..އަވަސްކޮށްބަލަ.” ރާހިލް އަވަސްއަވަހަށް ރީތިވަމުން ބުނެލިއެވެ. ޝެހެނާހުރީ ބުނާނެއެއްޗެއް ނޭނގިފަ ބިރުންނެވެ. “އަދިވެސް ހުންނަނީތަ..؟؟” ރާހިލް އެހެންބުނެފައި އިސްތިރި މޭޒާދިމާއަށް އެއްލުނުކަޅިއަކުން އެ ގަމީސްފެނުމާއެކު ކައިރިއަށް ގޮސް ގަމީސް ނަގައި ރަނގަޅަށް ބަލާލިއެވެ. އޭރު އޭނާގެ ލޮލުން އަލިފާން ކަނި ބުރާ ފަދައެވެ.

“މަ އެހެން ބުނީމާ މަށަށް ޖެއްސުމަށްތަ މިހެން ހެދީ..އޭ.. ހީކުރާގޮތް ދޯ…ހުރެބަލަ ކުޅިދައްކާލާނަން. ފާޑުފާޑަކަށް މަށަކާ ނުކުޅެވޭނެ. އަދި އެބަހުރެއެއްނު ދަރި އުރައިގެން މަށަށް ދައްކަން..” ރާހިލް އެހެން ބުނެފައި އެ ގަމީހުން ޝެހެނާ ކަންކަށިމަތީގައި އަޅުވާލިއެވެ. އޭރު ޝެހެނާގެ އަތުގައި އޮތް އަލީނާވެސް ބާރުބާރަށް ރޯންފަށާފިއެވެ. އެވަގުތު ރާހިލް ޝެހެނާއަތުން އަލީނާ ޖަހައިގަނެ އެނދުމަތީގައި ބޭއްވުމަށްފަހު ޝެހެނާގެ އަތުގައި ހިފައި ގަދަކަމުން އިސްތިރިކުރާ މޭޒުމަތީގައި އަތްބާއްވައި ޝެހެނާގެ އަތްމަތީގައި ހޫނު އިސްތިރިބޭއްވިއެވެ. ޝެހެނާއަށް ވީ ތަދުން ހަޅޭއްލަވާގަނެވުނެވެ.

“މިހާރު އިޙްސާސްކުރެވިއްޖެ ދޯ..މަގޭގެ ވަރު.. ދެންވެސް މި ކުއްޖާގަނޑު އޭނާގެ ބައްޕަ ކައިރިއަށް ފޮނުވާލާ.. ނޫނީ މި ކުއްޖާއަށްވެސް ހަމަލާއެއް ގޮސްދާނެ..” ރާހިލް ރުޅިވެރިކަމާއެކު ޝެހެނާއަށް އިންޒާރެއް ދިނުމަށްފަހު،  އަލަމާރި ތެރެއިން ޓީޝާޓެއް ނަގައި ބޮލަށް ވައްޓާލައިގެން ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ. އޭރުވެސް އަލީނާ ރޮމުން ދިޔައެވެ. ޝެހެނާ އޭނާގެ އަތަށް ބަލާލިއރު އިސްތިރިޖެހިފާ ހުރިތަނުގައި ފޮޅުނަގައި ބައެއް ކަނޑައިގެން ގޮއްސާ ހުއްޓެވެ. ގަމީސް ވިރިފައި އޮތް ގަޑީގައި ޝެހެނާއަށް އިސްތިރި ކަނޑާލެވުނުކަން އެއީ އޭނަގެ ނަސީބެވެ. އެހެން ނޫންނަމަ އެއަތް އެއްކޮށް ފިހުނީހެވެ. ޝެހެނާ އަތުގައި ހިފަހައްޓާލައިގެން މަޑުމަޑުން އޭނަގެ ދަރިފުޅުގާތަށް ޖެހިލިއެވެ. އަދި ސަލާމަތު އޮތް އަތުން ދަރިފުޅުގެ މޫނުގައި ފިރުމާލިއެވެ. އޭރު އަލީނާއަތީ ހުއްޓާލައިގެން އޭނަގެ މަންމަގެ މޫނަށް ބަލަހައްޓައިގެން މަންމައަށް ސަމާލުކަން ދީގެންނެވެ. ޝެހެނާ ރޯތީ ކަންނޭނގެއެވެ.

“ދަރިފުޅާ!! މަންމައަށް މާފުކުރޭ.. މަންމަ ބޭނުމެއް ނޫން ދަރިފުޅަށް އަނިޔާއެއްވާކަށް..މަންމަ އަށް މާފުކުރޭ.. މަންމަ އަށް މާފުކުރޭ!! ޝެހެނާ ތަކުރާރުކޮށް އެހެން ކިޔަމުން އަލީނާގެ ކައިރީ އޮވެ އަޑުންއަޑު ނަގާ ރޯންފެށިގޮތުން ހީވަނީ އޭނާ ދުނިޔެއިން މޮޔަވެފައި އިންހެންނެވެ.

ރާހިލް މެންދުރު ނަމާދުކޮށްގެން ގެއަށް އައިރު އަލީނާ އެނދުމަތީގައި ނިދާފައި އޮތެވެ. އޭރު ޝެހެނާ އެނދުގައި ބޯޖަހައިލައިގެން ބިންމަތީގައި އިންތަން ފެނުމުން ރާހިލް ދެރަވިއެވެ. އޭނާއަށް މިއަދު ޝެހެނާއަށް ކުރަން ނުވާވަރުގެ ކިތައްމެ ކަމެއްވެސް ކުރެވިއްޖެއެވެ. މިއީ އޭނާ އެހާ ލޯބިވާ މީހަކަށް ކޮށްގެންވާނެކަމެއް ނޫނެވެ. ރާހިލް މަޑުމަޑުން ހިނގާލާފައި އައިސް ރީތިވާ މޭޒުމަތީގެ ވައްގަނޑުތެރެއިން ބޭސްފުޅިއެއްނަގައިގެން އައިސް ޝެހެނާ ކައިރީ އިށީނދެއްޖެއެވެ.

ޝެހެނާގެ އަތުގައި މީހަކު ހިފާލުމުން ޝެހެނާ ސިއްސައިގެން ގޮސް ބޯހިއްލާލިއިރު ރާހިލް އޭނާގެ އަތުގައި ބޭސް އަޅާދެނީއެވެ.

“ލޯބީ.. ތަދުވޭތަ؟؟ މާފުކުރޭ..” ރާހީލް ދެރަވެފައި އިނދެ ލަސްލަހުން ބުނެލިއެވެ. އޭނާ ޝެހެނާގެ މޫނަށް ބަލާލިއިރު އެ ރީތި މޫނުވަނީ ރޮއިރޮއި ރަތްވެފައެވެ. ރާހިލް ޝެހެނާގެ މޫނުގައި ފިރުމާލިއެވެ. ޝެހެނާ ނުރުހިފައި އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ.

“ރުޅި އައިސްފަތަ..؟ މާފުކުރޭ .. އަހަރެން ގަސްދުގަ ކުރިކަމެއް ނޫން.. އަހަރެން ބޭނުމެއް ނޫން އެކަހަލަ ކަމެއް ދެން ތަކުރާރުވާކަށް. ޝެހެ އަހަންނަށް ވަގުތު ދީބަލަ.. އަހަންނަށް ދެން ކެތެއް ނުކުރެވޭނެ.. ކުޑަ ދުވަސްކޮޅަކަށް ނަމަވެސް އަލީނާ ގެންދަންވީނު.. އޭރުން އަހަރެމެންނަށް މިނިވަންކޮށް ލޯބިކޮށްލެވޭނެ އެއްނު ދޯ ދޫނީ..” ރާހިލް ޝެހެނާގެ އުނަގަނޑުގައި އަތް ވަށާލަމުން ލޮތްބާއެކު ބުނެލިއެވެ. އޭރު ޝެހެނާ އިނީ ރާހިލްގެ އަތުތެރޭ ހައްޔަރުވެފައި އިން ގުރައެއް ފަދައިންނެވެ. ޝެހެނާ ވިސްނާލިއެވެ. ކުޑަދުވަސްކޮޅަކަށް އަލީނާ ގެންދިޔުމަކުން މައްސަލައެއް ނެތެވެ. ރާހިލް އަކީ އަރަތެއްކަހަލަ މީހެކެވެ. އޭނާ ރުޅިއަންނަގަޑީގައި އެކަހަލަ ކަންތައްކުރި ނަމަވެސް ރާހިލް ޝެހެނާދެކެ ހާދަ ލޮތްބެއްވެއެވެ. އެކަމަކު ޝެހެނާއަށް މިހާދުވަސްވީއިރު ރާހިލްއަށް ވަގުތުނުދެވޭތީ އަމިއްލަ ނަފްސް ކުށްވެރިކުރެވުނެވެ. ޝެހެނާއަށް ރާހިލްގެ ގައިގާ އޮޅުލާގަނެވުނެވެ. އަދި އަލީނާ ފޮނުވަން އެއްބަސްވިއެވެ. ރާހިލް ޝެހެނާ ގަޔާލާ އިތުރަށް ބޮޑިކޮށްލުމަށްފަހު ޝެހެނާގެ އިސްތަށިގަނޑުގައި ބޮސްދިނެވެ.

އިނގުރައިދޫ ފޯނުބޫތުތެރޭގައި ޝެހެނާ މަޑުކޮށްލުމަށްފަހު ވިސްނާލިއެވެ. އޭނާ ރާޝިދުއާ ގުޅާފައި ކިޔާނީ ކީކޭ ބާއެވެ. މާގިނައިރު ނުހުރެ ނަންބަރުތަކަކަށް ފިއްތަންފަށާފިއެވެ.

“ހަލޯ.. ރާޝިދުއަށް ފޯނު ޕާސްކޮށްލެވިދާނެތޯ؟” ޝެހެނާ އެ ގުޅީ އުނގޫފާރު އޮފީހުގެ ނަންބަރަށެވެ. ރާޝިދު މިހާރު މަސައްކަތްކުރަނީ އުނގޫފާރު އޮފީހުގައެވެ.

“ހަލޯ..” އެކޮޅުން ރާޝިދުގެ އަޑު އިވުމާއެކު ޝެހެނާގެ ގައިން ހީބި ނަގައިގަތެވެ. މިހާދުވަސްކޮށްލާފައި އެ އަޑު އިވުމުންވެސް ޝެހެނާގެ އިހުސާސްތަކަށް ބަދަލެއް ނާދެއެވެ. ޝެހެނާ ލޯމަރާލުމަށްފަހު އަމިއްލަ ނަފްސް ހަމަޔަކަށް އަޅުވާލިއެވެ

“ހަލޯ.. ރާޝިދު.. މީ ޝެހެނާ އޭ. އަހަރެން މި ދުވަސްކޮޅު ކުޑަކަމެއް ޖެހިގެން ކުޑަ ދުވަސްކޮޅަކަށް އަލީނާ ތިކޮޅުގައި ބަހައްޓާލަދެވިދާނެތަ..؟؟” ޝެހެނާ މާގިނަ ވާހަކަ ނުދައްކާ ސީދާ މައުލޫއަށް ދިޔައެވެ. ރާޝިދު ވިސްނާލިއެވެ. އަލީނާ އަކީވެސް އޭނަގެ ދަރިއެކެވެ. މި އޮއްހުރިހާ ދުވަހު އަލީނާ ކޮބާތޯ ބަލާނުލާ އޭނަ އެހުންނަނީ ޝެހެނާގެ ގޮތް ދޫނުކުރުމުގެ ސަބަބުން ވެފަ ހުރި ފޫހީގައެވެ. އެކަމަކު އެ ރުޅިގަނޑު އަލީނާއަށް ބޭލުމުގެ ބޭނުމެއްވެސް ނެތްތާއެވެ. އެހެން ނޫނަސް އެދަރިފުޅުގެ ވާހަކަ އަޑުއިވުމުން އެ ދަރިފުޅު ދެކިލާހިތުން އޭނާއަށް ހުރެވެނީކީއެއްވެސް ނޫނެވެ. މިހާރު ޝެހެނާވެސް އަމިއްލަ އަށް ފެނިގެން އެ ގުޅީތާއެވެ.

“ހޫމް.. މައްސަލައެއް ނެތް. ޝެހެނާ ބުނަންދެން އަހަރެން އަހަރެންގެ ދަރިފުޅު ބަލާނަން. މިކޮޅަށް ގެނޭ.” ރާޝިދުގެ ޖަވާބަކަށް އިންތިޒާރުކޮށްގެން ހުރި ޝެހެނާއަށް ރާޝިދުގެ ޖަވާބުލިބުމުން އުފަލުން ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. އަދި މާދަން އުނގޫފާރަށް ފުރާ ދޯންޏެއް އޮތިއްޔާ އަލީނާ ގޮވައިގެން ދާނަމޭ ބުނެ އަވަހަށް ފޯނުބޭއްވިއެވެ. ޝެހެނާ ފޯނު ބޭއްވިއިރު ރާޝިދުގެ ތުންފަތްމަތީގައި އުފާވެރިކަން ދުވެލަދުވެލާ ހުއްޓެވެ. އެހާދުވަސްކޮށްފާ ޝެހެނާ އަމިއްލައަށް ގުޅުމުން އޭނާގެ ހިތަށް ނޭނގޭ ހަމަޖެހުމެއް ލިބިގެންދިޔަކަން އޭނާއަށް އިޙްސާސްކުރެވުނެވެ. އަދިވެސް ޝެހެނާގެ އަޑު ހާދަފުރިހަމައެވެ. މިހާރު ޝެހެނާ ހުންނާނީ ކޮން ސިފައެއްގަ ބާވައެވެ ރާޝިދުގެ ހިތަށް އަރަމުން ދިޔައެވެ. އަނެއްކޮޅުން ޝެހެނާވެސް ހުރީ ހިނިތުންވެލައިގެންނެވެ. ރާޝިދުގެ ދުލުން “އަހަރެންގެ ދަރިފުޅޭ” ބުނުމުން ޝެހެނާއަށް ބަޔާންކުރަންދަތި އުފަލެއް ލިބިގެން ދިޔައެވެ. އަދިވެސް ޝެހެނާގެ ހިތުގައި ރާޝިދުއަށް ދެވިފައި އޮތް ގަދަރު ފަނޑުނުވަނީ ބާއޭ ޝެހެނާގެ ހިތަށް އަރަމުން ދިޔައެވެ.

(ނުނިމޭ)

Share Article

Follow Me Written By

Dolly

Level 110 Stories

Other Articles

Previous

ބިރުވެރި ލޯބީގެ ވާހަކަ: މަރުހަބާ 7

Next

ވީރާނާ (6 ވަނަ ބައި)

Next
February 3, 2014

ވީރާނާ (6 ވަނަ ބައި)

Previews
February 2, 2014

ބިރުވެރި ލޯބީގެ ވާހަކަ: މަރުހަބާ 7

3 Comments!

  1. Dolly says:
    February 3, 2014 at 1:33 am

    މިބައި ތަންކޮޅެއް ކުރުކޮށްލެވުނީ މިއަދު ކުޑަކޮށް ބިޒީ ވެގެން. އިރާދަކުރެއްވިއްޔާ ދެން އަންނަބައި ދިގުކޮށް ގެނެސްދޭނަން. އިންޝާ ﷲ. އުއްމީދުކުރަން ހުރިހާ ކުދިންވެސް ކިޔާ ހިތުން ކިޔާލާނެކަމަށް.. 🙂

  2. azma says:
    February 3, 2014 at 8:38 am

    ވަރަށް ރީތި މިވާހަކަ.

    1. Dolly says:
      February 3, 2014 at 1:09 pm

      Thanks Azma .:) <3

Comments are closed.


All Right Reserved!