……………………….
“ޖިނާ…! އަހަރެން އަދިވެސް މަންމަ ކައިރި ނައިނާގެ ވާހަކަ ނުބުނަން… އަނެއްކާ ނައިނާ ކައިރިވެސް ނުބުނަން…. މިހާރު ގުޅުމަށް 5 މަސްވަނީ… މަންމަ ކައިރި ނުބުންޏަސް އަހަރެންނަށް އިނގޭ މަންމަ މިކަމަށް އިންކާރު ކުރާނެކަން.. ކޮންމެ ދެދުވަހަކުން އެއްދުވަހު މަންމަގެ ފަރާތުން އެކަމާއި ދެކޮޅު ވާނެކަހަލަ ކޮންމެވެސް ބަހެއް ނޫނީ އަމަލެއް އެބަފެނޭ.. އަހަރެން ބޯގޮވަނީ…” ކަންބޮޑުވެފައި ހުރި އައިޒަން ހުރީ ހަމަރަނގަޅަށްވެސް ބޯ ގޮވާފައެވެ. ފޯނު ކަނޑާލަން އޭނާ މަޖުބޫރުވީ ބޭރުން މާ ބާރަކަށް މަންމަ ހަޅޭއްލަވާ އަޑަށެވެ. “އަހަރެން ބުނާ ކަންތަށް ޝާމް އަށް ނުވަނީ ކީއްވެތަ؟؟؟ އޭނ؟؟؟؟؟” ޝާމިރާ ގެ އަޑަށް އައިޒަން އަށް އެއުޅެނީ އައިޝަމް ކަމެއް ކޮށްގެންކަން އެނގުނެވެ. އެ އަޑު އައިޒަންގެ ކޮޓަރީގައިވެސް ގުގުމާލިއެވެ. އައިޒަން ހަލުވި ހިނގުމެއްގައި ކޮޓަރިން ބޭރަށް ނިކުތެވެ.
“އައިޝަމް ކައިރި އަހަރެން ކިތަށް ފަހަރު ބުނެފިންތަ އެ އުޅޭ އަންހެންކުއްޖާ ގަނޑާއި އެކު ނޫޅޭށޭ…! ބުނާ ގޮތް ނުހަދަނީ ކީއްވެތަ؟ އޭ؟؟؟” ޝާމިރާ އައިޝަމް އަށް ހަޅޭއްފަޅޭއް ޖަހަމުން ދިޔައިރު ހީވީ ވަރަށް ބޮޑުކަމެއްވެގެން އުޅޭހެންނެވެ. “އޯ ކަމޯން މޯމް… އެއީ ރައްޓެއްސެކޭ.. ހަމައެކަނި ރައްޓެއްސެއް.. އެކުވެރި އެތަކެއް އަންހެންކުދިން އެބަތިބި މަންމަގެ ބޮލުގައި ކޮށަނީ ހަމައެކަނި އެ އަންހެންކުއްޖާތަ؟؟ ތި ގޮތްގަނޑޫ ދޫކޮށްލާފައި ވެއްޖެއެއްނު ހަޤީޤަތާއި ކުރިމަތިލާން… އަހަރެމެންނަކަށް މިހެންނެއް ނޫޅެވޭނެ… އެހެންނޫނަސް އަހަރެން މިއުޅެނީކީ އެ އަންހެންކުއްޖާއާއި އިނދެގެން މިގެއަށް ގެންނާކަށެއްނޫނޭ ތިހާ ރުޅިއަންނާކަށް…” އައިޝަމް ވެސް ގޮތްދޫކުރާކަށް ބޭނުމެއްނުވިއެވެ. އައިޒަން ހުރީ ވާނުވާގައެވެ. މަންމަ މީ ދުވަހަކުވެސް އަންހެންކުއްޖަކާއި އެކުވެރިކަން ބާއްވައިގެން މިހާ ރުޅިއައިސްގެން އުޅުނު މީހެއް ނޫނެވެ.
“ތިޔޭ އެމީހުން ކުޅިވަރު ފަށާގޮތް. އެކުވެރިކަމަކީ ހުރިހާ އެއްޗެއްގެ ފެށުން… އައިޝަމް ބުނަން ވާހަކައެއް…! އެހެރީވެސް މަގޭ ބޮޑުކޮށްފައި ހުރި ދަރިއެއް.. ދުވަހަކުވެސް އަހަރެން ރުޅިއަންނަ ކަމެއް ނުކުރޭ… އަދި ހާއްސަކޮށް ތިކަހަލަ ކަމަކާއި ވިދިގެން އަހަރެންނާއި ތިވައްތަރަށް ޒުވާބުކޮށެއް ނުހަދާ…. އެއައީ ރާއްޖެތެރެއަށްވެސް ގޮއްސަ.. ކަމެއްވީހެއް އެބަ ހީވޭތަ؟؟ އޭނާ ގަދަރުކުރޭ އަހަރެންގެ އިހްސާސްތަކަށް… އަހަރެންނަށޭ އިނގޭނީ އައިޝަމްގެ ބައްޕަ އަހަރެންގެ ބޮލުގައި ތިދެމީހުން އަޅުވާފައި އެ އަންހެން މީހާގެ ފޫބުޑަށް ދިޔަ ގޮތް.. ބުނަން އައިޝަމް މިއަދަށްފަހު ނުވާނެ އެ ކުއްޖަކާއި އެކު އުޅެގެން..” އަޑުގެ ނެތްތަނަށް ހަޅޭލަވާފައި ޝާމިރާ ފަސް އެނބުރުނީ އޭނާގެ ކޮޓަރިއަށް ދާށެވެ. އައިޒަން އަށް ކިރިޔާ ވެގެން މިއުޅޭގޮތް އެނގުނެވެ. ޝާމިރާ ބުނި އެއްޗަކުން އޭނާ އައިޒަންއަށްކުރާ އިތުބާރު ހާމަވެގެން ދިޔުމުން އިސްދަށަށް ޖެހުނެވެ. މަންމައަށް ހަޤީޤަތް އިނގޭނަމަ މަންމަ ގެ ހިތްކުދި ކުދި ވާނެއެވެ. އެ އިތުބާރު ފުނޑުފުނޑުވެގެން ދާނެއެވެ.
“ބަލަ މަންމައެއް ނޫންތަ ވަރިއަށް އެދުނީ؟ މަންމަގެ ސަބަބުން ބައްޕަ ވަރިކުރީ.. އެހެންވީމަ މިކަމުގައި ހަމައެކަނި ބައްޕަ ކުށްވެރިކުރާނެކަމެއްނެތް.. އަހަރެމެންގެ ދިރިއުޅުމުގައި ބައްޕަގެ ލޯބި ނެތީ މަންމަގެ ތި އުޅުމުގެ ސަބަބުން…” އައިޝަމް އެހެން ބުނި އަޑާއި އެކު އައިޒަންގެ ދެލޯ ބޮޑުވިއެވެ. ޝާމިރާގެ ފިޔަވަޅުތަށް ހުއްޓުނެވެ. މިއަދު އައިޝަމް ފަހަތަށް ޖެހޭނެހެނެއްނެއް ހިއެއްނުވެއެވެ. އައިޝަމް އާއި އައިޒަންގެ ތަފާތަކީ އެއީއެވެ. ނާއިންސާފުން ކަމެއްވަންޏާ އައިޝަމް އެކަން ބުނާނެއެވެ. މަންމަ ރުޅިއައިސް އޭނާ ގައިގާ ޖެހިޔަސް އޭނާ ބުނަން ބޭނުންވާ އެއްޗެއް ބުނާނެއެވެ. އެއާއި ހިލާފަށް އައިޒަން ހުންނާނީ މަޑުންނެވެ. މަންމަ ރަނގަޅަށް ކަންތަށް ނުކުރިކަމުގައިވިޔަސް މަންމަގެ އިހްސާސްތަށް ދެނެގަނެވޭތީ އައިޒަން އިހްތިޔާރު ކުރަނީ މަޑުމައިތިރިކަމެވެ.
ޝާމިރާ ދަތްކުނޑި ވިކާލުމަށްފަހު ހަލުވި ހިނގުމެއްގައި ކޮޓަރިއަށްވަދެ ބަންކިޔާފައި ދޮރު ލެއްޕިއެވެ. އައިޒަން ފުން ނޭވައެއްލިއެވެ. މަންމަ ގެ ބަސްތަށް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. “ދުވަހަކުވެސް އަމިއްލަ ކުށެއް ނުފެންނާނެ…. އެހެން މީހުން އަބަދުވެސް ގޯސްވާނީ…” އައިޝަމް ދަބަސް ސޯފާ މައްޗަށް ހޫރާލާފައި އޭނާގެ ކޮޓަރިއަށް ދިޔައެވެ.
އައިޒަން ނިތުގައި އަތް ޖައްސާލިއެވެ. އޭނާ ވަނީ ހުރިހާ ދިމާލަކުން ބެދިފައެވެ. ނޭވާ ހާސްވެގެން ނިކުންނާނެ ދޮރެއް ހުޅުވާނެ ދޮރެއް އޭނާއަކަށް ނުވިސްނުނެވެ. މަންމަ ދެރަކުރެވެން ނެތްއިރު ނައިނާ އަދި ވަކިން ހާއްސަކޮށް ދެރަކުރެވޭކަށެއް ނެތެވެ. އައިޝަމް ގޮސް އެނދުގައި އިށީނުމާއި އެކު އައިޒަން އެ ކޮޓަރިއަށް އައިސް އެކޮޓަރީގައި ހުރި ސޯފާއަށް ފުންމާލީ ކެތްނުކުރެވޭހާ ވަރަށް ބޮލުގައި ރިއްސަންފެށުމުންނެވެ. “ދޮންބޭ.. އެ އަންހެންކުއްޖަކީ އަހަރެންގެ އެކުވެރިއެއް… އަހަރެން އިންނަން އުޅޭ ކުއްޖާއާއި މިއުޅެނީ ރައްޓެހިވެގެން އެކަން މަންމައަށް އިނގޭނެ ދެން ކޮންހާ އެއްޗެއްސެއް ކިޔާކަށް.. މިގޮތަށް ކަންތަށް ހިނގަންޏާ އަހަރެންވެސް މަޑަކުން ނުހުންނާނަން… އަދި ބުނަން.. މަށަށް ޔަޤީން މަންމަ އެއްބަސްނުވާނެކަން ނައިނާއަށް.. މަންމަގެ ފައިބުޑަށް ވެއްޓި އާދޭސްކުރިއަސް ނުވާނެ އެއްބަހެއް.. އަހަރެން ހަމައެކަނި އެކުވެރިކަން ބާއްވައިގެންވެސް ކުރިވަރު ފެނިއްޖެއެއްނު….” އައިޝަމް އޭނާ ލޯބިވާ ދޮންބެގެ ހާލާއި މެދު ހަމްދަރުދީވެއެވެ. ދޮންބެގެ ދިރިއުޅުން ފުރިހަމަ ކޮށް އުފާވެރިކަން ލިބުނު ހަމައެކަނި ސަބަބު މަންމައާއި ހެދި ނެތިކޮށްލާކަށް އޭނާ ނޭދެއެވެ. އައިޒަންގެ ތުންފަތްމަތީ ވާ ހިނިތުންވުމަކީ އައިޝަމް އަބަދުވެސް ދެކެން ބޭނުންވި ހިނިތުންވުމެކެވެ. އެކަންވީ ނައިނާ އެ ދިރިއުޅުމަށް އައިފަހުންނެވެ.
“ދެން ޝާމް ބުނެބަލަ ދޮންބެ ހަދަންވީ ގޮތެއް؟ މިހާރު ބޯ ގޮވައިފި.. ނޭނާ ދެކެ ދޮންބެ ވަރަށް ލޯބިވެ އަދި ނޭނާވެސް ވޭ.. އެހާ އިތުބާރު ކުރޭ… ނޭނާ ދޫކޮށްލައިފިނަމަ އޭނާ ކުދި ކުދި ވާނެ…. މަރުވެދާނެ…” ފުން ވިސްނުމެއްގައި އޮވެފައި އައިޒަން އެހެން ބުންޏެވެ. އައިޝަމްވެސް ވިސްނަމުން ދިޔައީ އެކަމާއެވެ. އެއްވެސް ވަރަކަށް އޭނާ އައިޒަން އާއި ނައިނާ ދުރުވާކަށް ނޭދެއެވެ. މަންމަ ކިތަންމެ ނުރުހުނަސް ދޮންބެއަށް އެ ލިބުނު އުފާ ދޮންބެއާއި ވަކިވާކަށް ނޭދެއެވެ.
“ދޮންބެ ނައިނާ ކައިރި ބުނެބަލަ… އޭރުން ގޮތެއްވެސް ހޯދިދާނެއެއްނު.. ނޫނީ…. ނޫނީ ދޮންބެ ނައިނާއާއި މެރީ ކުރޭ.. މަންމައަށް ކިހިނެއް އިނގޭނީ؟ މަހަކު އެއްފަހަރު އެކޮޅަށް ދެވެންވެސް ދެވޭނެ އޮފީހުގެ ކަންތަކޭ ކިޔާފައި.. އެ ނިމުނީނު…. ރަނގަޅު ވަގުތެއް ބަލާފައި މަންމައާއި ނައިނާ ބައްދަލުކުރުވާނީ.. ކައިވެނިކޮށްގެން ހުރީމަ މަންމަ ޖެހެނީ އެއްބަސްވާން.. ދޮންބެ ނައިނާ ދެކެ ވާ ލޯބި އަހަރެންނަށް އިހްސާސްކުރެވޭ.. މިނޫނީ ދެން އޮތީ ކޮންގޮތެއް.. މަންމަ ކައިރި ބުންޏަސް ނުބުންޏަސް މަންމަގެ ޖަވާބެއް ބަދަލެއްނުވާނެ… ދޮންބެ އަޅެ މިކަމާއި މެދު ވިސްނާލަބަލަ….” އައިޝަމް ހިޔާލެއް ދިނެވެ. އެއީ އެހާ ރަނގަޅު ހިޔާލެއް ނޫންކަމަކު އެ ނޫން ރަނގަޅުގޮތެއް ނެތްކަން އައިޝަމް އަށް އިނގެއެވެ. މަންމަ ކައިރި ބުނެއްޖެއްޔާ ފެންނާނީ ނައިނާ އާއި އައިޒަން ވަކިވާތަނެވެ. އެކަން ކޮށްފައި ނޫނީ ދޫނުކުރާނެކަން އެންމެ ރަނގަޅަށްވެސް އިނގޭނީ އޭނާއަކަށް ނޫންހެއްޔެވެ؟
އައިޒަން ދެލޯ ބޮޑުކޮށްލާފައި އައިޝަމް އަށް ބަލައިލީ އެހެން އެ ބުނީ ހަމަ އޭނާގެ ކޮއްކޮތޯ ޔަޤީންކުރާށެވެ. އެހާ ދަށްފެންވަރުގެ ހިޔާލެއް ދިނީތީ ހިތްހަމަވެސްނުޖެހުނެވެ. “އައިޝަމް..! އެއީ އަހަރެންގެ މަންމައޭ… ކިހިނެއް މަންމައަށް އޮޅުވާލާނީ.. ދޮގުހަދާނީ.. މަންމައަށް ތެދު އިނގުނީމަ އެ ހިތް ކުދިކުދި ވާނެ.. ހިތް ފަޅައިގެންދާނެ.. މަންމަ އަށް އަހަރެންގެ ފަރާތުން އެކަހަލަ ހިތްދަތިކަމެއް ދޭކަށް ނުކެރޭނެ.. މަންމަ އިތުރު ވޭނެއް އުފުލާ ހިތާމަ ކުރާކަށް އަހަރެން ބޭނުމެއްނޫން… އެހެންނޫނަސް މިހެން ފަށާ އެއްވެސް ގުޅުމެއްގައި އެއްވެސް އުފާވެރިކަމެއް އަދި ބަރަކާތެއް ނޯންނާނެ..” އައިޒަން ހިތްހަމަނުޖެހިފައި ބުންޏެވެ. އެއީވެސް ތެދެކެވެ. ނައިނާ ދެކެ ލޯބިވިއެއްކަމަކު މަންމަ ދޫކޮށްލާނެހާ ނުވަތަ އޮޅުވާލެވޭނެހާ ބާރު އައިޒަންގެއެއް ނެތެވެ. އޭނާ އޭނާގެ މަންމައަށް އަމިއްލަ ނަފްސަށްވުރެ ބޮޑަށް އިތުބާރުކޮށް ލޯބިވެއެވެ. އެ މަންމަ އަކީ އައިޒަން ބޮޑުވަންދެން ހުރިހާ ކަމެއް ކޮށް ހުރިހާ ބުރައެއް އުފުލި އޭނާގެ މައިމީހާއެވެ.
“އެހެންވިއްޔާ ދޮންބެ ރީއްޗަށް ގޮސް މަންމަ ކައިރި ބުނެގެން މަންމަ އެބޭނުންކުރާ ރީތި ބަސްފުޅުން ނައިނާއަށް އެއްޗެހި ކިޔާ އަޑު އަހަން ހުރޭ އިނގޭ؟ ބަލަ އަހަރެންވެސް ވަރަށް ވިސްނައިފީމޭ… މަންމަގެ އެ ނިންމުމެއް އަދި އެ ވިސްނުމެއް ބަދަލެއްނުވާނެ.. މަންމަ ކައިރި ގޮސް ބުނެގެން މުޅި އުމުރަށް ނައިނާ ގެއްލުވާލަންތަ ބޭނުންވަނީ..؟ އަހަރެންނަކަށް ނޭނގެ ދެން… ނައިނާއާއި ވެސް ތިވާހަކަތަށް ހިއްސާކުރީމަ ނޫނީ އަލިމަގެއް ނުފެންނާނެ.. މަންމައާއި ހިލާފަށް ނައިނާއަކީ ވިސްނޭ ކުއްޖެއް….” އައިޝަމް އެ އޮތްގޮތަށް އޮވެ އެހެން ބުނީ ދޮންބެގެ އެ ވިސްނުމާއި މެދު ހިތްހަމަނުޖެހިފައެވެ. މަންމަގެ ގޮތް ރަނގަޅަށް އިނގޭއިރުވެސް އައިޒަން ބޭނުންވަނީ މަންމައެ ގެންގުޅޭ މޮޔަ ހިޔާލުތަކާއި އެއްބައިވާންހެއްޔެވެ؟ އައިޒަން އެއްޗެއް ބުނުމެއްނެތި އެކޮޓަރިން ހަމަހިމޭންކަމާއި އެކު ނިކުމެގެން ދިޔައެވެ.
……..
ނައިނާ ގުޅާނެ އިރަކަށް އޮތް އައިޒަންގެ އިންތިޒާރު ނިމިގެން ދިޔައީ ފޯނު ރިންގްވާއަޑަށެވެ. އަވަސް ހިތަކާއި އެކު ފޯނު ނަގާބެލިއިރު ގުޅަނީ ނައިނާއެވެ. އައިޒަން ހަމަޖެހިލާފައި ފޯނު ނެގިއެވެ. “ޒަން..؟ ކައިފިންތަ؟” ނައިނާ ފުރަތަމަވެސް ސުވާލުކޮށްލިއެވެ. އެއަޑު ކަންފަތުގައި ޖެހުމުންވެސް އައިޒަންއަށް ލިބިގެންދިޔައީ ބުނަންވެސް ނޭނގޭފަދަ ހިތްހަމަޖެހުމެކެވެ. “އައިޒަން… ކަމެއްވީތަ؟؟” އައިޒަންގެ ފަރާތުން ޖަވާބު ނުލިބުމުން ނައިނާ އަނެއްކާވެސް ސުވާލުކުރިއެވެ. “ނޭނާ…. އަހަރެން ނޭނާ ކައިރި ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން…” އައިޒަން މަޑުމަޑުން އޮވެފައި ބުނެލިއެވެ. ނައިނާ ކިހިނެއްވީތޯ ސުވާލުކުރިއިރު އެ އަޑުން ނައިނާ ހާސްވެއްޖެކަން އައިޒަން އަށް އިނގުނެވެ. “ނޭނާ އަހަމެއްނު.. މަންމަ ވާހަކަ… ނޭނާ ބޭނުންތަ މަންމަ އަކީ ކޮންކަހަލަ މީހެއްކަން އިނގެން؟ އަދި އަހަރެން އެ މަންމަގެ ވާހަކަ ހިއްސާނުކުރަނީ ކީއްވެކަން އިނގެން…؟” އައިޒަން އެހެން ބުނުމާއި އެކު ނައިނާ ވަގުތުން އާއެކޭ ބުންޏެވެ. އައިޒަންގެ މަންމައާއި ބެހޭގޮތުން އިނގެން އޭނާ ވަރަށް ބޭނުންވިއެވެ.
“މަންމަ.. މަންމަ ދުވަހަކުވެސް މިގުޅުމަކަށް އެއްބަހެއްނުވާނެ..” ދެލޯ މަރާލަމުން އައިޒަން އެހެން ބުނީ އޭނާއަށް ނައިނާއަށް ވާނެވަރު ވިސްނޭތީއެވެ. ހުދު އޭނާއަށްވެސް އެހެން ބުނަން އުނދަގޫވީތީއެވެ. ނައިނާގެ ފަރާތުން ޖަވާބެއް ނުލިބުމުން އައިޒަން ހުރިހާ ވާހަކައެއް ހިއްސާކުރިއެވެ. އައިޒަން ހުރީ ރަނގަޅު ވަގުތެއް ބަލައި މަންމަ ކައިރި އެވާހަކަ ބުނަންކަމަށާއި ނަމަވެސް މަންމަގެ ފަރާތުން ފެންނަ ކަންތަށްތަކުން ނުބުނެވެސް ޖަވާބު ލިބިއްޖެކަމަށް އައިޒަން ބުންޏެވެ. “މަންމަ އަހަރެންނަށް ވަރަށް އިތުބާރުކުރޭ… މަންމަ ނުރުހޭ ކަމެއްނުކޮށް މަންމަގެ އަގު ހިފަހައްޓާނެކަމަށް.. މަންމަ ހިތުން މިކަހަލަ ގުޅުމަކީ، މަންމަ އެކުވެރިންނާއި މަންމަ ދަންނަ މީހުންގެ ތެރޭ މަންމަގެ އަގުވެއްޓޭ ކަމެއް.. މަންމައަކީ އެތަށް ބައެއްގެ ތެރޭ މައްޝޫރު މީހަކަށްވީތީ އެ މަންމަގެ ނަން ވެއްޔާ މޮޑެވިގެން ދާނޭ މަންމަ ގަބޫލުކުރޭ.. އެހެންވެ މަންމަ އަބަދުވެސް ބޭނުންވަނީ އަހަރެމެންނާއި ކޮނޑާއި ކޮނޑު ޖައްސާލެވޭ ފޯރާ މީހަކު އަހަރެން ހޯދަން..” އައިޒަން އިތުރު ކޮށްލިއެވެ. އޭރު ނައިނާގެ ގިސްލުމުގެ އަޑު އައިޒަންގެ ކަންފަތަށް އިވި އެހިތަށް ކުޅަދާނަ ނުވާކަން ހާމަވެގެން ދިޔައެވެ.
“ނޭނާ ޕްލީސް ހުއްޓާލާ….! އަހަރެން ގަބޫލުކުރަން މަންމަ ދެކެ ލޯބިވާކަން… ދެރަވާކަހަލަ ކަމެއް ކުރަން ބޭނުން ނުވާކަން.. އޭގެ މާނައަކީއެއްނޫން އަހަރެން ނޭނާ ދޫކޮށްލާނީކީއޭ… އަހަރެން އަމިއްލަ ފުރާނައަށްވުރެ ވެސް ބޮޑަށް ނައިނާ ދެކެ ލޯބިވަން.. ނޭނާ ދޫކޮށްލާ ކަހަލަ ހިޔާލެއްވެސް ނުކުރާނަން.. ކޮންމެވެސް އެއްދުވަހަކުން އަހަރެމެންނަށް ކާމިޔާބު ލިބޭނެ.. އަހަރެން ނައިނާ ދޫނުކުރާނަން…” އައިޒަން ތަކުރާރުކޮށް ބުނަމުން ދިޔައީ ނައިނާ ދޫނުކުރާނެކަމުގައެވެ. ނައިނާ އަށް އޭނާ ވާ ލޯބި އަންގާށެވެ. އަދި ނައިނާ އާއި ވަކިވުމަކީ އޭނާއަށް ވަރަށް އުނދަގޫކަމެއްކަން ބުނެދޭށެވެ. ނަމަވެސް ނައިނާ ރުއިން ނޫން ކަމެއް ނުކުރިއެވެ. އައިޒަންގެ ހިތްވެސް ފަޅައިގެން ދިޔައެވެ. ލޯބިވާ ނައިނާ އެގޮތަށް ރޯތަން އަޑުއަހަން އެ ހިތަށް ކެތްވާނީ ކިހިނެއްހެއްޔެވެ؟ އައިޒަން އަނެއްކާވެސް ނައިނާ ދޫނުކޮށްލާނަމޭ ބުނީ ޔަޤީންކަމާއި އެކުގައެވެ.
“ނޫން….. މަންމަމެންނަކީ… ވަރަށް މާތް ބައެއް.. މަންމަ ނުރުހޭ ކަމެއް ކޮށްގެން އެކަމުގައި އެއްވެސް އުފަލެއް ނޯންނާނެ… މަންމައަށް މިކަން އެނގިއްޖެއްޔާ މަންމަ ވަރަށް ދެރަވާނެ.. ކުރިން އަހަރެންނަށް މިކަން އިނގޭނަމަ ދުވަހަކުވެސް އާއެކޭ ނުބުނިސް.. ދުވަހަކުވެސް… އަހަރެން އައިޒަން ދެކެ ކިތަންމެ ލޯބިވިޔަސް މަޔަކަށް އެހާ ބޮޑު އަނިޔާއެއް އަހަރެންގެ ފުށުން ލިބޭކަށް ނޭދެން…” ރޮވިފައި ހުރި ނައިނާ ކިޔާ އެއްޗެހި އައިޒަން އަށް އެހާ ސާފު ނުވިއެއްކަމަކު އެ ކީ އެއްޗެއްސާއި މެދު ވިސްނާލަން އޭނާ އިރުކޮޅަކު ހުއްޓެވެ. އެވީ ވަގުތުކޮޅު ތެރޭ ނައިނާ ފޯނު ކަނޑާލުމުން އައިޒަން ދެލޯ ބޮޑުވިއެވެ. ހިތުގެ ތެޅުން އަވަސްވެ ނައިނާއަށް އަނެއްކާވެސް އޭނާ ގުޅާލިއެވެ. ފޯނު ވަނީ ނިއްވާލާފައެވެ. އައިޒަން ދެތިން ފަހަރު ގުޅިއިރުވެސް ލިބެނީ އެއް ޖަވާބެކެވެ. އޭނާ އަމިއްލަ ނަފްސާއި މެދު ހިތްހަމަނުޖެހިފައި ފޯނު ދުރަށް އެއްލާލިއެވެ.
“އަހަރެން ކިހިނެއް ނައިނާ ނުލާ އުޅޭނީ؟؟؟ ނައިނާ އަކީ އަހަރެންގެ ހުރިހާވެސް އެއްޗަކީ…. އަހަރެން ކިހިނެއް…. ފުރަތަމަ ފަހަރަށް ލޯބިވާން ދަސްކޮށްދިން ފުރަތަމަ ފަހަރަށް ހިޔާލީ ހުވަފެނީ ދުނިޔެއަކަށް ގެންގޮސްދިން ނައިނާ ދޫކޮށްލާނީ… ކިހިނެއް މަންމަ.. މި ދެފައި މައްޗަށް ކޮއްޅަށް ނަގައި އުޅެން ދަސްކޮށްދިން މަންމައަށް އޮޅުވާލާނީ؟” އަމިއްލަ ޒަމީރާއި އައިޒަން ވާހަކަދައްކަމުން ދިޔައިރު އޭނާގެ ހިތާއި ސިކުނޑި ދިޔައީ ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ. އޭނާ ވިސްނާ ވިސްނާ ބޯ ހަލާކުވެދާނެއެވެ.
“ހަލޯ…. ހަލޯ ޒުހާ.. ޕްލީސް ވަރަށް ބޮޑު ކަމެއް ކޮށްދީބަ.. ނައިނާ ކޮބައިތޯ ބަލައިދީބަ… ނައިނާ އެއްވެސް ހަބަރެއް ނުވެގެން މިއުޅެނީ.. މިހާރު ކިތަންމެ އިރެއްވެއްޖެ…” ޒުހާ ފޯނު ނެގުމާއި އެކު އެއްފައްޗަކަށް އައިޒަން ކިޔައިލިއެވެ. މިހާރު ގަޑިން ރޭގަނޑު 10 ޖެހީއެވެ. ނައިނާ ގެ ހަބަރެއް އަދިވެސް ނުވެއެވެ. “އަހަރެން މިހުންނަނީ އައިޒަން ގުޅާނެ އިރަކަށް… ނައިނާ އެއްގޮތަކަށް ގަބޫލެއްނުވި އަހަރެން އައިޒަން އަށް ގުޅާކަށް… ކޮޓަރީގައި ނުކައި ނުބޮއެ އެ އޮތީ، އައިޒަން އަށް ގުޅާށޭ ބުނީމަވެސް އެއްބަސްނުވި…” ޒުހާގެ އަޑުގައިވެސް ވަނީ ހިތާމައެވެ. އެންމެ ގާތް އެކުވެރިޔާއަށް އެ ދިމާވިކަމަކުން އޭނާހުރީ ވަރަށް ދެރަވެފައެވެ.
“ޒުހާ ނައިނާ ކައިރި ބުނެބަލަ އަހަރެން ދައްކާ ވާހަކަ ކުޑަމިނުން އަޑުއެހުމަށް…” އައިޒަން ދެރަވެލާފައި އެހެން ބުނީ އޭނާ ނައިނާ އެ ހާލަށް ދޫކޮށްލަން ނޭދޭތީއެވެ. “އަހަރެންނަކަށް ނުކެރޭނެ… މިގަޑީގައި ރަނގަޅުވާނީ އޭނާ އާއި އައިޒަން ވާހަކަ ނުދެއްކިއްޔާ… ނައިނާ ހަމަޖެހުނީމަ އަހަރެން ވާހަކަ ދައްކާނަން…” ޒުހާ އެހެން ބުނެފައި ފޯނު ކަނޑާލީ އައިޒަން އެކަމަށް އެއްބަސްވުމުންނެވެ. އޭނާ ފުން ވިސްނުމެއްގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ފިޔަވަޅުތަށް އަނެއްކާވެސް މަޑު ޖައްސާލަމުން ފޯނު ނަގާ އޭނާ އޭނާގެ އެންމެ ގާތް އެކުވެރިއާއަށް ގުޅާލުމަށްފަހު ވެގެން އުޅޭގޮތް ބުނެލިއެވެ.
“ޖިނާ… އަހަރެން ވަރަށް ބިރުގަނޭ އެބަ… އަހަރެން ހަދާނެ ގޮތެއް ބުނެބަލަ…” އައިޒަންގެ އަޑުގައި މަޑު ތުރު ތުރެއް ހުއްޓެވެ. “ހަމަޖެހިބަލަ.. އައިޒަން!! އަހަރެންނަށް ތިކަމުގައި އައިޝަމް އެ ބުނި ގޮތް ނޫން ގޮތެއް ރަނގަޅުކަމަކަށް ނުފެނެ… މަންމަގެ ރުހުމައިގެން ދެމީހުން ގުޅެން ހުރެފިނަމަ ފެންނާނީ ނައިނާ އުމުރަށް ގެއްލޭތަން.. މަންމަގެ ވިސްނުން އެގޮތަށް ހުރީމައޭ އެހެން އެވަނީ… ކޮންމެވެސް ދުވަހަކުވެސް އެ ވިސްނުން ބަދަލުވާނެ…….” ޖިނާހް ވެސް ދެއްކީ ހަމަ އެވާހަކައެކެވެ. އައިޒަން ފޯނު ބޭއްވީ ކުޑަކޮށް ބޮލަށް ލުޔެއްލިބިގެންނެވެ. އޭނާ ބޭނުންވީ ނައިނާއަށް ވަގުތު ދޭށެވެ. އަދި އަމިއްލަ ނަފްސަށްވެސް މެއެވެ. މިކަމަށް ހައްލެއް ހޯދަން އޭނާ ވަރަށް ވިސްނަންޖެހޭނެއެވެ.
އެއްދުވަސް ދެދުވަސް ފާއިތުވެގެން ހަފްތާއެއް ވީއިރުވެސް ނައިނާއާއި ވާހަކަދެއްކޭ ގޮތެއް ނުވިއެވެ. އައިޒަންގެ ހިތް ހަލާކުވަނީއެވެ. ބޯ ފަޅައިގެން ދަނީއެވެ. ނައިނާގެ އެ އަޑު ނުޖެހި ހަފްތާއެއް ވެގެން ދިޔައީ ގަރުނެއްފަދައިންނެވެ. ޒުހާމެން އެތަކެއް ފަހަރު އާދޭސްކޮށް އައިޒަން އާއި ވާހަކަދައްކަން ނަސޭހަތްތެރިވީނަމަވެސް ނައިނާ އެކަމަށް ކުރަނީ އިންކާރެވެ. ކިތަންމެ ހިތުގައި ޖެހުނަސް ކިތަންމެ ބޮޑަކަށް އައިޒަން އާއި ވާހަކަ ދައްކަން ބޭނުންވިޔަސް ކެތްކުރީ އައިޒަން އާއި އޭނާގެ މަންމައާއި ދެމެދު އޮތް ގުޅުން ހީނަރުވެދާނެކަމުގެ ބިރަށްޓަކައެވެ.
“މިހާރު ހަފްތާއެއް ވަނީ… އަހަރެން ނައިނާ އާއި ވާހަކަދައްކަން ބޭނުމޭ ބުނެބަލަ…” އައިޒަން އާދައިގެ މަތިން މިއަދުވެސް ގުޅީ ޒުހާއާއިއެވެ. ޒުހާވެސް ހުރީ ކުރާނެ ނުކުރާނެކަމެއް ނޭނގިފައެވެ. “އައިޒަން އަހަރެން ވަރަށް މަސައްކަތްކޮށްފިން.. މަންމަވެސް އަދި އަކޫވެސް ބުނެފި ދެމީހުން ރީއްޗަށް ވާހަކަ ދައްކައިގެން ހައްލެއް ނެރެންވެސް… އެކަމްވެސް ނޫން.. އޭނާ ގޮތްދޫކުރާކަށެއް ނޫޅޭ…” ޒުހާ ޖަވާބުދާރީވީއިރު އޭނާގެ އަޑުގައިވެސްވަނީ ހިތާމައެވެ. އެދެމީހުން ވަކިވާކަށް އޭނާވެސް ބޭނުމެއްނުވެއެވެ. “އެންމެ ރަނގަޅު.. މިފަހަރު ނައިނާ ވިއްޔާ ނައިނާ އަހަރެން ވިއްޔާ އަހަރެން.. އަހަރެން މިއުޅެނީ ދާން ތިކޮޅަށް.. ޒުހާ އޭނާ ކައިރި ނުބުނާތި… އަހަރެން އޭނާ އެހާފަސޭހައިން ވަކިވިޔަކަ ނުދޭނަން.. ދުވަހަކުވެސް…” އައިޒަން އޭނާގެ ނިންމުން އިއްވާލިއެވެ. ޒުހާ ހުރީ އައިޒަން އެކަހަލަ ކަމެއް ނުކޮށްގެންނެވެ. އުފަލުން އޭނާ އެކަމާއި އެއްބަސްވީ އޭރުން ނައިނާ ޖެހޭނީ ގޮތް ދޫކުރަންކަން އިނގޭތީއެވެ.
ފޯނު ބާއްވާލުމަށްފަހު ހަލުވި ފިޔަވަޅުތަކެއްގައި އައިޒަން ކޮޓަރިން ނިކުތެވެ. “މަންމާ!! އަހަރެން ވަރަށް އަވަހަށް އެކޮޅަށް ދާން ޖެހިއްޖެ..” އެއްވެސް ފިކުރެއްނެތި އައިޒަން އެހެން ބުނީ ޓީވީއަށް ގެއްލިފައި އިން ޝާމިރާއަށެވެ. “އެކިހިނެއްވީ ކުއްލިއަކަށް..؟” ޝާމިރާ ކުޑަކޮށް ސިހިފައި ސުވާލުކޮށްލިއެވެ. އައިޒަން ވާހަކަ އޮޅުވައިގެން ނަމަވެސް ޝާމިރާ އެއްބަސްކުރުވިއެވެ. އަދި ކޮޓަރިއަށްވަދެ ހަމަ އެބާރު މިނުގައި އެއްޗެހި ޕެކް ކުރަންފެށިއެވެ. ޕެކް ކުރަން ހުރެ ޖިނާހް އަށް ދަތުރުގެ ކަންތަކުގެ ވާހަކަ ބުނެ ހުރިހާ ކަމެއްވެސް ހަމަޖައްސާލަން އައިޒަން އެދުނެވެ. މެސެޖަކުން އެކުވެރި ލަހުފާ އަށާއި ކޮއްކޮ އައިޝަމް އަށްވެސް އެކަން އަންގާލީ އެމީހުންނަށްވެސް އެނގިގެން ކުރަންޖެހޭ ކަމަކަށް ވީމައެވެ.
ޝާމިރާ ކުރިމައްޗަށް ދަބަސް ހިފައިގެން އެރެވުމާއި އެކު ކުރިންވެސް ދައްކަން ފެށި ވާހަކަތަށް ދައްކަންފެށިއެވެ. އެމީހުން ކައިރިން ސަލާމަތްވެ އުޅެން ތަކުރާރުކޮށް ބުނަމުން ދިޔައެވެ. ޝާމިރާ އެހެން އުޅުނުއިރު ހީވީ އޭނާގެ ދުޝްމަނުންގެ ވާހަކަ ދައްކަނީހެންނެވެ. އައިޒަން ހިތްހަމަނުޖެހިފައި ހުރިއެއްކަމަކު އެކަން ނުދައްކާވޭތޯ ވަރަށް މަސައްކަތްކުރިއެވެ.
14 Comments
Comments are closed.
Salaam ?
Happy Sunday and hope it’s going well. And I liked to see some of u talking about the other story. I’ll surely think about a good concept and continue the story ?❤ that’s one of my fav story ey. Thank you for that ?❤
Tvgc ?
Love ya ❤
Varah reethi mi bai ves. ?
me second dhw. dhenme kurin part ah ves comment eh kurin aee ryn ge 200 vana part ah vyma congrates kiyan
Masha Allah. . Varah salhi…..❤❤❤❤
I just hate zan ge mom ?
Nice story ?
Wow❤❤
Waiting for next part
So excited??
Please aneh part
woww..varah reethi mi part maasha allah…next part kon irakun?
Varah rythi. Aizan aa nainaa dhurunukurahchey ryn.
Nainaa ge dad aky male’ myhennu so aizan ge mom kairy nainaa aky male’ kuhjekey bunyas dhogakah nuvaane dhw. Btw ryn pls avahah up kohdhehchey.
v v v reethi
Plx avaha up kola dhebala plx plx
Vvvv rythi hama kiyaa hith vaniiiii adhi nerebala ehbaiii maadhann plx????
Key vetha lasvany